ރަށްފުށުގެ ތަނަވަސް ކަމަށް އައު މަގެއް

ފިހާރައިން ގަންނަ ގަހުގައި ދެވަނަ ފަހަރަށް މައު ނާޅަނީ ކީއްވެ؟

ބައެއް ބާވަތުގެ ގަސް، މިސާލެއްގެ ގޮތުން ޕީސް ލިލީ ކިޔާ ބާވަތުގެ ގަސް، ފިހާރައިން ގަންނައިރު ވަރަށް މައު އަޅާފައި ހުރެއެވެ. ނަމަވެސް ގަސް ގެއަށް ގެނެސް ހެއްދުމުން ދެތިން އަހަރު ވާއިރުވެސް މަލެއް ނާޅައެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ މި ސުވާލުގެ ޖަވާބުގެ ތެރެއިން މި މަޒުމޫނުގައި ކިޔުންތެރިންނަށް މިގެނެސް ދެނީ ގަސް ހައްދާމީހުންނަށް ވަރަށް ބޭނުންތެރި މަޢުލޫމާތެކެވެ.

ދުވަސް ވަރަކީ މީގެ 110 ވަރަކަށް އަހަރު ކުރިއެވެ. ޤައުމަކީ ޖަޕާނެވެ. ތަނަކީ ޖަޕާނުގެ ސާފު ކޯރުތަކުން ފެންދެވިގެން ހައްދަމުންދާ ހަނޑޫ ދަނޑުތަކެވެ. ޖަޕާނުގެ ދަނޑުވެރިންނަށް އެތައް ޒަމާނަކުން ސުރެ ފާހަގަ ކުރެވިފައިވާ ކަމެއް ވެއެވެ. ހަނޑޫ ދަނޑުތަކުގައިވާ ބައެއް ހަނޑޫ ގަސް، އެހެން ގަސްތަކަށް ވުރެ ހުންނަނީ މާ މައްޗަށް ހެދިފައެވެ. ދެފަތްވަޅު ދޭތެރޭގެ ދިގުމިން މާ ދިގުވުމާއި އެކު، ގަހުގެ ފަތްތައް ދިގުވެފައި ހިމައެވެ. އަދި ފަތުގެ ބުޑުން މޫތައް ނުކުމެފައި ހުރެއެވެ. މިއާއި އެކު، ގަހުގެ ފަތްތަކުގައި ކުޑަކޮށް ރީނދޫ ކުލަޖަހާފައި ހުރެއެވެ.  ގަހުގައި ހަނޑޫ ކުރާތައް އަޅަނީ މަދު ފަހަރަކު އެވެ. އަޅާފަހަރު ވެސް، ފުއްތައް އިންދުމަކުން ގަހެއް ނެހެދެއެވެ. މި ބަލި ޖެހުމުން، ގަސްތައް ދިގުވާތީ، ޖަޕާނު މީހުން މި ގޮތަށް ހެދޭ ނިރުތަކަށް ކިޔަނީ މޮޔަ ނިރުތަކެވެ. އެމީހުންގެ ބަހުން ”ބަކަނައޭ“ އެވެ. ތިރީގައި އެވަނީ ހަނޑޫ ދަނޑެއްގައިވާ ގަސްތަކުން ގަހަކަށް އެ ބަލި ޖެހިފައިވާ ތަނެވެ.

ޖަޕާނުގެ ސައިންސް ވެރިން ގަސްތަކަށް މި ބަލިޖެހޭ ސަބަބު 1907 ވަނަ އަހަރު ހޯދިއެވެ. އެއީ ގަހުގެ ބުޑުގައި ޖަހާ ފުލެކެވެ. ކަފަ ނުވަތަ ކެހެރިފާޑަށް ގަހުގައި ޖަހާ ފަންގަސް ކިޔާ ދިރުން ހުންނަ އެއްޗެކެވެ. ބޮޑަށް މިކަން ދެނެގަނެވުނީ 1927 ވަނަ އަހަރުއެވެ. އެ އަހަރު ޖަޕާނު ގެ ކުރޮސޮވާ ކިޔާ ސައިންސްވެރިޔަކު، މި ފޫތައް ފުޅިއަކަށް އަޅައި ”ހެއްދުމަށް“ ފަހު، ފުރޭންޏަކުން ފުރާނައި، ތިން ގަޑިއިރު ވަންދެން ކެއްކުމުން ހުރި ދިޔަ ބައެއް ގަސްގަހަށް ޖެހުމުން ހަނޑޫހެން އެ ގަހެއް ވެސް ދިގު ވިއެވެ.  އާދަޔާ ޚިލާފު ބޮޑަށެވެ. ތިން ގަނޑިއިރު ކެއްކުމުން، ދިރުހުން ހުރި ހުރިހާ އެއްޗެއް އަދި ފަންގަސް ވެސް ހުންނާނީ މަރުވެފަ އެވެ. އެހެންކަމުން، އެ ފުރޭނި ދިޔައަކީ، ފަންގަސް އިން އުފެއްދި ދިޔައެކެވެ. މިކަމުން، ސައިންސް ވެރިންނަށް އެނގުނީ، ގަހުގެ ހެދުން ކޮންޓްރޯލް ކުރަނީ އެކި ފާޑުގެ ދިޔައިން ކަމެވެ. އަދި، ގަސް ދިގުވުމަށް ބާރުލިބޭ މި ދިޔައަށް ކިޔާފައިވާ ނަމަކީ ޖިބެރެލިން އޭ އެވެ  (Gibberellin A). ސައިންސްވެރިންނަށް އެނގުނީ ކޮންމެ ބާވަތެއްގެ ގަހެއް ބޮޑުވުމަށް ވެސް އެ ގަހަކުން ދިޔައެއް އުފައްދާ ކަމެވެ. ޖިބެރެލިން އޭ އަށް ކުރުކޮށް ކިޔަނީ ޖީއޭ އެވެ. މި ދިޔަ ގަހަކަށް ޖެހުމުން، އެ ގަހުގައި، މައު އެޅުން އަވަސް ވެއެވެ. އޮށް އެޅުން އަވަސް ވެއެވެ. އަދި އޮށެއްނަމަ، ގަސް ފެޅުން އަވަސް ވެއެވެ. އަދި ގަހުގެ ދެފަތް ދޭތެރެ ދިގުވެއެވެ. އޮށް ނުހުންނަ އެކި ބާވަތުގެ މޭވާ އާއި ކުރުކޮށް ހެދޭ ގަސްގަސް  އުފައްދަނީ ވެސް ގަހުން އުފައްދާ ޖީއޭ އާ ”ކުޅެގެންނެވެ.“ މިސާލެއްގެ ގޮތުން ވަރަށް ތިރީގައި ޒުވާރި އަޅާ ގަސް ހުރެއެވެ. މިގަސް އުފެއްދީ ޖީއޭ މަދުން އުފައްދާ ޖީން އެއް އެ ގަހުގައި ހިމަނައިގެންނެވެ.  ވިއްސަކަށް އަހަރުން މައު އަޅާ ބާވަތެއްގެ ކުޑަ ގަހަކަށް ޖީއޭ ޖެހުމުން، ހައެއްކަ ހަފުތާގެ ތެރޭގައި އެ ގަހުގައި މައު އަޅައެވެ. ތިރީގައި އެވަނީ އޭލެވެލް ބަޔޮލޮޖީ ފޮތެއްގައި މީގެ ވިއްސަކަށް އަހަރު ކުރިން ޝާއިއުކުރި ފޮޓޯ އެކެވެ. ފޮޓޯގައި އެވަނީ ބޮނޑިކޮޕީ (ކެބިޖް) އެވެ. ޖީއޭ ބޮނޑިކޮޕީއަށް ޖެހުމުން ގަސް ދިގުވެގެން ގޮސް، ދިހަވަރަކަށް ފޫޓު އުހަށް ހެދެއެވެ. އަދި މައު އަޅައެވެ. ޖީއޭ ނުޖަހާ ގަސް ހުންނަނީ ތިރިކޮށް އާދައިގެ ބޮނޑިކޮޕީ ގޮތަށެވެ.

ކަންބާ (ކިޔުކަމްބާ) ވެލުގައި އަންހެން މަލާއި ފިރިހެން މައު އަޅަނީ ވަކިންނެވެ. ޖީއޭ ގެ އަނެއް އާދަޔާ ޚިލާފު ކަމަކީ، ކަންބާ އަށް ޖީއޭ ޖެހުމުން އެ ވެލުގައި އަޅާ ފިރިހެން މައު ގިނަވާކަމެވެ. ޖީއޭ ގެ އަސަރު ކުޑަކުރާ ހޯމޯން ނުވަތަ ދިޔަ ވެސް ހުރެއެވެ. މިފަދަ ޖީއޭގެ މައިތިރި ކަންބާ ވެލަކަށް ޖެހުމުން، ގަހުގައި އަންހެން މައު އަޅާލެއް ގިނަވެއެވެ. އަދި ފިރިހެން މައު ނެތް ނަމަވެސް، ބައެއް ގަސްތަކުން މޭވާ އުފައްދަ އެވެ. އޮށެއް ނެތި އެވެ. މިސާލެއްގެ ގޮތުން ރާއްޖޭގެ ބައެއް ކަދުރު ރުކުގައި ކަދުރު އަޅަނީ އެހެން ވެގެންނެވެ. ގުދުރަތީ ގޮތުން ޖީއޭ އުފައްދާލެއް ގިނަވެގެންނެވެ. މިވާހަކަ އަޅުގަނޑު ކުރިން ލިޔެފައިވާ ”ރާއްޖެއަށް ބޭނުންވާ ވަރަށް ރާއްޖޭގެ ކަދުރު ހެއްދިދާނެއެވެ“ މި މަޒުމޫނުގައި ވާނެއެވެ. ތިރީގައި އެވަނީ ޖީއޭ ޖެހުމުން މޭވާއަށް ވާ ގޮތެވެ.

އިސްކޮޅާއި ހޯމޯން

އިންސާނާގެ ހަށިގަނޑުގެ އެކި ކަންކަން ކޮންޓްރޯލް ކުރަނީ ވެސް ހަށިގަނޑުން އުފައްދާ ދިޔައިންނެވެ. މީގެ ތެރޭގައި އިސްކޮޅު ހިމެނެއެވެ. އިސްކޮޅު ކޮންޓްރޯލް ކުރާ ދިޔަ ނުވަތަ ހޯމޯން އަށް ކިޔަނީ ”ހިޔުމަން ގްރޯތު ހޯމޯން“ އެވެ. އިންސާނީ ހެދިބޮޑުވާ ހޯމޯންއެވެ. ބައެއް މީހުން ކުރުވަނީ، ޤުދުރަތީ ގޮތުން، އެމީހުންގެ ހަށިގަނޑުން މި ހޯމޯން ނުއުފައްދާތީ އެވެ. ނުވަތަ  މަދުން އުފައްދާތީ އެވެ. ޢުމުރުން 15 ވަރަކަށް އަހަރު ނުވާ  ކުރު ކުދިންނަށް މިހޯމޯން އިންޖެކްޝަން ޖެހުމުން އެ ކުދިން ދިގު ވެއެވެ. އިސްކޮޅު ކުރުވުމަށް އެތައް އެހެން ސަބަބެއް ވެއެވެ. ކެއުމާއި ނިދި މަދުވުމާއި، ކާތަކެތީގެ ބާވަތާއި އެފަދަ އެތައް ކަމެކެވެ.

ކެއުމުގެ ބާވަތުން އިސްކޮޅު ކުރުވެއެވެ. ރާއްޖޭގެ މީހުން ޢާއްމުކޮށް ކުރުކަމީ ކެއުމުގެ ސަބަބުން އަންނަ ކަމެއްކަމަށް ލަފާ ކުރެވެ އެވެ. އެހެނީ، ރާއްޖޭގެ ކުދިން ބޭރު ޤައުމުތަކުގައި ބޮޑެތި ކުރުމުން ރާއްޖޭގެ ކުދިންނާ އަޅާބަލާއިރު އިސްކޮޅުން ދިގެވެ. ފަހެ، އިންސާނެއްގެ ގައިގައި، އިންސާނާ ހެދިބޮޑުވާ ހޯމޯން ރަނގަޅަށް އުފެއްދިޔަސް، ކެއުން މަދު ނަމަ، ދިގެއް ނުވާނެއެވެ. އެއީ ބޮޑެތި މިދިލި ގަސް ވެސް، ބަތްކާ ތައްޓެއްގައި ކުރުކޮށް ހައްދާ މައު އެޅުވެއެވެ. ގަހުގެ މޫތައް ކަތުރަކުން ކޮށައި ގަހަށް ކާދު ލިބޭ ވަރު ކޮންޓްރޯލް ކޮށްގެންނެވެ. މިގޮތަށް ކުޑަކޮށް ގަސް ހެއްދުމަކީ ޖަޕާނުގެ ސަގާފީ ކަމެކެވެ. އެކަމަށް އެމީހުން ކިޔަނީ ބޮންސައި އެވެ.

 ހޯމޯން އިންޖެކްޝަން ކުރިން އުފައްދަނީ ގަބުރުގެ ސިކުޑީގެ ބަޔަކުން މި ހޯމޯން ފިލްޓަރުކޮށްގެންނެވެ. މި ޒަމާނުގައި މި އުފައްދަނީ ލެބޯރަޓަރީތަކުގައި މަޞްނޫޢީ ގޮތެއްގައެވެ.

ޖީއޭ އެންމެ ފުރަަތަމަ ފާހަގަ ކުރެވުނީ ފަންގަސް އަކުން ކަމުގައި ވިއަސް، ކޮންމެ ގަހެއްގައި ވެސް، ކޮންމެވެސް މިންވަރަކަށް ޖީއޭ ހުރެއެވެ. އަދި ސައިންސްވެރިން، ގަސްގަހުން، ޖީއޭ ވަކިކުރާނޭ ގޮތް ހޯދާފައި ވެއެވެ. ވަކިކުރަނީ  ކަންބާ، ހިރިކަރާ (ރޮކް މެލަން)، ޒުވާރި، ހިމެރިތޮޅި، މުގު ފަދަ ތަކެތީގެ އޮށް މުގުރައި، އެކި ބާވަތުގެ ދިޔަތަކުގައި ކައްކައިގެންނެވެ. މިއީ ލެބޯރަޓަރީއެއްގައި ނޫނީ ކުރަން ފަސޭހަ ކަންތައްތަކެއް ނޫނެވެ. ނަޞީބަކުން، ދަނޑުވެރިންނަށް އަމާޒުކޮށް، ޖީއޭ ވިއްކަން ހުރެއެވެ.

ޖީއޭ ވިއްކަން ހުރިތޯ މާލޭގައި ހުރި ދެތިން ފިހާރައެއްގައި އެހުމުން، އެމީހުން އެ ދަންނަ އެއްޗެއްކަމަކަށް ނުވެއެވެ. ރާއްޖޭގައި ޢާއްމުކޮށް ގެންގުޅެނީ މަދު ބާވަތެއްގެ ގަސް ހެއްދުމާ ބެހޭ ތަކެއްޗެވެ.

ފާއިތުވީ ދެތިން ހަތަރު އަހަރެއްގެ ތެރޭގައި، މާލޭގައި ރާއްޖެއިން ބޭރުން ގެންނަ ގަސް ވިއްކާ ހަތަރު ފަސް ފިހާރައެއް ހުޅުވައިފިއެވެ. މި ފިހާރަތަކަށް ގަސް ގެންނަ ތަންތަނާއި ގަސްތަކުގެ ޢަޞްލު އަގު ބެލުމުން، މިއީ ނަފާ ބޮޑު ވިޔަފާރިއެއްކަން އޮޅުން ފިލައެވެ. މިއާއި އެކު، ކާށިދޫއިން ކޮންމެ ހޮނިހިރު ދުވަހަކު ހެނދުނު މާލެއަށް ގަސް ވިއްކަން ގެންނަ ދެތިން ބަޔަކު އުޅެއެވެ.

މި ފިހާރަތަކުގައި ޢާއްމުކޮށް ވިއްކަން ހުންނަނީ އެއް ބާވަތްތަކެކެވެ. އެންމެހެން ގަސްގެންނަނީ ހޮލަންޑުންނެވެ. ވިއްކަން ހުންނަ ގަސްތަކުގެ ތެރޭގައި، ތަފާތު ރުއްތަކާއި  ފިނިފެންމަލާއި ޕީސް ލިލީ ފަދަ ގަސްތައް ހިމެނެއެވެ. އަދި މަދުމަދުން މޭވާ ގަހާއި ވެޔޮތައް ހިމެނެއެވެ. ޕީސް ލިލީ ނުދަންނަ މީހުންނަށް ތިރީގައި އެވަނީ ޕީސް ލިލީ އެވެ. އެއީ ހުދުކުލައިގެ މަލެއް އަޅާގަހެކެވެ.  ބޯގަންވިލާ (ބޫގަންވިލް) ފަދައިން މިގަހުގެ ފާޅުކަން ބޮޑު ”މަލަކީ“ ޙަޤީޤަތުގައި ހުދުކުލައިގެ ފަތެކެވެ. މި ފިހާރަތަކުން ޕީސްލިލީ އާއި ފިނިފެންމައު ގަސް ގަންނަ ފަރާތްތަކަށް ފާހަގަ ކުރެވޭނީ، ފިހާރައިން ގަނެގެން ގެންގޮސް، ގޭގައި ދެތިން އަހަރު ވަންދެން ހައްދާއިރު ވެސް ގަހުގައި ކުރިން މައު އެޅިވަރަށް މައު ނާޅާ ކަމެވެ. އެއީ ކީއްވެގެން ހެއްޔެވެ؟

އާއެކެވެ. ރާއްޖެއަށް ބޭރުން ގެންނަ ޕީސް ލިލީ އާއި ފިނިފެންމަލަށް ހުންނަނީ ވިއްކަން ގެނައުމުގެ ދެތިން މަސް ކުރިން ޖީއޭ ޖަހައިފައެވެ. ތަޖުރިބާގެ ގޮތުން، އެކި މިންވަރަށް ޖީއޭ ޖެހުމުން ގަހުން މައުފޮޅެނީ ކޮން ދުވަސްވަރެއްގައި ކަން ހައްދާ މީހުންނަށް އެނގެއެވެ. އެހެންކަމުން، އެންމެ ފަސޭހައިން ވިކޭނީ މައު އަޅާފައި ހުންނަ ގަސްތައްކަން އެނގޭތީ އެމީހުން ވިއްކާ ދުވަސްވަރާ ދިމާވާގޮތަށް ޖީއޭ ސްޕްރޭ ކުރަނީއެވެ. މިކަން ކުރަނީ ގަސް މައު އަޅާވަރަށް ނުހެދެނީސް އެވެ. ޠަބީޢީ ގޮތުން މައު އަޅާވަރަށް ވުރެ ގަސް ކުޑައިރު އެވެ.  ގަސްތަކުން ޖީއޭ ނުޖަހައި، މައު އެޅުވުމަށް ގަސްތަކަށް ޝޮކެއް ދޭން ޖެހެއެވެ. އެއީ އަލި މަދުން ލިބޭ ތަނެއްގައި ބަހައްޓައި، އަލި ގަދަ ތަނަކަށް ނެރުން ފަދަ، ނުވަތަ އިތުރު ޤުދުރަތީ ކާނާ ދިނުން ފަދަ ނުވަތަ ފިނިހޫނުމިން ބަދަލުވާ ފަދަ ގޮތެއް ހެދުމެވެ. ނޫނީ މައު އަޅާ ޢުމުރު އަންނަންދެން ގަސް ހެއްދުމެވެ.   މިވާހަކަ މި ލިންކްގައި އިތުރަށް ވެއެވެ.

ޕީސް ލިލީ ގެ ބޮޑެތި ވައްތަރުތަކާއި ކުދިކޮށް ހެދޭ ވައްތަރުތައް ހުރެއެވެ. ބުނެވޭ ގޮތުގައި، މިއީ ވައި ސާފުކޮށްދޭ ގަހެކެވެ. ވައި ސާފު ނުކޮށްދިނަސް، ގަހުގެ ފަތްތަކުގެ ފެހިކަން ގަދަވެފައި އޮމާނެވެ. ބަލައިލާން ރީއްޗެވެ. ގަހުންލިބޭ އެންމެ ބޮޑު ފައިދާ އަކީ،  އިންސާނާއަށް ރޫޙާނީ ގޮތުންނާއި ޖަޒުބާތީ ގޮތުން ގަސް ގަސް ހެއްދުމުން ލިބޭ ހިތްހަމަޖެހުމެވެ. ޕީސް ލިލީ އަކީ ރާއްޖޭގައި ވަރަށް ފަސޭހައިން ހެއްދޭނޭ ގަހެކެވެ. އަޅުގަނޑު މި ގަސް ހައްދަން އުޅުމުން، ގަސްތައް ގިނަވެގެން ގޮސް ވަލަށް މި ގަސް ހެދޭ ގޮތް ވިއެވެ.

ޕީސްލިލީ  ހައްދާއިރު ވިސްނަންޖެހޭ ކަމަކީ، މި ގަހުގެ ފަތްތަކުގައި ސީދާ އަވި ޖެހިއްޖެ ނަމަ އަނދާނެ ކަމެވެ. އެހެންކަމުން، ގަސް ހައްދަން ޖެހޭނީ،  ސީދާ އަވި ނުލިބޭ ނަމަވެސް އަލި ތަނެއްގައެވެ. ޕީސްލިލީގެ އަޞްލު މާހައުލަކީ ޖަންގަލިތަކުގައި ހިޔާވެފައި އޮންނަ ބިންމައްޗެވެ.  ހިޔާ އޮންނަ ފެންފެން ގަނޑުގެ އައްސޭރި ފަށެވެ. އެހެންކަމުން، މިގަސް ސީދާ ފެނުގައި ވެސް ހެދޭނެއެވެ.

ރާއްޖެއިން ބޭރުން ވިއްކަން ގެންނަ ބައެއް ގަސް، ރާއްޖޭގައި ވިއްކުމަށް، ވިޔަފާރީގެ އުޞޫލުން އެކި ރަށްރަށުގައި ހެއްދިދާނެއެވެ. މިގޮތުން، ޕީސް ލިލީ އަކީ ވަރަށް ކާމިޔާބު ކަމާއި އެކު ހެއްދިދާނެ، އަދި، އަމިއްލަ ތަޖުރިބާއިން އެނގޭފަދައިން، ކުރެވިދާނޭ ކަމެއްކަން ޔަޤީން އެވެ. މި ނޫނަސް އެހެން ދެތިން ބާވަތެއްގެ ގަސް، ކާމިޔާބު ކަމާއި އެކު، ރާއްޖޭގެ މާހައުލާ ގުޅޭކަން ތަޖުރިބާއިން އެނގިފައި ވެއެވެ. އެހެން މަޒުމޫނެއްގައި އެ ގަސްތަކުގެ ވާހަކަ ހުށަހަޅައި ދޭނަމެވެ.

މި މަޒުމޫނުގައި މި ގެނެސް ދެވުނީ، ޕީސް ލިލީ ހެއްދުމުގެ ތެރެއިން، ގަސް ބޮޑުވެ ހެދުމުގައި ބޭނުން މުހިއްމު ހޯމޯން އެއްގެ ވާހަކަ އެވެ. ޖީއޭ ގެ ވާހަކަ އެވެ. މާލޭގައި މި ވަގުތު ޖީއޭ ވިއްކަން ނެތަސް، މިއީ ރާއްޖޭގެ ދަނޑުވެރިންނަށް ވަރަށް ބޭނުންތެރި ޤުދުރަތީ ދިޔައަކަށް ވާނެއެވެ. މިރުސް ގަހަކަށް ނުވަތަ ރާއްޖޭގައި ހެދޭ، އަގުބޮޑު އެހެން ބާވަތެއްގެ ގަހަކަށް ދެތިން ފަހަރު ޖީއޭ ސްޕްރޭކޮށްފި ނަމަ، އެ ގަހުގައި އަޅާ މޭވާއަށް ވާނީ ކިހިނެއް ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު، ކިޔުންތެރިންގެ ޢަމަލީ ތަޖުރިބާއިން ހޯދުމަށް ތަންދެމުން މި މަޒުމޫނު ނިންމާލަމެވެ.