ރައްޔިތުންގެ މަޖިލިސްގެ މެންބަރުންނަކީ، އެމީހެއްގެ ދާއިރާގެ ރައްޔިތުން ވޯޓުލައިގެން ކޮންމެ ފަސް އަހަރަކުން އެއް އަހަރަކު ހޮވާ ބައެކެވެ. ޑިމޮކްރެސީއެއްގައި، މަޖިލީހުގައި މެންބަރު ތަމުސީލުކުރަންވާނީ، އެމީހެއްގެ ދާއިރާގެ ގިނަ މީހުންނަށް ފެންނަ ގޮތެކެވެ. މަޖިލިސްއަށް ހުށަހެޅޭ ކަންކަމުގައި ވޯޓު ދޭންވާނީ ވެސް އޭނާ ހޮވި ގިނަ މީހުންނަށް ފެންނަ ގޮތަކަށެވެ. ނަމަވެސް، ކަންކަން ހިނގަމުން ދަނީ މިގޮތަކަށް ނޫނެވެ.

މި މަޒުމޫނުގައި އަޅުގަނޑު ދަންނަވާނީ، މިކަމާ ވިލިކައި، ފިކުރު ހިންގުމަށް ފަހު މެންބަރަކު އެމީހަކު ވޯޓު ދިން ފަރާތްތަކަށް ވަފާދާރު ނުވާ ކަމަށް އަޅުގަނޑަށް ފެންނަ މައިގަނޑު ސަބަބުތަކެވެ. އަދި މިކަން ބަދަލުކުރަން ބޭނުން ނަމަ، އިޞްލާޙް ކުރަން ޖެހޭ ކަންކަމެވެ.

މެންބަރުން މަޖިލިސްއަށް ހޮވެނީ ގިނަ މީހުންގެ ވޯޓުން ހެއްޔެވެ؟


މަޒުމޫނާއިގެން ކުރިއަށް ދިއުމުގެ ގޮތުން އަޅުގަނޑު ކުރި ސުވާލަކީ: މެންބަރުން މަޖިލިހަށް ހޮވެނީ ވޯޓުލާން ޖެހޭ ދާއިރާގެ ގިނަ މެންބަރުންގެ އަޣްލަބިއްޔަތުން ހެއްޔެވެ؟ ބަޔަކަށް ވަފާދާރުވާނީ އެމީހަކު މަޖިލިހަށް ހޮވުނީ އެ ދާއިރާގެ ގިނަ ފަރާތްތަކެއްގެ ވޯޓުން ކަމުގައި ވާނަމައެވެ. މިކަން ދިރާސާ ކުރުމުގެ ގޮތުން އަޅުގަނޑު ބެލީ 2024 ވަނަ އަހަރުގެ ޢާއްމު އިންތިޚާބުން ވޯޓު ދޭން ޖެހޭ މީހުންގެ ތެރެއިން މެންބަރަކަށް ވޯޓު ދިން ނިސްބަތެވެ. އިންސައްތައިންނެވެ. ރާއްޖޭގައި 93 އިންތިޚާބީ ދާއިރާ އޮންނަ ކަމުން، މަޖިލިހުގައި ތިބެނީ 93 މެންބަރުންނެވެ. މި ދިރާސާއިން ފާހަގަ ކުރެވުނީ ވޯޓުދޭން ޖެހޭ މީހުންގެ އަޣްލަބިއްޔަތުން، ގިނަ މީހުން އެމީހަކަށް ރުހިގެން ވޯޓު ލިބިފައިވަނީ އެންމެ 7 މެންބަރުންނަށް ކަމަށެވެ. ދެން ތިބި 86 މެންބަރުންނަކަށް ދާއިރާގެ އަޣްލަބިއްޔަތެއް ލިބިފައެއް ނުވެއެވެ. ތިރީގައި އެވަނީ މި ތަފުސީލު ޗާޓެއްގެ ގޮތުގައެވެ. ދިރާސާއަށް ބޭނުންކުރި އެކްސެލް ޝީޓް މި ލިންކަށް އޮބައިލުމުން ފެނިވަޑައިގަންނަވާނެ އެވެ.

މި ޗާޓުން ފާހަގަ ކުރެވޭ ގޮތުގައި، ނިސްބަތުން ދާއިރާގެ އެންމެ ގިނަ މީހުންގެ ރުހުން ލިބިގެން މަޖިލިހަށް ހޮވިފައިވަނީ %70 ލިބުނު އިބްރާހީމް ޝުޖާޢު އެވެ. މީނާއަކީ ބާރަށު ދާއިރާގެ މެންބަރެވެ. ފަސްދޮޅަސް އިންސައްތައިގައި އެއްވެސް މެންބަރެއް ނުވެއެވެ. އަނެއް 6 މެންބަރުން ހިމެނެނީ %50 އިން މަތި ލިބުނު މީހުންގެ ތެރޭގައެވެ. އަޅުގަނޑުގެ ހިތަށް އެރިއެވެ. ރައްޔިތުންގެ މަޖިލިސްގެ ގިނަ މެންބަރުންނަކީ އެމީހުން ތަމުސީލުކުރާ ގިނަ ރައްޔިތުން ތާއީދުކުރާ ފަރާތްތަކެއް ނޫންތާ އެވެ.

މިހާ ހިސާބަށް މި މަޒުމޫނު ވިދާޅުވި ބޭފުޅުންގެ ހިތްޕުޅަށް ދެން އަރާނީ، އެންމެ ދަށް ނިސްބަތެއްގެ ރުހުމާއެކު މަޖިލިސް އަށް ހޮވިފައިވަނީ ކޮން ބައެއް ބާވައެވެ؟ މި ދިރާސާގެ ނަތީޖާ ތިރީގައި އެވަނީ އެވެ. އަޅުގަނޑު ބެލީ ޝަރުޠު ހަމަވީ މީހުންގެ ތެރެއިން ތިންބައިކުޅަ އެއްބަޔަށް ވުރެ މަދުން ވޯޓު ލިބުނީ ކޮން ބަޔަކަށް ތޯއެވެ.

މަތީގައިވާ ތާވަލުތަކުން ފާހަގަ ކުރެވެނީ މި ބައިގައި މުޅި މަޖިލީހުގެ މެންބަރުންގެ ހަތަރު ބައިކުޅަ އެއްބައި ހިމެނޭ ކަމެވެ. ދާއިރާގައި ވޯޓު ދޭން ޖެހޭ މީހުންގެ އެންމެ މަދު ނިސްބަތެއް ލިބިގެން ހޮވިފައިވަނީ ގަލޮޅު އުތުރު ދާއިރާއިން ހޮވުނު މުޙައްމަދު އިބްރާހީމް އެވެ.

ކިޔުން ތެރީން ޝައުޤުވެރިވެދާނެތީ، ތިރީގައި އެވަނީ %50 އާއި %33 އާ ދެމެދު މިންވަރަކަށް ވޯޓު ލިބުނު މީހުންނެވެ. މި ބައިގައި 61 މެންބަރުން ހިމެނެއެވެ.

މި ތަފާސް ހިސާބުތަކުން އުދަވާ މެކަތައް (ވާޤިޢާތައް ނުވަތަ ފެކްޓްސްތައް) ބަޔާންކުރުމުގެ ކުރިން ޝައުޤުވެރިވެދާނޭ ޚުލާޞާ ތަފާސް ހިސާބުތައް ދަންނަވާލާނަމެވެ. މެންބަރުންގެ ދާއިރާ ތަކުގެ އެވަރިޖް ޝަރުޠު ހަމަވާ މީހުންގެ ޢަދަދަކީ 3061 އެވެ. އެވަރިޖްކޮށް ކެންޑިޑޭޓުން ހޮވިފައިވަނީ %39 އިންސައްތަ ވޯޓު ލިބިގެންނެވެ. އެއީ އެވަރިޖްކޮށް 1181 މީހުން ދާއިރާތަކުން ވޯޓު ލައިގެންނެވެ. އެންމެ މަދު ވޯޓު ލިބިގެން ހޮވިފައިވަނީ ފެލިދޫ ދާއިރާއިން ހޮވުނު އާދަމް ޒާހިރެވެ. އޭނާއަށް ލިބިފައިވަނީ 339 ވޯޓެވެ.

އާދެ! ހަތް މެންބަރުން ފިޔަވައި އެހެން ހުރިހާ މެންބަރުން ހޮވިފައިވަނީ އަޣްލަބިއްޔަތަށް ވުރެ މަދު ވޯޓު ލިބިގެންނެވެ. އެވަރިޖްކޮށް މެންބަރަކަށް ލިބިފައިވަނީ %39 ވޯޓެވެ. އެހެންކަމުން، ރައްޔިތުން ރުހޭނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ވޯޓުލާނީ މެންބަރުގެ ޒާތީ މަޞްލަޙަތު ރައްޔިތުންގެ އެދުންތަކާ އެއްއުއިވާ ފަހަރު އެވެ.

މި މައްސަލައިގެ ހައްލަކީ ކޮބައިތޯއެވެ؟


މިހާރު ހިނގަމުން މިދާ ނިޒާމުގައި ފަސް އަހަރުން އެއް ދުވަހު (1826 ދުވަހުން އެއް ދުވަހު) ފިޔަވައި، ރާއްޖޭގެ ޤާނޫނީ ރާސްތާ، ރައްޔިތުން އެދޭގޮތަށް ހޭރިއާ ކުރުމުގެ ބާރެއް ރައްޔިތުންނަކަށް ނޯވެއެވެ. އެހެން ހުރިހާ ދުވަހަކު މެންބަރުންގެ ވަފާތެރިކަން އޮންނަނީ ހަވާނަފުސަށާއި ޕާޓީން ބުނާ ގޮތަކަށެވެ. ރައްޔިތުން ވަނީ ބާރުކެނޑިފައެވެ. މިކަމުގެ ނަތީޖާއަކީ، މަޖިލިސްގެ ބައެއް މެންބަރުންގެ ފަސާދަ އިންތިހާއަށް ބޮޑުވެފައި ވުމެވެ. ފެނިދެނިވާ ދައުލަތުގެ ބަޔަކު މިފަދަ ކަމަކަށް ހުށަހެޅުމުން ދަށު ފަންތީގެ ގިނަ ބަޔަކު ވެސް ފަސާދައަށް ހުށަހެޅިފައި ވެއެވެ. މެންބަރުންގެ ޒިންމާ އަށް އިހުމާލުވެފައި ވެއެވެ. މިކަން ނޫސްތައް ކިޔާ އެންމެންނަށް އެނގޭނެއެވެ.

މި މައްސަލަ ޙައްލުކުރުމަށް ކުރަންޖެހޭ އެއްކަމަކީ، މެންބަރުން ވަކިކުރެވޭނޭ ގޮތްތައް ގިނަ ކުރުމެވެ. މިހާރު ޢަމަލުކުރާ ގޮތުން ޕާޓީ ބަދަލުކުރުމުން މެންބަރު ވަކިވެއެވެ. ނަމަވެސް، އެ މެންބަރު ހޮވުމަށް ވޯޓުދިން މީހުންނަށް މެންބަރަކު ވަކިކުރުމަށް ކުރެވޭނޭ ކަމެއް ނޯވެއެވެ. ޔޫ.އެސް. ގައި ޤައުމަށް ޣައްދާރުވުމާއި، ރިޝްވަތު ހިފުމާއި ޓެކްސް ދެއްކުމަށް މަކަރުހެދުމާއި މިފަދަ އެތައް ކަމަކާ ހުރެ މެންބަރުން ވަކިކުރެވެއެވެ. ވަކިކުރުމުގެ ކަންކަން ހިންގަނީ ޔޫ.އެސް. ގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެވެ. ޝަރުޢީ ނިޒާމަކުން ނޫނެވެ. ވަކިކުރުމަށް، މެންބަރުންގެ 2/3 ގެ ވޯޓު ހޯދަން ޖެހެއެވެ.

ރާއްޖޭގައި މި އޮންނަނީ ރެޕްރިޒެންޓޭޓިވް ޑިމޮކްރެސީ އެވެ. ރައްޔިތުން ތަމުސީލުކުރާ މަދު ބަޔަކު ކަންކަން ކަނޑައަޅާ ޑިމޮކްރެސީއެވެ. މިހެން ހަދަނީ ހުރިހާ ރައްޔިތުންނާ ކަމަކާ މެދު މަޝްވަރާ ކުރަން ދަތިވާނެތީ އެވެ. ނަމަވެސް މިއީ ވަރަށް ގިނަ މައްސަލަތަކެއް އޮންނަ ޑިމޮކްރެސީގެ ބާވަތެކެވެ. އެ ވާހަކަ ފަހުން އަދި ދަންނަވާނަމެވެ.

ރެޕްރިޒެންޓޭޓިވް ޑިމޮކްރެސީ އާ އިދި އަނެއް ބާވަތަކީ ޑިރެކްޓް (ސީދާ) ޑިމޮކްރެސީ އެވެ. މި ބާވަތުގައި، ޤާނޫނުތައް ބަދަލުކުރުމުގެ ޙައްޤު ސީދާ ރައްޔިތުންނަށް ލިބިގެން ވެއެވެ. ހޮވި މެންބަރުން ވަކިކުރެވޭނޭ ގޮތްތައް ވެސް ހުރެއެވެ. މިސާލެއްގެ ގޮތުން، މެންބަރުކަމަށް އަހަރެއް ވުމަށް ފަހު، މެންބަރުގެ ޢަމަލުތަކާ މެދު ހިތް ހަމަ ނުޖެހިގެން، އިންތިޚާބީ ދާއިރާގެ 1/3 މީހުން ޕެޓިޝަނެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި ނަމަ، އެ މެންބަރުގެ މަޤާމު ވަގުތީ ގޮތުން ހުސްވިކަމަށް ބަލައި، އަލުން ބައިއިލެކްޝަނެއް ބޭއްވިދާނެއެވެ. މިފަދަ ކޮންޓްރޯލްތަކެއް ނެތް ނަމަ، މެންބަރުން ޒިންމާ ކުރެވޭނޭ ގޮތެއް ނޯންނާނެއެވެ. އެހެން ޑިމޮކްރެސީ ތަކުގައި މިފަދަ މާއްދާތައް ހިމަނާފައި ހުންނަނީ އިންސާނުންގެ ޠަބީޢަތަށް ބަލައި ކޮންޓްރޯލްތަކެއް ލުމަށެވެ.

ސްވިޓްޒަރލަންޑްގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޤާނޫނަކާ މެދު ރައްޔިތުން ހިތްހަމަ ނުޖެހޭ ނަމަ އެއްލައްކަ ސޮއި ހޯދައި ޕެޓިޝަނެއް ލުމުން، އެ ޤާނޫނު ސީދާ ރައްޔިތުންގެ ވޯޓަކަށް ދާނެއެވެ. މަޖިލީހުން ފާސްނުކުރި، ބުރުގާ އާއި މުންނާރު މަނާކުރުމުގެ ޤާނޫނު، އެ ޤައުމުގައި ރައްޔިތުން އެއްލައްކަ ސޮއި ހޯދައިގެން ރެފަރެންޑަމް އަކަށް ޤާނޫނު ގޮސް ފާސްކޮށްފައި ވެއެވެ. އެ ޤައުމުގައި މުންނާރު ބިނާކުރުމާއި މޫނުބުރުގާ އެޅުން ޤާނޫނީ ގޮތުން މަނާވާނެ އެވެ. އެއް ލައްކަ އަކީ އެތަނުގެ އާބާދީގެ %1 އެވެ. ރާއްޖޭގައި ނަމަ އެ ނިސްބަތުން ވާނީ 3500 ސޮއި އަށެވެ.

ރެޕްރިޒެންޓޭޓިވް ޑިމޮކްރެސީގެ މައްސަލަ


ރެޕްރިޒެންޓޭޓިވް ޑިމޮކްރެސީއަކީ ރައްޔިތުން ވޯޓު ލައިގެން މެންބަރުން އިންތިޚާބުކޮށްގެން ޤާއިމްކުރާ ޑިމޮކްރެސީ އެވެ. ސީދާ ޑިމޮކްރެސީގެ ބައެއް ނުވާ ނަމަ، މިފަދަ ޑިމޮކްރެސީ އަކީ ފަސޭހައިން ފަސާދަވާ ޑިމޮކްރެސީއެކެވެ.  ރާއްޖޭގައި މިއޮންނަނީ މިފަދަ، މެންބަރުން ރައްޔިތުން ތަމުސީލުކުރަން ޖެހޭ، ސީދާ ރައްޔިތުންގެ ބައިވެރިވުމެއް ނުވާ ޑިމޮކްރެސީ އެވެ. އިނގިރޭސި ލަފުޒު، ރެޕްރިޒެންޓް، ގެ މާނައަކީ މީހެއްގެ ނުވަތަ ބައެއްގެ ޤާއިމްމަޤާމެއްގެ ގޮތުގައި ނުވަތަ ވަކީލެއްގެ ގޮތުގައި ނުވަތަ ނައިބެއްގެ ގޮތުގައި ނުވަތަ ބަދަލެއްގެ ގޮތުގައި ހަރަކާތްތެރި ވުމެވެ.

(ހ) ރައްޔިތުންގެ ވަކީލަކަށް ނުވުން: އިންތިޚާބުކުރާ މެންބަރުން، އެމީހުން އިންތިޚާބު ކުރި ފަރާތްތަކުގެ އެދުންތަކާ ދެކޮޅަށް ވޯޓުދިނުން. މިހެން މެންބަރުން ޢަމަލުކުރަނީ، އަމިއްލަ ފައިދާއަށް ނުވަތަ ޕާޓީއަށް ވަފާތެރިވުމަށެވެ. މީގެ އިތުރަށް ކެމްޕޭނަށް ފައިސާދިން ނުވަތަ ފިއްތުން ކުރިމަތި ކުރި ނުވަތަ ނުފޫޒު ފޯރުވާ ފަރާތްތަކުގެ އެދުމަށެވެ.

(ށ) ރައްޔިތުންގެ ނުފޫޒު ކުޑަވުން: އިންތިޚާބު ބާއްވަނީ ފަސް އަހަރުން ނުވަތަ ދިގު މުއްދަތަކަށް ފަހު ކަމަށްވާތީ، ސިޔާސަތުތަކާއި ޤާނޫނުތަކާ މެދު ރައްޔިތުން ފާރަވެރިކަން ކުޑަވެ ވަރިހަމަވުން.

(ނ) ފަސާދައާއި އަމިއްލަ އެދުން: ރައްޔިތުންގެ މަންފާއަށް ވުރެ މެންބަރު ކަމުގައި ދެމިހުރުމަށާއި ފައިސާވެރިވާން އިސްކަން ދިނުން.

(ރ) ޕާޓީގެ ދާޚިލީ ސިޔާސީ ކަންކަން: ޕާޓީގެ ވަޙުދަތު ހިފެހެއްޓުމަށް، އިންތިޚާބުކުރި ރައްޔިތުންގެ އެދުންތަކަށް ވުރެ ޕާޓީގެ މަޞްލަޙަތު އިސްކުރުން.

(ބ) އެންމެ ގިނަ ވޯޓު ލިބުނު މެންބަރުން ހޮވުން. މިހާރު މިއޮންނަ އިންތިޚާބުތަކުގައި އެންމެ ގިނަ ވޯޓު ލިބޭ ފަރާތް މެންބަރަކަށް ވެއެވެ. މިސާލަކަށް ދާއިރާގެ %20 މީހުންގެ ވޯޓު ލިބިގެން ވެސް މެންބަރަކަށް ވެވިދާނެއެވެ. އެހެންކަމުން، މެންބަރުން ވަނީ ދާއިރާގެ އަޣްލަބިއްޔަތު އޮންނަ ބަޔަކަށް ނޫނެވެ. މަޒުމޫނުގެ ބޮޑުބައިގައި ބަޔާންކުރެވުނީ މި ވާހަކައެވެ.

(ޅ) ޕާޓީ ބޮޑުވުމުން، ޤައުމުގެ މަޞްލަޙަތަށް ސަމާލުކަން ނުދެވުން. ސިޔާސީ ބޭނުމަށް، ކަނޑައެޅިގެން ޤައުމީ މަޞްލަޙަތު ނެތްކަންކަމަށް މެންބަރުން ވޯޓު ދީފާނެއެވެ.

(ކ) ބޭފުޅުވުން. މެންބަރުންނަށް އެމީހުންގެ ނަފުސަށް ދެވޭ ޤަދަރު މާ މަތިވެ، ތިމާމެންނަކީ އެހެން މީހުންނާ ތަފާތު، މާ މޮޅު ބައެއް ކަމަށް ހީވެ، އަވާމީންނާއި ޢާއްމުންނާ ގުޅުން ކެނޑި ހޮވަން ވޯޓުދިން ފަރާތްތަކާ ގުޅުން ކެނޑިދާނެއެވެ.

(އ) އޮޅުވައިލުން ދޮގުހެދުން. ހަމައެކަނި އިންތިޚާބު ކާމިޔާބުކުރުމަށް، މުޅިން އެހެން ވާހަކައެއް ނުވަތަ ފުށެއް ދައްކައި، ހޮވުމުން ދެއްކި ވާހަކައާ އިދިކޮޅަށް އަމަލުކޮށްފާނެއެވެ.

(ވ) ކުރު މުއްދަތުގެ މަންފާއަށް އިސްކަން ދިނުން. އަލުން އިންތިޚާބު ވުމަށް، ދުރު މުސްތަޤްބަލަށް ނުވިސްނައި، ކުރު މުއްދަތުގެ ކަންކަން ކޮށްގެން، ދާއިރާއާއި ޤައުމުގެ މަޞްލަޙަތު ނަގާލަފާނެއެވެ.

ރެޕްރިޒެންޓޭޓިވް ޑިމޮކްރެސީގެ ހައްލުތައް


ފަސާދަ ވެފައިވާ ޑިމޮކްރެސީތަކުގެ ތެރެއިން ގިނަ ޢިލްމުވެރީން އެންމެ ބޮޑަށް ފާހަގަ ކުރާ އެއް ޤައުމަކީ ޔޫ.އެސް. (އެމެރިކާ) އެވެ. ސިޔާސީ ޢިލްމުވެރީން ބުނަނީ، އެމެރިކާ އަކީ އޮލިގާކީ އެއް ކަމަށެވެ. އޮލިގާކީ ކިޔަނީ މަދު މުއްސަނދި ނުވަތަ ބޮޑުން ހިންގާ ޤައުމަށެވެ. މިހެންވަނީ، ފަގީރުންނާއި މުއްސަނދީންގެ ތަނަވަސްކަމުގެ ފަރަގު ބޮޑުވެގެން، މުއްސަނދީންނާއި ބޮޑެތި ކުންފުނިތަކަށް ސަރުކާރުގެ ސިޔާސަތަށް ނުފޫޒު ފޯރުވޭލެއް ބޮޑުކަމުންނެވެ. ޢާއްމު ރައްޔިތެއްގެ މާ ބޮޑު ބާރެއް ނޯވެއެވެ. މުއްސަނދީންނާއި ކުންފުނިތަކުން މިކަން ޙާޞިލްކުރަނީ ކެމްޕޭނަށް ފައިސާ ދީގެން، ލޮބީކޮށްގެން، މީޑިއާ ކޮންޓްރޯލް ކޮށްގެން ފަދަ ކަންކަމުންނެވެ. މިހެންވުމުން، މަޖިލިހުން ނިންމާ ނިންމުންތައް ހުންނާނީ މުއްސަނދީންނަށް ފައްސިކޮށެވެ. ރާއްޖެއިން ވެސް މީގެ ގިނަ މިސާލުތަކެއް ފެންނާނެއެވެ. ޔޫ.އެސް.ގައި ޢާއްމު ރައްޔިތަކަށް ޤާނޫނަކަށް ބާރު ފޯރުވެނީ އެންމެ %5 އަށް ކަމަށް ބައެއް ދިރާސާތަކުން ބުނެއެވެ. މިހެން ވާނަމަ، އެއީ ޑިމޮކްރެސީ އެއް ނޫނެވެ. އެއީ އޮލިގާކީ އެކެވެ. ޔޫ.އެސް. ގެ އެންމެ ދިހަ މީހުން، މުޅި ސަރުކާރު އެމީހުންގެ އަތުތެރެއަށް ލާފައިވާ މިންވަރު، މި ލިންކުން ފެނިވަޑައިގަންނަވާނެ އެވެ.

ޔޫ.އެސް. (އެމެރިކާގައި) ރައްޔިތުންގެ މަޖިލިސްގެ ފަސާދަތައް ކުޑަކުރުމަށް އެތަނުގެ މެންބަރުންގެ (ހައުޒް އޮފް ރެޕްރިޒެންޓޭޓިވްސްގެ) މެންބަރުކަމުގެ މުއްދަތް އޮންނަނީ ކުޑަކޮށްފައެވެ. އާދެ، ދެ އަހަރު ދުވަހަށެވެ. ރައީސް ގެ މުއްދަތަށް ވުރެ ދެ ގުނަ ކުރުކޮށެވެ.

ރާއްޖޭގެ ހާލަތަށް ނަޒަރުކުރާ ނަމަ، ގިނަ އިސްލާޙްތަކެއް ޤާނޫނު އަސާސީ އަށާއި ޤާނޫނުތަކަށް ގެންނަން ޖެހެއެވެ. މިގޮތުން ސީދާ (ޑިރެކްޓް) ޑިމޮކްރެސީގެ ބައެއް ހަމަތައް ރާއްޖެ ހިންގާ ނިޒާމުގެ ތެރޭގައި ހިމަނަން ޖެހެއެވެ. މެންބަރުންނާ ސީދާ ބެހޭ ބައެއް ކަންކަން ނިންމުމުގައި ރައްޔިތުންގެ ވޯޓު ހޯދަން ޖެހޭނެއެވެ. އަދި ރައްޔިތުންނަށް މެންބަރުން ވަކިކުރެވޭނޭ ގޮތް ތަކެއް ވެސް ހުންނަން ޖެހެއެވެ. މިސާލެއްގެ ގޮތުން އަހަރު ދުވަސް ވުމަށް ފަހު، އިންތިޚާބީ ދާއިރާގެ ތިންބައިކުޅަ އެއްބައި މީހުންގެ ޕެޓިޝަނެއް އިންތިޚާބާ ބެހޭ އޮފީހަށް ހުށަހެޅުމުން، އައު އިންތިޚާބެއް ބާއްވަން ޖެހޭ ފަދަ ސީދާ ޑިމޮކްރެސީގެ އުސޫލުތަކެއް ޤާއިމްކުރަން ޖެހެއެވެ. ހާޒިރީއަށް ފަރުވާކުޑަކުރާ ނަމަ އެމީހަކު މެންބަރުކަމުން ވަކިކުރެވޭ ގޮތް ޤާނޫނުތަކުގައި ލިޔެވެން ޖެހެއެވެ. މި ދެންނެވި ކަންކަމަކީ ރަނގަޅަށް ހިނގާ ޑިމޮކްރެސީ ތަކުގައި ހިމެނޭ ކަންކަމެވެ. ރައްޔިތުންގެ ކޮންޓްރޯލް ނެތް ނަމަ، މެންބަރުންގެ ޢަމަލުތައް ސީދާކުރާނީ އެމީހުންގެ ހަވާނަފުސާއި އަމިއްލަ އެދުމެވެ. އެމީހުންނަކީ ހޮވި ފަރާތްތަކުގެ ރައުޔު ތަމުސީލުކުރާ ބަޔަކަށް ނުވާނެއެވެ.

[ސީދާ ޑިމޮކްރެސީގެ އުސޫލުތައް އަވަހަށް ތަޢާރުފުކުރަން ޖެހޭ ކަންތައްތަކުގެ ތެރޭގައި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް ހިމެނެއެވެ. ބޭރު ޤައުމުތަކުގައި، ގަމެއްގެ (ބަޔަކު ދިރިއުޅޭ ބަސްތީއެއްގެ) ވަކި ބާވަތްތަކެއްގެ މުހިއްމު ކަންކަން ނިންމާ ނަމަ، ގެމީންގެ (ރަށުގައި އުޅޭ މީހުންގެ) ވަކި ޢަދަދެއް ގެ ހާޒިރީން ހަމަވާ ޖަލްސާއެއްގައި އެކަން މަޝްވަރާކޮށް ޢާއްމު ވޯޓަކަށް އަހަން ޖެހެއެވެ. މި ފަދަ ޖަލްސާއިން ނިންމާ ނިންމުން، ރަށު ކައުންސިލްގެ ނިންމުންތަކަށް ވުރެ ބާރު ގަދަވާނެއެވެ. އެންމެންގެ ވޯޓު (ރެފަރެންޑަމް އެއްގެ ނަތީޖާ) ރައްޔިތުންގެ މަޖިލިހުގެ ނިންމުމަށް ވުރެ ބާރުގަދަވާ ފަދައިންނެވެ. މާލޭގެ ސިޓީ ކައުންސިލްގައި މިހާރު ޖެހިގެން އުޅޭ އެއް މައްސަލައަކީ ވަކި ބާވަތެއްގެ މައްސަލަތަކެއް އެޖެންޑާ ކޮށްފިނަމަ، ޖަމާޢަތެއްގެ މީހުން ޤާނޫނީ ޢަދަދު ހަމަނުވާ ގޮތަށް ޖަލްސާއަށް ހާޒިރު ނުވުމެވެ. މި ފަދަ  މައްސަލައެއް ކުރިމަތިކުރާ ނަމަ، ޢާއްމު ޖަލްސާއަކުން އެހެން ޤައުމުތަކުގައި އެކަން ނިންމައެވެ. ގަވާއިދުތައް ހެދިފައި ހުންނަނީ ސީދާ ޑިމޮކްރެސީގެ ބައެއް ހިމަނާފައެވެ.]

އަވަހަށް ގެންނަން ޖެހޭ އިޞްލާޙްތަކުގެ ތެރޭގައި އިންތިޚާބާ ބެހޭ އޮފީސް ހަރުދަނާ ކުރުން ހިމެނެއެވެ. އެ އޮފީހުގެ މުވައްޒަފުންގެ ފެންވަރާއި މުވައްޒަފުން (މެންބަރުން) ހޮވާ ގޮތް އިޞްލާޙް ކުރަން ޖެހެއެވެ.  ޚަރަދުކުޑަކޮށް، ގިނަގިނައިން އިންތިޚާބުތައް ބޭއްވޭ ގޮތަށް އިންތިޚާބުތައް އިންތިޒާމުކުރަން ޖެހެއެވެ. މިއާއެކު ވޯޓުލުމާއި ނެގުމުގައި ހިނގާ ފަސާދަތައް ކުޑަކުރަން ޖެހެއެވެ. އަޅުގަނޑު ހަނދާން ހުންނަ އެއް ކަމަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ބުއްދި ޤަބޫލު ނުކުރެވޭ ހާ ގިނަ ބާޠިލް ވޯޓު، ގއ. ކޮލަމާފުށީގެ ވޯޓު ފޮއްޓަކުން ފެނުނު ހަނދާނެވެ. [ރިޔާސީ އިންތިޚާބު ފަދަ ނަތީޖާގެ ފިސާރިކަން ބޮޑު އިންތިޚާބެއްގައި، ރަށުގެ ގިނަ ބައެއް، އެބައެއްގެ ވޯޓު ބާޠިލްކުރާނެކަމަށް ތިޔަބޭފުޅުން ޤަބޫލުފުޅު ކުރައްވަން ތޯއެވެ؟]

ޑިމޮކްރެސީ ގެ ޙަޤީޤީ މާނަ ގިނަ ބަޔަކަށް ވަނީ އޮޅިފައެވެ. އުތުރު ކޮރެއާގެ ރަސްމީ ނަމަކީ ރައްޔިތުންގެ ޑިމޮކްރެޓިކް އުތުރު ކޮރެއާ އެވެ. ވަކި ނަމެއް ކިޔުމުން އެކަމުގެ ސިފަތަކެއް އެއްޗަކަށް ނުލިބެއެވެ. ސަނދުބަރަކަ މަލަކަށް ފިނިފެންމާ ކިޔަސް، އޭގައި ފިނިފެން މަލުގެ ވަހެއް ނުހުންނާނެއެވެ. ރާއްޖެއަކީ ޑިމޮކްރެޓިކް ޤައުމެއްކަން ނުވަތަ ނޫންކަން ނިންމުމަށް އަޅުގަނޑު ދޫކޮށްލާނީ ތިޔަބޭފުޅުންނަށެވެ.

އަޅުގަނޑު މި މަޒުމޫނު ފެށީ ސުވާލަކުންނެވެ. ރައްޔިތުންގެ މަޖިލިސްގެ މެންބަރުން އެމީހުން ހޮވަން ވޯޓުދިން ރައްޔިތުންނަށް ވަފާދާރު ނުވަނީ ކީއްވެ ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބަކީ އެމީހުން ރައްޔިތުންނަށް ވަފާދާރު ނުވުމުން ރައްޔިތުންނަށް ކުރެވޭނޭ ކަމެއް 5 އަހަރު ވާންދެން ނޯންނާތީއެވެ.