
ތަޢުލީމީ ކަންކަމާ މެދު ވިލިކައި ފިކުރު ހިންގާ ފަރާތްތަކަށް 2025 ވަނަ އަހަރު މަދަރުސާތަކުގެ ޔުނިފޯމަށް ގެނައި ބަދަލަށް ސަމާލުކަން ދެވޭނެއެވެ. މި މަޒުމޫނުގައި އަޅުގަނޑު މި ދަންނަވާލަނީ މަދްރަސީ ޔުނިފޯމުގެ ދިވެހި ތާރީޚާއި މިކަމާ މެދު ތިޔަ ބޭފުޅުން ވިސްނަވަން ރަނގަޅު ދެތިން ނުކުތާއެވެ.
ލަފުޒުގެ މާނަ
ޔުނިފޯމް އަކީ ލެޓިން ލަފުޒެކެވެ. މި ލަފުޒު އިނގިރޭސި ބަހުގެ ތެރެއަށް ވަދެފައިވަނީ ފަރަންސޭސިބަހުގެ ތެރެއިންނެވެ. ލަފުޒު އުފައްދާފައިވަނީ ދެ ލަފުޒެއް އެއްކޮށްގެންނެވެ. އެއް ލަފުޒަކީ uni (ޔުނި) އެވެ. މާނައަކީ އެކެއް އެވެ. ދެވަނަ ލަފުޒަކީ ފޯމް އެވެ. މި ލަފުޒުގެ މާނައަކީ ބައްޓަން ނުވަތަ ސިފައެވެ. އެކުވުމުން މާނައަކީ ”ސިފަ ނުވަތަ ބައްޓަން އެއްގޮތް“ މިއެވެ. މި ލަފުޒު އެއްގޮތަކަށް ހުންނަ ހެދުމަށް ބޭނުން ކުރިއަސް، ޢާއްމުކޮށް އެއްގޮތްކަން ހުންނަ އެހެން އެއްޗެހި ސިފަކުރަން ވެސް ބޭނުން ކުރެއެވެ. މިސާލަކަށް ޕްލާސްޓިކް ފެންފުޅިއަކީ، ޔުނިފޯމް ސައިޒަކަށް ހަދާފައި ހުންނަ ފުޅިއެކެވެ. ނަމެއްގެ ގޮތުގައި މި ލަފުޒުގެ މާނައަކީ ވަކި ޖަމާޢަތަކަށް ނިސްބަތްވާކަން އެންގުމަށް ނުވަތަ އެހެންވެސް ބޭނުމަކު ބަޔަކު އަޅާ ހެދުމެވެ.
މަދްރަސީ ޔުނިފޯމްގެ ތާރީޚް
އެންމެ ފުރަތަމަ ކިޔަވަންދާ ދަރިވަރުން ޔުނިފޯމު އެޅި ދުވަސްވަރު ވަނީ ތާރީޚުގެ ކިލަނބުކަމުގެ ތެރެއަށް ގޮސް ގެއްލިފައެވެ. އަޅުގަނޑަށް ލަފާ ކުރެވޭ ގޮތުން، ގިނަ ބަޔަކަށް ތަޢުލީމު ދޭން، 11 ވަނަ ޤަރުނުގައި ބަޣްދާދުގައި ޤާއިމްކުރެވުނު ”ނިޒާމިއްޔާ“ ކިޔާ މަދްރަސާތަކުގައިވެސް ކޮންމެވެސް ބާވަތެއްގެ ޔުނިފޯމެއް އޮންނާނެކަމަށް ލަފާކުރެވެއެވެ. މި މަދަރުސާތައް ފެށުނީ މީލާދީން މީގެ ގާތްގަޑަކަށް 1000 އަހަރު ކުރީގައި ކަމަށް ބުނެވެއެވެ. އެތަންތަނުން އިލްހާމު ލިބިގެން، އިނގިރޭސި ވިލާތަށް އައި ހޭލުންތެރިންކަމުގެ ދުވަސްވަރު އުފެދުނު މަދަރުސާތަކުގައި ޔުނިފޯމް ތަޢާރުފުކުރެވުނެވެ. އެގޮތުން 1222 ވަނަ އަހަރު އިނގިރޭސި ވިލާތުގެ ފައްޅިތަކުން ހިންގި މަދަރުސާތަކުގައި ޔުނިފޯމެއް އަޅަން ފެށިއެވެ. ދަށު ކިލާސްތަކުގެ ދަރިވަރުންނަށް ޔުނިފޯމެއް ފުރަތަމަ ތައާރަފު ކުރެވުނީ 1552 ވަނަ އަހަރު އިނގިރޭސިވިލާތުގައެވެ. އިނގިރޭސިވިލާތަކީ ގިނަ ޤައުމުތަކެއް ފަތަޙަކުރި ޤައުމެކެވެ. މިކަމާ ގުޅިގެން، އެމީހުންގެ އާދަތައް، މަދަރުސާގެ ޔުނިފޯމުތައް ހިމެނޭ ގޮތަށް، އެތައް ޤައުމަކަށް ފެތުރިފައި ވެއެވެ.
ޔުނިފޯމް ބޭނުމަކީ ކޮބާ؟
-
މަދްރަސީ ޔުނިފޯމްގެ މައިގަނޑު އެއް ބޭނުމަކީ، ދަރިވަރުން ހަމަހަމަ ކުރުމެވެ. ޔުނިފޯމް ނެތްނަމަ، ފަގީރު ދަރިވަރުންގެ ފަގީރުކަމާއި މުއްސަނދި ދަރިވަރުންގެ މުއްސަނދިކަން ބޮޑަށް ފާހަގަ ކުރެވޭނެއެވެ. މިކަމުގެ ސަބަބުން މުދައްރިސުންގެ އަޅާލުންތެރިކަން އެކި ކުދީންނަށް ފަރަގުކޮށް، ތަފާތުކުރެވޭނެ ފުރުސަތު އުފެދޭއެވެ.
-
ޔުނިފޯމުން ދަރިވަރުންގެ މެދުގައި އެއް ބައެއް ވަންތަކަމުގެ ރޫޙް އުފެދޭނެއެވެ. ނަތީޖާއެއްގެ ގޮތުން ދަރިވަރުން ވަކި މަޤްޞަދެއް ޙާޞިލްކުރުމަށް ބޮޑަށް ހިތްވަރު ކުރުން ހިމެނެއެވެ. ގޯނާކުރުން މަދުވެއެވެ. ކިޔެވުމަށް ހިތްވަރު ލިބެއެވެ.
-
ގިނަ ވަޒީފާތަކެއްގައި ޔުނިފޯމު ބޭނުންކުރާތީ، ދަރިވަރުން ޔުނިފޯމު ލުމަށް ފަރިތަ ކުރެވެއެވެ. މިއާއެކު، އަނެއް ކުއްޖަކަށް ވުރެ ރަނގަޅަށް، މޮޅަށް، ނަލަކޮށް ހެދުން އެޅުމަށް ހުންނަ ޕްރެޝަރު ދަށްވެއެވެ. އިޤްތިޞާދީ މަންފާތަކުގެ ތެރޭގައި ގިނަ ހެދުންތަކެއް ގެންގުޅެން ޖެހުމުގެ ތުރާލާއި ޚަރަދު ކުޑަކުރެވެއެވެ.
މިހެން މިކަން އޮތް ކަމުގައި ވިއަސް، ޔުނިފޯމު މަޖުބޫރުކުރަނީ ބައެއް ޤައުމުތަކުގައެވެ. އެންމެ ތަރައްޤީ ވެފައިވާ ބައެއް ޤައުމުތަކުގައި، މިސާލަކަށް ފިންލަންޑް އާއި ކެނެޑާ ފަދަ ޤައުމުތަކުގައި ސަރުކާރުގެ މަދަރުސާތަކަށް ޔުނިފޯމު މަޖުބޫރުކުރުން މަނާކޮށްފައި ވެއެވެ. ޔުނިފޯމު މަޖުބޫރުކުރާ ނަމަ، ސަރުކާރުގެ ފަރާތުން އަހަރަކު ތިން ޔުނިފޯމު ދެއެވެ. މިފަދަ ޤައުމުތަކުގެ ތެރޭގައި އަވައްޓެރި ސްރީ ލަންކާ ހިމެނެއެވެ. މިހާރުވެސް ސްރީ ލަންކާގައި ދަރިވަރުންނަށް ހިލޭ ޔުނިފޯމު ދެއެވެ. ރާއްޖޭގައި ވެސް، 1950 ގެ އަހަރުތަކުގައި ކޮންމެ އަހަރަކު ހަރުވާޅުކަނޑާނެ ފޮއްޗާއި މުންޑާއި ގަމީސް ކަނޑާ ފޮތި ސަރުކާރުން ދިނެވެ.
ރާއްޖޭގެ ޔުނިފޯމުގެ ތާރީޚް
ނިޒާމީ ގޮތެއްގައި ރާއްޖޭގައި މެދުކެނޑުމެއް ނެތި ހިނގަމުންދާ މަދަރުސާއަކީ މަދްރަސަތުއްސަނިއްޔާ އެވެ. މި ތަނުގެ ދަރިވަރުންގެ ޔުނިފޯމަކީ ގަންޖިފަރާހާއި މުންޑު ކަމަށް އަޙްމަދު ޝަފީޤް ލިޔުއްވި “މަޖީދިއްޔާގެ ފުރަތަމަ ފަންސަވީސް” މިފޮތުގައި ވެއެވެ. ކޮންމެ ކުލައެއްގެ މުންޑެއްވެސް ކަމުދެއެވެ. ގަންޖިފަރާސް އަކީ ޓީޝާޓް ފަދަ ގޮތަކަށް ހުންނަ ކުރު ހުދު ގަމީހެކެވެ. ތިރީގައިވާ ފޮޓޯގައި އެވަނީ މި މަދަރުސާގެ ފުރަތަމަ ދައުރުގެ ދަރިވަރުން މުނާސަބަތެއްގައި ނަގާފައިވާ ފޮޓޯއެވެ. ހުރިހާ ކުދިންހެން ލައިގެން އެތިބީ ހުދު ކުރު ލިބާސް އެވެ. ދެން މުންޑެވެ. ބައެއް ކުދީން އެތެރެއިން ގަންޖިފަރާސް ލާފައި ވެއެވެ. ހުރިހާ ކުދިންގެ ބޮލުގައި ތާކިހަލެއް ވެއެވެ.

މި މަދަރުސާ، މަޖީދިއްޔާ އަށް ބަދަލުވެ، މުޙައްމަދު އަމީން ހިންގެވި ދުވަސްވަރު، މަދްރަސާގެ ޔުނިފޯމަކީ، ބޮލުގައި ތާކިހަލެއް އެޅުމާއެކު މުންޑާއި ހުދު ގަމީހެވެ. ބޮލުގައި ކާކީ ކުލައެއްގެ ތާކިހަލެއް އަޅައެވެ. މި ތާކިހަލުގެ އެއް ފަރާތުގައި ހިމަ ދެ ކަތި ރޮނގު ދަމާފައި ހުރެއެވެ. ދަރިވަރުން ކޮންމެހެން ފައިވާނަކަށް އަރާކަށް ނުޖެހެއެވެ. ތިރީގައި އެވަނީ މަޖީދިއްޔާ ފެށުނު ފަހުން 21 އަހަރުވީ ތަނާ ނަގާފައިވާ ފޮޓޯއެކެވެ. މި ފޮޓޯގައި ކުލަ ޖައްސާފައި އެވަނީ މަބު ބޭނުންކޮށްގެންނެވެ. އެހެންކަމުން އަޞްލު ތާކިހަލުގެ ކުލަ ފޮޓޯއަކުން ނުފެނެއެވެ.

ރާއްޖޭގެ މެދުކެނޑުމެއް ނެތި ހިނގާތާ އެންމެ ގިނަ ދުވަސްވީ މަދަރުސާ — މަޖީދިއްޔާ — ގެ ދަރިވަރުން ފަޓުލޫނު ބުރި ލާން ފެށީ 1961 ވަނަ އަހަރު، ދިމާވި ސަބަބުތަކަކާ ހުރެ، ބިދޭސީ މުދައްރިސުންނަށް ބަރޯސާވާން ޖެހި، އިނގިރޭސި ބަހުން ކިޔަވައިދޭން ފެށުމުންނެވެ. އެ ދުވަސްވަރު ދަށު ކިލާސްތަކަށް ކިޔަނީ ސްޓޭންޑަޑް އެވެ. ސްޓޭންޑަޑް 1 އިން 7 ގެ ދަރިވަރުން ލަނީ ކުރު ފަޓުލޫނާއި ހުދު އަތް ކުރު ގަމީހެވެ. މަތީ ކިލާސްތަކަށް ކިޔަނީ ފޯމް އެވެ. ފޯމް 1 އިން ފޯމް 4 ގެ ދަރިވަރުން ލަނީ ދިގު ފަޓުލޫނެވެ. ކޮންމެހެން ބޫޓަށް އަރާކަށް ނުޖެހެއެވެ. މަރުވަޅިއާއި ނައިލޯނު ފައިވާން ވެސް ކަމުދެ އެވެ.
މަޖީދިއްޔާގެ ދަރިވަރުންގެ ފަޓުލޫނު އެއް ކުލައަކަށް ބަދަލުކުރީ 1980 ގެ ތެރޭގައެވެ. މި ބަދަލު ގެނައުމުގައި އަޅުގަނޑުގެ ރޯލެއް ވެއެވެ. ފަޓުލޫނުގެ ކުލައަކަށް ހަމަޖެއްސީ D11 ކިޔާ ވަކި ބާވަތެއްގެ ދިވެހި ކަނޑުގައި ހުންނަ ގަދަ ނޫކުލައެވެ.
އަމީނިއްޔާގެ ދަރިވަރުން ލާއުޅެނީ ކުރު ހެދުން ބުރިއެކެވެ.

އަމީނިއްޔާގެ ކުދީންގެ ޔުނިފޯމު މިހާރަށް ވުރެ ކުރިން ކުރެވެ. އަދި ގަޔަށް ބާރެވެ. ކަމަރު އަޅާފައި ހުންނަނީ ވެސް ތަންކޮޅެއް ބާރުކޮށެވެ. ހެދުން ދިގުވެ، ދޫވާން ފެށީ، ރާއްޖޭގެ ފޯރުންތެރިކަން އިތުރުވެގެންނެވެ.
ކޮމިޔުނިޓީ ސްކޫލްތަކާއި ޔުނިފޯމު
މުޙައްމަދު އަމީން ދައުރުގައި ރާއްޖޭގެ ކޮންމެ ރަށެއްގައި މަދަރުސާތައް ހުއްޓެވެ. އެފަދަ މަދަރުސާއެއްގައި ކިޔެވި އޭދަފުށީ ދަރިވަރަކު ކިޔައިދިން ގޮތުގައި، އެއިރަކު، ކެރިފޯރުން ތެރިކަން ހުންނަ ގޮތުން ޔުނިފޯމެއް ނޯވެއެވެ. ފިރިހެން ކުދިން ލަނީ ގަމީހާއި މުންޑެވެ. އަންހެން ކުދީން ހެދުން ބުރިއާއި ކަނޑިކިބުރި އެކެވެ. އެއް ދުވަސްވަރެއްގައި ”ފާސްކުރި“ ހެދުން ވެސް ލިއެވެ. ކޮންމެ ކުލައެއްވެސް ކަމުދެއެވެ. މި މަދަރުސާތައް އުވެން ދިމާވީ ރ. ނާޞިރުގެ ދައުރުގެ ކުރީކޮޅުގައެވެ. ނަމަވެސް، މި ދައުރުގެ ފަހުކޮޅުގައި، ބޭރު ޖަމާޢަތެއްގެ އެހީގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ސަރުކާރުން ޚަރަދުކޮށްގެން ހިންގާ މަދަރުސާތައް ޤާއިމުކުރިއެވެ. މި މަދަރުސާތަކަށް ކީ ނަމަކީ ކޮމިޔުނިޓީ ސްކޫލް އެވެ. މި މަދަރުސާތައް ފެށިދުވަސްވަރުގެ ޔުނިފޯމު ތިރީގައި އެވަނީއެވެ. ފަހުން ފިރިހެން ކުދީންނަށް މަޖީދިއްޔާގެ ޔުނިފޯމާއި އަންހެން ކުދީންނަށް އަމީނިއްޔާގެ ޔުނިފޯމު ހަމަޖެހުނެވެ. ވަކި މަދަރުސާ ފާހަގަކުރަނީ ޖީބުގައި ޖަހާ މަދަރުސާގެ ނިޝާނަކުންނެވެ. 1980 ގެ ފަހު ކޮޅުގައި، ބުރުގާ އެޅުން ގިނަވުމާ ގުޅިގެން، އަންހެން ކުދީން ދިގު ހަރުވާޅާއި ހުދު ބުރުގާ ބޭނުން ކުރިއެވެ.

ޔުނިފޯމުގެ ކަންތައްތައް ހައްދު ފަހަނައަޅައި ދިއުން
މި ހިނގަމުންދާ ސާސްކަފުގެ ކުރީކޮޅުގައި، މަދްރަސީ ޔުނިފޯމުގެ ކަންތައްތައް ހައްދުފަހަނަ އަޅައި ދާން ފެށިއެވެ. މި އޮއިވަރު ފެށުނީ މާލެއިންނެވެ. އެންމެ ފުރަތަމަ، ނޭކަށޭނެ ބޮޑު ޓައީ އެއް އަޅަން ފެށީ ހެންވޭރު ސްކޫލް (އަމީރް އަޙްމަދު ސްކޫލް) ގެ ދަރިވަރުންނެވެ. ސްރީ ލަންކާގެ ބައެއް ހިސާބުތަކުގެ ދަރިވަރުންގެ ޔުނިފޯމު ކޮޕީކޮށްގެންނެވެ. ބައެއް މަދަރުސާތައް ހިންގަން ތިބި މީހުންނަށް އެހެން މަދަރުސާތަކުގެ ކުދީންނާ ތަފާތުވުމަކީ މޮޅުކަމެއް ކަމަށް ޤަބޫލުކުރެވިގެންނެވެ. ޔުނިފޯމު ތަފާތު ވުމަކީ، ދަރިވަރުންގެ ބުއްދި ފާގަތިވާ ކަމެއް ކަމަށް ހީކުރެވިގެންނެވެ. ޔުނިފޯމު ބަދަލުކުރުމުގެ ކަންތައްތައް ކަމާ ބެހޭ ވުޒާރާއަށް ހުށަހަޅަމުން ދިޔައީ ބެލެނިވެރީން ކެނޑިނޭޅި އެދޭ ކަމެއްގެ ގޮތުގައެވެ.
މި ވެރީން ޚިޔާރުކުރާ ޔުނިފޯމަކީ، ހަތަރު މޫސުން އަންނަ ޤައުމުތަކުގެ ފިނި މޫސުމުގައި ބޭނުންކުރާ ޔުނިފޯމެވެ. އެންމެ ފާހަގަ ކުރެވޭ އެއް ސިފައަކީ، ސްކޮޓްލަންޑްގެ ފަރުބަދަމަތީގައި އުޅޭ އެކި ޤަބީލާތަކަށް ނިސްބަތްވާ ކުރެހުންތަކެއް ހުންނަ ފޮއްޗެއް ބޭނުންކުރާ ކަމެވެ. މި ބާވަތުގެ ފޮތީގައި ހުންނާނީ ބާވަތެއްގެ ގޮޅިތަކެއް ޖަހާފައެވެ. މި ގޮޅިތަކުން، އެއީ ކޮން ސަރަޙައްދެއްގެ ޤަބީލާއެއްކަން ދެނެގަނެވޭނެއެވެ. މި ބާވަތުގެ ގޮޅިޖެހި ފޮއްޗަށް ކިޔަނީ ޓާޓަން އެވެ.

ބޮޑެތި މީހުން އޮފީހަށް ދާއިރު އަޅާ ކަހަލަ ޓައީ ބައެއް ޔުނިފޯމުގެ ބަޔަކަށް ވެފައި ވިއެވެ. ބައެއް ޔުނިފޯމުގައި، ގަމީހުގެ މަތިން ސަދުރިޔާ ނުވަތަ ޖަލީގާ (ވެސްޓް) ވެސް ބޭނުން ކުރެއެވެ. ދެން ކިލާސްކޮޓަރި މާ ހޫނުވެގެން އުޅޭ ކަމަށް ބުނެއެވެ. ގަމީހާއި ފަޓޫލޫނު، ވަކި ތަނަކުން ނޫނީ ނުލިބޭ ކަހަލަ ފޮތިން ހުރުން ޢާއްމުވިއެވެ. ކޯޓު ފަޓުލޫނު ވެސް ވަރަށް ގިނަ ކަންކަމަށް ބޭނުންކޮށް، އަންހެނުންނާއި ފިރިހެނުންގެ ހެދުން އެއްގޮތްކޮށް، wokeism ކިޔާ ޔޫރަޕުގެ ޚިޔާލާތަށް ސަޖިދަ ޖެހުމުގެ އަސަރުތައް ޔުނިފޯމުތަކުން ފެންނަމުން ދެއެވެ. އަންހެން ކުދީންނާއި ފިރިހެން ކުދީންގެ ފާޚާނާތައް އެއްކޮށްލުމުގެ ވާހަކައެއް އަދި އެއްވެސް މީހަކު ނުބުނެއެވެ. ނަމަވެސް އަމާޒު ހުރީ މި ގޮތަށް ކަން ހުޅަނގުގެ މަދަރުސާތަކަށް ވާ ގޮތް ދިރާސާކުރަމުން ދާ މީހަކަށް ޔަޤީން ކުރެވޭނެއެވެ.
އެކި މީހުން ތަޢުލީމުގެ ވާހަކަ އަޅުގަނޑުގެ ކައިރީގައި ދެއްކީމާ އަޅުގަނޑު ބުނާ ބަހެއް އޮވެއެވެ. އެއީ ވޭތިވެދިޔަ ދެތިން ދަހަރު، ތަޢުލީމަށް އައިސްފައިވާ އެންމެ ބޮޑު ކުރިއެރުމެއް އައީ މަދަރުސާތަކުގެ ޔުނިފޯމަށެވެ.

ޔުނިފޯމެއްގައި ހުންނަން ޖެހޭ ސިފަތަކަކީ ކޮބާ؟
- ޔުނިފޯމެއްގެ އެންމެ މުހިއްމު އެއް ބޭނުމަކީ އެކި ދަރިވަރުން ތަފާތުވިޔަ ނުދިނުމެވެ. މި މަޤްޞަދު ޙާޞިލްކުރުމަށްޓަކައި، އެއްވެސް ބަޔަކު ތަފާތުވާ ގޮތަށް ހެދުން އެޅުމަކީ ޔުނިފޯމުގެ ރޫޙާ ޚިލާފު ކަމެކެވެ. ޕްރިފެކްޓުން އެންމެ ފުރަތަމަ މަޖީދިއްޔާގައި ތަޢާރުފުކުރި އިރު، އެ ކުދީން ފާހަގަކުރަން ބޭނުންކުރީ ސިލޯނުން ހައްދައިގެން ގެނެސް، ޖީބުގައި ދައްޗަކުން ހަރުކުރާ ކުޑަ ރަންވަން ލޯ ކޮޅެކެވެ.
- ޔުނިފޯމުން ހާމަވާން ޖެހޭ ތަންތަން ހާމަވާން ޖެހޭނެއެވެ. ނިވާވާން ޖެހޭ ތަންތަން ނިވާވާން ޖެހޭނެއެވެ.
- ރާއްޖެއަކީ ހޫނު އަދި ޖައްވުގެ ތެތްކަން ބޮޑު ޤައުމެކެވެ. މި ތަނުގައި ދިރިއުޅޭ ދަރިވަރުންގެ ޔުނިފޯމު މި ޤައުމުގެ މާހައުލާ ގުޅެން ޖެހޭނެއެވެ. ކަރު ބެދޭ ގޮތަށް ޓައީ އެޅުމާއި ހެދުމުގެ މަތިން ސަދުރިޔާ އާއި ކޯޓުލުމަކީ ބޭރު ޤައުމުތަކުގެ ފިނި ހިސާބުގައި ހެދުން އަޅާ ގޮތެކެވެ. މިރި ނުވެ ގަބުޅިއަށް ވާގޮތަށް، ނުވަތަ ޔަޤީނުން ވެސް މާޔޫސްވާނޭ އުއްމީދުތަކެއް އުދަވާގޮތަށް، ކުޑަކުދީންނާ މެދު ޢަމަލުކުރުމަކީ އެކުދީންނަށް ދެވޭ އަނިޔާއެކެވެ.
- ކުޑަކުދީންނަކީ ވަރަށް އަވަހަށް ހެދުމަށް ބޮޑުވާ ބައެކެވެ. ޢާއްމުކޮށް ކުދީންނަށް މަދުވެގެން ތިން ޔުނިފޯމު އަހަރަކު ބޭނުންވާނެއެވެ. އެހެންކަމުން، ޤައުމުގެ އެންމެ ދަށް މުސާރަ ލިބޭ (މަހަކު 7500 ރުފިޔާ ލިބޭ) މީހަކަށް އަސާސީ ޚަރަދުތައް ކޮށްފައި ދަރީންނަށް ތިން މަހުން ޔުނިފޯމެއް ގަނެވޭހާ، ޔުނިފޯމުގެ އަގު ހެޔޮވާން ވާނެއެވެ. މިހެން ވާގޮތަށް ޔުނިފޯމުގެ ކަންކަން ކަނޑަނޭޅޭ ނަމަ، ސްރީ ލަންކާގައި ޢަމަލުކުރާ ފަދައިން ސަރުކާރުން ޔުނިފޯމު ދޭން ޖެހޭނެއެވެ.
- ޔުނިފޯމުގެ ކޮންމެވެސް ކަންތައްތަކަކުން ދަރިވަރުންގެ ހިތްތަކުގައި ޤައުމީ ލޯބި އުފައްދަން ޖެހޭނެއެވެ. ދިވެހިރާއްޖޭގެ ދަރިވަރުންގެ ޔުނިފޯމު އެހެން ހުރިހާ ޤައުމެއްގެ ޔުނިފޯމާ ތަފާތުވާން ވާނެއެވެ.
ނުވަތު ބުރު އަޅަންފެށުން
ޙަޤީޤީ ތަޢުލީމަކާއި ތަރުބިއްޔަތެއް ދިނުމުގެ ބަދަލުގައި، ދެއްކުންތެރިކަމާއި މީސްމީޑިއާގައި މަދަރުސާގެ ނަން ޖަރީވާގޮތަށް، ހުރިހާ އެއްމެންނަށް ޓައީ އަޅަންޖެހޭ ވަޒީފާ ލިބޭނޭހެން ހީވާ ގޮތަށް، އަތުމަސައްކަތަށް ދަރިވަރުން ބީރައްޓެހި ވާގޮތަށް ކުޑަކުދީން ހާނުވަން އުޅުމާ މެދު، ބައެއް ފަރާތްތަކުން ނަފުރަތުކުރާކަން ކޮވިޑް-19 އައުމުގެ ކުރިން ހާމަވާން ފަށައިފިއެވެ. މި ސަބަބާ ހެދި، މާލޭ ސަރަޙައްދުގައި ރ. އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދައުރުގައި އަލަށް ޤާއިމުކުރި ހުރިހާ މަދަރުސާތަކެއްގެ ޔުނިފޯމު ކަނޑައަޅާފައިވަނީ އަމީނިއްޔާ އާއި މަޖީދިއްޔާގެ ކުރީގެ ޔުނިފޯމާ އެއްގޮތަށް އާދައިގެ އަގުހެޔޮ ގޮތަކަށެވެ. ކަންކަމާ މެދު ފުންކޮށް ނުވިސްނާ، ހަރުބަސް ބުނާ މީހުންގެ ޚިޔާލާ ދެކޮޅަށެވެ. މިހެން މިކަން ހިނގާފައިވަނިކޮށް 2025 ވަނަ އަހަރު، ތަޢުލީމީ ވުޒާރާއިން ސަރުކާރުގެ މަދަރުސާތަކަށް ޢާއްމު، ޔުނިފޯމުގެ ގަވާއިދެއް އިޢުލާނު ކުރިއެވެ. އެ ގަވާއިދު މި ޖުމުލައަށް އޮބާލައްވަނިކޮށް ފެނިވަޑައިގަންނަވާނެ އެވެ.


މި ގަވާއިދުގައިވާ ގޮތުން ސަރުކާރުގެ މަދަރުސާތަކުގެ ޔުނިފޯމު އެކުލަވައިލެވޭނީ ޖުމުލަ ހަތް ކުލައަކުންނެވެ. ހެދުމުގެ ތިރީބައި ހުންނާނީ ގަދަ ނުލުން ނުވަތަ ކަޅުންނެވެ. މަތީ ބައި ހުންނާނީ ހުދުން ނުވަތަ ފަނޑު ރަތުން ނުވަތަ ފަނޑު ފެހިން ނުވަތަ ފަނޑު ނުލުންނެވެ. މި ކުލަތަކަށް ހެކްސާޑެސިމަލް އިން RGB ނިޒާމުން ކޯޑު ކަނޑައަޅާފައި ވެއެވެ. ފޮތި އުފެއްދުމުގައި ބޭނުންކުރަނީ ޕެންޓޯން ކުލަތައް ކަމަށް ވާތީ، ރަނގަޅުވީހީ އެ ނިޒާމުން Pantone Fashion, Home + Interiors (FHI) ކުލަތައް ކަނޑައެޅުނު ނަމައެވެ. RGB ނިޒާމުން ކުލަކަޑައަޅަނީ އިސްކިރީނާއި ކުލަ އަލިން އެކި ކުލަ އުފައްދާ ވަސީލަތްތަކަށެވެ.
އައު ޔުނިފޯމު ގަވާއިދާ މެދު ކްރިޓީކް އެއް (ޢައިބުނާމާ އެއް) ލިޔުން
ދަރިވަރުންގެ ޔުނިފޯމާ މެދު އަޅުގަނޑު ވިސްނައި ތައައްމަލުކުރާތާ ވަރަށް ގިނަ ދުވަސްތަކެއް ވެފައިވާތީ، މިކަމާ މެދު ފެންނަ ބައެއް ކަންކަން ފާހަގަކޮށްލުމަކީ ކުރަން ޖެހޭނޭ ކަމެއް ކަމަށް ދެކެމެވެ. ތިއިން ބައެއް ބޭފުޅުން، ބައެއް ކަންކަމާ މެދު އަޅުގަނޑަށް ތާއީދުކުރާނޭ ކަން ޔަޤީން އެވެ.
(1) މިހާރު ޔުނިފޯމުގެ ކަންކަން ރާއްޖޭގައި ހިނގަމުންދާ ގޮތަށް ބަލައި، މައިގަނޑު ގޮތެއްގައި، އައު ސިޔާސަތަކީ އެދެވޭ އިޞްލާޙެއް ކަމަށް ފެނެއެވެ.
(2) މި ސިޔާސަތަށް ޢަމަލުކުރަން ފެށުމުން، 81 އަހަރުވީ އަމީނިއްޔާގެ ޔުނިފޯމު އަދި ރާއްޖެތެރޭގެ ގިނަ މަދަރުސާތަކުގެ ޔުނިފޯމު ބަދަލުކުރަން ޖެހޭނެއެވެ. މިއީ ޤައުމިއްޔަތާއި އާދަކާދައިގެ ގޮތުން އެދެވޭ ކަމެއް ނޫނެވެ. އެ ޔުނިފޯމަކީ ވަރަށް ގިނަ މުސްކުޅި ދަރިވަރުންގެ ޝުޢޫރުތަކާއި ޖަޒުބާތާ ގުޅިފައިވާ އަގުހެޔޮ ސާދާ ޔުނިފޯމެކެވެ. ރާއްޖެތެރޭގެ އެންމެ ގިނަ މަދަރުސާތަކުގެ ޔުނިފޯމުގެ މާދިރީ އަކީ ވެސް އެ ޔުނިފޯމެވެ. އެހެންކަމުން އެ ބާވަތުގެ ޔުނިފޯމު މި ގަވާއިދުގެ ތެރޭގައި އިސްތިސްނާއެއްގެ ގޮތުގައި ހިމެނުމަކީ ގިނަ ބަޔަކު އެދޭނޭ ކަމެއް ކަމަށް ފެނެއެވެ. އައު ސިޔާސަތުގެ ދަށުން ހަދާ ޔުނިފޯމުގެ މައްޗާއި ތިރި ހުންނާނީ ވަކިން ކަމުން، ހެދުމުގެ ފަސްބައި ހަލާކުވިޔަސް މުޅި ޔުނިފޯމު އެއްކޮށް ބަލެއް ނުވާނެއެވެ. މިއީ އައު ބާވަތުގެ ޔުނިފޯމުގެ އުފަކާރައެއް ކަމަށް ފާހަގަކުރަމެވެ. ނަމަވެސް …
(3) އިސްލާމީ ނަޒަރަކުން ބަލާއިރު އަންހެނުންނާއި ފިރިހެނުންގެ ހެދުން ތަފާތު ކުރުމަކީ ކުރަން ޖެހޭ ކަމެކެވެ. ނަމަވެސް މި ގަވާއިދުގެ ދަށުން ދެ ޖިންސުގެ ހެދުމުގެ މަތީކޮޅު އެއްގޮތް ވާނެއެވެ. މިއީ އަޅުގަނޑުގެ ނަޒަރުގައި ރަނގަޅު ގޮތެއް ނޫނެވެ. ގިނަ ބަޔަކަށް އެނގިވަޑައިގަންނަވާނޭ ފަދައިން، އަންހެނުންގެ ގަމީހުގައި ގޮށް ހަރުކޮށްފައި ހުންނާނީ ވާތް ފަރާތު ބަދަނުގައެވެ. ފިރިހެނުން ނަމަ، ކަނާތް ފަރާތު ބަދަނުގައެވެ. މިކަން އުސޫލުގައި ފާހަގަ ކުރެވުނު ނަމަ ރަނގަޅުވާނެއެވެ. މިއާއެކު ގޮށްވަޅު ފަތީގެ ދެ ފަރާތުގައި ފަތި ޖެހުމަކީ، އަންހެނުންގެ ގަމީސް ރީތިވާނޭ ކަމެއް ނޫނެވެ. ނަމަވެސް ކުރެހުމުން މިކަން ފާހަގައެއް ނުވެއެވެ.

(4) ޓައީ އެޅުން. މި ގަވާއިދުގައިވާ ގޮތުން މަތީ ސާނަވީގެ ހުރިހާ ކުދިން ކަރުގައި ދިގު ޓައީއެއް އަޅަން ޖެހެއެވެ. ދަށު ސާނަވީ ދަރިވަރުން ޓައީ އެޅުން ވަނީ މަދުރަސާގެ އިޚްތިޔާރަށް ދޫކޮށްލާފައެވެ.
އަޅުގަނޑުގެ ނަޒަރުގައި ގަވާއިދުގެ މި މާއްދާއަކީ ޔުނިފޯމު ސިޔާސަތުގެ މަޤްޞަދާ ފުށުއަރައި، އޭގެ ރޫޙާ އަރައިރުންވާ މާއްދާއެކެވެ. އެހެނީ، މަޤްޞަދުގައި (ހ) ގައިވަނީ ޔުނިފޯމު ދޭސީކުރުމުގެ ބޭނުމަކީ ފަސޭހަކަމާއެކު ހެލިފެލިވެ ގަޔަށް ފަސޭހަ ހެދުމެއް ހަމަޖެއްސުންކަމެވެ. ނަމަވެސް، ކަރުގައި ”މާނިޔަ މަހެއް“ އައްސައިގެން މަދަރުސާގައި އުޅޭއިރު، މި މަޤްޞަދު ހާސިލުވާނެކަމަކަށް އަޅުގަނޑަކަށް ނުފެނެއެވެ. ޔުނިފޯމު، އެއް މިންގަނޑަކަށް ހިފެހެއްޓުމަކީ މަޤްޞަދުގެ (ށ) ގައިވާ ކަން ކަމުގައި ވިޔަސް، ދަށު ސާނަވީގައި ޓައީ އެޅުމާއި ނޭޅުމުގެ މަނަސް މަދުރަސާތަކަށް ދޫކޮށްލުމުން މި މަޤްޞަދެއް ޙާޞިލެއް ނުވާނެއެވެ. މަޤްޞަދުގެ (ރ) ގައިވަނީ އައު ޔުނިފޯމުގެ އެއް ބޭނުމަކީ އަގުހެޔޮކޮށް ފަސޭހައިން ޔުނިފޯމު ލިބޭނޭ ގޮތް ހަމަޖެއްސުން ކަމަށެވެ. ނަމަވެސް، ޓައީއެއް އަޅާނަމަ، އަދި ޓައީގައި މަދަރުސާގެ ބެޖު ޖަހާ ނަމަ، ޓައީ ނޭޅުމަށް ވުރެ ކުރަންޖެހޭ ޚަރަދު ބޮޑުވާނެ ކަމަށް ފެނެއެވެ.

ޓައީ އެޅުމާ މެދު އަޅުގަނޑު އިންކާރު ކުރާ ދެވަނަ މައިގަނޑު ސަބަބަކީ ރާއްޖޭގެ މަދަރުސާތަކުގެ ކުދީންގެ ތެރެއިން ވަރަށް މަދު ބަޔަކަށް ނޫނީ ޓައީ އަޅައިގެން ވަޒީފާ އަދާކުރާނޭ ފުރުޞަތެއް ނުލިބޭނޭ ކަމެވެ. ރާއްޖޭގައި އުޅޭ އާބާދީގެ ތިންބައި ކުޅަ އެއްބަޔަކީ ބިދޭސީން ކަމަށް ވާއިރު، އަދި މަސްވެރީންނާއި ދަނޑުވެރީންނާއި އެކި ފަންނާއި ހުނަރާއި ފުނަރު ގެ މީހުން ޤައުމަށް ނުހަނު ބޭނުންވާ އިރު، ޓައީ އަޅައިގެން ދަރިވަރުން އޮފީސްތަކުގެ ވަޒީފާއަށް ހޭނުމަކީ ދަރިވަރުން މަގުފުރެއްދުން ކަމުގައި ނޫނީ ނުވާނެއެވެ. ޓައީ އެޅުމުގެ ސަބަބުން ބޮޑަށް ދާހިއްލައި، ކިޔެވުމަށް ދޭ ސަމާލުކަން ކުޑަވެ، އޭސީ ކުރުމަށްދާ ޚަރަދު ބޮޑުވާނެއެވެ. ބޭރު ޤައުމުތަކުގައި ދަރިވަރުން ޓައީ އަޅައިގެން މަދަރުސާއަށް ދާން މަޖުބޫރު ނަމަ، މުދައްރިސުން ވެސް ތިބެން ޖެހޭނީ ޓައީ އަޅައިގެންނެވެ.
ޓައީ އެޅުމަށް އަޅުގަނޑު އިންކާރު ކުރާ އަނެއް ސަބަބަކީ އިސްލާމީ ނަޒަރުން ފިރިހެނުންގެ ހެދުމާއި އަންހެނުންގެ ހެދުން ތަފާތުވާން ޖެހޭއިރު، ގާތްގަޑަކަށް މައްޗާއި ތިރި އެއްގޮތަކަށް ހުންނަ، އަދި ފިރިހެނުން އަޅާ ކަހަލަ ޓައީ އަންހެން ކުދީން އެޅުވުމަކީ ފާސިދު ކަމެއްކަމަށް ޤަބޫލުކުރެވޭ ކަމެވެ. ފަހެ، މިވާހަކަ ބުޚާރީގައިވާ 5885 ވަނަ ރިވާގައި ވެއެވެ. ފިރިހެނުން އަޅާ ކަހަލަ ޓައީ އަޅައިގެން އަންހެނުން އުޅޭ ތަނެއް، ރާއްޖޭގެ އެއްވެސް ކާރުޚާނާއަކުން، އޮފީހަކުން، ހޮސްޕިޓަލަކުން ނުވަތަ އެހެންވެސް ވަޒީފާ އަދާކުރާތަނަކުން އަޅުގަނޑަށް ފެނިފައެއް ނުވެއެވެ. އަޅުގަނޑަށް މިއުޅެވެނީ ދިވެހީންގެ ރާއްޖެއަކު ނޫންބާވައެވެ!
އަންހެން ދަރިވަރުން ޓައީ އަޅުވާ ނަމަ، އަޅުގަނޑަށް ފެންނަނީ އެހެން ބާވަތެއްގެ ޓައީއެއް އެޅުވުމެވެ. އެއީ ޖަޕާނުގައި ކަންކަން ކުރާ ފަދައިންނެވެ. އެފަދަ ޓައީގައި އަންހެންވަންތަ ސިފަޖަހާފައި، ރީތިވެފައި ދާހިއްލުން ކުޑަވާނެއެވެ.



ރާއްޖޭގެ ގިނަ މަދަރުސާތަކަކުން ނަކަލު ކުރަނީ ފިނި މޫސުން އަންނަ ޤައުމުތަކުގެ ފިނި މޫސުމުގެ ޔުނިފޯމެވެ. އިސްކަން ދެވެނީ ދެންކުންތެރިކަމަށެވެ.
(5) މަދަރުސާގެ ބެޖާ މެދު… ޔުނިފޯމުގައި މަދަރުސާގެ ބެޖު ޖަހާ އިރު، ބައެއް ފަރާތްތަކުން ވަރަށް ކަންތައް ބޮޑު ބެޖު ޖަހައެވެ. ޔުނިފޯމުގައި ޖަހާ މަދަރުސާ ބެޖުން ފާހަގަކުރަން ބޭނުން ވަނީ، އެއީ ކޮން މަދަރުސާއެއްގެ ކުއްޖެއް ކަމެވެ. މި ރޮނގުން ވިސްނާއިރު، ރާއްޖޭގެ ފެހުންތެރީންނަށް ފަސޭހަކަމާ އެކު ޖެހޭނޭ ފަދަ ބެޖެއް ޖެހުން ރަނގަޅުވާނެއެވެ. މިސާލެއްގެ ގޮތުން، އަމީނިއްޔާގެ ތަރިޖެހި ރަސްމީ ބެޖު ޓައީގައި ޖަހާ ނަމަ، ޓައީ ގެންނަން ޖެހޭނީ ބޭރުން ހައްދައިގެންނެވެ. ނަމަވެސް، ޖީބުގައި ހުންނަ ބާވަތުގެ ދެ އަކުރުގެ ބެޖު (މިއަށް އިނގިރޭސި ބަހުން ކިޔަނީ މޮނޮގްރާމް) ޖަހާނަމަ، ދިވެހި ފެހުން ތެރިއަކަށް ތިނޯހަކުން އެ ހެދޭނެއެވެ.
އަޅުގަނޑުގެ ނަޒަރުގައި ބެޖު ހުންނަން ވާނީވެސް ތާނަ އަކުރުންނެވެ. ސަބަބަކީ، ޤާނޫނު އަސާސީ އާއި ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނުގައި ދިވެހިރާއްޖޭގެ ރަސްމީ ބަހަކީ ދިވެހި ބަސްކަމަށް ލިޔެފައިވާތީ އެވެ. މިހެން ނުހަދާނަމަ، ޤައުމިއްޔަތޭ ކިޔައިގެން މިދައްކަނީ ހުސް ހޮޅި ވާހަކަ ކަމުގައި ނޫނީ ނުވާނެއެވެ.
(6) ބެލްޓް. މި ސިޔާސަތުގައި ޔުނިފޯމުގެ ބައެއްގެ ގޮތުގައި ކަޅު ބެލްޓެއް ހިމަނާފައި ވެއެވެ. މިއީ ޔުނިފޯމުގެ އަގު ބޮޑުވާނޭ، އެހާ މުހިއްމު ނޫން ކަމެކެވެ. ރަނގަޅު ގޮތަކަށްވާނީ، އިޚްތިޔާރީ ކަމަކަށް އެކަން ހަދައި، މިފަދަ ގޮތަކަށް އެ މާއްދާ އިބާރާތް ކުރުމެވެ: ”ދަރިވަރުން ކަމަރެއް ބޭނުންކުރާ ނަމަ، ބޭނުން ކުރަންވާނީ ދޮޅު އިންޗިއަށް ވުރެ ފުޅާ ނޫން، ފާޅުކަން ބޮޑު ކުރެހުމެއް ނުހުންނަ ކަޅު ކަމަރެވެ.“
(7) އައު ޔުނިފޯމު ސިޔާސަތުގައި، ދަރިވަރުންގެ ބޫޓަކީ ކަޅު ބޫޓެއް ކަމަށް ފާހަގަކޮށްފައި ވެއެވެ. ސިންގަޕޫރު ފަދަ ހޫނު ޤައުމުތަކުގައި ބޭނުންކުރަނީ ޓެނިސް ފައިވާން ބާވަތުގެ ރިޔާކަނޑާ ފޮތިން މަތި ހަދާފައި ހުންނަ ހުދު ބޫޓެވެ (ކެންވަސް ޝޫޒް އެވެ). މިއީ އަގުހެޔޮކުރުމަށާއި ފަސޭހައަށް ކުރާ ކަމެއް ކަމަށް ލަފާ ކުރެވެއެވެ. އަޅުގަނޑު ތާއީދުކުރަނީ ކަޅު ބޫޓަށް ވުރެ ހުދު ކެންވަސް (ބޯފޮތިން މަތި ހަދާފައި ހުންނަ) ބޫޓަށެވެ. މިއީ ދިވެހިރާއްޖޭގެ މާހައުލާ މާ ބޮޑަށް ގުޅޭ ގޮތެއް ކަމަށް ފެނެއެވެ. ސިންގަޕޫރުގެ ބައެއް މަދަރުސާތަކުގައި ފައި ފޮރުވޭ ގޮތަށް ހުންނަ ކޮންމެ ކުލައެއްގެ ފޮތި ބޫޓެއް ވެސް ހުއްދަ ކުރެއެވެ. [އިނގިރޭސި ބަހުން ބޫޓް އަކީ ޚާއްޞަ މާނައެއް އޮންނަ ލަފުޒެކެވެ. ބޫޓް ކިޔަނީ ތަނބިކަށި ފޮރުވޭ ފައިވާނަށެވެ. އެހެން ބާވަތުގެ ފައިވާނަށް ކިޔަނީ ޝޫޒް އެވެ. ބޫޓް ގިނައިން ބޭނުންކުރަނީ ސިފައިންނާއި ދަގަނޑު މަސައްކަތް ކުރާ މީހުންނެވެ.]

ސިންގަޕޫރުގެ އެންމެ މަޝްހޫރު އެއް މަދަރުސާގެ ދަރިވަރުންކޮޅެއް. މި ދަރިވަރުންގެ ފައިވާނަށް ނަޒަރުކުރައްވާށެވެ. ހުރިހާ ކުދިން އަރައިގެން ތިބީ ޓެނިސް ބާވަތުގެ ކެންވަސް ފައިވާނަށެވެ. އެކި ކުދީންގެ ފައިވާން ތަފާތެވެ. ސިންގަޕޫރު ފަދަ މުއްސަނދި ޤައުމަކުން ވަކި ކުލައެއްގެ ފައިވާނެއް މަޖުބޫރު ނުކުރާއިރު، ދިވެހިރާއްޖެ ފަދަ ކޮންމެ ރައްޔިތަކު 423,000 ރުފިޔާގެ ދަރަނި ބޮލުގައި އަޅައިގެން އުޅޭ ޤައުމަކުން، ޚަރަދު ބޮޑު، ދަރިވަރުންނަށް އުނދަގޫ ވާނޭ ބޫޓެއް ހަމަ ޖެއްސުމުގެ ޙިކްމަތަކީ ކޮބައިތޯއެވެ؟ ސިންގަޕޫރަކީ 2025 ގެ ޕިސާ ނަތީޖާތައް ދައްކާގޮތުން މަދްރަސީ ތަޢުލީމުން އެންެމެ މަތީގައިވާ ޤައުމެވެ. ބައްލަވާ މި ލިންކު. ދިވެހި ދަރިވަރުން ކަޅު ބޫޓު ބޭނުންކުރުމުން ނަތީޖާ ރަނގަޅުވާނެ ތޯއެވެ؟
ޔުނިފޯމުގެ މައްސަލަ މިހާ ހިސާބުން ނިމުނީތޯ އެވެ؟
އައު ސިޔާސަތަށް އަމަލުކުރަން ފަށާނީ 2027 ވަނަ އަހަރުގައި ކަމަށް އެ ސިޔާސަތުގައި ވެއެވެ. ބަރާބަރު އެއް އަހަރު ތައްޔާރުވުމަށް އަދި އެބައޮތެވެ. ސިޔާސަތުގައި މައްސަލަތަކެއް އެބަހުރިކަން އަދި އިޞްލާޙްތަކެއް ބޭނުންވާ ކަން ޔަޤީންއެވެ. ނަމަވެސް މިހާރު އަމަލުކުރަމުންދާ ގޮތަށް ބަލާއިރު މި ސިޔާސަތަކީ ކުރިއެރުމެއް ކަމަށް ޤަބޫލުކުރަމެވެ.
ޔުނިފޯމުގެ މައްސަލަ މިހާ ހިސާބުން ދެން މި ނިމުނީ ތޯއެވެ؟ ޝައްކެއް ނެތެވެ. އަދި ނިމުނީ އަކީ ނޫނެވެ. އެތައް އިޞްލާޙުތަކެއް ކުރިއަށް އޮތް އަހަރުގެ ތެރޭގައި އަންނާނޭ ކަން އަޅުގަނޑަށް ޔަޤީނެވެ. އެންމެ ފުރަތަމަ އިސްތިސްނާ ތަކެވެ. ސިޔާސަތު އިޢުލާނު ކުރި އިރުވެސް، އޭގައި އިސްތިސްނާއެއް ހިމެނެއެވެ. އާދެ! އައު ސިޔާސަތަށް ޢަރަބިއްޔާ ސްކޫލްގަައި ކިޔެވުމަށް ދާ ދަރިވަރުން ތަބާވާކަން ނުޖެހޭނެކަމަށް އޭގައި ބަޔާންކޮށްފައި އެބައޮތެވެ. އެއީ ކީއްވެގެތް ތޯއެވެ؟
އަޅުގަނޑަށް ލަފާ ކުރެވޭ ގޮތުން، އެހެން އެތައް މަދަރުސާއަކުން އިސްތިސްނާއަށް އެދޭނެއެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އިސްތިސްނާ ކުރަންވީ އެހެން ޔުނިފޯމުތައް ވެސް އެބަހުއްޓެވެ. ދީނީ ގޮތުންނާއި ޤައުމީ ގޮތުން ބަލާއިރު، އިޤްތިޞާދީ ގޮތުންނާއި ޞިއްޙީނަޒަރުން ވިސްނާއިރު، ސިޔާސަތުގައި ރަނގަޅު ކުރެވޭނޭ ކަންކަން އެބަހުއްޓެވެ.


Varah ragalhu khiyaalu thakaai mauloomaathu furigen vaa mazmooneh