ދަރުވޭސީންގެ އަޚްލާޤު 2

11

ވައުޒު ދިނުމުގެ ގޮތުން، ދިމިޝްޤްގެ ބޮޑު މިސްކިތުގައި އަހުރެން ޖަމާޢަތެއްގެ މީހުންނާ ބައްދަލު ކުރީމެވެ. ނަމަވެސް، މާއްދީ ދުނިޔެއިން މާނައާއި ފިކުރުގެ ދުނިޔެއަށް ތިބީންނަށް ދަތުރު ކުރެވިފައިނުވުމުގެ ސަބަބުން، މި ޖަމާޢަތުގެ މީހުންގެ ހިތްތައް މަރުވެ ހިކިފައިވާތީ ދުށީމެވެ. އަހަރުންނަށް ފާހަގަ ކުރެވުނީ އަހުރެންގެ ވާހަކައިން އެމީހުންނަށް އަސަރެއް ނުކުރާ ކަމާއި އަހުރެންގެ ޝައުޤުގެ ހުޅުން ތެތް ލަކުޑީގައި ރޯ ނުވާ ކަމެވެ. ކެނާތަކަކަށް ކިޔަވައިދެވޭތީ އާއި ކަނުމީހުންގެ ޖަމާޢަތަކަށް މޫނުބަލަން ލޯގަނޑެއް ދިއްކުރެވޭތީ ދެރަވީމެވެ. ނަމަވެސް ކީރިތި ޤްރުއާންގެ 50 ވަނަ ސޫރަތުގެ 16 ވަނަ އާޔަތުގެ ތަފްސީރާ ބެހޭ ގޮތުން ދިގުކޮށް އަހުރެން ވާހަކަ ދެއްކީމެވެ. ”އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. އަދި އޭނާގެ  ނަފްސު އޭނާއަށް ވަސްވާސްދޭ ކަންތައް ތިމަންރަސްކަލާނގެ ދެނެވޮޑި ގެންވަމެވެ. އަދި އޭނާގެ ކަނދުރާގެ މައިނާރަށްވުރެ ވެސް ތިމަންރަސްކަލާނގެ އޭނާއާ ކުއްތަންވެ ވޮޑި ގަތުން ބޮޑެވެ.“ މި އާޔަތުގެ ތަފްސީރާ ބެހޭ ގޮތުން ދިގުކޮށް ވާހަކަ ދެއްކީމެވެ.

މި ތަފްސީރު ކިޔާދިނުމުގައި އަހުރެން ގެއްލިފައިވަނިކޮށް، މަޖިލިސްގެ ބޭރު ކައިރިގައި މަޑުކޮށްލި މުސާފިރަކު އަހުރެންގެ ވަޢުޒުން ކުރި އަސަރަކުން ހިތާމައިގެ އާހުތަކުން މަޖިލިސް ސިއްސުވާލިއެވެ. އޭނާގެ ޝުޢޫރުތައް އިހްސާސްކުރެވުނު ޖަމާއަތުގެ އެހެން މީހުންވެސް އޭނާއާ ބައިވެރިވިއެވެ. އެކަމަކު ޖަމާޢަތުގައި ހިމެނޭ ތަންދޮރު ނުދަންނަ މީހުންގެ ހަޅޭކުގެ އަޑު ގަދަވިއެވެ. އަހުރެން ބުނީމެވެ. ”ﷲ އަށް ޙަމްދު ހުއްޓެވެ. ދުރުގައިވިއަސް، ބުއްދިވެރީން ވަނީ ﷲ ގެ ހަޒުރަތު ގައެވެ. ގާތުގައި ވިއަސް ކަނު މީހުންވަނީ ދުރުގައެވެ.“

”ތިބީންނަށް ދައްކާ ވާހަކަ ދޭހަނުވާ ނަމަ،
ތަޤްރީރުކުރާ މީހާގެ ބަލާޣަތްތެރިކަން ވަޒަން ނުކުރާށެވެ.
ފަޞާޙަތްތެރިކަމުގެ މީހާއަށް އަސަރުގެ ބޯޅައިގައި ޖެހޭނީ

ވަށައިގެންވާ މީހުންގެ ކިބައިގައި ޝައުޤެއް ހުރިނަމައެވެ“.

12

މައްކާގެ ހަނަފަސް ސަހަރާގައި ރޭގަނޑު ދަތުރު ކުރަމުން ދަނިކޮށް، ނިދިމަދުވުމުގެ ސަބަބުން އަހުރެން ވަރަށް ބޮޑަށް ބަލިވެ ނުހިނގި ބިންމަތީގައި އޮށޯވެ ވީމެވެ. ޖަމަލު ދުއްވަން އިން މީހާގެ ކައިރީގައި، ތަޤްދީރަށް  އަހުރެން ދޫކޮށްލާފައި ދަތުރާއިގެ ކުރިއަށް ދިއުމަށް ބުނީމެވެ.

ވަރުބަލިވެފައިވާ މީހާގެ ފައި ކުރިއަށް އެޅޭނީ ކިހިނެއް ހެއްޔެވެ؟
ޖަމަލުވެސް އޭގެ ބުރައަށް ނުތަނަވަސް ވެފައި ވެއެވެ.
ފަލަ މީހެއް، ހިތާމައިގެ ސަބަބުން ހިކޭއިރު

ހިކި މީހެއް، ވަރުބަލިކަމުން ވާނީ މަރެވެ.

ޖަމަލު ދުއްވަށް އިން މީހާ ބުންޏެވެ.
"ކައުބަތުﷲ ވަނީ ކުރީގައެވެ. ފަހަތުގައިވަނީ ގޮތްނެތް ބަދަވީންނެވެ.
ކުރިއަށް ދަތުރުކުރާނަމަ، ސަލާމަތްތެރިކަން ލިބޭނެއެވެ.
އޮތްނަމަ، ވާނީ މަރެވެ.
ގިޔުޅިލާށި ގަހުގެ ދަށުގައި ނިދުމަކީ އަރާމެކެވެ.
ނަމަވެސް މިކަމަށް އެދޭ މީހާ ސަލާމަތްވުމުގެ ޚިޔާލުވާނީ ދޫކޮށްލާށެވެ."

13

މިނިކާވަގެއްގެ ހަމަލާއަކުން އަނިޔާ ލިބިފައިވާ އަޅުވެރިޔަކު، ގޮނޑުދޮށަކުން އަހުރެން ދުށީމެވެ. އެއްވެސް ބޭހަކުން އޭނާގެ ހަށިގަނޑުގައި އަޅާ ވޭނަށް ލުޔެއް ނުލިބެއެވެ.  ކިތަންމެ ބޮޑަށް ވޭން އެޅިޔަސް މަތިވެރި ﷲ އަށް ކެޑިނޭޅި ޙަމްދު ކުރެއެވެ. މީހުން އޭނާ ކައިރީގައި ޝުކުރުވެރިވަނީ ކީއްވެގެންތޯ ސުވާލު ކުރިއެވެ.

"މާތް ﷲ އަށް ޙަމްދު ހުއްޓެވެ. ފާފަވެރިކަމެއްގެ ތެރެއަށް ވެއްޓުމުގެ ބަދަލުގައި ދިމާވީ ކުޑަ ބަދުނަޞީބެކެވެ."

 

ރަޙުމަތުގެ ވެރި ރަސްކަލާނގެ އަހުރެން މަރުގެންނެވި ނަމަ،
ފުރާނަ ގެންދެވީތީ ހިތާމައެއް ނުކުރާނަމެވެ.
އަދި ނުބުނާނަމެވެ. "މިއަޅާގެ ކުށަކީ ކޮބައިތޯއެވެ؟"

އަހުރެންގެ ހިތާމަ ވަނީ އިބަސުވާމީންގެ ނުރުއްސަވާ ކަމަކަށް ހުށަހެޅިގަތުމެވެ.

14

ދަރުވޭސީއަކު ހާލުގައި ޖެހި ތަކެއްޗަށް ބޭނުން ޖެހުމުން، ރައްޓެއްސެއްގެ ގެއަކުން ރަޖާގަޑެއް ވަގަށް ނަގައިފިއެވެ. ގާޒީ އޭނާގެ އަތް ކެނޑުމަށް ޙުކުމް ކޮށްފިއެވެ. ރަޖާގަނޑުގެ ވެރިމީހާ، އޭނާ ސަލާމަތް ކުރުމަށް މަޢާފު ދިން ކަމަށް ބުނެފިއެވެ. ގާޒީ ޖަވާބު ދިނެވެ. "ތިބާ މައާފު ދިނީމައޭ ބުނުމަކުން ޝަރީޢަތުގައި އޮތް ޙުކުމެއް އަހުރެންނަކަށް ނުކޮށް ދުލެއް ނުކުރެވޭނެ އެވެ. "

ވެރިމީހާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. "ތި ބުނަނީ ތެދެވެ. އެކަމަކު ހެޔޮކަންތައްތަކަށް ހުންނަ ތަކެތި ވަގަށް ނެގުމަކުން ނެގިމީހާގެ އަތްކަނޑާކަށް ނުޖެހެއެވެ. މީގެ އިތުރަށް، ސަލާންޖަހައިގެން އުޅޭ މީހެއްގެ އަތުގައި އެއްވެސް މުދަލެއް ނުހުރެއެވެ. ދަރުވޭސީންގެ މުދަލަކީ ފަޤީރުންގެ އެއްޗިއްސެވެ."

މިހެން ބުނުމުން، ގާޒީ އޭނާ ދޫކޮށްލައިފިއެވެ. އަދި ބުންޏެވެ. "ކަލެއަށް ދުނިޔެ ވަރަށް ކުޑަވެއްޖެއެވެ. އެހެން ނޫނީ ކަލޭގެ އެފަދަ ރައްޓެއްސެއްގެ ގެއަކުން ނޫނީ އެއްޗެއް ވަގަށް ނުނެގީމުހެވެ."

ދަރުވޭސީ ޖަވާބު ދިނެވެ.
"ތިބާ އަޑު ނާހަން ހެއްޔެވެ.
'ރައްޓެހިންގެ ގެ ސާފުކޮށްލާށެވެ. ނަމަވެސް ޢަދާވާތްތެރިންގެ ގޭގެ ދޮރާށީގައި ޓަކި ނުޖަހާށެވެ.'
ބަދު ނަޞީބުގެ ތެރެއަށް ތިބާ ވެއްޓިއްޖެ ނަމަ،
އެހީ ނުހޯދާ ހިތާމައިގައި ނުހުންނާށެވެ.
ކެހެރި ހެދުންތައް ރައްޓެހިންނާ ވަކިކޮށްލާށެވެ.

ޢަދާވާތްތެރިން ނަމަ، އެމީހުންގެ ހަމެވެ."

15

ރަސްކަލަކު އަޅުވެރިއެއްގެ ކައިރީގައި ސުވާލު ކުރެއްވިއެވެ.

"އަހުރެންނަށް މާ އިޙްތިރާމްކުރާކަމަށް ދައްކައިގެން، އަބަދު ހަނދާންވާކަމަށް ހަދައިގެން ތި އުޅެނީ އަހުރެންގެ ފަރާތުން ލިބިދާނެ ހަދިޔާއަކަށް ދޯއެވެ؟"

އަޅުވެރިޔާ ޖަވާބު ދިނެވެ.

"އާއެކެވެ. ﷲ ހަދުމަނެތިދާ ވަގުތުއެވެ."

"އެ ސުވާމީންގެ އޯގާވަންތަކަމުން އެއްކިބާކުރެވުނު މީހާ،
އެކި ތަންތަނަށް ދުވެ ހަދައެވެ.
އެސުވާމީންގެ އޯގާވަންކަން ލިބުނު މީހާ،

އެއްވެސް މީހެއްގެ އެހީއެއް ބޭނުމެއް ނުވެއެވެ."

16

އަޅުވެރިއަކަށް ހުވަފެނަކުން ދީންވެރިކޮށް އުޅުނު މީހަކު ނަރަކައިގައި އަދި ރަސްކަލަކު ސުވަރުގޭގައި ވަނިކޮށް ފެނިއްޖެއެވެ. މިކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން ޖަވާބު ލިބުނެވެ.

"ރަސްގެފާނު ސުވަރުގޭގައި ވަނީ އޭނާ އަޅުވެރިންނަށް ކުރާ އިޙްތިރާމުންނެވެ. އަޅުވެރިޔާ ނަރައކައިގައި ވަނީ ރަސްކަލުންނާ އޭނާ ގާތްވެ އުޅުމުގެ ސަބަބުންނެވެ."

ތި ލައިއުޅޭ ލިބާހާއި ގެންގުޅޭ ތި ތަސްބީހައާއި
ފޮތިއެޅި ހެދުމުން ކުރާނީ ކޮން ރާޙަތެއް ހެއްޔެވެ؟
ﷲ ނުރުއްސަވާ ޢަމަލުތަކުން އެއްކިބާ ވާށެވެ.
އޭރުން ފަތުން ތާކިހަލެއް އެޅުމުގެ ބޭނުމެއް ނޯންނާނެއެވެ.
އަޅުވެރިއެއްގެ އުޅުމަށް ޢަމަލުތައް ބަހައްޓައި

ތާތަރުންގެ ތާކިހަލެއް އެޅުންވެސް ރަނގަޅެވެ.

ދަރުވޭސީންގެ ހެދުން އަޅައިގެން އުޅޭ ފޭކު ސީދީއެއް

ކައުބާގެ އުރަކޮޅުން ހިމާރުމަތީ އަޅާ ފޮތިގަނޑެއް ހަދައިފިއެވެ.

 

17

ފަޔާއި ބޯ ނިވާ ނުކޮށް ހުރި ހިނގާފައި އުޅޭ ކޫފާއިން އައި މީހެއް، ހިޖާޒުން އައި ޙައްޖާޖީންގެ ޤާފިލާ އަކާއެކު އަހުރެމެންނާ ގުޅިއްޖެއެވެ. އެކި ހިސާބުތަކަށް ހިނގަމުން ގޮވައެވެ.

"އަހުރެން ޖަމަލެއް ދުއްވަނީ އެއް ނޫނެވެ. އަދި ޖަމަލެއްހެން ބަރެއް ބުރަކައްޓަށް ލައިގެން އުޅެނީކީ ނޫނެވެ.
އަހުރެންނަކީ ރައްޔިތުންގެ ވެރިއެއް ނުމެ ނޫންމެއެވެ. އަދި ރަސްކަލެއްގެ އަޅެއް ނުމެ ނޫންމެއެވެ.
މާޒީގެ ކެކުޅުންތަކާއި މިހާރުގެ ހިތާމަ އަހުރެންނަށް އުނދަގުލެއް ނުކުރެއެވެ.

ފަސޭހަކަމާއި އެކު ނޭވާލަމުން، އަހުރެންގެ ޙަޔާތް ހޭދަކުރަމެވެ."

ޖަމަލެއް ދުއްވަން އިން މީހަކު އޭނާއަށް ބުންޏެވެ. "ތިޔަ ދަނީ ކޮންތާކަށް ހެއްޔެވެ؟ އަހުރެމެންގެ ކައިރިއަށް އަންނާށެވެ.  އެހެންނޫނީ ދަތި އުނދަގޫ ޖެހިގެން ކަލޭ މަރުވެދާނެއެވެ. މިބުނި ބުނުމަށް ސަމާލުކަން ނުދީ އޭނާ ސަހަރާތެރެއަށް ހިނގަމުން ގޮސްފިއެވެ.

އަހުރެމެންނަށް މަޙްމޫދުގެ ކަދުރުބަގީޗާ އަށް ދެވުނު އިރު، އެ މުއްސަނދި މީހާ ވަނީ މަރުގެ ތުންފަތް މަތީގައެވެ. ދަރުވޭސީ އޭނާ އޮށޯވެގެން އޮތް ބާލީހާ ކައިރިވެލާފައި ބުންޏެވެ. "ސަހަރާގެ އުނދަގުލަކުން އަހުރެންނެއް މަރެއް ނުވިއެވެ. އެކަަމަކު ތިބާ، ހަލުވި ޖަމަލެއްގެ މަތީގައި އިނދެ މަރުވީ އެވެ."

ބަލިމީހެއްގެ ބޯލާ ކޮޅު އިނދެ މީހަކު މުޅީ ރޭ ރުޔުވެ.
ފަތިސްވި އިރު، ރޯން އިންމީހާ މަރުވެއްޖެއެވެ. ބަލިމީހާ ގަދަވެއްޖެއެވެ.
ކިތަންމެ ހަލުވި އަހެއް މަރުވެއެވެ. އެކަމަކު ކޮރު ހިމާރު އޭގެ ޖަގަހައަށް ދިރުމާއެކު ދެއެވެ.
ކިތަންމެ ފަހަރު އެހެންނާ ޞިއްޙަތު ރަނގަޅު މީހުން ވެލީގެ ތެރެއަށް ދެއެވެ.

އެކަމަކު، ޒަހަމްވި އެތައް ބަޔަކު މަރެއް ނުވެއެވެ.

18

އަޅުކަން ކުރުމަށް އެކަހެރިކޮށް އުޅޭ މީހަކަށް  ރަސްކަލެއްގެ ދަރުބާރަށް ދިއުމަށް ދަޢުވަތު ލިބިއްޖެ އެވެ.  އޭނާގެ ހިތަށް އެރިއެވެ. "އަހުރެން ބަލިވާ ކަހަލަ ބޭހެއް ކައިގެން ގޮސްފިނަމަ، ހަށިގަނޑު ނިކަމެތި ކަމުން ރަސްގެފާނުގެ ރުހުން ލިބުން މާ ބޮޑުވާނެއެވެ." މިހެން ހިތާ އޭނާއަށް ހަށިގަނޑު ނިކަމެތިވާ ކަހަލަ ބޭހެއް ކަމަށް ކެވުނީ ޒަހަރެއް ކަމުން އޭނާ މަރުވެއްޖެއެވެ.

ޕިސްތާއެއް ހެން ފުފިފައިވަނިކޮށް ތިބާއަށް ފެނުނު މީހާ
ފިޔައެއްހެން ތޮށިމަތީ ތޮށި ވެއެވެ.
ދުނިޔެ އާ ދިމާއަށް މޫނު ދިމާކޮށްގެން އުޅޭ އަޅުވެރިން
ނަމާދުކުރާނީ ޤިބްލައަށް ފުރަގަސް ދީ އެވެ.
ﷲ ގެ ކިބައަށް އަޅުވެރިއަކު ނަމާދު ކުރާއިރު،

ﷲ ނޫނީ އެހެން ފަރާތެއް އޭނާއަށް އެނގިގެން ނުވާނެއެވެ.

19

ޔޫނާނުގެ ސަހަރާގައި ދަތުރުކުރަމުން ދިޔަ ގާފިލާއެއް، ބަދަވީންގެ ބަޔަކު ފޭރިގަނެ، ދަތުރުކުރަމުން ދިޔަ ވިޔަފާރިވެރިންގެ މުދައުތައް ގެންގޮސްފިއެވެ. ދެން މިކަމާ ގާފިލާގެ ވިޔަފާރިވެރިން ރޮއި، ﷲ ގެ އެހީފުޅާއި ރަސޫލާގެ ޝަފާާޢަތަށް އެދި ގޮވަން ފެށިއެވެ. ނަމަވެސް އެއްވެސް ކަމެއް ނުވިއެވެ.

ކަޅު ފިކުރުގެ ބަދަވީން ކާމިޔާބު ވުމުން،

ގާފިލާގެ ރުޔުމަށް އަޅާލާނީ ކާކު ހެއްޔެވެ؟

ފަލްސަފާ ވެރިއެއް ކަމުގައިވާ ލުޤްމާން މި ގާފިލާގައި ވިއެވެ. ގާފިލާގެ މީހުން ލުގްމާންގެ ކައިރީގައި، ޙިކްމަތުގެ ބަސްކޮޅެއް ބުނެ، ފޭރިގަން މުދަލުން ބައެއް ދޭތޯ ބަދަވީންނަށް ނަސޭހަތް ދިނުމަށް އެދެފިއެެވެ. އެއީ އެހާ ގިނަ މުދައު ފޭރިގަތުމަކީ ވަރަށް ހިތާމަކުރަންޖެހޭނޭ ކަމަކަށް ވާތީ އެވެ. ލުޤްމާން ޖަވާބުގައި ބުންޏެވެ: "އެމީހުންނަށް ނަސޭހަތުގެ އެންމެ ލަފުޒެއް ބުނުމަކީ ހިތާމަކުރަން ޖެހޭނޭ ކަމެކެވެ."

 ދަގަނޑުގެ ތެރެއަށް ދަބަރު ވަނުމަށް ފަހު،
ދަގަނޑު އޮފު ކުރުމަކުން އެއެއް ނުފިލާނެއެވެ.
ކަޅު ހިތެއްގެ ވެރިއަކަށް ވައުޒު ދިނުމަކީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟

ދަގަނޑު މޮހޮރެއް ހިލައަކަށް ނުވަންނާނެއެވެ.

މުއްސަނދިކަމުގެ ވަގުތުގައި ބިކަ މީހުންނަށް އަޅާލާށެވެ.
ފަގީރުން ހިތްހަމަ ޖެއްސުމަކީ، ބަދު ނަސީބުން ދުރުވާ ކަމެކެވެ.
ފަގީރަކު އެއްޗަކަށް އެދި ބުނުމުން
އެކަން އޭނާއަށް ކޮށްދޭށެވެ.

ނޫނީ ބަދަވީއަކު އެ ގެންގޮސްފާނެ އެވެ.

20

މަތިވެރި شیخ اجل ابوالفرج بن جوزی رحمة الله علیه މިޔުޒިކުގެ ކަންތައްތަކާ ގާތް ނުވެ، ޚަލްވަތުގައާއި  އެކަހެރިވުމުން ތަޤްވާވެރިވުމަށް އަންގަވައިފައިވާ އެތައް އެންގެވުން ތަކާ ޚިލާފަށް، އަހުރެންގެ ޒުވާންކަން ބޮލުގެ ތެރެއަށް ވަދެފައި ވިއެވެ. އަދި އަހުރެންގެ ޝޭޚުގެ އެންގެވުންތަކާ ޚިލާފަށް މިޔުޒިކުގެ މުނިފޫހި ފިލުވުމުގަ އާއި މަޖާ މަޖިލިސްތަކުގައި، އަހަރެންގެ ހިއްސުތަކަށް ކެތް ނުކުރެވިގެން އުޅެން ފެށީމެވެ. ޝޭޚުގެ ނަސޭހަތުގެ ހަނދާންވުމުން އަހުރެން ބުނަމެވެ:

އަހުރެމެންނާ އެކު ގާޒީ ވާ ނަމަ، އޭނާ ވެސް އަތް ޖެހީހެވެ.

މުހުތަސިބު ރާބޯން އިންނަމަ، ޢަމަލުވެ ބީތާ ވެފައިވާ މީހާއަށް މާފު ކުރީހެވެ.

މިގޮތަށް އުޅުމުގައި އަހުރެން ދުވަސްތަކެއް ހޭދަކުރި ފަހުން، އެއް ރެޔަކު އަހުރެންނަށް މިޔުޒިކު ކުޅެ ލަވަ ކިޔާ މީހަކު ވި މަޖިލިސް އަކަށް ދެވިއްޖެއެވެ.

ކަލޭ ބުނާނެއެވެ. ބޭލާ ޖަހާ ދުނިން އޭނާ މައިނާރު ބުރިކުރަނީއެވެ.
ބައްޕަ މަރުވެގެން ހޭރޭ މީހަކަށް ވުރެ އޭނާގެ އަޑު ހުތުރެވެ.
ތިބީން އެމީހުންގެ ކަންފަތަށް އިނގިލިން އުނގުރި ޖަހައެވެ.
އަދި ލަވަކިޔާ މީހާގެ ތުންފަތުގައި އިނގިލި އަޅައެވެ.
އަހުރެމެން، ހިތްގައިމު ލަވަކިޔުމުން އުފާވެރިކަން ލިބެއެވެ.
ކަލެއަކީ ހަމަހިމޭންވުމުން އަހުރެމެންނަށް އުފާވެރިކަން ލިބިދޭ މީހާއެވެ.
 ކަލޭގެ ތި  ކުޅިވަރަކުން އެއްވެސް މީހަކު އުފަލެއް ނުވެއެވެ.
ކަލޭ އަމިއްލައަށް ހުއްޓާލާފައި ދިއުމުން އަހުރެމެން އުފާވެއެވެ.
ކޮއްޓާހަރު ކުޅޭ މީހާ، ލަވަކިޔަން ފެށުމުން
މެޒްބާނަށް އަހުރެން ބުނީމެވެ: "ކަލާނގެ އަށް ޓަކައި އަހުރެން ދިޔަ ދޭށެވެ.
ކަންފަތަށް ދިރޭ ރަހަ އަޅައި އަހުރެން ބީރު ކުރާށެވެ.
ނޫނީ ދޮރު ހުޅުވައިދޭށެވެ. އެއިރުން  އަހުރެން ގޮސްފާނަމެވެ."

ކުރުގޮތަކަށް ބުނާނަމަ، އަހުރެން ވަރަށް ހިތްވަރުން އެތަނުގައި މުޅި ރޭ އިނދެ، އަހުރެންގެ ރައްޓެހިންގެ ހިތްހަމަ ޖައްސައިދިނުމުގައި ކާމިޔާބު ހޯދީމެވެ.

 ވަގުތުން ބޭރުގައި މުދިމު ބަންގި ގޮވައިފިއެވެ.
ރޭނގަޑުން ހޭދަވީ ކިހާ އިރެއްކަމެއް އޭނާއަކަށް ނޭނގެއެވެ.
އަހުރެންގެ ލޮލުފިޔައިން ރޭނގަޑުން ހޭދަވި ވަގުތު ބަލާށެވެ.

އެހެނީ އެންމެ ހިދުކޮޅަކަށް ވެސް، ލޮލަށް ނިންޖެއް ނައެވެ.

 ހެނދުން ވުމުން، އަހުރެންގެ ބޮލުން ފަގުނޑި ނަގައި، ކަމަރުން އެއް ދީނާރު ނަގައި، މިޔުޒިކް ކުޅުނު މީހާގެ ކުރިމަތީގައި ބާއްވައި އޭނާއާ ބަޣަލްކީރުކޮށް ޝުކުރުވެރި ވެއްޖައީމެވެ. އޭނާއަށް އަހުރެން ޝުކުރުވެރިވި ވަރަކީ އާދަޔާ ޚިލާފުވަރެއް ކަމުން، އެތާ ތިބި ރައްޓެހިން އަހުރެންގެ ފިކުރު ހިނގައްޖެ ކަމަށް ބަލައި، ސިއްރުން އަހުރެންނަށް މަލާމާތުގެ ގޮތުން ހޭ ހެދިއެވެ. އެއިގެ ތެރެއިން އެކަކު، ނުރުހުމުގެ ގޮތުން ދޫ ދިގުކޮށް އަހުރެންނަށް މަލާމާތުގެ ގޮތުން ބުނީ، ވިސްނުންތެރި މީހަކު އެހާ މާތްކޮށް، މިޔުޒިކު ކުޅުނު މީހާއާ މެދު ކަންތައްތައް ކުރުމީ ވަރަށް ނުރުހިގެންވާ ކަމެކެވެ. އެހެނީ މީހެއްގެ ޤަދަރުވެރި ހެދުމެއްގެ ބައެއް އިނާމެއްގެ ގޮތުން ދިނުމާއި، ދިރިއުޅުމުގައި އެއްވެސް އިރަކު ދިރުހަމެއް އޭނާގެ އަތްތިލައިގެ މަތީގައި ބާއްވާފައި ނުވާ މީހަކަށް ތި ކަންތައްތައް ކުރީ އާދަޔާ ޚިލާފު ވަރަކަށެވެ. ރަނުގެ ނުވަތަ ރިހީގެ ކުޑިކޮޅެއް އޭނާގެ ބެރުގެ މަތީގައި ދުވަހަކުވެސް މީހަކު ބާއްވާފައި ނުވާނެއެވެ.

މިޔުޒިކް ކުޅޭ މީހެއްތަ އެއީ!
އޭނާވަނީ އެ އުފާވެރި ކަމާ މާ ދުރުގައެވެ.
އެއްވެސް މީހަކު، ދެ ފަހަރަކު އެއްތަނުން އޭނާ ފެނިފައެއް ނުވާނެއެވެ.
ހަޅޭކުގެ އަޑު، އޭނާގެ އަނގައިން ނުކުންނަން ފެށުމުން،
މީހުންގެ ހަމުގައިވާ އިސްތަށި ކޮޅަށް ޖެހެއެވެ.
ގޭގައި އުޅޭ ކުކުޅުހާ، ބިރުން ގެ ދޫކޮށް ދެއެވެ.

އަހުރެމެންގެ ހިއްސުތައް ހަލާކުކޮށް، ކަރުން ނާރުނަގައެވެ.

އަހުރެން ޖަވާބުގައި ބުނީމެވެ: "އިންކާރުގެ ދޫ ކުރުކުރުމަކީ ރަނގަޅު ކަމެކެވެ. އޭނާގެ ޤާބިލްކަން އަހުރެންނަށް ބަޔާން ވެއްޖެ އެވެ." ދެން އޭނާ އެ ޤާބިލްކަމުގެ ފެންވަރު އަހުރެންނަށް އޮޅުންފިލުވާ ދިނުމަށް އެދުނެވެ. އެއީ ރައްޓެހިން، އަހުރެންނަށް ކުރި މަލާމާތަށްޓަކައި މަޢާފުއަށް އެދުމަށް އެމީހުންގެ ކައިރީގައި ބުނުމަށެވެ.

ޖަވާބުގައި ބުނީމެވެ. "މިޔުޒިކީ ކަންތައްތަކުން އެއްކިބާ ވުމަށް އަހުރެންގެ ޝެއިޚް ގިނަގުނަ ނަސޭހަތް ދީފައި ވިއަސް، އެކަމާ އަހުރެން އަޅައެއް ނުލަމެވެ. މި ރޭ، އަހުރެންގެ ތަޤްދީރާއި ރަނގަޅު ނަޞީބު މިތަނަށް އަހުރެން ގެނެސް، މި މީހާގެ ކަންތައްތައް ފެނުމުން، ކުރެވުނު ކުށަށް ތައުބާވެ، ދެން ނާޗަރަންގީގައި ދުވަހަކުވެސް ބައިވެރި ނުވުމަށް އަހުރެން ކަނޑައަޅައިފީމެވެ."

ހިތްގައިމު ތުންފަތުންނާއި އަނގައިންނާއި ތަލިން ނެރޭ ހިތްފަސޭހަ އަޑު
ލަވައިގައި ނުވަތަ އެހެން ކަމެއްގައި ބޭނުން ކުރިއަސް، ހިތަށް އަސަރު ކުރުވައެވެ.
އެކަމަކު، އިސްފަހާން ނުވަތަ ހިޖާޒުގެ ލޯބީވެރިންގެ ރާގުތައް

ނުރުހުންތެރި ކަރަކުން އިވުމުން ރީއްޗެއް ނޫނެވެ.