ކޮވިޑު ވަބާ އާއި މަތީތަޢުލީމު: ކުރާނޭ އަސަރުތަކާއި ހައްލުތައް

ކޮވިޑް ރޯގާ އާ ބެހޭ ގޮތުން އަޅުގަނޑު ލިޔަމުންދާ މަޒުމޫނުތަކުގެ ތެރެއިން މި ހަވަނަ މަޒުމޫނުގައި ގެނެސްދޭނީ، މި ޕޭންޑެމިކް (ނުވަތަ ބޮޑުރޯގާ/ވަބާ) އިން މަތީ ތަޢުލީމަށް ކުރާނޭ އަސަރާއި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކެވެ. ކުރީ މަޒުމޫނުތައް އަންނަނިވި ލިންކުތަކުން ފެނިވަޑައިގަންނަވާނެ އެވެ.

 

  1. ކޮރޯނާ ވައިރަސް — ތައާރަފެއް
  2. ކޮރޯނާވައިރަސް ރޯގާ — ދެންވާނީ ކިހިނެއް؟
  3. ކޮރޯނާވައިރަސްއަށް ޓެސްޓުކުރާގޮތް — އެންޓިބޮޑީ ޓެސްޓު
  4. ކޮރޯނާވައިރަސް އަށް ޓެސްޓުކުރާގޮތް — ޕީސީއާރު ޓެސްޓު
  5. ރާއްޖެތެރޭގެ ރަށްތައް ކޮރޯނާވައިރަސް އިން ރައްކާތެރިކުރުމަށް އަޅަންޖެހޭ އެންމެ މުހިއްމު ފިޔަވަޅު

 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ދުނިޔެއަށް ހަލުވިކަމާއެކު ފެތުރުނު ބޮޑުރޯގާ (ވަބާ) ނުވަތަ ކޮވިޑު އަކީ ޤައުމުތަކުގެ ހުރިހާ ޙަރަކާތްތަކަށް ކުއްލި ހުއްޓުމެއް ގެނައި މުސީބާތެކެވެ. ރޯގާގެ ސަބަބުން ދިރިއުޅުމަށް މީހުން ކުރާ މަސައްކަތްތަކަށް ވަރަށް ބޮޑު އަސަރުތަކެއް ކުރިއެވެ. ބައެއް ޞިނާޢަތްތައް މުޅިން ހުއްޓުމަކަށް އައެވެ. ގިނަ ޤައުމުތަކުގެ ރައްޔިތުން ގެއިން ބޭރަށް ނުކުމެ އުޅުން ހަފުތާކަކަށް މަނާކޮށް، އިޤްތިޞާދީ، އިޖްތިމާޢީ އަދި ތަޢުލީމީ ޙަރަކާތްތައް މެދުކަޑާލެވުނެވެ. ރާއްޖޭގައި ވެސް މީހުން ގެއިން ބޭރަށް ނުކުމެ އުޅުން މަނާކޮށްފައި އޮންނަތާ މިހާރު މަސް ދުވަސް ވެއްޖެއެވެ.

އަޅުގަނޑުމެން ހަނދާން ކުރަންވީ ކަމަކީ ދުނިޔެއަށް މިހާރު މި ދިމާވެފައިވާ ވަބާގެ ހާލަތަކީ މީގެ ކުރިން ދުވަހަކުވެސް، ދުނިޔެއަށް ދިމާވެފައިވާ ޙާލަތެއް ނޫންކަމެވެ. މާތުރަ، މިއަށް ވުރެ ގިނަ މީހުން މަރުވި ރޯގާތައް ފެތުރި ނިމި ހިނގާއްޖެއެވެ. ނަމަވެސް، މިހާ ގިނަ ޤައުމަކަށް މިހާ އަވަހަށް ފެތުރުނު ރޯގާއެއް ދުނިޔޭގައި މީހުން އުޅޭކަމަށް ބުނާ އެއް ލައްކަ އަހަރުގެ ތެރޭގައި އައިސްފައިވާ ކަމަކަށް މުއައްޚިރުން ނުބުނެއެވެ. އެހެންކަމުން، މިރޯގާގެ ސަބަބުން ދުނިޔޭގައި އިންސާނުން އުޅޭ ގޮތުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް އަންނާނޭކަމަށް މިކަމާ ވިލިކައި ފިކުރުހިންގާ މީހުން ބުނެއެވެ.

މި މަޒުމޫނުގައި އަޅުގަނޑު ބަޔާންކުރާނީ ބޮޑުރޯގާގެ ސަބަބުން، މަތީ ތަޢުލީމަށް ކުރާނޭ އަސަރުތަކާއި މުސްތަޤްބަލްގައި މި ދާއިރާއަށް އަންނާނޭ ބަދަލުތަކެވެ. ވާރލްޑް ބޭންކް އިން ބުނާގޮތުގައި، ބޮޑުރޯގާއާ ގުޅިގެން 175 ޤައުމެއްގެ ޔުނިވަރސިޓީތައް ބަންދުކޮށްފައި ވެއެވެ. އެއީ 220 މިލިއަން މަތީ ތަޢުލީމު ހޯދާ ދަރިވަރުންނެވެ. ސްކޫލްތަކުގެ ދަރިވަރުން ހިމަނާނަމަ، މިއީ އެ އާބާދީގެ %13 އެވެ. ބޮޑުރޯގާގެ ސަބަބުން ކުރާ އަސަރުތައް ދެބަޔަކަށް ބެހިދާނެއެވެ. އެއްބަޔަކީ މަތީ ތަޢުލީމުދޭ މަރުކަޒުތަކަށް ކުރާ އަސަރުތަކެވެ. އަނެއް ބަޔަކީ މަތީ ތަޢުލީމު ހޯދާ ދަރިވަރުންނަށް ކުރާނޭ އަސަރެވެ. މި އަސަރުތަކާއި މައްސަލަތައް ގުޅިފައިވަނީ އިޤްތިޞާދަށް ކުރާ އަސަރާއެވެ.

ބޮޑު ރޯގާއިން ނުކުންނާނޭ އެއް ނަތީޖާއަކީ، ޤައުމުތަކުގެ އިޤްތިޞާދު ރިސެޝަން އަކަށް ދިއުމެވެ. ރިސެޝަން އަކަށް ދިއުމަކީ، ވިޔަފާރި އާއި ތަކެތި އުފެއްދުން (ފަތުރުވެރިކަން، މަސް ބޭނުން، ދަނޑު ހެއްދުން ފަދަ) އާމްދަނީ ލިބޭ އިޤްތިޞާދީ ޙަރަކާތްތައް މަދުވުމެވެ. މިގޮތަށް ކަންތައްތައް މެދުވެރިވުމުން، އެކަންކަން ކުރާ މީހުންގެ އަދަދު މަދުވެ ފުރާނަ މުއްތިކުރުން ފިޔަވައި އެހެން ކަންކަމަށް ޚަރަދުކުރާނޭ ފައިސާ މަދުވާނެއެވެ. އެހެންކަމުން، ޤައުމެއްގެ ތެރޭގައި ފައިސާ އެނބުރޭ އެނބުރުން މަދުވާނެއެވެ. ރިސެޝަން އެއްކަމަށް ބަލަނީ މަދުވެގެން ހަމަސް ވަންދެން އިޤްތިޞާދު ދަށްވެއްޖެ ނަމައެވެ. އެއް އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ރިސެޝަންއެއް ދެމިގެން ގޮސް، ވަޒީފާ ނެތުމާއި އެކްސްޕޯޓް/އިމްޕޯޓުކުރުން މަދުވެ، ކާރުޚާނާތައް ބަންދުވެ ދިރިއުޅުން ދަތިވެފައި އޮންނަ ޙާލަތަށް ކިޔަނީ ޑިޕްރެޝަން އެވެ. މަތީ ތަޢުލީމަށް ކުރާ އަސަރު ބިނާވަނީ ބޮޑު ރޯގާގެ ސަބަބުން އަންނާނޭ/އަތުވެދާނޭ ރިސެޝަން/ޑިޕްރެޝަން އަށެވެ.

ރިސެޝަން އަކީ ފުލޯކު ވާހަކައެއް ހެއްޔެވެ؟

ބައެއް މީހުންގެ ނަޒަރުގައި ބޮޑު ރޯގާ އާ ގުޅިގެން ދުނިޔެއަށް މިހާރުވެސް ރިސެޝަންއެއް އަތުވެއްޖެއެވެ. އެމެރިކާގައި، ވަޒީފާ ނެތް މީހުންގެ އަދަދު، %15 އަށް އުފުލި، 36 މިލިއަން މީހުންގެ ވަޒީފާ ގެއްލިފައިވާ ކަމަށް ވެއެވެ. އިނގިރޭސި ވިލާތުގެ މަސައްކަތްކުރާ ދެބައިކުޅަ އެއްބައި މީހުންވަނީ މުސާރަނުލިބޭ ގޮތަށް ގެއަށް ފޮނުވާފައެވެ. ނުވަތަ ވަޒީފާއިން ވަކިކޮށްފައެވެ. ނިސްބަތުން މިހާ ބޮޑު ޢަދަދުތަކުން އެހެން ޤައުމުތަކުގެ މީހުންގެ ވަޒީފާ ވެސް ގެއްލިފައި ވެއެވެ. ނަމަވެސް އަނެއް ބައެއްގެ ނަޒަރުގައި، ކޮވިޑްގެ ނަމުގައި ފެތުރި ނާމާންކަމަކީ، ބިރު ގެންނެވުމެކެވެ. ފުރިހަމަ މަޢުލޫމާތު ނެތުމުގެ ސަބަބުން ފެތުރުނު ނުތަނަވަސް ކަމެކެވެ. މިގޮތަށް ވަކާލާތު ކުރާ މީހުންގެ ތެރޭގައި، ޖަރުމަންގެ ވައިރަސް ޕްރޮފެސަރެއް ކަމުގައިވާ ސްޓްރީކް ވެއެވެ. އޭނާ ބުނަނީ ޙަޤީޤަތުގައި މި ވަބާގައި މަރުވާމީހުންގެ ޢަދަދަކީ ބަލިޖެހޭ މީހުންގެ 0.24 އާއި 0.36 އާ ދެމެދުގެ ޢަދަދެއް ކަމަށެވެ. ވަރަށް މަދު މިންވަރެއް ކަމަށެވެ.

Streeck said his study of a coronavirus outbreak in a German county revealed a fatality rate of 0.24-0.36 percent, which is significantly lower than the 0.8-0.9 percent estimated by prominent British epidemiologist Neil Ferguson.

ޔުނިވަރސިޓީތަކުގެ ތެރެއިން މަޝްހޫރު އޮކްސްފޯރޑް ޔުނިވަރސިޓީގެ ކަމާ ބެހޭ މާހިރުން ކޮރޯނާވައިރަސް އަކީ ބޮޑުރޯގާއެއް ކަމަށް ސިފަކުރުމަކީ ކުށެއްކަމަށް ފާހަގަކޮށްފައި ވެއެވެ. އެޕިޑެމިކް (ބޮޑުރޯގާ) އެއް ކަމަށް ކަނޑައަޅަނީ ހަފުތާއަކު 10000 މީހުންގެ ތެރެއިން 40 މީހުން ރޯގާއާ ގުޅިގެން ޑޮކްޓަރަށް ދައްކާނަމައެވެ. ނަމަވެސް، އިނގިރޭސިވިލާތުގައި ޑޮކްޓަރު ކައިރިއަށް ރޯގާއާ ގުޅިގެން ދިޔައީ 3 މީހުންނާއި 23 މީހުންނާ ދެމެދުގެ ޢަދެދެކެވެ.

According to the experts, an epidemic is declared if the rate of consultations for influenza-like symptoms in a sample of reporting by general practice exceeds 40 per 10,000 population in one week. New estimate places that rate between three and 23 in 10,000 in the UK.

ރައްޔިތުން ބަންދުކޮށްގެން ގެންގުޅުމާ އިދިކޮޅަށް ވަކާލާތު ކުރާ ފަރާތްތަކުގެ ތެރޭގައި ސްވީޑްން ހިމެނެއެވެ. މި ޤައުމުގެ ފަށާ ފެންވަރުގެ ސްކޫލްތަކާއި ކާރުޚާނާތަކާއި ވިޔަފާރިތަކެއް ބަންދެން ނުކުރެއެވެ. ނަމަވެސް، މި މަޒުމޫނު ލިޔާއިރު (16 މެއި 2020) ގައި އެ ޤައުމުން ރޯގާގައި ބަލިވި މީހުން އުޅެނީ ޔޫރަޕުގައި 8 ވަނަ އަށެވެ. އަދި މެއި މަސް ނިމޭ އިރަށް (40 އާއި 60 އިންސައްތަ) މީހުންނަށް ބަލި ޖެހި، އިތުރަށް ބަލި ނުފެތުރޭނެކަމަށް ޚަބަރުތައް ބުނެއެވެ.

ރޯގާއާ ގުޅިގެން ބޮޑު ބަންދަކަށް ދިއުމުގެ މައްސަލައަކަށް ވަނީ އެކަމުން ސަލާމަތް ވެވޭނޭ ގޮތެއް ނެތުމެވެ. ބަންދުކުރުމަކީ ދާއިރާގެ ފަންނުވެރިން ދެކޭގޮތުގައި، ވަގުތީ ޙައްލެކެވެ. ބަންދުން ވީއްލޭ އިރަށް ރޯގާ ފެތުރެން ފަށައި އަނެއްކާ ބަންދުކުރަން ޖެހެއެވެ. މިގޮތަށް އެތައް ފަހަރަކު މިކަން ތަކުރާރުކުރަން ޖެހެއެވެ. ދާއިމީ ޙައްލަކީ ގިނަ ބަޔަކަށް ރޯގާ ޖެހި ރަނގަޅުވުމެވެ. ވެކްސިން އަކުން ވެސް ކުރާކަމަކީ ކުޑަގޮތަކަށް ރޯގާ ޖައްސައި ހަށިގަނޑުގެ ދިފާއީ ނިޒާމު އެ ބައްޔަށް ގަދަކުރުމެވެ.

މިހާތަނަށް ރޯގާގެ ކަންތައްތައް އައި އިރު، ދިވެހިރާއްޖޭގައި ރޯގާ ފެތުރޭ ގޮތާ މެދު ތަފާތު ޚިޔާލުތައް ފަންނުވެރިން ނެރެމުން ދެއެވެ. މީހުން ފާހަގަކުރާ ކަންތައްތަކުގެ ތެރޭގައި، ރާއްޖެއަށް ވުރެ 50 ގުނައަށް މީހުން ގިނަ ސްރީ ލަންކާގައި ރާއްޖެއަށް ވުރެ ރޯގާ ޖެހޭ މީހުން މަދުވުމާއި، ޓެސްޓުކޮށްގެން ރޯގާ ޖެހޭ މީހުންގެ އަދަދުތައް ދެނެގަންނަތާ 32 ދުވަސް ވީ އިރުވެސް ރާއްޖޭގައި ރޯގާ ފެތުރުމުގެ އެއްވެސް ހަމައެއް ނުފެނުމާއި، ރާއްޖޭގައި ރޯގާ ޖެހޭ ކަމަށް ބުނާ މީހުންގެ ތެރެއިން %54 މީހުންގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ނުފެނުން ހިމެނެއެވެ. އެކަންކަން ފާހަގަކުރާ ސަބަބަކީ، ބަންދުކުރާ ޤައުމުތަކުން މަހެއްގެ ތެރޭގައި ރޯގާ ފެތުރުން ވަރަށް ބޮޑަށް ކުޑަވާކަން ފާހަގަވެގެން ދިއުމާއި ޢަލާމާތެއްނެތި ބަލިޖެހޭ މީހުންގެ ނިސްބަތަކީ އެހެން ޤައުމުތަކުގައި ގާތްގަޑަކަށް %20 އަށް ވާތީއެވެ.

މިކަންކަން މިހެން ހުރުމާއެކު، ގޭބަންދުގައި ދޮޅުމަހަށް ވުރެ ގިނަ ދުވަހު ނުތިބޭނެކަމަށް ލަފާކޮށް، ރިސެޝަންއެއް ނާންނާނޭ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ކޮންމެއަކަސް މަތީ ތަޢުލީމަށް ކުރާ އަސަރުތައް ބިނާވަނީ އިޤްތިޞާދަށް އަންނަ ބުރުލެއްގެ މައްޗަށެވެ. ތިރީގައި ބަޔާންކުރާ ކަންތައްތަކަކީ ރިސެޝަންއެއް އަތުވެދާނެކަމަށް ބަލައި ބަޔާންކުރާ ކަންތައްތަކެކެވެ. ރިސެޝަންއެއް ނައުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެއީ އިންސާނުންނަކީ އެކި ޙާލަތްތަކަށް ފަރިތަވާ ބަޔަކަށް ވެފައި ދުނިޔޭގައި މިހާރު މީހުން ގިނަވުމާއެކު ބޭނުންތައް ގިނަކަމުންނެވެ.

މަތީ ތަޢުލީމު ހޯދުމަށް އެދޭ މިންވަރު ދަށްވުން


މަތީ ތަޢުލީމުދޭ ގިނަ މަރުކަޒުތަކަކީ، ކުންފުނިތައް ފަދައިން ފައިދާއަށް ޚިދުމަތެއް ވިއްކާ ބައެކެވެ. މަތީ ތަޢުލީމު ލިބިގަތުމަށް ޚަރަދެއް ކުރަން ޖެހެއެވެ. އެ ލިބިގަތުމަށް އެދޭ ބައެއްގެ މާލީ ޙާލަތު ދަށްވުމުގެ ސަބަބުން، މަތީ ތަޢުލީމަށް އެދޭ ފަރާތްތައް މަދުވެގެން ދާނެއެވެ. މިހާރުވެސް، މިކަމުގެ އަސަރުތައް އެތައް ތަނެއްގައި ފެށިފައި ވެއެވެ.

ރާއްޖެއާއި ދުނިޔޭގެ ޙާލަތަށް ވިސްނާނަމަ، މަތީ ތަޢުލީމުގެ ގިނަ ކޯސްތަކަކީ، ފަންނެއް ދަސްކުރުމަށް ވުރެ ބޮޑަށް، ސާރވިސް އިންޑަސްޓްރީގެ ކަންކަން ކިޔަވައިދޭ ކޯސްތަކެވެ. އެއީ ހުނަރުވެރި މަސައްކަތްތެރިން އުފައްދާ ކޯސްތަކެއް ނޫނެވެ. މިފަދަ ކޯސްތަކަށް އެދޭ މިންވަރު ބޮޑުވަނީ އިޤްތިޞާދު ރަނގަޅު ދުވަސްވަރު އެވެ. މީހާގެ ފުރާނަ މުއްތިކުރަން މަސައްކަތް ކުރާ ދުވަސްވަރަކު، ސާރވިސް އިންޑަސްޓްރީ ކޯސްތަކުގެ ބޭނުންތެރިކަން ކުޑަވެއެވެ. އެއީ އެ އިންޑަސްޓްރީ ނުވަތަ ސިނާޢަތް ދަށަށްދާތީއެވެ. މިކަމުގެ ނަތީޖާއަކީ މަތީ ތަޢުލީމުގެ ޑިމާންޑް ދަށްވުމެވެ. ކޯސްތަކަށް ވަންނަން އެދޭ ފަރާތްތައް މަދުވުމެވެ.

މަތީ ތަޢުލީމު ދޭ އަމިއްލަ ތަންތަނުން ވަޒީފާ މަދުވެ ތަންތަން ބަންދުކުރަން ޖެހުން


ދައުލަތުގެ ތަންތަނާ ޚިލާފަށް އަމިއްލަ ފަރާތްތަކުން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކަށް ކިޔަވަންދާން ބޭނުންވާ މީހުން މަދުވެއްޖެ ނަމަ، އެތަންތަނުގެ މުވައްޒަފުންނަށް މުސާރަދެވެން ނެތި، ތަނުގެ ބައެއް މުވައްޒަފުން މަދުކުރަން ޖެހޭނެއެވެ. އަދި، ބައެއް މީހުން ދެކޭ ގޮތުގައި، ކިޔަވަން އެދޭ، އަދި ފީ ދެއްކޭނޭ މީހުން މަދުވުމުގެ ސަބަބުން، ބައެއް މަރުކަޒުތައް ބަންދުކުރަން ޖެހޭނެއެވެ. ވިޔަފާރިއަކީ، އެއިރަކު މަންފާ އޮންނާނޭ ޙަރަކާތެއްގެ ތެރެއަށް ބަދަލުވާ އެއްޗެކެވެ. އެހެންކަމުން، ތަޢުލީމުގެ ވިޔަފާރިކުރި ފަރާތްތައް އެހެން ކަންކަމަށް އެނބުރޭނެއެވެ.

ދައުލަތުން ހިންގާ ތަންތަނުގެ ވަޒީފާތަކާއި ޙަރަކާތްތައް މަދުވުން


ދައުލަތްތަކުން ހިންގާ މަރުކަޒުތަކުގެ ޙަރަކާތްތައް ވެސް، ބޮޑު ރޯގާ އާ ގުޅިގެން ދަށްވެގެން ދާނެއެވެ. އެކަން މެދުވެރިވާނީ، ބަޖެޓްތައް ކުރިއަށް އޮތް ދެތިން އަހަރު ވަރަށް ބޮޑަށް ކުޑަކޮށްލުމާ ގުޅިގެންނެވެ. އެއީ ސަރުކާރުން މާބޮޑަށް އިސްކަން ދޭންޖެހޭ އެހެން ދާއިރާތަކަށް ފައިސާ ދިނުމަށެވެ.  މިކަމާ ގުޅިގެން މުއައްޒަފުން މަދުކުރުމާއި ކޯސްތަކާއި ރިސާރޗް މަދުކުރުމާއި ތަންތަން ބެލެހެއްޓުން ކުޑަވެގެން ދާނެއެވެ.

ފީއަށް ދެއްކި ފައިސާ އަނބުރާ ހޯދުމަށް އެދެން ފެށުން


ޔުނިވަރސިޓީތައް ބޮޑު ރޯގާއާ ގުޅިގެން ބަންދުކުރީމާ، ބޭރު ޤައުމުތަކުގައި ދަރިވަރުން ފީ ދެއްކި ފައިސާ އަނބުރާ ހޯދުމަށް އެދެމުން ގެންދެއެވެ. މި މައްސަލަ ފެށުނީ އަމިއްލަ ތަންތަނުން ނޭކަށޭނެގޮތަކަށް އޮންލައިން ކޯސްތައް ފަށައި، މަހުން މަހަށް ފީ ދައްކަން ކުދިންނަށް އިންވޮއިސް ފޮނުވަން ފެށުމުންނެވެ. ބައެއް ކުދިން ޖަމާޢަތް ހަދައިގެން (ކްލާސް އެކްޝަން އެއްގެ ގޮތުގައި) ދަޢުވާ ކުރަމުން  ދެއެވެ. އެކުދިން ބުނަމުން އަންނަނީ، ޔުނިވަރސިޓީއަށް ފީ ދެއްކީ ކިލާހަށް ހާޒިރުވެގެން ކިޔަވަން ކަމަށެވެ. އަވަސް އަރުވައިލައިގެން ހަދާފައިވާ އޮންލައިން ކޯސްތަކުގެ ފެންވަރެއް ނެތް ކަމަށެވެ. ބެލެނިވެރިން ދަޢުވާ ކުރަމުން ދަނީ، ދެއްކި ބޮޑު ފީ އަނބުރައި ދޭންޖެހެނީ، މާއަގުހެޔޮކޮށް މާ ތަޖުރިބާ ހުރި މަރުކަޒުތަކުން އެ ކޯސްތައް އޮންލައިންކޮށް ގަންނަން ލިބެން ހުންނާތީއެވެ. ދަރިން ޔުނިވަރސިޓީއަށް ފޮނުވަނީ ދަނާލުތަކުގައި ޖަމާޢަތެއްގެ ގޮތުގައި އުޅެގެން މީހުންނާ އެކުލަވައިގެންނާއި ކެފެޓީރިއާތަކާއި ލައިބްރަރީތަކުގައި ޙަޤީޤަތުގައި އުޅެގެން ބައެއް ކަންކަން ދަސްކޮށް ދުނިޔެވީ ތަޖުރިބާތަކެއް ހޯދުމަށް ކަމަށެވެ.

ކިޔަވައިދިނުމުގެ ފެންވަރު ދަށްވުން


ބޮޑުރޯގާ ފެށުމާއެކު އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވީ އަމިއްލަ ގޮތުން ހިންގާ ޔުނިވަރސިޓީތަކާއި ކޮލެޖުތަކަށެވެ. މިތަންތަން ހިންގަނީ ކުދިންގެ އަތުން ނަގާ ފީއިން ކަމުން، ފީ ނެގުން ހުއްދަކުރުމަށްޓަކައި ކޯސްތައް ހިންގަން ޖެހެއެވެ. ރޯގާގެ ސަބަބުން ބަންދުކުރި ތަންތަނުގެ ތެރެއިން %50 ތަންތަނުން އެކި ސިފައިގައި ދުރުންދޭ ތަޢުލީމުން ކިޔަވައިދޭން ފެށިއެވެ. އެއީ އެކަމަށް ރަނގަޅަށް ތައްޔާރު ނުވެއެވެ. ބައެއް ތަންތަނުން މުދައްރިސްގެ ނޯޓުތައް ސްކޭންކޮށް އިންޓަރނެޓަށް ލިއެވެ. އެކި ގޮތްގޮތުން އިންޓަރނެޓް މެދުވެރިކޮށް ކިޔަވާދިނުމުގެ މަޞްލަޙަތު އޮންނަ ފަރާތްތަކުން، އެ އުޞޫލުން ކިޔަވައިދިނުމަކީ މާ މޮޅުކަމެއްކަން "ދިރާސާތަކުން ދައްކައި ދިނުމަށް" ބާރު އަޅަމުން ގެންދެއެވެ.

considerable pressure is being put on him and his colleagues to "find" that online education is great for everybody

މިކަންކަމުގެ އާޚިރު ނަތީޖާއަކީ، ދަރިވަރުންގެ ފެންވަރު ދަށްވުމެވެ. ކޯސް ނިމުމުން ހުންނަން ޖެހޭނެ ކަމަށް މުދައްރިސުން ދެކޭ، އުއްމީދުކުރާ ފެންވަރު (އިކްސްޕެކްޓޭޝަންސް) ދަށްކުރުމެވެ. މިއާ ގުޅުން ހުރި އަނެއްކަމަކީ، ރޯގާގެ ސަބަބުން ކިޔެވުމަށް ބުރޫއެރި ސްކޫލްތަކުގެ ދަރިވަރުން މަތީ ތަޢުލީމާ ކުރިމަތިލާއިރު، އެކުދީންގެ ފެންވަރު ރޯގާގެ ކުރިން ކޯސް ފެށި ކުދިންނަށް ވުރެ ދަށްވުމެވެ.

ބިދޭސީ ކުދިން ބައިވެރިވުން މަދުވުން


ކުރިއަރާފައިވާ ޤައުމުތަކުގައި، ބިދޭސީ ދަރިވަރުންގެ ނިސްބަތަކީ، ބައެއް ޔުނިވަރސިޓީތަކުގައި %20 އެވެ. އޮސްޓްރޭލިއާގައި، 500000 އަށް ވުރެ ގިނަ ބިދޭސީ ކުދިން ކިޔަވަމުން ގެންދެއެވެ. މި ކުދިން ދައްކަންޖެހޭ ފީއަކީ، ދޭސީ ކުއްޖަކު ދައްކަން ޖެހޭ ފީއަށް ވުރެ އެތައް ގުނަ މަތީ ފީއެކެވެ. މުވައްޒަފުންގެ ޚަރަދާއި އެހެން ބައެއް ޚަރަދު ކުރަނީ މި ފީއިން ލިބޭ އާމްދަނީއިން ކަމަށްވާތީ، މި ކުދިން ނެތުމަކީ ޔުނިވަރސިޓީތަކަށް ދިމާވާނޭ ވަރަށް ބޮޑު ދައްޗެކެވެ. އެތައް ބައެއް ވަޒީފާއިން ވަކި ކުރަން ޖެހޭ ކަމެކެވެ. މިއާއެކު، ބިދޭސީ ކުދިން ބުނަނީ، އޮންލައިންކޮށް ކިޔެވުމަށް ޤައުމުދޫކޮށް ބޭރަށް ދިއުމަކީ ކޮންމެހެން ބޭނުން ކަމެއް ނޫންކަމަށެވެ. ރަށުގައި ހުރެގެން، މާ އަގުހެޔޮކޮށް އޮންލައިންކޮށް ކިޔެވޭނޭ މަގު މިކުދީންނަށް ފަހިވެފައި ވެއެވެ. ބިދޭސީ ކުދިން މަދުވުމުން އެންމެ ބޮޑު އަސަރެއް ކުރާނީ އެމެރިކާއަށާއި އިނގިރޭސި ވިލާތަށެވެ.  އެމެރިކާގައި 1 މިލިއަނަށް ވުރެ ގިނަ ބިދޭސީ ކުދީން މަތީ ތަޢުލީމަށް ކިޔަވަމުން ގެންދެއެވެ. އިނގިރޭސިވިލާތުގައި ކިޔަވަނީ ގާތްގަޑަކަށް ބައި މިލިއަން ބިދޭސީ ދަރިވަރުންނެވެ.

ދަރިވަރުންގެ ލޯނުތައް ނުދެއްކުމާއި ވަޒީފާ ގެއްލުން


ޔުނިވަރސިޓީތަކުގައި ކިޔަވާ ގިނަ ދަރިވަރުންތަކެއް ކިޔަވަނީ ތަފާތު ލޯންތައް ނަގައިގެންނާއި ޕާޓްޓައިމް ވަޒީފާ އަދާކުރަމުންނެވެ. ރޯގާގެ ސަބަބުން ވިޔަފާރިކުރުން މަދުވުމާ ގުޅިގެން އެތައް ކުދިންގެ ވަޒީފާތައް ގެއްލި އެކުދީންނަށް ދިރިއުޅުން ދަތިވާނެއެވެ. އޮސްޓްރޭލިއާގެ ބައެއް ބިދޭސީ ދަރިވަރުން މަގުމަތިވެގެން އެތަނުގެ ސަރުކާރުން ކުޑަވަރެއްގެ ބޯހިޔާވަހިކަމެއްވެސް ވަނީ ދާދިފަހުން ފޯރުކޮށްދީފައެވެ.  ވަޒީފާ އަދާކުރެވޭނޭ ގޮތް ނެތިގެން ދަރިވަރުން ނަގާފައިވާ ލޯންތައް ދެއްކުމަށް ދަރިވަރުންނަށް ދަތިވާނެއެވެ. އަދި މިއާއެކު މަތީ ތަޢުލީމުދޭ ތަންތަނުން ދޭ ސްކޮލަރޝިޕްތައް މަދުވާނެއެވެ.

ކޯސްދޫކޮށްލުން


ދިރިއުޅުމަށް ރޯގާގެ ސަބަބުން އައިސްފައިވާ ދަތިކަމާ ގުޅިގެން ކޯސް ދޫކޮށްލުން ކުރިއަށް ވުރެ އިތުރުވާނެއެވެ. އަދި، އެއް ސިމެސްޓަރު ނިންމައި ވަކިވާ ކުދިން އިތުރުވާނެއެވެ.

މަތީ ތަޢުލީމުދޭ މަރުކަޒުން އަޅަމުން ގެންދާ ފިޔަވަޅުތައް


ރޯގާގެ ސަބަބުން ދިމާވި ނާދިރު ޙާލަތާ ގުޅިގެން، ޔުނިވަރސިޓީތަކުން އަޅާފައިވާ މައިގަނޑު ފިޔަވަޅުތައް، ބައެއް ފަރާތްތަކުން ފާހަގަކޮށްފައި ވެއެވެ. އެންމެ ޢާއްމު ފިޔަވަޅުތަކާއި އެ ފިޔަވަޅެއް އެޅި މަރުކަޒުގެ ޢަދަދު ނިސްބަތުން ތިރީގައި އެވަނީއެވެ.

  1. ބައެއް ކޯސްތައް އޮންލައިން ކޮށް ކިޔަވައިދޭ ގޮތަށް ބަދަލުކުރުން (%50)

  2. ޖެހިގެން އަންނަ ސިމެސްޓަރުގައި ކިޔަވައިދިނުން ފަށާގޮތަށް ދިރާސީ ކަލަންޑަރު ބަދަލުކުރުން (%19)

  3. ޖެހިގެން އޮތް އަހަރު ކިޔަވައިދޭ ކޯސްތަކަށް ވަނުމުގެ މުއްދަތު އިތުރުކުރުން (%17)

  4. ކޯސްތަކަށް ވަނުމަށް ދީފައިވާ މުހުލަތު ދިގުކުރުން (%16)

  5. ކޯހަށް ވަނުމަށް ދީފައިވާ ފުރުސަތު 2021 އަށް ދަމާލުން (%13)

  6. ސްކޫލްތަކުން ނުކުންނާނޭ ދަރިވަރުންގެ ފެންވަރަށް ބަލައި، އަމިއްލަ އިނގިރޭސި ބަހުގެ ކޯސްތައް ފެށުން (%8).

މަތީގައި އެ ދަންނަވާލެވުނީ، ބޮޑު ރޯގާ އާ ގުޅިގެން މަތީ ތަޢުލީމުދޭ މަރުކަޒުތަކަށް ދިމާވި ގޮންޖެހުންތަކެވެ. ބައެއް ކަންތައްތައް ކުރިއަށް ލަފާކޮށްފައިވަނީ ރިސެޝަންއެއް އަތުވެދާނެ ކަމަށް ބަލައެވެ. ދެން، މި ދަންނަވާލަނީ، ބޮޑުރޯގާއަށް ފަހު  އިސްކަންދޭންވީ ކަންތައްތަކެކެވެ. މިކަންތައްތައް ފާހަގަކޮށްފައިވަނީ، ވާރލްޑް ބޭންކް އިން ލިޔެފައިވާ މި ރިޕޯޓްގައެވެ. އަޅުގަނޑު ތިރީގައި ނަކަލުކުރަނީ އޭގައިވާ މުހިއްމު ނުކުތާތަކެވެ.

ރިޕޯޓްގައި ބޮޑުރޯގާއާ ގުޅިގެން ކުރަންޖެހޭނެކަމަށް ފެންނަ ފިޔަވަޅުތައްވަނީ، ގިނަ ދުވަހަށް މަތީ ތަޢުލީމުދޭ މަރުކަޒުތައް ބަންދުކޮށްފައި އޮވެދާނެކަމަށް ބަލައި، ހުށަހަޅާފައިވާ ކަންތައްތަކެވެ. ނަމަވެސް، ދުނިޔޭގެ އޮއިވަރު މިހާރު ހުރިގޮތުން، މި ބޮޑުރޯގާއާ ގުޅިގެން ހުއްޓުމަކަށް ގެނެވިފައިވާ ޢާއްމު ދިރިއުޅުން ދާދިއަވަހަށް ވިންދުޖަހައި ހަރަކާތް ކުރަން ފަށާނެއެވެ. މިހާތަނަށް އެންމެ ގިނަ ދުވަހު ބަންދުކުރެވިފައި އޮތީ އިޓަލީވިލާތެވެ. އެއީ 76 ދުވަހަށެވެ. ދެމަހާއި ބަޔަށެވެ. ގިނަ ޤައުމުތައް މިއަށް ވުރެ މާއަވަހަށް މާބަންދު ފިލުވައި ޢާއްމުދިރިއުޅުން އިޢާދަކޮށްފައި ވެއެވެ.

ތަންތަން ބަންދުކުރަންޖެހުމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް


  1. ދަރިވަރުންނާއި މުދައްރިސުންނާއި އެހެން ފަރާތްތަކާ މެދު، މުޢާމަލާތްކުރެވޭނޭ ހަރުދަނާ ނިޒާމެއް ޤާއިމްކުރުން.

  2. ކޯސްތަކާ ބެހޭ ގޮތުން ނިންމަންޖެހޭ ކަންކަން އެކޯހަކާ އެންމެ ގުޅާ ފަރާތްތަކާ ޙަވާލުކުރުން.

  3. އެކި ރަށްރަށުން އައިސްފައިވާ ދަރިވަރުންނަށް ވީގޮތް ބަލައި، ދަނާލުތަކުގައި ދިރިއުޅޭ ދަރިވަރުންނާއި އެހެން ފަރާތްތަކުގެ ސަލާމަތްތެރިކަން ޔަޤީންކުރުން.

  4. އަގުބޮޑުތަކެތި ހުންނަ ޢިމާރާތްތަކާއި ގުދަންތަކުގެ ސެކިޔުރިޓީ ޔަޤީންކުރުން.

  5. އައިޓީ ޚިދުމަތްތައް އަގުހެޔޮކޮށް ހުއްޓުމެއް ނެތި ފޯރުކޮށްދެވޭނޭ ގޮތަށް އެކި ފަރާތްތަކާއެކު އެއްބާރުލުން.

ކޯސްތައް ހިންގުން


  1. ކިޔަވައިދޭ މުދައްރިސުން އޮންލައިންކޮށް ކިޔަވައިދިނުމަށާއި އޮންލައިން ފިލާވަލުތައް ތައްޔާރުކުރުމަށް ތަމްރީނުކުރުން.

  2. ކިލާހުގައި ކިޔަވައިދޭ ފިލާވަޅުތައް އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ބަދަލުކުރުން.

  3. ދަރިވަރުންނަށް އޮންލައިންކޮށް ކިޔެވުމަށް ދިމާވާ ދަތިތައް ދިރާސާކުރުން.

  4. ދަރިވަރުންނަށާއި މުދައްރިސުންނަށް ހާޑްވެއަރ ދެވެން އޮތް މިންވަރަކުން ދިނުން.

  5. ފެންވަރު ބެލުމާ ގުޅޭ ސިޔާސަތުތަކާއި ގުރޭޑުދެވޭ ގޮތް އޮންލައިން ޙާލަތަށް ރިއާޔަތްކޮށް މުރާޖަޢާކުރުން (ދަރިވަރުން ފާސް/ފެއިލް ގޮތަށް ފަންތިކުރުން).

  6. ދަރިވަރުންނަށް ދެވޭ ފައިސާ އާއި ތަކެތީގެ އެހީތެރިކަން މުރާޖަޢާކުރުން.

  7. ގުރޭޖުއޭޓްވުމަށް ބޭނުންވާ މިޢުޔާރުތައް މުރާޖަޢާކުރުން.

  8. ދަށް ކުދީންނަށް އެހީތެރިވުމަށް ވަކިވަކި ޓިއުޓަރުން ކަނޑައެޅުން.

ރިސާރޗް


  1. ދުރުން ކުރެވޭ ގޮތަށް ރިސާރޗް ޙަރަކާތްތައް ބަދަލުކުރުން.

  2. މެދުކެނޑުމެއްނެތި ރިސާރޗް ކުރިއަށް ގެންދެވޭނޭ ގޮތުގެ މަތިން، ވާރޗުއަލް ލެބޯރަޓަރީތަކަށް ވަނުމުގެ ފުރުސަތު ދިނުން.

  3. ރިސާރޗް ކުރުމަށް ބޭނުންވާ ޚާއްޞަ ސާމާނާއި އެތަކެތި ހުންނަ ތަންތަން ބެލެހެއްޓުން ރަނގަޅުކުރުން.

ދިރާސީ އައު އަހަރަށް ތައްޔާރުވުން


  1. ރޯގާއަށް ފަހު ހުޅުވެންވާއިރަށް ދެ ގޮތަކަށް ތައްޔާރުވުން: (ހ) ރޯގާ ބަންދު ދިގުވެދޭނެ ކަމަށް ބަލައާއި (ށ) މާލަސްތަކެއް ނުވެ ހުޅުވެދާނެ ކަމަށް ރޭވުންތައް ރޭވުން.

  2. އަލަށް ވަންނަ ކުދިންނަށް އިމްތިޙާނުގެ ގޮތުގައި ބަލާނޭ ކަންތައްތައް ވަކި ގޮތަކަށް ކަނޑައެޅުން.

  3. އޮންލައިންކޮށް ކިޔަވައިދޭ ކިޔަވައިދިނުމުގެ ވާނުވާ ބެލުން.

މަރުކަޒުތަކުގެ އެހެން ޙަރަކާތްތައް


  1. އެކި ކަންކަމާ ގުޅިގެން ދައްކަން ޖެހޭ ބިލްތަކާއި ކުރަންޖެހޭ ކަންތައްތަކުގެ ތާރީޚްތައް ކުރިއަށް ޖެއްސުމަށް މަސައްކަތްކުރުން.

  2. ދޭތެރެ ދޭތެރެއިން ކަމާ ބެހޭ ފަރާތްތަކާ ބައްދަލުވުންތައް އޮންލައިންކޮށް ބާއްވައި ބޮޑު ރޯގާއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ވިލަރެސް ކުރުން.

  3. ހިންގުމުގައި ދިމާވާ މައްސަލަތައް ދެނެގަނެ ވާނުވާ ބެލުމަށް ޢަމަލީ ކަންކަމުގައި އުޅޭ ފަރާތްތަކާ ވިލަރެސްކުރުން.

ނިންމާލުން


މަތީގައި އެ ދެންނެވުނީ ވާރލްޑް ބޭންކް ގެ ރިޕޯޓްގައިވާ މައިގަނޑު ހުށަހެޅުންތަކެވެ. މި ހުށަހެޅުންތަކަށް ވިސްނާލުމުން އަޅުގަނޑަށް ލަފާކުރެވުނީ މި ރިޕޯޓް ލިޔެފައިވަނީ ޕެސިމިސްޓިކް ނުވަތަ މާޔޫސީ އައިނަކުން މުސްތަޤްބަލަށް ބަލައެވެ. މި ބޮޑު ރޯގާއަކީ އެތައް މަހަކަށް ނުވަތަ އަހަރަކަށް ދެމިގެންދާނޭ ވަބާއެއް ކަމަށް ދެކިއެވެ. ނަމަވެސް ޙަޤީޤަތަކީ، ދުނިޔޭގައި މިހާތަނަށް އެންމެ ފަސޭހައިން ރޯގާ ކޮންޓްރޯލްކުރި ޤައުމުން، ނިއު ޒީލެންޑުން، އެކަން 5 ހަފުތާގެ ތެރޭގައި ކާމިޔާބުކޮށްފައިވާ ކަމެވެ. މުއްދަތުގެ ގޮތުން އެންމެ ދިގު މާބަންދެއް ހިންގީ އިޓަލީވިލާތުގައެވެ. މުއްދަތަކީ 76 ދުވަހެވެ. 11 ހަފުތާއެވެ. އެހެންކަމުން، ރާއްޖޭގެ މި ބަންދުގެ ޙާލަތް އެންމެ ދިގުވެގެން، އެންމެ މާޔުސީގޮތަކަށް ވިސްނިއަސް،  އޮންނާނީ 1 ޖުލައި އާ ހަމައަށެވެ. މުސްތަޤްބަލާއެކު އުއްމީދުން ފުރިގެންވާ ފަހި ގޮތަކަށް ވިސްނައިފިނަމަ، ހަރޯދަ ނިމޭތަނުން ބަންދުފިލައި ޢާއްމު ދިރިއުޅުމަށް މީހުން މަޑުމަޑުން އެނބުރެން ފަށާނެއެވެ. މަތީ ތަޢުލީމަށް އެޅި ލޮޅުން ދެންދާނީ ފިލަމުންނެވެ.       اَللّٰهُ أَعْلَم އެވެ.