ކޮލެސްޓްރޯލް
[ކޮލެސްޓްރޯލް އަކީ ހަށިގަނޑުގެ ހުރިހާ ގުނަވަނަކަށް ވަރަށް މުހިއްމު އެއްޗެކެވެ. ނަމަވެސް، ލޭގައި ކޮލެސްޓްރޯލް ގިނަވުމުން، ހިތުގެ ނާރުތަކުން ލޭ ހިނގުން ދަތިވެ، ހާޓް އެޓެކް ކުރިމަތި ވެއެވެ. ނުވަތަ ވާބަލި ޖެހެއެވެ. ހާޓް އެޓޭކަކީ ހިތަށް ލޭ ފޮނުވާ ނާރުތައް ކުއްލިއަކަށް ބެދިގެން ހިތުގެ މަސްތައް މަރުވުމެވެ. އެންމެ ފުރަތަމަ ކޮލެސްޓްރޯލް ފެނުނީ 1784 ވަނަ އަހަރު ފިތުގެ ތެރޭގައި އުފެދޭ ހިލައިންނެވެ. 1910 ވަނަ އަހަރު، ލޭހޮޅިތައް ބެދިގެން މަރުވެފައިވާ މީހުންގެ ލޭހޮޅިތައް ބެލިއިރު، ޢާއްމު މީހެއްގެ ލޭގައި ހުންނަ ވަރަށް ވުރެ ވިހި ގުނައަށް ކޮލެސްޓްރޯލް ހުރިކަން އެނގުނެވެ. 1913 ވަނަ އަހަރު، ކުކުޅުހާލަށް ކޮލެސްޓްރޯލް ކާންދިނުމުން ލޭހޮޅިތައް ބެނދޭކަން ހޯދުނެވެ. 1960 ގެ އަހަރުތަކުގައި 7 ޤައުމެއްގެ 15000 މެދު ޢުމުރުގެ މީހުން ހިމެނުނު ދިރާސާއަކުން، ހާޓް އެޓެކް ޖެހޭ މީހުންނާ ކޮލެސްޓްރޯލް ލޭގައި ގިނަވުމާ ސީދާ ގުޅުމެއް ވާކަން ކަށަވަރު ކުރެވުނެވެ. ހާޓް އެޓެކާއި ވާބަލިން ރައްކާތެރިވުމަށް ކޮލެސްޓްރޯލް ވަކި މިންވަރެއްގައި ބެހެއްޓުމަކީ ވަރަށް މުހިއްމު ކަމެކެވެ.]
ކޮލެސްޓްރޯލް އަކީ ދިޔާ ބަޓަރު ނުވަތަ މާޖަރީން ފަދަ ގޮތަކަށް އޮލަކޮށް ހުންނަ މަޑު ސަރުބީއެއް ފަދަ އެއްޗެކެވެ. މިއީ ހަށިގަނޑަށް ކޮންމެހެން ބޭނުންވާ އަދި ހަށިގަނޑުން އުފައްދާ މާއްދާއެކެވެ. ހަށިގަނޑުން ކޮލެސްޓްރޯލް ބޭނުންކުރަނީ، ސެލްތަކުގެ ބޭރު ފަށަލަ އުފެއްދުމަށާއި ހަށިގަނޑުގެ އެކި ކަންތައްތައް ކޮންޓްރޯލްކުރާ ދިޔަތައް (ހޯމޯންތައް) އުފެއްދުމަށެވެ. [ސެލް އަކީ ލެޓިން ބަހުން ކުދި ކޮޓަރިއަށް ކިޔާ ނަމެކެވެ. ހުރިހާ ދިރުން ހުރި ތަކެތި އުފެދިފައިވަނީ ކުދިކުދި ތަފާތު ބާވަތްތަކުގެ ސެލްތަކުންނެވެ. ކޮންމެ ސެލްއެއްގައި ދިރުން (ފުރާނަ) ވެއެވެ.] ލޭގައި ކޮލެސްޓްރޯލް މާގިނަވުމަކީ ހާޓްއެޓެކާއި ވައުބަލި ޖެހުން ގާތް ކަމެކެވެ. [ކޮލެސްޓްރޯލް މާ މަދު ވެއްޖެނަމަ، ކެންސަރާއި ހިތްދަތިވުމާއި މޮޅިވުމާއި އަދި މީނޫނަސް އެހެން ބަލިތައް ޖެހޭކަމަށް ބުނެއެވެ.]
ބައެއް މީހުން ހީކުރާގޮތާ ޚިލާފަށް، ކޮލެސްޓްރޯލް އަކީ ހަމައެކަނި ހައިވާނުތަކުގައި އެކުލެވޭ އެއްޗެކެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، ގަސްގަހުން އުފައްދާ ތަކެތީގައި ކޮލެސްޓްރޯލެއް އެއްވެސް ގޮތަކަށް ނުހުންނާނެއެވެ. ދިވެހި ރުކުގެ ތެލުގައި [ކާށިތެލުގައި] ނުވަތަ އެހެންވެސް ގަހެއްގެ ބަޔަކުން ހާނާ އެއްވެސް ތެލެއްގައި ކޮލެސްޓްރޯލެއް ނުހުންނާނެއެވެ. މާލޭގައި ވިއްކާ ބައެއް ވެޖިޓަބްލް (ގަސްގަހާގެހިން އުފައްދާ) ތެޔޮ އެޅި ފުޅިތަކުގައި، ކޮލެސްޓްރޯލް ފްރީ (ކޮލެސްޓްރޯލް ނެތް) ލިޔެފައި ހުރެއެވެ. މިއީ ރާއްޖޭގައި ވިއްކާ ހުރިހާ ތެލަކަށް ޢާއްމު ސިފައަކަށް ވާތީ، ކޮންމެހެން ލިޔަން ބޭނުން އެއްޗެއް ނޫނެވެ. އެހެނީ، ކޮލެސްޓްރޯލް ހުރި ތެލަކަށް ވާނަމަ، އެ ވާންޖެހޭނީ ހައިވާނަކުން ނަގާފައިވާ ތެލަކަށެވެ. މިހެން ވެއްޖެނަމަ، އެ ތެލުގެ ހަލާލުހަރާމު ބަލަން ޖެހޭނެތާ އެވެ. މިކަމުގެ މުހިއްމުކަން ބޮޑުވާ އެއްސަބަބަކީ، އެންމެ ގިނައިން ކައްކަން ބޭނުންކުރާ ހައިވާނުގެ ”ތެޔޮ“ ނަގަނީ އޫރުން ކަމަށް ވާތީއެވެ.
ހަށިގަނޑަށް ކޮލެސްޓްރޯލް ލިބެނީ ދެ ގޮތަކުންނެވެ. ކޮލެސްޓްރޯލް ހަށިގަނޑުން އުފައްދައެވެ. ހަށިގަނޑަށް ކޮލެސްޓްރޯލް ލިބޭ ދެވަނަ ގޮތަކީ، އެއްގަމު މަސް، ކަނޑުމަސް، ކުކުޅުބިސް، ޗީޒް، ބަޓަރު އަދި ގެރިކިރު ފަދަ ކާނާއިންނެވެ. [ޢާއްމު މީހެއްގެ ލޭގައި ހުންނަ ކޮލެސްޓްރޯލްގެ ފަސްބައިކުޅަ އެއްބަޔަކީ ކާނާއިން ލިބޭ ކޮލެސްޓްރޯލް އެވެ. ފަސްބައިކުޅަ ހަތަރު ބައި ނުވަތަ %80 ކޮލެސްޓްރޯލް އުފައްދަނީ ހަށިގަނޑުންނެވެ. އެހެންކަމުން، ކޮލެސްޓްރޯލް ހުންނަ ކާނާ އެއްވެސް ގޮތަކަށް ނުކެޔަސް، ހަށިގަނޑުގައި ކޮލެސްޓްރޯލް ހުންނާނެއެވެ.]
ގަސްގަހުން ލިބޭ ކާނާ، މިސާލަކަށް ތަރުކާރީ، ގޮވާން މޭވާ ފަދަ ތަކެތީގައި ކޮލެސްޓްރޯލެއް އެއްވެސް ގޮތަކަށް ނުހުންނާނެ އެވެ. ނަމަވެސް ބައެއް ބާވަތުގެ ކާނާއިން، މިސާލަކަށް ތެޔޮ ގިނަ ކާނާއިން ހަށިގަނޑުގައި ކޮލެސްޓްރޯލް އުފައްދާލެއް ގިނަވެއެވެ.
— — —
ކޮލެސްޓްރޯލަކީ ލޭގެ ތެރެއަށް ގިރޭ އެއްޗެއް ނޫނެވެ. ހަށިގަނޑުގެ އެއްތަނުން އަނެއް ތަނަށް އެ ދައުރުކުރުވަނީ ޕިކަޕެއްގައި ތަކެތި އެއްތަނުން އަނެއް ތަނަށް ގެންދާ ފަދައިން އެހެން މާއްދާއެއްގެ ޒަރީޢާއިންނެވެ. މި މާއްދާއަށް ކިޔަނީ ލިޕޯޕްރޮޓީން އެވެ. ލިޕޯޕްރޮޓީންގެ ދެ ބާވަތެއް ހުރެއެވެ. އެއީ އޭގެ ލުއި ބާވަތަކާއި ބަރު ބާވަތެކެވެ. ލުއި ބާވަތަކީ [ގިނަވުމުން] ލޭ ހޮޅިތައް ބައްދާ ހާރޓް އެޓެކާއި ވާބަލި ޖައްސާ އެއްޗެކެވެ. ބަރު ބާވަތަކީ މި ބަލިތައް ދުރުކުރާ އެއްޗެކެވެ. ލުއި ކޮލެސްޓްރޯލްއަށް ކުރުކޮށް އިނގިރޭސިބަހުން އެލްޑީއެލް (LDL) ކިޔައެވެ. ބަރު ކޮލެސްޓްރޯލް އަށް އެޗްޑީއެލް (HDL) ކިޔައެވެ.
ދިވެހި ކާނާގެ ތެރޭގައި ކޮލެސްޓްރޯލް ޢާއްމުކޮށް ހުންނަނީ މަހާއި ކުކުޅުބިހުގައެވެ. ދިވެހީންނަކީ، ކިރުގެ ބާވަތްތަކާއި އެއްގަމު މަސް ޢާއްމުކޮށް ކައިއުޅޭ ބައެއް ނޫނެވެ. ކާނާގެ ތެރޭގައި ކޮލެސްޓްރޯލް ހުންނަން ވާނީ ދުވާލަކު 300 މިލިގްރާމަށް ވުރެ ދަށުގައި ކަމަށް ބުނެއެވެ. އެންމެ ކުކުޅު ބިހަކު ގާތްގަޑަކަށް 200 މިލިގްރާމް ކޮލެސްޓްރޯލް ހުންނަކަން އެނގިވަޑައިގަތުމުން، ކާނާއަށް ދޭންޖެހޭ އިސްކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އެވެ.
ކޮލެސްޓްރޯލްއަކީ ހަށިގަނޑުން ފަސޭހައިން މަދުކޮށްލެވޭ އެއްޗެކެވެ. ބޭނުންވާނީ ކާނާއަށް ބަދަލެއް ގެންނެވުމެވެ. ތެލުލިތަކެތި މަދުން ފަރިއްކުޅުވުމުން ކޮލެސްޓްރޯލް ދަށްވާނެއެވެ. ތެލުގެ ތެރެއިން އެންމެ ރަނގަޅުކަމަށް ވަނީ ޒައިތޫނި ތެލެވެ. ބަޓަރުގެ ބަދަލުގައި މާޖަރީން ބޭނުން ކުރައްވާށެވެ. މާޖަރީންގެ ބަދަލުގައި ތެޔޮ ނުވަތަ ވީހާ ދިޔާކޮށް ހުރި މާޖަރީން ބޭނުން ކުރައްވާށެވެ. ބިސްކޯދު، ޕާން ފަދަ ތަކެތީގައި ތެޔޮ ހުންނަކަން ހަނދުމަފުޅުކުރައްވާށެވެ.

ބައެއް ބާވަތުގެ ކާނާއިން ކޮލެސްޓެރޯލް މަދުކުރެވޭ ކަމަށް ބުނެއެވެ. މިފަދަ ކާނާތަކުގެ ތެރެއިން އެންމެ އަގުހެޔޮ އެންމެ ރަނގަޅު އެއްޗަކީ ލޮނުމެދެވެ. ދެން ތެޔޮ ހުންނަ މުށި މަސް ފަދަ މަހެވެ. މާކަނަމަދު ނުވަތަ އާމަންޑަކީ 250 ރުފިޔާއަށް ކިލޯ ވިއްކާ މަދެކެވެ. އަގު ބޮޑު އެއްޗެކެވެ. ޒައިތޫނި ތެޔޮ ފަދަ މޮޅު ތެޔޮ ވެސް މިފަދައިން އަގުބޮޑެވެ.
ބައެއް ކާނާއިން ކޮލެސްޓްރޯލް މަދުކުރެއެވެ. މިފަދަ ކާނާތަކުގެ ތެރެއިން އެންމެ ރަނގަޅުކަމަށް ބުނާ އެންމެ މަޝްހޫރު އެއްޗަކީ ލޮނުމެދެވެ. ”ހިތުގެ ބަލިތަކަށް ނޫނޭ ބުނާށޭ“ މިފޮތުގައި، މިންވަރެއް ކަމަށް ލިޔެފައި އޮންނަނީ ދުވާލަކު ދެ ލޮނުމެދެވެ. ފަރިއްކުޅުއްވުމުން އެހެން މީހުންނަށް އުނދަގޫވާނަމަ، ތުނިކޮށް ކޮށައި މާމުއިއަށް އެޅުއްވުމުން ބޭނުން އިރަކު ބޭނުން ކުރެއްވޭނެއެވެ. ބައެއް މަދަކީ ވެސް ކޮލެސްޓްރޯލް މަދުކުރާ އެއްޗިއްސެވެ. މަދުގެ ތެރެއިން އެންމެ ރަނގަޅު ކަމަށް ބުނަނީ، ލައުޒު ނުވަތަ މާކަނަމަދެވެ. ބޭރު ގިނަ ބަސްބަހުން ބަދަމް އެވެ. އިނގިރޭސި ބަސް އެނގިވަޑައިގަންނަވާ ބޭފުޅުން މިއަށް ކިޔަނީ އާމަންޑް އެވެ. ރަނގަޅަށް އެނގިވަޑައިނުގަންނަވާ ބޭފުޅުން އެލްމަންޑް ކިޔުއްވައެވެ. މީގެ މިންވަރަކީ ދުވާލަކު ދިހަ މަދެވެ. އެންމެ އަގު ހެޔޮކޮށް ކޮލެސްޓްރޯލް ދަށް ކުރެވޭނީ ކަސްރަތު ކުރައްވައިގެންނެވެ. އެންމެ ރަނގަޅީ ދުވާލަކު ގަޑިއެއް އިރު ވަންދެން ބާރަށް ހިންގެވުމެވެ. ފެއްޓެވުން ރަނގަޅީ އާދައިގެ މިންވަރަކުންނެވެ. ނަމަވެސް މެޔަށް ތަދުވެ ނޭވާކުރުވަންޏާ ހުއްޓަވާ ލައްވާށެވެ.
— — —
[މި މަޒުމޫނު އެންމެ ފުރަތަމަ ޝާއިއު ކުރެވުނީ 2003 ވަނަ އަހަރުގެ ފެބްރުއަރީ މަހު ނުކުތް ”ދަރުމަ“ މަޖައްލާގައެވެ. އެ ފަހަރު މިލިޔުމުގެ ޕްރޫފް ބެއްލެވީ ޑރ އިބްރާހީމް ޝިހާމެވެ. އެ މަޒުމޫނަށް އިތުރުކޮށްފައިވާ ބައިތައް ހަތަރެސްކަން ބްރެކެޓްގައި އެވަނީ އެވެ. ދެން މި ދަންނަވާލަނީ، ކޮލެސްޓްރޯލް މަދުކުރާ އެންމެ މޮޅު ޑޮކްޓަރީ ބޭސް ހޯދި ސައިންސް ވެރިޔާ އަކީރާ އެބޭސް ހޯދިގޮތާ ބެހޭގޮތުން ލިޔެފައިވާ މަޒުމޫނެއްގެ ތަންތަން ކޮޅެވެ. އަޞްލު މަޒުމޫނަށް މި ލިންކުން ދެވެއެވެ.]
ކޮލެސްޓްރޯލް ގިނައިން އުފައްދަނީ، (%80 އުފައްދަނީ)، ހަށިގަނޑުން ކަމަށް ވާތީ، ކާތަކެތީގެ ސަބަބުން، ކޮލެސްޓްރޯލް މަތިވުމާ ދޭތެރޭ ޢިލްމުވެރިން ޚިލާފު ވެއެވެ. އަދި ވަކިން ޚާއްޞަކޮށް ކުކުޅުބިހުގެ އަސަރާ މެދު ޚިޔާލު ތަފާތު ވެދެއެވެ. ކުކުޅުބިހަކީ ހަށިގަނޑަށް ބޭނުންވާ ވިޓަމިންތަކާއި މަސްތަކަށް ބޭނުންވާ ޕްރޮޓީން ގިނަ އެއްޗެކެވެ. ކުކުޅުބިހުގެ ލޮދިގަނޑު ރަނގަޅުކަމަށް ހުރިހާ ސައިންސްވެރިންހެން އެއްބަސް ވެއެވެ. ޚިލާފު ބޮޑަށް އުޅެނީ ގޮބޮޅިއާ މެދުއެވެ. ކޮލެސްޓްރޯލް މުޅިންހެން ހުންނަނީ ގޮބޮޅީގައެވެ. އެކި ދުވަސްވަރު، އެކި މީހުން ކުކުޅުބިހާ ދޭތެރޭ ތަފާތު ނަތީޖާ ނުކުންނަ ދިރާސާތައް ޝާއިޢުކުރާތީ، އިތުބާރު ކުރަންވީ ކޮން ދިރާސާއަށް ކަމެއް ނޭނގެއެވެ. މިފަދަ ޙާލަތްތަކުގައި ބަލަން ޖެހެނީ އެންމެ އިތުބާރު ބޮޑު ދިރާސާ ތަކަށެވެ. މި ފަދަ ދިރާސާތަކުން، އެނގޭ ގޮތުގައި، ހަފުތާއަކު 6 ކުކުޅުބިސް ކެއުމަކީ މައްސަލައެއް ނޫނެވެ. އަދި ކިއެއްތަ، މި މިންވަރުން، ވާބަލިން ރައްކާތެރިކުރުވާ ކަމަށް ވެއެވެ. މިހެން މިކަން ވެފައި ވަނިކޮށް، މީގެ ހަތަރު ދުވަސް ކުރިން، މާރޗް މަހުގެ 15 ވަނަ ދުވަހު، ކުކުޅުބިސް ކެއުމާއި ކޮލެސްޓްރޯލް މަތިވުމާ ގުޅުމެއް ވާކަމަށް ދައްކާ ދިރާސާއެއް އެމެރިކާގެ ޢިލްމީ މަޖައްލާއެއްގައި ޖަހައިފިއެވެ. އެ ދިރާސާ މިއޮތީއެވެ. މި ދިރާސާއިން ބުނާގޮތުގައި، ދެ ބިހަށް ވުރެ ހަފުތާއަކު ގިނައިން ކައިފިނަމަ، ކޮލެސްޓްރޯލްމަތިވެއެވެ. މި ދިރާސާ ޖެހުމާއެކު، ދިރާސާގެ މައްސަލަތަކެއް ވާކަމަށް ބަޔަކު ބުނެފިއެވެ. އެހެންކަމުން، ކުކުޅުބިހުގެ ވާހަކަ އަދި ނުނިމޭކަން އެނގެއެވެ.
ޞިއްޙަތު ރަނގަޅު ނަމަ، ކޮލެސްޓްރޯލް ހަށިގަނޑުގައި ހުންނަން ޖެހޭ މިންވަރު އިންސާނާގެ ނަސްލުގެ ބާވަތުންނާއި ޖިންސާއި ޢުމުރުން ތަފާތު ވެދެއެވެ. މި ތަފާތުތަކަށް ރިއާޔަތް ކުރުމާއެކު، އެމެރިކަން ކޮލެޖް އޮފް ކާރޑިއޮލޮޖީއިން 2018 ވަނަ އަހަރުގެ ނޮވެމްބަރުގައި ކަނޑައަޅާފައިވާ މިންގަނޑުތައް މިއޮތީއެވެ. މި ލިޔުމުގައިވާ ގޮތުން، ލުއި އެލްޑީއެލް (ނުބައި ކޮލެސްޓްރޯލް)، އުމުރުން 40 އަހަރުންމަތީގެ ޞިއްޙަތު ރަނގަޅު މީހެއްގައި ހުންނަން ޖެހޭނީ 130mg/dL ގެ ދަށުގައެވެ. ހިތުގެ ބަލި ޖެހުމުގެ ފުރުޞަތު ބޮޑު (މިސާލީ ހަކުރުބަލި ހުރުން، ސިނގިރެޓް ބުޔުން ފަދަ ކަންކަން ކުރާ) މީހުންގެ ކިބައިގައި އެލްޑީއެލް ހުންނަން ޖެހޭނީ 100 އަށް ވުރެ ދަށުގައެވެ. އާއިލީ ގޮތުންނާއި އިތުރު އެހެން ކަންކަމާ ގުޅިގެން އިހު ބުނި ވަރަށް ވުރެ ފުރުޞަތު ބޮޑު ނަމަ، 70 އަށް ވުރެ ދަށުގައެވެ. ބަލި ޖެހުމުގެ ފުރުޞަތު އޮތް މިންވަރު ބަލަނީ ބަލިމީހާއާ ކުރާ ސުވާލުތަކަކުންނެވެ. އެ ސުވާލުތައް ޑޮކްޓަރުންނަށް އޮންނަނީ ކަރުދާހުގައި ލިޔެ ސަރުކާރުގެ ފަރާތުން ދީފައެވެ.
ބަރު އެޗްޑީއެލް (ރަނގަޅު ކޮލެސްޓްރޯލް) ހުންނަން ޖެހޭނީ 45mg/dL އިން މަތީގައެވެ.
1980 ގެ އަހަރުތަކުން ފެށިގެން، ކޮލެސްޓްރޯލް މަދުކުރާ ޑޮކްޓަރީ މޮޅު ބޭހެއް ހޯދިފައި ވެއެވެ. މި ހޯދިފައިވަނީ ޖަޕާނުގެ ދަނޑުވެރިކަމުގެ އާއިލާގެ މީހަކަށެވެ. މި މީހާގެ ޅައުމުރުގައި، ހަންޑިކުޑައާއި އެއްޗެތީގައި ޖަހާ ފުލަށް ވަރަށް ބޮޑު ޝައުޤުވެރިކަމެއް އުފެދިފައި ވިއެވެ. ފުލަކީ ކަފަހެން ނަރުތަކެއް ހުންނަ ދިރުން ހުންނަ އެއްޗެކެވެ. މީނާގެ ޅައުމުރަކީ، ޖަރާސީމު މަރާ ޕެނިސިލިން ކިޔާ މަޝްހޫރު ބޭހެއް، ބާވަތެއްގެ ފުލަކުން ފެނުނު ދުވަސްވަރެކެވެ. އެކަން ވީގޮތަކީ، ޖަރާސީމު ދިރާސާ ކުރާ ސައިންސް ވެރިއަކު، އޭނާ ގެންގުޅޭ ބިއްލޫރި ވަށްތަށިތަކަކަށް ހަލުވިދާ ފާޑުގެ އެއްޗެއް އަޅައި، ޖަރާސީމު އުނގުޅާފައި، ނުދޮވެ ސިންކު ތެރެއަށް ތަށިތައް އަޅާލާފައި ޗުއްޓީއަކަށް ދިޔައީއެވެ. އެނބުރި އައި އިރު، އޭނާއަށް ފާހަގަ ކުރެވުނީ، ތަށިތަކުގައި ބާވަތެއްގެ ފުލެއް ޖަހާފައިވާ ކަމާއި އެ ޖެހިތަނާ ގާތުގައި ޖަރާސީމު ގިނަ ނުވާ ކަމެވެ. އެއީ އެ ފުލުން އުފައްދާ މާއްދާއެއްގެ ސަބަބުންނެވެ. މި މާއްދާ ވަކިކޮށް ބެލުމުން މިވީ ޖަރާސީމު މަރަން މޮޅު ބޭހަކަށެވެ. ޕެނިސިލިން އަށެވެ.
ޖަޕާނު މީހާ އަށް މިވާހަކަ ވަނީ އަޑު އިވިފައެވެ. އެހެންކަމުން، މީނާގެ ޝައުޤުވެރިކަމުން ފުލުން ބޭހެއް ހޯދިދާނެ ކަން އެނގެއެވެ. މި ދުވަސްވަރު ހަށިގަނޑުގައި ކޮލެސްޓްރޯލް އުފެދޭގޮތް ވަނީ އެނގިފައެވެ. އެއް ފަހަރަކު، ޖަޕާނުގެ ކިޔޯޓޯ ސަރަޙައްދުން ގެނައި ހަނޑުލެއްގައި ބާވަތެއްގެ ފުލެއް ޖަހާފައި ހުއްޓެވެ. ޖަޕާނު މީހާ މި ފުލުން އުފައްދާ ދިޔައެއް ޓެސްޓު ކުރިއިރު ކޮލެސްޓްރޯލް އުފެއްދޭގޮތް ހުއްޓުވާ އެއްޗަކަށް މިވިއެވެ. މި ބޭހަށް ކީ ނަމަކީ ސްޓެޓިން އެވެ. މި ޒަމާނުގައި ހައެއްކަ ވައްތަރުގެ ސްޓެޓިން އުފައްދައެވެ.
ސްޓެޓިން އަކީ ކޮލެސްޓްރޯލް މަދުކުރުމަށް މީހުން އެންމެ ގިނައިން ބޭނުން ކުރާ ބޭހެވެ. ބުނެވޭ ގޮތުގައި، އެންމެ ގިނައިން ވިކޭ ބޭސްތަކަކީ ވެސް މިއެވެ. އަހަރަކު އެންމެން ގަންނަ ސްޓެޓިން ބޭހުގެ އަގު 25 ބިލިއަން ޑޮލަރަށް އަރައެވެ.
ސްޓެޓިންގެ ފަސް ބާވަތެއް ޢާއްމުކޮށް ބޭނުން ކުރެއެވެ. އެއީ އެޓޯވާސްޓެޓިން (ލިޕިޓަރ) އާއި ފްލުވާސްޓެޓިން (ލެސްކޯލް) އާއި ޕްރަވާސްޓެޓިން (ލިޕޯސްޓެޓް) އާއި ރޮސުވާސްޓެޓިން (ކްރެސްޓަރ) އާއި ސިމްވާސްޓެޓިން (ޒޮކޮރ) އެވެ. ޤައުސްގައިވަނީ ވިޔަފާރި ނަމެވެ. އިނގިރޭސި ވިލާތުގެ ޤައުމީ ޞިއްޙަތާ ބެހޭ ނެޝަނަލް ހެލްތު ސާރވިސްގައި ހަވަނަ ކޮލެސްޓްރޯލް މަދުކުރާ ބޭސް، ލޮވާސްޓެޓިން (މެވަކޮރ) ނުހިމެނެއެވެ. ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި ހިތުގެ ބަލިތައް ޖެހޭނެކަމުގެ %10 ގެ އަންދާޒާއެއް އޮތް ނަމަ، ސްޓެޓިން ޢާއްމުކޮށް ކެއުން މުހިއްމު ކަމަށް އިނގިރޭސި ވިލާތުގެ ނެޝަނަލް ހެލްތު ސާރވިސް އިން އިލްތިމާސް ކުރެއެވެ. ސްޓެޓިން އަކީ ރައްކާތެރި ބޭހެއް ކަމުގައި ވިއަސް ހުރިހާ ބާވަތެއްގެ ސްޓެޓިން އިން އެކި މީހުންނަށް ތަފާތު އުނދަގޫތައް މެދުވެރިވެެއެވެ. މަދުން މެދުވެރިވާ ކަންތައްތަކުގެ ތެރޭގައި ކިޑްނީ އާއި ލިވަރުގެ ބަލިތަކާއި ލޯ ފުސްވުމާއި މަސްތަކުގައި ރިއްސުން ހިމެނެއެވެ.
ބޭހާ ނުލައި ކޮލެސްޓްރޯލް ދަށް ކުރެވޭނޭ ގޮތަކީ ހުރިހާ މާއްދާތަކެއް ހެޔޮ މިންވަރެއްގައި ހިމެނޭ ކެއުން ކެއުމާއި، ގަވާއިދުން ކަސްރަތު ކުރުމާއި ހަކުރާއި ބަރުދަން ހެޔޮ މިންވަރެއްގައި ބެހެއްޓުމާއި ސިނގިރެޓް ނުބުޔުމެވެ. ވަގުތު ނެތުމާއި އެހެން މައްސަލަތަކުގެ ސަބަބުން މި ކަންކަން ކުރެވެން ނެތް ފަރާތްތަކުން ބޭސްކެއުން ނޫންގޮތެއް ނުވެއެވެ.
— — —






Varah bodah shukuriyyah
Varah ragalhu mauloomaathu thakeh libijje
Varah faseyhain nagaiganevey gothah liyuvvaafaivaa v faidhaa huri liyumeh. Varah bodah shukuriyya thiya mauloomaathu share kurevvi kamattakai.
Liyun theri Kan varah molhu. Faseyha in dheyhavey. Faidhaahuri liyun kolheh genes dhevveethee shukuriyyaa.
Theluga cholesterol nuhimeney iru theyo gina kaathakethyga cholesterol ginavanee kihinehtho?
Haivaanun nagaa thelugai cholesterol hunnaane. Meege ithurah, vegetable theyo ginain hunna thakethi keumakee, khaas’s’a koh trans fats keumun, hashigan’dun LDL ufadhdhaa minvaru gina ve, adhi HDL madhuve. E’ee theyo keumun hashigan’dun kuraa kameh. Thelugai cholesterol hunnaatheekee noon.
Saafu dhivehi bahun saafukodhdhevveethy saafuvejje. Varah bodah Shukriyya.
I guess, a short explanation of the difference between heart attack and stroke would have improved the quality of this article.