ތާނަ އާއި ޓެކްނޮލޮޖީ – 1

މި ބާބުގައި އަޅުގަނޑު ބަޔާން ކުރަން ޤަޞްދުކުރަނީ، ތާނަ އަކުރުތައް މެޝިނުން ނުވަތަ ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން ލިޔަން ފެށުމުގެ ތާރީޚާއި މިކަމާ ބެހޭ ބައެއް މަޢުލޫމާތެވެ. މި ފަހަރުގެ މަޒުމޫނުގައި އެކި ގޮތްގޮތަށް ޗާޕުކުރާގޮތް މި ގެނެސްދެނީ އަމިއްލަ ފަރުދަކަށް ޗާޕުކުރެވޭނޭ އާލަތެއް ހެދިދާނެހާ ތަފްޞީލާ އެކުއެވެ.

ހިލަ ޗާޕުކުރުން

ރާއްޖެއަށް ޗާޕުކުރުން ތަޢާރުފުވީ ވަރަށް ފަހުންނެވެ. އަޅުގަނޑަށް ހީވާ ގޮތުން، ވިހިވަނަ ޤަރުނު ފެށުމާ ގާތްވެފައިވަނިކޮށެވެ. އޭރު ޔޫރަޕުގައި މެޝިން ބޭނުންކޮށްގެން ޗާޕުކުރާތާ 400 ވަރަކަށް އަހަރު ވެއްޖެއެވެ. ޗައިނާގައި އަތުން ޗާޕުކުރާތާ 1000 އަހަރު ވެއްޖެއެވެ. ޗާޕުކުރުން ރާއްޖެއަށް ކުރިން ތަޢާރުފު ނުވި ސަބަބަކީ، މީސްކޮޅު މަދުކަމާއެކު، ޗާޕުގެ ބޭނުންތެރިކަން ކުޑަކަމާއި ރާއްޖޭގައި ކަރުދާސް ހެދުން ސަގާފީ މަސައްކަތެއްގެ ގޮތުގައި ތަޢާރުފުވެފައި ނުވުމާއި އިހުގެ ޗާޕުކުރާގޮތަށް އަކުރުތައް ލަކުޑިން ނުވަތަ މަޢުދަނުން ހެދުމުގެ މަސައްކަތް ބޭރު ފަރާތްތަކާ ގުޅުން ކުޑަކަމުން ދިވެހީންނަށް އެނގިފައި ނުވުމުންނެވެ. އަޅުގަނޑަށް ވިސްނޭގޮތުން މިއިން ކޮންމެ ސަބަބެއް ވެސް މިކަމަށް އަސަރުކުރުވިއެވެ.

ފާރިސީ އަދި އުރުދޫ ލިޔާ ޤައުމުތަކަށް ޗާޕުކުރުން ޢާއްމުވީ، އަތުން ކަރުދާހުގައި ލިޔެގެން އެ ހިލަގަނޑަކަށް އަރުވައިގެން ޗާޕުކުރާގޮތެއް އީޖާދު ކުރެވެމުންނެވެ. މި ޗާޕަށް ކިޔާ ނަމަކީ ލިތޯގްރަފީ އެވެ. ލިތޯގެ މާނައަކީ ހިލައެވެ. ގްރާފީ އަކީ ލިޔުމެވެ. ދިވެހީން މިގޮތަށް ޗާޕުކުރުމަށް ކިޔަނީ ހިލަޗާޕެވެ. މި ބާވަތުގެ ޗާޕު އީޖާދު ކުރިކަމަށް ބެލެވެނީ 1796 ވަނަ އަހަރު ޖަރުމަނުގައި ސެނެފެލްޑަރ ކިޔާ ތަމްސީލު ކުޅޭ މީހަކު، ތަމްސީލުގައި ދައްކާނޭ ވާހަކަ ޗާޕުކުރުމަށެވެ. އެކަން އީޖާދު ކުރެވުނު ގޮތެއްކަމަށް އޭނާ ލިޔެފައިވަނީ، އެއް ދުވަހަކު އޭނާގެ މަންމަ، ދޮންނަންވީ ކޮން އަންނައުނެއްތޯ ސުވާލުކުރުމުން، އޭނާ ހަދައިފައި ހުރި ތެޔޮ ދެއްޔަކުން އޮމާން ފަތާ ހިލައެއްގައި ލިސްޓެއް ލިޔުމުންނެވެ. ދެތިން ދުވަސްވީ އިރުވެސް އެ ލިސްޓް ލިޔުނުގޮތަށް ހިލަގަނޑުގައި ހުއްޓެވެ. ފެން ޖެހުމުން ތެޔޮ ދެއްޔެއް ކަމުން، ފެނެއް ލިޔުންގަނޑަކު ނުހިފައެވެ. ދެން އޭނާއަށް ވިސްނުނީ ތެޔޮ ދެލި، ލިޔުންގަނޑުގައި ހިފާނޭ ކަމާއި ފެނާއި ތެޔޮ އެކުނުވާ ހަމައިން، ތެޔޮ  ދެލިންފަތާ ހިލަގަނޑަކު ލިޔެގެން ޗާޕުކުރެވޭނޭ ކަމެވެ.

ތާނައަކުރާ ބެހޭ ގޮތުން ކުރިން ލިޔެފައިވާ ބާބުގައި ލިތޯގްރަފީ ނުވަތަ ހިލަ ޗާޕުކުރާގޮތުގެ ކުރު ތަފްޞީލެއް ހިމެނެއެވެ. 1800 ވަނަ އަހަރުން ފެށިގެން ހިލަ ޗާޕުކުރާ ގޮތް، ދަންނަ ފަރާތްތަކުން ވަރަށް ބޮޑަށް ސިއްރުކުރަން އުޅުނުކަމުގައި ވިއަސް، މަޑުމަޑުން ޔޫރަޕުގެ ޤައުމުތަކަށް ހިލަޗާޕު ފެތުރުނެވެ. މިކަން ބޮޑަށް ފެތުރުނީ 1818 ވަނަ އަހަރު ސެނެފެލްޑަރ،  އޭނާ އެކަން ކުރާގޮތް ފޮތެއްގައި ލިޔެ ޝާއިޢުކުރުމުންނެވެ. 1921 ވަނަ އަހަރު، ހިލަ ޗާޕުކުރާ ގޮތާ ބެހޭ ފޮތެއް ފަރަންސޭސިބަހުން އިނގިރޭސި ބަހަށް ތަރުޖަމާކުރުމާ ގުޅިގެން ގިނަ އިނގިރޭސީންނަށް އެކަން އެނގިގެން ދިޔައެވެ. އެ ފޮތް މި ލިންކުން ކިޔުއްވޭނެއެވެ. މި ފޮތުތައި، ޗާޕުކުރަން ބޭނުންކުރާ ދެއްޔާއި މެޝިނާއި ކެމިކަލްތައް ހަދާނޭގޮތް، ބޭނުންވާ މީހަކަށް އެކަން ކުރެވޭނޭ ތަފްޞީލާއެކު ހިމެނިގެން ވެއެވެ. ހިލަ ޗާޕުގައި ބޭނުންކުރަނީ ވަރަށް ކީލި ހިމުން އޮމާން ހިރި ފާޑުގެ ހިލައެކެވެ. މި ހިލައަކީ ފަސޭހައިން ފެން ވެސް އަދި ތެޔޮ ވެސް އޭގައި ހިފާ ނުވަތަ ތަތްލާ ހިލައެކެވެ. ލިތޯ ނުވަތަ ހިލަޗާޕުކުރެވެނީ ތެލާއި ފެނަކީ ޠަބީޢީ ގޮތުން އެކުނުވާ ދެއެއްޗެއްކަމުން މި ޠަބީޢީ ސިފަ ބޭނުންކޮށްގެންނެވެ.  ހިލަ ވަރަށް ބޮޑަށް އޮމާން ކުރުމަށް ފަހު، ތެޔޮ ނުވަތަ ސަރުބީ ހުންނަ ދެއްޔަކުން އޭގައި ކުރަހަނީއެވެ. އާދެ! އިދިފުށަށެވެ. މިކަމަށް ތެޔޮ ދެލި ހުންނަ ފަންސުރު ފަދަ ތަކެތި ހަދާފައި ހުރެއެވެ.

އެއްޗެއް ލިޔާނަމަ، މި ޒާތުގެ ޗާޕު އެންމެ ފުރަތަމަ ކުރި ދުވަސްވަރު ހިލައިގައި ލިޔަންޖެހެނީ އަކުރުތައް އިދިފުށަށެވެ. އެހެންނޫނީ ޗާޕުކުރުމުން ހުންނާނީ އަކުރުތައް ނުބައިފުށަށެވެ.

ހިލަގަނޑުގައި ކުރަހައި ނުވަތަ ލިޔެ ނިމުމުން، ހިލަގަނޑު ކުޑަކޮށް  ހުތާއި ގިޔުޅިލާށި ގިރުވާފައިވާ ފެނުން ތެއްމާލަނީއެވެ. ތެޔޮ ދެލިން ކުރަހާފައިވާ ތަންތަނަކު ފެނެއް ހަރެއް ނުލައެވެ. އެއީ ފެނާއި ތެލަކީ ޠަބީޢީ ގޮތުން އެކުލަވާ ދެ އެއްޗަށް ނުވާތީއެވެ. މިއަށްފަހު، އޮލަ ތެޔޮ ދެލި އުނގުޅާފައިވާ ރޯލަރެއް ނުވަތަ ފޮއިއެއް ހިލަގަނޑުގެ މަތީގައި ހިންގާލަނީއެވެ. މި ތެޔޮ ހަދަނީ ބައްތީން އަރާދުން އެއްޗެއްގައި ޖައްސައި، ހިމުން ގެދަބުޅި އުފައްދައި އެއަށް ދަވާދުތެޔޮ (ކީއްތާނި ތެޔޮ) އަޅައިގެންނެވެ.  ހިލަ މަތީ ފޮއި ހިންގުމުން ފޮއިގައި ހުރި ދެލި ހިފާނީ، ހަމައެކަނި ތެޔޮ ގަލަމުން ކުރެހި ތަންތަނުގައެވެ. އެއީ ތެލާއި ތެލަކީ އެކުވާ ދެއެއްޗަކަށް ވާތީއެވެ. އެއަށް ފަހު، ކަރުދާސް ގަނޑެއް ހިލައިގެ މަތީގައި ބާއްވައި، ބޮޑު ދައްޗަކުން ކަރުދާސްގަނޑާއި ހިލަގަނޑު ފިއްތާލަނީއެވެ. ކަރުދާސްގަނޑު ހިލަގަނޑުގައި އޮމާންކޮށް ޖެހުމަށް ފަސޭހައަކަށް ތުނި ރަޖާގަނޑެއް ފަދަ ފަށަލައެއް ކަރުދާސްގަނޑުގެ މަތީގައި ބާއްވައެވެ. ދެން ބޮޑު ދައްޗެއްގެ މަތީގައި ބާއްވައި، އޮބިއެޅުމުން، ހިލައިގައި ހުރި ކުރެހުމާއި ލިޔުންތައް ކަރުދާސްގަނޑަށް އަރައެވެ. އެއަށް ފަހު، އަލުން އެވީ، ހިލަގަނޑުގައި ފެން ހާކައި ދެލި ރޯލަރު (ފޮއި) ހިންގާލާށެވެ. މިއަށް ފަހު، އަނެއްކާ އައު ކަރުދާސްގަނޑެއް ބާއްވައި، ކުރިން ބުނިގޮތަށް ޗާޕުކުރަނީއެވެ. މިގޮތަށް ޗާޕުކުރާ ހިލަގަނޑު ފިއްތަން ގެންގުޅޭ ދައްޗަށް ޕްރެސް (ދަތި) ކިޔާތީ، ޗާޕުޚާނާއަށް ވެސް ޕްރެސް ކިޔައެވެ. ބައެއް ޕްރެސްގައި ފިއްތަނީ ބޮޑު މަތައެއް އަޅައިގެންނެވެ. އަނެއްބައި ޕްރެސްގައި ފިއްތަނީ އިސްކުރު އަނބުރައިގެން ރޯލަރަކާއި ހިލަގަނޑު ފިއްތައި ހިފެހެއްޓުމަށް ފަހު، ސޯބު މެދުވެރިކޮށް ހިލަ ދެކޮޅަށް ދުއްވައިގެންނެވެ. ތިރީގައި އެވަނީ ލިތޯ ޗާޕުކުރާ މެޝިނެވެ. ބައެއް ޕްރެސްތަކުގައި ދަގަނޑު ބޭނުންކޮށްފައި ވިއަސް، ފުރަތަމަ އަހަރުތަކުގައި ބޭނުންކުރީ ލަކުޑިން ހަދައިފައިވާ ޕްރެސް ނުވަތަ ދައްޗެވެ.

ރާއްޖޭގައި ހިލަޗާޕުކުރަން ފެށުން

1843 ވަނަ އަހަރު އިންޑިއާގެ ޙުސައިނީ ޗާޕުޚާނާއިން ނެރެފައިވާ ސިކަންދަރުނާމާ. މި ފޮތް ޗާޕުކޮށްފައިވާ ތަން ފެނުނު ދިވެއްސަކަށް ތާނަ ވެސް ހަމަ މިގޮތަށް ޗާޕުކުރެވޭނެކަން އޮޅުން ފިލާނެއެވެ. ހިލަ ޗާޕު އީޖާދު ކުރިތާ މާ ގިނަ އަހަރެއް ނުވަނީސް އެގޮތަށް ޗާޕުކުރުން އިނގިރޭސީން އަޅުވެތިކޮށްފައިވާ ިއިންޑިއާ އަށް ތައާރަފު ކުރެވުނެވެ. ލަފާކުރެވޭގޮތުން، ލިތޯ ޗާޕުން އެންމެ ފުރަތަމަ ކުރެވިފައިވާނީ ކީރިތި ޤުރްއާން އެވެ. އެއީ އަތުލިޔުން ފަސޭހައިން ޗާޕަށް ބަދަލުކުރެވޭނޭ އެހެން ގޮތެއް އެ ދުވަސްވަރު ނެތީމައެވެ. އަކުރުތައް މަޢުދަނުން ހަދައިގެން އުރުދޫ އާއި ޢަރަބި،  ލިތޯ ޗާޕު ޢާއްމުވުމުގެ ކުރިން ލެޓަރޕްރެސް އިން ޢަރަބި އަދި ފާރިސީ ވެސް ޗާޕުކުރަމުން ގޮސްފައި ވެއެވެ. ނަމަވެސް، ލެޓަރޕްރެސް އަކުުރުތަކުގައި އަތުލިޔުމުގެ ރީތިކަމެއް ނުހުންނާނެއެވެ.  ލިތޯޗާޕު ތަޢާރުފުވުމުގެ ކުރީގައި ރާއްޖޭގައި ވެސް އަދި ބޭރު ޤައުމުތަކުގައި ވެސް މުޅިންހެން ހުންނާނީ އަތުން ލިޔެފައިވާ ޚަތިމެވެ. މިކަމަށް ޚާއްޞަ މީހުން ތިބެއެވެ. އިސްލާމީ ޤައުމުތަކުގައި ޗާޕު ކުރިނޭރި އެއް ސަބަބަކީ، ޢަރަބި ލިޔުންތެރީން އެމީހުންގެ ވަޒީފާ ގެއްލިދާނެތީ ޗާޕު މެޝިން ތަޢާރަފުކުރަން ދެކޮޅު ހެދުމާ އެކު، މި މީހުންގެ ނުފޫޒުން ކީރިތި ޤުރްއާން ޗާޕުކުރުމަކީ ބިދުއާއެއް ކަމަށް އެ ދުވަސްވަރު ނެރުނު ފަތުވާއެވެ.

ދިވެހިރާއްޖޭގައި ހިލަޗާޕުކުރަން ފެށުމާ ބެހޭ ތާރީޚް އޮޅުން ފިލަނީ 15 ޖަނަވަރީ 2016 ގައި ނެރުނު ދިވެހި ޑައިޖެސްޓްގެ 47 ވަނަ އަދަދުގައި މާކުރީގެ ދުވަސްވަރަކު ނެރުނު ”އަމާޒު“ މަޖައްލާއަށް ފަސް އަހަރު ވެގެން 1977 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 19 އިން 20 އަށް ބޭއްވުނު ސެމިނާރަކަށް ހޯރަފުށީ އަޙްމަދު ވަޙީދު ޢަލީ ލިޔުއްވި ކަރުދާހަކުންނެވެ. މި ކަރުދާސް އެއްކޮށް، ފަހުން ނުކުތް ޢަދަދުތަކަށް ބަހާލައިގެން، ”ދިވެހި ޑައިޖެސްޓް“ މި މަޖައްލާގައި ވާރެޔާފުށީ ޢަލީ ޙުސައިންގެ ތަފްސީރަކާ އެކު ނަކަލުކޮށްފައި ވެއެވެ. އެ ލިޔުމުން ޢަލީ ޙުސައިން ކުށް ދައްކަވާފައި ވެސް ވެއެވެ. އެ ކަރުދާހުގައިވާ ގޮތުން ރާއްޖޭގައި އެންމެ ފުރަތަމަ ޗާޕުގެ މަސައްކަތް ފެށުނީ 1891 ވަނަ އަހަރު، އައްޑޫ އަތޮޅު ހުޅުދޫގައި ކަމަށް ބަޔާންކޮށްފައި ވެއެވެ. އެކަން ފެއްޓެވީ އައްޑޫ ފަނޑިޔާރު ތަކުރުފާނުގެ ދޮންމަނިކު އެވެ. ރަސްމީ ނަމަކީ އިބްރާހީމް ބަހާއުއްދީނު އެވެ. އޭނާއަކީ ރާއްޖެއިން ބޭރުގައި ތަޢުލީމު ޙާޞިލުކުރެއްވި ބޭކަލެކެވެ. އޭނާ ނިޔައުވީ 3 ޖުލައި 1932 ގައެވެ. އެއިރު އޭނާގެ ޢުމުރުން 67 އަހަރާއި 11 މަސް ވެއްޖެއެވެ. އަޙްމަދު ވަޙީދުގެ ކަރުދާހުގައި އޭނާ ޗާޕުކުރެއްވި ދެ ފޮތެއްގެ ނަން ގަނެފައި ވެއެވެ. އެއީ ރިސާލަތު އާއި މަޛްހަބުލްޤަވާޢިދު ފީ މުޙައްމާތުލް ޤަވާޢިދު އެވެ. މި ދެފޮތް ޗާޕުކުރެވިފައިވާ ތާރީޚެއް އަޙްމަދު ވަޙީދު ލިޔުއްވާފައެއް ނުވެއެވެ. ތިރީގައި އެވަނީ އެ މެޝިނުގެ ފޮޓޯއެކެވެ.  ރާއްޖެއަށް ޗާޕުކުރާ މެޝިނެއް ގެނެވުނީ އެ އީޖާދުކޮށް އިންޑިއާއަށް ފެތުރުނުތާ 70 ވަރަކަށް އަހަރު ފަހުންނެވެ.

ދޮންމަނިކު ނިޔާވުމުގެ ކުރީގައި އޭނާ ރާއްޖެ ގެންނެވި މެޝިނު ވަޤުފްކުރެއްވުމާގުޅިގެން މާލެ ގެނެވި، މަޠްބަޢަތުލްއަމީރިއްޔާ (އަމީރިއްޔާ ޗާޕުޚާނާ) ގެ ނަމުގައި 20 ނޮވެމްބަރ 1926 ގައި ސަރުކާރުގެ ޗާޕުޚާނާއެއް ހުޅުވުނެވެ. މިކަމުގައި އިސްވެ އުޅުއްވީ މައްޗަންގޮޅީ ގަނޑުވަރު މަނިއްޕުޅު (ޢަބްދުﷲ ޢިމާދުއްދީނު) އާއި ޙުސައިން ޞަލާޙުއްދީނެވެ. އެތަނުން އެންމެ ފުރަތަމަ ޗާޕުކުރެއްވީ އަންނަނިވި ލިޔުންކަމަށް”50 އަހަރުގެ ދިވެހި ނޫސްވެރިކަން“ މިފޮތަށް ޙަވާލާދީ ޑައިޖެސްޓް މަޖައްލާގައި ޢަލީ ޙުސައިން ލިޔުއްވާފައި ވެއެވެ. މި ލިޔުން ޗާޕުކުރި ތާރީޚް ދިމާވަނީ ޑިސެމްބަރު 1926 އާއެވެ. މުޙައްމަދު އަމީން ދައުރުގެ މި ޗާޕުޚާނާގެ ނަން ބަދަލުވެ އިތުރު ލިތޯ މެޝިނެއް ހޯއްދެވިއެވެ. މި ދުވަސްވަރު ނެރެވުނު ބޮޑު ނޫސް ”ސަރުކާރުގެ ޚަބަރު“ ޗާޕުކުރީ ބޮޑު މެޝިނުންނެވެ.

— — —

— — —

— — —

ސްޓެންސިލް އިން ޗާޕުކުރުން

ހިލަ ޗާޕަކީ ދަތި ލަސް ޗާޕެކެވެ. އައު ޞަފުޙާއެއް ޗާޕުކުރުމަށް ހިލަގަނޑު ގާނައި އޮމާންކުރުމާއި، ލިޔުންގަނޑު ހިލައަށް އެރުވުމާއި، ކޮންމެ ކޮޕީއެއް ނެގުމުގެ ކުރިން ހިލައިގައި ދެލި އުނގުޅުމާއި، ކަރުދާހާއި ހިލަގަނޑު ފިއްތުމަކީ ވަގުތާއި ބާރު ބޭނުންވާކަމެކެވެ. މި ބާވަތުގެ ޗާޕު ޢާއްމުކޮށް ކުރާ ނަމަ، ދާހިއްލައި ވަރުބަލިވާނެއެވެ. ރާއްޖޭގައި ބޭނުން ކުރި ދެ ހިލަޗާޕު މެޝިނަކީ އިލެކްޓްރިކުން އެއްވެސް ކަމެއްވާ މެޝިނެއް ނޫނެވެ. އެހެން ކަމުން ހިލަޗާޕަށް ވުރެ ފަސޭހައިން ޗާޕުކުރެވޭނެ ގޮތެއް ފެނިއްޖެނަމަ، އެކަމަށް ދިވެހީން އެނބުރޭނެއެވެ. މިގޮތަށް މިކަން ވެފައިވަނިކޮށް، މުޅި ދުނިޔެއަށް އިސްޓެންސިލް ނުވަތަ ސްޓެންސިލްގައި ލިޔެގެން ޗާޕުކުރާ ގޮތެއް ތަޢާރުފުވިއެވެ.

ސްޓެންސިލްގައި ލިޔެގެން ޗާޕުކުރާގޮތް އީޖާދުކުރީ ހަންގެރީގެ މީހެއް ކަމަށްވާ ޑޭވިޑް ގެސްޓެޓްނަރ އެވެ. މީނާ މިކަންކުރާގޮތް ޕޭޓެންޓް އެއްގެ ގޮތުގައި ރަޖިސްޓްރީ ކުރީ 1879 ގައެވެ. އެއީ ރާއްޖެއަށް ހިލަޗާޕު މެޝިނު ގެނައުމުގެ ކުރީންނެވެ. 1905 ވަނަ އަހަރު އިނގިރޭސި ވިލާތުގައި އޭނާ އީޖާދުކުރިގޮތަށް ޗާޕުކުރާނެ މެޝިން ހަދާނޭ ކާރުޚާނާއެއް ހެދިއެވެ. ފަހުން ހިނގި 80 ވަރަކަށް އަހަރު މި ބާވަތުގެ މެޝިން މުޅި ދުނިޔެއަށް ފެތުރިގެން ދިޔައެވެ.

ގެސްޓެޓްނަރގެ އީޖާދަކީ، ގުޑިހިއްޕާ ކަރުދާސް ގަނޑެއްގެ އެއް ފަރާތުގައި، ހޫނުކޮށްގެން ދިޔާކޮށްފައި ހުންނަ އުށް ލުމެވެ. ހިކުމުން، ދަގަނޑު ހިމަ ކައްޓަކުން މި ކަރުދާސް ގަނޑު ނުވަތަ ޓިޝޫގައި ލިޔެ ނުވަތަ ކުރަހަނީއެވެ. ކަށި ޖެހޭ ތަންތަނުން އުށް ފަށަލަ ނެގި އަޑީގައިވާ ގުޑިހިއްޕާ ކަރުދާސް ގަނޑާ ހަމައަށް ފޫދެއެވެ.  ފަހަކަށް އައިސް ތަޖުރިބާގެ މަގުން އޮޅުން ފިލީ، ގުޑިހިއްޕާ ކަރުދާހަށް ވުރެ، ކަފަ ، ކީއްތާނި، ބާވަތެއްގެ ފަތްކެޔޮ ފަތުގެ (މެނިލާ ހެމްޕު) ނަރު ފަދަ ދިގު ނަރު  ހުންނަ ތަކެތީން ހަދާފައި ހުންނަ ކަރުދާސް މާރަނގަޅު ކަމަށެވެ.  އުށުގެ ބަދަލުގައި ފަހަކަށް އައިސް ލަނީ ތުނި ޕްލާސްޓިކް ފަށަލައެކެވެ. މި ކަރުދާސް ގަނޑަކީ ސްޓެންސިލް ނުވަތަ ސްޓެންސިލް އެވެ. ސްޓެންސިލްގައި ލިޔަނީ އަޑިއަށްއެކްސްރޭ ގަނޑެއް ފަދަ ހަރު އެއްޗެއް ލައިގެންނެވެ. އޭރުން އުށް ފަށަލަ ނެގިފައި ކަރުދާސް ގަނޑު ހުންނަނީ ކަށި ޖެހޭ ތަންތަނުން މުޅީން ފޫގޮއްސައެވެ. ކުށެއް ޖެހިއްޖެނަމަ، އެތަން ބައްދާލަން އަވަހަށް ހިކޭ އޮލަ ދިޔައެއް ގެންގުޅެއެވެ.

ސްޓެންސިލް އިން ޗާޕުކުރާ މެޝިނުގައި ދެ ބޮޑު ރޯލަރެއް ހުރެއެވެ. އަތުން ހެންޑެއްޔެއް އެނބުރުމުން ދެ ރޯލު އެއްކޮށް އެނބުރޭގޮތަށް ދިޔުޅިއެއް އަޅުވާފައި ހުރެއެވެ. ދެ ރޯލަރުގެ މަތިން މި ދިޔުޅީގައި ފަށުވި ރޮނދިން ހަދާފައިވާ ހިމަ ދައުގަނޑެއް ނުވަތަ އިސްކިރީނެއް އަޅުވާފައި ހުރެއެވެ. ޗާޕުކުރުމަށް ސްޓެންސިލް އަޅުވަނީ މި އިސްކްރީންގައެވެ. ދެން ރޯލަރަށް ދެލިއަޅައި އަނބުރާލުމުން، އިސްކްރީން އާއެކު ސްޓެންސިލް އެނބުރި އަޑީގައިވާ ރޯލަރަކާއި ޗާޕުކުރާ ކަރުދާސް ގަނޑާއި ތިރީ ފަލަ ރޯލަރާ ދެމެދަށް ފިތި، އިސްކްރީންގައި ހުރި ދެލި، ސްޓެންސިލްގައި ކެނޑިފައި ހުރި ތަންތަނުން ނުކުމެ ކަރުދާހުގައި ޖެހި ޗާޕުވެއެވެ. ފަހަކަށް އައިސް، ދެލި އަތުން ރޯލަރަށް އެޅުމުގެ ބަދަލުގައި ޕަންޕުލާފައި ހުންނަ މެޝިނާއި ކަރަންޓް މެޝިނު އީޖާދުކުރިއެވެ.

މަތީގައި އެވަނީ ފުރަތަމަ ޖީލުގެ ގެސްޓެޓްނަރ ޗާޕު މެޝިނެކެވެ. ތިރީ ރޯލަރު އަނބުރާ ހެންޑެލި ފާހަގަ ކުރައްވާށެވެ. އެ ރޯލަރު އެނބުރުމުން މަތީ ރޯލަރު އެނބުރެނީ ދެ ރޯލަރު އެކުގައި އެނބުރޭ ގޮތަށް ދިޔުޅިއެއް އަޅުވާފައި ވާތީއެވެ. މި ދިޔުޅި ފޮޓޯއިން ފެނެއެވެ. ދިޔުޅީގައި ހުންނަނީ ހިމުން ދައުގަނޑެއް ހަރުކޮށްފައެވެ. ސްޓެންސިލް އަޅުވަނީ މި ދައުގަނޑުގެ މަތީގައެވެ. މަތީ ރޯލަރުގައި ދެލި ޖެއްސުމުން ތިރީ ރޯލަރަށް ވެސް އެދެލި ފެތުރޭނެއެވެ. އެހެންވަނީ ފޮޓޯއިން ނުފެންނަ އިތުރު ކުޑަ ދެ ރޯލަރު ދެލި ފެތުރުމަށް ބޮޑު ދެރޯލަރުގެ ދެމެދުގައިވާތީ އެވެ. އެންމެ ތިރީގައި އެވަނީ ކަރުދާސްގަނޑާއި ސްޓެންސިލް ފިއްތާލާ ރޯލަރެވެ. ތިރީގައި އެވަނީ 1970ގެ ސްޓެންސިލުން ޗާޕުކުރާ މެޝިނެކެވެ.

1970 ގެ އަހަރު ތަކުގައި، ކުރިން ލިޔެފައިވާ ލިޔުމެއް ނުވަތަ ކުރެހުމެއް ސްޓެންސިލްއަށް ކަނޑާނެގޭ ގޮތް އީޖާދުކޮށް ޢާއްމު ކުރިއެވެ. މިކަން ކުރާ ގޮތަކީ، ބޮޑު ރޯލަރެއްގައި ކުރިން ލިޔެ ނުވަތަ ކުރަހާފައިވާ ގަނޑެއް އަޅުވަނީއެވެ. ސްޓެންސިލް އަޅުވަނީ މި ރޯލަރުގެ އަނެއް ކޮޅުގައެވެ. ދެން މި ގަނޑާއި ކައިރީގައި ޖައްސަނީ ބޮތްކަކާއި ބޮޑުވާ ބިއްލޫރި ލާފައި ހުންނަ ފޮޓޯސެލް އެކެވެ. މިފޮޓޯސެލް އަށް ކަޅުތަންތަނާއި ހުދު ތަންތަން ފާހަގަ ވެއެވެ. ސްޓެންސިލާއި ކުރިން ކުރެހި ގަނޑު އަޅުވާފައިވާ ރޯލަރު ދެން އަނބުރަނީއެވެ. އެނބުރޭއިރު ފޮޓޯސެލް އިން އުފައްދާ ކަރަންޓު ކަރުދާސް ގަނޑުގައިވާ ހުދާއި ކަޅުތަންތަނުން ތަފާތު ވެއެވެ. މި ކަރަންޓު ގަދަކޮށް، ސްޓެންސިލްގައި ކައްޓެއް ޖައްސައިގެން ސްޕާރކް ނުވަތަ އަލިފާންކަނޑާ ގޮތް ހަދައެވެ. އަލިފާން ކަނޑާއިރު، ސްޓެންސިލް، ކުރެހުމާ އެއްގޮތަށް ފޫދެއެވެ. ފޮޓޯސެލް އާއި ކަށި އެއްވަރަކަށް ރޯލު އެނބުރޭއިރު ކަރުދާސްގަނޑުގެ އެއްކޮޅުން އަނެއްކޮޅަށް ދަތުރު ކުރެއެވެ. މިގޮތަށް ސްޓެންސިލް ކެނޑުމަށް ކިޔަނީ ސްކޭން ކުރުމެވެ. ސްކޭންކުރަން ބޭނުންކުރާ ސްޓެންސިލް ހުންނަނީ ކަރަންޓު ދަތުރުކުރާނެ ހެން، އަޑީ ފަށަލައިގައި ކާރބަން ނުވަތަ ދެލިކުނޑި ހާކާފައެވެ.

— — —

މަތީގައިވާ ފޮޓޯގައި އެވަނީ، ސްޓެންސިލް ލިޔަން ގެންގުޅޭ ކައްޓާއި ސްޓެންސިލް އެވެ. ސްޓެންސިލްގައި ލިޔަނީ އޭގެ އަޑިއަށް ޕްލާސްޓިކް ގަނޑެއް ލައްވައިގެންނެވެ. ތިރީގައި އެވަނީ ގެސްޓެޓްނަރ ސްކޭނަރެކެވެ. ފޮޓޯއެއް ލިޔުމެއް ނުވަތަ ކުރެހުމެއް ހިމެނޭ ގަނޑެއް މީގެ ރޯލަރުގައި އަޅުވާ ތަފާތު ބާވަތެއްގެ ސްޓެންސިލްއެއް ކަނާތް ފަރާތުގައި އަޅުވައި މެޝިން ހިންގަނިކޮށް، ސްޓެންސިލް ކަރަންޓުން ކަނޑާލަނީ ކަރުދާސްގަނޑުގައިވާ ތަޞްވީރާ  ދާދި އެއްގޮތަށެވެ.

ރާއްޖޭގައި ސްޓެންސިލުން ޗާޕުކުރަން ފެށުން

ހިލަ ޗާޕަކީ ވަރަށް ލަސް ޗާޕެކެވެ. ލަހުން ޗާޕުކުރެވޭ މައިގަނޑު ސަބަބަކީ، ހިލަގަނޑުގައި ކޮންމެ ފަހަރަކު ފެންލައި، ދެލި ހާކަން ޖެހޭތީ އާއި، ހަމައަށް ކަރުދާސްގަނޑުގައި ހިލަ ޖައްސަން ޖެހޭތީއެވެ. އެއްޗެއް އަނބުރައިގެން ޗާޕުކުރެވޭ ގޮތް އަވަސް ވާނެއެވެ. ހިލަ ޗާޕުކުރާ ނަމަ، 500 ވަރަކަށް ކޮޕީ ޗާޕު ކުރުމަށް އެއް މެންދުރުފަހެއް މުޅިންހެން ހޭދަވާނެއެވެ. ނަމަވެސް ސްޓެންސިލް އިން ޗާޕުކުރާ ނަމަ، ސްޓެންސިލް ލިޔުމާއެކު ދޮޅުގަނޑިއިރުން 500 ކޮޕީ ޗާޕުކުރެވޭނެއެވެ. ގިނަ ވަގުތު ދާނީސްޓެންސިލް ގައި ލިޔުމަށެވެ.

ރާއްޖެއަށް ސްޓެންސިލް ޗާޕު ތަޢާރުފުވީ ކޮން އަހަރަކު ކަމެއް ޔަޤީނެއް ނޫނެވެ. ނަމަވެސް، ސްޓެންސިލް އިން ޗާޕުކޮށްފައިވާ ތަކެތި 1950 ގެ އަހަރުތަކުގައި ރާއްޖެއަށް ޢާއްމުވިއެވެ. ”ވިޔަފާރި މިއަދު“ ގެ ނަމުގައި ސަރުކާރުން ޗާޕުކުރި ނޫސް، 1956 ގައި ޝާއިޢުކުރަން ފަށާފައިވަނީ ސްޓެންސިލް ޗާޕުންނެވެ. އޭގެ ދެތިން އަހަރު ކުރިން ވެސް، މި ބާވަތުގެ ޗާޕު ރާއްޖޭގައި ކޮށްފައިވާނޭ ކަން ޔަޤީން އެވެ.

ސްޓެންސިލް ޗާޕުކުރާ މެޝިނަކީ ގާތްގަޑަކަށް ދެ ފޫޓު ދެ ފޫޓު ހުންނަ މޭޒެއްގެ މަތީގައި ބެހެއްޓޭހާ ކުޑަ މެޝިނެކެވެ. އަގު ނިސްބަތުން ކުޑަވެފައި މަސައްކަތް ލުއިވެފައި ސާފުވެފައި އަދި އަވަސް މެއެވެ. ޗާޕުކުރަން ބޭނުންވާނީ އެންމެ މީހެކެވެ. އެހެންކަމުން، ސްޓެންސިލް ޗާޕު ތަޢާރުފުވުމާ ގުޅިގެން ހިލަ ޗާޕު މުޅިންހެން އުވިގެން ދިޔައެވެ. އަޅުގަނޑަށް ފެނިފައިވާ އެންމެ ފަހުގެ ހިލަ ޗާޕަކީ، 1953 ވަނަ އަހަރު މުޙައްމަދު އަމީންގެ ވެރިކަން ވައްޓާލުމަށް ފަހު، އެކަމުގައި އުޅުނު ފަރާތްތަކުން”ޙަޤީޤީ މިނިވަން ދުވަސް“ މިނަމުގައި ނެރެފައިވާ ”ސަރުކާރުގެ ޚަބަރު“ގެ ޙާއްޞަ ޢަދަދެކެވެ. ސްޓެންސިލް ޗާޕުގެ މައްސަލައަކީ، ހިލަޗާޕުހާ ރީތި ނޫންކަމެވެ. މިކަން، ހިލަ ޗާޕުންކޮށްފައިވާ ފޮތެއް، މިސާލަކަށް ސިޔަރަތު އާއި ސްޓެންސިލުން ޗާޕުންކޮށްފައިވާ ފޮތަކާ މިސާލީ ”ދިވެހިބަހުގެ ރަންތަރި“ އާ އަޅާ ކިޔުއްވުމުން ޤަބޫލުފުޅު ކުރެއްވޭނެއެވެ. އަކުރުތައް ފޭދުން ކުޑަވެފައި، ދެލީގެ ކަޅުކަން ނުހަނު ގަދަވާނެއެވެ. މިއާއެކު، ސްޓެންސިލް ޗާޕުކުރެވެނީ އެންމެ ބޮޑުވެގެން ސްޓެންސިލް ގެ ބޮޑުމިނަށެވެ. އެއީ ތޭރަބައި އިންޗިއާއި އަށެއް ބައި އިންޗީގެ ބޮޑުމިނަށެވެ. ހިލަ ޗާޕު ހިލަގަނޑުގެ ބޮޑުމިނަށް ކުރެވޭނެއެވެ.

ސްޓެންސިލް ޗާޕުކުރުން ރާއްޖޭގައި 1950 ގެ އަހަރުތަކުން ފެށިގެން 2000 ގެ އަހަރުތަކާ ހަމައަށް ދެމިގެން ދިޔައެވެ. ޗާޕު މެޝިން އަގުހެޔޮ ކަމުން އެތައް މީހުންނެއް ކުދިކުދި ޗާޕުޚާނާތައް އުފައްދައިގެން ޗާޕުކުރަމުން ދިޔައެވެ. ފަހަކަށް އައިސް ސްޓެންސިލް ޗާޕު އެންމެ ގިނައިން ކުރަނީ ސްކޫލްތަކުގައެވެ. އެއީ އިމްތިޙާނު ކަރުދާހާއި ކިޔަވައިދިނުމަށް ބޭނުންވާ ތަކެތި ޗާޕުކުރުމަށެވެ. ލަފާކުރެވޭ ގޮތުން އަޅުގަނޑަށް ވެސް 1000 ވަރަކަށް ސްޓެންސިލް ލިޔެވިފައި ވާނެއެވެ. އަދި އެތައް ހާސް ކޮޕީއެއް ކުރުމަށް ޗާޕުމެޝިން ހިންގިފައިވާނެއެވެ. 2000 ގެ އަހަރުތައް ފެށުމާއެކު ފުޅާގޮތެއްގައި ފޮޓޯކޮޕީ މެޝިން ތަޢާރަފު ވިއެވެ. އަދި ސްޓެންސިލް ޗާޕަށް ވެސް ވަރަށް ބޮޑު ކުރިއެރުމެއް އައެވެ. 1986 ގައި، ޖަޕާނުގެ ފޮޓޯކޮޕީ މެޝިން ހަދާ ބައެއް (ރިކޯ) ގެސްޓެޓްނަރ ކުންފުނި ގަނެ، އޮޓޮމެޓިކުން ސްކޭންކޮށް ޗާޕުކުރެވޭ މެޝިނެއް އުފެއްދިއެވެ. މި މެޝިން މަޝްހޫރުވެގެންވަނީ ރިސޯގްރާފް ގެ ނަމުގައެވެ. އެހެން ކުންފުނިތަކުން ވެސް މީގެ މެޝިން ތައްޔާރު ކުރެއެވެ. މެޝިންގެ މަތީގައި ލިޔެފައިވާ ގަނޑެއް ބޭއްވުމުން، އަމިއްލައަށް ސްކޭންވެ، ސްޓެންސިލް ކެނޑި ބޭނުންވާ ޢަދަދެއްގެ ކޮޕީ ޗާޕުކުރެވެއެވެ. 50 ކޮޕީއަށް ވުރެ ގިނައިން ކޮޕީ ނަގާނަމަ، މިހާރު ވެސް (2019 ވަނަ އަހަރު) ރިސޯގްރާފް ފަދަ މެޝިން ގާތްގަޑަކަށް ޑަބަލް ޚަރަދު ކުޑަވާނެއެވެ.

ލެޓަރޕްރެސް ޗާޕު ރާއްޖޭގައި ކުރުން

ރާއްޖެއަށް 1970 ގެ އަހަރުތަކުގައި ލެޓަރޕްރެސް އެއް ގެނެއެވެ. ލެޓަރޕްރެސް އަކީ މަޢުދަނުން ހަދާފައި ހުންނަ ވަކި އަކުރުން ފޮޅުވަތްތައް އަދި ޞަފުޙާތައް އެކުލަވާލައިގެން ޗާޕުކުރާ، އެންމެ ފުރަތަމަ އީޖާދު ކުރި ގޮތަށް ޗާޕުވާ މެޝިނެކެވެ. މާލެގެނައީ އަތުން އުފުލާލެވޭ ވަރުގެ ކުދި ލެޓަރޕްރެސް ހަދާ ކުންފުންޏަކުން ހެދި ތަންކޮޅެއް ބޮޑު، އޭ4 ގެ ގަނޑެއް ކުރެވޭ ވަރުގެ މެޝިނެކެވެ. ކުންފުނީގެ ނަމަކީ އަޑާނާ އެވެ. އަޅުގަނޑު މި މެޝިނު 1975 ވަނަ އަހަރު ދުށް ހަނދާން ވެއެވެ. އެއް ދުވަސްވަރެއްގައި، އިލެކްޓްރިކް ބިލް ޗާޕުކުރީ މި މެޝިނުންނެވެ. ޗާޕުކުރި ދުވަސްވަރު ލެޓިން އަކުރު އިބްރާހީމް ނާޞިރު ތަޢާރުފުކޮށްފައިވާތީ ބިލްކޮށްފައިވަނީ ލެޓިން އަކުރުންނެވެ.

ނޮވެލްޓީ ޗާޕުޚާނާ އުފެއްދެވި ޢަލީ ޙުސައިން، ”ދިވެހި ޑައިޖެސްޓް“ ގެ 53 ވަނަ ޢަދަދުގައި (21 މާރޗް 2016 ގައި) ލިޔުއްވަމުން ވިދާޅުވެ އެވެ. ”އަކުރުތައް އަތުރައިގެން ޗާޕުކުރާ ލެޓަރޕްރެސް މެޝިނަކާއި އޮފްސެޓް ޗާޕްމެޝިނެއް ރާއްޖެއަށް ގެންނެވީ އިބްރާހީމް ނާޞިރުގެ ވެރިކަމުގައެވެ. އަޅުގަނޑު އެދުނު އެދުމަކާ ނުލައި އެ ދެމެޝިނު ވެސް ނާޞިރު ދެއްވީ އަޅުގަނޑަށެވެ. އޮފްސެޓް މެޝިން ހަލާކުވެ ދިޔައީއެވެ. ލެޓަރޕްރެސް މެޝިނު މިހާރުވެސް އަޅުގަނޑުގެ އަތުގައި އެބަހުއްޓެވެ. ރައްކާތެރިކަމާ އެކުއެވެ. ރާއްޖެއަށް ގެނައި ފުރަތަމަ ލެޓަރޕްރެސް މެޝިނުގެ ގޮތުގައެވެ.“ (ޞ. 29).  ޢަލީ ޙުސައިން ލެޓަރ ޕްރެސް އިން ތާނަ ޓައިޕްކުރުމަށް ތާނައިގެ ވަކި އަކުރުތަކެއް ކޮޅުބުން ހައްދަވައިގެން ޗާޕުކޮށްފައިވާ ގަނޑެއް އަޅުގަނޑު ދުށީމެވެ. ނަމަވެސް، އަކުރުތައް ހަދާފައިވަނީ ބޮޑު އަކުރު ކުޑަކޮށްގެން ކަމުން އަކުރުތައް ވަރަށް ހުތުރެވެ.

އޮފްސެޓް ހިލަޗާޕު

ހިލަޗާޕު ކުރި ގޮތް އީޖާދުކުރި ޖަރުމަނުގެ ސެނެފެލްޑަރ، އޭނާގެ ތަޖުރިބާތަކުން މުހިއްމު ކަމެއް ހޯދިއެވެ. އެއްކަމަކީ، ޗާޕުކުރުމަށް ކޮންމެހެން ކީލިހިމުން އޮމާން ހިލައިގެ ބަދަލުގައި އެހެން ތަކެތި ބޭނުން ކުރެވޭ ކަމެވެ. މިތަކެތީގެ ތެރޭގައި، އޮމާންކޮށް ޖަހާފައި ހުންނަ އުވަ އާއި ޖިޕްސަމް ބޯޑާއި، ބޯކަރުދާހާއި ޖަނަވާރުތަކުގެ ހަމާއި އަދި ތާން (ޝީޓުގޮތަށް ހުންނަ) އެލްމިނިއަމް އާއި ޒިންކު ވެސް ހިމެނެއެވެ. ނަމަވެސް، ގިނަ ކޮޕީ ޗާޕު ކުރުމުން، މިތަކެތީގައިވާ ލިޔުންތައް، ކަރުދާހުގައި އަބަދު ޖެހޭތީ ފުހެވިގެން ދެއެވެ.   ނަމަވެސް، މިފަދަ ތަކެއްޗަކީ ރޯލެއްގައި އޮޅާލެވޭ ތަކެތިކަމުން، މިއިން ޗާޕުކުރެވޭލެއް އަވަސްވާނެއެވެ.

މިހެން މިކަން ވެފައި ވަނިކޮށް، އިނގިރޭސިވިލާތުގެ ބާކްލޭ ކިޔާ މީހަކު، ދަޅު ހަދާފައި ހުންނަ ތުނި ޓިނުގައި (ޖަސްތުގައި) ޗާޕުކުރެވޭ ގޮތެއް، 1875 ގައި އީޖާދުކުރިއެވެ. މިކަން އޭނާ ކުރި ގޮތަކީ، ވަށް ރޯލަރެއްގައި ޚާއްޞަ ބޯ ކަރުދާހެއް އޮޅުމަށް ފަހު، ދެލި ހާކައިފައި ހުންނަ ހިލައިގައި ޖައްސަނީ މި ރޯލަރެވެ. މިހެން ހެދުމުން މި ރޯލަރަށް ހިލައިގައިވާ ދެލިގަނޑު އަރައެވެ. ދެން ޗާޕުކުރަން ޖެހޭ ދަޅުހަދާ ތުނި ޖަސްތުގައި ޖައްސަނީ މި ރޯލަރެވެ. ފަސް ވަރަކަށް އަހަރުގެ ތެރޭގައި ބޯކަރުދާހަށް ވުރެ، ރަބަރު މާ ރަނގަޅުކަމަށް ފާހަގަ ކުރެވި، ރޯލަރުގައި އޮންނަނީ ރަބަރު ފަށަލައެއް ލާފައެވެ. ޗާޕުގެ މަސައްކަތުގައި މި ރަބަރު ރޯލަރަށް ކިޔަނީ ބްލެންކެޓް (ރަޖާގަނޑު) އެވެ. ޗާޕުވާ މި ގޮތަށް އޮފްސެޓް ލިތޯގްރަފީ (އޮފް ސެޓް ހިލަޗާޕު) ކިޔައެވެ. އޮފްސެޓްގެ މާނައަކީ، މި ހާލަތުގައި، ނުސީދާ އެވެ. ހިލަގަނޑުން ޖަސްތުގައި ސީދާ ޗާޕުކުރުމުގެ ބަދަލުގައ، ހިލަގަނޑުގައިވާ ލިޔުންގަނޑު ރަބަރު ބްލެންކެޓަށް އަރުވައި، މި ބްލެންކެޓުން ޖަސްތުގައި ޗާޕުކުރުމެވެ.

ބާކްލޭ ގެ މެޝިނެއް އެމެރިކާގެ ރޫބެލް ނަމަކަށް ކިޔާ މީހަކު ގަނެގެން ގެންގޮސް ޗާޕުކުރުމުގެ ތެރޭގައި، 1904 ވަނަ އަހަރު އޭނާއަށް ފާހަގަ ކުރެވުނު ކަމަކީ، ޖަސްތުގެ ބަދަލުގައި ކަރުދާސް ގަނޑެއް ލުމުން ވެސް، ރަބަރު ރޯލަރުން، ހިލައަށް ވުރެ ސާފުކޮށް ކަރުދާހުގައި ޗާޕުވާކަމެވެ. އެއީ ރަބަރަކީ މަޑު އެއްޗަކަށް ވާތީ، ކަރުދާހުގެ އަޑިގުޑަންތަކުގައި ރަބަރު ޖެހި ފިތޭތީއެވެ. ހިލައެއް މިގޮތަށް ކަރުދާސްގަނޑުގެ އަޑިގުޑަންތަކަށް ފެތޭގޮތަކަށް ފަހެއްޔެއް ނުވާނެއެވެ. ކަރުދާހުގައި ޗާޕުކުރުމަށް، ރޫބެލް މިގޮތަށް މަސައްކަތްކުރާ މެޝިންތައް ހަދައި ވިއްކާއުޅުނެވެ. ދެން މާގިނަ ދުވަހެއް ނުވަ 1941 ވަނަ އަހަރު އެމެރިކާގެ މީހަކު، ހިލައިގެ ބަދަލުގައި ވަށް ރޯލަރެއްގައި މަޢުދަން ޝީޓެއް އަޅުވައިގެން އޮފްސެޓް ޗާޕުކުރަން ފެށިއެވެ. މި ޝީޓްގެ ވަޒީފާއަކީ ކުރިން ހިލައިން ކުރި ކަމެވެ. ޝީޓަށް ކިޔަނީ ޕްލޭޓް އެވެ.  ރާޅު ކަރުދާހުގައި ސީދާ ޝީޓް ނުޖެހޭތީ އެތައް ހާސްކޮޕީއެއް ނެގެއެވެ. ރޯލަރެއްގެ ގޮތަށް ޕްލޭޓް އެނބުރޭތީ އަވަސް މެއެވެ. ތިރީގައި އެވަނީ އޮފްސެޓް ޗާޕުކުރާގޮތް ދައްކުވައިދޭ ކުރެހުމެކެވެ.

މި ކުރެހުމުން ދައްކާދެވޭތޯ ބަލާފައި އެވަނީ އޮފްސެޓް ޗާޕުކުރާ ގޮތެވެ. ފަހަކަށް އައިސް، ހިލައިގެ ބަދަލުގައި ބޭނުންކުރަނީ އެލްމިނިއަމް، ބޯ ކަރުދާސް، ޕްލާސްޓިކް ފަދަ ތާން ޝީޓެވެ. މި ޝީޓަށް ކިޔާ ނަމަކީ ޕްލޭޓް އެވެ. ޕްލޭޓަށް ކުރެހުން ނުވަތަ ލިޔުންގަނޑު ނެގުމަށް ފަހު، އެ ދެން ޖެހެނީ ރަބަރު ރޯލަރެއްގައެވެ. ކަރުދާސް މި ރޯލަރާއި އެހެން ރޯލަރާދެމެދަށް ލައި ފިއްތާލުމުން، ރަބަރުގަނޑުގައިވާ ލިޔުމާއި ކުރެހުން ކަރުދާހަށް އަރައެވެ. ރަބަރު ފިތޭތީ، ކަރުދާހަށް ކުރެހުމާއި ލިޔުން އަރަނީ ވަރަށް ސާފުކޮށެވެ.

ޕޮއިޓެވިކް ކިޔާ ފަރަންސޭސި އަކު 1855 ވަނަ އަހަރު ހިލަ ޗާޕުގެ އައު ތަޖުރިބާއެއް ކުރިއެވެ. އޭނާއަށް ފާހަގަ ކުރެވުނީ ޕޮޓޭސިއަމް ބައިކްރޮމޭޓް ކިޔާ ކެމިކަލް ދިޔައަކާއި ކުކުޅުބިހުގެ ލޮނދި ހިލައިގައި ހޭކުމަށް ފަހު ހިކުމުން މި ކެމިކަލް ފަށަލައަށް އަލިން އަސަރު ކުރާކަމެވެ. އަލި ޖެހުމަށް ފަހު، ދޮވެފައި، ދެލި ރޯލަރު ހިންގާލުމުން، އަލި ޖެހުނު ތަންތަން ފިޔަވައި އެހެން ތަންތަނަކު ދެލި ނުހިފާކަމެވެ. އަލި ނުޖެހޭ ތަންތަނުގައި ފެން ހިފައެވެ. މިގޮތުގެ މަތީން، އަލި ބޭނުންކޮށްގެން، ފޮޓޯ އަދި ކުރެހުން ފަދަ ތަކެތި ހިލައަށް އަރުވައެވެ. ނަމަވެސް، އެ ދުވަސްވަރު މިކަމެއް ވައިގައި ހިފާގޮތެއް ނުވިއެވެ.  ރޯލަރެއްގައި އޮޅާލެވޭ ޕްލޭޓްއިން ޗާޕުކުރަން ފެށުމުން، ކެމިކަލް އާއި އަލި ބޭނުންކޮށްގެން ލިޔުންގަނޑު ޕްލޭޓަށް އަރުވަން ފެށިއެވެ. އެ ދުވަސްވަރު ޕްލޭޓް އުފައްދަނީ ވެސް ޗާޕުޚާނާއިންނެވެ. އޮފްސެޓް ޗާޕު ޢާއްމުވީ، ވަކި ކުންފުންޏަކުން، 3M ކުންފުނިން، 1951 ވަނަ އަހަރު އައުގޮތަކަށް ޕްލޭޓް ހަދަން ފެށުމުންނެވެ. މިގޮތުގައި ލިޔުންގަނޑާއި ފޮޓޯ އެންމެ ފުރަތަމަ ނެގަޓިވް އަކަށް ނަގައި، މި ނެގަޓިވް ކެމިކަލްލީ ޕްލޭޓް މަތީ ބާއްވައި ގަދަ އައްޔެއް އެޅުވުމަށް ފަހު، ގިޔުޅިލާށި ފެނުން އަލި ނުޖެހޭތަންތަން ފިލުވުމަށް ފަހު، އިތުރު ކެމިކަލުން ޕްލޭޓް ދޮވެ، އަލުން ގިޔުޅިލާށި ފެން އުނގުޅަނީއެވެ. ޗާޕުކުރާ މީހުންނާއި ޕްލޭޓް އުފައްދާ މީހުންނަކީ މިހާރު ދެ ބައެކެވެ. މިހާރަކަށް އައިސް، ކަރުދާހާއި ޕްލާސްޓިކް ޕްލޭޓް ވެސް ހުރެއެވެ. އަދި ނެގަޓިވް ނުލައި، ކޮމްޕިއުޓަރުން ޕްލޭޓަށް ލިޔުންގަނޑު ފޮނުވާ މެޝިން ހުރެއެވެ. ފެން ބޭނުން ނުވާ ޕްލޭޓް ވެސް ހުރެއެވެ. އެކާވީސް ވަނަ ޤަރުނުގެ ފުރަތަމަ އަހަރުތަކުގައި، ދުނިޔޭގައި އެންމެ ޢާއްމުކޮށް ގިނަ ކޮޕީ ޗާޕުކުރާ ގޮތަކީ އޮފްސެޓް ހިލަޗާޕަށް ވެފައި ވެއެވެ. އަދި މިބަޔާން ކުރެވުނު ފޮޓޯލިތޯގްރަފީ އަކީ، މޮބައިލް ފޯނާއި އެހެނިހެން އިލެކްޓްރޮނިކް ތަކެތީގައި ހުންނަ ޗިޕް އުފައްދާގޮތް ވެސް މެއެވެ.

ރާއްޖޭގައި އޮފްސެޓް ޗާޕުކުރަން ފެށުން

ކުރިން ބަޔާން ކުރެވުނު ފަދައިން، ރާއްޖެއަށް ފުރަތަމަ އޮފްސެޓް ޗާޕު މެޝިނެއް ގެނައީ 1970ގެ އަހަރުތަކުގައި އިބްރާހީމް ނާޞިރެވެ. އޭނާ އެ މެޝިން ވާރެޔާފުށީ ޢަލީ ޙުސައިން އަށް ދެއްވުމުން، މެޝިން ހަލާކުވަންދެން ބޭނުން ކުރީ ނޮވެލްޓީ ޗާޕުޚާނާގައެވެ. އެ ފަހުން ދެތިން ހަތަރު ޗާޕުޚާނާއަކުން އޮފްސެޓް މެޝިން ރާއްޖެއަށް ގެނެސް އޮފްސެޓް ޗާޕުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ.

އޮފްސެޓް ޗާޕަކީ ހިލަ ޗާޕަށް ވުރެވެސް ރީތި ޗާޕެކެވެ. މިއާއެކު އާދަޔާ ޚިލާފަށް އަވަސްވާނެއެވެ. ތާނައަކުރުތައް އަތުން ލިޔެފައިވާ ގޮތަށް ވަފާތެރިކަމާއެކު ޗާޕުކުރެވެއެވެ. އޮފްސެޓް ޗާޕު ބޮޑަށް ފުޅާނުވާ ސަބަބަކީ، ޕްލޭޓް ގެ އަގު ބޮޑުކަމާ އެކު، ގިނަ ޢަދަދުތަކުގެ ކޮޕީ ޗާޕުކުރަންޖެހޭ ހާލަތްތައް ރާއްޖޭގައި މަދުކަމެވެ. އޮފްސެޓް ޗާޕު  ތަޢާރުފުވުމާ އެކު، ދުނިޔޭގެ ގިނަ ޤައުމުތަކުން، ލެޓަރޕްރެސް ވެސް އުވިގެން ދިޔައެވެ. ލެޓަރޕްރެސް މިހާރު ބޭނުންކުރަނީ، ފަންނީ މަސައްކަތެއްގެ ގޮތުގައެވެ. މަޢުދަން އަކުރުތަކެއް ކަރުދާހާލާ ފިއްތާލާތީ އަކުރުތައް އަޑިއަށް ގޮސްފައި ހުރުމުގެ ސަބަބުން މިބާވަތުގެ ޗާޕުގައި ރީތިކަމެއް ހުރެއެވެ.

ނިންމާލުން

މި މަޒުމޫނުގައި އަޅުގަނޑު މިގެނެސްދިނީ ތާނައިން ޗާޕުކުރާ ގޮތްތަކުގެ ތާރީޚީ ތަފްޞީލުތަކެވެ. ކަމާ ބެހޭ ވަރަށް ގިނަ ލިޔުންތައް ކިޔުމުން ވެސް، ޖަވާބު ނުލިބޭ މުހިއްމު ދެ ސުވާލެއް ވެއެވެ. ފުރަތަމަ ސުވާލަކީ ތާނަ އަކުރުން ލިޔެ ފުރަތަމަ ޗާޕުކުރި ފޮތަކީ ކޮބައި ހެއްޔެވެ؟ އެއީ ކޮން އަހަރަކު ހެއްޔެވެ؟ ދެވަނަ ސުވާލަކީ މިފޮތް ރާއްޖެއިން ބޭރުން ކޮށްފައިވާނަމަ، ރާއްޖޭގައި ފުރަތަމަ ޗާޕުކުރި ތާނަ ހިމެނޭ ފޮތަކީ ކޮބައި ހެއްޔެވެ؟ ޖަވާބު އެނގިވަޑައިގަންނަވާނަމަ، ކޮމަންޓްގައި ލިޔުއްވުން އެދެމެވެ.

މި ސުރުޚީއަށް ދެން ލިޔާ މަޒުމޫނެއްގައި ބަޔާންކުރާނީ ތާނަ ޓައިޕްރައިޓަރު އުފެއްދުމާއި ކޮމްޕިއުޓަރުން ތާނަ ލިޔުމުގެ ތާރީޚީ ތަފްޞީލުތަކެވެ.

އެންމެ ފަހުގެ މަޒުމޫނުތައް