ކާމިޔާބު މީހުން ހަމަހިމޭނުން ތިބެން ހަދާގޮތް

ތިބާއަށް ކުރެވޭނޭ އަދި ކާމިޔާބު ކުރެވޭނޭ، ކަންތައްތައް ބަރޯސާވެގެން ވަނީ، ތިބާގެ ޝުޢޫރުތަކާއި ޖަޒުބާތްތައް މަތަކުރާނޭ ގޮތާއި، ފިއްތުންތަކާއި ނުތަނަވަސް ކަމުގެ ޙާލަތުގައި މަޑުން ހުންނާނޭގޮތުގެ ޤާބިލްކަން ތިބާއަށް ލިބިފައިވާ މިންވަރެއްގެ މައްޗަށެވެ. އެއް މިލިއަނަށް ވުރެ ގިނަ މީހުން ބައިވެރިވި ދިރާސާއަކުން ފާހަގަ ކުރެވިފައިވަނީ ކަންތައްތައް ކުރުމުގައި އެންމެ ކުރީގައި އުޅޭ %90 މީހުންނަށް، ސްޓްރެސް (ފިއްތުން) ބޮޑު ވަގުތުތަކުގައި މަޑުމައިތިރިކަމާއި އެކު ތިމާ ކޮންޓްރޯލްގައި ހުރުމަށް، އެމީހުންގެ ޖަޒުބާތްތަކާއި ޝުޢޫރުތައް މަތަކުރުމުގެ ހުނަރު އެނގޭކަމެވެ.
ސްޓްރެސް އަކީ ދިމާވާ ދަތި އުނދަގޫ ޙާލަތެއްގެ ސަބަބުން ސިކުނޑިއަށް ކުރާ ފިއްތުމުގެ ޖަޒުބާތެވެ. ތަނަވަސްކަން ނެތުމުގެ ތުރާލެވެ. ހާސްކަމެވެ. ސްޓްރެސް އަކީ ބައެއް ޙާލަތްތަކުގައި ބޭނުންތެރި ޝުޢޫރެކެވެ. އަހުރެމެންގެ ސިކުނޑި ހަމަ ޖެހިފައިވާ ގޮތުން، ސްޓްރެސެއެއްނެތި، ޙަރަކާތްތެރިވުމަށް ދަތިވެއެވެ. އެހެންކަމުން، ބައެއް މީހުންނަށް ކަންކަން އެންމެ ރަނގަޅަށް ކުރެވެނީ، ކޮންމެވެސް މިންވަރެއްގެ ސްޓްރެސްއެއްގައި އެމީހުން ވުމުންނެވެ. ވަގުތީ ގޮތުން ސިކުނޑިއަށް ކުރާ ފިއްތުމުން، މީހުން އެކި ކަންކުރާ ފެންވަރު ރަނގަޅު ވިޔަސް، ގިނަ ވަގުތު މީހުން ސްޓްރެސްގައި ވުމަކީ އެމީހުންނަށް ގެއްލުން ހުރި ކަމެކެވެ.
ކެލިފޯނިއާ ޔުނިވަރސިޓީއިން ކުރި ދިރާސާއަކުން ހާމަވީ، ކޮންމެވެސް މިންވަރަކަށް ސްޓްރެސް ހުރުމަކީ ފައިދާ ހުރިކަމެއް ކަމެވެ. މި ދިރާސާއިން ވަކި މިންވަރެއްގައި ސްޓްރެސް މަތަކޮށް ހިފެހެއްޓުމަކީ ކިހާ މުހިއްމުކަމެއް ކަންވެސް ހާމަވިއެވެ. އެ ދިރާސާއިން އެނގުނީ، ސްޓްރެސް ފެށުމުން، ސިކުނޑީގައި މޭދާ އާ ބެހޭ އިތުރު ސެލްތައް އުފެދޭން ފަށާކަމެވެ. މިކަން ފާހަގަ ކުރެވިފައިވަނީ ސްޓްރެސްއަކީ ދާއިމީ ޙާލަތެއް ކަމުގައި ނުވާނަމަ އެވެ. ނަމަވެސް، ސްޓްރެސްގައި ޤަރާރުވެ ދާއިމީކޮށް ވުމަކީ، މީހެއްގެ ޢާއްމު ޙާލަތަށްވުމުން، ސިކުނޑިން ހަނދާނާ ބެހޭ ސެލްތައް އުފެދުން ހުއްޓެއެވެ. ދިރާސާކުރި ފަރާތުން ބުންޏެއެވެ: ”ވަގުތީ، ސްޓްރެސް ބޮޑު ޙާލަތްތަކަކީ، ސިކުނޑި ސަމާލުކަމަށް ގެނުވާ ކަންކަމެވެ. ކޮންމެ މީހަކަށް ކޮންމެ ކަމެއްވެސް، ސިކުނޑީން އެކަމަށްދޭ ސަމާލުކަން ބޮޑު ނަމަ، އެކަމެއް ކުރެވޭ ފެންވަރު ރަނގަޅުވާނެއެވެ.“ ޖަނަވާރުތަކަށް ބަލާއިރު، އިރުއިރުކޮޅުން ސްޓްރެސްގައި ވުމަކީ އެ އެއްޗެތީގެ ޢާއްމު ތަޖުރިބާއެވެ. މި ސްޓެރެސް އެތަކެއްޗަށް ދިމާވަނީ އެތަކެތި ދިރިއުޅޭ މާހައުލުން އެހެން ޖަނަވާރުތަކުން ކުރިމަތިވެދާނެ ހަމަލާއަކުންނެވެ. މާކުރީ ޒަމާނެއްގައި އިންސާނުންގެ ޙާލަތަކީ ވެސް މިއީ އެވެ. އިންސާނުންގެ ސިކުނޑި ބޮޑުވެ މިޒަމާނަށް އައުމުން، އިންސާނުންގެ ކިބައިގައި، މާކުރިން ދިމާވި ކަންކަމާ ދޭތެރޭ ފިކުރުކޮށް ހާސްވުމުގެ ޤާބިލްކަން އުފެދުނީއެވެ. މިކަމުގެ ސަބަބުން، ދިގު މުއްދަތްތަކަށް އިންސާނާއަށް ސްޓްރެސްގެ ތަޖުރިބާ ކުރެވެން ފެށިއެވެ.
ހިތުގެ ބައްޔާއި، މޮޅިވެރިކަމާއި ފަލަވުމުގެ އިތުރަށް ސްޓްރެސްގެ ސަބަބުން ސިކުނޑިން ކުރެވޭ ފިކުރުގެ ފެންވަރު ދަށް ވެއެވެ. ވިސްނުން ކޮށިވެއެވެ. ތިބާގެ ފަހަތުން ސިންގާއެއް ދުވަމުން ނާންނަ ނަމަ ނަޞީބަކުން، ތިބާއަށް ކުރިމަތިވެފައިވާ ސްޓްރެސް އަކީ ތިބާއަށް ޚާއްޞަ، ތިބާއަށް ކޮންޓްރޯލް ކުރެވޭނޭ އެއްޗެކެވެ. މަތީ ފެންވަރަށް މަސައްކަތް ކުރާ ފަރާތްތަކުން، ސްޓްރެސް ބޮޑުވާ ޙާލަތްތަކުގައި އެތައް ފަހަރަކު ބޭނުންކޮށްފައިވާ، ސްޓްރެސް ކޮންޓްރޯލް ކުރަން ބޭނުން ކުރާ އުކުޅުތަކެއް ގެންގުޅެއެވެ. މި އުކުޅުތައް ބޭނުން ކޮށްގެން، އެމީހުންގެ މާހައުލު ކޮންމެ ފަދައެއް ވިއަސް ސްޓްރެސް ކުޑަކުރެއެވެ. މި އުކުޅުތަކުން، އެމީހުންނަށް އިޙްސާސް ކުރެވޭ ސްޓްރެސް އަކީ ދާއިމީ، ތާއަބަދު ދެމިނުހުންނަ ވަގުތީ އެއްޗަކަށް ހަދައެވެ.
ކާމިޔާބު މީހުން ސްޓްރެސް ކުރިމަތިވުމުން، އެކަން ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ އެތައް އުކުޅެއް އަހުރެންނަށް ދަސްވެއްޖެއެވެ. ތިރީގައި މި ބަޔާން ކުރަނީ މި އުކުޅުތަކުން އެންމެ ރަނގަޅު ދިހަ އުކުޅެވެ. މި އުކުޅުތަކަކީ އެންމެން ދަންނަ އުކުޅުތަކެއް ކަމަށް ތިބާއަށް ހީކުރެވިދާނެއެވެ. ނަމަވެސް، މިކަމުގައި ދިމާވާ އުނދަގުލަކީ ސްޓްރެސް ބޮޑު ވެއްޖެ ހާލަތް ދެނެގަނެ، ތިމާގެ ސްޓްރެސް ކިތަންމެ ބޮޑަސް، އުކުޅުތައް ބޭނުން ކުރަން ނުކެރުމެވެ.
ލިބިފައިވާ ނިޢުމަތްތައް، އެމީހުން ޝުކުރުވެރިކަމާއިއެކު އަގުކުރެއެވެ.
ތިމާއަށް ލިބިފައިވާ ނިޢުމަތްތަކާއި މެދު ޝުކުރުވެރިވުމަކީ ހަމައެކަނި”ރަނގަޅު“ ކަމެއް ނޫނެވެ. މިކަމުގެ ސަބަބުން، ތިމާގެ ޠަބީޢަތް ހަމަޖެހެއެވެ. އަދި ސްޓްރެސް އުފައްދާ ހަށިގަނޑުގެ (ހޯމޯން) ދިޔަކަމުގައިވާ ކޯޓިސޯލް %23 އަށް ދަށްވެއެވެ. ކެލިފޯރނިއާ ޔުނިވަރސިޓީގައި ހެދި ދިރާސާއަކުން ހާމަވީ، ޝުކުރުވެރިވުމުގެ ރޫޙު ތިމާގެ ކިބައިގައި އަށަގެންނެވުމަށް ކޮންމެ ދުވަހަކު މަސައްކަތް ކުރުމުން، އެ މީހުންގެ ހަކަތަ އިތުރުވުމާއި ހިތް ތަނަވަސް ވުމާއި ރޫޙު ތާޒާވުން ތަޖުރިބާ ކުރެވޭ ކަމެވެ. ޤަބޫލު ކުރެވޭ ގޮތުގައި ކޯޓިސޯލް ހަށިގަނޑުގައި ދަށްވުމުން މިކަން މެދުވެރިވަނީ އެވެ.
”އެހެންވި ނަމަ؟“ އެ ސުވާލު އެމީހުންނެއް ނުކުރެއެވެ.
”އެހެންވި ނަމަ“ މި ފަދަ ސުވާލުތައް ތިމާއާ ދިމާވާ ކަންކަމާ ގުޅިގެން ކުރުމަކީ، ފިކުރުބޮޑުވުމާއި ހާސްކަމުގެ އަލިފާނުގެ ތެރެއަށް ތެޔޮ އެޅުން ފަދަ ކަމެކެވެ. ކަންކަން އެތައް މިލިއަން ގޮތަކަށް ހިނގައިދާނެއެވެ. ކަންކަން ހިނގައިދާނެ ހުރިހާ ގޮތަކާއި މެދު ފިކުރުބޮޑު ކުރުމަކީ، ތިމާގެ ހާސްކަން ކުޑަކުރުމަށް ސަމާލުކަން ދިނުމަށް އޮންނަ ވަގުތުކުޑަވާ ކަމެކެވެ. ސްޓްރެސް ކުޑަކުރަން ކުރާނެ ކަންތައްތަކަށް ވަގުތު ނުވާނެ ކަމެކެވެ. ހަމަ ހިމޭންކަން އިސްކުރާ މީހުން ޤަބޫލު ކުރާ ގޮތުގައި ވަކިގޮތެއްވި ނަމަ ”ހާދަ ރަނގަޅޭ“ މިފަދަ ޚިޔާލުތަކުން، އެމީހުން ވިސްނުން ދާނީ، ދާން ބޭނުން ނުވާ، ދާން ބޭނުން ނުޖެހޭ ދިމަދިމާއަށެވެ.
އެމީހުން ކަންތައްތަކާ ދޭތެރޭ ދެކެނީ އުއްމީދީ ކޮށެވެ.
ތިމާ ކަންކަމާ ދޭތެރޭ ދެކޭ ގޮތާއި ހީކުރާ ހީކުރުންތައް، ކުށްހާ ޚިޔާލުތަކާއި ވަހުމްތަކުން އެއްކިބާކޮށް، އުއްމީދާއެކު ކަންތައްތައް ދުށުމަކީ، ސިކުނޑިއަށް ތަނަވަސްކަމާއި ފާގަތިކަން ގެނެސްދޭ ކަމެކެވެ. ސްޓްރެސް އެއް ނެތް ކަންކަމަށް ސަމާލުކަން ދެވޭނޭ ކަމެކެވެ. މިކަން ކުރެވޭނީ މަންޒިލެއް މަޤްޞަދެއް ނެތް ފިކުރުތަކުން، ސިކުނޑި އަށް އަރާމު ދިނުމަށްޓަކައި، ހާސްކަމެއް އުދާހެއް ނެތް ކަމަކަށް ވިސްނަން ސިކުނޑި ތަމްރީނުކޮށްގެންނެވެ. ޕޮޒިޓިވް އުއްމީދީ ކޮންމެ ޚިޔާލެއް ވެސް މިކަމަށް ރަނގަޅުވާނެއެވެ. ކަންކަން ފަހިކޮށް ހިނގާއިރު، މިގޮތަށް ވިސްނުމަކީ ފަސޭހަކަމެކެވެ. ނާއުއްމީދާއި މާޔޫސްކަން ވެރިވުމުން، މިގޮތަށް ޚިޔާލުކުރަން ބޮޑު ގޮންޖެހުމަކަށް ވެއެވެ. މިފަދަ ވަގުތުތަކުގައި، އެ ދުވަހެއްގައި ރަނގަޅު ނަތީޖާއެއް ނުކުތް، ކިތަންމެ ކުޑަ ނަމަވެސް އެންމެ ކަމަކަށް ވިސްނާލާށެވެ. މިފަދަ ކަމެއް މިއަދު ހިނގާފައި ނުވާ ނަމަ، އިއްޔެ ނުވަތަ ފާއިތުވީ ހަފުތާގައި ހިނގި އެފަދަ ކަމަކަށް ވިސްނާލާށެވެ. ނޫންނަމަ، މުސްތަޤްބަލްގައި، އުއްމީދާ އެކު ރާވަމުންދާ ކަމަކަށް ފިކުރު ފޯކަސް ކޮށްލާށެވެ. މުހިއްމު ނުކުތާއަކީ، ނާއުއްމީދުގެ ކަޅު ވިލާތަކުން ފިކުރުގެ އުދަރެސް ބަންދުކުރަމުންދާ ވަގުތަކު، އަލިކަމާއި ފަހިކަން ފާއްދަމުންދާނޭ ދިމާއަކަށް ހިތް ހުއްޓާލުމެވެ.
އެމީހުން ޓެކްނޯލޮޖީ އާއި މަސައްކަތުން ވަގުތީގޮތުން ގުޅުން ކަނޑާލައެވެ.
ސްޓްރެސް އަކީ ވަގުތީ ޙާލަތަކަށް ހެދުމަށް ވަޒީފާއާއި ފޯނުން ”ޑިސްކަނެކްޓް“ ވުމަކީ ވަރަށް މުހިއްމުކަމެކެވެ. ސައުވީސް ގަޑިއިރު، ވަޒީފާއާ ނުވަތަ ފޯނާ ތިބާ ގުޅިފައިވާ ނަމަ، ސްޓްރެސް ހުންނާނީ އަބަދު އައިސް އައިސް އެވެ. ފޯނާއި ވަޒީފާއަށް ”އޯފްލައިން“ ވުމުން ސިކުނޑިއަށް އެ ދެވެނީ ވަރަށް ބޮޑު އަރާމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، އީމެއިލު ނުބަލާ ދުވަހެއް ދުއްވާލުމަކީ ވެސް ސްޓްރެސް ކުޑަވާ ކަމެކެވެ.
ޓެކްނޯލޮޖީގެ ސަބަބުން އިންސާނާ އަށް ހަފުތާއަކު ހަތް ދުވަހު، ސައުވީސް ގަޑިއިރު އެހެން ފަރާތްތަކާ މުޢާޞަލާތް ކުރެވެއެވެ. އަދި ގިނަ ބަޔަކު ދެކެނީ ކޮންމެ އިރެއްގައި ނަމަވެސް، ތިބާ އެހެންމީހުންނާ ގުޅެން ޖެހޭނޭ ކަމަށެވެ. ކޮންމެ ހިނދަކު ނަމަވެސް، އީމެއިލެއް، މެސެޖެއް ނުވަތަ ކޯލެއްގެ ސަބަބުން ސްޓްރެސް އުފައްދާ ޙާލަތަކާ ކުރިމަތި ވެދާނެތީ، ހަމަހިމޭންކަމުގައި ހިތްފަސޭހަކަން ހޯދަން ނުލާހިކު ދަތިވެއެވެ. އެންމެ ރަނގަޅު ގޮތަކީ ބައެއް ދުވަސްދުވަހު، މިސާލަކަށް ހަފުތާ ބަންދުގައި، ނުވަތަ އޮފީސް ނިމުމުން، އެފަދަ މުޢާމަލާތްތައް ”ބްލޮކް“ ކޮށްލުމެވެ. މިކަން ކޮށްފިނަމަ، މި ވަގުތުތަކުން ހިތަށް ލިބޭ ހިތްގައިމުކަމުން ތިބާ ހައިރާން ވާނެއެވެ. މިގޮތަށް ކަންކޮށްފި ނަމަ، ދިމާވެދާނެ މައްސަލައަކަށް ބަލައި، އެންމެ ފުރަތަމަ ވަކި ގަޑިތަކެއްގައި ”އޯފްލައިން“ ވުމަށް ވިސްނާށެވެ. މިސާލެއްގެ ގޮތުން ހުކުރުދުވަހު ހެނދުނު މިފަދަ އެއްވެސް މުޢާމަލާތެއް ނުކުރާ ގޮތަށް ހަމަޖައްސާށެވެ. ދެން މިކަން، އެކުގައި މަސައްކަތް ކުރާ މީހުންނަށް އެނގުމުން، ޓެކްނޯލޮޖީ އިން ދުރުވާ ވަގުތު އިތުރު ކުރާށެވެ.
އެމީހުން ކެފީން (ކެފެއިން) ބޯވަރު ކޮންޓްރޯލް ކުރެއެވެ.
ސަޔާއި ކޮފީގައި ހިމެނޭ ކެފީން އަކީ އެޑްރިނޭލިން ހަށިގަނޑުގައި އުފައްދާ އެއްޗެކެވެ. އެޑްރިނޭލިން އަކީ ބިރެއް ދިމާވުމުން، އިންސާނާ ހަމަލާދޭން ނުވަތަ ހަމަލާއަކުން ދިފާޢުވުމަށް ކުރާ ޙަރަކާތްތައް ފަށުވާ ހަށިގަނޑުގެ ދިޔައެކެވެ. ކަމަކުން ފިލަން ދުވުމަށް ނުވަތަ ހަމަލާއަކަށް ތައްޔާރުވުމަށް، ފިކުރު ކުރުމެއް ނެތި، ހަށިގަނޑު ހަރަކާތްތެރި ކުރުވަނީ މި ހޯމޯން އެވެ. މާބޮޑަށް ވިސްނާނަމަ، ވަގުތު ހޭދަވާނެތީ، މި ހޯމޯން ހަށިގަނޑުގައި އުފެއްދުމުން ހަރަކާތްތައް އަވަސް ވެއެވެ. ތިބާގެ ފަހަތުން މިނިކާވަގެއް ދުވަމުން އަންނަ ނަމަ، މިއީ ވަރަށް ރަނގަޅު ކަމެކެވެ. ނަމަވެސް، އީމެއިލަކަށް ޖަވާބު ދޭއިރު، މާ ބޮޑު ފިކުރެއް ނެތި، ކޮފީ ބޮއެގެން ކުއްލިއަކަށް ޖަވާބު ދިނުމުން ނުކުމެދާނެ ނަތީޖާއަކުން ހާސްކަމަކާ ކުރިމަތިލާން ޖެހިދާނެއެވެ. ކެފީން ހަށިގަނޑަށް ދިއުމުން އޭގެ އަސަރުތަައް އެތަށް އިރެއް ވަންދެން ހުރެއެވެ. އެހެންކަމުން، މިއީ ވަގުތީ ސްޓްރެސް އުފައްދާ އެއްޗެއް ނޫނެވެ.
އެމީހުން ރަނގަޅަށް ނިދައެވެ.
މިވާހަކަ އަހުރެން އެތައް ފަހަރަކު ދައްކައިފީމެވެ. ފުރިހަމައަށް ނިދުމަކީ ސްޓްރެސް ކޮންޓްރޯލް ކުރުމަށާއި ޖަޒުބާތީ ވިސްނުން މަތިކުރުމަށް ވަރަށް މުހިއްމު ކަމެކެވެ. ތިބާ ނިދުމުން، ފޯނު ބެޓެރީ ޗާޖުވާގޮތަށް، ސިކުޑި ޗާޖުވެއެވެ. ދުވަހީ ފިކުރުތަކުން ފޮރުވާނޭ ހަނދާންތައް ވަކިކޮށް ހަނދާން ނައްތާލަންޖެހޭ ކަންތައްތައް ތަރުތީބު ކުރެއެވެ. މިހެންކަމުން، ހޭލެވެނީ ތާޒާކަމާއި ހިތްފަސޭހަ ކަމުގައެވެ. ކަންކަމަށް ދެވޭ ސަމާލުކަމާއި ހަނދާނާއި އަމިއްލަ ކޮންޓްރޯލު ނުނިދޭނަމަ، ބަލިވެއެވެ. ނިދި މަދުވުމަކީ، ސްޓްރެސް މަތިކުރާ ހޯމޯން ގިނަވާ ކަމެކެވެ. ހާސްވާންވީ ކަމެއް ނެތް ނަމަވެސް، މިހެން މިކަން ދިމާވެއެވެ. ބޮޑެތި ކަންކަން ކުރަން ދިމާވުމުން، ނިދާނޭ ވަގުތެއް ނެތް ކަމަށް ހީކުރެވިދާނެއެވެ. ނަމަވެސް، ނިދި ހަމަކުރުމަކީ ބޮޑެތި މަޝްރޫޢުތައް ނިންމުމަށް ކޮންމެހެން ބޭނުން ކަމެކެވެ.
އެމީހުން އަމިއްލަ ނަފުސާ މުޚާޠަބުކޮށް ހިތަށްދަތިވާ ވާހަކަތަކެއް ނުދައްކައެވެ.
އަމިއްލަ ނަފުސާ މުޚާޠަބުކޮށް ހިތަށް ދަތިވާ ވާހަކަތައް ނުދެއްކުމަކީ ސްޓްރެސް ކޮންޓްރޯލް ކުރުމަށް ވަރަށް މުހިއްމު ކަމެކެވެ. ނުތަނަވަސް ފިކުރުތައް ކުރުމުން، އެ ފިކުރުތަކަށް ބާރު ދެވެއެވެ. މިފަދަ ފިކުރުތަކަކީ ހަމަ ފިކުރެވެ. ޙަޤީޤަތެއް ނޫނެވެ. ތިބާގެ ޒަމީރު ބުނާ ހިތަށް ދަތިކުރާ ވާހަކަތައް ގަބޫލު ކުރެވެން އުޅެވޭނަމަ، އެ ޚިޔާލުތައް ލިޔާށެވެ. ކުރާކަމެއް ހުއްޓާލާފައި އެ ޚިޔާލުތައް ގަލަންކުރާށެވެ. މިފަދަ ޚިޔާލުތައް ލިޔުމުން، ތިބާއަށް ފާހަގަ ކުރެވޭނީ އެއީ އެއްވެސް ޙަޤީޤަތެއް ނެތް، ބޭކާރު ޚިޔާލުތަކެއް ކަމެވެ.
ލިޔުނު ފިކުރުތަކުގައި – ދުވަހަކުވެސް — ދާއިމަށް – ފަދަ ލަފުޒުތައް ހިމެނޭނަމަ، އެއީ ޙަޤީޤަތެއް ނޫންކަން ޔަޤީން އެވެ. ޤަބޫލު ނުކުރެވޭނަމަ، އިތުބާރު ކުރެވޭ ރައްޓެއްސަކަށް ދައްކައި، އޭނާ އެ ޚިޔާލުތަކަށް ތާއީދު ކުރޭތޯ ބަލާށެވެ. މި ކަހަލަ ޚިޔާލުތަކަކީ ސިކުޑިން ތިބާގެ ހިތްހަމަޖެހުން ކުޑަކުރަން ކަންބޮޑުކޮށްގެން ހިތަށް އަރުވާ ވަހުމެވެ. މި ޚިޔާލުތަކަކީ ވަހުމުގެ ގޮތުގައި ސިފަކޮށް ކަޑައެޅުމުން އެ ޚިޔާލުތައް ކޮންޓްރޯލްކުރުމަށް ބާރަކަށް ވެއެވެ.
އެމީހުން ކަންތައްތައް ދެކޭގޮތް، އައު ގޮތްގޮތަށް ފުރޭމުކުރެއެވެ.
ސްޓްރެސް އާއި ހާސްކަން ބޮޑުވަނީ ކަންތައްތައް އަހުރެމެން ދެކޭގޮތުންނެވެ. ބައެއް ކަންތައްތަކަކީ، މިސާލަކަށް ވަކި ދުވަހަކަށް ކަމެއް ނިންމުން، ދުލެއްނުދޭ ބޮހުން އަދި މަގުމަތީގެ ޓްރެފިކް އަކީ އަހުރެމެން ސްޓްރެސްކުރުވާ ސިކުނޑި ފިއްތާ ކަންތައްތައް ކަމަށް ދުށުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ނަމަވެސް އަހުރެމެންނަކަށް އަހުރެމެންގެ މާހައުލެއް ކޮންޓްރޯލެއް ނުކުރެވޭނެއެވެ. އަހުރެމެންނަށް ކޮންޓްރޯލް ކުރެވޭނީ އެކަންކަން މެދުވެރިވުމުން އަހުރެމެން އެކަންކަމާ ދޭތެރޭ ދެކޭ ގޮތެވެ. އަމިއްލައަށް ކުރާ ކަންތަކެވެ. އެހެންވީމާ، ކަމަކާ މެދު ފިކުރު ބޮޑުވާނަމަ، އެ ޙާލަތު ދެނެގަތުމަށް ވަގުތުކޮޅެއް ނަގާށެވެ. ކަމަކާ މެދު ވާ ހާސްކަމަކީ، އެކަމާ އެކަށީގެންނުވާ ސްޓްރެސް އަކަށް ވެދާނެއެވެ. ފުޅާކޮށް، ހުރިހާ ކަމެއް ދަނީ ރަނގަޅަކަށް ނޫންކަމަށް، ނުވަތަ އެއްވެސް ކަމެއް ރަނގަޅު ނޫން ކަމަށް ހީވާނަމަ، މިއީ ޙަޤީޤަތަކަށް ނުވާނެއެވެ. މިފަދަ ޚިޔާލުތަކުން އެއްކިބާވާން އެންމެ ރަނގަޅު ގޮތަކީ، އެ ޚިޔާލުތައް ލިޔުމެވެ. ލިޔުމުން ފާހަގަ ކުރެވޭނީ ހުރިހާ ކަމެއް ގޯސް ނޫން ކަމެވެ. އަދި ހީކުރިވަރަށް ވުރެ ސްޓްރެސްތައް ކުޑަކަމެވެ.
އެމީހުން ނޭވާލައެވެ.
ސްޓްރެސް އަކީ ވަގުތީ ޙާލަތަކަށް ހެދުމަށް އެންމެ މުޖައްރިބު ކަމަކީ ތިބާ ކޮންމެ ދުވަހަކުވެސް ކުރާ ކަމެއް ކުރުމެވެ: އެއީ ނޭވާލުމެވެ. ހުރިހާ ފިކުރެއް ނޭވާލުމަށް ހުސްކޮށްލުމަށް ސިކުނޑި ތަމްރީނު ކުރެވޭނީ އެއިރަކު ކުރަންޖެހޭ ކަމެއް ކުރުމަށް ސަމާލުކަން ދިނުމަށާއި ސްޓްރެސް ފިލުވާލުމަށެވެ. ސްޓްރެސް ބޮޑުވުމުން، ދެތިން މިނެއްޓެއް ވަންދެން ތަނެއްގައި އިށީދެ، ލެވޭ ނޭވާއަށް ސަމާލުކަން ދީބަލާށެވެ. ހުރިހާ ޚިޔާލެއް ނޭވާލުމަށް ފޯކަސް ކުރާށެވެ. މަޤްޞަދަކީ، ފިކުރު އެކި ދިމަދިމާއަށް ދިއުން ހުއްޓުވުމަށްޓަކައި، ނޭވާލުމަށް ހުރިހާ ޚިޔާލެއް އަމާޒުކުރުމެވެ. ނޭވާލާއިރު، ކުރެވޭ އިޙްސާސްތަކަށް ވިސްނާށެވެ. މިއީ ބުނަން ފަސޭހަ ކަމެއް ކަމުގައި ވިއަސް، ދެތިން މިނެއްޓަށް ވުރެ ގިނައިރު ކުރަން އުނދަގޫ ކަމެކެވެ. ބައެއް ފަހަރު، ޚިޔާލު އެހެން ދިމަދިމާއަށް ދިޔަޔަސް، އަލުން ޚިޔާލު ނޭވާލުމަށް އަމާޒުކުރާށެވެ. ނޭވާލުމަށް ސަމާލުކަން ދޭން ދަތިވި ނަމަ، އެކަކުން ވިއްސަށް ކޮންމެ ނޭވާއެއް ގުނާށެވެ. ދެން އަލުން ވިހިން އެކަކަށް ގުނާށެވެ. ގުނުން ގޯސްވެއްޖެނަމަ، އަލުން ގުނަން ފަށާށެވެ.
މިކަމަކީ ސޭކު ކަމެއް ކަމަށް ހީވިއަސް، މި ތަމްރީނަށް ފަހު، ސިކުނޑިއަށް ލިބޭ ލުއިކަމުން، ތިބާ ހައިރާން ވާނެއެވެ. އަދި ތިބާއަށް ފާހަގަ ކުރެވޭނީ ސްޓްރެސް ބޮޑުވާ ވަގުތު ހަމަޖެހުމަށްޓަކައި، އަދި ނުބައި ޚިޔާލުތައް ސިކުނޑީގައި ފޫހަރައިލުން މަނާކުރުމަށްޓަކައި މިއީ ރަނގަޅު ތަމްރީނެއް ކަމެވެ.
އެމީހުންނަށް ސަޕޯޓް ކުރާ ފަރާތްތަކުގެ ބޭނުން ކުރެއެވެ.
ތިމާއަށް ސްޓްރެސް ބޮޑު ކަމެއް ދިމާވުމުން، އެކަނިމާ އެކަނި އެކަން ޙައްލުކުރުމަށް މަސައްކަތް ކުރުމަކީ ޠަބީޢީ ކަމެއް ކަމުގައި ވިއަސް އެއީ ގިނަފަހަރު ކާމިޔާބު ވާ ކަމެއް ނޫނެވެ. ހަމަހިމޭން އުފެއްދުންތެރި މީހަކަށް ވުމަށް ތިމާގެ ނުކުޅެދުންތެރި ކަންތައްތައް ދެނެގަނެ ބޭނުންވުމުން އެހެން ފަރާތްތަކުން އެހީއަށް އެދެން ވާނެއެވެ. ދިމާވާ ޙާލަތެއް، އަމިއްލައަށް ޙައްލުކުރެވޭ ވަރަށް ވުރެ ބޮޑު ނަމަ، އެހެން ފަރާތްތަކުގެ އެހީ ހޯދުމަކީ ބޭނުންތެރި ކަމެކެވެ. ކޮންމެ މީހަކުވެސް މަސައްކަތް ކުރާ މާހައުލުގައި އެމީހަކަށް ތާއީދުކޮށް، ދަތި ހާލަތްތަކުގައި އެހީތެރިވެދޭ ފަރާތްތައް އުޅޭނެއެވެ. އެމީހުން ފާހަގަކޮށް، ބޭނުންވާ ޙާލަތުގައި އެމީހުންގެ އެހީތެރިކަން ހޯދަން ވާނެއެވެ. ހަމަ އެކަނި އެހެން މީހަކާ ވާހަކަ ދައްކާލުމުން ވެސް، ކަންތައްތަކާ މެދު ދެކޭގޮތް އެހެން ނަޒަރަކުން ފެނި، ހާސްކަމާއި ނުތަނަވަސް ކަމަށް ލުޔެއް ލިބޭނެއެވެ. ގިނަ ފަހަރު، އެހެން މީހުންނަށް ވަކި ޙާލަތެއް ފެންނަގޮތް މާ ތެދެވެ. އެއީ ތިމާގެ ޖަޒުބާތު ތަކުގެ ތެރެއިން، ތިމާއަށް ތިމާގެ ޙާލަތް ނުފެންނާނެތީ އެވެ. އެހީތެރިކަމަށް އެދުމަކީ ސްޓްރެސް ދަށްވެ، އެމީހުންނާ އޮންނަ ގުޅުން އިހުނަށް ވުރެ ގާތްވާނޭ ކަމެކެވެ.


Leave A Comment