
އައު ފަރުމާ
ކުރީގެ ރަސްމި ފާލަމާ ގާތް ގޮތެއް ހުންނަ ކަމަށް ބުނެ ޢާއްމުކުރި ފާލަމުގެ ފަރުމާކޮށް ފޮޓޯއެއް ތިރީގައި އެވަނީއެވެ.

މަތީގައިވާ ކުރެހުމަށް ވިސްނުންތެރިކަމާ އެކު ފިކުރުހިންގަވާށެވެ. މި ކުރެހުމަކީ ތަނުގެ މަސައްކަތް ފެށުމާއެކު ޢާއްމު ކުރި ކުރެހުމެވެ. މައިގަނޑު ގޮތެއްގައި، މިތަން ވަނީ ތިން ކުކުޅުވަހި ހުންނަ ގޮތަށް ހިޔާކޮށްފައެވެ. މިއީ އަގުހެޔޮކޮށް، އެކަށީގެންވާ ގޮތަކަށް މިކަން ކުރެވޭނޭ ގޮތް ވެސް މެއެވެ. މަސައްކަތް ނިންމައި އައު ފާލަން ހުޅުވީ 27 ފެބްރުއަރީ 2025 ދުވަހުގެ ރެއެވެ. ޢާއްމުކުރި ފަރުމާގެ ކުރެހުމާއި އަޞްލު މިހާރު ހުރި ގޮތް ކުޑަކޮށް ތަފާތެވެ.
ފާލަމުގެ ޢައިބުނާމާ (ފުނަރުވެރި އުފެއްދުމަކާ މެދު ކިޔާ ފަންނީ ފާޑު — critique)
ބިނާވެށީގެ އެކި ކަންކަމަށް ފާޑުކިޔުމަކީ، ބިނާވެށީ ޢިލްމުގެ ޚާއްޞަ ގޮތްޕެކެވެ. މިކަމުގައި ހިމެނެނީ ފަރުމާގެ ރީތިހުތުރާއި، ވިލަގު (އެކި ބައިތައް އެމުނި އެކުލެވޭ މިންވަރު، proportion) އާއި ބޭނުންހިފޭ ގޮތާއި ބިނާވެށީގެ ފޭޑި އާއި ބޭނުންކޮށްފައިވާ ތަކެއްޗާއި ތަނުގެ ވަށައިގެންވާ ވެއްޓާ ގުޅޭ މިންވަރާއި މަރާމާތާއި ދެމެހެއްޓެނިވި މިންވަރާ ބެހޭ ގޮތުން ކޮމަންޓް ކުރުމެވެ. ފަހެ، އެއްޗެހި ރީތި ހުތުރުވާ ގޮތް އަމިއްލައަށް ދެނެގަތުމަކީ، ބައެއް މީހުން ހޭވެރިކަންވާން ފެށުމާއެކު ވެސް އެމީހުންގެ ކިބައިގައި ހުންނަ ޠަބީޢީ ހުނަރެކެވެ. ޤުދްރަތީ ހަދިޔާއެކެވެ. އަނެއް ބައި މީހުންނަށް، ރީތި ހުތުރު ކިޔައިދިނަސް ޤަބޫލުކުރަން ވެސް ދަތިވެއެވެ. އެހެނީ ރީތިހުތުރަކީ، ވަރަށް ޝަޚްޞީ، ޒާތީ އެއްޗެކެވެ. ވީމާ، ތިރީގައި އަޅުގަނޑު ދަންނަވާ ވާހަކަތަކުން ބައެއް ކަންކަން ތިޔަ ބޭފުޅުންނަށް ޤަބޫލުފުޅުކުރައްވަން ދަތިފުޅު ވާނެއެވެ.
ފާލަމުގެ ބޭނުން ހިފޭ ގޮތާ މެދު ދަންނައެވެ. އެންމެ ކުރީގެ ފާލަންތަކަށް އުޅަނދުތައް ގާތްކުރެވޭ މިންވަރަށް ވުރެ ގިނަ ޢަދަދެއްގެ އުޅަނދު މި ފާލަމާ ގާތްކުރެވޭނެއެވެ. ރިޔާނެގި ފާލަމުގައި ވާރޭ ވެހޭ އިރު، އުޅަނދަށް ނުތެމި އަރާފައިބައި ހެދެއެވެ. ނަމަވެސް، މި ފާލަމުގައި ވާރޭގައި ޖެހިގެން ފޭބުމުގެ ފުރުޞަތު ބޮޑުވާނެއެވެ. މި ފާލަމުގެ ރަނގަޅު އެއް ސިފައަކީ، ކާރަށް އަރާ ފައިބާ އިރު ވާރޭގައި ނުޖެހި އަރާފޭބޭ ގޮތް ހަމަޖެހިފައި ވާކަމެވެ. އެއީ ފާލަމުގެ އެއްބައި ޕޯޓިކޯއެއް ހެން ބޭރަށް ނެރެ ކާރު ވެއްދޭގޮތަށް ހަދާފައިވާ ކަމެވެ.
ފާލަމުގެ އާކިޓެކްޗަރަލް ސްޓައިލް އަކީ ކޮބައިތޯއެވެ؟ ބައެއް މީހުން، މި ފާލަން ފެނުމުން އެންމެ ކުރީގެ ޤަދީމީ ފާލަމުގެ ހަނދާން ގެނުވާ ކަމަށް ބުންޏަސް، މި ފާލަމަކީ ކުރީގެ ފާލަމާ ވައްތަރު ފާލަމެއް ނޫނެވެ. އާދޭހެވެ. ކުރީ ފާލަން ފަދައިން މި ފާލަން ވެސް ވަނީ ދެ ފުރާޅަށް ހިޔާކޮށްފައެވެ. އަސްކަންޏާއި ކުކުޅުވަހި ކޮޅުގައި، ލަކުޑިފަދަ އެއްޗަކުން ކަފައިގެން ހަދާފައިވާ ވެޔޮގަނޑެއް ވެއެވެ. އެހާ ހިސާބުން، ޤަދީމީ ފާލަމުގެ ފޭޑި ނިމުނީއެވެ. ދެން ހުރި ހުރިހާ ކަމަކީ ފަރުމާވެރިޔާ އެކި ގޮތްގޮތަށް އެކި ތަންތަނުން ތަޤްލީދު ކޮށްފައިވާ ކަންކަމެވެ. މި ބާވަތުގެ ފަރުމާއަށް ކިޔަނީ އިޞްޠިފާއީ ފޭޑިއެވެ. އާދެ! eclectic style އެވެ. މާނައަކީ އެކި ތަންތަނުން އެކި ބައި ނަގައިގެން އުފައްދާ ފޭޑިއެވެ.
ފާލަން ހަދަން ބޭނުންކޮށްފައިވާ ތަކެއްޗާ މެދު، ދެންނެވޭނީ ކުރީގެ ފާލަމަށްވުރެ ރަނގަޅު ކަމުގައެވެ. މި ފަހަރު ލޮނު ބުރުއްސާ ހިސާބަކު، ދަގަނޑު އެއްވެސް އެއްޗެއް ނުވެއެވެ. ފެންނަން ހުންނަ ގިނަބައިތައް ހުރީ ލަކުޑިންނެވެ. އާކިޓެކްޗަރގައި ޢިމާރާތެއް ކުރާއިރު، ގާތުގައި ހުރި ޢިމާރާތްތަކާ ގުޅޭ މިންވަރަށް ކޮންމެވެސް ވަރަކަށް ބަލައެވެ. މި ފާލަމާ ކައިރިގައި އެއްވެސް އެހެން ޢިމާރާތެއް ނެތެވެ. އެންމެ އުސް ޢިމާރާތަކަށް ”ހުރީ އިންޓަރނޭޝަނަލް ސްޓައިލް“ އާކިޓެކްޗަރ ފޭޑިއަށް ހަދާފައިވާ އެމްއެމްއޭ އެވެ. ދެން ހުރީ، ސިލްވާ ކިޔާ ޕިލިޕީންސްގެ ސިވިލް އިންޖިނޭރަކު ސިފައިގޭގައި (ތީމުގެ އެޅި ދުވަސްވަރު) އުޅުނު އިރު އޭނާ ކުރެހި ފުލުހުންގެ ޢިމާރާތެވެ. މި ޢިމާރާތަކީ، ރޫމީންގެ ޤަދީމީ ސްޓައިލްގެ ބައެއް ބައިތައް ބޭނުންކޮށްގެން ހަދާފައިވާ އެކްލެކްޓިކް ސްޓައިލްގެ ޢިމާރާތެކެވެ. ބަނޑޭރިގެ (މިހާރުގެ ސިފައިންގެ) އަކީ ސަރުކާރުގެ އެންމެ ގިނަ ތަންތަން 1930 އިން 1980އަށް ބިނާކުރި ފޭޑިއަށް ހަދާފައިވާ ”ދިވެހި ފޭޑީގެ“ ތަނެކެވެ. ބަނޑޭރިގެ ނުހުންނަ ހަނދާންވާ މީހަކު މިހާރު ރާއްޖޭގައި ދިރިހުންނާނޭ ކަމަށް ލަފައެއް ނުކުރެވެއެވެ. ފާލަމުގެ ފަރުމާއާއި ފާލަމާ ގާތުގައިވާ ޢިމާރާތްތަކާ މާބޮޑު ގުޅުމެއް ހުރިކަމަކަށް ނުފެނެއެވެ. ފާލަމަށް ގިނަ މީހުން ބަލާނީ އެއްގަމުގައި ހުރެގެން ކަމަށް ވާތީ، ފާލަން ބޭނުން ފޭޑިއަކަށް ހެދިދާނެއެވެ.
އާދެ! ދެން ފާލަމުގެ ރީތިހުތުރުކަމާ މެދު (އެސްތެޓިކްސް ނުވަތަ ޖަމާލިއްޔަތު) އަށް ނަޒަރުކުރަމާތޯއެވެ؟ މިނަޒަރުން ފެންނަނީ، ރީތިހުތުރުގެ ބައެއް އަސާސީ ކަންކަމަށް އެއްވެސް ޤަދަރެއް ދީފައި ނުވާކަމެވެ. ތިން ކުކުޅުވަހި އޮތް އިރު، މެދުބައި އޮތީ އަނެއް ދެބައިގެ ފުރާޅު މަތީގައެވެ. މިކަމުގެ ސަބަބުން ވަރަށް ހުތުރު ގޮތަކަށް މަންޒަރު ފެނެއެވެ. ހީވަނީ، މާފަހުން ހަދާފައިވާ މެދު ފުރާޅެއް އެކަމުތުނުވާގޮތަށް (ހާމަނައިޒުނުވާގޮތަށް) އަނެއް ދެ ފުރާޅުގެ މައްޗަށް ފަހުން އަރުވާފައި އޮތް ހެންނެވެ. މިކަމުގެ ހުތުރުކަން ބޮޑަށް ފާހަގަ ކުރެވެނީ ދެ ފަރާތުންނާއި ކަނޑުފަރާތުން ބެލުމުންނެވެ.
ދެ ފުރާޅު ދެމެދުން ވާރޭ ވިއްސާނެތީ، ވަށްކޮށް ފިލާޖަހާ އެބައި ދެފަރާތުން ބައްދާފައި ވެއެވެ. މިގޮތަށް ފިލާޖެހުމުން ހުތުރުކަން ސަފުން ބޮޑުކަމަށް ފެނެއެވެ.
އާކިޓެކްޗަރގައި، ފަރުމާގެ ސިފައެއްގެ ގޮތުގައި ކުރިމައްޗަށް ތިން ކުކުޅުވަހި ހުންނަގޮތަށް ގެދޮރު ބިނާކުރެއެވެ. މިފަދަ ހާލަތްތަކުގައި އެކަން ކުރާ ގޮތަކީ ތިން ފުރާޅުގެ ތިރި ރަހައަށް ބެހެއްޓުމެވެ. އެހެން ނޫންނަމަ، ވަރަށް ހުތުރު ގޮތެއް ޖަހާނައެވެ. ރާއްޖޭގައި މިގޮތަށް ހަދާފައިވާ އެންމެ ގިނަ ދުވަސްވީ ތަންތަނުގެ ތެރޭގައި މަޖީދިއްޔާ ސްކޫލްގެ ކުރިބޯށި ކިލާސްތަކާއި ސޯސަންގޭގެ ފުރާޅު ހިމެނެއެވެ. ތިރީގައި އެވަނީ މިގޮތަށް ހަދާފައިވާ ބައެއް ޢިމާރާތެވެ.
އަމީން އަދި ނާޞިރު ދައުރުގައި ހުރި ފާލަމުގެ އެންމެ ރީތި ސިފައަކީ އަސްކަނި ދަށުގައި އާއި ކުކުޅުވަހީގައި ފުރާޅުން ދަށުގައި ހަރުކޮށްފައި ހުންނަ ކުރެހުން އެޅި ނަލަފިލައެވެ. މިއީ ފާލަން ރީތިވާ މައިގަނޑު ސަބަބު ކަމަށް ވެދާނެއެވެ. ނަމަވެސް، މިހާރުގެ ރަސްމީ ފާލަމުގައި މި ނަލަފިލާ ހަރުކޮށްފައިވަނީ އެކަން ކުރަންވާ ގޮތަކަށް ނޫނެވެ. އެންމެ ފުރަތަމަ، ނަލަފިލައަކީ ނަލައަކަށް ޖަހާ އެއްޗަކަށް ވާތީ، އެ ހުންނަނީ ހުދުކުލަ (ސަފޭދު) ލާފައެވެ. ހުދުކުލަ ހުންނަ އެއްޗެހި ފާޅުކަން ބޮޑުކޮަށް ދުރުން ފެންނާނެއެވެ. ނަމަވެސް ރަސްމީ ފާލަމުގައި، ނަލަފިލާހުރީ މުށިކުލައެއްގައެވެ. ނަޒަރުން ފޭދިގެން ގެއްލޭ ކުލައެއް ލާފައެވެ. މިއަކީ މިހަރުކޮށްފައިވާ ގޮތުގެ އެންމެ ބޮޑު މައްސަލައެއް ނޫނެވެ. މި ބާވަތުގެ ނަލަފިލާ ހަރުކޮށްފައި ހުންނަނީ އަބަދުވެސް އަސްކަނީގެ އެންެެމެ ތިރިއަށް ވާ ގޮތަށެވެ. ފާލަމުގެ ތެރޭގައި ހުރެފައި ބަލައިލުމުން، މި ކުރެހުން އެޅި ނަލަފިލައިގެ ތެރެއިން އުޑު ފެންނަ ގޮތަށެވެ. އަސްކަނީގެ އެންމެ ތިރީ ބަޔަކީ އެ ފިލާކަމަށް ވާގޮތަށެވެ. އެއީ އެ ފިލާގަނޑު އެންމެ ފާޅުކަން ބޮޑުވާނޭ ގޮތް ވެސް މެއެވެ. ނަމަވެސް…
ރަސްމީ ފާލަމުގައި މި ފިލާ ހަރުކޮށްފައިވަނީ، އަސްކަނި ތެދަށް ތިރިއަށް ސީލިންކޮށްފައެވެ. ބައެއް ދިމަދިމާގައި މި ސީލިން ވަނީ ނަލަފިިލައަށް ވުރެ މާބޮޑަށް ތިރީގައެވެ. ނަތީޖާއަކީ، ތިރީގައި ހުރެފައި ބަލައިލުމުން، ނަލަފިލާގެ އެއް ބައި ނޫނީ ނުފެނުމެވެ. އެންމެ ބޮޑު ސަމާލުކަމެއް އަންނަނީ ހުދުކުލަ ލައި، ތިރިކޮށްފައިވާ ސީލިން އަށެވެ. ކުރީގެ ރަސްމީ ފާލަމުގައި މި ބައިގައި ތެދަށް ސީލިން އަޅާފައެއް ނުވެއެވެ. އަޅާނަމަ، އަޅަންވާނީ، ނަލަފިލައަށް ވުރެ މަތީގައެވެ.


މަތީގައި ފެހިކުލައިން އެވަނީ އަސްލު ކުރީގެ ފާލަން ހުރި ގޮތެވެ. އަދި ހަމައެކަނި ތަފާތަކީ ނަލަފިލާގެ ވެޔޮގަނޑު ކޮޕީކުރެވޭ ވަރުގެ ސާފު ފޮޓޯއެއް ނެތުމުން، އަމިއްލަ ވެޔޮގަނޑެއް ކުރަހާފައިވާ ކަމެވެ. އަޞްލު ވެޔޮގަނޑު މުލީއާގެއިން ކޮޕީކުރެވިދާނެއެވެ. ނަމަވެސް، ފާލަން ފަރުމާކުރި ފަރާތުންކޮޕީކޮށްފައިވަނީ އަޅުގަނޑު ކުރީ މަޒުމޫނެއްގައި ޖެހި ވެޔޮގަނޑެވެ. މުލީއާގެ ވެޔޮގަނޑު މިއަށް ވުރެ ރީތިވާނެއެވެ.

ބޭރު ފަރާތުން ފެންނަ ގޮތުން، ކުލަތަކުގެ ސަބަބުންނާއި ސީލިންކޮށްފައިވާ ގޮތުން، ނަލަފިލާގެ ރީތިކަން ގެއްލޭ މައްސަލައިގެ އިތުރަށް އެހެން ކަމެއް ފާހަގަކުރެވެއެވެ. އެއީ ފުރާޅާ އެއްވަރަށް އޮލަނބަށް ނަލަފިލާ ޖަހާފައިވުމެވެ. މިފަދަ ފުޅާތަނެއް އެއް ވަރަކަށް ފެންނަ އިރު ރީތިވާނީ ނަލަފިލާ ދެ އިންޗި ވަރު އެތެރެއަށް ޖައްސާފައި ޖެހި ނަމައެވެ. މިހެން ހެދުމަށް ޓިނު ފަށުގެ ދަށަށް ތިރިން ލަކުޑި ފަތިގަނޑެއް އެޅިދާނެއެވެ.

ކުރީ ފާލަމުގެ ރީތިކަން މިފާލަމަށް އައިސްފައި ނުވާ މައިގަނޑު ސަބަބަކީ ދެބައި ދެމެދުގައިވާ ފުރާޅުގެ ކުކުޅުވަހި ފަރުމާކޮށްފައިވާ ގޮތެވެ. މަތީގައިވާ ފޮޓޯއަށް ވިސްނަވާށެވެ. އެންމެ ފުރަތަމަ ފާހަގަކުރެއްވޭނީ ފަހު ފުރާޅުގެ ކަތިކަން މާ ކުޑަކަމަށެވެ. ދެން ފާހަގަކުރެއްވޭނީ، އަސްކަންޏަށް ވުރެ މާ ތިރިކޮށް ސީލިން ކޮށްފައިވުމުން، ނަލަފިލާގެ ވެޔޮގަނޑު ގެއްލިފައިވާ ކަމެވެ. އަޞްލު ފާލަމުގައި ކުކުޅުވަހިކޮޅު ވަނީ ފުރާޅުން ދެ ފޫޓުވަރު އެތެރައަށް ޖައްސާފައެވެ. އައު ފާލަމުގައި މި ބައި އެހާ ބޮޑުތައް އެތެރެއަށް ޖައްސާފައެއް ނުވެއެވެ. ފުރާޅުގެ ކަތި މިނާ އެއްވަރަށް ކުކުޅުވަހިން ފުޅާކޮށް ބައެއް ނެރެ ސީލިން ކޮށްފައި ވެއެވެ. ނަމަވެސް މިއާ ގުޅޭގޮތަށް ތިރީގައި އެފަދަ ބައެއް ނެތުމުން، ނަޒަރު ކުކުޅުވަހީގައި ”ހިފެހެއްޓޭގޮތް“ ނުވެއެވެ. ރީތިކުރުމުގެ ބޭނުމުގައި ރަންކުލައިން ތިނެސްކަނެއް ކުރަހާފައި ވެއެވެ. މި ބައި ރީތި ވީހީ، ދެތިން ހަތަރު ބަޔަށް ފޮފަނަގާފައިވާ ފަތިން ހެދިނަމައެވެ. ރަންކުލައާއި ތަފާތު ކުލަ ޖައްސައިގެން އެއްޗެހި ރީތިކުރުމަކީ އާކިޓެކްޗަރއަށް ވުރެ ކުރެހުމުގެ ބައެކެވެ. އާކިޓެކްޗަރ އަކީ ކުލައެއް ނެތި ބައްޓަންތަކުން ރީތިކުރެވެން ޖެހޭ އެއްޗެކެވެ. ތިރީގައިވާ ރޫމީންގެ ކުކުޅުވަހި ފަރުމާކުރާގޮތަށް ނަޒަރުކުރެއްވުމުން، އިތުރު އައިބުތައް ފާހަގަކުރެއްވޭނެއެވެ.
މެދުގައިވާ ކުރި ބޯށި (finial) ދެ ފަރާތުގައިވާ ކުރި ބޯއްޓާ އެއްވަރުކަމަށް ފެނެއެވެ. ނިސްބަތުން މެދު ކުރިބޯށި ކުޑަކަމަށް އަޅުގަނޑަށް ލަފާކުރެވެއެވެ.
ކުކުޅުވަހިކޮޅު ރީތިވަނީ މަތީގައި ބައެއް (ފޮފަ) ނެރޭނަމަ، އެބައި ތިރީގައިވެސް ރަހައަށް ނެރޭނަމައެވެ. މިހެން ހެދުމުން، ނަޒަރު ކުކުޅުވަހީގެ އެތެރޭގައި ހިފެހެއްޓޭނެއެވެ. އަމީން އާއި ނާޞިރު ދައުރުގައި ކުރި ޢިމާރާތްތަކުގައި މި އުޞޫލު ހިފަހައްޓާފައި ވެއެވެ. މަޝްހޫރު ރޫމީން އާކިޓެކްޗަރ ގައި ވެސް މި އުސޫލު ހިިފަހައްޓައެވެ.
ފާލަމުގައި ހަދާފައި ހުރި ތަނބުތަކަކީ، ދިވެހި ތަނބުތައް ހުންނަ ގޮތަށް ހަދާފައި ހުރި ތަނބުތަކެއް ނޫނެވެ. އޭގެ ދިވެހި ސިފަތައް ޖައްސުވަން ކުރެހުންތަކެއް އަޅާފައި ވެއެވެ. އެހެން ހުރިހާ ކަމެއްގައި، ފާހަގަކުރެވެނީ ތަނބުގައި ހިފަހައްޓަންޖެހޭ ޕްރޮޕޯޝަންތައް ނުވަތަ ވެލަގު ހިފެހެއްޓިފައި ނުވާކަމެވެ. އެންމެ މަތީގައިވާ މަކުޑި ނުވަތަ ކެޕިޓަލް އަކީ ނޭކަށޭނެ ވަރަށް ބޮޑު ވަށް އެއްޗެކެވެ. ތަނބު ދެބައިކޮށްފައި ވަނީ އެފަދަ ތަނބު ދެބައިކުރަންޖެހޭ މިންވަރަކަށް ނޫނެވެ. ތިރީ ބުޑުގެ މަކުޑީގައި ހަމަތަކެއް ހިފެހެއްޓިފައެއް ނުވެއެވެ. ދަންނައެވެ. ތަނބަކީ އެއާ ބެހޭ ވަރަށް ގިނަ ހަމަތަކެއް ހުންނަ އެއްޗެކެވެ. މި ހަމަތައް ނުވަތަ ވެލަގު (ޕްރޮޕޯޝަންތައް) ނުހިފެހެއްޓިއްޖެ ނަމަ، ތަނބު ހުތުރުވެދެެއެވެ. މިކަމާ ބެހޭ ގޮތުން ދައްކަން ހުރި ވާހަކަތައް ގިނަކަމުން، އެހެން މަޒުމޫނެއްގައި އެ ހަމަތައް ބަޔާންކުރުމަށް ޤަޞްދުކޮށް ތަނބުގެ ވާހަކަ ކުރުކުރަމެވެ. ތިރީގައި އެވަނީ ފާލަމުގެ ތަނބެކެވެ. ދިވެހި ތަނބެއް ހަދަން ބޭނުން ނަމަ، ރަނގަޅުވާނީ ކަނާތްފަރާތުގައިވާ ފަދަ އާސާރީ ތަނބެއް ހެދި ނަމައެވެ.

އަލަށް ހެދި ފާލަމުގައި ޖަހާފައިވާ ރެއިލިންތައް (ތޭރިތައް) ހުރިލެއް ދުރުކަމާއި އެންމެ ތިރީ ފަޑި އުސްކަމުންނާއި ކޮޅުގައި ހުންނަ ގޮނބު މާ އުހުގައި ހުންނާތީ، މިކަހަލަ ކަންތައްތަކަށް ޝައުޤުވެރިކަން ހުންނަ ރައްޓެއްސަކު ފޮޓޯނަގައި އަޅުގަނޑަށް އެ ފޮނުވިއެވެ. ތައްޓުއާއި ތިރީ ތޭރިއާ ދެމެދު އެއް ފޫޓުގެ ޖާގައެއް ހުރެއެވެ. މިތާނގައި ހަރުކޮށްފައި ހުރި ތޭރިތަކަކީ ދިވެހި އެއްވެސް ކަމެއް ހުރި އެއްޗެއް ނޫނެވެ. އެއީ މެދުޒަމާނުގައި ރޫމީންގެ އާކިޓެކްޗަރ އަށް އައު ދިރުމެއް ގެނެސް އެގޮތްތަކަށް ޔޫރަޕުގައި ގެ އަޅަން ފެށުމުން، އިޓަލީމީހުން އުފެއްދި ތޭރިއެކެވެ. ރޫމީންގެ އާކިޓެކްޗަރގައި ތޭރިއެއް ނުހިމެނެއެވެ. ތޭރިއަށް ކިޔާ ނަމަކީ ބެލުސްޓަރ އެވެ. އެއީ އިޓަލީބަހުން އަންނާރުގެ ނުފޮޅޭ މަލަށް ނިސްބަތްކޮށް ކިޔާ ނަމެއްކަން އަޅުގަނޑު ހަނދާނުގައި ހުރެއެވެ. އަންނާރުގެ ނުފޮޅޭ މަލާ މި ތޭރިއާ ވައްތަރުކަން ފާހަގަކުރެއްވޭނެއެވެ.

މިއަށް ވުރެ، ޤަދީމީ ފާލަމުގައި ހުރި ތޭރިތައް އަގުހެޔޮވެފައި، ރައްކައުތެރިވެފައި، އަދި ފުރިހަމަ ވާނެކަމަށް އަޅުގަނޑަށް ހީވެއެވެ. މީގެ އިތުރަށް އެއީ ސަގާފި އެއްޗެއްގެ ގޮތުގައި ބެލޭނެ އެއްޗެއްކަން ކަށަވަރެވެ.
ޢިއްޒުއްދީނު ފާލަމޭތޯ އެވެ؟
ކުރީގެ ރަސްމީ ފާލަން އެންމެ ފުރަތަމަ ހެދީ ރަސްކަލަކަށް އޭރު ހުންނެވި ޝަމްސުއްދީން ރަދުންގެ (ހަމައެކަނި ފިރިހެން ދަރިފުޅު) މަނިއްޕުޅު ޙަސަން ޢިއްޒުއްދީން، ސިލޯނުގެ ރޯޔަލް ކޮލެޖުން (ބުނެވޭ ގޮތުން، ދިހަވަނަ ކިލާސް ވެސް ނުނިންމަވާ) މާލެ ވަޑައިގަތުމާ ގުޅިގެންނެވެ. އޭގެ ކުރީގައި ވެސް އެތަނުގައި ރަސްމީ (ދަތުރުފުޅަށް އަރާވަޑައިގަންނަވާ) ފާލަމެއް ހުރެއެވެ. ޢިއްޒުއްދީނު ވަޑައިގެންނެވި އިރު ވަނީ އޭނާއަކީ ވަލީ އަޙްދުކަމަށް ކަނޑައަޅުއްވާފައެވެ. މި މަނިއްޕުޅުވީ، ޖިންސީ ކަންތައްތަކަށް ދެވިހިފައިވާ، މިޔުޒިކާއި ނެށުމުގެ އިސް ފަރާތަކަށެވެ. މި މަޒުމޫނުގައި ލިޔަން ނުކެރޭކަހަލަ ވަރަށް ހުތުރު ކަންތައްތައް އޭނާއަށް ރަދުން ބިނާކޮށްދެއްވި ގެ (މުލީއާގެ) ގައި ހިނގާދިޔަކަމަށް ދިވެހި ތާރީޚްގެ ފޮތްތަކުގައި ވެއެވެ. ރާއްޖޭގައި ފުރަތަމަ ޤާނޫނު އަސާސީއެއް އެކުލަވައިލާން މެދުވެރިވި އެއް ސަބަބަކީ ޕްރިންސް ޙަސަން ޢިއްޒުއްދީން ގެ ވިޔާނުދާ އުޅުއްވުމުގެ ސަބަބުން އެ މަނިކުފާނު ރަސްކަމަށް އިސްވެވަޑައިގަތުމުން، ކަންތައްތައް ވެދާނެ ގޮތަށް ބޮޑުން ވިސްނަވައި، ރަދުންގެ ބާރުތައް ކޮންޓްރޯލްކުރުމުގެ ބޭނުމުގައެވެ. ޤާނޫނު އަސާސީ ފައުޅުކުރުމާ ގުޅިގެން ހިނގާދިޔަ ގަޑުބަޑުގައި، ރަދުންނާއި ޙަސަން ޢިއްޒުންދީން ފުވައްމުލަކަށް އަރުވާލެއްވުނެވެ. މަނިއްޕުޅު ނިޔާވީ ފުވައްމުލަކުގައި، ކިހުނުގެ އާލާސްކަންފުޅުގައި (ސިފިލިސް ބަލީގައި) ވަރަށް ބޮޑު ވޭންފުޅުގައި 25 ސެޕްޓެމްބަރ 1940 ގައެވެ.

އަމީން ދައުރާއި ނާޞިރު ދައުރުގައި، އެ ފާލަމަށް ކިޔަނީ ރަސްމީ ފާލަމެވެ. ސަރުކާރުގެ ރަސްމީ ފާލަމަށް ޢިއްޒުއްދީން ފާލަން ކިޔުމަކީ، އެ މަނިއްޕުޅުގެ ވިޔާނުދާ އުޅުއްވުމަށް ޤަދަރުދިނުން ކަމުގައި ވާނެއެވެ. ޒުވާނުން އެ މަނިއްޕުޅު ފަދައިން މަގުފުރެއްދުމަށް ހިތްވަރު ދިނުން ކަމަށް ވާނެއެވެ. ރަނގަޅުގޮތަކީ ފާލަމުގެ ނަން މާލޭ ރަސްމީ ފާލަން ކަމަށް ބަދަލުކުރުމެވެ. އަދި ނަންފިލާގަނޑު ޖަހާއިރު، ފަލަ އަކުރުން ކަފައި ތަތްކޮށްގެން ތާނަ ނަން ޖެހުމެވެ. އެހެނީ މިހާރު ހުރި ނަންފިލާގަނޑު ހާދަ ދޭސީއެވެ.
ނިންމައިލުން
މި މަޒުމޫނު ލިޔުމުގެ ބޭނުމަކީ، ފަރުމާގެ ނަޒަރުން އަލަށް ހެދި ރަސްމީ ފާލަމާ މެދު ބައެއް ޚިޔާލު ހުށަހެޅުމެވެ. މިކަމުން މިފަދަ ގޮތަކަށް ރަށެއްގެ ބަޔަކު ފާލަމެއް އަޅާނަމަ، އިޞްލާޙްކުރެވިދާނޭ ކަންކަން ބަޔާންކުރުމެވެ. މިއާއެކު، ބޭނުންތެރި މަޢުލޫމާތުތަކެއް، މި މަޒުމޫނުގެ ތެރެއިން ކިޔުންތެރީންނަށް ހުށަހެޅުމެވެ. މީގެ އިތުރަށް، ފިލްމުތަކާއި ވާހަކަތަކާއި ފުނަރުވެރި އުފެއްދުންތަކާ މެދު ޢައިބުނާމާ ލިޔުމަށް މި މަޒުމޫނު މަގުދައްކާނެއެވެ. އަދަބީ އުފެއްދުންތަކުގައި، ޢައިބުނާމާ ލިޔުމަކީ ޚާއްޞަ ފަންނެކެވެ.








Mi liyumuga varah ginain 1 vaahaka repeat koffa hurikamah faahaga kurevey