2020 ވަނަ އަހަރުން ފެށިގެން ކަރަންޓު އުޅަނދު ނޫނީ މާލެއަށް އެތެރެ ނުކުރުން.
ބޭރުގެ ބައެއް ފަރާތްތަކުން، ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް، އާދެ! މާލެ ސިފަކުރަނީ…. މަޢާފު ކުރައްވާށެވެ…ގުއިވަޅެއްގެ ގޮތުގައެވެ. ތިރީގައިވާ ފޮޓޯއަށް ފިތާލެއްވުމުން ފެންނަ ލިސްޓްގައި މުޅި ދުނިޔޭގެ ދެވަނައަށް އެންމެ ނާއުއްމީދީ ފަތުރެއް ކުރެވޭނެ ތަނެއްގެ ގޮތުގައި މާލެ ފާހަގަ ކޮށްފައި ވެއެވެ.
ދިވެހިރާއްޖެއާ ދޭތެރޭ ފަޚުރުވެރިވާން ބޭނުންވާ މީހެއްގެ ގޮތުން، މާލޭގެ ރައްވެއްސެއްގެ ހައިސިއްޔަތުން މިފަދަ ވާހަކަތައް އިވުމުން ދެރަވެއެވެ. ނަމަވެސް، ދުނިޔޭގެ ބައެއް ޤައުމުތަކުގެ ވެރިކަންކުރާ ރަށްތައް ފެނިފައިވާ ކޮންމެ މީހަކުމެ އެ ލިޔުންތެރިޔާގެ ނިންމުމަށް ނުރުހުމާއި އެކު ނަމަވެސް ތާއީދުކުރަން ޖެހެއެވެ. އެހެން ދިރާސާއެއްގައި، ފުރަ މާލެ ފާހަގަކޮށްފައިވަނީ ދެކުނު އޭޝިޔާގައި ހިނގާބިނގާވާން އެންމެ އުނދަގޫ ވެރިކަންކުރާ ސިޓީގެ ގޮތުގައެވެ.
ނަމަވެސް، މާލޭގެ މައްސަލަތަކަކީ މީގެ 50 އަހަރު ކުރިން ފެށިގެން މީހުން އުފައްދަމުން އައިސްފައިވާ މައްސަލަ ތަކެކެވެ. ޕްލޭން ކުރުމުގެ ފަންނުވެރިކަން ނެތުމެވެ. ސިޔާސީ ބޭނުންތައް، މާލެވެހިންގެ (”ވެހި: ވެހިންނަކީ އަހުލުވެރިންނެވެ. ރަށްވެހި“— ރަންތަރި) ދުޅަހެޔޮކަމަށް މާރުކުރެވޭ ކަމެވެ. ކުރިއަށް ވިސްނުމުގެ ފިކުރު ނެތްކަމެވެ. ވަގުތީ ނަތީޖާތަކަށް ދެވޭ ސަމާލުކަން ބޮޑުކަމެވެ.

ކޮންމެ އަކަސް، މިހާރު މާލޭގައި ހިނގާބިނގާވުމުގެ އިތުރަށް، ބައެއް ގަނޑިތަކުގައި މަގުމަތީގައި ނޭވާލާން ދަތިވެއެވެ. ދުއްވާ އުޅަނދުތަކުގެ ދުމުގެ ރަހަ، ބައެއް ގަޑިތަކުގައި، ދުލަށް ކުރާ ކަން ކިތަންމެ ކިޔުންތެރިންނަކަށް އިޙްސާސް ކުރެވިފައި ވާނެއެވެ. ބައެއް މަގުތަކުގެ ޢިމާރާތްތަކަށް ބަލާލުމުން ފެންނާނީ ކަޅުކުލައިގެ ގެދަބުޅިތައް ފާރުގައި ތަތްލާފައިވާ ތަނެވެ. ޢިމާރާތެއްގައި ކުލަލާފައި އަހަރެއް ނުވަނީސް ބައެއް ޢިމާރާތްތަކުގައި ގެދަބުޅި ހިފައެވެ. މިހެން މިކަން އޮތް އިރު، އުޅަނދުތަކުން އަރުވާ ދުންތައް، ޖެހޭ ވައިރޯޅިއާއެކު ވަޔާ ގެންދިއުމަށް ދަތިވެއެވެ. މަގުގެ ދެފަރާތުގައިވާ ޢިމާރާތްތައް އުސްކަމުން، މަގުތަކަށް ވައިރޯޅި ވެއްޓުމަށް ދަތިވެއެވެ. އެހެންކަމުން ނުސާފު ދުންތައް ވައިގެ ސަބަބުން ފްލަޝް ކުރެވޭ ގޮތެއް ނުވެއެވެ. މިހެންކަމުން، ފުއްޕާމެއަށް ކުރާނޭ އަސަރު ވިސްނަވާ ލައްވާށެވެ! ނޭވާލާ ނިޒާމުގެ ބަލިތައް ޢާއްމުވާނޭ މިންވަރާއި އެއަރ ޕޮލޫޝަނުން ނުވަތަ ވައި ތަޣައްޔަރު ވުމުން ޖެހޭނޭ ބަލިތަކަށް ފިކުރު ހިންގަވާ ލައްވާށެވެ.
ބައެއް ސިޓީތަކުގައި، އެ ދުވަހެއްގެ ވައިގެ ތަޣައްޔަރުކަން ހުންނަ ވަރު ޢާއްމުކޮށް އިޢުލާނު ކުރެއެވެ. ނަމަވެސް، މާލޭގައި ވައިގައި ހުންނަ ތަޣައްޔަރުކަން މިނެނުހަދާތީ، ވައިގެ ނުސާފުކަން ގިނަ މީހުންނަކަށް ވަޒަނެއް ނުކުރެވޭނެއެވެ. އަޅުގަނޑަށް މިފަދަ ރިޕޯޓެއް ފެނިފައިވަނީ އަލަށް މާލޭގައި ހެދި އިންޖީނުގެ ނިމުމުން އެ ހިސާބުގަނޑުގެ ވައިގެ ތަޣައްޔަރުކަން ބަލައި، ލިޔެފައިވާ ރިޕޯޓަކުންނެވެ. އެއިރު، އަމީނީ މަގުގެ އެ ހިސާބުގަނޑުގައި، ސަލްފަރ ޑިއޮކްސައިޑް ކިޔާ ވިހަ މާއްދާއެއް ހުރީ ސަހަލު މިންވަރަކަށް ނޫނެވެ. އެފަހުން މިހާރު 15 ވަރަކަށް އަހަރު ވެދާނެއެވެ. އިންޖީނުތައް ގިނަވެފައިވަނީ ވަރަށް ބޮޑަށެވެ. އެހެންކަމުން، އެ ހިސާބުގަނޑުގެ ޖައްވުގެ ޙާލަތު ވަޒަންކޮށްލުމަށް އަޅުގަނޑު ދޫކޮށްލާނީ ތިޔަ ބޭފުޅުންނަށެވެ. ތަޣައްޔަރުވެފައިވާ ވައިން ނޭވާލުމަކީ ސިނގިރޭޓް ބުއިމުން ޖެހޭ ފަދަ ބަލިތައް ޖެހޭ ކަމެކެވެ.
މި ބޮޑު މައްސަލައިގެ ވަރަށް ފަސޭހަ ހައްލެއް ވެއެވެ. އެއީ ޕެޓްރޯލާއި ޑީސަލުން ދުއްވާ އުޅަނދުތައް މާލެއަށް އެތެރެކުރުން މަދުކުރުމެވެ.
ވޭތިވެދިޔަ ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، ޓެކްނޯލޮޖީގެ ގޮތުން އަންނަމުންދާ އެންމެ ބޮޑު ބަދަލަކީ، އެއްގަމު އުޅަނދުތައް ކަރަންޓަށް ބަދަލުވަމުން ދިއުމެވެ. ޕެޓްރޯލްގެ ބަދަލުގައި އިލެކްޓްރިކް ކަރަންޓުން ދުއްވާ އުޅަނދަށް ބަދަލުވުމެވެ. މިއީ އިނގިލާބީ ބަދަލެކެވެ. އިލެކްޓްރިކް ބައިސްކަލެވެ. އިލެކްޓްރިކް ސައިކަލެވެ. އިލެކްޓްރިކް ކާރެވެ. އިލެކްޓްރިކް ބަހާއި ލޮރީ އެވެ.
މިކަން ކުޑަގޮތަކަށް ފެށިގެން އަންނަމުންދާތާ މިހާރު ވިއްސަކަށް އަހަރު ވެއްޖެއެވެ. ނަމަވެސް، 2003 ވަނަ އަހަރު ”ޓެސްލާ“ ކިޔާ ކުންފުންޏެއް އުފައްދައި، އެ ކުންފުނިން އުފައްދަން ފެށި ކާރުތަކުން ކާރުގެ ބާޒާރު ވަރަށް ގަރަނބު ވެއްޖެއެވެ. މި ކުންފުނީ އެކުލަވާލުމުގެ ކުރިން، އަލަށް ކާރު ހަދާ ކުންފުންޏެއް އެމެރިކާގައި ނުއުފައްދާތާ ސަތޭކަ އަހަރު ވެދާނެއެވެ. ޓެސްލާއިން އުފައްދާ ކާރުތައް، ދުއްވާމީހާގެ މާ ބޮޑު އަޅާލުމެއް ނެތި ދުއްވެއެވެ. އިންޖީނުލީ ކާރުތަކަށް ވުރެ، އެތައް ގޮތަކުން މި ކާރުތައް މޮޅުކަމަށް ވެއެވެ. 500 ކިލޯމީޓަރަށްއެއް ޗާޖުން ދުއްވޭ ކާރެކެވެ. އެންމެ މަތީ ސްޕީޑަކީ ގަޑިއަކު 200 ކިލޯމީޓަރެވެ. އެންމެ ހައިރާން ކުރުވާ ކަމަކީ މި ކާރު ދުއްވަނީ 6831 ވޯކީޓޯކީ ސައިޒާ ދާދި އެއްވަރުގެ ބެޓެރީން ކަމެވެ.
ކާރު އުފެއްދޭ ވަރަށް ވުރެ ގަންނަން އެދޭ މީހުން ގިނަކަމުންނާއި އިލެކްޓްރިކް ކާރުގެ މަންފާތައް ގިނަކަމުން، އެހެން ކުންފުނިތަކުން ވެސް، ބެޓެރީ ކާރުތައް އުފައްދަންވަނީ ފަށާފައެވެ. މިގޮތުން އިލެކްޓްރިކް ކާރު ނުއުފައްދާ ކުންފުންޏެއް މިހާރަކު ނެތެވެ. ބޮޑެތި ބައެއް ކުންފުނިތަކުން ޕެޓްރޯލް އާއި ޑީސަލް ކާރު އުފެއްދުން ހުއްޓާލާނެކަން އިޢުލާނުކޮށްފައި ވެއެވެ. މަޝްހޫރު އެޕްލް ކުންފުނިންނާއި ގޫގުލް ކުންފުނިން، ސިއްރިޔާތުގައި، ޑްރައިވަރެއްގެ އެހީއާ ނުލާ ދުއްވާ ކާރު ތަޖުރިބާ ކުރަމުންދެއެވެ.
ކަރަންޓުން ދުއްވާ ދެބާވަތެއްގެ ކާރު ހުރެއެވެ. އެއް ބާވަތަކީ ބައެއް ފަހަރު، ކަރަންޓުން އަނެއްބައި ފަހަރު ޕެޓްރޯލް އިންޖީނުން ދުއްވާ ދެބާވަތުގެ ހަކަތަ ބޭނުން ކުރާ ކާރެވެ. މިބާވަތުގެ ކާރަށް ކިޔަނީ ”ހައިބްރިޑް“ ކާރެވެ. ރާއްޖޭގައި ގެންގުޅޭ ހައިބްރިޑް ކާރުތަކުގެ ތެރެއިން އެންމެ މަޝްހޫރީ ޓޮޔޯޓާ ކުންފުނިން ހަދާފައިވާ ޕްރިއަސް ކިޔާ ކާރެވެ. މީގެ ހައެއްކަ ކާރު މިހާރު ވެސް ރާއްޖޭގައި ގެންގުޅެއެވެ. ހައިބްރިޑް ލޮރީ ވެސް މާލޭގައި ގެންގުޅެއެވެ. ޙަޤީޤީ އިލެކްޓްރިކް ކާރަކީ ޕެޓްރޯލް ނުވަތަ ޑީސަލް އެއްގޮތަކަށް ވެސް އަޅަން ނުޖެހޭ ކާރެވެ. މީގެ މަދުވެގެން އެއް ކާރު (ނިސަން ލީފް) މާލޭގެ މަގުތަކުން ފެނިފައި ވެއެވެ. ނިސަން ލީފް ކާރުގައި ބޭނުން ކުރަނީ ފަތިކޮށް ހުންނަ ބެޓެރީ އެވެ. ބެޓެރީ ސައިކަލް އަކީ މާލޭގައި އަދި އެހާ ޢާއްމު އެއްޗެއް ނޫނެވެ. ނަމަވެސް، ބޭރު ޤައުމުތަކުން މިކަމަށް ދޭ އިސްކަމުން، މި ބާވަތުގެ ސައިކަލް، ސަރުކާރުން ސިޔާސަތެއް ކަޑަ ނޭޅިއަސް، މާލޭގައި ދާނީ ގިނަވަމުންނެވެ. އަޅުގަނޑުގެ އަވަށްޓެރިއަކު ވޭވް އާ ވައްތަރު ބެޓެރީ ސައިކަލެއް ދުއްވާތާ މިހާރު 12 އަހަރު ވެއްޖެއެވެ. މައްސަލައެއް ނުޖެހެއެވެ. ތިރީގައި އެވަނީ މުޅިން އިލެކްޓްރިކް ބައެއް ކާރެވެ.
އިލެކްޓްރިކް އުޅަނދަށް ޢާއްމުންގެ މަޤްބޫލްކަން ހޯދުނީ ތިން ކަމެއް ސަބަބުންނެވެ. އެއްކަމަކީ، ތިމާވެށީގެ ސަބަބުތަކަށްތަކައި، ސަރުކާރުތަކުން، އިލެކްޓްރިކް ކާރު ގަތުމަށް ދޭ ހިތްވަރެވެ. އަނެއް ސަބަބަކީ، ބެޓެރީ އާއި މޯޓަރު އުފެއްދުމަށް އައި ކުރިއެރުމެވެ. އެންމެ ފުރަތަމަ ބެޓެރީ އަށް ނަޒަރު ހިންގާލަމާ ތޯއެވެ؟ 2000 ވަނަ އަހަރާއި ހަމައަށް، ބެޓެރީގެ ގޮތުގައި އެންމެ ބޮޑަށް ބޭނުން ކުރަނީ ތިމަރަ އާއި ކައްސަނދުވާނި ހުތުން ހަދާފައި ހުންނަ ބެޓެރީ އެވެ. މިއީ ކުރިން ކާރުތަކާއި ސައިކަލްތަކުގައި ބޭނުން ކުރާ ބެޓެރީ އެވެ. ކުރީގެ ލެޕްޓޮޕްތަކުގައިވެސް ބޭނުން ކުރަނީ މިބާވަތެވެ. ބެޓެރީ ބަރުކަމުން، މި ފަދަ ބެޓެރީތަކުން ކާރު ދުއްވާނަމަ، އަވަސް އަވަހަށް ޗާޖުކުރަން ޖެހެއެވެ. ބެޓެރީ ބަދަލުނުކޮށް ޗާޖުކުރެވެނީ 400 ވަރަކަށް ފަހަރު އެވެ. މިހެން މިކަން އޮއްވައި، އާއްމުނޫން އުންސަރަކުން، ލިތިއަމް އިން، ބެޓެރީ ހަދަން ފަށައިފިއެވެ. ގިނަ މޮބައިލް ފޯނުގައި މިހާރު ހުންނަނީ މިބާވަތުގެ ބެޓެރީ އެވެ. ލުއިކަމާއި އެކު، 1000 ފަހަރު ޗާޖު ކުރެވެއެވެ. ގާތްގަޑަކަށް 5 އަހަރު ބެޓެރީ ބޭނުން ކުރެވެއެވެ. މިއާއި އެކު، ގިނަ ހަކަތަ މިބާވަތުގެ ބެޓެރީއަށް އެޅެއެވެ. މިކަން، މޮބައިލް ފޯނުގެ ބެޓެރީއަށް އައިސްފައިވާ ކުރިއެރުމުން ޔަޤީން ކުރެވޭނެއެވެ. ބެޓެރީ އުޅަނދުތައް ޢާއްމުވި އެއް ސަބަބަކީ މިއީއެވެ. މިހާރު ބެޓެރީ ބޭނުންކޮށްގެން ދުއްވާ ދެމީހުންނަށް އެރޭ މަތިންދާ ބޯޓާއި، ލޯންޗް އާއި ބޮޑެތި ބަސް ވެސް އުފައްދާފައި ވެއެވެ.
ބެޓެރީގެ އިތުރަށް އިލެކްޓްރިކް މޯޓަރާއި އެ ހިންގާ އިލެކްޓްރޮނިކްސް ވެސް ވަނީ، ވޭތިވެދިޔަ ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި ވަރަށް ބޮޑަށް ތަރައްޤީ ކުރެވިފައެވެ. އެންމެ ބޮޑު ކުރިއެރުމެއް އައިސްފައިވަނީ މޯޓަރުގެ ދަގަތްފާނު އިހުނަތް ވުރެ ގަދަކޮށް ހެދޭތީ ބާރު ގަދަކުރެވޭގޮތް ވެފައި ވުމުންނެވެ. ދާއިމީ ދަގަތްފާނު ނުހުންނަ މޯޓަރުތައް އޮޅުމަށް އައިސްފައިވާ ކުރިއެރުމުން ވެސް، މޯޓަރުތަކުގެ ބާރު ގަދަވެފައި ވެއެވެ. މިއާއި އެކު ބާރުގަދަ މޯޓަރުތައް ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ އިލެކްޓްރޯނިކްސް ވެސް ވަނީ ތަރައްޤީ ކުރެވިފައެވެ.
މަތީގައި ބަޔާން ކުރެވުނު ދެކަމާއި އެކު ބެޓެރީ އުޅަނދު ވައިގައި ހިފާގޮތްވީ ގައުމުތަކުގެ ސަރުކާރުން ކަރަންޓުން ދުއްވާ އުޅަނދަށް ބަދަލުކުރުމަށް ދޭ ހިތްވަރުންނެވެ. ބައެއް ސަރުކާރު ތަކުން، ރައްޔިތުންގެ ޞިއްޙަތުގެ ރައްކާތެރިކަމަށްޓަކައި، އިލެކްޓްރިކް އުޅަނދުތައް ގަތުމަށާއި ގެންގުޅުމަށް ދޭ ހިތްވަރަކީ ޢަޖާއިބުކުރުވަނިވި ހިތްވަރެކެވެ. ތިރީގައި އަހުރެން މި ބަޔާން ކުރަނީ ހައެއްކަ ޤައުމުން އިލެކްޓްރިކް ދުއްވާތަކެތި ހޯދުމަށްދޭ ހިތްވަރުން ބައެއް ކަންކަމެވެ.
އިންޑިއާ: 2010 ވަނަ އަހަރު، ފެކްޓްރީ ގަންނަ އަގުގެ %20 ސަރުކާރުން ސަބްސިޑީއެއްގެ ގޮތުގައި ދޭން ނިންމިއެވެ. 2013 ވަނަ އަހަރު ކަރަންޓް ހަތަރުފުރޮޅުލީ އުޅަނދެއް ގަންނަނަމަ، ސަރުކާރުން 150000 ރުޕީސް، އަދި ދެ ފުރޮޅުލީ އުޅަނދެއް ގަންނަނަމަ، 30000 ރުޕީސް ދޭން ނިންމިއެވެ. 2030 ވަނަ އަހަރުން ފެށީގެން އިންޑިއާގައި ކަރަންޓު ނޫން އުޅަނދު ނުއުފައްދަން ކަނޑައަޅާފައި ވެއެވެ.
ޗައިނާ: 2013 ވަނަ އަހަރު ޗައިނާގެ ސަރުކާރުން ނިންމާފައިވަނީ، އިލެކްޓްރިކް ކާރެއް ގަންނަ މީހުންނަށް އެހީއަކަށް ގިނަވެގެން 9800 ޔޫއެސް ޑޮލަރު ދިނުމަށާއި، ބަހެއް ގަންނަ ނަމަ، 81600 ޑޮލަރު ދިނުމަށެވެ.
ސައުތު ކޮރެއާ: 2016 ވަނަ އަހަރު، ކަރަންޓު ކާރެއް ގަންނަނަމަ ސަބްސިޑީއަކަށް 12100 ޑޮލަރު ދިނުމަށް ނިންމާފައި ވެއެވެ. އަދި މިއާއެކު އިންސުއަރެންސް އާއި ޕާކިންފީ ފަދަ ތަކެތި ކުޑަކޮށްފައި ވެއެވެ.
ފުރާންސް: 2017 ވަނަ އަހަރުން ފެށިގެން ދިހަ އަހަރުވީ ޑީސަލް ކާރެއް ނައްތާލާނަމަ، 10000 ޔޫރޯ ދިނުމަށާއި، ކަރަންޓު ކާރެއް ގަންނަނަމަ، ސަބްސިޑީއެއްގެ ގޮތުގައި 6000 ޔޫރޯ ދިނުމަށް ނިންމިއެވެ.
އިނގިރޭސި ވިލާތް: ކަރަންޓު ކާރެއް ގަތުމަށް އެހީއަކަށް 4500 ޕައުންޑުގެ ސަބްސިޑީއެއް ދިނުމަށް ނިންމާފައި ވއެވެ. ލަންޑަން ތޮއްޖެހޭތީ، އެތަނުގައި ދުއްވާ ކާރުތަކުން ނަގާ އިތުރު ޓެކްސް، ކަރަންޓް ކާރެއް ނަމަ، %100 ކުޑައެވެ.
މިއެހީތަކުގެ ތެރޭގައި، އިލެކްޓްރިކް އުޅަނދަށް އިމްޕޯޓް ޑިއުޓީ ދައްކަން ނުޖެހުމާއި އެއްވެސް އަހަރީ ފީއެއް ދައްކަން ނުޖެހުމާއި ޖީއެސްޓީ ދައްކަން ނުޖެހުމާއި ބަސް ދުއްވާ ލޭން ތަކުގައި އިލެކްޓްރިކް އުޅަނދުތައް ދުއްވަން ހުއްދަ ދިނުމާއި، ހިލޭ ޗާޖުކުރެވޭނޭ ތަންތަން ހަދައިދިނުމާއި ޕެޓްރޯލްކާރެއް ގަންނަން ނަމަ، ދައްކަންޖެހޭ ފީ އިންތިހާއަށް ބޮޑުކުރުން ހިމެނެއެވެ. ރާއްޖޭގައި އިލެކްޓްރިކް އުޅަނދުތައް ބޭނުންކުރުމަށް އޮންނަ ހަމައެކަނި ކަމަކީ އަހަރީފީ ޑަބަލް ކުޑަވާ ކަމެވެ. މިފީއަކީ ޑިސްކައުންޓެއް ނެތަސް ކާރު ގެންގުޅޭ މީހުން ކަހަރުވަކޭ ހިތަށް އަރާނޭފީ އެއް ނޫނެވެ. އަހަރީ ތަފާސް ހިސާބުތަކަށާއި މާލޭގެ މަގުމައްޗަށް ބަލާލުމުން މިކަމުން މާބޮޑު އަސަރެއް ނުކުރާކަން ޔަޤީން އެވެ. ސީރިއަސްކޮށް ދިވެހިރާއްޖޭގައި އިލެކްޓްރިކް އުޅަނދުތައް ގިނަ ކުރަން ބޭނުންނަމަ، ރަނގަޅު ސިޔާސަތުތަކެއް އެކުލަވާލަން ޖެހެއެވެ. މަސައްކަތް ކުރާ ޕޮލިސީތައް، އެތައް ދިރާސާއަކަށް ފަހު، މި ލިޔުމުގައި ބަޔާންކޮށްފައި ވެއެވެ.
އަހުރެންނަށް ވިސްނޭގޮތުން، މިފަދަ މަސައްކަތް ކުރާ ސިޔާސަތުތައް އަހުރެމެން މާލެއަށް ކަޑައަޅަން ޖެހިއްޖެ އެވެ. މާލޭގައި ދިރިއުޅާ މީހުންގެ ޞިއްޙަތަށް ޓަކައެވެ. ތިމާވެއްޓަށް ޓަކައެވެ. އިޤްތިޞާދަށްޓަކައެވެ. މިގޮތުން އަހުރެން ހުށަހަޅަނީ 2020 ވަނަ އަހަރުން ފެށިގެން ކަރަންޓު ނޫން އެއްގަމުގައި ދުއްވާ މީހުން ދަތުރުކުރަން ގެންގުޅޭ އުޅަނދެއް މާލެ އެތެރެނުކުރެވޭ ގޮތް ހެދުމަށެވެ. ބައެއް ޤައުމަތުކުގައި 2040 އިން ފެށިގެން ޕެޓްރޯލް އާއި ޑީސަލް އުޅަނދު އެއްވެސް ގޮތަކަށް ބޭނުން ނުކުރެވޭ ގޮތަށް ނިންމާފައި ވެއެވެ. މިގޮތަށް ނިންމި އެއް ޤައުމެއް ކަމުގައިވާ ފްރާންސްގައި ކިތައް މިލިއަން ޕެޓްރޯލް އުޅަނދު ހުންނާނެކަން ވިސްނާލާށެވެ. ޗައިނާއިން ކަޑައަޅާފައިވާ އަމާޒަކީ 2020 ވަނަ އަހަރު ޗައިނާގައި ދުއްވާ އުޅަނދުތަކުގެ %12 އިލެކްޓްރިކް އުޅަނދަށް ހެދުމެވެ. މުފައްކިރުން ބުނާގޮތުން މި އަމާޒަށް ޗައިނާއަށް ވާސިލުވެވޭނެއެވެ. މިހާރުވެސް ޗައިނާ އަކީ އެންމެ އިލެކްޓްރިކް އުޅަނދު ގިނަ ޤައުމެވެ.
ކުރިއަށް ވިސްނާ ސަރުކާރު ތަކުން މިކަންކަން މިގޮތަށް ހަމަޖައްސަނީ، އިންޖީނުލީ އުޅަނދުތަކުން ތިމާވެއްޓާއި މީހުންގެ ސިއްހަތަށް ލިބޭ ގެއްލުމުން ރައްކާތެރި ވުމަށެވެ. މިއާއި އެކު، ކަރަންޓު އުފެއްދޭ އެތައް ގޮތެއް އޮންނާތީ، ބޭރުން އިމްޕޯޓްކުރާ ތެލަށް ބަރޯސާކުރުން ކުޑަކުރުމަށެވެ. ދިވެހިރާއްޖެ އަކީ، އެއް އިރެއްގެ ތިމާވެށީގެ ރައްކާތެރިކަމަށް ވަރަށް ބޮޑަށް އިސްކަންދީ އުޅުނު ޤައުމެކެވެ. ތިމާވެއްޓަށް ދޭ އިސްކަމާމެދު ފަޚުރުވެރިވި ޤައުމެކެވެ. އިޤްތިޞާދީ ވަގުތީ މަންފާތަކުގެ ކުރިއަށް ތިމާވެށި ނެރުނު ޤައުމެކެވެ. އިލެކްޓްރިކް އުޅަނދުތަކުން، ދުނިޔެއަށް އަންނަމުންދާ އިންޤިލާބަށް، ދިވެހިރާއްޖެ ނިދާފައިވާ ޣާފިލުކަމުގެ ނިދިން ހޭލާނީ ކޮން އިރަކުން ހެއްޔެވެ؟
Click here for the Main Menu of Articles of Enduring Value!
ދެމިހުންނަނިވި ފައިދާ ހިމެނޭ މަޒުމޫނުތައް ބައްލަވަން މިތަނަށް ފިތާލައްވާ!










vara interesting . i love Batteri and SOLAR
ماشآء الله