
ތަޢުލީމުގެ ޤާނޫނަށް ބަދަލުތަކެއް ގެނައުމަށް ކ. ހުރާ ދާއިރާގެ މެންބަރު، ޑރ އަނާރާ ނަޢީމް 25 އޮކްޓޯބަރ 2026 ގައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވާފައި ވެއެވެ. ބިލް މިހާރުވަނީ މަޖިލީހުން ބަލައިގަނެފައެވެ. މި ބިލަކީ ރ. އިބްރާހީމް މުޙައްމަދު ޞާލިޙް ދައުރުގައި ފާސްކުރެވުނު 2020/24 ނަންބަރުގެ ”ތަޢުލީމުގެ ޤާނޫނު“ އަށް ގާތްގަޑަކަށް 33 ”އިޞްލާޙް“ ހުށަހަޅުއްވާ ފައިވާ ބިލެކެވެ. މި ”އިޞްލާޙު“ ތަކުގެ ތެރޭގައި ދިރާސީ އަހަރުގެ ދިގުމިން 195 ދުވަހުގެ ގޮތުގައި ކަޑައެޅުން ހިމެނެއެވެ. ބިލްގައި ބަންޑާރަ ނައިބު އޮފީހުގެ ތައްގަނޑު ޖަހާފައިވާތީ، މިއީ ސަރުކާރުގެ ފަރާތުން، ބަންޑާރަ ނައިބުގެ އޮފީހުން ބަލަންވީ ކަންކަން ބަލައިފައިވާ ބިލެއް ކަން ދޭހަވެއެވެ. މި މަޒުމޫނަކީ ބިލްގެ މި ބަދަލުތަކާ މެދު ވިލިކައި މިއާ ގުޅުން ހުރި ކަންކަން މަޝްވަރާ ކޮށްފައިވާ ބިލެކެވެ.
ފަސްމަންޒަރު
2018 އިން 2023 އަށް ހިނގި ރ. އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ދައުރުގައި މުހިއްމު ދެ ޤާނޫނެއް ފާސްކޮށްފައި ވެއެވެ. އެއީ މަތީ ތަޢުލީމާ ގެ ޤާނޫނާއި ތަޢުލީމުގެ ޤާނޫނެވެ. މި ދެ ޤާނޫނަކީ، ތަޢުލީމީ ދާއިރާގެ ތެރޭގައި އެއާ މެދު މަޝްވަރާ ކުރެވޭތާ 10 ވަރަކަށް އަހަރަށް ވުރެ ގިނަ ދުވަސްވީ ފަހުން ފާސްކުރެވުނު ދެ ޤާނޫނެވެ. ފާސްކުރެވުނު އިރުވެސް މި ދެ ޤާނޫނުގައި ވަރަށް ގިނަ މައްސަލަތަކެއް ހިމެނެއެވެ. ފުށުއެރުންތަކާއި ޤާނޫނީ މައްސަލަތަކާއި ދިވެހިބަހުގެ މައްސަލަތަކާއި ތަންފީޒީ މައްސަލަތަކެވެ. އެ ދުވަސްވަރަކީ އިހު ބުނެވުނު މައްސަލަތައް އެނގިވަޑައިގަންނަވާ، ދެތިން ބަހަށް ފަރިތަ އިސް މުވައްޒަފަކު މަތީ ތަޢުލީމާ ބެހޭ ވުޒާރާގައި އުޅުއްވި ދުވަސްވަރެކެވެ. ބިލް ޤާނޫނަކަށް ވުމުން މައްސަލަތައް ރަނގަޅު ނުކުރެއްވީ ކީއްވެގެންތޯ އޭނާ އާ ސުވާލުކުރެއްވުމުން ވިދާޅުވީ ބިލާ މެދު ކޮމަންޓު ކުރާނޭ ފުރުޞަތެއް އޭނާއަށް ނުދެއްވާ ކަމަށެވެ.
މަތީ ތަޢުލީމާ ގެ ބިލް އަށް އަޅުގަނޑު ވަރަށް ގާތުން ބަލައި، އަޅުގަނޑުގެ ކޮމަންޓުތައް ޝާއިޢުކުރީމެވެ. އެ ކޮމަންޓްތައް މި ލިންކުން ކިޔުއްވޭނެއެވެ: https://hassanhameed.com/comments-on-higher-education-bill/
ތަޢުލީމުގެ ބިލަށް އަޅުގަނޑު ކޮމަންޓެއް ނުކުރަމެވެ. އެއީ މައްސަލަތައް ގިނަކަމުން، އެއް މަޒުމޫނެއްގައި ލިޔެވޭ ވަރަށް ވުރެ ގިނަ ކަމުންނެވެ. ބިލްގެ އަސާސްތަކުގައި ވެސް މައްސަލަތައް ހުރުމުންނެވެ.
ޑރ. އަނާރާ ނަޢީމުގެ ހުށަހެޅުންތައް
ޑރ. އަނާރާ ނަޢީމް 25 އޮކްޓޯބަރ 2026 ގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ”އިޞްލާޙްތައް“ މި ޖުމުލައަށް ފިތާ ލައްވަނިކޮށް ޑައުންލޯޑް ވާނެއެވެ. ކުރިން ދެންނެވިހެން އެއީ ގިނަ ކަންތައްތަކެކެވެ. ޖުމުލަ 47 ޞަފުޙާ މި އިޞްލާޙްތަކު ގައި ހިމެނެއެވެ. އެހެންކަމުން އަޅުގަނޑު މި މަޒުމޫނުގައި ބަލައިލާނީ ހަމައެކަނި އެއް ކަމަކަށެވެ. އެއީ ދިރާސީ އަހަރު 195 ދުވަހަށް ކަނޑައެޅުއްވުމަށް ލިޔުއްވާފައިވާ އިޞްލާހެވެ.
ތަޢުލީމީ ނިޒާމުތަކުގައި ދިރާސީ އަހަރުގެ ދިގުމިން
ތަޢުލީމީ ނިޒާމުގެ ދިގުމިން ކަނޑައެޅުމަށް އަޅުގަނޑުމެން ބަލަންވީ އެއް މިންގަނޑަކީ، ދުނިޔޭގެ ކާމިޔާބު މަދްރަސީ ނިޒާމުތަކުގައި އެކަން އޮންނަ ގޮތެވެ. ކާމިޔާބު މަދްރަސީ ނިޒާމުތައް އޮންނަނީ ކޮންކޮން ޤައުމެއްގައި ތޯއެވެ؟ މި ބަލާނީ ކިހިނަކުންތޯ އެވެ؟ މި ސުވާލުގެ ޖަވާބު ދިނުން ވަރަށް ފަސޭހައެވެ. އެއީ 2000 ވަނަ އަހަރުން ފެށިގެން، އެންމެ ކުރިއަރާފައިވާ ޤައުމުތަކުގައި ގްރޭޑް 9 ނިންމާ ދަރިވަރުންނަށް އެއް ޓެސްޓެއް ދެވި، ދަރިވަރުންނަށް ލިބޭ މާކުސްތަކުން އެ ނިޒާމުގެ ފެންވަރު ބަލާފައި ވެއެވެ. މިގޮތަށް މި ޓެސްޓް ދޭއިރު، ބަލަނީ ތިން ދާއިރާއަކަށެވެ. ހިސާބާއި، ސައިންސާއި ބަހަށެވެ. އަދި ލިޔެފައިވާ އެއްޗެއް ކިޔައި ދޭހަވާ މިންވަރަށެވެ. މިހުނަރަށް ޓެސްޓް އެކުލަވައިލި މީހުން ކިޔަނީ “ރީޑިން” އެވެ. 2025 ވަނަ އަހަރު އިތުރު ދާއިރާއެއް ޓެސްޓްކުރަން ފަށާފައި ވެއެވެ. އެންމެ ކުރީކޮޅުގައި މި ޓެސްޓް ދެވިފައިވަނީ ކުރިއަރާފައިވާ ޤައުމުތަކުގެ ދަރިވަރުންނަށެވެ. ނަމަވެސް 2025 ވަނަ އަހަރު، 91 ޤައުމުގެ ދަރިވަރުން މި ޓެސްޓްގައި ބައިވެރި ވެފައި ވެއެވެ. ޓެސްޓްގެ ނަމަކީ ޕިސާ (PISA) އެވެ. އާދެ! Programme for International Student Assessment (ދަރިވަރުންގެ ފެންވަރު ވަޒަންކުރުމުގެ ބައިނަލްއަޤްވާމީ ޕްރޮގްރާމް) އެވެ.
2025 ވަނަ އަހަރުގެ ޕިސާ ޓެސްޓްގެ އެންމެ ރަނގަޅު ނަތީޖާ ހޯދި 10 “ޤައުމު” ތިރީގައި އެވަނީ އެވެ. ފާހަގަ ކުރެވެނީ ކޮން ކަންތައްތަކެއް ތޯއެވެ؟

މަތީގައިވާ ތާވަލުން ފާހަގަ ކުރެވޭ އެއްކަމަކީ، ގަދަ ދިހައެއްގެ ތެރޭގައި 11 ”ޤައުމު“ ހިމެނޭ ކަމެވެ. ފުރަތަމަ ފަސްވަނައިގައި ހިމެނެނީ މުޅިން އޭޝިއާގެ ޤައުމެވެ. ކޮރެއާ އާ އެކު އޭޝިއާގެ 6 ޤައުމު، ގަދަ ދިހައެއްގެ ތެރޭގައި ހިމެނެއެވެ. އެއް ދުވަސް ވަރެއްގައި މާ ކުރީގައި އުޅުނު ފިންލަންޑް ގަދަ ދިހައަކުން އޮއްސި ގެއްލިއްޖެއެވެ. ހަވަނައަށް އައިސްފައިވާ އެސްޓޯނިއާ އަކީ އުތުރު ޔޫރަޕުގެ ޤައުމެކެވެ. ”ހުޅަނގު“ ގެ ޤައުމެއް ނޫނެވެ. ޤައުމު އަޅުގަނޑު ކޮމާކޯޅިއެއްގެ ގެރޭގައި ލިޔެފައިވާ ސަބަބަކީ، އެއްވަނައިގައި ވާ ޗައިނާގައި މި ޕިސާ ޓެސްޓްގައި ބައިވެރިވަނީ ޗައިނާގެ ބައެއް ސިޓީ ތަކެވެ. މުޅި ޤައުމެއް ނޫނެވެ. މެކާއޯ އަކީވެސް ޗައިނާގެ ބަޔެކެވެ. ޓެއިޕެއި އަކީ ޗައިނާގެ ބައެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.
ދެން އަޅުގަނޑުމެން ކުރަންވީ ވަރަށް މުހިއްމު ސުވާލެކެވެ: އެންމެ ފުރަތަމަ 5 ގައިވާ ޗައިނާ، ސިންގަޕޫރު، މެކާއޯ، ޓައިޕެއި، ޖަޕާނުގައި ދިރާސީ އަހަރުގެ ދިގުމިނަކީ ކޮބައިތޯ އެވެ؟ ހަވަނައަށް އައިސްފައިވާ ކޮރެއާގެ ދިރާސީ އަހަރުގެ ދިގުމިނަކީ ކޮބައިތޯ އެވެ؟ މި ސުވާލުގެ ޖަވާބު ވަރަށް ފަސޭހައިން މި ޒަމާނުގައި ހޯދެއެވެ. ތިރީގައި އެވަނީ މި ދިރާސާގެ ނަތީޖާއެވެ.
ދިރާސީ އަހަރުގެ ދިގުމިން (ދުވަހުން)
| ހަވާލާދެވޭ ލިޔުން | ސާނަވީ | ޕްރައިމަރީ (އިބްތިދާއީ، ފަށާ) | ޤައުމު |
|---|---|---|---|
| Beijing | 205 | 195 | ޗައިނާ |
| Act | 191 | 191 | ސިންގަޕޫރު |
| Regulation | 195 | 195 | މެކާއޯ |
| Policy | 200 | 200 | ޓައިޕޭ (ޓައިވާން) |
| Policy | 200 | 200 | ޖަޕާނު |
މަތީގައިވާ ތާވަލުން ތިޔަ ބޭފުޅުންނަށް ފާހަގަ ކުރެއްވޭނީ، އެންމެ ރަނގަޅު ތަޢުލީމީ ނިޒާމުތަކުގައި ދިރާސީ އަހަރަކީ ގާތްގަޑަކަށް 200 ވަރަކަށް ދުވަސް ކަމުގައެވެ. މަތީގައިވާ ތާވަލުގައި، އެންމެ ވާތް ފަރާތު ފަތީގައިވާ ނަމަށް އޮބައިލުމުން ޑައުންލޯޑް ވާނީ، އަޅުގަނޑު މި މަޢުލޫމާތު ނަގާފައިވާ އެ ޤައުމުތަކުގެ ސަރުކާރުގެ ރަސްމީ ލިޔުންތަކެވެ. މިއިން ބައެއް ލިޔުންތަކުގައި ވަނީ އެންމެ މަދުން ހިމަނަންޖެހޭ ދުވަހުގެ ޢަދަދުކަމަށް ބަޔާންކޮށްފައި ވެއެވެ.
ދެން ތިޔަ ކުރައްވާ ސުވާލަކީ، ދިވެހިރާއްޖޭގެ ދިރާސީ އަހަރުގެ ދިގުމިނަކީ ކޮބައިތޯ ނޫންތޯއެވެ؟ އާދެ! އެ ސުވާލުގެ ޖަވާބު އެރުވުމުގެ ކުރިން ރާއްޖެއާ ގުޅުން ހުރި އެހެން ބައެއް ޤައުމުތަކުގެ ދިރާސީ އަހަރުގެ މުއްދަތު ބަލައިލަމާ ތޯއެވެ؟
ސްރީ ލަންކާ 200 ދުވަސް (މަދުވެގެން، ސާނަވީ 210)
އިންޑިޔާ 200 ދުވަސް (މަދުވެގެން، ސާނަވީ 220)
މެލޭސިއާ 194–196 ދުވަސް
އިނގިރޭސި ވިލާތް 190 ދުވަސް (މަދުވެގެން)
މަތީގައިވާ ޢަދަދުތަކުން އަޅުގަނޑުމެންނަށް އެނގެނީ 200 ވަރަކަށް ދުވަހަކީ އެތައް ޤައުމެއްގައި ވަރަށް ޢާއްމު މިންވަރެއް ކަމެވެ. ޤައުމުތަކުގެ ނަމަށް އޮބާލުމުން ދުވަސް ކަނޑައަޅާފައިވާ ލިޔުން ޑައުންލޯޑް ވާނެއެވެ.
ދިރާސީ އަހަރުގައި ހިމެނޭ ދުވަސްތައް މުހިއްމު ވަނީ ކީއްވެގެން؟
މި ސުވާލުގެ ޖަވާބަކީ ޕިސާ ފަދަ ޓެސްޓުތަކުން ދިރާސީ އަހަރު ދިގު ޤައުމުތަކުގެ ނަތީޖާތައް މާ ރަނގަޅު ކަމަށް ފާހަގަކުރެވޭ ކަމެވެ. ޢަދަދު ނުކުރެވޭހާ ގިނަ ދިރާސާތަކުން، ކިޔެވުމަށް ހޭދަކުރާ ވަގުތާއި ނަތީޖާ އާ ވަރަށް ބޮޑަށް ގުޅިފައިވާ ކަން ފާހަގަ ކުރެވިފައި ވެއެވެ. ޚާއްޞަކޮށް، ކިޔެވުމަށް ގިނަ ވަގުތު ހޭދަކުރާނަމަ، ދަރިވަރުން މޮޅުވާކަމެވެ.
ރާއްޖޭގެ ޙާލަތް
ދެން އެންމެ މުހިއްމު ސުވާލެކެވެ. ދިވެހިރާއްޖޭގައި އޮންނަނީ ކިތައް ދުވަސްތޯއެވެ؟ ތަޢުލީމީ ވުޒާރާގެ ދިރާސީ ކަލަންޑަރުގައިވާ ގޮތުން އެ މުއްދަތަކީ 180 ދުވަހެވެ. ބަޔާން ކުރެވުނު ޤައުމުތަކުގެ ދިރާސީ އަހަރަށް ވުރެ، ދިވެހިރާއްޖޭގެ ދިރާސީ އަހަރު މަހެއް ހާ ދުވަސް ކުރެވެ. އަދީ ކީއްތޯއެވެ. ޙަޤީޤަތުގައި 180 ދުވަހަކީ ކިޔެވުމާ ބެހޭ ޙަރަކާތްތައް ހިނގާ ދުވަސް ދުވަހެއް ނޫނެވެ. ރ. ޔާމީން ދައުރުން ފެށިން ކޮންމެ އަހަރަކު ތިން ހަތަރު ދުވަސް ރަސްމީ ބަންދު ދުވަސްތަކުގައި ސަރުކާރުން ހަމަޖައްސައެވެ. އަދި ފަހަކަށް އައިސް ރޯދަމަހުގެ ފަހު ދިހައެއް ވެސް ބަންދުކުރެއެވެ. މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން ދިރާސީ އަހަރުގެ ދިގުމިނަކީ ޙަޤީޤަތުގައި 170 އަށް ވުރެ ކުރު މުއްދަތަކެވެ.
ތަޢުލީމުގެ ބިލަށް މި ހުށަހެޅި "އިޞްލާޙް"ގެ މައްސަލައަކީ ކޮބާ؟
ދިރާސީ އަހަރު ހަމައެކަނި އިތުރުކޮށްގެން ދަރިވަރުންނަށް އުނގެނޭ މިންވަރު ސަފުން މައްޗެއް ނުވާނެއެވެ. އެއީ އެހެން ބަހާއެއް ނުވަތަ ކަމެއް ނަތީޖާއަށް އަސަރުކުރާތީ އެވެ. އެ ބަހާއަކީ ނުވަތަ ކަމަކީ ކިޔެވުމަށް ހޭދަކުރާ ވަގުތެވެ. ޝައްކެއް ނެތެވެ. ދުވާލަކު އެއް ގަޑިއިރު 195 ދުވަހު ކިޔަވައިދިނުމާއި 195 ދުވަހު ފަސްގަޑިއިރު ކިޔަވައިދިނުމާ ވަރަށް ތަފާތެވެ. އެހެންކަމުން، ތަޢުލީމީ ޢިލްމުވެރީން ބުނަނީ، ދިރާސީ އަހަރެއްގައި ކިޔަވައިދޭ މުއްދަތު ހިސާބުކޮށް ބަލަންޖެހޭނެ ކަމަށެވެ. ރާއްޖޭގެ ޙާލަތުގައި މިކަން ޢަމުދުން މުހިއްމު ވެއެވެ. އެއީ ދިރާސީ އަހަރުގެ ތެރޭގައި ހިމެނޭ އެތައް ދުވަހެއްގައި، އެއްވެސް ގޮތަކަށް ކިޔަވައެއް ނުދެއެވެ. ރޯދަ މަހު ކިޔަވައިދެނީ ވަކީން މަދު މުއްދަތަކަށެވެ. އެހެންކަމުން ޤާނޫނުގައި ހިމަނަންޖެހެނީ، ފަށާ ތަޢުލީމާއި ސާނަވީ ފެންވަރުގައި ކިޔަވައިދޭ ދުވަހުގެ އިތުރަށް، އުނގެނެމަށް ހޭދަކުރާ ވަގުތެވެ. މި ވަގުތުތަކުގެ ތަފާސް ހިސާބު އެކި ޤައުމުތަކުގެ ތަޢުލީމީ ނިޒާމުން ލިބެން ހުރެއެވެ.
ސިންގަޕޫރުގެ ޤާނޫނުގައި ލިޔެފައި އޮންނަނީ އަންނަނީވި ގޮތަށެވެ:
ޕްރައިމަރީ އަދި ސެކަންޑަރީ މަދަރުސާތައް މަދުވެގެން 191 ދުވަހު ކިޔަވައިދިނުމަށް މަދަރުސާތައް ހުޅުވަން ޖެހޭނެއެވެ. އަދި މަދުވެގެން އަންނަނިވި މުއްދަތަށް އުނގަންނައިދޭން ޖެހޭނެއެވެ.
(ހ) ޕްރައިމަރީގެ ފުރަތަމަ އަހަރު ހަފުތާއަކު 20 ގަޑިއިރު،
(ށ) ޕްރައިމަރީގެ ދެވަނަ އަހަރުން ފެށިގެން ހަތަރުވަނަ އަހަރާ ހަމައަށް ހަފުތާއަކު 22.5 ގަޑިއިރު،
(ނ) ޕްރައިމަރީގެ ފަހު އަހަރުތަކާއި ސާނަވީ މަރުހަލާގައި 24.75 ގަޑިއިރު.
.
ސްރީ ލަންކާގައި ކަމާ ބެހޭ ބައި ލިޔެފައި އޮންނަނީ އަންނަނިވި ގޮތަށެވެ.

"މަދަރުސާތައް ރޭވިފައިވަނީ އަހަރަކު 210 ދުވަހު، ފަށާ ތަޢުލީމުތަކުގެ މަދަރުސާތަކުގައި ދުވާލަކު މަދުވެގެން ފަސް ގަޑިއިރު، އެދި ސާނަވީ މަދަރުސާތަކުގައި ދުވާލަކު މަދުވެގެން ހަ ގަޑިއިރު ކިޔަވައިދޭ ގޮތަށެވެ."
ކިޔަވައިދޭ ދުވަހުގެ ޢަދަދާއި ދުވާލަކު ކިޔަވައިދޭ މުއްދަތައް ވުރެ މުހިއްމީ އަހަރަކު ދަރިވަރަކު މަދަރުސާގައި ކިޔަވާ ވަގުތެވެ. އެއީ އިމްތިޙާނު ކުރެވޭ ދުވަސްތަކާއި، މުދައްރިސުންގެ ޣައިރު ހާޒިރީން ގެއްލޭ ވަގުތާއި، އެހެން ގޮތްގޮތުން ކެންސަލްވާ ދުވަސްތަކާއި ޕީރިއަޑްތައް ނުހިމަނައެވެ. މި އިރުގެ ބައިނަލްއަޤްވާމީ އެވަރިޖަކީ، ޕްރައިމަރީ ނަމަ، 800 ގަޑިއިރު، އަދި، ސެކަންޑަރީއަށް 925 ގަޑިއިރެވެ.
އިޞްލާޙް އާ އެކު ޤާނޫނު ތަންފީޒުކުރުން
ވޭތިވެދިޔަ ފަސްވަރަކަށް ދަހަރު (ދަސް އަހަރު) ގެ ތެރޭގައި، ދިވެހިރާއްޖޭގެ ދިރާސީ އަހަރު ވަނީ ކުރު ވެފައެވެ. ތަޢުލީމުގެ ފެންވަރުވަނީ ދަށް ވެފައެވެ. މިއީ ފަހަކަށް އައިސް ވީ ގޮތެކެވެ. 1960 ގެ އަހަރުތަކުގައި ހޮނިހިރު ދުވަހަކީ ރަސްމީ ދުވަހެކެވެ. މަދަރުސާތަކު ގައި ހޮނިހިރު ދުވަހު ކިޔަވައިދިނުން އޮވެއެވެ. ރޯދަ މަހުގައިވެސް ކިޔަވައިދެއެވެ. 1970 ގެ އަހަރުތައް ފެށުނުތަނާހެން، ހޮނިހިރު ދުވަހު ރަސްމީކޮށް ކިޔަވައި ނުދޭގޮތަށް ހަމަޖައްސައި، ދުވާލަކު ކިޔަވައިދޭ ގަޑި އިތުރު ކޮށްފައި ވެއެވެ. ތިރީގައި މިވަނީ، އަޅުގަނޑު ގްރޭޑް 10 ގައި އުޅުނު އިރުގެ ޓައިމްޓޭބަލެވެ. އެއިން ފާހަގަ ކުރެއްވޭނީ މެންދުރު ފަހު ކިޔަވައިދޭ ކަމެވެ. އަދި، ކިޔަވައިދޭ މާއްދާތައް މިހާރަށް ވުރެ ގިނަ ކަމެވެ. މަދަރުސާގައި (އިންޓަވަލްތައް ނުލައި) ކޮންމެ ދުވަހަކު 6 ގަޑިއިރު ކިޔަވައިދޭ ކަމެވެ.

އިޞްލާޙް ތަންފީޒުކުރުމަށް ހުރި ގޮން ޖެހުންތައް
ޑރ. އަނާރާ ނަޢީމު ރައްޔިތުންގެ މަޖިލީހަށް ތަޢުލީމާ ބެހޭ ޤާނޫނަށް ބަދަލުގެނައުމާ ބެހޭ ގޮތުން ހުށަހަޅުއްވާފައިވާ އިޞްލާޙްތަކުގެ ތެރެއިން ތަޢުލީމީ އަހަރު 195 ދުވަހަށް ދިގުކުރުމަކީ ވަރަށް އެދެވޭ ކަމެކެވެ. ނަމަވެސް، އިޞްލާޙް ތަންފީޒުކުރުމަށް ވަރަށް ބޮޑު ގޮންޖެހުންތަކެއް ވެއެވެ. މިދަންނަވަނީ މިފަދަ ބައެއް ގޮން ޖެހުންތަކެވެ.
-
ދިވެހިރާއްޖެއަކީ އަހަރީ ޗުއްޓީ ދިގު، އަހަރެއްގެ ތެރޭގައި އަންނަ ރަސްމީ ބަންދު ދުވަސްތައް ގިނަ، މަސައްކަތް ކުރަންޖެހޭ ވަގުތު މަދު، ޢިނާޔަތްތައް ގިނަ ޤައުމެކެވެ. ނަތީޖާއަކީ މުވައްޒަފުންގެ އުފެއްދުންތެރިކަން ނިހާޔަތަށް ދަށްވުމެވެ. އަޅުގަނޑަށް ލަފާ ކުރެވޭ ގޮތުން، ރާއްޖެ ހިމެނޭނީ މުވައްޒަފުންގެ އުފެއްދުންތެރިކަން އެންމެ ދަށް ޤައުމުތަކުގެ ލިސްޓުގައެވެ. މިހެން މެދުވެރިވެފައިވަނީ ވަޒީފާއާ ބެހޭ ޤާނޫނުގެ ސަބަބުންނެވެ. މި ވާހަކަތައް ވަރަށް ތަފްޞީލްކޮށް އަޅުގަނޑު ބަޔާންކޮށްފައި ވެއެވެ: https://hassanhameed.com/law-governance-and-the-maldives/the-employment-act-and-development/
-
ކުރީގެ ދުވަސްވަރު، ޚާއްޞަކޮށް 1960 ގެ ދުވަސްވަރު، ރޯދަމަހަކީ މިހާރު ހާ ޢިނާޔަތްތަކާއި ކަންނެތްކަން ބޮޑު ދުވަސްވަރެއް ނޫނެވެ. ރޯދަމަހު އެއްކޮށް ކިޔަވަން ދިޔަ ދުވަސްވަރު ހަނދާން އެބަހުއްޓެވެ. މިހާރު ވެސް، މުސްލިމުން ގިނައިން އުޅޭ ޤައުމުތަކުގައި، ރޯދަމަހުގެ ޢިނާޔަތަކީ ހަމައެކަނި މަސައްކަތު ގަޑިން އެއްގަޑިއިރު މަދުކޮށްލުމެވެ. މެލޭޝިއާގައި ސިވިލް ސާވިސް މުވައްޒަފުންނަށް ދެނީ ބައިގަޑިއިރެވެ. ރާއްޖޭގައި ބިދޭސީން ގިނަވަނީ އެމީހުންނަށް ރާއްޖޭގެ ބައެއް ޤާނޫނުތައް ނުހިންގާތީއެވެ. ނަތީޖާއަކީ، ސިވިލް ސާވިސްގެ މުވައްޒަފުންގެ ކަންނެތްކަން ބޮޑުވުމެވެ. މައްސަލަތައް ހައްލުކުރުމަށް އެންމެ ފުރަތަމަ އިޞްލާޙް ކުރަންވީ، ވަޒީފާއާ ބެހޭ ޤާނޫނެވެ.
- ރާއްޖޭގެ ބައިބޯ ހިސާބުތަކުގައި، އެކަށީގެންވާ މިންވަރަކަށް، މިސާލަކަށް ސާނަވީއަށް 6 ގަޑިއިރު ކިޔަވައިދޭ ނަމަ، ދެ ދަންފަޅިއަށް މަދަރުސާ ހިންގައިގެން އެކަމެއް ނުކުރެވޭނެއެވެ. އެހެންކަމުން، މަދަރުސާތައް ބިނާކުރުމުގެ މަޝްރޫޢު ވަރަށް ބާރަށް ކުރިއަށް އެބަ ގެންދަން ޖެހެއެވެ. ރަނގަޅު ތައުލީމީ ނިޒާމުތައް ހިންގާ ޤައުމުތަކުގައި މަދަރުސާތައް ނިމެނީ މެންދުރު ފަހު 3 ޖަހާއިރު ނުވަތަ 4 ޖަހާ އިރެވެ. ބައެއް ޤައުމުތަކުގައި ހޮނިހިރު ދުވަހު 12 ޖަހަންދެން ކިޔަވައި ދެއެވެ. މުޅި ސިވިލް ސާވިސް އެހެން ފޭޑިއަކަށް މަސައްކަތް ކުރާއިރު، މުދައްރިސުންގެ ފަރާތުން އެކަށީގެންވާ ޚިދުމަތެއް ލިބޭނީ މުދައްރިސުންގެ މުސާރައާއި ޢިނާޔަތްތައް އެހެން ދާއިރާތަކުގެ އުޖޫރައާ ތަފާތު ކޮށްގެންނެވެ. މިއާ އެކު، ގެންނަން ޖެހޭ އަނެއް ބަދަލަކީ، ފިރިހެނުންގެ ނިސްބަތް، މަދައްރިސުންގެ ފަންތީގައި ގިނަ ކުރުމެވެ. މިއީވެސް މުސާރައާ ގުޅިފައިވާ ކަމެކެވެ. ދަރިވަރުންގެ ދެބައިކުޅަ އެއްބަޔަކީ، ފިރިހެން ކުދީން ކަމަށް ވާއިރު، މި ކުދީންނަށް ރޯލް މޮޑްލް އަކަށް (އުޅޭނޭ ގޮތުގެ މާދިރީއަކަށް) ވާ ކަހަލަ ފިރިހެނަކު ސްޓާފް ރޫމަކުން ފެންނަނީ ކާޅު އައިނަކުން ހުދު ކާޅެއް ފެންނަ ނިސްބަތުންނެވެ.
ނިންމައިލުން
ދިރާސީ އަހަރު 180 ދުވަހުން ފެށިގެން 195 ދުވަހަށް ދިގުކުރުމަށް ހުށަހަޅުއްވާފައިވާ އިޞްލާޙަކީ، ތަޢުލީމީ ގޮތުން ކުރިއަރާފައިވާ ޤައުމުތަކުގައި ގެންގުޅޭ ހަމަތަކާ އެއްގޮތް ކުރުމަށް ޤާނޫނަށް ގެނެވޭ އެދެވޭ، ފެނެވޭ ބަދަލެކެވެ. ބޭރުގެ ގިނަ ޤައުމުތަކެއްގެ ޤާނޫނުތައް ދިރާސާ ކުރުމަށް ފަހު، އަޅުގަނޑަށް ފެންނަ ގޮތަކީ އެ އިޞްލާޙް އަންނަނިވި ގޮތަށް ލިޔުމެވެ.
ދިވެހިރާއްޖޭގެ މަދަރުސާތަކުގެ ދިރާސީ އަހަރަކީ މަދުވެގެން 190 ދުވަހެވެ. ކިޔަވައިދޭ ކޮންމެ ދުވަހަކު ގްރޭޑް 1 އިން ފެށިގެން ގްރޭޑް 6 ގެ ދަރިވަރުންނަށް، އިންޓަވަލް އާއި އެހެން ހުސްވަގުތުތައް ނުލައި 5 ގަޑިއިރު ކިޔަވައިދޭން ވާނެއެވެ. އަދި ގްރޭޑް 7 އިން ފެށިގެން މަތީގެ ދަރިވަރުންނަށް، އިންޓަވަލް އާއި އެހެން ހުސްވަގުތުތައް ނުލައި، މަދުގެން ދުވާލަކު 6 ގަޑިއިރު ކިޔަވައިދޭން ވާނެއެވެ.
މިއީ ސިންގަޕޫރުގައި ޤާނޫނާ ވަރަށް ގާތް ގޮތެކެވެ. ތަޢުލީމީ ގޮތުން ކުރިއަރާފައިވާ ޤައުމުތަކުގައި، ދިރާސީ އަހަރަކީ 40 ހަފުތާ އެވެ ނުވަތަ 200 ދުވަހެވެ. ނަމަވެސް، މިކަން ތަންފީޒުކުރަން ބޭނުން ނަމަ، އެހެން ޤާނޫނުތަކަށް، އަދި މަސައްކަތު ގަޑިއާއި ޗުއްޓީ ހަމަޖެހިފައިވާ އުސޫލަށް ނުވަތަ ވަޒީފާގެ ޤާނޫނަށް ގިނަ އިޞްލާޙްތަކެއް ގެންނަން ޖެހޭނެއެވެ. އަޅުގަނޑު މި މިހުށަހެޅި ގޮތަކީ، ތަންފީޒުކުރެވިދާނޭ ބަދަލެކެވެ. މިހެން ދެންނެވިއަސް، ރާއްޖޭގެ ގިނަ ޤާނޫނުތަކަކީ، ނަމަކަށް ހުންނަ އިރުޝާދުތަކެވެ. ކަމާ ބެހޭ ފަރާތްތަކުން ވެސް ޤާނޫނުތަކެއް ތަންފީޒެއް ނުކުރެއެވެ.

Leave A Comment