އަވަސް ނަޒަރަކުން މަތީ ތަޢުލީމާ ބެހޭ ބިލަށް ބަލައިލުން

މި މަޒުމޫނުގައި އަޅުގަނޑު މި ގެނެސްދެނީ، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާ ބެހޭ ގޮތުން އެކުލަވައިލާފައިވާ ބިލަކަށް ކޮށްފައިވާ ކޮމަންޓްއެވެ. ކޮމަންޓް އަކީ އެއްޗަކާ ނުވަތަ ކަމަކާ މެދު އަނގަބަހުން ނުވަތަ ލިޔުމުން މީހަކު ހާމަކުރާ އޭނާގެ އަމިއްލަ ޚިޔާލެވެ.

މަތީ ތަޢުލީމާ ބެހޭ ބިލް މި ލިންކުން ފެނިވަޑައިގަންނަވާނެއެވެ.

އާދެ! މި ބިލަކީ ރައްޔިތުންގެ މަޖިލިހަށް 6 ޑިސެމްބަރ 2019 ގައި، ވެލިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް މުޙައްމަދު ޢަބްދުﷲ ޝަފީޤު ހުށަހެޅުއްވި ބިލެއްކަމަށް މަތީގައިވާ ޞަފުޙާގައިވާ ލިންކުން ޑައުންލޯޑުވާ ބިލުގެ ފުރަތަމަ ޞަފުޙާގައި ވެއެވެ. އަދި ބިލް ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުން ކަމަށް ވެސް ބިލުގައި ވެއެވެ. މި ބިލަކީ ކޮންމެ މީހަކަށް ވެސް، ބޭނުންވެއްޖެނަމަ ލިބޭނޭ ގޮތަށް، ޢާއްމުކޮށްފައިވާ، ޢާއްމުންގެ މައިދާނުގައި ނުވަތަ ދާއިރާގައި (ޕަބްލިކް ޑޮމެއިންގައި) ވާ ލިޔުމެކެވެ. އަޅުގަނޑު ކޮމަންޓް ކޮށްފައިވަނީ އަމިއްލަ ހައިސިއްޔަތަކުންނެވެ. މ ބިލް ހުށަހެޅި ފާސްވިއިރު ރައީސް އަކަށް ހުންނެވީ އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ. މަތީ ތަޢުލީމާ ބެހޭ ވަޒީރަކީ އިބްރާހީމް ޙަސަން އެވެ. މި ބިލް ހުށަހެޅޭނީ ވަޒީރު ތައުކީދު ކުރެއްވުމުންނެވެ.

މި ބިލަށް ކޮމަންޓް ކުރުމުގެ އަޅުގަނޑުގެ ދެ ބޭނުމެއް ވެއެވެ.

އެންމެ ފުރަތަމަ އަދި އެންމެ މުހިއްމު ބޭނުމަކީ، އަޅުގަނޑު ކޮށްފައިވާ ކޮމަންޓްތަކުން، ކިޔުންތެރިންނަށް ކަންތައްތަކެއް ދަސްވުމެވެ. ލިޔުންތަކާ މެދު ފުންކޮށް، ފުޅާކޮށް ވިސްނައި ކޮމަންޓްކުރާނޭ ގޮތުގެ މިސާލެއް ހުށަހެޅުމެވެ. މިގޮތުގެ މަތިން، ބިލަށް ކޮމަންޓް ކޮށްފައިވަނީ، ކަމަށް ކަމޭހިތާ ސްޕަރވައިޒަރުން ދަރިވަރުންގެ ތީސިސްގެ ޗެޕްޓަރުތަކަށް ކޮމަންޓް ކުރާ ބީދައިންނެވެ. އެގޮތުގެ މަތިން، އިމްލާކުށްތަކާއި، ބަހުގެ ކުށްތަކާއި ޖުމުލަތައް އެމުނި އެކުލަވާ ގޮތަށާއި، ބިލުގެ ލޮޖިކް ނުވަތަ މަންޠިޤް ހަމަތަކަށާއި، ބިލުގައި ހިމެނޭ ކަންތައްތަކުގެ އިތުރަށް ނުހިމެނޭ ކަންތައްތަކަށާއި އެކި ބައިތަކުގެ ގުޅުމަށް ކޮމަންޓްކޮށްފައި ވާނެއެވެ. އަދި، ގިނަ ފަހަރު، ޖުމުލަތަކުގެ ކުށްތަކާއި ރަނގަޅުކުރާނޭ ގޮތްތައް ބުނެދީފައި ވާނެއެވެ.

ތީސިސްގެ ޗެޕްޓަރުތަކަށް ކޮމަންޓް ކުރާނޭ ގޮތް އިތުރަށް ދަސްކުރަން ބޭނުންވާ ފަރާތްތަކުން ތިރީގައިވާ މަޒުމޫނު ކިޔުއްވުން އެދެމެވެ. އޭގައި، މި ދެންނެވި ވަރަށް ވުރެ ގިނަ ތަފްޞީލުތައް ހިމަނާފައިވާނެއެވެ.

 އަޅުގަނޑު ދެކެނީ، ކޮންމެ ލިޔުމަކީ، ފިޔައެއް ފަދަ ފަށަލަތަކެއްވާ އެއްޗެއްކަމަށެވެ. އެއިން އެއް ޅިޔަ (ދުލި ނުވަތަ ފަށަލަ) ނައްޓާލުމުން މެނުވީ އަޑީގައިވާ ޅިޔަތަކެއް އަދި އޭގެ އުނިކަމެއް ނުފެންނާނެއެވެ. އެންމެ ފުރަތަމަ، އިމްލާކުށްތަކާއި ބަހުގެ ކުށްތައް ރަނގަޅު ކުރުމުން ނޫނީ އޮށްޓަރުގައިވާ ކުށްތައް ހޯދަން ދަތިވާނެއެވެ. ދެން، އެންމެ ފަހުން، އެންމެ އަޑީގެ ގޮނޑިއާ ހަމައަށް ވާޞިލުވުމުން، މުޅި ލިޔުމުގެ އަރަގު ނުވަތަ ޖައުހަރާ މެދު ފެންނަ އެއްޗެއް ބުނެ، އެ ވަޒަންކުރަން ފަސޭހަވާނެއެވެ.

ޤާނޫނުތައް ޑްރާފްޓްކުރުމަކީ ނުވަތަ އެކުލަވައިލުމަކީ ލިޔުންތެރިކަމުގެ ޚާއްޞަ ދާއިރާއެކެވެ. ޤާނޫނަކީ ސަރުކާރުގެ ސިޔާސަތަށް ޤާނޫނީ ބާރު ދޭ ލިޔުމެކެވެ. މިކަމުގައި އިސްކަންދޭން ޖެހޭ ކަމަކީ، ޤާނޫނަކުން އަސަރުކުރާނޭ މީހުންނަށާއި، އެ ޤާނޫނެއް ހިންގަން ތިބޭ މީހުންނަށާއި ފަނޑިޔާރުންނަށް ލިޔުމުން އެއް މާނައެއް ދޭހަވާގޮތަށް ޤާނޫނު ލިޔުމެވެ. އާޚިރުގައި ޤާނުނަކުން ނެގޭ މާނައަކީ ފަނޑިޔާރު ނެރޭ މާނައެވެ. މިކަމުގައި އޭނާ ބޭނުންކުރާނީ، ޤާނޫނުތައް ތަފްސީރުކޮށް މާނަދެނެގަތުމަށް ބޭނުންކުރާ ޚާއްޞަ އުޞޫލުތަކެކެވެ. އެ ހިސާބުން ލިޔުނު މީހުންނާއި ޤާނޫނު ހިންގަންތިބޭ މީހުން މާނަކުރި ގޮތް، އޮޔާ ދާނެއެވެ. ޤާނޫނު ޢިބާރާތްކުރި މީހުންގެ ހިތުގައި އޮތް މާނަ ނޫން އެހެން މާނައެއް ފަނޑިޔާރު ކަނޑައަޅައި، ޤާނޫނުގެ މާއްދާތައް ސަރުކާރުން ލިޔުނު މަޤްޞަދާ ޚިލާފަށް ފަނޑިޔާރުން މާއްދާތައް މާނަކޮށްގެން ބޮޑެތި ކަންތައްތައް އެތައް ފަހަރަކު ރާއްޖޭގައި ހިނގާފައި ވެއެވެ.

މިހެންކަމުން ޤާނޫނު ލިޔުމުގައި ވިސްނަންޖެހޭ ޚާއްޞަ ކަންތައްތަކެއް ހުރެއެވެ. އެންމެ މުހިއްމު ކަންތައްތަކުގެ ތެރޭގައި، އެއްވެސް ގޮތަކަށް މަޖާޒީ މާނަ ދޭހަވާ ޢިބާރާތްތައް ޤާނޫނެއްގައި ބޭނުން ނުކުރުމާއި، ޤާނޫނެއްގައި ދެ ލަފުޒުން އެއް މާނައެއް ނުނެރުމާއި، އިބާރާތެއްގައި ވެށީގައި ހިމެނޭ ލަފުޒުގެ ޢާއްމު މާނަ ނޫން އެހެން މާނައެއް ދޭހަވާ ގޮތް ނުހެދުމާއި، މާއްދާތައް ވީވަރަކުން މުސްތަޤިއްލުވުމާއި، ނަމުގެ ބަދަލުގައި ބޭނުންކުރާ ”އޭނާ“، ”އޭގެ“، ”އެހެން“ ފަދަ އިޝާރާތުގެ ލަފުޒުތައް ޤާނޫނުގެ ވަކި މާއްދާއެއްގައި ކުރީ މާއްދާއެއްގައި ހިމެނޭ ނަމަކަށް ނުވަތަ ކަމަކަށް ނިސްބަތްކޮށް ނުބުނުން ހިމެނެއެވެ. ޤާނުނުތަކުގެ ކުރިމަތީގައި އެންމެން އެއްވަރުވާތީ، ޤާނޫނާއި ގަވާއިދު ލިޔަނީ އެންމެ އާދައިގެ ބަހުރުވައިންނެވެ. ޤާނޫނީ ލިޔުމެއްގައި އިމްލާކުށްތަކާއި ބަހުގެ ގަވާއިދުގެ ކުށްތައް ހުރުމަކީ އެއްވެސް ގޮތަކަށް ޤަބޫލުކުރެވޭނޭ ކަމެއްނޫނެވެ.

މިދެންނެވި ކަންތައްތަކުގެ އިތުރަށް، ޓެކްނިކަލް ލަފުޒުތައް ޤާނޫނެއްގައި ބޭނުންކުރަންވާނީ އެހެން ގޮތެއް ނެތިގެން ވަކި ޚާއްޞަ މާނައެއް ދޭހަކުރުމަށެވެ. ޓެކްނިކަލް ހުރިހާ މާނަތަކެއް ސާފު ދިވެހިބަހުން ފަހު ނުވަތަ ކުރީ މާއްދާއެއްގައި ބަޔާންކުރަން ވާނެއެވެ. ފަނޑިޔާރުންނަކީ ދުނިޔޭގައިވާ ހުރިހާ ދާއިރާއަކަށް ފާގަތި، ހުރިހާ ޓެކްނިކަލް ލަފުޒެއްގެ މާނަ އެނގޭނޭ ބައެއް ނޫނެވެ. ޖުމުލަތައް ކުރުކުރުމާއި، ވަކި ބާބެއްގައި ޖުމުލަތައް އަންނައިރު، އޭގައި ތަރުތީބެއް ހުރުމާއި، ފަހުން އަންނަ ވާހަކައަކަށް ކުރިން އިޝާރާތްކޮށް ޖުމުލަތައް ނުހިމެނުން ހިމެނެއެވެ. ފަހެ، ޤާނޫނު ޑްރާފްޓް ކުރުމަކީ ވަކި ޚާއްޞަ ޢިލްމަކަށް ވާތީ، މިހާ ހިސާބުން މިވާހަކަތައް ކުރުކުރަމެވެ. ނަމަވެސް، އަޅުގަނޑު މި ބަޔާންކުރި މިންވަރުން ވެސް، މަތީ ތަޢުލީމުގެ ބިލަށް ކްރިޓިކަލް ވިސްނުމުގެ ނަޒަރަކުން ބެލުމުން ދަރިވަރުންގެ ވިސްނުން މުއްސަނދިކުރާ މުހިއްމު ކަންތައްތަކެއް އޮޅުން ފިލާނެއެވެ. އަޅުގަނޑު ފާހަގަކޮށްފައިވަނީ ބައެއް ކަންތައްތަކެވެ. ޤާނޫނަކީ އަޅުގަނޑުގެ ދާއިރާއެއް ނޫނެވެ.  ދާއިރާގެ މާހިރެއްގެ ނަޒަރުން މި ބިލަށް ކޮމަންޓްކޮށްފިނަމަ، ކޮމަންޓްތައް މާފުރިހަމަ ވާނެއެވެ.

މި މަޒުމޫނު ލިޔުމުގެ ދެވަނަ ބޭނުމަކީ، އެހެން ކަންތައްތަކަށް ޝައުޤު ހުއްޓަސް، އަޅުގަނޑުގެ  މަސައްކަތުގެ ގިނަ ދުވަސްތައް ހޭދަކުރެވިފައިވަނީ ތަޢުލީމީ ދާއިރާގައެވެ. ޚާއްޞަކޮށް، މަތީ ތަޢުލީމުގެ ދާއިރާގައެވެ. މި ދާއިރާގައި، އެކި ހައިސިއްޔަތުން އުޅޭތާ މިވަނީ 22 އަހަރެވެ. އެގްޒެކެޓިވް ވަޒީފާތަކެއްގައި ގިނަ ދުވަހު އުޅުނަސް، ޓެކްނިކަލް ފެންވަރުގައި ހަރަކާތްތެރިވުމަކީ އަޅުގަނޑުގެ އާދައެކެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާ ބެހޭ ބިލެއް ހުށަހެޅިގެން އުޅޭއިރު، އެއަށް ކޮމަންޓްކުރުމަކީ އަޅުގަނޑަށް ޤައުމާއި ނަފުސު ލާޒިމްކުރާ ކަމެކެވެ.

މިއީ މަތީ ތަޢުލީމާ ބެހޭ ބިލަށް އަޅުގަނޑު ކޮމަންޓް ކުރާ ދެވަނަ ފަހަރެވެ. ފުރަތަމައަށް ކޮމަންޓްކޮށްފައިވަނީ 2007 ވަނަ އަހަރު، ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން އެންޑް ޓްރޭނިންގ ގައި ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލާ ވިސާމް ޢަލީ ހުންނެވި އިރު، އޭނާގެ އެދިވަޑައިގަތުމަކަށެވެ. އެފަހަރު ވެސް، ހަމަ މިފެންވަރަށް އަޅުގަނޑު ކޮމަންޓް ކުރީމެވެ. ފާހަގަކުރެވޭ ކަމަކީ ވޭތިވެދިޔަ 13 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ބިލަށް އެދެވޭ ފުރިހަމަކަމެއް އައިސްފައި ނުވާކަމެވެ.

ބިލްގެ ފުރަތަމަ ޞަފުޙާތައް މަޒުމޫނުގައި މި ހިމަނާފައިވަނީ ތަސްވީރުތަކެއްގެ ގޮތުގައެވެ. ކޮންމެ ތަޞްވީރަކަށް އޮބާލުމުން ވެސް ބޮޑުވާ ގޮތަށެވެ. މަޒުމޫނުގެ ފަހުކޮޅުގައި، ކޮމަންޓްކޮށްފައިވާ މުޅި ބިލް އެއްކޮށް ޑައުންލޯޑުކުރެވޭނޭ ލިންކެއް ހިމަނާފައިވާނެއެވެ.