ސަގާފީ ތަރިކަ
ބިހުރޯޒު މިސްކިތް

ސަގާފީ ތަރިކަ
ޘަޤާފީ (ސަގާފީ) ތަރިކައަކީ، ކާބަފައިންގެ ފަރާތުން މިހާރު ދިރިއުޅޭ ބަޔަކަށް ވާރުތަވެ، އެބަޔަކު އެ ބަލަހައްޓައި، މުސްތަޤްބަލްގައި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭ ތަކެއްޗެވެ. ސަގާފީ ތަރިކަ ދެބަޔަކަށް ބެހެއެވެ. އެއީ އަތްލެވޭ (ހަރު) ތަކެއްޗާއި އަތްނުލެވޭ ތަކެއްޗެވެ. އަތްލެވޭ ތަކެތީގެ ތެރޭގައި، ގިނަ ދުވަސްވީ ޢިމާރާތްތަކާއި ހަނދާނީ ބިނާތަކާއި އަތުން ލިޔެފައިވާ ފޮތްތަކާއި މިފަދަ އެހެން ހަރު ތަކެތި ހިމެނެއެވެ. އަތްނުލެވޭ ސަގާފީ ތަރިކައިގެ ތެރޭގައި ހިމެނެނީ ބަހާއި އާދަކާދަތަކާއި ޢިލްމާއި ކުޅިވަރުތަކާއި ފޯކްލޯ ނުވަތަ އަގަބަހުން އެއް ޖީލުން އަނެއް ޖީލަށް ވާރުތަކުރަމުންދާ ވާހަކަތަކާއި ބުނުންތަކާއި މިފަދަ ކާދަތަކެވެ.
ތަރިކަ ރައްކާތެރިކުރުމުގެ މުހިއްމުކަން
ސަގާފީ ތަރިކަ ރައްކާތެރިކުރުމަކީ ކޮންމެ މުޖުތަމަޢުއަކަށް މުހިއްމު ކަމެކެވެ. އެއީ އެ މުޖުތަމަޢު، ދުނިޔޭގެ ތާރީޚްގައި ހިމެނޭ މަޤާމު ހާމަކޮށްދޭ ކަމެކެވެ. ޤައުމެއްގެ ފިކުރުތަކާއި ޚިޔާލުތައް އިޙްތިފާލު ކުރެވޭ ކަމެކެވެ. މާޒީގެ މުހިއްމުކަމާއި ހިގާގޮސްފައިވާ ހާދިސާތަކެއްގެ ހަނދާންތައް ހިތަށް ގެނެސްދޭ ކަމެކެވެ. އަންނަން އޮތް ޖީލުތަކަށް އެކި ކަންކަން، އެކި ވެށީގައި އެކި ޒަމާންތަކުގައި ކޮށްފައިވާ ގޮތް ކިޔައިދޭ މަދަރުސާއަކަށް އާސާރީ ތަންތަން ވެއެވެ. މި ސަބަބާ ހުރެ، އދގެ އިދާރާއަކުން ސަގާފީ ތަންތަން 153 ޤައުމެއްގައި ފާހަގަކޮށް ރައްކާތެރިކޮށްފައި ވެއެވެ. އަވަށްޓެރި ސްރީ ލަންކާގައި ވެސް މިފަދަ އަށް ތަނެއް ވެއެވެ. މި ތަންތަން ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރަނީ، އެތަންތަން ހުރި ޤައުމެއްގެ ބަޔަކަށް މުހިއްމުވުމުގެ އިތުރުން، އިންސާނީ ދަރިފަސްކޮޅަށް ވެސް އެ ތަންތަން މުހިއްމު ކަމަށް ފެންނާތީ އެވެ.
ރާއްޖޭގެ ސަގާފީ ތަރިކަ
ރާއްޖޭގެ ސަގާފީ ތަރިކައިގެ ތެރޭގައި ދުވަސްވީ މިސްކިތްތައް ހިމެނެއެވެ. ޙަޤީޤަތުގައި، މާޒީގެ އެކި ވެރިން އާސާރީތަންތަން ތަޅައި ސުންނާފަތިކޮށް، މިހާރު ބޯދާ މަދު މިސްކިތެއް ނޫނީ ނުވެއެވެ. މިކަންތައްތައް މިގޮތަށް ހިނގައިތާ 60 ވަރަކަށް އަހަރު ވެއްޖެ އެވެ. މިހެން ކަންވެފައިވަނިކޮށް، އެންމެ ފަހުން މި އިވުނީ މާލޭގެ ބިހުރޯޒު ކަމަނާ މިސްކިތް ތަޅާލަން އުޅޭ ވާހަކައެވެ. ދެން، މިކަމާ ވީ ދެރައިން، އެ މިސްކިތުގެ މުހިއްމު ކަމުގެ މައްޗަށް މަޒުމޫނެއް ލިޔުމަކީ، ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ މައްޗަށް ފަރުދީ ވާޖިބުކަމަކަށް ދެކެ، ކޮމްޕިއުޓަރުގެ ކީބޯޑުގެ މަތީގައި އަތް ބާއްވާލީ އެވެ.
އަޅުގަނޑު އެ މިސްކިތަށް އެރީ އެންމެ ފަހުން މީގެ ދެތިން ހަފުތާގެ ކުރިން މަޣްރިބު ނަމާދަށެވެ. އެއިރު، އެ މިސްކިތުގައި، ޖާދުއްﷲ ޖަމީލާއި ކެނެރީ ޢަބްދުއްސައްތާރާއި އެ ޢުމުރުފުރާގެ އެ ހިސާބުގަނޑުގެ ދުވަސްވީ ބަޔަކު ޖަމާޢަތުގައި ވިއެވެ. ހައެއްކަ މީހުން ޖަމާޢަތުގައި ނަމާދު ކުރަމުން ދިޔައީ ގޮނޑިގޮނޑީގައި ތިބެގެންނެވެ. އަޅުގަނޑަށް ވިސްނުނީ މި މިސްކިތަކީ އެއްބަޔަކު އަނެއް ބަޔަކު ދަންނަ، ބަދަހި ކޮމިޔުނިޓީއެއް އޮންނަ މިސްކިތެއް ކަމެވެ. މިސްކިތުގެ ނަމާދު ކުރާގޮތް ވެސް އަޅުގަނޑަށް ރަނގަޅު ވިއެވެ. ބޮޑެތި މަދު އަދި ފަޅު މިސްކިތްތަކަށް ވުރެ، އަޅުގަނޑަށް ރަނގަޅީ ކުދި، ގިނަ އަދި ފަޅުފިލާ މިސްކިތްތަކެވެ. ގެއާ ދުރުނޫން ހިސާބެއްގައިވާ މިސްކިތްތަކެވެ. ޖަމާޢަތުގައި ނަމާދުކުރާ މީހުންނަށް، އެކަކު އަނެކަކު ފަރިތަ، ޖަމާޢަތެއްގެ ރޫޙް ހުންނަ، އެ މިސްކިތަކަށް ނިސްބަތްވާކަމުގެ އިޙްސާސް ލިބޭ މިސްކިތްތަކެވެ. މިސްކިތުގެ ފަރުމާއަށް ވިސްނައި، ހަނދާނީ ފޮޓޯތަކެއް ނަގާނޭ ކަމަށް ހީކޮށް ހުއްޓައި ފަހުން އެ މަގުން ދިޔައިރު ފެނުނީ ބައު ޓިނު ޖަހައި މިސްކިތު އިންފާރުން އެތެރެ ނުފެންނަ ގޮތް ހަދައިފައިވާ ތަނެވެ. އެއިރު ކިޔަނީ މިސްކިތް ބަންދުކުރީ ހަރިންމަ ތެރެއިން ޤަބުރު ފެނިގެން އެ ނަގަން ކަމަށެވެ. ދެން އަޑުއިވުނީ މިސްކިތް ތަޅާލަން އުޅޭ ވާހަކައެވެ.

މާލޭގައި ހުރި ހިރިގަލުގެ މިސްކިތްތަކުގެ ތެރެއިން އެންމެ ފަހުން ނައްތާލެވުނު މިސްކިތަކީ ކަޅުވަކަރު މިސްކިތެވެ. މިއީ މިސްކިތު އާކިޓެކްޗަރ ގެ ފުރަތަމަ ބާވަތުގެ ހިތްގައިމު މިސާލެކެވެ. އޭގެ ކުރިން ހިރިގަލުން ހުރިމިސްކިތެއް ހުރީ ޢަލިކިލެގެފާނު މަގުގައި އާކަކާގެއާ ޖެހިގެންނެވެ. އެއީ ގަލޮޅު ބައު މިސްކިތެވެ. މިއީ، މީގެ 260 ވަރަކަށް އަހަރު ކުރީގެ، ކޮރު ބަންޑާރައިންގެ ދުވަސްވަރުގެ މިސްކިތެކެވެ. ވަރަށް ބޮޑު ގަބުރުސްތާނެއް މި މިސްކިތާއެކު ވިއެވެ.
ކަޅުވަކަރު މިސްކިތަކީ 1789 ވަނަ އަހަރާ ހިސާބުގެ މިސްކިތެކެވެ. ނާޞިރު ދުވަސްވަރުގައި މި މިސްކިތް އުވާލައި ނީލަން ކިޔުމުން 9715.26 ރުފިޔާއަށް މިސްކިތް ގަތީ ފުރަނަ ޓުއަރިސްޓް ރިސޯޓް ހިންގި މިސްޓަރ ރީޑް އެވެ. ”15 ޖަނަވަރީ 1979 ގައި، ސަރުކާރުން ބަދަލުދެއްވައި، މިސްކިތް ނީލަން ކިޔުމަކީ ހަމަޖެހޭ ކަމަކަށް ނުވާތީ އާއި ކަޅުވަކަރު މިސްކިތަކީ އާޘާރީ ތަނެއްކަމުގައި ވާތީ، އެ މިސްކިތް ސަރުކާރުން ބޭނުން ފުޅުކުރެއްވިއެވެ.“ ނަމަވެސް ގަތް ފަރާތުން އެ މިސްކިތް ހަދިޔާ ކުރެއްވުމުން، 22 ފެބްރުއަރީ 1979 ގައި، ފޮރިން މިނިސްޓަރ ފަތުޙުﷲ ޖަމީލު އެ މިސްކިތާ ޙަވާލުވެ ވަޑައިގެން ފެބްރުއަރީ 1980 ގައި މާލޭ ސަލްޓަން ޕާކްގައި އެ މިސްކިތް ރޭއްވެވިއެވެ. ދެން 2016 ވަނަ އަހަރު ޢަބްދުﷲ ޔާމީންގެ ދުވަސްވަރު އެ މިސްކިތް ސަލްޓަން ޕާރކުން ނައްތާލެވުނެވެ.
ކުރިއަރާފައިވާ ޤައުމުތަކުގެ ހުންނަ ސަލްޓަން ޕާކް ފަދަ ބަގީޗާ ތަކުގައި، ހިޔާކޮށްފައި ހުންނަ ބިތް ނެތް ތަންތަން ހުރެއެވެ. އާރކިޓެކްޗަރ ނުވަތަ ޢިމާރާތް ފަރުމާ ކުރުމުގެ ޢިލްމުގައި، މިފަދަ ތަންތަނަށް ކިޔަނީ ގެޒީބޯ (gazebo) އެވެ. ތިރީގައި އެވަނީ ސަލްޓަން ޕާރކް އެންމެ ފުރަތަމަ ހުޅުވުނު ދުވަސްވަރު، އެތަނުގައި ހުރި ގެޒީބޯ އެކެވެ. ކަޅުވަކަރު މިސްކިތަކީ، ޕާކެއް ފަރުމާކުރާއިރު، ޕާކާ ހާމަނައިޒް ވާގޮތަށް (ހިތްގައިމު ގޮތަކަށް ގުޅި އެކުމުތުވާ ގޮތަށް) ހިމެނޭ ފަރުމާއަކަށް ހުރި މިސްކިތެކެވެ. މި މިސްކިތް ހިމަނައިގެން ޕާކު ފަރުމާ ކުރެވޭނޭ އާކިޓެކްޓުން ރާއްޖޭގައި ތިބޭނެއެވެ. ކުޑަކުދިންނާއި ފަތުރުވެރިން ވަންނަ ތަނަކުން ރާއްޖޭގެ 228 އަހަރުވީ މިސްކިތެއް ފެނުމަކީ، މީހުންގެ ހިތްތަކުގައި ޤައުމިއްޔަތު އާލާވެ، ރާއްޖޭގެ އަމިއްލަ ޢިމާރާތް ކުރުމުގެ ފަންނު އިޙްތިފާލުކުރެވޭނޭ ކަމެކެވެ. ދިވެހި ފަންނުވެރިކަން ޝޯކޭސް ކުރެވޭނޭ ކަމެކެވެ.

ރާއްޖޭގެ މިސްކިތްތަކުގެ ފަރުމާ ގިންތިކުރުން
ބިހުރޯޒު ކަމަނާ މިސްކިތަކީ، އާކިޓެކްޗަރ ނުވަތަ ޢިމާރާތް ކުރުމުގެ ފަންނުގެ ލާމަސީލު ބިނާއެކެވެ. ފަހެ، ދިވެހި ރާއްޖޭގެ މިސްކިތްތައް އާކިޓެކްޗަރ ގެ ގޮތުން ތިން ބަޔަކަށް ބެހިދާނެއެވެ. އެއްބަޔަކީ، އަދި އެންމެ ގިނަ ދުވަސްވީ ބަޔަކީ، ހިރިގައު ކީހައިގެން ފާރުތައް ހުންނަ މިސްކިތްތަކެވެ. މިފަދަ މިސްކިތްތަކުގެ ތެރެއިން ގިނަ މިސްކިތްތައް، ވެރިންގެ އިހުމާލުން، ސުންނާފަތިކޮށްލާފައި ވެއެވެ. މާލޭގައި މިހާރު ހުރީ ހުކުރު މިސްކިތާއި ޢީދު މިސްކިތެވެ. މިތަނުން ޢީދު މިސްކިތަކީ މިފަދަ މިސްކިތްތަކުގެ ތެރެއިން ފަންނީގޮތުން އެންމެ މޮޅު މިސްކިތެވެ. ހިރިގައު މިސްކިތެއް، އޭދަފުށީގައި ހުއްޓައި، އެ މިސްކިތް ތަޅައި، އެތަނުގައި އާދައިގެ މިސްކިތެއް އަޅައި އިހު މިސްކިތުގެ ގައު ތަކުން އޮފީހުގެ ފާރު ރޭނި ވާހަކަ، ކުޑަރިކިލު އަބޫބަކުރު ކަރުނައާ އެކު އަޅުގަނޑަށް ކިޔައިދިނެވެ. އަދި ހައްދުންމަތީގައި ހިރިގަލުން ހުރި މިސްކިތެއް ތަޅާލިވާހަކަ އާއި އެ މިސްކިތުގެ ފަރުމާގެ ވާހަކަ އެ ރަށު އިސް މީހެއް ކަމުގައިވާ ކަތީބު ދާއޫދުބޭ ކިޔައިދީފައި ވެއެވެ. ބައެއް މީހުންނަށް ތަރައްޤީ ސިފަކުރެވެނީ އެކޮޅުކޮޅުންނެވެ.

ހިރިގަލު މިސްކިތްތަކުގައި ޒަމާންވީ ދިވެހި ކުރެހުންތައް (މޯޓިފުތައް) ހުރެއެވެ. ކަނާތް ފަރާތުގައި އެވަނީ މިސްކިތެއްގައިވާ ކުރެހުމެއް ބަލައިގެން ކޮރެލްޑްރޯގައި ކުރަހާފައެވެ. މިއީ ވަރަށް ކެތްތެރިކަން ބޭނުންވާ ކަމެކެވެ. މިކުރެހީ އަޅުގަނޑުގެ ރައްޓެއްސެއް ކަމުގައިވާ ޝަކީލެވެ. މިސްކިތްތަކުގައި ހިމެނޭ އާކިޓެކްޗަރ އާއި ޑިޒައިންގެ ހަމަތައް އެޕްރިޝިއޭޓް ކުރަން އެނގޭނީ (ޤަދަރުދޭން އެނގޭނީ) ފަރުމާވެރި ލޯތަކަށެވެ.
އާކިޓެކްޗަރގެ ގޮތުން، ދެވަނަ ބާވަތުގެ މިސްކިތަކީ އެތައް ސަތޭކަ އަހަރެއްގެ ތަޖުރިބާގެ މައްޗަށް ބަރޯސާކޮށް، ރާއްޖޭގެ ވަޔާއި ވެއްޓާ ގުޅޭގޮތަށް ތެޅިގަލުން ރާނާފައި ހުންނަ މިސްކިތެވެ. މިފަދަ މިސްކިތްތަކުގެ ސިފަތަކުގެ ތެރޭގައި ހިމެނެނީ، މިސްކިތުގެ ފުރާޅުގެ އަސްކަނި ވަށައިގެން ހުރުމާއި، މަތީ ފުރާޅު ތިރީފުރާޅަށް ވުރެ ދެ ފޫޓެއް ވަރު އުސްވުމާއި (stepped hipped roof) ، އަސްކަނި ބޮޑުވުމާއި ކުޑަދޮރުގައި ވަކި ޕެޓަން އަކަށް ވަކި ދުޅަޔަކަށް ތުތިޔާ ބައްޓަމަށް ހިމަ ފަތި ޖަހާފައި ހުރުމެވެ. ފަންކާ ނެތަސް، މިސްކިތްތަކުގައި ވައި ދައުރުވުން ރަނގަޅުވެފައި އެކަށީގެންވާ އަލިކަމެއް ހުންނާނެއެވެ. މިސްކިތުގެ މަތިވަޑާންގަނޑު ހަދާފައި ހުންނާނީ ވަރަށް ދިވެހި ގޮތަކަށެވެ. މަތީގައިވާ ކޮންމެ ވަކަރަކަށް ކިޔާ ޚާއްޞަ ނަމެއް ދިވެހި ބަހުގައި ހިމެނެއެވެ. މިސްކިތުގެ ތަޅުން ހުންނާނީ ދެ ފޫޓުވަރު އުސްމިނުގައެވެ. މިސްކިތުގެ ތަޅުން ހުންނަ ގޮތް މަޒުމޫނުގެ ފަހުކޮޅުގައި ހިމަނާފައިވާ ކުރެހުމަކުން އޮޅުން ފިލާނެއެވެ. ބަކަރިފުޅަލިގަނޑެއް މިސްކިތަށް ވަނުމަށް ހުންނާނެއެވެ. މި ފުޅަލިގަނޑުގެ ސިފައަކީ ވެސް ޒަމާންވީ ފަރުމާ އެކެވެ.
މި ދެންނެވުނު ދެބާވަތުގެ މިސްކިތަކީ، ދިވެހި ޢިމާރާތް ކުރުމުގެ ފަންނުގެ މިސާލެވެ. ތިންވަނަ ބާވަތުގެ މިސްކިތަކީ، 1970 ގެ އަހަރުތަކުން ފެށިގެން ރާއްޖޭގައި އަޅަމުން ދިޔަ މިސްކިތްތަކެވެ. މި ތިންވަނަ ބާވަތުގެ މިސްކިތަކާއި ރާއްޖެއިން ބޭރުގެ މިސްކިތަކާ މާ ބޮޑު ތަފާތެއް ނުހުންނާނެއެވެ. މިކަމުގެ އެއް ދަލީލަކީ، އިސްލާމީ މަރުކަޒުގެ މިސްކިތާ ހަމަ އެއްވެސް ތަފާތެއް ނެތް މިސްކިތެއް މެލޭޝިއާގައި ހުންނަ ކަމެވެ.
މި ބަޔާން ކުރެވުނު ތިންބާވަތުގެ މިސްކިތްތަކުގެ ތެރެއިން، މިހާރު މާލޭގައި ހުރި ހަމައެކަނި އެ ބާވަތުގެ މިސްކިތަކީ ބިހުރޯޒު މިސްކިތެވެ. މިބާވަތުގެ މިސްކިތަކަށް ފަހުން ހުރި ދެވަނަ މިސްކިތަކީ ފަނޑިޔާރު މިސްކިތެވެ. މި މިސްކިތް ވެސް މީގެ ދެތިން ހަތަރު އަހަރު ކުރިންވަނީ ތަޅާލާފައެވެ. އޭރު އެ މިސްކިތަށް 270 ވަރަކަށް އަހަރު ވެއްޖެއެވެ. ބިހުރޯޒު ކަމަނާ މިސްކިތަށް މިއަށްވުރެ ވެސް ގިނަ ދުވަސް ވެއްޖެއެވެ.

ބިހުރޯޒު މިސްކިތުގެ ތާރީޚީ އަހްމިއްޔަތު
ބިހުރޯޒު މިސްކިތާ ބެހޭ ގޮތުން، އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބެނީ، "މާލޭގެ މިސްކިތްތައް" މި ނަމުގައި ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގ އިން ޗާޕުކޮށްފައިވާ ފޮތަކުންނެވެ. ލަފާކުރެވޭ ގޮތުން މި ފޮތް ޗާޕުކޮށްފައިވަނީ 1979 ގައެވެ. ސަތޭކަ ޞަފުޙާއަށް ވުރެ ބޮޑު މިފޮތުގައި އެންމެ ދިގުކޮށް ލިޔެފައިވަނީ ބިހުރޯޒު ކަމަނާ މިސްކިތުގެ ވާހަކައެވެ. އަޅުގަނޑު ދެން ދަންނަވާލާނީ މިފޮތުގައި ހިމެނޭ ވާހަކަ ތަކުގެ ތެރެއިން ޚާއްޞަ ބައެއް މަޢުލޫމާތެވެ. (އެއްކޮށް ކިޔުއްވަން ބޭނުންފުޅުވާ ފަރާތްތަކުން މި ލިންކްތަކަށް ކްލިކްކޮށްލެއްވުމުން ގުޅޭ ޞަފުޙާތައް ވަކިވަކިން ފެނިވަޑައިގަންނަވާނެއެވެ. ޞަފުހާ 1-2، ޞަފުޙާ 3-4، ޞަފުޙާ 5-6، ޞަފުޙާ 7-8، ޞަފުހާ 9-10، ޞަފުހާ11 ) ތިރީގައި އަޅުގަނޑު މި ލިޔާ ނަންބަރު ޖެހި ޢިބާރާތްތައް ނަކަލުކޮށްފައިވަނީ މިޞަފުޙާތަކުންނެވެ).
-
މި ލިޔުމުގައި ދައްކާގޮތުން، ހިޖުރައިން 993 (1585މ) ގައި އައްސުލްޠާނުލް ޣާޒީ މުޙައްމަދު ބޮޑުތަކުރުފާނު ސިރީ ސަވާދީއްތަ މަހާރަދުން އަވަހާރަވެ، ފަސްދާނު ލެވުނު އިރު، މި މިސްކިތް ހުރެއެވެ. އަދި އެއިރު، އެ މިސްކިތަށް "ބިހުރޯޒު ކަމަނާ ކަލޯ މިސްކިތް" ކިޔައެވެ.
-
މިއަށްފަހު، އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒަތްދީނު (1759މ އިން 1767މ އަށް) މި ރަދުންގެ ރަސްކަމުގައި މި މިސްކިތް މަރާމާތު ކުރެވި އަދި މިސްކިތުގެ ބޯގަ ބެލެހެއްޓުމަށް ލައްވާފައިވާ ފަރާތަށް ބަދަލު ގެންނެވިއެވެ.
-
އައްސުލްޠާނު މުޙައްމަދު ޝަމްސުއްދީނު އިސްކަންދަރުގެ 17 ވަނަ އަހަރު (1337ހ ވަނަ އަހަރު) މުޙައްރަމް މަހުގެ 27 ވަނަ ދުވަހު "އަލުން މިސްކިތް ރާނުއްވައި، ދޮރާއި ދޮރުބައިތައް ހައިވަކަރުން ޖައްސަވައި ވަށާ ފާރުމަތީ ބެރިއާއި އެތެރޭ ބެރި ހައިވަކަރުން އަޅުއްވައި މަތިވަޑާން ދެބަޔަކަށް ހައްދަވައި ބައެއް ހަތަރު ފުރާޅަށް، ފައިދޮށް ނިރޮޅުން އަޅުއްވައި ފަތި ބެންތެޔޮ ލަކުޑީން އަޅުއްވައި މުޅި ފުރާޅުގައި ޓިނު ޖައްސަވައި މި މަގަށް ނިންމެވި."
-
މި މިސްކިތަކީ އެ މިސްކިތުގެ ގޯތި ތެރޭގައި ދިވެހިރާއްޖެ ޕޯޗުގީޒުންގެ އަޅުވެތިކަމުން ސަލާމަތް ކުރެއްވި އައްސުލްޠާނު މުޙައްމަދު ތަކުރުފާނު ސިރީ ސަވާދީއްތަ މަހާރަދުން ފަސްދާނު ލެވިފައިވި މިސްކިތެވެ.
މި މިސްކިތުގެ ޤަބުރުސްތާނުގައި ޢިއްޒަތްތެރި އެތައް ބައެއްގެ މަހާނަތައް ވެއެވެ. އެ މަހާނަގައުތަކުގައިވާ ލިޔުންތައް ކުރިން ބަޔާން ކުރެވުނު ފޮޓޯތަކުގައި ވާނެއެވެ. ނަންގަނެފައިވާ ބައެއް މީހުން ތިރީގައި އެވަނީ އެވެ.

- ނާއިބުގޭ ޢަލީ؟ މަނިކުގެ ދި އައިމިނާ މަނިކެ،
- އާމިނާ ބިންތި ޢުމަރު އިބްނު ޢަލީ އިބްނު މުހައްމަދުއްނާއިބު
- ކެރަފާ ދަންޑެހެލު ތައްޚާނުގެ ޢާއިޝާ ފުޅު
- ތިނަދޫ މޫސާ މަނިކުގެ ފުތް އަޙްމަދު މަނިކު
- ތުއްތުމަނިކު ދޮންމަނިކު
- މާފަތްގޭ ޢަބްދުލްޤައްޔޫމް
- ޢުމަރު އިބްނު ޢަލީ އިބްނުއްނާއިބު މުޙައްމަދު ޙަބްޝީ
- އިބްރާހީމް މާފަތް ތަކުރުފާނު
- އިބްރާހީމް މާފަތް ތަކުރުފާނުގެ ދޮން ސިއްތި
- ހައްތީ ހާޖީގެ ޙުސައިންފުޅު
- ޢުމަރު މަނިކުއިބްނު ޙަސަން މަނިކު އިބްނު އިބްރާހީމް ހަނދޭގިރި
- މޫސާ ދީދީ އިބްނު އަލްޚަޠީބު މުޙައްމަދު މަލަކީ
- އުއްމުކުލްޝޫމް ދީދީ ބިންތި އައްނާއިބު އަލްކަބީރު މޫސާދީދީ
- ސިއްތި ޒުލޭޚާ ބިންތު އަލްފަޤީހުލްޣާޟީ އިބްރާހީމް މަޖުދުއްދީން
- ޙަސަން ފާމުލަދޭރި ކިލެގެފާނުގެ އާމިނަތު ކަބާދިކަލޭގެފާނު؟
- މޫސާ ދީދީގެ އާމިނާ ދީދީ
- ކަނޑިކޮޅު މޫސާދީދީގެ އަޙްމަދު ދީދީ
- މޫސާމާފަތް ކަލޭގެފާނުގެ މަރިޔަމް ދީދީ
- މޫސާ ފާމުލަދޭރި ކިލެގެފާނުގެ އައްސައްޔިދު ޢުމަރު
- މޫސާ ފާމުލަދޭރި ކިލެގެފާނުގެ ޢުމަރުގެ ޒުބޭދާ
ޤައުމިއްޔަތާއި ތަރިކަ
މި ދަންނަވާ ލެވުނީ އެއް ފޮތެއްގައި ބިހުރޯޒު މިސްކިތުގެ ވާހަކަ ގެނެވިފައިވާ ގޮތެވެ. މި ނޫން ރިވާތައް ވެސް، ދިވެހިބަހުން ލިޔެފައިވާ ފޮތްތަކާއި ޤައުމީ ކާދަތަކުގައި ހިމެނިފައިވާނެއެވެ. ހުރިހާ ނަޒަރަކުން ބަލާއިރު ވެސް އެއީ ވަރަށް ޒަމާންވީ މުޤައްދަސް މިސްކިތެކެވެ. އާދެ! އާރކިޓެކްޗަރ ނުވަތަ ޢިމާރާތް ކުރުމުގެ ފަންނުގެ ގޮތުން، ބިހުރޯޒު މިސްކިތަކީ indigenous architecture ނުވަތަ ދިވެހި ޢިމާރާތްކުރުމުގެ ފަންނުގެ މިސާލެކެވެ. މި މިސްކިތް ތަޅާލުމުން އެފަދަ ތަނެއް މާލެއިން ދެން ނުފެންނާނޭ ފަރުމާއެކެވެ. އެހެންކަމުން، ތާރީޚީ ގޮތުންނާއި ޤައުމީ ތަރިކަ ރައްކާތެރިކުރުމުގެ ގޮތުން މި މިސްކިތް، ބުލްޑޯޒަރުން ސަލާމަތް ކުރުމަކީ އަޅުގަނޑުގެ ނަޒަރުގައި ވަރަށް މުހިއްމު ޤައުމީ ކަމެކެވެ. މީގެ އިތުރަށް ޕްލޭން ކުރުމުގެ ނަޒަރުން ވިސްނާލިއަސް، ވަށައިގެން ދިހަ ބުރީގެ އެތައް ބައިވަރު ޢިމާރާތްތަކެއް ހުރި ތަނެއްގެ، ވައިރޯޅި ވެއްޓެން ހުރި ކަނެއްގައި، އަދި އެހާމެ ޓްރެފިކް ފިތޭ ކަންމައްޗެއްގައި މިސްކިތް ތަޅައި އުސް ޢިމާރާތެއް ކުރުމާ މެދު ތިބާ ދެކެނީ ކިހިނަކުން ތޯއެވެ؟
ތިބާ، ތިބާއަށް ވީ ތިބާގެ ހަނދާންތަކުގެ ސަބަބުންނެވެ. ތިމާގެ މޭދާ (ހިތު ދަސްކުރުމުގެ ބާރު ނުވަތަ މެމަރީ) އެއް ދުވަހަކު ހޭލާއިރު ގެއްލިފައިވާ ނަމަ، އެއްވެސް އެއްޗެއް ހަނދާން ނެތް ނަމަ، ދެން ވާނޭ ގޮތް ޚިޔާލަށް ގެންނަވާށެވެ. ތިބާއަށް ތިބާއަކީ ކާކުކަން އެއްވެސް ގޮތަކަށް ނޭނގޭނެއެވެ. ކާކުގެ ފަރާތުން އުފަންވި، ކޮންތަނަކު އުފަންވި، ކޮންއިރަކު އުފަންވި، ކޮންފަދަ ޙަޔާތެއް ތަޖުރިބާކުރި، ކުޑަމިނުން ކޮން ނަމެއް ކިޔާ މީހެއް ކަމެއް އެއްވެސް ގޮތަކަށް ނޭނގޭނެއެވެ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކު ޚާއްޞަ ވަނީ އެމީހެއްގެ ހަނދާންތަކުގެ ސަބަބުންނެވެ. ޤައުމަކީ ވެސް އޭގެ ހަނދާންތަކެއްވާ މީހެއް ފަދަ ޝަޚުޞެކެވެ. ޤައުމީ ތަރިކައަކީ އެ ޤައުމެއްގެ ހަނދާންތަކެވެ. އެ ޤައުމެއްގައި، ޚާއްޞަ ތާރީޚަކާއި، ޚާއްޞަ ޙަޟާރަތެއްވާކަން ހާމަކުރަނީ އެ ޤައުމެއްގެ ސަގާފީ ތަރިކައެވެ. ޤައުމިއްޔަތު އުފުލެނީ، ޤައުމީ އެކުވެރިކަން އުފަންވަނީ މި ސަގާފީ ތަރިކައިގެ ސަބަބުންނެވެ. މި ތަރިކަ ނުވާނަމަ، މޭދާނެތް މީހަކަށް އެއީ ކާކުކަން ނޭނގޭ ފަދައިން ޤައުމެއް ވަކި ޤައުމަކަށްވުމުގެ ޚިޔާލާތެއް ފިކުރެއް ނުވާނެއެވެ.
މިސްކިތް ތެޅުމުގެ ސުންޕާކަން
ސަގާފީ ތަރިކަ، ވަކިން ޚާއްޞަކޮށް، ތާރީޚީ މިސްކިތްތައް ތަޅާނުލާންޖެހޭ ވަރަށް މުހިއްމު އެހެން ސަބަބެއް ވެއެވެ. އެތަންތަން ތަޅާލުމަކީ ވަރަށް ސުންޕާ ކަމެކެވެ. ދިވެހި ރާއްޖެ ދުށް އެންމެ ޚިދްމަތްތެރި އެއް ޢިލްމްވެރިޔާ، ޙުސައިން ޞަލާޙުއްދީނު، ލިޔުއްވާފައިވާ "ދިވެހީންގެ ވާހަކަ" އިން މި ރިވާ ކިޔުއްވާށެވެ…
ހެދިފައި ހުރި މިސްކިތެއް ރޫޅައިލުމީ ބޮޑުވެގެންވާ ޙަރާމް ކަމެކެވެ.
ބުނެވޭ އިސްކަންދަރު މަހާރަދުން މާލޭގެ ހުކުރު މިސްކިތް މިހާރު ހުރިގޮތަށް އިމާރަތް ކުރައްވައި ނިންމެވިފަހުން މިސްކިތް ހުރީ ޤިބްލަޔަށް ނޫންކަމަށް ވާހަކަ ދެކެވިގެން ބަސް ދަންނަވާން ތިބި ގިނަ މީހުންނަށް ފެނުނީ އަލުން ރޫޅައިގެން ޤިބްލަޔަށް ބެހެއްޓުމަށެވެ. މިގޮތަށް މިކަން ޤަޞްދުވެ މިސްކިތް ރޫޅުއްވާން މިސްކިތް ދޮށަށް ވަޑައިގަތް ދުވަހު ވަޑައިގަތީ މަގުމަތީން ފެނިވަޑައިގަންނަވާ މުސްކުޅި ޒާތުގެ ބީރައްޓެހީނާ ވެސް މި ވާހަކަފުޅު ދައްކަވަމުންނެވެ. މިހެން ވަޑައިގަންނަވަނިކޮށް މުސްކުޅިއަކު ދަންނަވައިފިޔޭ. މަހާރަދުންނޭވޭ. އެ މިސްކިތުގެ ތެރޭގައި ހުރެގެން ވިއްޔާ ހަމަ ކޮންމެ ފަރާތަކަށް އެނބުރުނަސް ޤިބްލަޔާ ދިމާނުވަނީތޯޔޭ. އެހެން ވެއްޖިއްޔާ ވާނީ ރޫޅުއްވާށެވެ. އެހެންނޫނީ އަޅުގަނޑަކަށެއް ރޫޅުއްވާކަށް ނުފެނެއެވެ. ތިޔަހަރީ ރާއްޖެ ފުރަތަމަ އިސްލާމްވީ ޒަމާނުގައި އެމީހުނަށް ކަމުދާގޮތަކަށް ބަހައްޓާފާ ހުރި މިސްކިތެކެވެ. މި ވެދިޔަހައި ގިނަ ދުވަސް ތަކުގައި ވެސް އުޅުނީ ހުކުރުކޮށް ނަމާދުކޮށެވެ.
ރަސްގެފާނު މި ބޭބެއަށް އިނާމު ދެއްވައިފައި ގަނޑުވަރަށް ވަޑައިގެންފިއެވެ. އަދި އަދަށް ދާންދެން ހުކުރު މިސްކިތް އެހުރީ އެ ފަހަރު އިސްކަންދަރު މަހާރަދުން ހެއްދެވި ގޮތަށެވެ. ފުރާޅުގައި ޓިނު ޖެހެވުނީ އައްސުލްޠާނު މުޙައްމަދު ޝަމްސުއްދީނު ރަދުންގެ ޒަމާނުގައެވެ.
އަޅުގަނޑުގެ ނަޒަރުގައި، މިސްކިތެއް ތަޅާލަންވާނީ، އެއަށް ވުރެ ފުރިހަމަ މިސްކިތެއް އެތަނުގައި އެޅުމަށެވެ. މި ނޫން ގޮތްގޮތަށް މިކަންކަން ކުރުމަކީ އެކަމުގެ ސުންޕާކަން، ކަން ކުރާ ފަރާތަށް ކުރިމަތިވާ ކަންކަމެވެ. މިހެން މިދެންނެވީ، ތާރީޚީ ބައެއް ބޯގަ ފަތްތައް ފަށާއިރު، ވެރިންނަށް ތާނިޔާ (ވެރިންނަށް ނަޞްރު ދެއްވުމަށް ދުޢާ) ލިޔެފައި އޮންނަ ފަދައިން، އެ ފަތަކާ ދޭތެރޭ އިހުމާލުވާ ފަރާތްތަކަށް ބަދު ދުޢާތައް ދިވެހި ފަތްތަކުގައި ލިޔެފައި ހުންނާތީ އެވެ. މިސާލެއްގެ ގޮތުން، ތިރީގައި އެވަނީ، ހުކުރު މިސްކިތާ ބެހޭ ފަތެއްގެ ނިމުމުގައިވާ ގޮތެވެ. އިނގިރޭސި ބަސް ދެނެވަޑައިގަންނަވާ ބޭފުޅުންނަށް މިސްކިތަށް ގެއްލުން ދިނުމަކީ ސުންޕާކަމެކޭ އަޅުގަނޑު މިދެންނެވި ސަބަބު އެނގިވަޑައިގަންނަވާނެއެވެ. ފަތުގެ އިނގިރޭސި ތަރުޖަމާ ނަގާފައިވަނީ އެޗް.ސީ.ބީ ބެލްގެ ދިވެހިރާއްޖެއާ ބެހޭ ފޮތުގެ 173 ޞަފުޙާއިންނެވެ.

ފަހެ ދިވެހީން، މިސްކިތްތަކަށް ކުރާ ޙުރުމަތުގެ ސަބަބުން، ބައުވެގެން ނަގައި މިސްކިތު ވަކަރުން އެއްވެސް ބޭނުމެއް ވެސް ނުކުރެއެވެ. އޭގެ ކަރާމަތަށް ޓަކައެވެ. ތިރީގައި މިވާ މަޖާޒުން، މިކަން އާދައަކަށް ވެފައިވާކަން ދޭހަވެއެވެ.
މިސްކިތުވަކަރު
(1) މިސްކިތެއް ރޫޅައިލައިގެން ނަގާވަކަރު. (2) މަޖާޒު: މަތީ ދަރަޖައިގެ ބޭފުޅަކު ކާވެނި ބައްލަވައިގެންފައި ވަރިކުރެއްވީމާ ނުވަތަ އެފަދަ ފިރިކަލަކު އަވަހާރަވީމާ އެއަށްވުރެ ދެރަމީހަކާ އިންނަން ނުކެރިފައި ތިބޭ އަންހެނުން.
އަޅުގަނޑު އެދެނީ ދިވެހި ޤައުމަށް ރޯޝަނީ މުސްތަޤްބަލެކެވެ. ސަގާފީ ތަރިކަ އާއި ބިހުރޯޒު މިސްކިތަށް ދިގު ޢުމުރެކެވެ. އެ މިސްކިތް ހުރިގޮތަށް ހުންނާނޭ ނުވަތަ އަލުން ހުންނާނޭ އުޖާލާ ފަތިހަކަށް މާލެ އަލިވިލުމެވެ. ދިވެހި ޤައުމިއްޔަތަށާއި ދިވެހި ތާރީޚަށް ލޯބިކުރާ ފަރާތްތަކުގެ މޭހެޔޮވާގޮތަކަށް ސަގާފީ ތަރިކަ ރައްކާތެރިވެގެން ދިއުމެވެ.
ދިވެހިރާއްޖޭގެ އާސާރީ ތަކެތި މިލްކު ވެގެން ވަނީ، މަރުވެފައިވާ ހުރިހާ ދިވެހީންނާއި މިހާރު ދިރިއުޅޭ ހުރިހާ ދިވެހީންނާއި ކުރިމަގުގައި އުފަންވާނޭ ހުރިހާ ދިވެހީންނަށެވެ. އާސާރީ ތަކެއްޗަށް ތަރިކަ ކިޔަނީ ވެސް އެހެން ވެގެންނެވެ. އަޅުގަނޑަކީ ވެސް ހަތަރު ފުށް ދިވެހި ރައްޔިތަކަށް ވާތީ، ދިވެހިރާއްޖޭގެ އާސާރީ ތަރިކައިގައި އަޅުގަނޑުގެ ޙިއްޞާ އެއް ވެއެވެ. މި މަޒުމޫނު ލިޔުނީ މި ހައިސިއްޔަތުންނެވެ. އެތައް ބައެއްގެ ޙައްޤެއް ވާ އެއްވެސް އެއްޗެއް ނައްތާލުމަށް، ވަރަށް ގިނަ ބެހެނިވެރިންގެ ރުހުން ބޭނުން ވާނެއެވެ. އަޅުގަނޑަށް ފެންނަ ގޮތް އަޅުގަނޑު މި ބަޔާން ކުރީއެވެ.
މި މަޒުމޫނަކީ އެއްވެސް ފަރާތަކާ އިދިކޮޅަށް ނުވަތަ އެއްކޮޅަށް ލިޔެފައިވާ މަޒުމޫނެއް ނޫނެވެ. އިއްތިފާޤުން، ތިބާ މިކަމާ ދޭތެރޭ ދެކޭ ގޮތާ، އަޅުގަނޑުގެ ޚިޔާލާ އެއްގޮތް ވެއްޖެ ނަމަ، ދެންނެވޭނީ އިނގިރޭސި ހަރުބަހެކެވެ: fools seldom differ އެވެ. އާދެ! ”މޮޔައިން ދެބަސްވަނީ މަދު ފަހަރަކު އެވެ.“

👏👏👏👏👏👏
Well they didn’t destroy the mosque after all…
thank you Hassan, may Allah bless your work.
hama budhdheege mnew gun nethijje amilla edhumah kuraakah nukuraane kameh noaonnaane
Fenvaru varah rangalhu muhihmu liyumeh
Higgaimu ekamu funkoh visnaalumu asarun furige vaa liyumeh… Shukuriyya sir
Well researched! A v good article. Pls keep inspiring
Beautifully written.
I love all your articles.
Loved the last sentence in this 😅😇
Varah rangalhu ehaame ilmun furigenvaa mauloomatu himeney liumeh..
Good Article Hassan.
ވަރަށް ފުރިހަމަ އެހާމެ ޢިބްރަތްތެރި
މަޢްލޫމާތުން ފުރިގެންވާ ލިޔުމެއް. ލޯހުޅުވައިދީ ފިކުރު ބަދަލުކުރުވި ފިލާވަޅެއް. ޝުކުތިއްޔާ
Sitting zulaikha bint alfaqeeh al qaadee Ibrahim majduddin
ޝުކުރިއްޔާ! ރަނގަޅު ކޮށްލައިފިން…