

”ދަރު އުނދުނުން ކެއްކުން“ މި މަޢުޟޫޢުގެ މައްޗަށް ލިޔެފައިވާ ފުރަތަމަ މަޒުމޫނު މިއޮތީއެވެ. ފުރަތަމަ މަޒުމޫނުގައި ބަޔާންކޮށްފައިވަނީ، ދަރު އުނދުނުން ކާ އެއްޗެތީގެ ރަހަ މީރުވާ ވާހަކަ އާއި، ދަރު ރޯވާ އަޞްލު ގޮތާއި، ރޯވާ ތަކެތި ގޭހަށް ނުވަތަ ތެލަށް ބަދަލުކުރާނޭ ގޮތެވެ. އެ މަޒުމޫނު ނިންމާލާފައި ވަނީ، ހޫނު އެއްތަނުން އަނެއް ތަނަށް ދަތުރުކުރާ ގޮތް ބަޔާން ކުރުމުންނެވެ. މި ފަހަރު މި ގެނެސްދެނީ ރަނގަޅު ދަރު އުނދުނެއް ހަދާނެ ގޮތާއި މިކަމާ ގުޅޭ، ތިބާ ޝައުޤުވެރިވެދާނެ ވާހަކަ ތަކެވެ.
ފަހެ ހޫނުއެއްތަނުން އަނެއް ތަނަށް ދަތުރު ކުރާ ތިން ގޮތެއް ވެއެވެ. އެއީ، އެއްޗެއްގައި ޖެހިގެން އޭގެ ތެރެއިންނާއި، ދިޔައެއް ނުވަތަ ގޭހެއް ހޫނު ހިފައިގެން އެހެންތަނަކަށް ދަތުރުކުރުމާއި ލޮލަށް ނުފެންނަ ދޯދިތަކެއްގެ ގޮތުގައެވެ. މި ތިން ގޮތް، މުޅިން ހުއްޓާލެވިއްޖެނަމަ، ހޫނު އެއްޗެއް، މިސާލަކަށް ސައިކުރައެއް އޭގެ ހޫނު ކަންމަތީގައި އަބަދަށް ހުންނާނެއެވެ. ހަމަ މިގޮތަށް ފިނި އެއްޗެއް އޭގެ ފިނިކަމުގައި އަބަދަށް ހުންނާނެއެވެ.
އެ އެއްޗެއްގެ ތެރެއިން ހޫނު ދަތުރުކުރުން އެންމެ ފަސޭހަ އެއްޗަކީ، އަލިމަސް ކިޔާ ޖަވާހިރަކާއި މަޢުދަން ތަކުގެ ތެރެއިން ރިއްސެވެ. ނަމަވެސް ރިހި އަގުބޮޑުކަމުން، ހޫނު ދަތުރުކުރަން ބޭނުންވާ ތަކެތި ހަދާފައި ހުންނަނީ ރަތުލޮއިން ނުވަތަ އެލްމިނިއަމުންނެވެ. ކައްކާ ތެލިތައް އަވަހަށް ހޫނުކުރަން ބޭނުން ނަމަ، އެންމެ ރަނގަޅު ވާނީ ރިހިން ހެދިއްޔާއެވެ. ނަމަވެސް އަގުބޮޑުކަމުން ރިހީގެ ބަދަލުގައި ތެލި ހަދަނީ ރަތު ލޮއިންނާއި އެލްމިނިއަމާއި އެސްއެސް ދަގަނޑުންނެވެ. ނަމަވެސް ރާއްޖެ ފަގީރުކަމުން ޢާއްމުކޮށެއް ރަތުލޯ ތެއްޔެއް ނުގެން ގުޅެއެވެ. ރަތުލޯ ތެލީގައި ކައްކާއިރު، ހުރިހާ ތަނަކަށް ހޫނުވާނީ ގާތްގަޑަކަށް އެެއްވަރަކަށެވެ. އެސްއެސް ތެލި ފަދައިން ހުޅުގަނޑު ޖެހޭތަން ވަކިން ބޮޑަކަށް ނޫނެވެ. މިޒަމާނުގެ އެންމެ މޮޅު ތެލި ހުންނަނީ ރަތުލޯއިން ބޭރު ހަދާ އެސްއެސް އިން އެތެރެ ހަދާފައެވެ. އާދެ! ދެ ފަށަލައަކަށެވެ.
މީހުން ހަދާފައި ހުންނަ ޤުދުރަތީ ނޫން (މަޞްނޫޢީ)، ހޫނު ވަރަށް ފަސޭހައިން ދަތުރު ކުރާ އެއްޗިއްސާއި ހޫނު ދަތުރު ނުކުރާ ތަކެތި ހުރެއެވެ. މިގޮތުން، އެންމެ މަޝްހޫރު ދެ އެއްޗެއް ދަންނަވާލާނަމެވެ. ހޫނު ދަތުރު ނުކުރާ ހަރު އެއްޗެއްގެ ގޮތުގައި މަޝްހޫރު ވެފައިވަނީ ޖައްވަށް ފޮނުވާ ބައެއް ރޮކެޓްގެ ބޭރުގައި ޖަހާ މުށްޓެކެވެ. ތިރީގައި އެވަނީ އޭގެ ފޮޓޯއެކެވެ.
މަތީގައިވާ ފޮޓޯގެ ތަޢާރުފު ކިޔުއްވާފައި، ބައެއް ބޭފުޅުންގެ ހިތްޕުޅަށް އަރާނެއެވެ. މީހުން ހަދާފައިވާ އެންމެ ފަސޭހައިން ހޫނު ދަތުރު ކުރާ އެއްޗަކީ ކޮބައި ހެއްޔެވެ؟ އަޅުގަނޑަށް ފެނިފައިވާ ހޫނު އެންމެ ފަސޭހައިން ދަތުރުކުރާ އެއްޗަކީ މި ޒަމާނުގެ ޑެސްކްޓޮޕް ކޮމްޕިއުޓަރުގެ ބޮޑު ޗިޕުން ހޫނު ބޭރުކުރަން ހަރުކޮށްފައި ހުންނަ ހޮޅިއެކެވެ. މިބާވަތުގެ ހޮޅިއަށް ކިޔަނީ ”ހީޓް ޕައިޕް“ އެވެ. މިއީ އަލިމަހަށް ވުރެ ހަތަރު ގުނަ އަވަހަށް ހޫނު ދަތުރު ކުރާ އެއްޗެކެވެ. މި މަޒުމޫނު ކިޔުއްވަނީ ޑެސްކް ޓޮޕް ކޮމްޕިއުޓަރަކުން ކަމުގައި ވަނީނަމަ، އޭގައި މީގެ ހޮޅި ހުންނާނެއެވެ. ބޮޑު ޗިޕުން އުފައްދާ ގަދަ ހޫނު ދުރަށް ގެންދަނީ ހީޓު ޕައިޕުންނެވެ. އެއީ ދިޔާ އެއްޗެއް އަޅާފައި ހުންނަ ރަތުލޯ ހޮޅިތަކެކެވެ. އެއްކޮޅު އަލިފާން ދަނޑިއެއް ގައި ޖައްސާލައިފިނަމަ އަނެއް ކޮޅަށް އަލިފާން ދަނޑީގެ ހޫނުކަން ވަގުތުން ދާނެއެވެ. މިއީ އެއަރ ކޮންޑިޝަނެއް ފަދައިން މަސައްކަތްކުރާ އެއްޗެކެވެ. ތަފްޞީލު މި ނުހިމެނީ މައުޟޫޢުއާ އެހާ ބޮޑަށް ނުގުޅޭތީ އެވެ. ނަމަވެސް ތިރީގައިވާ (ކްލިކްކޮށްލުމުން ބޮޑުވާ) ފޮޓޯ އާ ދެތެރޭ ވިސްނަވައިފިނަމަ، ވާގޮތް އޮޅުން ފިލާވަޑައިގަންނަވާނެއެވެ.
ވޭތިވެދިޔަ ޤަރުނުގެ އެންމެ މޮޅު ޑިޒައިންތައް ނުވަތަ ފަރުމާ ތައް
އާދެ! ވޭތިވެދިޔަ 100 އަހަރުގެ ތެރޭގައި އިންސާނުން އުފައްދާފައިވާ ތަފާތު ތަކެތީގެ ތެރެއިން ފަރުމާ ކުރުމުގެ ގޮތުން އެންެމެ މޮޅު ތަކެތި ހޯދުމަށް މަޢުރަޟުތަކާއި މުބާރާތްތައް ބޭއްވި އިންސާފު ކުރެވިފައި ވެއެވެ. މިފަދަ ދައްކާލުންތަކުން އެއްވަނައަށް އައިސްފައިވާ ވިއްސަކަށް އެއްޗަކާ ބެހޭ ފޮތެއް އަޅުގަނޑު ކީމެވެ. އޭގައި ފަރުމާކުރުމުގެ ގޮތުން މޮޅުކަމަށް ފާހަގަ ކުރެވިފައިވާ ތަކެތީގެ ތެރޭގައި ކޮކާކޯލާ އަޅާ ބިއްލޫރި ފުޅި ހިމެނެއެވެ. އަދި، ސޮނީ ވޯކްމަން ކިޔާ ޓޭޕްރިކޯޑަރަކީ ވެސް ފަޑިޔާރުން ފައިބެ 100 އަަހަރުގެ ތެރޭގައި ފަރުމާކުރުމުގެ ނަމޫނާއެއްކަމަށް ބަލާފައިވާ އެއްޗެކެވެ. އެހެން ބައެއް ތަކެތި ތިރީގައިވާ ސްލައިޑްތަކުން ފެނިވަޑައިގަންނަވާނެ އެވެ. އެންމެ މޮޅު ޑިޒައިންތައް ހޮވުމުގައި އެކި މީހުންގެ ޚިޔާލުތައް ކުޑަކޮށް ތަފާތެވެ.
މިފޮތުގައިވާ ތަކެތީގެ ތެރެއިން އެކައްޗަކަށް އަޅުގަނޑުގެ ނަޒަރު ހުއްޓޭ ގޮތް ވިއެވެ. އެއީ”އާގާ“ ނަމަކަށް ކިޔާ ދަރު އުނދުނެކެވެ. މިއީ ފަރުމާ ކުރުމުގެ ގޮތުން ނަމޫނާއެކެވެ. ގިނަ ދިވެހީންނަށް މިވާނީ މުޅިން އައު ނަމަކަށެވެ. އެހެންކަމުން އާގާ އުނދުނުގެ ކުޑަ ތަޢާރަފެއް ހުށަހަޅާލިޔަ ދެއްވާށެވެ.
އާގާ އުނދުން އީޖާދުކުރީ މީގެ 90 ވަރަކަށް އަހަރު ކުރިންނެވެ. ފަރުމާކުރީ ޔޫރަޕުގެ ޤައުމެއް ކަމުގައިވާ ސްވީޑްންގެ ސައިންސް ވެރިއެކެވެ. އޭނާއަކީ ނޮބެލް ޕްރައިޒް ކިޔާ ދުނިޔޭގެ އެންމެ އަގުބޮޑު އިނާމު ހޯދައިފައިވާ ފިޒިކްސް ދާއިރާގެ މީހެކެވެ. ބުނެވޭގޮތުގައި މީނާއަށް ނޮބެލް އިނާމު ލިބުނު މަސައްކަތް ކުރަން އުޅުމުގައި އެއްޗެއް ގޮވުމުގެ ސަބަބުން ދެލޯ ކަނުވެ ގައިން ބޮޑުބައެއް ފިހުނެވެ. ރަނގަޅު ވަންދެން ގޭގައި ހުރި ހުރުމުގައި މީނާއަށް ފާހަގަ ކުރެވުނީ، އަންހެނުން ކައްކަން އުޅެންޖެހެނީ ވަރަށް އުނދަގުލުގައި ކަމެވެ. އުނދުނުގެ މައްސަލަ ބޮޑުކަމުންނެވެ. މިތަޖުރިބާއާ ގުޅިގެން މީނާ އައު އުނދުނެއް އީޖާދު ކުރުމަށް ޤަޞްދުކޮށް ލޮލަށް ނުފެންނަ ހާލުގައި މިކަން ކުރިއެވެ. އެއީ 1922 ވަނަ އަހަރުއެވެ. އޭނާގެ ނަމަކީ ޑޮކްޓަރ ގުސްޓާފު ޑޭލަން އެވެ. އުނދުނަށް ކުރުކޮށް ކިޔާ ނަމަކީ އާގާ އުނދުނެވެ.
އާގާ އުނދުނެއް ތިޔަބޭފުޅުންނަށް ފެނިވަޑައިގެންފައި ނެތްނަމަ އެކަމާ ދެރަފުޅުނުވާށެވެ. ރާއްޖޭގައި ހުންނަ އެންމެ އަގުބޮޑު އުނދުންވެސް ގާތްގަޑަކަށް 15000 ރުފިޔާ އަށް ލިބޭނެއެވެ. އާގާ އުނދުނެއްގެ އަގަކީ 70000 ރުފިޔާއެވެ. މިއީ ދެތަނުން ކެކޭ މަރާމާތުކޮށްފައިވާ ބައު (ރިކޮންޑިޝަން ކޮށްފައިވާ) އުނދުނެއްގެ އަގެވެ! އާގާ އުނދުނަކީ ޝާހީ ގަނޑުވަރުތަކާއި މުއްސަދިންގެ ގޭގައި ހުންނަ އެއްޗެކެވެ. ޕްރިންސަސް ޑަޔާނާ މީގެ އުނދުނެއް ގެންގުޅުއްވި ކަމަށް ވެއެވެ. ކޮންމެ އުނދުނެއް ހަދަނީ އަތުންނެވެ. ބަރުދަނުގައި 750 ކިލޯ ހުންނަ ކަމަށް ވެއެވެ. ސަތޭކައަހަރުގެ ގަރަންޓީ ދެއެވެ. މިހާރަކަށް އައިސް، މީގެ އުނދުން ތެލާއި ގޭހާ ކަރަންޓުން ބޭނުން ކުރެވޭގޮތަށް ހަދާފައި ހުރެއެވެ. އަދި މޮބައިލް ފޯނުން ކޮންޓްރޯލް ކުރެވޭ ގޮތަށް ވެސް ހަދާފައި ވެއެވެ. ބުނެވޭގޮތުގައި، އެންމެ ރަހަމީރުކޮށް ކެއްކެނީ އާގާ އުނދުނުންނެވެ. އާގާ އުނދުނެއްގައި ދެ ހަފުތާވަންދެން ކެއްކި މީހަކަށް އެއާ ވަތްކެއް ނުވެވޭނެއެވެ. ތިރީގައި އެވަނީ މީގެ އުނދުނުގެ ފޮޓޯއެވެ. ބައެއް ބޭފުޅުންނަށް ހުތުރު ކަމަށް ފެނިވަޑައިގަތަސް، މިއީ ފަރުމާކުރުމުގެ ފަޑިޔާރުން ފަރުމާކުރުމުގެ ގޮތުން ވަނަ ދީފައިވާ އުފެއްދުމެކެވެ. ވޭތިވެދިޔަ 70 އަހަރު އުނދުނުގެ ސިފައަށް ބޮޑު ބަދަލެއް ގެނެސްފައެއް ނުވެއެވެ. ނަމަވެސް ބައެއް އުނދުނުގެ މަތި މިހާރު ރަނުން ގިރިޓީކޮށްގެން ހަދާ އުޅެއެވެ. އާދެ! ދަރު އުނދުނަކީ އާދައިގެ އެއްޗެއް ނޫނެވެ.
މި އުނދުން މިހާ އަގު ބޮޑުވުމާއި އެކު މަޤްބޫލުކަން އެހާ ބޮޑީ ކީއްވެގެންތޯ އެވެ؟ އާދެ! އަގު ބޮޑުވަނީ މިއީ ދަގަނޑުން ވިރުވާ އަޅާފައި ހުންނަ އުނދުނެކެވެ. ކައްކާ ބައިތައް ހުންނަނީ ފުފޭ ތަކެއް ހެންނެވެ. މި ފުފޭތަކުގެ ބޭރުން ހުންނަނީ ހޫނު ފުފޭތަކުންބޭރަށް ދަތުރު ނުކުރާ ފަދަ ބަތާވި ގައު ފަދަވެއްޔެއް އަޅާފައެވެ. އެހެންކަމުން، އުނދުން ހޫނުކޮށްފިނަމަ، ދެތިން ދުވަސް ވަންދެން ހޫނުކަން ދެމި ހުރެއެވެ. ތަކެތި ކައްކަނީ، މުޅިން ހެން ލޮލަށް ނުފެންނަ ހޫނުގެ ދޯދިތަކުންނެވެ. (ރޭޑިއޭޝަނުންނެވެ.) އެހެންކަމުން، ކާތަކެތީގެ ރަހަ، ވަޔަށް އަރައިގެން ނުގޮސް ކާތަކެތީގައި ބަންދުވެއެވެ. ބޭރުގައި ލާފައި ހުންނަ ދަވާދަކީ، ބިއްލޫރި ވިރުވާ އަޅައިގެން ހަދާފައިވާ ދަވާދެކެވެ (ވިޓްރިއަސް އެނަމެލް އެވެ). މީގެ އުނދުނެއް ރާވަމުންދާތަން މިވެބް ޕޭޖްގެ ފަހަތުކޮޅުގައި ވެއެވެ.
މި އުނދުން އެހާ މަޝްހޫރުވި އަނެއް ސަބަބަކީ، މި ވިއްކާ ސޭލްސްމަނުންގެ މޮޅުކަމެވެ. މި ވިއްކުމަށް އުޅުނު މީހާ ފަހުން އުފެއްދި ކުންފުންޏަކީ އިސްތިހާރު ކުރުމުގެ ދާއިރާއިން މިހާރު އެންމެ ބޮޑު އެއް ކުންފުންޏެވެ. އާގާ އުނދުން ވިއްކާނެގޮތް ކިޔައިދޭން ލިޔެފައިވާ ފޮތަކީ މާކެޓިން ނުވަތަ ތަކެތި ވިއްކުމުގެ ދާއިރާއިން މިހާތަނަށް ލިޔެފައިވާ އެންމެ މޮޅު ފޮތް ކަމަށް އެ ދާއިރާގެ މީހުން އެއްބަސް ވެއެވެ. މިއޮތީ އެ ފޮތުގެ ކޮޕީއެކެވެ.
ދެން މަޢުޟޫޢު އާއިގެން ކުރިއަށް ދަމާތޯއެވެ؟ އަޅުގަނޑު ދަންނަވަން މިއުޅެނީ އާގާ އުނދުނެއް ހަދާނެ ގޮތެއްނޫނެވެ. ނަމަވެސް އާގާ އުނދުނެއް ހަދާފައިވާ ގޮތުން، ޢިބްރަތްތަކެއް އަޅުގަނޑުމެންނަށް ދަސްކުރެވިދާނެއެވެ. އާގާ އުނދުނަކުން ރަނގަޅަށް ހޫނުވުމުގެ ސިއްރަކީ އޭގެ ފުފޭތައް ހަދާފައި ހުންނަ ދަގަނޑުގެ ބޯކަމެވެ. މިދަގަނޑުގައި ހޫނު ހިފެހެއްޓެއެވެ. މި ފުފޭތަކުގެ ބޭރުގައިވަނީ ހޫނު ބޭރަށް ދަތުރުކުރިޔަ ނުދޭން ބާވަތެއްގެ ލުއި ވެއްޔެއް ފަދަ އެއްޗެއް އަޅާފައެވެ. އަދި، އާގާ އުނދުނަކުން ހޫނު ބޭރުވަނީ، އެތައް ފުފޭތަކެއްގެ ބޭރުގައި ހޫނު ޖެހި ދަތުުރުކުރުމަށް ފަހުއެވެ. މިދެންނެވުނީ އާގާ އުނދުނެއްގެ މައިގަނޑު ސައިންސް އެވެ. ދަރު އަންދައިގެން އުފައްދާ ހޫނު ފަސޭހައިން ބޭރަށް ދެވޭނޭ ގޮތެއް ނޯވެއެވެ. މިކަންކަން ދަރު އުނދުނެއްގައި ޤާއިމް ކުރެވިއްޖެނަމަ، މަދު ދަރުން ގިނައިރު ކެއްކޭނެއެވެ.
ރާއްޖޭގައި ގެންގުޅޭ ދަރު އަންދާ އުނދުންތަކުގެ ތެރެއިން، އަޅުގަނޑުގެ ނަޒަރުގައި އެންމެ މަދު ދަރުން ރަނގަޅަށް ކެއްކޭ އުނދުނަކީ މީގެ 30 ވަރަކަށް އަހަރު ކުރިން، ދޯނި ބައްތެލި ފަހަރުގައި ކައްކަން ގެންގުޅުނު ޓައްޕުން ހަދާފައި ހުންނަ އުނދުނެވެ. މި އުނދުން ހަދާ ގޮތަކީ، ޓައްޕެއްގެ ފުލުން ދެތިން އިންޗި މަތިން ދަރު ލުމަށް ހަތަރެސްކަން ލޯވަޅެއް ކެނޑުމަށް ކުރަހާ ތިންފަރާތް ކަޑާލުމަށް ފަހު މަތީބައި ތިރިއަށް ލަބާލަނީއެވެ. ތެލި ބަހައްޓަނީ މި ޓައްޕުގެ މަތީގައެވެ. މި ވައްތަރުގެ ދަރު އުނދުނަކީ ކުރިން ބަދިގޭގައި ހަދާފައި ހުންނަ އުނދުނަށް ވުރެ އެއްކަމެއް ރަނގަޅު އުނދުނެކެވެ. ވަށައިގެން އުނދުނުން ހޫނެއް ބޭރެއް ނުވެވޭނެއެވެ. އިހުގެ އުނދުންތަކުން ވަށައިގެން ހޫނު ބޭރުވާނޭ ހުސް ޖާގަ އޮވެއެވެ. މިފަދަ ބައްތެލި އުނދުނެއް ބޮޑަށް ރަނގަޅު ކުރާނަމަ، ޓައްޕު ގަނޑުން ޖައްވަށް ހޫނު ނުދާގޮތް ހެދިދާނެއެވެ. އެގޮތަކީ، އެ ވަށައިގެން ހޫނު ނުދާފަދަ އަދި ރޯނުވާ ފަދަ ފައިބަރު ގުލާސް ނުވަތަ ލުއި ގައު އެޅުމެވެ. މިކަން ކުރުމަށް މިއުނދުން ޖެހޭނީ އެހެން ތަންކޮޅެއް ބޮޑު ޓައްޕެއްގެ ތެރެއަށް ފައްތާށެވެ. ތިރީގައި މިވަނީ މިފަދަ ގޮތަކަށް ބޭރު ޤައުމެއްގައި ހަދާފައިވާ އުނދުނެވެ.
ފާހަގަ ކުރެއްވޭނޭ ފަދައިން، މަތީގައިވާ އުނދުންތަކުގެ ތެރެއިން އެއް އުނދުން ހަދާފައިވަނީ ގޭސް ހުސްކުރި ފުޅިއެއް، ގްރައިންޑަރަކުން ކަނޑާލައިގެންނެވެ. މި ފުޅީގެ ތެރެއަށް ފުޅިއަށް ވުރެ ހިމަ ދަޅެއް ނުވަތަ ޓައްޕެއް ފައްތާފައި ވެއެވެ. އަދި ގޭސް ފުޅިއާއި ޓައްޕާ ދެމެދަށް ހިމުން ވެލި، އަކިރިފަދަ އެއްޗެއް އަޅާފައި ވެއެވެ. ރިހި ކުލައިގައި ބޭރު ހުރި ދެ އުނދުނުގައި އެ ކުލަ ލާފައި ހުންނަ ސަބަބަކީ، ހޫނު ދަތުުރުކުރާ ދޯދިތައް (އިންފްރާރެޑް ދޯދިތައް) ރިިހި ކުލަ ހުންނަ އެއްޗެތިން ނުކުންނަނީ ކުޑަކޮށް ކަމަށްވާތީއެވެ. އެހެންކަމުން، އެ ކުލައިގެ އުނދުނުން މިގޮތުން ވެސް ހޫނު ގެއްލޭލެއް މަދު ވާނެއެވެ. މި ވީޑިއޯއިން މީގެ އުނދުނެެއް، ތާނގިން ހަދަނިކޮށް ފެނިވަޑައިގަންނަވާނެއެވެ.

މަތީގައިވާ އުނދުނަކީ އެއްތަނުން ކެއްކުމަށް ވަރަށް ރަނގަޅު އުނދުނެކެވެ. ޚަރަދު ކުޑަ އުނދުނެކެވެ. އެއްތަނުން އަނެއް ތަނަށް ގެންދެވޭ އުނދުނެކެވެ. ނަމަވެސް ބަދިގެއެއްގައި ހުންނަ އުނދުނަކުން އެންމެ މަދުވެގެން ދެތަނުން ކެއްކެން ވާނެއެވެ. މިފަދަ އުނދުނަކީ އެއް ތަނުން އަނެއްތަނަށް ގެންދެވޭ ގޮތަށް ހެދޭނޭ އުނދުނެއް ނޫނެވެ. ބަދިގޭގައި ހުންނަ ދަރު އުނދުން ޢާއްމުކޮށް ހުންނަނީ ސިމެންތިން ހަދާފައެވެ. ނަމަވެސް މިއީ ހަމައެކަނި ބޭރުގެ ތޮށިގަނޑެވެ. އެހެން ބައިތަށް ހަދަންވާނީ އެތެރޭގައި ގިނަ ވިދު ހުންނަ ގަލަކުންނެވެ. އޮނު ހިރިފަދަ އެއްޗެއް އަޅައިގެންނެވެ. އެއީ ހޫނު ބޭރުވެނުދިނުމަށްޓަކައެވެ. މިގޮތުން ރާއްޖޭގައި ލިބެން ހުންނަ އެންމެ ރަނގަޅު ގަލަކީ، ހިލައިގެ ބަދަލުގައި ހިމުން ވެލި ނުވަތަ އަޅި އަޅައިގެން ހަދާ ކޮންކްރީޓް ގަލެކެވެ. މިގަލުން ބޮކިއަރާގޮތަށް އެހެން އެއްޗެއް އަޅައި އާވިން ކެއްކުމުން ވަރަށް ލުއި ގަލެއް ހެދެއެވެ. މިގައު ރާއްޖޭގައި ވިއްކަނީ ސެލްކޮން ނުވަތަ އޮޓޯކްލޭވްޑް އެއިރޭޓަޑް ކޮންކްރީޓް ގަލުގެ ނަމުގައެވެ. މި ގަލުގެ އާދަޔާ ޚިލާފު ކަމަކީ، މި ވީޑިއޯއިން ފެންނަ ފަދައިން އޭގައި ދަގަނޑު ވިރުވިޔަސް ގައު ނުރޯވާ ކަމެވެ.
ދެ ބާވަތަކަށް ގޭގައި ދަރު އުނދުނެއް ހެދި ދާނެއެވެ. އެއްބާވަތަކީ، ގެއާ ވަކިން ހުންނަ ބަދިގޭގެ ދަރު އުނދުނެވެ. އަނެއް ބާވަތަކީ ގޭގެ އެތެރޭގައި ހުންނަ ބަދިގެއަށް އެކަށީގެންވާ ދަރު އުނދުނެވެ. ފުރަތަމަ އުނދުން ހަދާނެ ގޮތް، ތިރީގައިވާ ސްލައިޑް ފޮޓޯތަކުން ފެނިވަޑައިގަންނަވާނެއެވެ.
ތަޞްވީރުތަކާ މެދު ފުންކޮން ވިސްނަވާށެވެ. ދަރު އަންދަނީ ހޮރެއް ފަދަ ޖާގައެއްގައެވެ. ތެލިތައް އުދާފައި ހުންނަނީ ސިމެންތި ގަލެއްގައެވެ. ސިމެންތި ގަލުގެ އެއްކޮޅުގައި ދުން ނިކުންނަން ހޮޅިއެއް ޖަހާފައި ހުރެއެވެ. އެއީ ޖަސްތުން ހަދާފައި ހުންނަހޮޅިއެކެވެ. ދުން ހޮޅިއެއް އުނދުނެއްގައި ހުރުމަކީ މައްސަލައެއް ނޫނެވެ. ބަދިގެ ވަރަށް ސާފުވާނޭ ކަމެއް މެއެވެ. އާގާ އުނދުނުގައިވެސް ދުން ހޮޅި ހުރެއެވެ. އެ ނުފެންނަނީ ފާރު ފޫއަޅުވާލާފައި ބޭރަށް ނެރެފާ ހުންނާތީއެވެ. އެއް ތެލި އުދަން ބޭނުންނަމަ، އަނެއްތެލި ބަހައްޓާ އެތި މަތީގައި ދަގަނޑު ފިލާކޮޅެއް ބާއްވާނީއެވެ. ދަގަނޑު ފިލާކޮޅު މަތީގައި ލަކުޑި ފިޔަނެއް ބާއްވައިފިނަމަ، އުނދުނުން ހޫނު ގެއްލޭލެއް މަދުވާނެއެވެ.
މި އުނދުނަށް ތެލި އުދަނީ ދަގަޑު ފިލާފޮއްޗެއް އުދުންމަތީ ބާއްވާފައެވެ. އެހެންކަމުން ބަދިގެތެރެއަށް އެއްވެސް ގޮތަކަށް ދުމެއް ނާރައެވެ. އަދި ތެލީގެ ފުލުގައި އެއްވެސް ގޮތަކަށް ދެއްޔެއް ނުޖަހާނެއެވެ. މިކަމުގެ ގެއްލުމަކީ ތެލިވަށައިގެން ހުޅު ނުޖެހޭނަމަ ދަރު ތަންކޮޅެއް ގިނައިން ދާކަމެވެ. ނަމަވެސް އާދައިގެ އުނދުނަކަށް ވުރެ މިއުނދުނުން ދުން އެރުން ނެތިފައި، މާ މަދު ދަރުން ފުދެއެވެ. ތެލިވަށައިގެން ހުޅު ޖެހޭގޮތްވެސް ހެދިދާނެއެވެ. މިގޮތް ހަދަން ތެލި ޖެހޭނީ އުނދުންތެރެއަށް ވައްދާށެވެ. މިހެން ހެނދުމުން ކެކޭލެއް އަވަސް ވާނެއެވެ. އަދި މަދު ދަރުން ކެއްކޭނެއެވެ. މިފަދަ އުނދުނުން ކައްކާއިރު ވިސްނަވަން ޖެހޭ އެއްކަމަކީ ދެ ތެއްޔެއް އުދަންޖެހޭ ގޮތަށް ކެއްކުން ރޭވުމެވެ. އެއީ ޚަރަދު ކުޑަވާނޭ ކަމެކެވެ. ސައިކުރައާއި ރިހަ ހޫނުކުރުމެވެ. ނޫނީ ބަތްކައްކާއިރު ރިހަ ކެއްކުމެވެ.
އާދެ! މި ޒަމާނުގެ ގެތައް ފަދައިން ގޭތެރޭގައި ބަދިގެ ހަދާނަމަ، އުނދުނަށް ކުޑަ ބަދަލެއް ގެންނަން ޖެހޭނެއެވެ. މިފަހަރު، ސީދާ އަލިފާން، ގޭތެރޭއިން ފަސޭއިން ނުފެންނަ ގޮތަށް ހަދަން ޖެހޭނެ ގޮތަކީ، ދަރު އަންދާ ހޮރުމަތީގައި ދަގަނޑު ދޮރުފަތެއް ލުމެވެ. ނުވަަތަ ބިއްލޫރި ދޮރުފަތެއް ލުމެވެ. މިދޮރުފަތުގައި ހޫނު ނުނުކުންނާނޭ ގޮތަށް ދެފަަށަލައަށް ބިއްލޫރި ޖަހާފައި ވާނަމަ، ނުވަތަ ދެފަށުން ދޮރުފަތް ހަދައި އެތެރެއަށް ވެލިއަޅާފައިވާ ނަމަ، ސަފުން މަދު ދަރުން ވާނެއެވެ. ދޮރުފަތްލާތީ، ވައި ވައްދަން ތިރީގައި އާގައެއް ހަދަން ޖެހޭނެއެވެ. މިއާގައިގައި ވައި ކޮންޓްރޯލް ކުރެވޭފަދަ ގޮތަކަށް އާގަކުޑަކޮށް ބޮޑުކުރެވޭ ދަމާލެވޭ ދޮރުފަތެއް ލަނިކޮށް އުނދުނުގެ ހޫނު ކޮންޓްރޯލް ކުރެވޭނެއެވެ. އުނދުނުގައި ތަށިމުށިޖަހާ ވަރަށް ރީއްޗަށް ހަދާލެވިދާނެ އެވެ. ތިރީގައިވާ ފޮޓޯތަކުން އިތުރު މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ. މިފަހަރު، އެއްޗެތި ފިހަން، ފަރާތެއްގައި ފޫޓެއް ހުންނަވަރު ނުވަތަ ބޭނުންފުޅުވާ ސައިޒެއްގެ ފޮށްޓެއް ލެވިދާނެއެވެ. އޭރުން ފާރޮށި ނުވަތަ ބޯކިބާ ފަދަ ތަކެތި ފިހަން ވަރަށް ފަސޭހަ ވާނެއެވެ.
މި މަޒުމޫނުގައި އަޅުގަނޑު މިދަންނަވަނީ މިފަދަ އުނދުނެއް ނަހަދައި ޔޯލަކޮށްލާފައި ދައްކާފައިވާ ވާހަކައެއް ނޫނެވެ. ދުނިޔޭގެ އެތައް ޤައުމެއްގައި މިފަދަ އުނދުން ދުވާލު ހަތަރުދަމު ބޭނުން ކުރަމުންދެއެވެ. ހިމަދަގަނޑު ނަރާއި ކޮންކްރީޓް ބޭނުންކޮށްގެން ހަދާ އެންމެ މަޝްހޫރު އެއް އުނދުން ތިރީގައި އެވަނީއެވެ.
އަޖުމަ ބައްލަވާ ލެއްވުމުގެ ގޮތުން މީގެ އުނދުނެއް ތައްޔާރު ކޮށްލެއްވުން ކިހިނެއްތޯއެވެ؟
މިއީ 21 ވަނަ ޤަރުނުގެ ފުރަތަމަ އަހަރުަތަކުގެ ތެރޭގައި ނެރުނު”ދަރުމަ“ މަޖައްލާގައި ޝާއިޢުކުރި މަޒުމޫނުތަކެކެވެ. މިފަހަރު މިވަނީ މަޒުމޫނުތަކަށް އިތުރު މަޢުލޫމާތު ހިމަނާފައެވެ. އެ މަޒުމޫނުތައް މިއީ އެވެ: ފުރަތަމަ ބައި | ދެވަނަ ބައި | ތިންވަނަ ބައި


































Leave A Comment