
މި މަޒުމޫނުގައި މި ދަންނަވަނީ ލިޔާ މޭޒެއް ޖެހުމަށް އަޅުގަނޑު ކުރި ތަޖުރިބާއެކެވެ. އެއީ މިފަދަ ކަމެއް ކިޔުންތެރިއަކު ކުރަން ޖެހިއްޖެނަމަ، އެކަން ކުރާނޭ ގޮތުގެ ތަފްޞީލާ އެކުއެވެ.
ލިޔާ މޭޒަކީ، ޢާއްމުގޮތެއްގައި ކުޑަ މޭޒެކެވެ. ބޮޑުނަމަ، މޭޒު މައްޗަށް ތަކެތި ގިނަވެ، އެއީ ތަކެތި ބަހައްޓާ އެއްޗަކަށް ވެއެވެ. އިންޓަރނެޓުން މޭޒުތަކުގެ ސައިޒުތައް ބަލައިފިނަމަ، ގިނަ ލިޔާ މޭޒު ހުންނަނީ ހަތަރު ފޫޓު ދިގު މިނުގައެވެ. ވަރަށް ގިނަ މޭޒުތައް މިއަށް ވުރެ ވެސް ކުރެވެ. ވަރަށް ޢާއްމު ސައިޒަކީ، 42 އިންޗިއެވެ. ބޮޑެތި މޭޒުތަކުގެ ފުޅާމިނުގައި ހުންނަނީ 24 އިންޗިއެވެ. ނަމަވެސް ހަނިވަމުން ގޮސް، 18 ވަރަކަށް އިންޗިއަށް ކުޑަކޮށް ހަދާފައި ހުރެއެވެ. މި ޒަމާނުގައި ފަތި މޮނިޓަރ ބޭނުންކުރާތީ، ކޮމްޕިއުޓަރެއް ބަހައްޓަންވެސް މި ވަރު ފުދެއެވެ. އުސްމިނުގައި ހުންނަނީ 28 އިންޗިއެވެ. މިއީ ކޮމްޕިއުޓަރު ބޭނުންކުރަން ވެސް އެކަށީގެންވާ އުސްމިނެކެވެ. އޮފީސް މޭޒުތަކުގެ އުސްމިނަކީ 30 އިންޗިއެވެ. ނަމަވެސް، ކީބޯޑު ބޭނުން ކުރަންޖެހޭތީ މޭޒުގެ އުސްމިން މިހާރަކަށް އައިސް ތިރިކޮށްފައި ހުރެއެވެ. އަޅުގަނޑު މޭޒު ހަދަން ޤަޞްދުކުރީ، ދިގުމިނުގައި 42.5 އިންޗި ހުންނަ ވަރަށެވެ. ފުޅާމިނަކީ 20 އިންޗިއެވެ. އުސްމިނަކަށް ވާނީ 28 އިންޗިއެވެ. ކުޑަކުދީންނަށް މި ފަދަ މޭޒު ޖަހާނަމަ، މިއަށް ވުރެ ވެސް ތިރިކުރަން ޖެހޭނެއެވެ.
ލިޔާ މޭޒުގެ އެތައް ވައްތަރުތަކެއް ހޯދައި ބެލުމުން އަޅުގަނޑަށް ފާހަގަ ކުރެވުނީ ހުރިހާ ލިޔާ މޭޒެއްގައި ވަތްގަނޑު ހުންނަ ކަމެވެ. ގަލަން، ނޯޓުފޮތް ފަދަ ތަކެތި ބެހެއްޓުމަށް މިއީ ވަރަށް ބޭނުންތެރި އެއްޗަކަށް ވާނެއެވެ. ލިޔާ މޭޒުގެ ވަތްގަނޑު ހުންނަނީ ވަރަށް ތިލަކޮށެވެ. އެހެނީ، މީހާގެ ފައި ވަތްގަނޑުގެ ތިރިން، މޭޒު ދަށަށް ވަންނާނީ މަދުވެގެން 24 އިންޗި ބިމާ ވަތްގަނޑާ ދެމެދު ހުންނަ ނަމައެވެ. އަޅުގަނޑު ގަސްދުކުރީ ވަތްގަނޑުގެ ފުންމިނުގައި 3 އިންޗި ބަހައްޓާށެވެ.
އާދެ! މިދެންނެވުނީ ލިޔާ މޭޒުގެ ސައިޒެވެ. އިންޓަރނެޓުން ލިޔާ މޭޒުގެ އެކި ވައްތަރުތައް ބެލުމުން ވަރަށް ގިނަ ބާވަތްތައް ފެނެއެވެ. އަޅުގަނޑަށް ރީތިވެގެން ޚިޔާރު ކުރީ އަންނަނިވި ވައްތަރެވެ.

ފޮޓޯއިން ފެންނަނީ އެމެރިކާގެ ހޫކަރ (hooker) ކިޔާ ކުންފުންޏަކުން ފަރުމާކޮށް ހަދައި ވިއްކާ މޭޒެކެވެ. މި މޭޒުގެ އެންމެ ރީތިކަމަކީ، މޭޒުގެ ފައިތަކެވެ. ފައިތަށް ހަދާފައި އެވަނީ، ރަންވަންލޯ (ބްރާސް) އިންނެވެ. ރަންވަންލޯ އަކީ، ރަތުލޯގެ ތެރެއަށް ތުތިޔާ (ޒިންކް) އަޅައިގެން އުފައްދާ މަޢުދަނެކެވެ. އޮފު އެރުމުން ފައި ހުންނާނީ ރަން ކުލައިގައެވެ. މޭޒުގެ ރީތިކަން ވަނީ ފައިގެ މަޢުދަންގެ ރީތިކަމުގައެވެ. މި ޖުމުލައަށް ފިތާލުމުން ފެންނަ ވެބްޕޭޖްގައި މި ވައްތަރުގެ ފަސްފޫޓުބައި ދިގު މޭޒެއްގެ އަގަކީ $2529 ކަމަށް ވެއެވެ. އާދެ! ދިވެހި ރުފިޔާއިން ނަމަ، ސާޅީސް ހާސް ރުފިޔާއެވެ. މޭޒަކަށް ވަރަށް ބޮޑު އަގެކެވެ. މޭޒުގެ އަގުބޮޑުވަނީ އޭގެ ފައިގެ ސަބަބުންނެވެ. އާދެ! ރަންވަންލޯ އަކީ ވަރަށް އަގު ބޮޑު އެއްޗެކެވެ. މިފަދަ މޭޒަކީ އެތައް ޖީލަކަށް ބޭނުން ކުރެވޭނޭ މޭޒެކެވެ. ހަލާކުވެއްޖެނަމަ، ބަދަލުކުރަން ޖެހޭނީ މޭޒުގެ މައްޗެވެ. ފަޔަކީ ހަލާކުވާނޭ އެއްޗެއް ނޫނެވެ.
ރާއްޖޭގައި ރަންވަންލޯގެ ހަތަރެސްކަން ހޮޅި ލިބެން ނުހުންނާތީ، މޭޒުގެ ފައި ހަދަން އަޅުގަނޑު ގަސްދުކުރީ އެސްއެސް (ސްޓެއިލަސް ސްޓީލް) އިންނެވެ. ކުރިން ހަވާލާ ދެވުނު ވެބްޕޭޖްގައިވާ މޭޒަށް ވުރެ އަޅުގަނޑު ޖަހަން އުޅޭ މޭޒު ދެ ފޫޓު ވަރު ކުރުވާތީ، ދެ ބަދަލެއް އަޅުގަނޑު ގެނައީމެވެ. އެއްކަމަކީ ދެ އިންޗި ދެ އިންޗީގެ ހަތަރެސްކަން ހޮޅީގެ ބަދަލުގައި އެއް އިންޗި ދޮޅު އިންޗީގެ ހޮޅި ބޭނުންކުރުމެވެ. މޭޒު ކުޑަވީމާ، ރީތިވާނީ މިގޮތް ކަމަށް އަޅުގަނޑަށް ވިސްނުނެވެ. ދެވަނަ ބަދަލަކީ، ފޮޓޯގައިވާ މޭޒުގައި، މޭޒު ދިގުކަމުން ދެފައި ވަނީ ފައިގެ ބިއްދޮށުން ހޮޅިއެއް އަޅާ ގުޅުވާފައެވެ. ނަމަވެސް، ހޫކަރ ގެ ހަތަރު ފޫޓުގެ ކުރު މޭޒުތަކުގައި ދެފައި ގުޅުވާފައެއް ނުހުރެއެވެ. ދެ ފައި ހުންނަނީ މޭޒުގެ ފިލާގަނޑަށް ހަރުކޮށްފައެވެ. މިއީ އަގުހެޔޮވެފައި ރީތިވާނޭ ކަމެއް މެއެވެ. މޭޒުގެ ފައިތައް އަޅުގަނޑު ހެއްދީ ވާކްޝޮޕްއަކުންނެވެ. އެ ހެދުމަށްޓަކައި ދިން ކުރެހުމުގެ ކޮޕީއެއް ތިރީގައި އެވަނީއެވެ. ދެފައި ވާކްޝޮޕްގެ ތަކެތީގައި ހެދުނީ ގާތްގަޑަކަށް 2000 ރުފިޔާއަށެވެ. ބޮޑު އަގެކެވެ. ނަމަވެސް، މިއުޅެނީ އެތައް ޖީލްއަކަށް ދެމިހުންނަ، ވަރަށް ރީތި މޭޒެއް ޖަހާށެވެ.

ފާހަގަ ކުރެއްވޭނޭ ފަދައިން، މަތީގައި 3 އިންޗި 4 އިންޗީގެ ޕްލޭޓްކޮޅެއް ލޯވަޅު އަޅައި، އެއް ފަރާތާ ހަމަކޮށް ވެލްޑް ކޮށްފައި ވެއެވެ. މިއީ ފައި ހަރުކުރަން ބޭނުންކުރާ ބައެކެވެ. މޭޒުގެ ފައި ހަރުކުރަން އެހެން ދެގޮތެއް ހޫކަރ އިން ބޭނުންކޮށްފައި ވެއެވެ. އެއީ ދަށު ފަރާތުގައި ފަތިކޮޅެއް ވެލްޑްކޮށް އޭގައި ލޯވަޅުތޮރުފައި މޭޒަށް ހަރުކުރުމެވެ. މިކަން، އަޅުގަނޑު ދެނެގަތީ، ހޫކަރ އިން މޭޒު ރާވާނޭ ގޮތާ ބެހޭ ގޮތުން ހުރި ކުރެހުންތަކުންނެވެ.

ހޫކަރ އިން ބޭނުންކޮށްފައިވަނީ ދިގު ފަތިކޮޅެކެވެ. އަޅުގަނޑު އަގުހެޔޮކުރުމުގެ ގޮތުން ފަތިކޮޅު ލީ ހަމައެކަނި ދެކަނަށެވެ. އެންމެ ފުރަތަމަ ވިސްނުމުން މިގޮތަކީ، މޭޒުބަލިވެދާނޭ ކަމެއްކަމަށް ފެނިދާނެއެވެ. ނަމަވެސް، ވިސްނާލުމުން މިގޮތް ރަނގަޅުކަމަށް ޔަޤީން ވާނެއެވެ.
އަޅުގަނޑު މޭޒުގެ މަތި ހަދަން ގަސްދުކުރީ، ޕްލާސްޓިކް ދެފަރާތުގައި ލާފައި ހުންނަ ބްލޮކްބޯޑުންނެވެ. މިއީ ރާއްޖޭގައި ފަރުނީޗަރު ޖަހަން މިހާރު ޢާއްމުކޮށް ބޭނުންކުރާ ފިލައެކެވެ. ފިލައެއްގެ އަގަކީ 900 ރުފިޔާއެވެ. ފިލާ ގެއަށް ގެނައުމަށް ފަހު، ދެން އެންމެ ފުރަތަމަ، ޖެހޭނީ 20 އިންޗި ހުންނަ ވަރަށް ކީހާށެވެ. އެލްމިނިއަމް ފަތިގަނޑަކާއި އިލެކްޓްރިކް ކީހަކުން މިއީ ވަރަށް އަވަސްކަމެކެވެ. މިއަށް ފަހު، 4 އިންޗީގެ ފުޅާމިނުގެ ފަތިބުރިއަކާއި 3 އިންޗީގެ ފުޅާމިނުގެ ފަތިބުރިއެއް ބޭނުންވާނެއެވެ. މިވެސް ކީހަނީ އެލްމިނިއަމް ފަތިގަނޑެއް ބޭނުންކޮށްގެންނެވެ.


މިފޮޓޯއިން ތިޔަ ފެނިވަޑައިގަންނަވަނީ ވަތްގަނޑާއި އަރިމަތި ހެދުމަށް ބޭނުންވާ ފަތި ކީހަން ތައްޔާރުކޮށްފައިވާ ތަނެވެ. ހަތަރު އިންޗީގެ ފުޅާ ފަތިގަނޑެއް މޭޒުގެ ވަށައިގެން އެޅުމަށް ބޭނުންވާނެއެވެ. އަދި މޭޒުގެ ވަތްގަނޑުތައް ހެދުމަށް ތިން އިންޗި ހުންނަ ވަރުގެ ފަތިގަނޑެއް ބޭނުންވާނެއެވެ.
މިފޮޓޯގެ ކަނާތްފަރާތު ތަޅުމުގައި އެވަނީ، ވާކްޝޮޕަކުން ހަދައިގެން ގެނެސްފައި ހުރި މޭޒުގެ ފައިތަކެވެ. މި ހަދާ ބާވަތުގެ ހަތަރު މޭޒު އަޅުގަނޑު ޖެހީމެވެ. އެހެންކަމުން ޖުމުލަ 8 ފައި ހެދީމެވެ. އަށް ފޫޓު ހަތަރު ފޫޓުގެ ބްލޮކްބޯޑަކުން ޖެހެނީ ދެ މޭޒެވެ.


ފޮޓޯއިން ފެންނަ ފަދައިން ދެން އޮންނާނެކަމަކީ، މޭޒުގެ ފައި ހަރުކުރުމަށް ތިން ފަރާތުގައި ޖަހާ ހަތަރު އިންޗީގެ ފުޅާ ފަތި ހަރުކުރުމެވެ. މި ހަރުކުރަނީ ދެ ފަރާތު އަރިމަތީގައި ދޮޅުއިންޗި ދޫކޮށެވެ. ފަތިތައް އެކަތި އަނެއް އެއްޗާ ގުޅަނީ ދެއިންޗިބައިގެ އިސްކުރު ޖަހައެވެ. މިބައިގެ ބޭނުމަކީ ބޭރަށް ފެންނަގޮތަށް ފައި ހަރުކުރުމާއި ވަތްގަނޑު ހަރުކުރުމެވެ. މޭޒުގެ މައްޗަށް ނުފެންނަ ގޮތަށް މިބައި ހަރުކުރަނީ ބުރެކެޓެއް މެދުވެރިކޮށެވެ. ބޭނުންނަމަ، ލަކުޑި ފަތިކޮޅެއް ވެސް ބޭނުން ކުރެވޭނެއެވެ. މެދުގައި ވެސް ހަތަރު އިންޗީގެ ފަތި ކޮޅެއް އަޅަން ޖެހެއެވެ. އެއީ ވަތްގަނޑު ހަރުކުރުމަށެވެ. ހުރަސް ބުރިތައް ހުންނަން ޖެހޭނީ، މަގަތު ފަރާތުން ފިލާގެ ބޯމިން ދޫކޮށް އެތެރޭގައެވެ.
މިބައި ހަރުކުރުމަށް ފަހު ދެން އޮންނާނީ ފައި ހަރުކުރުމެވެ. ފައި ހަރުކުރަނީ އަރިމަތީ ފަތިގަނޑަށް 3/4 އިންޗީގެ އިސްކުރު ޖަހައެވެ. މުޅިއެކު ޖަހަނީ ކޮޅަކަށް 3 އިސްކުރެވެ. ހަތަރު ވަނަ ލޯވަޅުގެ ބޭނުމަކީ އިސްކުރު ނުފެންނަ ގޮތަށް ހަރުކުރާ 3 އިންޗީގެ ފިލާގަނޑު ހަރުކުރުމެވެ. ލޯވަޅު ދިމާކުރުމަށް ފަސޭހައަކަށް އެތެރެ ފަރާތުން ފެންނަ ވަރަށް ބޭރުން ލޯވަޅެއް ތޮރުފާލަން ޖެހެއެވެ. މިއަށް ފަހު، އެތެރެފަރާތުން 1/4 1 އިންޗީގެ އިސްކުރު ޖަހައި އަރިމަތީގައި ފައިހަރުކުރި އިސްކުރު ނުފެންނަ ގޮތަށް ތިން އިންޗީގެ ފިލާކޮޅު ހަރުކުރާނީއެވެ.

ފައިގެ ދަށް ފަރާތުގައި ކުޑަ ރަބަރުކޮޅެއް ފައިގެ ދެކޮޅުގައި ހަރުކުރީމެވެ. ރަބަރުކޮޅު ކެފީ ސައިކަލުގެ އެތެރޭ ހަމުންނެވެ. އެއް އިންޗި އެއް އިންޗި ހުންނަ ވަރުގެ އަކައެއް ކަތުރުން ކަފައި، ޑަންލޮޕް ތެރަސް ލައި ސްޓެއިންލަސް ސްޓީލް ފައިގެ ތިރީގައި ހަރުކުރީއެވެ. މިހެން ހެދުމުން މޭޒު ނުގުޑާ ހުރެއެވެ. އަދި ފައިވެސް ބިމުން ކުޑަކޮށް އުފުލި ފަޔަށް ރައްކާތެރިކަން ލިބެއެވެ. ދެން އޮންނާނީ ވަތްގަނޑު ހެދުމެވެ.
އަޅުގަނޑު މޭޒު ހަދަން ގަސްދުކުރީ ހޫކަރ މޭޒާ ތަފާތުކޮށް ވަތްގަނޑު ހުޅުވަން އަތްގަނޑެއް ބޭނުން ނުކުރާ ގޮތަށެވެ. ވަތްގަނޑު ހުޅުވަން ހިފާނީ ވަތްގަނޑުގެ ތިރީގައެވެ. ވަތްގަނޑުގެ ފުލުން ކުރިމަތި ހުންނާނީ ބައި އިންޗި ވަރަށް ތިރިއަށް ފައިބައިފައެވެ. މިހެން ހެދުމުގެ ބޭނުމަކީ ވީހާވެސް ބޮޑަށް ބަލައިލުމުން ސާދާކޮށް ފެނުމެވެ. މިބާވަތުގެ ސްޓައިލްއަށް ނުވަތަ ފޭޑިއަށް ކިޔަނީ މިނިމަލިސްޓް ފޭޑިއެވެ. ކޮންމެހެން ބޭނުން ނުވާ ތަކެތި ނުހިމަނައި، ކުލަތައް މަދު، ހުސްކޮށް، ސާދާކޮށް ފެންނަ ފޭޑިއެވެ.
ވަތްގަނޑު ހެދުމަށް އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ، ވަތްގަނޑުގެ ކުރިމަތި ފަރާތް ދެ ފައި ދޭތެރޭ 3 މިލިމީޓަރު ހުންނަ ވަރަށް އަދި ދެ ވަތްގަނޑު ދޭތެރޭ 3 މިލިމީޓަރު ހުންނަ ވަރަށް ބުރިކޮށްލުމެވެ. މިއަށް ފަހު، ވަތްގަނޑުގެ އަނެއް ތިން ފަރާތް ހަދަނީ، 3 އިންޗީގެ ފަތި ބޭނުންކޮށްގެން 14 އިންޗި އެތެރެއަށް ހުންނަ ވަރަށެވެ. ވަތްގަނޑު ހަރުކުރަނީ ރެއިލިން ބޭނުންކޮށްގެންނެވެ. ރެއިލިންގެ ފުޅާމިނަކީ ބައި އިންޗިއެވެ. އެހެންކަމުން ދެން އޮންނާނީ ދެ ފަރާތަށް ބައި އިންޗި ދޫކޮށް، ވަތްގަނޑު ޖެހުމެވެ. ކުރިމަތީގައި ފެންނަ ގޮތަށް އިސްކުރު ނުޖެހޭނެތީ ދެގޮތެއް ބޭނުންކުރީމެވެ. އެއް ގޮތަކީ ބުރެކެޓެއް ބޭނުންކޮށްގެން ކުރިމަތި ހަރުކުރުމެވެ. އަނެއް ގޮތަކީ ހަތަރު ފަރާތް ހަރުކޮށް، ދެން ކުރިމަތި ފިލާގަނޑު އެތެރެ ފަރާތުން އިސްކުރު ޖަހައި ހަރުކުރުމެވެ. ފަތިތައް ހަރުކުރަނީ މަތި ހަމައަށް ހުންނަ ގޮތަށެވެ. ފޫ އެޅީ 3 މިލިމީޓަރުގެ ޕްލައިވުޑްގައި، ހުދު ސްޓިކަރ ކަރުދާސް ތަތްކޮށް ދަށް ފަރާތުން މޮހޮރު ޖަހައެވެ.

ވަތްގަނޑު ޖެހުމަށް ފަހު ދެން އޮންނާނީ ކެފި ފިލާގެ އަރިމަތީގައި ރީއްޗަކަށް ޕްލާސްޓިކް ފީތާ ތަތްކުރުމެވެ. މިއީ ފިލަޔާ އެއް ކުލައަކުން ހަދާފައި ހުންނަ ޕްލާސްޓިކް ފީތާއެކެވެ. މިތަތް ކުރަނީ ޑަންލޮޕް ތެރަސް ލައިގެންނެވެ. ދިވެހީން މިއަށް ޓީކު ކިޔައެވެ. ޓީކް ގެ އަޞްލު މާނައަކީ ހައިވަކަރެވެ. ފިލާގެ އަރިމަތީގައި އަޅާ ފީތާ ފަށަށް އިނގިރޭސި ބަހުން ކިޔަނީ edge banding (އެޖް ބޭންޑިން = އަރިމަތީ ފީތާ) އެވެ. މި ފީތާ ތަތްކުރާ، އަދި ފީތާ އަރިމައްޗާ އެއްވަރަށް ކަފާ މެޝިން ހުރެއެވެ. ނަމަވެސް، ގިނައިން މި ކަން ކުރަން ނުޖެހޭ ނަމަ، އެންމެ ލުއި ގޮތަކީ، އަތުން މިކަން ކުރުމެވެ.

މޭޒުގެ ދެ ވައްތަރެއް އަޅުގަނޑު ހެދީމެވެ. އެއް ވައްތަރުގައި ފައި ހުންނަނީ މޭޒު މައްޗާ ހަމައަށެވެ. އަނެއް ވައްތަރުގައި ފައިވަނީ މޭޒުގެ މަތީ ފިލައިގެ ދަށުގައެވެ. މި ދެވައްތަރުވެސް ހޫކަރ އިން ހަދައެވެ. އަޅުގަނޑަށް ރީތީ މޭޒުގެ މައްޗާ އެއްވަރަށް ފައި ނެތުމުންނެވެ. ތިރީގައި އެވަނީ ގާތްގަޑަކަށް ނިމިފައިވާ ދެ މޭޒެއްގެ ވީޑިއޯ އެކެވެ.
މޭޒު ހެދުމުގެ ތަޖުރިބާއިން އަޅުގަނޑަށް އެނގުނީ ލިޔާ މޭޒު ބޮޑުކުރުމުގެ ބޭނުމެއް ނެތްކަމެވެ. އަދި، ވަތްގަނޑުލާނަމަ، މޭޒު 28 އިންޗިއަށް ވުރެ ތިރި ނުކުރެވޭނޭ ކަމެވެ. އެހެނީ ފައި ވެއްދުމަށް 24 އިންޗި މޭޒުގެ ތިރީގައި ހުންނަން ޖެހެއެވެ. މިއާއެކު، ތިން އިންޗިއަށް ވުރެ ތިލަ ވަތްގަނޑެއްގެ ބޭނުންތެރިކަން ކުޑަވާނެއެވެ. ފަހެ، ހިމުންކޮށް މިފަދަ މޭޒު ޖެހުމަކީ ވަރަށް ހުނަރު ބޭނުންވާ ކަމެކެވެ. ހަތަރު މޭޒު ޖެހުމުން ތަޖުރިބާތަކެއް ލިބިއްޖެއެވެ. ކޮންމެ މޭޒެއް ކުރިން ޖެހި މޭޒަށް ވުރެ ހިމުންކޮށް ޖެހެއެވެ. ނަމަވެސް، ހޮބީއެއްގެ ބަދަލުގައި، ފަންނީކަމެއްގެ ގޮތުގައި މިކަން ކުރާނަމަ، ތަޖުރިބާއާއެކު ހުނަރު އިތުރުވާނެއެވެ. ކޮންމެ ކަމެއްގައި ވެސް މި ހަމަ އޮންނަ ފަދައިންނެވެ.
Great, yes we need such skills to be taught in schools…
Many researches shows such dual system make the students more success in the real life.
I think its better to fix an adjustable feet level knob, so it last longer than the dunlop applied rubber… and look modern and luxury touch..
Great, yes we need such skills to be taught in scholls…
Many researches shows such dual system make the students more success in the real life.
I think its better to fix an adjustable feet level knob, so it last longer than the dunlop applied rubber… and look modern and luxury touch..
furniture jahanvaanee e jeelakah. annan oiy jeeluge beynun thafaathu vedhaane.
varah gina vahtharuge computer meyzu ukaalaafaa huttaa dushin. minitor ge size thafaathuve cpu ge upright model aimaa kureege meyzu jehunee badhalu kuran.