މާލޭ–ހުޅުލޭ ފާލަމުގެ ސައިންސް 5: ދުނި ހަދާގޮތުގެ ވާހަކަ

މާލެއާއި ހުޅުލެއާ ދެމެދު އަޅަމުންދާ ފާލަމުގެ ސައިންސް އާ ބެހޭ ގޮތުން ހަތަރު މަޒުމޫނެއް ތިޔަ ބޭފުޅުންނަށް ހުށަހެޅިއްޖެއެވެ. އެ ހަތަރު މަޒުމޫނު އަދި ނުކިޔުއްވާ ބޭފުޅުންނަށް ތިރީގައިވާ ލިންކްތަކުން އެ މަޒުމޫނުތައް ފެނިވަޑައިގަންނަވާނެއެވެ.

މާލޭ – ހުޅުލޭ ފާލަން 1: ފާލަމުގެ ވައްތަރުތަކާއި ރާއްޖެއާ އެންމެ އެކަށީގެންވާ ފާލަން | 14 އޭޕްރިލް 2016
މި ފަސް ވަނަ މަޒުމޫނުގައި، އަޅުގަނޑު މި ހުށަހަޅައިދެނީ ފާލަމުގެ މައިގަނޑު ކަމަށް ބަލާ ބޯކު ފާލަން ހަދާ ގޮތެވެ. ބޯކު ފާލަމަކީ ވިއްސާރަ ދުންޏެއްހެން ނުވަތަ ހުޅެވި ހަނދުހެން ލެނބިފައިވާ ގޮތަށް އޮންނަ ފާލަމެވެ. މި ބަޔަށް އަރަށް އޮންނަ ބަޔަށް ކިޔަނީ ބްރިޖް އެޕްރޯޗް އެވެ. ނުވަތަ ފާލަމަށް ދާން އޮންނަ މަގެވެ. އަޞްލު ފާލަމަކީ މިއީ ކަމަށް ބައެއް މީހުން ސިފަކުރާނެއެވެ. އިނގިރޭސި ބަހުން މިބާވަތުގެ ފާލަމަށް ކިޔަނީ އާރޗް ބުރިޖެވެ. މި ލަފުޒު އިނގިރޭސި ބަހަށް އައިސްފައިވަނީ ވެސް ތީރު ޖަހަން ގެންގުޅޭ ދުނިންނެވެ. ދުންޏަށް ލެޓިން ބަހުން ކިޔާ ލަފުޒުންނެވެ.
މި މަޒުމޫނުގައި އަޅުގަނޑު ވާހަކަ ދައްކާނީ ބޯކު ފާލަން ހަދާ ގޮތުގެ ވާހަކައެވެ. އެކަމުގެ އެންޖިނިއަރިންގ އެވެ. މި މަޒުމޫނުތައް ލިޔުމުގެ މަޤްޞަދަކީ ސައިންސް އާއި އެންޖިނިއަރިންގެ ޢިލްމަށް ފާގަތިނޫން ފަރާތްތަކަށް އައްވަލުން ފެށިގެން މި ފަންނުގެ ބޭނުންެތެރި މައުލޫމާތު، ކުރިން އެނގިވަޑައިގަންނަވާ ކަންތައްތައް މެދުވެރިކޮށް ބަޔާން ކުރުމެވެ. މި މަޒުމޫނުގެ ކުރު ޚުލާޞާއެއް ތިރީގައިވާ ވީޑިއޯއިން ފެނިވަޑައިގަންނަވާނެއެވެ.
މަތީގައި އެވަނީ ފާލަން ހަދަމުންދާ ކުންފުނިން ޢާއްމުކުރި ކުރެހުމެވެ. އެ ކުރެހުމުގައި ދުނިބައިގެ ދެ ތަނބު ދެމެދުގައި ދުރުމިން ލިޔެފައި ވެއެވެ. ކަނާތް ފަރާތުގައި އެވަނީ ހުޅުލޭ ކޮޅެވެ.
މަތީގައި އެވަނީ ދާދިފަހުން ނަގާފައިވާ ސެޓެލައިޓް ފޮޓޯ އެކެވެ. ދުނިތަކުގެ ދެމެދުގައިވާ ދުރުމިން އަޅުގަނޑު އެވަނީ މީޓަރުން ފާހަގަ ކޮށްލާފައެވެ. ސެޓެލައިޓް ފޮޓޯއިން ދެ އެއްޗެއްގެ ދެމެދުގައިވާ ދުރުމިން ބަލާލެވެއެވެ. މިދުރުމިންތައް ބެލުމުން ފާހަގަ ކުރެވެނީ މަތީގައިވާ ކުރެހުމާ ދުރުމިންތައް އެއްވަރު ކަމެވެ. އެންމެ ބޮޑު ދެދުނި ދެމެދުގައި ވަނީ 180 މީޓަރެވެ. އެއީ ގާތްގަޑަކަށް 590 ފޫޓެވެ. މިއީ މާލޭގެ ހުޅަނގު ފަރާތުގައިވާ ކުޅިވަރު ދަނޑުތަކުގެ ދިގުމިނެވެ. މި މިނުގެ ދެ ދުނި ވެއެވެ. ދެން ހުރި ހަތަރު ދުނީގެ ފުޅާމިނުގައި ހުރީ 60 މީޓަރާއި 140 މިޓަރުގެ ދެމެދުގެ ދުރުމިންތަކެކެވެ.
ކުރީ މަޒުމޫނެއްގައި ދެންނެވި ފަަދައިން، ފާލަން އަޅަނީ ކޮންކްރީޓުންނެވެ. ކޮންކްރީޓް އަޅަނީ ތައްގަނޑެއްގެ ތެރެއަށެވެ. ކޮންކްރީޓް އެޅުމަށް ފަހު، އެންމެ މަދުވެގެން ހަފުތާއެއް ވަންދެން ކޮންކްރީޓް ހިކެންދެން ތައްގަނޑު ހިފަހައްޓަން ޖެހޭނެއެވެ.
ދުނިޔޭގެ ގިނަ ޤައުމުތަކަކީ ރާއްޖެހައި ބިން ހަމަ ތަންތަނެއް ނޫނެވެ. ކޯރުތަކާއި ދެ ފަރުބަދަ ދެމެދުގައިވާ ވާދީތައް ހުރަސް ކުރަން އެކި ޤައުމުތަކުގައި ދުނި ފާލަން އަޅައެވެ. ދުނި ފާލަމަކީ ވާދީތައް ހުރަސްކުރަން އަޅަން ވަރަށް ކަމުދާ ބާވަތެއްގެ ފާލަމެކެވެ. މަތީގައި އެވަނީ 1930 ވަނަ އަހަރު ސްވިޓްޒަރލޭންޑްގައި ބިނާކުރި މަޝްހޫރު ފާލަމެކެވެ. އެންމެ ފުރަތަމަ ކޮންކްރީޓުން މިފަދަ ގޮތަކަށް ފަރުމާކުރި ފާލަމެވެ. މި ފާލަން ހަދާފައިވަނީ ތިރިިން މުޑި ވިއްދައިގެން ތައްގަނޑުތައް ހިފަހައްޓައިގެންނެވެ. ނަމަވެސް، ފާލަން ދިގުނަމަ، މިއީ ކުރެވޭނޭ ކަމެއް ނޫނެވެ. އަދި ތިރީގައި ކަނޑު އޮންނަނަމަ، މިކަމެއް ނުކުރެވޭނެއެވެ.
މުހިއްމު ސުވާލެއް
މާލެއާ ހުޅުލެއާ ދެމެދު އަޅާ ދުނި ފާލަން އަޅަނީ ކަނޑުގައެވެ. ފާލަން އަޅާ ހިސާބުގެ ފުންމިނުގައި 30 މީޓަރު ހުރެއެވެ. ކަނޑުގައި ތަކެތި ވިއްދާ ނަމަ، ވަރަށް ގިނަ ތަކެތި ވިއްދަންޖެހޭނެއެވެ. މިއާއެކު އޮއިގަދަކަމުން ވިއްދާ ތަކެތި ވަރަށް އަޑިއަށް ޖަހަންޖެހޭނެއެވެ. މިއީ ވަރަށް ޚަރަދު ބޮޑު ކަމަކަށް ވާނެއެވެ. އެހެންކަމުން، ސުވާލަކީ، ތަކެތި ނުވިއްދާ ބޯކު ނުވަތަ ދުނި ފާލަން އަޅާނީ ކިހިނަކުން ހެއްޔެވެ؟
ވޭތިވެދިޔަ 80 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، ކަނޑުގައި ތަކެތި ނުވިއްދައި ދުނި ނުވަތަ ބޯކު ފާލަން އަޅާނޭ ދެތިން ގޮތެއް އިންޖިނޭރުން ތަޖުރިބާކޮށްފައި ވެއެވެ. އަޅުގަނޑު ދެން ދަންނަވާލާނި މިގޮތްގޮތުގެ ކުރު ތަފްޞީލެވެ. ރާއްޖޭގައި ބޭނުން ކުރާނޭ ގޮތް ޞަރީޙަ ކުރާނަމެވެ.
(1) މެލަން ބޭނުން ކުރި ގޮތް
މެލަން އަކީ އޮސްޓްރިއާގެ އެންޖިނޭރެކެވެ. މީނާ ދުނިޔޭގައި އުޅުނީ 1853 އިން 1941 އަށެވެ. މާލޭ – ހުޅުލޭ ފާލަމާ ބެހޭ ގޮތުން ޗައިނާގެ ފާލަން ހަދާ ކުންފުނިން ޢާއްމުކުރި ވީޑިއޯއެއްގައި ފާލަން ހަދަން ބޭނުން ކުރާނީ މެލަން ގޮތް ކަމަށް ބަޔާންކޮށްފައި ވެއެވެ. ނަމަވެސް ޙަޤީޤަތުގައި ބޭނުން ކުރީ އެހެން ގޮތެކެވެ.
މެލަން ހުށަހެޅި ގޮތުގައި، ކޮންކްރީޓް ފާލަން އަޅަން ތިރިން ތައްގަނޑުތައް ހިފަހައްޓާކަށް ނުޖެހެއެވެ. އޭގެ ބަދަލުގައި ހަދާ ގޮތަކީ ކޮންކްރީޓަށްލާ ދަގަނޑުން ފާލަމުގެ ބައްޓަމަށް ލުއި ޓްރަސް އެއް އަޅަނީއެވެ. މިގޮތަށް ފާލަން އަޅަނީ ދަގަނޑު ދަނޑިއާއި ފަތިތައް ވެލްޑިން ކޮށްގެން ނުވަތަ އިސްކުރުޖަހައިގެން ދެކޮޅު މުޑިން ފާލަން ރާވަމުން ގޮސް ދެކޮޅު ގުޅުވައިގެންނެވެ. ނުވަތަ މަތިން ވާ ޖަހައި މުޑިއަކަށް ހިފައިގެންނެވެ. މިއީ، ކޮންކްރީޓް ބެރިއެއް ފަދަ އެއްޗެއް އެޅުމަށްޓަކައި ދަގަނޑުން ޓްރަސް އެއް ބަންނަ ފަދައިން ކުރާ ކަމެކެވެ. ދެން މިއަށް ފަހު، މި ދަގަނޑު ގިޔުގަނޑުގައި ތައްގަނޑުތައް ހަރުކޮށްގެން ދެކޮޅުން ކޮންކްރީޓް އަޅަމުން ގޮސް މެދުން ގުޅުވަނީ އެވެ. ތައްގަނޑުތައް ހިފަހައްޓަނީ ކޮންކްރީޓްގެ އެތެރެއަށްލާ ދަގަނޑުތަކުން ކަމަށް ވާތީ، ތިރިން ވިއްދައިގެން ތައްގަނޑުތައް ހިފަހައްޓާކަށް ނުޖެހެއެވެ. ތިރީގައިވާ ފޮޓޯތަކަށް ވިސްނަވާށެވެ. އެއީ ސްޕޭންގައި 1942 ވަނަ އަހަރު ބިނާކުރި ވަތްތިލައިގައި 192 މީޓަރު (މާލޭ ހުޅުލޭ ފާލަމުގެ އެންމެ ފުޅާ ދުންޏަށް ވުރެ 12 މީޓަރު ދިގު) ފާލަމެކެވެ.
މިފަދަ ފާލަންތައް ކޮންކްރީޓް ކުރާއިރު އަބަދުވެސް ކޮންކްރީޓް ކުރަނީ ދެކޮޅުން ފަށައިގެންނެވެ. ދުނީގެ ހަތަރު އަރި އެއްވަރު ނަމަ، ބޭނުން ކުރާނީ ކުރު ތައްގަނޑެކެވެ. މި ތައްގަނޑުން ދުނީގެ ދެތިން މީޓަރު ކޮންކްރީޓް ކުރުމަށް ފަހު، ހަފުތާއެއް ވުމުން، ތައްގަނޑުގައި ދުންކަރާހެއް (ޖެކެއް) ޖަހައި މައްޗަށް ކޮށްޕާނީ އެވެ. ދެން އެއަށްފަހު އަނެއްކާ ކޮންކްރީޓް އަޅައި، ހިކުމުން މައްޗަށް ތައްގަނޑު އަރުވާފައި އަނެއްކާ ކޮންކްރީޓް އަޅާނީ އެވެ. މިއީ ރާއްޖޭގައި ތައްގަނޑުން ފުން ވަޅު އަޅާއިރު ބޭނުން ކުރާ ގޮތާ ވައްތަރު ގޮތެކެވެ. ތަފާތަކީ ތައްގަނޑު ކުޑަކޮށް ދޫކޮށްލާފައި މައްޗަށް ހިއްލާލެވޭފަދަ ގޮތެއް ހަދާފައި ނުހުންނަ ކަމެވެ. މިގޮތަށް ކޮންކްރީޓް ކުރުމަށް އިނގިރޭސި ބަހުން ކިޔަނީ ”ސްލިޕްފޯމް“ އެވެ. ފޯމްވާރކް ކިޔަނީ ކޮންކްރީޓް ތައްގަނޑަށެވެ. ސްލިޕް އިން މާނަކުރަނީ ލޮންދައިލުމަށެވެ. ބޭރު ޤައުމުތަކުގައި މައްޗަށް ހަދާ ހަތަރު އަރި ރަހައަށް ނުވަތަ ވަށްކޮށް ހުންނަ ކޮންކްރީޓް ބިނާތައް ކުރުމަށް ސްލިޕްފޯމް ބޭނުން ކުރެއެވެ. ތިރީގައިވާ ފޮޓޯގައިވާ ފަދައިންނެވެ. މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ފާލަމުގެ ދުނިބައިގެ އެކި ހިސާބު އެކި ވަރަށް ހުންނާތީ ސްލިޕް ފޯމެއް ބޭނުމެއް ނުކުރެވޭނެއެވެ.
(2) ދުނީގެ ދެކޮޅު އެއްގަމުގައި ހަދައި ތިރިކޮށްގެން ދުނިގުޅުވުން
ދިވެހިރާއްޖެ އާ އަޅާ ބަލާ އިރު، ދުނިޔޭގެ ގިނަ އެހެން ޤައުމުތަކުގެ ބިންގަނޑު ވަރަށް އުހެވެ. ކޯރުތައް ބިމުގެ މަތީގައި ދުވެއެވެ. ގިނަ ބޯކު ނުވަތަ ދުނި ފާލަން އަޅާފައި ހުންނަނީ ކޯރުތައް ހުރަސްކޮށެވެ. ކަނޑުހައި ފުޅާކޮށް ކޯރު ނުހުންނާތީ، އެންމެ ބޯކެއް ނުވަތަ ދުންޏެއް އަޅައިގެން ފާލަން އެޅެއެވެ. މިފަދަ ފާލަން ހަދާ ގޮތަކީ މެލަން ގޮތުގެ ޚާއްޞަ ގޮތެވެ. ގިނަ ފަހަރު، އެއްގަމުގައި ހަރެއް ޖަހައިގެން ދުނީގެ ދެކޮޅު ވައު ޖަހައި (ލަނބުރާން ޖަހައި) ހަރަށް ހިފައިގެން ދުނި ދަނގަޑުން އެޅެއެވެ. ނަމަވެސް، މިގޮތުން ހެދޭ ވަރަށް ވުރެ ދުނި ދިގުނަމަ، މެދުބައި ވަކިން ހަދައި، ސޭލާއެއް ނުވަތަ ކޯރުގައި ބަނޑެއް ނުވަތަ ބޯޓެއްގައި މެދުބައި ވަކިން ގެންގޮސް ގުޅުވައެވެ. އެއީ ތިރީގައިވާ ފޮޓޯގައި ފެންނަ ފަދައިންނެވެ. ފޮޓޯގައި ވަނީ 1932 ވަނަ އަހަރު ސްޕެއިން ގައި ހެދި މެލަން ފާލަމެއްގެ ދަގަނޑު ޓްރަސް ހެދި ގޮތެވެ.

ކޯރު ފުޅާވި ވަރަކަށް ފާލަމުގެ ދުނީގެ ދެކޮޅު ދުރުވާނެއެވެ. އެހެންކަމުން، 100 ވަރަކަށް މީޓަރަށް ވުރެ ދިގުވުމުން، އެއްގަމުގައި ދުނި ހިފަހައްޓަން ޖަހާ މުޑި ވަރުގަދަ ވާން ޖެހޭނެއެވެ. ގިނަ ފަހަރު މުޑި ހުންނަނީ ވެސް އެއްގަމުގައި ހުންނަ އިތުރު ބުޑުތަކަށް ލަނބުރާން ޖަހައ ހިފާފައެވެ. ތިރީގައި އެވަނީ މިކަން ކުރާ ގޮތުގެ ކުރެހުމާއި ފޮޓޯ އެވެ. މި ވީޑިއޯ އިން މިފަދަ ދަގަނޑު ބޯކު ފާލަމެއް ހަދާ ގޮތުގެ ގިނަ ތަފްޞީލު ލިބެއެވެ.

ބޯކު ނުވަތަ ދުނި ފާލަން އަޅަން ތަންކޮޅެއް ފަސޭހަ އެހެން ގޮތެއް އޮވެއެވެ. މިގޮތަށް ކިޔަނީ ސީ.އެލް.ސީ.އޭ ގޮތެވެ. މިގޮތުގައި ގަދަ މުޑިއެއް އެއްގަމުގައި ޖަހައި، ކޯރުގެ އައްސޭރީގައި ވަރުގަދަ ބުޑެއް އަޅައި، ބޯކުގެ ޓްރަސް ހަދަނީ ބުޑުގައި ހުޅެއް ހަރުކޮށް ބަޅުކޮށެވެ. ވަކިވަކި ދަގަނޑުން ހެދުމުގެ ބަދަލުގައި ޓްރަސް އަކަށް ބޭނުންކުރަނީ ހަތަރު އަރިއަށް ހުންނަ ވަރަށް ފަލަ ހޮޅިއެވެ. މި ހޮޅީގެ އެކި ބައިބައި އެހެން ތަނެއްގައި ހަދައިންގެ ގެނެސް ރާވަނީ އެވެ. ހޮޅި، މުޑިއަށް ވަލުން އައްސާފައި ހުރެއެވެ. ދެ ކޮޅުން މިހެން ހެދުމަށް ފަހު، ވައު ދޫކުރަމުން ގޮސް ދެބައިގެ މެދު ޖެހުނީމާ، ހަރުކޮށް، ހަތަރެސްކަން ހޮޅީގެ އެތެރެއަށް ކޮންކްރީޓް އަޅަނީ އެވެ. މިހެން ހެދުމުން ހޮޅި ވަރަށް ގަދަ ވެއެވެ. ފަހުން ސްލިޕްފޯމެއް ބޭނުންކޮށްގެން ހޮޅީގެ ބޭރުގައި އިތުރު ދަގަނޑު ހަރުކޮށް ބޭރު ކޮންކްރީޓް ކުރަނީއެވެ. އެހެން ތަނެއްގައި ހަތަރު އަރިއަށް އޮންނަ ހޮޅި ހަދައި، ފާލަން ހަދާ ތަނުގައި ރާވާތީ، މިކަން ކުރަންދާ ޚަރަދާއި މުއްދަތު ކުޑަވެ އެވެ. ބޭނުންކުރަން ޖެހޭ ސާމާނު މަދުވެއެވެ. ދުނީގެ ބޭރު ކޮންކްރީޓް ކުރުމުގެ ކުރިން ހޮޅީގެ އެތެރެއަށް ކޮންކްރީޓް އަޅާތީ ސްލިޕްފޯމުން ބޭރު ކޮންކްރީޓް ކުރުމުގެ ކުރިންވެސް ދުނި ވަރަށް ގަދައެވެ. އެހެންކަމުން ތައްގަނޑު ވަރަށް ފަސޭހައިން ހަރުކުރެވެއެވެ. ތިރީގައިވާ ފޮޓޯތަކުން މިގޮތް އޮޅުން ފިލައެވެ. މިގޮތަށް ސީ.އެލް.ސީ.އޭ ކިޔަނީ އިނގިރޭސި ބަހުން މި ގޮތަށް ކިޔާނަމުގެ ރަމްޒެއްގެ ގޮތުގައެވެ. ދިގު ގޮތަކީ (Concrete Lapping method with pre-
ތިރީގައި އެވަނީ އިތުރު މިސާލެކެވެ.
(3) ދުނީގެ ދެކޮޅު އެއްގަމުގައި ހަދައި ތިރިކޮށްގެން ދުނިގުޅުވުން
މަތީގައި ބަޔާން ކުރެވުނު ދެ ގޮތަކީ ރާއްޖޭގައި އަޅާ ފާލަން އަޅާ ގޮތެއް ނޫނެވެ. އެވާހަކަތައް މި ހިމެނީ ކިޔުންތެރިންގެ މަޢުލޫމާތު އިތުުރު ކުރުމަށެވެ. ގިނަ ބޯކު ފާލަންތައް އަޅާފައި ހުންނަނީ އެންެމެ ދުންޏެއް ހިމަނައިގެންނެވެ. ދެފަރާތުގައި އޮންނަނީ އައްސޭރިއެވެ. އެހެންކަމުން، ފާލަން ހެދުމަށް ދަގަނޑު ޓްރަސް ރާވަން ފަސޭހައެވެ. ޓްރަސް ހަދަމުންދާއިރު އެ ހިފަހައްޓަން ޖަހާ ވައު ހަރުކުރާނޭ މުޑި ޖަހަން ފަސޭހައެވެ.
ރާއްޖޭގައި އަޅާ ފާލަމުގައި ދުނީގެ 6 ބައެއް ވެއެވެ. މީގެ ތެރެއިން 4 ބަޔަކީ ފުރިހަމަ ދުންޏެވެ. އަނެއް ދެބަޔަކީ އެއްގަމުން އަންނަ މަގާ ގުޅޭ ބައި ދުންޏެވެ. މި ސަބަބުތަކަށްޓަކައި، ރާއްޖޭގައި އަޅާ ފާލަން އަޅަނީ މުޅިން އެހެން ގޮތަކަށެވެ. އެއީ މުޑީގެ ދެފަރާތުގެ ދުނިބައި އެއްވަރަކަށް ކޮންކްރީޓް ކުރަމުން ގެންދިއުމެވެ. މިގޮތަށް ކިޔަނީ ބެލެންސްޑް ކެންޓިލީވަރ ކޮންސްޓްރަކްޝަން އެވެ. މާނައަކީ ދެފަރާތް ހަމަކޮށް ބިތުމަތާ ޖަހައިގެން ބިނާކުރުމެވެ. މި ލަފުޒުތަކުގެ މާނަ، ކިޔުންތެރިންގެ ހިތްޕުޅުން ދުވަހަކު ވެސް ނުފިލާހާ ސާފުކޮށް، ކޮންމެ މީހަކަށް ވެސް އޮޅުން ފިލާގޮތަށް ބަޔާން ކުރުމަކީ އަޅުގަނޑުގެ މަޤްޞަދެވެ.
މުޑިއެއްގެ ދެކޮޅަށް ބިތު މަތާޖަހައިގެން ކޮންކްރީޓް ކުރާގޮތް

ވަރަށް ގިނަ ދިވެހީންނަށް މަތާ އަކީ ކޮން އެއްޗެއްކަން އެނގޭނެއެވެ. އެއީ ބޮޑު ގަލެއް ފަދަ ބަރު އެއްޗެއް ފުރޮޅާލަން ނުވަތަ ހިއްލާލަން ބޭނުން ކުރާ ދަނޑިއެކެވެ. މަތާޖެހުމަކީ، މިފަދަ ދަނޑިއެއް ނުވަތަ މަތައެއް ބޭނުންކޮށްގެން އެއްޗެއް ހިއްލުމެވެ. މަތާ ޖެހުމަށް މަތާ އެޅުމޭ ވެސް ކިޔައެވެ.
މަތާޖެހުން
(1) ބަރު އެއްޗެއް ފަސޭހައިން ހިއްލުމަށްޓަކައި އެކަތިގަނޑު ބޯ ދަށަށް ލައްވައިގެން އަނެކަތިގަނޑުގެ ކޮޅު ހިއްލަންވީ އެއްޗެއްގެ ދަށަށް ލައްވައިގެން ހިއްލުން. (2) ގަދަބާރަކާއެކު، ކައިރި ވެފައިވާ، ދެއެއްޗެއް ދުރުކުކުރުމަށްޓަކައި އެދޭތީގެ ދޭތެރެޔަށް އެއްޗެއްލައްވައި ދުރުކުރަން ހިފުން. (މަތާއެޅުން)
ކިޔުންތެރިން ޝައުޤުވެރިވާނޭ އެހެން މަތައެއް ދިވެހީން ގެންގުޅެއެވެ. އެއީ ފަރަންޖީމަތާ ނުވަތަ ކާފަރުމަތާ އެވެ. ބަސްފޮތުގައި މި ބާވަތުގެ މަތާ ސިފަކޮށްފައިވަނީ އަންނަނިވި ގޮތަށެވެ: ”އެކަތިގަނޑު ބޯދޮށަށްލައިފައި އަނެކަތިގަނޑު ކޮޅަށް ބަހައްޓައިގެން އަޅާމަތާ. މިއީ ތަންތަން އުފުއްލާން އަޅާ މަތައެކެވެ.“
މަތާ އާ ގުޅޭ އެހެން ލަފުޒެއް ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އެވެ. އިހު ޒަމާނުގައި މެދުގެތެރޭ ގޭގެ ފާރުގައި ތަކެތި ބެހެއްޓުމަށް ފިލައެއް ހަރުކޮށްފައި ހުރެއެވެ. މި ފިލަޔަށް ކިޔާ ނަމަކީ ”މަތާރަންފިލާ“ އެވެ. މި ޒަމާނުގައި މިފަދަ ފިލާ އެންމެ ގިނައިން ފެންނާނީ މިސްކިތްތަކުންނެވެ. މި ފަދަ ފިލާ ބޭނުންކުރަނީ ޚަތިމުފަދަ ތަކެތި ބެހެއްޓުމަށެވެ. ތިރީގައި އެވަނީ މަތާރަން ފިލައެކެވެ.
މަތާރަންފިލާ ހަރުކުރާ ގޮތާއި މަތާ އާ ވަރަށް ބޮޑު ގުޅުމެއް ވެއެވެ. ތިރީގައިވާ ފޮޓޯއަށް ވިސްނަވާށެވެ.
މަތާ އާއި މަތާރަންފިލައާ ހުންނަ ގުޅުމަކީ މަތީގައިވާ ކުރެހުމުން ފެންނަ ފަދައިން، ބަރެއް އެއްކޮޅުން ހިފެހެއްޓިފައިވާ އިރު، އަނެއް ދިމާއަކުން މީހާ ނުވަތަ އިސްކުރުތަކަކުން އެނބުރުނަ ނުދިނުމަށް ނުވަތަ އެނބުރެން ބާރެއް ލާންޖެހޭ ކަމެވެ.
މަތާރަންފިލާ ހިފެހެއްޓިފައިވަނީ ފާރާވީ ފަރާތުންނެވެ. ފިލާ ތިރިއަށް ލެނބެން ނުވަތަ އެނބުރެން ހިފާ ބާރު ކުޑަވާނީ މަތިން ފާރަށް އިސްކުރުޖަހާ ތަނާއި، ފިލާ ފާރުގައި ހިފަހައްޓަން ހަރުކުރާ ތިނެސްކަނަށް ހުންނަ ލަކުޑިކޮޅުގެ ތިރިއާ ވީހާ ދުރުވި ވަރަކަށެވެ. މި ފިލާކޮޅަށް އިނގިރޭސިބަހުން ކިޔަނީ ބުރެކެޓެވެ. ތިރީގައި މިވަނީ އެކި ފެންވަރަށް ލަކުޑިން ހަދާފައިވާ ބުރެކެޓެވެ. ދިވެހި ބަހުން މިއަށް ކިޔާނީ ކޮން ނަމެއްތޯ އެވެ؟
ވިސްނިވަޑައިގަންނަވާ ފަދައިން، މަތާރަންފިލައެއް ފާރުގައި ހަރުކުރުމަށް ބުރެކެޓް ފިލާގައި ތިރީގައި ހަރުކުރެވޭނޭ ފަދައިން މަތީގައިވެސް ހަރުކުރެވިދާނެއެވެ. ދެން ކުރެވޭ ސުވާލަކީ، ބުރެކެޓް ނުލާ މަތާރަންފިލައެއް ހަރުކުރެވިދާނެތޯ އެވެ؟
މިޒަމާނަކަށް އައިސް ރީއްޗަކަށް ބުރެކެޓް ނުފެންނަގޮތަށް މަތާރަންފިލާ ހަރުކުރެއެވެ. އިނގިރޭސި ބަހުން މިފަދަ ފިލައަށް ކިޔަނީ ”ފްލައިން ޝެލްފް“ ނުވަތަ އުދުހޭ ފިލައެވެ. ފިލާ އެއްވެސް ގޮތަކަށް ހަރުވެފައި ހުންނަހެން ހީނުވެ، އޭގެ މަތީގައި އެތައް އެއްޗެއް ހުންނާތީ، ފުރަތަމަ ފެންނަ އިރު، ހައިރާންކަމެއް ލިބެއެވެ. މިކަން ކުރާގޮތަކީ، ފިލާ ހަރުކުރުމަށް ޖަހާ ގިޔުގަނޑާއި އިސްކުރުތައް ނުފެންނަގޮތަށް، ފަސް ފަރާތުން ފިލާ ޖަހަނީ އެވެ. ނުވަތަ ތުނި ދަގަނޑު ބުރެކެޓެއްފަދަ އެއްޗެއް ފާރުގައި ހަރުކުރުމަށް ފަހު، އެ ބުރެކެޓް ނުފެންނަގޮތަށް ވަށައިގެން ފިލާޖަހަނީ އެވެ. ތިރީގައިވާ ފޮޓޯތަކަށް ނަޒަރު ހިންގަވާ ލައްވާށެވެ.

ހަރުކުރިގޮތް ނުފެންނަ ގޮތަށް މަތާރަންފިލާ ފާރުގައި ހަރުކޮށްފައި ހުންނައިރު، އެ ފާރުގައި ހަރުލަނީ ހަމައެކަނި އެއްކޮޅުން ހިފެހެއްޓިފައި ވާތީއެވެ. މިވާ ގޮތާއި މަތާ އާ ވައްތަރު ކަމެއް ހުރެއެވެ. ގަލެއް ހިއްލުމަށް މަތާޖަހާ އިރު، މަތާއަށް ބާރުލަނީ އެއްކޮޅުންނެވެ. އަނެއްކޮޅުން ހިއްލާލިޔަނުދީ ހިފަހައްޓަނީ ގަލުގެ ބަރެވެ. ފިލާ ފާރުގައި ހަރުކޮށްފައި ހުންނައިރު، ފިލާގެ ބަރާއި މަތީގައި ބަހައްޓާފައި ހުރި އެއްޗެއްގެ ބަރުން ފިލާ ތިރިއަށް އެލެން ނުވަތަ ފައިބަން ހިފާ ބާރެއް ހުންނާނެއެވެ. ނަމަވެސް ފިލާ ތިރި ނުވަނީ ފާރުގައި ފިލާހަރުކޮށްފައިވާތީއެވެ.
އިނގިރޭސި ބަހުން މަތާއަށް ކިޔަނީ ލީވަރ (lever) އެވެ. ސައިޑް ނުވަތަ ފަރާތަށް ކިޔަނީ ކާންޓް (cant) އެވެ. އެއްވެސް އެއްޗެއް އެއްކޮޅުން ނުވަތަ އެއްފަރާތުން ހަރުކުރެވިފައި، އަނެއްކޮޅަށް ބަރެއް ހިފާގޮތަށް ވާނަމަ، އެ ސިފަކުރާނީ ކެންޓިލީވަރ (cantilever) ކުރެވިފައިވާ އެއްޗެއް ކަމުގައެވެ. މިސާލެއްގެ ގޮތުން، ކުރިން ބަޔާން ކުރެވުނު ފްލޯޓިންގ ޝެލްފް އަކީ ކެންޓިލީވަރ ކުރެވިފައިވާ ފިލައެކެވެ. ކެންޓިލީވަރ އަށް ދިވެހިބަހުން ކިޔަން އެންމެ ރަނގަޅުނަމެއް ކަމަށް ފެންނަނީ ބިތުމަތާ އެވެ. ބިތު މަތާޖަހައި ހަރުކޮށްފައި ހުންނަ ތަކެތި، ގިނަ ފަހަރު ހުންނާނީ އޮލަނބަށް ހުންނަ ފާރެއް ނުވަތަ ތަނބެއް ފަދަ އެއްޗަކަށް ހަރުކޮށްފައެވެ. ބިތުން ނުވަތަ ތަނބުން ނުކުމެފައި ހުންނަ ބައި ހުންނާނީ ރަހައަށެވެ.
ކެންޓިލީވަރކޮށް ނުވަތަ އެއްކޮޅުން ނުވަތަ އެއްފަރާތުން އެއްޗެއް ހަރުކޮށް، އަނެއްކޮޅު ހަރުނުކުރާ ކިތަންމެ އެއްޗެއް ހުރެއެވެ. މީގެ ތެރެއިން އެންމެ ގިނަ މީހުންނަށް ފެނިފައިވާނީ ދޮރުފަތެވެ. ދޮރުފަތް ހަރުކުރެވިފައިވަނީ އެއްފަރާތުންނެވެ. ދޮރޯށި ހިޔާކުރުމަށް ދޮރޯށިމަތީގައި ބާއްވާފައި އޮންނަ ގަލާއި ކުޑަދޮރަށް އަވިދޭތީ ނުވަތަ ވާރެއިން ރައްކާތެރިކުރުމަށް ކުޑަދޮރުމަތިން ނެރެފައިހުންނަ ކުދި ފުރާޅުވެސް މިފަދައެވެ. ބައެއް ކެރޭނު ނުވަތަ ސޭލާ ގެ ދަނޑިވެސް ހުންނަނީ ކެންޓިލީވަރ ކޮށްފައެވެ. މީގެ އިތުރަށް ބެލްކަނީ ތައް ބައެއް ފަހަރު ބޭރަށް ނެރެފައި ހުންނަނީ ކެންޓިލީވަރ ކޮށެވެ.
ދެކޮޅު އެއްވަރު ބިތުމަތާ (ބެލެންސްޑް ކެންޓިލީވަރ)
އެއްކޮޅު ހަރުކޮށްފައިވާ ރަހައަށް އޮންނަ ދަނޑިއެއްގައި ބަރެއް އެލުވުމުން އެ ދަނޑި ހަރުކޮށްފައިވާ ތަނބު ނުވަތަ މުޑި، ބަރު އެލުވިދިމާލަށް ގުދުވާން އުޅޭނެއެވެ. މިކަމުގެ އަސަރު އެންމެ ބޮޑުވާނީ ދަނޑި ހަރުކޮށްފައިވާ ކޮޅާއި ބަރު ހިފާ ކޮޅު ދުރުވި ވަރަކަށެވެ. މި ދުރުމިނަށް ޚާއްޞަ ނަމެއް ވެސް ކިޔައެވެ. އެއީ ”ލީވަރ އާރމް“ އެވެ. ކަނާތް ފަރާތުގައި (ނުވަތަ ފޯނަކުން މި މަޒުމޫނު ކިޔުއްވާނަމަ ތިރީގައި) ވާ ކެރޭނުގެ ތެދު ދަނޑި އެހާ ފަލައީ މި ލެނބެން ހުންނަ ބާރު މަތަކުރަންށެވެ.

ކިޔުންތެރިންނަށް ފަސޭހަ މިސާލެކެވެ. މަރުތޭލެއް، އުނދައްޔެއް، ފުރޯއެއް ބޭނުން ކުރާއިރު ފާހަގަ ކުރެވޭނޭ ކަމަކީ، ލާންޖެހޭ ބާރު އެންމެ ކުޑަވަނީ ދަނޑީގެ ފުލުގައި ހިފީމާ ކަމެވެ. ޙަޤީޤަތުގައި، އެއްޗެއް އެނބުރެން ނުވަތަ ފެލެން ހިފާ ބާރު ގަދަވާނީ އެނބުރެން ހިފާ ބާރާއި އެއެއްޗެއް އެނބުރޭނޭ ނާރެސް އާ ދެމެދުވާ ވަޑިފަތި ދިގުމިން އެންމެ ދިގުވި ވަރަކަށެވެ. މި ސަބަބާހެދި، ފަސް ލީޓަރު ފެންފުޅިއެއް ގަޔާ ދުރުގައި ހުއްޓައި އުފުލާލަން ދަތިވާނެއެވެ. ނަމަވެސް ގަޔާ ކައިރިން ގެނެސް އުފުލާލަން ފަސޭހަވާނެއެވެ. އެއްޗެއް އެނބުރެން ހިފާ ބާރަށް ކިޔަނީ ޓޯކު އެވެ. އެންޖިނިއަރިންގ ގައި، ޢިމާރާތްތަކާއި ފާލަންތަކާ ގުޅޭ ގޮތުން ވާހަކަ ދައްކާނަމަ މި ބާރަށް ކިޔަނީ މޯމަންޓް އެވެ. ނާރެސް އާ ހުންނަ ވަޑިފަތި ދުރުމިން، (ލީވަރ އާރމް) ގުނަކުރުމުން އަނބުރަންލާ ބާރު ވަޒަން ކުރެވޭނެއެވެ.
ސީސޯ އެއްގެ ދެކޮޅުގައި ކުޑަ ކުއްޖަކާ ބޮޑު މީހަކު އިށީދެ، ކުޑަކުއްޖާއަށް ބޮޑު މީހާ އުފުއްލާ ލެވޭނީ ލުއި ކުއްޖާ އިން ފަރާތުގެ ލީވަރ އާރމް ދިގުކޮށްގެންނެވެ. އެއީ ސީސޯގެ ނާރެސް އާ ބޮޑު މީހާ ގާތް ކުރުމުން، ނުވަތަ ކުޑަ ކުއްޖާ، ނާރެސް އާ ދުރުވެގެންނެވެ. ތިރީގައިވާ މަންޒަރަށް ފަރުވާތެރިކަމާ އެކު ވިސްނަވާށެވެ.

ބާރުލާ ތަނާ އެނބުރޭ ނާރެސް އާ ހުންނަ ވަޑިފަތި ދުރުމިން މުހިއްމު ވާ ސަބަބު، ބައިސްކަލު ދުއްވައިފައިވާ މީހަކަށް އިޙްސާސް ކުރެވޭނެއެވެ. ފައިން އަނބުރާ ތަން ނުވަތަ ފިޔަވަޅު ސީދާ މައްޗަށް ނުވަތަ ތިރިއަށް ދިއުމުން ތިރިއަށް ކިތަންމެ ބާރެއް ލިޔަސް ފުރޮޅު އެނބުރޭ ގޮތެއް ނުވާނެއެވެ. ފިޔަވަޅު ނާރެސްގެ މަތީގައި ހުންނައިރު، ލީވަރ އާރމްގެ ދިގުމިނަކީ ސުމެކެވެ. މިހެން ކަމަކު ބައިސްކަލުގެ ބޮޑުބުރާއި ފިޔަވަޅު ހަރުކޮށްފައިވާ ދަގަނޑު ނުވަތަ ތަނޑު އަބަދުވެސް ހުންނަނީ އެއްވަރަކަށެވެ. މައްްޗަށް ފިޔަވަޅު އަރާއިރު ފައިންލާ ބާރުގެ މިސްރާބަކީ ނާރެސްގެ މެދެވެ. އެހެންކަމުން ޓޯކް ނުވަތަ މޯމަންޓް ސުމަކަށް ވާނެއެވެ. ފުރޮޅަށް އެންމެ ބޮޑަށް ބާރު ލިބޭނީ ތަނޑި ބިމާ ރަހައަށް ހުންނައިރުއެވެ. ފައިންލާ ބާރާއި ނާރެސް އާ ވަޑިފަތި ދުރުމިން އެންމެ ބޮޑުވާނީ މިއިރު އެވެ. (ތަނޑުގެ ދިގުމިނަކީ ބަދަލުވާ އެއްޗެއް ނޫންކަމުން، ފިޔަވަޅާ ނާރެސް އާ ހުންނަ ދުރުމިން އަބަދުވެސް އެއްވަރެވެ. ނަމަވެސް ފައިންލާ ބާރާ ވަޑިފަތި ކޮށް ނާރެސްއާ ހުންނަ ދުރުމިން އެކި އިރު އެކި ވަރު ވާނެއެވެ. ފިޔަވަޅު އެންމެ މައްޗަށް އަރާއިރާއި އެންމެ ތިރިއަށް ދާއިރު މި ދުރުމިނަކީ ސުމެކެވެ. މި ދުރުމިން އެންެމެ ދިގުވާނީ ތަނޑި ބިމާ ރަހައަށް ހުންނަ ހިނދު އެވެ.)

އުސް ޢިމާރާތްތައް ބިނާކުރަން ބޭނުން ކުރާ ޓަވަރު ކެރޭންތައް ހަދާފައި ހުންނަނީ ކުނބުގެ ނުވަތަ މުޑީގެ ދެފަރާތަށް ފަރުމާނު ލާފައެވެ. ގިނަ މިފަދަ ކެރޭންތަކުގެ ފަރުމާނުގައި 70 މީޓަރު ހުންނާނެ އެވެ. ބަރެއް ހިފުމުން ކުނބު އަރިއަޅައިލާފާނެތީ އަނެއް ފަރާތަށް ކުރު ފަރުމާނެއް ހަރުކޮށް ބަރު ކޮންކްރީޓް ބްލޮކްތަކެއް އެލުވާފައި ހުރެއެވެ. ބޭނުމަކީ ބަރު ހިފާއިރު ދެ ފަރާތް ވީހާވެސް ހަމަހަމަ ކުރުމެވެ. ނުވަތަ ބެލެންސް ކުރުމެވެ. ބައެއް ކެރޭންތަކުގައި ކޮންކްރީޓް ބަރުތައް އެކި ދުރުމިނަށް ޖައްސައިގެން، ދެފަރާތުގެ މޯމަންޓް އެއްވަރު ކުރެއެވެ. އެހެންނޫނީ ކެރޭނު އެއްފަރާތައް ވެއްޓިދާނެއެވެ. ޓަވަރ ކެރޭނަކީ ބިތުމަތާ ނުވަތަ ކެންޓިލީވަރ ކެރޭނެކެވެ. ނަމެވެސް، ދެފަރާތުގެ މޯމަންޓް ގާތްގަޑަކަށް ހަމަހަމަކޮށް ހުންނާތީ ނުވަތަ ބެލެންސް ކޮށްފައިވާތީ، މިބާވަތަށް ކިޔަނީ ބެލެންސްޑް ކެންޓިލީވަރ ކެރޭނެވެ.


ބެލެންސްޑް ކެންޓިލީވަރ ފާލަން ބިނާކުރާގޮތް
މިހާ ހިސާބަށް ކިޔުއްވި ބޭފުޅުންނަށް ރާއްޖޭގައި އަޅާ މިބާވަތުގެ ދުނި ފާލަން ހަދާގޮތް މިހާރު ވިސްނި ވަޑައިގަންނަވާނެ އެވެ. އާދެ! މުޑިން ދެފަރާތަށް ކެންޓިލީވަރ ކޮށް ފާލަމުގެ ދުނީގެ ދެކޮޅުން ތައްގަނޑު ޖަހައި ކޮންކްރީޓް ކުރަމުން ގެންދާނީއެވެ. ދެކޮޅަށް އެއްވަރަށް ގެންދިއުމުގެ ބޭނުމަކީ، މުޑި އެއްކޮޅަށް ބަރުވެ އަރިއަޅާލިޔަ ނުދިނުމެވެ. މިބާވަތަށް، ހަމަހަމަ ނުވަތަ ދެ ފަރާތް އެއްވަރު ބެލެންސްޑް ކެންޓިލީވަރ ކިޔާ ސަބަބު ވެސް އެންގިވަޑައިގަންނަވާނެއެވެ. އިނގިރޭސި ބަހުން ބެލެންސްގެ އެއް މާނައަކީ ތަރާދެވެ. ނުވަތަ ތިލަފަތެވެ. އަދި ދެފަރާތަށް ބަރުދަން އެއްވަރަށް ހުރުމުން އެއްޗަކަށް އަންނަ ހަރުދަނާ ކަމަށް ވެސް މި ލަފުޒު ބޭނުން ކުރެއެވެ. ތިރީގައި އެވަނީ މިގޮތަށް ފާލަން އަޅަމުންދަނިކޮށް ނަގައިފައިވާ ފޮޓޯ އެކެވެ.

ބައެއް ކިޔުންތެރިންގެ ހިތްޕުޅުން ކުރެއްވޭނެ ސުވާލަކީ، މިގޮތަށް ކިހާ ދުރަކަށް ބިތުމަތާ ޖަހައިގެން ނުވަތަ ކެންޓިލީވަރ ކޮށް ދުނި ހެދިދާނެތޯއެވެެ؟ ރާއްޖޭގައި އަޅާ ފާލަމުގައި ދުނީގެ މެދާ ހަމައަށް، ބުޑުން ފެށިގެން 90 މީޓަރަށް، ކެންޓިލީވަރކޮށް ކޮންކްރީޓް ކުރަމުން ގެންދެވިދާނެ އެވެ. މިއީ ކުރެވޭނޭ ކަމެއްކަން އެނގެނީ، ގޭގޭގެ ބެލްކަނީތައް ނެރެފައިވާ ގޮތުންނެވެ. ހަތަރު ފޫޓަށް ނެރޭ ބެލްކަނީތަކުގެ ބޯމިނުގައި ހުންނަނީ ގާތްގަޑަކަށް ފަސް އިންޗިއެވެ. މި ނިސްބަތުން ބަލާ ނަމަ، މުޑިއާ ގުޅޭ ހިސާބުގައި 10 ވަރަކަށް މީޓަރު ހުންނަނިކޮށް 90 މީޓަރަށް ނެރެވޭނެ އެވެ. ކެންޓިލީވަރ ކޮށްފައިވާ ބެލްކަނީތައް ހަދާއިރު ވެސް، ތަނބާ ނުވަތަ ބެރިއާ ގުޅޭ ފަރާތް ހުންނާނީ ބޯކޮށެވެ. އެއީ ނެރެފައިވާ ބައި ތިރިއަށް ވިދޭގޮތަށް، ބުރެކެޓެއްހެންނެވެ. މިއާއެކު، ފާލަން އަޅާ ކޮންކްރީޓާއި ދަގަނޑަކީ އާދައިގެ ތަކެއްޗަށް ވުރެ ފެންވަރު ރަނގަޅު ތަކެއްޗެވެ.
ދުނި ފާލަމެއްގެ އެންމެ އުސް ހިސާބަށް ކިޔަނީ ކްރައުން އެވެ. މާނައަކީ ތާޖެވެ. ތާޖަކީ ބޮލުގައި އަޅާ އެއްޗަކަށްވާތީ، ނުވަތަ އެންމެ މަތީގައި ހުންނަ އެއްޗަކަށް ވާތީ، މިހެން ކިޔަނީ އެވެ. މާލޭ-ހުޅުލޭ ފާލަމުގެ ކްރައުން ހަދައިފައިވަނީ އެކަތަ (ސްޓީލް) ދަނގަޑުންނެވެ. އެއީ ކީއްވެ ބާވެއެވެ؟ އަޅުގަނޑަށް ވިސްނޭގޮތުގައި، ފާލަމުގެ މެދު ދަގަނޑުންހެދުމުގެ މައިގަނޑު ބޭނުމަކީ ލުއިކުރުމެވެ. ކުރިން ބަޔާންކުރި ފަދައިން، ކޮންކްރީޓަކީ ފިއްތުމުގެ ބާރަށް (ކޮމްޕްރެޝަން އަށް) ވަރަށް ގަދަ އެއްޗެކެވެ. ނަމަވެސް، ދެމުމަށް ހުންނަ ބާރަށް (ޓެންޝަން އަށް) ވަރަށް ބަލި އެއްޗެކެވެ. މާލޭ-ހުޅުލޭ ފާލަން ތިލަކަމާއި ފުޅާކަމުން ދުނީގެ ކްރައުން ނުވަތަ މެދު ކޮންކްރީޓުން ހަދައިފިނަމަ، އެ ބައި ވަރަށް ބަރުވާނެއެވެ. އިނގިރޭސި ބަހުން ބުނާނަމަ، އޭގެ ޑެޑް ލޯޑު ބޮޑުވާނެއެވެ. (ޑެޑް ލޯޑަކީ ބެރިއެއް ފަދަ އެއްޗަކަށް އެއްވެސް ބަރެއް ނާރުވާއިރު، އޭގައި ހުންނަ ޠަބީޢީ ބަރުދަނެވެ.) މި ބަޔަށް ކުރާނޭ މައިގަނޑު ބާރަކީ ދެމުމުގެ ބާރެވެ. އެހެންކަމުން، ދުނީގެ މެދު ބައިތައް ދަގަނޑުން ހަދަނީ އެވެ. ދަގަނޑުން ހެދުމުގެ ގެއްލުމަކީ ކިތަންމެ ރަނގަޅަށް ދަވާދުލިއަސް، ތިމާވެށީގެ ގޮތުން، ފަސޭހައިން ދަބަރު ޖެހުމެވެ. މަޝްހޫރު ދަގަނޑު ފާލަންތަކުގައި، އެއްކޮޅުން ފަށައިގެން ގޮސް ދަވާދުލާ ނިމޭއިރު، އަނެއްކޮޅު އޮންނަނީ އަލުން ދަވާދުލާން ޖެހިފައެވެ.
ފާލަމުގެ ބޮޑު ދުނީގެ މެދު ދަގަނޑުން ހަދައިގެން ރާއްޖެ ގެނައީ ޗައިނާއިންނެވެ. 1 ގައި އެވަނީ އެ ބައި، ބުރިބުރިކޮށްލައިގެން ގެނައި ބޯޓުގައި ބަހައްޓާފައި ހުރި މަންޒަރެވެ. 2 ގައި އެވަނީ ފާލަން މައްޗަށް ނެގުމަށް ބަނޑުގައި ބަހައްޓާފައިވާ ތަނެެވެ. މީހުންގެ އިސްކޮޅުގައި ހައެއްކަ ފޫޓު ހުންނާތީ މިބައިގެ އުސްމިނާއި ފުޅާމިން އެނގެއެވެ. 3 ގައި އެވަނީ ރޭވުމަށްޓަކައި ފާލަން މައްޗަށް އެ ބައިތައް ނަގާފައިވާ ތަނެވެ. 4 ގައި އެވަނީ އަލުން ބުރިބުރިކުރި ބައިތަށް ގުޅާފައިވާ ތަނެވެ.
މުޑިއެއްގެ މަތީގައި ދެކޮޅަށް ކެންޓިލީވަރ ކޮށް ބައެއް ނެރުމުން އެކި ބައިތަކަށް ބާރު ކުރާނީ ކިހިނަކުން ހެއްޔެވެ؟ ތިރީގައި އެވަނީ މި ބާވަތަށް ހަދާފައިވާ ބަޔަކަށް ކުރާ ބާރުތައް ހިސާބުކޮށްފައިވާ ކުރެހުމެކެވެ. ދެމޭ ބާރު (ޓެންޝަން) އެވަނީ ރަތް ކުލައިގައެވެ. ފިތޭ ބާރު (ކޮމްޕްރެޝަން) އެވަނީ ނޫ ކުލައިން ފާހަގަކޮށްފައެވެ. ފާހަގަ ކުރެއްވޭޭނޭ ފަދައިން، ދުނީގެ ތިރީބައިގައި ހުންނަނީ ފިތޭ ބާރެވެ. މަތީ ބައިގައި ހުންނަނީ ދެމޭ ބާރެވެ. އެހެންކަމުން، މަތީބަޔަށް ހުންނާނީ ވަރަށް ގިނައިން ދަގަނޑު ލާފައެވެ. ކޮންކްރީޓަކީ ޠަބީޢީ ގޮތުން ފިތޭ ބާރަށް ގަދަ އެއްޗެއް ކަމުން، އެބަޔަަށް އެހާ ގިނަ ދަނގަޑެއް ނުލައްވާނެ އެވެ. ބެލްކަނީ ހަދާއިރު ވެސް، ގިނަ ދަގަނޑު ލާނީ މަތީ ފަރާތަށެވެ.

މަތީގައިވާ ކުރެހުމުން އިތުރު ދެކަމެއް އަދި ފާހަގަ ކުރެވެއެވެ. އެއީ މައްޗާއި ތިރިއާ ދެމެދުގައިވާ ޖާގައިގައި ރަތް ކުލައެއް ނުވަތަ ނޫ ކުލައެއް ނެތް ކަމެވެ. މިއީ އެއްވެސް ބާރެއް ކުރާ ތަނެއް ނޫނެވެ. މި ތަންތަނަށް އިނގިރޭސި ބަހުން ކިޔަނީ ނިއުޓްރަލް ޕޮއިންޓެވެ. މާލޭ-ހުޅުލޭ ފާލަމުގައި، ދެ ދުނީގެ ދެމެދު ހުހަށް (ކޮންކްރީޓުން) ނުފުރާ އެ ހުންނަ އެއް ސަބަބަކީ މިއީ އެވެ. އަނެއް ސަބަބަކީ އަގުހެޔޮ ކުރުމާއި ރީތި ކުރުމެވެ. ތިރީގައި އެވަނީ ހަދަމުން ދާއިރު މިތަން ފެންނަ ގޮތެވެ. ތިރީގައިވާ ފޮޓޯގައި އެވަނީ ނިމުމުން ހުންނާނޭ ގޮތެވެ.


މުޑިއަށް ބާރުތައް އަރާ ގޮތް ދައްކުވައިދޭ ކުރެހުމުން ދެން ފާހަގަ ކުރެވޭ ކަމަކީ، ފާލަން އަޅާއިރު، ގޭގޭގެ ބެރިއާއި ތަނބުތައް ހުންނަ ގޮތާ ޚިލާފަށް، އެތެރެ ހުންނަނީ ހުސްކޮށް ކަމެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، ދުނީގެ އެކި ބައިތައް ހަދަނީ ކޮންކްރީޓް ހޮޅިއެއްގެ ގޮތަށް އެތެރެ ހުސްކޮށް ކަމެވެ. މިގޮތަށް ހެދުމުގެ ބޭނުމަކީ، އަގުހެޔޮ ކުރުމާއި ލުއި ކުރުމެވެ. އެތެރެ ކޮންކްރީޓުން ނުފުރިއަސް، އެކަށީގެންވާ ބާރު ލިބެއެވެ. ވަރަށް ބޮޑެތި ޢިމާރާތް ދަގަނޑުން ހަދާއިރު ބޭނުންކުރަނީ ހަތަރުއަރިއަށް ހުންނަ އެތެރެ ހުސް ހޮޅިއެވެ. އެމެރިކާގައި ގޮތް ނޭނގޭ ބަޔަކު ގޮއްވާލި ވާރލްޑް ޓްރޭޑް ސެންޓަރ ވެސް ހަދައިފައިވަނީ މިފަދަ ހޮޅިންނެވެ. އެތެރެ ހުސްކޮށް ހުންނަކަން، ތިރީގައިވާ ދެ ފޮޓޯގެ ތެރެއިން ކަނާތްފަރާތުގައިވާ ފޮޓޯއިން ފާހަގަ ކުރެއްވޭނެއެވެ. މި ފޮޓޯއަކީ އެހެން ޤައުމެއްގައި އަޅަމުންދާ ފާލަމެއްގެ ފޮޓޯއެކެވެ. ވާތް ފަރާތުގައި އެވަނީ މާލޭ-ހުޅުލޭ ފާލަމުގެ ފޮޓޯއެކެވެ. ފޮޓޯ ނަގައިފައިވާ ތަނުން މިކަމެއް ފާހަގައެއް ނުކުރެވެއެވެ. މަތީގައިވާ ދަގަނޑު ތިނެސްކަން އެއްޗެތި ތަކަކީ ކެރޭނެކެވެ. މި ބާވަތުގެ ކެރޭނުގެ ބޭނުމަކީ ތައްގަނޑުތައް ހިފެހެއްޓުން ފަދަ ކަންކަން ކުރުމެވެ. ފާލަން އެޅުމަށް ބޭނުންވާ ވަގުތީ ފާލަމެއް މާލެއާ ވީ ފަރާތުގައި އޮންނާތީ، ހަދަމުންދާ ގޮތް ފެންނަނީ އިރުމަތީ ފަރާތަށް ލޯންޗެއްގައި ނުކުމެގެންނެވެ.


2018 ވަނަ އަހަރުގެ ފެބްރުއަރީ މަސް އައި އިރު، ބައެއް ހިސާބުތަކުގެ ދުނިތަކުގެ ދެކޮޅު ގުޅެން ކައިރިވެފައި ވެއެވެ. ދުނީގެ ދެކޮޅު ފައިކަށި ގުޅުމުން، ދުނި ވަރަށް ގަދަވާނެއެވެ. އެއީ އަންނަނިވި ސަބަބާ ހެދިއެވެ.
މަތީގައިވާ ފޮޓޯއިން މުޑިން ފެށިގެން, ކެންޓިލީވަރކޮށް ދުނީގެ ކޮޅު ކޮންކްރީޓު ކުރަމުންދާ ތަން ސާފުކޮށް ފެނެއެވެ. މީހުން ހީކޮށްފާނެ ގޮތާ ޚިލާފަށް، ފާލަން ހަދައިފައިވަނީ އެތެރެ ހުސްކޮށެވެ. ކޮންކްރީޓްގެ ބޯމިނުގައި މި ހިސާބުގައި ހުރީ ގާތްގަޑަކަށް ދެ ފޫޓު ވަރެވެ. ކުރިއަށް ދިއަ ވަރަކަށް މި ބޯމިން ކުޑަވަމުން ގޮސް، އެއް ފޫޓަށް ވުރެ ކުޑަވާނެއެވެ. ގަދަކުރުމަށްޓަކައި، ކޮންކްރީޓް ހިކުމުން ނަރުތަކަކުން ކޮންކްރީޓް ފިއްތާނެއެވެ. މި ނަރުތައް އެތައް ތަނަކުން މިހާރުވެސް ފެނެއެވެ. ކަނާތް ފަަރާތުގައިވާ ފޮޓޯއިން އެ ފެންނަނީ މި ބައިގެ ބައްޓަމުގެ ސިފައެވެ. އެކަމަކު މިއީ އެހެން ފާލަމެއްގެ ފޮޓޯއެކެވެ. އެންޖިނިއަރިން ގައި، ވަރުގަދަ ބެރިއަށް ކިޔަނީ ގާރޑަރ އެވެ. އާދައިގެ ބެރި (ބީމް) އަކާއި ގާރޑަރ އަކާ ހުންނަ ތަފާތަކީ ގާރޑަރ ވަރުގަދަ ވެފައި ފުންކަމެވެ. މާ ވަރުގަދަކޮށް މިފަދަ ބެރި ހަދަނީ އެތެރެ ހުސްކޮށެވެ. ހަތަރެސްކަން ހޮޅިއެއް ހެނެވެ. މިގޮތަށް ހުންނަ ހޮޅި ފޮށިގަނޑަކާ ވައްތަރު ގޮތެއް ހުންނާތީ ބޮކްސް ގާރޑަރ ކިޔައެވެ. ގާރޑަރ އެއް އެންމެ ފުޅާ ކުރަނީ އޭގެ ފުންމިނުގެ 6 ގުނައަށެވެ. އެއަށް ވުރެފުޅާ ކުރާނަމަ، ޖެހެނީ މެދުން ދެބައިކުރާށެވެ. މިހެން ހެދުމުން މިބާވަތުގެ ބެރިއަށް ކިޔަނީ ޓޫ ސެލް ބޮކްސް ގާރޑަރ އެވެ. މާލެއާ ހުޅުލެއާ ދެމެދު ހަދާ ފާލަމުގައި ބޭނުންކޮށްފައި އެހެރީ ޓޫ-ސެލް ބޮކްސް ގާރޑަރ އެވެ.
މި ފޮޓޯގައި އެވަނީ ދެ ކޮޅު ދެމެދު 180 މީޓަރު ހުންނަ އެންމެ ފުޅާ ދެ ދުނި ހެދުމަށްޓަކައި ކެންޓިލީވަރކޮށް، މުޑިން ދެކޮޅަށް ކޮންކްރީޓް ކުރަމުންދާ ތަނެވެ. ދެ ދުނި ދެމެދަށް ފައްތާލާ ބައި، ކަނާތްފަރާތުގައި އެވަނީ ރާވާފައެވެ. ވާތްފަރާތުގައި އެބައި އެހެރީ ގެނައުމަށްޓަކައި ބުރިކޮށްލައި ގެނައި ގޮތަށް އަތުރާލާފައެވެ. މި ބައިތައް ގެނައީ ޗައިނާއިންނެވެ.
މި ފޮޓޯއިން އެ ފެންނަނީ ދަގަނޑު މެދުބައިގެ އެއް ކޮޅު، ކޮންކްރީޓް ބަޔާ ގުޅުވައިފާ ތަނެވެ. ކޮންކްރީޓުން މެދުބައި ނެހެދީ ފާލަމުގެ މެދުބައި ލުއިކުރުމަށެވެ.
މި ފޮޓޯގައި، ފާލަމުގެ ބޮޑު ދެ ދުނިން އެއް ދުނީގެ ދަގަނޑު ބެރި އެވަނީ މެދަށް ފައްތާފައެވެ. ވާތްފަރާތުގައިވާ ދުނީގެ މެދު ފެއްތުމަށްޓަކައި ވަނީ ސޭލާއަކުން އުފުލާލާފައެވެ. މި މެދުބައި އެއްކޮށް ހަދައި، ބުރިބުރިކޮށްލައިގެން ރާއްޖެ ގެނައުމަށް ފަހު، އަލުން ފާލަން މަތީގައި ބާއްވައިގެން ރޭވީއެވެ. މެދުބަޔާ ގުޅޭ ކޮންކްރީޓް ކޮށް ނެރެފައިވާ ދެ ފައިގެ ދެ ކޮޅުގައިވަނީ ދަގަނޑު ބައެކެވެ. މި ފޮޓޯއަށް އޮބާލުމުން ބޮޑުވާނެ އެވެ.
ދުނީގެ ބައްޓަން
ކުރިން ދެންނެވި ފަދައިން މައިގަނޑު ފާލަމުގެ ބައްޓަމަކީ ތީރު ޖަހަން ގެންގުޅޭ ދުންޏެއް ނުވަތަ ވިއްސާރަ ދުންޏެއް ނުވަތަ ހުޅެވި ހަނދުގެ ބައްޓަމެވެ. މި ބައްޓަމަކީ ވަރަށް ޚާއްޞަ ސިފަތަކެއް އެކުލެވޭ ބައްޓެމެކެވެ.

ބޯކު ނުވަތަ ދުނި ފާލަން އަޅާއިރު، ދުނި ފަތާކުރަނީ އުސްމިނުގެ 6 ގުނަ، ދުނީގެ ދެ ފައިކަށި ދެމެދުގައި ހުންނަހާ ވަރަށެވެެ. މިއީ ދުނިޔޭގެ %80 ދުނި ފާލަން އަޅާ ގޮތެވެ. މި މިނުން ޚަރަދު ކުޑަވެފައިވައި އެކަށީގެންވާ ގަދަކަން ލިބެއެވެ. މާލޭ-ހުޅުލޭ ފާލަމުގެ އެންމެ ބޮޑު ދުނީގެ ދެ ފައިކަށި ދެމެދުގައި 180 މީޓަރު ހުންނާތީ، ދުނީގެ އުސްމިން ކިޔުންތެރިންނަށް ހިސާބު ކޮށްލެވޭނެއެވެ. އާދެ! އެއީ 180، ހަޔަކުން ގެއްލީމާ ނުކުންނަ 30 މީޓަރެވެ. ގާތްގަޑަކަށް 100 ފޫޓެވެ. އެއީ 10 ބުރީގެ ޢިމާރާތެއްގެ އުސްމިނެވެ. ބިނާތައް ހެދުމުގައި، ގިނަ ފަހަރު މިންކުރަނީ އެއްޗެއްގެ މެދުންނެވެ. އެހެންކަމުން، ދުނީގެ ބޯމިނަށް ބަލައި، ފާލަމުގެ ތިރިން ދަތުރުކުރޭ އުޅަނދުގެ ކުނބު އެންމެ ދިގުކުރެވޭނީ ގާތްގަޑަކަށް 75 ފޫޓަށެވެ.

އުސްމިނާ ފުޅާމިން އެނގެނިކޮށް ދުނީގެ ބައްޓަމެއް ކަނޑައެއް ނޭޅޭނެއެވެ. ގިނަ ދުނި ފާލަންތައް ހަދައިފައި ހުންނަ ބައްޓަމަށް ކިޔަނީ ހިލިހިލާ ކިއްސަރެވެ. މި ބައްޓަމަަށް ހިލިިހިލާ ކިއްސަރު ކިޔާ ސަބަބަކީ، ހިލިހިލާ ގަނޑެއްގެ ދެކޮޅުގައި ހިފާފައި ބިމުން އުފުއްލާ ލުމުން، ހިލިހިލާގަނޑު މިކިއްސަރަށް އޮންނާތީ އެވެ. ފަތާ ކުރަންޏާ ހިލިހިލާއަށް ވާން ކޮށްލުމުން ފަތާވާނެއެވެ. މި ޚާއްޞަ ބައްޓަމުގެ އާދަޔާ ޚިލާފު ކަމަކީ، ހިލިހިލާ ގަނޑު ބިމަށް ވެއްޓެން ހުންނަ ބާރު، ދަމާލުމުން ހުންނާނީ ބޮޅުތަކުން ދެމެން ހިފާ ބާރަށް ނުވަތަ ޓެންޝަން އަށް ވެފައެވެ. ބޮޅުތައް އޮތްގޮތަށް އޮއްވައި ވެލްޑިންކޮށް ގުޅާލުމަށް ފަހު، އެކޮޅުކޮޅުން ޖަހައިފި ނަމަ، ފާލަމުގެ ބައްޓަން އަންނާނެއެވެ. ހިލިހިލާ މައްޗަށް ޖެހުމުން ތިރިއަށް ވެއްޓެން ހުންނަ ބާރު ބޮޅުތަކުގެ ތެރެއިން ދާނީ ސީދާ ދެކޮޅަށް ފިތޭ (ކޮމްޕްރެޝަން) ބާރެއްގެ ގޮތުގައެވެ. މިއީ ވަރަށް ވަރުގަދަ ބައްޓަމެކެވެ. ރިޔަލަށް ވައި ވަނުމުންނާއި ކުކުޅު ބިސް ހުންނާނީ މި ބައްޓަމަށެވެ. ބިހުގެ ދެކޮޅުން ފިއްތާލަން އެހާ އުނދަގުލީ އެހެން ވެގެންނެވެ. އޮބާލުމުން ހުރިހާ ބާރެއް ދަތުރުކުރާނީ ތޮށީންނެވެ.




ލެޓިން ބަހުން ހިލިހިލާއަށް ނިސްބަތް ކުރަނީ ކެޓެނޭރިއަސް ކަމުން، ހިލިހިލާއިން މިގޮތަށް އުފެދޭ ކިއްސަރަށް ކިޔަނީ ކެޓެނަރީ އެވެ. ކިއްސަރަށް އިނގިރޭސި ބަހުން ކިޔަނީ ކާރވް އެވެ. އެހެންކަމުން މި ބައްޓަމަށް ކިޔަނީ ކެޓެނަރީ ކާރވް އެވެ (catenary curve). މިއީ ހިސާބުން ސިފަކޮށްދެވޭ ބައްޓަމެކެވެ.
ނިންމާލުން
މި މަޒުމޫނުގައި އަޅުގަނޑު މި ގެނެސްދިނީ މާލެ އާއި ހުޅުލެ އާ ދެމެދު އަޅާ ފާލަމުގެ މައިގަނޑު ކަމުގައިވާ ބޯކު ނުވަތަ ދުނި ފާލަންތައް ހަދާ ގޮތުގެ ވާހަކައެވެ. ތިރިން ވިއްދައިގެން ކޮންކްރީޓް އެޅެން ނެތް ނަމަ، ފާލަން އަޅާ ތިން ގޮތެއް އޮވެއެވެ. ފުރަތަމަ ދެ ގޮތަކީ އޮސްޓްރިއާގެ އިންޖިނޭރެއް ކަމަށް ވާ މެލަން ހުށަހެޅުމަކާ ދާދި އެއްގޮތް ދެގޮތެކެވެ. ތިން ވަނަ ގޮތަކީ މުޑީގެ ދެކޮޅަށް ކެންޓިލީވަރކޮށް ނުވަތަ ބިތުމަތާ ޖަހައިގެން ފާލަން އެޅުމެވެ. ތިންވަނަ ގޮތް އައްވަލުން ފެށިގެން ތަފްޞީލުކޮށް ބަޔާން ކުރެވިފައިވާނެ އެވެ.
ފާލަމުގެ ދެކޮޅުން ކެންޓިލީވަރކޮށް ކޮންކްރީޓް ކުރަމުން އައިސް، އައިސް ވާތް ފަރާތު ބޮޑު ދުނީގެ މެދު ފެއްތީ 8 ޖުލައި 2018 ވީ ދުވަހުގެ ވަރަށް ހެނދުނާ ކަމަށް ފާލަމުގެ ކުރިމަތީގައި ދިރިއުޅޭ މީހަކު އަޅުގަނޑުގެ ކައިރީގައި ބުނެފައި ވެއެވެ. އެ ދުވަހުގެ އެއް ދުވަސް ކުރިން އޭނާ އަށް ފެނުނީ މަދުބައެއް މަތީގައިވާ ގޮތަށް މުޅިން މެދުބައި ފައްތާފައި ނުވާ ކަމަށެވެ. 8 ޖުލައި 2018 ނަގާފައިވާ ފޮޓޯއެއް ތިރީގައި އެވަނީއެވެ. މިހާ ހިސާބުން ފާލަމުގެ މައިގަނޑު ބިނާ (ސްޓްރަކްޗަރ) ނިމުނީއެވެ. ދެން އޮންނާނީ ތައްޓު މަތި ރީތިކުރުމާއި ހޮޅިދަނޑި ޖެހުމާއި ތަކެތި ދުއްވާ މަގު ފާހަގަކުރުމާއި ދުއްވާ މީހުންނާއި ހިނގާ މީހުންގެ ރައްކާތެރިކަމުގެ ގޮތުން ކުރާ ކަންތައްތައް ކުރުމެވެ.
އަޅުގަނޑު އުއްމީދުކުރަނީ، މި ލިޔެ ނިމުނު ފަސް މަޒުމޫނުން ފާލަމުގެ ސައިންސް ކޮންމެވެސް މިންވަރަކަށް ތިބާއަށް އޮޅުން ފިލުވާދެވުނު ކަމަށެވެ. އޮޅުން ނުފިލި ނަމަ، ކުށްވެރިއަކީ އަޅުގަނޑެވެ.
























Mi hurihaa mazumooneh vex kiyijje varah furihama. Varah huni anna thankolheh vex ai goth neygey bayaku America he twins tower gulhaavaahaka alhugandu emme furathama dhuvahakuvex gabooleh nukuran America gai evarukameh kureveynekamakah it’s totally inside job
but the highest position in Male Hulhule bridge is said to be 20 meters above mean sea level. not 30 meters.
You probably mean the air draft… the highest point of a ship above sea level allowed to pass under the bridge.
Thibaage masahkathugai barakaah lahvaashi.. Kudhakudhinnah thila koh egeyne sciencege mazumoon thakeh genesdhehvaanekamah umeedhukuran..
As usual very informative. Thanks Hassan for your work. I urge students to read these type of information to gain knowledge and to be aware of this innovative world. This is an opportunity where you can see the massive construction close, which may not be possible in other countries, and read to learn the construction technology too.
best wishes
Ismail