ރާއްޖެ ސިއްސުވާލި ސުނާމީއަށް  އަހަރު ފުރުން: ސުނާމީގެ ސައިންސް އާއި ހަނދާންތައް

2004 ވަނަ އަހަރު ގެ ޑިސެމްބަރު މަހުގެ 26 ވީ އާދީއްތަ ދުވަހަކަށް ވާތީ އެދުވަހު ހެނދުނު ހައެއްޖަހާ އިރުކޮޅެއްވީތަނާ އަޅުގަނޑު ވަނީ ފެންވަރާށެވެ. މިވަގުތަކީ މާލޭގައި ކާރޫބާރޫ މަޑު މަގުމަތި ހަމަހިމޭން ވަގުތެކެވެ. އިރުކޮޅަކުން އިވެން ފެށީ ތަޅުންގަނޑަށް ފެން އޮހޭ އަޑަށް ވުރެ ބާރަށް ބިއްލޫރިތަކެއް ތުރުތުރު އަޅާ އަޑެވެ. އަޑު އިވޭތާ 10 ވަރަކަށް ސިކުންތު ވުމުން ފެންވެރުން ހުއްޓާލާފައި ކޮޓަރިތެރެއަށް ނުކުމެ ވަމުންދަނީ ކިހިނެތްތޯ ބަލާލީމެވެ. އަޑު އަންނަނީ ފޮތްއަލަމާރީގައި ކެހޭގޮތަށް ލާފައި ހުރި ބިއްލޫރިތަކުންކަން އަޅުގަނޑަށް ފާހަގަ ކުރެވުނެވެ. އަދި އެއަޑަށް ވުރެ ބާރަށް އިވެމުން ދިޔައީ ކޮޓަރި ތެރެއިން ވެރެންޑާއަށް ނުކުންނަން ހުރި ކެހޭ ދޮރު ތުރުތުރު އަޅާ އަޑެވެ. އެއްޗެއް ބާރަށް ގޮވައިފިނަމަ، ބިންގަޑު ތުރުތުރު އަޅަނީ ކުޑަ ހިނދުކޮޅަކުއެވެ. ބިންހެލުމެއްގެ ސަބަބުން ބިންގަޑު އެއަށް ވުރެ މާގިނައިރު ތުރުތުރު އަޅައެވެ. މި ގުޑުމަކީ ބިންހެލުމެއްކަން އަޅުގަނޑަށް ޔަޤީން ވިއެވެ. މިފަދަ އިޙްސާސްއެއް ކުރެވުނު ފުރަތަމަ ފަހަރަކީ ވެސް މިއީއެވެ. ކަމުގެ މުހިންމު ކަމުން އެވަގުތު މޭޒުމަތީގައި އޮތް މޮބައިލް ފޯނުން އަޅުގަނޑު ގަޑި ބަލާލީމެވެ. ވަރަށް ހަމަކޮށްގެން އުޅޭ ފޯނުގެ ގަޑިން އޭރު ވެފައިހުރީ 6:28 އެވެ.

ފެންވަރަން ހުރި އިރު އެތައް ޚިޔާލެއް އަޅުގަނޑުގެ ހިތަށް އެރިއެވެ. މާލޭގެ އުސް ޢިމާރާތްތަކުގެ މީހުންނަށް މި ގުޑުން އިޙްސާސް ކުރެވޭނޭ ބާރުމިނެވެ. ބިން ހެލުން ފެށުނު ހިސާބެވެ. ރާއްޖެއާ ކައިރި ހިސާބުތަކުގައިވާ ބިމުގެ މައި ރެނދުތަކެވެ. ބިންހެލުމަކާއެކު އިންޑޮނީޝިއާ ހިސާބު ގަނޑުން އަލިފާން ފަރުބަދައެއް އުފެދުނު ވާހަކައެވެެ. އަޅުގަނޑު އެންމެ ކުޑައިރު، ގޮނޑުދޮށަށް ލައްގާ ބަތާވިގަލެވެ. ބިންހެލުމާ ގުޅިގެން އުފެދޭ ސުނާމީއެވެ. ރާއްޖޭ ދޮވެލާފަދަ ބޮޑު ރާޅެވެ.

ބިންގަނޑު ހެލުމުން އުސް ޢިމާރާތްތަކަށް އެކަން އިޙްސާސް ކުރެވޭލެއް މާބޮޑުވާނެއެވެ. އަދި ޢިމާރާތުގެ އުސްމިނާ އަޅާބަލާއިރު ޢިމާރާތް ކޮށްފައި ހުންނަ ބިމުގެ އޭރިއާ ނުވަތަ ޖާގަ ކުޑަވި ވަރަކަށް މި ހެލުން ބޮޑުވާނެއެވެ. އެތައް ދަސްބުރިއަށް ހަދާފައި ހުންނަ ޢިމާރާތްތަކުގައި ރަނގަޅަށް ވައި ޖެހޭއިރު ޢިމާރާތް ހެލޭވަރުން ސައިބޯންވެސް ދަތިވާވާހަކަ އަޅުގަނޑު ފޮތްފޮތުން ކިޔާފައި ވެއެވެ. އުސް ޢިމާރާތްތަކުގައި ވައިގެ ސަބަބުން ލޮޅުން އަރާވަރުން، ޢިމާރާތުގައި އުޅޭމީހުން ބޯއަނބުރާ ހޮޑުލާފާނެތީ، މި ޢިމާރާތްތަކުގައި ހެލުން ކުޑަކުރާގޮތެއް ހަދާފައި ހުރެއެވެ. މިކަން ކުރަން ހަދާގޮތަކީ މަތިން އެއްބުރި ނުވަތަ ދެތިން ބުރި ހުސްކޮށް ތިމަރަ ނުވަތަ ކޮންކްރީޓް ފަދަ ބަރު އެއްޗެއް ޢިމާރާތުގެ އެއްކޮޅުން އަނެއްކޮޅަށް ދުއްވާގޮތަށް ބާއްވާފައި އޮންނަނީއެވެ. ވައިގެ ސަބަބުން ޢިމާރާތް އިރަށް ލެނބޭގޮތް ވެއްޖެނަމަ، މި ބަރު، ބޮޑު މޯޓަރަކުން ނުވަތަ އިސްފިރޭނަކުން ހުޅަނގަށް ޖައްސަން ފަށަނީއެވެ. ވައި ރޯޅި އަންނަ މިސްރާބަށް ބަލައި، މި ބަރު ދުއްވާ ކޮޅު ބަަދަލު ކޮށްގެން ޢިމާރާތް ލެބޭ ލެބުން ކުޑަކުރެވެއެވެ. މިކަން ކުރާ އަނެއްގޮތަކީ ވަރަށް ބޮޑު ބަރެއް ޢިމާރާތުގެ މަތީގައި އެލުވަނީއެވެ. 2004 ވަނަ އަހަރު ދުނިޔޭގައި ހުރި އެންމެ އުސް ޢިމާރާތަކީ ޓައިވާންގައި ހުންނަ 101 ބުރީގެ ޓައިޕެއި 101 އެވެ. މި ޢިމާރާތުގެ 88 ވަނަ ފަންގިފިލާ ހިސާބުގައި އެލުވާފައި ހުންނަ 725 ޓަނު ހުންނަ ވަށް ބޮޑު ބަރުގެ ފޮޓޯއެއް ތިރީގައި އެވަނީއެވެ. ބަރު އެލުވާފައިވާ ހަތަރު ދަގަނޑު ވައުވެސް ފެނިވަޑައިގަންނަވާނެއެވެ. މިވާގޮތުގެ އެންމެ ރަނގަޅު މިސާލަކީ ބޮއްކުރައެއްގައި ކޮޅަށް ހުންނައިރު އެ ރޯލުކުރާނަމަ، ކޮއްޅަށް ހުންނަ މީހާގެ ބަރު ބަދަލުކޮށްލާ ގޮތުން އެ ރޯލުކުރުން ހުއްޓުވާ ގޮތެވެ. ނޫނީ، އުނދޯއްޔެއް ހުއްޓުވަން ހަދާގޮތެވެ. އާދެ! ހެލިގެންދާ ދިމާނޫން އަނެއްދިމާއަށް ލާ ބާރެއްގެ ސަބަބުން އުނދޯލި ހުއްޓުވުމެވެ. ދެންމެއަކު އައި ބިންހެލުމުން މާލޭގެ އުސް ޢިމާރާތްތައް ހާދަވަރަކަށް ތެޅޭނެޔޭ އަޅުގަނޑުގެ ހިތަށް އެރިއެވެ.

ބިންހެލުން ފެށިގެންދާގޮތް އަޅުގަނޑުގެ ހިތަށް އެރިއެވެ. ފެންނަގޮތާ ޚިލާފަށް ދުނިޔެއަކީ ވަށް އެއްޗެކެވެ. ދުނިޔޭގެ ސިފަ އެންމެ ވައްތަރުވާނީ ވަށް މުޑި ކާއްޓަކާއެވެ. އަޅުގަނޑުމެންނަށް މި ”ކާށީގެ“ ބޭރު ހަމަކޮށް މިފެންނަނީ ދުނިޔެ ބޮޑުކަމުންނެވެ. ދުނިޔޭގެ ބޮޑުމިން ތަޞައްވަރު ކުރެއްވުމަށް، މުޅި ދުނިޔެ ފުޓުބޯޅައެއް ވަރަށް ކުޑަކޮށްފިނަމަ، އެންމެ އުސް ހިމާލިޔާ ފަރުބަދަ، ބޯޅައިގެ މަތީގައިވާ ކުޑަ ވެލިފުކެއްވަރަށް ވުރެވެސް ކުޑަވާނެކަން ޚިޔާލު ކުރައްވާށެވެ. ދުނިޔޭގެ އަނެއް ފަރާތުގައިވެސް މީހުން އުޅެއެވެ. ހުރިހާ އެއްޗެއް ދުނިޔޭގެ މެދަށް ދަމާ ޤުދުރަތީ ބާރެއް ހުންނާތީ މައްޗަށްދާ ތަކެތި ތިރިއަށް ވެއްޓެނީއެވެ. މި ބާރުން ބިމުގެ މަތީގައި އަޅުގަނޑުމެންް ”ހަރު“ލަނީއެވެ. މި މަޒުމޫނު ވިދާޅުވާ ބޭފުޅުންނަށް ދުނިޔޭގެ އެތެރޭގައިވަނީ ކޮންއެއްޗެއް ބާވައޭ ހިތްޕުޅަށް އަރާވަޑައިގަންނަވާނެއެވެ. ސައެންސްވެރިން މިކަން ބަލާފައި ވެއެވެ. ހުރިހާ ދިމާލަކުންވެސް އަޑިއަށް ކޮނުމުން ހޫނުގަދަވަމުންދާ ކަމަށް ތަޖުރިބާ ކުރެވިފައި ވެއެވެ. ދުނިޔޭގައި ހުންނަ އެންމެ ފުން ވަޅަކީ ދެކުނު އެފްރިކާގައި، ބިމުގެ އަޑިން ރަންނަގަން ކޮނެފައި ހުންނަ ވަޅެކެވެ. މިވަޅުގެ އަޑީގައި ހޫނު ގަދަކަމުން މީހުން މަސައްކަތް ކުރަން ޖެހެނީ މުޅި ވަޅު އެއަރކޯންކޮށް ފިނިކޮށްގެންނެވެ. ދުނިޔޭގެ އެންމެ އެތެރެ ހޫނުކަން ޔަޤީންވާ އަނެއް ސަބަބަކީ އަލިފާން ފަރުބަދައެވެ. އަލިފާން ފަރުބަދައަކުން އޮހޮރެނީ ދިޔާހޫނު ހިލައެވެ. މި ދިޔާ ހިލަ އަންނަނީ ކޮންތަނަކުން ހެއްޔެވެ؟ ބައެއް ސަރަޙައްދުގައި ބިންގަނޑު ދެރަ ތަންތަނުން ހޫނު ފެނާއި އާވި އަރައެވެ. މިފަދަ އާވިން ކަރަންޓު އުފައްދާ ހަދައެވެ. މިފަދަ ފެންގަޑުގަޑަށް އަޅުގަނޑު އެރިހެދީމެވެ. މަތީގައިވާ ސަބަބުތަކާ ހެދި ބިމުގެ އަޑީގައިވަނީ ދިޔާ ހިލަކަން އަޅުގަނޑުމެންނަށް ޔަޤީންވެއެވެ.

ސައިންސްވެރިން ބިންދެކެނީ ކާއްޓެއްފަދައިންނެވެ. ކާށީގެ ނާށިގަނޑު އެއީ އެއް ފަށަލައެވެ. ހުދު ކުލައިގައި ހުންނަ ކާށި ފަށަލައަކީ އަނެއް ބައެވެ. މުޑި އެއީ އެންމެ އެތެރޭގައިވާ ބައެވެ. އެންމެ ބޭރު ފަށަލަ ކަމުގައިވާ ނާށިގަނޑުގެ ބޯމިނަކީ ގާތްގަޑަކަށް 20 ކިލޯމީޓަރެވެ. އެކި ދިމާގައި މި ބޯމިން ތަފާތުވެދެއެވެ. މިއަށް ވުރެ އަޑީގައިވާ ކާށިގަނޑަކީ ދުނިޔޭގެ ބޮޑުބައެވެ. އެތެރޭގެ ހޫނު ގަދަކަމުން މި ބައިގައި ހިމެނެނީ ދިޔާ ހިލައެވެ. ދުނިޔެ އެނބުރެމުންދާތީ މިފަށަލަ ހުންނަނީ އަބަދުހެން އެނބުރިއެނބުރި އެވެ. މިއަށްވުރެ އަޑީގައިވާ ބިމުގެެ މެދަކީ ނުވަތަ މަދަކީ، އާދެ! މުޑިއަކީ ވަރަށް ބަރު ވަރަށް ހޫނު ބައެކެވެ. މަތީގައިވާ ފަށަލަތަކުގެ ބަރުން މިބައި އޮންނަނީ ވަރަށް ބޮޑަށް ފިތިފައެވެ. އެހެން ކަމުން މިބަޔަކީ މެދުބަޔާ ޚިލާފަށް ހަރުކޮށް އޮންނަ ބައެކެވެ.

ޙަޤީޤަތުގައި އަދި މިދެންނެވުނީ މުޅިން ބަރާބަރަކަށް ނޫނެވެ. އެންމެ ބޭރު ފަށަލަ ކަމުގައިވާ ނާށިގަނޑުވަނީ އެކި ދިމާއިން ފަޅައިގެން ގޮސް ވަރަށް ބޮޑަށް ރެނދުލައިފައެވެ. މެދުބަޔާ އަޅާބަލާއިރު މިބައި ލުއިކަމުން މި ”ނާށި“ ބައިތައް އޮންނަނީ ދިޔާބައިގެ މަތީގައި ދުވެދުވެ އެވެ. މި ނާށިކޮޅުތަކަށް ޕްލޭޓް އޭ ކިޔައެވެ. ޕްލޭޓްތައް ދަތުރު ކުރަނީ ވަރަށް ވަރަށް މަޑު ދުވެއްޔެއްގައެވެ. ވަޅެއްގެ ތެރޭގައި ފިލާގަނޑުތަކެއް ފެންމަތީގައި އޮންނަ ގޮތަށެވެ. އާދެ! މީގެ މާނައަކީ އެއް ޕްލޭޓް ގައިވާ ޤައުމަކާ އަނެއް ޕްލޭޓްގައިވާ ޤައުމެއްގެ ދެމެދުގައިވާ ދުރުމިން އަބަދު ހުންނާނީ އެއްވަރަކަށް ނޫނެވެ. ޕްލޭޓްތައް ދިޔާ ހިލަތަކުގެ މަތީގައި އޮޔާދާ ގޮތަކުން ދެ ޤައުމު ކާރިވެ ނުވަތަ ދުރުވެ ދެއެވެ. ނަމަވެސް އެއީ ވަރަށް ކުޑަކޮށެވެ. ނާށިގަނޑު ފެޅިފައިވާ ހިސާބުތައް ތިރީގައިވާ ޗާޓުން ފެނިވަޑައިގަންނަވާނެ އެވެ. ބައެއް ބޭފުޅުން މިހާ ހިސާބަށް ވިދާޅުވެފައި ސުވާލު ކުރައްވާނެއެވެ. ތިބުނާ ރެނދުތައް ދުނިޔޭގެ އެންމެ މަތީ ފަށަލައިގައި ހުންނަކަން އެނގެނީ ކިހިނަކުން ހެއްޔެވެ؟ މި ސުވާލުގެ ޖަވާބުގެ ގޮތުގައި ތިން ދަލީލެއް ދަންނަވާނަމެވެ. ފުރަތަމަ ކަމަކީ އެއްގަމުގައި މި ރެނދުތައް ހުންނަތަންތަން ފެންނަން ހުރެއެވެ. އާދަޔާ ޚިލާފު ފުންކޮށެވެ. ކަނޑުގައި ހުންނަ ރެނދުތައް އާދަޔާ ޚިލާފަށް ފުންކަން މިނެ ވަޒަން ކުރެވިފައި ވެއެވެ. މީގެ އިތުރަށް އަލިފާން ފަރުބަދަ ހުންނަ ތަންތަނާއި ބިންހެލުން އަންނަ ހިސާބުތައް ދުނިޔޭގެ ޗާޓެއްގައި ފާހަގަ ކުރާނަމަ، ކުރިން ދެންނެވި ރެނދުތަކާ ދިމާވެއެވެ.އަލިފާން ފަރުބަދަ އުފެދެނީ އަޅުގަނޑުމެން މިއުޅޭ އެންމެ މަތީ ފަށަލައިގައިވާ ރެނދުތަކުން އަޑީގައިވާ ދިޔާ ހިލަތައް ނުކުންނާތީ އެވެ. މިދިޔާ ހިލަތައް ޖައްވުގެ ވައިގައި ނުވަތަ ލޮނުގައި ޖެހުމުން ހަރުވެއެވެ. ބައެއް ދިޔާ ހިލަތަކުގެ ތެރެއިން ގޭސް ނުކުތުމުން އެ ހިލަ ކުއްލިއަކަށް ފުފެއެވެ. މި ފުފޭ ހިލަ ނިކަން ލުއިވެއެވެ. މިއީ ފެންމަތީގައި އޮންނަ ލުއި ގަލެއް ފާޑުގެ ހިލައެކެވެ. އަޅުގަނޑުމެން ކުޑައިރު މީގެ ގައު އޮޔާއައިސް ގޮނޑުދޮށަށް ލައްގައެވެ. މި އަށް އަޅުގަނޑުމެން ކިޔަނީ ބަތާވި ގަލެވެ. ދަގަނޑު ތަކެތިން ދަބަރު ފިލުވަން މި ބޭނުން ކުރެއެވެ. ބުނެވޭގޮތުގައި މިގައުތައް އެ ދުވަސްވަރު ފެނުނީ 1972 ވަނަ އަހަރު އިންޑޮނީޝިއާ ކައިރީގައިވާ ހިސާބަކުން ރެނދުލާފައިވާ ތަނަކުން ދިޔާ ހިލަ ނުކުމެގެންނެވެ. އެންމެ އާދަޔާ ޚިލާފު ކަމަކީ ހިލަނުކުތް މިލޯވަޅު ހުރީ ކަނޑުގެ އަޑީގައި ކަމެވެ. ނަމަވެސް ދުވަސް ކޮޅަކުން އަޑިން ނުކުތް ދިޔާ ހިލަ ގިނަވަމުން ގޮސް އެންމެ ފަހުން ކަނޑު މަތިން މި ހިލަތައް ލޮނުމައްޗަށް އުފުލި ރަށެއް އުފެދުނެވެ. މިރަށުގެ ފޮޓޯއެއް ތިރީގައި އެވަނީއެވެ.ބިމުގެ އެންމެ މަތީ ފަށަލަ، އާދެ! އަޅުގަނޑުމެންނާއި ކަނޑުތައްވާ ފަށަލައިގައިވާ ޕްލޭޓްތައް، ދައުރުކުރާ ދިޔާ މެދުބައިގެ މަތީގައި ހުންނާތީ އެ ބައިތައް ހުންނަނީ ދުވެދުވެއެވެ. އެއްޕްލޭޓް އަނެއް ޕްލޭޓްގައި މާބާރަށް ޖެހިއްޖެނަމަ ވަރަށް ބޮޑު ބިންހެލުމެއް ދުނިޔެއަށް އާދެއެވެ. ކޮންމެ ބިންހެލުމެއް އައިސްފައިވަނީ މިދެންނެވި ފަދަ ރެދުތަކާ ދިމާގައިވާ ޤައުމުތަކަށެވެ. ބައެއް ބިންހެލުމުގައި ޕްލޭޓެއް ކުރިން އޮތްވަރަށް ވުރެ އަޑިއަށް ގެނބެއެވެ. ބައެއް ފަހަރު ޕްލޭޓް މައްޗަށް އަރައެވެ. އަނެއް ބައި ފަހަރު އެއް ޕްލޭޓްގެ މައްޗަށް ޖެހިގެން އޮތް ޕްލޭޓް އުފުލި ފައްތަރު އަރައެވެ. މިހެންވާ ކޮންމެ ފަހަރަކު ޕްލޭޓްގެ މަތީގައިވާ ލޮނުގަނޑު އުފުލި ނުވަތަ އަޑިއަށް ގޮސް ބޮޑު ބާންޏެއް އުފެދެއެވެ. މި ބާނި ބިން ހެލުނު ހިސާބުން އެހެން ހިސާބުތަކަށް ދަތުރުކޮށް ބޮޑެތި ގެއްލުންތައް ދެއެވެ.

ކޮންމެއަކަސް ވަރަށް ގިނަ ޚިޔާލުތަކުގައި ހުރެ ފެންވަރާ ނިންމާލައިގެން އަޅުގަނޑު ކޮޓަރިއަށް ނުކުތްއިރު، ތަންކޮޅެއް ދުރުގައި ހުރި ފަސްބުރީ ޢިމާރާތެއްގެ އެންމެ މަތީގައި މީހުން ނުކުމެ އުޅެން އޮންނަ ޓެރަސް އަށް، މީހުންތަކެއް ޖަމާވެފައިވާ ތަން ފެނުނެވެ. މަތީ ބުރިތަކުގައި ދިރިއުޅޭ މީހުންނަށް ބިންހެލުން މާބޮޑަށް އިޙްސާސް ކުރެއްވިއްޖެކަން އަޅުގަނޑަށް ޔަޤީން ވިއެވެ. ދެން މާގިނައިރެއް ނުވެ އިވުނީ ބާރަށް ސައިރަން ބަރުގޮނު އަޅާފައި އެއްޗެއް ދުއްވާފައި ދިޔަ އަޑެވެ. މިކަންކަމުން، މާލެއަށް ނުރައްކާތެރިކަމެއް އަތުވެއްޖެކަމަށް އަޅުގަނޑަށް ވިސްނުނެވެ.

އޮފީހަށް ދާން ބައިސްކަލުގައި ނިކުތްއިރު، އަޅުގަނޑުމެންގޭގެ ކައިރީގައިވާ ހަތަރު އަނގޮޅިއެއްގައި މީހުންތަކެއް އެއްވެ ވާނުވާ ނޭނގިގެން ވާހަކަ ދައްކާތަން ދުށީމެވެ. މިގޮތަށް ތަންތަންކޮޅުގައި މީހުން ތިބިކަން އަޅުގަނޑަށް ފާހަގަ ކުރެވުނެވެ. އަޅުގަނޑު އުޅޭ އޮފީސް ހުންނަ ނިކަގަސްމަގުގައި ހުންނަ ޖީބްލޮކަށް ދިޔައިރު އޮފީހުގެ ކުރިމަތީގައި މެދު ޢުމުރެއްގެ މީހަކު ހުއްޓެވެ. އޭނާ ބިންހެލުމެއް އައިސް، މަޖީދީމަގުގެ ކައިރީގައި ހުރި އުސްޢިމާރާތެއްގެ ބައެއްގައި ކަރަންޓުގެ ސަބަބުން އަލިފާން ރޯވި ވާހަކަ ބުންޏެވެ. ޢިމާރާތް ހެލޭއިރު ކަރަންޓު ނަރުތަކަށް ވާންވެ، ކެނޑި އަލިފާން ރޯވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.

އަޅުގަނޑު މަސައްކަތް ކުރާ ޢިމާރާތުގެ އެންމެ މަތީބުރީގައި ހުންނަނީ ތިމާވެއްޓާ ބެހޭ ތަޙުޤީޤުތައް ކުރާ މަރުކަޒެކެވެ. މި މަރުކަޒުގައި އެންމެ އިސްކޮށް ހުންނަނީ އަޅުގަނޑުގެ ރައްޓެއްސެއް ކަމުގައިވާ ޑރ. މުޙަންމަދު ޢަލީއެވެ. އޭނާއަށް ފޯނުކޮށް ބިންހެލުނު ވާހަކަ ބުނުމުން، އެ އޮފީހުގެ މުވައްޒަފުން މިހާރު އެކަމާ ބެހޭ މަޢުލޫމާތު އިންޓަނެޓުން ހޯދައިފިކަމަށާއި ބިންހެލުން އައިސްފައިވަނީ އިންޑޮނީޝިއާގެ ކައިރިއަށް ކަމާއި މި ބިންހެލުމުގެ ބާރުމިނަކީ 8.0 ކަމުގައި ވިދާޅުވިއެވެ. ބިންހެލުމެއްގެ ބާރުމިން ބަލަނީ ރިކްޓަރު ކިޔާ މީހަކު 1934 ވަނަ އަހަރު އުފެއްދި ވަޒަނަކުންނެވެ. އެ ވަޒަނުގައި ބަލަނީ ބިންހެލުނު ތަނުގެ މެދުގައި ބިންހެލުމަށް ބޭނުންވި ހަކަތައެވެ. މި ވަޒަނުގައި، 1 ނަންބަރުގެ ބިންހެލުމަކަށްވުރެ 2 ނަންބަރުގެ ބިންހެލުމެއްގެ ބާރުމިން 10 ގުނަ ބޮޑުވާނެއެވެ. 3 ވަނަ ދަރަޖަ ނަމަ، 1 ވަނަ ދަރަޖައަށް ވުރެ 100 ގުނަ ބޮޑުވާނެއެވެ. މިއީ 10 އިން ގުނަވަމުންދާ ވަޒަނެކެވެ. ނަމަވެސް 3 ގެ ބިންހެލުމެއް ނޫނީ އިންސާނުންނަކަށް އިޙްސާސެއް ނުކުރެވެއެވެ. 8.0 ގެ ބިންހެލުމަކީ އަހަރަކު އެއްފަހަރު ދުނިޔޭގެ ކޮންމެވެސް ހިސާބަކަށް އިޙްސާސް ކުރެވޭ ބިންހެލުމެކެވެ. ސަތޭކައެއްހާ ކިލޯމީޓަރުގެ ސަރަޙައްދެއް މިވަރުގެ ބިންހެލުމަކުން ސުންނާފަތި ވެއެވެ. 9.0 ގެ ބިންހެލުމަކުން 1000 ކިލޯމީޓަރުގެ ބޮޑު ސަރަޙައްދެއް އެއްކޮށް ސުންނާފަތި ވެއެވެ. 8.0 ގެ ބިންހެލުމެއް އިންޑޮނީސިއާ ކައިރި ކަނޑަކަށް އަތުވެއްޖެނަމަ …

ޑިސެމްބަރު 26 ވަނަ ދުވަހަކީ ބޭރު ޤައުމުތަކަށް ކިޔަވަންދާން ބޭނުންވާ ކުދިންނަށް ސަރުކާރުންދޭ ލޯނު އެހީދިނުމަށް ގުރުއަތުލުމެއް މާލޭގައި ހުންނަ ޣިޔާޘުއްދީނު މަދަރުސާގެ ހޯލްގައި އޮތް ދުވަހެކެވެ. މި ޖަލްސާއަށް ކަންހިނގާގޮތް ބެލުމަށް އަޅުގަނޑަށް 8:30 އަށް ދާން އޮތެވެ. އެހެންކަމުން، ބިންހެލުމާބެހޭ މަޢުލޫމާތު އަޅުގަނޑުވެސް އިންޓަނެޓުން ބެލުމަށްފަހު، ދެން ދިޔައީ ޖަލްސާއަށެވެ. ބިންހެލުމާ ގުޅިގެން ސުނާމީއެއް އަތުވެދާނެ ކަމާއި ކަމާބެހޭ ފަރާތްތަކަށް މިކަން އަންގަން ދެތިން ފަހަރު އަޅުގަނޑުގެ ހިތަށް އެރިއެވެ. ނަމަވެސް . . .

ޣިޔާޘުއްދީނު މަދަރުސާގެ ހޯލްއޮތީ ގާތްގަޑަކަށް ފުރިފައެވެ. ދަރިވަރުންނާއި ބެލެނިވެރިން ނުތަނަވަސް ކަމާއެކު ގުރުއަތުންވާ ގޮތް ބަލަމުން ދިޔައީ ކެތްތެރިކަމެއް ނެތް ގޮތެއްގައެވެ. ޖަލްސާ ނިމެން ކައިރި ވެފައިވަނިކޮށް ފާހަގަ ކުރެވުނީ ހޯލުގެ މަގުމަތީ ފާރުކައިރީގައި ތިބި މީހުން ތެދުވެގެން ކުޑަދޮރުކައިރިއަށް އެއްވަމުންދާތަނެވެ. ދެން އަޅުގަނޑުވެސް ބޭރު ބަލައިލީމެވެ. ހޯލްއާ އިންވެގެން އޮތް އަމީނީމަގުގައި 2 ފޫޓަށް ލޮނުވަނީ ބޮޑުވެފައެވެ. އަދިވެސް ބާނީތައް ހުޅަނގުފަރާތުގައި އޮތް މަގަކުން އަމީނީ މަގަށް ވައްދަމުން ދަނީއެވެ. ގަޑިބަލާލިއިރު އޭރު 9:20 ވެއްޖެއެވެ. އެ ކާރިސާއަކުން މުޅި ރާއްޖެ ކުރިއަށް އޮތް ޒަމާންތަކަކަށް ބަދަލުކޮށްލާނޭ ސުނާމީ ރާއްޖެއަށް އެރީއެވެ.

ހޯލްގައި ގުރުއަތުލުން ބެލުމަށް ތިބި ކޮމިޓީގެ އެހެން ދެތިން މީހުންނަށް އެވަގުތު އިތުރު ޚަބަރު ފޯނުން ލިބިއްޖެއެވެ. އިންޑިޔާއަށް ސުނާމީ އެރި ވާހަކައެވެ. ސިލޯނަށް ސުނާމީ އެރި ޚަބަރެވެ. ޖަލްސާއަށް އެއްވެފައި ތިބި މީހުންގެ ތެރެއިން އެކަކު ތެދުވެގެން އައިސް ކޮމިޓީގެ މީހުންނާ މުޚާޠަބުކޮށް ޖަލްސާ ހުއްޓާލުމަށާއި މި ލޮނުގަނޑު އެރުންވާނީ މުޅި ރާއްޖެއަށް އައި ވަރަށް ބޮޑު މުޞީބާތެއްކަމަށް ބުންޏެވެ. އޭނާ ހުރީ ވަރަށް ބޮޑަށް ހާސްވެ ހަދާނެގޮތް ހުސްވެ ރުޅިއައިސް ފައެވެ. އަޅުގަނޑުމެންނަށް ބުނެވެންއޮތީ މިހާދިސާގައި ރާއްޖޭގެ ކިތަންމެ ރަށަކަށް ލޮނު އެރިއަސް އަޅުގަނޑުމެންނަށް ކުރެވޭނޭ ކަމެއް މި ހިނދު ނެތްކަމާއި ކުރިއަށް އަތުވެދާނޭ ރާޅުތަކަކަށްޓަކައި އެންމެ ރައްކާތެރިވާނީ ހޯލްގައި މަޑުކުރުން ކަމެވެ. އަދި މިކަމުގައި ބަޔަކު މަރުވެގެން ދިޔަޔަސް އެމީހުންގެ އެދުމަކަށްވާނީ އަޅުގަނޑުމެން މިހާރު ކުރަމުންދާ ކަންތައްތައް ކުރިއަށް ގެންދިއުން ކަމެވެ.

އަޅުގަނޑުވެސް ހޯލުން ބޭރަށް ނުކުމެ ބޮޑުވަމުންދާ ލޮނުގަނޑަށް ބަލައިލީމެވެ. އަމީނީމަގަށް ރާޅު ވައްދަމުންދަނީ ސިހުންވާ ވަރަށެވެ. އެވަގުތު ހޯލްގައި ތިބި އެންމެ އިސްމީހުންތަކުގެ ތެރޭގައި އަޅުގަނޑު ވެއެވެ. އެހެންކަމުން، ތަނުގައި ތިބި މީހުންގެ ރައްކާތެރިކަމަށް ޚިޔާލުކޮށްލީމެވެ. ޣިޔާޘުއްދީނު މަދަރުސާއަކީ ހަތަރު ބުރިއަށް ޖަޕާނު ސަރުކާރުން ހަދާފައިވާ ވަރަށް ފަހުގެ ވަރުގަދަ ޢިމާރާތްތައް ހިމެނޭ މަދަރުސާއެކެވެ. ޢިމާރާތްކޮށްފައިވަނީ މަގުމައްޗަށް ވުރެ ދެ ފޫޓު ވަރު އުހުގައެވެ. ކަންދިމާވާގޮތުން ދިހަވަރަކަށް ފޫޓުގެ ރާޅެއް އައި ކަމުގައި ވިއަސް އެންމެ ރަނގަޅުވާނީ  މި މަދަރުސާގައި މަޑުކުރުންކަން އަޅުގަނޑަށް ޔަޤީން ވިއެވެ. ސުނާމީއެއްގައި ބައެއްފަހަރު އެންމެ ބާރުގަދައީ 4 ވަނަ ނުވަތަ 5 ވަނަ ރާޅެވެ.

”ސުނާމީ“ އަކީ އަޞްލުގައި ޖަޕާނު ލަފުޒެކެވެ. ޖަޕާނު މަސްވެރިންނަށް ފާހަގަ ކުރެވުނީ އެމީހުން ކަނޑުގައި އުޅެފައި މަސްބާނައިގެން އަންނައިރު ބަދަރު އޮންނަނީ ރާޅެއްގެ ސަބަބުން މުޅިން ހަލާކުވެފައި ކަމެވެ. ރާޅެއް އެމީހުންނެއް ނުދެކެއެވެ. ހީވަނީ ހަމައެކަނި ބަދަރަށް ޖެހި ރާޅެއް ހެނެވެ. ސުނާމީ ގެ ލަފުޒީ މާނައަކީ ބަދަރު ރާޅެވެ. ”ސު“ ޖަޕާނު ބަހުން ކިޔަނީ ބަދަރަށެވެ. ”ނާމީ“ އަކީ ރާޅެވެ. މިއީ ދިވެހި މަސްވެރިންނަށްވެސް މިދުވަހު ތަޖުރިބާ ކުރެވުނު ކަމެކެވެ. ކަނޑުގައި ދޯނި ހުންނައިރު ރާއްޖެ ގިރާލާވަރުގެ ރާޅެއް އައި ކަމެއް ފާހަގައެއް ނުކުރެވެއެވެ. ނަމަވެސް ރަށަށް ލެފިއިރު . . . . ސުނާމީގައި ކަނޑުމަތީގައި ހުއްޓައި އާދަޔާ ޚިލާފު އިޙްސާސެއް ކުރެވުނު ފަރާތަކާ އަޅުގަނޑަށް ދިމާވީ އެކަކެވެ. އޭނާ ބުނީ ކާށިދޫއަށް ދަތުރު ކުރަނިކޮށް އެ ރަށް ފެނިފައި އިރުކޮޅެއް ވަންދެން އެ ރަށް ނުފެނުނު ވާހަކައެވެ. ނަމަވެސް ރާޅެއް ފެނުނު ވާހަކައެއް އޭނައެއް ނުބުނެއެވެ. އެހެންކަމުން އަޅުގަނޑުމެންނަށް ސުނާމީއަކީ ރާޅެކޭ ދެންނެވުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ކަންވާގޮތް މީހުންނަށް އެނގެންފެށީ މިކަމާ ސައިންސްގެ ރޮނގުން ވިސްނަން ފެށީމައެވެ.

ބިންގަނޑު ހެލުނު ހިސާބަށް ސައިންސްވެރިން ގޮސް ވެފައިވާގޮތް ބެލިއެވެ. އަދި ބިންގަނޑު ހެލުނުވަރު ބަލަން އެކި ޤައުމުތަކުގައި ހަރުކޮށްފައި ހުރި އާލަތްތަކުގެ ރިޕޯޓުތައް ބެލިއެވެ. ކުރިން ހީކުރެވުނު ގޮތާ ޚިލާފަށް މި ބިންހެލުން މާ ބާރު ގަދަކަމަށް މިހާރު ވަނީ ނިންމާފައެވެ. މިހާރު ބިންހެލުމުގެ މިންގަޑަކީ 9.15 އެވެ. ގިނަ ބިންހެލުންތަކުގެ ދިގުމިނަކީ ސިކުންތުން ގުނޭހާ މަދު ހިނދުކޮޅެކެވެ. ނަމަވެސް މި ބިންހެލުމުގައި 8 ވަރަކަށް މިނެއްޓު ހިނގިކަމަށް ބުނެވެއެވެ. މިއަށްވުރެ ބާރުގަދަ ބިންހެލުމެއް އައިސްފައިވަނީ ފަހުޒަމާނުގައި އެންމެ ފަހަރަކުއެވެ. އެއީ 1960 ވަނަ އަހަރު ދެކުނު އެމެރިކާގެ ޗިލީއަށް އައި ބިންހެލުމެކެވެ. ދުނިޔޭގައި މިހާރު އުފައްދާފައިވާ ހުރިހާ ނިޔުކުލިއަރ އަދި އެހެނިހެން ބޮމްތަކަކާއި އަދި މީގެ ކުރިން ބޭނުންކުރި ހުރިހާ ތަފާތު ބޮމްތަކެއް އެއްކޮށް ޖަމާކޮށްފައި ގޮއްވާލުމުންވެސް 2004 ވަނަ އަހަރު މިއައި ބިންހެލުމަށް ބޭނުންވި ހަކަތައެއް ނުއުފެއްދޭނެ ކަމަށް ބުނެވެއެވެ.

އެންމެ ފުރަތަމަ ބިންހެލުން އައި ގަޑިއަށް ވިސްނަމާ ހިންގަވާށެވެ. ބިންހެލުން އައީ ޖީ.އެމް.ޓީ ގަނޑިން 00:58:33  ގައެވެ. ރާއްޖޭގެ ގަޑި ޖީ.އެމް.ޓީ ގަޑިއާ އަޅާބަލާއިރު 5 ގަޑިއިރު އަވަހެވެ. އެހެންކަމުން ބިންހެލުން އިންޑޮނީސިއާއަށް އައީ މާލޭގަނޑިން  5:58:33 ގައެވެ. ގާތްގަޑަކަށް ހައެއްޖަހަން އެއް މިނިޓް ހުއްޓައެވެ. އަޅުގަނޑަށް ބިންހެލުން އިޙްސާސް ކުރެވުނީ 6:28 ގައެވެ. އާދެ! ބިންހެލުން އައިތާ ބައިގަޑިއިރު ފަހުންނެވެ. ބިންހެލުން އައި ތަނުގެ މެދާ މާލެއާ ދެމެދު ދުރުމިނަކީ 2500 ކިލޯމީޓަރެވެ. ޗާޓުން ފެނިވަޑައިގަންނަވާ ފަދައިންނެވެ. އެހެންކަމުން، ބިންހެލުން ދަތުރުކުރީ ގަޑިއަކު 5000 ކިލޯމީޓަރުގެ ބާރު މިނުގައެވެ. ޖީ.އެމް.ޓީ އިން 6 ޖެހިއިރު އުފެދުނު ރާޅު ރާއްޖެއާ ހަމައަށް ފޯރިއިރު ގަޑިން 9:20 ވަނީއެވެ. އެއީ ރާޅުއުފެދުނުތަނާ 3 ގަޑިއިރާ 20 މިނެއްޓު ފަހުންނެވެ. އެހެންކަމުން ރާޅު ދަތުރުކުރީ ގަޑިއަކު 750 ކިލޯމީޓަރު ބާރު މިނުގައެވެ. މިއީ ޖެޓު މަތިންދާބޯޓެއް ދަތުރުކުރާ ވަރަށް ވުރެވެސް ބާރު ދުވެއްޔެކެވެ. ރާޅަށްވުރެ ހަތްގުނަ ބާރުމިނުގައި ބިންހެލުން ދަތުރު ކުރިއެވެ. ބިންހެލުން ދަތުރުކުރަނީ އަޑު ދަތުރުކުރާ އުޞޫލުންނެވެ. އަޑު ދަތުރުކުރާ ބާރުމިން ބިނާވެފައި އޮންނަނީ އެ ދަތުރުކުރާ އެއްޗެއްގެ ކިލޯއެއްގެ ބަރުދަނަށެވެ. ބިންހެލުން ދަތުރުކުރަނީ ބިމުގެ ތެރެއިންލާފައެވެ. ބިމަކީ ލޮނުގަނޑާ އަޅާބަލާއިރު އެތައް ގުނައެއް ބަރު އެއްޗެކެވެ. މިދެންނެވީ އިންޑޮނީސިއާ އާ ދިވެހިރާއްޖެއާ ދެމެދު ބިމުގެ އަޑީގައިވާ ހިލަތަކުގެ ބަރުދަނުގެ ވާހަކައެވެ. ބަރު ތަކެތި ތެރެއިން އަޑު ދަތުރުކުރާލެއް އަވަސްކަމުން، ރޭލެއް ނުފެންނަނީސް ރޭލު ދަގަނޑުގައި ކަންފަތް ޖެހުމުން، ރޭލު އަންނަ އަޑު އިވެއެވެ. އަދި، އިހުޒަމާނުގައި އަސްވާރުން ނުފެންނަނީސް، ބިމުގައި ކަންފަތް ޖަހައިގެން އެމީހުން އަންނަ އަޑު އަހާ ހަދައެވެ.

Image result for 2004 asian tsunami chart

އިންޑޮނީސިއާ ކަނޑުގެ ބިންހެލުން އައި ތަނަށް ބޯޓުފަހަރުގައި ގޮސް ތަފާތު ގޮތްގޮތަށް ބިންހެލުމާ ގުޅިގެން ވެފައިވާ ގޮތް މިހާރު ބަލައިފިއެވެ. ބިންހެލުމުގައި ކަންވެފައިވާ ގޮތަކީ 1200 ކިލޯމީޓަރު ދިގުކޮށް އެއް ޕްލޭޓް 50 ފޫޓު އަޑިއަށް ދިޔައީއެވެ. އަޑިއަށް ދިޔަ ޕްލޭޓް މައްޗަށް އަނެއް ޕްލޭޓް ފައްތަރު އަރާ މައްޗަށް އެރިއެވެ. މިކަމާ ގުޅިގެން 30 ކޮޑި ކިލޯމީޓަރުގެ ލޮނު ކުއްލިއަކަށް އަޑިއަށް ދިޔައެވެ. ސުނާމީ އުފެދުނީ ކުއްލިއަކަށް ލޮނުގަޑު އަޑިވުމުގެ ސަބަބުންނެވެ. މި އަޑިވުން އަޑިވީ ކުރިން ދެންނެވިހެން 1200 ކިލޯމީޓަރު ހުންނަ ވަރަށް ދެކުނުން އިރަށެވެ. ރާއްޖެއާ ފާޓު ހަމަ ވާ ކަހަލަ ގޮތަކަށެވެ. ސުނާމީގެ އަސަރު ރާއްޖެ ފަދަ އުތުރުން ދެކުނަށް އޮންނަ ޤައުމުތަކަށާއި އިރުމަތީ އެފްރިކާގެ ގޮނޑުދޮށަށް އެހާ ބޮޑުވީ މިހެން ވެގެންނެވެ. ބަންގްލާދޭޝް އަކީ ތިރި ޤައުމެކެވެ. ނަމަވެސް މި ޤައުމަށް ކުރި އަސަރު ކުޑައެވެ. އެ ޤައުމުގެ އައްސޭރިފަށް އޮންނަނީ އިރުން ހުޅަނގަށެވެ. ރާއްޖޭގެ އުތުރަށް ސުނާމީގެ އަސަރު ކުޑަވީ ސިލޯނުގެ ”ނިވަލުގައި“ އެ ހިސާބު އޮތީމައެވެ. ކުރިން ބެއްލެވި ޗާޓަށް އަލުން ނަޒަރެއް ދެއްވާށެވެ.

ޕްލޭޓްތައް ފައްތަރުވި ގޮތުން އެއް ޕްލޭޓް އެރީ މައްޗަށެވެ. އެ ޕްލޭޓްގައިވާ ހުރިހާ ޤައުމަކާ އެކުއެވެ. ތިރީގައިވާ ފޮޓޯއިން އެ ފެނިވަޑައިގަންނަވަނީ މައްޗަށް އެރި ޕްލޭޓް ގެ މަތީގައިވާ ކުޑަރަށެކެވެ. ބިން ހެލުން ނިމުނު އިރު މިރަށުގެ އެއް ފަރާތު ފަރުވަނީ މާބޮޑަށް އަޑި ވެފައެވެ. އަނެއް ފަރާތުގެ ފަރުހުރީ ފެނުން މަތީގައެވެ. މަދީ މަސްމަހާއި ބޯވައާއި ވެނެވެ. މުރަކަތައް ހުރީ ފެނުން މަތީގައެވެ.

ފުވައްމުލަކަށް މިއަސަރު ކުޑަވީ ކީއްވެގެން ބާވައެވެ؟ މިފަދަ ސުވާލުތަކަށް ޖަވާބު ހޯދުމަށް ސުނާމީ ރާޅު އާއި ކަނޑުގައި ޢާއްމުކޮށް ހުންނަ ވައިން އުފައްދާ ރާޅުގެ ތަފާތު ދެނެގަންނަން ޖެހެއެވެ.

ރާޅުގެ ދެހުޅި ދެމެދުގައި ހުންނަ ދިގު މިނަށް ކިޔަނީ ރާޅުގެ ދިގުމިނެވެ. މި މިން ޖެހިޖެހިގެންވާ ދެފުލުގެ (ރާޅު ބަނޑުގެ) ދެމެދުގައި ހުންނަ މިނާ އެއްވަރު ވާނެއެވެ. މާކަނޑުގައި ވައިން އުފައްދާ ރާޅުގެ އުސްމިނަކީ އެވްރެޖްކޮށް އެންމެ ތިން ފޫޓެވެ. ވައި ގަދަ ޠޫފާނެއްގައި ރާޅުގެ އުސްމިން 60 ފޫޓަށް އަރާފާނެއެވެ. ނަމަވެސް ވައި ނުޖެހޭނަމަ، މާކަނޑުގައި އުސްރާޅެއް ހުރުމަކީ ސައިންސްގެ އުޞޫލުން ބަލާއިރު ނުވާނޭ ކަމެކެވެ. ސުނާމީ ރާޅެއް މާކަނޑުގައި ދަތުރުކުރާއިރު އުސްމިނުގައި އެންމެ ބޮޑަށް ހުންނަނީ ދެ ފޫޓު ތިން ފޫޓުވަރެވެ. ވައިން އުފައްދާ ރާޅާ އަޅާބަލާއިރު ވަރަށް ކުޑައެވެ. ސުނާމީ ރާޅެއްގެ މަތީގައި ދޯނި ދަތުރުކުރާއިރު ވެސް މަސްވެރިންނަށް އެކަން އިޙްސާސް ނުކުރެވެނީ އެހެންވެގެންނެވެ. ދެން ރާޅުގެ ދިގުމިން އެހެން ނޫންތޯއެވެ؟

އާދެ! ވައިން އުފައްދާ ރާޅާއި ސުނާމީ ރާޅާ އެންމެ ތަފާތުވަނީ ސުނާމީ ރާޅެއްގެ ދިގުމިނާއި ދުވެލީގައެވެ. ވައިން އުފައްދާ ރާޅުގެ ދިގުމިން ކަނޑުމަތީގައި އުޅޭ އެންމެންނަށްވެސް އެނގޭނެއެވެ. ގޮށްރާޅު ނޫންނަމަ މީގެ ދިގުމިނުގައި ހުންނާނީ ގާތްގަޑަކަށް 90 މީޓަރެވެ. 300 ފޫޓެވެ. ދެން ފަހަރަކުން ކަނޑުގައި ދަތުރު ކުރައްވާއިރު، ގާތް ދެހުޅި ދެމެދުގައިވާ ދުރުމިން ބައްލަވާ ލައްވާށެވެ. ވައިރާޅުގެ ދުވެލި ހުންނަނީ ގާތްގަޑަކަށް 10 މޭލާއި 20 މޭލާއި ދެމެދުވަރެއްގައެވެ. ބާރަށްދުވާ ލޯންޗަކަށް ވުރެ ވައިރޯޅީގެ ދުވެލި ލަސްވާނެއެވެ.

ސުނާމީ ރާޅެއްގެ ދިގުމިނުގައި ހުންނަނީ ގާތްގަޑަކަށް 100 ކިލޯމީޓަރެވެ. ވައި ރާޅަކާ އަޅާ ބަލާއިރު 1000 ގުނަ ބޮޑެވެ. ރަށަކަށް އެރި ރާޅުގެ ދިގުމިން ބެލުމަކީ ވަރަށް ފަސޭހަ ކަމެކެވެ. މިކަމަށް ބޭނުންވާނީ ސުނާމީގައި ރަށަކަށް ދެރާޅު އެރި ނަމަ، އެ ދެރާޅު ދެމެދުގައި ހިނގި ވަގުތެވެ. ދެން ރާޅުގެ ދުވެލި އެނގޭތީ އަޅުގަނޑުމެންނަށް ރާޅުގެ ދިގުމިން އަންދާޒާ ކުރެވެއެވެ. ކ. ދިއްފުށީ ކުޑަކަތީބު އަލްއަޚް ޢަބްދުއްރާފިޢު އަކީ ސުނާމީގެ ކަންތައްތަކުގައި ވަރަށް ޙަރަކާތްތެރިކޮށް އުޅުއްވި ބޭކަލެކެވެ. މިވަގުތަކީ ކިތައް މިނެއްޓު ތޯ ސުވާލުކޮށްލުމުން ވިދާޅުވީ އެދެމެދުގައި ވާނީ 15 އާއި 20 އާ ދެމެދުގެ ވަގުތެއް ކަމަށެވެ. 15 މިނެއްޓު ކަމަށް ބެލިނަމަ، ރާޅުގެ ދިގުމިންކަމަށް އަންނާނީ 190 ކިލޯމީޓަރެވެ. މިއީ ލޮލަށް ފެންނަވަރަށް ވުރެ ވެސް ދިގު މިނެކެވެ. އެހެންކަމުން ފަޅު ކުޑަރަށެއްނަމަ، ރާޅެއް އަންނަ ކަމަކަށް ނުފެންނާނެއެވެ. ހީވާނީ ކަނޑު އުފުލިގެން އަންނަ ކަމަށެވެ. ތިރީގައިވާ ފޮޓޯގައިވާ ސުނާމީގެ ރާޅު ފެންނަ ފަދައިންނެވެ. ކަނޑު ނުފެންނަ މީހުންނަށް ހީވާނީ ރަށް އަޑިއަށް ދަނީ ކަމަށެވެ.

ސުނާމީ ރާޅެއް، ގެއްލުން ދޭކަން އުސްވާކަށް ނުޖެހެއެވެ. ރާޅެއްގައި ހުންނަ ހަކަތަ ރާޅުގެ ދުވެލި އަވަސްވެފައި ދިގުމިން ބޮޑުވުމުން މަތިވާނެއެވެ. ސުނާމީ ރާޅެއް އަރާއިރު އެ މަޑުކުރެވޭނީ ކިހިނެއް ބާވައެވެ؟ ކުރިމަތިލާން ޖެހެނީ ގަޑިއަކު 750 ކިލޯމީޓަރުގެ ބާރުމިނުގައި އަންނަ މަދުވެގެން 100 ކިލޯމީޓަރުގެ ދިގު ހައެއްކަ ފޫޓު އުސް ލޮނުގެ ބަރުދަނާއެވެ. ޢާއްމުކޮށް މަސްބާނަށްދާ ދުރުމިނުގެ ދެގުނަ ދިގު ހައެއްކަ ފޫޓު ފުޅާ ”ރުއްގުޅިއެއް“ ތިބާއާ ދިމާއަށް ޖެޓަކަށް ވުރެ ބާރަށް އަންނަނަމަ، ހައްދަވާނީ ކިހިނެއްތޯއެވެ؟ ފެނަކަސް ދުވެލި ބާރު ނަމަ އޭގެ ހަކަތަ ވަރަށް މަތި ވާނެއެވެ. މިހެންވެ، ދުނިޔޭގެ އެހެން ޤައުމުތަކުގައި ހިމަ ލޯވަޅަކުން ބާރަށް ފެން ދުއްވައިގެން ޕްލާސްޓިކް، ހިލަ އަދި ދަގަނޑުވެސް ބުރިކޮށް ކަފާ ހަދައެވެ. މިހާރަކަށް އައިސް ބައެއް ސޯބު ލިއަނީވެސް މިގޮތަށެވެ. ކާރުތަކުގެ ސަނދުވާ އަކީ މުޅިންހެން ފެނުން ކަފާ ހަދާ އެއްޗެކެވެ. މާލޭގައި ހުންނަ ބައެއް ވޯޓަރޖެޓް ކިޔާ ޕްރެޝަރު މަތި ފެން ބަޑިން މީހެއްގެ ގައިގައި ކައިރިން ޖެހިއްޖެނަމަ ފެނުން ހަންގަނޑު ކަފާލައެވެ.

ސުނާމީއެއް ފަޅަށް އެރުމުން އޭގެ އުސްމިން ވަރަށް މަތިވެއެވެ. މިއީ ހުރިހާ ރާޅަކުންވެސް ފާހަގަ ކުރެވޭނޭ ކަމެކެވެ. ކަނޑުން އަންނަ ރާޅެއް ތިލަ ތަނަކަށް އެރުމުން އޭގެ ދުވެލި މަޑުވެފައި ދިގުމިން ކުރުވެއެވެ. މިހެންވުމުން، ކުރިން ހުރި ހަކަތަ ރާޅުގައި ހިފެހެއްޓުމަށް ރާޅު އުސްވެއެވެ. މިކަމާ ބެހޭ ބައެއް ހިސާބުތައް ކުރެހުންތަކުގައި އެވަނީއެވެ. ސައިންސްގެ ނުގުޑާ އެއް އުޞޫލަކީ ހަކަތަ މަދުވެ ހަލާކުވެ ނުދިއުމެވެ. އެހެންކަމުން ރާޅުގައި ކުރިން ހުރި ހަކަތަ ހިފެހެއްޓޭނީ އެ ރާޅުން ގުޑުވާ ލޮނުގަނޑުގެ މިންވަރު އެއްވަރެއްގައި ހިފެހެއްޓުނިއްޔާއެވެ. އަޑިއަށް ނުގުޑުވެންޏާ މަތިވުން ނޫން ގޮތެއް ނޯންނާނެ އެހެންނޫންތޯއެވެ؟ ކަނޑުން އަންނަ ބާނި ފަރުފަރަށް އަރާ އުސްވެ ބިންދަނީ އެހެންވެގެންނެވެ. ކުރެހުމުން އަޅުގަނޑު ދެއްކޭތޯ ބަލާފައި އެވަނީ ތިލަވަމުން އަންނައިރު ރާޅު ކުރުވާގޮތާއި ދުވެލި މަޑުވާ ގޮތާއި އަދި ރާޅު އުސްވާ ގޮތެވެ. ރާޅު އުސްވާތީ ތިލަތަންތަން ފާހަގަ ކުރުމަށް ޒަމާނުންސުރެ ދިވެހީން ބޭނުންކުރާ ޢަލާމަތަކީ އެފަދަ ތަންތަނުގައި ރާޅު ހުރުމެވެ.

މަތީގައި ދެންނެވުނު ނުކުތާ ހަނދުމަފުޅު ބަހައްޓަވަނިކޮށް ބައެއް ރަށްރަށަށް ވަރަށް ބޮޑު ގެއްލުން ލިބިފައި އަނެއްބައި ރަށްރަށް ސަލާމަތްވި ސަބަބު އޮޅުންފިލާ ވަޑައިގަންނަވާނެއެވެ. ފަޅެއް ނެތް ރަށެއްގެ ސަލާމަތްތެރިކަން ސުނާމީ އާ ގުޅިގެން ބޮޑުވާނެއެވެ. ބޮޑު ތިލަ ފަޅެއް އޮތްނަމަ، ސުނާމީ ރާޅު އުސްވުމަށް ފުރުޞަތު ދެވުނީއެވެ. ކޮޅުފުއްޓަށް އެހާ ބޮޑު ގެއްލުމެއްވީ އެރަށަށް ސުނާމީ އެރި ދިމާގެ ފަޅު ބޮޑުކަމުންނެވެ. ވިލުފުށްޓަށްވެސް އެހާ ގެއްލުން ލިބުނީ ފަޅު ބޮޑުކަމުންނެވެ. ފުވައްމުލަކަށް ލިބުނު ގެއްލުން ކުޑަވީ އެރަށުގެ ފަޅު ކުޑަކަމުންނެވެ. ކުރީ ޒަމާނުގައި މާލޭގައި އޮތްވަރަށް ފަޅު ނުހިއްކާ އޮތްނަމަ، ލިބުނު ގެއްލުން ވަރަށް ބޮޑުވީހެވެ. ބައެއް ކަންކަމުގައި ރަޙްމަތަކަށްވާ ކަންކަން، އަނެއްބައި ކަންކަމުގައި މުޞީބާތަކަށް ވެއެވެ.

ހިލަބިން ހުންނަ ޤައުމުތަކުގައި އަކިރި ފަޅެއް ނެތަސް ކަނޑާއި  އެއްގަމާ ދޭތެރެ ވަރަށް ދިގު ”ތިލަ“ އެއް އޮވެއެވެ. ސިލޯނުމީހުންނަށް ސުނާމީގެ މުޞީބާތް ބޮޑުވީ ބިންހެލުނު ތަނާ ކައިރިކަމުންނާއި މި ތިލައިގެ ސަބަބުންނެވެ. ކަނާތްފަރާތު ތިރީގައި އެވަނީ އިންޑޮނީސިއާގެ ސަހަރަކަށް އެރި ރާޅެއްގެ ފޮޓޯއެކެވެ. މިފަދަ ރާޅަކުން ސަލާމަތްވުމަށް ހަނދާނީ ކޮންފަދަ ފަންޑިތައެއް ތޯއެވެ؟

Image result for 2004 asian tsunami

 26 ޑިސެމްބަރު 2004 ވަނަ ދުވަހު މެންދުރު ވީއިރުވެސް، ރާއްޖެއަށް ދިމާވި ކާރިސާގެ ނުރައްކާތެރިކަމެއް ގިނަމީހުންނަކަށް ނޭނގެއެވެ. އެއްރަށާއި އަނެއް ރަށާ ގުޅުންވަނީ ކެނޑިފައެވެ. މޮބައިލްފޯނާއި އެހެން ފޯނުތަކުގެ ނިޒާމް ހުންނަނީ ބިންމަތީގައި ކަމުން، ލޮނުގެ ސަބަބުން އެތައް ރަށެއްގައި އެތަކެތި ވަނީ ހަލާކު ވެފައެވެ. ކުރިން ބޭނުންކުރަމުން ގެންދިޔަ ވޯކީޓޯކީތައް ވީ ނުވީއެއް ނޭނގެއެވެ. ކާރިސާތަކުގައި ބޭރު ޤައުމުތަކުގައި މުވާޞަލާތް ކުރުމަށް އެހީތެރިވާ އެއް ގޮތަކީ އަމިއްލަ އުފަލަކަށް (ހޮބީއެއްގެ ގޮތުގައި) ރޭޑިއޯ އިން ވާހަކަ ދައްކާ ހަދާ ނިޒާމެކެވެ. ބައެއް މީހުން އިލެކްޓްރޮނިކްސްއަށް ޝައުޤު ހުންނާތީ އަމިއްލައަށް ހަދައިގެން ނުވަތަ ޓްރާންސީވަރު ގަނެގެން އެކަކު އަނެކަކާ ވާހަކަ ދައްކާ ހަދައެވެ. މިކުޅިވަރަށް ކިޔަނީ ހޭމްރޭޑިއޯއެވެ. މި ކާރިސާއިން އަޅުގަނޑަށް ކިޔަވައިދިން އެއް ފިލާވަޅަކީ ހޭމްރޭޑިއޯއަށް ކުޑަކުދިން ހިތްޖެއްސުމުގެ މުހިންމުކަމެވެ. މިއީ ކިޔެވުމަށް އެހީތެރިވާ، ޑްރަޤުން ކުދިން އެއްކިބާ ކުރާ، ވިސްނުން ރަނގަޅުކުރާ، އުފެއްދުންތެރި ވަޒީފާއަކަށް މީހާ ފަރިތަކުރާ ކުޅިވަރެކެވެ. ކުއްލި ޙާލަތްތަކުގައި މުވާޞަލާތް ކުރުމަށް މި މީހުންގެ ދައުރަކީ ވަރަށް އަގުހުރި ދައުރެކެވެ. މިފަދަ ކުދިންތަކެއް ރާއްޖޭގެ ރަށްތަކުގައި ތިބިނަމަ، ފުރިހަމަ ޚަބަރު ލިބިގަންނާކަށް ހަފުތާއެއް ދެހަފުތާއެއް ނުދާނެއެވެ.

26 ވަނަ ދުވަހުގެ ރޭގަނޑުގެ ޚަބަރުގައި ސުނާމީގެ ބައެއް މަންޒަރުތައް ޓެލެވިޜަނުން ދެއްކިއެވެ. މި މަންޒަރުތަކުން ރާއްޖެއަށް ސުނާމީގެ ސަބަބުން ކުރާނޭ އަސަރު އެނގެއެވެ. ސިފައިންގެ މީހަކު ދިން އިންޓަރވިޔޫއެއް ވެސް ދެއްކިއެވެ. އޭގައި އޭނާ ބުނި ވާހަކަތަކުގެ ތެރޭގައި ކޯސްޓްގާރޑްގެ އުޅަނދުތައް ފުރަފުރައިގެން ރަށްރަށަށް ވާނުވާ ބަލަން ދިއުން ލަސްވީ ބޯޓުތަކާއި ސިފައިންގެ މީހުންގެވެސް ރައްކާތެރިކަމަށް ވިސްނާތީ ކަމަށެވެ. މި މަޒުމޫނު ވިދާޅުވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން، ސުނާމީއެއް އަންނަނަމަ، އެންމެ ރައްކާތެރި ތަނަކީ އެންމެ ފުން ކަނޑެވެ. ސުނާމީއެއް އަންނަކަންވެސް ނޭނގޭނެއެވެ. ނަމަވެސް، ޖަޕާނުގެ ކުރެހުންތެރިޔާ ފަދައިން އެމީހާ ހީކުރީ ވައި ނެތަސް ފުން ކަނޑުގައި އުސްރާޅުތައް ހުންނާނެ ކަމަށެވެ. އަދި ބޯޓުތަކާއި ފަޅުވެރިން ރާޅުދަށުވެ ޣަރަޤުވެދާނެ ކަމަށް ކަށްނޭނގެއެވެ. މިކަހަލަ ޚިޔާލުތައް މީހުންގެ ހިތްތަކަށް ވަންނަގޮތްވަނީ މަދަރުސާގެ ދައުރުގައި ސައިންސް ނުކިޔަވާތީއެވެ.

ރާއްޖެތެރޭގެ ގިނަކުދިން އަށްވަނަ ގްރޭޑްގައި ކިޔަވަން ޚިޔާރު ކުރަނީ ވިޔަފާރިއާ ބެހޭ މާއްދާތަކެވެ. ކޮމާރސް ނުވަތަ ބިޒްނަސް ގޮތްޕެވެ. މިކަމަކީ އަޅުގަނޑު ދެކޭ ގޮތުގައި ޤައުމީ މައްސަލައެކެވެ. ހުޅަނގުގެ ކުރިއެރުމާއި ތަހްޒީބު ބިނާވެފައިވަނީ އެމީހުންގެ ފަންނީ ހުނަރުވެރިކަމަށެވެ. ޕާކިސްތާނުގެ ބާނީ، މުޙަންމަދު އިޤްބާލް ވިދާޅުވިހެން، ޔޫރަޕް ކުރިއަރައިގެން އުޅެނީ ލެޓިން އަކުރުން ލިޔެކިޔާތީކީ ނޫނެވެ. ނުވަތަ އެމީހުންގެ އަންހެންދަރީންގެ އޮރިޔާން ނެށުމަކުން ނޫނެވެ. ނޫނީ ދީންވެރިނުވާތީކީ ނޫނެވެ. ހުޅަނގުގެ ކުރިއެރުމަކީ އެމީހުންގެ ސައިންސްއެވެ. އަދި އެހެނިހެން ފަންނުތަކެވެ.

ސުނާމީއާއި އެހެން ކާރިސާތަކުން ސަލާމަތްވުމަށް އެންމެ މުހިންމީ ހޭލުންތެރި ރައްޔިތެކެވެ. ސައިންސް އަދި އާރޓްސް ކިޔަވައިގެން ތިބި ބައެކެވެ. ދަރިވަރުންގެ މާހައުލާ އެންމެ ގުޅެނީވެސް ސައިންސެވެ. މުސްތަޤްބަލްއަށްޓަކައި އެންމެ ފުރުޞަތު ގިނަ ބިންގަލަކަށްވާނީ ވެސް ސައިންސް އާއި އާރޓްސް ކިޔެވިއްޔާއެވެ. ކޮމާރސް ގޮފި ޚިޔާރު ކުރުމަކީ ގިނަ ކުދިންނަށް މާބޮޑު މަންފާއެއް ކުރާނޭ ކަމެއް ނޫނެވެ. މިގޮފިން ކިޔަވައިފި ކުއްޖަކަށް ޖެހޭނީ ރަށުގައިނަމަ، ވަޒީފާނެތުމާ ކުރިމަތިލާށެވެ. ނޫނީ އެހެން ރަށަކަށް ހިޖުރަކުރާށެވެ. މަދަރުސާ ނިންމާ ކުދިން މާޔޫސްވެ، ޑްރަގް އާ ދިމާލަށް ދަނީ ވެސް މިފަދަ ބޭނުންތެރިކަން ކުޑަ ރޮނގެއް ޚިޔާރުކުރާތީއެވެ. ރަށްފުށުގެ ދިރިއުޅުމާ ގުޅުމެއްނެތް ކިޔެވެއްޔެއްގައި ޅައުމުރު ނަގާލާތީއެވެ. މިއަށްވުރެ ބޮޑުތަރުތީބު ކިޔެވިއަސް މާރަނގަޅު ވާނެއެވެ. ދުނިޔެ ނުލިބުނުނަމަ، އާޚިރަތް ލިބިދާނެ ކަންނޭނގެއެވެ.

ޖީސީއީ އިމްތިޙާނުތައް ހިންގާ ފަރާތްތަކުންވެސް ކޮމާރސް ގޮފި އެއީ ޢާއްމު ތަޢުލީމުގެ ބަޔަކަށް ނުބަލައެވެ. ކޮމާސް ގޮފީގެ މާއްދާތައް، އެ ރޮނގުން މަތީ ތަޢުލީމު ހޯދުމަކަށް ބޭނުމެއްވެސް ނުވެއެވެ. މިފަދަ ބޭނުމެއްނެތް ކިޔެވެއްޔަކުން ރައްޔިތުންނަށް އަދި މުޖުތަމަޢުއަށް ނޭދެވޭ އަސަރުތައް ކުރެއެވެ. ކޮންމެ ކަމެއް ފައިސާއިން އަގުކުރުމެވެ. ހިލޭ ސާބަހަށް، ޤައުމީ ރޫޙަށް ނުވަތަ އިޖްތިމާޢީ ފައިދާއަށް މަސައްކަތް ކުރުމުގެ ޚިޔާލު ނެތުމެވެ. ދަހިވެތިކަން ޢާއްމު ވުމެވެ. ދުނިޔެއަކީ . . . ފައިސާއަކީ ހުރިހާ އެއްޗެއްއްކަމަށް، އަދި ކަމެއް ކަމަށް ދުށުމެވެ. އަޅުގަނޑު އިން ޖަލްސާއެއްގައި މާލޭގެ އެންމެ ބޮޑު އެއް އަމިއްލަ މަދުރުސާގެ ނާޒިރަކު ވިދާޅުވީ މިހާރު މިދާގޮތަށް ކޮމާރސް ގޮފި ޢާއްމުވާނަމަ، ދިވެހިން ޔަހޫދީންނަށްވުރެ ވެސް ނުލަފާ ވާނެއެވެ. ބައެއް ޔަހޫދީންނަކީ ފައިސާއަށް އަޅުކަން ކުރާ ހިސާބުގައި އުޅޭ ބައެކެވެ.

މަޢުޟޫޢުއިން ބޭރުވީތީ މަޢާފަށް އެދެމެވެ. އެކަމަކު ސުނާމީ ސައިންސްގެ ވާހަކަ ދައްކާއިރު، ކުރިއަށް އޮތް ޖީލު ރައްކާތެރި ކުރުމަށްޓަކައި، އަދި މިފަދަ ސުނާމީތަކުން ސަލާމަތްވުމަށްޓަކައި ސައިންސް ރޮނގު މަދްރަސީ ދައުރުގައި ޚިޔާރު ކުރުމުގެ މުހިއްމު ކަމުގެ ވާހަކަ އެއީ ކޮންމެހެން ދައްކަން ޖެހޭ ވާހަކައެކެވެ.

ކޮންމެއަކަސް މިހާތަނުން ސުނާމީގެ ބައެއް ސައިންސްގެ ވާހަކަ ކުރުގޮތަކަށް ޚުލާޞާކޮށް ނިމުނީއެވެ. ދެން އޮތީ ތާރީޚަށްޓަކައި މިކަމާ ގުޅިފައިހުރި ބައެއް ތަޖުރިބާ ތަކުގެ ވާހަކަ ދެއްކުމެވެ. ސުނާމީގެ ޢަލާމަތްތަކާއި ރައްކާތެރިވުމާބެހޭ ވާހަކަ ދެއްކުމެވެ.

ސުނާމީގެ ހަނދާންތައް

އެ ކާރިސާ އެންމެ ފުންކޮށް ތަޖުރިބާ ކުރި ފަރާތްތަކަށް، ސުނާމީގެ ހަނދާންތަކަކީ ހިތުން ފިލާނޭ ހަނދާންތަކެއް ނޫނެވެ. ކަން ވެދިޔަ ގޮތުގެ ހަނދާންތައް އެންމެ ތެދުކޮށް ކިޔާދެވޭނީ، ސުނާމީ އެރިއިރު ލޮނުގަނޑުގައި ފެތި މީހުންނަށެވެ. އެހެން މީހުންގެ ރިވާތަކަކީ އެންމެ ތެދު ރިވާތަކަކަށް ނުވާނެއެވެ. ނަމަވެސް ކާރިސާގައި ކަންތައްތައް ހިނގިގޮތް، ތާރީޚަށްޓަކައި ލިޔެލުމަކީ ފަހަށް މުހިއްމު ކަމަކަށް ވެދާނެއެވެ.

ކަންދިމާވިގޮތުން، ސުނާމީ އެރިތާ ދެދުވަހެއްގެ ތެރޭގައި އަޅުގަނޑަށް މީމު އަތޮޅުގެ ހުރިހާ ރަށަކަށް ދެވޭގޮތް ވިއެވެ. އަދި މާގިނަ ދުވަހެއް ނުވެ ކާފުއަތޮޅު ދިއްފުށްޓާއި ތާ އަތޮޅު ވިލުފުށްޓާއި ބުރުނީއަށް ދަތުރު ކުރެވޭ ގޮތް ވިއެވެ. ފެނުނު ބައެއް މަންޒަރާއި އިވުނު ބައެއް އަޑުތައް ދަންނަވާލުމަކީ މި މުޞީބާތުން ވެސް ކޮންމެވެސް ކަހަލަ މަންފާއެއް ބަޔަކަށް ކޮށްފާނެ ކަމެކެވެ. ހަލާކުވި ރަށްތަކުގެ ތެރެއިން އެންމެ ބޮޑުވަރެއް ވެފައިވާ ކަމަށް އަޅުގަނޑަށް ފެނުނީ މީމު އަތޮޅު ކޮޅުފުށްޓަށެވެ.

ރަށުގެ އެއް ފަރާތުން އަނެއް ފަރާތަށް ރާޅު ހުރަސްކުރިއިރު، މުޅި އަވަށްގަނޑުވަނީ ސުންނާފަތި ވެފައެވެ. ރާޅު އެރިދިމާގައިވާ ކުނިއަޅާ ގޮނޑެއް މުޅި ހިސާބުގަނޑަށް ފެތުރިފައި ވެއެވެ. ތެޅިގަލުންނާއި އެޅިގަލުން ރާނާފައިވާ ފާރުތައްވަނީ ކުޑިކުޑިވެފައެވެ. ފުރާޅުތައް ބައިބައި ވަކިން އެކި ހިސާބަށް ބުރުއްސާލާފައި ވެއެވެ. މަގެއް، ގެއެއް، ގޯއްޗެއް ވަކިކުރާކަށް ނޭނގެއެވެ. ހިނގާބިނގާވެ އުޅުނީ ފާރުތަކާއި ފުޅަށްތަކާއި ފުރާޅުތަކުގެ މަތީގައެވެ. މިރަށަކީ ކޮންމެވެސް ވަރަކަށް އަނބުގަހާއި ބަބުކެޔޮގަސް ހައްދާފައިވާ ރަށެކެވެ. ހުރިހާ އަނބުގަހަކާއި ބަބުކެޔޮ ގަހެއް ވަނީ މިލާފައެވެ. ފަތްތައް ދޮންވެ ބިންމައްޗަށް ވެރެން ތައްޔާރުވެފައި އެވެ. މަރުވެފައިވާ ކުއްޖަކު ނެރުނު ގެޔަކަށް ވަދެ އެ ކުއްޖާ މަރުވެފައި އޮއްވާ ފެނުނު ކޮޓަރި އަޅުގަނޑު ބަލާލީމެވެ. އަށް ފޫޓާ ހިސާބަށް އެ ކޮޓަރިއަށް ލޮނު ވަދެ އަރާފައިވާ ކަން ފާރުތަކުން އެނގެއެވެ. ލަފާކުރެވެނީ ފާރުތަކުގައި އެހުރީ ލޮނުގަނޑު އެންމެ ބޮޑުވި މިނެއް ނޫންކަމެވެ. ލޮނުގަނޑު އެއް މިންވަރެއްގައި އެތައް މިނެއްޓެއް ވަންދެން ހިފެހެއްޓިފައިވާ މިނެވެ. ރަށުގެ މީހަކު ފުރާޅެއް ދައްކާފައި، ކޮންމެވެސް މަންމައަކާއި އޭނާގެ ދަރިފުޅު ސަލާމަތްވީ ރާޅާއެކު އެހެރަ ފުރާޅު މައްޗަށް ލުމުންކަމަށް ބުންޏެވެ.

ހަލާކުވި ބިސްތީގެ މީހުންތައް ވަނީ އެހެން ރަށްރަށުގައި ނުވަތަ ނުވެއްޓި ހުރި ގޭގޭގައެވެ. ހިސާބުގަނޑުން ފެންނަނީ ޢުމުރުން ދުވަސްވެފައިވާ މަދު މީސްކޮޅެކެވެ. ތިމާގެ މީހުން މަރުވެފައިވާ ނުވަތަ ކޮއްކޮއިންނާއި ބޭބެއިންނާއި ދައްތައިން މަރުވެފައިވާ  ދިހަވަރަކަށް އަހަރުގެ ކުދިންތައް ހުއްޓިފައިވާ ކަހަލަ ގޮތަކަށް ތަންތަންކޮޅުގައި ތިއްބެވެ.ނާލާފުށްޓަށް ގާތްވިތަނާހެން އަތިރިމަތީގައި ޖަހާފައި ހުރި ފޭލިގެތައް މާދުރުން ފެންނަން ހުއްޓެވެ. ފަޅުތެރޭގައިވާ ދޯނިތަކުގެ މަތިވަނީ ފެހިކުލައިގެ ސަތަރިން ހިޔާކޮށްފައެވެ. ކީއްވެގެންތޯ ސުވާލުކުރުމުން، ރަށުގެ މީހުން ބިރުން ދޯނީގައި ނިދާތާ ދެރޭ ވެއްޖެކަމަށް ބުންޏެވެ. މުޅި ރަށުގެ އެތައް މިތަނުން ސުނާމީއާ އެކު ފަތުރާލާފައިވާ ކުނިތައް ފެންނަން ހުއްޓެވެ. ރަށަށް އެރުނު ގަޑިއަކީ މެންދުރުގެ ކެއުމުގެ ވަގުތުކަމުން، އެކި ތަންތަން ކޮޅުގައި، މީހުންތައް އެއްވެގެން ޖަމާއަތް ޖަމާއަތަށް ކެއްކުމުގެ ކަންތައްތައް ކުރިއަށް ގެންދެއެވެ. ރަށުގެ އިސް ބޭފުޅެއް، މަދަރުސާގެ ކިލާހެއްގެ އެއްބައިގައި ހުރި ބާރަ ވަރަކަށް ބަސްތާ ކާޑުގެ ބާވަތްތައް ދައްކާފައި، މިހާރު ރަށުގައި ހުރި ހުރިހާ ކާޑަކީ އެއީކަމަށް ވިދާޅުވިއެވެ. މަދަރުސާގެ ފާރުން ސުނާމީގެ ރާޅު އެރި ހިސާބު، ކިލާ ރޮނގެއްގެ ގޮތުގައި ފެންނަން ހުއްޓެވެ. މި ރޮނގުހުރީ ކިލާހުގެ އުސް ތަޅުމުން ދެތިން ފޫޓު މަތީގައެވެ. މަސްވެރިން މަހުން ރަށަށް އައިއިރު، އުޅެބޮޑުވި ވަޒަނަށް ވެފައިވާ ގޮތް ފެނިފައި، އެމީހުންގެ ހިތަށް ކުރާނީ ކޮންފަދަ އަސަރެއްބާވައޭ އަޅުގަނޑުގެ ހިތަށް އެރިއެވެ. ދެތިން ހަތަރު ކުޑަކުދިން ގެންގުޅޭ މައިން، އެމީހުންގެ ގެޔާއި ފަނަރަ އަހަރުން ބިނާކުރި ދިރިއުޅުން، ފަސް މިނެއްޓުގެ ތެރޭގައި ލޮލުގެ ކުރިމަތީގައި ނެތި ދިޔަގޮތް މަސްވެރި ފިރިންނަށް ސިފަކޮށްދޭނީ ކިހިނެއް ބާވައޭ ހިތަށް އެރިއެވެ.

ރަށުގެ ވަލުތެރެއިން ގޮސް ނުކުމެވޭ އަތިރިމައްޗަކުން ރާޅު ފައިބައިގެންދިޔަ އިރު ކަނޑާފައިވާ ވަރަށް ފުންކޯރެއް ފެނުނެވެ. އެތަނުގެ ފުންމިނުގައި ދިހަވަރަކަށް ފޫޓު ހުންނާނެއެވެ. މިގޮތަށް ރާޅު ފޭބިއިރު، ބިންގަނޑު ކަނޑައިގެން ގޮސްފައިވާ ތަން ސުނާމީ އެރި ކޮންމެ ރަށަކުންވެސް ފެނުނެވެ. މާދުރު ނޫން ހިސާބެއްގައި، އިންސާނުންގެ ދެތިން ކަށިގަނޑެއް އޮތެވެ. ރަށުގެ ވެރިން އެތަން ދައްކާފައި އެ ހިސާބުގަނޑުގައި މީހުން ވަޅުލި ހަނދާނެއް މިރަށުގެ އެއްވެސް މީހަކު ނެތް ވާހަކަ ވިދާޅުވިއެވެ.

މި ދަތުރުގައި އެންމެ ފަހުން އަޅުގަނޑަށް ދެވުނީ ދިއްގަރަށެވެ. ދިއްގަރަކީ ރިހާކުރު ކައްކަން މަޝްހޫރު ރަށެކެވެ. މާލޭގެ ބާޒާރުގައި އެންމެ އަގުހުންނަ އެއް ރިހާކުރަކީ ދިއްގަރު ރިހާކުރެވެ. ކުރީގައި ދެވުނު އެހެން ރަށްރަށާ އަޅާބަލާއިރު، ސުނާމީން މިރަށަށް ގެއްލުން ވެފައިވަނީ ނިސްބަތުން ކުޑަކޮށެވެ. އެހެން ރަށްރަށުގައި ސުނާމީ އެއް ފަރާތުން އަރައި އަނެއް ފަރާތަށް ފައިބައިފައި ވެއެވެ. ދިޔަ މަގުމަތީގައި ދިމާވި ފާރެއް ވިއްޔާ އޮންނަނީ ވައްޓާލާފައެވެ. މިރަށަށް ގެއްލުން ލިބިފައިވަނީ މަޑުއްވަރީއާ ދިމާލަށް އޮންނަ ހިސާބަކަށެވެ. އެ ހިސާބުގެ ގެތަކުގެ ފާރުތައްވަނީ ވައްޓާލާފައެވެ. މަގުމަތީ އެކި ހިސާބުގައި، ފޮތްތަކާއި ފޮޓޯ އަލްބަމްތައް ހިއްކަން އަވީލާފައި ހުއްޓެވެ. ވަރަށް ޒަމާންވީ ޚަތިމުވެސް އަވީލާފައި ހުއްޓެވެ. ސުނާމީގެ ސަބަބުން ރާއްޖޭގެ ސަގާފީ ވަރަށް މުހިއްމު ލިޔެކިޔުންތައް ނެތި ދިޔަކަމީ އެންމެ ހިތާމަބޮޑު އެއްކަމެވެ. ވަރަށް ބޮޑު ތޮށިގަނޑެއް ފަޅުތެރޭގެ މާ ދުރު ހިސާބެއްގައި ރާޅާ އެކު ގެންގޮސްފައި އޮއްވާ ފެނުނެވެ. މިކަމުން ރާޅުގައި ހުރި ހަކަތަ އިޙްސާސް ކުރެވެއެވެ.

ދިއްގަރު މީހުން އެހާ މޮޅަށް ރިހާކުރު ކައްކާގޮތް ދެނެގަތުމަށް މަގުމަތިން ދިމާވި މެދު ޢުމުރެއްގެ މީހަކާ ސުވާލުކޮށްލީމެވެ. އޭރުވެސް ރަށުގެ އެކި ހިސާބުން ރިހާކުރު ވަސް އައިސް އައިސް ހުއްޓެވެ. އޭނާބުނީ މަޑުއްވަރީ އާއި ދިއްގަރަކީ އެންމެ މޮޅަށް ރިހާކުރު ކައްކާ ދެރަށް ކަމެވެ. ނަމަވެސް އެންމެ މޮޅީ ދިއްގަރެވެ. މަޑުއްވަރީ ރިހާކުރު ކަޅުވާނެ ވާހަކަ ބުންޏެވެ. އެއީ ކީއްވެގެންތޯ ސުވާލުކުރުމުން، އޭނާބުނީ އެހެންވަނީ އެ ކައްކާ ކުދިން ކަޅުވީމަ ކަމަށެވެ. އަޅުގަނޑު އޭނާ ކައިރިން، ރިހާކުރަށް އެ ކައްކާ މީހާގެ ކުލަ އެނގެނީ ކިހިނަކުންތޯ ސުވާލު ކޮށްލީމެވެ.

ސުނާމީ އައި އިރު އަޅުގަނޑު އުޅެނީ ރާއްޖޭގައި ހުންނަ މަތީ ތަޢުލީމުދޭ މަރުކަޒެއްގެ އެންމެ އިސް ވަޒީފާ ގައެވެ. ކާރިސާ އާ ގުޅިގެން އެތަނުގެ 170 އަށް ވުރެ ގިނަ މީހުން ކ.ދިއްފުށި ސާފުކުރުމަށްދިޔައިރު އަޅުގަނޑުވެސް ދިޔައީމެވެ. އެއީ ޖެހިގެން އައި އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހު އެވެ. ސުނާމީގައި ދިއްފުށީ އެއްވެސް މީހަކު މަރެއް ނުވެއެވެ. އެކަން ވީގޮތް އެ ރަށުގެ ކުޑަކަތީބު، ޢަބްދުއްރާފިޢު ވިދާޅުވެދެއްވިއެވެ.  ރަށު އޮފީހުގައި ހުންނަވަނިކޮށް ބޮޑު ރާޅު އަރާ ވާހަކަ މީހަކު ޚަބަރު ދިނުމުން ނުކުންނެވިއިރު، އޮފީހުގެ ކުރިމަތީގައި ރާނާފައި ހުރި ތިންފޫޓުވަރުގެ ފާރާހަމައަށް ރާޅު އަރައިފިއެވެ. ކަރަންޓު ކަނޑައިގެން ގޮސްފިއެވެ. ރާފިޢުއަށް ދެން ކަންވެދާނެގޮތް ވިސްނިވަޑައިގެން، ބެޓެރީއެއް ބޭނުން ކުރައްވައިގެން އަޑުގަދަކުރާއިން ރައްޔިތުން  އޮފީހުގެ ކުރިމައްޗަށް އެއް ކުރައްވައި، އަތިރިމަތީގައި ހުރި ދޯނިތަކަށް އެރުވީއެވެ. ކަމާ ބެހޭ ފަރާތާ ގުޅުމުން އެ ފަރާތުން ވިދާޅުވީ ރައްކާތެރީ ބިންމަތީގައި ހުރުން ކަމަށެވެ. ނަމަވެސް މަންޒަރު ފެންނަ މީހާ އަށް ކުރެވޭ އިޙްސާސް ތައް ތަފާތުވާނެތާއެވެ. ދެވަނަ ރާޅު އެރީ ދޯނިތަކުގައި ރައްޔިތުން ތިއްބައެވެ. ރާފިޢުގެ އަވަސް ވިސްނުންފުޅާއި ރައްޔިތުންގެ ކިޔަމަންތެރިކަން، މިރަށުގެ މީހުން ސަލާމަތް ވުމުގެ ސަބަބަކަށް ވާނެއެވެ. ރާފިޢު ސިފަކޮށްދެއްވާގޮތުގައި، ރަށަށް އެރީ ރާޅެއް ނޫނެވެ. ކަނޑު އުސްވެގެން ރަށުތެރެއަށް އެރީއެވެ. ބިންގަނޑު އަޑިއަށް ދިއުން ފަދަ ގޮތަކަށެވެ. ވާގޮތް، ކަނދޮޅުދޫއަށް ސުނާމީ އެރިއިރު ނަގާފައިވާ ތިރީގައިވާ ވީޑިއޯއިން ފެނިވަޑައިގަންނަވާނެއެވެ.

އަޅުގަނޑުމެން ދިއްފުށްޓަށް އެރިއިރު، ހުރިހާ މަގުތަކެއްގެ މަތީގައިވަނީ ކުނިބުންޏެވެ. ބައެއް ފާރުތައް ވެއްޓިފައި ވެއެވެ. ބަބުކެޔޮ ގަސްތަކުން ފަތްތައް ވެރިފައި ވެއެވެ. ރާޅު ފޭބި ދިމާ ތޮށިގަނޑު ކެނޑި ބުރިބުރި ވެފައި ވެއެވެ. ބައެއް ދޯނި ފަހަރު ރާޅާ އެކު ރަށު ތެރެއަށް ގެންގޮސްފައި ވެއެވެ. ރަށުގެ ރައްޔިތުންވަނީ މާލެއަށް ގެންގޮސްފައެވެ. ހަލާކުވެފައިހުރި ދޮންނަ މެޝިންތައް ހަދާދޭން ހިލޭ ސާބަހަށް ގޮސް އުޅުނު ޖަމާޢަތަކާ އަޅުގަނޑުމެންނާ ދިމާވިއެވެ. ސުނާމީއަކީ އޯގާތެރިންގެ އޯގާތެރިކަން އެކި ކަންކަމުގައި ފާހަގަ ކުރެވުނު ކާރިސާއެކެވެ.

ޖެހިގެން އައި ހަފުތާގައި، 100 މީހުންނާ އެކު މ. މުލީ މަދަރުސާ ސާފުކުރުމަށް އަޅުގަނޑު އުޅޭ ތަނުގެ މީހުން ދިޔައިރު ބައިވެރިވީމެވެ. މ.އަތޮޅު އެހެން ރަށްރަށަށް  ދިޔަ ދަތުރުގައި ސުނާމީ އެރިތާ ދެ ދުވަހުގެ ތެރޭގައި މިފަހަރުގެ ކުރިންވެސް މުލީއަށް ދިޔައީމެވެ. މި ދަތުރުގައި ތިން ދުވަހު މަޑުކުރީމެވެ. މިރަށަކީ އަތޮޅު ހޮސްޕިޓަލް ވެސް ހުންނަ ރަށެވެ.

ރަށަށް ރާޅު އެރި މަންޒަރު ސިފަކޮށްދިން މީހުން ކިޔައިދިން ގޮތުގައި، ރާޅު އަރައިގެން އައިއިރު، ވަރަށް ބިރުވެރި ގަދަ އަޑެއް އިވެމުންދިޔައެވެ. ރާޅު އެރިއިރު ރާޅުގެ އުސްމިނުގައި 20 ފޫޓު ހުންނާނެއެވެ. ރާޅުއެރިދިމާއަކީ އަލަށް ގޯތިދިން މީހުން، އެޅިގަލުން ގެތައް ރާނާފައިވާ ހިސާބެކެވެ. މި ގެތަކުގެ ހުރިހާ ފާރެއް އޮތީ ބިންމަތީގައި ގައު ފުނިފުނީގެ ގޮތުގަ އެވެ. އެ ހިސާބުގެ މަގުތައް ވަނީ ފާރުތަކުން ބެދިފައެވެ. ހޮސްޕިޓަލްގައި އެނދުތައް ހުންނަ ވޯޑުތަކުގައި ފަސް  ވަރަކަށް ފޫޓަށް ކިލާ ފެން ބޮޑުވިކަން އެތަނުގެ ހުދު ފާރުތަކުގައި ދެމިފައިވާ ކަޅު ރޮނގުތަކުން އެނގެއެވެ.  ފެންގަނޑު ބޮޑުވެގެން ކެކިގެން އައިގޮތުން، ރަށުގެ އަންހެންވެރިން، ކުއްޔަށް ދޭން ހަދާފައި ހުރި ކޮޓަރިބަރީގެ ދޮރުފަތަކާ ކަންޏާ ދެމެދު ބޮޑު ކަށިކޮއްޔެއް ތާށިވެ މަރުވެފައި ވަނިކޮށް ދުށީމެވެ.

މި ރަށުގެ މަދަރުސާއަށް ވަނީ ވަރަށް ބޮޑު ގެއްލުންތައް ލިބިފައެވެ. ހުރިހާ ލިޔެކިޔުމަކާއި ފަރުނީޗަރާއި ކޮމްޕިއުޓަރާއި އެހެނިހެން ސާމާނުތައްވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. މަދަރުސާގެ ގޯތި ތެރޭގައި އޮތީ ވެއްޓި އޮޔާ ގެންގޮސްފައިވާ ފާރުބުރިތަކުން ފުރިފައެވެ. ކިލާސްކޮޓަރިތަކުން ބައެއް ވެސް ވަނީ ބިމާ ހަމަވެފައެވެ. މި މަދަރުސާ ވަށައިގެން ވަރަށް އައު ފާރެއް ރާނާ ދެ ފަރާތުގައި ސިމެންތި ޖަހާ ކުލަލާފައި ކުރިން ވެއެވެ. ތިން ފަރާތުގެ ފާރުގެ ދިގުމިނުގައި 1000 ފޫޓު ވަރު ހުންނާނެއެވެ. މި ފާރަކީ ކޮންކްރީޓުން ބިންގައު އަޅާ ދިހަވަރަކަށް ފޫޓު ދުރު މިނުގައި ތަނބުޖަހައި މަތީގައި ކޮންކްރީޓް ބެރިއެއް ދުއްވާފައިވާ ފާރެކެވެ. ފާރުގެ މަސައްކަތް ކުރި މީހުންނަށް އޭރު އަގުވެސް ނުދޭކަމަށް މީހަކު ބުންޏެވެ. މުޅި ފާރު ވެއްޓި ބުރިބުރި ވެފައި ވެއެވެ. ރާޅާއެކު ގެންދިޔަ ކޮންކްރީޓް ބެރިއެއްގެ ދަށުވެ، މިރަށުގައި އުޅުނު މުދައްރިސެއްގެ ފައި ހަލާކުވެ، އެފައި ފަހުން ބުރިކޮށްލަން ޖެހުނެވެ.  ތިރީގައި އެވާ ދެ އިސްތިހާރަކީ ސުނާމީއަށް ދިހަ އަހަރުވުމާ ގުޅިގެން ޔުނިވަރސިޓީ މުވައްޒަފުން ކުރި ދެ ކަމެއް ބަޔާންކުރަން އަޅުގަނޑު ހެދި ދެ އިސްތިހާރެކެވެ. ދިއްފުށިސާފުކުރުމުގެ މަޝްރޫޢުއަކަށް އިސްތިހާރެއް ނަހަދަމެވެ.

މިރަށަށް 100 ވަރަކަށް ބީރައްޓެހި މީހުން އައިސް ހިލޭ ސާބަހަށް މަދަރުސާ ސާފުކުރަން އުޅުނު އިރުވެސް، ރަށުގެ މީހަކު ވަރަށް ނުފެނެއެވެ. މާތުރަ، މަދަރުސާގެ ދެތިން ޓީޗަރެއް މަސައްކަތުގައި އުޅުނެވެ. މިކަމާ ސުވާލު ކުރުމުން އެހެން އެވަނީ އެއީ ވެރިކަން ކުރާ ރަށަށް ވާތީކަމަށް މީހަކު ބުންޏެވެ. މިޔުޒިކް ޝޯ ބާއްވާ މާ ބޮޑު އިސްޓޭޖެއް ރަށަށް އަރާ ފާލަން ކައިރީގައި ހުރެއެވެ. މި ރަށުން އަޅުގަނޑު މެންނާ އދ.އަތޮޅު އޮފީހުގެ ބަޔަކާ ދިމާވިއެވެ. މި ބައި މީހުންނީ ސުނާމީ ގައި ގެއްލުން ލިބުނު މީހުންނަށް އެހީވާން ދަތުރުކުރާ ބައެއްކަމަށް އެމީހުން ޚަބަރު ދިނެވެ.

މ.މުލީ މަދަރުސާ ސާފުކޮށް ނިމުމުން، ދެން އަޅުގަނޑުމެންނަށް ހުށަހެޅުނީ ގެދޮރުނެތް މަޑިފުށީ މީހުންނަށް ވަގުތީ ހިޔާ ވައްސެއް ބިނާކުރުމެވެ. ނަމޫނާ ހިޔާވައްސެއް ހުޅުމާލޭގައި ހަދާފައިވާ ކަމަށް އެނގުމުން އެރަށަށް ގޮސް އެތަން ބެލުނެވެ. ވަގުތީ ހިޔާވައްސަކީ ކުޑަ ދޮރެއް ނުހުންނަ ދެ ފުރާޅަށް ހިޔާކޮށްފައި ހުންނަ ހަރުގެއެއް ފަދަ ތަނެކެވެ. އާއިލާތަކަކާ އެކު  އުޅޭއިރު އިޖްތިމާޢީ މައްސަލަތަކެއް ކުރިމަތިވެދާނެ ފަދަ ހޫނު ތަނެކެވެ. ބަލަން ދިޔަ މީހުންނަށް ފެނުނީ މިފަދަ ތަނެއް ބިނާ ކުރުމަށް ވުރެ ހެޔޮވާނީ ކިޔަވައިދިނުމާ ބެހޭ ކަމެއް ކުރުން ކަމެވެ. ދެން ފަހެ މި ވާހަކަ ކަމާ ބެހޭ ފަރާތްތަކުގައި ދެންނެވުމުން، ވިލުފުށީ މަދަރުސާ ކުދިންނަށް ކިޔަވައިދޭން ބުރުނީގައި ވަގުތީ 12 ކިލާސް ކޮޓަރި ހެދުމަށް ހުށަހެޅިއްޖެއެވެ.

ބުރުނީއަކީ މާލެއާ ވަރަށް ދުރުގައި އޮންނަ މަލަމަތި ރީތި ރަށެކެވެ. ރަށުގެ ފެހިކަން ގެއްލޭފަދަ ހަޑި އިމާރާތެއް ނުވަތަ އުސް އެންޓެނާ ދަނޑިއެއް ނުހުރެއެވެ. މީހުން އުޅޭ އެހެން ރަށްރަށާ ޚިލާފަށް ބައެއް ދިމަދިމާލުން ރަށް ފެންނައިރު ހީވަނީ ފަޅުރަށެއް ހެންނެވެ. ތިރި ރުށްތައް ގޮނޑުދޮށުގައި ހެދިފައި ހުރެއެވެ. އެހެންކަމުން، ރަށް ފެންނައިރު، ފެހިފަޅާއި ހުދު ދޮންވެލީގެ މައްޗަށް ހުންނަނީ އެކި ސައިޒުގެ ރުކުފަނުން ރަށުތެރެ ފޮރުވިފައެވެ. މި ކުރި ދަތުރުތަކުގައި މިހާ ރީތި ރަށެއް ނުފެނެއެވެ. މިރަށުގައި ކިލާސް ކޮޓަރިތައް އެޅުމަށް ދޮޅުމަސް ދުވަސް ހޭދަވިއެވެ. މިއީ ބުރަ ބަރު މަސައްކަތެކެވެ. މިކަން ކުރީ އެފް.އީ.ޓީ ގެ ދަރިވަރުންނާއި މުދައްރިސުންނެވެ.

ސުނާމީގައި އެންމެ ގިނަ މީހުން މަރުވި، އެންމެ ގެއްލުން ލިބުނު އެއް ރަށެއް ކަމުގައިވާ ވިލުފުށި އޮންނަނީ މިރަށާ ކައިރީގައެވެ. ވިލުފުށްޓަށް އަރާއިރުވެސް ވަރަށް ބޮޑު ގެއްލުންތައް ލިބިފައިވާ ކަން ފާހަގަ ކުރެވެއެވެ. ރަށުތެރޭގައި ހިނގާލުމުން، މަދު ޢިމާރާތްތަކެއް ފިޔަވައި ގިނަ ބައެއްގެ ގެދޮރު ވަނީ މުޅިންހެން ހަލާކު ވެފައެވެ. ހީވަނީ ގެތަކުގެ މަތީގައި ބޮޑު ސިންގާ ބިންތެޅިއަކުން ދެތިން ފަހަރު ޖަހާލާފައި ހުރި ހެންނެވެ. ފިނޮޅުގައި ހެދޭ ބާވަތުގެ ގަސްތައް ފިޔަވައި ރަށުގެ އެހެން ގަސްތައްވަނީ މަރުވެފައެވެ. މީހެއްގެ ލައިބްރަރީއެއްގެ ފޮތްތައް ލޮނުން މުޅިންހެން ހަލާކު ވެގެން، ފުންޏަކަށް ޖަހާފައި ހުއްޓެވެ. ރަށުގެ ފާލަން ކައިރީގައި އެރަށް އަލުން އާބާދުކުރާނޭ ކަމަށް ބަޔަކު ކޮށްފައިވާ ޢަޒުމެއް ސުނާމީގެ ފޮޓޯތަކާ އެކު ފިލައެއްގައި ބަހައްޓާފައި ހުއްޓެވެ.

ސުނާމީގައި ފާހަގަ ކުރެވުނު ބައެއް ކަންތައްތައް ދަންނަވާލަން ޖެހޭނެއެވެ. އެއްކަމަކީ އެއްވެސް ރުކެއް ވެއްޓިފައި އޮއްވައެއް އަޅުގަނޑު ނުދެކެމެވެ. ރާޅު އެރި ހިސާބުގައި އެޅިގަލުން ނުވަތަ ތެޅިގަލުން ރާނާފައިވާ އެއްވެސް ފާރެއް ނުވެއްޓި ހުއްޓައެއް ނުދެކެމެވެ. ފާރުމަތީގައި ނުވަތަ މެދު ތެރޭގައި ކޮންކްރީޓް ބެރިއެއް ދުއްވުމަކީ ފާރަށް މާބޮޑު ގަދަކަން ލިބޭ ކަމެއްނޫންކަން ފާހަގަ ކުރެވެއެވެ. މިފަދަ ބެރި ދުއްވި ކިތަންމެ ފާރެއް ވެއްޓިފައިވާތީ ދުށީމެވެ. ތިލަ ކޮންކްރީޓް ބިންގަލަކީ ރާޅު އަންނައިރު، ފަސޭހަކަމާއެކު އުފުރިގެން އަންނަ އެއްޗެއްކަން އެނގެއެވެ. ކޮންކްރީޓް ބެރިއަކީ ސުނާމީގެ އޮއިގެ ތެރޭގައި ފުޅިމަދު ފަދަ ގަދަކަމެއް ނެތް އެއްޗެކެވެ.

އެންމެ ރައްކާތެރިކޮށް ހުންނަނީ ދެތިން ފޫޓު އަޑީގައި ކޮންކްރީޓް ފުޓިން އަޅައިގެން ތަނބުޖަހާފައި ހުންނަ ޢިމާރާތްތަކެވެ. އަދި ބިންމަތީގައި ދެތިން ފޫޓު އުސްކޮށް  ތަޅުން އޮންނަ ތަންތަނަކީ ރައްކާތެރި ތަންތަންކަން އެނގެއެވެ. މިފަދައުސް އަދި ދެބުރި އެއްވެސް ޢިމާރާތެއް ވެއްޓިފައިވާތީ އެއް ނުދެކެމެވެ. ހުރިހާ ރަށެއްގެ ހުރިހާ މިސްކިތެއް ހުރީ ސަލާމަތުންނެވެ. މި ތަޖުރިބާތަކުގެ މައްޗަށް ބިނާކޮށް އެ ފަހުން، ޔުނިވަރސިޓީގެ ކެމްޕަސްތަކުގައި ޢިމާރާތެއް ކުރާނަމަ، އެ ޢިމާރާތެއް ކުރަނީ މަގަށް ވުރެ ދެ ފޫޓު އުހުގައެވެ. ތިނަދޫ ފަދަ ރަށްރަށުގައި ފެންބޮޑުވެގެން އުޅޭއިރު، ކެމްޕަސްތެރޭގައި ފެންބޮޑުވެގެން އުޅޭކަށް ނުޖެހެއެވެ. ފުރަތަމަ ތަޅުން ބިމުންމައްޗަށް ހިއްލާލުމަކީ އެތައް ގޮތަކުން ފައިދާ ހުރިކަމެކެވެ.

ބައެއް ވަޅުތަކުގެ އަޑީގައި އޮންނަ ގައު، ނެއްޓި މައްޗަށް އަރާފައި ވެއެވެ. މިއީ ސުނާމީ އެރުމުގެ ސަބަބުން އަޑީގެ ޕްރެޝަރު މަތިވެގެންވީ ގޮތެއް ކަމަށް ލަފާ ކުރެވެއެވެ. ބައެއް ރަށްރަށުގެ ބިންގަނޑުގައި ފުން އަޑިގަނޑު ހެދިފައި ހުރެއެވެ. މިއީ ސުނާމީގެ ބަރުން ވެލިގަނޑު އަޑިއަށް ގެނބިގެން ގޮސް ހަމަޖެހުނު ތަންތަންކަން ލަފާ ކުރެވެއެވެ.

ސުނާމީގެ ތަޖުރިބާތަކަކީ ލިއެ ކޮޅުންލާ ވަރަށް ވުރެ ގިނަ ތަޖުރިބާ ތަކެކެވެ. އެއް މަންޒަރެއް ދުށް އެކި މީހުންގެ ތަޖުރިބާ ތަފާތުވާނެއެވެ. ނަމަވެސް އެއީ އެންމެންވެސް ސިއްސުވާލި ހާދިސާއެކެވެ. އަދި އެ ތަޖުރިބާ ކުރި އެންމެންގެ ފިކުރު މުޅި ޢުމުރަށްޓަކައި ބަދަލުކޮށްލި ކާރިސާއެއް މެއެވެ. ރާއްޖޭގެ ނާޒުކުކަން ހާމަކޮށްދިން ތަޖުރިބާ އެކެވެ.

ސުނާމީއެއް އަންނަ ކަމުގެ ޢަލާމާތްތަކާއި ސުނާމީއަކުން ރައްކާތެރިވާނޭ ގޮތް

ދިވެހިން މި ފަސް ގަނޑުގައި އުޅޭތާ މިވީ 4000 އަހަރު ދުވަހުގެ ތެރޭގައި ސުނާމީ ރާޅުތައް މި ޖަޒީރާތަކަށް އެތައް ފަހަރު ޖަހާފައި ވާނެއެވެ. މިވާހަކަތައް ލިއެވި ގިނަ ދުވަހަށް ހުންނާނޭ ގޮތެއް ނެތުމުން ޤަދީމީ ޒަމާނުގެ ސުނާމީތަކުގެ ޚަބަރުތައް އަޅުގަނޑުމެންނާ ހަމައަށް ވާޞިލްވެފައި ނުވަނީއެވެ. ބޮޑު ސުނާމީތަކަކީ މަދުން އަންނަ ސުނާމީއެވެ. އެއީ އެފަދަ ސުނާމީތައް އުފައްދާ ބިންހެލުންތައް ދުނިޔެއަށް އަންނަނީވެސް ގާތްގަޑަކަށް 40 އަހަރުން އެއް ފަހަރު އެވެ. އެފަދަ ބިންހެލުމެއް ރާއްޖެ އޮންނަ ހިސާބަށް އައުމުގެ ޗާންސް އަދި ވަކިން ކުޑައެވެ. ސުނާމީގައި މިފަހަރު އެހާ ގިނަ ބައެއް މަރުވީ އާބާދީ ބޮޑުވުމުންނާއި ގެތައް ފަޅާ މާ ކައިރީގައި ހުރުމުންނެވެ. އަދި ގެތަކުގެ ބާވަތުންނެވެ. މީގެ 500 އަހަރު ކުރިން ރާއްޖެއައި ތާރީޚް ލިޔާމިހުން، ރާއްޖޭގައި ގެތައް އަޅާފައި ހުންނަނީ މުޑިޖަހައި ބިމުން ދެ ފޫޓެއް ވަރު އުހުގައި ކަމަށް ލިޔެފައި ހުރެއެވެ. ތަފާސް ހިސާބުގެ ގޮތުން ބަލާއިރު މިފަދަ ސުނާމީއެއް ދެން އައުން ގާތީ، މި ސުނާމީގެ ހަނދާން ހުރި މީހުން ނިޔާވެ ދިޔުމަށް ފަހުއެވެ. ނަމަވެސް ތަފާސް ހިސާބަކީ ތަފާސް ހިސާބުކަމުން، މާދަމާވެސް ސުނާމީއެއް އައުމަކީ ވެދާނެ ކަމެކެވެ. ނަމަވެސް ލަފާ ކުރެވޭ ކަމެއް ނޫނެވެ. އެހެންކަމުން ސުނާމީއަކުން ރައްކާތެރިވުމަށް މާގިނަ ޚަރަދުތަކެއް ކުރުމަކީ ހަމަޖެހޭ ކަމަކަށް ނުވާނެއެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން ސުނާމީ އަރަނީ ބިން ހެލުމާ ގުޅިގެންނެވެ. އިންޑިއާގެ ބައެއް ތަރިތަކާއި ގުރަހައްޔާ ބެހޭ ފޮތްތަކުގައި ބިން ހެލުން ގިނައިން އައިސްފައިވަނީ ހަނދުމަހުން ތޭރައާއި ސާދައާއި ފަނަރައިގެ ދުވަސްތަކުގައި ކަމަށާއި ބައެއް މަދު ފަހަރު ހަނދުމަސް ފެށޭ އިރު ނުވަތަ ނިމޭއިރު ކަމަށް ލިޔެފައި ހުރެއެވެ. ކަންދިމާވި ގޮތުން، މި ސުނާމީ އައިސްފައިވަނީ ޛުލްޤަޢިދާ މަހުގެ 14 ވަނަ ދުވަހުއެވެ. އާދެ! ހަނދު އެންމެ ”ބޮޑުވާ“ ދުވަހުއެވެ.

ބިންގަނޑު ހެލެން އުޅޭއިރު އެއިން ތަފާތު އަޑުތައް އިވެއެވެ. ނަމަވެސް މި އަޑުތައް އިންސާނުންނަށް އިވޭވަރަށްވުރެ ފްރީކްއެންސީ މާ ދަށެވެ. ނުވަތަ މާ ބުނެވެ. ފްރީކްއެންސީއަކީ އަޑު އުފެއްދުމަށްޓަކައި އެއްޗެއް ތެޅޭ މިންވަރެވެ. ހައިވާނުތަކުގެ ތެރެއިން އެތަކީ ވަރަށް ބުން އަޑު އިވޭ ޖަނަވާރެކެވެ. މި ސުނާމީގައި ވެސް، ތައިލެންޑް އާއި ސްރީ ލަންކާގެ އެތައް އެތެއް، ބިން ހެލެން އުޅޭކަން އެނގިގެން، އެތަކެތި އައްސާފައިވާ ވައުތައް ބުރިކޮށްލާފައި އުސް ތަންތަނަށް އަރައިގެން ދިޔައެވެ. މިފަހަރުގެ ތަޖުރިބާއަށް ބަލައި، ދިވެހީންނަށް އިޙްސާސް ކުރެވޭ ވަރުގެ ބިންހެލުމެއް އަތުވެއްޖެނަމަ، ސުނާމީއެއް އެރުމުގެ ފުރުސަތު އޮންނާނެކަން ވިސްނަން ރަނގަޅުވާނެއެވެ. ބިމުގެ ތެރެއިން ބިން ހެލުން ދަތުރުކުރަނީ ރާޅަށް ވުރެ ބާރަށެވެ. އެހެންކަމުން، ސުނާމީއެއް އެރުމުގެ ކުރިން އެކަން އަޅުގަނޑުމެންނަށް އެނގޭނެއެވެ.

ބިންހެލުން ބަލާ މީޓަރު ހުރެއެވެ. މީގެ އެއްބާވަތަކީ، ވަށް ހޮޅިއެއް ވަށައިގެން އޮންނަ ކަރުދާސް ގަނޑެއްގައި ޖެހޭގޮތަށް ހަރުކޮށްފައި ހުންނަ ގަލަމެކެވެ. ކިތަންމެ ކުޑަކޮށް ހެލިލިޔަސް މި ގަލަން ތެޅި ރޮނގުބުރިއެއް ދެމެއެވެ. ހޮޅިއެނބުރޭތީ، މި ރޮނގުބުރި ދެމޭ ވަގުތާއި ގޮތުން، ބިން ހެލުނު ދިމާލާއި ބާރުމިންބެލެއެވެ. މިފަދަ އެއްޗެއްގެ ޙައްސާސްކަމީ މީހަކު ބިންމަތީގައި ހިނގާފައި ދާއިރު އޭނާގެ ފައި ބިންމަތީގައި ޖެހުމުން ބިމަށް އަރާ ލޮޅުންވެސް މިފަދަ އެއްޗަކަށް ފާހަގަ ކުރެވޭ ކަމެވެ. އަދި ކީއްތޯއެވެ؟ މިގޮތަށް ވަކިތަނަކާ ވަގަކު ކައިރި ވެއްޖެނަމަ، އެނގޭ އެއްޗެތި ވެސް ވިއްކަން ހުރެއެވެ.

ސުނާމީއެއް އަންނަން އުޅޭކަމުގެ ޢަލާމާތްތައް ފޮތްފޮތުގައި ހުރެއެވެ. އެއްކަމަކީ ލޮނުގަނޑުގެ މަތީގައި ފޮނު ހުރުމެވެ. އެއީ ލޮނުގަނޑު ތުރުތުރު އެޅުމުން އޭގައި ހުންނަ ވައި މައްޗަށް އެރުމުންވާ ގޮތެކެވެ.  އެހެން ޢަލާމާތްތަކުގެ ތެރޭގައި ލޮނުގަނޑު ހޫނުވުމާއި، ލޮނުގަނޑުން ނުބައި ވަހެއް ދުވުމާއި ހަންގަނޑުގައި ލޮނު ޖެހުމުން ހިރުވުމާއި ޖެޓު މަތިންދާބޯޓެއް އަންނަ އިރު ކިޔާފަދަ ބާރުގަދަ އަޑެއް އިވުން ހިމެނެއެވެ. މި އަޑު ބައެއް ފަހަރު ތުމުންފުމޭ ކަހަލަ އަޑެއްގެ ގޮތުގައި ވެސް ފާހަގަ ކުރެވެއެވެ.

 އެހެން ކަންތައްތަކުގެ ތެރޭގައި އުދަރެހުން ރަތް ކުލައިގެ ވިދުމެއް ފެނުން ހިމެނެއެވެ. ބިންހެލުން އައި ހިސާބަކީ ގާތުގައިވާ ތަނެއްނަމަ، މި އަލާމާތްތަކުގެ އަސަރު ބޮޑުވާނެއެވެ. ނަމަވެސް ސުނާމީ ވަރަށް ގާތްވިކަމުގެ އަލާމާތަކީ ފަޅުތެރެ ހިކުމެވެ. ދުވަހަކު ނުހިކޭވަރަށް ހިކުމެވެ. ސުނާމީގައި މާލޭގެ ބައެއް ފަޅުތައް، ދޯނިތައް ބީހި، އަރިވާރަށް ހިކުނެވެ. މިކަން ވާ ސަބަބަކީ، ލޮނުގަނޑު ރާޅަކަށް އުސްވެވޭނީ ޣަން ބޭނުންވާ ބަޔަށް ބޭނުންވާ އިތުރު ލޮނު ކޮންމެވެސް ދިމާއަކުން ދަމައިގަނެގެންނެވެ. އުސްރާޅުތައް އައުމުގެ ކުރިން އެއަށް ބޭނުންވާ ލޮނުގަނޑު ކުރިމަތިން ދަމާލަނީއެވެ. މި ސުނާމީގައި އެންމެ ގިނަ މީހުންނަށް ފާހަގަ ކުރެވުނު އަލާމާތެއް ކަމުގައި މިކަން ވާނެއެވެ.

ޤުދުރަތީގޮތުން ފާހަގަ ކުރެވޭ މިފަދަ ޢަލާމާތްތަކާއި އިންޒާރުތަކަށް ސަމާލުކަން ދިނުމަކީ ކޮންމެހެން ބޭނުންވާ ކަމެކެވެ. ސުނާމީއެއްގައި ހަދާނެގޮތް އިންޒާރުގެ ބޯޑުތައް ބައެއް ރަށްރަށުގެ ގޮނޑުދޮށުގައި ހުރެއެވެ. ފަޅުގެ ދިޔަވަރު ކުއްލިއަކަށް އާދަޔާ ޚިލާފަށް ހިކިއްޖެނަމަ، ފަރުގައިވާ މަސްތަކާއި ހިރިތައް ބެލުމުގެ ބަދަލުގައި އަވަހަށް އެއްގަމަށް އަރައި އެންމެންނަށް އެ ޚަބަރު ދޭންވީއެވެ. ރައްކާތެރިވުމަށް އެންމަ ރަނގަޅުވާނީ އެންމެ އުސްތަނެކެވެ. ދެބުރި މަދަރުސާއެއް ހުރި ނަމަ، އެތަނުގެ މަތީ ބުރިއެވެ. ނޫނީ މިސްކިތެވެ. މިސްކިތްތައް ބިނާ ކުރާއިރު، ރާއްޖޭގެ ނާޒުކުކަމަށް ވިސްނައި އެތެރެ ހަތަރުފޫޓުވަރަށް އުސްކޮށްލުމަކީ ބޭނުން ތެރިކަމެކެވެ. ރާއްޖޭގެ ޤަދީމީ މިސްކިތްތައް އެހާ އުސްކޮށް އެހުންނަނީ ކާބަފައިން ކޮށްފައިވާ ތަޖުރިބާތަކުން ބާވައެވެ؟ އެއްބުރި ގެއެއްގެ ފުރާޅުމައްޗަކީ ސަލާމަތްތެރި ތަނެއް ނޫނެވެ. ކުޑަކުދިންނާއި އެހެން މީހުން މިފަދަ ތަންތަނަށް އެރުވުމުގައި ކަމުވޮށިގެންވާ މީހުން އުޅެން ވާނެއެވެ. ދޯނި ފަހަރު ހުރިނަމަ، އެއަށް އަރާ އަވަހަށް ކަނޑަށް ނުކުންނާނީއެވެ. އެއީ އުޅަނދު ފަހަރަށް ވެސް އަދި މީހުންނަށްވެސް އެންމެ ރައްކާތެރި ގޮތެވެ. މުދަލާއި އެހެނިހެން އެފަދަ ތަކެތި ރައްކާތެރިކުރަން އުޅުމަކީ މޮޔަކަމެކެވެ. ކިތަންމެ ބައެއް މިފަދަ ތަކެތި ރައްކާތެރި ކުރަން އުޅުމުގައި މަރުވެފައި ވެއެވެ.

އުސްތަނަކަށް އަރާނޭ ވަގުތު ނުވަނީސް، ރާޅު މާ ގާތްވެއްޖެނަމަ، އެންމެ ރަނގަޅުވާނީ ރުކަކަށް އެރިއްޔާއެވެ. ރުކަކަށް އެރެން ނެތް ނަމަ، ބޮޑު ގަހަކަށް އަރާނީއެވެ. ސުނާމީ ނާންނައިރު ރުށްރުކަށް އަރައި މިކަމަށް ފަރިތަވުމަށް މުބާރާތް ފަދަ ކަންކަން ބޭއްވިދާނެއެވެ. ގަހަކަށް އަރާނެ ފުރުސަތު ނެތި އޮޔާ ގެންގޮސްފިނަމަ، ފެންބަރު ހިފާ އެއްޗެއްގެ މައްޗަށް އަރާނީއެވެ. ސުނާމީގެ ރާޅުގަނޑުގެ ތެރޭގައި މީހާގެ ގުނަވަންތައް ހަލާކުކޮށްލާފަދަ ކޮންކްރީޓް ބެރި، ޓިނު، ލަކުޑި އަދި ފާރު ފަދަ ތަކެތި ބާރަށް އޮޔާ ދެއެވެ. މިފަދަ ތަކެތީގައި ނުޖެހޭ ގޮތަށް ހަށިގަނޑު ގެންގުޅުން މުހިއްމެވެ.

ސުނާމީއެއްގެ އެންމެ ބޮޑު ރާޅަކީ އެންމެ ފުރަތަމަ ރާޅެއް ނޫނެވެ. ދުނިޔެއަށް އައި އެންމެ ބޮޑު ބިންހެލުން ކަމުގައިވާ ޗިލީއަށް އައި ބިން ހެލުމުގައި އުފެދުނު ސުނާމީގައި ދެތިން ގަޑިއިރުވަންދެން އުސް ރާޅުތައް ރަށަށް އަރާފައި ވެއެވެ. އެންމެ ބޮޑު ރާޅަކަށް އައީ ތިންވަނަ ރާޅެވެ. އެ ރާޅު އައީ އެންމެ ފުރަތަމަ ރާޅު އެރިތާ އެއް ގަޑިއިރު ފަހުންނެވެ.

ރާޅު ނާންނާނެކަން ޔަޤީންވުމުން، އެއްގަމަށް ފައިބާ، މަރުވެފައިވާ މީހުން އެއްކޮށް، އަނިޔާވެފައިވާ މީހުންނަށް އަޅާލުމުގެ ކަންތައްތައް ކުރިއަށް ގެންދަންވާނެއެވެ. އެހެން ރަށަކުން ދޯންޏެއް ނުވަތަ އެހީއެއް އައުން ވަރަށް ލަސްވެދާނެއެވެ. އެހެންވެ އިސްނަގައިގެން ކަންތައްތައް އަމިއްލައަށް ރާވައި ހިންގަން ވާނެއެވެ.

އެއްވެސް ސުނާމީއެއްގައި އެންމެނެއް މަރެއް ނުވެއެވެ. އެހެންވެ ރާޅުތައް ފޭބުމަށް ފަހު، ދިރިތިބީންގެ ކަންތައްތައް އިންތިޒާމްކުރަން ޖެހޭނެއެވެ. މިކަމަށްޓަކައި ވަރު ހުރި މީހުން ޖަމާޢަތްތަކަށް ބަހައި، ވެރިންލައި ކުރަންވީ ކަންކަން މަޝްވަރާ ކުރަން ވާނެއެވެ. ސުނާމީއެއްގައި ގިނަ ބައެއްގެ ގެދޮރު ހަލާކުވާނެއެވެ. އެހެންވެ، ރަނގަޅަށް ހުރި ހިޔާވަހިތަކަށް ވެއްދެން އޮތްހާ ބަޔަކު ވައްދައި ފެނާއި ކެއުމުގެ ކަންތައްތައް އިންތިޒާމް ކުރަން ޖެހޭނެއެވެ. ރަށުގައި ލިބެން ހުރި ކާ އެއްޗިހި އެއްތަނަކަށް އެއްކޮށް، ވަކި ހަމައެއްގެ މަތިން، އެ ބަލަހައްޓައި ދޫކުރާނީއެވެ. ގިނަ ފަހަރު، މިފަދަ ޙާލަތަކާ ގުޅިގެން ރަށުން ފެން ހުސްވެއެވެ. އެހެން ވެއްޖެނަމަ، ލޮނު ކައްކައިގެން އާވި ފެނަށް ބަދަލުކޮށް، ވަކި ހަމައަކުން މީހުންނަށް ދޭނީއެވެ. މީހެއްގެ ފުރާނަ ހިފެހެއްޓުމަށް 24 ގަޑި އިރަށް އެންމެ ފެން ތަށްޓެއް ފުދެއެވެ.  ނަމަވެސް މި ތަށީގެ ފެން މީހުންނަށް ދޭންވާނީ ފޮދުވަރުންނެވެ. ރަށުގެ ކޮންމެ މީހަކަށް ރުކެއް ހުރިނަމަ، ފެނުގެ މައްސަލައެއް ނުޖެޙޭނެއެވެ. އެންމެ ރަނގަޅީ ކޮންމެ މީހަކަށް ހައެއްކަ ރުއް ހުރުމެވެ. މި ސަބަބަށްޓަކައިކޮންމެ ކުއްޖަކު ވިހާއިރަށް، އެކުއްޖާގެ މައިންބަފައިން، ދެތިން ރުއް އެކުއްޖާގެ ނަމުގައި މިއަދުން ފެށިގެން އިންދަމާތޯއެވެ؟


މިއީ ކުރިން ލިޔެފައިވާ މަޒުމޫނެއްގެ އައު އިސްދާރެކެވެ. އެ މަޒުމޫނު މިއޮތީއެވެ.

އެކި މައުޟޫޢުތަކަށް ލިޔެފައިވާ ތަފާތު މަޒުމޫނުތައް ވިދާޅުވާން އެހެން ފަރާތަކުން ބަލަހައްޓާ ފޭންޕޭޖަކަށް ވަޑައިގަތުމަށް މި ޖުމުލައަށް ކްލިކް ކުރައްވާށެވެ.