މާލޭ–ހުޅުލޭ ފާލަމުގެ ސައިންސް 4: ބެރިތަކުގެ ވާހަކަ

މާލެއާއި ހުޅުލެއާ ދެމެދު އަޅަމުންދާ ފާލަމުގެ ސައިންސް އާ ބެހޭ ގޮތުން ތިން މަޒުމޫނެއް ތިޔަ ބޭފުޅުންނަށް ހުށަހެޅިއްޖެއެވެ. އެ ތިން މަޒުމޫނު އަދި ނުކިޔުއްވާ ބޭފުޅުންނަށް ތިރީގައިވާ ލިންކްތަކުން އެ މަޒުމޫނުތައް ފެނިވަޑައިގަންނަވާނެއެވެ.

މާލޭ – ހުޅުލޭ ފާލަން 1: ފާލަމުގެ ވައްތަރުތަކާއި ރާއްޖެއާ އެންމެ އެކަށީގެންވާ ފާލަން | 14 އޭޕްރިލް 2016

މާލޭ ހުޅުލޭ ފާލަން 2:  ފާލަން އަޅަން ޖަހާ މުޑިތަކާއި އެއާ ގުޅޭ ސައިންސް | 22 ސެޕްޓެމްބަރ 2016

މާލޭ – ހުޅުލޭ ފާލަން 3: ފާލަން އަޅާ ކޮންކްރީޓްގެ ބާވަތްތަކާ ބެހޭ ސައިންސް | 12 ޖަނަވަރީ 2017

މި ހަތަރުވަނަ މަޒުމޫނުގައި، އަޅުގަނޑު މި ހުށަހަޅާދެނީ ފާލަމަށް ދާން އޮންނަ މަގުގައި (ބްރިޖް އެޕްރޯޗް ގައި) އަޅަމުންދާ ބެރި ތަކާއި، ކޮންކްރީޓް އަޅާ ނިމުމުން ގަދަކުރުމަށް ބެރިތައް ފިއްތުމާ (ޕޯސްޓް ޓެންޝަނިންގ އާއި) މިކަމާ ބެހޭ ސައިންސް އެވެ. މި ހަތަރުވަނަ މަޒުމޫނު، ތިންވަނަ މަޒުމޫނުގެ 9 މަސް ފަހުން މި ހުށަހެޅީ ވޭތިވެދިޔަ ހައެއްކަ މަސްދުވަހުގެ ތެރޭގައި މުޑިތަކާއި މުޑިތަކުގެ މަތީގައި އަޅާ މަކުޑި (ޕައިލް ކެޕް) ހެދުމަށް ވަރަށް ގިނަ ދުވަސްތަކެއް ގޮސްފައި ވާތީ ފެންނަ މާ ބޮޑު ކުރިއެރުމެއް ފާހަގަ ނުކުރެވޭތީ އެވެ. ފަހެ ހުރިހާ މުޑިއެއް ކޮންކްރީޓުން ފުރުމަކީ ވަރަށް ގިނަ ވަގުތުދާނޭ ކަމެކެވެ. މިހާރު ފާލަމުގެ މަސައްކަތް ގޮސްފައިވާ ހިސާބު، ތިރީގައިވާ ވީޑިއޯ އިން ފެނިވަޑައިގަންނަވާނެ އެވެ.  މި ވީޑިއޯ އަކީ މި މަޒުމޫނުގެ ޚުލާޞާއެއް މެއެވެ.

ފޮޓޯގެ ވާތްފަރާތުގައި އެވަނީ ފާލަމުގެ މާލޭ ކޮޅެވެ. ކުރެހުމުން ފާހަގަ ކުރެއްވޭނޭ ފަދައިން މިކޮޅުގައި ގާތްގާތުގައި މުޑިތައް ޖަހައިފައި ވެއެވެ. އެއީ 19 ވަރަކަށް ބަރިއަށެވެ. މި މުޑިތަކުގެ ފަލަމިނުގައި ހުންނަނީ ހަތަރު ވަރަކަށް ފޫޓެވެ. ދެން މީގެ ހަ މުޑިމަތީގައި މަކުޑިއެއް އަޅާފައި ވެއެވެ. ކޮންމެ ދެ މުޑިއެއްގެ ދެމެދުގައި ހުންނަނީ 30 މީޓަރެވެ. އެއީ ގާތްގަޑަކަށް 100 ވަރަކަށް ފޫޓެވެ. މާލެއާ ވީ ފަރާތުން ފެންނަނީ މި މަސައްކަތްކުރަން އަޅާފައިވާ ވަގުތީ ފާލަމެއް ކަމުން، އަޞްލު ފާލަން ފެންނަނީ ބޮއްކުރައެއްގައި އިރުމަތީ ފަރާތަށް ގޮސްގެންނެވެ.

މަތީގައި އެވަނީ ފާލަމުގެ މާލެއާވީ ކޮޅުގެ ސެޓެލައިޓް ފޮޓޯ އެކެވެ. ބިމަށް ޖަހާފައިވާ މުޑިތައް މަތީ ހަދާފައިވާ މަކުޑިތަކެވެ. މި ފޮޓޯއިން ފެންނަ ގޮތުގައި، ކޮންމެ ދެ މަކުޑިއެއްގެ ދެމެދުގައި 30 މީޓަރު (100 ފޫޓު) ހުރެއެވެ. ފުޅާމިނުގައި ގާތްގަޑަކަށް ފާލަމުގެ ފުޅާމިން ކަމަށްވާ 60 ވަރަކަށްފޫޓު ހުރެއެވެ. މަކުޑިތައް މަތީ ބާއްވަން ހަދާ ބެރިތައް ހަދަނީ ސަރަޙައްދުގެ ހުޅަނގު ފަރާތުގައެވެ.

މަކުޑީގެ ތައްގަނޑު ގެނެސްފައިވަނީ ބޭރުން ހަދައިގެންނެވެ. ސަރަހައްދުގައި އެ ރޭވުމަށްފަހު، ކުރިން ޖަހާފައިވާ ހަ މުޑި މަތީގައި ބަހައްޓައި، ދަގަނޑު ލުމަށް ފަހު، ކޮންކްރީޓް ކުރެއެވެ. އެންމެ ވާތް ފަރާތުގައިވާ ފޮޓޯއިން ފާހަގަ ކުރެއްވޭނޭ ފަދައިން، މުޑިމަތީގައި ބެރިތައް ބެހެއްޓުމަށް ދިހަވަރަކަށް ތަން ފާހަގަކޮށްފައި ވެއެވެ. ބެރިތައް ބަހައްޓަނީ މި ތަންތަނުގެ މަތީގައި ބެއަރިން އެއް ބޭއްވުމަށް ފަހު އެވެ. ބެއަރިން އަކީ، ދަގަނޑާއި ޕްލާސްޓިކް ރަބަރަކުން ހަދާފައިވާ ފޮތިތަކެކެވެ. މީގެ ބޭނުމަކީ، އޮޔާއި ވަޔާއި ބިންހެލުމުން، އަދި ހޫނުވެ ފިނިވުމުން ސައިޒަށް އަންނަ ބަދަލުުން މުޅި ފާލަން ގުޑައިގެންދިޔުން ހުއްޓުވުމެވެ. މި ގުޅުމަށް އަރާ ސްޓްރެސް ނުވަތަ ފިއްތުން ކުޑަކުރުމެވެ.

މަކުޑީގެ ތައްގަނޑު ގެނެސްފައިވަނީ ބޭރުން ހަދައިގެންނެވެ. ސަރަހައްދުގައި އެ ރޭވުމަށްފަހު، ކުރިން ޖަހާފައިވާ ހަ މުޑި މަތީގައި ބަހައްޓައި، ދަގަނޑު ލުމަށް ފަހު، ކޮންކްރީޓް ކުރެއެވެ. އެންމެ ވާތް ފަރާތުގައިވާ ފޮޓޯއިން ފާހަގަ ކުރެއްވޭނޭ ފަދައިން، މުޑިމަތީގައި ބެރިތައް ބެހެއްޓުމަށް ދިހަވަރަކަށް ތަން ފާހަގަކޮށްފައި ވެއެވެ. ބެރިތައް ބަހައްޓަނީ މި ތަންތަނުގެ މަތީގައި ބެއަރިން އެއް ބޭއްވުމަށް ފަހު އެވެ. ބެއަރިން އަކީ، ދަގަނޑާއި ޕްލާސްޓިކް ރަބަރަކުން ހަދާފައިވާ ފޮތިތަކެކެވެ. މީގެ ބޭނުމަކީ، އޮޔާއި ވަޔާއި ބިންހެލުމުން، މުޅި ފާލަން ގުޑައިގެންދިޔުން ހުއްޓުވުމެވެ. މި ގުޅުމަށް އަރާ ސްޓްރެސް ނުވަތަ ފިއްތުން ކުޑަކުރުމެވެ. ތިރީގައި އެވަނީ ބެއަރިން އެއްގެ ފޮޓޯ އެކެވެ.

ކުރިން ބަޔާން ކުރެވުނު ފަދައިން، މަކުޑިތައް މަތީ ދިހަ ބެރި ބޭއްވުމަށް ފަހު، އެ ބެރިތައް އެއް ބެރި އަނެއް ބެރިއާ ކުރު ހުރަސް ހަތަރު ބެރިން ގުޅުވައެވެ. މިކަން ކުރަނީ އިތުރަށް ގަދަކުރުމަށެވެ. ދެން މި ބެރިތަކުގެ މަތީގައި ދަގަނޑު އެތުރުމަށްފަހު ކޮންކްރީޓް އަޅައެވެ. މިބާވަތުގެ ފާލަމުގެ މަތީގައި އަޅާ ކޮންކްރީޓް ޝީޓް ނުވަތަ ސްލެބްގެ ބޯމިނުގައި ހުންނާނީ ގާތްގަޑަކަށް ދިހަވަރަކަށް އިންޗިއެވެ. ތިރީގައި އެވާ ފޮޓޯއަކީ، މިކަން ކުރާނޭ ގޮތް ދައްކާދޭ އެހެން ފާލަމެއްގެ ފޮޓޯއެކެވެ. މާލޭގައި އަޅާ ފާލަމުގައި އަދި މި މަސައްކަތް ކުރާކަށް ނުފައްޓައެވެ. މިހާރު ކުރާކަމަކީ ބެރި އެތުރުމެވެ.

ތިރީގައިވާ ފޮޓޯއިން އެ ފެނިވަޑައިގަންނަވަނީ ފާލަމެއްގެ މަތީގައިވާ ދިގު ބެރިތައް ކުރު ބެރިތަކަކުން ގުޅުވާފައިވާ ތަނެވެ. ފާހަގަ ކުރެއްވޭނޭ ފަދައިން ހުރަސް ބެރިތައް ކުރުވެފައި ތިލައެވެ. މި ބާވަތުގެ ބެރިތަކަށް، ސިވިލް އެންޖިނިއަރިން ގައި ކިޔަނީ ސެކަންޑަރީ ބެރިއެވެ. ޕްރައިމަރީ ބެރިއަކީ އަސާސީ ދިގު ބެރިތަކެވެ. މާލޭގައި އަޅާ ފާލަމުގެ ޕްރައިމަރީ ބެރިތަކުގެ ދެމެދުގައި ހުންނާނީ ގާތްގަޑަކަށް ދެ މީޓަރެވެ.

މި ދަންނަވާ ލެވުނީ ތިލަ ހިސާބުގެ ފާލަން ހަދާ ގޮތެވެ. ފުން ހިސާބުގައި ފާލަން ހަދާގޮތް އެހެން މަޒުމޫނެއްގައި ގެނެސްދޭ ނަމެވެ. މިބައިގެ ދެ މަކުޑި ދެމެދުގައި 180 މީޓަރު ހުރެއެވެ. މި ދިގުމިނުގައި ބެރިއަޅައިގެން ފާލަން ވަރަށް ނަހަދައެވެ. އެންމެ އަގުހެޔޮކޮށް މިކަން ކުރެވެނީ ދުނި ބައްޓަމަށް ފާލަން ހަދައިގެންނެވެ. ނޫނީ ދިހަވަރަކަށް ފޫޓު ދިގު ބުރިވަރުތަކެއް ދަގަނޑު ވައިރަކަށް އަމުނައިގެންނެވެ. ދެން އަޅުގަނޑު ބަޔާން ކުރާނީ ދިގު ކޮންކްރީޓް ބެރި ހަދާގޮތާ ބެހޭ ސައިންސް އެވެ. މިއީ ކޮންކްރީޓް އަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް ވަރަށް ބޭނުންތެރި މަޢުލޫމާތަކަށް ވާނެއެވެ. އާދެ! ކުރިއަށް ދަމާތޯއެވެ؟

ކޮންކްރީޓް ބެރި ފަރުމާ ކުރުމަށް ތައާރަފެއް

މިބައިގައި ބަޔާންކުރާނީ، އާދަޔާ ޚިލާފު ދިގު ކޮންކްރީޓް ބެރިތައް ހަދާގޮތުގެ ވާހަކައެވެ. ކޮންކްރީޓާ ބެހޭ ގޮތުން ކުރީ މަޒުމޫނުގައި ވާހަކަ ދައްކަމުން، މުހިއްމު ދެ ބާވަތެއްގެ ބާރު ހުންނަ ކަމަށް ބަޔާންކޮށްފައި ވާނެއެވެ. އެއީ ތަކެތި ފިތެން ހުންނަ ބާރާއި ދެމެން ހުންނަ ބާރެވެ. ފަހެ، އިސްޕަންޖު ގަނޑެއް ދެ އިނގިލިން ފިއްތާލުމުން އެ ލެވޭ ބާރަކީ ފިތޭ ބާރެވެ. މި ބާރަށް ކިޔަނީ ”ކޮމްޕްރެޝަން“ އެވެ. ރަބަރު ގަނޑެއް ދެމުމަށް ހުންނަ ބާރަކީ ދެމެން ހިފާ ބާރެވެ. މިބާރަށް ކިޔަނީ ޓެންޝަން އެވެ. ކޮންކޮރީޓް ބެރިއެއްގެ މައްޗަށް ބަރު އެރުވުމުން، އެއަށް ދެ ބާރު އަރައެވެ. ތިރީގައި އެވާ ކުރެހުމުން ފެންނަ ފަދައިންނެވެ.

ފާހަގަ ކުރެއްވޭނޭ އަނެއްކަމަކީ، ކޮންކްރީޓް ބެރި، މެދުން ތިރިވާކަމެވެ. ލެނބޭ ކަމެވެ. ކޮންކްރީޓަކީ، ފިތެއް ހިފާ ބާރު ވަރަށް ގަދަ އެއްޗެކެވެ. ރާއްޖޭގައި ޢާއްމުކޮށް ބޭނުން ކުރާ ކޮންކްރީޓް ޓެސްޓަކަށް ފިއްތާލުމުން އެ ފަޅައިގެން ދަނީ ކޮންމެ އަކަމީޓަރަކަށް 2500 ޓަނު އެރުވުމުންނެވެ. އެއީ 2500000 ކިލޯގްރާމެވެ. މިކަން އެނގެނީ ކޮންކްރީޓް ޓެސްޓްކުރަން ފިއްތާ މެޝިނުން ބެލީމައެވެ. ޢިމާރާތްތަކުގެ ތަނބުތައް އެހާ ހިމައީ އެހެން ވެގެންނެވެ. މާލޭގައި ހުންނަ އައި.ޖީ.އެމް.އެޗް ހޮސްޕިޓަލް ކައިރީގައި އަޅާ 25 ބުރީގެ ޢިމާރާތުގެ ތަނބުތަކުގައި ވެސް ހުންނަނީ ދެ ފޫޓު ދެ ފޫޓެވެ. ރާއްޖޭގައި ދިހަ ބުރިއަށް އަޅާ ޢިމާރާތްތަކުގެ ތަނބުތަކުގެ ހުރަސް އޭރިއާގައި ޢާއްމުކޮށް ހުންނަނީ 9 އިންޗި އާއި 20 އިންޗިއެވެ.

ނަމަވެސް ކޮންކްރީޓް ދެމެން ހިފައިފިނަމަ، އެ ވަރަށް ބައްޔެވެ. ފިތުން ހިފަހައްޓާ ބާރުގެ ދިހަގުނަ ކުޑައެވެ. އެހެންކަމުން، ކޮންކްރީޓުން ޢިމާރާތް ކުރާއިރު، ބެރި ދެމެން ހިފާ ބާރު މަތަކުރަނީ އެއަށް ދަގަނޑު ލައްވައިގެންނެވެ. ކޮންކްރީޓް ދަގަނޑަކީ ދެމެން ހިފާ ބާރަށް ނުވަތަ ޓެންޝަން އަށް ވަރަށް ގަދަ އެއްޗެކެވެ. ހަމަ އެހެންމެ ކޮމްޕްރެޝަން އަށް ވެސް ދަގަނޑު އެހާ ގަދައެވެ. ރިންގު ބަންނަ 6 މިލިމީޓަރު ދަގަނޑަކުން އެއް ޓަނު، ބުރިވުމެއް ނެތި އުފުއްލޭނެއެވެ. އެކި ދަގަނޑުގެ ގަދަކަން ތަފާތެވެ. ރާއްޖެއަށް ޢާއްމުކޮށް ގެންނަ ދަގަނޑު، ކޮންކްރީޓަށް ވުރެ 18 ގުނަ ކޮމްޕްރެޝަން އަށް ގަދައެވެ. އަދި 180 ގުނަ ޓެންޝަން އަށް ދަގަނޑު ނެތް ކޮންކްރީޓާ އަޅާ ބަލާއިރު ގަދައެވެ. އެހެންކަމުން، ހުސް ކޮންކްރީޓްގެ ބަދަލުގައި، ދެމޭ ބާރު ހިފަހައްޓަން ޖެހޭ ހިސާބުތަކަށް ދަގަނޑު ލައެވެ. ހުސް ދަގަނޑު ލާނަމަ، އަގުބޮޑު ވެފައި، ދަގަނޑުގައި ދަބަރުޖެހުން ފަހިވާނެއެވެ.

ކޮންކްރީޓް ބެރިއެއް އެޅުމަށް ފަހު، ހިކުމުން މެދަށް ބަރު ކޮށްގެން، ބިންދާލަން ބާރުލުމުން ބެރީގައި ރެނދުއަޅަނީ ތިރީގައިވާ ކުރެހުމުގައި ވާގޮތަށެވެ. މިއީ ދެކޮޅު ކޮންމެވެސް އެއްޗެއްގެ މަތީގައި ބާއްވައި ފިއްތާލުމުން ވާގޮތެވެ.

flexural and shear cracks in a beam

މަތީގައިވާ ކުރެހުމުން ފާހަގަ ކުރެއްވޭނީ ބެރިއެއް ފޭލިވެގެން ރެނދު އަޅަނީ، ބެރީގެ މެދުން ދަށުގައި ތިރީގައި ކަމެވެ. މަތިން ރެނދު އަޅަނީ ދެކޮޅުގައެވެ. ދެން ކަތި ރެނދުތަކެއް ދެކޮޅާއި މެދާ ދޭތެރޭ އަޅައެވެ. މި ރެނދުތައް ހުންނަނީ މެދާދިމާއަށް ކަތިވެފައެވެ. ރެނދު އަޅާ ސަބަބަކީ، ބެރިއަށް ދެމެން ކުރާ ބާރު (ޓެންޝަން) ބޮޑުކަމުން، ދަގަނޑުތައް ދެމެން ފެށުމުންނެވެ. ރަތްކުލައިގައި ފާހަގަކޮށްފައި އެވަނީ ރެނދު އެޅިޔަ ނުދިނުމަށް ދަގަނޑު ލާން އެންމެ ރަނގަޅު ތަންތަނެވެ. ފާހަގަ ކުރެއްވޭނޭ ފަދައިން މަތި ބަރުކުރާ ބެރިއެއްގައި، މައިގަނޑު ދަގަނޑުތައް ހުންނަންވާނީ ތިރީގައެވެ. ދެކޮޅުން މަތީގައެވެ. މިގޮތަށް ލަންބާފައި ދަނގަޑު ލުމަކީ އުނދަގޫކަމެއްކަމުން، ގިނަ މީހުން ކަންފަސޭހައަކަށް ގައިމުވެސް ދެމެންހުންނަ ބާރު މަތަ ކުރެވޭ ވަރަށް ތިރިއަށް ދަގަނޑުލައި، މަތީ ދެކޮޅަށް ދަގަނޑު ބުރިވަރު ތަކެއް ލައެވެ. މަސައްކަތަށް ފަރުވާ ބަހައްޓާ މީހުން ދަގަނޑު ލަންބަނީ މައްޗާއި ތިރިއަށް ދަގަނޑު ލުމަށް ފަހު، ރަތްކުލައިގައިވާ ސިފައަށެވެ. ލާންޖެހޭ ދަގަނޑު ހިސާބުކުރުމުގައި، ބެރިއަށްކުރާ ޓެންޝަން ނުވަތަ ދެމެން ހިފާ ބާރު ހަމަ އެކަނި ދަގަނޑުން ހިފެހެއްޓޭ ވަރަށް ދަގަނޑު ލާންޖެހެ އެވެ.

ފާލަމުގެ ވާހަކަ ދައްކާއިރު، ނުވަތަ ގެދޮރުގެ ވާހަކަ ދައްކާއިރު، ބޭނުން ކުރާ ވަރަށް ޢާއްމު ލަފުޒެއް ވެއެވެ. އެއީ ދެ މުޑި ނުވަތަ ދެ ތަނބުގެ ދެމެދުގައި ހުންނަ ދުރުމިނެވެ. މި ދުރުމިނަށް އިނގިރޭސިބަހުން ކިޔަނީ ސްޕޭން އެވެ. އެއީ އަތުގެ އިނގިލިތައް ފޭކޮށް ދަމާލީމާ ބޮޑުވައި އިނގިލީގެ ކޮޅުން ކުޑަވައި އިނގިލީގެ ކޮޅާ ދެމެދުގެ މިނަށް ނުވަތަ ކައިވަތަށް އިނގިރޭސި ބަހުން ކިޔާ ނަމެވެ. ފަހުން، މި ދެއިނގިލި ނޫނަސް، ދެ ތަނބުގެ ނުވަތަ ދެ އެއްޗެއްގެ ދުރުމިނަށް ވެސް ސްޕޭން ކިޔަން ފެށީއެވެ. އާދެ! ދިވެހިބަހުން މި ދުރުމިނަށް ކިޔާނީ ކީކޭތޯ އެވެ؟ ވަތްތިލަ ކިހިނެތް ވާނެތޯ އެވެ؟ މި ލަފުޒު މި އުފެއްދީ، ކައިވަތުގެ ފަހަތު އަކުރުތަކާއި ކޮޅިތިލައިގެ ފަހު އަކުރުތައް އެއްކޮށްގެންނެވެ.  ކޮޅިތިލަ އަކީ، އަތުގެ ކުޑަވައި އިގިލީގެ ކޮޅާއި ބޮޑުވައިއިނގިލީގެ ކޮޅާ ހުންނަ ދުރުމިނެވެ. މި މިން ބަލާއިރު އެހެން އިނގިލިތައް ހުންނަނީ ލަންބާފައެވެ. އެހެންކަމުން ކޮޅިތިލަ ކައިވަތަކަށް ވުރެ ދެ އިންޗިއެއް ވަރު ކުރުވާނެއެވެ. ”ތިލަ“އިން ސީދާކަމަށް އިޝާރާތް ކުރެއެވެ. ދިވެހިބަހުން ”ކައި“ ކިޔަނީ އަތްތިލައަށެވެ.

ފަހެ ދިވެހިބަހުން ސްޕޭން އަށް ވަތްތިލަ ކިޔަމާ ތޯއެވެ؟ މި އައު ލަފުޒުގެ މާނައަކީ ދެ މުޑިއެއް ނުވަތަ އެހެންވެސް ދެ އެއްޗެއްގެ ދެމެދުގައިވާ ދުރުމިނެވެ. މަތީގައި އެވަނީ ލަފުޒުގެ މާނަ ހާމަކުރުމުގެ ގޮތުން، މި މިން ފާހަގަ ކޮށްފައެވެ. ވަތްތިލަ މިން ކުރަނީ އެއް ތަނބު ނުވަތަ މުޑީގެ މެދުން އަނެއް ތަނބު ނުވަތަ މުޑީ ގެ މެދަށެވެ.

ކޮންކްރީޓަކީ ދުނިޔޭގެ އެކި ޤައުމުތަކުގައި، ތިރި ޢިމާރާތްތަކާއި އުސް ބިނާތައް ހެދުމަށް ގިނައިން ބޭނުން ކުރާ އެއްޗެއް ކަމުން، އެކި ޤައުމުތަކުން، ކޮންކްރީޓް ބޭނުން ކުރާނޭ ގޮތް ކަނޑައަޅައި ޝާއިޢުކޮށްފައި ވެއެވެ. މިގޮތުން އިނގިރޭސި ވިލާތުގެ އުޞޫލްތަކާއި، ޔޫރަޕުގެ އުޞޫލްތަކާއި، އިންޑިއާގެ އުޞޫލްތަކާއި އެމެރިކާގެ އުޞޫލްތައް މަޝްހޫރުވެގެން ވެއެވެ. ތަޖުރިބާ އާއި ހިސާބުގެ މައްޗަށް ބިނާކޮށް ކޮންކްރީޓް ޢިމާރާތެއްގެ އެކި ބައިތައް ފަރުމާ ކުރާނޭ ގޮތް، މި އުޞޫލުތަކުގައި މިސާލާއި އެކު ބަޔާންކޮށްފައި ހުރެއެވެ. މިގޮތުން މިއޮތީ ޔޫރަޕުގެ ހުރިހާ ޤައުމެއްގައި ބޭނުން ކުރާ ޔޫރޯކޯޑުގެ ކުރު ޚުލާޞާ އެކެވެ.

ބެރިއެއް ބިއްދައިގެން ދަނީ ލެނބުމުންނެވެ. ޔޫރޯކޯޑުގައި ބެރިއެއް އެންމެ ބޮޑަށް ލެނބެން ހުއްދަ ކުރާ ވަރު ބަޔާންކޮށްފައި ވެއެވެ. އެއީ ބެރިއެއްގެ ސްޕޭން ނުވަތަ ވަތްތިލަ 250 އިން ގެއްލީމާ އަންނަ ވަރެވެ. މިސާލެއްގެ ގޮތުން 12 ފޫޓު ހުންނަ ބެރިއެއް ފަރުމާ ކުރި ބަރު މައްޗަށް އެރުވުމުން ބައި އިންޗިއަށް ވުރެ ބޮޑަށް ލެނބިގެން ނުވާނެއެވެ. ހުރިހާ ބެރިއެއް ވެސް މައްޗަށް ބަރު އެރުވުމުން ކޮންމެވެސް ވަރަކަށް ލެނބޭނެއެވެ. ކޯޑުން ކަނޑައަޅަނީ އެންމެ ބޮޑަށް ލެނބުން ހުއްދަކުރާ މިންވަރެވެ. ދެން މި މިންވަރު އެނގުމުން، ލެނބެން ހުންނަ ބާރު (ބެންޑިން މޯމަންޓް) ހިސާބުކޮށް، ދަގަނޑު ލާނޭ މިންވަރު ކޯޑުގައިވާ ތާވަލުތަކުން ބަލައެވެ. އެއީ ކޮންކްރީޓާއި ދަގަނޑުގެ ގަދަކަމާއި ބެރިން ހިފަންޖެހޭ ބަރު އެނގޭތީ އެވެ.

ޕްލާސްޓިކް ފަތިގަނޑެއް ފުޅާއަރިއަށް ލަންބާލަން ވަރަށް ފަސޭހައެވެ. ނަމަވެސް، ފަތިގަނޑު ހަނިއަރިއަށް ލަންބަން ވަރަށް އުނދަގުލެވެ.   ހަނިއަރިއަށް ލަންބަން ހިފުމުން ފަތިގަނޑު އުޅޭނީ ގުދުވާށެވެ. ފަތިގަނޑު ބޯނަމަ، މިގޮތަށް ގުދުވުން ކުޑަވާނެއެވެ. މި މިސާލުގައި ކޮންކްރީޓް ބެރިއާ ބެހޭ ހުރިހާ ސައިންސެއް ހިމެނެއެވެ. ހަނިއަރިއަށް ފަތިގަނޑު ލަންބާލަން އުނދަގުލީ، ފަތިގަނޑުގެ މެދާއި ދުރުން މަތީގައި، ފަތިގަނޑުގެ ނަރުތައް (ޒައްރުތައް) ދެމުން މަތަކުރަން ހިފާނެއެވެ. ފަތިގަނޑުގެ ތިރީގައިވާ ނަރުތަކުން ނުވަތަ ޒައްރުތަކުން ތިރި ފިތުނަކަ ނުދޭނެއެވެ. ލެނބޭ މަގާއި ނަރުތައް ދުރުވުމުން މި ދެބާރުވެސް ގަދަވެގެން ވެއެވެ. ފުޅާއަރިއަށް ލަންބާލަން އުޅޭއިރު، ލެނބޭ މަގާއި ކައިރީގައި ފަތިގަނޑުގެ ނަރުތައް ނުވަތަ  މޯމަންޓްތައް ނުވަތަ ބާރުތައް ވުމުން ލަންބަން ބޮޑު ބާރެއް ބޭނުން ނުވަނީއެވެ.

bending a ruler

ހަމަ މި އުޞޫލުން، ކޮންކްރީޓް ބެރިއެއް ފުންވި ވަރަކަށް އެ ގުދުވާން އުނދަގޫ ވާނެއެވެ. ބެރި ތިލަވި ވަރަކަށް ގުދުވާން ފަސޭހަ ވާނެއެވެ. ޔޫރޯކޯޑުގައި، ބެރިއެއްގެ ދިގުމިނުގެ ނިސްބަތުން ފުންމިން ހުންނަންވީ ވަރު، އެކި ކޮންކްރީޓަށް ބަޔާންކޮށްފައި ވެއެވެ. މި ރޭޝިއޯ އަށް ކިޔަނީ ސްޕޭން:ޑެޕްތު (ވަތްތިލަ:ފުންމިން) ރޭޝިއޯ އެވެ. ތިރީގައި އެވަނީ މިކަމާ ބެހޭ ޔޫރޯކޯޑު ޗާޓެވެ. މި ޗާޓުގެ އެކި މިންވަރަށް މި ރޭޝިއޯ  ހުންނައިރު ކޮންކްރީޓްގެ ގަދަކަމާއި ލާންޖެހޭ ދަގަނޑުގެ މިންވަރު ފާހަގަކޮށްފައި ވެއެވެ. fck އަކީ ކޮންކްރީޓްގެ އާޚީރީ ގަދަކަމެވެ. ޗާޓުގެ ތިރީގައި އެވަނީ ބެރީގެ ތިރިއަށް ލާ ދަގަނޑުގެ އޭރިއާ އެވެ. މިސާލެއްގެ ގޮތުން، އާދައިގެން ދަގަނޑުން ހަދާ ބެރިއެއްނަމަ، 20 މެގަޕާސްކަލްގެ ކޮންކްރީޓުން ހަދާއިރު ފުންމިނުގެ 19 ގުނަ ދިގުމިނުގައި ބެހެއްޓިދާނެއެވެ. މި ބެރިއަށް ޓެންޝަން ނުވަތަ ދެމުން ހިފެހެއްޓުމަށްލާ ދަގަނޑު ލާނީ ބެރީގެ ހުރަސް އޭރިއާގެ %0.4 އަށެވެ. ދަގަނޑު ގެ ސައިޒު ކަނޑައަޅާނީ ލިބެން ހުރި ދަގަނޑާއި ބެރީގެ ފުޅާމިނަށް ބަލައެވެ. އެހެނީ ބެރިއަކަށް ދަގަނޑު ލާއިރު، ދެ ދަގަނޑު ދޭތެރެއަށް ކޮންކްރީޓް ކުރާ ހިލައަށް ދަތިކަމެއް ނެތި ވަދެވޭހާ ފުޅާވާން ޖެހޭނެއެވެ. ބެރީގެ ފުޅާމިން ބިނާވަނީ ބެރީގެ ފުންމިނަށެވެ.

Span depth ratio for concrete beams

އިންޑިއާ ސްޓޭންޑަރޑްގައި، އެ ޤައުމުގައި ޢާއްމުކޮށް ބޭނުން ކުރާ ކޮންކްރީޓާއި ދަގަނޑުގެ ފެންވަރަށް ބަލައި، ވަތްތިލަ:ފުންމިން ހުންނަންޖެހޭނީ 20 ގައި ކަމަށް ބަޔާންކޮށްފައި ވެއެވެ. އެއީ ހަމައެކަނި ދެކޮޅުން ހިފެހެއްޓިފައިވާ ބެރިއެވެ. ބެރި ދެ ތަނބަށް ވުރެ ގިނަ ތަނބުގެ މަތީގައި ބޭއްވިފައިވާނަމަ، މި ރޭޝިއޯ 26 އަށް ގެންދެވިދާނެކަމަށް ބަޔާންކޮށްފައި ވެއެވެ. މި ޢަދަދުތަކަކީ 10 މީޓަރަށް ވުރެ ކުރުބެރި ފަރުމާ ކުރާ އުޞޫލެވެ. 10 މީޓަރަށް ވުރެ ދިގު ބެރި ފަރުމާކުރާނަމަ، ރޭޝިއޯ ކުޑަކުރަނީ ބެރީގެ ދިގުމިން 10 އިން ގެއްލީމާ އަންނަ ކަސްރު ރޭޝިއޯ އާ ގުނަކޮށްގެންނެވެ. އިންޑިއާ ސްޓޭންޑަރޑްގައި ބެރި އެންމެ އަގުހެވީ (އެފިޝަންޓް އީ) ފުންމިނުގެ ދެބައިކުޅަ އެއްބައި، ފުޅާމިނުގައި ބެހެއްޓުމުންކަމަށް ބަޔާންކޮށްފައި ވެއެވެ. އެއީ ބެރިއެއްގެ ފުންމިނުގައި ދެ ފޫޓު ހުރި ނަމަ ފުޅާމިނުގައި އެއް ފޫޓު ބެހެއްޓުމެވެ. ފަހެ ބެރިއެއްގެ ފުންމިން ކިޔަނީ ބެރީގެ ތިރީގައިވާ ދަގަނޑުގެ މެދުން މައްޗަށެވެ. ބެރީގެ ތިރީގައިވާ ކޮންކްރީޓް ފަށަލަ ނުވަތަ ކަވަރުގެ ބޭނުމަކީ ދަގަނޑުތައް ދަބަރުޖެހުމުން ސަލާމަތް ކުރުމެވެ. ޝީޓާއި އެއްކޮށް އަޅާ ބެރީގެ ފުންމިން ބަލަނީ ޝީޓުގެ މައްޗާ ހިސާބަށެވެ. ކޮންކްރީޓް ބެރިއެއް ފަރުމާކުރުމާ ބެހޭ ސައިންސަކީ ހައެއްކަ މަސްދުވަހުން ކޮންމެ މީހަކަށް ވެސް ދަސްކުރެވޭނޭ އެއްޗެކެވެ. މިކަމުގެ އަސާސީ މަޢުލޫމާތު އޯލެވެލް އާއި އޭ ލެވެލްގެ ފިޒިކްސް މާއްދާގައި ހިމެނެއެވެ.

ދިގު ކޮންކްރީޓް ބެރި ފަރުމާކުރާ ގޮތް

ރާއްޖޭގައި ގެ އެޅުމުގައި ޢާއްމުކޮށް ބޭނުންވަނީ ދިގުވެގެން ގާތްގަޑަކަށް 15 ވަރަކަށް ފޫޓު ދިގު ބެރިއެވެ. ގިނަ ބެރި ބޭނުންކުރަނީ ޝީޓެއްގެ ދަށުގައިކަމުން، ހިސާބު ކުރުމުގައި، ވަތްތިލަ:ފުންމިން ރޭޝިއޯ 20 އަށް ވުރެ ވެސް ބޮޑު ކުރެވެއެވެ. އެއީ ބެރީގެ ހުރަސް އަރިމަތި T ގެ ބައްޓަމަށް ހުންނާތީ އިތުރު ބާރެއް ލިބޭތީ އެވެ. މިފަދަ ބެރިތައް މަތީގައިވާ ކޮންކްރީޓް ޝީޓު ނުވަތަ ސްލެބްގެ ބޯމިން ނުލައި “8 އިންޗި ފުންމިނުގައި ހުއްޓައި އަޅުގަނޑަށް ފެނިފައި ވެއެވެ. ބައެއް މީހުން މި ފުންމިން “10 އަށް އަދި “12 އިންޗިއަށް ވެސް ބަހައްޓައެވެ. ބައެއް ގޭގެ ވެރިން މާ ވަރުގަދަކުރަން އެދިގެން ބެރި ފުންކުރުވަނީ އެވެ. އަނެއްބައި މީހުން، އަދި ބައެއް އިންޖިނޭރުން، މަސައްކަތްތެރިން ފަރުވާކުޑަކޮށް ކޮންކްރީޓް ކޮށްފާނެތީ، ސަލާމަތްތެރިކަމަށް ބަލައި ބެރިތައް ފުންކުރަނީ އެވެ. އަނެއް ބައި ފަހަރު، ޢިމާރާތް އުސްކަމުން، އަރިމަތިން ޖެހޭ ވައިން ޢިމާރާތުގެ ލޮޅުން (ޝިއަރ) ކުޑަކުރުމަށް ފުންބެރި ބޭނުންވަނީ އެވެ.

ރާއްޖެތެރޭގައި އެންމެ ދިގު ކޮންކްރީޓް ބެރި ހުންނާނީ އަލަށް ހަދާ ސްކޫލްތަކާއި މިސްކިތްތަކުގައެވެ. ސްކޫލްތަކުގައި 25 ފޫޓު ދިގު ބެރި ކްލާސްރޫމް ހެދުމުގައި ބޭނުން ކުރެއެވެ. ކުޅުދުއްފުށީގެ އައު ހުކުރުމިސްކިތުގައި އަދި އެ މިސްކިތުގެ ނަކަލު މިސްކިތްތަކުގައި 30 ފޫޓު ދިގު ކޮންކްރީޓް ބެރި ވެއެވެ. މާލޭގައި 30 ފޫޓު ދިގު ބެރި ފުރުޤާން މިސްކިތުގައި ބޭނުންކޮށްފައި ވެއެވެ. ފަނޑިޔާރު މިސްކިތުގައި 40 ފޫޓު ދިގު ބެރި ތިން ބުރީގައި ބޭނުން ކޮށްފައި ވެއެވެ. މި ބެރީގެ ޖުމްލަ ފުންމިނުގައި ހުންނަނީ 700 މމ އެވެ. މމ އަކީ މިލިމީޓަރެވެ. ޝީޓްގެ ބޯމިނަކީ 200 މމ އެވެ. ބެރީގެ ފުޅާމިނަކީ 250 މމ އެވެ. ތިން ކޮންކްރީޓް ސްލެބް ބާއްވައިފައިވަނީ 3000 މމ ދުރުމިނުގައި ޖަހާފައިވާ 300މމ × 500 މމ ގެ ތަނބުގައެވެ. ކަނާތް ފަރާތުގައި އެ ވަނީ މިސްކިތުގެ ބެރިތަކުގެ ފޮޓޯއެކެވެ. މިއީ ކޮންކްރީޓްގެ ގޮތުން އެފިޝަންޓް ނުވަތަ ބޭކާރު ކޮންކްރީޓް މަދު ބިނާއެކެވެ. ނަމަވެސް އަދިވެސް އެފިޝަންޓް ކުރުމަށް ޖާގަ ވެއެވެ.

އަޅުގަނޑަށް ހީވާގޮތުން، ރާއްޖޭގައި އެންމެ ދިގު ކޮންކްރީޓް ބެރި ހިމެނޭނީ ޤައުމީ ޔުނިވަރސިޓީގެ ފައުންޑޭޝަން އޮޑިޓޯރިއަމް ހުންނަ ބައިގައެވެ. މިތަނުގެ ބެރިތަކުގެ ދިގުމިނުގައި 50 ފޫޓު ހުރެއެވެ. ބެރިތަކުގެ ފުންމިނުގައި ތިންފޫޓު ބައި ހުރެއެވެ.  މި ބެރި ހަދާފައިވަނީ އާދައިގެ ބެރިތަކާއި ތަފާތު ގޮތަކަށެވެ.

ކޮންކްރީޓް ބެރިއެއް ދިގުވި ވަރަކަށް އެއިގެ ބަރުދަން (ސެލްފް-ވެއިޓް) ބޮޑުވެއެވެ. ވަކިވަރަކަށް ދިގުވުމުން، ބެރީގެ ބަރުދަން، އުފުލަންޖެހޭ ސާރވިސް ލޯޑުގެ ބަރުދަނުގެ ނިސްބަތުން ބޮޑުވެއެވެ. އެހެންކަމުން، އާދައިގެ ބެރި އެފިޝަންޓްވަނީ ނުވަތަ ބޭނުންނެތް ކޮންކްރީޓް ނުލާ ފަރުމާ ކުރެވެނީ ގާތްގަޑަކަން 30 ވަރަކަށް ފޫޓަށެވެ. މިއަށް ވުރެ ދިގުވުމުން، ބެރި އައުގޮތްގޮތަށް ފަރުމާ ކުރަން ޖެހެއެވެ. ފަރުމާކުރާ ގޮތް، ދަގަނޑުން ތަކެތި ފަރުމާ ކުރުމާ ދާދި އެއްގޮތެވެ. ކިޔުންތެރިންނަށް ފާހަގަ ކުރެއްވޭނީ، ދަނގަޑު ފައްޗަށް ވުރެ، L އަކުރެއްހެން ހުންނަ އޭންގަލް ދަގަނޑު ގުދުވުން ކުޑަކަމެވެ. އަދި އޭންގަލް ދަގަނޑަށް ވުރެ  T ގޮތަށް ހުންނަ ދަގަނޑު ގަދަކަމެވެ. އަދި T ގޮތަށް ހުންނަ ދަގަނޑަށް ވުރެ H ދަގަނޑު ގަދަކަމެވެ. އަދި H ދަގަނޑަށް ވުރެ ކެރޭން ތަކުގެ ދަނޑި ފަދައިން ހަތަރެސްކަނަށް ހުންނަ ދަގަނޑު ގަދަކަމެވެ. ކޮންކްރީޓްވެސް މިފަދައެވެ. ޙަޤީޤަތުގައި، ކުރިން ދެންނެވިހެން، ކޮންކްރީޓް ޝީޓެއްގެ ދަށުގައި އޮންނަ ބެރިއަކީ T ބެރިއެކެވެ. އެހެންކަމުން، ބެރިއެއް ދެން ފަސޭހައިން ގަދަކުރެވޭނީ H ގޮތަށް ހަދައިގެންނެވެ. އެއީ ތިރިއާއި މަތި ފުޅާކޮށްގެންނެވެ. ދެ އަރިމަތި އެތެރެއަށް އަޑިކޮށްގެންނެވެ. މިގޮތަށް ހެދުމުން، އަރިމަތީގެ ކޮންކްރީޓް ތުނިކަމުން، ބެރީގެ ބަރުދަން ކުޑަވެއެވެ. ނަމަވެސް ގަދަކަމަށް މާ ބޮޑު ބަދަލެއް ނާދެއެވެ. ކަނާތް ފަރާތުގައިވާ ފޮޓޯގައި އެވަނީ H ބައްޓަމަށް ހަދާފައިވާ ބެރިއެވެ. މި ބެރިތައް ހަދާފައިވަނީ މަތީގައި ކޮންކްރީޓް ޝީޓެއް ނުވަތަ ސްލެބެއް އެޅުމަށެވެ. ޝީޓުވާނީ އެޗްގެ މަތީ ބަޔަށެވެ. މަތީ ބައި ތަންކޮޅެއް ހަނީ  އެހެންވެގެންނެވެ. އަޅުގަނޑު ކުރިން އިޝާރާތް ކުރި ޤައުމީ ޔުނިވަރސިޓީގެ ފައުންޑޭޝަން އޮޑިޓޯރިއަމްގެ މަތީ ޝީޓުތައް ހިފަހައްޓާފައިވަނީ H ބައްޓަމަށް ހުންނަ ކޮންކްރީޓް ބެރިންނެވެ.

މިހާތަނަށް ކިޔުއްވި ބޭފުޅުންނަށް ވިސްނިވަޑައިގަންނަވާނޭ ފަދައިން، ކޮންކްރީޓް ބެރި އެންމެ ދިގު ކުރެވޭނީ ހުރަސް އަރި ހަތަރެސް ކަނަށް އެތެރެ ހޮއެކޮށް ހެދުމުންނެވެ. މިހެން ކޮންކްރީޓް ކުދި ބެރި އަޅަނީ ތިރީއަރި ކޮންކްރީޓް ކުރުމަށްފަހު، ހަތަރެސްކަން ފުޅިމަދު އޭގެ މަތީގައި ބާއްވައި ދެފަރާތާއި މައްޗަށް ކޮންކްރީޓް އަޅައިގެންނެވެ. މިގޮތަށް ބެރިހެދުމުން ވަތްތިލަ:ފުންމިން ރޭޝިއޯ ވަރަށް ބޮޑު ކުރެވެއެވެ. ފަންސާސް ފޫޓު ދިގުމިން ހުންނަ ބެރިއެއްގެ ފުންމިނުގައި ހުންނާނީ ދެ ފޫޓެވެ. ރޭޝިއޯ އަކީ 25 އެވެ. ދުނިޔޭގެ އެންމެ ދިގު ކޮންކްރީޓް ބެރި އުފެއްދީ 2014 ވަނަ އަހަރު އެވެ. އެއީ ހަތަރުއަރިލީ ހޮޅިއެއް ފަދަ ބެރިއެކެވެ. ދިގުމިނަކީ 223 ފޫޓެވެ. ކުރީ ޖުމުލައަށް ފިތާލުމުން ދެވޭ ވެބްޕޭޖްގައި އެ ބެރީގެ މަޢުލޫމާތު ވެއެވެ.

ކޮންކްރީޓު ކުރުމުގެ ކުރިންނާއި ފަހުން ކޮންކްރީޓަށް ވާންކުރުން (ޕްރި-ޓެންޝަނިން އާއި ޕޯސްޓް-ޓެންޝަނިން)

ކޮންކްރީޓު ގަދަކުރަން ކުރެވޭ ވަރަށް މުހިއްމު އެހެންކަމެއް ވެއެވެ. އެއީ ކޮންކްރީޓު ފިއްތުމެވެ. މިކަން ކުރަނީ އޭގެ ތެރެއަށް ލާ ދަގަނޑު ވާން ކޮށްގެންނެވެ. ދެގޮތަކަށް މިކަން ކުރެއެވެ. އެއީ ދަގަނޑުތައް ބާރަށް ދަމައި ހިފެހެއްޓުމަށްފަހު، ކޮންކްރީޓް އަޅައި ހިކުމުން ދަގަނޑުތައް ދޫކޮށްލުމެވެ. ދަނގަޑުތައް ދޫކުރުމުން އިސްފިރޭނެއްހެން ދަގަނޑުތައް ކުރުވެގެން ދެއެވެ. ކުރުވާއިރު، ކޮންކްރީޓް ގަނޑާއި އެކު ކުރުވުމުން ކޮންކްރީޓް ފިތެއެވެ. ކޮންކްރީޓް ފިތުމުން އެ ވަރަށް ވަރުގަދަ ވެއެވެ. ކުރިއަށް ވުރެ އުފުލޭ ބަރު ބޮޑުވެއެވެ. މިގޮތަށް މިކަން ކުރާއިރު، ބޭނުންކުރަނީ ތަންކޮޅެއް ހިމަ ދަގަނޑެވެ. އެހެންކަމުން، މި ދަގަނޑަށް ކިޔަނީ ނަރެވެ. އިނގިރޭސި ބަހުން ނަމަ ”ސްޓްރިން“  (ރޮނދި ނުވަތަ ވައު) އެވެ. ބައެއް މީހުން މިނަރުތަކަށް ޓެންޑަން ކިޔައެވެ. ޓެންޑަން އަކީ ގައިގެ މަސްތައް ކަށިގަނޑާ ގުޅިފައި ހުންނަ ވައުތަކަށް ކިޔާ ނަމެކެވެ. ޓެންޑަންތައް ހިމައީ ވަރުގަދަ ކަމުންނެވެ. ފަލަމިނުގައި (ހުރަސް އޭރިއާ ގައި) އެއް އަކަ މިލިމީޓަރު ހުންނަ އާދައިގެ ދަނގަޑެއް ބުރިވާނީ 45 ކިލޯ ބަރު އުފުލުމުންނެވެ. ނަމަވެސް މި ސައިޒުގެ ޓެންޑަން ނަރެއް ބުރިވާނީ 186 ކިލޯ ބަރު އުފުލަން ހިފީމައެވެ. އާދެ! ހަތަރު ގުނަ ގަދައެވެ.

ކޮންކްރީޓް އެޅުމުގެ ކުރިން ޓެންޑަން ތަކަށް ވާން ކުރާނަމަ، މިކަން ކުރާގޮތަކީ، ބިންމަތީގައި ބޮޑު ދަގަނޑު ބެރިއެއް ކޮންކްރީޓް ބެރީގެ ތައްގަނޑުގެ ހުރަހަށް އަބުޖަހައި ހައްޔަރުކުރުމަށް ފަހު، އަނެއްކޮޅުގައި ދަގަނޑު އެހެން ބެރިއެއް ބާއްވައި، ދެ ބެރި ދެމެދުގައި ޓެންޑަން ދެމުމަށް ފަހު، ހައިޑްރޯލިކް ޖެކަކުން ދެބެރި ދުރުކޮށްގެން ޓެންޑަންތައް ވާންކޮށްގެންނެވެ. މިއަށްފަހު، ކޮންކްރީޓް އަޅައި ހިކުމުން، ނަރުތައް ދޫކޮށްލަނީ އެވެ. ދެން ވާންވެފައިވާ ނަރުތައް ކޮންކްރީޓްގައި ތަތްލާފައި ހުންނާތީ، ކޮންކްރީޓް ކުރުގެޅިގެން އެފިތި، ކުރިން ބަޔާން ކުރެވުނު ބާރު އެއަށް ލިބެނީއެވެ.މިގޮތަށް ބެރިއާއި ކޮންކްރީޓް ޝީޓު އަޅައެވެ. އަޅަނީ ވަރަށް ދިގުކޮށެވެ. ބޭނުންވާ ވަރަށް ކުރުކޮށް ކީހަނީ އެވެ. މިގޮތަށް މިކަން ކުރުމަށް ޕްރިސްޓްރެސް ނުވަތަ ޕްރި-ޓެންޝަނިން ކުރުމޭ ކިޔައެވެ. މާނައަކީ ކޮންކްރީޓް އެޅުމުގެ ކުރިން ނަރުތައް ވާންވެފައި ވުމެވެ. 223 ފޫޓު ހުންނަ ދުނިޔޭގެ ރެކޯޑު ދިގު ކޮންކްރީޓް ބެރިއެޅީ މިގޮތަށެވެ.

ބޭރު ޤައުމުތަކުގައި ޢިމާރާތް ކުރާއިރު، ބައެއް ފަހަރު ކޮންކްރީޓް ސްލެބަށް ބޭނުން ކުރަނީ ޓެންޑަން ލައިގެން ހަދާފައި ހުންނަ ސްލެބެވެ. މި ސްލެބްގައި ހުންނަނީ ތިން އިންޗި ބޯމިނެވެ. މަތީގައި ބުޅިތަކެއް ލާފައި ހުރެއެވެ. ދެން މި ސްލެބް، ބެރިތަކުގެ މަތީގައި ބާއްވައި ތިރިން ދެތިން މުޑިއެއް ވިއްދުމަށް ފަހު، ދަގަނޑު ދައުގަނޑެއް ލައި، މައްޗަށް ދެތިން އިންޗީގެ ކޮންކްރީޓް އަޅައެވެ. މިހެން ހެދުމުން ތައްގަނޑު ހަދާކަން ނުޖެހެއެވެ. ވަރަށް މަސައްކަތް ހަލުވިވެފައި އަގު ހެވެވެ. ޓެންޑަން ލީ ފުޅާމިނުގައި ހައެއްކަ ފޫޓު ހުންނަ ސްލެބް ގެންނަނީ ލޮރީގައި އެ އުފައްދާ ކާރުޚާނާއިންނެވެ. މި ސްލެބް ކެރޭނަކުން ނަގާއިރު އޮންނަނީ ކޮންމެވެސް ވަރަކަށް ބަޅުވެފައެވެ. އަޅުގަނޑު މިތަން ފުރަތަމަ ފެނުމުން ހައިރާން ވެގެން އުޅުނީމެވެ. ތިރީގައިވާ ފޮޓޯއިން ކިޔުންތެރިންނަށް ހަދާނުހަދާ އެނގިވަޑައިގަންނަވާނެ އެވެ.

ކޮންކްރީޓް އެޅުމަށްފަހު، ހިކުމުން ޓެންޑަންތަކަށް ވާން ކުރުމަށް ކިޔަނީ ޕޯސްޓް ޓެންޝަން ކުރުމެވެ. ނުވަތަ ޕޯސްޓް ސްޓްރެސް ކުރުމެވެ. މި ދެ ޢިބާރާތުގެ މާނައަކީ ވެސް، ކޮންކްރީޓް ހިކުމުން ވާން ކުރުމެވެ. ބޮޑެތި ޢިމާރާތް ކުރާއިރު، ކުރިން ޓެންޑަންތަކަށް ވާންކުރުމަށް ވުރެ ފަހުން ވާން ކުރަން ފަސޭހަ އެވެ. ކޮންކްރީޓް ފިއްތުމުން ބެރިން ހިފޭ ބާރު ގަދަވެފައި، ގުދުވުން ކުޑަވެފައި، ބެރި ތިލަ ކުރެވެއެވެ.

post tensioning beams

ޓެންޑަން ލައިގެން ގިނައިން ހަދަނީ ބެރިއާއި ކޮންކްރީޓް ޝީޓެވެ. ޓެންޑަން ކޮންކްރީޓަށް ލާނަމަ، ކޮންކްރީޓް އަޅާއިރު ޓެންޑަން އަމުނާނެ ހޮޅި ކުރިން ލާފައި ހުންނަން ޖެހޭނެއެވެ. ހޮޅިއަށް ޓެންޑަންތައް އަމުނަން ފަސޭހައަކަށް ކޮންކްރީޓް އެޅުމުގެ ކުރިން ޓެންޑަން ހޮޅިއަށް ލާފައި ބަހައްޓައެވެ. ދެން ހިކުމުން، ނަރުތަކުގެ ކޮޅުގައި، ހައިޑްރޯލިކް ޖެކެއް ޖަހައި، ވާންކޮށް، ދަގަނޑު އަބަކުން ނަރުތައް ފިއްތާލަނީ އެވެ. އެއަށް ފަހު، ހޮޅީތެރެއަށް ގްރައުޓް ނުވަތަ ދިޔާ ސިމެންތި އަޅައި ކޮޅު ބައްދާލަނީ އެވެ. ތިރީގައިވާ ވީޑިއޯ އިން މިކަންކުރާ ގޮތް އެނގެއެވެ.

ދެން މި ބަޔާން ކުރަނީ މާލޭ-ހުޅުލޭ ފާލަމުގައި އަޅާ ބެރިއަށް ޓެންޑަން ލައްވައި ވާންކުރުމުގެ ވާހަކައެވެ. ފަހެ، މާލޭ-ހުޅުލޭ ފާލަމުގެ މާލެއާވީ ކޮޅުގެ ތިލަ ހިސާބުތަކުގައި މުޑިޖަހާފައިވަނީ ގާތްގަޑަކަށް 30  މީޓަރު ދުރުގައެވެ. ބެރި ބޭއްވުމަށް ކޮންމެ މަކުޑިއެއްގެ ދެ ފަރާތުގައި ކެނޑުމެއް ވާތީ އާއި މަކުޑި ފުޅާކަމުން ބެރިތައް 30 މީޓަރަށް ވުރެ ކުރެވެ. ސެޓެލައިޓް ފޮޓޯއިން ދިގުމިން ބެލިއިރު ބެރީގެ ދިގުމިނަކަށް ހުރީ ގާތްގަޑަކަށް 26.5 މީޓަރެވެ. އެއީ ގާތްގަޑަކަށް 87 ފޫޓެވެ. މި މިންވަރުގެ ދިގު ބެރިއެއް ހެދޭނީ H ބެރިއެއް ނުވަތަ ހުރަހަށް ކަނޑާލުމުން ހަތަރެސްކަން ހުންނަ ބައްޓަމަށެވެ. ދަގަނޑުން ނުހަދަނީ ފަސޭހައިން ދަބަރުޖަހާނެތީ އެވެ. އެޗް ބެރިއެއް ހެދިޔަސް ކޮންކްރީޓް ކުރުމުގެ ކުރިން ނުވަތަ ފަހުން ޓެންޑަންލައި އެ ވާން ކުރަންޖެހޭނެ އެވެ. ނޫނީ ހަދަންޖެހޭ ބެރީގެ ބަރު ބޮޑުކަމުން، ޚަރަދުބޮޑުވާނެ އެވެ. ކޮންމެއަކަސް ކޮންޓްރެކްޓަރުން ހަދަނީ އެޗް ބެރިއެވެ. ތިން ހޮޅިއަކަށް ޓެންޑަން ލައެވެ. ތިރީގައި އެވަނީ ހަދަމުން ދިޔައިރު ނަގާފައިވާ ފޮޓޯއެވެ.

ކަނާތް ފަރާތުގައިވާ ފޮޓޯގައި އެވަނީ ޗައިނާއިން ގެނެސްފައިވާ ބެރިތަކުގެ ތައްގަނޑުތަކެވެ. މިތައްގަނޑުތައް ހަދާފައިވަނީ ދަގަނޑުންނެވެ. ބެރިތައް ހަދަނީ ކޮންކްރީޓް ތިރި އަށްޓެއްގައެވެ.

ބެރިތަކުގެ ދަގަނޑުތައް އައްސާ މަންޒަރު މި ފޮޓޯއިން ފެނެއެވެ. ދަގަނޑުތައް ފެހިކުލައިގައި އެހެރީ، ދަބަރުޖެހުން ކުޑަކުރަން ފައިބަރު ރެސިން ލާފައިވާތީއެވެ. މި ފޮޓޯއިން، މީހުންގެ އިސްކޮޅާ އަޅާކިޔުމުން ބެރީގެ އުސްމިން ފާހަގަ ކުރެއްވޭނެއެވެ. ކޮޅުގައި ޓެންޑަންތައް ލުމަށް ތިން ހޮޅި ލާފައި ވެއެވެ.

މިފޮޓޯއިން ޓެންޑަންތައް ލާ ހޮޅި ފަލަ ކޮންޑުއިޓް ހޮޅިގޮތުގައި ފާހަގަ ކުރެވެއެވެ. ވާތްފަރާތުގައިވަނީ ނިންމާފައިވާ ބެރިއެކެވެ. މި ބެރީގެ ހަތަރު ދިމާއަކުން ސެކަންޑަރީ ހުރަސްބެރިތަކެއް އެޅުމަށް ދަގަނޑު ނެރެފައި ވެއެވެ. ބެރީގެ މަތީގައި ރިޔާ ކަނޑާ ފޮތި އަޅައި ފޯކޮށްފައި ވެއެވެ. އެއީ ކޮންކްރީޓް ވަރުގަދަކުރުމަށް ކުރާ ކަމެކެވެ. މަތީ ދެ ހޮޅިއަަށް ޓެންޑަންތައް ލާފައިވާ ކަން ފާހަގަ ކުރެވެއެވެ.

މިއީ މާލޭގައި ނަގާފައިވާ ފޮޓޯއެއް ނޫނެވެ. ވާތްފަރާތުގައި އެވަނީ ނަރު ދަމުމުން ބެރީގެ ކޮޅަށް ކުރާ ވާންކަން މުޅި ބެރިއަށް ފަތުރަން އިސްފިރޭނެއްގެ ގޮތަށް ލާފައިވާ ކޮންކްރީޓް ކުރާ ދަގަނޑެވެ. ދެން ވާން ކުރުމަށް ފަހު، އެތެރެއަށް ވަޔާއި ފެން ވަނުނަ ނުދިނުމަށް އޮލަ ސިމެންތި ނުވަތަ ގްރައުޓް އަޅާ ހޮޅިއެވެ. މިތަނުން އޮލަ ސިމެންތި އެތެރެއަށް ޕަންޕު ކުރުމުން ކޮޅު މުޅިން ބެދެއެވެ. ކަނާތް ފަރާތުގައި އެވަނީ ނަރުތައް ބާރުކުރަން ޖަހާ އަބެވެ. އެއީ އެއްކޮޅު ފަލަކޮށް ހަދާފައިވާ ވަށް އަބެކެވެ. ދެފަޅި ކޮށްލާފައި ވެއެވެ. މިއަބު ނަރު ވަށައިގެން ލުމުން، ދެމުނު ވަރަކަށް ކޮޅުގައިވާ ދަގަނޑު ފިލާގަނޑަށް ވަދެ ތާށިވާނެއެވެ. ފިލާގަނޑުގައި ލޯވަޅު ތޮރުފާފައި ހުންނާނީ ވެސް ބޭރުކޮޅު ފަލަކޮށެވެ.

މި ފޮޓޯއިން ޓެންޑަންތައް ޖެކުން ދަމާ ޖިފުޓި ފެނެއެވެ. ޖެކުން ދަމާއިރު، ނަރެއް ކަނޑައިގެން ގޮސްފިނަމަ، ވަރަށް ބޮޑު އަސަރެއް ކުރާެނެއެވެ. އެހެންކަމުން، ޖެކުން ޓެންޑަންތައް ބާރުކުރަނީ ދަގަނޑު ޖިފުޓިއެއް ހަދައިގެންެނެވެ. އޭގައި އިންޒާރެއްލިޔެފައި ވެއެވެ.

މި ފޮޓޯގައި ވަނީ ކެރޭނަކުން ނިމިފައިވާ ބެރިއެއް އުފުލާލާފައެވެ. ފާހަގަ ކުރެއްވޭނޭ ފަދައިން ކޮންކްރީޓުން ކޮޅު ބައްދާލާފައި ވެއެވެ.  މި ބެރިތައް އަތުރަނީ މަކުޑިތަކުގެ މަތީގައެވެ. ދެމުޑި ދޭތެރޭ ދިހަ ބެރި ބާއްވައެވެ. ދެން ފަހުން އަރިމަތީ ސެކަންޑަރީ ބެރިތައް އަޅައި ބެރިތައް ގުޅުވާލައެވެ.

Post tensioned concrete beam for bridge

މިހިސާބަށް މި ލިޔުއްވުން ކިޔުއްވި ބޭފުޅުންނަށް މަރުޙަބާއެވެ. ތިޔަ ވިދާޅުވެވުނީ ގާތްގަޑަކަށް ތިން ހާސް ލަފުޒެވެ.  އޭފޯ ސައިޒުގެ ނަމަ ވިއްސަކަށް ޞަފުޙާއެވެ. ފާލަމުގައި އަޅާ ބެރިތަކާ ބެހޭ ވަރަށް މުހިއްމު މަޢުލޫމާތުތަކެއް ލިބިވަޑައިގެންނެވި ކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ. މަޒުމޫނު ނިންމާލުމުގެ ކުރިން ޓެންޑަން ވާންކޮށްގެން ކުރާ އެއްކަމެއްގެ ވާހަކަ އަދި ދަންނަވާލާނަމެވެ. އެއީ ކޮންކްރީޓް ޝީޓު ނުވަތަ ސްލެބް އެޅުމެވެ. ޓެންޑަންލައިގެން ޝީޓު އަޅާއިރު ބައެެއް ފަހަރު ބެރިއެއް ނުލައެވެ. އެއީ ޝީޓު ވަރުގަދަ ކަމުންނެވެ. މި ޖުމުލައަށް ފިއްތަވާލެއްވުމުން ފެންނަ ވީޑިއޯ އިން ހަދާގޮތް އޮޅުން ފިލާވަޑައިގަންނަވާނެއެވެ.

ތިރީގައިވާ ޢިމާރާތާ ދޭތެރޭ ފަރުވާތެރިކަމާއި އެކު ވިސްނަވާށެވެ. މި ޢިމާރާތުގެ އެންމެ ތިރީ ޝީޓު ވަނީ ޓެންޑަން އިން ވާންކުރާ ގޮތަށް ހަދާފައެވެ. މި ފޮޓޯ ފެނިފައި އަޅުގަނޑު އެންމެ ހައިރާންވަނީ ކޮންކްރީޓްގެ ގަދަކަމުންނެވެ. ފަރާތެއްގައި ތިރީހަކަށް ފޫޓު ހުރި ތިންބުރީގެ މި ޢިމާރާތުގެ ތިރީގައިވަނީ އެންމެ ތަނބެކެވެ. އެ ތަނބުގެ ހުރަސް މިނުގައި ހުންނާނީ ތިން ފޫޓު ވަރެވެ. މި ޢިމާރާތުގެ ބިންގާ ހަދާފައިވާ ގޮތް ޚިޔާލުކޮށްލައްވާށެވެ!

Building on a single column