
މި މަޒުމޫނުގައި މިގެނެސް ދެނީ ގޯއްޗެއްގައި ގެއެއް އަޅާއިރު ވިސްނަން ޖެހޭ ބައެއް ކަންކަމެވެ. ޚާއްޞަކޮށް ހުޅުމާލޭގެ ފޭސް 2 ގައި، ގާތްގަޑަކަށް 1650 އަކަ ފޫޓުގެ ގޯއްޗެއްގައި ހަބުރިއަށް ގެއެއް އަޅާއިރު ވިސްނާނޭ ކަންކަމެވެ. މި މަޒުމޫނު ލިޔަން މެދުވެރިވި ގޮތަކީ، ފާއިތުވި ރިޔާސީ ދައުރުގައި މީހަކަށް ދިން ގޯއްޗެއްގައި އޭނާ ބޭނުންވާ ގޮތަށް—އެންމެ ތަން ނުގެއްލޭގޮތަށް—ކޮޓަރިތައް އަތުރާލަ ދޭން އަޅުގަނޑުގެ ކައިރީގައި އެދުމެވެ.
މަޒުމޫނު ކިޔުއްވަައިފި ނަމަ، ގެއެއް އަޅާއިރު ވިސްނަން ޖެހޭ ބައެއް ކަންކަން ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އެވެ. އެހެނީ މި މަޢުލޫމާތުގެ ތެރެއަށް އަޅުގަނޑު ގަތަމުންދާނީ މިފަދަ ތަންތަން ހަދާއިރު ހިފަހައްޓަން ޖެހޭ ގަވާއިދުތަކާއި ހަަމަތަކެވެ. މި ސައިޒުގެ ގޯއްޗެއް ލިބިފައިވާ އެހެން ފަރާތްތަކަށް ގެއެއް ފަރުމާކުރުމާ މެދު ވިސްނަމުން ދާނަމަ، މިއާ އެކުވާ ކުރެހުންތައް އިލްހާމަކަށް ވާނެއެވެ.
ގެދޮރު ބިނާކުރުމަކީ ވަރަށް ގިނަ ވިސްނުންތައް ވިސްނަން ޖެހޭ ކަމެކެވެ. މިކަން ފުރަވަގުތު (ފުލްޓައިމްކޮށް) ކިޔަވަން ގާތްގަޑަކަށް ހަތަރު އަހަރު ހޭދަ ކުރަން ޖެހެއެވެ. ނަމަވެސް، އަސާސީ ބައެއް ކަންކަން މައް (ޚާލިޞް) ދިވެހި ބަހުން، ދޭހަ ފަސޭހަގޮތަކަށް އަޅުގަނޑު ލިޔަމުން އެބަ ގެންދަމެވެ. މިގޮތުން މީގެ ކުރިން ލިޔެފައިވާ ތިން މަޒުމޫނު ތިރީގައިވާ ލިންކްތަކުން ފެނިވަޑައިގަންނަވާނެ އެވެ
ފޭސް 2 ގެ ގޯތިތައް ފަރުމާކުރުމުގެ ގަވާއިދާއި ގޯތީގެ ބޮޑުމިން
-
ގެ އަޅަން ދީފައިވާ ގޯތީގެ ބޮޑުމިނަކީ މަގަށް ހަނި ފަރާތް ހުންނަ ގޮތަށް 10.58 މީޓަރު (34.7 ފޫޓު ދިގު)، 14.5 މީޓަރު (47.57 ފޫޓު) ފުޅާ ތަނެކެވެ. މިތަނުގެ އޭރިއާ އަކީ 1651 އަކަ ފޫޓު ކަމުގައި ވިއަސް، ގެ އެޅެނީ 1200 އަކަ ފޫޓުގައެވެ. އެއީ ގޯތީގެ ތިން ފަރާތަށް ވެސް ޖާގައެއް ބާއްވަން ހުޅުމާލޭގެ ޕްލޭނިން ގަވާއިދުތަކުގައި ބުނާތީއެވެ.
-
ހުޅުމާލޭގެ ފޭސް 1 އަކީ ވަރަށް ހަރުދަނާ އުސޫލުތަކެއްގެ މަތިން ގެދޮރު ބިނާކޮށްފައިވާ ބައެކެވެ. ފޭސް 2 ގައި މި އުސޫލުތައް ވަނީ ދޭސީ ކޮށްފައެވެ. މިހާރު ޢަމަލުކުރާ ފޭސް 2 ގެ އުސޫލުތައް މި ޖުމުލައަށް އޮބާލެއްވުމުން ޑައުންލޯޑް ވާނެއެވެ. އެ އުސޫލުތަކުގައިވާ ގޮތުން މަގު މައްޗަކަށް އެންމެ އިންޗިއެއް ވެސް މައްޗަކުން ނުނެރެވޭނެ އެވެ. އަދި އެންމެ ތިރީބުރީގެ ހުރިހާ ތަނެއް ހުންނަން ވާނީ މަގުން އެއް މީޓަރު (ގާތްގަޑަކަށް ތިންފޫޓު) އެތެރެއަށް ޖައްސާފައެވެ. ކޮންމެ ގެއެއްގެ ކަނާތް ފަރާތުގައި 1.2 މީޓަރުގެ (ހަތަރު ފޫޓުގެ) ގޯޅިގަނޑެއް އޮންނަން ޖެހޭނެއެވެ. އަދި ބިއްދޮށުގައި އެއް މީޓަރުގެ ގޯޅިގަނޑެއް އޮންނަން ޖެހޭނެއެވެ. އެހެންކަމުން ތިރީގައި ކުލަޖައްސާފައި އެވަނީ މި ގޯތީގައި ފުރަތަމަ ބުރި ބިނާކުރެވޭނޭ އޭރިއާ އެވެ. މިއޭރިއާގެ ބޮޑު މިނަކީ 1261 އަކަ ފޫޓެވެ.
-
މިގޮތަށް ގޯޅިގަނޑެއް ދޫކުރުމުން އެއްވެސް ދެ ގެއެއްގެ ފާރު ޖެހިޖެހިގެން ނުހުންނާނެއެވެވެ. ކޮންމެ ގެއަކާއި ޖެހިގެން ހުރި ގެއާ ދެމެދު މަދުވެގެން 4 ފޫޓު ހުންނާނެއެވެ. އަދި ބިއްދޮށު ދެ ގޭގެ ދެމެދު 6 ފޫޓު ވަރު ހުންނާނެއެވެ.
-
މި ގަވާއިދުތަކަކީ ރާއްޖެ ތެރޭގައި ގެދޮރު އަޅާއިރުވެސް ހިފަހައްޓަން ރަނގަޅު އުސޫލުތަކެކެވެ. އެހެން ކަމުން، ރަށު ކައުންސިލްތަކުން މިފަދަ އުސޫލުތައް އެކުލަވައިލުމަކީ ވަރަށް އެދެވިގެންވާ ކަމެކެވެ. ހުުޅުމާލޭގެ އުސޫލުތަކަށް ގެނެވޭނޭ އެންމެ ބޮޑު އިޞްލާހަކީ، 30 ވަރަކަށް ފޫޓަށް ވުރެ އުސްކުރާ ނަމަ، މަތީ ބުރިތައް، މަގަށް އަވިދޭ ގޮތަށް ހަތަރު ފޫޓުވަރު އެތެރެއަށް ޖައްސަން ޖެހޭ ގޮތަށް އޮތުމެވެ.

ވެރިފަރާތުން އެދޭ ކަންކަން
- ކާރު ގަރާޖެއް ހުންނަންވާނެ އެވެ
- ފުރަތަަމަ ދެބުރީގައި ހުންނަންވާނީ ފިހާރައެވެ. ދެބުރި އެއްކޮށް ވަކިކުރެވޭ ގޮތަށެވެ
- ދެން ހުރި ބައެއް ބުރިތަކުގައި ހުންނަންވާނީ 2 ކޮޓަރީގެ ފުލެޓަކާއި 1 ކޮޓަރީގެ ފުލެޓެކެވެ. އަނެއް ބުރިތަކުގައި ހުންނަންވާނީ ހަތަރު ކޮޓަރީގެ ފުލެޓެވެ
ފުރަތަމަ ބުރިއާއި ދެވަނަ ބުރި
(1) ޢިބާރާތް ކުރެވޭނޭ އެންމެ އުސްމިނަކީ 18.5 މީޓަރު ކަމަށް، ކުރިން ބުނެވުނު ގަވާއިދުގެ 11 ވަނަ މާއްދާގައި ބުނެއެވެ. ކޮންމެ ބުރިއެއްގެ އުސްމިނުގައި ގާތްގަޑަކަށް 3 މީޓަރު ހުންނާތީ މީގެ މާނައަކީ އެންމެ ގިނައިން ގެ އެޅޭނީ 6 ބުރިއަށް ކަމެވެ. އަދި މި މާއްދާގައި 16.5 މީޓަރަށް ވުރެ ގެ އުސް ނަމަ، ގޭގައި ލިފްޓެއް ހުންނަން ޖެހޭނެކަމަށް ބަޔާން ވެގެން އެވެ. އެހެންކަމުން، ފަރުމާ ކުރަން އުޅޭ މި ގޭގެ ތިރީ ބުރީގައި (ހ) ލިފްޓަކާއި (ށ) ގަރާޖަކާއި (ނ) ފިހާރަ އަކާއި (ރ) ސިޑިއެއް ހުންނަން ޖެހޭނެއެވެ. ހަބުރިއަށް ގެއަށް އަޅާ ނަމަ، އެ ގެއަށް ކޮންމެވެސް ވަރެއްގެ ގުދަނެއް ބޭނުން ވާނެއެވެ. މިތަން ވެސް ހުންނަން އެންމެ ރަނގަޅު ވާނީ އެންމެ ތިރީ ބުރީގައެވެ. ބޭރު ޤައުމުތަކުގެ ޕްލޭނިން ގަވާއިދުތަކުގައި، އެކި ވަރުގެ އެޕާޓްމަންޓްތަކުގެ ގުދަނުގެ ސައިޒު ކަނޑައަޅާފައި ހުރެއެވެ. މިއޮތީ އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސް (އަތޮޅުގެ) ގަވާއިދެެވެ.

(2) ލިފްޓެއް ބަހައްޓަން ވިސްނާ ނަމަ، އެންމެ ރަނގަޅު ގޮތަކީ، ޢިމާރާތް ކުރަހަން ފަށާއިރު އެ ލިފްޓުގެ ބާވަތާ މެދު ގޮތެއް ނިންމުމެވެ. އެއީ ލިފްޓް ގޮޅިއަށް ދޫކުރާނޭ ޖާގަ ކަނޑައެޅުމަށެވެ. ދުނިޔޭގަައި ބޭނުންކުރާ ހުރިހާ ބާވަތެއްގެ ލިފްޓް މަސައްކަތް ކުރާ ގޮތާ މެދު ހައެއްކަ މަޒުމޫނު އަޅުގަނޑު ލިޔެފީމެވެ. ހަބުރި ގެއެއްގައި ބަހައްޓަން އެންމެ ރަނގަޅު ކަމަށް އަޅުގަނޑަށް ފެންނަނީ އޯޓިސް މަރުކާގެ ސްވިޗް ކިޔާ ބާވަތުގެ ލިފްޓެވެ. މި ލިފްޓަކީ އިލެކްޓްރިކް ކެނޑިއްޖެ ނަމަ، ބެޓެރީއިން 100 ފަހަރު ދަތުރުކުރާ، އަދި ސޯލާ ޕެނަލް އިން ހިންގޭ، ތިން ފޭސް އިލެކްޓްރިކް އަދި މެޝިންރޫމެއް ވެސް ބޭނުން ނުވާ އެއްޗެކެވެ. މި ލިފްޓާ ބެހޭ މަޢުލޫމާތު މި ފޮޅުވަތަށް އޮބާލެއްވުމުން ޑައުންލޯޑް ވާނެއެވެ. މިބާވަތުގެ ލިފްޓެއްގެ ލިފްޓް ގޮޅީގެ (ހޮއިސްޓްވޭގެ) ޖާގައަށް ބޭނުންވަނީ އެެތެރެއިން އެތެރެއަށް 155 ގުނަ 155 ސެންޓިމީޓަރެވެ.
(3) ސިޑިއަކީ ލިފްޓް ހުންނަ ގެއެއްގައި ވަރަށް މަދުން ނޫނީ ބޭނުން ނުކުރާނޭ، ޖާގަ ހިފާ ތަނެކެވެ. ވީމާ، ސިޑީގެ ފުޅާމިން ބޮޑުކުރުމަކީ އެދެވޭ ކަމެއް ނޫނެވެ. އެހެންކަމުން ސިޑީގެ ފުޅާމިނުގައި މި ބަހައްޓާނީ 700 މިލިމީޓަރެވެ. މިއީ 28 އިންޗި އެވެ. ނަމަވެސް ޖާގަ ބޮޑުކުރުމަށް ސިޑީގެ ރެއިލިން ޖަހާނީ އަރިމަތީގައެވެ. މިހެންވެ ދެ ބައިގެ ދޭތެރޭގައި ހައެއްކަ އިންޗި ބަހައްޓާނަމެވެ. އޭރުން ސިޑިމަތި ކުނިކަހަން ފަސޭހަ ވާނެއެވެ. ބައިނަލްއަޤްވާމީ ގަވާއިދަކީ ހަބުރި ޢިމާރާތެއްގެ ސިޑީގެ ފުޅާމިނުގައި ހަތަރުފޫޓު ހުރަހެއް ނެތި ހުރުމެވެ. ހަރުފަތުގެ އުސްމިނާއި ފުން މިންވެސް ބައިނަލްއަަޤްވާމީ ގަވާއިދުގައި އޮވެއެވެ.
(4) ގަރާޖުގެ ގޮތުގައި ބޭނުންކުރާ ބައިގެ ދޮރުގެ ފުޅާމިނުގައި މަދުވެގެން 3 މީޓަރު ހުންނަން ޖެހޭނެކަމަށް އެޗްޑީސީ ގަވާއިދު ބުނެއެވެ. މި ގަރާޖު އެންމެ ރަނގަޅުވާނީ ގޯތީގެ ވާތް ފަރާތުގައި ހެދުމެވެ. އެއީ ވާތް ފަރާތުގައި އެއްވެސް ކުޑަދޮރެއް ނުބެހެއްޓޭނެތީ އެވެ. އެއީ ގޯތީގެ އިން ފާރަކަށް ވާތީ އެވެ.
މަތީގައި ބަޔާންކުރެވުނު ކަންކަމަށް ރިއާޔަތްކުރުމަށް ފަހު، ފުރަތަމަ ބުރީގެ ކުރެހުން ތިރީގައި އެވަނީއެވެ.

ދެވަނަ ބުރީގެ ނުވަތަ މަތީ ބުރީގެ ފިހާރައިގެ ޖާގަ ބޮޑުވާނެއެވެ. އެއީ މަގުގެ ކުރިމަތިން ފުރަތަމަ ބުރިން ދޫކޮށްލަން ޖެހޭ 1 މީޓަރު ދޫކޮށް ނުލާތީއާއި ގަރާޖާއި ތިރީ ގުދަނަށް ހުސްކޮށް ބެހެއްޓި ތަން ދެވަނަ ބުރިއަށް ބޭނުން ނުވާނެތީއެވެ. އެހެން ކަމުން ދެވަނަ ބުރީގެ އޭރިއާއަކީ ގާތްގަޑަކަށް 1120 އަކަ ފޫޓެވެ.

މި ތަޅުމުގައި ހުރި މައްސަލަތަކުގެ ތެރެއިން އަޅުގަނޑަށް އެންމެ ބޮޑަށް ފާހަގަކުރެވެނީ ސިޑިގޮޅިއަށާއި ލިފްޓަށް އެއްވެސް ގޮތަކަށް ގުދުރަތީ އަލިކަމެއް ނުލިބޭ ކަމެވެ. މިކަން ހައްލުކުރެވޭނެ މާ ފަސޭހަ ގޮތެއް ވެސް ނެތެވެ. އެއް ހައްލަކީ އިންފާރުގެ ސިޑިއާ ވީ ދިމާލުގައި ބިއްލޫރިގައު ކޮންމެވެސް ވަރަށް ފާރުރާނާއިރު ބޭނުން ކުރުމެވެ. އެހެނީ އިންފާރެއްގެ ކުޑަދޮރެއް ބެހެއްޓުމަކީ ގަވާއިދުގައި މަނާކަމެކެވެ. ލިފްޓާއި ސިޑި އެތުރުމުގައި ތިން ގޮތެއް ބޭނުންކުރެއެވެ. އެ ތިން ގޮތުން މި އާއެކުވާ ކުރެހުމުގައި އެ ވަނީއެވެ. ޖާގަ އެންމެ ނުގެއްލޭނީ ސިޑީގެ ކުރިމަތީގައި ލިފްޓް ހުރުމުންނެވެ. އެއީ ކުރެހުމުގައިވާ 2 ވަނަ ގޮތެވެ. ނަމަވެސް މި ގޭގައި އެގޮތަށް ކަން ކޮށްފިނަމަ، ފިހާރައިން ޖާގައެއް ގެއްލޭނެއެވެ. އެހެންކަމުން އެއީ އެހާ ރަނގަޅު ގޮތަކަށް ނުވެއެވެ.
ހަތަރު ކޮޓަރީގެ ފުލެޓުގެ ފަރުމާ
ގޭގެ މޫނުމަތިން މި ލިބޭ ގާތްގަޑަކަށް 31 ފޫޓަކީ މަގާވީ ފަރާތަށް ތިން ކޮޓަރި ނަގަން ނިސްބަތުން ތަންކޮޅެއް ކުޑަ މިންވަރެކެވެ. އެހެން ކަމުން، އެންމެ ރަނގަޅުވާނެ ކަމަށް ފެންނަނީ ކާކޮޓަރި އާއި ބަދިގެ މަގުމައްޗާ އިންވެގެން ހެދުމެވެ. މި ދެކޮޓަރި ކުޑަކޮށް ހަނިވިޔަސް އެންމެ ރަނގަޅުވާނެ އެވެ. މިގޮތަށް ކަންތައްތައް ކުރުމުން މެދުގެ ނުވަތަ ސިޓިން ރޫމް ހުންނާނީ ތަންކޮޅެއް އެތެރޭގައެވެ. ނަމަވެސް، އެކަށީގެންވާ ވަރަށް އަލިވާނެއެވެ.
ޔާމީން ދުވަސްވަރު ހެދި ފްލެޓްތަކުގައި ސިޓިން ރޫމްގެ ފުޅާމިނުގައި ހުންނަނީ 8 ފޫޓެވެ. ރަނގަޅު މިންވަރަކީ މި ފުޅާމިނުގައި މަދުވެގެން 12 ފޫޓު ހުރުމެވެ. ކުދި ތަންތަންހަދާއިރު ސިޓިން ރޫމް އާއި ބަދިގެ އެއްކޮށް ހެދިއަސް، އެއީކީ އެހާ ރަނގަޅު ގޮެތެއް ނޫނެވެ. ރަނގަޅުވާނީ ބަދިގެ ވީ ވަރަކުން ވަކިން ހުރުމެވެ. އަދި، އެއްޗެހި ދޮވުމާއި ހިއްކަން އެޅުމަށް ވަކި ތަނެއް ބޭނުން ވާނެއެވެ. ބައެއް ގޭގޭ ގައި ސިޓިން ރޫމްގައި އެއްޗެހި ހިއްކަން އަޅާފައި ހުއްޓާ ފެނެއެވެ. މިއީ ވަރަށް ނާތަހުޒީބު ކަމެކެވެ.
ކޮޓަރިތައް ބަހާނޭ ގޮތުގެ ޚިޔާލެއް ތިރީގައި އެވަނީއެވެ. މި ފަރުމާގައި ބަނދިގެއާ ދިމާއިން ބޭރުގައި އެއްޗެހި ހިއްކަން އަޅާ ހަނި ތަންކޮޅެއް—ބެލްކަނީއެއް—ހިމަނާފައި ވެއެވެ. މިއީ ވަރަށް ބޭނުންތެރި ތަންކޮޅެކެވެ. ބަދިގޭގެ މަސައްކަތުގައި އުޅޭއިރު، ބޭރު ރީއްޗަށް ފެނުމަކީ އަދި އެއްޗެހި ހިއްކަން އަޅާނެ ތަންކޮޅެއް އޮތުމަކީ ވަރަށް ހިތްފަސޭހަ ކަމަކަށް ވާނެއެވެ. ކާ މޭޒާ ޖެހިގެން އެހެން ބެލްކަނީއެއް ލާފައި ވެއެވެ. އެ ބެލްކަނީގެ ފުންމިނަކީ 4 ފޫޓެވެ. މި ފުންމިން މިތަނުގެ ބަހައްޓާ ދޮރުސެޓު ބަހައްޓާތަނަކުން ބޮޑު ކޮށް ކުޑަ ކުރެވޭނެ އެވެ. އަދި ބެލްކަނީ ސަރަޙައްދަކީީ ސިޓިން ރޫމްގެ ބަޔަކަށް ހެދޭނެއެވެ.

ރާއްޖޭގައި ހަތަރުވަރަކަށް ފޫޓަށް ބެލްކަނީގެ ފުންމިން ބެހެއްޓިއަސް، ބައެއް ޤައުމުތަކުގައި މިހާ ހަނި ބެލްކަނީ ބެހެއްޓުމަކީ މަނާކަމެކެވެ. ޤަބޫލުފުޅު ކުރައްވަން ދަތިފުޅުވާނެތީ ތިރީގައި އެވަނީ މިކަމާ ބެހޭ ބޭރު ގައުމެއްގެ ގަވާއިދުގެ ސޫރައެކެވެ. އޭގައި ބުނާގޮތުން އެއް ކޮޓަރި، ދެކޮޓަރީގެ އެޕާޓްމަންޓްގެ ބެލްކަނީގެ ފުންމިނުގައި މަދުވެގެން 2 މީޓަރު (6 ފޫޓު) ހުންނަން ޖެހެއެވެ. ތިންކޮޓަރި ނަމަ 8 ފޫޓެވެ. މި މިންވަރު ނުބަހައްޓާނަމަ، ބެލްކަނީ ވާނީ ތަކެތި ގުދަން ކުރާ ތަނަކަށެވެ. ދިރިއުޅެން ބޭނުންކުރާ (ލިވިސް ސްޕޭސް) ޖާގައަކަށް ނޫނެވެ. މި ދުވަސްވަރަކީ، ޗައިނާގެ ބައެއް ހިސާބުތަކުގައި ވަރަށް ބޮޑެތި ބެލްކަނީތައް ހަދަމުންދާ ދުވަސްވަރެކެވެ. ތިރީގައި އެވަނީ އެފަދަ ބެލްކަނީގެ ވީޑިއޯ އެކެވެ. [ހޮޓަލެއް ނޫންނަމަ، ނިދާކޮޓަރީގައި ބެލްކަނީ ލުމަކީ، ގޭގެ އެހެން މީހުން އެ ތަނުން ލިބިދާނެ ހިތްހަމަޖެހުމަކުން މަޙްރޫމް ކުރުމެވެ.]

މަތީގައިވާ ތަޅުމުގެ މައްސަލަތަކަކީ ކޮބައިތޯއެވެ؟ އަޅުގަނޑަށް އެންމެ ބޮޑަށް ފާހަގަކުރެވޭ ކަމަކީ، X ޖަހާފައިވާ ތަނުން ޖާގަ ގެއްލޭކަމެވެ. މި މައްސަލަ ފެށިގެން އަންނަނީ ދެ އެޕާޓްމަންޓް ހުންނަ ތަޅުން ފަރުމާކުރާ ގޮތުންނެވެ. އެތަނުގެ ކުރެހުން ތިރީގައި އެވަނީއެވެ. މިތަނުގައި ހިނގާ މަގަށް ޖާގަ ގެއްލުންވުން ވަނީ ވީ އެންމެ ކުޑަކޮށްފައެވެ.

ޓެރަސް އަށް އެރޭގޮތަށް ސިޑިއާއި ލިފްޓް، ކަނޑައެޅިފައިވާ އުސްމިނަށް ވުރެ މައްޗަށް ނެގުމަށް ގަވާއިދު ހުއްދަ ދެއެވެ. އަދި މި ބައިތަކުގެ އޭރިއާ ކެނޑުމަށް ފަހު ބާކީ އޮންނަ ތަނުގެ ދެބައިކުޅަ އެއްބައި ހިޔާކުރުމަށް ވެސް ހުއްދަ ދެއެވެ. މިހެން ކަމުން، ޓެރަސްގެ ބޭނުންކުރުމަށް އެންމެ ރަނގަޅުވާނީ، މަތީގައި ފާޚާނާއެއް ބެހެއްޓުމަށް ފަހު ހުރިހާ ތަނބުތަކެއްވެސް މައްޗަށް ނަގާ، ހިޔާ ނުކުރާބައިގައިވެސް ބެރިތައް ލުމެވެ. މިކަންކަން ހުއްދަ ކުރާނެކަން ލިޔުންތަކަކުން ސާބިތެއް ނުކުރެވެއެވެ.
ނިންމައިލުން
މި މަޒުމޫނުގައި މި ޚުލާޞާކުރީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ގޯއްޗެއްގައި ހަބުރިއަށް ޢިމާރާތެއް ކުރާނޭ ގޮތާ ބެހޭ ބައެއް މަޢުލޫމާތެވެ. ގެއެއް ޢިމާރާތްކުރާ އިރު، ތަބާވާންޖެހޭ ގަވާއިދުތަކަށް ފަރިތަވުމަކީ މިފަދަ ޢިމާރާތެއް ފަރުމާކުރުމަށް ކޮންމެހެން ބޭނުން ކަމެކެވެ. މިއާ އެކު، ގެދޮރު އެޅުމުގައި ހިފަހައްޓަންޖެހޭ ސްޓޭންޑަޑްސް ނުވަތަ މިޢުޔާރުތައް ވެސް ހިތުން އެނގެން ޖެހެއެވެ. މި ޒަމާނުގައި އަތުން ކުރެހުމުގެ ބަދަލުގައި، ފަރުމާތައް ކުރަހަނީ ސޮފްޓްވެއަރ ބޭނުންކޮށްގެންެނެވެ. މި ތަކެއްޗަށް ވެސް ފަރިތަވާން ޖެހެއެވެ.
އުސް ޢިމާރާތްތަކުގައި ދިރިއުޅުމަކީ އެހާ ހިތް ފަސޭހަ ކަމެއް ނޫނެވެ. އެންމެ ރަނގަޅީ ބިންމަތީގައި އެއްބުރި ދެބުރީގައި ގެދޮރުއަޅައިގެން އުޅުމެވެ. އެކި ސަބަބުތަކާ ހެދި، ބިންމަތީގައި ދިރިއުޅެން ދަތި ނަމަ، ދެން އެންމެ ރަނގަޅީ ބޮޑެތި ބެލްކަނީ ހުންނަ އުސް ޢިމާރާތްތަކެެވެ. ބައެއް ޤައުމުތަކުގައި، މި ފަދަ ބެލްކަނީތައް ހުންނަނީ ކޮންމެ ދެ ތަޅުމަކުން އެއް ތަޅުމެއްގައި ވަރަށް ބޮޑަށް ބޭރަށް ނެރެފައެވެ. ފަރުމާކޮށްފައި ހުންނަ ގޮތް މި ލިންކުގައިވާ ފޮޓޯތަކުން ސާފުވެއެވެ. އަދި މިއިންވެސް މެއެވެ.

Leave A Comment