
25 އޮކްޓޯބަރ 2026 ގައި، ކ. ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް ”ތަޢުލީމުގެ ޤާނޫނު“ އަށް ގިނަ ”އިޞްލާޙްތަކެއް“ ހުށަހަޅުއްވާފައި ވެއެވެ. މި އިޞްލާޙްތަކުގެ ތެރޭގައި، ދިރާސީ އަހަރު 195 ދުވަހަށް ދިގުކުރުން ހިމެނެއެވެ. އެކަމާ ބެހޭ ގޮތުން، ކަމުގެ ފަސް މަންޒަރު ބަޔާންކޮށް މަޒުމޫނެއް ލިޔުނީމެވެ. އެ މަޒުމޫނު މި ޖުމަލައަށް ފިތާލައްވަނިކޮށް ފެނިވަޑައިގަންނަވާނެ އެވެ.
ކުރިން ދެންނެވި މަޒުމޫނު ލިޔުމަށް ފަހު، އަޅުގަނޑަށް ވިސްނުނީ ”އިޞްލާޙްތައް“ ހިމެނޭ ބިލްގެ އެންމެ ކަމަކާ މެދު ޚިޔާލު ހުށަހެޅުމަށް ވުރެ، އެކަމަނާ ހުށަހަޅުއްވައި ފައިވާ ހުރިހާ ”އިޞްލާޙްތަކަށް“ ނަޒަރުކޮށް، އަޅުގަނޑަށް ފެންނަ ގޮތް ބަޔާންކޮށް، ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަށް ހުށަހެޅުމަކީ އަޅުގަނޑުގެ ޤައުމީ އަދި ވަޠަނީ ވާޖިބެއް ކަމަށެވެ. އެގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ފޮނުވި ސިޓީގައި ހިމެނޭ ކަންތައްތައް ތިރީގައި މި ބަޔާންކުރަނީ، މި ލިޔުމުން ކިޔުންތެރީންނަށް މަންފާއެއް ކޮށްފާނެތީއެވެ. ތިރީގައިވާ ގޮޅީގައި އެވަނީ، ކުރީ މަޒުމޫނުގައި ސެހެރީ އެވެ. އެއީ ފަހުން އަންނަ ބައިތަކަށް ތަޢާރުފެކެވެ.
މި ބިލަކީ ރ. އިބްރާހީމް މުޙައްމަދު ޞާލިޙް ދައުރުގައި ފާސްކުރެވުނު 2020/24 ނަންބަރުގެ ”ތަޢުލީމުގެ ޤާނޫނު“ އަށް ގާތްގަނޑަކަށް 33 ”އިޞްލާޙް“ ހުށަހަޅުއްވާ ފައިވާ ބިލެކެވެ. މި ”އިޞްލާޙު“ ތަކުގެ ތެރޭގައި ދިރާސީ އަހަރުގެ ދިގުމިން 195 ދުވަހުގެ ގޮތުގައި ކަނޑައެޅުން ހިމެނެއެވެ. ބިލްގައި ބަންޑާރަ ނައިބު އޮފީހުގެ ތައްގަނޑު ޖަހާފައިވާތީ، މިއީ ސަރުކާރުގެ ފަރާތުން، ބަންޑާރަ ނައިބުގެ އޮފީހުން ބަލަންވީ ކަންކަން ބަލައިފައިވާ ބިލެއް ކަން ދޭހަވެއެވެ. މި މަޒުމޫނަކީ ބިލްގެ މި ބަދަލުތަކާ މެދު ވިލިކައި މިއާ ގުޅުން ހުރި ކަންކަން މަޝްވަރާ ކޮށްފައިވާ މަޒުމޫނެކެވެ.
ފަސްމަންޒަރު
2018 އިން 2023 އަށް ހިނގި ރ. އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ދައުރުގައި މުހިއްމު ދެ ޤާނޫނެއް ފާސްކޮށްފައި ވެއެވެ. އެއީ މަތީ ތަޢުލީމާ ގެ ޤާނޫނާއި ތަޢުލީމުގެ ޤާނޫނެވެ. މި ދެ ޤާނޫނަކީ، ތަޢުލީމީ ދާއިރާގެ ތެރޭގައި އެއާ މެދު މަޝްވަރާ ކުރެވޭތާ 10 ވަރަކަށް އަހަރަށް ވުރެ ގިނަ ދުވަސްވީ ފަހުން ފާސްކުރެވުނު ދެ ޤާނޫނެވެ. ފާސްކުރެވުނު އިރު ވެސް މި ދެ ޤާނޫނުގައި ވަރަށް ގިނަ މައްސަލަތަކެއް ހިމެނެއެވެ. ފުށުއެރުންތަކާއި ޤާނޫނީ މައްސަލަތަކާއި ދިވެހިބަހުގެ މައްސަލަތަކާއި ތަންފީޒީ މައްސަލަތަކެވެ. އެ ދުވަސްވަރަކީ އިހު ބުނެވުނު މައްސަލަތައް އެނގިވަޑައިގަންނަވާ، ދެތިން ބަހަށް ފަރިތަ އިސް މުވައްޒަފަކު މަތީ ތަޢުލީމާ ބެހޭ ވުޒާރާގައި އުޅުއްވި ދުވަސްވަރެކެވެ. ބިލް ޤާނޫނަކަށް ވުމުން މައްސަލަތައް ރަނގަޅު ނުކުރެއްވީ ކީއްވެގެންތޯ އޭނާ އާ ސުވާލުކުރެއްވުމުން ވިދާޅުވީ ބިލާ މެދު ކޮމަންޓު ކުރާނޭ ފުރުޞަތެއް އޭނާއަށް ނުދެއްވާ ކަމަށެވެ.
މަތީ ތަޢުލީމު ގެ ބިލް އަޅުގަނޑު ވަރަށް ގާތުން ބަލައި، ބައެއް ކޮމަންޓުތައް ޝާއިޢުކުރީމެވެ. އެ ކޮމަންޓްތައް މި ލިންކުން ކިޔުއްވޭނެއެވެ: https://hassanhameed.com/comments-on-higher-education-bill/
ތަޢުލީމުގެ ބިލަށް އަޅުގަނޑު ކޮމަންޓެއް ނުކުރަމެވެ. އެއީ މައްސަލަތައް ގިނަކަމުން، އެއް މަޒުމޫނެއްގައި ލިޔެވޭ ވަރަށް ވުރެ ގިނަ ކަމުންނެވެ. ބިލްގެ އަސާސްތަކުގައި ވެސް މައްސަލަތައް ހުރުމުންނެވެ.
(1)

ހުށަހަޅާފައިވާ އިޞްލާޙް:
މި މާއްދާއަށް ހުށަހަޅާފައިވާ އިޞްލާޙަކީ،”ބޮޑެތި މީހުންނަށް“ މި ޢިބާރާތް އުނިކުރުމެވެ. މިއީ އެދެވޭ އިޞްލާޙެއް ނޫނެވެ. މި އުނި ނުކުރަންވީ ސަބަބު 27 ވަނަ އިޞްލާޙާ ގުޅިގެން ބަޔާންކޮށްފައި ވާނެއެވެ. އިޞްލާޙް ކުރަން ބޭނުން ނަމަ އިޞްލާޙް ކުރަންވީ ގޮތަކީ، ”އެކި ސަބަބުތަކާ ހުރެ އަސާސީ ފެންވަރަށް ކިޔެވިފައި ނުވާ ބޮޑެތި މީހުންނަށް“ މިހެން ހިމެނުމެވެ.
[ދަންނައެވެ. ދިވެހިރާއްޖޭ ގައި ލިޔަން ކިޔަން ނުދަންނަ މީހުންނަށާއި، އަމިއްލަ ޝައުޤުވެރި ކަމަށް ޓަކައި އެކި ހުނަރު ހޯދުމަށް ބޭނުންވާ މީހުންނަށާއި ޖަލު މީހުންނަށާއި މިފަދަ އެހެން ފަރާތްތަކަށް ކިޔަވައިދޭ ވަކި މަރުކަޒެއް ހުއްޓެވެ. އެތަނަށް ކިޔަމުން ދިޔައީ Non-formal Education Centre ނުރަސްމީ ތަޢުލީމުދޭ މަރުކަޒެވެ. މިއީ ކޮންމެ ޤައުމެއްގައި ވެސް މިނިސްޓްރީގެ ދަށުން ހިނގާ ބައެކެވެ. މި މަރުކަޒުން ކިޔެވި އެތައް ދަރިވަރުންނެއް ސަރުކާރާއި މުޖުތަމަޢުގެ އެކި ފަރާތްތަކުގައި އެދެވޭ މަސައްކަތް ކުރަމުން މިހާރު ވެސް އެބަދެއެވެ. މިތަން މިހެން ހިނގަމުން ދަނިކޮށް މައުމޫން ދައުރުގައި، ޑރ ޝައުޤީގެ ވަޒީރު ކަމުގައި، އެތަނުގެ ނަން Centre for Continuing Education އަށް ބަދަލުކުރިއެވެ. މިއީ އެދެވޭ ބަދަލެއް ނޫނެވެ. ކޮންޓިނުއިން އެޑިޔުކޭޝަން (ނޯތު އެމެރިކާ އާ ޚިލާފަށް) ޔޫކޭ ގައި މާނަކުރަނީ، ވަކި ތަޢުލީމެއް ލިބުމަށް ފަހު، އެ ދާއިރާއިން އިތުރަށް ކިޔަވާ ކިޔެވުމަށެވެ. މި ނަމާ އެތަނުގެ މަސައްކަތާ އެއްވެސް ގޮތަކަށް ނުގުޅެއެވެ. މިހެން ނަން ބަދަލުވެފައި ވަނިކޮށް، ރ. މުޙައްމަދު ވަޙީދުގެ ދައުުރުގައި، ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒާއި، ނުރަސްމީ ތަޢުލީމުދޭ މަރުކަޒު އުވާލައި، އެތަނުގެ މަސައްކަތް އަލަށް އުފެއްދި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެން.އައި.އީ.) ގެ މަސައްކަތުގެ ތެރޭގައި ހިމެނިއެވެ. މިކަން ހިނގީ 2012 ވަނަ އަހަރު، ގއ. ކޮލަމާފުށީ ޑރ މުޙައްމަދު ނަޒީރު އާއި ރ. ފައިނު އާދަމް ޝަރީފް ގެ ހުށަހެޅުމަކަށް ކަން އެން.އައި.އީ. ގެ މުވައްޒަފަކު އަޅުގަނޑަށް ކިޔައިދީފައި ވެއެވެ. މި ބަދަލާ ގުޅިގެން، 30 ވަރަކަށް އަހަރު ރަނގަޅަށް ހިނގަމުން އައި ނުރަސްމީ ތަޢުލީމު ވަޅުޖެހި އެވެ. ތަޢުލީމީ ދާއިރާގެ މުދައްބިރުން މި ބަދަލު ދުށީ ތަޢުލީމީ ރާސްތާގައި ފަހަތަށް އެޅި ފިޔަވަޅެއްގެ ގޮތުގައެވެ. އެންމެ ފަހުން، މި އިޞްލާޙުން އެ މަސައްކަތް ވެސް މިނިސްޓްރީގެ މަސްއޫލިއްޔަތުން އުނިކުރެވެނީ އެވެ.
ކިތަންމެ ރަނގަޅަކަށް މަދަރުސާގެ ނިޒާމު ހިންގިއަސް، އެ ތަނުން ފޭލިވާ ކުދީންތަކެއް އުޅޭނެއެވެ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ޖަލުގައި އުޅޭ އެތައް ބަޔަކަށް ލިޔަންކިޔަން ވެސް ނޭނގެއެވެ. މިހާރުވެސް ސްކޫލް ނިންމާ ދަރިވަރުންގެ ތެރޭގައި ލިޔަން ކިޔަން ނުދަންނަ ކުދީން އުޅެއެވެ. ނުރަސްމީ ތަޢުލީމު މުހިއްމު ވަނީ ”ސޭފްޓީ ނެޓެއްގެ“ ގޮތުގައި، ނިޒާމީ ތަޢުލީމުން ފޭލިވާ ކުދީންނަށެވެ. އެކި ގޮތްގޮތުން، ތަޢުލީމުގެ ފުރުޞަތުން މަޙްރޫމް ވެފައިވާ މީހުންނަށެވެ. މި އިޞްލާޙާ ގުޅިގެން، ޤައުމެއްގެ މުހިއްމު މި ފަންކްޝަން ނުވަތަ އިޚްތިޞާޞް މިނިސްޓްރީގެ މަސްއޫލިއްޔަތަކުން ނުކެނޑޭނެ އެވެ. އަދި މިކަމެއް ރަށްރަށުގެ ކައުންސިލްތަކަކާއި ކޮލެޖުތަކަކާ ޙަވާލެއް ނުކުރެވޭނެއެވެ.]
އިތުރު ނޯޓް: ޢިބާރާތް ރަނގަޅު ކުރާ ނަމަ، ރަނގަޅު ގޮތަކީ ”ކުޑަކުދިން“ ހުރި ހުރިހާ ތަނެއް ”ކުޑަކުދީން“ މިގޮތަށް ބަދަލުކުރުމެވެ. އެހެނީ ބައެއް އެކަނަ ނަންތައް ގިނަކުރަން އީބީފިލި ޖަހަން ޖެހެއެވެ. މިސާލީ ”މަސްވެރިން“ ގެ ބަދަލުގައި ”މަސްވެރީން“ ލިޔުމެވެ. މިއީ އިހުގެ ހުރިހާ އަދީބުން ބޭނުން ކޮށްފައިވާ ގޮތެވެ. މުޙައްމަދު ޖަމީލް ލިޔުއްވި ދިވެހި ފޮތެއްގެ ނަމަކީ ”ކުޑަކުދީންގެ ބަގީޗާ“ އެވެ. ”ކުޑަކުދިންގެ ބަގީޗާ” އެއް ނޫނެވެ.
(2)

ހުށަހަޅުއްވާ ފައިވާ އިޞްލާޙް:
(ނ) ގެ 1 އުނިކުރުން.
ހުށަހަޅާ ގޮތް: 1 އާއި 2 ގައި ވާ މައިގަނޑު ތަފާތަކީ އުނގެނުމާއި ލިބުމުގެ ތަފާތެވެ. ތަޢުލީމާ ބެހޭ ފަލްސަފާގައި ތިން ކަމެއް ފާހަގަ ކުރެއެވެ: އެއީ ކަމެއް ހޯދުމަށް access އެއް ހަމައެއްގައި އޮތުމާއި opportunity އެއް ހަމައެއްގައި އޮތުމާއި outcome އެއް ހަމައެއްގައި އޮތުމެވެ. ދިގު ވާހަކައެއް ކުރުކޮށްލުމުގެ ގޮތުން، މި އިޞްލާޙަށް އަޅުގަނޑު ވެސް ތާއީދުކުރަމެވެ.
އިތުރު ބަޔާނެއް: ދޮންފަޅޯ ކުލައިން ރޮނގުދަމާފައިވާ 3 ވަނަ ބައި އަންނަނިވި ގޮތަށް ބަދަލުކުރަން ހުށަހަޅަމެވެ. ސަބަބު ޝޝxxxޝ ގައި ބަޔާންކޮށްފައި ވާނެއެވެ.
(3) އެކި ސަބަބުތަކާ ހުރެ، ޅަ އުމުރުފުރާގައި އުނގެނުމުގެ ފުރުޞަތުތަކުން މަޙްރޫމްވެފައިވާ މީހުންނަށް، މުޖުތަމަޢުގައި އުޅުމަށް ބޭނުންވާ އަސާސީ ތަޢުލީމު ހޯދުމުގެ ޙައްޤު.
(3)

ހުށަހަޅުއްވާ ފައިވާ އިޞްލާޙް:
މަތީގައިވަނީ ޢިބާރާތް ދިގުކަމުންނާއި ޤާނޫނު ބޭނުން ކުރާ މީހުންނަށް އޮޅޭ ވަރަށް ބޭކާރު ޙަވާލާތައް ގިނަކަމުން، ހުށަހަޅުއްވައި ފައިވާ ގޮތަކީ އިޞްލާޙެއް ކަމަށް ފެނެއެވެ.

(4)

ހުށަހަޅުއްވާ ފައިވާ އިޞްލާޙް:
މިއީ މައިންބަފައިންނާއި ބެލެނިވެރީންގެ ޒިންމާ ބަޔާންކޮށްފައިވާ މާއްދާއެކެެވެ. އެހެންކަމުން އޮތް ގޮތް މާ ސާދާ، ސީދާ ކަމަށް ފެނެއެވެ. ބަދަލު ގެންނަ ނަމަ، ބެލެނިވެރިން ބެލެނިވެރީން ނަށް ބަދަލުކޮށް ކުދިންގެ އޮތް ތަން ކުދީންގެ އަށް ބަދަލުކުރަން ފެނެއެވެ.
(5)
ހުށަހަޅާފައި ވަނީ މިނިސްޓްރީގެ މަސްއޫލިއްޔަތުތައް ބަޔާންކުރާ 13 ވަނަ މާއްދާގެ (ރ) އަށް އިޞްލާޙެއް ގެނައުމަށެވެ. ތިރީގައިވާ ގޮތަށެވެ.

ހުށަހަޅުއްވާ ފައިވާ އިޞްލާޙް:
އިޞްލާޙަށް ބޭނުންވެގެން އުޅޭ ކަމަށް ހީވަނީ މަތީ ތަޢުލީމުދޭ މަރުކަޒުތައް (ރ) އަށް ފެތޭތީ އެވެ. އަޅުގަނޑު ހުށަހަޅަނީ މާއްދާގެ އެހެން އަކުރުތަކާ އެކަމުތުވާ ގޮތަށް (ހާމަނައިޒް ވާގޮތަށް) ކުރުކޮށް ލިޔުމަށެވެ. މި މާއްދާގެ ހުރިހާ އަކުރުތަކަކީ ވަރަށް ކުރުކޮށް ލިޔެފައިވާ އަކުރުތަކެކެވެ.
13. (ރ) މަދްރަސީ ޢުމުރުފުރާގެ ދަރިވަރުންނަށް އެކި ހުނަރާއި ޢިލްމު އުނގަންނައިދޭ ތަންތަން ރަޖިސްޓަރީ ކުރުމާއި އެތަންތަން ހިނގަމުންދަނީ ގަވާއިދުތަކާ އެއްގޮތަށްތޯ ކަށަވަރުކުރުން.
(6)

ހުށަހަޅުއްވާ ފައިވާ އިޞްލާޙް:
މި މާއްދާއަށް އިޞްލާޙް ހުށަހަޅުއްވާ ސަބަބެއް ކަމަށް ލަފާކުރެވެނީ، މިނިސްޓްރީ ގެ ޒިންމާތަކުގެ ތެރޭގައި، ސްކޫލް ދަރިވަރުންނަށް އިމްތިޙާން ދިނުން އޮންނާތީއެވެ. ސްކޫލް ދަރިވަރުން މަދްރަސީ ނިޒާމުގެ ތެރެއިންނާއި ބޭރުން ވެސް އިމްތިޙާނު ކުރެވެއެވެ. އެހެންކަމުން، ފުޅާކޮށް އޮތް ކުރިން އޮތް ގޮތް، ރަނގަޅު ކަމަށް ފެނެނެއެވެ. ބަދަލެއް ގެންނަން ކޮންމެ ހެން ބޭނުން ނަމަ، ހުށަހަޅާ ގޮތަކީ
(ޅ) ރާއްޖެއިން ބޭރާއި ރާއްޖޭގެ މަދްރަސީ ފެންވަރުގެ އިމްތިޙާންތައް އެ ބޭނުންވާ ފަރާތްތަކަށް ދިނުމާ ގުޅޭ ކަންކަން ރާވައި އިންތިޒާމު ކުރުމާއި ވިލަރެސްކުރުން.
(7)

ހުށަހަޅުއްވާ ފައިވާ އިޞްލާޙް:
ކުރިން އޮތް ގޮތުން، ސްކޫލްތައް ފިޔަވައި އެހެން ތަންތަނުން ހިންގާ ޙަރަކާތްތަކުގެ އުސޫލުތައް ވެސް ކަނޑައަޅަން ޖެހެނީ މިނިސްޓްރީ އިންނެވެ. މީގެ މާނައަކީ ޕީ.އެސް.އެމް. އިން ޤުރްއާން މުބާރާތެއް ބާއްވާ ނަމަ، އެ މުބާރާތުގެ އުސޫލުތައް ވެސް ކަނޑައަޅަން ޖެހެނީ މިނިސްޓްރީ އިންނެވެ. ހުށަހަޅާފައިވާ ބަދަލުން މިފަދަ އުސޫލުތައް ކަނޑައަޅަން ޖެހެނީ ސްކޫލްތަކުން ހިންގާ ޙަރަކާތްތަކަށް އެކަންޏެވެ. ބޭރު ފަރާތްތަކުން އިންތިޒާމުކުރާ ޙަރަކާތެއްގެ އުސޫލު ކަނޑައެޅުމެއް ނޯވެއެވެ. އަޅުގަނޑަށް ހީވާގޮތުން، ދަރިވަރުން ބައިވެރިވާ ނަމަ، އެހެން ފަރާތަކުން ހިންގާ ޙަރަކާތެއްގެ އުސޫލު ކަނޑައެޅުމުގެ ކޮންމެވެސް ވަރެއްގެ ރޯލެއް މިނިސްޓްރީ އަށް އޮންނަން ވާނެއެވެ. ނޫނީ ބައިވެރިނުމުގެ އިޚްތިޔާރު އޮންނަން ވާނެއެވެ. އެއީ ދަރިވަރުންގެ ސަލާމަތަށް ޓަކައެވެ. ބޭރު ފަރާތްތަކުން ހިންގާ ކޮންމެ ޙަރަކާތަކީ ޤައުމީ މަންހަޖުގެ މަޤްޞަދުތަކާ ގުޅޭ ޙަރަކާތްތަކެއް ނޫނެވެ. އެހެންކަމުން އަޅުގަނޑު ހުށަހަޅާ ގޮތަކީ:
(އ) ޤައުމީ މަންހަޖުގެ މަޤްޞަދުތަކާ ގުޅޭ، ސްކޫލްތަކުން ހިންގާ އިތުރު ޙަރަކާތްތައް ހިންގުމުގެ އުސޫލު ކަނޑައެޅުމާއި ސްކޫލްތައް ފިޔަވައި އެހެެން ފަރާތްތަކުން ހިންގާ ދަރިވަރުން ބައިވެރިވާ އިތުރު ޙަރަކާތްތައް ހިންގުމުގެ އުސޫލުތަކަށް ރުހުންދިނުން.
(8)

ހުށަހަޅުއްވާ ފައިވާ އިޞްލާޙް:
ކުރިން އޮތްގޮތުން، ވިލަރެސް ކުރުން އޮންނަނީ ހަމައެކަނި ސްކޫލް ފެންވަރުގެ ޕްރޮގްރާމް ތަކެވެ. މިހާރު ހުރިހާ ފެންވަރެއްގެ ޕްރޮގްރާމް ތަކެއް އެބަ ހިމެނެއެވެ. ނަމަވެސް، މަތީ ތަޢުލީމާ ބެހޭ ވުޒާރާއެއް އަނެއްކާ އުފައްދަވައިފި ނަމަ، އެފަދަ ޕްރޮގްރާމްތައް ވިލަރެސް ކުރާނީ އެ ވުޒާރާއިންނެވެ. އިޞްލާޙް ރަނގަޅުކަމަކަށް ނުފެނެއެވެ.
(9)

ހުށަހަޅުއްވާ ފައިވާ އިޞްލާޙް:
އިޞްލާޙް ރަނގަޅު ކަމަށް ފެނޭ.
(10)

ހުށަހަޅުއްވާ ފައިވާ އިޞްލާޙް:
އިޞްލާޙް ރަނގަޅު ކަމަށް ފެނޭ. ނަމަވެސް تَطبِيق ބަދަލުގައި އެހެން ގޮތަކަށް ޢިބާރާތްކުރުން ރަނގަޅުވާނެ. މިސާލީ “…. މުވައްޒަފުންގެ ވަޒީފާއާ ގުޅޭ އެންމެހައި …”
(11)

ހުށަހަޅުއްވާ ފައިވާ އިޞްލާޙް:
މި އިޞްލާޙް ރަނގަޅު ކަމަށް ފެނެއެވެ. ނަމަވެސް، އިބާރާތުގައި މައްސަލަތައް ހިމެނެއެވެ. މައްސަލަތައް ދެނެގަތުމަށް، ހިނގަމުންދާ ޤާނޫނުގެ 14 ވަނަ މާއްދާ އާއި 15 ވަނަ މާއްދާގެ (ހ) އެނގެން ޖެހެއެވެ. އެ ތިރީގައި އެވަނީ އެވެ:

އެންމެ ފުރަތަމަ މައްސަލައަކީ، މި ބިލްގައި ހިމެނިފައި ނުވިއަސް، މަޖުބޫރު ތަޢުލީމުދޭ ޢުމުރުފުރައެވެ. އެ ޢުމުރު ފުރައަކީ ތަރައްޤީވެފައިވާ އެއްވެސް ޤައުމެއްގައި ހިމެނޭ ޢުމުރުފުރައެއް ނޫނެވެ. ފިންލަންޑް، ޔޫކޭ، އޮސްޓްރޭލިއާ ފަދަ ޤައުމުތަކުގެ ޤާނޫނުތައް ވެސް ބަލައިފީމެވެ. ސިންގަޕޫރުގައި ވަނީ މަޖުބޫރު ތަޢުލީމު ދޭން ޖެހޭނީ 6 އަހަރު ފުރި، 15 އަހަރު ނުފުރޭ ކުދީންނަށް ކަމަށެވެ. އިނގިރޭސި ވިލާތުގައި ވަނީ، 5 ވަނަ އުފަން ދުވަހަށް ފަހު 16 އަހަރު ނުފުރޭ ކުދީންނަށެވެ. އޮސްޓްރޭލިއާ ގައި އަދި ފިންލަންޑްގެ ޤާނޫނުގައިވެސް ވަނީ 6 އަހަރަށް ފަހު ކަމަށެވެ. އެހެންކަމުން، މަޖުބޫރު ތަޢުލީމުގެ ދައުރު، ރާއްޖޭގައި ފެށޭލެއް މާ ބޮޑަށް އަވަސްކަމަށް ފެނެއެވެ. އެ ޤައުމުތަކާ އަޅާ ބަލާއިރު ވަސީލަތްތައް މަދު އިރުއެވެ.
ދެވަނަ މައްސަލައަކީ، މިހާރު ހިނގަމުންދާ ޤާނޫނުގައި، މަޖުބޫރު ތަޢުލީމު ކަނޑައަޅާފައި ވަނީ، ޑިފައިން ކޮށްފައި ވަނީ، ބުރު ޖެހޭގޮތަށެވެ. ސާކިޔުލަރކޮށެވެ. ފަހުކޮޅުގައި މަޖުބޫރު ތަޢުލީމު އަކީ މާއްދާގައި ބުނާ އެތިކަމަށް ވެއެވެ. ނަމަވެސް މާއްދާގައި އެ އެއްޗެއް ބަޔާން ކޮށްފައެއް ނުވެއެވެ. މަޖުބޫރު ތަޢުލީމު އެންމެ އެދެވޭ ގޮތަށް ބަޔާންކޮށްފައި ވަނީ، ސިންގަޕޫރު ޤާނޫނުގައެވެ. ދިވެހި ޤާނޫނުގައި ބިދޭސީ ކުދީންނަށް ވެސް ޤާނޫނު ހިނގާކަމަށް ބެލެވެއެވެ. ސިންގަޕޫރު ޤާނޫނުގައި، ޤާނޫނު ހިނގާނީ ސިންގަޕޫރުގެ ރައްޔިތުންނަށް ކަން ކަނޑައެޅިގެން ފާހަގަކޮށްފައި ވެއެވެ.
މަތީގައިވާ ކަންކަމަށް ރިއާޔަތްކޮށް، 14 ވަނަ މާއްދާ، އަދި 15 ވަނަ މާއްދާ އޮންނަންވީ ގޮތް، އަޅުގަނޑުގެ ނަޒަރުގައި، ތިރީގައި އެވަނީ އެވެ.
14. ދިވެހި ރައްޔިތުންގެ ތެރެއިން، ޢުމުރުން 6 އަހަރު ފުރި، 15 އަހަރު ނުފުރޭ ކޮންމެ ކުއްޖަކީ މަޖުބޫރު ތަޢުލީމު ލާޒިމުވާ ކުއްޖެކެވެ. [މިގޮތަށް ލިޔުމުން، ވަކި ދިރާސީ އަހަރަކު ޢުމުރުން 6 އަހަރު ފުރޭ ނަމަ، އެ ދިރާސީ އަހަރު ފެށޭއިރު އެކުއްޖާ ކިޔަވަން ފަށާނެއެވެ. މި ޕޮއިންޓް ބައެއް ޤާނޫނުތަކުގައި ވަކިން ފާހަގަކޮށްފައި ވެއެވެ.]
15. (ހ) މަޖުބޫރު ތަޢުލީމު ލާޒިމުވާ ޢުމުރު ފުރާގެ ކޮންމެ ކުއްޖަކަށް، އެ ކުއްޖެއްގެ ޢުމުރާއި ޤާބިލިއްޔަތާއި ހުނަރާ އެކަށީގެންވާ މަޖުބޫރު ތަޢުލީމު، ސްކޫލަށް ފޮނުވައިގެން ނުވަތަ އެހެން ވެސް ގޮތަކަށް އެކުއްޖަކަށް އުނގަންނައިދިނުން ބެލެނިވެރިޔާގެ މައްޗަށް ވާޖިބުވާނެއެވެ.
15. (ށ) މަޖުބޫރު ތަޢުލީމު ފޯރުކޮށްދޭން ޖެހޭ ކުއްޖަކަށް، އެ ތަޢުލީމު ފޯރުކޮށް ނުދޭނަމަ، އެ ކުއްޖެއްގެ ބެލެނިވެރިޔަކު ކުށްވެރިވާނެ އެވެ.
15. (ނ) ޢުމުރުން 16 އަހަރު ފުރުމުގެ ކުރީން، ކުއްޖަކު މަޖުބޫރު ތަޢުލީމު ޙާޞިލްކޮށްފައިވާ ކަން، މިނިސްޓަރަށް ނުވަތަ މިނިސްޓަރު ކަނޑައަޅާ ފަރާތަކަށް ސާބިތުކޮށްދެވިއްޖެ ނަމަ، ސްކޫލްއަށް ނުފޮނުވައި އެ ކުއްޖަކާ އެކަށީގެންވާ މަސައްކަތުގައި ގެންގުޅެވިދާނެ އެވެ.
15. (ރ) މަޖުބޫރު ތަޢުލީމަކީ، ޤައުމީ މަންހަޖުގެ ތެރެއިން، މިނިސްޓަރު ނުވަތަ އޭނާ ޢައްޔަނުކުރާ ފަރާތެއް ޝާއިޢު، ކުރާ، އުނގެނުމުގެ ދާއިރާތަކާއި ފެންވަރެވެ. [ގިނަ ޤައުމުތަކުގައި، މަޖުބޫރު ތަޢުލީމަކީ މަދްރަސީ މަންހަޖަށް ވުރެ ހަނި އެއްޗެކެވެ].
(12)

ހުށަހަޅުއްވާ ފައިވާ އިޞްލާޙް:
އިޞްލާޙަށް ވުރެ ކުރިން އޮތް ގޮތް ރަނގަޅުކަމަށް ފެނެއެވެ. ކުއްޖަކު ސްކޫލަށް ނުފޮނުވިދާނޭ އެތައް ކަމެއް މެދުވެރިވެދާނެއެވެ. ނުކުޅެދުންތެރިކަމަކީ އޭގެ ތެރެއިން އެއް ކަމެކެވެ. މީގެ އިތުރަށް، ހޯމް ސްކޫލިން އަކީ ހަމައެކަނި ނުކުޅެދުންތެރިކަން ހުންނަ ކުދީންނަށް އޮތް ވަސީލަތެއް ނޫނެވެ. މިސާލަކަށް، ބެލެވެރިޔަކާ އެކު ކުޑަ ކުއްޖަކު، ޔޮޓެއްގައި އެކި ރަށްރަށަށް ދަތުރުކުރާ ނަމަ ވެސް ކުއްޖާ ސްކޫލަށް ނުފޮނުވިދާނެއެވެ. އެހެންކަމުން، އިސްތިސްނާގެ ދާއިރާ ފުޅާކޮށް އޮތް ގޮތް، އިޞްލާޙަށް ވުރެ ރަނގަޅުކަމަށް ފެނެއެވެ.
(13)

ހުށަހަޅުއްވާ ފައިވާ އިޞްލާޙް:
މިއީ ރަނގަޅު އިޞްލާޙެއް ކަމަށް ފެނެއެވެ. މައްސަލައަކީ ޖެހިގެން އޮތް 18 ވަނަ މާއްދާއަށް މި ބައި ގެން ގޮސްފައިވާ ކަމެވެ. ތަޢުލީމީ ގޮތުން އެންމެ ކުރިއަރާފައިވާ ޤައުމުތަކުގައި ވެސް ޕްރީ ސްކޫލް ހިލޭ ފޯރުކޮށްދޭގޮތަށް ޤާނޫނުތަކަކު ނުހުރެއެވެ. ރާއްޖޭގެ ޤާނޫނުގައި މިކަން ހިމެނުމުން ދޭހަވާ ކަމަކީ، ޤާނޫނަކީ އުއްމީދުތަކެއް ކަމެވެ. ކޮންމެހެން ތަންފީޒުކުރަން ޖެހޭ އެއްޗެއް ނޫން ކަމެވެ. ތަންފީޒުކުރަން އެކުލަވައިލާ އެއްޗެއް ނަމަ، ތަންފީޒުކުރެވޭ ފަދަ ޤާނޫނުތައް އެކުލަވައިލަން އިސްކަން ދޭން ވާނެއެވެ. މިހާރު ވެސް މިއުޅެނީ ތަމްރީނު ލިބިފައިވާ ދިވެހި މުދައްރިސުން ވެސް ނުލިބިގެންނެވެ.
(14)

ހުށަހަޅުއްވާ ފައިވާ އިޞްލާޙް:
މިއީ ރަނގަޅު އިޞްލާޙެއް ކަމަށް ފެނެއެވެ. މައްސަލައަކީ ޖެހިގެން އޮތް 18 ވަނަ މާއްދާއަށް މި ބައި ގެން ގޮސްފައިވާ ކަމެވެ. ތަޢުލީމީ ގޮތުން އެންމެ ކުރިއަރާފައިވާ ޤައުމުތަކުގައި ވެސް ޕްރީ ސްކޫލް ހިލޭ ފޯރުކޮށްދޭގޮތަށް ޤާނޫނުތަކަކު ނުހުރެއެވެ. ރާއްޖޭގެ ޤާނޫނުގައި މިކަން ހިމެނުމުން ދޭހަވާ ކަމަކީ، ޤާނޫނަކީ އުއްމީދުތަކެއް ކަމެވެ. ކޮންމެހެން ތަންފީޒުކުރަން ޖެހޭ އެއްޗެއް ނޫން ކަމެވެ. ތަންފީޒުކުރަން އެކުލަވައިލާ އެއްޗެއް ނަމަ، ތަންފީޒުކުރެވޭ ފަދަ ޤާނޫނުތައް އެކުލަވައިލަން އިސްކަން ދޭން ވާނެއެވެ. މިހާރު ވެސް މިއުޅެނީ ތަމްރީނު ލިބިފައިވާ ދިވެހި މުދައްރިސުން ވެސް ނުލިބިގެންނެވެ.
ސިންގަޕޫރާއި މެލޭސިއާއި ސްރީ ލަންކާގައި ޕްރީސްކޫލަކީ ދައުލަތުން ހިލޭ ފޯރުކޮށްދޭ މަރުހަލާއެއް ނޫނެވެ. ފިންލަންޑް، އޮސްޓްރޭލިއާ، އިނގިރޭސި ވިލާތުގައި ބައެއް މަދު ގަޑިކޮޅެއް ހިލޭ އޮވެއެވެ. މީގެ ތެރެއިން ދެ ޤައުމުގައި އޮންނަނީ ސްކޫލަށް ވަންނަ އަހަރުގެ ކުރީ އަހަރުއެވެ.
(15)

ހުށަހަޅުއްވާ ފައިވާ އިޞްލާޙް:
1. 18 ވަނަ މާއްދާގައި (ހ) ގައިވާ ވާހަކަ ބަޔާން ކޮށްފައިވާ ނަމަ، މި މާއްދާގައި ގާތްގަޑަކަށް އެއް ޢިބާރާތުން އެ ވާހަކަ ގެނައުމަކީ ތަކުރާރެކެވެ.
2. ކުރިން ޤާނޫނުގައި އޮންނަ ގޮތުން، ކޮންމެ ކުއްޖަކަށް ފޮތް ފަންސުރު ފޯރުކޮށްދެން ޖެހެއެވެ. މި އިޞްލާޙް ފާސްވެއްޖެނަމަ، ފޯރުކޮށްދޭން ޖެހޭނީ އެކަމަށް އެދޭ ނުވަތަ އެހެން ވެސް ގޮތަކުން ބޭނުންވާ ކަމަށް ފެންނަ ކުދީންނަށެވެ. މިއީ ޤާނޫނަށް ގެންނަ ވަރަށް ބޮޑު ބަދަލެކެވެ.
(16)

ހުށަހަޅުއްވާ ފައިވާ އިޞްލާޙް:
(1) ފުރަތަމަ މައްސަލައަކީ، ”ހެނދުނު“ގެ ނާސްތާ ކިޔާ ކަމެވެ. ދިވެހި ބަސްފޮތުގައި ވެސް، އަދި އުރުދޫ ބަހުގައި ވެސް ނާސްތާ ކިޔަނީ ހެނދުނުގެ ކެއުމަށެވެ. އެހެންކަމުން، ހެނދުނު ނާސްތާ ކިޔުމުގެ ބޭނުމެއް ނެތެވެ. އަދި މި ލަފުޒުން އެހެން އިރުގެ ކެއުމަކަށް އިޝާރާތެއް ނުކުރެއެވެ.
(2) ދެވަނަ ކަމަކީ، ”ސްކޫލް ގަޑީގައި ނާސްތާ ލިބުން“ އޮންނަ އޮތުމެވެ. މިއީ ކޮން ވާހަކައެއް ތޯއެވެ؟ އިނގިރޭސި ވިލާތުގެ ބައެއް ސްކޫލްތަކުގައި، ބައެއް ކުދީންނަށް ނާސްތާ ދެއެވެ. އެމީހުން ޖެހޭނީ ސްކޫލް ފެށުމުގެ 30 މިނެއްޓު ކުރިން އަންނާށެވެ. ސްކޫލް ގަޑީގައި ބައެއް ކުދީންނަށް ނާސްތާ ދިނުމަކީ ބައެއް ދަރިވަރުންގެ ފިލާވަޅު ގެއްލޭނޭ ކަމެކެވެ.
(3) ރާއްޖެއަށް ވުރެ މާ ފަޤީރު ޤައުމުތަކުގައި ވެސް، ސްކޫލް ކުދީންނަށް މެންދުރު ކެއުން ދެއެވެ. ބައެއް ޤައުމުތަކުގައި ހުރިހާ ކުދީންނަށެވެ. މިފަދަ ޤައުމުތަކުގެ ތެރޭގައި ސްރީ ލަންކާ، މެލޭސިއާ، ކަރުނާޓާ، ކެރަލާ ފަދަ އިންޑިޔާގެ ބައެއް ސްޓޭޓްތައް ހިމެނެއެވެ. އެހެންކަމުން، އެންމެ ރަނގަޅުވާނީ މެންދުރުކެއުން ދިނުމެވެ. [ސްރީ ލަންކާގައި މެންދުރު ކެއުން ދެނީ ހެނދުނު އެވެ]. ނާސްތާ ދިނުމަކީ ވަރަށް މަދު ޤައުމެއްގައި ކުރާ ކަމެކެވެ.
(4) މަތީގައިވާ ކަންކަމަށް ވިސްނުމަށް ފަހު، އެ މާއްދާއަށް ހުށަހަޅާ އިޞްލާޙް ތިރީގައި އެވަނީއެވެ.
(ހ) ދިވެހިރާއްޖޭގެ ސަރުކާރުގެ ސްކޫލްތަކުގައި ކިޔަވާ ދިވެހި ކުދީންގެ ތެރެއިން ކުއްޖަކަށް، މިނިސްޓްރީއަށް ފެންނަ ގޮތުގައި، އެކަށީގެންވާ ކާނާ ނުލިބޭ ކަމަށް ފެންނަ ނަމަ، އެ ކުއްޖަކަށް، އެއްވެސް އަގަކާ ނުލައި، ހެނދުނުގެ ނުވަތަ/އަދި މެންދުރުގެ މިންހެޔޮ ކޮއްތު ފޯރުކޮށްދޭން ވާނެއެވެ. (ށ) މިގޮތަށް ދެވޭ ކޮއްތުގައި ހިމެނެން ޖެހޭ ތަކެއްޗާއި ދޭނޭ ގޮތުގެ އުޞޫލެއް މިނިސްޓްރީއިން ޝާއިޢުކުރާ ގަވާއިދަކުން ކަނޑައަޅަން ވާނެއެވެ.
(5) ރާއްޖޭގައި މެންދުރު ކެއުން ދިނުން ކުރިއަށް އަހަރުތަކުގައި ފެށޭނެކަން ޔަޤީން އެެވެ. އެހެންކަމުން، ސްކޫލްތައް ޢިމާރާތް ކުރާއިރު ބޮޑު ކާ ކޮޓަރިއަކާއި ކޮމާޝަލް ބަދިގެއެއް ހެދުމަށް މިހާރުން ސުރެ ރާވަން ޖެހޭނެއެވެ. މިކަން ކުރަން އެންމެ ރަނގަޅުވާނީ، ބިމާހަމައިގައި ހޯލްގެ ދަށުގައެވެ. މިހެން ހެދުމުން ހޯލްގެ ތަޅުން އޮންނާނީ އެއްވަނަ ފަންގިފިލާގެ ގޮތުގައެވެ. ކާ ކޮޓަރި މިން ކުރަނީ، ދެބުރުން ހުރިހާ ކުދީންނަށް ކެވޭނޭ ގޮތަށެވެ.
(17)

ހުށަހަޅުއްވާ ފައިވާ އިޞްލާޙް:
ކުރީގައި އޮތް ގޮތް ވެސް ރަނގަޅެވެ. އެއީ ޤާނޫނުގައި ހުރިހާ ކަންތައްތަކެއް ނުހިމެނޭނެތީ އެވެ. ގިނަ މީހުންނަށް ނިޒާމެކޭ ބުނުމުން އޭގައި ހިމެނޭ ބައިތައް އެނގޭނެއެވެ. ވަކިވަކިން ލިޔާނަމަ، ބައެއް އުނިވެދާނެއެވެ. މުޅިން ފުރިހަމަކޮށް ލިޔަން ދަތިވެދާނެއެވެ.
(18)

ހުށަހަޅުއްވާ ފައިވާ އިޞްލާޙް:
ހުށަހެޅުން ރަނގަޅު ކަމަށް ފެނެއެވެ. އެއީ ރާއްޖޭގެ ހާލަތުގައި ޢާއްމު އިމްތިޙާނު ކިޔަނީ ސްކޫލްތަކުގައި ޢާއްމުކޮށް ނޫޅޭ، ޢާއްމު ރައްޔިތުން ބައިވެރިވާ އިމްތިޙާނުތަކަށެވެ.
(19)

ހުށަހަޅުއްވާ ފައިވާ އިޞްލާޙް:
ދިވެހިރާއްޖޭ ގައި ޢާއްމު އިމްތިޙާނު މި ޢިބާރާތް ބޭނުންކުރަނީ ވަކި މާނައެއްގައި ކަމުގައި ވާތީ، މި އިޞްލާޙް ރަނގަޅު ކަމަށް ފެނެއެވެ.
(20)

ހުށަހަޅުއްވާ ފައިވާ އިޞްލާޙް:
ވަކި ކަމެއް މުޠްލަޤް ކޮށް މަނާކޮށްފައި، ޖެހިގެން އޮތް ޖުމުލައިގައި އިސްތިސްނާތަކެއް ހިމެނުމުން، މާއްދާގެ ބާރު ކުޑަވެގެން ދެއެވެ. އެހެންކަމުން، ސިންގަޕޫރާއި، ޔޫކޭ އާއި އޮސްޓްރޭލިއާގެ ޤާނޫނުތަކަށް ރިއާޔަތްކޮށް ތިރީގައިވާ ގޮތް ހުށަހަޅަމެވެ.
މަޖުބޫރު ތަޢުލީމު ލިބެންޖެހޭ އުމުރުފުރާގެ ކުއްޖަކު، ވަޒީފާއެއް އަދާކުރެވޭނީ، އޭނާ ކިޔަވަން ޖެހޭ ވަގުތުގެ ބޭރުން، ހަފުތާއަކު 12 ގަޑިއިރަށް ވުރެ ގިނަ ނުވާ މިންވަރަށް، ބެލެނިވެރިޔާގެ ހުއްދަ އާއެކު، ރައްކައުތެރި، ޞިނާޢީ ނޫން ވެއްޓެއްގައި، ސުޕަވައިޒަރެއްގެ ބެލުމުގެ ދަށުންނެވެ.
ގިނަ ޤައުމުތަކުގެ ކަމާ ބެހޭ ޤާނޫނުތަކުގައި މުޠްލަޤްކޮށް ވަޒީފާ އަދާކުރުން މަނައެއް ނުކުރެއެވެ.
(21)

ހުށަހަޅުއްވާ ފައިވާ އިޞްލާޙް:
ތަފްޞީލުތައް އިތުރު ކުރުމެއް. މާއްދާގެ މި ތަނަކީ ކިޔަވައިދޭން ބަޔާން ކޮށްފައިވާ މުއްދަތް ފުރިހަމަ ކުރަން ޖެހޭނެކަން ލިޔަން ރަނގަޅު ތަނެއް.
(22)

ހުށަހަޅުއްވާ ފައިވާ އިޞްލާޙް:
މި އިޞްލާޙްގައި ހިމެނެނީ ކުއްޖާ ސްކޫލްއަށް ގެންނަން ހުރި ގޮތްތަކުގެ ދާއިރާ ފުޅާކުރުން.
(23)
މި މާއްދާއަކީ ކިޔަވައިދޭ ތަންތަން ރަޖިސްޓަރީ ކުރުމާ ބެހޭ މާއްދާއެކެވެ. ހުށަހަޅާފައިވާ މައިގަނޑު ބަދަލަކީ، ކުރިން ޤާނޫނު ތަންފީޒުކުރަން ފެށުމާ ގުޅިގެން ތައުލީމު ދޭ ތަންތަން އަލުން ރަޖިސްޓަރީ ކުރަންޖެހޭ ގޮތަށް އޮތް އޮތުން އުނިކުރުމެވެ. ދެންވަނީ ކުރުކޮށް ބައެއް ތަފްޞީލްތައް އިތުރުކޮށް ފައެވެ. ކިޔަން ފަސޭހައަކަަށް، ކުރިން އޮތް ގޮތާއި ހުށަހަޅާފައިވާ ގޮތް ފެނިވަޑައިގަންނަ ވާނީ މި ޖުމުލައަށް އޮބައިލެއްވުމުންނެވެ.
އިޞްލާޙް:
ޤާނޫނުގައި މިހާރު އޮތް ގޮތުންނާއި، އަދި އިޞްލާޙްގައި ވެސް، މި މާއްދާގެ ދަށުން މަތީ ތަޢުލީމު ދޭ ތަންތަން ވެސް މި މިނިސްޓްރީގައި ރަޖިސްޓަރީ ކުރަން ޖެހެއެވެ. އެއް ނުކުތާއަކީ، ލަވަކިޔަން، ނުވަތަ ފަތަން ދަސްކޮށްދޭ ތަނެއް މިނިސްޓްރީގައި ރަޖިސްޓަރީ ކުރަން ޖެހޭނެ ހެއްޔެވެ؟ ބޮޑެތި މީހުން، ދަރިވަރުންނާ ގާތް ވެވޭނޭ ހުރިހާ ތަނެއް، ދަރިވަރުންގެ ޙިމާޔަތަށް ޓަކައި ރަޖިސްޓަރީ ކުރަން ޖެހޭ ގޮތަށް، މާއްދާގެ (ށ) ގެ (4) އަންނަނިވި ގޮތަށް އިޞްލާޙްކުރަން ފެނެއެވެ.
(4) މަތީގައިވާ ތަންތަނުގެ އިތުރަށް، އެއްވެސް ފުނަރެއް، ހުނަރެއް، ޢިލްމެއް ފަދަ ކަމެއް ދަސްކޮށް ދިނުމަށް ކުޑަކުދީން އާދަކޮށް އެއްކުރެވޭ ކޮންމެ މަރުކަޒެއް. [މިއިން ބޮޑެތި މީހުން، މ. ވިޔަން ދަސްކޮށްދިނުމަށް، އެއް ކުރެވޭ ތަންތަން އިސްތިސްނާ ވެއެވެ].
(24)

މަތީގައިވާ މާއްދާއަކީ، މުދައްރިސުން ރަޖިސްޓަރީ ކުރުމާ ބެހޭ މާއްދާއެކެވެ. މި މާއްދާގައި ސްކޫލްތައް ފިޔަވައި އެހެން ތަނެއްގައި ވެސް މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ރަޖިސްޓަރީ ކުރަން ޖެހެއެވެ. މިހެން ވެއްޖެނަމަ، ކޮލެޖުތަކާއި، ޤުރްއާން ކިޔަވައިދޭ އެދުރުގެ ތަކާއި ޓިއުޝަން ސެންޓަރުތައް ވެސް ހިމެނޭނެއެވެ. ނަމަވެސް، މިފަދަ ޤާނޫނުތަކުގައި، މިހާ ފުޅާކޮށް މި ލިޔެފައެއް ނުހުރެއެވެ. ނަމަވެސް، އުނިވާ ބައެއް އެބަ އުޅެއެވެ. އެއީ ކުޑަ ކުއްޖަކާ ތަމްރީނުގެ ޙާލަތެއް ނުވަތަ އެހެންވެސް ޙާލަތެއްގައި ގާތް ވެވޭނަމަ، ކުއްޖާގެ ޙިމާޔަތަށް ޓަކައި، ބޭނުންވާ ލައިސަންސް އެކެވެ. މިލައިސަންސް، ރަޖިސްޓަރީ ކުރުމާ ތަފާތު ވާނެެއެވެ. ދަސްކުރާ މުދައްރިސުން ވެސް، މި ލައިސަންސް ހޯދަން ޖެހޭނެއެވެ. ތިރީގައި އެވަނީ އޮސްޓްރޭލިއާ ގައި ދޭ މިފަދަ ލައިސަންސްގެ ފޮޓޯއެކެވެ. ކުޑަކުދީންނާ އެކު މަސައްކަތް ކުރުން ހުއްދުކުރުމުގެ ގޮތުން ދޭ މި ލައިސަންސް. ދުވަހަކުވެސް މައްސަލައެއް މެދުވެރިވެފައި ވާ ނަމަ، ނުލިބޭނެއެވެ.

މަތީގައި ދެންނެވުނު ލައިސަންސް، ދުވަހީ ގޮތެއްގައި ކުޑަކުއްޖަކާ ގާތްވެވޭ ކޮންމެ މީހަކު ހޯދަން ޖެހެއެވެ. މީގެ ތެރޭގައި އޮފީހުގައި އުޅޭ އިދާރީ މުވައްޒަފުންނާއި ދާއިމީކޮށް ގެންގުޅޭ ކޮންޓްރެކްޓް މީހުންވެސް ހިމެނެއެވެ.
(25)
މި އިސްލާޙުގައި ހިމެނެނީ މުދައްރިސުން ރަޖިސްޓަރީކޮށް ލައިސަންސް ދިނުމާ ބެހޭ ކަންކަމެވެ. މިއީ ދިގު މާއްދާއެކެވެ. މި މާއްދާގެ ދަށުން މުދައްރިސުން ރަޖިސްޓަރީވާން ޖެހެއެވެ. މި ރަޖިސްޓަރީ ވާ ބޯޑަށް ކިޔާ ނަމަކީ ޓީޗަރސް ރަޖިސްޓްރޭޝަން ބޯޑު ކަމަށް މާއްދާގައި ވެއެވެ. އަޅުގަނޑުގެ އެއް ހުށަހެޅުމަކީ، މި ނަން ޓީޗަރ ރަޖިސްޓްރޭޝަން ބޯޑް އަށް ބަދަލުކުރުމެވެ. އެއީ ދިވެހީންނަށް ކިޔަން ފަހިވާނެ ގޮތަށެވެ. ”ޓީޗަރސް“ އަދި ”ޓީޗަރ“ ކިޔަސް ރަނގަޅުވާނެއެވެ. ނަމަވެސް، ޓީޗަރ ކިޔުމުން ކިޔަން ފަސޭހަވެފައި ބޯޑަށް ދެވޭ ސަމާލުކަން ބޮޑެވެ.

ދެވަނައަށް ފާހަގަކުރެވޭ ކަމަކީ ބޯޑުގެ މެންބަރުންގެ އަސާސީ ޝަރުޠު ބަޔާންވެގެން ނުވުމެވެ. އެންމެ އެދެވޭ ގޮތަކީ، މި ބޯޑުގެ ހުރިހާ މެންބަރުންގެ ކިބައިގައި މަދުވެގެން ފުރަތަމަ ޑިގްރީ އާއެކު ބޯޑުން ޤަބޫލުކުރާ ފެންވަރުގެ، މަދުވެގެން ފުލްޓައިމް 1 އަހަރުން ނިންމާފައިވާ މުދައްރިސް ކަމުގެ ޑިޕްލޮމާއެއް ނުވަތަ އެފަދަ ސަނަދެއް އޮތުމެވެ. މުދައްރިސް ކަމުގެ ސަނަދާއި ތަޖުރިބާ ލިބިފައި ނުވާ މީހުން، މުދައްރިސުން ރަޖިސްޓަރީ ވުމާ ބެހޭ ގޮތުން، ގޮތްނިންމުމަކީ ޢާއްމުންގެ އިތުބާރު އޮންނާނޭ ގޮތެއް ނޫނެވެ. [ލައިސަންސްތައް ހުންނަނީ ގިންތި ކޮށްފައެވެ. ބޯޑުގެ މެންބަރުންނަކީ އެންމެ މަތީ ގިންތިއަށް ފެތޭ ލައިސަންސް އޮންނަ މީހުންނަށް ވާނަމަ، ފެންވަރު ހިފެހެއްޓުން ފަހިވާނެއެވެ.]
ތިންވަނައަށް ފާހަގަ ކުރެވޭ ކަމަކީ، މިހާރު އޮތް ގޮތުން، ބޯޑުގެ ރިޔާސަތު ބަލަހައްޓާނީ ސިޔާސީ ގޮތުން ޢައްޔަނު ކުރެވޭ ޑެޕިއުޓީ މިނިސްޓަރެއް ނުވަތަ ސްޓޭޓް މިނިސްޓަރެކެވެ. ނަމަވެސް، ހުށަހަޅާފައިވާ އިޞްލާޙުގައި މިބައިވަނީ އުނިކޮށްފައެވެ. އެހެންކަމުން، މިނިސްޓަރަށް ފަންނީ މީހަކު، ރަޖިސްޓްރާރ ގެ ގޮތުގައި ޢައަޔަނު ކުރެވިދާނެއެވެ. މި ބޯޑު ފޭލިވާނެ އެންމެ ފަސޭހަ ގޮތަކީ، ސިޔާސީ މީހަކު ރެޖިސްޓަރަރ އަކަށް ލައި، އޭނާ ބޭނުންވާ ފަރަާތްތަކަށް ލައިސަންސްތައް ބަހާލުމެވެ. އެހެންކަމުން، އެކުލަވައިލާ އިރު، މި ގޮތަށް ކަންތައްތައް ނުވާނޭ ގޮތް ހިމެނުން މުހިއްމު ވާނެއެވެ.
ހަތަރުވަނައަށް އިޞްލާޙް ގެނެވިދާނޭ ކަމަކީ ބޯޑުގެ ނިންމުންތައް ނިންމާނޭ ގޮތް ހިމެނުމެވެ. މިސާލަކަށް (ކ) ބޯޑުގެ ހުރިހާ ނިންމުންތަކެއް ނިންމާނީ، އަޣްލަބިއްޔަތުންނެވެ. މިފަދައިން ހިމެނުމެވެ.
(26)

މިއީ ޤާނޫނުގެ އެންމެ ފަހަތުކޮޅުގައި އެކި ޢިބާރާތްތަކުގެ މާނަ ހިމެނިފައިވާ ބައިގެ ބައެކެވެ. މީގައި އިޞްލާޙެއްކަމަށް ވަނީ ޘާނަވީ އޭ ބުނުމުން އޭގައި މަތީ ޘާނަވީ ނުހިމެނޭ ގޮތަށް ލިޔެފައިވާ ތަޢުރީފެވެ. ނަމަވެސް، މިއީ ރަނގަޅުގޮތެއް ކަމަކަށް ނުފެނެއެވެ. އެއީ ސެކަންޑަރީގެ (ޘާނަވީގެ) ތަޢުރީފުގައި، ދަށު ޘާނަވީ އާއި މަތީ ޘާނަވީ ހިމެނޭތީއެވެ. ޢާއްމުކޮށް ބޭނުންކުރާ ލަފުޒަކަށް މިފަދަ ޚާއްޞަ މާނައެއް ދިނުމަކީ އެދެވޭ ކަމެއް ނޫނެވެ.
(27)

ކުރިން ބަޔާން ކުރި ފަދައިން، މި ބައި އުނިކުރުމަކީ އެއްވެސް ގޮތަކަށް އެދެވޭ ކަމެއް ނޫނެވެ. ނުރަސްމީ ތަޢުލީމަކީ، އެހެން ދާއިރާއެއްގެ ޒިންމާއެއް ކަމުގައި ލިޔެފައިވާތީ ފެނިފައެއް ނުވެއެވެ. ބަދަލުކުރާ ނަމަ، ”ކޮންޓިނުއިންގ އެޑިޔުކޭޝަން“ މި ކަލިމަ އުނިކުރަން ހުށަހަޅަމެވެ. އިނގިރޭސި ވިލާތުގެ އިސްތިލާޙުގައި ކޮންޓިނުއިން އެޑިކޭޝަން ކިޔަނީ، ވަކި ދާއިރާއަކަށް ތަޚައްޞުޞްވުމަށް ފަހު، އިތުރަށް ތާޒާވުމަށް ކިޔަވާ ކިޔެވުމަށެވެ. މިސާލަކަށް، ވަކީލުކަން ކިޔެވުމަށް ފަހު، ތާޒާވުމަށް ނުވަތަ އެހެން ދާއިރާއަކަށް ޚާއްޞަވުމަށް ކިޔަވާ ކިޔެވެއްޔަކީ އެ ތަޢުލީމެެވެ. ނުރަސްމީ ތަޢުލީމުގެ ތެރޭގައި، ޖަލުގެ މީހުންނަށް ހިންގާ ކޯސްތަކާއި، ލިޔަންކިޔަން ނޭނގޭ މީހުންނަށް ކިޔަވައިދޭ ކިޔެވުމާއި، ސަނަދު ހޯދުމުގެ ބަދަލުގައި، ޝައުޤުވެރި ކަމަށް ޓަކައި ރީއްޗަށް ޢަރަބި ލިޔަން ހިންގާ ކޯސްތައް ފަދަ ކޯސްތައް ހިމެނެއެވެ. ނުރަސްމީ ތަޢުލީމަށް ވުރެ މި މަސައްކަތަށް އެކަށޭނެ ޢިބާރާތެއް ނުވެއެވެ.
ނުރަސްމީ ތަޢުލީމުދޭ މަރުކަޒު އުވާލައި، އެތަނުގެ މަސައްކަތް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން އަށް ބަދަލުކުރި ފަހުން، އެ ދާއިރާ އެކަށީގެންވާ ގޮތަށް ހިނގާފައި ނުވަނީ މަސައްކަތް ކުރުވާ މީހުން އެކަމަށް ދޭން ޖެހޭ ސަމާލުކަން ނުދިނުމުންނެވެ. އޭގެ ބޭނުންތެރިކަން ނެތިގެންނެއް ނޫނެވެ. މި އުވާލުމުން، ލިޔަންކިޔަން ނޭނގޭ މީހުންނަށް އަސާސީ ތަޢުލީމު ދޭނީ ކޮން ފަރާތަކުން ތޯއެވެ؟
(28)

މި ދެ ތަޢުރީފު ވަޒަންކުރާއިރު، ލަފުޒުގެ އަޞްލު މާނައާ ގުޅެނީ މިހާރު އޮތް ގޮތެވެ. އިޞްލާޙެއް ނޫނެވެ. މިނިސްޓްރީއިން ހުއްދަ ކުރިއަސް ނުކުރިއަސް، ބައިނަލްއަަޤްވާމީ އިމްތިޙާނެއް އެ ނޫން އެއްޗަކަށް ނުވާނެއެވެ. “ބައިނަލްއަޤްވާމީ” ކިޔާއިރު، ޤައުމުތަކަށް ރިއާޔަތް ނުކޮށް ތަޢުރީފު ލިޔެފައިވުމަކީ ކުށެއް ކަމަށް ބެލެވެއެވެ.
(29)

މި ތަޢުރީފު އުނިކުރުމުން އިޝާރާތް ކުރެވެނީ، މި ޢިބާރާތް ޤާނޫނުގައި އެއްވެސް ގޮތަކަށް ބޭނުންކޮށްފައި މިހާރު ނުވާކަމެވެ. މިކަން ޔަޤީން ކުރުން މުހިއްމު ވާނެއެވެ.
(30)

އިޞްލާޙް ރަނގަޅު ކަމަށް ފެނެއެވެ. ނަމަވެސް ”މަދުރަސީ“ އަކީ ބަސްފޮތުގައި އޮންނަ ލަފުޒެއް ނޫނެވެ. އެހެންވީމާ ރަނގަޅުވާނީ ޢަރަބި އުސޫލާ އެއްގޮތަށް ފިލިޖެހުމެވެ. مَدْرَسِي ލިޔުމެވެ. މަދްރަސީ ލިޔުމެވެ. މިބަދަލު މުޅި ޤާނޫނަށް ގެންނަން ޖެހޭނެއެވެ.
(31)

އިޞްލާޙް ރަނގަޅުކަމަށް ފެނެއެވެ. ރާއްޖޭގައި މީހަކު މިޔުޒިކު ކިޔަވައިދޭން “މިޔުޒިކް ސްކޫލް” ގެ ނަމުގައި ތަނެއް ހުޅުވިއަސް، މި ޤާނޫނެއް އެތާނގެ މައްޗަށް ހިނގާނީ ޓިއުޝަން ސެންޓަރެއްގެ މައްޗަށް ހިނގާ ފަދައިންނެވެ.
(32)

ކުރިން އޮތް ގޮތް މާ ބޮޑަށް ރަނގަޅު ކަމަށް ފެނެއެވެ. ދުނިޔޭގެ ފެންވަރުގައި ކޮމިޔުނިޓީ ސްކޫލް ކިޔާ ތަންތަން ރާއްޖޭގެ ހާލަތުގައި އެހެން ގޮތަކަށް ޑިފައިން ކުރުމުން ނުވަތަ ތަޢުރީފުކުރުމުން ފާހަގަކުރެވޭނީ ޤާނޫނުގެ އުނިކަމެވެ. ކޮމިޔުނިޓީ ސްކޫލެއް ވަކި ފަރުދަކަށް ނުވަތަ ބައެއްގެ މުއައްސަސާ އަކުން ވެސް ހިންގިދާނެއެވެ. ކޮމިޔުނިޓީ ސްކޫލްއެއްގެ އެންމެ އަސާސީ ސިފައަކީ އެ ސްކޫލްގެ ނިސްބަތްވާ މުޖުތަމަޢުގެ މީހުން ނުވަތަ ބެލެނިވެރީން ނުވަތަ ދަރިވަރުން، އެ ސްކޫލް ހިންގުމުގައި އިސްކޮށް ބައިވެރިވުމެވެ.
(33)

ޢަރަބީގެ ހަމަތަކަށް ބަލާއިރު، ޤުރުއާން ލިޔަންވާނީ ޤުރްއާން މިގޮތަށެވެ. ނަމަވެސް، ޤުރުއާން ބަސްފޮތުގައި ވެއެވެ. ކުދިންތަކެއް ކިލާހެއްގެ ގޮތުގައި ބަލަންވާނީ އާދަކޮށް ކިޔަވައިދޭނަމަ އެވެ. އެއް ފަހަރަކު ޤުރްއާން ކިޔެވުމަށްޓަކައި، 6 ދަރިވަރުން ތަނަކަށް ޖަމާޢަތް ވިއަސް އެ ކިލާހެއްގެ ގޮތުގައި ބަލައިގެން ނުވާނެއެވެ. ބަލަންވާނީ އެ ބައްދަލުވުން ތަކުރާރު ވާނަމައެވެ. އެހެންކަމުން ފާހަގަކޮށްފައިވާ ތަނުގައި ”އާދަކޮށް“ މިހެން ލިޔަން ހުށަހަޅަމެވެ.
މަޖޫބޫރު ތަޢުލީމު އާއި އިތުރު ކުރި އަކުރު
ކުރިން ދެންނެވުނު ހެން، މިހާރު ހިނގަމުންދާ ޤާނޫނުގައި، މަޖުބޫރު ތަޢުލީމު ތަޢުރީފުކޮށްފައި ވަނީ ސާކިޔުލަރ ކޮށެވެ. އެއީ ލަފުޒުގެ މާނަ ހޯދުމަށް، ޤާނޫނުގައި ބޭނުންކޮށްފައިވާ ލަފުޒުތަކުގެ މާނަ ލިޔެފައިވާ ބަޔަށް ދިއުމުން ރިއާޔަތް ކުރަނީ މާއްދާއަށެވެ. މާއްދާއިން އެއީ ކޮން އެއްޗެއް ކަން ސާފެއް ނުވާނެއެވެ. ޖެހޭނީ އެކި ޢިބާރާތްތަކުގެ މާނަ ބަލާށެވެ.
ސިންގަޕޫރުގައި މަޖުބޫރު ތަޢުލީމަށް ވަކި ޤާނޫނެއް ވެއެވެ. އެ ޤާނޫނު ތިރީގައިވާ ޖުމުލައަށް އޮބައިލެއްވުމުން ފެނިވަޑައިގަންނަ ވާނެއެވެ.
Compulsory Education Act, 2000
https://sso.agc.gov.sg/Act/CEA2000?ProvIds=pr4-
ސިންގަޕޫރުގައި މަޖުބޫރު ތަޢުލީމު މާނަކުރަނީ ވަކި ގޮތަކަށެވެ. އެހެން ގިނަ ޤައުމުތައް ފަދައިންނެވެ. އެއީ މަދްރަސީ ތަޢުލީމުން ހޮވާލެވިފައިވާ ބައެކެވެ. ސަބްސެޓެކެވެ. ކަސްރެކެވެ. މި މައްސަލަ ހައްލުކުރަން 15 ގައި އަޅުގަނޑު ވާނީ އަންނަނިވި ގޮތަށް ލިޔެފައެވެ.
(ރ) މަޖުބޫރު ތަޢުލީމަކީ، ޤައުމީ މަންހަޖުގެ ތެރެއިން، މިނިސްޓަރު ނުވަތަ އޭނާ ޢައްޔަނުކުރާ ފަރާތެއް ޝާއިޢު، ކުރާ، އުނގެނުމުގެ ދާއިރާތަކާއި ފެންވަރެވެ.
ނަމަވެސް ސިންގަޕޫރުގައި މިކަން ކުރަނީ ކޮމިޓީއަކުންނެވެ.
މި ބަދަލު 47 ވަނަ މާއްދާގެ ތަޢުރީފަށް ގެނައުން މުހިއްމު ވާނެއެވެ.
23 ވަނަ މާއްދާގެ ފަހަތަށް އިތުރު ކުރި އަކުރު
23 ވަނަ މާއްދާއަށް އަލަށް އިތުރުކުރާ ބައިގައިވަނީ ދިރާސީ އަހަރު، ޖަނަވަރީން ފެށެން ޖެހޭ ވާހަކައާއި، ދިރާސީ ކަލަންޑަރުގައި ހިމެނެން ޖެހޭ ބައިތަކާއި ދިރާސީ އަހަރުގެ ދިގުމިނުގެ ވާހަކައެވެ. ދިރާސީ އަހަރުގެ ދިގުމިނާ ބެހޭ ގޮތުން އެހެން މަޒުމޫނެއް ލިޔެ ޝާއިޢުކޮށްފައި ވެއެވެ. އެ މަޒުމޫނު ތިރީގައިވާ ފޮޓޯއަށް އޮބައިލުމުން ފެނިވަޑައިގަންނަވާނެއެވެ. [https://hassanhameed.com/school-education/on-making-the-school-year-195-days/[
އަލަށް އިތުރުކޮށްފައިވާ ދިރާސީ އަހަރާ ބެހޭ މާއްދާތަކުގެ ޢިބާރާތް މިހާރަށް ވުރެ ރަނގަޅު ކުރެވޭނެއެވެ. މިސާލެއްގެ ގޮތުން، ”ކޮންމެ އަހަރެއްގެ ދިރާސީ އަހަރު ފަށަންވާނީ، އެ އަހަރެއްގެ ޖަނަވަރީ މަހުން ފެށިގެންނެވެ.“ މިހެން އޮތުމުން، ދިރާސީ އަހަރު ޖަނަވަރީ މަސް ފެށޭއިރު ފަށަންވާނެ ކަމަށް އިޝާރާތް ކުރެވެއެވެ. އެކި ސަބަބުތަކާ ހުރެ، ޖަނަވަރީ 1 ގައި ނުވަތަ 2 ގައި ނުފެށިދާނެއެވެ. އެހެންކަމުން، އެދޭ ނަތީޖާ ނެރުމަށް، ”ކޮންމެ ދިރާސީ އަހަރެއް ފަށަންވާނީ، ޖަނަވަރީ މަހުއެވެ.“ ލިޔުމުން މަޤްޞަދު ޙާޞިލް ވާނެއެވެ.
ދިރާސީ އަހަރު ދިގުކުރުމުން އެކަމުގެ ރާހަތެއް ދަރިވަރުންނަށް ކުރާނީ، ކިޔަވައިދޭ ދުވަސްތައް ގިނަ ކުރެވިއްޖެ ނަމައެވެ. މިހާރު، ކަންތައްތައް ވާގޮތަކީ، ކިޔަވައިދޭން ކަނޑައަޅާފައިވާ އެތައް ދުވަހަކު، ނުކިޔަވައިދީ، ކޮންމެވެސް ޙަރަކާތެއްގައި، މިސާލަކަށް ޚާއްޞަ ދުވަހެއް ފާހަގަކުރުމުގައި، ދުވަސް ނަގައިލުމެވެ. ކިޔަވަން ކަނޑައެޅިފައިވާ ދުވަހުގެ ޢަދަދު ދިރާސީ ކަލަންޑަރުގައި، ޓާމުގެ ދުވަސްތައް ފަދައިން ލިޔެފައި އޮތުމަކީ، ވަރަށް މުހިއްމު ކަމެކެވެ. ފަހެ، ނާޒިރެއްގެ އެންމެ މުހިއްމު ވާޖިބަކީ ދަރިވަރުންނަށް ކިޔަވައިދޭ ވަގުތު، ނުގުޅޭ ކަންކަމުން ޙިމާޔަތް ކުރުމެވެ.

Leave A Comment