
2025 ވަނަ އަހަރު އިވިގެން ދިޔަ އެއް ޚަބަރަކީ ހިރިމަރަދޫން މީހުން އެހެން ރަށަކަށް ބަދަލުވާ ވާހަކައެވެ. މި ވާހަކަ އަޑު އިވުނު އެކި މީހުންނަށް ތަފާތު އަސަރުތައް ކުރާނެއެވެ. ބައެއް މީހުން އެކަމާ އުފާކުރާނެއެވެ. އަނެއް ބައި މީހުން އެކަމާ ދެރަވާނެއެވެ. މި މަޒުމޫނުގައި އަޅުގަނޑު ބަޔާންކުރާނީ، މިފަދަ ރަށަކުން މީހުން ފައިބައިގެން ދިއުމުގެ އުފަކާރައާއި ހިތިކާރައެވެ.
މި ޚަބަރު ލިބުމާ ގުޅިގެން އެކި މީހުން އެ ރަށަށް ޒިޔާރަތް ކުރިއެވެ. މީހުން އުޅެމުން ދަނިކޮށް ރަށުގެ ވައްޓަފާޅި ދެނެގަތުމަށާއި ރަށްވެހިކަން ތަޖުރިބާ ކުރުމަށެވެ. މިއޮތީ އެފަދަ އެއް ބައެއްގެ ރިޕޯޓެކެވެ. އެ ރަށް ބަލައިލާން ދިޔަ މީހުންގެ ތެރޭގައި އަޅުގަނޑުގެ ރައްޓެއްސެއް ވެސް ހިމެނެއެވެ.
ހިރިމަރަދޫގެ ޖޯގްރަފީ
ހިރިމަރަދޫ އަކީ ފަތާ ބުރެއްގެ ގޮތަށް އުފެދިފައިވާ ފަޅު ކުޑަ ރަށެކެވެ. ދިގުމިން ގޫގުލް އިން ބެލިއިރު ހުރީ 1.03 ކިލޯމީޓަރެވެ. އެންމެ ފުޅާ ހިސާބުގައި ހުރީ 0.56 ކިލޯމީޓަރެވެ. ރަށުގެ ވަށަމިނުގައި ހުންނަނީ 2.55 ކިލޯމީޓަރެވެ. އޭރިއާ އަކީ 45.12 ހެކްޓެއަރެވެ. ރަށް ބައި އަކަކިލޯމީޓަރަށް، 50 ހެކްޓެއަރަށް، ބޮޑު ކުރުމުގެ ފުރުޞަތު އެބައޮތެވެ. ރަށުގައި މީހުން ދިރިއުޅެނީ ރަށުގެ އޭރިއާގެ ތިންބައިކުޅަ އެއް ބައިގައެވެ. ރަށުގެ ބޮޑުބަޔަކީ މީހުން ދިރި ނޫޅޭ، އެކި ބޭނުންތައް ކުރެވިދާނޭ ސަރަޙައްދެވެ.
އާބާދީ: ހިރިމަރަދޫ ގެ އާބާދީއަކީ 2025 ވަނަ އަހަރު 293 ކަމަށް ނޫސްތަކުގައި ވެއެވެ. ނަމަވެސް، އޭގެ ދިހަ އަހަރުގެ ކުރިން އެރަށުގައި 21 މީހުން ގިނަ ކަމަށް ވެއެވެ. މިއީ ގާތްގަނޑަކަށް ހަތަރު އާއިލާއެއް އެ ރަށުން އެހެން ރަށަކަށް ހިޖުރަކުރުމާއި މުސްކުޅީން މަރުވުމުން އައިސްފައިވާ ބަދަލެއް ކަމަށް ލަފާކުރެވެއެވެ. މިހާރު ރަށުގައި އުޅެނީ 157 ފިރިހެނުންނާއި 136 އަންހެނުންނެވެ. ރާއްޖޭގައި މީހުން އުޅޭ ހުރިހާ ރަށެއްގެ އާބާދީ، އެކި ޒަމާންތަކުގައި ކުޑަވެ ބޮޑުވެއެވެ.
ރަށްވެހިކަން
ހިރިމަރަދޫއަށް ޒިޔާރަތް ކުރި އަޅުގަނޑުގެ މިތުރު ކިޔައިދިން ގޮތުގައި ރަށަކީ ވަރަށް ސާފުތާހިރު މީހުން ދިރިއުޅޭ ރަށެކެވެ. މަގުތަކާއި ގޯތިގެދޮރާއި މީހުން ނޫޅޭ ހިސާބުވެސް އޮންނަނީ ކުނިކަހައި އޮމާން ކޮށްފައެވެ. އެއީ ރާއްޖޭގެ ސަގާފެތެވެ. ރަށާ އެކަށީގެންވާ މިންވަރުގެ ޒަމާނީ ބަނދަރެއް ހަދާފައި ވެއެވެ. ހަމަ އެއާ އެކު ފެނާއި ފާޚާނާގެ ނިޒާމު ގާއިމުކޮށްފައި ވެއެވެ. އެންމެ އާސާރީ ތަނަކަށް ހުރީ، ޤަބުރުސްތާނާއި އިހުގެ މިސްކިތެކެވެ. މި މިސްކިތް އާބާތުރަ ފިލުވައި ޙިމާޔަތްކުރުމުގެ މަސައްކަތް ކުރަމުން ދެއެވެ. ރަށުގައި މުޅިންހެން އުޅެނީ ރަށުގެ އަހުލުވެރީންނެވެ. ބިދޭސީންގެ އެންމެ މީހަކާ މެނުވީ އޭނާއަކާ ބައްދަލެއް ނުވިއެވެ.
މިތުރު ފާހަގަކުރި ގޮތުގައި އެ ރަށަކީ އާބުހަވާ ރަނގަޅު ރަށެކެވެ. ވަރަށް ތަޢުލީމީ ބަޔަކު އުޅެފައިވާ ރަށެކެވެ. އެކަމުގެ ހެއްކެއްގެ ގޮތުން އޭނާ ދެއްކީ ކުރީގެ މަދަރުސާގެ ފޮޓޯއެކެވެ.

މަދަރުސާގެ ޢިމާރާތް ހަދާފައި އެވަނީ ފޮފަ ނަގައި މަޖީދިއްޔާގެ ކުރީގެ ބެޖު ކުރަހައި، އެއިރު ތިބި ވެރީންނަށް ވީ އެންމެ ރީއްޗަށް ކަމަށް ލަފާކުރެވެއެވެ. ފާރުގައި އެވާ ތާރީޚް ދިމާވަނީ، 27 ނޮވެމްބަރު 1947 އާ އެވެ. އޭރު ރާއްޖޭގެ ވެރިކަން ކުރާނީ މުޙައްމަދު އަމީންއެވެ. ދުވަސްވަރަކަށް ވާނީ ބޮޑު ހަނގުރާމައިގެ ބޮޑު ތަދެވެ. އެހެންކަމުން، މުޅި ރާއްޖެ ބަނޑަށް ޖެހފިައިވާ ތަދެއްގައި ކޮށްފައިވާ މި ހިތްގައިމު ޢިމާރާތުން ދޭހަވަނީ ރަށުގެ ރައްޔިތުންގެ ހޭލުންތެރިކަމާއި ތަހުޒީބެވެ.
ތަޢުލީމާއި ހުނަރުވެރިކަމަށް ހުންނަ ޝައުޤުވެރިކަން އަންގާދެނީ ރަށުގެ މިހާރުގެ މަދަރުސާގައިވާ އިސްތިހާރެކެވެ. އޭގައިވަނީ ރަށުގެ ދަރިވަރަކު އޭނާ ސާނަވީ ފެންވަރުގެ ކިޔެވި ހުރިހާ މާއްދާއަކުން އެންމެ މަތީ ފެންވަރުން ފާސްވި ވާހަކައެވެ.



ރަށުގައި ފަހުން އަޅާފައި ހުރި، މިސްކިތެއްގެ ސިފަ ނުޖަހާ މިސްކިތެއް ވެސް ހުއްޓެވެ. ދެން ފާހަގަ ކުރެވެނީ އެ ރަށުގައި އަންހެނުންގެ ބޮޑު މިސްކިތެއް ހުންނަ ކަމެވެ. މިއީ މިހާރަކަށް އައިސް ބައެއް ބޭރުގެ ރަށްތަކުގައި ކުރާ ކަމެކެވެ. އަންހެނުންގެ ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި އަދި އެކަނބަލުންނަށް ރައްކައުތެރި ޖާގައެއް ދިނުމަށްޓަކައި ޑުބާއި ފަދަ ސިޓީ ތަކުގައި ވެސް އަންހެނުންނަށް ޚާއްޞަ މިސްކިތް ފަހަކަށް އައިސް އަޅާފައި ވެއެވެ.


ރަށުގައި ހުރި އެންމެ ތަނަވަސް އެއް މިސްކިތަކު ނަމާދެއް ނުކުރެއެވެ. ބުނެވޭ ގޮތުގައި އެއީ ޤިބްލައަށް މިސްކިތް ނެތީމައެވެ. އެތަނުގައި ކުރާ ބޭނުމަކީ ޖަލްސާކުރުމެވެ. އެ ރަށުގެ މީހުންނަށް ޤިބްލައަށް މިސްކިތް ނެތްކަމަށް ބަލަނީ ކިހާ ބޮޑަށް ނުސީދާ ވުމުން ކަމެއް ނޭނގެއެވެ. އިސްލާމް ދީނަކީ ލުއި ފަސޭހަ ދީނެވެ. އިސްލާމް ދީން ފޮނުއްވުނީ ތަންދޮރު މާ ބޮޑަށް ދަންނަ ބައެއްގެ ތެރެއަކަށް ނޫނެވެ. އެހެންކަމުން، ނަމާދު ކުރާއިރު، މޭމަތި ސީދާ ޤިބްލައިން 45 ދަރަޖައަށް ވުރެ ބޮޑަށް ކަތި ނުވާ ނަމަ، ޤިބްލައަށް ހުރިކަމަށް ބަލައެވެ. މި ވާހަކަ، އެކަމާ ބެހޭ ހަދީސްއަށް ރިއާޔަތްކޮށް މި ޖުމުލައަށް ފިތާލަނިކޮށް ފެންނަ ވީޑިއޯގައި ޝެއިޚް އާސިމް ކިޔާ ދެއްވައެވެ. ރާއްޖޭގެ އެއްވެސް މިސްކިތެއް ސަރި (precise/accurate)، ބަރާބަރު، ޤިބުލައަކަށް ނުހުންނާއެވެ. މާނައަކީ، މިސްކިތް ހުރި މިސްރާބުން ލޭޒަރ އައްޔެއް މައްކާ އާ ދިމާއަށް ފޮނުވައިގެން، އެ އަލި މާތް ވެގެންވާ ކަޢުބާގެ ސީދާ މަތިން ދިއުމަކީ ވަރަށް ނާދިރުކަމެކެވެ.

ރަށުގައި ކުރާ މަސައްކަތް
ހިރިމަރަދޫގައި މައިގަނޑު ގޮތެއްގައި ކުރާ މަސައްކަތަކީ، ދަނޑުވެރިކަމެވެ. ރަށުގެ އާބާދީއަށް ނިސްބަތްކޮށް، ރަށް ބޮޑުކަމުން، ދަނޑުވެރިކަން ކުރުމަށް އެކަށީގެންވާ ޖާގަ އެބައޮތެވެ. ރަށުގައި ހައްދާ ތަކެތި އެމީހުން ފައިސާއަށް މާރުކުރަނީ ކުޅުދުއްފުށީ ބާޒާރުންނެވެ. ރަށުގެ މީހުން ބޮޑަށް މަސްވެރިކަން ކޮށެއް ނޫޅެއެވެ. ރާއެރުމާއި ދަނޑުވެރިކަމާއި މަސްވެރިކަމަކީ، ރަށުގައި ވަރަށް ބޮޑަށް ކުރިއެރުވިދާނޭ ކަންކަން ކަމަށް އަޅުގަނޑުގެ މިތުރު ބުންޏެވެ. ބަކަރި ގެންގުޅުމާއި ކުކުޅުހާ ގެންގުޅުމުގެ ފުރުޞަތުވެސް ހިރިމަރަދޫ އަށް އެބައޮތެވެ. މިއިން ބައެއް ކަންކަން ފައްޓަން ދައުލަތުގެ އެހީތެރިކަން ބޭނުން ވެއެވެ.

ރަށުން މީހުން ބަދަލުކުރުން
ރަށުގެ މީހުން ހަނިމާދޫއަށް ބަދަލުކުރަން ނިންމިކަން އިޢުލާނު ކުރީ 1 ފެބްރުއަރީ 2025 ގައެވެ. އެ ޚަބަރު މިއޮތީ އެވެ. އޭގައި ބުނަނީ ރަށުގެ ކައުންސިލް އާ މަޝްވަރާތަކެއް ކުރުމަށް ފަހު، ބަދަލުކުރަން ނިންމީ ކަމަށެވެ. ދެން ފާހަގަކޮށްލެވޭ މުހިއްމު ޚަބަރަކީ 24 އޯގަސްޓް 2025 ގައި، 18 މަސްދުވަހުގެ ތެރޭގައި އެ ރަށުގެ ކޮންމެ ގޯއްޗަކަށް ގެއެއް ހެދުމަށް އެޗް.ޑީ.ސީ. އާ ޙަވާލުކުރި ވާހަކައެވެ. 18 މަސް ދުވަސް ވާނީ، 18 ފެބްރުއަރީ 2027 އަށެވެ. މި މަޒުމޫނު ލިޔާއިރު ދެން ބާކީ އޮތީ 12 މަސް ދުވަހެވެ. ފަހުގެ ޚަބަރެއްގައި، ފައިބަން ބޭނުން ނުވާ މީހުން، ގަދަކަމުން ނުބާލާނޭ ވާހަކައެއް ވެސް އެބައޮތެވެ.
ތާރީޚީ ނަޒަރަކުން ރަށްރަށުގެ ގެމީން އެހެން ރަށްރަށަށް ބަދަލުވުން
ރަށެއްގެ މީހުން އެހެން ރަށަކަށް ބަދަލުވެފައިވާ ސަބަބުތަކަށް ބަލާއިރު، ތިން ހަތަރު ކަމެއް ފާހަގަކުރެވެއެވެ. (1) ބަލިމަޑުކަމެއް ޢާއްމުވެގެން ބަދަލުވުން، (2) ޤުދްރަތީ ކާރިސާއަކާ ގުޅިގެން ބަދަލުވުން، (3) އާބާދީގެ ގުޅުންތަކުގެ ބަދަހިކަން ދޯހަޅިވުމުން ބަދަލުވުން މިއެވެ. މި ދެންނެވި ސަބަބުތައް ފިޔަވައި އެހެން ސަބަބަކާ ހުރެ ރަށެއްގެ އެންމެން ބަދަލެއް ނުވާނެއެވެ. ފަހެ، ތިންވަނަ ސަބަބު ދަންނައެވެ. ބަދަހި މި ލަފުޒުގެ މާނައަކީ ފޮތިގަނޑެއްގެ (ފޭރާމެއްގެ) އުއިތައް ގާތްގާތުގައި ހުރުމެވެ. ފޭރާމުގެ އުއިތައް ދުރުގައި ހުރުމަށް ކިޔަނީ ދޯހަޅިވުމެވެ. ދޯހަޅި ފޭރާން ވަރަށް ފަސޭހައިން ވީދިގެން ދާނެއެވެ. ބަދަހިކޮށް ފޭރާންކޮށްފައިވާ ނަމަ، އުއިތައް ގާތްގާތުގައި ހުންނާތީ، އިރާލަން ވަރަށް އުނދަގޫ ވާނެއެވެ. މި މަޖާޒު ޢާއްމުކޮށް ބޭނުންކުރަނީ، ރަށެއްގެ މީސްތަކުންގެ މެދުގައި އޮންނަ އިޖްތިމާޢީ ގުޅުންތަކަށެވެ. މި ގުޅުންތައް ބަދަހިކުރާނޭ ގޮތާއި ދޯހަޅިވާ ގޮތް، އިޖްތިމާޢީ ޢިލްމާ ބެހޭ ފޮތްތަކުގައި ވެއެވެ. ވާދޫ މީހުން ކުޑަހުވަދޫއަށް ބަދަލުވުމާއި ގާދޫ މީހުން ފޮނަދޫ އަށް ބަދަލުވުމުގެ ފަހަތުގައިވާ ޙަޤީޤީ ސިއްރަކީ ތިންވަނަ ސަބަބެވެ. ވަޒީފާ ހޯދަން ރަށުން ބޭރަށް ދާން ޖެހުން ފަދަކަންކަން ފެށެނީ ދެވޭ ތަޢުލީމުގެ ސަބަބުން ބަދަހިކަން ނެތިގެން ދިއުމުންނެވެ. ރާއްޖޭގެ ތަޢުލީމަކީ ރާއްޖޭގެ ވެއްޓާ ގުޅޭ އެއްޗެއް ނޫނެވެ.
އެކި ސަބަބުތަކާ ހުރެ ރަށްރަށުގެ އަހުލުވެރީން އެހެން ރަށްރަށަށް ބަދަލުވެއެވެ. މިސާލެއްގެ ގޮތުން، ދުވާފަރަކީ އެއް އިރަކު މީހުން އުޅުނު ރަށެކެވެ. އެ ރަށުގައި ރަސްކަމެއް ވެސް ބަޔަކު ހިންގިއެވެ. އެއަށް ފަހު އެ ރަށް ފަޅު ރަށަކަށް ބަދަލުވިއެވެ. ދެން، 2004 ވަނަ އަހަރު އައި ސުނާމީއާ ގުޅިގެން، ކަނދޮޅުދޫގެ މީހުން ދުވާފަރުގައި ވަޒަންވެރި ވިއެވެ. ކަނދޮޅުދޫއަކީ ހިރިމަރަދޫއަށް ވުރެ 4 ގުނަ ކުޑަ ރަށެކެވެ. ނަމަވެސް އޭރު 3700 މީހުން ރަށުގެ ރަޖިސްޓަރީގައި ވެއެވެ. މުސްތަޤްބަލްގައި އަނެއްކާ ކަނދޮޅުދޫ، މީހުން އުޅޭ ރަށަކަށް ބަދަލުވެދާނެއެވެ.
ލ. އަތޮޅު މުންޑޫ އަކީ، ސުނާމީގައި ގެއްލުން ލިބުނު ރަށެކެވެ. އެ ރަށުގެ މީހުން ލ. ގަމަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައި ގަމުގައި ގެދޮރު އެޅިއެވެ. ނަމަވެސް، ބަދަލުވީ ބައެކެވެ. ބުނެވޭ ގޮތުން، ރަށުގެ ވެރީންނާއި މުދިމުންނާއި އެހެނިހެން މީހުން ވަޒީފާ ގެއްލިދާ ނެތީ އާއި އިތުރު ސަބަބުތަކާ ހެދި ބަދަލެއް ނުވިއެވެ. ދެން ޖެހިގެން އައި ރިޔާސީ އިންތިޚާބާ ގުޅިގެން އިވުނީ މުންޑޫގައި މާ ބޮޑު ބަނދަރެއް ހަދާ ވާހަކައެވެ. މިހާރު މުންޑޫގައި ވެސް މީހުން ދިރިއުޅެއެވެ. ބައެއް މީހުން 5000 އަކަ ފޫޓުގެ ގޯތީގައެވެ. ގަމަށް ބަދަލުވި މީހުން 1200 އަކަފޫޓުގެ ގޯއްޗެއްގައި އަޅާފައި ހުރި ތިން ކޮޓަރީގެ ގެއެއްގައި ދިރިއުޅެމުންދެއެވެ.
ރިނބުދޫ މީހުން ތުލުސްދޫއަށް ބަދަލުވުމަކީ ވެސް، މުންޑޫ ފަދަ ގޮތަކަށް ހިނގާ ދިޔަ ކަމެކެވެ. މިހާރުވެސް ރިނބުދޫގައި މީހުން ދިރިއުޅެއެވެ. އަދި އާބާދީ އަންނަނީ އިތުރުވަމުންނެވެ.
ހިރިމަރަދޫ މީހުން އެހެން ރަށަކަށް ބަދަލުވުމާ މެދު ކުރެވޭ އިޙްސާސްތަކަކީ ކޮބައިތޯ އެވެ؟
ރާއްޖޭގެ އެއްވެސް ރަށެއްގެ މީހުން، އެހެން ރަށަކަށް ބަދަލުވާ ވާހަކަ އިވުމުން، ތިޔަބޭފުޅުންނަށް ކުރެވެނީ ކޮންކަހަލަ އިޙްސާސްތަކެއް ތޯއެވެ؟ ހަމަ ގައިމުވެސް އަޅުގަނޑަށް މޮޅިވެރި އިޙްސާސްތަކެއް ކުރެވެއެވެ. ހިތަށް އަރާ އެތައް ސުވާލެއް އޮވެއެވެ.
ރާއްޖޭގެ ކޮންމެ ރަށަކީ، އެ ރަށެއްގައި ވަކި ސަގާފަތަކާއި އާދަކާދަތަކެއް، ރަށަށް ނިސްބަތްވާ ނާޑުތަކައަކާއި ތާރީޚަކާއި ނެށުންތަކާއި ޅެންވެރިކަމެއް އޮންނާނޭ ރަށެކެވެ. ރަށަށް ނިސްބަތްވާ ޚާއްޞަ ޝަޚްޞިއްޔަތުތަކެއްވެސް ވާނެއެވެ. ރަށެއްގެ އެންމެން އެހެން ރަށަކަށް ބަދަލުވުމުން، މިކަން އުވިގެންދާނެއެވެ. ގެއްލިގެން ދާނީ ރާއްޖޭގެ ސަގާފަތާއި ތަރިކައިގެ މުހިއްމު ބައެކެވެ. ރާއްޖޭގައި މީހުން އުޅޭތާ މަދުވެގެން ދެހާސް އަހަރަށް ވުރެ ގިނަވެދާނެއެވެ. ބޮޑެތި ހަނގުރާމަތައް ކުރެވި ނިމިދާއިރު، ރާއްޖޭގައި މީހުންނަށް މި ޞުލްޙަކަމުގައި ދިރިއުޅެވެނީ އެމީހުންގެ މާހައުލު ވަރަށް ބޮޑަށް އެނގި އޭގެ ބޭނުންކޮށްގެންނެވެ. ރާއްޖޭގެ ހުރިހާ އެންމެން 200 ރަށުގެ ބަދަލުގައި 100 ރަށުގައި ދިރިއުޅޭ ރާއްޖެއަކީ އަޅުގަނޑަށް މާ ހިތްގައިމު ރާއްޖެއަކަށް ނުވެއެވެ. އެއީ އެތައް ނަޒަރަކުން ބަލާއިރު އެވެ.
އެންމެ ފުރަތަމަ، ކުރިމަތިވާ ކާރިސާތަކާއި ހަނގުރާމަތަކާއި ބަނޑަށް ޖެހުން ފަދަ ކަންކަމުން ރާއްޖޭގެ މީހުން ސަލާމަތް ވުން އޮންނާނީ ގިނަ ރަށް ރަށުގައި މީހުން ދިރިއުޅެގެންނެވެ. ޤަބޫލުފުޅު ނުކުރައްވާނަމަ، ޑިސެމްބަރު 2014 ގައި މާލެއިން ފެން ކަނޑައިގެން ދިޔަ ހާދިސާ ހަނދުމަފުޅު ކުރައްވާށެވެ. އެ ފަހަރު މާލޭގެ މީހުންގެ ތެރެއިން ބަޔަކަށް ޖެހުނީ ރަށްރަށަށް ދާށެވެ. ތާހިރުވެވޭނޭ ގޮތް ވެސް ނެތުނެވެ. ބައިބޯ ކޮންމެ ރަށަކީ އޮޑިއެއްގައި މީހުން އުޅޭފަދަ ހާލަތެކެވެ. އަސާސީ އެއްޗެއް ހުސްވެއްޖެ ނަމަ، ގޮތް ހުސްވާނެއެވެ. މި މައްސަލައަކީ ކޮންމެ ރަށަކަށް ދިމާވެދާނެ ހާލަތަކެވެ. ފެން ކަޑައިގެން ދިޔަ ގޮތާމެދު އަޅުގަނޑު ލިޔުނު މަޒުމޫނު މިއޮތީއެވެ. ދެވަނައަށް ރާއްޖޭގެ ދިފާޢީ އަދި މިނިވަންކަން ދެމެހެއްޓުމާ މެދު ވިސްނައިފިނަމަ ވެސް، އެންމެ ރައްކާތެރި ގޮތަކީ އެންމެން އެއް ރަށެއްގައި ދިރިއުޅުމެއް ނޫނެވެ.
ރަށެއްގެ މީހުން އެހެން ރަށަކަށް ބަދަލުވާނަމަ، އެކަން ސިޔާސީގޮތުން ނިންމަން ޖެހޭނީ ވަރަށް ބޮޑަށް ވިސްނާފައެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެކަން ކުރެވޭނީ ވަކި ފަރާތަކަށް ނުޖެހޭ ބަޔަކު ގޮސް ރަށުގައި ދިރިއުޅޭ އެންމެންނަށް، ކަންކަން ހުރިގޮތާއި ވާނޭ ގޮތަށް އެމީހުން ހޭލުންތެރިކުރުމަށް ފަހު، އެންމެންގެ މެދުގައި ސިއްރު ވޯޓެއް (ރެފަރެންޑަމްއެއް) ނަގައިގެންނެވެ. ރައްޔިތުންނަށް ވަރަށް މުހިއްމު އެއްވެސް ކަމެއްގައި، އެމީހުންގެ ފަރާތުން އެހެން މީހަކު ގޮތް ނިންމުމަކީ ނިޔާވެރި ކަމެއް ނޫނެވެ. ބޭރު ޝަހަރުތަކުގައި ކައުންސިލްތައް އޮތަސް، ވަރަށް އާދައިގެ ކަންކަމުގައި ވެސް، ޝަހަރު ފެންވަރުގައި ރެފަރެންޑަމްތައް ބާއްވައެވެ. ރައްޔިތުން ބައިވެރިވާ ޖަލްސާތައް ގިނަގިނައިން ބާއްވައެވެ. ޑިމޮކްރެސީ އަކީ އެއީއެވެ. މި ވާހަކަ މި ދަންނަވާލީ، ހިރިމަރަދޫ އިން ވާހަކަ ދެއްކި މީހަކު، އޭނާ ރަށުން ފައިބައިގެން ނުދާނެ ކަމަށް ބުނުމާއި، އޭނާ ދިރިއުޅޭ 5000 އަކަ ފޫޓުގެ ގޯތީގެ ބަދަލުގައި، ބޭރުގެ ތެރޭގެ ފުޅާމިނުގައި 8 ފޫޓު ހުންނަ ވަރުގެ ގެއެއްގައި، 1200 އަކަފޫޓުގައި އުޅެން ބޭނުން ނުވާ ކަމަށް ބުނުމާ ވެސް އެކުގައެވެ. ސަރުކާރު ބަދަލުވެއްޖެ ނަމަ، ބަދަލުވުމުގެ ވާހަކަ، ގޮނޑުދޮށަށް ބީއްސާ ރާޅުގެ ފޮނަށް ވާ ފަދައިން ނެތިގެން ދާނޭ ކަމަށް ވެސް ބުނުމާ އެކުއެވެ.
ހަނިމާދޫއިން، ހިރިމަރަދޫ މީހުންނަށް ގަސްހައްދާނޭ ފަނގުތަކާއި ތަރުކާރީ ހައްދާނޭ ދަނޑުތައް ލިބޭނެ ބާވައެވެ. ހިރިމަރަދޫގެ އޭރިޔާ ހުންނަ ޖާގައެއް ހަނިމާދޫން ލިބޭނަމަ، ބަދަލުވުން ރަނގަޅު ވާނެއެވެ. އޭރުން އެ ސަރަޙައްދު އާބާދުކުރާނީ ހިރިމަރަދޫ އާ ހަމަ އެއްގޮތަކަށެވެ. މަގުތަކަށް ކިޔާ ނަންތަކާއި ގޯތިތައް ހުންނަ ތަރުތީބުވެސް އެއްގޮތް ކުރެވިދާނެއެވެ. ނަމަވެސް މިހެންވާނެ ތޯއެވެ؟
އަޅުގަނޑު އެއް ފަހަރު ހަނިމާދޫއަށް ދިޔައީމެވެ. އަޅުގަނޑުމެންގެ މަޤްޞަދަކަށް ވެފައި އޮތީ، ކުޅުދުއްފުށީގައި ހުންނަ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަސް، ޖާގަ ނެތުމުގެ ސަބަބުންނާއި އަލިފުށީގައި ހުރި ދޯނިބަންނަަން ދަސްކޮށްދޭ ތަން، އެއް ފަސްކުރުމުގެ ގޮތުން، އުތުރުގެ އެންމެ ބޮޑު ކެމްޕަސް ހަނިމާދޫގައި ބިނާކުރުމެވެ. މިކަމާ މެދު ރަށުގެ ކައުންސިލްއާ ދެކެވުނު ވާހަކައިން އަޅުގަނޑުމެންނަށް އެނގުނީ، އަޅުގަނޑުމެން ޚިޔާލުކުރާ ކަހަލަ ތަނެއް އާރާސްތުކުރާނޭ ޖާގައެއް އެ ރަށުގެ ކައުންސިލުން ދޭން އެއްބަސް ވިޔަސް، އެއީ އެދެވޭ ކަމެއް ނޫންކަމެވެ. ބޭނުންވީ ހަތަރު ފަސް ހެކްޓެއަރެވެ. ރަށު ކައުންސިލްގެ މީހުން ބުނީ، ރަށުގައި ގިނަ ބަޔަކު ކުރާ އެއްކަމަކީ ކަނަމަދު ހޮވައި އެ ފަޅައި ވިއްކުމެވެ. ނަމަވެސް، މިދިލި ގަސްތައް ހިމެނޭ ގޮތަށް، ސިފައިން ބޮޑު ޖާގައެއް ނަގައިގެން ރައްޔިތުން ތިބީ ވަރަށް ނުރުހިފައި ކަމަށެވެ. އެ ފަހުން، މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެއެވެ. ހަތިފުށީގެ މީހުން އެ ރަށަށް ބަދަލުވިއެވެ. އެމީހުންގެ ތެރެއިން ބަޔަކު އަޅައިދިން ގެޔާއި ގޯތި ވިއްކަން އުޅޭ ވާހަކަ، އަޅުގަނޑުގެ ކައިރީގައި ހަތިފުށީ މީހުން ބުންޏެވެ. ވިއްކަން އުޅޭ މީހުންނަކީ މާލޭގައި ވަޒަންވެރިވެގެން އުޅޭތާ އެތައް ދަހަރެއްވީ ބައެކެވެ. ލިބުނު ފުރުޞަތުގައި، ގެދޮރު ހޯދައި އެ ފައިސާއަށް ބަދަލުކޮށްލަން ބޭނުންވީ އެވެ.

Leave A Comment