މި އަހަރުގެ (1447) ރަމަޟާން މަހުގެ 17 ވީ ހުކުރު ދުވަހު ޢާއްމު ވި އެއް ޚަބަރަކީ އަނެއްކާ ޒަމާންވީ މިސްކިތެއް ތަޅާލަން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު އިޢުލާނު ކުރެއްވި ޚަބަރެވެ. އެކަމާ ބެހޭ ގޮތުން އޭނާ ކުރެއްވި ޓްވީޓް ތިރީގައި އެވަނީ އެވެ.

މި ޓްވީޓް އާ ގުޅިގެން ”މިހާރު“ ގައި ޚަބަރެއް ޝާއިޢުކުރިއެވެ. އެ ޚަބަރު ތިރީގައިވާ ފޮޓޯއަށް އޮބާލެއްވުމުން ފެނިވަޑައިގަންނަވާނެ އެވެ.

އެ ޚަބަރު ލިޔެފައިވަނީ ފާޠިމަތު އަޖްފާން އެވެ. އޭގައި ޙަޤީޤަތާ ޚިލާފު ދެތިން ވާހަކައެއް ލިޔެފައިވާތީ، ކިޔުންތެރީންނަށް އޮޅުން އަރާފާނެތީ، ތެދު ހާމަކުރުމުގެ ގޮތުން އެކަން ކިޔުންތެރީންގެ ސަމާލުކަމަށް ގެންނަން ޖެހެއެވެ. އޭނާ ލިޔުއްވާފައި ވެއެވެ:

”މާލޭގެ އުތުރު ފަރާތުގައި ހުންނަ އެ މިސްކިތަކީ ރާއްޖެއަށް އަތްގަދަ ކުރަން އައި ޝީއީންގެ ގަބޫލުކުރުންތަކަށް ހެއްލިފައި ތިބި ވޯރާ ވިޔަފާރިވެރިން ބިނާކުރި މިސްކިތެކެވެ. އޭރު އެ މިސްކިތަށް ކިޔަނީ ބުމްބާ މިސްކިތެވެ. ނަމަވެސް ފަހުން އެ މިސްކިތުގެ ނަން ބަންޑާރަ މިސްކިތަށް ވަނީ ބަދަލުކޮށްފަ އެވެ.“

ވޯރާ ވިޔަފާރިވެރީންނަކީ ގުޖުރާތަށް ނިސްބަތްވާ ބައެކެވެ. އިނގިރޭސި ބަހުން ކިޔަނީ ބޯރާ އެވެ. ވޯރާ  އެމީހުންނަށް ކިޔަން ފެށީ މުޙައްމަދު އަމީން ކަމަށް، ރަބީޢުގޭ ޢަބްދުﷲ މުފީދު، އެމީހުންގެ ތާރީޚާ ބެހޭ ގޮތުން ލިޔުއްވާފައި ފޮތުގައި ވެއެވެ. ވޯރާ ކިޔާ ސަބަބަކީ، ގުޖުރާތީ ބަހުން  ވިޔަފާރިވެރީންނަށް ވޭޕާރިއޯ ކިޔާތީއެވެ. ފަހަރެއްގައި ދިވެހިބަހުން ”ވިޔަފާރި“ އައިސްފައިވަނީ ގުޖުރާތީ ބަހުން ކަމަށް ވެދާނެއެވެ.  އެމީހުންނަށް މިނަން ޚާއްޞަވީ، މި މީހުންނަކީ މުޅިންހެން ވިޔަފާރިވެރީން ކަމަށް ވާތީއެވެ. ވޯރާ ވިޔަފާރިވެރީންގެ ބޮޑު ޖަމާޢަތެއް އޮޅުދޫ ކަރައިގެ މިހާރުވެސް އުޅެއެވެ. ލަފާކުރެވޭ ގޮތުން، އެމީހުން މާލެއައީ އޮޅުދޫ ކަރައިންނެވެ.

1800 ގެ އަހަރުތަކުގެ ކުރީކޮޅު، މިބައިމީހުން މާލެއަށް ވިޔަފާރިކަމު އަންނަނީ ވައި ފައްސި އިރުއެވެ. ވިޔަފާރިކޮށް ނިމުމުން މޫސުން ބަދަލުވެ ވައި އަނެއްކޮޅަށް ޖެހުމުން އެނބުރިދަނީއެވެ. މިހެން މިކަން ހިނގާތާ އެތައް ދަހަރެއް ވީފަހުން، ނުވިކި ހުންނަ މުދާ، މާލޭގައި ބަހައްޓަން ފެށިއެވެ. ބެލްގެ ތާރީޚާ ބެހޭ ފޮތުގައިވާ ގޮތުން، އެ މީހުން މުދާ ބަހައްޓަނީ މާލޭގެ ފަޅުގައި މުޑި ޖަހައި، ވާރޭ ނުވެހޭ ފަދަ ހިޔާވައްސެއް ހަދައިގެންނެވެ. ރަށު ތެރެއަކު ނޫނެވެ. ދެން، އޭގެ މާ ފަހުން، މާލޭން ބޮޑު ފާރުގެ ބޭރުގައި އެމީހުން ފިހާރަ އަޅަން ރަދުން ހުއްދަ ދެއްވިއެވެ.  ވިހި ވަނަ ޤަރުނު ފެށުނު އިރުވެސް، އެމީހުން ފިހާރަތައް ހަދައިގެން އުޅުނީ ބޮޑުފާރުން ބޭރުގައެވެ. ފަހުން ބޮޑު ފާރުން އެތެރޭގައި ފިހާރަ ހަދަން ހުއްދަ ދެއްވީއެވެ.  މި މީހުން ފޮނުވާލީ، ނާޞިރު ގެ ވެރިކަމުގައެވެ. މިސްކިތުގެ މުދިމުގެ ގެއާއި އެހެން ބައެއް ތަންތައް މިސްކިތު ގޯތިތެރޭގައި ހުއްޓެވެ. އެތަންތަން ރޫޅަން ފެށީ 7 ޑިސެމްބަރ 1966 ގއެވެ. އެމީހުންގެ މައުލާނާ ހުންނާނޭ ދެބުރި ގެއެއް، މިހާރު އެސްޓީއޯގެ ޢިމާރާތް ހުރި ތަނުގެ ހުޅަނގު ދެކުނު ކަނުގައި ކުރިން ހުއްޓެވެ. އެ ޢިމާރާތުގެ ފޮޓޯ ”ދިވެހި ޑައިޖެސްޓް“ ގައި ވެއެވެ.

މި މީހުންނަކީ ޝީއީންކަމުގައި ވިއަސް މުސްލިމުންނެވެ.  އަޅުގަނޑަށް ކަމު ނުދިޔައީ ލިޔުންތެރިޔާގެ ތަޢައްޞުބު މި ޚަބަރުގައި، ދަށު ރޮނގު ދެމި ތަންތަނުން ފާހަގަކުރެވޭތީ އެވެ.  ޚަބަރު ކީ ދެތިން މީހަކު، މި ޚަބަރު ލިޔެފައިވަނީ ކިޔުންތެރިޔާގެ ހިތުގައި ތަޢައްޞުބު ހިމެނޭ ޝުޢޫރުތަކެއް އުފައްދަން ކަމަށް ބުންޏެވެ.

އިތުރަށް ލިޔުންތެރިޔާ ބުނެފައި ވެއެވެ:

”ކުރީގެ ރައީސް އިބްރާހިމް ނާސިރާއި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އެ މިސްކިތަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނަ އެވެ. ވޯރާއިން އޭރު އެ މިސްކިތް ހަދާފައިވާ ގޮތުގެ ޑިޒައިނަށް ބަދަލު ގެނެސް އެ މީހުންގެ އަސަރު އެ މިސްކިތުން ވަނީ ކަނޑުވާލައިފަ އެވެ.“

ބަންޑާރަ މިސްކިތަށް އަޅުގަނޑު އަރާތާ މަދުވެގެން 50 އަހަރު ވެދާނެއެވެ. އެ މިސްކިތަށް ނާޞިރު ދައުރުގައި އެމީހުންގެ އަސަރު ކަޑާލާކަށް އެއްވެސް ކަމެއް ނުކުރެއެވެ. އެ މިސްކިތް ރައްކާތެރިކުރުމުގެ ގޮތުން ވަށައިގެން ފެންޑާއެއް ލާފައިވަނީ، ޢިމާރާތް ކުރި ފަހުންކަން އެނގެނީ ކުރީ ފޮޓޯތައް ބެލުމުންނެވެ. އެއީ ކުޑަ ދޮރުތައް ރައްކާތެރިކުރުމަށެވެ.

މައުމޫން ދައުރުގައި، މަރްޙޫމް އަތަމާގޭ ޢަބްދުއްލަޠީފް އިސްނަގައިގެން، ވިޔަފާރިވެރީންގެ ޚަރަދުގައި އެ މިސްކިތް މަރާމާތު ކުރިއެވެ. މަރާމާތު ކުރުމަށް ފަހު، ބައެއް ކަންކަން ރަނގަޅަސް، އަޅުގަނޑަށް ފާހަގަ ކުރެވެނީ އެ މިސްކިތް ކުރިން ހުރި ގޮތް މާ ރީތިކަމަށެވެ. އޭރު މިސްކިތުގެ ސީލިންގް ގައި އަދި ބިތްތަކުގައި އެކި ކުލަކުލައިގެ ބިއްލޫރި ޗާނދެލިޔާތަކެއް އެލުވާފައި، އަދި ފާރުގައި ހަރުކޮށްފައި ހުރެއެވެ. މަރާމާތުކޮށް ނިމުނު އިރު، އެ ބިއްލޫރި ގަސްތައް ވީތަނެއް ނޭނގެއެވެ. ކުރިން ހުރި ސީލިން ވެސް އަޅުގަނޑަށް މާރީއްޗެވެ. ފެންޑާލުމާއި މަރާމާތު ކުރުމުގެ މަޤްޞަދަކީ އެއްވެސް ގޮތަކަށް އެމީހުންގެ އަސަރު ކަނޑުވާލުމުގެ ބޭނުމުގައި ކޮށްފައިވާ ކަންކަމެއް ނޫނެވެ.

ދެން އަޅުގަނޑު މިގެނެސް ދެނީ މި މިސްކިތާ ބެހޭ ގޮތުން ”މާލޭގެ މިސްކިތްތައް“ މި ފޮތުގައި 1979 ގައި ލިޔެފައިވާ ބަޔާނުގެ ޚުލާޞާ އެވެ.

މިސްކިތުގެ ގޯތިތެރޭގައި ދިރިއުޅުމަށް ހަދާފައި ހުރި ތަންތަން ރޫޅާލުމަށް ފަހު، އެތަން ހުޅުވީ 12 ޖަނަވަރީ 1967 ގައި، އުއްތަމަ ފަޑިޔާރު މުޙައްމަދު ޖަމީލެވެ. ޖަމާހިރިއްޔާގެ އެމްބަސީން ހަދިޔާކުރި ލައުޑްސްޕީކަރ ސެޓެއް އެތަނުގައި ބެހެއްޓީ 9 ފެބްރުއަރީ 1979 ގައެވެ. ”ބަންޑާރަ މިސްކިތް“ ނަން ދެވުނީ 12 ޖަނަވަރީ 1967 ގައެވެ. އޭގެ ކުރިން ވެސް ”ބަންޑާރަ މިސްކިތް“ ކިޔާ ދެ މިސްކިތެއް މާލޭގައި ހުރެއެވެ. އެއްތަން ހުރީ މި މިސްކިތާ ޖެހިގެން އިރަށް އޮތް ހުސޭނީ ގޯޅީގެ އިރުމަތީ ފަރާތުގައެވެ. [ބަންޑާރަ މިސްކިތް ކިޔާ ދެވަނަ މިސްކިތް ހުރީ ރައްޔިތުން މަޖިލިސް ކުރާ ގޭގެ ކުރިމަތީގައިވާ ގޯޅީގެ އިރުމަތީ ފަރާތުގައެވެ. މިއީ، އެއިރު، ދެބުރިއަށް ހަދާފައި ހުރި ހަމަ އެކަނި މިސްކިތެވެ].

ބަންޑާރަ މިސްކިތާ ބެހޭ ފަތެއް މިފޮތުގައި ވެއެވެ. އެ ފަތުގެ މައިގަނޑު ގައިވަނީ ރަސްގެފާނަށް ދެންނެވުނީ ”ދާވޫދީ ވޯރާ ޖަމާޢަތުގެ މީހުން މިސްކިތް ބަހައްޓާން ރަދުންގެ ހިރިޔާފާތުރާދަށުން ދެއްވި ބިންކޮޅުގައި އެމީހުން ބަހައްޓާން ޤަޞްދުކުޅަ ބޮޑު މިނުގެ މިސްކިތެއް ބެހެއްޓުން ދަތިވެ، ހިރިޔާފާތުރާ ދަށުގައި ދެންނެވިގެން އެ ބިންކޮޅަށް އަދި ތަންކޮޅެއް އިތުރުކުރެއްވުމަށް ސިއްތާވެ ވޮޑިގެން ވިދެ އަންގަވާއިގެން ބޮޑުބަޑޭރިގެއިން ފޮނުވިއަތީ އައީމުއެވެ. މި ބަސް އައްސަވައި، ޤަބޫލްކުރައްވައި، މި ބެއިކަލުންނާއި އެކު ނާއިބު ބޭކަލުނާއި ދޭވާނީން ފޮނުއްވައި، މި ވޯރާއިންގެ މިސްކިތް ބަހައްޓާން ދެއްވި ތަނުގައި އުތުރާއި ދެކުނަށް ކޮންމެ ބިތަކުން ތިން ރިއަން އަށާގޫ ބޮމައިން އެއްބޮމަ ދެރިޔަން ސޯޅަ އަގޫ ހުޅަގަށް އިތުރު ކުރައްވައިފިކަމާއި ދެން ފަހެ މިތާގެ ހުޅަގު ބިތަށް އެކާވީސް ބޮމަ އެއް ރިޔަން އަށަގޫ ހަމަވެއްޖަކަމާއި 1345 ހ މި ވަނަ އަހަރު ރަބީޢުލްއާޚިރު މަހު ފަސް ދުވަހު، މި ވޯރާއިންގެ މިސްކިތް ބަހައްޓާން ދެއްވި ބިންކޮޅުގެ މައްޗަށް ލިޔެވުނު ވަގުފު ފަތުގައި އޮތް ބޮޑުމިނުގެ މައްޗަށް މި ނަންގަތް މިންވަރު ލައްވައި އެއްކުރެވިއްޖެ ކަމާއި މިސްކިތް ބިނާކުޅާއުމަށް ވަގުފުކުރެވޭ ބިންބިމަށް އިސްލާމްދީނުގެ އުސޫލުގެ މަތީން ހުންނަ ކޮންމެ ޙުކުމެއް މިތަނަން ހުންނަ ހުށި ކަމާއި މިދީނުގެ އަސްލުތަކާ ޚިލާފުވާ ކަމެއް މިއުރެން މިތާގައި ނުކުރާ ހުށިކަމާއި މި އެންމެ ކަންކަން އެގިހުރުމުގެ ހަދާނަށް މި ފަތް ލިއުމަށް ޝަރީޢަތުގެ މަޖިލިސުން އަމުރުކުރެއްވި ހިދު އައްނާއިބު ޢަބްދުﷲ ބުން މުސާ މަޙަލީ މި އަޅާލިޔުނު ފަތެވެ.“

ބަންޑާރަ މިސްކިތުގެ ފުޅާ މިނަކީ 60 ފޫޓު، ފުން މިނުގައި 36 ފޫޓު ހުރެއެވެ.  މި މިސްކިތަކީ ބިނާވެށީގެ ގޮތުން ވަރަށް ހިތްގައިމު ވިލަގަކަށް (ޕްރޮޕޯޝަން އަކަށް) ޢިމާރާތްކޮށްފައިވާ މިސްކިތެކެވެ. މިސްކިތުގެ ވިލަގު ރީތިވެގެން، އަޅުގަނޑު އެ މިސްކިތަށް ފޫޓު ފީތާ ހިފައިގެން އަރާ މިން އެޅީމެވެ. މި މިސްކިތުގެ އާދަޔާޚިލާފު އެއް ކަމަކީ، އެ ޒަމާނުގައި (ދަގަނޑު ނެތް އިރު) އެހާ ފުންކޮށް (36 ފޫޓަށް) އެކަން ކުރިބަޔަކު ތަނބު ނުޖަހާ ހެދި ގޮތެކެވެ. މި ކަމާ މެދު މީހަކު އަރުމަވެރިވެގެން ފުރާޅު ދަށަށް ވަދެ މަތިވަޑާން ގަނޑު ހަދާފައިވާ ގޮތް ބެލިއެވެ. [މަތިވަޑާން ގަނޑު ހަދާފައިވަނީ ލަކުޑި ޓްރަސް އިންނެވެ].

މިސްކިތުގައި ކުޑަދޮރުތައް ކުރިން ހުރީ މުޅިން ލަކުޑިން، ފާލީސްކޮށްފައެވެ. އޭރު އެ މިސްކިތް ވަރަށް ރީތިވާނެކަމަށް ފެނެއެވެ. ދުނިޔޭގެ އެއްވެސް ގަނޑުވަރެއްގައި އެލްމިނިއަމް ކުޑަދޮރު ހުއްޓައި ތިޔަބޭފުޅުން ދެކެވަޑައިގަތިން ތޯއެވެ؟

މި މިސްކިތަކީ ދިވެހިރާއްޖޭގެ ތާރީޚާ ވަރަށް ބޮޑަށް ގުޅިފައިވާ މިސްކިތެކެވެ. އެކަން އެނގޭނީ ދިވެހި ތާރީޚާ ބެހޭ ފޮތްތަކަށް ދަރިވަރުވީ ބަޔަކަށެވެ. ކުޑަ އެއް ކަމެއް ދަންނަވާލާނަމެވެ. އެއް ފަހަރު ދިމާވި މައްސަލައެއްގައި، މާލޭގައި ތިބި ހުރިހާ ވޯރާއިން އެ މިސްކިތަށް ވަދެ ތަޅުލައި، ނުނިކުމެ ބަންދު ވިއެވެ. މިކަމާ ގުޅިގެން މުދާ ގަންނާނޭ ގޮތެއް ރައްޔިތުންނަށް ނެތިގެން، މުޙައްމަދު އަމީން އެމީހުންގެ ގާތަށް ވަޑައިގެން ވާހަކަ ދައްކަވައި، އެމީހުން ފިހާރަތަކަށް އަލުން ދާގޮތަށް ހަމަޖެހުނެވެ. ސަރުކާރުގެ ބޮޑު އިސްޓޯރާއި ކުޑަ އިސްޓޯރު (މިހާރުގެ މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ އާއި އެސްޓީއޯ) ގެ ފެށުންވަނީ މި ހާދިސާ އާ ގުޅިފައެވެ. ކުޑަ އިސްޓޯރު ހުރީ މި މިސްކިތާ ގާތުގައިވާ ކުރީގެ އުސް އެލިއާ ބިލްޑިން ހުރި ތަނުގައެވެ.

ތާރީޚީ ބިނާތަކަކީ ވަރަށް މުހިއްމު ތަންތަނެވެ. ރައްޔިތުން އެކަތިގަނޑަކަށް ހަދަނީ، ރައްޔިތުންގެ  ޢާއްމު ހަނދާންތަކުން މީހުން ގެތިގެންދަނީ މިފަދަ ޢިމާރާތްތައް ފެނިދެނިވެ ކުރެވޭ ތަޖުރިބާތަކުންނެވެ. އަޅުގަނޑަށް ފާހަގަ ކުރެވެނީ، ބޭރު ގެ ގޮތްތަކަށް ހެސްގަނެފައިވާ ބައެއް ދިވެހީން، ދިވެހި ތާރީޚަށް، ދިވެހި ޤައުމަށް އެއްވެސް ލޯތްބެއް ނެތް ކަމެވެ. ޤައުމަށް ޣައްދާރުވުމާއި އިހާނަތްތެރިވުމުގައި، އެއްވެސް އިމެއް، މިންވަރެއް ނެތްކަމެވެ. މީގެ ކުރިންވެސް ބަޔަކު ބިހުރޯޒު ކަމަނާ މިސްކިތް ތަޅާލަން އުޅެފިއެވެ. އެ ފަހަރު އެކަމާ ބެހޭ ގޮތުން އަޅުގަނޑު ލިޔުނު މަޒުމޫނު ތިރީގައި އެވާ  ފޮޓޯއަށް އޮބައިލުމުން ކިޔުއްވޭނެއެވެ.

މިކަންކަމުން އެނގެނީ، ދިވެހީން ސަރުކާރުތަކުން ކުރާ ކަންތައްތަކާ މެދު ވަރަށް ބޮޑަށް ފާރަވެރިވާން ޖެހޭނޭ ކަމެވެ. ޒަމާނީ ބައެއް މިސްކިތް އަޅުގަނޑު ދެކެފީމެވެ. މިއިން ބައެއް ތަންތަނަކީ، މިސްކިތަށް ވުރެ ނައިޓްކްލަބްގެ ސިފަ ޖަހާ ތަންތަނެވެ. މަޢާފުކުރައްވާށެވެ! މިސްކިތަށް ޢާއްމުކޮށް ނާރާ ބަޔަކަށް މިސްކިތް ކުރަހަން ހަވާލުކުރީމާ ވަރަށް ޒަމާނީ ވާނެއެވެ.

ވޭތިވެދިޔަ ދެ އަހަރެއްގެ ތެރޭގައި، ސަރުކާރުގެ ހާމަކޮށްފައިވާ ސިޔާސަތާ ކަނޑައެޅިގެން ޚިލާފު ކަންތައްތައް، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކޮށްފައި ވެއެވެ.  އަޅުގަނޑު ދެ ކަމެއް ފާހަގަކޮށްލާނަމެވެ.

ރ. މުޢިއްޒު ވެރިކަމަށް ގެނެވުނީ ޤައުމިއްޔަތު އާއި ޤައުމަށް އިސްކަންދޭނެ ކަމަށް  ވަކާލާތުކޮށްގެންނެވެ. މިއީ އެންމެންނަށް ހާމަވާ ޙަޤީޤަތެކެވެ.  އެކަން ވާންވާނީ ސަރުކާރުގެ ސިޔާސަތަށެވެ. ނަމަވެސް، ވަޒީރުކަމަށް ޢައްޔަނު ކުރިތާ މާ ގިނަ ދުވަހެއް ނުވެ، ފާހަގަ ކުރެވުނީ، ޒަކާތާ ބެހޭ އޮފީހަށް ”ޒަކާތު ހައުސް“ ނަމަކަށް ކީ ކަމެވެ. ހައުސް އަށް ކިޔާ ދެތިން ހަތަރު ދިވެހި ލަފުޒު އޮއްވައި، ހައުސް ކިޔުމުގެ ބޭނުމަކީ ކޮބައިތޯ އެވެ؟ އެއީ ދިވެހިއްޔަތަށް އިސްކަން ދިނުން ތޯ އެވެ؟ އެއީ ސަރުކާރުގެ ހާމަކޮށްފައިވާ ސިޔާސަތު ތޯއެވެ؟

ދެން ފާހަގަ ކުރެވުނު އަނެއް ކަމަކީ، މަދަރުސާތަކުގައި އިސްލާމް މާއްދާ، އިނގިރޭސި ބަހުން ކިޔަވައިދިނުން އެންމެ ރަނގަޅު ކަމަށް ވަޒީރު ވިދާޅުވިކަމަށް ފާހަގަކޮށް ނޫސްތަކުގައި ޖަހާފައިވާ ޚަބަރެވެ. އިސްލާމް މާއްދާ، އިނގިރޭސި ބަހުން ކިޔަވައިދިނުމަކީ، ޤައުމިއްޔަތަށް، ދިވެހިއްޔަތަށް އިސްކަން ދިނުންތޯ އެވެ؟

ރ. މައުމޫން ދައުރު ނަމަ، ސަރުކާރުގެ ސިޔާސަތުން އެއްކިބާވާ ވަޒީރުންނަށް ނޫ ދެންނެވުމެއް ފޮނުއްވައި، އެމީހުންގެ މިސްރާބު ސީދާ ކުރައްވާނެއެވެ. ނޫ ދެންނެވުމަކީ ސީދާ، ރައީސް ސޮއިކުރައްވައި، ނޫ ކުލައިގެ ކަރުދާހުގައި، ވަކިގޮތަކަށް އުޅުން ބެހެއްޓުމަށް އިސް މުވައްޒަފަކަށް ކުރެވޭ އަމުރެކެވެ.  ކުރިމަތީގައި ބޮޑު އިންތިޚާބެއް އޮއްވައި، ބަންޑާރަ މިސްކިތް ތަޅާލަން އުޅުމުގެ ވާހަކަ ދެއްކުމަކީ ސަރުކާރަށް ވަފާދާރު ވުން ތޯ އެވެ؟ މިކަމުން އިންތިޚާބަށް ކުރާނީ ކޮން އަސަރެއް ތޯއެވެ؟

ސަރުކާރު ހިނގާ ގޮތް ދަނީ ދޯދިޔާ ވަމުންނެވެ. ވަޒީރުންވެސް އެމީހުންގެ ހިތަށް އެރިހާ ގޮތަކަށް ކަންތައްތައް ކުރަނީ އެވެ. އެހެން މުވައްޒަފުން ވެސް ހަމަ އެގޮތެވެ. ސިޔާސަތުތަކާއި ގަވާއިދުތައް ވަނީ ވީ ތަނެއްގައެވެ. މި ހާލަތުން އަރައިގަނެ، އެންމެން އެއް ދިމާއަކަށް ދަތުރުކުރުމަށް އައު ޖޯޝަކާއި ފޯރިއެއް ލާން ވެއްޖެއެވެ. ވަކި މިސްރާބެއް ނެތި ދަތުރުކުރުމުން އަޅުގަނޑުމެންނަށް ދެވޭނީ ކޮން މަންޒިލަކަށް ތޯއެވެ؟

އަޅުގަނޑު މި މަޒުމޫނު ނިންމާލާނީ ބިހުރޯޒު މިސްކިތް ތަޅާލަން އުޅުމުން ލިޔުނު މަޒުމޫނު ނިންމާލި ޢިބާރާތުންނެވެ.

ދިވެހިރާއްޖޭގެ އާސާރީ ތަކެތި މިލްކު ވެގެން ވަނީ، މަރުވެފައިވާ ހުރިހާ ދިވެހީންނާއި މިހާރު ދިރިއުޅޭ ހުރިހާ ދިވެހީންނާއި ކުރިމަގުގައި އުފަންވާނޭ ހުރިހާ ދިވެހީންނަށެވެ. އާސާރީ ތަކެއްޗަށް ތަރިކަ ކިޔަނީ ވެސް އެހެން ވެގެންނެވެ. އަޅުގަނޑަކީ ވެސް ހަތަރު ފުށް ދިވެހި ރައްޔިތަކަށް ވާތީ، ދިވެހިރާއްޖޭގެ އާސާރީ ތަރިކައިގައި އަޅުގަނޑުގެ ޙިއްޞާ އެއް ވެއެވެ. މި މަޒުމޫނު ލިޔުނީ މި ހައިސިއްޔަތުންނެވެ. އެތައް ބައެއްގެ ޙައްޤެއް ވާ އެއްވެސް އެއްޗެއް ނައްތާލުމަށް، ވަރަށް ގިނަ ބެހެނިވެރީންގެ ރުހުން ބޭނުން ވާނެއެވެ. އަޅުގަނޑަށް ފެންނަ ގޮތް އަޅުގަނޑު މި ބަޔާން ކުރީއެވެ.

މި މަޒުމޫނަކީ އެއްވެސް ފަރާތަކާ އިދިކޮޅަށް ނުވަތަ އެއްކޮޅަށް ލިޔެފައިވާ މަޒުމޫނެއް ނޫނެވެ. އިއްތިފާޤުން، ތިބާ މިކަމާ ދޭތެރޭ ދެކޭ ގޮތާ، އަޅުގަނޑުގެ ޚިޔާލާ އެއްގޮތް ވެއްޖެ ނަމަ، ދެންނެވޭނީ އިނގިރޭސި ހަރުބަހެކެވެ:  fools seldom differ  އެވެ. އާދެ! ”މޮޔައިން ދެބަސްވަނީ މަދު ފަހަރަކު އެވެ.“