ކޮރޯނާވައިރަސް އަށް ޓެސްޓުކުރާ ގޮތް —1

މި މަޒުމޫނުގައި ބަޔާން މިކުރަނީ ކޮރޯނާވައިރަސް އަށް ޓެސްޓްކުރާ ގޮތެވެ. މި ދުވަސްވަރު މި ރޯގާ ފެތުރޭލެއް ހަލުވިކަމުން، ބައެއް ކިޔުންތެރިން ޝައުޤުވެރިވެދާނޭ ކަމަކަށް މިކަން ވެދާނެތީއެވެ. ކިޔުންތެރިން ގަޔާވާ ކަމެއްގެ ތެރެއިން، ސައިންސްގެ ބޭނުންތެރި މަޢުލޫމާތުތަކެއް ހުށަހެޅުމަކީ އަޅުގަނޑުގެ ޙަޤީޤީ ބޭނުމެވެ. ކޮރޯނާވައިރަސް އާ ބެހޭ ގޮތުން ކުރިން ލިޔެފައިވާ ފުރަތަމަ މަޒުމޫނާއި ދެވަނަ މަޒުމޫނު  މި ލިންކުން ފެނެއެވެ.

މި މަޒުމޫނު މި ލިޔަނީ އަސާސީ ތަޢުލީމުގެ ފެންވަރު ހުރި މީހަކަށް ދޭހަވާނޭ ފަދައިން އައްވަލުން ފެށިގެންނެވެ. މަޢުޟޫޢުއަކީ، ސައިންސްގެ ދަތި ފިލާވަޅުތަކެއް ކިޔައިދޭންޖެހޭ މަޢުޟޫޢުއެކެވެ. ނަމަވެސް އަޅުގަނޑު ޤަބޫލުކުރަނީ ކޮންމެ މީހަކަށް ކޮންމެ އެއްޗެއް ވެސް، އެކަށީގެންވާ ވަރަށް މަސައްކަތް ކޮށްފިނަމަ، އޮޅުންފިލާނޭ ކަމަށެވެ. އަދި ދިވެހިބަހުން ކޮންމެ އެއްޗެއްވެސް އަނެކާއަށް ފަހުމްވާގޮތަށް ކިޔައިދެވޭނެ ކަމަށެވެ. އެއްޗެއް ކިޔުމުން ފުރަތަމަ ފަހަރު އޮޅުންނުފިލައިފި ނަމަ،  އަޅުގަނޑު ހަދާގޮތަކީ ދެވަނަ ފަހަރު އަދި ތިންވަނަ ފަހަރު ވެސް ތަކުރާރުކޮށް އެއެއްޗެއް ކިޔަނީއެވެ.

ދެ ހާސް ނަވާރަ ވަނަ އަހަރު، ތާރީޚްގައި ލިޔެވޭނީ، ދުނިޔެއަށް ވަރަށް ބޮޑު ރޯގާއެއް ފެތުރި، ޢާއްމު ދިރިއުޅުން އެކޮޅުކޮޅުން ޖެހުނު ކާރިސާއެއް ކުރިމަތިވި އަހަރެއްގެ ގޮތުގައެވެ. ރޯގާ އެންމެ ފުރަތަމަ ފެނުނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާގެ ސަހަރަކުންނެވެ. ރޯގާ ޖެހެނީ ކޮރޯނާވައިރަސް އަކުން ކަމަށް ވެއެވެ. މި ވައިރަސް އާ ބެހޭ އިތުރު މަޢުލޫމާތު ކުރިން ބަޔާންކުރި ލިންކުންތަކުން ކިޔުއްވޭނެއެވެ.  ކޮންމެއަކަސް، 2020 ވަނަ އަހަރުގެ މާރޗް މަހުގެ 11 ވަނަ ދުވަހު، މިރޯގާއަކީ މުޅިދުނިޔެއަށް ފެތުރޭ ބޮޑުރޯގާއެއް ކަމަށް ނުވަތަ ޕޭންޑެމިކް އެއް ކަމަށް ދުނިޔޭގެ ޞިއްޙަތާ ބެހޭ ޖަމްޢިއްޔާއިން ބުނެފައި ވެއެވެ. ރޯގާ ގިނައިން ފެތުރެނީ ވައިރަސް ޖެހުނު މީހަކު ނޭވާލާއިރު ނުކުންނަ ވަޔާއެކު ވައިރަސް ވެސް ޖައްވަށް ފެތުރޭތީކަމަށް ވެއެވެ. ވީމާ، ރޯގާއިން ރައްކާތެރިވުމަށް މީހުން އެކަހެރިކޮށް އުޅުމަށާއި ރޯގާއަށް ޓެސްޓުކުރުމަށް އެ ޖަމްޢިއްޔާއިން އިރުޝާދު ދީފައި ވެއެވެ. ރާއްޖެއަށް މި ބަލި ފުރަތަމަ އައީ ބިދޭސީ ފަތުރުވެރިންގެ ފަރާތުންނެވެ.  އެންމެ ފުރަތަމަ ބަލި ޖެހުނު ފަސް ދިވެހީންނަކީ އިނގިރޭސިވިލާތުން އައި ހަތަރު ދިވެއްސަކާއި ފިލިޕީންސް އިން އައި މީހެކެވެ. ރޯގާ ރާއްޖެއަށް އައުމާ ގުޅިގެން މާރޗް މަހުގެ 12 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ޞިއްޙީ ކުއްލި ޙާލަތް އިޢުލާނު ކުރެވުނެވެ. މި ޙާލަތުގެ ދަށުން ކިޔަވައިދޭ ހުރިހާ ތަންތަނެއް  16 މާރޗް އިން ފެށިގެން ބަންދުކުރެވުނެވެ. އަދި 19 މާރޗުން ފެށިގެން ސަރުކާރުގެ އޮފީސްތައް ބަންދުކުރެވުނެވެ. ހުކުރުކުރުމާއި ޖަމާޢަތުގައި ނަމާދުކުރުން މާލެ ސަރަޙައްދަށް ހުއްޓާލެވުނެވެ. ސައިހޮޓާތަކާއި ރެސްޓޯރަންޓްތައް ބަންދުކުރެވުނެވެ. މިގޮތަށް ކަންތައްތައް ހިނގާފައިވަނިކޮށް މުޖުތަމަޢުތެރެއަށް މި ބަލި ފެތުރުނު ކަން މާލޭ މ.ޖަރީމާގޭ މީހަކަށް ޖެހިގެން 15 އޭޕްރިލްގައި އިޢުލާނުކުރެވުނެވެ. ދެން މާލެ ސަރަޙައްދުގައި ހުއްދަނެތި ބޭރަށް ނުކުމެ އުޅުން މަނާކުރެވުނެވެ. އަދި 19 އޭޕްރިލްގައި ރާއްޖެތެރޭގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެންގުނެވެ.

ކޮރޯނާވައިރަސް ރޯގާއިން ރައްކާތެރިވުމަށް ދެކަމެއް މުހިއްމުކަމަށް ޞިއްޙަތާ ބެހޭ ޖަމްޢިއްޔާއިން ބުނިކަން ކުރިން ބަޔާންކުރެވިއްޖެއެވެ. އެއްކަމަކީ، މީހުން އެކަކު އަނެކާ ގާތްނުވެ (މަދުވެގެން 3 ފޫޓު އަދި ބައެއް މީހުން ބުނާގޮތުން 6 ފޫޓު) ދުރުގައި ހުރުމެވެ. މިއަށް ވުރެ ވެސް މުހިއްމީ ޓެސްޓް ކުރުމެވެ. ބަލިޖެހިފައި ނުވާކަން ޔަޤީން ވާނަމަ، ކޮންމެހެން ދުރުގައި އުޅުން މުހިއްމެއް ނޫނެވެ. ނަމަވެސް، ބަލިޖެހިފައިވަނީ ކާކުކޮށް ބޭރުފުށުން ނުއެއް އެނގެއެވެ. އެނގެނީ ޓެސްޓުކުރުމުންނެވެ.  ސަަބަބަކީ، މި ރޯގާ ޖެހޭ ކޮންމެ ފަސް މީހެއްގެ ތެރެއިން އެކަކަށް ބަލި ޖެހުމުން އެއްވެސް އަސަރެއް ނުކުރެއެވެ. ނަމަވެސް އެމީހާ އެހެން މީހުންނަށް ބަލި ފަތުރައެވެ.  ކޮރޯނާވައިރަސް ހުރިކަން ދެނެގަތުމަށް ކުރާ ޓެސްޓަކީ ވަރަށް އާދަޔާ ޚިލާފު ޓެސްޓެކެވެ. މި މަޒުމޫނުގައި އަޅުގަނޑު ބަޔާން ކުރާނީ، ކޮރޯނާވައިރަސް އަށް ޓެސްޓްކުރާ ގޮތެވެ. ބޭނުމަކީ، މިހާރުގެ ޙާލަތާ ގުޅޭ މުހިއްމު ކަމެއް ކިޔާދިނުމުގެ ތެރެއިން ސައިންސްގެ ވަރަށް މުރައްކަބު މަޢުލޫމާތުތަކެއް ހުށަހެޅުމެވެ. ކިޔުންތެރިންގެ މަޢުލޫމާތު މުއްސަނދިކުރުމެވެ.

ދެން ފަހެ ދަންނައެވެ. ކޮރޯނާވައިރަސް އަށް ޓެސްކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. މިކަމުގައި ބޭނުންކުރަނީ މައިގަނޑު ދެޓެސްޓެކެވެ. އެއް ޓެސްޓަށް ކިޔާ ނަމަކީ އެންޓިބޮޑީ ޓެސްޓް އެވެ. ދެވަނަ ބާވަތުގެ ޓެސްޓަށް ކިޔަނީ ޕީސީއާރު ޓެސްޓެވެ. މި ޢިބާރާތްތަކުގެ މާނަ އަޅުގަނޑު ފަހުން ދަންނަވާނަމެވެ.

އެންޓިބޮޑީ ޓެސްޓު ޢާއްމުކޮށް ކުރަނީ ލޭ ނަގައިގެންނެވެ. ޕީސީއާރު ޓެސްޓް އާއްމުކޮށް ކުރަނީ ކަރަށް ނުވަތަ ނޭފަތަށް ދިގު ކަފަބުރެއް ބާނައި އަރުދަފުސް ނުވަތަ ކުޅު ނަގައިގެންނެވެ. މި ދެންނެވުނު ދެ ބާވަތުގެ ޓެސްޓްގެ ތެރެއިން އޮޅުންފިލަން ފަސޭހައީ އެންޓިބޮޑީ ޓެސްޓެވެ. ނަމަވެސް ރާއްޖޭގައި އަދި އެހެން އެތައް ޤައުމުތަކުގައި ވެސް އެންމެ އިތުބާރު ހުރި ޓެސްޓެއްގެ ގޮތުގައި ބޭނުން ކުރަނީ ޕީސީއާރު ޓެސްޓެވެ.  ކިޔަވައިދިނުމުގައި އޮންނަ އުސޫލަކީ ފަހުމްކުރަން ފަސޭހަ އެއްޗެއް ކިޔަވައިދިނުމަށް ފަހު، އެއާ ގުޅޭ އުނދަގޫ އެއްްޗެއް  ކިޔަވައި ދިއުމެވެ. އެހެންކަމުން، އެންމެ ފުރަތަމަ ބަޔާންކުރާނީ އެންޓިބޮޑީ ޓެސްޓުކުރާގޮތެވެ. އެއަށް ފަހު ޕީސީއާރު ޓެސްޓުކުރާގޮތެވެ. އެންޓިބޮޑީ ޓެސްޓެއްގެ އަގަކީ ގާތްގަޑަކަށް 15 ރުފިޔާއެވެ. ޕީސީއާރު ޓެސްޓެއްގެ އަގަކީ ޓެސްޓަކަށް 1000 ރުފިޔާ އެވެ.

އެންޓިބޮޑީ ޓެސްޓް


އިންސާނުންނަށް ގެއްލުންދޭ މަދުވެގެން 219 ވައިރަސް އުޅޭކަމަށް މި ޢިލްމީ މަޒުމޫނު ބަޔާންކުރެއެވެ. އެހެން ވެއްޖެނަމަ، އިންސާނުންނަށް މަރުނުވެ އެތައް އަހަރެއް ވަންދެން މި އުޅެވެނީ ކީއްވެގެން ހެއްޔެވެ؟ މި ސުވާލުގެ ޖަވާބަކީ، އިންސާނާގެ ހެއްދެވުމުގެ ފުރިހަމަކަމުން، ހަށިގަނޑުގެ ތެރެއަށް ވަންނަ ވައިރަސް އަށް ހަމަލާދީ، ހަށިގަނޑު ދިފާޢުކޮށް ވައިރަސް ނައްތާލާ ބާރެއް ނުވަތަ އެއްޗެއް ހަށިގަނޑުގައި ވާތީއެވެ. މި ދިފާޢީ ނިޒާމު ނުވާ ނަމަ، ވައިރަސް އާއި އެނޫންވެސް ޖަރާސީމާއި ހަށިގަނޑަށް ވަންނަތަކެތިން އިންސާނާ މަރާނެއެވެ. ވައިރަސް ގެ ސަބަބުން މީހާ ބަލިވަނީ، މި ދެންނެވި ދިފާޢީ ނިޒާމަށް ކާމިޔާބު ނުވާ ފަހަރު އެވެ.

އެންޓިބޮޑީ އަކީ ކޮން އެއްޗެއްތޯއެވެ؟


ގިނަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން، އިންސާނާގެ ހަށިގަނޑު މައިގަނޑުގޮތެއްގައި އުފެދިފައިވަނީ އެތައް ބާވާތެއްގެ ކުދިކުދި ދިރުން ހުންނަ އެއްޗެތިތަކަކުންނެވެ. އެއީ  ވަކިވަކި ވެލިފުށުން ވެލި ފުންޏެއް އުފެދިފައި ހުންނަ ފަދައިންނެވެ.  ދިރުންވާ އެންމެ ކުޑަ އެއްޗަކީ މި ސެލްއެވެ. އެކި ކަންކަމަށް ހަށިގަނޑުގައި އެކި ބާވަތުގެ ސެލްވެއެވެ. ގިނަ ސެލްތައް ކުދިކަމުން ލޮލަކަށް ނުފެނެއެވެ. ލޮލަށް ފެންނަނީ އިންސާނާގެ ހަށިގަނޑުގައިވާ އެންމެ ބޮޑު ސެލްއެވެ. އެއީ އަންހެނުންގެ ކިބައިގައި ހުންނަ ދަރިމައިވުމުގެ ”ބިސް“  ސެލްއަވެ. އެހެން ސެލްތައް ލޮލަށް ފެންނަވަރަށް ވުރެ ކުޑައެވެ.

 

މަތީގައިވާ ފޮޓޯގައި އެވަނީ، ކުދި ތަކެތި ބޮޑުކުރާ އާލަތަކުން ނުވަތަ މައިކްރޮސްކޯޕަކުން، ލެޔަށް ބެލުމުން ލޭ ފެންނަ  ގޮތް ކުރަހާފައެވެ.   ލޭގައި އެންމެ ގިނައިން ހިމެނޭ އެއްޗަކީ ޕްލަސްމާ ކިޔާ ފެނެކެވެ. އެއީ ލޭގެ ގާތްގަޑަކަށް %55 އެވެ. މި ފެނުގެ މައިގަނޑު ބޭނުމަކީ ލޭގައި ހިމެނޭ ސެލްތައް އެއްތަނުން އަނެއް ތަނަށް ލޭނާރުހޮޅިތަކުން ގެންދިއުމަށް ދިޔައަކަށް ހެދުމެވެ. މަތީގައިވާ ފޮޓޯގައި މި ފެން ހިމަނާފައެއް ނުވެއެވެ. ލޭގައި އެންމެ ގިނައިން ހުންނަނީ މަސްރޮށި ސިފައިގައި ނަމަވެސް މެދަށް ދެފަރާތުން އަޑި ސެލްތަކެކެވެ.  ލޭގައި ހުންނަ މިބާވަތުގެ ސެލްއަށް ކިޔާ ނަމަކީ ރަތް ސެލްއެވެ. އޭގެ ވަޒީފާއަކީ، ވައިގައި ހުންނަ އޮކްސިޖަން ކިޔާ ގޭސް، ހަށިގަނޑުގެ އެހެން ސެލްތަކަށް ގެންގޮސް ދިނުމެވެ. އެ ސެލްތައް މަސައްކަތް ކުރާނޭ ހަކަތަ ލިބެނީ އޮކްސިޖަން ލިބިގެންނެވެ. މި ރަތްކުލައިގެ ސެލްތަކަކީ މުޅި ލޭގެ ގާތްގަޑަކަށް %45 މިންވަރެވެ. މި މަޒުމޫނުގައި އަޅުގަނޑުމެން އެންމެ ޝައުޤުވެރިވަނީ މަތީގައިވާ ފޮޓޯގައި ރީނދޫ ކުލައިންވާ ސެލްތަކަށެވެ. މި ސެލްތައް ރީނދޫ ކުލައިގައި ހުއްޓަސް ކިޔާ ނަމަކީ ހުދު ސެލްއެވެ. އެހެން ކިޔާ ސަބަބު ދަންނައެވެ. ހިމަ ދިގު ފުޅިއަކަށް ލޭ އަޅައި ބާރަށް އެނބުރުމުން، ލޭގެ އެކި ބައިތައް ވަކިވަކި ވެއެވެ. އެންމެ ތިރިއަށް ފައިބަނީ އެންމެ ބަރު ރަތް ސެލްއެވެ. އެންމެ މަތީގައި ހުންނަނީ މަޑު ރީނދޫކުލައެއްގައި ހުންނަ ޕްލަސްމާ ފެނެވެ. މެދުގައި ހުންނަނީ ހުދުކުލައިގެ ފަށަލައެކެވެ. އެއީ ހުދުސެލްތައް ހިމެނޭ ފަށަލައެވެ. ލޭގައި މިސެލްތައް ހިމެނެނީ  %1 މިންވަރަށެވެ. ނަމަވެސް މި ހުދު ސެލްތަކަކީ ވަރަށް މުހިއްމު ވަޒީފާއެއް އަދާކުރާ އެއްޗެކެވެ.

.

ހުދު ސެލްތަކުގެ މައިގަނޑު ވަޒީފާއަކީ، ހަށިގަނޑާ ނުގުޅޭ އެއްޗެއް ހަށިގަނޑުގެ ތެރެއަށް ވަދެއްޖެ ނަމަ، އެފަދަ އެއްޗަކަށް ހަމަލާދީ ނައްތާލުމެވެ. ހުދު ސެލްގެ ދެތިން ހަތަރު ބާވަތެއް ވެއެވެ. އެންމެ މުހިއްމު ދެ ބާވަތަށް ކިޔަނީ B  ސެލްއެވެ. އަނެއް ބާވަތަށް ކިޔަނީ T ސެލްއެވެ. ލޭގައި B ސެލް  ހުންނަނީ މަދުންނެވެ. B ސެލްއަށް ވުރެ T ސެލް ހަތަރުވަރަކަށް ގުނަ އިތުރަށް ހުރެއެވެ. B ސެލްގެ އެންމެ އާދަޔާ ޚިލާފުކަމަކީ، އެއީ މޭދާ ހުންނަ ސެލްއަކަށް ވާކަމެވެ. މޭދާ އަކީ ހަނދާންކުރުމުގެ ބާރެވެ. ބަލިޖައްސާ ވައިރަސް އާއި ބެކްޓީރިއާ އާއި ފަންގަސް އާއި ކެމިކަލާއި އަދި މި ނޫނަސް އެހެން ތަކެތި ހަށިގަނޑަށް ވަނުމުން، މި ސެލްތައް ހަށިގަނޑު ސަލާމަތްކުރުމުގެ ހަރަކާތްތައް ފަށައެވެ. ވައިރަސް އާއި އެ ނޫންވެސް ޖަރާސީމުގެ ގައިގާ އަޅުވާލެވޭ ބުޅިގަނޑެއް ހުންނަ އިތުރު މާއްދާއެއް މި ސެލްގައި ވެއެވެ. މި ބުޅިތައް ޖަރާސީމުގައި އަޅުވައިގެން އެ ޖަރާސީމު ވަށާލައި ނައްތާލައެވެ. ހުދު ސެލްއިން  މި އުފައްދާ މާއްދާއަށް ކިޔަނީ އެންޓިބޮޑީ އެވެ. އެންޓި ގެ މާނައަކީ ޢަދާވާތްތެރި ނުވަތަ އިދިކޮޅުއެވެ. ބޮޑީ ކިޔަނީ ބަރުދަނެއްވާ ވަކިން އޮންނަ ކޮންމެ އެއްޗަކަށެވެ. ސިރުރައަށެވެ. އެތައް ބާވަތެއްގެ އެންޓިބޮޑީ އުފައްދައެވެ. އެންމެ މުހިއްމު ދެވައްތަރަކީ ކުރުކޮށް IgG (އައިޖީޖީ) އަދި IgM (އައިޖީއެމް) ކިޔާ އެންޓިބޮޑީ އެވެ. ހަށިގަނޑަށް ޖަރާސީމެއް ވަދެއްޖެކަން ހުދުސެލްއަށް އެނގޭއިރަށް ވަގުތުން އުފައްދާ އެންޓިބޮޑީ އަކީ IgM އެވެ. ގިނަ ދުވަސްވުމުން އުފައްދާ އެންޓިބޮޑީ އަށް ކިޔަނީ IgG އެވެ. މިއީ ގިނަ ދުވަސްވަންދެން ލޭގައި ދެމިހުންނަ، މޭނާ ހިމެނޭ، ބަލިން ރައްކާތެރިކޮށްދޭ އެންޓިބޮޑީއެކެވެ.

އެންޓިބޮޑީގެ އާދަޔާ ޚިލާފު އެއް ކަމަކީ، ގިނަ ބާވަތްތަކުގެ ޖަރާސީމުގެ ދިފާޢުގައި ހުދު ސެލްއިން އުފައްދާ އެންޓިބޮޑީ ނުވަތަ އިދިސިރުރަ އެ ޖަރާސީމަކަށް ޚާއްޞަވެގެން ވުމެވެ. އެހެންކަމުން، އާދައިގެ ރޯގާޖެހޭ ވައިރަސް ހަށިގަނޑަށް ވަނުމުން އެމީހާގެ ލޭގައި IgM ގިނަ ވާނެއެވެ. ގިނަ ދުވަސްވުމުން އެ ރޯގާއަށް ޚާއްޞަވެގެންވާ IgG ލޭގައި ހިމެނޭނެއެވެ. ރޯގާ ފިލައި ދިޔަޔަސް، އެމީހާގެ ލޭގައި އެ ރޯގާއަށް ޚާއްޞަ IgG  ހިމެނޭނެއެވެ. ފަހު ދުވަސްވަރަކު އެ ރޯގާ ގެ ވައިރަސް ހަށިގަނޑަށް ވަދެފިނަމަ، އެއީ ކޮންރޯގާއެއްކަން ދެނެގަނެ IgG އިން އެ ބަލިކުރާނެއެވެ. މިގޮތުގެ މަތިން މި އެންޓިބޮޑީތައް، ހަށިގަނޑު ދިފާޢުކުރުމުގައި އެތައް އަހަރެން ވަންދެން ދެމިހުރެއެވެ.

ދެން ތިޔަ ކުރައްވާ ސުވާލު އެހެން ނޫންތޯއެވެ؟ މީހާއަށް އާދައިގެ ރޯގާ ދެ ފަހަރު، ކީއްކުރަންތޯއެވެ؟ އެތައް ފަހަރަކު ޖެހޭ ނޫން ހެއްޔެވެ؟ އެއީ ކީއްވެގެން ހެއްޔެވެ؟ އާދައިގެ ރޯގާއަކީ ވެސް ކޮރޯނާވައިރަސްގެ ބާވަތަކުން ޖެހޭ ެއެއްޗެކެވެ. ވައިރަސް ފަދަ ކުދި ތަކެތީގެ އެއް ސިފައަކީ ޢުމުރުކުރުވުމާއެކުެ އެކަތިން އަނެކަތި އުފެދި ގިނަވާން ފެށުމުންް އޭގެ ކުރީގެ ”ސިފަ“ ބަދަލުވާ ކަމެވެ. މި ބަދަލު ޖަރާސީމަށް އަންނަނީ އެކި ބާވަތުގެ ނުރައްކާތެރި ”އަލި“ އެއަށް އެޅި ނުވަތަ ކެމިކަލްގައި ޖެހި އޭގެ ސިފަ ބަޔާންކުރާ ޖީންތައް ބަދަލުވުމުންނެވެ. ޖީން އަކީ ކޮންމެ ދިރުމެއްގެ ސިފަ ބަޔާންވެފައިވާ ދިރުން ހުންނަ ތަކެތީގައި ވަކި ތަރުތީބަކުން ހުންނަ ޒައްރުތަކެކެވެ. މިގޮތަށް ޖީން ބަދަލުވުމަށް އިނގިރޭސިބަހުން ކިޔަނީ މިޔުޓޭޓްވުމެވެ. މީހަކަށް ރޯގާ ޖެހޭ ވައިރަސް ގަޔަށް ވަނުމުން އެމީހާގެ ގައިން އެ ވައިރަސްއަށް ޚާއްޞަ އެންޓިބޮޑީ އުފައްދާނެއެވެ. ދުވަސްކޮޅެއްގެ ފަހުން އަލުން ރޯގާ ޖެހޭ ސަބަބަކީ، ވައިރަސް މިޔުޓޭޓްވެ (ޖީންތައް ބަދަލުވެ) ހަށިގަނޑުގައިވާ އެންޓިބޮޑީތަކަށް އެއީ ކުރިން ބަލި ޖެއްސި ވައިރަސް އާ ތަފާތު ވައިރަސްއެއްކަން ފާހަގަވާތީއެވެ. ބައެއް ބަލިތައް ކުރިން ރަނގަޅުވި ބޭސް، ފަހު ފަހަރަކު އެ ބައްޔަށް ބޭނުން ނުކުރެވޭ އެއް ސަބަބަކީ މިއީއެވެ. ބަލި ޖެއްސި ޖަރާސީމު ކުޑަކޮށް ބަދަލުވަނީއެވެ. ބޭހަށް ޖަރާސީމު ހޭނެނީ އޭ ބުނަނީ މި ދެންނެވި ޚާއްޞަ މާނައިގައެވެ. ކެއްސުންބަލި ޖައްސާ ޖަރާސީމު މިޔުޓޭޓްވެ ކުރިން ބޭނުން ކުރި ބޭހަށް ބަލި ”ނުގުޑާ“ކަމަށް މިހާރު ބުނެއެވެ. އިންސާނުން ވެސް މިޔުޓޭޓް ވެއެވެ. ނަމަވެސް، އިންސާނުންގެ ޖިސްމު މުރައްކަބު ކަމުން އަދި ނިސްބަތުން ޢުމުރު ދިގުކަމުން ބަދަލު އަންނަނީ ވަރަށް ލަހުން ވަރަށް ކުޑަކޮށެވެ. އަދި އިންސާނުން މިހާރު ހުރިގޮތް ފުރިހަމަކަމުން އަންނަ ބަދަލުތަަކަކީ ގިނަ ފަހަރު އެދެވޭ ބަދަލުތަކަކަށް ނުވެއެވެ. އެހެންކަމުން މިޔުޓޭޓްވާ ބަދަލުތައް ނެތި ދަނީއެވެ.

ކޮރޯނާވައިރަސް އަށް އެންޓިބޮޑީ ޓެސްޓްކުރާ ގޮތް


މަތީގައިވާ މިންވަރަށް ލޭގެ ބައިތައް އޮޅުން ފިލައިފިނަމަ، ކޮރޯނާވައިރަސް ގެ އެންޓިބޮޑީ ޓެސްޓް ކުރާނޭ ގޮތް ދެތުމަށް ބޭނުންވާ މަޢުލޫމާތު ލިބުނީއެވެ.  ހަނދާންކުރަންވީ ދެކަމެކެވެ. އެއްކަމަކީ، ހަށިގަނޑުގެ ހުދު ސެލްތަކުގައި، ހަށިގަނޑާ ނުގުޅޭ އެއްޗެއް ހަށިގަނޑަށް ވަދެއްޖެ ނަމަ، އެކަން ދެނެގަނެ، އެއެއްޗެއް ނެތިކޮށްލުމަށް ހަމާލާދޭނޭ އެންޓިބޮޑީތަކެއް އުފައްދާކަމެވެ. ދެވަނަ ކަމަކީ މި ސެލްތަކުގައި ކުރިން ވަން ތަކެތި ”ހަނދާން“ ހުންނަ ބާރެއްވާ ކަމެވެ. މިކަމުގެ ސަބަބުން ދެވަނަ ފަހަރަށް އެ އެއްޗެއް ވަދެއްޖެނަމަ، އެއަށް ހަމާލާދޭނޭ ގޮތް ސެލްއަށް އެނގި އުފައްދަންވީ އެންޓިބޮޑީ އަވަހަށް އުފައްދަން އެނގެއެވެ. ފަހެ، މިގޮތަށް ވަކި އެއްޗެއް ވަނުމުން އުފައްދާ އެންޓިބޮޑީ އެތައް މަހެއް، އަދި ޖަރާސީމުގެ ބާވަތުން އެތައް އަހަރެއް ވަންދެން، ލޭގައި ހުރެއެވެ. މިސާލެއްގެ ގޮތުން ހިމަ ބިހި މީހަކަށް ޖެހި ގަދަވެއްޖެ ނަމަ، އެ ޖަރާސީމުގެ އެންޓިބޮޑީ އޭނާގެ ލޭގައި އެތައް އަހަރެއް ވަންދެން ހުރެއެވެ. މިކަމުގެ ސަބަބުން، އެ ޖަރާސީމު ދެވަނަ ފަަހަރަށް ހަށިގަނޑަށް ވަދެއްޖެނަމަ، ވަގުތުން ހަމަލާދީ ބަލިކޮށްލައެވެ. އެހެންވެގެން ދެވަނަ ފަހަރަށް އޭނާއަށް ހިމަބިއްސެއް ނުޖެހޭނެއެވެ.

ދެން އޮތީ އެންޓިބޮޑީ ޓެސްޓްކުރާގޮތް ކިޔައިދިނުމެވެ. އާދެ! ކޮރޯނާވައިރަސް މީހަކަށް ޖެހިއްޖެ ނަމަ، އޭނާގެ ލެއިން އެ ވައިރަސް އަށް ހަމާލާދޭނޭ ޚާއްޞަ އެންޓިބޮޑީ އުފައްދާނެއެވެ. އެންމެ ފުރަތަމަ IgM އެވެ. ދެން، IgG އެވެ. ކުރިން ބަޔާންކުރިހެން، ކޮންމެ ވައިރަސްއަކަށް ހަމަލާދޭން އުފައްދާ އެންޓިބޮޑީ ކުޑަކޮށް ތަފާތުވާނެއެވެ. ވީމާ، ކޮރޯނާވައިރަސް މީހަކަށް ޖެހިފައިވާކަން ދެނެގަތުމަށް ހަދަންޖެހޭ ގޮތަކީ، މި ވައިރަސް އަށް ޚާއްޞަ IgM ނުވަތަ IgG ހަށިގަނޑުގައި ވާކަން ދެނެގަތުމެވެ. މިކަން ކުރަން ބޭނުންވާނީ، މި ވައިރަސްގެ އެންޓިބޮޑީ އާ މެކޭނެ ކުލަ ނުވަތަ އެހެންވެސް ބަދަލެއް އަންނަ ދިޔައެކެވެ. މެކުމަކީ އެއްޗެއް އެހެން އެއްޗަކާ އެއްކުރުމުން ނުވަތަ އެހެން އެއްޗަކާ ޖެހުމުން ދެ އެތި ކޮންމެވެސް ގޮތަކަށް އެކުވުމެވެ. ކޮރޯނާވައިރަސް ގެ އެންޓިބޮޑީއާ މެކުވާ ދިޔަ އެ ވައިރަސްގެ އެންޓިބޮޑީ ނޫން އެހެން އެންޓިބޮޑީ އަކާ މެކުވެގެން ނުވާނެއެވެ {މިވާހަކަ ފަހުން އިތުރަށް ތަފްޞީލުކުރާނަމެވެ}

 

ކޮރޯނާވައިރަސްގެ އެންޓިބޮޑީ ޓެސްޓް ހަދާފައި ހުންނަ ގޮތް ދަންނައެވެ. މި ވިއްކަން ހުންނާނީ ކުދިކުދި ފޮށީގައި  ބަންދުކޮށްފައެވެ. އެއް ފޮށީގައި އެތައް ޓެސްޓެއް ކުރާނޭ ތަކެތި ހުރެދާނެއެވެ. ފޮށީގެ ތެރޭގައި އޮންނާނީ ލޭނެގުމަށް ހަންގަނޑު ތޮރުފާ ކައްޓަކާއި  ލޭތިއްކެއް ނަގާނޭ ޕްލާސްޓިކް ގުންބާއަކާއި ބާވަތެއްގެ ފެންފުޅިއަކާއި ޕްލާސްޓިކް ފަތިކޮޅެކެވެ. އެ ފަތިކޮޅުގައި ލޭއެޅުމަށް އަޑިކޮށްލާފައިވާ ކުޑަ ވަޅެއް ހުންނާނެއެވެ. މި ފަތިކޮޅުގެ މަތީގައި، ފޮޓޯއިން ފެންނަ ފަދައިން C އަދި IgM އާއި IgG ލިޔެފައި ހުރެދާނެއެވެ. މި ފަތިކޮޅުގެ އެތެރޭގައިވަނީ ބާވަތެއްގެ ދެލިހިއްކާ ކަރުދާސްކޮޅެކެވެ. އެ ފަތިކޮޅުގައިވާ ވަޅަށް ލޭ ތިއްކެއް ޖެހުމަށް ފަހު ފުޅީގައިވާ ފެން (ބަފަރ) އެޅުމުން ލޭ ދިޔާވެގެން، މައްޗަށް ފޭދެން ފަށާނެއެވެ. ލޭ މައްޗަށް ފޭދެމުން ގޮސް، IgM ޖަހާފައިވާ ތަނާ ހަމައަށް ދާއިރަށް ރޮނގަކަށް އެތަނުގައި އުނގުޅާފައިވާ އެންޓިބޮޑީގެ ސަބަބުން، ކޮރޯނާވައިރަސްހުރިނަމަ، ރަތް ކުލަ އަރާނެއެވެ. ރަތްކުލައަރާ ސަބަބަކީ، ރޮނގަކަށް އެތަނުގައި ރަން ޒައްރުތަކެއް ހުންނާތީއެވެ. IgG އާ ހަމައަށް ދިއުމުން، ވައިރަސް ލޭގައި ހުރިނަމަ  އެ އެންޓިބޮޑީއާ މެކުވެ ރަތްކުލައިގެ ރޮނގެއް ދެމޭނެއެވެ. C އާ ހަމައަށް ފޭދިގެން އެރުމުން، ރޮނގެންހެން އެތަން ރަތްވާނެއެވެ. C އަކީ ކޮންޓްރޯލް ރޮނގެކެވެ. ޓެސްޓް ކުރާ ބޭހާއި ފަތިކޮޅު ރަނގަޅު ނަމަ، ރޯގާގެ ވައިރަސް ހުއްޓަސް ނުވަތަ ނެތަސް މިރޮނގު ރަތްވާން ވާނެއެވެ. ރަތް ނުވެއްޖެނަމަ، އޭގެ މާނައަކީ ޓެސްޓް ސާމާނު ކަމުނުދާކަމެވެ. {މި މަޒުމޫނުގައި މި ބަޔާންކުރި މިންވަރަށް ވުރެ ބޮޑަށް މި މަޢުލޫމާތު ބޭނުންވާ މީހުންނަށް މިއޮތީ އެންެމެ ފުރަތަމަ ކޮރޯނާވައިރަސް އަށް އެންޓިބޮޑީ ޓެސްޓް ތައްޔާރުކުރި މީހުން ލިޔެފައިވާ، ޓެސްޓު މަސައްކަތް ކުރާގޮތުގެ ބަޔާނެކެވެ.

ޓެސްޓްގެ ނަތީޖާ ބަލާގޮތް ތިރީގައި އެވަނީއެވެ.

މަތީގައިވާ ޓެސްޓު ފަތިކޮޅުތަކަށް ބަލައިލުމުން އަޅުގަނޑުމެންނަށް ފާހަގަ ކުރެވެނީ 1 އަދި 6 ގައި C ޖަހާފައިވާ ކޮންޓްރޯލް ލައިން ނުފެންނަކަމެވެ. މީގެ މާނައަކީ ޓެސްޓް ފަތިކޮޅުގައި ނުވަތަ ލޭގައި ނުވަތަ ބަފަރ ފެނުގައި މައްސަލަ އުޅޭ ކަމެވެ. އެހެންކަމުން މިއީ ބާޠިލް ޓެސްޓެވެ.

2 ވަނަ ޓެސްޓް ފަތިކޮޅުގައި ކޮންޓްރޯލް ރޮނގު ފެނެއެވެ. IgM އެއް ނުވަތަ IgG ރޮނގެއް ފާހަގައެއް ނުކުރެވެއެވެ. އެހެންކަމުން މިއީ ނެގެޓިވް (ބަލި ނެތްކަމަށް ދައްކާ ނައްސި) ޓެސްޓެކެވެ. ލޭގެ ވެރިފަރާތަށް ކުރިން ވެސް އަދި މިހާރުވެސް ވައިރަސް ޖެހިފައެއް ނުވެއެވެ. 3 ވަނަ ފަތިކޮޅުގައި ކޮންޓްރޯލް ރޮނގުގެ އިތުރަށް IgG ފެނެއެވެ. މި މީހާއަށް ކުރިން މި ބަލި ޖެހިފައި ވެއެވެ. އޭނާގެ ލޭގައި ވައިރަސްގެ އެންޓިބޮޑީ ވެއެވެ. 4 ވަނަ ފަތިކޮޅުން ކޮންޓްރޯލް ލައިންގެ އިތުރަށް IgM ފެނެއެވެ. މީނާއަށް ދާދިފަހުން މި ބަލި ޖެހި، މިބަލީގައި އޭނާ އުޅޭކަމަށް ލަފާކުރެވެއެވެ. 5 ވަނަ ފަތިކޮޅުގައި ކޮންޓްރޯލް ރޮނގުގެ IgM އަދި IgG ރޮނގު ފެނެއެވެ. މީނާ ކޮވިޑް ރޯގާގައި މިހާރު އުޅެމުން ދެއެވެ.

މި ޓެސްޓް އުފެއްދި ޗައިނާގެ ސައިންސްވެރިިންގެ ޢިލްމީ ރިޕޯޓްގައި އަންނަނިވި ޗާޓު ހިމެނެއެވެ. މިއީ ވަރަށް މުހިއްމު ޗާޓެކެވެ.

ޗާޓުން ފާހަގަކުރެވޭ ކަމަކީ، ބަލިޖެހޭތާ 14 ވަރަކަށް ދުވަސްވަންދެން އެންޓިބޮޑީ ނުއުފައްދަފާނެކަމެވެ. ހުން އަންނަން ފެށުމުން އައިޖީއެމް އުފައްދާ މިންވަރު ގިނަވަމުން ދެއެވެ. ދެން މަހެއްގެ ތެރޭގައި މި އެންޓިބޮޑީ އުފެއްދުން ހުއްޓެއެވެ. އައިޖީޖީ އުފައްދަން ފަށަނީ ހުން އަންނަތާ ހަތް ދުވަހުގެ ފަހުންނެވެ. މި އެންޓިބޮޑީ ގިނަ ދުވަސްތަކެއް ވަންދެން ހަށިގަނޑުގައި ވެއެވެ. ދެވަނަ ފަހަރަށް ބަލި ޖެހިއްޖެނަމަ، އަލުން އައިޖީޖީ އުފައްދަން ފަށައެވެ. އަދި އައިޖީޖީ އުފައްދާވަރު ގިނަވެއެވެ. އެެހެންކަމުން ބަލިން ދިފާޢުވުމަށް ފަސޭހަވެއެވެ.

އެންޓިބޮޑީ ވައިރަސް ޓެސްޓްގެ މައްސަލަތައް


އެންޓިބޮޑީ ޓެސްޓަކީ ވަރަށް އަގުހެޔޮ ޓެސްޓެކެވެ. މީގެ ޓެސްޓެއް ގިނައިން ގަންނަ ނަމަ 10 ރުފިޔާއަށް ޓެސްޓެއް ލިބޭނެއެވެ. (މިއާ ޚިލާފަށް ޕީސީއާރު ޓެސްޓެއްގެ އަގަކީ ގާތްގަޑަކަށް 50 އާއި 60 ޔޫސް ޑޮލަރެވެ.) ކުޅުން ނުވަތަ ލެއިން އެންޓިބޮޑީ ޓެސްޓް ކުރެވޭނެއެވެ. ނަތީޖާ 15 ވަރަކަށް މިނެއްޓު ތެރޭގައި ލިބޭނެއެވެ. މިއާ ޚިލާފަށް ޕީސީއާރު ޓެސްޓްގެ ނަތީޖާ ލިބޭނީ ދޮޅުގަޑިއެއްހާ އިރު ފަހުންނެވެ. މިހާ މަންފާތައް ބޮޑު ނަމަ، މި ޓެސްޓް ބޭނުންކުރުން މަދީ ކީއްވެގެން ހެއްޔެވެ؟

އެންެމެ ބޮޑު މައްސަލައަކީ މި ޓެސްޓްގެ ނަތީޖާއަށް އިތުބާރު ކުޑަކަމެވެ. އާދައިގެ ރޯގާ ޖެހުމުން ވެސް ރޯގާ ހުރިކަމަށް މި ޓެސްޓުން ދައްކަފާނެއެވެ. އިތުބާރު ނެތުމާއެކު، މިޓެސްޓް މައިގަނޑު ގޮތެއްގައި ބޭނުން ކުރަނީ ޕީސީއާރު ޓެސްޓު ކުރުމުގެ ކުރިން ގިނަބަޔަކު ޓެސްޓު ކުރުމަށެވެ.  މި ޓެސްޓުން ޕޮޒިޓިވްވާ   (ބަލިހުރިކަމަށް ދައްކާ) މީހުން ޕީސާއާރު ޓެސްޓް ކުރަންޖެހޭނެއެވެ. އެންޓިބޮޑީ ޓެސްޓަށް އެންޓިބޮޑީ ހުރިކަމުގެ ލިސާންވަނީ ވެސް ގިނައިން އެންޓިބޮޑީ އުފެއްދުމުންނެވެ.

ފަހަކަށް އައިސް ވަރަށް އިތުބާރު ހުރި އެންޓިބޮޑީ ޓެސްޓް އުފައްދާފައި ވެއެވެ. ނަމަވެސް އެމެރިކާގެ ބޭހާއި ޓެސްޓު ހުއްދަކުރާ އެފްް.ޑީ.އޭ  އިން އެއްވެސް ކޮރޯނާވައިރަސް އެންޓިބޮޑީ ޓެސްޓެއް މަޤްބޫލްކަމަށް 19 އޭޕްރިލް އާ ހަމައަށް ނިންމާފައެއް ނުވެއެވެ. މިފަދަ ޓެސްޓް ބޭނުންކުރަނީ ދިރާސާތަކުގައެވެ. މީގެ އިތުރަށް  ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބުނަނީ މި ރޯގާ ދެވަނަ ފަހަރަށް ޖެހުމަށް ދިފާޢުއަކަށްވާ މިންވަރަށް ރޯގާ ޖެހި ރަނގަޅުވާ މީހުންގެ ހަށިގަނޑުގައި ވައިރަސްގެ އެންޓިބޮޑީ ނުހުންނަ ކަމަށެވެ. މި ސަބަބުތަކާ ހެދި، ރާއްޖޭގައި ވެސް އަދި ގިނަ ޤައުމުތަކުގައި ވެސް ރޯގާޖެހިފައިވާކަން ޓެސްޓްކުރަން ބޭނުންކުރަނީ ޕީސީއާރު ޓެސްޓެވެ. ޕީސީއާރު ޓެސްޓަކީ ވެސް %100 ޔަޤީން ޓެސްޓެއް ނޫނެވެ. މި ޓެސްޓް ކުރާގޮތް ދެން ލިޔާ މަޒުމޫނެއްގައި ބަޔާން ކުރާނަމެވެ.