ރާއްޖެތެރޭ ރަށްތައް ކޮރޯނާރޯގާއިން ރައްކާތެރިކުރުމަށް އަޅަންޖެހޭ އެންމެ މުހިއްމު ފިޔަވަޅު

ކޮރޯނާވައިރަސް އިން ޖެހޭ ރޯގާއަކީ 2020 ވަނަ އަހަރުގެ ކުރީކޮޅުގައި، ދުނިޔޭގެ ގިނަ ޤައުމުތައް ހުއްޓުމަކަށް ގެނައި ރޯގާއެކެވެ. މި ރޯގާގެ އަސަރު ރާއްޖެއަށް ވެސްވަނީ ކޮށްފައެވެ. ނަމަވެސް އަދިވެސް ގިނައީ ރޯގާގެ އަސަރު ނުކުރާ ރަށްތަކެވެ. މި މަޒުމޫނުގައި އަޅުގަނޑު ބަޔާންކުރާނީ، ރޯގާއިން ރައްކާތެރިވުމަށް ރާއްޖޭގެ އެކި ރަށްތަކުން ކުރެވޭނޭ އެންމެ މުހިއްމުކަމެވެ.
ކޮރޯނާވައިރަސް އާ ބެހޭ ގޮތުން ކުރިން އަޅުގަނޑު ލިޔުނު ހަތަރު މަޒުމޫނަށް ތިރީގައިވާ ލިންކްތަކުން ދެވެއެވެ.
ކޮރޯނާވައިރަސް ދުނިޔެއަށް ފެތުރިގެން ދިޔަތާ މިވީ ހަތަރު ވަރަކަށް މަސްދުވަހުގެ ތެރޭގައި، މި ވައިރަސް އާ ބެހޭ ގޮތުން ކުރިން ލިބިފައިނުވާ ތަޖުރިބާ ތަކާއި ޢިލްމުތައް މިހާރު ވަނީ ލިބިފައެވެ. ބައެއް ޤައުމުތަކަށް މި ވައިރަސްއިން ޖެހޭ ބަލި — ކޮވިޑް — ޖެހިފައިވަނީ ވަރަށް ކުޑަކޮށެވެ. އަނެއްބައި ޤައުމުތަކުގައި އަދިވެސް ބަލި ފެތުރެމުން ދެއެވެ. އެންމެ އަވަހަށް ބަލި ކޮންޓްރޯލް ކުރެވުނު ޤައުމުތައް މިކަން ކުރިގޮތް އެކި ފަރާތްތަކުން ޝާއިޢުކުރަމުން ދެއެވެ. އެހެންކަމުން، ކާމިޔާބުކަމާއެކު މި ބަލި ކޮންޓްރޯލް ކުރި ޤައުމުތަކުގެ ޢަމަލުތަކުން، ދިވެހިރާއްޖޭގެ ރަށްތަކުގެ އަޚުން މި ބަލިން ރައްކާތެރިކުރުމަށް އެޅޭނޭ ފިޔަވަޅު ފަސޭހައިން ފާހަގަ ކުރެވެއެވެ. މި މަޒުމޫނުގައި ބަޔާންކުރާ ވާހަކަތަކަށް ހަވާލާދެނީ މި ލިންކަށް އޮބާލުމުން ފެންނަ ލިޔުމަށެވެ.
ކޮރޯނާވައިރަސް ފެތުރޭކަމަށް ފާހަގަ ކުރެވިފައިވަނީ، ތިން ގޮތަކުންނެވެ.
- އަނގައިންނާއި ނޭފަތުން ވާހަކަ ދައްކާއިރު ނުވަތަ ކިބިހި އަޅާއިރު ނުކުންނަ އަރުދަފުހާއި ކުޅުގައި ހުންނަ ވައިރަސްހިމެނޭ ތިކިތަކުން.
- ވައިގެ ތެރޭގައި އެތައް އިރެއްވަންދެން ހުންނަ ވަރަށް ކުދި ފުއްތަކެއްގެ ގޮތުގައި އުދުހޭ ވައިރަސް ހިމެނޭ އެއިރޯސޯލް އިން.
- އެކި ތަންތަނުގެ މަތީގައި ހުންނަ ވައިރަހުން. މިސާލެއްގެ ގޮތުން އަތަށް ކެއްސުމަށް ފަހު ނުވަތަ ކިބިހިއެޅުމަށްފަހު، ދޮރުފަތެއްގެ ގޮބުގައި ހިފުމުން ދެން އެހެން މީހަކު އެ ގޮބުގައި އަތްލުމުން.
އެންމެ ފުރަތަމަ ސައިންސްވެރިންނަށް ހީކުރެވުނީ، ވައިރަސް ފެތުރެނީ ތަންތަނުގައި އަތްލުމުން ކަމަށާއި ކިބިހިއަޅާ އިރު، ނުކުންނަ ކުޅުގެ/އަރުދަފުހުގެ ތިކިތަކާއެކުގައި ކަމަށެވެ. މި ތިކިތައް ބަރުކަމުން، 3 ވަރަކަށް ފޫޓާ ހަމައިން ބިން މައްޗަށް ވެއްޓޭކަމަށެވެ. މީހަކަށް ބަލި ޖެހޭނޭ ގޮތަކީ، މީހަކު މޫނު މައްޗަށް ކެއްސުމުން ނުވަތަ ކިބިހިއެޅުމުންނާއި ނުވަތަ ވައިރަސް ހުރި ތަނެއްގައި އަތްލުމުން ކަމަށެވެ.
އެއްވެސް މީހަކު އަނެއް މީހެއްގެ މޫނު މައްޗަށް ނުކެއްސާތީ، ފަންނުވެރިން ބުނަމުން އައީ، ޢާއްމުން މާސްކު އެޅުމުގެ ބޭނުމެއް ނެތް ކަމަށެވެ. ބޭނުންވަނީ، ގިނަގިނައިން ބަނގުއާވިން (އެލްކޮހޯލް %60 އަށްވުރެ ގިނައިން ހުންނަ ފެނުން) އަތް ސާފުކޮށް ނުވަތަ ސައިބޯނިން އަތް ދޮވުން ކަމަށެވެ. 22 އޭޕްރިލް 2020 އާ ހަމައަށް ޑަބްލިޔޫ.އެޗް.އޯ. އިންވެސް ބުނަމުން އައީ މިގޮތަށެވެ. މި ބަހަށް ބަރޯސާކޮށް، ދިވެހިރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ވެސް ޢާއްމުންނަށް ދެމުން އައީ މި އިރުޝާދެވެ. ގިނަގިނައިން އަތް ދޮންނަންވީއެވެ.
މާސްކް އަޅަންވީ ބަލި ހުންނަ މީހުންނަށް ހުށަހެޅޭ މީހުން އެކަންޏެވެ. އަދި، މާސްކު ގިނައިން ހުސްވެދާނެތީ ބައެއް ސަރުކާރުތަކުން ބުނަމުން ދިޔައީ، ޢާއްމުންނަކަށް މާސްކަކުން މާބޮޑު މަންފާއެއް ނުކުރާނެކަމަށާއި، ލިބެން ހުރި މާސްކުތައް ބޭނުންކުރަން ވާނީ ބަލި މީހުންނަށް ބޭސްކުރާ މުވައްޒަފުން ކަމަށެވެ.
މިހެން މިކަން ހިނގަމުން ދަނިކޮށް، އެ އިރުޝާދާ އިދިކޮޅު، އެކަން ނަފީކުރާ ހެކިތަކާއި ހުއްޖަތްތައް ހާމަވާން ފަށައިފިއެވެ.
.
ދިރާސާތަކުން ޔަޤީންވީ ކެއްސުމާއި ކިބިހިއެޅުމުން ނުކުންނަ ތިކިތައް 6 ފޫޓަށް ވުރެ މާދުރަށް ދާކަމެވެ. އަދި ބައެއް ތިކިތައް ބިން މައްޗަށް ވެއްޓުނަސް، އެތައް ތިއްކެއް ވައިގެތެރޭގައި އެތައް އިރެއް ވަންދެން ހަރުލާކަމެވެ. މިއަކީ ދެބަސް ވެވޭނޭ ކަމެއް ނޫނެވެ. އެތައް ބަޔަކު މި ތިކިތައް، އެކި ތަކެތި ބޭނުންކޮށްގެން ވީޑިއޯކޮށްފައި ވެއެވެ.
ވައިރަސް ހުރި ކުޅު ބޭރުވާކަށް ކެއްސާކަށް ކިބިހިއަޅާކަށް ނުޖެހެއެވެ. މިކަން ޔަޤީންވީ، ލަވަކިޔާ ވޮޝިންޓަން ކޮއަރ ގެ ޝޯއަކަށް ހާޒިރުވި 60 މީހުންގެ ތަޖުރިބާއިންނެވެ. ހަފުލާއަށް ދިޔަ 45 މީހުންނަށް ކޮރޯނާވައިރަސްގެ ބަލި ޖެހި 2 މީހުން މަރުވިއެވެ. ފަހުން އެނގުނީ، ލަވަކިޔާއިރު ދުރުގައި އިށީދެ އިނުމުގެ އިތުރަށް ހަމައެކަނި ވާހަކަ ދެއްކުމުން ވެސް، ވައިރަސް ފެތުރޭ ކަމެވެ. ތިރީގައިވާ ޙަރަކާތްކުރާ ފޮޓޯއިން ފެންނަ ފަދައިންނެވެ.
މިކަންކަމުން، ޔަޤީންވަނީ ކޮރޯނާވައިރަސް އިން ރައްކާތެރިވުމަށް މާސްކު އަކީ ވަރަށް ވަރަށް މުހިއްމު އެއްޗެއް ކަމެވެ. އަދި މީހުން ހީކޮށްފާނެ ގޮތަކާ ޚިލާފަށް ގޭގައި އަމިއްލައަށް ފަހާ މާސްކުވެސް ވައިރަހުން ދިފާޢުވުމަށް ވަރަށް ރަނގަޅެވެ.

މިހާ ހިސާބަށް ކިޔުއްވި ބޭފުޅުން ވިދާޅުވެދާނެއެވެ. ތިޔަހެން ވިއްޔާ ހަދަންވީ ގޮތަކީ ބަލިވާތަނުން މާސްކު އަޅަން ފަށަންވީ އެވެ. ހިތާމައަކީ ބަލި ޖެހުމަށްފަހު މާސްކު އަޅަން ލަސްކޮށްފިނަމަ، ރައްކާތެރިވުން މާބޮޑަށް ފަސްކުރެވޭ ކަމެވެ. ތިރީގައިވާ ޗާޓަކީ އޮކްސްފޮރޑް ޔުނިވަރސިޓީގެ ދިރާސާއަކުން ކުރަހާފައިވާ ޗާޓެކެވެ. ޗާޓުގެ ތިރީގައި ދިރާސާއަށް ހަވާލާދެވިފައިވާނެއެވެ.
ރޯގާ ފެތުރޭ ނިސްބަތާއި މާސްކު
ރޯގާ ފެތުރޭ މިންވަރު ވަޒަން ކުރުމަށް ސައިންސްވެރިން ބޭނުން ކުރާ މިންގަނޑެއް އޮވެއެވެ. އެއީ އެކަކެއްގެ ފަރާތުން ރޯގާ ފެތުރެނީ އެހެން ކިތައް މީހުންނަށް ތޯ ބަލާ މިންގަނޑެކެވެ. މި ނިސްބަތަކަށް ކިޔަނީ R0 އާރު ނޯޓު (ސުމެއް) އެވެ. މި ނިސްބަތް 1 ނަމަ، ރޯގާ ޖެހިފައިވާ މީހެއްގެ ފަރާތުން ރޯގާ ފެތުރޭނީ އެންމެ މީހަކަށެވެ. މި ރޭޓުން ނުވަތަ ނިސްބަތުން ބަލި ފެތުރޭނަމަ، ރޯގާ ޖެހޭ މީހުންނެއް ގިނަވަމަކުން ނުދާނެއެވެ. ރަށެއްގައި ރޯގާ ޖެހިފައިވާ މީހުންގެ ޢަދަދު އުޅޭނީ އަބަދުވެސް އެއްވަރަކަށެވެ. އެއީ ރަނގަޅުވާ ކޮންމެ މީހަކަށް އިތުރު މީހަކަށް ރޯގާ ޖެހޭތީއެވެ. މި ނިސްބަތް 1 އަށް ވުރެ ދަށް ވެއްޖެނަމަ، ރޯގާ ފެތުރުން މަދުވަމުން ދާނެއެވެ. ރޯގާ (ފެތުރުން) ހުލިވަމުން ގޮސް، އެންމެ ފަހުން އެ ނިވޭނެއެވެ. ހުއްޓޭނެއެވެ. R0 އެކަކަށް ވުރެ މަތިނަމަ، ރޯގާ ދާނީ އިތުރަށް ފެތުރެމުންނެވެ. ރޯގާ ޖެހިފައިވާ މީހުންގެ ޖުމުލަ ޢަދަދު ދާނީ މަތިވަމުންނެވެ. މިސާލެއްގެ ގޮތުން 1.2 ނަމަ، އޭގެ މާނައަކީ، ރޯގާޖެހިފައިވާ ކޮންމެ މީހެއްގެ ފަރާތުން %20 އިތުރު މީހުންނަށް ރޯގާ ޖެހެއެވެ. އެހެން ޢިބާރާތަކުން ބުނާނަމަ، ރޯގާޖެހިފައިވާ ކޮންމެ 5 މީހަކު އެހެން 6 މީހަކަށް ރޯގާ ޖައްސައެވެ. [ހަތަރު މީހުންގެ ފަރާތުން އިތުރަށް ރޯގާ ޖެހެނީ އެކަކަށެވެ. އަނެއްމީހާ 2 މީހުންނަށެވެ.] ރޯގާ ކޮންޓްރޯލް ކުރުމުގެ މައިގަނޑު އަމާޒަކީ މި ރޭޓް 1 އަށް ނުވަތަ އެއަށް ވުރެ ދަށް ކުރުމެވެ.
ތިރީގައިވާ ޗާޓަކީ މުހިއްމު ދިރާސާއަކުން ލިބިފައިވާ މަޢުލޫމާތަށް ބިނާކޮށް ކުރަހާފައިވާ ޗާޓެކެވެ.
މި ޗާޓުގެ ވާތް ފަރާތު ދަނޑީގައި ވަނީ ރަށެއްގެ ރައްޔިތުން މާސްކު އަޅާ ނިސްބަތެވެ. ރަށު ކައުންސިލުން އެންގިއަސް އެންމެންނެއް މާސްކެއް ނާޅާނެއެވެ. އެހެން ސަހަރުތަކުގެ މީހުންވެސް އަމަލުކުރަނީ މިގޮތަށެވެ. ތިރީ ދަނޑީގައިވަނީ މާސްކުގެ މޮޅުކަމެވެ. އެއްވެސް މާސްކަކަށް %100 ވައިރަސް އެއް ނުހިފެހެއްޓޭނެއެވެ. މި ޗާޓުގައި ދެންވަނީ ފެތުރޭ ނިސްބަތް — R — ރޮނގުތަކަކުން ކުރަހާފައެވެ. ރީނދޫވި ވަރަކަށް R މަތިވެއެވެ. ނޫވި ވަރަކަށް ދަށްވެއެވެ. ޗާޓުން ފާހަގަ ކުރެވޭ އެންމެ މުހިއްމު ނުކުތާއަކީ ރަށެއްގެ %60 މީހުން %60 ވައިރަސް ފުރާނާ މާސްކެއް އެޅިއަސް ރޯގާ ރަށުގައި ކޮންޓްރޯލް ވާނެކަމެވެ. ފެތުރޭ ރޭޓް ނުވަތަ ނިސްބަތް 1 އަށް އަންނަކަމެވެ. ރަށުގެ ރައްޔިތުން މާސްކު އަޅާ މިންވަރު މިއަށްވުރެ ގިނަ ނަމަ، ނުވަތަ މާސްކުގެ ފެންވަރު %60 އަށް ވުރެ މަތިނަމަ، ރޯގާ ދާނީ ރަށުގައި މަދުވަމުން ނެތެމުންނެވެ.
މިކަމަކީ ތަޖުރިބާއިން ޔަޤީންވާ ކަމެކެވެ. ކޮރޯނާވައިރަސް ޔޫރަޕަށް ފެތުރުމުން، ބައެއް ޤައުމުތަކަށް ވައިރަސްގެ އަސަރުކުރީ އޭޝިއާގެ ގިނަ ޤައުމުތަކަށް ކުރިވަރަށް ވުރެ މާބޮޑަށެވެ. ރޯގާގައި އެންމެ ގިނައިން މީހުން މަރުވި ޤައުމުތަކުގެ ތެރޭގައި އިޓަލީއާއި ފަރަންސޭސިވިލާތާއި ސްޕެއިން އާއި އިނގިރޭސިވިލާތް ހިމެނެއެވެ. މިއިން ކޮންމެ ޤައުމަކުން މިހާތަނަށް 25000 އަށް ވުރެ ގިނަ މީހުން މަރުވެފައި ވެއެވެ. މިސާލެއްގެ ގޮތުން އިޓަލީގައި މިހާތަނަށް 30000 މީހުން މަރުވެއްޖެއެވެ. އިޓަލީގެ އާބާދީއަކީ 60 މިލިއަން އެވެ. ރޯގާގެ ސަބަބުން ޗައިނާއިން މިހާތަނަށް މަރުވީ، 4600 މީހުންނެވެ. ނަމަވެސް ޗައިނާ ގެ އާބާދީއަކީ 1400 މިލިއަނެވެ. އިޓަލީއަށް ވުރެ 23 ގުނަ ގިނައެވެ. އިޓަލީން މަރުވި ނިސްބަތުން ޗައިނާގެ މީހުން މަރުވިނަމަ، މަރުވާން ޖެހޭނީ، ގާތްގަޑަކަށް 700000 މީހުންނެވެ. ނަމަވެސް މަރުވި މީހުންގެ އަދަދަކީ 4600 އެވެ. ނިސްބަތުން 150 ގުނަ މަދު ޢަދަދެކެވެ. މިކަމަށް އެތައް ސަބަބެއް ވާނޭކަން ޔަޤީންއެވެ. ޗައިނާއަށް ފެތުރުނު ވައިރަސް ތަފާތުކަމެވެ. ފިޔަވަޅުތައް އެޅުން އަވަސްކަމެވެ. އަދިވެސް އެހެން ސަބަބުތަކެވެ. އެއް ސަބަބަކީ، ކޮރެއާ އާއި ޓައިވާނާއި ޗައިނާ ފަދަ ޤައުމުތަކުގައި، މާސްކު އެޅުން މަޖުބޫރު ވެފައިވުމެވެ. މި ޤައުމުތަކުގެ މީހުން ވައި ނުސާފުވުން ފަދަ ކަންކަމާއި އަދި އެހެން ސަބަބުތަކާ ހުރެ މާސްކުއެޅުމަށް ކުރިން ވަނީ އާދަވެ، ފަރިތަވެފައެވެ.
ދެން ޔޫރަޕުގެ މިސާލެއް ނަގަމާތޯއެވެ؟ ޒެކިއާ އާއި ސްލޮވޭކިއާގައި ރޯގާ ފެތުރެން ފެށުމާއެކު، މާސްކުއެޅުން މަޖުބޫރިކުރިއެވެ. މިއީ މިކަން ޔޫރަޕުގައި ކުރި މަދު ޤައުމުތަކުގެ ތެރެއިން ދެ ޤައުމެވެ. ނަތީޖާ ތޯއެވެ. އެ ދެ ޤައުމަކީ، ރޯގާގެ އަސަރު އެންމެ ކުޑަކޮށް ކުރި ޔޫރަޕުގެ ދެ ޤައުމެވެ. ޒެކިއާގައި މުޅި ރައްޔިތުން ލައްވައި މާސްކު އެޅުވީ އެންމެ ތިން ދުވަހުންނެވެ. ސަރުކާރުން އެއްވެސް މާސްކެއް ނުދެއެވެ. މީހުން މާސްކުތައް އަމިއްލައަށް ފެހީއެވެ. ނުފަހާ މީހުންނަށް ފެހި މީހުން ހިލޭ ދިނީއެވެ. މިވާހަކަ ތަފްޞީލުކޮށް މި ލިޔުމުގައި ވެއެވެ.
މިހާތަނުން ބައެއް ކިޔުންތެރިން އަމިއްލަ އަށް މާސްކު ފެހުމާމެދު ބައެއް ސުވާލުތައް ކުރައްވާފާނެއެވެ.
މޮޅު މާސްކުތަކުގެ (އަދި ޚާއްޞަކޮށް N95 ކިޔާ ބާވަތުގެ މާސްކުގެ) މޮޅުކަން ބިނާވެފައިވަނީ ފޮތީގެ ދެފަށަލަ ދެމެދުގައިވާ ޕްލާސްޓިކް ނަރުތަކެއް ނުވަތަ އުއި ފަށްތަކެއްގެ މައްޗަށެވެ. މިއީ ޚާއްޞަ މެޝިނަކުން، ހިމަ ލޯވަޅުތަކަކުން އިސްތައްޓަށްވުރެ ހިމަނަރުތަކެއް ވައިން ބުރުވައި ތަތްކޮށްގެން އުފައްދާ އެއްޗެކެވެ. މި އުއިފަށްތައް އުފެއްދެނީ ވަރަށް މަދު ޤައުމުތަކަކުންނެވެ. މާސްކުލިބުމުގެ ދައްޗަކީ މި ނަރުފަށްތައް ލިބުމުގެ ދަތިކަމެވެ. މިވާހަކަތައް މި ލިޔުމުގައި ތަފުސީލުކޮށްފައި ވެއެވެ. މިބާވަތުގެ މާސްކުން ވައިރަސްގެ %95 ފުރާނާކަމަށް ވެއެވެ.
ނަމަވެސް އެކަށީގެންވާ ރައްކާތެރިކަން ލިބިގަތުމަށް އާދައިގެ ފޮތިވެސް ރަނގަޅެވެ. ތިރީގައި އެވާ ޗާޓުގައި އެވަނީ އެކި ބާވަތުގެ ފޭރާމުން ވައިރަސް ފުރޭނޭ މިންވަރެވެ. އެންމެ ރަނގަޅުކަމަށް ބުނަނީ ދެ ފަށަލަޔަށް ތަފާތު ދެ ފޭރާމެއްގެ ފޮތި ހުންނަ މާސްކެވެ. ފަށަލަތައް ގިނަވި ވަރަކަށް މާސްކުގެ ފެންވަރު ރަނގަޅުވާނެއެވެ. މާސްކު އަޅާއިރު، ފޮތީގެ ތެރެއިން ނޭވާލެވޭ ގޮތަށް މާސްކު އެޅުން މުހިއްމެވެ. ނޫނީ މާސްކުން ކުރާނޭ މަންފާއެއް ނޯންނާނެ އެވެ.

މާސްކަކީ ބަދަލުކުރަން ޖެހޭ އެއްޗެކެވެ. ފޮތީގެ މާސްކުގައި ހުންނަ ވައިރަސް މަރާލުމަށް ހޫނު ފެން ބޭނުން ކުރެވިދާނެއެވެ. ގިނައިރު އަވީގައިލުމުން ވެސް ވައިރަސް މަރުވާނެއެވެ. އެއްގޮތަކީ ދެތިން މާސްކު އަބަދުވެސް ޖީބުގައި އޮތުމެވެ. ތިރީގައި އެވަނީ ޖީބު ރުމާލަކުން މާސްކެއް ހަދާނޭ ގޮތެވެ.
ނިންމާލުން
މި މަޒުމޫނުން އަޅުގަނޑުމެންނަށް ދަސްވީ ކޮން ކަންތައްތަކެއް ހެއްޔެވެ؟
- ކޮރޯނާވައިރަސް ފެތުރެނީކީ 6 ފޫޓު ކައިރީގައި ރޯގާ ޖެހިފައިވާ މީހަކު ކެއްސުމުންނާއި ކިނބިހިއެޅުމަކުން އެކަންޏެއް ނޫނެވެ. ލަވަކިޔާތަނަކު އިނުމުން ވެސް ރޯގާ ޖެހެއެވެ. އަދި ރޯގާޖެހިފައިވާ މީހަކާ ވާހަކަ ދެއްކުމުން ވެސް ފެތުރެއެވެ. މިކަންކަމުން 6 ފޫޓަށް ވުރެ ދުރަށް ވައިރަސް ފެތުރެއެވެ.
- ރޯގާ ޖެހިފައިވާ ގިނަ މީހުންނަށް އެކަން ނޭގެނީސް އެހެން މީހުންނަށް ރޯގާ ފަތުރެއެވެ. މިއީ އެންމެ ގިނައިން ރޯގާ ފެތުރޭ ގޮތެވެ.
- މާސްކު އެޅުމުންއަނގައިން ނުކުންނަ ތިކިތައް މާސްކުތެރޭގައި ހިފެހެއްޓެއެވެ. އެހެން ކަމުން އެހެން މީހުން ބަލިން ރައްކާތެރިކުރެވެއެވެ.
- މާސްކުގެ ސަބަބުން ރޯގާ ނުޖެހޭ މީހުންނަށް ރައްކާތެރިކަން ލިބެއެވެ.
- 10 މިލިއަން މީހުން އުޅޭ ޤައުމެއްގެ އެންމެން، ސަރުކާރުން ޚަރަދެއް ނުކޮށް، ތިން ދުވަހުގެ ތެރޭގައި މާސްކު ބޭނުންކުރާގޮތް ހަދާފައި ވެއެވެ. އެހެންކަމުން ކުދި ރަށްރަށުގައި މިކަން ކުރަން މާ ފަސޭހަ ވާނެއެވެ.
- ގިނަ ބަޔަކު، ގޭގައި ހަދާ މާސްކު ބޭނުންކުރާ ނަމަ، މިކަމުން އެކަނި ވެސް ރޯގާ ކޮންޓްރޯލް ކުރެވޭނެއެވެ.
- މާސްކު ބޭނުންކުރުމަކީ ރޯގާއިން ރައްކާތެރިވުމަށް ހުރިހާ ޤައުމެއްގެ މީހުންނަށް ވެސް ކުރެވޭނޭ އެންމެ ފަސޭހަ އެންމެ އަގުހެޔޮ ކަމެވެ.
- މާސްކު ބޭނުންކުރުން މަޖުބޫރުކުރުމަކީ، މިސަބަބުތަކާ ހެދި އެންމެ ފައިދާ ހުރި ކަމެވެ.
މާސްކު އެޅުމަކީ މަތީގައިވާ ދިރާސާތަކަށް ރިއާޔަތް ކުރާނަމަ، ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެންމެ ފަހުން މި މައްސަލަ ފެންމަތިވީ އިނގިރޭސި ވިލާތުގެ ރޯޔަލް ސޮސައެޓީން މާސްކު އެޅުމަކީ މަޖުބޫރުކުރަން ޖެހޭ ފަދަ ކަމެއް ކަމަށް ރިޕޯޓެއްގައި ފާހަގަކޮށްގެންނެވެ. އެ ޚަބަރު މިއޮތީއެވެ. މި ޚަބަރަކީ 4 މެއި 2020 ގައި ނުކުތް ޚަބަރެކެވެ. ޚަބަރަކަށް ވީ ބައެއް ސައިންސްވެރިން މިކަމާ ދެކޮޅު ހަދާތީއެވެ.
ބަޔަކު ދެކޮޅު ހެދިއަސް އަދި ޑަބްލިޔޫ.އެޗް.އޯ. އިން ކޮންމެ އެއްޗެކޭ ބުންޏަސް، އެތަނުގެ އިރުޝާދާ ފަހަރަކު ޤައުމެއް ދަނީ ވަކިވަމުން، މާސްކުއެޅުން މަޖުބޫރުކުރުވަމުންނެވެ.
Yet one country after another has decided to depart from the WHO guidance and rule that masks should be worn – most notably the US.
ދުވަސްތައް ހަފުތާތަކަށް ބަދަލުވެ، މަސްތައް މާޒީވެ، ރޯގާ ނިމި މި ބަންދު ފިލާއިރު، ސަރުކާރު ތަކުން ކުރާނޭ އެއް އިލްތިމާސް އަކީ މީހުންނާ ބައްދަލުވާނޭ ކޮންމެ ހާލަތެއްގައި މާސްކު އެޅުމެވެ. ބުއްދިވެރީންނަކީ މިކަމަށް އަވަހަށް ފަރިތަވާ ފަރާތްތަކެވެ.



such a great work. thank you so much sir
Until people of Hassan’s standard involve in the Administration of the Country things won’t improve.
You have given by far better education into this than the people who are supposed to do such presentations.
Thank you Dr. Hassan
Varah furihama mazmooneh. Alhugandu varah beynun Dr Hassan ge mazmoonu thakeh, Quran aa Science mi mauloo ah.
މިހާތަނައް މިރޯގާއާއި ބެހޭގޮތުން އަޅުގަނޑުމެން ގެ އެބަހަކައްޓަކައި ފަހުރުވެރިވާ ދިވެހި ބަހުން ލިއެފައިއޮތް އެއްމެފުރިހަމަ ލިއުން ، އަޅުގނޑު ހިތައްއަރާ ސަރުކާރުން ބާއްވާ ނޫސް ކޮންފަރެންސް ތަކައް ތިމާ އައް ލިބުނުހާ ކުލައެއް ޖައްސައިގެން ދެއިރު ދެ ދަޅަގޮސް ކީއްބާވައޭމި ކުރަނީ
The gif is inserted in the wrong place I assume. Thireegaivaa ey bunefa oiy iru e harakaaiykuraa photo othee matheegai
Very comprehensive and convincing compilation of information
Before reading this very informative article I was very, very OUTDATED! But I kept suggesting HPA to let Police ensure people moving outside wear a mask & maintain distance. It wasn’t because I know this much information perhaps looking at people in Taiwan moving outside where without movement control order they achieved virus control
Very informative and interesting. I hope the Councils will lean on this when they formulate action at the island level.
Very comprehensive
Informative, interesting and needful. Need more research same like this. Hope ppl be more disseminated. Thank you.
Before reading this very informative article I was very, very OUTDATED! But I kept suggesting HPA to let Police ensure people moving outside wear a mask & maintain distance. It wasn’t because I know this much information perhaps looking at people in Taiwan moving outside where without movement control over, they achieved virus control
Very cleared , thank you so much
Thank you for info ✅
Impressive
👍🏽