ތާރީޚަށްޓަކައި

މެޑިކަލް ސްކޫލެއް ޤާއިމްކުރުމަށް ރާއްޖެ ކުރި ދަތުރު

މި ބާބުގައި އަޅުގަނޑު ބަޔާންކުރާނީ މެޑިކަލް ސްކޫލެއް ޤާއިމްކުރުމަށް ދިވެހިރާއްޖެ ކުރި ދަތުރެވެ. މިކަންކަން ހިނގިގޮތް އެންމެ ބޮޑަށް އެނގޭނޭ އެކަކީ އަޅުގަނޑު ކަމަށްވާތީ، ތާރީޚަށްޓަކައި މިއީ މުހިއްމު މަޢުލޫމާތު ތަކެކެވެ. އަޅުގަނޑަށް އިލްހާމް ލިބެނީ މުޙައްމަދު އަމީންގެ މި ޢިބާރާތުންނެވެ: ”ދިވެހި ތާރީޚަށް އައްޔެއް އަޅުވާލަން ލިބޭ ކޮންމެ ފުރުޞަތަކީ، ޤައުމީ ޚިދުމަތްކުރަން ލިބޭ ކޮންމެ ދަނޑިވަޅަކީ އަޅުގަނޑަށް ނަގައިލެވޭނޭ ކަންކަމެއް ނޫނެވެ.“

ދިވެހި ބޭސްވެރިކަމުގެ ތާރީޚް


މުޙައްމަދު ޖަމީލް 1974 ގައި ލިޔުއްވައި، 1985 ގައި ޝާއިއުކޮށްފައިވާ “އުލޫމުގެ ޤުލްޝަން 1 (އެއްވަނަބައި)” މިފޮތުގެ 9 ވަނަ ޞަފުޙާގައި، ބަޔާން ކުރައްވާފައި ވެއެވެ:

ރާއްޖޭގެ ތަޢުލީމަކީ، އެކި މީސް މީހުންގެ އަމިއްލަ އަތްމަތީން ހިގަމުން އައި ކަމެކެވެ. ވެރިކަމުގެ ފަރާތުން، އެކަމާއި މެދަކު އެއްވެސް ކަހަލަ ހިފެހެއްޓުމެއް ނޯވެއެވެ. އެމީހަކު ދާން ބޭނުން ފަރާތަކަށް ގޮސް،  ކިޔަވާނެ އެއްޗެއް ކިޔަވައިގެން އައުދެއެވެ. އެމީހަކު ބޭނުން ގޮތަކަށް ބޭނުން ތަނެއްގައި، ބޭނުން ބަޔަކަށް، ބޭނުން އެއްޗެއް ކިއަވައި ދެމުން ގެންދެއެވެ. … ކިޔަވައިދިނުމާއި ކިޔެވުން އޮންނަނީ އަމިއްލަ ކަމެއްގެ ގޮތުގައެވެ.

ރާއްޖޭގައި ޤަދީމީ ދުވަސްވަރުން ފެށިގެން ދިވެހި ބޭސްވެރިކަން އެކެއްގެ ފަރާތުން އިތުރު މީހުންނަށް ދަސްވަމުން އައީ ”އަތްދަށު“ ކިޔެވުމުންނެވެ.  މިއީ މިފަދަ އެހެން ޢިލްމުތަކާއި ހުނަރުތައް ވެސް ރާއްޖޭގައި އެއް ޖީލުން އަނެއް ޖީލަށް ވާރުތަވަމުން އައިގޮތެވެ. ބޭސްވެރިކަން ގިނަ ފަހަރު ކިޔަވައިދެނީ ބޭސްވެރިއަކު އޭނާގެ ދަރީންނަށެވެ. މިގޮތުގެ މަތީން އަންހެންކުދީންނާއި ފިރިހެން ކުދީންނަށް މިކަން ދަސްކޮށްދެވިފައި ވެއެވެ. ރާއްޖޭގެ އެކި ހިސާބުގައި، ބޭސްވެރިކަމަށް މަޝްހޫރު އަންހެނުން އުޅެނީ މިހެންވެގެންނެވެ.

ކުރީ ޒަމާންތަކުގައި ރާއްޖޭގެ އެކި ރަށްރަށަށް އެކި ކަންކަމަށް މަޝްހޫރުވެގެން ވިއެވެ. ވަކި ބާވަތެއްގެ ބޭސްވެރިކަމަށް މޮޅު މީހަކު، ވަކި ރަށެއްގައި ހުރުމުން، އެހެން އަތޮޅުތަކުގެ ރަށްރަށުން ވެސް އެ ރަށަކަށް ބޭސްވެރިކަމާ މީހުން ދަތުރުކޮށް އުޅުނެވެ. ރާއްޖޭގެ މީހުން ދިވެހި ބޭސްވެރިކަން އެންމެ ފުރަތަމަ ދަސްކުރީ ތަޖުރިބާގެ މަގުންނާއި އެހެން ޤައުމުތަކުގެ އަހުލީ ބޭސްވެރިކަމުން ކަން އެނގެއެވެ. އެހެނީ ދިވެހި ބޭހުގައި ދިވެހިރާއްޖޭގައި ނުހުންނަ އެތައް ބޭސްތަކެއް ހިމެނެއެވެ. ޚާއްޞަކޮށް ޢަރަބި ކަރައިގެ ބޭސްތަކެވެ. ތިރީގައި އެވާ ލިޔުމުގައި ކުރީ ޒަމާންތަކުގައި، ސްރީލަންކާގެ އައްސޭރިފަށުގައި ޢަރަބީން ވަޒަންވެރިވި އިރު، ދިވެހި ރަސްކަލުންގެ ބޭބޭފުޅުން ބޭސްވެރިކަމު ބޭރުވެލީއަށް ދާކަމަށް މި ޚަބަރުގައި ބުނެއެވެ.

މިގޮތުގެ މަތިން މިކަން ހިނގަމުންދާތާ ދެ ހާހެއްހާ އަހަރުވީ ފަހުން، ރާއްޖެއިން ބޭސްވެރިން މަދުވާކަން ފާހަގަވެގެން، ރަސްކަމުގެ ފަރާތުން 7 ސެޕްޓެމްބަރު 1934 ގައި، އަމުރެއް ނެރެފައި ވެއެވެ. އެ އަމުރުގެ ތަފްޞީލު، ނައިފަރު މުޙައްމަދު އިސްމާޢީލް ފުޅު، ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތާ ބެހޭގޮތުން ލިޔުއްވާފައިވާ ފޮތުގައި ވެއެވެ. މި އަމުރުގައި ވަނީ ލޮލުބޭހާއި ރުއްގަލު ބޭހާއި ރާއްޖެބަލީގެ ބޭހާއި ވިހޭގެ ބޭސް ކުރާ މީހުން މަދުވަމުންދާތީ އާއި ބޭސްވެރިކަމުގެ ފޮތްތަކާއި ގޮތްތައް ނެތެމުންދާތީ، ބޭހުގެ މަޢުލޫމާތު އެއްކޮށް ގިނަ ބަޔަކަށް ފެތުރުމަށް އެއިރު ތަޚުތުގައި އިންނެވި މުޙައްމަދު ޝަމްސުއްދީނު އަމުރުކުރައްވާފައެވެ. މިކަމާ ބެހޭ ގޮތުން ހަރުދަނާ އެއްވެސް ފިޔަވަޅެއް އެޅިކަން ފެނިފައިވާ ލިޔުންތަކުން ފާހަގައެއް ނުވެއެވެ. މާތުރަ، 14 ޖަނަވަރީ 1935 ގައި، މާރަންދޫ ގަނޑުވަރު ތުއްތު މަނިއްޕުޅު، “އުޞޫލި ޞިއްޙަތު” ކިޔާ ބޭސްވެރިކަމާ ބެހޭ ފޮތެއް ޗާޕުކުރެއްވިއެވެ. މިއީ ދިވެހިބަހުން ޗާޕުކުރެވިފައިވާ ފުރަތަމަ ޞިއްޙަތާ ބެހޭ ފޮތްކަމަށް ކުރިން ޙަވާލާ ދެވުނު ފޮތުގައި ވެއެވެ.

ދިވެހި ބޭސްވެރިކަމާއި ބޭރުގެ ބޭސްވެރިކަން ކިޔަވައިދޭން ފެށުން


ސަރުކާރުގެ ފަރާތުން ބޭސްވެރިކަން ކިޔަވައިދޭން ފެށީ މުޙައްމަދު އަމީން ދައުރުގައެވެ.  މިކަން ހިނގިގޮތް ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. އެއީ މުޙައްމަދު އަމީން ވިދާޅުވެގެން އޭނާގެ ދައުރުގައި ލިޔަން ފެށި ރާއްޖޭގައި ބޮޑެތި ކަންތައްތައް ހިނގާ ދިޔަ ގޮތުގެ ރެކޯޑު ފޮތުންނެވެ.

މި ޚަބަރުގައި ހާޒިރީ ބެލުމަށް ޙަވާލުކުރެއްވީ ނައިފަރު ޔޫސުފްގެ ޢަބްދުﷲ އާ ކަމަށް ލިޔެފައި ވެއެވެ.

މި ކިލާހުގައި ނުވަތަ ކޯހުގައި ބައިވެރި ދަރިވަރުންގެ ނަންތައް ވެސް އެ ލިޔުމުގައި ވެއެވެ. އެ ނަންތައް ތިރީގައި އެވަނީ އެވެ.

ބޭސްވެރިކަމުގެ ކޯސް ފެށި ތާރީޚް މީލާދީ ގޮތުން ދިމާވާނީ 7  އޮކްޓޯބަރ 1952 އާ އެވެ. އެއްދުވަހުގެ ތަފާތު ހުރުން އެކަށީގެންވެއެވެ.  މި ކޯހުގައި އަންހެން ކުދިން ބައިވެރިވެފައިވާ ކަން ފާހަގަކޮށްލުން މުހިއްމެވެ. ކޯހުގައި ކިޔަވައިދިން ތަކެއްޗަށް ބަލައި، މުޙައްމަދު އަމީން ދިވެހި ބޭހާ ބެހޭ ފޮތެއް ޗާޕުކުރެއްވިއެވެ. އެފޮތަށް ކިޔާފައިވާ ނަމަކީ ”ދިވެހިބޭހުގެ އަތްގާތްކޮށްދިނުން“ އެވެ. މި ކޯސް ފެށިތާ އަހަރެއް ނުވަނީސް، 21 އޯގަސްޓް 1953 ގައި، ބަޣާވަތެއްގައި މުޙައްމަދު އަމީންގެ ވެރިކަން ނިމުމަކަށް އަތުވެއްޖެއެވެ.

ބޭސްވެރިކަމުގެ ތަޢުލީމުގެ ދެވަނަ މުހިއްމު މަރުޙަލާ ގުޅެނީ، ސަރުކާރުގެ ފަރާތުން ހަސްފަތާލެއް ޤާއިމްކުރުމާ ގުޅިގެންނެވެ. މިތަން ހުރީ ދެބުރިއަށް މެދުޒިޔާރަތްމަގުގައި ހުރި ”ބަންޑާރަ މިސްކިތު“ ގެ ކުރިމަތީގައިވާ ކަނބާފާނު ގަނޑުވަރުގެ އިރުމަތީ ބައިގައެވެ. މިހާރު މިތަން ވަނީ ރައްޔިތުންގެ މަޖިލިސްކުރާ ގޭގެ  އިރުމަތީ ކޮޅުގައެވެ. މިސްކިތް ވަނީ މަޖީދިއްޔާ ސްކޫލް ބޮޑުކުރިއިރު ނަގާފައެވެ. މަޖީދިއްޔާގައި ދަރިވަރެއްގެ ގޮތުގައި އަޅުގަނޑު އުޅުނު އިރު، އިންޓަވަލްގަޑީގައި ފެންގަނޑަކުން ކައްސާލައިގެން ވެއްޓި ބޯ ފަޅައިގެން ގޮސްގެން މި ޑަކްޓަރުގެއަށް ގެންދިޔަ ހަނދާން ވެއެވެ. އެތަން ހުރިގޮތް ވެސް ހަނދާނުގައި ވެއެވެ. މިތަން ހުޅުވީ މުޙައްމަދު އަމީން ދައުރުގައި، 11 ޖަނަވަރީ 1948 ގައި ކަމަށް ކުރިން ޙަވާލާ ދެވުނު މުޙައްމަދު އިސްމާޢީލް ފުޅުގެ ފޮތުގައި ވެއެވެ. ދެން މި ހަސްފަތާލާ ބެހޭ ގޮތުން ހަނދާން ހުންނަ ކަމަކީ ބަލިމީހުން އެތަނަށް ގެންދާ ގޮތެވެ. އާދެ! ހުޅުވާ ލައްޕާލެވޭގޮތަށް ފޮތިޖަހާފައި ހުންނަ ފަތްޖެހި އެނދަކަށް ބަލިމީހާ ލައިގެން މީސްމީހުންގެ ބޯމަތީގައެވެ. އިމަރޖެންސީއެއް ނަމަ ދުވަމުންނެވެ. މިގޮތަށް މީހުން ގެންދަނިކޮށް އަޅުގަނޑަށް ފެނިފައި ވެއެވެ. ރާއްޖޭގައި ހުޅަނގުގެ ބޭސްވެރިކަން ފެށިގެން އައީ މި ހަސްފަތާލުގެ ސަބަބުންނާއި ރާއްޖޭގައި ވިޔަފާރިކަމު ތިބި ބޯރާ މީހުން ހުޅަނގުގެ ބޭސްތައް ތައާރަފުކުރުމުގެ ސަބަބުންނެވެ.

”މިނިވަން“ ވުމުގެ ކުރިން ޑަބްލިޔޫ.އެޗް.އޯ އާ ދިވެހިރާއްޖެ ގުޅިއްޖެއެވެ. ޑަބްލިޔޫ. އެޗް. އޯ އިން ފޮނުވި ޑޮކްޓަރެއްގެ އެހީއާއެކު، 6 އޭޕްރިލް 1960 ވަނަ އަހަރު ފެށި ހެލްތު އެސިސްޓަންޓުންގެ ކޯހަކީ، ހުޅަނގުގެ ބޭސްވެރިކަމުގެ ތަޢުލީމު ރާއްޖޭގައި ދެވެން ފެށުމެވެ. ކޯހުގައި ބައިވެރިވި 11 ކުދިންގެ ތެރެއިން ގިނަ ކުދިންތަކެއް ވަކިވުމާ އެކު، އަލުން 22 ކުދިންނާ އެކު ކޯސްފަށައި، ކޯސް ނިންމި 17 ކުދިންނަށް ދެވުނު ސަނަދުގައިވާ ތާރީޚަކީ 9 އޯގަސްޓް 1963 އެވެ. ފަހުން ޞިއްޙީ ދާއިރާގެ ކޯސްތައް ހިންގުމަށް، ޚާއްޞަ އިންސްޓިޓިއުޓެއް ޤާއިމްކުރެވުނެވެ. އެއީ އެލައިޑް ހެލްތު ސާރވިސަސް ޓްރޭނިންގ ސެންޓަރ އެވެ. މިތަނުގައި ފުރަތަމަ ހުރި އިސްވެރިޔަކީ، އާމިނަތު ޖަމީލެވެ. މިތަން ހުޅުވުނުކަމަށް ކުރިން ބަޔާން ކުރެވުނު ފޮތުގައިވަނީ 19 ޖުލައި 1973 އެވެ. މިތަން އުފެދުނު ތާރީޚަކީ، 1 ސެޕްޓެމްބަރ 1973 ގައި ކަމަށް އެތަނަށް 25 އަހަރުވުމާ ގުޅިގެން ނެރެފައިވާ ފޮތުގައި ވެއެވެ. އެ ދުވަސްވަރު ނެރުނު ނޫސް ކަމުގައިވާ ”ވިޔަފާރި މިއަދު“ ގައި، މިއިން އެއްވެސް ތާރީޚެއްގައި މިކަން ހިނގިކަމަށް ބަޔާންކޮށްފައެއް ނުވެއެވެ. ކޮންމެއަކަސް، މިއީ ނިޒާމީގޮތެއްގައި ފަންނީ ތަޢުލީމު ދިނުމަށް ހިންގުނު ފުރަތަމަ މައުހަދެވެ.

އެލައިޑް ހެލްތު ސާރވިސަސް ޓްރޭނިންގ ސެންޓަރ ގެ އިސްދަރިވަރުން ކޮޅަކާ އެކު އެތަނުގެ ދެ އިސްވެރިން. މި ދެ ދިވެހި މުވައްޒަފުންގެ އިތުރަށް ބޭރުގެ މާހިރުން އެތަނުގައި މަސައްކަތް ކުރިއެވެ.

މި މައުހަދުގައި ފުރަތަމަ ހިންގުނީ ފޫޅުމާކަމުގެ ކޯހެކެވެ. ދެން، ކޮމިޔުނިޓީ ހެލްތު ވާރކަރ ކޯހަކާއި ނާރސް އެއިޑް ކޯހެކެވެ. މި ކޯސްތަކުން، ކޮމިޔުނިޓީ ހެލްތު ވާރކަރ ކޯހަކީ، ރަށްފުށަށް ވިހިވަނަ ޤަރުނުގެ ޞިއްޙީ ތަހުޒީބުގެ އަސާސީ ކަންތައްތައް ތަޢާރުފުކުރާ ކޯހެވެ. މި ކޯހުގެ މައިގަނޑު ޓެކްސްޓް ފޮތް އަޅުގަނޑު އެ ދުވަސްވަރު ބަލާފައި ވެއެވެ. އެ ފޮތް ވައްތަރު ވާނީ މިހާރު މަޝްހޫރު Where There is No Doctor މިފޮތާއެވެ. ވަރަށް ސާދާ ގޮތަކަށް، ކުރެހުންތަކާ އެކު، ޞިއްޙީ ކަންތައްތަކާއި ބަލިބައްޔާއި  ބޭސްތައް ހިމެނޭ ފޮތެކެވެ. މި ތަން ހުޅުވުނު ދުވަސްވަރަކީ، މާލޭގައި ޗަކަވަޅުތަކަށް ބޭސް ސްޕްރޭ ކުރުމާއި، މަދިރިއަށް ޑީ.ޑީ.ޓީ ޖެހުމާއި ފައިލޭރިއާ އާއި ކެއްސުން ބަލި ފަދަ ކަންތައްތައް ބެލުމަށް ޓެސްޓްކުރުމާއި ޒަމާނީ ފޫޅުމާކަން ތައާރަފު ކުރެވުނު ދުވަސްވަރެކެވެ. އެލައިޑް ހެލްތު ސާރވިސަސް ގެ ކޯސްތަކުގެ ދަރިވަރުން ކުރި އެއްކަމަކީ، ދިވެހިރާއްޖޭގައި އޭރު އޮތް ދިވެހި ބޭސްވެރިކަމާއި ބޭސްފަންޑިތަވެރިކަމަށް ހަޖޫ ކިޔާ ޕްރޮގްރާމްތަކެއް، ޞިއްޙީ ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކުގެ ތެރެއިން ރޭޑިއޯއިން ފޮނުވަން ފެށުމެވެ. މިކަމުގެ އާޚިރު ނަތީޖާއަކަށްވީ، ދިވެހި ބޭސްވެރިކަމަށް ރައްޔިތުންގެ ހިތުގައި އޮތް ޤަދަރު ހީނަރުވެގެން ދިއުމާއެކު، ކޯސްތަކުގެ ދަރިވަރުންގެ މަޤްބޫލްކަން އިތުރުވެގެން ދިއުމެވެ. އެލައިޑް ހެލްތު ސާރވިސަސް ޓްރޭނިން ސެންޓަރުން ދަރިވަރުވި އެތައް ކުދިންނެއް ވީ، ރާއްޖެތެރޭގެ ރަށްވެހީންގެ މަދަނަކަން ޤާއިމްކުރުމަށް މުހިއްމު ރޯލުތަކެއް ކުޅުނު ބަޔަކަށެވެ. ރައްޔިތުން އިޙްތިރާމް ކުރި ބަޔަކަށެވެ. ރަށްފުށުގެ މީހުން މި ދަސްވެނިން ދުށީ ޑަކްޓަރުންގެ ގޮތުގައެވެ.  މި މަޤްބޫލްކަމުގެ ތެރެއިން، ކޯހުގެ ދަސްވެނިންގެ  ތެރެއިން ބައެއް މީހުން، ރައްޔިތުންގެ މަޖިލިހުގެ މެންބަރުންނަށް ވެސް ވިއެވެ.

*    *    *    *    *    *

އަޅުގަނޑުގެ ބައެއް ހަނދާން


އަޅުގަނޑު ހަނދާން ހުންނަން ފެށީއްސުރެ، އަޅުގަނޑުގެ ގޭގެ ބޭރުގެ ތެރޭގައި، ލޯގަނޑަކަށް ލާފައިވާ ދެ ލިޔުމެއް ހުރެއެވެ. އެއީ ވުޒާރަތުއްޞިއްޙާ އިން ބައްޕައަށް ދީފައިވާ ދިވެހި ބޭސްކުރުމުގެ ހުއްދަ އާއި ފަންޑިތަ ހެދުމުގެ ހުއްދައެވެ. މާރީތި ދެ އިސްޓޭމްޕެއް ޖަހާފައިވާ މި ދެ ހުއްދަ ނުހުންނަ ދުވަސްވަރެއް އަޅުގަނޑު ހަނދާނެއް ނުވެއެވެ. ގެއަށް ބޭސްކުރަން އެކި އިރު މީހުން އައިސް އުޅެތެވެ. މި ކަމަކީ އަގަކަށް ބައްޕާ ކޮށްދެއްވާ ކަމެއް ނޫނެވެ. ބޭހުން މަންފާކޮށްގެން އުޖޫރައެއް ދޭން ބޭނުންވާ މީހުން ކެރިފޯރާނަމަ ދޭނެއެވެ. ދެވެން ނެތް މީހުން ނުދޭނެއެވެ. ފަންޑިތަ ހެދުމުގައި ވެސް އޮންނަނީ ވެސް އެގޮތެވެ. މަސްވެރިކަމުގެ ފަންޑިތައިގައި، މަސްބާނައިފި ނަމަ،  ނުވަތަ ދޯނި ބާލައިގެން މަސްވެރިކަން ފާގަތިވި ނަމަ، މަހެއް ދޭނެއެވެ. މި މަހަށް ކިޔަނީ އޮގަރުމަހެވެ.  މިއާދައާ ގުޅިގެން އަހަރަކު އެއްފަހަރު، ގޭގައި މައުލޫދު ކިޔަތެވެ. ބޭސްހެދުމާއި ފަންޑިތަހެދުމުގެ އިތުރަށް މީހުން ވިއްސުމުގައި ވެސް ބައްޕާ ޙަރަކާތްތެރިވިއެވެ.

ބައްޕާ ބޭސް ހެދުމާއި ފަންޑިތަ ހެދުން ދަސްކުރެއްވީ ކާކުގެ ފަރާތުން ކަމެއް ނޭނގެއެވެ. ބޭސްވެރިކަމާއި ނަކަތްތެރިކަމާއި ފަންޑިތަ ދާއިރާގެ އެތައް ފޮތެއް ބައްޕާ ގެންގުޅުއްވަތެވެ. އެ ދުވަސްވަރުގެ ފޮތްތައް ލިޔެފައި ހުންނަނީ ރާހުތާއި ގެދަބުޅި އެއްކޮށްގެން ހަދާފައިވާ ދަވާދަކުންނެވެ. ރާހުތް އެކުލެވޭތީ ގިނަ ދުވަސްތަކެއް ވާއިރަށް ކަރުދާހުގައި ލިޔެފައިވާ އަކުރުތައް ކެވިގެން ދެއެވެ. އަކުރުތައް ދެން ހުންނާނީ ކަރުދާހުން ފޫގޮސްފައެވެ. އަޅުގަނޑަށް ލިޔަންކިޔަން އެނގުމުން، އިހުގެ އެތައް ފޮތެއް މިޒަމާނުގެ ދެލިން ލިޔުނު ހަނދާން ވެއެވެ. ކުރީގެ ފޮތްތައް ނަކަލު ކުރުމަކީ، އަޅުގަނޑުގެ ކުޑައިރުގެ ވަޒީފާއެކެވެ. މީގެ އިތުރަށް، ބައްޕާ މުސްކުޅިފުޅު ވުމުން، ބައެއް ފަހަރު ތަވީދު ފަދަ ތަކެތި އަޅުގަނޑު ލައްވާ ލިޔުއްވަތެވެ. މި ފަދަ ލިޔުންތަކުގައި މައިގަނޑު ގޮތެއްގައި ހުންނަނީ ތަކުބީރާއި ރަސޫލާގެ މައްޗަށް ލިޔެފައިވާ ޞަލަވާތާއި ޤުރްއާންގެ އެކި އާޔަތްތަކެވެ. ލިޔަނީ އަކުރުތައް ގުޅައިގެން ތިރީހުގައި ލިޔެފައި ހުންނަ ގޮތާ ޚިލާފަށް އަކުރުތައް ވަކިކޮށްގެން ފިލި ނުޖަހައެވެ. ނަމަވެސް ގުރްއާން އަށް ފަރިތަ މީހަކަށް ތަވީދެއް ކިޔަން އެނގޭނެއެވެ. މި ޒަމާނުގައި މިގޮތަށް ލިޔެވޭ ފޮންޓް ހުރެއެވެ. އެ ދުވަސްވަރު ވެސް، އަޅުގަނޑުގެ ހިތަށް އަރާ އެއްޗެއް އޮވެއެވެ. އެއީ ޤުރްއާން އަކީ އުޅެންވީ ގޮތް މާތް ﷲ ބަޔާންކުރައްވާފައިވާ ފޮތަކަށް ވާއިރު، އެ ފޮތުގެ އާޔަތްތަކުގައި، ނޭނގޭ ރޫޙާނީ އިތުރު މަންފާތަކެއް ވެދާނެ ހެއްޔެވެ؟ މިކަމުގައި އަޅުގަނޑުގެ ޚިޔާލަކީ، ހުރިހާ ފަންޑިތައަކީ ދުޢާ އެއްކަމެވެ.  މިހެން ކަމަކު، ކީރިތި ޤުރްއާންގައި ”قرآن އަކުން ފަރުބަދަތައް ލުހެލެވި، ފުނޑުފުނޑުކޮށްލެވޭނެ ނަމަ، ނުވަތަ ބިންގަނޑު ކުދިކުދި ކޮށްލެވޭނެ ނަމަ، ނުވަތަ މަރުވެފައިވާ މީހުންނާ ވާހަކަ ދެއްކޭނެ ނަމަ (އެ قرآن އަކީ މިއީއެވެ) [އައްރަޢުދު، 31] މިހެން ވެއެވެ. އަދި،  އިސްރާއު ސޫރަތުގެ 82 ވަނަ އާޔަތުގައި، ”ތިމަން ރަސްކަލާނގެ ޤުރްއާނުން މުއުމިނުންނަށް ރަޙްމަތާއި ޝިފާ ކަމުގައިވާ ތަކެތި ބާވައިލެއްވީމެވެ“ މިހެން ވެސް ވެއެވެ. ކޮންމެ އަކަސް، ބައްޕާ ބޭހެއް މީހެއްގެ ގައިގާ އުނގުޅުއްވިއަސް ދުއާ އަކާ އެކު ނޫނީ އެކަން ނުކުރައްވަތެވެ. ބައްޕާ ގެންގުޅުއްވި ފޮތްތަކުގައި ހުންނަނީ މުޅީން ބަލިވުމުންނާއި މަސްނުބޭނުމުން ކުރާ ކަންތައްތަކެވެ. މީހުންނަށް ގެއްލުންދޭން ހަދާ ސިހުރެއް ލިޔެފައެއް ނުހުރެއެވެ. ޑަބްލިޔޫ.އެޗް.އޯ އިން ނެރެފައިވާ މި ފޮތުގައި، ބައްޕާގެ ވާހަކަ މި ޞަފުޙާގައި ނަންގަނެފައި ވެއެވެ. ބައްޕާ ނިޔާވި އިރު، ސަތޭކަ ތިރީސް އަހަރުވީ އަތުން ލިޔެފައި ހުރި ފޮތް ބައްޕާގެ އަލަމާރީގައި ހުއްޓެވެ.

ދިވެހި ބޭސްވެރިކަމަށް ކުރު ބަހާރެއް


1960 ގެ އަހަރުތަކަކީ ދުނިޔެއަށާއި ރާއްޖެއަށް ވަރަށް ބޮޑު ބަދަލުތަކެއް އައި ދުވަސްވަރެވެ. މި ދުވަސްވަރުގެ އެއް ކަމަކީ އިހުގެ ގޮތްތަކާއި ތާރީޚަށް ބާވަތެއްގެ ނަފްރަތެއް އުފެދުމާއި ސައިންސާއި ޓެކްނޯލޮޖީ އަކީ އިންސާނީ ހުރިހާ ކަމެއްގެ ޙައްލު ކަމުގެ ދުށުމެވެ. މިކަމުގެ އެއް ނަތީޖާއަކީ، މާލޭގައި ހުރި ޤަދީމީ އެތައް ތަނެއް ތަޅާލުމާއި އިހުގެ ބޭސްވެރިކަން މަޑުމަޑުން ނެތެމުން ދިއުމެވެ. ދެން 1980 ގެ އަހަރުތަކުގައި އަނެއްކާ އެހެން ބޮޑު ބަދަލެއް ދުނިޔެއަށް އަތުވެއްޖެއެވެ. އެ ބަދަލަށް ކިޔަނީ ޕޯސްޓްމޮޑަނިޒަމް އެވެ. މި ބަދަލުގެ އެއް ނަތީޖާއަކަށްވީ، އޭރު އޮތް ޚިޔާލާތު، އިދި ކޮޅަށް ބަދަލުވުމެވެ. އިންސާނުންގެ ޙަޤީޤީ ޠަބީއަތް ސައިންސަށް ދެނެނުގަނެވޭ ކަމާއި، ހުރިހާ ބަލިތަކުގެ ޝިފާއަކީ ބޭސް ނޫންކަމާއި އިހުގެ ގޮތްތަކުގައި މަންފާތަކެއްވާކަމަށް މި ޚިޔާލާތުން ހުށަހަޅައެވެ. މިކަމާ ގުޅިގެން އިހުގެ ބައެއް ޢާއްމު ނޫން ބޭސްވެރިކަން ވައިގައި ހިފާގޮތް ވެއްޖެއެވެ.

ދިވެހި ބޭސްވެރިކަމާ ބެހޭ ގޮތުން، 24 އޮކްޓޯބަރ 1980 ގައި، މާލޭގައި ބައްދަލުވުމެއް ބޭއްވި، ބޭސްވެރިކަމުގައި ބޭނުންކުރާ ގަސްގަހާ ގެހީގެ ބާވަތްތައް، ދެން ކުރިއަށް ހިނގި ދެ އަހަރު ދުވަހުގެ ތެރޭގައި، ބިދޭސީ މާހިރުންގެ އެހީގައި ފޮތެއްގައި ލިޔެ ޗާޕުކުރެވުނެވެ. ދިވެހި ބޭސްވެރިކަމާ ބެހޭ ގޮތުން މިއަށްފަހު މަޖިލިސް ކުރެވުނީ 4 ނޮވެމްބަރ 1996 ކަމަށް، މުޙައްމަދު އިސްމާއީލް ފުޅުގެ އިހު ބަޔާން ކުރެވުނު ފޮތުގައި ވެއެވެ. މިބައްދަލުވުމާ ގުޅިގެން، ދިވެހިބޭސްވެރިކަން ކިޔަވައިދޭ ހަމަސް ދުވަހުގެ ކޯހެއް 12 އޮކްޓޯބަރ 1997 ގައި، އިންސްޓިޓިއުޓް އޮފް ހެލްތު ސައިންސަސް ގައި ފެށުނެވެ. ފަހުން މި ކޯސް އެއް އަހަރު ދުވަހުގެ ކޯހަކަށް ބަދަލުކުރެވުނެވެ. 1999 ގައި، 6 ކުއްޖަކު ދިވެހިބޭސް ވެރިކަމުގެ ސަރޓިފިކެޓް ކޯހެއް ނިންމިކަން ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި އެއް އަހަރު ދުވަހުގެ ބޭސްވެރިކަމުގެ ކޯހެއް 4 ޖުލައި 2004 ގައި ފެށިކަމަށް އެ މަރުކަޒުގެ އަހަރީ ރިޕޯޓްގައި ވެއެވެ. އެންމެ ފަހުން ކޯސް ނިންމި ދަރިވަރުންނަކީ މި ކުދީންނެވެ. މިއަށް ފަހު، ކޯހަށް އިޢުލާނު ކުރެވުނު ކަމުގައި ވިއަސް، ދަރިވަރުން ކޯސް ހިންގޭ ޢަދަދަށް ކުރިމަތިލާފައި ނުވާކަމަށް ރެކޯޑުތަކުން ދައްކައެވެ.  މިކަން ބޮޑަށް މެދުވެރިވި ކަމަށް ލަފާ ކުރެވޭސަބަބަކީ، ކޯހާ މުސާރަ ލިބޭ ވަޒީފާއެއް ގުޅިފައި ނުވުމާއި ކޯހަށް ވަންނަން ޖެހޭ ޝަރުޠަކީ ކޯސް ހެދުމަށް ބޭނުންވާ މީހުންނާ ނުގުޅޭ ޝަރުޠަކަށް ވާތީ ކަމަށް ލަފާ ކުރެވެއެވެ. މި ކޯސް ނިންމާ ކުދިންނަކީ އަމިއްލައަށް ވަޒީފާ އުފައްދަން ޖެހޭ ބައެކެވެ.  ޒަމާން ބަދަލުވެ، ހުޅަނގުގެ ބޭސްވެރިކަން ބޮޑަށް ޢާއްމުވުމާ ގުޅިގެން، 21 ވަނަ ޤަރުނު ފެށުނުއިރު، ދިވެހި ބޭސްވެރިކަން ވަނީ ދުވަހަކު ވެސް ނުދެކޭ ފަދަ، ދިރުން ދަތި ޚަރީފު މޫސުމެއްގެ މެދުތެރޭގައެވެ. ރަސްމީގޮތުން، ދިވެހި ބޭސްވެރިކަން އިހްޔާ ކުރުމަކީ މިނިސްޓްރީ އޮފް ހެލްތު އާއި އެލައިޑް ހެލްތު ސާރވިސަސް ޓްރޭނިންގ ސެންޓަރ ފަހުން ބަދަލުވި ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ޒިންމާ ކަމުގައި ސަރުކާރުގެ ލިޔުންތަކުގައި ހުރެއެވެ. މިހާރުގެ ޙާލަތު މި ލިޔުމުން ފެނިވަޑައިގަންނަވާނެއެވެ.

ހުޅަނގުގެ ބޭސްވެރިކަން ދިވެހީން ކިޔަވަން ފެށުން


ހުޅަނގުގެ ބޭސްވެރިކަމަށް ބައެއް މީހުން އެލޯޕެތިކް މެޑިސިން (allopathic medicine) ކީ ކަމުގައި ވިއަސް، ޢިބާރާތުގެ މާނައަށް ބަލާއިރު، އެޔަކީ ފަންނުގެ މީހުން ރުހޭ ޢިބާރާތެއް ނޫނެވެ. ފަންނުގެ މީހުން އެދެނީ ހުޅަނގުގެ ޒަމާނީ ބޭސްވެރިކަމަށް އެވިޑެންސްޑް ބޭސްޑް މެޑިސިން (evidence-based medicine  EBM) ނުވަތަ ”ހެކިތަކަށް ބަރޯސާވެ ކުރާ ބޭސްވެރިކަން“ މިހެން ކިޔުމަށެވެ. ނުވަތަ ޢާއްމު ބޭސްވެރިކަން މިހެން ކިޔުމަށެވެ. މި ދާއިރާއިން ތަމްރީނުވި ފުރަތަމަ ދިވެއްސަކީ ކޮބައިތޯއެވެ؟

ޙަކީމީ ބޭސްވެރިކަން، ވިހި ވަނަ ޤަރުނުގައި، ބޭރު ޤައުމެއްގެ ކޮލެޖަކަށް ގޮސްގެން، އެންމެ ފުރަތަމަ އުނގެނުނީ ނައިފަރު ދޮންކަލޭގެފާނުގެ ޢަބްދުﷲ އެވެ. މުޙައްމަދު އަމީން ދައުރުގައި  ސިލޯނަށް (ސްރީ ލަންކާއަށް) އޭނާ މަދަރުސާއަށް ކިޔަވަން ފޮނުވުނެވެ. ދެން، އެއަށް ފަހު އިންޑިޔާއަށް ބޭސްވެރިކަން ކިޔަވަން ފޮނުވުނެވެ. އޭނާ އަލާހްއާބާދުގެ ޔޫނާނީ މެޑިކަލް ކޮލެޖް އިން ސަނަދެއް ހޯއްދެވިއެވެ. މިއީ ގިނަ ބަޔަކު ދަންނަ ”ޑޮކްޓަރ“ އެން.ޑީ. ޢަބްދުﷲ އެވެ. އޭނާ ހޯއްދެވި ސަނަދަކީ ޙަކީމީ ބޭހުގެ ސަނަދެއް ކަމަށް އޭނާ އާ އެކު އެތައް އަހަރަކު މަސައްކަތް ކުރެއްވި ޑރ. ޢަބްދުﷲ ވަޙީދު އަޅުގަނޑުގެ ކައިރީގައި ވިދާޅުވެފައި ވެއެވެ. އެހެންކަމުން، އޭނާއަކީ އަޅުގަނޑު ކުރިން މާނަކުރި ޢާއްމު ބޭސްވެރިކަމުގެ ފަންނުގެ ބޭފުޅެއްކަމަކަށް ނުބެލެ ވެއެވެ. އޭނާއަށް ޑޮކްޓަރ ކިޔާ އުޞޫލުން، ރާއްޖޭގެ ކުރީގެ އަދި މިހާރުގެ އެތައް ދިވެހި ބޭސްވެރިންނަކަށް ކިޔަންޖެހޭނީ ޑޮކްޓަރ އެވެ.

މިހާ ހިސާބުން، އަޅުގަނޑުމެން ބަލަން ޖެހެނީ ”ޑޮކްޓަރ“ މިލަފުޒުގެ މާނައަށެވެ. އަޞްލަށް ބަލާއިރު ލެޓިން ބަހުން އިނގިރޭސި ބަހަށް ވަދެފައިވާ ޑޮކްޓަރ މި ލަފުޒުގެ މާނައަކީ މުދައްރިސެވެ. މިކަން، މި މުލުން އައިސްފައިވާ އެހެން ބައެއް ލަފުޒު، doctrine, indoctrinate ފަދަ ލަފުޒުތަކަށް ވިސްނާލުމުން ޔަޤީން ވާނެއެވެ. މި ޒަމާނުގައި ވެސް، ކޮންމެ ފަންނަކުން މާހިރުވުމުން ވެސް ޑޮކްޓަރ ކިޔައެވެ. މިސާލެއްގެ ގޮތުން، ”އަޙްމަދު އިޒް އަ ޑޮކްޓަރ އޮފް ބޯޓް-ބިލްޑިންގ“ — އަޙްމަދަކީ ކިއްސަރު ވަޑާމުގެ ޑޮކްޓަރެކެވެ — މިއީ ހަމަ ރަނގަޅު އިނގިރޭސި ޖުމުލައެކެވެ. ޑޮކްޓަރ ގިނައިން ބޭނުންކުރަނީ ހުޅަނގު ބޭސްކުރާ ވަކި ފެންވަރެއްގެ ސަނަދެއް އޮންނަ މީހުންނަށެވެ. އެއީ ދަށްވެގެން، އެމް.ބީ.ބީ.އެސް ސަނަދެވެ. މިއީ އެއް ސަނަދު ކަމުގައި ވިއަސް، ޙަޤީޤަތުގައި ދެ ސަނަދެވެ. އެއީ ބެޗްލަރ އޮފް މެޑިސިން އަށް ލެޓިން ބަހުން ކިޔާ މެޑިސިނޭ ބެކެލޯރިއަސް އާއި ސާރޖަރީގެ ބެޗްލަރ ޑިގްރީއަށް ކިޔާ ކިރުގިއޭ ބެކެލޯރިއަސް އެވެ. ކިރުގިއޭ ކިޔަނީ ލެޓިން ބަހުން ސާރޖަރީ އަށެވެ. (ސާރޖަރީ އަކީ ވަޅި ފަދަ އާލަތް ބޭނުންކޮށްގެން ހަށިގަނޑަށް ބަދަލެއް ގެނައުމެވެ.) އަޅުގަނޑު އުޅުނު އެންމެ ފުރަތަމަ ޔުނިވަރސިޓީގައި މި ދެ ސަނަދު ވަކިން ދެއެވެ. ފުރަތަމަ ތިން އަހަރު ކިޔެވުމުން ފުރަތަމަ ސަނަދު ދެއެވެ. ދެވަނަ ސަނަދު ލިބެނީ މުޅި ކޯސް ނިންމުމުންނެވެ. މަޝްހޫރު އޮކްސްފޯރޑް ޔުނިވަރސިޓީގައި މިހާރުވެސް މިގޮތަށް ކަންތައްތައް ކުރެއެވެ. އެމް.ބީ.ބީ.އެސް ގެ ބަދަލުގައި އެމް.ބީ.ސީއެޗް.ބީ M.B.Ch.B ދޭ ޔުނިވަރސިޓީތައް ހުރެއެވެ. 1970 ގެ އަހަރުތަކުގައި ރާއްޖޭގައި މަސައްކަތް ކުރި ޑރ. ޢަލީ ރަޝީދުގެ އަތުގައި އޮތީ މި ފާހެވެ. އެމް.ބީ.ބީ.އެސް މި ފާހުގެ ނަމަކީ ހަމަޖެހޭ ނަމެއް ނޫނެވެ. އެއީ ލެޓިން ބަހުން ސާރޖަރީއަށް ކިޔާ ބަހުގެ ބަދަލުގައި ސާރޖަރީ ބޭނުން ކުރިއަސް، އެހެން އަކުރުތައް ހުންނަނީ ލެޓިން ޢިބާރާތްތަކުގެ ތަރުތީބަށެވެ. އެހެން ކަމުން، ސީދާ އިނގިރޭސި ހަމަތަކަށް ފެތޭ ބެޗްލަރ އޮފް މެޑިސިން އާއި ބެޗްލަރ އޮފް ސާރޖަރީ BMBS މިގޮތަށް ސަނަދުލިޔާ ޔުނިވަރސިޓީތައް ހުރެއެވެ.

ގިނަ ޤައުމުތަކުގައި ޑޮކްޓަރ ކިޔަނީ ދަށްވެގެން އެމްބީބީއެސް އޮތުމާއެކު، އެ ޤައުމެއްގެ ރަސްމީ ފަރާތަކުން ބޭސްކުރުމުގެ ހުއްދަ ދިނުމުންނެވެ. ފާސް އޮތްކަމުގައި ވިއަސް ޑޮކްޓަރ އެއް ނުކިޔައެވެ. ބައެއް ޤައުމުތަކުގައި ފަހު ފާސް  (ސާރޖަރީ) ލިބުމުން ޑޮކްޓަރ ގެ ބަދަލުގައި މިސްޓަރ ކިޔަން ފަށައެވެ. އެއީ އިހުގައި، ސާރޖަރީ ހަދަނީ ބޯކޮށާ މީހުން ފަދަ އާދައިގެ ބަޔަކަށް ވާތީ ސާރޖަން ނުކިޔުމަށެވެ. މިވާހަތައް މިއަށް ވުރެ ތަފްޞީލުކޮށް މި ލިންކްގައި ވެއެވެ.

އެންމެ ފުރަތަމަ އެމް.ބީ.ބީ.އެސް ހޯދި ދިވެއްސަކީ މައްޗަންގޮޅީ ބޮޑުދަހަރާގޭ ޢަބްދުއްރަޝީދު ކަމަށް 22 ޖޫން 1965 ގައި ނެރުނު ދުވަހު ނޫސް ”ވިޔަފާރި މިއަދު“ގައި ވެއެވެ. އޭނާ ކިޔަވަން ފޮނުއްވީ މުޙައްމަދު އަމީން ދައުރުގައި ސަރުކާރުގެ ފަރާތުންނެވެ. ސިލޯނުގެ ކޮލެޖެއްގައި މަދްރަސީ ތަޢުލީމު ހޯދުމަށްފަހު، އެމް.ބީ.ބީ.އެސް ކިޔެވީ އިންޑިއާގައެވެ. މިއަށް ފަހު، މާލެއައުމާ އެކު، ގައިނޮކޮލޮޖީއިން ޚާއްޞަވުމަށް ކެނެޑާއިން ލިބުނު ސްކޮލަރޝިޕެއްގައި ފުރީއެވެ. ދައުލަތަށް ލިބުނު ގިނަ ފުރުޞަތުތަކެއްގެ ބޭނުންކުރި އަސް، އޭނާގެ ފަރާތުން ޤައުމަށް އެއްވެސް ޚިދުމަތެއް ލިބިފައެއް ނުވެއެވެ. މުޙައްމަދު އިސްމާޢީލް ފުޅު ލިޔުއްވާފައިވާ ދިވެހިރާއްޖޭގެޞިއްޙީ ތާރީޚާ ބެހޭ ފޮތުގައި، ދެވަނައަށް އެމް.ބީ.ބީ.އެސް ހޯދި ޑޮކްޓަރަކީ، ގދ. ވާދޫ ގައްދަޑުގޭ އަޙްމަދު ލަޠީފުކަމަށް ބަޔާންކޮށްފައި ވެއެވެ. ސާރޖަރީއިން ޚާއްޞަވުމަށް ބޭރަށް ފޮނުވުމުން، މީނާވެސް ޢަމަލުކުރީ ޢަބްދުއްރަޝީދާ އެއްގޮތަށެވެ.

މެޑިކަލް ސްކޫލެއް ޤާއިމްކުރުމުގެ ޚިޔާލު


ދިވެހިރާއްޖޭގައި ހުޅަނގުގެ ބޭސްވެރިކަމާ ބެހޭ ޑިގްރީ ފެންވަރުގެ ތަޢުލީމު ދިނުމުގެ ޚިޔާލު އެންމެ ފުރަތަމަ ބަޔާންކޮށްފައިވަނީ 1996 އިން 2005 އަށް މިނިސްޓްރީ އޮފް ހެލްތުން އެކުލަވާލައިފައިވާ ހެލްތު މާސްޓަރ ޕްލޭންގައެވެ. އެ ފޮތުގައި، މި ކަމާ ބެހޭގޮތުން ލިޔެލާފައިވަނީ ޕެރެގްރާފެއްގެ ނިމޭ ތަނުގައި އަންނަނިވި ޖުމުލައެވެ.

Furthermore, measures will be taken to introduce MBBS and postgraduate training or part of it at country level or by distance education

މިހެން ލިޔެފައިވީ ކަމުގައި ވިއަސް، 2005 ނިމުނުއިރު ވެސް، މިކަމާ ބެހޭ ގޮތުން ޢަމަލީ އެއްވެސް ފިޔަވަޅެއް އެޅިކަން އެއްވެސް ލިޔުމަކުން ސާބިތެއް ނުވެއެވެ. ޢަމަލުކުރުމެއް ނުވާ މިފަދަ ޚިޔާލުތަކަށް ކިޔަނީ ސިމްބޮލިކް ނުވަތަ  ރަމްޒީ ސިޔާސަތެވެ. އެމް.ބީ.ބީ.އެސް ތަޢުލީމަކީ ދުރުންދޭ ތަޢުލީމާ ގުޅޭ އެއްޗެއް ނޫނެވެ. ބޭރުގެ ބޭސްވެރިކަމަކީ، ދިވެހި ބޭސްވެރިކަން ފަދައިން، އެޕްރެންޓިސްޝިޕް އުޞޫލުން އުނގަންނައިދެވޭ ތަޢުލީމެކެވެ. މިހާރުވެސް އެވެ.

މެޑިކަލް ސްކޫލް އިޢުލާނު ކުރުން


2006 ވަނަ އަހަރު އައި އިރު، ރީޖަނަލް ނުވަތަ އަތޮޅު ހޮސްޕިޓަލެއް ނެތް އަތޮޅެއް ނުވެއެވެ. ރާއްޖޭގެ އާބާދީ އުޅެނީ ތިން ލައްކައިގައެވެ. ބައިނަލްއަޤްވާމީ މިންތަކުން މަދުވެގެން 300 ޑޮކްޓަރުން ރާއްޖެއަށް ބޭނުން ވެއެވެ. މީގެ އިތުރަށް ކޮންމެ ރިޒޯޓެއްގައި ޑޮކްޓަރެއް ހުރުމަކީ ނުހަނު އެދެވޭ ކަމެކެވެ. ރާއްޖޭގައި އުޅޭ ބިދޭސީ އެއް ލައްކަ މަސައްކަތްތެރިން ހިމަނައިފިނަމަ، ބޭނުންވާ ޑޮކްޓަރުންގެ ޢަަދަދު އަމުދުން ގިނަވާނެއެވެ. މެޑިކަލް ސްކޫލެއް ޤާއިމްކުުރުމަށް މިހާރު ނުފަށައިފި ނަމަ، ދެން އެކަމާ އުޅޭނީ ކޮން އިރަކުންތޯއެވެ؟ ރާއްޖޭގެ ތަރައްޤީއަށްޓަކައި، މަތީ ތަޢުލީމުގެ ދާއިރާއިން ކުރަންޖެހޭ ކަންތައްތަކާ މެދު ވިސްނައި ފިޔަވަޅު އެޅުމަކީ ކަމާބެހޭ ދާއިރާގެ މުވައްޒަފުންގެ މަސްއޫލިއްޔަތެކެވެ. ޚާއްޞަކޮށް، އަޅުގަނޑު ހުރި މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ރެކްޓަރުގެ މަޤާމުން އެއީ އަޅުގަނޑުގެ ޒާތީ ޒިންމާއެއް ކަމަށް ދުށީމެވެ.

ނަމަވެސް، އަޅުގަނޑަށް ވިސްނުނީ، އަޅުގަނޑަށް ވުރެ ޤައުމީ މި ބޭނުމުގެ ވާހަކަ ދައްކަން އައުލާވެގެންވަނީ އެހެން ފަރާތެއް ކަމެވެ. އަޅުގަނޑަށް ޖެހޭނީ ބާރުވެރިއެއް ލައްވައި މި ޚިޔާލު ނެރުވާށެވެ. މިއީ ކީއްވެގެންކަން ޑޭލް ކާރނަގީ ބުނެފައި ވެއެވެ: ”ކަމެއް މީހަކު ލައްވާ ކުރުވަން ބޭނުން ނަމަ، ޚިޔާލަކީ އޭނާގެ އެއްޗެއް ކަމަށް ހަދާށެވެ.“

ދުވަސްވަރަކީ ރައީސް ނަޝީދުގެ ވެރިކަމުގެ ދުވަސްވަރެވެ. ދައުލަތުގެ ބަޖެޓް ތާށި ދުވަސްވަރެކެވެ. އެހެންކަމުން، މެޑިކަލް ސްކޫލްއެއް ޤާއިމްކުރުން ޗެމްޕިއަން ކުރާނޭ (އެކި ތަންތަނުގައި އެ ވާހަކަ ދައްކައި  އެކަމަށް ތާއީދުކޮށް، އެކަން ދިފާޢުކުރާނޭ) ސަރުކާރުގެ ބާރުވެރި ފަރާތެއް ނުވާނަމަ އެއީ ވާނޭ ކަމެއް ނޫނެވެ. މިކަމަށް ތަޤްދީރު ކުރިމަތިކުރީ ވަރަށް ވެސް ހެޔޮ ނަސީބެކެވެ. އެއް ދުވަހަކު، ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު، އޭނާ އާ ބައްދަލުކުރުމަށް އައުމަށް އަޅުގަނޑަށް އަންގަވައިފިއެވެ. އެ ބައްދަލުވުމަށް އަޅުގަނޑު ދިޔައީ ވައިސް ރެކްޓަރ ޙުސައިން ޙަލީމް އާ އެކުއެވެ. ބޭނުމަކީ ކަންކަމުގެ އިންސްޓިޓިއުޝަނަލް މެމަރީއެއް (ކަންކަން ހިނގާދިޔަ ގޮތުގެ ހަނދާނެއް) އެހެން ފަރާތެއްގެ ކިބައިގައި އޮތުމެވެ.

ރައީސް އޮފީހުގައި އޮތް ބައްދަލުވުމަކީ، އެއްވެސް އެޖެންޑާއެއް ނެތް ބައްދަލުވުމެކެވެ. އެކި ކަންކަމާ މެދު، މަޝްވަރާ ކުރައްވައި، ކަމެއް ބޭނުންނަމަ، އޭނާގެ ސެކްރެޓަރީ، ރުޤިއްޔާ އާ ގުޅުމަށް ވިދާޅުވިއެވެ. މި ދުވަހުގެ ވާހަކަފުޅުތަކުގެ ތެރޭގައި، ދީނީ ތަޤްރީރެއް އަޅުގަނޑު ދިނުމަށް އެދި ވަޑައިގަތެވެ. އަދި، ދެން އަންނަ ހުކުރު ދުވަހެއްގެ ރައީސްގެ ރޭޑިއޯ ޚިޠާބު ލިޔުމަށް އަޅުގަނޑު ހުށަހެޅީމެވެ. ރައީސް ނަޝީދުގެ ދައުރުގައި، ރޭޑިއޯ ޚިޠާބަކީ ކޮންމެ ހުކުރު ދުވަހަކު އެމަނިކުފާނު ދެއްވާ ބަޔާނެކެވެ.

ފަހުން އަޅުގަނޑަށް އޮޅުންފިލި ގޮތުގައި، މި ބައްދަލުކޮށްލެއްވުން ބޭއްވުނީ ތިނަދޫ އާއި މަޑަވެލި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަމުގައިވާ މުޙައްމަދު ޤަސަމް އާއި މުޙައްމަދު ނާޒިމްގެ އެދިވަޑައިގަތުމެއްގެ މަތިންނެވެ. ޤަސަމް ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގަތުމުގައި، އޭނާގެ އިންތިޚާބީ އެއް ވަޢުދަކީ ތިނަދޫގައި ހުރި ޔުނިވަރސިޓީގެ ކެމްޕަސް ތަރައްޤީ ކުރުމެވެ. މި ބޭފުޅުން ވިދާޅުވީ، ތިނަދޫ ރައްޔިތުންނަކީ ރައީސް ނަޝީދަށް އެންމެ ބޮޑަށް ތާއީދުކުރައްވާ ފަރާތްކަން ރައީސްއަށް އެނގިވަޑައިގަންނަވާނޭ ކަމަށެވެ. ސިޔާސީ ފަރާތްތަކާއެކު މަސައްކަތް ކުރުމުގައި، އަޅުގަނޑު ގެންގުޅުނު ފަލްސަފާއަކީ، ޔުނިވަރސިޓީގެ މަޞްލަޙަތު ވާކަމެއް ނަމަ، %100 އެއްބާރުލުން އެ ފަރާތަކަށް ދިނުމެވެ.

އެ ދުވަހުގެ ބައްދަލުވުމުން އެނބުރިއައުމަށް ފަހު، އަޅުގަނޑު ރޭޑިއޯ ޚިޠާބުގެ ޑްރާފްޓެއް ލިޔެ، މިކަމާ ބެހޭ ރައީސް އޮފީހުގެ މުވައްޒަފު ޙުސައިން ޢާމިރަށް ފޮނުވީމެވެ. އެ ޚިޠާބު ރައީސް ނަޝީދުގެ އަޑުފުޅުން ތިރީގައިވާ ވީޑިއޯއިން އައްސަވާށެވެ. ރައީސް ނަޝީދު އެ ޑްރާފްޓަށް މާބޮޑު އުނިއިތުރެއް ގެންނަވާފައެއް ނުވެއެވެ. ޚިޠާބުގައި އެ މަނިކުފާނު ވިދާޅުވަނީ މެޑިކަލް ސްކޫލެއް ރާއްޖޭގައި ޤާއިމްކުރުމުގެ ބޭނުންެތެރިކަމުގެ ވާހަކައެވެ. އެ ވާހަކަފުޅުގައި އަޅުގަނޑާއި ޙުސައިން ޙަލީމްގެ ނަން ގެންނަވާފައިވަނީ އަޅުގަނޑު ލިޔެގެންނެއް ނޫނެވެ.

2011 ވަނަ އަހަރުގެ ޖުލައި މަހުގެ 10 ވީ އާދިއްތަ ދުވަހުގެ ރެޔަކީ، ދިވެހިރާއްޖޭގެ ތަޢުލީމީ ތާރީޚްގައި ފާހަގަކޮށްލެވޭނޭ ރެއެކެވެ. ތަހުޒީބާއި ތަމައްދުންގެ ވިދުވަރެއް، ތަޢުލީމީ އުދަރެހަށް ފޭއްދި ރެއެކެވެ. އެ ރެޔަކީ، އޭގެ ދެތިން މަސް ދުވަސް ކުރިން އުފެދުނު ދިވެހިރާއްޖޭގެ ފުރަތަމަ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ކަމަށް ކުރިމަތިލައި، ކުރިއަށް އޮތް ފަސް އަހަރުގެ ތަޞައްވުރެއް، ޔުނިވަރސިޓީގެ ހުރިހާ މުވައްޒަފުންނަށް އަޅުގަނޑު ހުށަހެޅި ރެއެކެވެ. ކުރަން ނިންމި ކަންތައްތަކުގެ ތެރެއިން މިތާނގައި ފާހަގަ ކޮށްލާ އެންމެ މުހިއްމު ދެކަމަކީ، ކުރިއަށް އޮތް ފަސް އަހަރުދުވަހުގެ ތެރޭގައި ޑޮކްޓަރ އޮފް ފިލޯސަފީ (ޕީ.އެޗް.ޑީީ) ދަރިވަރެއް ދަސްވެނިކުރުމާއި މެޑިކަލް ސްކޫލެއް ޤާއިމްކުރުމެވެ. މިގޮތުގެ މަތިން ދެއްކި ވާހަކައިގެ ވީޑިއޯއެއް އަޅުގަނޑުގެ އަތުގައި ވެއެވެ.

ފުރަތަމަ ކަމަށް ވުރެ، ދެވަނަ ކަމަކީ ހުރިހާ ގޮތަކުން ވެސް ދަތިކަމެކެވެ. ގޮންޖެހުންތައް ގިނަ ކަމެކެވެ. ނަމަވެސް، ޤައުމަށް ވަރަށް މުހިއްމު ކަމެކެވެ. ވައިސް ޗާންސެލަރ ކަމަށް އިންތިޚާބުވިތާ ތިން މަސް ވީތަނާ، 7 ފެބްރުއަރީ 2012 ގައި، ރައީސް ނަޝީދުގެ ސަރުކާރު ބަދަލުވެ، ރައީސް ވަޙީދު، ރައީސްކަމަށް ހުވާކުރައްވައިފިއެވެ. ރައީސް ވަޙީދު ޔުނިވަރސިޓީގެ ޗާންސެލަރ އަކަށް ޢައްޔަނުކުރެއްވީ ގިނަ އަހަރުތަކެއް ވަންދެން ތަޢުލީމީ ދާއިރާގައި ވަޒީފާއަދާ ކުރެއްވި މުޙައްމަދު ޒާހިރު ޙުސައިނެވެ.

ރައީސް ނަޝީދުގެ ދައުރުގައި، ލާމު އަތޮޅު ގަމުގައި 150 ހެކްޓަރުގެ ބިމާއި ހޮސްޕިޓަލާއި ސްކޫލާއި އެހެނިހެން ތަންތަންދީގެން، ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން މެޑިކަލް ކޮލެޖެއް ޤާއިމްކުރުމުގެ ކަމެއް، އިންޑިއާގެ ބަޔަކާ ގުޅިގެން ކުރިއަށް ގެންދިއުމުގެ މަޝްރޫޢެއް ހިންގިއެވެ. މި އިންޑިއާގެ މީހުންވީ، އިޚްލާޞްތެރިކަމެއް ނެތް ބަޔަކަށެވެ. ބިން އޮތްގޮތަށް އޮއްވާ، ކޯސް ހިންގުމުގެ ހެއްދަ، ކޮލިފިކޭަޝަން އޮތޯރިޓީއިން ހޯދަން އުޅުނެވެ. އެއްބަސްވުމުގެ މުއްދަތުގައި އެއްވެސް ޢަމަލީ ކަމެއް ނުހިނގައެވެ.

މެޑިކަލް ސްކޫލްއެއް ޤާއިމްކުރުމާ ބެހޭ ކޮންސަލްޓަންސީ


މެޑިކަލް ސްކޫލެއް ޤާއިމްކުރަން ކުރަންޖެހޭ އެންމެ ފުރަތަމަ ކަމަކީ، އެއީ ކުރެވިދާނޭ ކަމެއްތޯ އާއި އަޅަންވީ ފިޔަވަޅުތަކާ ބެހޭ ގޮތުން، ކަމުގެ ތަޖުރިބާ ހުރި ފަރާތެއް ލައްވައި، ދިރާސާއެއް ކުރުވުމެވެ. މި ޝަރުޠަށް ފެތޭ އެއްވެސް ފަރާތެއް ރާއްޖޭގައި ނެތުމުންނާއި ބޭރު ފަރާތަކުން ރާއްޖޭގެ މަންޒަރު އައު ގޮތަކަށް ފެންނާނެތީ އާއި ދިވެހި ތަޢައްޞުބުތަކުން ކޮންމެވެސް ވަރަކަށް މިނިވަންވެގެން ވާނެތީ، ނިންމިގޮތަކީ ބައިނަލްއަޤްވާމީ ކޮންސަލްޓަންސީއަކަށް އިޢުލާނު ކުރުމެވެ. ކޮންސަލްޓަންޓް ކުރަންޖެހޭ ކަންތައްތައް (ޓާރމްސް އޮފް ރެފަރަންސް—ޓީއޯއާރު) ލިއުނީ އަޅުގަނޑެވެ. ތިރީގައިވާ ފޮޓޯއަށް އޮބާލުމުން މި ޓީއޯއާރު ޑައުންލޯޑު ވާނެއެވެ. ދެމީހަކު ކުރާގޮތަށް ހަމަޖެއްސި މަސައްކަތުގައި، އެކަކު ވާންޖެހޭނީ މެޑިކަލް ސްކޫލެއްގެ ޑީން އެއްކަމަށް ކަޑައެޅީމެވެ. މަޤްޞަދަކީ، އެ ތަނަކާ ފަހުން ގުޅިގެން އިތުރު ކޮންސަލްޓަންސީތައް ކުރިއަށް ގެންދިއުމެވެ.

މިހާ ހިސާބުން މި މަޝްރޫޢު ހިންގުން ޙަވާލުކުރެވުނީ މަޝްރޫޢުތަކާ ބެހޭ ޑެޕިއުޓީ ވައިސް ޗާންސެލަރ ޙުސައިން ޙަލީމް އާއެވެ. އޭނާ އާއި އަޅުގަނޑު، ވަރަށް ގިނަ ޤައުމުތަކުގެ ޔުނިވަރސިޓީ ގްރާންޓްސް ކޮމިޝަން ތަކާއި ވަކި ވަކި ޔުނިވަރސިޓީތަކަށް ކޮންސަލްޓަންސީ އާ ބެހޭ ބިޑް ފޮނުވީމެވެ. އެދެވޭ ޖަވާބެއް ލިބުނު ފަރާތްތަކުގެ ތެރެއިން، ޓެންޑަރތައް ވަޒަންކުރި ފަރާތުން ހޮވީ ސްރީ ލަންކާގެ ޔުނިވަރސިޓީ އޮފް ޕެރެދެނިއާގެ ފެކަލްޓީ އޮފް މެޑިސިންގެ ޑީން ހުށަހަޅާފައިވާ ބިޑެވެ. މި ޑީންގެ ނަމަކީ ޕްރޮފެސަރ ލަމަވަންސާ އެވެ. އޭނާގެ ބައިވެރިއަކީ ރާއްޖޭގެ ރިޒޯޓެއްގެ މެޑިކަލް އޮފިސަރެއްގެ މަޤާމު އަހަރެއް ވަންދެން އަދާކޮށްފައިވާ، ޕެރެދެނިޔާ ޔުނިވަރސިޓީގެ ފޮރެންސިކް މެޑިސިން ޑިޕާރޓްމަންޓްގެ އިސްވެރިއެކެވެ.

ޕެރެދެނިއާ ޔުނިވަރސިޓީ ގެ ފެކަލްޓީ އޮފް މެޑިސިންގެ ޑީން މި ކަމަށް ހޮވުމުން އެކަމާ އަޅުގަނޑުމެން ވަރަށް ހިތްހަމަ ޖެހުނެވެ. އޭޝިއާގައި އުފެދުނު ހުޅަނގު ބޭސްވެރިކަމުގެ އެންމެ ފުރަތަމަ ތަނަކީ ފަރަންސޭސީން ޕޮންޑިޗެރީގައި 1823 ވަނަ އަހަރު އުފެއްދި  އެކޮލް ޑި މިޑްސިން ޑި ޕޮންޑިޗެރީއެވެ. އިނގިރޭސިބަހުން ކިޔަވައިދޭން އެންމެ ފުރަތަމަ އުފެއްދި ތަނަކީ ބެންގޯލްގައި (ބަންގާޅުގައި) 1835 ވަނަ އަހަރު އުފެއްދި މެޑިކަލް ކޮލެޖެވެ. ޕެރެދެނިއާގެ މީހުން ބުނިގޮތުގައި، އިނގިރޭސިބަހުން އަހުލުވެރިންނަށް މެޑިސިން ކިޔަވައިދޭން އޭޝިއާގައި ފުރަތަމައަށް އުފެއްދި ތަނަކީ ސިލޯނުގައި ޤާއިމްކުޅަ ޕެރެދެނިއާ ޔުނިވަރސިޓީ ގެ މަންމަ ކޮލެޖެވެ. އެއީ 1870 ގައި އުފެއްދި ކަލަމްބޯ މެޑިކަލް ކޮލެޖެވެ. ފަހުން ނަން ބަދަލުކުރީއެވެ. ސިލޯނުގައި އެންމެ ނަން މަޝްހޫރީ ޕެރެދެނިއާ އެވެ. އަދި އެކި މެޑިކަލް ސްކޫލްތަކުގެ މެދުގައި ބާއްވާ މެޑިކަލް އެޑިޔުކޭޝަންގެ މުބާރާތްތަކުން އެއްވަނައަށް ގިނަ ފަހަރު އަންނަނީ ވެސް ޕެރެދެނިއާ އެވެ. ޕްރޮފެސަރ ލަމަވަންސާ އަކީ ވެސް އާދަޔާ ޚިލާފު ޝަޚްޞިއްޔަތެކެވެ. އެމް.ބީ.ބީ.އެސް ހެދުމަށްފަހު، އެމް.އެސް ހަދައި އެ ފަހުން ޔުނިވަރސިޓީ އޮފް ވެސްޓަރން އޮސްޓްރޭލިއާގައި ޕީ.އެޗް.ޑީ ހެދި ފަރާތެކެވެ. މި ފަހު ޑިގްރީއަކީ މެޑިކަލް ޑޮކްޓަރުން ޢާއްމުކޮށް ނުހަދާ ޑިގްރީއެކެވެ. އޭނާ ބުނި ގޮތުގައި، މުޅި ސްރީ ލަންކާގައި ވެސް ކުޑަކުދިންގެ ކިޑްނީ ބަދަލު ކުރުމުގެ އޮޕަރޭޝަން ކުރަނީ ހަމައެކަނި އޭނާ އެވެ. އޭނާއަކީ އެ ފެކަލްޓީގެ ޑީންގެ އިތުރަށް ޕްރޮފެސަރ އޮފް ސާރޖަރީ އެވެ.

އެއް މަސްދުވަހުގެ މި ކޮންސަލްޓަންސީގައި، ރާއްޖޭގެ މައިގަނޑު ހޮސްޕިޓަލްތަކަށާއި، ބައެއް ރަށު ކްލިނިކްތަކަށް ކޮންސަލްޓަންޓުން ޒިޔާރަތްކޮށް، ގިނަ މަޢުލޫމާތުތަކެއް އެއްކުރިއެވެ. މީގެ އިތުރަށް، ރާއްޖެއަށް ޢާއްމު ބަލިތަކާއި، މީހުން ހޮސްޕިޓަލްތަކަށް ޒިޔާރާތް ކުރާ ސަބަބުތައް ދެނެގަތެވެ. ހޮސްޕިޓަލްތަކުގައި ކުރެވޭ އޮޕަރޭޝަންތަކުގެ މަޢުލޫމާތު އެއްކުރިއެވެ. އަދި ފެކަލްޓީ އޮފް ހެލްތު ސައިންސަސް ގައި ކިޔަވައިދިނުމަށް ހުރި ވަސީލަތްތައް ކޮންސަލްޓަންޓުން ތާވަލުކުރިއެވެ. ސަރުކާރުގެ ޝައުޤުވެރިކަން މިކަމަށް އޮތްވަރު ހާމަކުރުމަށް، ސިޔާސީ ބޭފުޅުންނާ ބައްދަލުކުރުންތައް ހަމަޖެއްސީމެވެ. މީގެ ތެރޭގައި، ހެލްތު ދާއިރާގެ ވަޒީރާއި ތަޢުލީމީ ދާއިރާގެ ވަޒީރު ހިމެނެއެވެ. އަދި، މި ކޮންސަލްޓަންޓުން އޭރުގެ ނާއިބް ރައީސަކަށް ހުންނެވި (ޑރ) މުޙައްމަދު ޖަމީލާ ބައްދަލުކުރުމެއް ހަމަޖެއްސީމެވެ. މި ބައްދަލުވުމަށް ދިޔަ ފަރާތްތައް ތިރީގައިވާ ފޮޓޯގައި އެވަނީ އެވެ.

މި ބައްދަލުވުމުން އަޅުގަނޑު ހަނދާނުގައި ހުންނަ ތިން ކަމެއް، ކިޔުންތެރިންނަށް ކޮށްފާނެ މަންފާއަކަށްޓަކައި މި ދަންނަވާލަނީ މިކަންކަމުގައި ޢިބްރަތްތައް ހިމެނޭތީއެވެ. ފުރަތަމަ ކަމަކީ މުޙައްމަދު ޒާހިރު، ރައީސް ޔާމީނު ގެ އަރިއަހަށް އެޕޮއިންޓްމަންޓަށް ވަޑައިނުގަންނަވާ  ކަހަލަ ގޮތަކަށް ކަންތައްތައް ހަމަޖައްސަން ވިދާޅުވިކަމަށް އެ ބައްދަލުވުމުގައި ޖަމީލް ވިދާޅުވި ވިދާޅުވުމެވެ. ދެވަނަ ކަމަކީ، ބައްދަލުވުމަށް އެދި، އެޖަލްސާގެ ބޭނުމާއި ކޮންސަލްޓަންޓުންނަކީ ކޮންބައެއްކަމާއި މިއީ ކިހިނެއް ހިނގާ ކަމެއްކަން ބަޔާންކޮށް ޖަމީލްގެ ސެކްރެޓަރީ އަކަށް ހުންނެވި (ޑރ) ޙުސައިން ފާއިޒަށް ނޯޓެއް ފޮނުވި ކަމުގައި ވިއަސް، އެ ބައްދަލުވުމުގައި، ޖަމީލްއަށް ހީފުޅުވެފައި އޮތީ، އަދި ވާހަކަފުޅު ދެއްކެވީ ރާއްޖެއާ ނުގުޅޭ ބަޔަކު ވިޔަފާރީގެ އުޞޫލުން މެޑިކަލް ސްކޫލެއް ޤާއިމްކުރަން އުޅެނީކަމަށެވެ. ތިންވަނަ ކަމަކީ، މިބައްދަލުވުމުގައި 15 ވަރަކަށް މިނެއްޓު ވަންދެން އެއްވެސް ބަސްފުޅެއް ވިދާޅުނުވެ ޖަމީލް  އިންނެވި އިންނެވުމެވެ. ޔުނިވަރސިޓީއިން ދިޔަ ފަރާތްތައް ތިބީ  މި ޙުރުމަތް ލިބިގެންވާ ކޮންސަލްޓަންޓުން މި ބައްދަލުވުމަށް ގެންދެވުނީތީ މޮޔަ ހިތަށް އަރާފައެވެ. ޖެހިގެން އައި ދުވަހު، ޒާހިރު ވަޑައިގެން އަޅުގަނޑުމެންނާ އެކު ބޭއްވި މަޝްވަރާއެއްގައި، ޖަމީލަކީ ރަށު ބޭފުޅެއްކަމާއި، މެލޭޝިއާގައި ހުންނެވި އިރު ރައްޓެހިފުޅުކަމާއި ޢަމަލުތައް ބަހައްޓަން ޖެހޭ ގޮތާ ބެހޭ ގޮތުން ނަޞޭޙަތް ދެއްވާނެކަމަށް ވިދާޅުވިއެވެ.

ދުވަސްވަރަކީ 2014 ވަނަ އަހަރުގެ ފަހު ކޮޅެވެ. ރައީސް ޔާމީންގެ ދައުރެވެ. އުދަރެސްމަތިން އުފައްދަމުން އަންނަ ބޯ ވިއްސާރަ ވިލާގަނޑެއް ޔުނިވަރސިޓީގެ އިސްވެރިންނަށް ފެންނަމުން ދެއެވެ. އަޅުގަނޑު ގަޞްދުކުރީ، ކޮންސަލްޓަންޓުންގެ ރިޕޯޓް ވަރަށް ރަގަނޅު ފެންވަރެއްގައި ޗާޕުކޮށް، ކަމާބެހޭ ހުރިހާ ފަރާތްތަކަށް ބެހުމަށެވެ. މިކަމުގެ ބޭނުމަކީ، ކޮންމެ ފަދަ ކަމެއް ކުރިމަތި ވިއަސް، މެޑިކަލް ސްކޫލް ޤާއިމްކުރުމުގެ މަޝްރޫޢު އެތައް ބައެއްގެ ހަނދާނުގައި ބިންވަޅުނެގުމާއި އެ މަޝްރޫޢު ކުރިއަށް ގެންދަން މަޖުބޫރުވާ ކަހަލަ ގޮތެއް ހެދުމެވެ. ކޮންސަލްޓަންޓުންގެ ރިޕޯޓް ”އިންޑިޒައިން“ އިން ލޭއައުޓް ހެދީ އަޅުގަނޑެވެ. ޗާޕުކުރީ އާރޓް (ކޯޓަޑް) ކަރުދާހުގައި، މީގެ ކުރިން ރިޕޯޓެއް ޝާއިޢުކޮށްފައި ނުވާހާ ފެންވަރު ރަނގަޅަށެވެ. އެ ރިޕޯޓް ޗާޕުކުރުމަށް ފަހު އެތައް ފަރާތަކަށް ފޮނުވީމެވެ. ތިރީގައިވާ ފޮޓޯއަށް އޮބާލުމުން، އެ ރިޕޯޓް ޑައުންލޯޑް ވާނެއެވެ.

ކޮންސަލްޓަންޓުންގެ ރިޕޯޓްގައި، މެޑިކަލް ސްކޫލެއް ޤާއިމްކުރާއިރު، ބޭރު ފަރާތަކާ ގުޅޭނޭ ތިންގޮތެއް ހުށަހަޅާފައި ވެއެވެ. އެއްގޮތަކީ، ބޭރު ޔުނިވަރސިޓީއެއްގެ ގޮތްޕެއްގެ ގޮތުގައި ތަން ޤާއިމްކުރުމެވެ. ދެވަނަ ގޮތަކީ ބޭރު ފަރާތަކުންނާއި ރާއްޖެ އާ ގުޅިގެން، ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް އެއްގެ ގޮތުގައި މެޑިކަލް ސްކޫލް ޤާއިމްކުރުމެވެ. ތިން ވަނަ ގޮތަކީ، ޤައުމީ ޔުނިވަރސިޓީއިން ބޭރުގެ ޔުނިވަރސިޓީއަކާ ގުޅިގެން އެކަން ކުރުމެވެ. މިތިން ގޮތުން ކުރެން، މެޑިކަލް ސްކޫލްއާ ބެހޭ ކޮމިޓީއިން ނިންމީ އެންމެ ފައިދާބޮޑީ ތިންވަނަ ގޮތުގައި ކަމަށެވެ. ތިންގޮތުގެ ކުރެހުމެއް ތިރީގައި އެވަނީ އެވެ.

ކަރިކިޔުލަމް އެކުލަވާލުން


ކޯހެއްގެ ކަރިކިޔުލަމް އެކުލަވާލުމުގެ އެންމެ ފުރަތަމަ ފިޔަވަޅަކީ، ކޯހުގެ މަޤްޞަދާއި ކޯސް ނިންމާ ދަރިވަރުންގެ ކިބައިގައި ހުންނަން ޖެހޭ ސިފަތައް ކަނޑައެޅުމެވެ. މިކަން ވަނީ، މޯލްޑިވްސް މެޑިކަލް ކައުންސިލުން، ރާއްޖެއިން ބޭރުން ކިޔަވައިގެން އަންނަ ޑޮކްޓަރުންނަށް އިމްތިޙާނެއް ދިނުމަށްޓަކައި ކަނޑައަޅާފައެވެ. މިބައިތައް ހިމެނޭ ލިޔުން ލިޔެފައިވަނީ، ނޭޕާލްގެ މެޑިކަލް ކައުންސިލްގެ ކޮންސަލްޓަންޓުންނާއި ދިވެހީން ވެގެންނެވެ. ދެން އޮތް ކަމަކީ، މި ލިޔުން މިހާރުގެ ޙާލަތާއި ކިޔަވައިދިނުމުގެ ބޭނުމަށް ފެއްތުމަށްޓަކައި މުރާޖަޢާ ކުރުމެވެ. މިކަން ކުރުމަށް، މެޑިކަލް ކައުންސިލާއި ޔުނިވަރސިޓީ އާއި ކަމުގެ އެހެން ޙިއްޞާދާރުންނާއެކު ބައްދަލުވުންތަކެއް ބޭއްވުނެވެ. އެއްބަސްވި، ލިޔުން ތިރީގައިވާ ފޮޓޯއަށް އޮބާލުމުން ޑައުންލޯޑް ވާނެއެވެ.  ލިޔުމުގައިވާ ފަދައިން މިކަން ނިންމާފައިވަނީ 16 ޖޫން 2015 ގައެވެ.

އެމް.ބީ.ބީ.އެސް ކަރިކިޔުލަމްގެ މައިގަނޑު ތިންބާވަތެއް ވެއެވެ. އެއީ މާއްދާތަކަށް ބަހާލެވިފައިވާ ކަރިކިޔުލަމް އާއި، ހަށިގަނޑުގެ އެކި ބައިތަކާއި ތަފާތު ނިޒާމުތަކަށް ބަހާލެވިފައިވާ ކަރިކިޔުލަމް އާއި، އެކި ބަލިތަކާއި މައްސަލަތަކަށް ބަހާލެވިފައިވާ ކަރިކިޔުލަމް އެވެ. މި ތިންބާވަތުގެ ތެރެއިން، ރާއްޖޭގެ ވެއްޓާއި ޙާލަތަށް ބަލައި، މެޑިކަލް ސްކޫލްއާ ބެހޭ ކޮމިޓީއިން ނިންމާފައިވަނީ މާއްދާތަކަށް ބަހާލެވިފައިވާ ކަރިކިޔުލަމް އަކީ ރާއްޖެއާ މިވަގުތު އެންމެ އެކަށީގެންވާ ކަރިކިޔުލަމް ކަމަށެވެ. މިއީ ގިނަ ދިވެހީން މެޑިސިން ކިޔެވިގޮތް މެއެވެ.

މަތީގައި ބަޔާންކުރެވުނު ކަރިކިޔުލަމް ލިޔުމުގައި ވަނީ ހަމަ އެކަނި ކަރިކިޔުލަމްގެ އަސާސްތަކެވެ. އެމް.ބީ.ބީ.އެސް ކޯހުގައި ކިޔަވައިދޭ ކޮންމެ މާއްދާއަކާއި އެ މާއްދާއެއްގެ މަޤްޞަދުތަކާއި ވަކި ފިލާވަޅުތަކުގައި ހިމެނޭ ބައިތަކާއި ޕްރެކްޓިކަލްތަކާއި ޓެސްޓްތަކާއި މިފަދަ ހުރިހާ އެއްޗެއް އެކުވެގެން ހިމެނޭ ލިޔުމަކީ ފުރިހަމަ ކަރިކިޔުލަމް ލިޔުމެވެ. މިއީ ގާތްގަޑަކަށް 1000 ވަރަކަށް ޞަފުހާގެ ލިޔުމެކެވެ. މި ލިޔުން ލިޔުމަށް ޤަޞްދުކުރެވިފައިވަނީ ކޮންސަލްޓަންސީ އެއްގެ ތެރެއިންނެވެ. ޕެރަދެނިޔާގެ މެޑިކަލް ފެކަލްޓީ އިން މި ކޮންސަލްޓަންސީ އާ ކުރިމަތިލުމަށް ޝައުޤުވެރިކަން ހާމަކޮށްފައި ވެއެވެ. ނަތީޖާއަކަށް ވާނީ އެތަނުގެ އެކި މާއްދާތައް ކިޔަވައިދޭ ލެކްޗަރަރއިން ކިޔަވައިދިނުމަށް ބޭނުން ކުރާ ހުރިހާ ލިޔެކިޔުމެއް ޔުނިވަރސިޓީއަށް ލިބުމެވެ. މެޑިކަލް ތަޢުލީމު ދޭތާ ވީ 150 ވަރަކަށް އަހަރުގެ ތަޖުރިބާ އާއެކުއެވެ. ކަން ދިމާވާ ގޮތަކުން މާއްދާއެއް ކިޔަވައިދޭނޭ ޑޮކްޓަރެއްގެ މައްސަލައެއް މެދުވެރިވިއަސް، ޕެރަދެނިޔާއިން ފަސޭހަކަމާއެކު މުދައްރިސެއް ކުއްޔަށް ހިފުމުގެ ފުރުޞަތު ފަސޭހަވެގެން ދާނެއެވެ.  ޑަބްލިޔޫ.އެޗް.އޯ އިންނާއި އެހެނިހެން ތަންތަނުން ތަފްޞީލު ކަރިކިޔުލަމްތައް އެކުލަވައިލާފައި ވެއެވެ. މިސާލެއްގެ ގޮތުން މިއޮތީ ވެސް 380 ޞަފުޙާގެ އެމް.ބީ.ބީ.އެސް ކަރިކިޔުލަމެކެވެ. ނަމަވެސް އަޅުގަނޑު ބޭނުންވާ ތަފްޞީލުތަކެއް މި ލިޔުމަކުވެސް ނުވެއެވެ. ތަފްޞީލު ގިނަ ކަރިކިޔުލަމެއް އޮތުމުން، މުދައްރިސަށް ކިޔަވައިދޭން ފަސޭހަވުމާއެކު، ކިޔަވާ ދަރިވަރުންނަށް އެނގެންޖެހޭނޭ ތަކެތި ސާފު ވެއެވެ.

ޢިމާރާތާއި ކިޔަވައިދޭން ބޭނުންކުރާ ތަކެތި ހޯދުން


މެޑިކަލް ސްކޫލް ޤާއިމްކުރުމުގެ ގޮތުން، ޕެރަދެނިޔާ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް މެޑިސިންގެ ވަސީލަތްތަކާއި ކިޔަވައިދިނުމުގެ އާލަތްތައް ދެނެގަތުމަށް ޒާހިރު ޙުސައިންގެ އެދިވަޑައިގަތުމަށް ކެންޑީއަށް ދަތުރެއް ކުރީމެވެ. މި ދަތުރުން ވަރަށް ގިނަ މަޢުލޫމާތު ތަކެއް ލިބުނެވެ. ރާއްޖޭގައި މިކަން ކުރެވިދާނެކަމުގެ އިތުބާރު ބޮޑުވެގެން ދިޔައެވެ.

ސައިންޓިފިކް ވަސީލަތްތަކުގެ ތެރެއިން، ފުރަތަމަ އަހަރަށް ބޭނުންވާ ގިނަ ތަކެތި، ފެކަލްޓީ އޮފް ހެލްތު ސައިންސަސް ގައިވާ ކަމަށް ކޮންސަލްޓަންޓުން ފާހަގަ ކުރިއެވެ. އެންމެ ބޮޑު މައްސަލައަކަށް ވާނީ، ފުރަތަމަ އަހަރު (އިންސާނާގެ ހަށިގަނޑާއި އޭގެ އެތުރުމުގެ ޢިލްމު) އެނެޓޮމީ ކިޔަވައިދޭން ބޭނުންކުރާ މަރުވެފައިވާ މީހުންގެ ހަށިތަކެވެ. ޤަބުރެވެ. ނުވަތަ އިނގިރޭސިބަހުން ނަމަ ކެޑެވަރ އެވެ. ޕެރެދެނިޔާގައި ހުންނަނީ ދިހަ ވަރަކަށް ފޫޓު އުސްމިނުގައި، ބިމުގެ އަޑީގައި ވަށައިގެން ތަށިމުށި ޖެހި ބޮޑު ޓޭންކެއް ހަދައި، ކުނިނުވާ ބޭހެއް (ފޯމަލީން) އަޅައި ހަށިތައް އެލުވާފައެވެ. ޕްރޮފެސަރުން ބުނި ގޮތުގައި، ހަށިތައް ހޯދުމުގައި އެއްވެސް ދައްޗެއް ނުވެއެވެ. މަރުވުމުން ހޮސްޕިޓަލްތަކަށް ހަށިތައް ދޫކޮށްލާ އެތައް ބައެއް އުޅެއެވެ. ފުރަތަމަ އަހަރު ކޮންމެ ހަތަރު ކުއްޖަކަށް ފަޅައި ދަސްކުރުމަށް ކެޑެވަރއެއް ދެއެވެ. ރާއްޖޭގައި މިކަން ކޮށްފިނަމަ، ދިމާވާނޭ މައްސަލަތަކާ މެދު މެޑިކަލް ސްކޫލްއާ ބެހޭ ދިވެހި ޑޮކްޓަރުންގެ ކޮމިޓީއަށް ހުށަހެޅުމުން އެމީހުންގެ ތެރެއިން ކުރިއަރާފައިވާ ޤައުމުތަކުން ކިޔެވި ޑޮކްޓަރުން ބުނީ އެމީހުންވެސް އުނގެނުމަށް ފުރަތަމަ އަހަރު ކެޑެވަރ ބޭނުން ނުކުރާ ކަމަށެވެ. ޕެރެދެނިޔާގެ މީހުން ބުނިގޮތުގައި، ސިންގަޕޫރުގެ ޕްރައިވެޓް މެޑިކަލް ކޮލެޖެއްގެ ދަރިވަރުން ކެޑެވަރ ފަޅައި ތަޖުރިބާ ކުރުމަށް އެ ޔުނިވަރސިޓީއަށް ދެތިން ހަފުތާއަށް އަންނަކަމަށެވެ. އިތުރު ދިރާސާތަކުން އެނގުނީ، އެންމެ ފަހުގެ ކިޔަވައިދިނުމުގައި ބޭނުންކުރަނީ، ބޮޑު ދެ (މޮނިޓަރ) ޓީވީ ދިގުކޮށް ޖައްސައި މޭޒެއް ފަދަ އެއްޗެއްގައި ބާއްވައި، ފޮޓޯ ދައްކައިގެން ކަމެވެ. މިއީ ޓަޗް ސްކްރީން އެއް ހިމެނޭ އެއްޗެކެވެ. ދެން މީހެއްގެ ހަށިގަނޑެއް އަތުން ބައިބަޔަށް، ޅިޔަޅިޔައަށް ރޫޅާލާ އެކި ނިޒާމްތައް ފެންނަގޮތަށް، ޤަބުރެއްގެ ހަށިގަނޑަށް ވުރެ މާ ސާފުކޮށް ދެއްކޭ ކަމަށެވެ. މިއަށް އެމީހުން ކިޔަނީ ”އެނެޓޮމީ“ އާއި ”އިމޭޖް“ އެއްކޮށްލައިގެން ހަދައިފައިވާ ބަހެއް ކަމުގައިވާ އެނެޓޮމޭޖްއެވެ. މި ނިޒާމުގެ ވީޑިއޯއެއް މި ޖުމުލައަށް ކްލިކްކޮށްލައްވަނިކޮށް ފެނިވަޑައިގަންނަވާނެއެވެ. ދެވަނައަށް ކުރިއަރާފައިވާ ޤައުމުތަކުގައި ބޭނުންކުރަނީ، މައިކްރޯސޮފްޓް އިން ތައްޔާރުކޮށްފައިވާ ހޯލޯލެންސް ކިޔާ ނިޒާމެކެވެ. މި ނިޒާމުގައި މޫނުމައްޗެއް އެޅުމުން ހަށިގަނޑެއް ފެނި އެއިން ބައިބައި ވަކިކޮށް ނިޒާމްތައް ދައްކާ ހެދެއެވެ. މި ނިޒާމާބެހޭ ވީޑިއޯއެއް މި ޖުމުލައަށް ކްލިކްކޮށްލައްވަނިކޮށް ފެނިވަޑައިގަންނަވާނެ އެވެ. ނަމަވެސް ހޯލޯލެންސް އަށް ވުރެ ޢާއްމުކޮށް ބޭނުން ކުރަނީ ޙަޤީޤީ ޤަބުރުގެ ފެނާއި ސަރުބީ ހުންނަ ބައިތައް ޕްލާސްޓިކަށް ބަދަލުކޮށްގެން ކުނި ނުވާ ގޮތް ހަދައިފާ ހުންނަ ގުނަވަންތަކެވެ. މިއީ ޙަޤީޤީކުލަތަކާއެކު އަތްލެވޭ ނަމަވެސް ކުނިނުވާ، ވަހެއް ނުދުވާ، ފޯމަލީން ބޭނުންނުވާ ތަކެއްޗެވެ. ތިރީގައިވާ ފޮޓޯގައި އެވަނީ މިގޮތް ހަދައިފައިވާ ހަށިގަނޑެއް ދިގަށް ފަޅާލާފައެވެ.

އެމް.ބީ.ބީ.އެސް އަށް ބޭނުންވާ އެހެން ސާމާނު

ކޮންސަލްޓަންޓުން، މެޑިކަލް ފެކަލްޓީގެ އެކި ޑިޕާޓްމަންޓްގެ ވެރިންނަށް އަންގައިގެން، ތިރީހަކަށް ކުދިންނަށް ކިޔަވައިދޭން ބޭނުންވާނޭ ސާމާނުގެ ލިސްޓެއް ތައްޔާރުކޮށްދިނެވެ. މީގައި، އެތައް އަހަރެއްގެ ތަޖުރިބާއަށް ބިނާކޮށް، ކޮންމެހެން ކިޔަވައިދޭން ބޭނުންވާނޭ ތަކެތި ހިމަނާފައި ވެއެވެ. މި ޖުމުލައަށް ފިއްތަވާލައްވަނިކޮށް މި ލިސްޓް ފެނިވަޑައިގަންނަވާނެ އެވެ.

މެޑިކަލް ސްކޫލް ހިންގާނޭ ޢިމާރާތެއް ފަރުމާކުރުން

މި ދަތުރުން ދަސްވި ކަންތައްތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ކަމަކީ، މެޑިސިން ކޯހެއް ހިންގަން އަގުހެވީ ބުރެއްގައި މަދުވެގެން 50 ދަރިވަރުން ތިބުމުން ކަމަށެވެ. މިއަށް ވުރެ ދަރިވަރުންގެ ޢަދަދު ކުޑަ ނަމަ، ޚަރަދު ބޮޑުވެއެވެ. މިހެން ދިމާވާ އެއް ސަބަބަކީ މުދައްރިސުންގެ އަގުބޮޑު ކަމެވެ. ބޭނުންކުރާ ތަކެތީގެ އަގު ބޮޑުކަމެވެ. ކޯހުގެ ދިގުކަމުން، ފުރަތަމަ އަހަރު ކުއްޖެއް މަދުވެއްޖެނަމަ، އެ ގެއްލުން ފަސް އަހަރަށް ދެމިގެން ދެއެވެ. ރާއްޖޭގެ ޙާލަތަށް ބަލާއިރު، ކޮންމެ އަހަރަކު މެޑިސިން ހަދާނެ 30 ކުދިން ވެސް، ރާއްޖޭގެ މެޑިކަލް ކައުންސިލުން ކަނޑައަޅާފައިވާ މިންގަނޑަކުން ނުހޯދޭނެއެވެ. މިއާއެކު، މެޑިކަލް ސްކޫލް ދެމެހެއްޓެނިވި ގޮތެއްގައި، އެތައް ޒަމާނަކަށް ހިންގަން ޖެހެއެވެ. އެހެންކަމުން، ރާއްޖޭގައި މެޑިސިން ކޯސް އަހަރަކު އެއްފަހަރު ފަށާނަމަ، ޖެހޭނީ، 20 ކުދިންގެ ޖާގައަށް ބަލައި ފަރުމާކޮށް، ބާކީވާ ޖާގަތަކަށް ބިދޭސީ ކުދިން ހޯދާށެވެ. އަނެއް ގޮތަކީ، ދެ އަހަރުން އެއް އަހަރު ކޯހެއް ފެށުމެވެ. ފަހު ގޮތަށް ޔުނިވަރސިޓީގައި ކޯސްތައް ހިންގައެވެ. ތިރީގައި އެވަނީ ޕެރަދެނިޔާގެ މެޑިކަލް ފެކަލްޓީގެ ލެބޯރަޓަރީގެ ފޮޓޯއެކެވެ.

ރާއްޖޭގެ ޔުނިވަރސިޓީގެ މާލޭގައި ހުރި ޢިމާރާތްތައް ހުރީ ފުރިފައެވެ. އިތުރު ޖާގަ ލިބެން އޮތީ، ޢިމާރާތްކޮށްގެންނެވެ. މިއާއެކު މެޑިކަލް ސްކޫލްއަކަށް ޚާއްޞަ ޖާގަތަކެއް ބޭނުން ވެއެވެ. ގިނަ ލެބޯރަޓަރީތައް މަދުވެގެން 50 ކުދިންނަށް ބޭނުން ކުރެވޭހާ ބޮޑެވެ. އެކި ޚާއްޞަ ޤުނަވަންތަކާއި ބަލިތައް ޖެހިފައިވާ ގުނަވަންތައް ނުބައިނުވާނޭހެން ރައްކާކޮށްފައިވާ މިޔުޒިއަމް ކިޔާ ދަރިވަރުން ކިޔަވަން ބޭނުން ކުރާ ހޯލްތައް ހުރެއެވެ. ރާއްޖޭގެ ތަންތަން ޢިމާރާތްކޮށްފައި ހުންނަނީ ގާތްގަޑަކަށް 56 އަކަ މީޓަރު ހުންނަހާ ކުޑަކޮށެވެ. 30 ކުދިންގެ ލެބޯރަޓަރީއަކަށް ވެސް މި ޖާގަ ކުޑަވާނެއެވެ. ސްޓާފުން ތިބޭ ކޮޓަރިތަކުގައި، ސިންކެއް ހުރެއެވެ. މިކަންކަމާ ގުޅިގެން، ޤަޞްދުކުރީ، ސޯސަންގޭގެ ދެވަނަ ފިޔަވަހީގެ ޢިމާރާތްތަކުގައި މެޑިކަލް ސްކޫލް ޤާއިމްކުރާށެވެ. އެ ގޭގެ އުތުރަށް ހުރި ޢިމާރާތަށް ވިސްނަވާ ވަޑައިގެންފިނަމަ، އެތަން ފަރުމާ ކޮށްފައިވަނީ މެދުގައި މެދުއައްޗެއް ބޭއްވުމަށްފަހު، އޯ-އަކުރެއްހެން ޢިމާރާތް ކުރުމަށް ކަމަށް ވިސްނިވަޑައިގަންނަވާނެއެވެ. ޢިމާރާތް ތަފްޞީލުކޮށް ކުރަހާފައިވާ އޮޓޯކޭޑް ފައިލެއް އަޅުގަނޑުގެ އަތުގައި ވެއެވެ.

މުވައްޒަފުންނާއި ދަރިވަރުންގެ ޚަރަދުތައް


މުވައްޒަފުންނާއި ދަރިވަރުންގެ ޚަރަދުތައް ހިސާބުކޮށްފައިވަނީ އަޞްލު އަގުތަކަށް ބަލައިގެންނެވެ. ކޯސް ފެށުމަށް ހަމަ ޖެހިފައިވަނީ 2016 ވަނަ އަހަރުއެވެ. އައު ދަރިވަރުންގެ ބުރެއް ނަގާގޮތަށް ހަމަޖެއްސީ، އެކަށީގެންވާ ޢަދަދަށް ކުދިން ނުލިބޭނެތީ ކޮންމެ ދެއަހަރަކުން އެއް އަހަރު އެވެ. ތިންވަނަ ބުރުން ފެށިގެން ބިދޭސީކުދިން ކޯހުގައި ބައިވެރިވާގޮތަށް ހަމަޖެއްސީ ޚަރަދު ކުޑަކުރުމަށެވެ. ތިންވަނަ ބުރާ ހަމައިން ކޯސް ކިޔަވައިދޭންދާ ޚަރަދު ލިބެއެވެ. ތިރީގައި އެވަނީ ޚަރަދުތަކުގެ ތަފްޞީލެވެ. މި ޚަރަދުތަކުގެ ތަފްޞީލީ އެކްސެލް ޝީޓް މި ޖުމުލައަށް އޮބާލައްވަނިކޮށް ފެނިވަޑައިގަންނަވާނެއެވެ.

ފާހަގަ ކުރެއްވޭނޭ ފަދައިން، ކިޔަވައިދޭން ބޭނުންކުރާ ޑޮކްޓަރުން ލައްވާ ކްލިނިކެއް ހިންގާގޮތަށް ހަމަޖެހިފައި ވެއެވެ. އެއީ ޚަރަދުތައް ކުޑަކުރުމަށް ކުރާ ކަމެކެވެ. މި ކްލިނިކުން ކިޔަވައިދޭ މީހުންނަށް ވެސް އާމްދަނީއެއް ލިބޭނެއެވެ. އަދި، މުސްތަޤްބަލްގައި ކިޔަވައިދޭ (ޓީޗިން) ހޮސްޕިޓަލެއް ޤާއިމްކުރުމުގެ ފުރުޞަތު މަތިވާނެއެވެ. މި ހިސާބުަތައް ހަދާފައި ވަނީ، މެޑިކަލް ސްކޫލެއް ހިންގާފައިވާ، އަދި އެފަދަ ތަނެއްގައި ކިޔަވައިިދީފައިވާ އެކެޑެމިކް މުވައްޒަފުން، މަރުކަޒު ފެށޭއިރު  ގެންގުޅުމަށެވެ.

މެޑިކަލް ސްކޫލް ގެ މަސައްކަތް ވަގުތީގޮތުން ހުއްޓުން


ޤައުމީ ޔުނިވަރސިޓީއިން ޤަޞްދުކޮށްފައިވަނީ، މެޑިކަލް ސްކޫލްގެ ބިންގާ، ދިވެހިރާއްޖޭގެ ”މިނިވަންކަމަށް“ 50 އަހަރު ފުރޭ 26 ޖުލައި 2015 ގައި ހ.ސޯސަންގޭގައި އެޅުމަށެވެ. އަދި، އެފް.އެޗް.އެސްގައި 2016 ވަނަ އަހަރުން ފެށިގެން ކޯހުގެ ފުރަތަމަ ބުރު ފެށުމަށެވެ. މިކަމަށް ބޭނުންވާ ފައިސާ އާއި އެހެންކަންކަން ވަނީ ޔުނިވަރސިޓީއިން ރާވާފައެވެ. ރޭވުންތައް ރައީސުލްޖްމުހޫރިއްޔާ، ޢަބްދުﷲ ޔާމީނަށް ހުށަހަޅުއްވަން ވަޑައިގަންނަވަނީ ޗާންސެލަރ ޒާހިރު ޙުސައިނެވެ. އެޕޮއިންޓްމަންޓްގައި ދައްކަވާނޭ ވާހަކަފުޅުގެ ފަސޭހައަކަށް، ލިޔެކިޔުންތައް އޭނާއަށް ތައްޔާރުކުރު ކޮށްދެނީ އަޅުގަނޑެވެ. ހުށަހެޅުންތައް ގެންދަވަނީ އޭ-4 ގަނޑުގައި ކުރެހުމެއްގެ ގޮތުގައި ފަސޭހައިން ދައްކަވާލެވޭ ގޮތަށް ފްލޭޝްކާޑުގެ ގޮތުގައެވެ. ތިރީގައި އެވަނީ މިކަމާ ބެހޭ އެންމެ ފަހު އެޕޮއިންޓްމަންޓް އަށް ވަޑައިގަންނަވަމުން ގެންދެވި ކާޑުތަކެވެ.

މެޑިކަލް ސްކޫލް ޤާއިމްކުރުމަށް ރައީސް އޮފީހުން ކުރިމަގެއް ނުދައްކަވަތެވެ. އަދި، ކޮންސަލްޓަންޓުންގެ ރިޕޯޓްގެ ހުށަހެޅުންތަކާއި މެޑިކަލް ސްކޫލްއާ ބެހޭ ސްޓިއަރިން ކޮމިޓީގެ ނިންމުންތަކަށް ރައީސް އޮފީހުން ދީފައިވަނީ ކުރިބެއްދުމާއި ހުރަސްއެޅުމުގެ އިޖާބަތަކެވެ. މިކަންކަމާ ކޯފާވެގެން ޒާހިރު ވިދާޅުވަނީ ”ވަން ޑޮލަރ — ވަން ޑޮލަރ“ އެވެ. މި ޢިބާރާތުން މާނަ ކުރައްވަނީ އިޖްތިމާޢީ ތަރައްޤީއަށް އިސްކަން ނުދިނުމާއި ފައިސާއިން ނަފާއެއް ނެރެވޭނޭ ކަންކަމަށް ހެސްގަތުމަށް ހުންނަ ޝުޢޫރުކަމަށް އަޅުގަނޑަށް ލަފާކުރެވެއެވެ. 2015 ވަނަ އަހަރުގެ ޖުލައި 26 އަންނަން ދިހަވަރަކަށް ދުވަހަށް ވެފައި އޮއްވައި ވައިސް ޗާންސެލަރ ގެ މަޤާމުން އަޅުގަނޑު އިސްތިޢުފާ ދީފީމެވެ. ސަބަބުތަކާއި ފަސްމަންޒަރު މިފޮތުގެ އެހެން ބާބެއްގައި ވެއެވެ. ދިވެހިރާއްޖޭގައި މެޑިކަލް ސްކޫލެއް ޤާއިމްކުރުމަށް ކުރަންޖެހޭ މައިގަނޑު ރޭވުންތައް ވަނީ ކުރެވިފައެވެ.  [ޕެރެދެނިޔާ އަށް ކުރި ޒިޔާރަތުގައި، އެތަނުގެ ބައެއް ފަރާތްތަކުން ރާއްޖޭގައި ޑެންޓިސްޓްރީ ފެށުމަށް މަސައްކަތް ކުރުމަށް ހުށަހެޅިއެވެ. ޑެންޓިސްޓްރީ އަކީ މެޑިސިންއާ ތިމާގެ ދާއިރާއެކެވެ. ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ޑީން އަކަށް އެދުވަސްވަރު ހުންނެވި ފަރާތަށް، މިކަމަށް ތައްޔާރުވުމަށް ކޮންސަލްޓަންސީއެއް ހޯދުމަށް ފައިސާ ހުރި ވާހަކަ ދެންނެވީމެވެ. ނަމަވެސް، އަޅުގަނޑު ވަކިވި އިރުވެސް، އެކަމާ ބެހޭ ފިޔަވަޅެއް އޭނާ އަޅުއްވާފައެއް ނުވެއެވެ. ޑިޕްލޮމާ ފެންވަރުގެ ޑެންޓިސްޓްރީ ކޯސްތައް ފެށުމަށް ރާއްޖޭގެ މިނިސްޓްރީ އޮފް ހެލުތުން ވެސް ނަޞޭޙަތްތެރި ވެފައި ވެއެވެ.]

އަޅުގަނޑު އިސްތިޢުފާ ދިނުމަށްފަހު، ކަންކަން ހިނގާދިޔަ ގޮތް


ޔުނިވާރސިޓީ އިން އަޅުގަނޑު ވަކިވިއިރު، މެޑިކަލް ސްކޫލްގެ ތަޞައްވުރު ވަނީ ރައްޔިތުންގެ އެތައް ބައެއްގެ ފިކުރުގައި ބިންވަޅު ނެގިފައެވެ. އެތައް ފަހަރަކު އެވާހަކަތައް ޚަބަރު ފަތުރާ ވަޞީލަތްތަކުން ފަތުރާފައި ވެއެވެ. ކަމާ ބެހޭ ގޮތުން ޗާޕުކޮށްފައިވާ ލިޔުންތައް ބެހިފައި ވެއެވެ. ކޯހަށް ވަނުމަށް ޝައުޤުވެރިވާ މީހުން ކޯސް ފެށޭއިރަށް އިންތިޒާރުކުރަމުން ދެއެވެ. މެޑިކަލް ސްކޫލްއަށް ވަނީ ފުރާނައެއް ލިބިފައެވެ. އެހެންކަމުން، އެކަން ކުރިއަށް ނުގެންގޮސް ސަރުކާރަށް އަދި ޔުނިވާރސިޓީއަށް ވާކަށް ނޯންނާނެއެވެ. ދެން ކަންތައްތައް ހިނގާދިޔަގޮތް އޮޅުން ފިލަނީ ނޫސްތަކުންނެވެ.

  1. ޕާކިސްތާނުގެ ޕްރައިމް މިނިސްޓަރ ނަވާޒު ޝަރީފް ރާއްޖެއަށް ކުރެއްވި ޒިޔާރަތެއްގައި، 25 ޖުލައި 2017 ވީ އަންގާރަ ދުވަހު، ރާއްޖޭގައި މެޑިކަލް ކޮލެޖެއް ޤާއިމްކުރުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކުރެއްވިއެވެ. މި ދަތުރުން އެނބުރި ނަވާޒު ޝަރީފް ވަޑައިގަތުމުން، ޕްރައިމް މިނިސްޓަރުކަމުގެ މަޤާމު ގެއްލިވަޑައިގަތެވެ. ދެން ވެރިކަމަށް އައީ އޭނާގެ ޕާޓީއާ އިދިކޮޅު ފަރާތެކެވެ. މައުމޫން ދައުރުގައި، މާލޭގައި ހުރި ރައްޔިތުންގެ މަޖިލިސްކުރާ ގެ ބިނާކުރީ ޕާކިސްތާނުން މި ނަވާޒު ޝަރީފްގެ ވެރިކަމެއްގައެވެ. އެއްބަސްވުމުގައި ސޮއިކުރެއްވި ފަހުން، ޢިމާރާތް ނިމުނީ ދިހަވަރަކަށް އަހަރު ފާއިތުވީ ފަހުންނެވެ. މެޑިކަލް ކޮލެޖެއް އަވަސް މުއްދަތެއްގެ ތެރޭގައި ޕާކިސްތާނުން އެޅޭނޭ ކަމަށް ލަފައެއް ނުކުރެވެއެވެ.
  2. މެޑިކަލް ސްކޫލްގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ޕްރޮޖެކްޓް ޑިރެކްޓަރެއް ހޯދުމަށް 12 ނޮވެމްބަރ 2017 ގައި އިޢުލާނު ކުރެވުނެވެ. މި ޕްރޮޖެކްޓް ޑިރެކްޓަރުގެ މަސައްކަތު ބަޔާން މި ލިންކްގައި ވެއެވެ.
  3. ބިޑަށް ނުލައި ސިންގަޕޫރުގެ ޝެން ހުއާ ކޮންސްޓްރަކްޝަން އާ ޙަވާލުކޮށްގެން، (ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ނުއަގުގައި) މާލޭގެ ދެކުނުގައި ހަދާ ހޮސްޕިޓަލް ޢިމާރާތުގެ ދެ ބުރިއެއް މެޑިކަލް ސްކޫލް ހިންގުމަށް ހަމަ ޖެއްސިކަމަށް 9 ޖަނަވަރީ 2018 ގެ ޚަބަރުތައް ބުނެއެވެ. އިތުރު ޖާގަ ބޭނުންވެދާނެކަމަށް ލަފާކޮށް، އެފް.އެޗް.އެސް ގެ ހޯލްގެ ދެކުނު ފެންޑާގައި އޮފީސް ތަކެއް ހަދާފައި ވެއެވެ.
  4. 2018 ވަނަ އަހަރުގެ އޭޕްރިލް މަހު، އެމް.ބީ.ބީ.އެސް ކޯހަށް ދަރިވަރުން ހޯދުމަށްޓަކައި އިޢުލާނު ކުރެވުނެވެ. އިޢުލާނުކޮށްފައިވާ ޖާގައަކީ، 50 އެވެ. މި ޢަދަދަށް ދަރިވަރުންނެއް ރާއްޖެއަކުން ނުހޯދޭނެ ކަމަށް ކުރިން ލަފާކޮށްފައި ވެއެވެ. އަދި ދެމެހެއްޓެނިވިގޮތަކަށް މި ޢަދަދަށް ކުދިން ނަގައިގެން ސްކޫލް ދާއިމަށް ނުގެންދެވޭނެކަމަށް ހިސާބުތަކުން ދައްކައެވެ.  މިލިންކްގައި އެވަނީ ދަރިވަރުން ހޯދުމަށް ކުރި އިޢުލާނެވެ. އެ އިޢުލާނުގައި ޖުލައި 2018 ގައި ކޯސް ފެށޭނެކަމަށް އޮތް ކަމުގައި ވިއަސް، ކޯހެއް ޖުލައި މަސް ނިމުނު އިރު ވެސް ނުފެށެއެވެ.
  5. 16 އޭޕްރިލް 2018 ގައި މެޑިކަލް ސްކޫލް އަށް ޑީނަކު ބޭނުންވެގެން އިޢުލާނު ކުރިއެވެ. މި އިޢުލާނުން ދޭހަވާގޮތުން، މުވައްޒަފުންގެ ފެންވަރާއި ތަޖުރިބާ، ކުރިން ރާވާފައިވާ ގޮތާ ތަފާތެވެ. ކުރިން ރާވާފައިވަނީ ބޭރުގެ ތަޖުރިބާކާރު ޑީން އެއް ހޯދުމަށާއި މުވައްޒަފުންގެ ތެރެއިން ބައެއް ވެސް، ތަޖުރިބާ ހުރި ބޭރު މީހުންނަށް ފުރަތަމަ ވުމަށެވެ.
  6. 12 ސެޕްޓެމްބަރ 2018 ގައި ޔުނިވަރސިޓީ ކެބަންސާން މެލޭޝިއާ އާއި އެމް.އެން.ޔޫ އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރިއެވެ. މި އެއްބަސްވުމަކީ މެލޭޝިއާ ޔުނިވަރސިޓީގެ ކަރިކިޔުލަމް އާއި ކިޔަވައިދޭ ތަކެތި ބޭނުންކުރުމާއި މަގުދެއްކުމާ ބެހޭ އެއްބަސްވުމެއް ކަމަށް މި ޚަބަރު ބުނެއެވެ. މި ޚަބަރުގައި ކޯސް ފެށޭނީ 25 ބުރީގެ އައު ޢިމާރާތް ހުޅުވުމުން ކަމަށް (ސެޕްޓެމްބަރ 2018 ގައި ކަމަށް) ފާހަގަކޮށްފައި ވެއެވެ. ބޭނުންވާ ތަކެތި މާލެގެނެވިފައިވާ ކަމަށް މި ޚަބަރު ބުނެއެވެ.

ނިންމާލުން


ތިން ލައްކަ ބައި މީހުން ދިރިއުޅޭ ދުނިޔޭގެ ޤައުމުތަކުގެ ތެރެއިން، އެންމެ ފަހުން ޔުނިވަރސިޓީއެއް އުފެއްދި ޤައުމަކީ ދިވެހިރާއްޖެ އެވެ. އަޅުގަނޑަށް ހީވާގޮތުން، ތިން ލައްކަ ބައި މީހުން އުޅޭ ޤައުމުތަކުން، އެންމެ ފަހުން މެޑިކަލް ސްކޫލެއް ޤާއިމްކުރެވޭ ”ފަޚުރުވެރި“ ޤައުމަކީ ވެސް މި ދިވެހިރާއްޖެއެވެ. މި ދެ ”ފަޚުރު“ ގެ ސިއްރަކީ ކޮބައިތޯ އެވެ؟ އަޅުގަނޑަށް ވިސްނޭގޮތުން އެއް ކަމަކީ، ސިޔާސީ ވެރީންނެވެ. އިޖްތިމާޢީ ތަރައްޤީ އަށް އިހާނަތްތެރި ވުމެވެ. ޤައުމެއްގެ ބާރުތައް ބެހިގެން ދިއުމަށް ނުރުހުންތެރިވުމެވެ. ތިމާއަށް ކޮންމެ ކަމެއް ވެސް މާރަނގަޅަށް އެނގޭކަމަށް ހީވުމެވެ.

މި މަޒުމޫނު ލިޔެ ނިންމާލެވުނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 25 ވަނަ ދުވަހުއެވެ. މީގެ ދެ ދުވަސްކުރިން، 23 ސެޕްޓެމްބަރުގައި، އީކްއޭޓަރ ހުރަސްކޮށް އިރު ދެކުނަށް ދިޔަ ދުވަހު،  ރިޔާސީ އިންތިޚާބެއް އޮތެވެ. އެ އިންތިޚާބުން ވެރިކަމުގައި ހުންނެވި ރައީސް ޢަބްދުﷲ ޔާމީން ވީ ނާކިޔާބެވެ.

މެޑިކަލް ސްކޫލެއް މި އުފެއްދެނީ މުޙައްމަދު އަމީން ފުރަތަމަ ބޭސްވެރިކަމުގެ ކޯސް ހިންގެވިތާ 67 އަހަރު ފަހުންނެވެ. އެއް ހިތަކުން ކުރެވެނީ އުފަލެވެ. އަނެއް ހިތަކުން ކުރެވެނީ ހިތާމައެވެ. ގެއްލިދިޔަ ފުރުޞަތު ތަކަށްޓަކައެވެ. ތަމްރީނު ކުރެވިދާނޭ، ނަމަވެސް ކުރެވިފައި ނުވާ ޑޮކްޓަރުންނަށް ޓަކައެވެ. ފަރުވާ ނުލިބުނު ރައްޔިތުންނަށް ޓަކައެވެ.

އެންމެ ފަހުގެ ހަތަރު މަޒުމޫނު