
ވާހަކަ 38
ކިސްރާގެ ގަނޑުވަރުގައި، ރަސްގެފާނާއި ބަޒީރު ޖަމްހީރުު އިންނެވި ތަނެއްގައި، ފަލްސަފާވެރިންގެ ޖަމާޢަތެއް ކަމެއް ބަހުސް ކުރަތެވެ. ބަޒީރު ޖަމްހީރު އެއްވެސް އެއްޗެއް ވިދާޅުވެ ނުވެ އިންނަވާތީ އެމީހުން ސުވާލު ކުރެއްވިއެވެ. އޭނާ ޖަވާބުގައި ވިދާޅުވިއެވެ. "ވަޒީރުންނަކީ ޙަކީމުން (ޑޮކްޓަރުން) ފަދަ ބައެކެވެ. ޙަކީމުން ބޭސް ދެނީ ބަލިވެ އުޅޭ މީހުންނަށެވެ. އަހުރެންނަށް ތިޔަބައިމީހުންގެ ޚިޔާލާތު ރަނގަޅުކަމަށް ފެންނާތީ އެއްވެސް އެއްޗެއް ނުބުނަނީއެވެ."
އަހުރެން ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ.
އެކަމަކު ކަނު މީހަކު ވަޅެއްގެ ކައިރިން ފެނިއްޖެ ނަމަ،
ޙަރަކާތެއް ނުގެނެސް އިނުމަކީ ކުށެކެވެ.
ވާހަކަ 39
މިޞުރު ފަތަޙަ ކުރެއްވުމަށްފަހު، ހާރޫނުއްރަޝީދު ވިދާޅުވިއެވެ. "އޭނާގެ ބޮޑާކަމުން ކަލާނގެ ކަމަށް ދަޢުވާ ކުރި ބާޣީގެ ބަދަލުގައި އަހުރެން އެ ރަށުގެ ގަވަރުނަރަކަށް ހަމައްޖައްސާނީ އަޅުންގެ ތެރެއިން އެންމެ ނިކަމެތި މީހާއެވެ." ދެން، ޚަލީފާގެންގުޅުއްވާ ޣަޞީބު ކިޔާ ސޭކު އަޅެއް މިސުރުގެ ގަވަރުނަރަކަށް ހަމަޖައްސަވައިފިއެވެ. ދަނޑުވެރި ޤަބީލާއެއްގެ މީހުން ނީލަ ކޯރު އައްސޭރީގައި އިންދި ކަފަދަނޑުތައް ކުއްލިއަކަށް އައި ވާރެއެއްގެ ސަބަބުން ހަލާކުވުމުން އެކަމުގެ ޝަކުވާ ޚުސައިބަށް ދަންނަވައިފިއެވެ. ގަވަރުނަރު ޖަވާބު ދެއްވިއެވެ. "ކަލޭމެން ވޫލް ނީންދީ ކީއްވެ ހެއްޔެވެ." އަޅުވެރިމީހަކު މިވާހަކަ އަޑުއަހައި ބުންޏެވެ.
ވާހަކަ 40
ސީނުކަރައިގެ އަންހެން ޖާރިޔާއެއް ރަސްގެފާނަށް ވެދުމަކަށް އެރުވުމުން، މަސްތީ ޙާލަތެއްގައި ރަސްގެފާނު އެކުއްޖާއާ ގުޅުމެއް ހިންގަން އުޅުއްވުމުން، ޖާރިޔާ ރަސްގެފާނު ކޮށްޕާލައިފި އެވެ. މިކަމާ ރަސްގެފާނު ކޯފާވެވަޑައިގެން އެ ކުއްޖާ ބަބުރު އަޅަކަށް ދީފިއެވެ. މި ބަބުރުގެ މަތީ ތުންފަތް ނޭފަތާ ހަމައަށް އަރައެވެ. އަދި ތިރީ ތުންފަތް ކަރާހަމައަށް ފައިބައިފައި ވެއެވެ. އޭނާގެ އިސްކޮޅު ފެނުމުން، ސަޚުރު ޖިންނި ދުވެ ފިލާނެއެވެ. އަދި ބިމުން ތާރު އުތުރި އަރާތަނަކުން ވަސްދުވާފަދައިން އޭނާގެ ކިހިލިފަތް ދޮށުން ވަސް އަރައެވެ.
ބަބުރަށް މި އަންހެންކުއްޖާ ލިިބުނު ވަގުތަކީ އޭނާގެ އެދުންވެރިކަން ގަދަ ވަގުތެއްކަމުން، އެރިފޯރިއެއްގައި އެކުއްޖާއާ އެކު އޭނާ އެއް ދާން ކޮށްފިއެވެ. ހެނދުނު އެކުއްޖާ ހޯއްދަވަން އުޅުއްވައި ނުފެނުމުން، ރަސްގެފާނު ކަންވީގޮތުގެ މައުލޫމާތު އެނގިވަޑައިގަތުމުން ކޯފާވެވަޑައިގެންފިއެވެ. އަދި މިއިން ކޮންމެ މީހެއްގެ އަތާއި ފައި އެއްކޮށް އައްސައި އުސްތަނަކުން ވަޅުގަނޑަކަށް އެއްލާލުމަށް އަމުރުކުރައްވައިފިއެވެ.
ވަޒީރުންގެ ތެރެއިން އެކަކު ޝަފާޢަތުގެ މޫނު ބިމުގައި ޖައްސަވައި، ބަބުރުގެ ކުށެއް ނުވާކަމަށާއި، ރަސްގެފާނުންގެ ހުރިހާ ޚާދިމުންނަށް ރަސްގެފާނުގެ ފަރާތްޕުޅުން ހަދިޔާ ލިބޭކަމާއި ބަބުރަށް އެކުއްޖާ ހަދިޔާ ކުރެއްވީ ކަމަށް ބަބުރު ހީކުރީކަމަށް ދަންނަވައިފިއެވެ. ރަސްގެފާނު ވިދާޅުވިއެވެ. "އޭނާގެ އަރާމު، އެންމެ ރެއެއް ވަންދެން ލަސްކޮށްލި ނަމަ ވީ ކީއްހެއްޔެވެ؟"
ވަޒީރު ދެންނެވިއެވެ. "މާތް ސާހިބާއެވެ. އަޑު ނުއައްސަވަމުތޯ އެވެ؟"
ފެންބުއިމުގެ އަރާމަށް ރޯވެފައިވާ މީހަކު ސާފު އާރަކާ ހަމައަށް އައުމުން،
މޮޔަވެފައިވާ އެތަކަށް އޭނާ ބަލައި ލާނޭ ކަމަށް ހީނުކުރާށެވެ.
ބަނޑުފައިގަނެފައިވާ ކާފިރަކު ފަޅު ގެއެއްގެ މޭޒުކައިރީގައި އިންނަ އިރު،
ރޯދަމަހަށް ބަލާނޭ ކަމަށް ބުއްދި ގަބޫލެއް ނުކުރެއެވެ.
މި އައު ނަޒަރާ ދޭތެރޭ ރަސްގެފާނު ހިތްޕުޅާވެ ވިދާޅުވިއެވެ. "ބަބުރު ތިބާއަށް ހަދިޔާ ކޮށްފީމެވެ. އަންހެން ކުއްޖާއަށް ހަދާނީ ކިހިނެއްހެއްޔެވެ؟" ވަޒީރު ޖަވާބުދިނެވެ. "ބަބުރަށް އަންހެން ކުއްޖާ ދެއްވާށެވެ. ތައްޓެއްގެ އެއް ފަޅި ކޭ ކުއްތާއަކަށް ތަށީގެ އަނެއްބައި ވެސް ލިބިގެން ވެއެވެ."
އެފެނެއްގެ އެއްބައި ކުނިވަސްދުވާ އަގަޔަކުން ބޮއެފައި ވާ ނަމަ
ކަރުހިތްކައިގަނެފައިވާ ހިތެއް، މީރަސް އެފެނަކަށް ނޭދެއެވެ.
ގެރިގުއީގެ ތެރެއަށް ވެއްޓިފައިވާ އޮރެންޖެއްގައި
ރަސްގެފާނުގެ އަތްޕުޅު އަލުން ބީއްސަވާނީ ކިހިނެތް ހެއްޔެވެ؟
ވާހަކަ 41
ހުޅަނގާއި އިރުމަތި ފަތަޙަ ކުރެއްވީ ކިހިނެއްތޯ އިސްކަންދަރު ރޫމީގެ އަރިހުގައި ދެންނެވުނެވެ. އެހެން ރަސްރަސްކަލުންގެ ޚަޒާނާއާއި ބިމާއި، ރަސްކަން ކުރި މުއްދަތާއި ލަޝްކަރު، އިސްކަންދަރު ރޫމީއަށް ވުރެ މަތިވެރިވެގެން ވިއަސް މިފަދަ ކާމިޔާބެއް ލިބިވަޑައިގެންފައެއް ނުވެއެވެ.
"ﷲގެ އިޛުނަފުޅާއެކު ޤައުމެއް ފަތަޙަ ކުރެވުމުން، އެ ރަށުގެ އަހުލުވެރިންނަށް ހިތާމަ ދިނުމާއި އެ ޤައުމެއްގެ ރަދުންގެ ނުރަނގަޅު ވާހަކަ ދެއްކުމުން އަހުރެން އެއްކިބާ ވަމެވެ." ރަސްގެފާނު ވިދާޅުވިއެވެ.
މިހާ ހިސާބުން، ޝޭޚް މުޞްލިޙުންދީނު ނުވަތަ ސަޢުދީގެ ”ފިނިފެންމަލުގެ ބަގީޗާ“ (ގުލިސްތާނު )ގެ ފުރަތަމަ ބާބު ތަރުޖަމާ ކޮށް ނިމުނީއެވެ. މިފޮތުގައި 8 ބާބު ހިމެނެއެވެ.
ޝޭޚް މުޞްލިޙުއްދީނަކީ ފާރިސްކަރައިގެ ޝީރާޒަށް 1148މ ވަނަ އަހަރު އުފަން ބޭފުޅެކެވެ. އުމުރުފުޅުގެ ވަރަށް ކުޑައިރު ބަޣްދާދުގެ ނިޒާމިއާ ޔުނިވަރސިޓީއަށް ކިޔަވާވިދާޅުވަން ވަޑައިގެންފައި، ފަހުން މެދުއިރުމަތީގައި 30 ވަރަކަށް އަހަރު ދަތުރު ކުރެއްވިއެވެ. ރޫމްއަށާއި މަޣްރިބަށް ވަޑައިގެންނެވިއެވެ. ޞަލީބީން މީނާ ޤައިދު ކުރިކަމަށް ވެސް ވެއެވެ. މީނާގެ ފޮތްތަކުގައި ވަނީ މިދަތުރުތަކުން އޭނާއަށް ލިބުނު ބައެއް އިބުރަތްތައް، ޅެންބަހުންނާއި ނަޘްރުން ލިޔެފައެވެ.
ދުނިޔޭގެ އަދަބީ އުފެއްދުންތަކުގެ ތެރޭގައި ހިމެނޭ މިފޮތް ދިވެހިކުރުމުގައި ކިޔުންތެރިންނަށް ކަމުނުދާކަމުގައި ވަނީނަމަ ކުށްވެރިއަކީ މި ތަރުޖަމާ ކުޅަ ފަރާތުގެ ޢިބާރާތްތަކެވެ. އެހެނީ މިފޮތަކީ ފާރިސްކަރައިގެ އެންމެ މަޝްހޫރު އަދަބީ ފޮތްތަކުގެ ތެރެއިން ފޮތެކެވެ. މާތުރަ، ބައެއް ވާހަކަތައް ރާއްޖޭގެ ޙާލަތަށް ބަލައި މާސާފުނޫންގޮތަކަށް ޤަޞްދުގައި ޢިބާރާތް ކުރެވިފައި ވެއެވެ.
އެއްޗެއް ދޭހަ ވުމުގައި ކިޔުންތެރިޔާގެ މަޢުލޫމާތުގެ ކޮށާރަކީ ވަރަށް މުހިންމު އެއްޗެކެވެ. މަޢުލޫމާތު ގިނަވި ވަރަކަށް ކިޔާ ވާހަކަތަކުންނާއި ފެންނަ މަންޒަރަކުން ނެރެވޭ ފިލާވަޅުތައް ގިނަވެއެވެ. މިސާލަކަށް” ވޫލް “އޭ ބުނުމުން ތިބާއަށް ކުރެވޭ ހީއާއި އެހެންމީހަކަށް ތަޞައްވަރު ކުރެވޭ މަންޒަރުތައް ވަރަށް ތަފާތުވާނެއެވެ. އެހެނީ ބައެއް މީހުން އެތައް ހާސް ކަންބަޅި ބަކަރި ގެންގުޅޭ ”ދަނޑެއްގައި“ އުޅެ، އެއިން ކެހެރި ބާލާގޮތް ދެކެދެނެ، އެ ކެހެރިން ރޮދިއަނބުރާ އެކެހެރި ހެދުން ލައެވެ. މިފަދަ މީހަކަށް ވޫލް އަކީ ގަހެއްގައި އަޅާ އެއްޗެކޭ ބުނުމުން ކުރެވޭ ފިކުރު ވަރަށް ތަފާތުވާނެތާ އެވެ.
މި ސިލްސިލާގެ އެހެން ބައިތައް މިއޮތީ އެވެ.
ހުރިހާ މަޒުމޫނެއްގެ ސުރުޚީތައް ހިމެނޭ މޭނޫ ޞަފުޙާ މިއޮތީއެވެ.
Leave A Comment