
ފޮންޓުގެ ތާރީޚް
އެމްވީ ފުނައަކީ 1999 ގައި، ތާނަ ލިޔަން ބޭނުންކުރާ ޚާއްޞަ ޕްރޮގްރާމަކާ އެކު އަޅުގަނޑު ޢާއްމު ކުރި ފޮންޓެކެވެ. މި ފޮންޓަކީ ބައެއް މީހުންނަށް ވަރަށް ރީތި ފޮންޓެކެވެ. އެންމެ ގިނަ މީހުން އެ ފޮންޓެއް ހޯދުމަށް އަޅުގަނޑުގެ ގާތުން އެދެނީވެސް މި ފޮންޓަށެވެ. ނަމަވެސް، މި ފޮންޓު ޢާއްމުކޮށްފައެއް ނުވެއެވެ. ވިންޑޯޒް އެކްސްޕީ 2001 ވަނަ އަހަރު ނުކުތުމުން، ކުރިން މި ފޮންޓު ބޭނުންކުރި ”އެޕް“ ގެ ބޭނުން ނެތުމުންނާއި، ވިންޑޯޒް ގައި ބޭނުން ކުރެވޭ ގޮތަށް ފޮންޓު ބަދަލުކޮށްފައި ނުވާތީ ފޮންޓު ޢާއްމުކޮށްފައެއް ނުވެއެވެ.
ނަމަވެސް، އަޅުގަނޑަށް ވެސް މި ފޮންޓު ރީތި ކަމަށް ވާތީ، ޤައުމީ ޔުނިވަރސިޓީގެ ދާޚިލީ ބައެއް ލިޔުންތައް ލިޔުމަށް ވިންޑޯޒްގައި މި ފޮންޓު ބޭނުންކުރެވޭ ގޮތް ހަދާފައި ވެއެވެ. އެތަނުން ޝާއިޢުކުރާ އަހަރީ ރިޕޯޓާއި ”ޔުނިވަރސިޓީ ދުވެލި“ ލިޔުމަށާއި ދިރާސީ، ޢިލްމީ މަޖައްލާތައް ލިޔުމަށް މި ފޮންޓު ބޭނުން ކުރާތާ 25 ވަރަކަށް އަހަރު ވެދާނެއެވެ. ދިވެހިބަހުގެ ބަސްފޮތް އެއް ފޮތެއްގެ ގޮތުގައި ޔުނިވަރސިޓީއިން ޝާއިޢުކުރަން ވެގެން މި ފޮންޓު ވަރަށް ބޮޑަށް އިޞްލާޙްކުރީމެވެ. އެ ސަބަބާ ހެދި މި ފޮންޓުގެ ނަމަކަށް އޭރު ބޭނުންކުރަމުން ދިޔައީ ”ފުނަ ރަދީފު“ އެވެ. ފޮންޓުގެ އެ އިސްދާރުން ތާނަ އަކުރުތަކާ އެކުލެވޭ ގޮތަށް ޢަރަބި ލިޔެވޭނެ އެވެ. ނަމަވެސް ޢަރަބި ލިޔުން ފުރިހަމަ ކޮށްފައެއް ނުވެއެވެ. ދިވެހިބަހާއި ތާރީޚާ ބެހޭ މަރުކަޒު (ފަހުން އެކެޑަމީ) ޔުނިވަރސިޓީގެ ބައެއްގެ ގޮތުގައި ހިންގި އިރު، ހަތަރުކުލައިން ޗާޕުކޮށްފައިވާ ބަނޑޭރިގަނޑު ހިމެނޭ ”ފަތްތޫރަ“ ތައް ވެސް އަދި ”ދަރުމަ“ މަޖައްލާގެ އަޅުގަނޑުގެ މަޒުމޫނުތައް ވެސް ލިޔެފައިވާނީ މި ފޮންޓުންނެވެ. ޔުނިވަރސިޓީއިން ފޮންޓު ނީރިގެން (ލީކުވެގެން)، މީސްމީޑިއާ އާއި ޗާޕުކުރާ ބައެއް ތަކެތި މި ފޮންޓުން ލިޔެފައިވާތީ ފެނިފައި ވެއެވެ. މިގޮތުން ތިން ބަޔަކަށް ހިމެނޭ ކީރިތި ޤުރްއާންގެ ތަފްސީރެއް ވެސް މި ފޮންޓުން ޝާއިޢުކޮށްފައި ވެއެވެ. ޝައްކެއް ނެތެވެ. ބަސްފޮތް (1210 ސަފުހާ) އާއި ތަފްސީރު ފަދަ ބޮޑެތި ފޮތް މި ފޮންޓުން ލިޔާނީ ބަޔަކަށް ފޮންޓު ރީތިވެގެންނެވެ. އަދި ކީއްތޯ އެވެ؟ ދިވެހިރާއްޖޭގައި މިހާތަނަށް ނުކުންނަ އެންމެ ބޮޑު ފޮތް (ގާތްގަޑަކަށް 2000 ޞަފުޙާ) ޗާޕުކުރުމުގައި ވެސް ބޭނުންކޮށްފައިވާނީ މި ފޮންޓެވެ.
މި ފޮންޓުގެ އަޞްލަކީ ކޮބާ؟
މި ފޮންޓުގެ އަޞްލަކީ ”ވިޔަފާރި މިއަދު“ ނަމަކަށް ކިޔާ ދުވަހު ނޫހެއްގައިވާ އަތު ލިޔުމެކެވެ. ޚާއްޞަކޮށް މިއީ މި ދުވަހު ނޫހުގެ 12 ވަނަ އަހަރީ ނަންބަރު (19 ސެޕްޓެމްބަރ 1968) ގައިވާ ބައެއް ސަފުހާތައް ލިޔެފައިވާ ލިޔުމެކެވެ. ލިޔުނު ފަރާތުގެ އެހެން ލިޔުމެއް ތިރީގައި އެވަނީއެވެ.

މަތީގައިވާ ލިޔުން ލިޔެފައިވަނީ އިސްޓެންސިލްއެއްގައި ހިމަ ކައްޓަކުންނެވެ. އިސްޓެންސިލް ލިޔެފައިވާ މީހަކަށް ނޫނީ މަތީގައިވާ ފަދަ ގޮތަކަށް ލިޔުމުގެ ދަތިކަމެއް އިޙްސާސެއް ނުކުރެވޭނެއެވެ. ލިޔުން ލިޔެފައިވާ މީހަކީ ކާކުކަމެއް ޔަޤީނެއް ނޫނެވެ. އެކަކު ބުނަނީ އެއީ ދާރުލްއިޤާމާ ޞާދިޤްގެ ލިޔުމާ ވައްތަރު ލިޔުމެއް ކަމަށެވެ.
މި ފޮންޓު ރީތިވަނީ ކީއްވެ؟
އަޅުގަނޑަށް ލަފާކުރެވޭ ގޮތުން، މި ފޮންޓު ރީތިކަމަށް މީހުން ބުނަނީ ކިޔަން ފަސޭހަކަމުންނެވެ. ތާނަ ލިޔުމާ ދޭތެރޭ ވިސްނަވާލައްވައިފި ނަމަ، ފާހަގަކުރެއްވޭނޭ ކަމަކީ، އަކުރުތަކުގެ ފައިކޮޅު ދިގުވުމަކުން އެ އަކުރަކީ ކޮން އަޑެއްކަން — ކޮން އަކުރެއްކަން — ދެނެގަތުމަށް މާބޮޑު އެހީތެރިކަމެއް ނުލިބޭކަމެވެ. މިސާލެއްގެ ގޮތުން ށ އާއި ނ ގެ ފަރަގު ދެނެގަނެވެނީ އޭގައިވާ ތުނޑުތަކުގެ ޢަދަދުންނެވެ. މި ތުނޑުތައް ފައުޅުކަން ބޮޑު ކޮށް ހުރި ނަމަ، ކިޔަން ފަސޭހަވާނެއެވެ. ފައިކޮޅު ކިތަންމެ ދިގުވިޔަސް، ދެ އަކުރުގެ ތަފާތު ފާހަގަކުރުމަށް އެހީތެރިއެއް ނުވާނެއެވެ. ދިގު ފައިކޮޅުތައް ވާނީ، އަކުރުތައް ދެނެގަތުމަށް އުނދަގުލަކަށެވެ. ހަމަ އެފަދައިން، ލ އާއި ދ ގެ ތަފާތު ވަނީ އޭގެ ކުރީކޮޅުގައެވެ. ކުރީކޮޅުގެ ހާމަކަން ބޮޑު ނަމަ، ކިޔަން ފަސޭހަވާނެއެވެ. ކުރީކޮޅުގެ ބައްޓަންތައް ކުޑަވެގެން އެއް ގޮތް ވާން އުޅޭ ނަމަ، އަކުރު އޮޅޭ ގޮތް ވާނެއެވެ. އަކުރުތައް އެއް ގޮތް ވުމަކީ ލިޔުންގަނޑު ރީތިވާ ކަމަކަށް ވާނެއެވެ. ނަމަވެސް ކިޔުމަށް ދަތިވާނެއެވެ.
އަކުރުތަކުގެ ފަލަމިން (ބަރުދަން)
ފުނަ އަކުރުތައް އަޅުގަނޑު މި ޝާއިޢުކުރަނީ އެންމެ ހިމަ އަކުރާއި އާދައިގެ އަކުރާއި ފަލަ އަކުރާއި ބޮޑަށް ފަވާފައިވާ އަކުރު ހިމެނޭ ހަތަރު ފޮންޓުގެ ގޮތުގައެވެ. ފޮންޓެއްގެ އަކުރުތަކުގެ ފަލަމިނަށް އިނގިރޭސި ބަހުން ކިޔަނީ ވެއިޓް (ބަރުދަން) އެވެ. މިއީ އަދި ރާއްޖޭގައި އެއް އާއިލާގެ ހަތަރު ބަރުދަން ހިމެނޭ ފޮންޓެއް ޢާއްމު ކުރާ ފުރަތަމަ ފަހަރެވެ. ތިރީގައި މިވަނީ އެއް ޢިބާރާތެއް ހަތަރު ފަލަމިނުން ލިޔެފައެވެ. މި ޢިބާރާތަކީ ތާނައިގެ ހުރިހާ އަކުރުތައް ހިމެނޭ ޢިބާރާތެކެވެ.

1. Funa light ފުނަ ހިމަ އަކުރު
2. Funa regular ފުނަ އާދައިގެ އަކުރު
3. Funa bold ފުނަ ފެވި އަކުރު
4. Funa black ފުނަ ފަލަ އަކުރު
ހަތަރު ފޮންޓު އިންސްޓޯލްކުރުމުން ފުނަ އިޚްތިޔާރުކޮށް ބޯލްޑް އަށް އޮބައިލުމުން ފާހަގަކުރި އަކުރުތައް ފެވި އަކުރަށް ތުނޑުފަލަކޮށް ލިޔެވޭނެއެވެ. މައިކްރޯސޮފްޓް ވާޑް ފަދަ އެޕް އަކުން ފުނަ ހިމަ އަކުރާއި ފުނަ ފަލަ އަކުރު ފެންނާނީ ވަކި ފޮންޓެއްގެ ގޮތުގައެވެ. ބައެއް ބާވަތުގެ އެޕް އިން މި ހަތަރު ވައްތަރުން ކޮންމެ ވައްތަރެއް އިޚްތިޔާރު ކުރެވޭނެއެވެ. މަތީގައިވާ ހަތަރު ފޮޅުވަތުން ފާހަގަކުރެއްވޭނޭ ފަދައިން، ފޮންޓެއްގެ އަކުރުތައް ފަލަވި ވަރަކަށް އޭގެ އަކުރުތައް ގާތްވެފައި އެއްގޮތް ކަން ބޮޑެވެ. މިއީ އިނގިރޭސި ފޮންޓުތަކުގައި ވެސް ހުންނަ ސިފައެކެވެ. އެއީ ކީއްވެގެންކަން އެނގިވަޑައިގަންނަވާ ތޯއެވެ؟ އެއް ފޮޅުވަތުން އަކުރުތައް ވަޒަންކުރަން ދަތިފުޅުވާނެތީ ތިރީގައި އެވަނީ ހަތަރު ބާވަތުން ލިޔެފައިވާ ޕެރެގްރާފެކެވެ.

މަތީގައިވާ ފުނަ ހިމަ އަކުރު ތަކަކީ ފުނަ ރަދީފު ފޮންޓުގެ އަކުރުތަކާ މުޅިންހެން އެއްގޮތް އަކުރުތަކެކެވެ. ތިރީގައިވާ ދެން ހުރި ހުރިހާ އަކުރަކީ މިއިން އުފައްދާފައިވާ އަކުރެވެ.



ފުނަ ފޮންޓުގެ ޚާއްޞަ ކަންތައްތައް (މީޒާތައް ނުވަތަ ފީޗަރސް)
(1) އެހެން އަކުރުތަކާ އެމުނި އެކުލެވުން.
ކުރިން ފާހަގަ ކުރި ފަދައިން، މި އަކުރުތައް އިނގިރޭސި ފޮންޓެއްގެ އެހެން އަކުރުތަކާ އެކުލަވާ ގޮތެއް ހުންނާނެއެވެ. ހަމަ އެފަދައިން ޢަރަބި ފޮންޓުތަކާ އެކުލަވާ ގޮތެއް ވެސް ހުންނާނެ އެވެ. އެކަމުގެ މިސާލެއް ތިރީގައި އެވަނީއެވެ. ބޭރުގެ އެކި ލަފުޒު ލިޔެފައިވަނީ އެކި ފޮންޓުންނެވެ.

(2) ކިޔަން ފަސޭހަވުން.
ފުނަ ފޮންޓުގެ ބައްޓަންތައް ބޮޑުކަމުން، ވަރަށް ކުދިކޮށްލިޔުނަސް، އަކުރުތައް ކިޔަން އެނގޭނެއެވެ. މިސާލެއްގެ ގޮތުން، އަޅުގަނޑު ޢާއްމުކޮށްފައިވާ ބަސްފޮތުގެ ބައެއް ރަދީފުގެ އަކުރުތަކުގެ ބޮޑުމިނަކީ 9.5 ޕޮއިންޓެވެ. ނަމަވެސް ކިޔަން ފަސޭހަވާނެއެވެ. ވެބްސައިޓްތަކުގެ އަކުރުތައް ޢާއްމުކޮށް ހުންނަނީ 16 އާއި 18 ދެމެދުގެ ސައިޒެއްގައެވެ. މި ސައިޒުގައި ލަފުޒުތައް ވަރަށް ފަސޭހައިން އިސްކިރީނުން ކިޔޭނެއެވެ.
(3) ފުލްސްޓޮޕް (ތިކި) އާއި އެހެން ލިޔުމުގެ ނިޝާންތައް.
ތާނަ އާއި އިނގިރޭސި އަކުރުތައް ހުންނަ ފޮންޓުތަކުގެ އެއް މައްސަލައަކީ، ފުލްސްޓޮޕް ނުވަތަ ޖުމުލައެއް ނިމުމުން ޖަހާ ތިކި/ނުކުތާ، އިނގިރޭސި ލިޔާއިރު އާއި ތާނަ ލިޔާއިރު ޖަހާތަން ތަފާތުވާ މައްސަލައެވެ. އިނގިރޭސި އަކުރުތައް ލިޔަނީ ފޮޅުވަތުގެ މަތީގައެވެ. ތިކި އަދި އެހެން ބައެއް ނިޝާން ޖަހަންޖެހޭ ރަނގަޅު ތަނަކީ އަކުރުތަކުގެ ފުލާ އެއްވަރަށް ފޮޅުވަތުގައެވެ. ތާނަ ލިޔަނީ ފޮޅުވަތުގެ ތިރީގައެވެ. މިހެން ވުމުން، ތާނައަށް ކަމުދާ ގޮތަށް ތިކިޖަހާ ގޮތް ހަދާނަމަ، އިނގިރޭސިއަކަށް ކަމަކު ނުދެއެވެ. ނަމަވެސް ފުނަ ފޮންޓުގައި ތިއްކާއި އެހެން ލިޔުމުގެ ނިޝާންތަކަކު މި މައްސަލައެއް ނުނުކުންނާނެ އެވެ. އެއީ މި ފޮންޓުގައި ތާނަ ތިއްކަކީ އިނގިރޭސި ތިއްކެއް ނޫނެވެ. މުޅިން އެހެން އަކުރެކެވެ. ލިޔަމުންދާއިރު، ލިޔަނީ އިނގިރޭސި އަކުރުންތޯ ބަލައި، ތިއްކަށް އޮބައިލުމުން އެ ނިޝާން އެދެވޭ ގޮތަށް ބަދަލުކޮށްލަނީއެވެ. މަތީގައި އެވަނީ ”ފަރުމާ“ އިން ލިޔެފައިވާ ފޮޅުވަތެކެވެ. ތިރީގައި އެވަނީ ފުނައިން ލިޔެފައިވާ ފޮޅުވަތެކެވެ.

ތާނަ ލިޔާއިރު މިގޮތަށް ބަދަލުވާ އެހެން ނިޝާންތަކުގެ ތެރޭގައި އަންނަނި ނިޝާންތައް ހިމެނެއެވެ.
ދެތިކި :
އެން-ޑޭޝް: – [މި ނިޝާން ޖެހޭނީ ކީބޯޑުގެ Alt ފިތަށް ފިއްތައި ދެން އަންނަނިވި ޢަދަދުތައް ކަނާތު އަދަދު ކީބޯޑުން ޖެހުމުންނެވެ: 0150]
އެމް-ޑޭޝް: — [މި ނިޝާން ޖެހޭނީ ކީބޯޑުގެ Alt ފިތަށް ފިއްތައި ދެން އަންނަނިވި ޢަދަދުތައް ކަނާތު އަދަދު ކީބޯޑުން ޖެހުމުންނެވެ: 0151]
ހުޅުވާ އެއް ފަށް ކޮމާ ކޯޅި: ’ Alt އަށް ފިތައި 0146
ލައްޕާ އެއް ފަށް ކޮމާ ކޯޅި: ‘ Alt އަށް ފިތައި 0145
ހުޅުވާ ދެ ފަށް ކޮމާ ކޯޅި: ” Alt އަށް ފިތައި 0148
ލައްޕާ ދެ ފަށް ކޮމާކޯޅި: “ Alt އަށް ފިތައި 0147
(4) އިނގިރޭސި އާއި ތާނަ ލިޔާއިރު ދެ ލަފުޒު ދެމެދުގައި ދޫކުރާ ޖާގަ ނުވަތަ އަތުރު (މަސާފާ ނުވަތަ ސްޕޭސް) ތަފާތުކުރުން.
ތާނަ ލިޔާއިރު ދެ ލަފުޒު ދޭތެރޭ ދޫކުރާ އަތުރާއި އިނގިރޭސި ލިޔާއިރު ދޫކުރާ އަތުރު ތަފާތެވެ. ތާނައަށް ރީތި މިންވަރަށް ޖާގަ ހަދައިފިނަމަ، އިނގިރޭސި ލިޔާއިރު މި ދެމެދު ހުންނަނީ ހުތުރުވާ ވަރަށް ދުރުކޮށެވެ. ފުނަ ފޮންޓުގައި މި މައްސަލަ ވަނީ ހައްލުކޮށްފައެވެ. މިސާލެއްގެ ގޮތުން ތިރީގައި އެވަނީ ފަރުމާ ފޮންޓާއި ފުނަ ފޮންޓުން ލިޔެފައިވާ ދެ ޢިބާރަތެވެ.

(5) އެހެން ބައެއް ފައިދާތައް
މި ފޮންޓުގައި ހިމެނޭ މީޒާތަކުގެ ތެރޭގައި، މަތީގައި ދެންނެވުނު ކަންތައްތަކުގެ އިތުރުން ތިރީގައި މި ބަޔާންކުރާ ކަންތައް ތައް ހިމެނެއެވެ.
(ހ) އަކުރުތައް ގާތްކުރުމަށް ޖާގަ ދޫކޮށްފައިވުން
މި ފޮންޓަކީ އޭގެ ދެ އަކުރުގެ ދެމެދު ފަރުމާކޮށްފައިވާ އިރު ދޫކޮށްފައިވާ ޖާގަތަކުގެ އިތުރަށް، އަކުރުތައް ގާތް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ފޮންޓެކެވެ. ފުނަ ފަލަ Funa Black ނޫން އެހެން އަކުރުތައް، ބޭނުންކުރާ މީހަކަށް ރީތިވާ މިންވަރަށް ގާތް ކުރެވޭނެއެވެ. އަކުރުތައް ގާތްކުރުމަށް (ބަދަހިކުރުމަށް) އިނގިރޭސިބަހުން ކިޔަނީ ޓްރެކިން ބަދަލުކުރުމެވެ. ޓްރެކިން އަކީ ”ފަހަލު“ އެވެ. ތިރީގައި އެވަނީ އެއް ޕެރެގްރާފެއް އެކި ޓްރެކިންގައި ލިޔެފައެވެ. މި ޓްރެކިން ބަދަލުކުރަނީ، މައިކްރޮސޮފްޓް ވާޑް ނަމަ، ފޮންޓް އާ ބެހޭ ބައިގެ Advanced ބައިންނެވެ. ބަދަހިކޮށް އަކުރުތައް ބެހެއްޓުމުން ލިޔަންދާ ޖާގަ ކުޑަވާނެއެވެ. 0 އިން ފެށިގެން 1 ޕޮއިންޓާ ހަމައަށް އަކުރުތައް ފުށުނާރައި ގާތް ކުރެވޭނެއެވެ.
(ށ) ބަރު ނޫނު
މި ފޮންޓުގައި ބަރުނޫނު (ޱ) ހިމެނެއެވެ. މިއީ ތާނަ ލިޔުމުގައި މި ޒަމާނުގައި ޢާއްމުކޮށް ބޭނުންކުރާ އަކުރެއް ނޫނެވެ. އެއްވެސް ސަބަބަކާ ހުރެ މި އަކުރު ލިޔަން ބޭނުން ނަމަ، އެންމެ ފަސޭހަ ގޮތަކީ މައިކްރޮސޮފްޓް ވާޑް ގެ insert މި ބައިން symbol ލިސްޓުން އެ އަކުރު ހޯދައި ޖެހުމެވެ.
(ނ) ފައިސާގެ ނިޝާން
މި ފޮންޓުގައި ދިވެހި ރުފިޔާގެ ނިޝާން ވެއެވެ. މި ނިޝާން ޖެހޭނީ ތާނަ ލިޔުން ކީބޯޑުން އިޚްތިޔާރުކޮށް، ކީބޯޑުގެ ވާތް ފަރާތުގެ އެންމެ މަތީގައިވާ ފިތަށް [`] އޮބައިލުމުންނެވެ. މި ނިޝާނަކީ ރަސްމީ ނިޝާން، ފޮންޓުގެ ހިސާބުގެ އަދަދުތަކާ ގުޅޭ ގޮތަށް، ގާތްގަޑަކަށް އެ އުސްމިނުގައި ފަރުމާކޮށްފައިވާ ނިޝާނެކެވެ.
ނިންމައިލުން
ކުރިން ބަޔާން ކުރެވުނު ފަދައިން، ގިނަ ޢަދަދެއްގެ ތާނަ ފޮންޓު އަޅުގަނޑަށް ފަރުމާ ކުރެވިއްޖެއެވެ. މި ފޮންޓު ތަކުގެ ތެރެއިން ”ފުނަ“ ފޮންޓަށް އަޅުގަނޑަށް ދެވޭނީ ވަރަށް މަތިވެރި މަޤާމެކެވެ. ނަމަވެސް، ރީތި ހުތުރަކީ އެކި މީހުންނަށް ތަފާތު އެއްޗެކެވެ. ފޮންޓުގެ ރީތި ހުތުރުކަން ކަނޑައަޅާ ފަޑިޔާރުންނަށް ވާންވާނީ، ރީތިކޮށް ތާނަ ލިޔަން ދަންނަ މީހުންކަމަށް އަޅުގަނޑު ޤަބޫލުކުރަމެވެ.
އަޅުގަނޑަކީ ތާނަ ލިޔުމުން %75 އަށް ވުރެ މަތި (މިއީ އޭރުގެ ސަރުކާރުގެ އިމްތިޙާނުތަކުން ފާސްވާ މިންވަރު) ހޯދައި، ތާނަ ލިޔަން އެހެން މީހުންނަށް ދަސްކޮށްދޭން ފޮޅުވަތް އަޅައި، އައިބުތައް ފާހަގަކޮށް ކިޔައިދީ އުޅުނު މީހެކެވެ. އަޅުގަނޑަށް ފެނިފައިވާ އެންމެ ރީތިކޮށް ތާނަ ލިޔާ މީހަކީ ހިޔަލީ މުޙައްމަދު ރަޝީދެވެ. އޭނާއަކީ އަޅުގަނޑު މަދަރުސާގައި އުޅުނު ދުވަސްވަރު، އާލިޔާ ސްކޫލްއިން މަޖީދިއްޔާ އަށް ބަދަލުކުރި ހައެއްކަ ކުދީންގެ ތެރެއިން ސ. އަތޮޅު ހިތަދޫއަށް ނިސްބަތްވާ، އަޅުގަނޑުގެ ކިލާހުގައި އުޅުނު ކުއްޖެކެވެ. އެއް ފަހަރު މަދަރުސާތަކުގެ ކުދީންނަށް ބޭއްވި ތާނަ ލިޔުމުގެ މުބާރާތަކުން އެއް ވަނައަށް އައިސްގެން، އޭނާ މަޖީދިއްޔާ ނިންމީ، އޭރު މަޖީދިއްޔާ ދަރިވަރުން ދައްކަން ޖެހޭ ފީ، އިނާމެއްގެ ގޮތުގައި ދައްކަން ނުޖެހިއެވެ. އަޅުގަނޑަށް އިސްޓެންސިލް ލިޔަން ދަސްވުމުގައި އޭނާގެ ބައިވެރިވުމެއް ވެއެވެ. މަދަރުސާގެ ދުވަސްވަރު، އަތުން ލިޔެގެން ”ވިދުވަރު“ ކިޔާ މަޖައްލާއެއް ވެސް އަޅުގަނޑުމެން ނެރުނީމެވެ. އެކަމުގައި އޭނާ އާއި ޢަބްދުލްމަޖީދު ޝަމީމް އިސްކޮށް އުޅުނެވެ. ސަތޭކަ ވަރަކަށް ޞަފުޙާގެ މި މަޖައްލާގެ ދެ ޢަދަދު ނުކުތެވެ.
Leave A Comment