ބަންގިއާއި ގަމަތާ ދެމެދުގެ ދޫކުރަން ޖެހެނީ ކިހާ ވަގުތެއް ބާވައެވެ؟

ދާދި ފަހުން، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން، ބަންގިއާއި ގަމަތާ ދެމެދު ކަނޑައެޅިފައިވާ ވަގުތުތަކެއް ދޫކުރަންޖެހޭނެ ކަމަށާއި އެއީ ކުރިން ކަނޑައެޅި ވަގުތުތަކަށް ވުރެ ދިގު ވަގުތުތަކެއް ކަމަށް އަންގައި ރަށްރަށަށް ދެންނެވުންތައް ފޮނުވި ވާހަކަ ޚަބަރުފަތުރާ ވަސީލަތްތަކުން ފައުޅުކުރިއެވެ. އަދަދު ނޫހުގައި މިޚަބަރު ލިޔެފައިވާ ގޮތް މި ޖުމުލައަށް ފިތާލެއްވުމުން ފެނިވަޑައިގަންނަވާނެ އެވެ. ”ހުރިހާ“ ގައި ލިޔެފައިވަނީ މިގޮތަށެވެ. ”ނޫން“ މި ނޫހުގައި މިގޮތަށެވެ. ”ވަންއޮންލައިން“ ގައި މިގޮތަށެވެ. އަލަށް ކަނޑައެޅި ދެމެދުގެ މުއްދަތްތައް ތިރީގައި އެވަނީއެވެ.

  • ފަތިސް ނަމާދު 15 މިނެޓު
  • މެންދުރު، އަސުރު ނަމާދު 12 މިނެޓް
  • މަޣްރިބް ނަމާދު 8 މިނެޓު
  • އިޝާ ނަމާދު 10 މިނެޓު

މި ބަދަލުގެ ސަބަބުން، މިސްކިތަށް ދާ ރައްޔިތުންގެ ތެރެއިން ގިނަ މީހުންގެ ހިތްހަމަޖެހުން ބޮޑުވި ބާވައެވެ؟ މިސްކިތަށް ދާ މީހުން ގިނަވި ބާވައެވެ؟ ޢާއްމުކޮށް މިސްކިތަށް ދާ މީހުންނަށް ކުރެވުނީ ކޮން އިޙްސާސެއް ބާވައެވެ؟ މި މަޒުމޫނުގައި އަޅުގަނޑު ބަޔާންކުރާނީ، މި ކަމާ މެދު ޚިޔާލަށް އަންނަ ބައެއް ކަންކަމެވެ. އެންމެ ފުރަތަމަ ރާއްޖޭގައި މިކަން ކުރިން އޮތް ގޮތަށް ބަލައިލަމާ ތޯއެވެ؟

ބަންގިއާއި ގަމަތް ދޭތާ 1400 އަށް ވުރެ ގިނަ އަހަރު ވެފައި ވިއަސް، ފާރުގައި ބަހައްޓާ ކަހަލަ ގަޑި ޢާއްމުވީ ސަތާރަ ވަނަ ޤަރުނުގައެވެ. ރާއްޖޭގެ ރަށްތަކަށް ގަޑި ޢާއްމުވި ކަމަށް ލަފާކުރެވެނީ ވިހި ވަނަ ޤަރުނުގައެވެ. އޭގެ ކުރިން، ނަމާދު ވަގުތުތައް ދެނެގަންނަނީ ވަގުތުގައު ބޭނުންކޮށްގެންނެވެ. ވިއްސާރަ މޫސުން ނަމަ، ހިތު ލަފައަށެވެ. މިއަށް ފަހު އަދި މީގެ ކުރިން ވެސް، ބަންގި ގޮވުމަށް ފަހު، ގަމަތް ދޭ ވަގުތަކީ މުދިމު އަމިއްލައަށް ކަނޑައަޅާ ކަމެކެވެ. މުދިމު، ސުންނަތް ނަމާދުކޮށް ނިމުމުން، މީހަކު ސުންނަތް ނަމާދުގައިވާ ތަން ފެނިއްޖެނަމަ، އޭނާއަށްޓަކައި ކުޑަ އިރުކޮޅެއް ދީފާނެއެވެ. އެ ދުވަސްވަރު، މިސްކިތަށް ދާ އެންމެން މުދިމަށް އެނގޭނެއެވެ. ވަކި މީހަކު މިސްކިތަށް ނައިސްފި ނަމަ، ކަމެއްވީތޯ ބަލަން މުދިމު އެމީހެއްގެ ގެއަށް ވެސް ގޮސްފާނެއެވެ. ދިވެހީން ދިރިއުޅެމުން އައީ މިފަދަ ބަދަހި އެކުވެރި ގޮތަކަށެވެ.

މިހެން މިކަން ހިނގަމުން އައިސް، 900 އަހަރު ވާން ކައިރިވެފައި ވަނިކޮށް، ތަރައްޤީގެ ނަމުގައި، ރާއްޖޭގައި ޤާނޫނުތަކާއި ގަވާއިދުތައް ގިނަގިނައިން ހަދަން ފަށައި، ބަންގިއާއި ގަމަތާ ދެމެދު އޮންނަ ވަގުތު ވެސް ކަނޑައަޅައިފިއެވެ. އެންމެ ފުރަތަމަ، ބައެއް މިސްކިތްތަކުގައި ބަންގިއާއި ގަމަތާ ދެމެދު ހޭދަކުރާ ވަގުތު ދިގު ވެގެން، ޢާއްމުންނަށް އެކަން އުނދަގުލަކަށް ވެގެން ކަނޑައެޅީ، ބަންގިއާއި ގަމަތާ ދެމެދު ދިގުކުރެވޭނެ އެންމެ ދިގުމިނެވެ. އެއީ 3 އޯގަސްޓް 2016 ގައެވެ. އެ ޚަބަރު ތިރީގައިވާ ފޮޓޯއަށް އޮބައިލުމުން ފެނިވަޑައި ގަންނަވާ ނެއެވެ.

މި ޚަބަރަށް 90 ކޮމަންޓް ލިބިފައި ވުމުން އެނގެނީ ކަމަކީ އެކަމާ މެދު ޢާއްމުން ޝައުޤު ހުންނަ ކަމެއް ކަމެވެ. ތިރީގައިވާ ދެ ކޮމަންޓަކީ ގިނަ ކޮމަންޓްތަކުގެ މޭރުން ތަމުސީލުކުރާ ދެ ކޮމަންޓެވެ.

މިކަން މިހެން ހިނގައިފައި ވަނިކޮށް، ޞާލިޙުގެ ދައުރުގައި، ބަންގިއާއި ގަމަތާ ދެމެދު ހުންނަން ޖެހޭ ވަގުތު ކަނޑައަޅައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިޢުލާނެއް ނެރުނެވެ. އެއީ މިހާރު ޢަމަލު ކުރަމުންދާ މުއްދަތްތަކާ ދާދި އެއްވަރެއްގެ ހިނދުތަކެކެވެ.

މިކަމުގެ ސަބަބުން، ނުކުތީ ކޮން ނަތީޖާއެއް ބާވައެވެ؟ މިފަދަ ވަގުތުތަކެއް ކަނޑައެޅިދާނެ ތޯއެވެ؟ ގަމަތް ދޭނޭ ވަގުތު ކަނޑައެޅުން، މުދިމުގެ ފަރާތުން ނެގި ނެގުމަކީ މޮޅު ކަމެއް ތޯއެވެ؟ މިކަމާ މެދު އެކި މީހުންގެ ޚިޔާލު ތަފާތު ވާނެކަމާ މެދު ޝައްކެތް ނެތެވެެ.

ރާއްޖޭގައި މީހުން އުޅެނީ އެތައް ގޮތަކުން ތަފާތު ރަށްރަށުގައެވެ. ރިޒޯޓުތަކުގައި ވެސް މިސްކިތްތައް ހުރެއެވެ. މިކަންކަމަށް ރިއާޔަތްކޮށް ގަމަތް ދޭ ވަގުތު، އެކި ރަށްރަށުގައި، ތަފާތު ވާންޖެހޭނޭ ކަމަަށް އަޅުގަނޑަށް ހީވެއެވެ. މަސްވެރިކަން ކުރާ ރަށެއްގައި، ކުރިން އަވަހަށް ޖަމާޢަތުގައި ނަމާދުކޮށްގެން މަހަށް ފުރަން ބޭނުންވާ މީހާއަށް މިހާރު އެކަމެއް ނުކުރެވޭނެއެވެ. އެއީ ބަންގިއަށް ފަހު 15 މިނެއްޓު ވުމުން ނޫނީ ޖަމާޢަތް ނުފަށާނެތީއެވެ. ރިޒޯޓުތަކުގައި، ފަތިހު ފަހެއް ޖަހާއިރު ޑިއުޓީ ފަށާ މީހާއަށް، ޖަމާޢަތެއް ބައެއް މޫސުންތަކަކު ނުލިބޭނެއެވެ. އަވަހަށް ފަތިސް ނަމާދުކޮށްގެން ތަފާތު މަސައްކަތްތަކަށް މަޝްޣޫލުވާން ބޭނުން މީހާއަށް މި ޖެހެނީ، ކަމާބެހޭ ވުޒާރާއިން އެންގި އެންގުމަކާ ގުޅިގެން، އެކަހެރިކޮށް ނަމާދުކޮށްގެން އޭނާގެ މަސައްކަތް ފަށާށެވެ.

ވިސްނަވާށެވެ. މާލެއަށް ބަލައިލިނަމަ، ނާޞިރު ދައުރު ފެށުނުއިރު، މާލޭގައި  40 އަށް ވުރެ ގިނަ މިސްކިތް ހުއްޓެވެ. މިހާރުގެ މިސްކިތްތައް ބޮޑަސް، މާލޭގެ ބޮޑުވި އާބާދީގެ ނިސްބަތުން ޖުމުލަ މިސްކިތުގެ ޖާގަ ވީ ކުޑައެވެ. އަޅުގަނޑަށް ލަފާކުރެވޭގޮތުން، މިސްކިތު ޖަމާޢަތަށް މިހާރު މާލޭގެ އާބާދީގެ %5 ވެސް ނުދާނެއެވެ. މިހެން މި ދެންނެވީ މާލޭގައި 50000 ދިވެހި ފިރިހެނުން އުޅޭކަމަށް ބަލައި، މިސްކިތްތަކުގެ ޖާގައަށް ވިސްނައި، ޖަމާޢަތަށް ދާ މީހުންނަށް ނިސްބަތްކޮށެވެ.

މައިގަނޑު ގޮތެއްގައި މިސްކިތްތަކަށް ދަނީ އެއް ބައެކެވެ. އެއް މިސްކިތަކަށް އާއްމުކޮށް ދާ މީހުންނަށް، އެ މިސްކިތަށް އަރާ މީހުން ދެކެފަރިތަ އެވެ. ބަންގިއާއި ގަމަތާ ދެމެދު ވަގުތު ބޮޑުކުރުމަކުން މިސްކިތަށް ދާ މީހުން ސަފުން ގިނަވާ ކަމަކަށް އަޅުގަނޑަށް ފާހަގަ ކުރެވިފައެއް ނުވެެއެވެ. ވާނޭ ގޮތްކަމަށް ލަފާކުރެވޭ ކަމަކީ، ވަގުތަށް ދޭ ސަމާލުކަށް ކުޑަވުމާއި ފަރުވާކުޑަކަން ބޮޑުވުމެވެ. އަޅުގަނޑު އަރާ މިސްކިތުން މިހާރު ފެންނަ ކަމަކީ، ދެމެދު ވަގުތު ގިނަ ވެގެން، ބައެއް މީހުން ގަމަތް ދިނުމުގެ ކުރިން ސަފުހަދަން ފަށާ ކަމެވެ. މިކަން އެންމެ ބޮޑަށް ފާހަގަ ކުރެވެނީ މެންދުރު ނަމާދު ވަގުތުގައެވެ. ވަގުތަކީ ވަރަށް ބޮޑު ރައުސްމާލެކެވެ. އިންސާނާ އެންމެ ބޮޑަށް ބޭކާރު ކުރާ އެއްޗަކީ ވެސް ވަގުތެވެ.

ދާދި އިހަކަށް ދުވަހު، ކުޑަކޮށް ހައިރާންވި ވާހަކައެއް އިސްލާމީ މަރުކަޒުގެ ޖަމާއަތާ ބެހޭ ގޮތުން މީހަކު ކިޔައިދިނެވެ. އޭނާ ބުނީ، އިސްލާމީ މަރުކަޒުގެ ޖަމާޢަތަށް ނަމާދަށް އަރާ މީހުންގެ ޢަދަދު ކުރިއަށް ވުރެ މިހާރު ކުޑަ ވެއްޖެކަމަށެވެ. ގިނަ މީހުން ހީކުރާނީ ބަންގި އާއި ގަމަތާ ދެމެދުގެ ވަގުތު ދިގުވުމުން، ޖަމާޢަތަށް އަރާ މީހުން ގިނަވާނޭ ކަމަށެވެ.

އޭދަފުށީގެ ކައުންސިލް އިދާރާއާ ޖެހިގެން ހުންނަ މިސްކިތަށް އަރާ ރައްޓެއްސެއް، ދެމެދު ދިގުވެގެންވާ ގޮތް ކިޔައިދިނެވެ. އޭނާ ބުނިގޮތުގައި،  ބަންގި ގޮވާއިރު، މިސްކިތަށް ޢާއްމުކޮށް ދާ މީހުން ތިބެނީ މިސްކިތުގައެވެ. ދެން، ސުންނަތް ކޮށް ގިނަ އިރު ވާން ފެށުމުން، މީހުން ނިދި ޖެހި، ވުޟޫޢު ގެއްލި، ރައްޓެހީންގެ ދެމެދުގައި ވާހަކަ ދައްކަން ފެށި، މިސްކިތުގެ މާހައުލުގެ ޚުޝޫޢަތްތެރިކަން އުނިވަނީއެވެ.

ނަން ބަދަލުވިއަސް، މުދިމުން އިމާމުންނަށް ވިއަސް، މި ވެރީންގެ ތެރެއިން ބައެއް މީހުންގެ ކަންކަން ހުންނަނީ ވެސް ވަރަށް ބަސީޠު، ބޭއޯގާތެރި، ޣައިރުމުހައްޛަބު، ގޮތަކަށެވެ. ފުރުޤާން މިސްކިތަށް އަރާ ރައްޓެއްސަކު، ނަމާދުގައި ކިޔާ ތަކެތި ތާޅަފިލިން ދުރަށް ފޮނުވުމާއި (އެއީ ބިދުޢާ އެއްކަމަށް މީހުން ބުނެތެވެ!)، ފަތިސް ނަމާދުގެ ޙަރަކާތްތައް ދިގުކަމުން އިމާމުގެ ކައިރީގައި އެ ވާހަކަ ދެއްކުމުން ޖަވާބުގައި އިމާމު ބުނީ މާލޭގައި އެހެން މިސްކިތް ވެސް ހުންނާނޭ ކަމަށެވެ. (މާނައަކީ ކަލެއަށް މި މިސްކިތުގެ ނަމާދުކުރާ ގޮތް ކަމު ނުދާނަމަ، އެހެން މިސްކިތަކަށް ދާށެވެ! ހަމަ މި މޭރުމުން އިސްލާމީ މަރުކަޒުގެ އިމާމަކުވެސް މައުމޫމެއްގެ ނަޞޭޙަތަށް ޖަވާބު އިއްވިކަމަށް އަޅުގަނޑުގެ ކައިރީގައި ބުނެފައި ވެއެވެ).

ކުރީގެ އިސްލާމީ ކަންތައްތަކަކާ ބެހޭ ވަޒީރަކު، މީހުން މިސްކިތަށް ނާރަނީ މުދިމުންގެ ސަބަބުން ކަމަށް ބުނެފައި ވެއެވެ. އޭނާގެ ވާހަކަފުޅުގެ މައްޗަށް ބިނާކޮަށް މުދިމުން ކުރާ ދޮޅަހަކަށް އައިބު ކަމެއް އަޅުގަނޑު ލިޔަން ފެށީމެވެ. ފުރަތަަމަ ދެ ކަން ތިރީގައިވާ ފޮޓޯއަށް އޮބައިލުމުން ފެނިވަޑައިގަންނަވާނެ އެވެ.

ކީރިތި ރަސޫލާ ނުކުރައްވާ ކޮންމެ ކަމެއް، އަޅުކަމުގެ ތެރޭގައި، ކުރުމަކީ ބިދުޢާ ގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ބައެއް މީހުން ފަތުވާ ދެއެވެ. ބައެއް މީހުން ޤިޔާސްގެ އުސޫލުން، މިހާރުގެ ބައެއް ކަންކަން ހުއްދަކަމަށް ބަލަތެވެ. އެކި ދުވަސްވަރު އެކި ގޮތަށެވެ. މިސާލެއްގެ ގޮތުން ބަންގި ފަތުރަން ލައުޑް އިސްޕީކަރު ބޭނުންކުރުމަކީ ހުއްދަ ނޫންކަމެއް ކަމަށް އަޒުހަރުން އެންމެ ފުރަތަމަ ފަތުވާ ނެރުނެވެ. ހަމަ އެފަދަ ގޮތަކަށް ހިންދުސްތާނުގެ (އިންޑިއާ އާއި ޕާކިސްތާނު ހިމެނޭ ގޮތަށް) މުސްލިމް ޖަމްޢިއްޔާއިން ފަތުވާ ނެރުނެވެ. އެމީހުންގެ މައުލާނާއިން އިސްޕީކަރަށް ކީ ޝައިޠާނީ އާވާޒު އެވެ. އާދެ! ޝައިޠާނުގެ އަޑެވެ. ފަހުން ލައުޑް އިސްޕީކަރު ބޭނުންކުރުން ހުއްދަ ކަމަށް ބުނެފައި ވެއެވެ. ނަމަވެސް އިހުގެ ފަތުވާއަށް ތާއީދުކުރާ މަޒުހަބުތައް މިހާރުވެސް އުޅެއެވެ.

ރަނގަޅު ގޮތަކީ ކޮބައިތޯ އެވެ؟

ދިހަ މިނެއްޓު ނުވަތަ ބާރަ މިނެއްޓު ނުވަތަ ފަނަރަ މިނެއްޓު ނަމާދާ ބެހޭ ކަންކަމުގައި ކަނޑައަޅަން އުޅޭ މީހާއަށް އެރެވޭނީ ވަރަށް ކައްސާ ކަޗޯރަކަށެވެ. އެތަނުން ނުކުންނަށް ދަތި ވަލަކަށެވެ. އެކަން ތިރީގައިވާ، 1.37 މިލިއަން މީހުން އެމީހާ ފަތުވާތައް ބަލައި ހަދާ ސައޫދީ އެރެބިއާގެ ޢާލިމް، ޢާޞިމްއަލްޙަކީމް ގެ މި ވީޑިއޯއިން ދޭހަވެއެވެ.

ޢާޞިމް ވިދާޅުވަނީ، (ހަދީސަކަށް ހަވާލާ ދެއްވައި) ބަންގިއާއި ގަމަތާ ދޭތެރޭ ކުޑަ ވަގުތުކޮޅެއް ދޭން ޖެހޭނޭ ކަމަށެވެ. އަދި އެއީ ކުރުވެގެން ދެ ރަކްޢަތް ކުރާނޭ މިންވަރުގެ ވަގުތެވެ.

ބަންގި އާއި ގަމަތާ ދެެމެދުގެ ވަގުތާ މެދު، 2016 ގައި ނެރުނު ނެރުން، ކަމާ ބެހޭ ވުޒާރާއިން ނެރުނީ އެ ދެމެދުގެ ވަގުތު ދިގުވެގެން ރައްޔިތުންގެ ޝަކުވާ އަށެވެ. ފަހުން ނެރުނު ވަގުތު ނެރުނީ އެ ދެމެދު ކުރުވެގެން ދިގުކުރަން ކަމަށް ހަވާލާ ދެވުނު ޚަބަރުގައި ވެއެވެ. މިސްކިތަށް އަރާ މީހުން، ނުވަަ އަހަރުގެ ތެރޭގައި ހާދަހާ ”އަޅުވެރި“ ވެއްޖެއެވެ 😊.

އާބާދީގެ ގޮތުންނާއި ދިރިއުޅުމަށް ކުރާ މަސައްކަތާއި ވައްޓަފާޅީގެ ގޮތުން، ދިވެހިރާއްޖޭގެ ރަށްތަކަކީ، ވަރަށް ތަފާތު ރަށްތަކެކެވެ. ބައެއް ރަށްރަށުގެ މިސްކިތު ޖަމާޢަތްތަކުގައި އެންމެ ސަފެއް ވެސް ހަމަނުވެއެވެ. މިހެން ކަން އޮތް އިރު، ހުރިހާ ރަށަކަށް ޢާއްމު ގަވާއިދެއް ހެދުމަށް ވުރެ، ރަނގަޅު ވާނެކަމަށް ފެންނަނީ، ބަންގި އާއި ގަމަތާ ދެމެދުގެ ވަގުތު ކަނޑައެޅުން، މުދިމުންގެ އިޚްތިޔާރަށް ދޫކޮށްލުމެވެ. މުދިމުން ވެސް ވަކި ވަގުތެއް ކަނޑައަޅާނީ، ޖަމާޢަތުގައި ބައިވެރިވާ މީހުންނަށް ބަލާފައިކަން ކަށަވަރެވެ. މުދިންކަމަށް ލާންވާނީ ވެސް، އެފަދަ ކަންކަން ޙިކްމަތްތެރިކަމާ އެކު ކަނޑައެޅުމަށް ޤާބިލް މީހުންނެވެ. މިފަދަ ގޮތަކަށް މިކަން ނުކުރެވޭ ނަމަ، ޢާއްމު މީހުންގެ ދިރިއުޅުމާއި ކަންކަން ނިންމާ ފަރާތްތަކާ އޮންނަ ދުރުމިން ހައްތާވެސް ވާނީ ދުރެވެ. ޢާއްމުންގެ ދިރިއުޅުމަށް ވެރީން ވާނީ ބީރައްޓެސެވެ.

ވޭތިވެދިޔަ 50 ވަރަކަށް އަހަރަށް ނަޒަރުކުރާ އިރު، ރާއްޖޭގައި، އިސްލާމް ދީނުގެ އަސާސްތަކަށްދެވޭ ސަމާލުކަމާއި މީހުންގެ ފަރާތުން ހާމަވާ ތަޤްޥާވެރިކަން ވީ ކުޑަ ކަމަށް އަޅުގަނޑަށް ހީވެއެވެ. ބޮޑެތި ކުށްތައް ކުރުމާއި ފަސާދަ ޢާއްމު ވެއެްޖެއެވެ. ކުރާ ކުށްތަކަށް އަދަބު ނުދިނުމަކީ އާދަކަމަށް ވެއްޖެއެވެ  ކަންކަމާ ޒިންމާކޮށްފައިވާ ވެރީން، ހޭބޯނާރައި އުޅެނީ އަވަސް ތަނަވަސްކަމެއް ހޯދޭތޯއެވެ. އެމީހުންގެ ޙަޤީޤީ ޒިންމާތަކާ ކުރިމަތިލުމުގެ ބަދަލުގައި، تعظيم الذات ނުވަތަ ނަފުސުގެ ގަދަރު، މީސްމީޑިއާ ބެލުންތެރީންގެ މެދުގައި އައު އުސްމިނަކަށް ހިއްލައިލެވޭ ތޯ އެވެ.