
ބާބު 3
ޙައްޤު ހޯދަން މަސައްކަތް ކުރާ ޖަމާޢަތްތައް: ތަޢުލީމިއްޔާ
އަޅުގަނޑު ތަރުޖަމާ ކުރަމުން އަންނަ ޣަޒާލީ އިމާމުގެ "ކުށުން ރައްކާތެރިވުން" މިފޮތުގެ ތިންވަނަ ބާބުގެ ދެވަނަ ބައި މި ޕޯސްޓްގައި ހިމެނެއެވެ. މިފޮތުގެ ސުރުޚީއިން މާނަކުރަނީ ކުށް ވިސްނުމުންނާއި ނިންމުންތަކުން އިންސާނާ ރައްކައުތެރިވާނޭ ގޮތެވެ. ޣަޒާލީ އިމާމަކީ އިސްލާމްދީނުގެ އެންމެ މަޝްހޫރު އެއް ފަލްސަފާވެރިޔާއެވެ. ދިވެހީން ކުރިން ވަރަށް މާތްކޮށް ހިތައި އޭނާގެ މައްޗަށް ހެޔޮދުޢާކޮށް އުޅުނު ފަރާތެކެވެ.
އޭނާގެ މިފޮތަކީ، ދީން ޤަބޫލު ނުކުރާ މީހުންނަށާއި، އެކިއެކި ޝޭޚުންނާއި ތަފާތު ބާވަތްތަކުގެ "ޢިލްމުވެރިންނަށް" ހެސްގަނެގެން އުޅޭ ފަރާތްތަކަށް ދީފައިވާ ވަރުގަދަ ޖަދަލެކެވެ. މިއީ ފަލްސަފާ ފޮތެއްކަމުން، މި ޕޯސްޓް އޮޅުންފިލާނީ މަދު ބަޔަކަށެވެ. ޢުމުރުން 40 ވަރަކަށް އަހަރު ވެފައިވާ މީހުންގެ ތެރެއިން ފުންކޮށް ވިސްނަން އެނގޭ މީހުންނަށެވެ. އެހެން މީހުންނަށް ހީވާނީ ފޮތުގައި ޣަޒާލީ "ހާސަރު" ތަކެއް ވިދާޅުވެފައިވާ ހެންނެވެ. ނޫނީ ތަރުޖަމާ ކުރި އަޅުގަނޑަށް އިނގިރޭސި ބަހުން އޮތް ފޮތް، ސާފު ދިވެހިބަހުން ތަރުޖަމާ ކުރަން ނޭނގެނީ ކަމަށެވެ. ފަހު ގޮތް ތެދަކަށް ވެސް ވެދާނެއެވެ.
ފޮތުގެ ކުރީގެ ބައިތަކަށް މި ލިންކުން ދެވޭނެއެވެ. މި ތިންވަނަ ބާބުގައި ވާހަކަ ދެކެވެނީ ޙައްޤު ނުވަތަ ސީދާ ތެދު ހޯދަން މަސައްކަތް ކުރާ ފަރާތްތަކުގެ ވާހަކައެވެ.
ޙައްޤު ތެދު ހޯދާ މީހުން، ޣަޒާލީ ބައިކުރަނީ ހަތަރު ބަޔަކަށެވެ. އެއީ:
- ދީނީ ޢިލްމުވެރިން (މުތަކައްލިމޫން): މިބައިމީހުންނަކީ ކަލާނގެ އާއި ދީނީ ކަންކަމުގެ ތެދުކަމުގެ ޢިލްމު އެބައިމީހުންނަށް ލިބިފައިވާކަމަށް ދަޢުވާކޮށް، ވިސްނުމާއި ފިކުރުން ކަންކަން އެނގޭނޭކަމަށް ބުނާ މީހުންނެވެ.
- ބާޠިނިިއްޔާ: މި ބައިމީހުންނަކީ ކިޔަވައިދިނުމުގެ (ތަޢުލީމުގެ) ހުނަރުވެރިންނެވެ. އެބައިމީހުން ދެކޭގޮތުގައި، ތެދު ނުވަތަ ޙައްޤު ދެނެގަތުމަށްޓަކައި، އެއްވެސް ގޮތަކަށް ގޯހެއް ނުހަދާނެ/ކުށެއް ނުބުނާނެ އިމާމަކަށް އިންސާނާ ބޭނުން ވެއެވެ.
- ފަލްސަފާވެރިން: މިބައިމީހުންނަކީ ލޮޖިކް (ނުވަތަ މަންޠިޤް) އާއި ވަރުގަދަ ދަލީލާއި ސަބަބު ތަކުގެ އަހުލުވެރިންކަމަށް ބުނެތެވެ.
- ސޫފީން. މިބައިމީހުންނަކީ މާތް ﷲ ގެ ހަޒުރަތަށް ކުއްތަންވުމަށް މަސައްކަތް ކުރާ، އިލްހާމާއި ތަޞައްވުރު ލިބިގެންވާ ބައެއް ކަމަށް ބުނެތެވެ.
އެމީހުންގެ ވާހަކަތައް އެއްކޮށް، ހަމަތަކެއްގެ މަތިން ތަރުތީބުކޮށް، އަދި އެ މީހުން ބުނާ ވާހަކަތައް ސާފުކޮށް ލިޔުނީމެވެ. އަދި އެމީހުންގެ ވާހަކަތަކަށް ފުރިހަމަ ރައްދެއް އެކުލަވާލީމެވެ. ނަތީޖާއެއްގެ ގޮތުން، އިހުގެ ގޮތުގެ މީހުން (މާނައަކީ أهل الحق) އަހުރެންގެ މަސައްކަތަށް ނުރުހުން ފާޅުކުރިއެވެ. އެއީ އެމީހުން ބުނާ އެއްޗެއް ފަރުވާތެރިކަމާ އެކު ޢިބާރާތްކޮށް ލިޔުމުންނެވެ. އިހުގެ ގޮތްތަކުގެ މީހުން އަހުރެންނަށް ބުންޏެވެ، "އެމީހުން ކުރަންވީ މަސައްކަތް ކަލޭ ތިކޮށްދެނީ އެވެ. އެ ވާހަކަތައް އަލުން ބަޔާންކޮށް ތަރުތީބު ނުކޮށްދިން ނަމަ އެމީހުންގެ ތާކުންތާކު ނުޖެހޭ ނުސާފު ވާހަކަތަކުން އެ މަޒުހަބަކަށް ނަޞްރެއް ނުލިބޭނެއެވެ."
އެއް ނަޒަރަކުން ބަލާއިރު، މި އިންކާރަކީ ޙައްޤު އިންކާރެކެވެ. އެއް ފަހަރަކު، أحمد بن حنبل، لحارث المحاسبي (މާތް ﷲ އޭނާއަށް ރަޙްމަތް ލައްވާށިއެވެ!) ގެ ފޮތް "މުޢުތަޒިލައިންނަށް ދެވޭ ރައްދު" (الرد على المعتزلة) ކުށްވެރިކުރެއްވިއެވެ "ބިދުޢާ އަށް ރައްދު ދިނުމަކީ ފަރުޟެކެވެ." އަޙްމަދު ވިދާޅުވިއެވެ "ތެދެކެވެ. އެކަމަކު އެންމެ ފުރަތަމަ ބަޔާންކުރަން ޖެހޭނީ އެމީހުން ދައްކާ ވާހަކަ ތަކެވެ. ރައްދު ދެވޭނީ އެއަށް ފަހު އެވެ. މީހުން ކަންތައް ކުރާނޭ ގޮތާއި މެދު އޮތީ ކޮން ޔަޤީން ކަމެއް ހެއްޔެވެ؟ މީހަކު މި ދޮގު ވާހަކަތައް ކިޔައިފާނެއެވެ. އެ ވާހަކަތަކަށް ދީފައިވާ ރައްދު ނުކިޔައި ދޫކޮށްލަފާނެއެވެ. ނޫނީ، ރައްދުގައިވާ ވާހަކަ ކިޔާފައި އޭގެ މުހިއްމުކަން އޮޅުން ނުފިލައިފާނެ އެވެ."
އަޙްމަދުގެ ވާހަކަފުޅަކީ ޤަބޫލުކުރެވޭ ވާހަކަފުޅެކެވެ. އެކަމަކު އެ ވާހަކަފުޅު ބޮޑަށް ގުޅެނީ ޢާއްމުކޮށް ނޭނގޭ، ފާޅުކަން ކުޑަ ކުށް ފިކުރުތަކާއެވެ. ޚިޔާލާތެއް ފުޅާކޮށް އެނގޭނަމަ، އެއަށް ރައްދު ދޭން ޖެހޭނެއެވެ. އަދި ރައްދު ދޭން ޖެހޭނީ، އެ ޢަޤީދާއެއް ސާފުކޮށް ކުރިން ކިޔާދިނުމަށް ފަހުއެވެ. ތެދެކެވެ. އެމީހުން ޞަރީޙަ ނުކުރާ މިންވަރަކަށް އެމީހުންގެ ކުށް ޚިޔާލާތެއް އެއްވެސް މީހަކު ޞަރީޙަކޮށްގެން ނުވާނެއެވެ. އަހުރެން އަމިއްލައަށް ކުރީ އެކަމެއް ނޫނެވެ. އެމީހުންގެ ކުށް ޚިޔާލާތު، އަހުރެންގެ ކައިރިއަށް ގިނައިން ޒިޔާރަތް ކުރާ ޖަމާޢަތެއްގެ މީހެއްގެ ފަރާތުން ކުރިން އެނގިފައި ވިއެވެ. މި މީހަކީ އެމީހުންނާ ގުޅި ފަހުން އެމީހުންގެ ޢަޤީދާއަށް ތަބަޢަވީ މީހެކެވެ. އެމީހުންގެ ޢަޤީދާއަށް ދީފައިވާ ރައްދު އަޑުއަހާ އެމީހުން ހީ އުޅޭ ވާހަކަ މީނާ ކިޔައިދީފައި ވެއެވެ. އެއީ އެމީހުންގެ ވާހަކަތަކަށް ދައްކާ ޙުއްޖަތް، ރައްދު ލިޔާ ފަރާތްތަކަށް އޮޅުން ނުފިލާތީއެވެ. އޭނާ އެ ޙުއްޖަތްތައް އަހުރެންނަށް ކިޔައިދީ ޚުލާޞާކޮށްދިނެވެ. އެމީހުންގެ ޙުއްޖަތްތަކުގެ އަސާސްތަކަށް އަހުރެން ފަރުވާކުޑަކޮށްފައިވާ ކަމަށް ޝައްކު ކުރެވިދާނެތީ އެކަމާ ހިތް ހަމަ ނުޖެހި، އެމީހުންގެ ޙުއްޖަތްތައް އަހުރެންގެ ފޮތުގައި ތަކުރާރު ކުރީމެވެ. އެއީ އެ ޙުއްޖަތްތައް އަޑު ނީވޭކަމަށް ނުވަތަ އޮޅުން ނުފިލާކަމަށް ނުވުމަށް ވެސް އެދި އެވެ. އަހުރެންގެ މަޤްޞަދަކީ، އެމީހުންގެ ކުށް ޚިޔާލާތު، ތަކުރާރުކޮށް ވީ އެންމެ ބޮޑަކަށް ބަޔާން ކުރުމާއި އޭގެ އުނި ނުކުތާތައް ހާމަކުރުމެވެ.
މިކަމުން ނުކުތް ނަތީޖާ އަކީ، އިދިކޮޅު ފަރާތްތަކުން އެމީހުން އެދޭ ކަންތައްތައް ޙާޞިލް ނުވުމެވެ. އެމީހުންގެ ޖަދަލުގައި ފެންހަރުނުލާކަން ހާމަވުމެވެ. އަދި، ތެދުވެރި ނަމަވެސް ތަންދޮރު ނޭނގޭ މީހުން އޮޅުމަކުން އެމީހުންނަށް ދިން އެހީތެރިކަން ނުދިންނަމަ، މި ބިދުޢާ މިހާރު ފެތުރިފައިވާ ދަރަޖައަކަށް ފެތުރި، ކާމިޔާބެއް ނުވީހެވެ. ނަމަވެސް ބިދުޢާވެރިން އެމީހުން ޤަބޫލުކުރާ ގޮތުގައި ފިކުރުކުރުމެއްނެތި ޤަރާރުވެ ތިބޭތީ، ތެދަށް ލޯބިކުރާ ފަރާތްތަކުން އެމީހުންނާ ޖަދަލު ކުރުމުގައި ގިނަ ދުވަސްވީ އެވެ. މި ބަހުސުގައި ހިމެނެނީ އެމީހުން ހުށަހަޅާ ހުއްޖަތްތަކުގެ އަސާސްތަކާއި އެމީހުން ޤަބޫލުކުރުވަން އުޅޭ ފިކުރަށް ރައްދު ދިނުމެވެ. ވަކިން ޚާއްޞަކޮށް، އެމީހުން ރައްދުދެނީ އެމީހުންގެ ދެ ހުށަހެޅުމަކަށެވެ. އެއީ ތަޢުލީމު (ބަރާބަރު އިރުޝާދު) އާއި އިރުޝާދު ދޭނޭ މުޢައްލަމަކަށް (އިމާމަކަށް) ބޭނުން ވެގެން ވުމެވެ. ދެން، ކޮންމެ މުޢައްލަމެއް ނުފުދޭނެ ކަމާއި ބޭނުންވެގެން ވަނީ ކުށެއް ނުކުރާނެ މުޢައްލަމެއް ކަމެވެ.
ދަންނައެވެ. އެމީހުން ދަޢުވާ ކުރާ ފަދައިން، ތަޢުލީމު ނުވަތަ ބަރާބަރު އިރުޝާދާއި އެ ތަޢުލީމު ދޭނޭ މުޢައްލަމަކަށް ބޭނުން ވެގެންވުން އެއީ ރަނގަޅު ވާހަކަ އެކެވެ. މިކަމާ ޖަދަލުކުރާ ފަރާތްތަކުން ދޭ ރައްދު ބަލިކައްޓެވެ. ބައެއް މީހުންނަށް އޮޅުން އެރިގޮތަކީ، އެމީހުންނަށް ޤަބޫލުކުރެވުނީ މިކަމުން ދޭހަވަނީ އެމީހުންގެ ތަޢުލީމިއްޔާ ޢަޤީދާގެ ގަދަކަމާއި އެމީހުންނާ ދެކޮޅު ފަރާތްތައް ޖަދަލުގެ ގޮތުން ބަލިކަމެވެ. އެމީހުންނަށް ނުވިސްނުނީ މިހެން މިދިމާވީ، ޙައްޤު ތެދު ދިފާޢުކުރާ މީހުންގެ ގަމާރުކަމުންނާއި މި މައްސަލައާ ޖަދަލުކުރުމަށް އެކަށީގެންވާ ފުރިހަމަ ގޮތް އެމީހުންނަށް ނޭނގޭ ކަމުން ކަމެވެ.
މި މައްސަލަ ޙައްލުކުރުމަށް އޮތް ރަނގަޅު ގޮތަކީ އިރުޝާދު ދޭނޭ މުޢައްލަމަކަށް ބޭނުން ވެގެންވުމާއި އޭނާ ހުރިހާ ކުށަކުން މަޢުޞޫމުވެގެންވުމަށް އެއްބަސްވުމެވެ. ކުށެއް ވިދާޅުނުވާނޭ އަހުރެމެންގެ މުޢައްލަމަކީ محمد صلى الله عليه وسلّم އެވެ. އެމީހުން ބުނެފާނެއެވެ "އެކަލޭގެފާނުންވަނީ ސުވަރުގެވަޑައިގެންފައެއް ނޫން ހެއްޔެވެ؟" މިބަހުގެ ޒުވާބުގައި އަހުރެމެން ބުނާނީ އެކަލޭގެފާނުންވަނީ ޣައިބުގައެވެ. އެމީހުން ދެން ބުނެފާނެއެވެ: "އަހުރެމެންގެ މުޢައްލަމު މިމަގަށް އިރުޝާދު ދޭނޭ ފަރާތްތަކަށް އުނގަންނައިދިނުމަށް ފަހު، މި ބިމުގައި ފުޅާކޮށް އެމީހުން ފެތުރިފައި ވެއެވެ. އެމީހުންނަށް ޚިލާފުވާންޖެހޭ ނުވަތަ ޖަވާބު ނުވިސްނޭ ފަދަ ކަމެއް މެދުވެރިވެއްޖެނަމަ، އަހުރެމެންގެ މުޢައްލަމުން އެދެނީ އެދުރުންގެ އަރިހަށް ރުޖޫޢުވުމަށެވެ." އަހުރެމެން ޖަވާބުގައި ބުނާނަމެވެ "އަހުރެމެންގެ މުޢައްލަމު އުނގަންނައިދިނުމަށް ފަހު، އެ ފަރާތްތަށް ބިމުގައި ފެތުރުއްވިއެވެ. އަދި އުނގަންނައި ދެއްވުން ފުރިހަމަ ކުރެއްވިއެވެ. އެއީ މަތިވެރި ﷲ ގެ މި ބަސްފުޅުގައިވާ ފަދައިންނެވެ. (اليوم أكملتُ لكم دينكم [ وأتممتُ عليكمْ نعمتي ) (المائدة: 3)
އުނގަންނައިދެއްވުން ފުރިހަމަ ކުރެއްވުމަށް ފަހު، އުނގަންނައި ދެއްވި ފަރާތް ފުރައުއްތަވުމުން، އޭނާ ޣައިބުގައި ވުމެކޭ އެއްފަދައިން، އެކަމުގައި ގެއްލުމެއް ނުވެއެވެ."
ދެން އެމީހުން އިތުރު ޒުވާބެއް ނެރެއެވެ: އަޑު ނާހާ ކަމަކާ ދޭތެރޭ ޙުކުމެއް ކުރަނީ ކިހިނެއް ހެއްޔެވެ؟ (ވަކި ޙުކުމެއް ކަނޑައެޅިފައި ނުވާ ކަންކަމާ މެދު ފައިސަލާ ކުރަނީ ކިހިނެއް ހެއްޔެވެ؟) އެކަމެއް ނިންމަނީ ޤާނޫނުގެ ލަފްޒީ ހަމަތަކުން (ނައްޞުން) ހެއްޔެވެ؟ މި ބުނަނީ ކުރިމަތިނުވާ އަދި އަޑު ނާހާ ކަމެއްގެ ވާހަކައެވެ. އެކަމެއް ނިންމަނީ ކަލޭމެންގެ މިނިވަން އިޖްތިހާދަކުން އަދި ރައުޔު އަކުން ހެއްޔެވެ؟ ޚިލާފުތައް އުފެދެނީ މި ތަނުންނެވެ.
އެ މައްސަލައަށް އަހުރެމެން ރައްދު ދެނީ މިހެންނެވެ. އަހުރެމެން ކަންތައްތައް ކުރަނީ މާތް ﷲ ރުއްސުން ލެއްވި ރަސޫލާ، މުޢާޛު ޔަމަނަށް ފޮނުވުނު ހިނދު ކަންތައް ކުރެއްވި ގޮތަށެވެ. އަހުރެމެން ޙުކުމެއް ކަނޑައަޅަނީ (ވަކި ގޮތެއް ކަނޑައެޅިފައިވާ) ޓެކްސްޓެއް ނުވަތަ ނައްޞުއެއްވާ ނަމަ، އެއާ އެއްގޮތަށެވެ. އެފަދަ ނައްޞުއެއް ނުވާނަމަ، މިނިވަން އިޖްތިޙާދުންނެވެ. މިއީ އެބައި މީހުންގެ އިމާމުންނާ ދުރުގައި، ދުނިޔޭގެ އެކި ކަންކަނުގައި ތިބެ ކަންތައްތައް ކަނޑައަޅާނޭ ގޮތެވެ. އެބައި މީހުންނަކަށް ހުރިހާ ކަމެއްގައި، ލިޔެވި ގޮތް ކަނޑައެޅިފައިވާ އުޞޫލްތަކަކުން ޢަމަލެއް ނުކުރެވޭނެއެވެ. އެއީ، އެފަދަ ނައްޞުތަކަކީ ޢަދަދު ކުރެވޭ މަދު ތަކެއްޗެވެ. މިއަކުން ޢަދަދުނުކުރެވޭހާ ގިނަ ތަފާތު މައްސަލަތަކަކަށް ޙުކުމެއް ނުކުރެވޭ ނެއެވެ. މިއާއެކު، އެމީހުންގެ އިމާމުގެ ކައިރިއަށް، އުނދަގޫ ކޮންމެ މައްސަލައެއްގައި އިރުޝާދު ހޯދުމަ ށް ދަތުރެއް ނުކުރެވޭނެއެވެ. އެއީ ގޮތް ކަނޑައަޅާ ޙާކިމު، އިމާމުގެ އިރުޝާދު ހޯދުމަށް ކުރާ ދަތުރުގައި ވަނިކޮށް، މައްސަލަ ހުށަހެޅި ފަރާތް ނިޔާވެސް ވެދާނެތީ އެވެ. އެހެން ވެއްޖެނަމަ، އެ ކުރެވުނު ދަތުރުވާނީ ބޭކާރު ދަތުރަކަށެވެ.
މިސާލެއްގެ ގޮތުން، ޤިބުލައިގެ މިސްރާބާ މެދު މީހަކު ޝައްކުވާ ނަމަ، އޭނާއަށް އޮތް ގޮތަކީ އޭނާގެ ވިސްނުމަށް ފެނުނު އެންމެ ރަނގަޅު ދިމާއަކަށް ހުރެ ނަމާދު ކުރުމެވެ. ޤިބްލަ ވީ ދިމާގެ ޢިލްމު ހޯދުމަށް އޭނާގެ އިމާމު ކައިރިއަށް ސަހަރަށް ދާ ނަމަ، ނަމާދުގެ ވަގުތު ގެއްލޭނެއެވެ. ޙަޤީޤަތު ގައި، ސީދާ ޤިބްލައަށް ނުވިއަސް، ވިސްނުމަށް ފެނުނު ދިމާއަށް ކުރިމަތިލައި ނަމާދު ކުރުމުން ވާޖިބު އަދާ ކުރެވެއެވެ. ބުނެވޭ ބަހެއް ވެއެވެ: "އިޖްތިހާދުގައި ކުށެއް ޖެހުނު ކަމުގައި ވިއަސް އޭނާއަށް ހެޔޮ އުޖޫރައެއް ލިބެއެވެ. އިޖްތިހާދު ރަނގަޅު ވެއްޖެ ނަމަ، ދެ ސަވާބެވެ." އިޖްތިހާދުން ނިންމާ ހުރިހާ ކަމަކަށް މި އުޞޫލު ފެތެއެވެ.
މިބާވަތުގެ އަނެއް މިސާލު ފަޤީރުންނަށް ޒަކާތް ދިނުމުގައި ވެއެވެ. މީހަކު އޭނާގެ މިނިވަން ވިސްނުމުން ނުވަތަ އިޖްތިހާދުން ވަކި މީހަކީ ފަޤީރެއް ކަމަށް ބަލައި، ޒަކާތް ދީފާނެއެވެ. ނަމަވެސް އޭނާއަކީ ޙަޤީޤަތުގައި ތަނަވަސްކަން ވަންހަނާކޮށްގެން އުޅޭ މުއްސަންޖަކަށް ވެދާނެއެވެ. ޒަކާތް ދިން މީހާ، އޭނާގެ އިޖްތިހާދުގައި ނުބައި ނިންމުމެއް ނިންމި ކަމުގައި ވިއަސް، އޭނާއަށް ސަވާބު ލިބެއެވެ. އޭނާއަށް ޢަޒާބެއް މިކަމުގައި ލިބުން ހިމެނެނީ އޭނާ އެމީހާއަށް ޒަކާތްދިން ނިޔަތުގެ މައްޗަށެވެ.
އަހުރެމެންނާ ދިމާއަށް މީހަކު ބުނެފާނެއެވެ: ރައްދުދޭ ފަރާތުން ކަމަކާ ދޭތެރޭ ދެކޭ ގޮތް، ތިމާ ދެކޭގޮތްހާ ރަނގަޅު ވެދާނެއެވެ. އަހުރެމެން ޖަވާބުގައ ބުނާނީ: މީހާއަށް އަމުރުވެވިގެން ވަނީ އޭނާއަށް ފެންނަ ގޮތަށް ޢަމަލުކުރުމަށެވެ. ޤިބްލައިގެ މައްސަލަ ފަދައިން، އެހެންމީހުން އެކަމަކަށް އިންކާރު ކުރިއަސް، އިޖްތިހާދު ކުރާ މީހާ ޢަމަލު ކުރާނީ އޭނާއަށް ފެންނަ ގޮތަކަށެވެ.
އަދި ވެސް އަހުރެމެންނަށް ބުނެފާނެއެވެ: ޤާނޫނީ (ޝަރުޢީ) ކަންތައްތަކުގައި އަމިއްލަ ވިސްނުމަށް ފެންނަ ގޮތް ޚިޔާރު ކުރާ މީހާ (މުޤައްލިދު) އެ ތަބަޢަވަނީ އަބޫ ޙަނީފާ ނުވަތަ ޝާފިޢީގެފާނު (މާތް ﷲ މި ކަލުންނަށް ރަޙްމަތް ލައްވާށިއެވެ) ނުވަތަ އެހެންވެސް ކޮންމެވެސް ފަރާތަކަށެވެ. އެހެނީ އަމިއްލަ ފިކުރަށް ފެންނަގޮތަށް ތަންދޭން ޖެހޭނެތާއެވެ. އަހުރެން މީގެ ރައްދުގައި ބުނަމެވެ. އެފަދަ މީހަކު ޤިބްލަ މައްސަލައިގައި ޔަޤީންކަން ނެތްނަމަ، އަދި އަމިއްލަ ފިކުރަށް ފެންނަގޮތް އެކި މީހުންގެ ތަފާތުނަމަ، ކަންތައްތައް ކުރާނީ ކިހިނަކުން ހެއްޔެވެ؟ އަހުރެންނަށް ޒުވާބުދޭ މީހާ ބުނާނެއެވެ "އެ ޙާލަތުގައި، އެމީހާ ކަންކުރަންވާނީ، މިސްރާބުތަކުގެ މައްސަލައިގައި އެންމެ ޢިލްމުވެރީ ކާކުތޯ ބަލައި އަދި އެންމެ ރަނގަޅަށް މައްސަލަ ސުބޫތުކުރެވެނީ ކާކަށްތޯ ބަލައި އޭނާއަށް އަމިއްލައަށް ފެންނަ ދިމާ ޤިބްލަގޮތުގައި ދުށުމަށެވެ. މަޒުހަބުތަކުގެ ތަފާތުތަކުގައި، ކަންތައްތައް ކުރަންވާނީ ހަމަ މިގޮތަށެވެ. އެހެންކަމުން، އިތުބާރު ކުރެވޭ އިރުޝާދު ނުވަތަ ތަޢުލީމު، އުޞޫލެއްގެ ގޮތުން ފުރިހަމައެއް ނޫނެވެ.
އިޖްތިހާދު ކުރުން (ދަލީލުތަކުގެ އެހީގައި އަމިއްލަ މަސައްކަތުން ޝަރީޢަތުގެ ފަރުޢީ ހުކުމެއް ނިންމުން) ނަބީންނާއި އިމާމުން މީސްތަކުންނަށް ހުއްދަކުރީ އެކަމުގައި ޟަރޫރަތެއް އޮވެގެންނެވެ. އެމީހުންނަށް އިޖްތިހާދުގައި ކުށް ޖެހޭނެކަން އެނގިވަޑައިގެން ތިއްބަވައެވެ. މާތް ﷲ ޞަލަވާތް ލެއްވި ރަސޫލާ ހަދީޘް ކުރައްވާފައި ވެއެވެ: ( أنا أحكم بالظاهر والله يتولى السرائر) "ތިމަން ރަސޫލާ ޙުކުމް ކުރަނީ ބޭރުން ފެންނަ ގޮތަށެވެ. އެކަމަކު މާތް ﷲ ޙުކުމް ކުރައްވާނީ ހިތުގެ އެތެރޭގައިވާ އެއްޗަކުންނެވެ." އެ ޙަދީޘް ކުރެއްވި ބަސްފުޅުގެ މުރާދަކީ އެކަލޭގެފާނުން ކަންކަމާ މެދު ޙުކުމް ކުރައްވަނީ ހެކިވެރީންގެ ބަސްތަކުގެ މައްޗަށް ބުރަވެ، މައްސަލައާ އެންމެ ގުޅޭ ޙުކުމެވެ. އެކަމަކު ހެކިވެރީންގެ ފަރާތުން ފަހަރެއްގައި ތެދުނޫން މަޢުލޫމާތު ހުށަހެޅިދާނެ އެވެ. ރަސޫލުންނަށް މިފަދަ މައްސަލަތަކުގައި ކުށުން ބަރީޢަ ވެވެން ނެތް އިރު، އަހުރެމެންނަށް މިކަންކަމުގައި ކުށުން ބަރީއަ ވެވޭނެ ކަމަށް އުންމީދު ކުރަނީ ކިހިނަކުން ހެއްޔެވެ؟
ތަޢުލީމިއްޔާ އިން މި ދަނޑިވަޅުގައި، ދެ ސުވާލެއް ނެރެއެވެ (1) އެމީހުންގެ އެއް ރައްދަކީ މިއެވެ. އަމިއްލަ ފިކުރުން ކަންކަން ނިންމުމުގައި، ތިޔައީ ކަން އޮތް ގޮތް ކަމުގައި ވިއަސް، އަޤީދާގެ އަސާސީ މައްސަލަތަކުގައި ތިޔައީ ކަން އޮތް ގޮތެއް ނޫނެވެ. އެފަދަ މައްސަލަތަކުގައި ޖެހޭ ކުށަކީ މަޢާފުކުރެވޭނޭ ކުށެއް ނޫނެވެ. އެހެން ވެއްޖެނަމަ، އިންސާނާ މިކަންކަމުގައި ހަދާނީ ކިހިނަކުން ހެއްޔެވެ؟ އަހުރެން ޖަވާބުގައި ބުނަމެވެ. "މާތް ﷲ ގެ ފޮތުގަ އާއި އެކަލޭގެފާނުންގެ ގޮތުގައި (ކީރިތި ޤުރްއާނާއި ސުންނަތުގައި) ޢަޤީދާގެ އަސާސީ ކަންތައްތައް ބަޔާން ވެގެން ވެއެވެ. އަސާސީ ޢަޤީދާގެ މައްސަލަތައް ފިޔަވައި ދެން ޚިލާފު ހުރި މައްސަލަތަކުގައި އަދި ކަންކަމުގެ ތަފްޞީލު ހޯދުމުގައި، ޙައްޤު ތެދު އެނގޭނީ "ތެދު ތަރާދުން" ކިރައިގެންނެވެ. އެހެން ޢިބާރާތަކުން ބުނާނަމަ، މާތް ﷲ އެކަލާނގެ ފޮތުގައި ކަޑައެޅުއްވި އުޞޫލުތަކުން ނުވަތަ ސްޓޭންޑަރޑްތަކުން ބަލައިގެންނެވެ. އަހުރެންގެ ފޮތް "ތެދު ތަރާދު" މިފޮތުގައި އެއީ ފަސް އުޞޫލުކަން ހާމަކޮށްފައި ވާނެއެވެ.
އަހުރެންނާ ދިމާއަށް ބުނެފާނެއެވެ: "ރައްދުދޭ ފަރާތްތަކުން ތިޔަ އުޞޫލުތަކާ މެދު ކަލެއަކަށް ތާއީދެއް ނުކުރެއެވެ." އަހުރެން ޖަވާބުގައި ބުނަމެވެ. "އެ އުޞޫލުތައް އޮޅުންފިލާ މީހަކު އެއަށް އިންކާރު ކުރާނޭ ކަމަކަށް އަހުރެންގެ ހިތަކަށް ނުވިސްނެއެވެ. ތަޢުލީމިއްޔާގެ ވެހިން އެއަކަށް އިންކާރެއް ނުކުރާނެއެވެ. ސަބަބަކީ، އަހުރެން އެ އުޞޫލުތައް ނެރުނީ އަދި ދަސްކުރީ ކީރިތި ޤުރްއާނުންނެވެ. މަންޠިޤު ނުވަތަ ލޮޖިކްގެ އަހުލުވެރިން އެއަށް ތާއީދު ކުރާނީ އެ އުޞޫލުތައް ވަނީ އެމީހުން ކަނޑައަޅާ ލޮޖިކް ގެ ހަމަތަކާ އެއްގޮތަށް ކަމަށް ވާތީއެވެ. އެއާ ތަޢާރުޟުވާ ގޮތަކަށް ނޫނެވެ. ދީނީ ޢިލްމުގެ މީހުން (މުތަކައްލިމުން) އެއަށް އިދިކޮޅެއް ނުހަދާނެއެވެ. އެއީ އެ ވަނީ އެމީހުންގެ ނަޒަރިއްޔާތުތައް ތެދުތޯ މީޒަންކުރަން ގެންގުޅޭ ހަމަތަކާ އެއްގޮތަށެވެ. އަދި އޭގައި ދީނީ ކަންކަމާމެދު ހުށަހަޅާ ގޮތްތައް ތެދުތޯ ކަޑައަޅާނެ އުޞޫލެއް ހިމެނޭތީއެވެ.
އަހުރެންނާ ޖަދަލުކުރާ ފަރާތުން ބުނެފާނެއެވެ. "ތިބާގެ ކިބައިގައި ތިފަދަ އުޞޫލުތަކެއް ވާނަމަ، އިންސާނުންގެ މެދުގައި މިކަންކަމާ މެދު އުފެދިފައިވާ ޚިލާފުތައް ނައްތާ ނުލަނީ ކީއްވެ ހެއްޔެވެ؟" އަހުރެން ޖަވާބުގައި ބުނަމެވެ. "އެމީހުން އަހުރެން ބުނާ ގޮތަށް ސަމާލުކަން ދޭނަމަ، އެމީހުންގެ މެދުގައިވާ ޚިލާފުތައް ނައްތާލެވިދާނެއެވެ. އަހުރެންގެ ފޮތް "ތެދު ތަރާދު" ގައި މިކަން ކުރާނޭ ގޮތް ބަޔާން ވެގެން ވެއެވެ. އެ ފޮތް ކިޔާށެވެ. އެ އިރުން ތިބާއަށް ފާހަގަ ކުރެވޭނީ އެއީ ރަނގަޅު ހަމަތަކެއް ކަމަށެވެ. އަދި އެއިން ޚިލާފުތައް ނައްތާލާނޭ ކަމަށެވެ. އެއީ މީހުން އޭގައިވާ ގޮތަށް ސަމާލުކަން ދޭނަމައެވެ. އެކަމަކު މީހުންނެއް އެއަކަށް ސަމާލުކަމެއް ނުދޭނެއެވެ. މިހެން ވިއަސް، ޖަމާޢަތެއް އަހުރެން ބުނެފައިވާ ގޮތަށް ސަމާލުކަން ދީފައި ވެއެވެ. އަދި އަހުރެން އެމީހުންގެ މެދުގައިވާ ޚިލާފުތައް ނައްތައިލީމެވެ. އެމީހުން އޭނާގެ ވާހަކަތަކަށް ސަމާލުކަން ނުދިނަސް، ކަލޭމެންގެ އިމާމު، ކަލޭމެންގެ މެދުގައިވާ ޚިލާފުތައް ނައްތާލަން ބޭނުންވެއެވެ. އެ ޚިލާފުތައް ކުރިން އޭނާ ނައްތާނުލީ ކީއްވެހެއްޔެވެ؟ މާތް ﷲ ރުއްސުން ލެއްވި ޢަލީގެފާނު، އެންމެ ފުރަތަމަ އިމާމު، ޚިލާފުތައް ނައްތާނުލެއްވީ ކީއްވެ ހެއްޔެވެ؟ މަޖުބޫރުން އިމާމުގެ ވާހަކަތަކަށް ސަމާލުކަން ދޭ ގޮތް ހަދާނޭ ކަމަށް އިމާމު ބުނޭ ހެއްޔެވެ؟ އެހެން ވެއްޖެނަަމަ، އޭނާ މިހާތަނަށް އެކަން ނުކުރީ ކީއްވެ ހެއްޔެވެ؟ އޭނާ ލަސްކުރަނީ ކޮން ދުވަހެއް އަންނަންދެން ހެއްޔެވެ؟ މި ދަޢުވާއިން ހާމަވަނީ އިންސާނުންގެ ތެރޭގައި ޚިލާފުތައް ގިނަކަމާއި، ޚިލާފުވާ މީހުން ގިނަކަންނޫން ކޮން ކަމެއް ހެއްޔެވެ؟ މި ޚިލާފުތަކުން ޔަޤީން ކަމާއި އެކު ބިރުގަންނަންޖެހެނީ ޚިލާފުތައް ގިނަވެގެން އެންމެ ފަހުން، ލޭ އޮހޮރުވި، ސަހަރުތައް ވީރާނާކޮށް، ކުޑަކުދިން ޔަތީމްްކޮށް، މަގުތަކާއި މުޥާޞަލާތް ކެނޑި، މުދައު ފޭރިގަނެވިދާނެތީ އެވެ. ޙަޤީޤަތުގައި ދުނިޔޭގައި ކަންތައްތައް ވެފައިވާގޮތީ ޚިލާފުތައް ނައްތާލުމުން އެފަދަ "ނިޢުމަތް" ކުރިމަތިވެފައި ވުމެވެ. އެހެންކަމުން، މިހާރު، ދުވަހަކުވެސް ދުނިޔެ ދެކެފައި ނުވާ ޚިލާފުތައް ކުރިމަތިިވެފައި ވެއެވެ.
ސުވާލުކުރާ މީހުން ދެވަނައަށް ބުނެފާނެއެވެ. "އިންސާނުންގެ ތެރޭގައިވާ ޚިލާފުތައް ނައްތާލިކަމަށް ކަލޭ ދަޢުވާކޮށްފާނެ އެވެ. ތަފާތު މަޒުހަބުތަކުގެ މޮޅުދެރަކަމާއި މެދު ޝައްކުވާ މީހާ، ކަލެއާ އިދިކޮޅު ފަރާތްތަކުގެ ވާހަކަތައް އަޑުނާހާ، ކަލޭގެ ވާހަކަ އަޑުއަހާކަށް ނުޖެހެއެވެ. އިދިކޮޅު ފަރާތްތަކުގެ ގިނަ މީހުން ކަލެއާ ދެބަސް ވެއެވެ. އެމީހުންނާ ކަލެއާ ދެމެދު މުހިއްމު ބޮޑު ތަފާތެއް ނުވެއެވެ." މިއީ އެބައިމީހުންގެ ދެވަނަ ސުވާލެވެ.
އަހުރެން މި ސުވާލަށް ދޭ ޖަވާބަކީ: (("އެންމެ ފުރަތަމަ، މި ދަޢުވާ ކަލެއާ ދެކޮޅަށް އަނބުރާލެވޭނެއެވެ."ޝައްކު މަތީވާ މީހާ ގެނެސް ކަލޭ ތިބުނާ އެއްޗެއް ޤަބޫލުކުރަން ބުނުމުން އޭނާ ބުނާނެއެވެ: "ކަލެއާ އިދިކޮޅު ފަރާތްތަކަށް ވުރެ ކަލޭގެ ރައުޔު އައުލާވެގެންވަނީ ކިހިނަކުން ހެއްޔެވެ؟ ޢިލްމުވެރިންގެ ގިނަ މީހުން ކަލޭ ތިބުނާ އެއްޗަކާ އިދިކޮޅެވެ." ޖަވާބުގައި ކަލޭ ބުނާނޭ އެއްޗެއް އަހުރެންނަށް އެނގޭނެ ނަމައޭ ހިތަށް އަރައެވެ. ކަލޭ ބުނާނީ މިހެން ހެއްޔެވެ؟ "އަހުރެންގެ އިމާމް ވަނީ ނައްޞުތަކުން ކަނޑައެޅިފައިވާ ގޮތަށޭ ހެއްޔެވެެ؟" ކީރިތި ރަސޫލާގެ އަރިއަހުން ނައްޞުތައް އެމީހަކަށް އިވިފައި ނުވާ ހިނދު ނައްޞުތަކަށް ބުރަވެ ތިޔަކުރާ ދައުވާގައި ކަލޭގެ ބަސް ގަބޫލު ކުރާނީ ކާކު ހެއްޔެވެ؟ ކަލޭގެ ތިޔަ ދައުވާ އޭނާ އަޑު އަހާނީ، ޢިލްމުގެ އަހުލުވެރިންގެ ބަހާ ވެސް އެއްގޮތްވާ ގޮތުގެ މަތިން، ކަލޭގެ ދޮގުހެދުމާއި އީޖާދު ކުރުމުގެ މައްޗަށް ބިނާވެފައިވާ ކަމެއް ކަމަށް ބަލައިގެންނެވެ.
ދެންފަހެ، ނުބުއްވަތުގެ އަޞްލާ މެދު އޭނާގެ ހިތުގައި ޝައްކުކަން އޮތުމާ އެކުވެސް ޖަދަލަށްޓަކައި، ކަލެއަށް އޭނާ ތިޔަ ނައްޞުގެ ދަލީލު ދޫކޮށްލީ ކަމަށް ބަލަމާ ހިނގާށެވެެ. ދެން އޭނާ ބުނެފާނެއެވެ "عيسى عليه السلام ގެ މުޢުޖިޒާތް (މަރުވެފައިވާ މީހަކު ދިރުއްވުން)، ހެއްކެއްގެ ގޮތުގައި ކަލޭގެ އިމާމް ހުށަހަޅާ ކަމަށް ބަލަމާ ހިނގާށެވެެ. މިގޮތުން "އަހުރެންގެ ތެދުވެރިކަމުގެ ދަލީލަކީ މަރުވެފައިވާ ކަލޭގެ ބައްޕަގެ ހަށިގަނޑަށް ފުރާނަ އެޅުމެވެ." މިހެން ބުނެ، އެ ހަށިގަނޑަށް ދިރުން ގެނުވައިފިއެވެ. އަދި އެއީ ހައްގު ތެދު ކަމަށް އަހުރެންގެ ކައިރީގައި އޭނާ ބުނެފިއެވެ.
އޭނާއަކީ ތެދުވެރިއެއް ކަން އަހުރެންނަށް އެނގެނީ ކިހިނަކުން ހެއްޔެވެ؟ عيسى عليه السلام ގެ މި މުޢުޖިޒާތުން އެކަލޭގެފާނަކީ ތެދުވެރިއެއް ކަމަށް ހުރިހާ އެންމެންނަކަށް ގަބޫލު ކުރެވިފައެއް ނުވެއެވެ. އަދި ކިއެއްތަ، މި ކަމުގައި ބުއްދީގެ ފުރިހަމަ ދަލީލުން ނޫނީ ދިފާޢު ނުކުރެވޭނެ ފަދަ ވަރަށް ގިނަ ހަރޮށި އިދިކޮޅު ވާހަކަތައް އެބަހުއްޓެވެ. އެކަމަކު ތިބާގެ ގާތުގައި ބުއްދީގެ ދަލީލަކީ އިތުބާރު ހުރި އެއްޗެއް ނޫނެވެ. މީގެ އިތުރަށް މުޢުޖިޒާތަކީ ރަސޫލެއްގެ ތެދުވެރިކަމުގެ ދަލީލަކަށްވަނީ ސިހުރާއި މުޢުޖިޒާތުގެ ތަފާތު ދަންނަ މީހުންނަށެވެ. އަދި، މާތް ﷲ އެކަލާނގެ އަޅުން ތެދުމަގުން ގެއްލެނި ނުކުރައްވާނެކަން އެނގޭ ފަރާތްތަކަށެވެ. ތެދުމަގުން ގެއްލެނި ކުރެއްވުމުގެ މައްސަލައާއި އެއަށް އެކަށީގެންވާ އިޖާބައެއް ދިނުމަށް ނުހަނު އުނދަގޫ ވުމުގެ މައްސަލައަކީ ވެސް އެންމެން ދަންނަ މައްސަލައެކެވެ. ފަހެ އެހެންވީ އިރު އިދިކޮޅު ޢިލްމުވެރިންގެ ބަހަށް ވުރެ ކަލޭގެ އިމާމުގެ ބަހަށް ތަބާވުން އައުލާވެގެން ނުވާ ހިނދު މިހުރިހާ ކަމަކަށް ކަލޭ ދެން އިދިކޮޅަށް ދައްކާނީ ކޮން ހެއްކެއް ހެއްޔެވެ؟) ފަހެ މިގޮތުން އޭނާ އިންކާރު ކުރާ، ބުއްދީގެ ދަލީލު ތަކަށް ރުޖޫއަވާން ޖެހިދެ އެވެ. އަދި އޭނާގެ އިދިކޮޅު ފަރާތްތަކުން ހަމަ އެފަދަ ނުވަތަ އެއަށްވުރެ ސާފުކަން ބޮޑު ހެކިތައް ހުށަހަޅާނެ އެވެ. އެހެންކަމުން މި ސުވާލު މިދަނީ ވަރުގަދަ ރައްދަކުން އެމީހުންގެ މައްޗަށް ރައްދުވެގެންނެވެ. އެ ޖަމާޢަތުގެ އިހު މީހުންނާއި ފަހު މީހުން އެކުވެގެން މި ސުވާލަށް ރައްދެއްް ދޭން މަސައްކަތް ކުރިއަސް، އެމީހުންނަށް އެކަން ކުޅަދާނަވެގެންނެއް ނުވެއެވެ.
މި ބާޠިލް ދަޢުވާ މިހާ ބޮޑަށް ފެތުރުނީ، ބަލިކަށި ބުއްދީގެ "ޢިލްމުވެރިން"ގެ ޖަމާޢަތެއްގެ މީހުން، އެމީހުންނާ މުނާޒަރާ ކުރުމުގައި "ޖަވާބު" ދޭ ގޮތަށް ޖަދަލު ކުރުމުގެ ސަބަބުންނެވެ. ރަނގަޅުގޮތަކަށް ވީހީ ޤަލްބު ގެ އުޞޫލު ބޭނުން ކުރުމެވެ. އެއީ، އެމީހުންގެ ފިކުރުގެ ތެރެއިން ތިމާ ހިތްހަމަ ނުޖެހޭ ކަންތައްތަކަށް ޖަވާބެއް އެކުލަވާލުމުގެ ބަދަލުގައި، އެމީހުން ކުރާ ދަޢުވާގައި ހިމެނޭ ދެކޮޅުނުޖެހޭ ކަންތައްތައް ހާމަކުރުމެވެ. ޖަވާބު ދިނުމުން އެމީހުން އެކަމަށް ޖަވާބެއް އެކުލަވާލަައި، މުނާޒަރާ ދިގުލާނީ އެވެ. މިގޮތަށް ޢަމަލު ކުރުމުން، މީހުންނަށް ތިމާގެ ވާހަކަ މަޤުބޫލު އެއްޗަކަށް ނުވުމުގެ އިތުރަށް ދެކޮޅު ހަދާ މީހުންގެ އަޑެއް ހަރުދަނާގޮތަކަށް މަޑެއް ނުކުރެވޭނެއެވެ.
ބައެއް މީހުން ބުނެފާނެއެވެ. މިއީ ސުވާލެއް ކުރުމުން ކުރިމީހާއަށް އެ ސުވާލު ރައްދު ކުރުމެވެ. ޤަލްބު އެވެ. ސުވާލަށް ޙަޤީޤީ ޖަވާބެއް ވޭ ހެއްޔެވެ؟ އަހުރެން ޖަވާބުގައި ބުނަމެވެ. "އާއެކެވެ. ޔަޤީން އެވެ. ކަމަކާ ދޭތެރޭ ޝައްކު އުފެދިފައިވާ ނުވަތަ ނޭނގުމެއްގައިވާ މީހާ 'އަހުރެން ވަނީ ނޭނގުމެއްގައެވެ' ބުނެ އެކަމެއް ނުވަތަ އެ މައްސަލައެއް އޭނާ ބަޔާން ނުކުރާ ނަމަ އޭނާ އަށް ބުނެވޭ ހުށީ ކަލެއަކީ ބަލި މީހަކު 'އަހުރެން ވަނީ ބަލިވެއެވެ' ބުނެ އެ ބައްޔެއް ބަޔާން ނުކޮށް ބޭހަަށް އެދޭ މީހާ ފަދަަ މީހެކެވެ." އޭނާއަށް އަންގައިދޭންވީ ޢާއްމުކޮށް ހުރިހާ ބައްޔަކަށް ހުންނަ ބޭހެއް ނުވާ ކަމެވެ. ބޭސް ހުންނަނީ ޚާއްޞަ ބަލި ބައްޔަށެވެ. ބޮލުގައި ރިހުން، ބޭރަށް ހިންގުން ފަދަ ވަކި ބަލި ބައްޔަށެވެ. އެހެންކަމުން، ފިކުރަކާ ނުވަތަ ނަޒަރިއްޔާ އަކާ ދޭތެރޭ ޝައްކު ކުރާ މީހާ، އޭނާ އިންކާރުކުރާ ކަމެއް ބަޔާން ކުރަން ޖެހޭނެއެވެ. އެ މައްސަލައެއް އޭނާ ބަޔާން ކުރުމުން، ދެން އަހުރެން އޭނާއަށް ކުރިން ބަޔާން ކުރެވުނު ފަސް ހަމަ ނުވަތަ ވަޒަނުގެ މައްޗަށް ރިއާޔަތްކޮށް، އެކަމެއްގެ ޙަޤީޤަތް އޭނާއަށް އޮޅުންފިލުވާ ދޭނީ އެވެ. މި ފަސް ހަމައަކީ، އެ ހަމަތައް ދަންނަ މީހުން މައްސަލަތައް ތެދުކަމަށް ޤަބޫލުކުރުމުގައި ރިއާޔަތްކުރަން ރަނގަޅު ފަސް ހަމައެއް ކަމަށް އިޢުތިރާފުވާ، މީހުން އެކި ކަންކަމުގެ ޙަޤީޤަތް ބެލުމަށް ބަރޯސާވާ ފަސް ހަމައެވެ. މި ފަސް ހަމަ އެނގުމުން، އެ ހަމަތަކުން ސާފުކުރެވޭ ފިކުރުތަކަކީ ތެދުކަން އެނގޭނެއެވެ. އެއީ ހިސާބު ދަންނަ ދަރިވަރަށް ހިސާބު އެނގުމުގެ އިތުރަށް އޭނާގެ މުދައްރިސް ކިޔަވައިދެނީ ތެދު ހިސާބުކަން ޔަޤީންވާ ފަދައިންނެވެ. އަހުރެން މިހުރިހާ ވާހަކައެއް، "ތެދު ތަރާދު" (القسطاس المستقيم) މިފޮތުގައި، ވިހި ޞަފުޙާއިން ކިޔައިދީފައި ވާނެއެވެ. އެކަން އެފޮތުން ދަސްކުރެވޭނެ އެވެ.
މިފަހަރު، އަހަރުންގެ މަޤްޞަދަކީ، އެމީހުންގެ މަޒުހަބުގެ ފަސާދަކަން، އެމީހުންގެ ފިކުރުގެ ދެކޮޅުނުޖެހޭކަން، ހާމަކުރުމެއް ނޫނެވެ. އެކަން ފުރަތަމައަށް އަހުރެންގެ"المستظهري" މިފޮތުގައި ހިމެނޭނެއެވެ. އަދި ދެވަނައަށް އަހުރެންގެ "ޙައްޤު ތެދު ސުބޫތުކުރުން" (حجة الحق) މިފޮތުގައި، ބަޣްދާދުގައި އެމީހުން އަހުރެންނަށް ހުށަހެޅި މައްސަލަތަކުގެ ޖަވާބު ހިމެނިފައި ވާނެއެވެ. އަދި ތިންވަނައަށް "އިސްލާމް ކަމާއި ކުފުރުގެ އަސާސީ ތަފާތުތައް" (مفصل الخلاف) މިފޮތުގެ 12 ބާބުގައި ހަމްދާނުގައި އަހުރެންގެ ޚިޔާލާތު ކުށްވެރިކޮށް އެމީހުން ނެރުނު ވާހަކަތަކަށް ޖަވާބެއް ވާނެއެވެ. އަދި ހަތަރުވަނައަށް ޠޫސްގައި އަހުރެންނާ އިދިކޮޅަށް އެމީހުން ނެރުނު ބަލިކަށި ވާހަކަތަކުގެ ޖަވާބު، (الدرج) المرقوم (بالجداول) މިފޮތުގައި ހިމެނޭނެއެވެ. މިފަދަ ފޮތްތަކުގެ ތެރެއިން ފަސްވަނައަށް އަހުރެންގެ ފޮތް "ތެދު ތަރާދު" (القسطاس المستقيم) ހިމެނެއެވެ. މި މުސްތަޤިއްލު މަސައްކަތުގައި، އަހުރެން ބަޔާންކުރަނީ ޢިލްމުގެ ތެދުކަން ވަޒަންކުރުމުގައި ބޭނުންކުރާނޭ ހަމަތައް ހާމަކުރުމަށް ފަހު، މި ހަމަތައް އެނގުމުން، އިންސާނާ، އެއްވެސް ކުށެއް ނުބުނާނެ މަޢުޞޫމް އިމާމަކަށް ބޭނުންވެގެން ނުވާނޭ ކަމެވެ.
އަހުރެންގެ މިފަހަރުގެ މަޤްޞަދަކީ، ބާޠިނިއްޔާ ނުވަތަ ތަޢުލީމިއްޔަތުގެ މީހުންނަށް، ތަފާތު ވަހުމްތަކާއި ޚިޔާލުތަކުގެ އަނދިރިކަމުން ސަލާމަތްވާނޭ މަގެއް އެއިގެ ތެރެއިން އެއްވެސް މީހަކަށް ނުވާކަން ހާމަކުރުމެވެ. އެމީހުންގެ ވާހަކަތަކުގެ ތެރެއިން ވަކި މީހަކީ އިމާމަކުކަމުގައި ކަނޑައެޅުމުގެ މައްސަލައަކީ އެމީހުންގެ ފިކުރުގެ އެއް މައްސަލައެވެ. އެމީހުންގެ ޚިޔާލާތުގެ ތެރެއިން އެތައް ކަމަކަށް އަހުރެމެން ތާއީދު ކުރީމެވެ. އެމީހުން ބުނާ ފަދައިން ތަޢުލީމު ބޭނުން ކަމަށާއި ކުށެއް ނުބުނާނެ މަޢުޞޫމު އިމާމަކު ބޭނުންވާކަމަށް އެއްބަސްވީމެވެ. އެމީހުން ކަނޑައަޅާ، ޢައްޔަނު ކުރާ އިމާމަކީ ކުށެއް ނުބުނާނެ މަޢުޞޫމް އިމާމަކު ކަމުގައި އެއްބަސް ވީމެވެ. ދެން އަހުރެމެން އެމީހުންގެ ކައިރީގައި، އެ މަޢުޞޫމް އިމާމުގެ ފަރާތުން ދަސްވީ ކޮން ޢިލްމެއްތޯ ސުވާލުކުރުމުން، އަދި އެމީހުންނަށް ތަފާތު މައްސަލަތައް ހުށަހެޅުމުން، އެމީހުންނަށް ޖަވާބެއް ނުދެވުނުތާ، ހުށަހެޅުނު މައްސަލަތައް ވެސް އޮޅުމެއް ނުފިލިއެވެ. ދެން އެމީހުން ބުނަނީ ނުފެންނަ ޣައިބުގައިވާ އިމާމާ ބައްދަލުނުވެ ޖަވާބެއް ނުދެވޭނެ ކަމަށެވެ. "އިމާމާ ބައްދަލުކުރުން ނޫން އެހެން ގޮތެއް ނެތެވެ،" އެމީހުން ބުންޏެވެ. އާސޯޚުކުރުވާ ކަމަކީ، އެމީހުންގެ ޙަޔާތުގެ ދުވަސްތައް ނަގާލަނީ އެ އިމާމަކު ހޯދުމަށާއި އެމީހަކު ފެނިއްޖެ ކަމުގެ ފޮނި ކެނޑުމަށެވެ. އެ އިމާމެއްގެ ކައިރިން އެއްވެސް އެއްޗެއް ދަސްނުވާ ޙާލަތުގައެވެ. އެމީހުންގެ މިސާލީ، ކިލައިން ތަތްތެޅިގެން ފެން ހޯދާ މީހެއްގެ މިސާލެވެ. ފެންގަނޑު ފެނުމުން، އެމީހުން ތާހިރު ނުވެ، ހަޑިކަމުގައި ދެމި ތިބެއެވެ.
އެމީހުންގެ ތެރެއިން އެކަކު، ޚާއްޞަ ބައެއް ޢިލްމު އެނގޭކަމަށް ދަޢުވާކުރަތެވެ. މިހެން ބުނެ އޭނާ ބަޔާން ކުރި ޢިލްމަކީ، ޤަދީމީ ޔޫނާނީ ޕައިތަގޮރަސް ގެ ބަލިކަށި ފަލްސަފާއިން ތަންކޮޅެކެވެ. މި ޕައިތަގޮރަސް އަކީ އެންމެ އިހު ޒަމާނުގެ ފަލްސަފާވެރިންގެ ތެރެއިން މީހެކެވެ. އޭނާގެ ފަލްސަފާއަކީ، ހުރިހާ ފަލްސަފާތަކުގެ ތެރެއިން އެންމެ ބަލި ފަލްސަފާ އެވެ. އެރިސްޓޯޓްލް އޭނާގެ ފަލްސަފާއަށް ވަރުގަދަ ރައްދެއް ދިނެވެ. އަދި އޭނާގެ ފަލްސަފާއަކީ ހަރުދަނާ ކަމެއްނެތް، ނުރުހުންތެރިކަން ލިބެންވީ އެއްޗެއް ކަމަށް ބަޔާންކޮށްފައި ވެއެވެ. އެހެނެއްކަމަކު، إخوان الصفا މިފޮތުގައި ޙަވާލާދެވެނީ އޭނާގެ ފަލްސަފާ އަށެވެ. އެ ފަލްސަފާއަކީ ފަލްސަފާތަކުގެ ތެރެއިން ކުންޏެވެ.
އެންމެ އަޖާއިބުވާ ކަމަކީ، މީހުން އެމީހުންގެ މުޅި ދިރިއުޅުން ޢިލްމު ހޯދުމުގެ މަގުގައި ވޭތިކޮށް، ބަލިކަށި ކަމީނާ ޢިލްމާ މެދު އެމީހުން ހިތްހަމަ ޖެހިގެންތިބޭތީ އެވެ. މިހެން ކަމަކު، އެމީހުންނަށް ހީވެފައި އޮންނަނީ އެމީހުންނަށް ޢިލްމުގެ އެންމެ ފުންމިނުން ޙާޞިލުވެފައިވާ ކަމަށެވެ. މިގޮތަށް ޢިލްމު ލިބިގެން ތިބި މީހުންގެ ޚިޔާލުތައް އެތެރެއިންނާއި ބޭރުން އަހުރެން ވަޒަންކޮށްފީމެވެ. އަހުރެންނަށް މިކަމުން އެނގި އޮޅުން ފިލީ، އެ ޢިލްމަކީ ޢާއްމު ފަރުދުން ވާވެއްދުމާއި ވިސްނުން ގަނބު މީހުންނަށް ތަޢުލީމު ދޭނޭ މީހަކު ބޭނުންވާ ކަމަށް ދައްކަން ކޮށްފައިވާ މަސައްކަތެއް ކަމެވެ. ދީނީ ހަމަތަކުން އިރުޝާދު ބޭނުން ނުވާކަން ސުބޫތުކުރަން އެމީހުން ހުށަހަޅާ ސަބަބުތައް ވަރުގަދައެވެ. މި ސަބަބުތައް ފޫދަނީ އެމީހުން ސުބޫތުކުރަން އުޅޭ އުޅުމަށް އެހީތެރިވާން، އިރުޝާދުދޭނޭ އިމާމަކާ ބެހޭ ގޮތުން މި ސުވާލު ކުރުމުންނެވެ: 'އިމާމަށް ލިބިފައިވާ ޢިލްމާއި އޭނާގެ އިރުޝާދުގެ މިސާލުތަކެއް އަހުރެމެންނަށް ބުނެދީ ބަލާށެވެ.' މިހެން ބުނުމުން އެމީހުންގެ ތެރެއިން ސުވާލު މުޚާތަބު ކުރެވުނު ފަރާތް ހުއްޓުން އަރައެވެ. އޭނާ ބުނެއެވެ. 'ކަލޭ ތި މައްސަލަ އަހުރެންނަށް ހުށަހެޅުމުން، އަހުރެން ޖަވާބެއް ހޯދުމަށް ފަހު ބުނާނަމެވެ. އަހުރެންގެ މިހާރުގެ މަޤްޞަދު، ބުނެވުނު ވާހަކަތަކުން ފުރިހަމަ ވެއެވެ.' އޭނާއަށް ކަށަވަރުވާ ކަމަކީ، ޖަވާބެއް ދިނުމާއިގެން ކުރިއަށް ގޮސްފިނަ، އޭނާގެ ނިކަމެތި ޙާލަތް ބޭޒާރުވެ، އެންމެ ކުޑަ މައްސަލަވެސް ޙައްލު ނުކުރެވޭނޭ ކަމެވެ. އެއީ ޖަވާބެއް ދިނުން އެއް ފަރާތް ކޮށްފައި، ސުވާލު ވެސް އޭނާއަށް އޮޅުން ނުފިލާނޭ ކަމެވެ.
އެމީހުންގެ ޙަޤީޤީ ޙާލަތަކީ މިއީ އެވެ. ބުނެވެއެވެ. "އެމީހުން ދެނެގަންނާށެވެ. ކަލޭމެން އެމީހުންނަށް ނަފުރަތު ކުރާނެއެވެ." އެމީހުން ދެނެގަނެ، އަހުރެމެން އެމީހުންނަށް ސަލާމެވެ.

Leave A Comment