.
މި މަޒުމޫނުގައި މި ގެނެސްދެނީ، މީހުންގެ ޙަޔާތުގެ އުފާވެރިކަމާބެހޭ ގޮތުން 75 އަހަރު ވަންދެން ކުރި ދިރާސާއެއްގެ ނަތީޖާއެވެ. މި ދިރާސާކުރީ އެމެރިކާގެ މަޝްހޫރު ޔުނިވަރސިޓީއެއް ކަމަށްވާ ހާވާޑް އިންނެވެ. އެތަނަށް 1938 ވަނަ އަހަރު ކިޔަވަން ވަން މީހުންނާއި އެތަން ހުންނަ އަވަށުގައި އުޅޭ ފަޤީރު ކުދިންގެ ގްރޫޕެއްވެސް ހިމެނޭ ގޮތަށް 724 މީހުންގެެ ޙަޔާތުގެ މައްޗަށެވެ. މިކުދިން ކިޔަވާ ނިމި މަރުވަމުން ދަން ދެން އެމީހުންގެ ދިރިއުޅުމުގެ ވާނުވާ ބަލާހެދިއެވެ. ނަތީޖާތޯއެވެ؟ އުފާވެރި ޙަޔާތެއްގައި ހިމެނެނީ މައިގަނޑު އެންމެ ކަމެކެވެ. މި ދިރާސާގެ ޚުލާޞާ ގެނެސްދީފައިވަނީ ”ޓެޑްޓޯކް“ ގެ ނަމުން މަޝްހޫރުވެފައިވާ ވީޑިއޯއަކުންނެވެ. މި ވީޑިއޯ ވޭތިވެދިޔަ ހަތަރު އަހަރުދުވަހުގެ ތެރޭގައި 12 މިލިއަން މީހުން ބަލާފައި ވެއެވެ. ބާރަ މިނެއްޓުގެ އެ ވީޑިއޯ އަޅުގަނޑު މި ތަރުޖަމާ ކުރަނީ ދިވެހި ކިޔުންތެރިންނަށް ދޭހަ ފަސޭހަގޮތަކަށް ޚުލާޞާކޮށްލާފައެވެ.
ޙަޔާތުގެ ދުވަސްތައް މާޒީވަމުންދާއިރު އުފާވެރިކަމާއި ރަނގަޅު ޞިއްޙަތުގައި އަހުރެމެން ދަމަހައްޓަނީކޮން ކަމެއް ހެއްޔެވެ؟ އުފާވެރިކަމާއި ރަނގަޅު ޞިއްޙަތުގައި މުސްތަޤްބަލްގައި ތިބާ ވުމަށް އެދޭނަމަ، އިސްކަންދޭނީ ކޮންކޮންކަމަކަށް ހެއްޔެވެ؟ 2000 ވަނަ އަހަރުގެ ފަހުން ވިހޭ ކުދިންގެ ކައިރީގައި އެމީހުންގެ ދިރިއުޅުމުގެ މުހިއްމު އަމާޒުތަކާ ބެހޭ ގޮތުން ދާދި ފަހުން ސުވާލު ކުރެވުނެވެ. ޖަވާބުގައި 80 އިންސައްތަ ކުދިން ބުނީ އެމީހުންގެ ދިރިއުޅުމުގެ މުހިއްމު އަމާޒަކީ މުއްސަދިވުން ކަމަށެވެ. އަދި، އެހެން 50 އިންސައްތަ މީހުން ބުނީ އެމީހުންގެ ދިރިއުޅުމުގެ މުހިއްމު އަމާޒަކީ މަޝްހޫރުވުން ކަމެވެ.
އަހަރުމެން ކައިރީގައި އެދުރުން ބުނަނީ ގަދަޔަށް މަސައްކަތް ކުރުމަށެވެ. ހިތްވަރާއެކު މަސައްކަތް ކުރުމަށެވެ. އަހުރެމެންނަށް ދަސްކޮށްދީފައިވަނީ، ރަނގަޅު ޙަޔާތެއްގެ ސިއްރަކީ އެއީ ކަމަށެވެ. މީހުން ޙަޔާތް އެއްކޮޅުން އަނެއްކޮޅަށް… ވިހޭންސުރެ މަރުވަންދެން އެމީހުން ކުރި ކަންތައްތަކާއި އެކަންތައްތަކުން ނުކުތް ނަތީޖާ ފަސޭއިން ހޯދިފައެއް ނުވެއެވެ. ދިރިއުޅުމާ ބެހޭ ގޮތުން، އަހުރެމެންނަށް އެނގެނީ މީހުންގެ ކައިރީގައި އެކި ސުވާލު ކުރީމާ ދޭ ޖަވާބުންނެވެ. ނަމަވެސް މީހުންގެ ހަނދާނަކީ އެންމެންނަށް އެނގޭނޭ ފަދައިން އެހާ އިތުބާރު ކުރެވޭ އެއްޗެއް ނޫނެވެ.
އެކަމަކު މީހުންގެ ދިރިއުޅުން، ފުރާވަރުން ފެށިގެން މުސްކުޅިވަންދެން، ފިލްމެއް ބަލާފަދައިން ބަލާނަމަ، އަހުރެމެންނަށް ފެންނާނީ ކޮންކަމެއް ހެއްޔެވެ؟ އެމީހުންގެ ދިރިއުޅުން، އުފަލާއި ހިތްހަމަޖެހުމާއި ދޮޅަހިކަމުގައި ވޭތުކުރުމަށް ފަހިކޮށްދެނީ ކޮންކޮން ކަންތައްތަކެއްކަން އަހުރެމެންނަށް އެނގި އޮޅުންފިލާނެއެވެ.
އަހުރުމެންގެ ދިރާސާގައި ކުރީ މިކަންތަކެވެ. އެއީ މުޅި ދުނިޔޭގައި ވެސް ކުރެވުނު އެންމެ ދިގު ދިރާސާއެވެ. 75 އަހަރު ވަންދެން 724 ފިރިހެނުންގެ ދިރިއުޅުން އަހުރެމެން ދިރާސާ ކޮށްފީމެވެ. ކޮންމެ އަހަރަކުހެން، އެމީހުންގެ ކައިރީގައި އަހުރެމެން ސުވާލުކޮށް ހަދަމެވެ. އެމީހުންގެ ވަޒީފާއާއި އެމީހުންގެ އާއިލީ ދިރިއުޅުމާއި ޞިއްޙަތާއި އެފަދަ ހުރިހާ ކަމެއް، އެމީހުންނަށް މުސްތަޤްބަލްގައި މެދުވެރިވާނީ ކޮންކޮން ކަންތައްތަކެއް ކަން ނޭނގި ހުރެ ސުވާލުކުރީމެވެ.
މިބާވަތުގެ ދިރާސާއަކީ ވަރަށް ނާދިރު ދިރާސާއެވެ. މީހުން ނުކުރާ ބާވަތުގެ ދިރާސާއެވެ. މިބާވަތުގެ މަޝްރޫޢުތައް ދަސްއަހަރު ތެރޭ ފޭލިވެއެވެ. ބައެއް ފަހަރު، ބައިވެރިން ވަކިވުމުންނެވެ. ނުވަތަ ދިރާސާ ކުރަންލިބުނު ބަޖެޓް ހުލިވުމުންނެވެ. ނުވަތަ ދިރާސާކުރާ ޢިލްމުވެރިން އެހެންކަންކަމަށް ޚިޔާލުގޮސް ނުވަތަ މަރުވެގެންނެވެ. އެމީހުން ކުރަމުން އައި މަސައްކަތާ ޙަވާލުވާނޭ އެހެން މީހަކު ނުވުމުންނެވެ. ނަމަވެސް މިދިރާސާ، ނަޞީބުންނާއި ހިތްވަރުން ކުރިއަށް އެބަ ދެއެވެ. ފެށިއިރު ތިބި 724 މީހުންގެ ތެރެއިން މިހާރު މަރުނުވެ ވަނީ އެންމެ 60 ވަރަކަށް މީހުންނެވެ. މީގެ ތެރެއިން ގިނަ މީހުން މިހާރު 90 އަހަރަށް ވުރެ ދޮށިވެއްޖެއެވެ. މިހާރު އަހުރެމެން އެމީހުންގެ 2000 ކުދިންގެ ޙަޔާތް ވެސް ދިރާސާކުރަމުން އެބަ ގެންދަމެވެ. އަހުރެންނަކީ، މި ދިރާސާގެ ހަތަރުވަނަ ޑިރެކްޓަރެވެ.
1938 ވަނަ އަހަރުން ފެށިގެން ޒުވާނުންގެ ދެ ގުރޫޕެއްގެ ދިރިއުޅުން ބަލާހަދައިފީމެވެ. ފުރަތަމަ ގުރޫޕަކީ ހާވާޑް ކޮލެޖަށް ވަން ޒުވާނުންނެވެ. އެ އެންމެން ކޮލެޖް ނިންމާ ދެވަނަ ބޮޑު ހަނގުރާމައަށް ދިޔައެވެ. ދެވަނަ ގުރޫޕަކީ ބޮސްޓަން އަވަށުގެ އެންމެ ފަޤީރު ހިސާބުގައި ދިރިއުޅޭ ޒުވާން ކުދިންނެވެ. މިކުދިން މި ދިރާސާގައި ބައިވެރިކުރީ އެ ކުދިންނަކީ ފަޤީރު، މައްސަލަ ބޮޑު އާއިލާތަކަށް ނިސްބަތްވާ ކުދިންކަމަށް ވާތީއެވެ. މިކުދިން ދިރިއުޅުނީ ފަޤީރުންނަށް ސަރުކާރުން އަޅާދޭ ގެތަކުގައި، އިސްކުރަށް ފެން ދޫކޮށްފައި ނުހުންނަ ހިސާބުގައެވެ.
ދިރާސާ ފެށުމާއެކު މުއްސަނދި ޒުވާނުންނާއި ފަޤީރު ޒުވާނުންނާ އިންޓަވިޔޫ ކުރެވުނެވެ. އެމީހުންގެ ޞިއްޙަތު ހުރިނެތްގޮތް ޑޮކްޓަރުންގެ ގާތަށް ފޮނުވައިގެން ބެލުނެވެ. އެމީހުންގެ ގޭގެއަށް ގޮސް، އެމީހުންގެ މައިންބަފައިންނާ އިންޓަރވިޔޫ ކުރެވުނެވެ. މި ޒުވާނުން ކިޔެވުން ނިމި ތަފާތު ވަޒީފާތަކާ ކުރިމަތިލިއެވެ. ބައެއް މީހުންވީ ފެކްޓަރީގައި މަސައްކަތް ކުރާ މީހުންނަށެވެ. އަނެއް ބައިމީހުންވީ ވަކީލުންނާއި ޑޮކްޓަރުންނާއި ރާނާ މީހުންނަށެވެ. އެކަކު އެމެރިކާގެ ރައީސަކަށް ވެސް ވިއެވެ. ބައެއް މީހުން ރާބުޔުމަށް ހެސްޖެހުނެވެ. މަދު ބަޔަކަށް ދެ މިޒާޖެއް ހުންނަ ބަލި ޖެހުނެވެ. ބައެއް މީހުން، އިޖްތިމާޢީ ހަރުގަނޑުގެ އެންމެ ފުލުން އެންމެ މައްޗަށް އެރިއެވެ. އަދި ބައެއް މީހުން އެ ހަރުގަނޑުގެ އެންމެ މަތިން ތިރިއަށް ފޭބިއެވެ. {މި ޢިބާރާތުގެ މާނައަކީ ބައެއް މީހުން މުއްސަނދި ޤަދަރުވެރިކަމުން ފަޤީރުކަމާއި ކުށްވެރިކަންފަދަ ދަށުދަރަޖައަށް ވެއްޓުނެވެ.]
1938 ވަނަ އަހަރު މި ދިރާސާ ފެށި މީހުންނަށް، އަހުރެން ތިޔަބައި މީހުންގެ ކުރިމަތީގައި މިރޭ ހުރެގެން މި ދިރާސާ މިހާރުވެސް ކުރިއަށްދާ ވާހަކަ ދައްކާނެކަން ޚިޔާލަށްވެސް ނާންނާނެއެވެ. ކޮންމެ ދެއަހަރުން އެއް އަހަރު، ދިރާސާގެ ކެތްތެރި ހީވާގި މުވައްޒަފުން، މިހާރު ދިރިތިބި މީހުންނާ ގުޅާ އެމީހުންގެ ޙަޔާތާ މެދު ކަންތައްތައް އޮޅުން ފިލުވަން އަނެއްކާ ވެސް، ސުވާލު ކަރުދާހެއް ފޮނުވިދާނެތޯ އަހައެވެ.
ދިރާސާގެ ބައިވެރިންގެ ޙަޔާތާމެދު، ކަންތައްތައް އޮޅުންފިލުވަން، އަހުރެމެން އެމީހުންނަށް ފޮނުވަނީ ހަމައެކަނި ސުވާލު ކަރުދާހެއް ނޫނެވެ. އެމީހުންގެ ގޭގޭގެ ބޮޑުކޮޓަރީގައި އެމީހުންނާ އިންޓަރވިޔޫ ކުރަމެވެ. އެމީހުންގެ ޑޮކްޓަރުންގެ ފަރާތުން، މެޑިކަލް ރިޕޯޓްތައް ހޯދަމެވެ. އެމީހުންގެ ގައިން ލޭ ނަގާ، އެމީހުންގެ ސިކުނޑި ސްކޭންކޮށް، އެމީހުންގެ ކުދިންނާ ވާހަކަދައްކާ ހަދަމެވެ. އެމީހުންގެ އަނބިންނާ ބޮޑެތި މައްސަލަތަކާ މެދު ވާހަކަ ދައްކަނިކޮށް ވީޑިއޯކޮށް ހަދަމެވެ.
މި ހުރިހާ ކަމަކުން އަހުރެމެންނަށް އެނގުނީ ކޮންކަމެއް ހެއްޔެވެ؟ އެމީހުންގެ ޙަޔާތާ މެދު އަހުރެމެން ލިޔެފައިވާ އެތައް ލައްކަ ޞަފުޙާއަކުން ފާހަގަކުރެވުނު ފިލާވަޅަކީ ކޮބައި ހެއްޔެވެ؟ ބުނަން ހެއްޔެވެ؟ އޮޅުންފިލި ފިލާވަޅަކީ ތަނަވަސްކަމާއި މަޝްހޫރުކަމާއި ގަދަޔަށް މަސައްކަތްކުރުމުގެ ބޭނުންތެރިކަމާ ބެހޭ ފިލާވަޅެއް ނޫނެވެ. 75 އަހަރު ވަންދެން ކުރެވެމުންދާ މި ދިރާސާއިން އޮޅުން ފިލީ މިކަމެވެ: އެންގާނި، ރަނގަޅު ގުޅުންތަކުން އަހުރެމެން އުފާވެރިކަމާއި ރަނގަޅު ޞިއްޙަތެއްގައި ލެހެއްޓަވައެވެ. ދިރާސާގެ ފިލާވަޅަކީ، ޢިބުރަތަކީ މިއީއެވެ.
މީހުންނާ ދެމެދު އޮންނަ ގުޅުންތަކާ ބެހޭގޮތުން މުހިއްމު ތިންކަމެއް ނުވަތަ ފިލާވަޅެއް އަހުރެމެންނަށް އެނގުނެވެ. އެންމެ ފުރަތަމަ ކަމަކީ އިޖްތިމާޢީ ގުޅުންތަކަކީ އަހުރެމެންނަށް ވަރަށް ބޭނުންތެރި އެއްޗެއް ކަމާއި އެކަނިވެރިކަމަކީ އަހުރެމެން މަރާ އެއްޗެއް ކަމެވެ. ދިރާސާއިން އެނގުނީ، އެކަނިވެރި މީހުންނާ އަޅާބަލާއިރު، އާއިލާއާއި ރައްޓެހިންނާއި މުޖުތަމަޢުއާ ބަދަހި ގުޅުންތައް ދަމަހައްޓާ މީހުންގެ އުފާވެރިކަން ބޮޑުކަމާއި، ޞިއްޙަތު ރަނގަޅުކަމާއި ޢުމުރު ދިގުކަމެވެ. އެކަނިވެރިކަމުގެ ތަޖުރިބާއަކީ ޒަހަރަކަށް ވާ ކަމެކެވެ. އެމީހުން ބޭނުންވާ ވަރަށް ވުރެ، ގުޅުންތައް މަދު މީހުންނަށް ހިތާމަވެރިކަމާއި ޢުމުރުގެ މެދުގައި ޞިއްޙަތު ގެއްލޭން ފެށުމާއި އަވަހަށް ބުއްދީގެ ތޫނުކަން ކޮށިވުމާއި ޢުމުރު ކުރުވުން މެދުވެރި ވެއެވެ. އެއީ އެކަނިވެރިނޫން މީހުންނާ އަޅާ ބަލައެވެ.
އަހުރެމެންނަށް އެނގޭ ފަދައިން ބޮޑު ބައިގަނޑެއްގެ ތެރޭގައި ވެސް އަދި ކައިވެންޏެއްގައި ވެސް މީހަކު އެކަނިވެރި ވެދާނެއެވެ. އެހެންކަމުން ދެވަނައަށް އޮޅުން ފިލީ ރައްޓެހިންގެ ޢަދަދާއި ކައިވެންޏެއް ކޮށްގެން އުޅުމަށް ވުރެ މުހިއްމީ މީހުންނާ މެދު އޮންނަ ގުޅުމުގެ ގާތްކަމެވެ. ސާފުވިކަމަކީ ބޮޑެތި މައްސަލަތަކެއްގެ މެދުގައި އުޅުމަކީ ޞިއްޙަތަށް ވަރަށް ގެއްލުން ހުރި ކަމެއް ކަމެވެ. މާ ބޮޑު ލޯބިވެރިކަމެއް ނެތް، މައްސަލަ ގިނަ ކައިވެންޏެއްގައި ވުމަކީ، ވަރިވެގެން އުޅުމަށް ވުރެ ޞިއްޙަތަށް ގެއްލުންދޭ ކަމެއް ކަމެވެ. އަދި ބަދަހި ގުޅުންތަކެއްގެ ތެރޭގައި އުޅުމަކީ ބަލިތަކުން ދާފަރާކުރާ ކަމެއް ކަމެވެ.
ދިރާސާގައި ބައިވެރިވި މީހުންގެ ޢުމުރުން 80 ގެ އަހަރުތަކަށް ދިއުމުން، އަހުރެމެން ބޭނުންވީ ޢުމުރުން 50 އަހަރުގެ ކަންތައްތަކަށް ބަލާފައި، އެމީހުންނަށް މުސްތަޤްބަލްގައި މެދުވެރިވާނެ ގޮތްތައް ކުރިން ލަފާކޮށް ބުނެވިދާނެތޯއެވެ. އުފާވެރިކަމާއި ޞިއްޙަތުގައި 80 ގެ އަހަރުތަކަށް ދެވޭނީ ކޮން ބައެއްކަން އަންދާޒާކުރެވިދާނެ ތޯއެވެ؟ އެމީހުންނާ މެދު 50 އަހަރުގައި އެނގޭ ކަންތައްތަކަށް ބަލައި، އެމީހުން މުސްކުޅިވާނޭ ގޮތް ބުނަން މުހިއްމުވީ މި ދުވަސްވަރު ކޮލެސްޓްރޯލް ހުރި މިންވަރެއް ނޫނެވެ. މުހިއްމުވީ އެމީހުންގެ ގުޅުންތަކުގެ ބަދަހިކަމެވެ. އުމުރުން 50 އަހަރުގައި، ގުޅުންތައް އެންމެ ބަދަހި މީހުންނަކީ ޢުމުރުން 80 ގެ އަހަރުތަކުގައި އެންމެ ރަނގަޅު ޞިއްޙަތެއްގައިވި މީހުންނެވެ. ގާތް ބަދަހި ގުޅުންތަކަކީ މުސްކުޅިވުމުން ޞިއްޙަތް ބަލިކުރާ އުންޑަތަކާއި ތީރުތަކަށް އައްޑަނައެކެވެ. އުފާވެރި ގުޅުންތަކުގައިވާ މީހުން، ޢުމުރުން 80 ގެ އަހަރުތަކުގެ ބަލިތަކުގައި އުޅޭ ދުވަސްވަރުވެސް، އުފަލުގައި އުޅޭކަމަށް ވިއެވެ. ހިތާމަވެރި ގުޅުންތަކުގައިވި މީހުން، ބަލިވެ އުޅޭ ދުވަސްވަރު، އެމީހުންގެ ޖިސްމާނީ ބަލިކަން ފިކުރީ ބަލިކަމުން މާބޮޑުވެގެން ވިއެވެ.
ތިންވަނައަށް މި ދިރާސާއިން ގުޅުންތަކާބެހޭ ގޮތުން އެނގުނީ، ބަދަހި ގުޅުންތަކުން ސަލާމަތްތެރިކަން ދެނީ އަހުރެމެންގެ ހަށިގަނޑަށް އެކަންޏެއް ނޫންކަމެވެ. އެކަމުން ރައްކާތެރިކަން ސިކުނޑިއަށް ވެސް ލިބެއެވެ. ޢުމުރުން 80 ގެ ދުވަސްވަރު، އެހެން މީހަކާ ގާތް ގުޅުމެއް އޮތުމަކީ، ހަނދާން ގަދަކޮށް ގިނަ ދުވަހަށް ހުންނަކަމެއް ކަމެވެ. އެހެން މީހަކަށް އިތުބާރާއެކު ބަރޯސާ ނުކުރެވޭ ފަދަ ހީނަރު ގުޅުމެއްގައިވާ މީހުންގެ ހަނދާން އަވަހަށް ބަލިވަމުން ދެއެވެ. ބަދަހި ގުޅުންތައް ތާ އަބަދު އޮމާންކޮށް ވާކަށް ނުޖެހެއެވެ. ޢުމުރުން 80 ގެ އަހަރުތަކުގައިވާ ބައެއް ދެމަފިރިން، ބައެއް ދުވަސް ދުވަހު ގަދަޔަށް ޒުވާބު ކުރިއަސް، ބޮޑު ކަމެއް ޖެހޭއިރު އަނެކާއަށް ބަރޯސާ ކުރެވޭނެކަން ޔަޤީންވާ ނަމަ، އެމީހުންގެ ޒުވާބުގެ ސަބަބުން ހަނދާން ބައްޔެއް ނުވެއެވެ.
އެކި މީހުންނާ އޮންނަ ގުޅުން ރަނގަޅުވުމަކީ އަހުރެމެންގެ ޞިއްޙަތަށާއި އުފާވެރިކަމަށް މުހިއްމު ކަމެކެވެ. މި މެސެޖަކީ ނުވަތަ ޢިބުރަތަކީ ފަރުބަދަތައްހާ ގިނަދުވަސްވީ ޙިކުމަތެކެވެ. އެކަމަކު މި ޢިބުރަތް ދެނެގަންނަށް އެހާ އުނދަގޫވެފައި، އެހާ ފަސޭހައިން އެކަމަށް ޢަމަލު ނުކުރެވެނީ ކީއްވެގެން ހެއްޔެވެ؟ ސަބަބަކީ… އަހުރެމެންނަކީ އިންސާނުންނަށް ވާކަމެވެ. އަހުރެމެން ބޭނުންވަނީ ކަންތައްތައް ފަސޭހައިން ޙައްލުކޮށްލަންށެވެ. ފަސޭހަކަމާއެކު، ކަންކަން ހަމަޖައްސާލައިގެން އެކަން އެގޮތުގައި ދެމިއޮތުމަށެވެ. އާއިލާއާއި ރައްޓެހިންނާ ދެމެދު އޮންނަ ގުޅުންތައް ބަދަހިކޮށް ދެމެހެއްޓުމަކީ ފަސޭހަކަމެއް ނޫނެވެ. އެއީ އުފާވެރި ކަމެއްނޫނެވެ. އަދި އެއީ ނިމުމެއް ނުވާ ކަމެކެވެ. މުޅި ޢުމުރަށް އެކަމަށް މަސައްކަތް ކުރަންޖެހޭ ކަމެކެވެ. އަހުރެމެންގެ 75 އަހަރުވީ ދިރާސާއިން ފާހަގަ ކުރެވުނީ ވަޒީފާގެ ދުވަސްވަރު ނިމުމަށްފަހު، އެންމެ އުފަލުގައި ތިބި މީހުންނަކީ، އެމީހުންގެ ކުރީގެ އެކުވެރިންނާ ރައްޓެހިކަން ބާއްވާ ގާތްވަމުން ދިޔަ މީހުން ކަމެވެ. މި މީހުން، އެމީހުންގެ މަސައްކަތު ޙަޔާތް ފެށިއިރު ވިސްނުން ހުރީ، މިޤަރުނުގެ ފުރަތަމަ އަހަރުތަކުގައި ވިހޭ ކުދިން ފަދައިންނެވެ. ދިރިއުޅުން ކާމިޔާބުވާނީ މުއްސަނދިކަމާއި މަޝްހޫރުކަމާއި މަތިވެރި ކާމިޔާބީ ތަކުން ކަމަށެވެ. އެކަމަކު ފަށްފަށުން، އަހުރެމެންނަށް މި 75 އަހަރުން އެނގިއޮޅުން ފިލީ، ދިރިއުޅުމުގައި އެންމެ ކާމިޔާބު މީހުންނަކީ އާއިލާއާއި ރައްޓެހިންނާއި އެމީހުންގެ މުޖުތަމަޢުއާ ގާތްގުޅުމެއް އޮންނަ މީހުންކަމެވެ.
އެހެންވީމާ ތިބާ މިކަމާކުރާނީ ކީއްހެއްޔެވެ؟ ތިބާއަށްވީ 25 ނުވަތަ 40 ނުވަތަ 60 އަހަރު ކަމަށް ވެދާނެއެވެ. ގާތް ގުޅުންތަކެއް ޤާއިމްކުރުމުގައި ވަނީ ކޮންކޮން ކަންތައްތަކެއް ހެއްޔެވެ؟
ކުރަންވީ ކަންތައްތައް ޢަދަދުނުކުރެވޭހާ ގިނައެވެ. އެއީ އިސްކިރީންއަށް ބަލަންދާ ވަގުތު ހީނަރުވެފައިވާ ރައްޓެހިކަމެއް ބަދަހިކުރުމަށް މީހަކާ އެއްކޮށް ކަމެއް ކޮށްލުންކަމަށް ވެދާނެއެވެ. ހިނގާލަން ދިއުން ނުވަތަ ސަޔަކަށް ދިއުންކަމަށް ވެދާނެއެވެ. ނުވަތަ ވާހަކަ ނުދައްކާތާ އެތައް އަހަރެއްވީ ތިމާގެމީހަކާ ގުޅާލުންކަމަށް ވެދާނެއެވެ. އެފަދަ ޢާއްމު އާއިލީ މައްސަލަތަކުން، އަހުރެމެންގެ އުފާވެރިކަމަށް ވަރަށް ނުބައި ނޭދެވޭ އަސަރެއް ކުރެއެވެ.
އަހުރެންގެ ވާހަކަ ނިންމާލާނީ މާކް ޓްޥެއިން (އެމެރިކާގެ މަޝްހޫރު އަދީބެއް) މީގެ ޤަރުނެއްގެ ކުރިން ބުނެފައިވާ ޢިބާރާތަކުންނެވެ. އޭނާގެ އަމިއްލަ ޙަޔާތުގެ މައްޗަށް ފިކުރު ހިންގާލުމަށް ފަހު ލިޔުނެވެ: ”މީހެއްގެ ޙަޔާތަކީ އެހާ ކުރު އެއްޗެކަށްވާތީ، އެ ޙަޔާތުގައި ޒުވާބުކުރުމަށާއި މަޢާފަށް އެދުމަށާއި ރުޅިއައުމަށާއި ޒިންމާކުރުވުމަށް ވަގުތެއް ނެތެވެ. ވަގުތު އޮތީ ހަމައެކަނި ލޮބުވެތިކޮށް އުޅުމަށެވެ. ނަމަވެސް އެއީ ވެސް ހިނދުކޮޅަކަށެވެ.“
އުފާވެރި ޙަޔާތަކާއި ރަނގަޅު ޞިއްޙަތެއް ބިނާކުރެވެނީ ބަދަހި ގުޅުންތަކުގެ ތަރަހަ (ބިންގައު ނުވަތަ ފައުންޑޭޝަން) މަތީގައެވެ.
12 މިލިއަނަށް ވުރެ ގިނަ މީހުން ބެލި މި މަޒުމޫނުގެ އަޞްލު ވީޑިއޯ މިއޮތީ އެވެ. އިތުރު މަޒުމޫނުތައް މަތީގައިވާ މޭނޫއިން ކިޔުއްވޭނެއެވެ.

Thank you