
އަޅުގަނޑު ސްކޫލުން ވަކިވި އިރުވެސް ވަޙީދު އަކީ ދެކިފަރިތަ އަވަށްޓެރި ރައްޓެއްސެކެވެ. އަޅުގަނޑަކީ ފަންނުވެރިކަމާއި މިޔުޒިކް އަށް ލޯބި ހުރި އެކަންކަން ކުރަމުންއައި މީހެކެވެ. ވަޒީފާއަށް ވަދެވުނީ ސަރުކާރު ރޭޑިއޯ ”ރޭޑިއޯ މޯލްޑިވްސް“ އަށެވެ. މަޑުލު މުހަންމަދު ވަޙީދު އާއި ގާތްގުޅުމެއް އުފެދުނީ ރޭޑިއޯގެ މަސައްކަތުގެ ތެރެއިންނެވެ. އަޅުގަނޑުގެ ވެރީންގެ ތެރެއިން ވަޙީދު ތަފާތުކަން ފާހަގަވާންފެށިއެވެ. ޒުވާން ކަމުގެ ތެރޭން ނިކުމެގެން އައި: ސަކަރާތްޖެހުމާއި، އުނދަގޫކުރުމާއި، ގަޑިޖެހުމާއި، ފަރުވާކުޑަވުމާއި، ހެއްވާ މަޖާކަންކަން ކުރުންފަދަ ކަންކަމަށް ދުވަހަކުވެސް ރުޅިދުރުވުން ނެތަތީ އޭރުވެސް ހައިރާންވެއެވެ. ނިޔާވުމައި ހަމަޔަށްވެސް އެކަމެއް ފެނިފައެއްނެތެވެ. އޭރުވެސް ބުނުއްވާ އެއް ވާހަކައެއް އޮވެއެވެ. ”އިސްމާއީލް ކުރާކަމެއް ލަސްވިޔަސް، ނިމޭއިރު ވަރަށް ފުރިހަމަ ވާނެއެވެ.“ އެކަމަށް އަޅުގަނޑު ވަރަށް އުފާވެސް ވެއެވެ.
1981 ގައި، އޮސްޓްރޭލިޔާ ސަރުކާރުގެ ހިލޭއެހީގެދަށުން ރާއްޖޭގެ ރޭޑިއޯ، ރާއްޖޭގެ ހުރިހާ ރަށަކަށް ލިބޭނޭގޮތް ހެދުމަށް ޕްރޮޖެކްޓެއް ކުރިއަށްގެންދިޔައެވެ. ޕްރޮޖެކްޓް މެނޭޖަރަކީ، އޮސްޓރޭލިޔާ ބޭކަލެއްކަމުގައިވާ މިސްޓަރ ޑި ލާ ހާރޕް އެވެ. ޢަޅުގަޑު ހުރީ އޭނާގެ ދަށުން، ޖޫނިއަރ ޕްރޮޖެކްޓް އޮފިސަރަކަށެވެ. ވަޙީދު ހުންނެވީ އިންފޮމޭޝަން މިނިސްޓްރީގެ ވެރިއަކަށެވެ. ރޭޑިއޯ މޯލްޑިވްސް އެއިރު އޮތީ އިންފޮމޭޝަން ދަށުގައެވެ. ޕްރޮޖެކްޓް ނިމި، ރޭޑިއޯ ހުޅުއްވައިދެއްވީ ރައީސް މައުމޫނެވެ. އަރިހުގައި ހުންނެވީ ވަޙީދެވެ.

ފަހުން އައި ސާޅީސް އަހަރު، ވަޙީދުގެ ފަރާތުން އަޅުގަނޑަށް އެހެންފަރާތަކުން ލިބިފައި ނެތް ކަންތައްތަކެއް ލިބެންފެށިއެވެ. ކުލުނާއި ލޯތްބެވެ. އެހީތެރިކަމާއި އިރުޝާދެވެ. ނަސޭހަތާއި ހިނިތުންވުމެވެ. މަޑުމައިތިރި މުޢާމަލާތެވެ. އަމިއްލަކޮންމެ ފަދަ ވާހަކައެއްވެސް، ވަޙީދަށް ނަންގަންނަން ލަދެއް ބިރެއް ނޯވެއެވެ. އަޅުގަޑުގެ ހުރިހާސިއްރެއް ވަޙީދުއާއި ހިއްސާކޮށް ލަފާ ހޯދަމެވެ. އަޅުގަނޑަށް، ވަޙީދު އިތުބާރު ކުރައްވާކަން އެނގެއެވެ. އެކުވެރިކަމުގެ ގުޅުމަށްއެއްވެސް ބަދަލެއްނައިސް ނިޔާވުމާއި ހަމަޔަށް އެ އިތުބާރު އޮތެވެ.
އަޅުގަނޑު ވަޙީދު ދުށީ ފަންނުވެރި އެޑްމިނިސްޓްރޭޓަރއެއްގެ ގޮތުގައެވެ. 1980ގެ ކުރީކޮޅު ވާލްޑްވިއު އިންޓަރނެޝަނަލް ފައުންޑޭޝަން (WIF) ގެގޮތްޕެއް ރާއްޖޭގައި ހިންގިއެވެ. އެއީ އެންވަޔަރމެންޓްއާއި ޤުދްރަތީ ކުޅި ފާ ފަދަތަންތަން ރައްކާތެރި ކުރުމާއި، ކުދި އާބާދީގެ ތަރައްޤީއަށް މަސައްކަތްކުރުމާއި، އަންހެނުން ވިހެއުމާއި މާބަނޑު ދުވަސްވަރުގެ ކަންކަމަށް ހޭލުންތެރިކުރުމާއި، ދުންފަތާ ދުރުކުރުމާއި ސިއްހަތައްގެއްލުންހުރި ކަންކަމުން ރައްޔިތުން ހޭލުންތެރި ޕްރޮގްރާމްތައް ހިންގުން ފަދަ ކަންކަންކުރާ އެން.ޖީ.އޯ. އެކެވެ. މިތަން ހިންގުމަށް އެންމެއިސްމީހަކަށް ހުންނެވީ މަޑުލު މުހަންމަދު ވަޙީދެވެ. ”ހޭވާ ހޭވާ…..“(ފުރަތަމަ ނެރުން)، ”ދުމާ ދުންފަތާ….“ ފަދަ ހޭލުންތެރިކަމުގެ ލަވަތަކުގެ ވީޑިއޯ ފުރަތަމަ ނެރެ އާންމުވެގެން ދިޔައީ ވަޙީދުގެ މޭސްރިތިކަމުގެ ދަށުން (ޑަބްލިޔު.އައި.އެފް.) އިންނެވެ. ޒުވާން ލިޔުންތެރީންނާއި، ތަރުޖަމާނުން، ކެމެރާމަނުން އަދި އެޑިޓަރުން ތައްޔާރު ކުރައްވާ އެކުދިންލައްވާ މަސައްކަތްކުރެއްވި ވެރިއެކެވެ. ޒުވާނުން ބާރުވެރި ކުރުވުމަށް ވަޙީދު ވަރަށް އިސްކަން ދެއްވެވިއެވެ.
މަޑުލު މުހަންމަދު ވަޙީދަކީ އާއިލާއާއި ރަޙްމަތްތެރިންނަށް އެހީތެރިވާ ވަރަށް ހެޔޮ ބޭކަލެކެވެ. ވަޙީދު އަޅުގަނޑު ގޮވައިގެން އުފަންރަށް، ހއ. ހޯރަފުއްޓަށް މުދާއުފުލާ ބޯޓެއްގައި ކަނޑުމަގުން ދުރުވިއެވެ. އެއީ 1985ގެ މެދުތެރެއެވެ. އަޅުގަންޑުގެ ޝަވްޤަކީ ފޮޓޯނެގުމެވެ. ޑިޖިޓަލް ޒަމާނެއްނޫނެވެ. ކެމިކަލް ފިލްމު ކެމެރާއެވެ. އެދަތުރުގައި ވަރަށް ރަގަޅު ފޮޓޯ ނެގި، ނޮވެލްޓީން ޕަބްލިޝް ކުރެވިފައިވާނެއެވެ. ވަޙީދުގެ އެހީތެރިކަމާއި އެކުގައެވެ. ތިމާގެ ބޭފުޅުންނާއި ބައްދަލުކުރައްވާ އަޅުގަނޑަށް ތަޢާރަފްކޮށްދެއްވިއެވެ. ވަކިވަކިން ހުރިހާ ގެއަކަށް ވެންނެވެވިއެވެ. ކުޑައިރުގެ ހަނދާންތައް އާކުރައްވާ އޭރުގެ ވާހަކަތައް އަސަރާއެކު ހިއްސާކުރެއްވެވިއެވެ. މިދަތުރު ވެގެންދިޔައީ ވަޙީދު އާއި އަޅުގަނޑު ތިމާގެ ކުރުވި ދަތުރަކަށެވެ.


ވަޙީދަކީ މުވައްޒަފުންނަށް ވަރަށް ހަމްދަރުދީވާ ބެއިކަލެކެވެ. ޓީ.ވީ. މޯލްޑިވްސް ހިންގެވުމަށް ހުންނެވި ދުވަސްވަރު، ޒުވާން ކެމެރާމަނަކު ކުރެވުނު ކުށެއްގެސަބަބުން، ޤަޥާއިދުގައިވާގޮތުގެ މަތިން ޖުރިމަނާ ކުރެއްވެވިއެވެ. މުސާރައިން ކަޑާގޮތަށެވެ. ކެމެރާމަން މުސާރަނަގަން ދިއުމުން، ފުލްމުސާރަ ލިބުނެވެ. މިވީ ކިހިނެއްތޯ ކެމެރާމަން ސުވާލުކުރުމުން އެގުނީ، ޖުރިމަނާ ކުރަން އެންގެވި ފަރާތުން، އެބޭފުޅާގެ މުސާރައިން އެބައި ދެއްވާފަވާ ކަމެވެ. ކޮންފަދަ ހިތްހެޔޮކަމެއްތޯއެވެ. އެއީ ވަޙީދެވެ.
ވަޙީދަކީ ސާފުތާހިރުކަމުގެ ވެސް ލާމަސީލް ބޭކަލެކެވެ. އަބަދުވެސް ވަރަށް ރީތިކޮށް ހުންނަވަން ބޭނުންވެލައްވަ ވައެވެ. މީރުވަސް ދުވާ ސެންޓަށް ލޯބިކުރަށްވަ ވައެވެ. އަޅުގަނޑާ އެކު ސެންޓު ބައްލަވައިގަންނަވަން ގިނައިން ދުރުވެއެވެ.
އިންފޮމޭޝަން މިނިސްޓްރީ ހިންގަވަން ހުންނެވި ދުވަސްވަރު ސަރުކާރުގެ ކަލަންޑަރު ގެ ގޮތްގަޑު ބަދަލުކޮށްލެއްވެވި އެވެ. އަޅުގަނޑު އުޅެނީ ނޮވެލްޓީގައި ކަމަށްވެފައި އަދި ކަލަންޑަރު ޗާޕްކުރަނީ އެތަނުންކަމަށްވާތީ، އެއްދުވަހަކު އަޅުގަނޑާ ގުޅުއްވާ މިނިސްޓްރީއަށް ގެންދެވިއެވެ. ބުނުއްވީ، އަންނަ އަހަރުން ފެށިގެން، ކަލަންޑަރު ދިވެހި ތީމްއަކަށް ބަދަކުރައްވަން ބޭނުންވެލައްވާ ކަމަށެވެ. އަންނަ އަހަރު ދިވެހި މާމެލާމެއްޔެވެ. ބާރަ މަހަށް، ބާރަ މައުގެ ފޮޓޯހޯދާ އޭގެ ދިވެހި ނަމާއި ސައިންޓިފިކް ނަން ހޯދުމަށެވެ. ފިނިފެންމާ އެއްމަލަކަށް އޮންނަންވާނެ ކަމަށް ބުނުއްވިއެވެ. އޭގެ އަނެއް އަހަރަށް ދިވެހި ބޮލި ތައާރަފު ކުރާނީއެވެ. ކޮންމެމަހަކަށް ބޮއްޔެކެވެ. އެކަން އެގޮތައް ކުރުންވީ ވަރަށް ރަނގަޅު ކަމަކަށެވެ. ދިވެހި ނަންތައް ދެއްވީ ހ. ތަނޑިރަތްމާގެ ޝަފީޤްއެވެ.
ބޭރުމީހުނަށާއި ދިވެހި ކުދިންނަށް ދިވެހި ޤުދްރަތީ ތަކެތި ދަސްވުމަށް ބާރަކަށް ވިއެވެ. މިއީ، އަޅުގަނޑުގެ ނަޒަރުގައި ދިވެހި ވަންތަކަން ތައާރަފު ކުރެއްވުމަށް، މިނިސްޓްރީން، ވަޙީދުކުރެއްވި ވަރަށް މޮޅު ބުއްދިއެކެވެ. މިކަން ތިން އަހަރެއް ވަންދެން ދެމިއޮތެވެ.
1984ވަނަ އަހަރު ސަރުކާރުން ދިވެހި ބޮޑު ސްކްރީން ފިލްމެއް ނެރުއްވުމަށް ޤަސްތުކުރައްވާ، މިސްރުގެ ފިލްމް އުފެއްދުންތެރިއަކު ގެންނެވިއެވެ. އަދި މޯލްޑިވްސް ފިލްމް ކޮމްޕެނީ އުފައްދަވާ، ވަޙީދަކީ ޑިރެކްޓަރކަމުގައި ވިއެވެ. އެންމެ ބޮޑު މައްސަލައަކަށް ދިމާވީ އެޒަމާނުގައި، ކެރޭ ދިވެހި ޒުވާން އަންހެންކުދީން ނުލިބުމެވެ. މިކަމަށް އަލިމަގެއް ހޯއްދެވުމަށް، ޑައިރެކްޓަރާއި އެކު އައްޑުއަށް ދުރުވީ ވަޙީދެވެ. އިންޓަވިއު ތަކާއި ސްކްރީން ޓެސްޓްތަކާ އެކު ހޮއްވެވީ މަރިޔަމް ރަޝީދާއެވެ. ފަހުން ރާއްޖޭގައި ވިދާލި ބަތޮލާއެކެވެ. ފުރަތަމަ ދިވެހި ބޮޑުސްކްރީން ފިލްމް ‘ޔޫސުފް އެންޑް ޒައިނަބް’ އުފަންވިއެވެ.

މަޑުލު މުހަންމަދު ވަޙީދު ދިވެހިބަހަށް އޮތް ލޯތްބާއި ކޮށްދެއްވި ޚިދުމަތަކީ އެންމެބޭފުޅުންނަށް މާސާފުކޮށް ފެންނަންއޮތް ޙަޤީޤަތެކެވެ. ދިވެހި ލިޔުންތަކުގައި، އިބާރާތްތައް ކުރުކުރުމަށް އަބަދުވެސް ނަސޭހަތްތެރިވެ ލެއްވިއެވެ. ވަރަށްކުރީއްސުރެ އަޅުގަނޑުގެ ހުރިހާ ލިޔުމެއްގެ ކުށްފިލުވާ، އިބާރާތް ރަގަޅު ކުރައްވަނީ ވަޙީދެވެ. ނޮވެލްޓީގައި އަޅުގަނޑު އުފެއްދި ހުރިހާ އުފެއްދުމަކާއި އޭގެ ފަހުން މިއަދާ ހަމައަށް އަމިއްލައަށް ޕަބްލިޝް ކުރެވިފައިވާ ދިވެހި/އިގިރޭސި ކޮންމެ އެއްޗަކީ ވަޙީދުގެ ބެއްލެވުމަށް ފަހު، އެދިލެއްވި ބަދަލެއް ގެނެވިގެން ނެރެފައިވާ އެއްޗެއްސެވެ. އަޅުގަނޑު މިފަދަ ކަމަކަށް އެދޭ ކޮންމެ ފަހަރަކު ފޮތް ފާސްކުރުމާއި ހަމައަށް، ފަރުވާތެރި ކަމާ އެކު ކޮށްދެއްވައެވެ. ހަމައެއާ އެކު، ވަޙީދު ކަމަކަށް އެދިލައްވައިފި ނަމަ، އަޅުގަނޑަށް ވެވޭ އެންމެ ފުރިހަމަ އަކަށް އެކަމެއް ކޮށްދެވޭތޯ ބަލަމެވެ.


2020 ވަނަ އަހަރު އަޅުގަނޑު، ވަޙީދު އޮފީހަށް ގެންދަވާފައި އެދިލެއްވީ ކުރަންބޭނުން ވެލައްވާފައިވާ ބޮޑު ކަމަކަށެވެ. ބުނުއްވީ، ތިމަންނާ މަރުވުމުގެ ކުރިން، ތިމަން ލިޔެފައިވާ ދިވެހި ކުރު ބައެއް ވާހަކަތަކުގެ އިނގިރޭސި ފޮތެއް ޗާޕުކޮށްގެން ނެރެން ބޭނުން ވެލައްވާ ވާހަކައެވެ. އަޅުގަނޑު ނަންގަތީމެވެ. ތި ވާހަކަތައް އިގިރޭސިބަހަށް ތަރުޖަމާ ކުރައްވައިފީމު ތޯއެވެ. އެކަންނިމެނީ ކަމަށް ބުނުއްވުމުން، އަޅުގަނޑުއެދުނީ ފޮތުގެ ސައިޒާއި، ބޭރުގަނޑުގައި އޮންނާނޭ ފޮޓޯގެ ތަސައްވުރެކެވެ. ބުނުއްވީ، ބޭރުގަޑުގައި އޮންނަން އެދެނީ، ބަބުކެޔޮ ގަހެއްގައި އެލުވާފައި ހުރި ކުޑަ އުދޯއްޔެއްގައި، ހަނޑޫހ ޮވަން އިންނަ ދިވެހި ޒުވާން އަންހެން ކުއްޖެއްގެ ކުރެހުމެކެވެ. އަޅުގަނޑު ނަންގަތީމެވެ. ތި ފޮތް ނެރެން ބޭނުންވަނީ ދުނިޔޭގައިވ ވެސް ތިފަދަ ފޮތެއް އޮންނާނެ އެންމެ ރަގަޅު ފެންވަރަކަށެވެ. ހާޑު ކަވަރު ލާފައި އެތެރޭ ކޮންމެ ވާހަކައަކަށް، އެވާހަކައަކާއި ގުޅޭކުރެހުމެއްލައިގެނެވެ. ކުރެހުންތައް ފުރިހަމަކުރުންވީ ވަރަށް އުދަގޫކަމަށެވެ. އިންޓަނެޓުން މިފަދަ ކުރެހުން ކުރަހާ ކުދިންނާ ބައްދަލުކޮށް، ތަފްސީލްކޮށް ލިޔެ ކިޔަދީ، ކުރެހުމުގެ ވަކި ހިސާބަކުން، ކުރެހުމުގެ ދިވެހި ވަންތަކަން ކެޑި، ހުއްޓެނީއެވެ. އަޅުގަނޑަށް ކަމުނުގޮސްގެން ބަދަލު ގެންނަންބުނާތީ ފޫހިވަނީއެވެ. ދެ މަހަށް ފަހު، އިންޓަރނެޓުން ދިމާވި ކުއްޖަކު، އަޅުގަނޑުގެ ބަދަލުކުރުމަކަށް ހިތްހަމަނުޖެހުމެއް ނެތެވެ. އެއް ކުރެހުމަށް 15 ބަދަލު އެކިފަހަރު މަތިން ގެނެވުނެވެ. ގިނަފަހަރަށް މި ބަދަލުތައްގެނެވެނީ، ޓައިޕްކޮށް އަދި އަވަސް ކުރެހުމުން ދައްކައިގެނެވެ. އަޑުން ވާހަކަދައްކައިގެނެއް ނޫނެވެ. ފޫހިކަމެއް ނެތި، ގެންނަ ބަދަލުތައް ބަލައިގަތް އަންހެންކުއްޖާއާ ހުރިހާ ކުރެހުމެއް ހަވާލުކޮށް ނިންމާލީއެވެ. ނިމުނުއިރުވެސް އަޅުގަނޑު އެކުއްޖާއާ ބައްދަލުވެ ފެނިފައެއް ނެތެވެ. ފޮތުގެ ލޭއައުޓް ހަދާ އިންޑިއާއަށް ގޮސް ޗާޕްކޮށް، ރާއްޖެ ގެނެސް ވަޙީދު އާ ހަވާލުކުރެވުނެވެ. ވަރަށް އުފާފުޅު ވެލެއްވެވިއެވެ. ހިސާބަކަށް ފޮތްބެއްސެވިއެވެ. ފަހުން އަޅުގަޑާ ހަވާލުކުރައްވައިގެން ޑިއުޓީފްރީގައި ވިއްކަނީއެވެ.

ދެވަނަ އެހީއަކަށް އެދިލެއްވީ، 2022 ގައި އެކުވެރި ސަމަރބުލޫ އިބްރާހީމް މަނިކު ނިޔާވިތާ ސާޅީސް ވިފަހުންނެވެ. އޮފީހަށް ގެންދަވާފައި ބުނުއްވީ، އިބްރާހީމް މަނިކާ ބެހޭ ހަނދާނީ ފޮތެއްނެރެން ތިމަންނާ ބޭނުންވެލައްވާކަމަށެވެ. އިބްރާހީމް މަނިކު އަރިހުގައި ގިނަދުވަހު އުޅުނު އެކުވެރިންނާއި ދުވަސްވީ މުވައްޒަފުންގެ ލިސްޓެއް ތައްޔާރުކޮށް ލިޔުން ހޯއްދަވާނެކަމަށް ބުނުއްވިއެވެ. އަޅުގަނޑު ކޮށްދޭންވީ ކަމަކީ ލޭއައުޓް ހަދާލަ ދިނުމާއި ލިޔުންތެރީންގެ ފޮޓޯ ހޯދާ ދިނުމެވެ. އަދި އަޅުގަނޑުގެ ލިޔުމެއް ވެސް އޮންނަންވާނެ ކަމަށް ބުނުއްވިއެވެ. އަޅުގަނޑުގެ ލިޔުންގެނެސް ކުށްފިލުވަން ދިނުމުން، އެކަން ނިންމަވާފައި ބުނުއްވިއެވެ. ނެތިދާމީހުންގެ ވާހަކަ ލިޔާ ފޮތެއްގައި ލިޔުން ހުންނަންވާނީ މިފަދަ ގޮތަކަށެވެ. ކިޔާހިތްވާ ގޮތަށް ގެނެސްދީފައިވާ، އެމީހަކާ އެކީ ކުރެވިފައިވާ ތަޖުރިބާތަކެވެ. ދިގަސް ފޫހިކަމެއް ނެތި ކިޔާލެވެއެވެ. ވަރަށް ފުރިހަމައެވެ. އެފޮތް ވުޖޫދަށް ގެނައުމަށް ވަޙީދު އިންތިހާއަށް މަސައްކަތް ކުރެއްވިއެވެ. ވަޙީދުގެ އެދިލެއްވުގެ މަތިން ޕީ.އެސް.އެމް. އިން އެފޮތް ޗާޕްކޮށް ފުރިހަމަކޮށްދެއްވީ އޭރުގެ އެމް.ޑީ. ޢަލީ ޚާލިދުއެވެ. މިކަމާވެސް ވަޙީދު ވަރަށް އުފާކުރެއްވިއެވެ. މިކަމުންވެސް އެނގޭކަމަކީ، ޚިދުމަތްކޮށް ދުނިޔެ ދޫކުރައްވާ ބޭފުޅުންނާ ބެހޭ ފޮތެއް އޮތުމަކީ ވަޙީދު ވަރަށް އެދިލައްވާ ކަމެއްކަމެވެ.
ވަޙީދަކީ ދިވެހި އަދަބީ/ ނަސޭހަތުގެ ފޮތް ލިޔުއްވާ، އަމިއްލަ ޚަރަދުގައި ޗާޕްކުރައްވައި ހިލޭ އެކިއެކި ފަތާތްތަކަށް ބައްސަވާ ހައްދަވާ ބޭކަލެކެވެ. އެކި ރަހުމަތްތެރިންގެ ހަވާލުގައި ތަފާތު ރަށްރަށަށް ފޮނުއްވާ ހައްދަވައެވެ. އިނގިރޭސި ލިޔުން، ސާފު ރީތި ދިވެހިބަހަށް ތަރުޖަމާ ކުރެއްވުމަކީ، ވަޙީދުގެ ވަރަށް ޙާއްޞަ ފަންނެކެވެ. އަޅުގަނޑު ކައިރީ ބުނުއްވި ގޮތުގައި، އެންމެ ފަހުން ކުރެއްވި ބޮޑު އުނދަގޫ މިފަދަ މަސައްކަތަކީ، އެޗް.ސީ.ޕީ. ބެލް ގެ މޮނޯގޮރާފް ތަރުޖަމާކުރައްވާ ނިންމެވުމެވެ. ނިޔާވިރު ހުންނެވީ އެފޮތް ޗާޕްކުރެވިގެން ނެރެވޭ ދުވަހެއްގެ އިންތިޒާރުގައެވެ.
ދިވެހި ބަސް ދަސްކުރުމަށް ބޭރުކުދިން ރާއްޖެއައިސް ޔުނިވަރސިޓިއާ ގުޅެއެވެ. އެއްދުވަހަކު، ވަޙީދު ބުނުއްވައިގެން އެއޮފީހަށް ދިއުމުން ވަންނަން ބުނުއްވުމުން، ކޮޓަރިކޮޅަށް ވަންއިރު، ވަޙީދު އަރިހުގައި، މޭޒުގެ އަނެއްފަރާތުގައި ބޭރުޤަވްމެއްގެ ޒުވާން ދެ އަންހެންކުދީން ތިއްބެވެ. އަޅުގަޑު ވަނުމުން، މޭޒުކައިރީ ގޮޑިއެއްގައި އިށީންނަން ބުނުއްވިއެވެ. އިށީނުމުން، އެ ދެކުދީން އަޅުގަނޑަށް ތަޢާރަފްކޮށްދެއްވެވިއެވެ. ބުނުއްވީ މީ ޖަޕާނުން ދިވެހިބަސް ދަސްކުރަން ރާއްޖެ އައިސްތިބި ދެކުދީން ކަމަށެވެ. އެކުދިންނަށް އަޅުގަނޑު ތަޢާރަފްކޮށް އެރުވިއެވެ. އަޅުގަނޑު އެކުދީންނަށް ވާހަކަފެއްޓީ އިގިރޭސި ބަހުންނެވެ. އެކުދީން އަޅުގަނޑާއި ޖަވާބުދާރީވީ، އަޖައިބު ވާހާފުރިހަމަ ސާފު ދިވެހި ބަހުންނެވެ. އޭގެފަހުން އަޅުގަނޑުވެސް ދިވެހި ބަހުން ވާހަކަކުރިއަށް ގެންދިޔައީއެވެ. އެކުދިން ވަޙީދުއަށް ވަރަށް ޢިޙްތިޜާމްކޮށް ޤަދަރުކުރިއެވެ. ދެކުދީންވެސް އެކި ދަރަޖައިން ދިވެހި ބަހުން ވާހަކަ ދެއްކިއެވެ. ތަފާތު ދަރަޖައިން ދިވެހި ބަހުން ވާހަކަ ދެއްކުމަކީ ގިނަޒުވާން ދިވެހިނަށްވެސް ނުވާކަމެކޭ އަޅުގަނޑު އެކުދީން ކައިރީ ބުނީމެވެ. އެކުދީން ބުންޏެވެ. މިކަން މިހާފުރިހަމައަށް މިވީ ޕްރޮފެސަރ ވަޙީދުގެ މޮޅުކަމުންނެވެ. ކިޔުއްވައިދެއްވާލެއް ފުރިހަމަކަމުންނެވެ. އެދެކުދީން މިހާރުވެސް ޖަޕާނުގައި ދިވެހިބަސް މީހުންނަށް އުނގަންނައިދެއެވެ. އެކުދން ވަޙީދަށް ކިޔުއްވަނީ ޕްރޮފެސަރ އެވެ.
މިއީ، އަޅުގަނޑަށް އެނގިފައިނުވާ ވަޙީދުގެ މުޅިންއައު ފަންނެކެވެ.
ބަލިހާލު ބޮޑުވެ ބޭރަށް ދުރުވެވޭވަރު ނުވަންދެން، އަޅުގަނޑުމެން އެކުވެރީންނާ އެކު ހިޔާލު ބަދަލުކޮށްލާ ސައިބޯލުމަށް ދުރުވެއެވެ. ގާތްގަޑަކަށް ކޮންމެ ހަފުތާއަކު ހޮނިހިރު ދުވަހު ހަވީރުއެވެ. މަޑުމައިތިރިކޮށް ވަރަށް ހަރުދަނާ ވާހަކައެއް ނޫނީ ފަހުން ނުދައްކަވައެވެ. ގިނައިން އިންނަވާނި އަޑުއައްސަވާށެވެ. އެވަގުތު ކޮޅަކީ ވަރަށް ހިތްހަމަޖެހޭ ވަގުތުކޮޅަކަށް ވެއެވެ.
އަޅުގަނޑުގެ ދުޢާއަކީ، މާތްﷲ، މަރްޙޫމް ވަޙީދުގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވާ ޢާއިލާއަށް ކެތްތެރިކަންދެއްވައި، ވަޙީދުގެ އަގުހުރި ޚިދްމަތްތައް ފަނޑުވުމެއްނެތި މި ދިވެހި މުޖްތަމަޢުގައި ދެމިހެއްޓިގެން ދިއުމެވެ. އާމީން!


Dear Dr.Hasan,
Thank you very much for publishing my article on Late Madulu Mohamed Waheed on your website. This has been an exposure of my write up, and no doubt I got numerous positive feedback. it has years since i wrote dhivehi articles and this will boost my ego to write more. Thank you for your support and assistance.
ވަޙީދާއި ބެހޭގޮތުން ކުރިން އަޅުގަނޑަށް އެނގެނީ އެއީ މަޑުލު ވަޙީދު ކަމެވެ. އޭނާގެ ލިޔުއްވުންތައް ކިޔާލަން ފަސޭހަވެފައި ކިޔައި ނިމޭއިރު ފަހުމްވާލެއް ފުރިހަމަ ކަމެވެ. އިސްމާޢީލްގެ ލިޔުއްވުން ކިޔާލީމަ އެވާގޮތް އަދިކިރިޔާ މިއެނގުނީއެވެ. އެއީ ލިޔުމުގައި ކުރުކޮށް ޢިބާރާތް ކުރެއްވުމަށް އިސްކަން ދެއްވާތީއެވެ.
އިސްމާއީލްގެ އެދިލެއްވުމަށް މަޑުލު ވަޙީދުގެ ފޮތްތަކެއް ފުވައްމުލަކުގެ ސްކޫލްތަކަށް ހަދިޔާ ކުރުމަށް އެހީތެރިވާން އަޅުގަނޑު ޙަވާލުވީމެވެ.
މި ލިޔުން ކިޔާ ނިންމާލިއިރު ވަޙީދުއާ ގުޅޭ އިތުރު އެތައް ކަމެއް އެނގިއްޖެއެވެ.