މާލެ ފެނަށް ޖެހުމަށް ދެ އަހަރު: ފިލާވަޅުތައް

l_263838

އާދެ! އެއީ މީގެ ދެ އަހަރު ދުވަސް ކުރިއެވެ. 4 ޑިސެމްބަރ 2014 ވީ ބުރާސްފަތި ދުވަހެވެ. ގަޑިން މިހާރު މެންދުރު ފަހު ދޭއް ޖަހަން ކައިރިވަނީއެވެ. އެއް ލައްކަ އަށް ވުރެ ގިނަ މީހުން ދިރިއުޅެމުންދާ މާލޭގެ ގިނަ ރަށްވެހިންނަށް ފެންނަމުން ދަނީ ފެން ކުންފުނިން ބޯ ދުންތަކެއް އަރަމުންދާ ތަނެވެ. އެ ދުންތައް ހިސާބުގަނޑަށް ފެތުރުމެންދާ ތަނެވެ. އާދެ! ކަޅު އޮލަ ދުންތަކެވެ. ސީދާ ހުޅުފަޅައިގެން މައްޗަށް ގޮސްފައިހުއްޓަތީ އެއް ނުފެނެއެވެ. ޚަބަރުތައް ބުނާގޮތުގައި، އިންޖީނެއްގައި ރޯވެ، ކައިރީގައި ހުރި ޑީސަލް ފީފާތަކެއްގައި ރޯވީއެވެ. އެއްވެސް ބަޔަކަށް އަލިފާން ނިއްވާލަން ވަދެވޭވަރެއް ނުވިކަމަށް ކިޔައެވެ. މިކަމުގެ އަޖާޢިބުކަމާ މެދު ވިސްނަވާށެވެ. މިއުޅެނީ އަލިފާން ނިއްވަން އެންމެ ގިނައިން ބޭނުންކުރާ އެތިކަމުގައިވާ ފެން، އާދެ! އެ ފެން އުފައްދާ ކުންފުނީގައި އަލިފާން ރޯވެ ނުނިވިގެންނެވެ.

ގަޑިން ތިންގަޑި ބައިވެއްޖެއެވެ. އެހައިއިރު ވީއިރު މާލޭގެ ގެތަކަށް ކުންފުނިން ފޮނުވާ ފެން ލިބުން ހުއްޓިއްޖެއެވެ. މިހާރު ދުންތައް ކުޑަކޮށް މަޑުވާން ފަށައިފިއެވެ. ކުންފުނިން ދިން ޚަބަރުގައި ބުނީ ސްވިޗް ބޯޑެއްގައި ރޯވެއްޖެކަމާއި ދެތިން ހަތަރު ގަޑިއެއްހާ އިރު  ތެރޭ ފެން ލިބޭނޭކަމެވެ. މަރާމާތަށް ބޭނުންވާ ސާމާނު ސްޓޮކްގައި ހުރިކަމަށެވެ. މައްސަލައިގެ ސީރިއަސްކަން އެނގުނީ ބުނި ގަޑި ޖެހުނުއިރުވެސް ފެން ނުލިބުމުންނެވެ. އެހާ ހިސާބުން ކަމުގެ ތެރެއަށް ސަރުކާރުން ވަދެއްޖެއެވެ. މިއީ ރާއްޖޭގެ އާބާދީ އެންމެ ބޮޑު ރަށްކަމުގައިވާ ފުރަ މާލެ ފެނަށް ޖެހުނު ހަތް ދުވަސް ފެށިގެން އައިގޮތެވެ. މިއީ ރާއްޖޭގެ ކޮންމެ ރަށަކަށް މެދުވެރިވެދާނޭ މުޞީބާތެކެވެ. މި މަޒުމޫނުގައި ބަޔާންކުރާނީ މިކަމާ ގުޅިގެން ކަންތައްތައް ހިނގި ގޮތުން، މި ހާދިސާއިން ދިރިއުޅުމުގެ ކަންތައްތައް ހަމަޖައްސަން އަމިއްލަ ފަރުދުންނާއި ރަށްރަށުގެ ކައުންސިލްތަކަށް ލިބެންޖެހޭ ފިލާވަޅުތަކެވެ.

medium_51453އާދެ! މާލޭގެ ގިނަ ގެތައް ހުރީ މިފަދަ ހާލަތަކަށް ތައްޔާރު ވެފައެއް ނޫނެވެ. ބައެއް ގެ އަޅާފައިވަނީ ގޭގައި ވަޅެއްވެސް ނުބަހައްޓައެވެ. ފާޚާނާތައް ފުލަޝްކުރަން ބޭނުންކުރަނީވެސް ފެންކުންފުނީގެ ފެނެވެ. ނަތީޖާއޭ ތޯއެވެ؟ މާގިނައިރެއް ނުވަނީސް މާލޭގެ ހާލަތު ބައެއް މީހުންނަށް ވަރަށް ސީރިއަސް ވެއްޖެއެވެ. ފެންވެރޭނޭ ގޮތް ނެތްތާ، ތާހިރުވެވޭނޭ ވަރު ވެސް ނުވިއެވެ. ފާޚާނާތައް ފްލަޝް ކުރެވޭނޭ ގޮތް ވެސް ނުވިއެވެ. ދެން ބައެއް މީހުން އެރުނީ މޫދަށެވެ. ބައެއް މީހުން އެކި ރަށްރަށަށް ފުރައިގެން ދާން ފަށައިފިއެވެ. ތަން ކޮޅެއް ތަނަވަސް ކަން ހުރި، ހިންގާފަރާތްތަކާ ގުޅުން ހުރި މީހުން ރިސޯޓްތަކަށެވެ. ބައެއް ހޮޓާތައް ކާތަކެތި ހެދޭނޭގޮތް ނެތިގެން ބަންދު ކުރަން ފަށައިފިއެވެ.  ކެއިންބުއިން ހޮޓާތަކުގައި ހަމެޖެހިފައިވި މީހުން ލުއިކާނާއަށާއި މޭވާއަށް އެމީހުންގެ ކެއުން ބަދަލުކޮށްލައިފިއެވެ.

medium_51520އިންސާނާއަށް ކާބޯތަކެއްޗާ ނުލައި ފޮއެ ދުވަހު ދުނިޔޭގައި އުޅެވިދާނެއެވެ. ނަމަވެސް، ފެނާ ނުލައި އުޅެވޭނީ ތިން ދުވަހުއެވެ. ހަށިގަނޑުން ފެން މަދުވުމުން އެންމެ ފުރަތަމަ ވިސްނުންކޮށިވެ ގުނަވަންތައް ފޭލިވެއެވެ. ފެނަކީ ދިރުމުގެ އަޞްލެވެ. ހުރިހާ ދިރުމެއް މާތް ﷲ ހައްދަވާފައިވަނީ ފެނުންނެވެ. ހުރިހާ ބޮޑެތި ސަހަރުތަކާއި ސިޓީތައް އާބާދުވެފައިވަނީ ކޯރުތަކާއި ފެން ފާގަތި ސަރަޙައްދު ތަކުގައެވެ. ފެން ހުސްވުމުން، މި އާބާދުތައް ފަޅުވެއެވެ. ފެނަކީ ދިރިހުރުމުގެ ސިއްރެވެ.

ddމާލެ ފެނަށް ޖެހުމުން، އަޅުގަނޑާއި އެއް ފަދައިން، ގިނަ ފަރާތްތަކުން ހީކުރާނީ ކަމާބެހޭ ފަރާތްތަކުން، މިފަދަ ޙާލަތަކަށް ރޭވުމެއް ރާވާފައި ވާނޭ ކަމަށެވެ. ނަމަވެސް، ކަންތައްތައް ހިނގާ ދިޔަ ގޮތުން އެފަދަ އެއްވެސް ރޭވުންތެރިކަމެއް ފެނިފައެއް ނުވެއެވެ. 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހު އައި ސުނާމީ އާ ގުޅިގެން ކާރިސާތައް ނިރުވާ މަރުކަޒެއް ޤާއިމްކޮށްފައި ވެއެވެ. އެތަނާ ބެހޭ ގޮތުން އެންމެ މަޝްހޫރު ވާހަކައަކީ 13 ޖޫން 2013 ގައި 1.55 މިލިއަން ޑޮލަރުގެ ޚިޔާނާތުގެ މައްސަލައެއްގައި، ނުވަ މީހެއްގެ މައްޗަށް ދަޢުވާ ކުރުމަށް ފުލުހުން ޕީޖީއަށް ފޮނުވި ޚަބަރެވެ. ރައްޔިތުން ފެނަށް ޖެހިއްޖެނަމަ ޢަމަލުކުރާނެ ގޮތުގެ އެއްވެސް ރޭވުންތެރިކަމެއް ނުވަތަ ޕްލޭނެއް ޝާއިޢުކޮށްފައެއް ނުވެއެވެ. މިފަދަ ހާލަތަކަށް ފެން ކުންފުނިން ތައްޔާރުވެފައި ނުވާކަން ވެސް އެނގެއެވެ. އެންޖިނިއަރިންގެ އެންމެ އަސާސީ އެއް ފިކުރަކީ މުހިއްމު އެއްޗެއް ފޭލިވެއްޖެ ނަމަ، ރައްކާތެރިކަން ލިބޭގޮތަށް ކަންތައްތައް ކުރުމެވެ. ފެއިލް-ސޭފް އެންޖިނިއަރިން އެވެ. އަދި ފެން ފޯރުކޮށްދިނުން ފަދަ، ފުރާނައާ ގުޅިފައިވާ ކަމެއްގައި، އެއްތަނެއްގައި ހުރި ހުރިހާ އެއްޗެއް ފޭލިވުމުން ފެން ނުއުފެއްދޭގޮތަށް ޢަމަލުކޮށްފައިވުމީ، ބޮލެއް ހުރި އެންޖިނޭރަކު ކަންކުރާނޭ ގޮތެއް ނޫނެވެ. ކުޑަކުދިން ވެސް ކިޔާ އުޅެއެވެ. ހުރިހާ ކުކުޅުބިހެއް އެއް ވަށިގަނޑަށް ނާޅާށެވެ. ޔަޤީންއެވެ. ވިސްނުންތެރިން އަންނަނިވިހެން ބުނަނީ ސަބަބެއް ނެތިއެއް ނޫނެވެ.: ”ބައެއް މީހުންގެ ބޯ ހުންނަނީ ރީއްޗަކަށެވެ. ނެތިއްޔާ އިންސާނާ ހުތުރުވާނެތީ އެވެ.“

10421437_10204974226732713_4495946331846644919_n-e1417883049479ބޭރު ޤައުމުތަކުގައި، ޞުލްޙައިގެ ވަގުތުގައި ސިފައިން ކުރާކަމަކީ ވެސް، ޤައުމަށް އަތުވެދާނެޓެރަރިސްޓް ނުވަތަ އެހެންޙަމަލާތަކުގެ  ތަމްސީލުތައް ފިކުރުގައި ކުޅެ ޕްލޭންތައް ރާވާ ހިންގުމެވެ. ކޮންމެއަކަސް އަޅުގަނޑަށް ޔަޤީންވަނީ، މިފަދަ ހާލަތަކަށް އެއްވެސް ފަރާތަކުން ވިސްނާފައި ނުވާކަމެވެ. ތައްޔާރުވެފައި ނުވާކަމެވެ. އެންމެފަހުން ޖެހުނީ، މި މައްސަލައިގައި ބޭރުގެ އެހީއަށް އެދޭށެވެ. އެހީއަށް އެދުމުން، އެހީ ދޭ ފަރާތްތަކުން ޖަހާ މަޅިތައް ކަރަށް މެހޭށެވެ. ޤައުމުގެ ޢިއްޒަތުއްނަފުސް ކޮބައިތޯއެވެ؟ ޤައުމެއްގެ ރައްޔިތުން ފެނަށް ޖެހޭއިރު، ސަރުކާރުގެ ދައުރާއި ރޭވުންތެރިކަން ކޮބައިތޯއެވެ؟ ޤައުމީ ލަދުވެތިކަން ކޮބައިތޯއެވެ؟ މަސްއޫލިއްޔަތު ނެގުން ކޮބައިތޯއެވެ؟ އަޅުގަނޑަށް ޔަޤީންވަނީ މިފަދަ ކަމެއް ޖަޕާނުގައި ހިނގިނަމަ، ޒިންމާވާ ފަރާތްތައް އިސްތިޢުފާ ދޭނޭ ކަމެވެ.

dsc212711-e1417756203632އާދެ! ކަމެއް އެއް ފަހަރު މެދުވެރި ވެއްޖެނަމަ، ދެވަނަ ފަހަރު ވެސް އެކަން މެދުވެރި ވެދާނެއެވެ. އެހެންކަމުން ތިޔަ ބޭފުޅުންނަށް ޔަޤީންވާނީ، ރައްޔިތުންނަށް ފެން ފޯރުކޮށްދިނުމުގައި ފެންކުންފުންޏަށް އިތުބާރު ނުކުރެވޭނޭ ކަމެވެ. މިފަދަ ހާލަތަކަށް ރައްޔިތުން، ވަކިވަކި ފަރުދުން ތައްޔާރުވެފައި ތިބެން ޖެހޭނޭ ކަމެވެ. މިއީ ރާއްޖޭގެ ކޮންމެ ރަށަކަށްވެސް މެދުވެރި ވެދާނޭ ކަމެކެވެ. ކަންދިމާވިގޮތުން، މާގިނަ ދުވަހެއް ނުވަނީސް، މިފަދަކަމަކާ ގާތް ހާލަތެއް ގދ. ތިނަދޫއަށް ދިމާވިއެވެ. އަޅުގަނޑު، ދެން ދަންނަވާލާނީ، މިފަދަ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ދޭދޭ ފަރުދުން ކުރަންޖެހޭނޭ ކަންކަމެވެ.

GoldBarDivider02
ފެނުގެމައްސަލައަކީ، 21 ވަނަ ޤަރުނުގައި، ޤައުމުތަކަށް މެދުވެރިވާނޭ އެންމެ ބޮޑު އެއް މައްސަލައެވެ. 2016 ވަނަ އަހަރުވެސް، ފެނުގެ މައްސަލައެއްގައި، އުތުރުކަރައިގެ ކަރުނާޓާގައި މުޒާހަރާތައް ކޮށްފައި ވެއެވެ. ފެނުގެ މައްސަލައިގައި މެދު އިރުމަތީގައި ލަހެއް ނުވެ ހަނގުރާމަ ހިނގާނޭ ކަމަށް ވެއެވެ. މަދު ޤައުމެއް ފިޔަވައި، ފެނުގެ މައްސަލަ މި ޤަރުނުގައި އެހެން ޤައުމުތަކަށް ކުރިމަތިވާނެއެވެ. މިހާރުވެސް އެމެރިކާގެ ބައެއް ހިސާބުތަކުގައި ފެން މަދުވުމުގެ ސަބަބުން އެކިއެކި މައްސަލަަތައް ދިމާވަމުން ދެއެވެ.

ރާއްޖޭގައި މީހުން ދިރިއުޅެނީ، ފެން ފާގަތި ރަށްތަކުގައެވެ. ފެން މަދުވުމުން، ރަށުގެ ވަޒަންވެރިން އެހެން ރަށަކަށް ހިޖުރަކޮށް، ރަށް ފަޅުވެއެވެ. ރާއްޖޭގެ ރަށްތައް ވަށައިގެން ކަނޑު އޮތް ކަމުގައި ވިޔަސް، ލޮނު ބޮއެފިނަމަ، މާގިނަ އިރެއް ނުވެ އިންސާނާ މަރުވާނެއެވެ. މިހެންވާން ދިމާވާ ސަބަބަކީ، ހަށިގަނޑުގެ ލޭގައި ލޮނު ހުންނަވަރަށް ވުރެ، މޫދުލޮނުގެ ލޮނުކަން ހަތަރުގުނަ މަތިވާކަމެވެ. އެހެންކަމުން، ލޮނު ބޮއެފިނަމަ، ހަށިގަނޑު އުފެދިފައިވާ ހުރިހާ ސެލްތަކުގެ ތެރޭގައި ހުންނަ ފެން، މި ލޮނުގެ ތެރެއަށް ދަމައިގަނެ، ސެލްތަކުން ފެން ހުސްވެ ސެލްތައް މަރުވެއެވެ. ދާދި އަވަހަށެވެ. ކިރިޔާވެސް، ލޮނު ބޮވިއްޖެނަމަ، އެންމެ ރަނގަޅު ބޭސް ފަރުވާއަކަށް އޮންނާނީ، ބޮވުުނު ލޮނު ބޭރުކުރުމާއެކު،  ހަށިގަނޑުގައި ހުންނަންޖެހޭ މިންވަރަށް ލޮނު ދިޔާވާވަރަށް ސާފު ފެން ބުޔުމެވެ.

 ފެން ކަނޑައިގެން ދިޔަ އިރަކީ ބުރާސްފަތި ދުވަހެއްގެ ސަރުކާރު ބަންދުވި ފަހުން ކަމަށް ވުމީ ލެއްވި ވަރަށް ބޮޑު ނަސީބެކެވެ.  ޖެހިގެން އައި ހަފުތާގައި ވެސް، ސަރުކާރާއި އެތައް އަމިއްލަ ކުންފުނިތަކެއްވަނީ  ބަންދުކުރެވިފައެވެ. މަދަރުސާތައް ބަންދު ދުވަސްވަރެއް ނޫންނަމަ، މަދަރުސާތަކުގެ ކިޔެވުން ބަންދުވާނެކަން ޔަޤީންއެވެ. ފެނަށް ޖެހުމުން ހުރިހާ ރައްޔިތުންނަށް ޖެހުނީ، އެހެން ހުރިހާ ކަމެއް ހުއްޓާލާފައި ދިރިހުރުމަށް މަސައްކަތް ކުރާށެވެ. އާދެ! މާލެ ފެނަށް ޖެހުމުން، ދިމާވި ކަންތައްތަކުން، ފެނުގެ މުހިއްމުކަން ގިނަ މީހުން ހިތުން ފިލުވާލަން ދަތިގޮތަކަށް ފާހަގަ ކުރެވޭނެއެވެ.

ކޮންމެ ގެއެއްްގައި ވެސް ވަޅެއް ހުރުން

ފެނަށް ޖެހުނު ދުވަހަށް ފަހު، ދެން ކަންތައްތައް ހިނގިގޮތުން ކޮންމެ ގެއެއްގައިވެސް ވަޅެއް ހުރުމުގެ މުހިއްމުކަން އެންމެންނަށް ވިސްނުނެވެ. މާލޭގެ ބައެއް އުސްގެތައް ޢިމާރާތް ކޮށްފައި ހުރި އިރު، ވަޅެއް ލާފައެއް ނެތެވެ. މިފަދަ ގެތަކުގައި ފާޚާނާތައް ފްލަޝް ކުރެވޭނޭ ގޮތް ވެސް ނެތުނީއެވެ. އުސް ގެތަކުގައި ބަހައްޓާ ވަޅު، ވީހާ ވެސް ފުންކޮށް ބެހެއްޓުަމަކީ ވެސް މުހިއްމު ކަމެކެވެ. މިކަމުގެ އެންމެ ބޮޑު ބޭނުމަކީ، ބިމުގައިވާ ފެންފަށަލަ ވާރޭފެނުން ރިޗާޖްކުރުމެވެ. މިއީ ކީއްވެގެންކަން ދަންނަވާލިޔަ ދެއްވާށެވެ.

ދުނިޔޭގެ ގިނަ ޤައުމުތަކުގައި ފަރުބަދަތައް ހުރެއެވެ. މިފަރުބަދަތަކަށް ވެހޭ ވާރޭ، ބިމުގެ އަޑިއަށް ނުފޭދި، ކޯރުތަކުން ކަނޑަށް ފައިބައެވެ. ގިނަ މީހުން ބޭނުންކުރަނީ މިގޮތުން، ކޯރުތަކުގައި ހުންނަ ފެން ކޮންމެވެސް ގޮތަކަށް ބަންދުކޮށް ވެވެއް ހަދައިގެންނެވެ. ރާއްޖޭގައި ފަރުބަދައެއް ނުހުރެއެވެ. ރާއްޖޭގެ ރަށްތަކަށް ވެހޭ ވާރޭ، ބިމުގެ އަޑިއަށް ފޭދެއެވެ. އެންމެ އަޑީގައި ހުންނަނީ ކަނޑުގެ ލޮނެވެ. ލޮނަށް ވުރެ ފެން ލުޔެވެ. ލޮނަށް ވުރެ ލުއި ލަކުޑި ފަދަ ތަކެތި، ލޮނުގެ މަތީގައި އޮންނަ ފަދައިން، ވާރޭފެން، ހުންނަނީ ރަށުގެ އަޑީގައިވާ ލޮނުގެ މަތީގައެވެ. މިގޮތުން މަތީގައި ހުންނަ ފެން ފަށަލަ، ރަށުގެ މެދުގައި ބޯވެފައި، ރަށް ވަށައިގެންވާ ގޮނޑުދޮށުގައި ތިލަވާނެއެވެ. ހީވާނީ، ރަތް މުގު އޮށެއް ހެނެވެ. މުގަށް އިނގިރޭސިބަހުން ކިޔަނީ ލެންޓިލް އެވެ. މި ލަފުޒު ބޭނުންކޮށްގެ އުފެއްދި އަނެއް ލަފުޒަކީ މެދު ބޯކޮށް ކައިރި ތުނިކޮށް ހުންނަ ބައްޓަމަށް ކިޔާ ”ލެންސް“ އެވެ. ރަށްރަށުގައިވާ ފެންފަށަލަ އަށް ފްރެޝް ވޯޓަރ ލެންސް ކިޔަނީ މިހެން ވެގެންނެވެ. ތިރީގައި އެވަނީ ރަށެއްގެ ވޯޓަރ ލެންސް އެވެ.

fglinahomogenousstripislandމީހުން ވަޅުފައްތަނީ، މި މީރު ފެންފަށަލައަށެވެ. ފެން ގިނައިން ބޭނުން ކުރަން ފެށުމުން، ފެންފަށަލަ ތުނިވަމުން ގޮސް، ވަޅުން ފެން ހުސްވެއެވެ. ބިންގަނޑަށް ފޭދޭ ތަފާތު ކެމިކަލްތަކާއި އެހެން ދިޔަތައް ވެސް، މި ފެން ލެންސްއަށް ފައިބައެވެ. އެހެންކަމުން، ލެންސް ތަޣައްޔަރު ނުވާނީ ވަރަށް ބަލައިގެން އުޅުނިއްޔާއެވެ. މާލޭގެ ގިނަ ހިސާބުތަކުގައި، ވޯޓަރ ލެންސް ވަނީ ވަރަށް ބޮޑަށް ތުނިވެފައެވެ. އެއީ ފެން ބޭނުން ކުރާލެއް ގިނަ ކަމުންނެވެ. އަދި ތަފާތު ދިޔަތައް ބިމަށް އެޅި މި ފެން ފަށަލަ ގިނަ ހިސާބުތަކުގަިއ ތަޣައްޔަރު ވެފައި ވެއެވެ.

ފެން ލެންސް ތުނިވަމުން ގޮސް ބައެއް ހިސާބުތަކުގެ އެންމެ މަތީގައިވެސް ހުންނަނީ އަޑީގައި ހުންނަ ލޮނެވެ. މިފަދަ ހާލަތްތައް ދިމާވުމުން، އެ ފެން ލެންސް އަލުން ރިޗާޖް ކުރެވެއެވެ. މިއީ އަދި ރާއްޖޭގައި ނުކުރާ ކަމެކެވެ. މިކަން ކުރަން ހަދާ ގޮތަކީ، ބާރުގަދަ ޕަންޕަކުން ސާފު ބޯފެން ޕްރެޝަރުގައި އަޑިއަށް ހޮޅިއަކުން ފޮނުވަނީއެވެ. ދެން އަޑީގައިވާ ލޮނުގަނޑުގެ މަތީގައި މިފެނުގެ ލެންސް އަލުން އުފެދެއެވެ. ތިރީގައިވާ ކުރެހުމުގައިވާ ފަދައިންނެވެ. މިއީ ތާންގެއްނެތި، ވަޅުތަކުން މީރުފެން ނެގޭ ގޮތް ހެދުމަށް ބޭނުން ކުރާ ގޮތެކެވެ.

recharge_water_undergroundބިމުގައިވާ ލެންސް ރިޗާޖް ކުރުމަށް ފެން އަޑިއަށް ފޮނުވަނީ ޕްރެޝަރުގައެވެ. މި ޕްރެޝަރު އުފެއްދޭނެ އަނެއްގޮތަކީ ހޮޅި އުސްވުމެވެ. އޭރުން ހޮޅީގެ މަތީގައިވާ ފެނުގެ ބަރުން ފެން އަޑިއަށް ދާލެއް އަވަސް ވާނެއެވެ. މިސަބަބާހެދި، އުސްކޮށްގެ ޢިމާރާތް ކުރާ މީހުން، ވަޅުގެ މަތި ވީހާވެސް މައްޗަކަށް ނެގުމުން، ވާރޭވެހުމުން ބިމަށް ފެންގަނޑު ފޭދިގެން ދާލެއް އަވަސްވާނެއެވެ. މިގޮތަށް ވަޅު ހެދުމަށް ފަހު، ވަޅަށް ދިޔަދޯވި ހޮޅި ދޫކޮށްލަނިކޮށް، ވަޅު ބަންޑުން ނުވެ ބިމުގެ ފެންގަނޑުން ލޮނުކަން ކެނޑިގެން ދާނެއެވެ.

 ގިނަ މީހުން ހީކުރާ ގޮތާ ޚިލާފަށް ފެންނަގާ ވަޅެއް ތިން ހަތަރު ފޫޓު ހުންނަހާ ފުޅާކޮށް ބެހެއްޓުަމަކީ ބޭނުން ކަމެއް ނޫނެވެ. މިފަދަ ބޮޑު ވަޅެއް ބޭނުންވާނީ، އެ ވަޅަށް މީހުން އެރެން ބޭނުން ނަމައެވެ. ފެންނަގާ ގިނަ ވަޅުތައް މިޒަމާނުގައި ހުންނަނީ ހަނި ހޮޅިއެއްގެ ގޮތުގައެވެ. ނަމަވެސް ފުންކޮށެވެ. ތިރީގައި އެވަނީ މާލޭގައި ފެން އުފައްދަން ބިމުގެ އަޑިން ލޮނުނަގާ ވަޅެކެވެ. އޭގެ ފުޅާމިނުގައި އެހެރީ 330 މިލި މީޓަރެވެ.   ގާތްގަޑަކަށް އެއް ފޫޓެވެ. ބޯމިނުގައި ހުރީ 20 މިލިމީޓަރެވެ. ހޮޅީގެ ދިގުމިން 100 ވަރަކަށް ފޫޓަށް ވުރެ ވެސް ދިގުވެދާނެއެވެ. މިފަދަ ވަޅަކުން ދުވާލަކު 1000 ޓަނުގެ ފެން އުފައްދަން ބޭނުންވާ ލޮނުނެގިއަސް ވަޅު ހުސްވާތީކީ ނޫޅެއެވެ. ވަޅުގެ ތެރެއިން ލޮނު ނަގަނީ އޭގެ ތެރެއަށްލާ ޕަންޕަކުންނެވެ. ހޮޅީގައި އެންމެ ތިރީކޮޅުގައި ހުންނަނީ ލޯވަޅު އަޅާފައެވެ.

20161129_162556ވަޅުން ނެގެނީ ލޮނު ކަމުގައި ވިޔަސް، ނުވަތަ ފެން ކަމުގައި ވިޔަސް، ކާރިސާއެއްގެ އެތައް މައްސަލަތަކެއް މިކަމުން ޙައްލުވެގެން ދާނެއެވެ. އެންމެ ފުރަތަމަ ފްލަޝް ކުރަންބޭނުން ކުރާނޭ ފެނެވެ. ވަޅުން ނަގާ ފެނުގައި ލޮނުކަން ނެތް ނަމަ އެ ބޯން ސާފުކުރެވިދާނެއެވެ. މިކަން ކުރެވޭނޭ ތިން ގޮތެއް ވެއެވެ. އެންމެ ފުރަތަމަ ގޮތަކީ ފެން ކައްކައިގެން ބޭނުން ކުރުމެވެ. ދެވަނަ ގޮތަކީ ފިލްޓަރުކޮށްގެން ބޭނުން ކުރުމެވެ. ތިރީގައިވާ ކުރެހުމުގައި އެ ވަނީ ކިތަންމެ ހަޑިފެނެއް ވެސް ބޯން ރަނގަޅުވާވަރަށް ސާފުކުރެވޭ ފިލްޓަރެކެވެ. މި ފިލްޓަރުން ބެކްޓީރިއާގެ އިތުރަށް ވައިރަސްތައް ވެސް ފިލްޓަރު ކުރެވެއެވެ. ފުޅިއަކުން 4000 ލީޓަރު ނުވަތަ ހަތަރު ޓަނުގެ ފެން ސާފުކުރެވެއެވެ. ރާއްޖޭގެ ރަށަކަށް ބޭނުންކުރެވޭ ވަރުގެ މިބާވަތުގެ ތާނގިވެސް ހުރެއެވެ. އިތުރު މަޢުލޫމާތު މި ވެބްސައިޓުން ލިބޭނެއެވެ.

 lifesaver-bottle-technical-info27-stage-reverse-osmosis-system-with-pump11ފެން ސާފުކުރަން ދެން އޮތް ގޮތަކީ، މިހާރަކަށް އައިސް 3500 ރުފިޔާއަށް ވިއްކާ ބާވަތުގެ ކުޑަކުޑަ އާރުއޯ ޕްލާންޓެއް ހޯދުމެވެ. މިފަދަ ޕްލާންޓަކުން އެކަށީގެން ނުވާ  ވަރަށް ލޮނު ހުންނަ ފެން، މީރުފެނަށް ބަދަލުކުރެވޭނެއެވެ. މި ދަންނަވާލެވުނީ ވަޅެއް ހުއްޓައި، ފެން ކެނޑިއްޖެނަމަ، ބޯނޭފެން އުފައްދާނޭ ގޮތެވެ. އެންމެ މުހިއްމީ ވަޅެއް ހުރުމެވެ.

 ދެތިން ދުވަހަށް ބޭނުންވާ ފެން ކޮންމެ ގެއެއްގައި ވެސް ރައްކާކުރެވޭނޭ ގޮތެއް ހަމަޖެއްސުން

 overheadtankމާލެ ފެނަށް ޖެހުމުގެ ތަޖުރިބާއިން ދަސްކުރަން ޖެހޭ ދެވަނަ މުހިއްމު ފިލާވަޅަކީ، ކޮންމެ ގެއެއްގައި ވެސްް، ދެތިން ދުވަހަށް ބޭނުންވާނޭ ފެން ރައްކާކުރެވޭނޭ ނިޒާމެއް ޤާއިމްކުރުމެވެ. އަސާސީ ބޭނުންތަކަށް މީހަކަށް ބޭނުންވާނީ ދުވާލަކަށް 10 ލީޓަރު ފެނެވެ. 8 މީހުން އުޅޭގެޔަށް ތިން ދުވަހަށް 240 ލީޓަރު ފެނެވެ. އެހެންކަމުން ރައްކާކޮށްފައި ހުންނަން ޖެހެނީ 8 މީހުން އުޅޭ ގެޔަކަށްގާތްގަޑަކަށް އެއް ފީފާ ނުވަތަ  250 ލީޓަރު ނުވަތަ ކޮޑި މީޓަރެއްގެ ހަތަރުބައިކުޅަ އެއްބައި ފެނެވެ. މި މިންވަރަށް ފެން ހުރުމުން، ކަންދިމާވާގޮތުން ފެން ކަޑައިގެން ދިޔަޔަސް ދިރިއުޅުން ކުއްލިއަކަށް ނުހުއްޓޭނެއެވެ. މިކަން ކުރަން ރަނގަޅު އެއްގޮތަކީ، ފެން ކުންފުނިން އުފައްދާ ފެންވެސް، އެންމެ ފުރަތަމަ އުހުގައި ހުރި ތާނގި އަކަށް އެޅޭގޮތް ހެދުމެވެ. ގެއަށް ބޭނުން ކުރާ ފެން ތާނގީން ނެގުމެވެ. މިގޮތަށް ހެދުމުން، ދެތިން ދުވަހަށް ބޭނުންވާ ފެން އަބަދުވެސް ގޭގައި ހުންނާނެއެވެ. ކުއްލިއަކަށް ފެން ކަނޑައިގެން ގޮސްފިނަމަ، ގެއިން ފެން ހުސްވެގެން އުޅޭކަށް ނުޖެހޭނެއެވެ. ފެނުގައި ޕްރެޝަރުވެސް ހުންނާނީ އެއް މިން ގަނޑެއްގައެވެ. މިއީ ހުޅަނގުގެ ޤައުމުތަކުގައި ބައެއް ގޭގެ ފެން ވައިރުކޮށްފައި ހުންނަ ގޮތެވެ.

އެންމެ ފަހުން މާލެއަތޮޅު ވިލިގިލި އާބާދު ކުރިއިރު، ކޮންމެ ގެއެއްގައި ވަކި ޢަދަދަކަށް ފެން ރައްކާކޮށްފައި ބެހެއްޓުން ގަވާއިދުތަކުން ލާޒިމް ކުރެއެވެ. މިކަން އުވުނީ އެ ރަށުގައި ފެން ކުންފުނީގެ ފެން ދޫކުރަން ފެށުމުންނެވެ. ނަމަވެސް، ދިމާވާ ހާދިސާތަކުން އެނގެނީ ކޮންމެ ގެއެއްގައި ވެސް ފެން ވަކި މިންވަރަކަށް އަބަދުވެސް ހުންނަން ޖެހޭނޭ ކަމެވެ. ފެނަކީ އެއާ ނުލާ އިންސާނާއަށް ނުއުޅެވޭނޭ އެއްޗެކެވެ.

GoldBarDivider02

މާލެ ފެނަށް ޖެހުނު ހާދިސާއަށް ދެ އަހަރުވަނީ އެވެ. އެ ދުވަހުގެ ހަނދާންތަކާއި އެ ދުވަހުގެ ތަޖުރިބާތައް މާޒީއާ އެކުވެގެން ގޮސް ފިއެވެ. އެ ދުވަހު ވި ވަޢުދުތައް ވެސް މާޒީ އާ އެކުވެއްޖެއެވެ. ކާރިސާ ދިމާވުމުން ނިންމި އެއް ނިންމުމަކީ މާލެއަށް ތިން ދުވަހަށް ބޭނުންވާ 20،000 ޓަނުގެ ފެން ރައްކާކުރާނޭ ތާނގި ހެދުމެވެ. އެއް ތާނގި ހަދައިފިނަމަ، ވެދާނެ ގޮތަކަށް ބަލައި މި މިންވަރުގެ ފެން ބަހައްޓަން ޖެހޭނީ ހަައެއްކަ ތާނގީ ގައެވެ. ހަތަރު ތާނގި ނަމަ، އަދި ތާނގީއެއްގެ ދިގުހުރަހުގައި 50 ފޫޓު ހުންނަ ނަމަ، މި ވަރުގެ ފެން ރައްކާކުރެވޭ ހަތަރު ތާނގީގެ އުސްމިނުގައި ހުންނާނީ 40 ފޫޓު ވަރެވެ. ކޮންމެ އަކަސް ރަށް ރަށަށް ސަޕްލައި ފެން ލިޔަސް، ކޮންމެ ރަށެއްގައި އެ ރަށުގެ ރައްޔިތުންނަށް ހައެއްކަ ދުވަހަށް ބޭނުންވާ ފެން ރައްކާ ކޮށްފައި ހުންނަން ޖެހޭނެއެވެ. ނޫންނަމަ، ކާރިސާއެއްގެ ސަބަބުން ނުވަތަ ޓެރަރިސްޓް ހަމަލާއެއްގެ ސަބަބުން ރައްޔިތުންގެ ރައްކާތެރިކަން ނެތި ހިނގައިދާނެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ޤާއިމްކުރުމުގެ މަސައްކަތުގައި އަޅުގަނޑު 17 ވަރަކަށް އަހަރު އުޅުނީމެވެ. ކެމްޕަސް ހުންނަ ރަށްރަށުން ކެމްޕަސް ގައި، ރަށުގެ ރައްޔިތުންނަށް ހަފުތާއަކަށް ބޭނުން ކުރެވޭހާ ބޮޑު ތާނގިއެއް ހެދުމަށް އަޅުގަނޑު އިސްތިޢުފާ ދިންއިރު ވަނީ ޔުނިވަރސިޓީ ކައުންސިލުން ފާސްކޮށް، އެސްޓިމޭޓް ހޯދާފައެވެ. މިކަމުގެ އެއް މަޤްޞަދަކީ ތަނުގައި ހުންނަ ބޮޑެތި ފުރާޅުތަކުން ވާރޭފެން ތަނުގެ ބޭނުމަށް ރައްކާ ކުރުމާ އެކު، ކެމްޕަސް ހުންނަ ރަށަށް ދިމާވާ ހާލަތެއްގައި ރަށު ކައުންސިލުން ބޭނުން ގޮތަކަށް ބަހާނޭ ފެން ރައްކާކުރުމެވެ. އަޅުގަނޑު ވަކިވިތާ ދެތިން މަހުގެ ތެރޭގައި، ފެން ތާނގީގެ އެސްޓިމޭޓްތައް ބާޠިލްކޮށް، އެއާ ގުޅިފައިވާ އަވިން ކަރަންޓު އުފައްދާ ނިޒާމުގެ ކަންތައް ހިންގުން ހުއްޓިއްޖެއެވެ.  މިހެންވިތާ މާ ގިނަ ދުވަހެއް ނުވެ، ގދ. ތިނަދޫއަށް ކާރިސާއެއް ދިމާވެ މީރު ފެން ލިބުން ދަތިވިއެވެ.

ކަމެއް ވާނެ ވަގުތެއް،  ގޮތެއް ނޭނގެއެވެ. އެހެންކަމުން، ކާރިސާތަކަށާއި ދިމާވެދާނެ ޙާލަތްތަކަށް ތައްޔާރުވެ ތިބުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. އަޅުގަނޑުގެ ހަނދާނަށް އަންނަނީ ޔޫސުފު ސޫރަތުގައިވާ މިސުރުގެ ވެރިޔާގެ ހުވަފެން ފުޅެވެ. މާތް ﷲ ރުއްސުން ލެއްވި ޔޫސުފް ގެ ފާނު އެ ހުވަފެންފުޅު ތަޢުބީރު ކުރެއްވިގޮތެވެ. ހަތް އަހަރުގެ ދައްޗެއް ކުރިމަތި  ވެދާނެތީ އެކަމަށް  ތައްޔާރުވުވެވަޑައިގަތުމަށް މިސުރުގެ ވެރިޔާއަށް ލިބިވަޑައިގެންނެވި އިންޒާރެވެ. ކާބޯތަކެތި ރައްކާކުރަން ލިބުނު އިރުޝާދުން މިސުރުގެ ރައްޔިތުން ބޮޑު ތަދުމަޑުކަމަކުން މިންޖުވި ވާހަކައެވެ. ރައްކާތެރިކަން ވަނީ އަބަދުވެސް ކުރިން ތައްޔާރުވުމުގަ އެވެ.

ކަމަކަށް ތައްޔާރުވެ  ހުރުމަކީ އެކަމަކުން އަރައިގަތުން ފަސޭހަވާނޭ ކަމެކެވެ. ކޮންމެ ރަށެއް ވާންޖެހޭނީ އިނގިރޭސިބަހުން ކިޔާ ”ރެސިލިއަންޓް“ ރަށަކަށެވެ. ރެސިލިއަންޓް ގެ މާނައަަކީ ދަތި ހާލަތަކުން އަވަހަށް އަރައިގަނެވޭ ސިފަ ހުރުމެވެ. މިއީ  އިސްފިރޭނު ރަަބަރު ފަދަ ތަކެތި، ފިތުމުން ނުވަތަ ދަމާ ލުމުން އޭގެ ސައިޒު ބަދަލުވުމަށް ފަހު، ދޫކޮށްލުމުން އިހު އޮތް ސައިޒަށް އިޢާދަ ވާ ސިފައަަށް ވެސް ކިޔާ ނަމެކެވެ. މުރަނަ އިގެ އިދިކޮޅެވެ. ”އަމުރަނަ“ އެވެ. ޢަރަބި ބަހުން ނަމަ ”މަރިން“ އެވެ. ބަންގާޅު ބަހުން ”ނަމަނިޔަ“ އެވެ. އާދެ! އަމުރަނަ ނުވަތަ މަރިނަ ނުވަތަ ނަމަނިޔަ  މުޖުތަމަޢުއެއް ބިނާކުރުމަށް އެންމެ އަސާސީ ކަމަކީ ކާރިސާއެއްގައި ރައްޔިތުންނަށް ސާފު ފެން ލިބޭނޭ ގޮތެއް ހަމަޖެހިފައި އޮތުމެވެ.GoldBarDivider02

ކުއްލި ގޮތްގޮތަށް ކަންތައްތައް ބަދަލު ވުމަކީ ދުނިޔޭގެ އާދައެވެ. މާ ގިނަ ދުވަހު އެއްވެސް ކަމެއް އެއްގޮތަކަށް ނުހިނގައެވެ. މިއަދު ސާފު ފެން ލިބެން ހުއްޓަސް މާދަމާ އެ ކަންތައްތައް ބަދަލުވެދާނެއެވެ. މާލެ ފެނަށް ޖެހުނު ދުވަހުގެ މަތިން ހަނދާންކޮށްލުމުން މި ފިލާވަޅުގެ ތެދުކަން ޔަޤީން ކުރެވޭނެ އެވެ. އަދި ވެސް އެހެން ފިލާވަޅުތަކެވެ.  އެ ދުވަހު، 4 ޑިސެމްބަރު 2014 ގައި، ފެނުގެ މައްސަލަ ޙައްލުކުރުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވީ އޭރުގެ ޑިފެންސް މިނިސްޓްރީގެ ވެރިއަކަށް ހުރި ވަޒީރެވެ. އޭގެ ދޮޅު މަސް ފަހުން، އާދެ! 20 ޖަނަވަރީ 2015 ގައި އޭނާ، ޑިފެންސް މިނިސްޓަރު ކަމުން ވަކި ކުރައްވައިފިއެވެ. ބައެއް މީހުން ބުނާގޮތުން އޭނާއަށް ހަސަދަވެރިވި އެހެން މިނިސްޓަރަކު އޭނާ ފްރޭމް ކުރީ ކަމަށް ނުވަތަ ”ގޮޅިއަކަށް ފެއްތީ“ ކަމަށް ވެއެވެ. ކޮންމެ އަކަސް އޭނާވީ މިހާރު ޖަލުގައެވެ.  މާ ގިނަ ދުވަހެއް މާޒީއެއް ނުވެއެވެ. މި ހަސަދަވެރިވި މިނިސްޓަރު،  22 ޖުލައި 2015 ގައި ނާއިބު ރައީސް ގެ މަޤާމަށް އުފުލިފައި ހުއްޓައި، އޭނާ އެ މަޤާމުން ވަކި ކުރައްވައިފިއެވެ. ބުނެވޭ ގޮތުގައި އޭނާ ރައީސްކަން ބޭނުންވެގެން، އަޞްލު ރައީސް އަވަހާރަކޮށްލަން  ރައީސްގެ ލޯންޗްކޮޅުގައި، 28 ސެޕްޓެމްބަރ 2015 ގައި  ބޮމެއް ގޮއްވާލީއެވެ.  މިހާރު މީނާވެސް ވަނީ ޖަލުގައެވެ. ދައުރުވަމުންދާ ދުނިޔެ، މާދަމާ ގެންނާނީ ކޮންފަދަ ކާރިސާތަކެއް ކަމެއް ނޭނގެއެވެ.

ބުއްދިވެރިން ބުނެއެވެ. މާޒީގެ ކާރިސާތަކުން ފިލާވަޅު ނުނަގާ މީހުންގެ ސަޒާއަކީ، އެމީހުންގެ މައްޗަށް އެ ކާރިސާތައް ތަކުރާރުވުމެވެ.

GoldBarDivider02

މި މަޒުމޫނަށް ޝައުޤުވެރިވި ނަމަ، ތިރީގައި އެވާ މަޒުމޫނުތަކަށް ވެސް ތިބާ ޝައުޤުވެރި ވެދާނެއެވެ.

  1. ބަސްލިޔާ އަކުރުތައް ގިންތިކުރާ ހަމަތަކާއި މި ގިންތިތަކުގައި ދިވެހި ލިޔާ އަކުރުތައް ހިމެނޭ ގޮތް
  2. މަތިންދާ ބޯޓު އުދުހޭ ސަބަބު: ވަރަށް ތިލަކޮށް ކޮންމެ މީހަކަށް ވެސް އޮޅުން ފިލާގޮތަށް
  3. މާލޭގެ ޕާކިން މައްސަލައިގެ ޙައްލަކީ ކޮބައިތޯއެވެ؟ ޕާކިން މައްސަލަ އުފެދޭ ގޮތާއި މައްސަލައިގެ ޙައްލުތައް
  4. އެންމެ ވަރި ގިނަ ޤައުމާއި ދޮގު އެހެން ވާހަކަތައް
  5. ތަޢުލީމީ ނިޒާމުގެ ފެންވަރު ހިފެހެއްޓުމަށް އުފެއްދި އެމްއޭބީގެ ކުރީގެ ތާރީޚް
  6. އަމީން ދައުރުގެ ތަޢުލީމީ ސިޔާސަތުތައް