ސަމީރަކީ ކޮންމެ ހޮނިހިރު ދުވަހަކު، ކާށިދޫއިން މާލެއަށް ގަސް ވިއްކަން އަންނަ މީހެކެވެ. އޭނާ އަންނަ ގިނަ ދުވަސް ދުވަހު 150 ވަރަކަށް ގަސް ގެނެއެވެ. އޭގެ ތެރޭގައި ބަގީޗާ ގަސްތަކުގެ އިތުރަށް މިރުސް، ހިކަދިފަތް، ކޮޕީފަތް ފަދަ ބޭނުންތެރި އެެހެން ގަސްތައް ހިމެނެއެވެ. ގަސް ވިއްކަނީ ހޮނިހިރު ދުވަހު ފަތިހުން ފެށިގެން އާދިއްތަ ދުވަސް ނިމެންދެންނެވެ. މި މަސައްކަތް އޭނާ ކުރާތާ މިހާރު މަދުވެގެން ދިހަވަރަކަށް އަހަރު ވެދާނެއެވެ. މިހެން ކަމުން ސަމީރަކީ ބަގީޗާ ގަސް ހެއްދުމާއި ވިއްކުމުގައި ދެވަނައެއް ނެތް ތަޖުރިބާކާރެކެވެ.
އޭނާ ގަސް ހައްދާ ވެލި ތައްޔާރު ކުރަނީ އަމިއްލަ އަށެވެ. މި މަޒުމޫނުގައި މި ގެނެސްދެނީ، އޭނާ ވެލި ތައްޔާރުކުރާ ގޮތް އަޅުގަނޑަށް ކިޔައިދިން ގޮތެވެ. މިއީ ވެލި ކަމަށް ލިޔެފައި އޮތަސް، ޙަޤީޤަތުގައި ދިވެހި އެއްވެސް ވެއްޔެއް މިއަކު ނުހިމެނެއެވެ.
ވެލިގަނޑުގެ މުހިއްމުކަން
ގަސް ހެއްދުމުގައި އެންމެ މުހިއްމު އެއް ކަމަކީ ގަސް ހެދޭ ކަހަލަ ވެލި ތައްޔާރުކުރުމެވެ. ރާއްޖޭގައި ޢާއްމުކޮށް ހުންނަ ވެއްޔަކީ ގަސް ހެއްދުމަށް އެންމެ އެކަށީގެންވާ ވެއްޔެއް ނޫނެވެ. ސަބަބަކީ އެ ވެލީގައި ހުތްކަން ކުޑަކަމެވެ. ވެލީގައި ހުތްކަން ހުންނަން ޖެހެނީ ވަކި މިންވަރެއްގައެވެ. މާ ހުތްކަން ގަދަވިއަސް އަދި ކުޑަ ވިއަސް ގަހަށް ބޭނުންވާ ކަނާދެއް ވެލިން ގަަހަކަށް ނަގައެއް ނުގަނެވޭނެއެވެ. މި ވާހަކަ ވަރަށް ތަފްޞީލްކޮށް ލިޔެފައިވާ މަޒުމޫނެއް މި ޖުމުލައަށް އޮބާލައްވަނިކޮށް ފެނިވަޑައިގަންނަވާނެ އެވެ.
ސަމީރު ވިދާޅުވާ ގޮތުން އޭނާ އެއްވެސް ގޮތަކަށް ދިވެހި ވެއްޔެއް ބޭނުމެއް ނުކުރެއެވެ. އޭނާ މުޅީން ބޭނުން ކުރަނީ އޭނާ އަމިއްލައަށް ތައްޔާރުކުރާ ވެއްޔެވެ. މިއީ ތަޖުރިބާގެ ގޮތުން އޭނާއަށް އެންމެ ރަނގަޅު ގޮތެވެ. ގަހެއް ހެދެމުންދާ ވެލިގަނޑުން ތިން ކަމެއް ގަހަށް ކޮށްދޭން ޖެހޭނެއެވެ. އެ ތިންކަން ތިރީގައި އެވަނީ އެވެ.
-
ގަސް ހެދުމަށް ބޭނުންވާ ބައެއް އުންސުރުތައް ނުވަތަ ކަނާދު ގަހަށް ލިބޭ ގޮތަށް މޫތަކާ ކައިރީގައި ހުރުމާއި ގަހަށް ބޭނުންވާ ފެން ގަހަށް ނެގުމަށް މޫތަކުގެ ކައިރީގައި ތެތްކަން ހުރުން. ކަނާދު ކިޔަނީ ގަހަށް ބޭނުންވާ، ކެލްސިއަމް ފަދަ އެކި އުންސުރުތަކަށެވެ. މިއީ ގަހުގެ ކާނާއެއް ނޫނެވެ. ގަހަކީ (އިންސާނުންނާއި ޖަނަވާރާ ޚިލާފަށް) އެއަށް ބޭނުންވާ ކާނާ އަލިން އަމިއްލައަށް އުފައްދާ އެއްޗެކެވެ. ނަމަވެސް މި ކާނާ އުފެއްދެެނީ ވަކި އުންސުރުތަކެއް ގަހުގައި ހުރުމުންނެވެ.
-
މޫތަކަށް އޮކްސިޖަން ބޭނުން ވާނެއެވެ. މި ގަހަށް ލިބެނީ ވައި މެދުވެރިކޮށް މޫތަކުންނެވެ. ފެން މާ ގިނަވެފައި ފެނަށް ވައި ގިރިފައި ނުވާނަމަ، ނޭވާ ހާސްވެެގެން ގަސްތައް މަރުވާނެއެވެ.
-
މޫތައް ފެތުރުމަށާއި ގަސް ހިފެހެއްޓުމަށް ވެލިގަނޑުން ގަސް ހިފެހެއްޓެން ޖެހޭނެއެެވެ. ގަސް މާބޮޑަށް ހެލޭ ވަރަށް ވެލިގަނޑު ދޫނަމަ، މޫތަކުގެ ކުރި ޒަޚަމްވެ ގަސް މަރުވެދާނެއެވެ.

ވެލިގަނޑަށް ބޭނުންވާ ތަކެއްޗާއި ތައްޔާރު ކުރާ ގޮތް
ސަމީރު ގަސް ހައްދާ ވެލި ހެދުމަށް ބޭނުންކުރަނީ، ހަތަރު އެއްޗެކެވެ. އެއީ ކޮށާފައި ހުންނަ ބޮނތްބާއި ބޮނބިކުނޑިއާއި ގެރިގުއި އާއި ޔުނިގްރޯ ކިޔާ އެއްޗެކެވެ. ދިވެހި ބަހުން ހަކިބަ ކިޔަނީ ހަ ފަރާތް ހުންނަ ގޮތަށް ހުންނަ ބުރިވަރަށެވެ. އިނގިރޭސި ބަހުން މިއީ ކިޔުބު އެވެ. އޭނާ ކޮށާފައި ހުންނަ ބޮނތްބަށް ކިޔަނީ ބޮނބި ކިޔުމެވެ.
ސަމީރު ކިޔައިދިން ގޮތުގައި އޭނާ މިތަކެތި ބޭނުންކުރަނީ އަންނަނިވި މިންވަރަށެވެ.
5 ބާލިދީ ކޮށި ބޮނބި.
1 ބާލިދީ ބޮނބިކުނޑި.
1 ބާލިދީ ގެރިގުއި.
1 ބާލިދީ ޔުނިގްރޯ.
ފަސްގަނޑު ހެދުމަށް އެންމެ ފުރަތަމަ ގެރިގުއި ބާލިދީ ތަޅުންގަނޑަކަށް އޮއްސާލުމަށް ފަހު، ގަނޑުވެފައި ހުންނަ ބައިބައި ކުނޑިކުރެއެވެ. މިކަން ކުރަނީ ފަކީރާއަކުންނެވެ. ދެން ތަޅުމުގައި ފަތުރާ، މީގެ މަތީގައި ބޮނބިކުނޑި ފަތުރާލަައެވެ. އެއަށް ފަހު، ކޮށިބޮނބި އަޅައި ފަކީރާއިން އެއްކޮށްލަނީއެވެ. އޭނާ ކިޔައިދިން ގޮތުގައި، މަތީގައިވާ ތަކެތީގެ ތެރެއިން، ޔުނިގްރޯ ނެތް ނަމަ އެ ބޭނުން ނުކުރިއަސް އެންމެ ރަނގަޅުވާނެކަމަށް ސަމީރު ބުނެފައި ވެއެވެ.

މިގޮތަށް ވެލިގަނޑު ހެދުމަށް ފަހު، ގަސްއިންދާ ޕޮޓަށް ވެލި އަޅައި ގަސް ޖަހަނީއެވެ. އެނގިވަޑައިގަންނާވާނޭ ފަދައިން މި ވެލިގަނޑަކީ ވަރަށް ލުއި އެއްޗެކެވެ. މީގައި ގަސް ހިފެހެއްޓުމުގެ ބާ ބޮޑު ބާރެއް ނުހުންނާނެއެވެ. އެހެންކަމުން، ސަމީރު ހުންނަނީ ހުރިހާ ބޮޑެތި ގަސް ހުންނަ ޕޮޓުގައި ހުރަހަށް ދަނޑިކޮޅެއް އައްސައި އެ ދަނޑިކޮޅުގައި ގަސް ހަރުކޮށްފައެވެ.

ގަސް މާލެގެެނެސް ވިއްކުމުގެ މަސައްކަތް ސަމީރުގެ އިތުރަށް، ދެތިން ހަތަރު ކާށިދޫ މީހުން ކުރަމުން އައެވެ. ނަަމަވެސް، ކޮވިޑް ރޯގާ އަށް ފަހު އަލުން ގަސް މާރުކޭޓު ފެށުނުއިރު، ސަމީރު ނޫން މީހަކު މިކަމުގައި އުޅޭތީ ނުފެނެއެވެ.
ސަމީރަކީ އާދަޔާ ޚިލާފަށް މުރާލި މީހެކެވެ. ހަރަކާތްތެރި މީހެކެވެ. ކާށިދޫއިން ބޯޓަށް ގަސްއަރުވައި މާލެދާން ފުރަނީ ހޮނިހިރު ވިލޭރޭ ދަންވަރު 3 ޖަހާއިރެވެ. ރީތި ހުރިހާ ގަހެއްހެން ހޮނިހިރު ދުވަހު އިރު ނާރަނީސް ވިކި ހުސްވެއެވެ. ބައެއް ފަރާތްތަކުން ގަޑުކޮށް ގަސްތައް ނަގައެވެ.
އޭނާއަށް އެހީތެރިވެދޭ މީހުންގެ ތެރޭގައި ކާށިދޫ މުޙައްމަދު އިސްމާޢީލް ހިމެނެއެވެ. މުޙައްމަދު އިސްމާޢީލް ބުނިގޮތުން، ގަސް ގަންނަ ބައެއް މީހުން ގަސް ގަންނަތާ ދެތިން ހަފުތާގެ ތެރޭގައި މަރުވާތީ އެ ވާހަކަ ދައްކަައެވެ. މުޙައްމަދު އިސްމާޢީލް ބުނަނީ އެހެންވަނީ، ވޯޓަރ ސަޕްލައި ފެނާ ބައެއް ގަސް ނުގުޅޭތީ ކަމަށެވެ. ސަމީރުމެން ވޯޓަރ ސަޕްލައި ފެން އެއްވެސް ގޮތަކަށް ބޭނުމެއް ނުކުރެއެވެ. ގަސް ވިއްކަން ގެންނަ އިރުވެސް، ކާށިދޫން ހަމެއްގައި ވަޅުފެން ގެނެއެވެ. އެއީ ވިއްކާ ދެ ދުވަހު ގަހަށް ޖެހުމަށެވެ. ސަޕްލައި ފެން މާލެއިން ލިބެން ހުއްޓަސް އެމީހުން އެ ފެނެއް ބޭނުމެއް ނުކުރެއެވެ. މީގެ އިތުރަށް މުޙައްމަދު އިސްމާޢީލް ބުނިގޮތުން، ގަސްތައް ހައްދަމުން ދާއިރު، ކުނޑި ގަސްކާނާ ގިރުވި ފެން ކޮންމެ ހަފުތާއަކު ގަސްތަކަށް ޖަހައެވެ.
ސަމީރު ގެންގުޅޭ ގަސްތަކުގެ ތެރޭގައި، ރާއްޖޭގައި ޢާއްމުކޮށް ގެންގުޅޭ ހުރިހާ ބާވަތެއްގެ ގަސް ހިމެނެއެވެ. އޭނާ ބުނާ ގޮތުން، އޭނާ މި މަސައްކަތް ކުރަން ދެތިން ބިމެއް ކާށިދޫން ނަގާފައި ވެއެވެ. އޭނާއަށް މި މަސައްކަތުގައި އެހީތެރިވެދެނީ އޭނާގެ އަންހެނުންނާއި އެހެން ދެ މީހެކެވެ. އެކި ގަސްތަކަށް ޖެހޭ ބަލިތަކާއި އޭގެ ފަރުވާ ވެސް ސަމީރަށް އެނގެއެވެ.
ސަމީރު ވިއްކާ ގަސްތަކުގެ އެވަރިޖް އަގަކީ 250 ރުފިޔާއެވެ. އެންމެ އަގުބޮޑު ގަހަކަށް އަޅުގަނޑަށް ފެނިފައިވަނީ މޮންސްޓެރޭ ޑެލިސިއޯސާ ވޭރިއަގެޓާ އެވެ. އެގަސްހުރި ޕޮޓުގައި އޭގެ ތިން ގަސް އިންދާފައި ހުއްޓެވެ. އަގަކީ 4000 ރުފިޔާއެވެ. މި އަގަކީ މިގަހުގެ ނާދިރުކަމާ އަޅާ ބަލާއިރު ހެޔޮ އަގެކެވެ. އެހެނީ މީގެ ރަނގަޅު ސައިޒެއްގެ އެއް ގަސް 8000 ރުފިޔާއަށް ވެސް ވިއްކައެވެ.

މޮންސްޓެރާ ޑެލިސިއޯސާ ވޭރިއަގެޓާ ގަހެއް
އަޅުގަނޑު ސަމީރުގެ ގާތުގައި މި މަޒުމޫނުގެ ކިޔުންތެރިއަކު، މައުޟޫޢުއާ ބެހޭ ގޮތުން ސުވާލެއް އޮތްނަމަ އޭނާ އާ ގުޅާލިއަސް އެންމެ ރަނގަޅުތޯ ސުވާލު ކުރީމެވެ. އޭނާ ބުނީ އެންމެ ރަނގަޅު ކަމަށެވެ. ސަމީރުގެ ފޯނު ނަންބަރަކީ 7828918 އެވެ. އޭނާގެ އެކުވެރި މުޙައްމަދު އިސްމާޢީލް ގެ ނަންބަރަކީ 7595611 އެވެ. މި ދެ ފަރާތަކީ ވެސް މައުލޫމާތު ދިނުމުގައި ވަރަށް ދީލަތި ދެ ފަރާތެވެ.


Maaiy allah ekurahvaa masahkathugai barakaaiy lahvaashi