ތާނަ ލިޔާ ކުރީގެ ޕްރޮގްރާމްތަކުގެ ފައިލްތައް

މައިކްރޯސޮފްޓް ވާރޑް އަށް ބަދަލުކުރާނޭ އެންމެ ފަސޭހަގޮތް


 

ބައެއް ފަރާތްތަކުން މިއީ އަޅުގަނޑާ ކުރާ ސުވާލެކެވެ. ”އަޅުގަނޑުގެ އަތުގައި ތާނަ ލިޔާ ކުރީގެ ޕްރޮގްރާމަކުން ލިޔެފައިވާ މުހިއްމު ލިޔުންތަކެއް އެބަހުއްޓެވެ. މި ފައިލްތައް، މައިކްރޯސޮފްޓް ވޯޑަށް ބަދަލުކުރާނީ ކިހިނަކުންތޯއެވެ؟“

އެންމެ ފުރަތަމަ އަޅުގަނޑު އެދެން ޖެހެނީ ތިޔަބޭފުޅުންގެ ފަރާތުން ދީލަތި މަޢާފަކަށެވެ. އިނގިރޭސިބަހުން މި ލަފުޒު Word ކިޔަނީ ”ވާރޑް“ މިހެންނެވެ. ވޯޑު ކިޔަނީ ހޮސްޕިޓަލްތަކުގައި ބަލިމީހުން ތިބޭ ކޮޓަރި ތަކަށެވެ. އަދި އަވަށް އަވަށަށެވެ. އެހެންކަމުން، ހުރިހާ ބޭފުޅުން މައިކްރޯސޮފްޓް ވާރޑް ކިޔުއްވަން ފަރިތަކުރައްވަމާތޯ އެވެ؟ މައިކްސޮފްޓުން ހިންގާ ހޮސްޕިޓަލް ކޮޓަރި ބަރިއެއް ރާއްޖެ އަކު އަދި ނުހުރޭ ނޫންތޯއެވެ؟ ނަމަވެސް ތިޔަ ހުރިހާ ބޭފުޅުން އެއްބަސްވެ ވަޑައިގެންފިނަމަ  އަޅުގަނޑު ވެސް ”ވޯޑު“ ކިޔަން ފަށާފާނަމެވެ. އެއީ ދިވެހި ބަހުން ބަންގާޅު މީހުންނާ ވާހަކަ ދައްކާއިރު، އެމީހުންނަށް ”އެނގޭ ގޮތަށް“ އަޅުގަނޑުމެން ”އަވަސް ބޭނުން،“ މިފަދަ ޢިބާރާތްތައް ބޭނުން ކުރާ ފަދައިންނެވެ. މުހިއްމީ މުވާޞަލާތު ކުރުން ނޫންތޯއެވެ؟

މި މަޒުމޫނުގައި އަޅުގަނޑު ދެންނެވޭތޯ  ބަލާނީ ކުރީގެ ޕްރޮގްރާމްތަކުން ލިޔެފައިވާ ތާނަ ހިމެނޭ ފައިލްތައް މައިކްރޯސޮފްޓް ވާރޑް އަށް ބަދަލުކުރާނޭ އެންމެ ފަސޭހަ ގޮތެވެ. އަޅުގަނޑުގެ އަމާޒުގައި ވަނީ ކޮމްޕިއުޓަރުން ތާނަ ލިޔެލެއްވޭ ފެންވަރުގެ ބޭފުޅުންނެވެ. ކޮމްޕިއުޓަރ ސައިންސްގެ ރޮނގުން މާ މައްޗަށް ކިޔަވާވިދާޅުފައިވާ ބޭފުޅުންނެއް ނޫނެވެ. އެހެންކަމުން މިއީ ކުރީގެ ޕްރޮގްރާމްތަކުން ތާނަލިޔުއްވަން އެނގިވަޑައިގެން ކޮންމެ ބޭފުޅަކަށް ކުރެއްވޭނޭ ކަމެއްކަން ޔަޤީން އެވެ. ނަމަވެސް، ބަދަލުކޮށްލާ ގޮތުގެ ސަބަބުތަކާއި މިކަން ކުރެވޭނޭ އެހެންގޮތްތައް އެނގިވަޑައިގަތުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްޕުޅުތަކަށް، އިތުރު މަޢުލޫމާތުތަކެއް މަޒުމޫނުގެ ފަހުކޮޅުގައި ހިމަނާނަމެވެ.

އާދެ! ކުރީގައި ތާނަ ލިޔަން ދިވެހީން ތަފާތު އެތައް ޕްރޮގްރާމެއް ގެންގުޅުނެވެ. މި ޕްރޮގްރާމްތަކުގެ ތެރޭގައި، ”މަލްޓިލިންގުއަލް ސްކޮލަރް“ ، ”އެކްސެންޓްް“ ، ”ފަސޭހަ ތާނަ“ ، ”ޔުނިވަރސަލް ވާރޑްް“ ، ”ޕޭޖްމޭކަރް“ ، ”އިންޑިޒައިންް“ ފަދަ ޕްރޮގްރާމްތައް ހިމެނެއެވެ. މިއިން ކޮންމެ ޕްރޮގްރާމަކުން ވެސް ތަފާތު ރަމްޒުތަކެއްގެ ގޮތުގައި ފައިލްތަކުގައި ތާނަ އަކުރުތައް ހިމާނާފައި ހުރެދާނެއެވެ، އަކުރުތައް ކޮންމެ ރަމްޒަކުން ހިމަނާފައި ހުއްޓަސް އަޅުގަނޑު މިދަންނަވާ ގޮތް ބޭނުން ކުރައްވައިގެން ފައިލް ކާމިޔާބު ކަމާއެކު ”ވާރޑް“ އަށް ބަދަލު ކޮށްލެވިދާނެއެވެ.

މަލްޓިލިންގުއަލް ސްކޮލަރ


mls4splash

މަލްޓިލިންގުއަލް ސްކޮލަރ މަޝްހޫރު ވެފައިވަނީ ކުރުކޮށް ކިޔާގޮތަށް، އެމް.އެލް.އެސް ގެ ނަމުގައެވެ. މިއީ ވިންޑޯޒް ގެ ކުރިން ބޭނުންކުރި އޮޕަރޭޓިންގ ސިސްޓަމް ކަމުގައިވާ ޑިސްކް އޮޕަރޭޓިންގ ސިސްޓަމް (ނުވަތަ ޑޮސް) ގައި ހިނގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުން ލިޔެފައިވާ ފައިލްތައް ”ވާރޑް“ އަށް ބަދަލުކުރުމަށް އެންމެ ފަސޭހަ ގޮތަކީ ތިރީގައި މިވާ ވެބް ޞަފުޙާގައިވާ ޕްރޮގްރާމް ޑައުންލޯޑުކޮށްގެން ބަދަލުކުރުމެވެ.

http://www.jawish.org/blog/archives/76-Accent2RTF-Converter-and-MLS-Converter.html

ކަންދިމާވާގޮތުން، ތިޔަ ބޭފުޅާ ގެންގުޅުއްވާ ކޮމްޕިއުޓަރުގައި، މަތީގައިވާ ލިންކުން ޑައުންލޯޑުކުރައްވާ ޕްރޮގްރާމް ހިނގާގޮތް ނުވެއްޖެނަމަ، ތަންކޮޅެއް ކުރީގެ ވިންޑޯޒް އެއް އަޅާފައި ހުރި ކޮމްޕިއުޓަރެއްގައި އެ ޕްރޮގްރާމް ހިނގާނެއެވެ. ކުރީގެ ވިންޑޯޒްއަށް ހަދާފައި ހުންނަ ޕްރޮގްރާމްތައް ވިންޑޯޒްގެ ފަހު އިސްދާރުތަކުގައި ހިންގުމުގައި ނުވަތަ ”ރަން“ ކުރުމުގައި މައްސަލަތަކެއް މެދުވެރިވެދާނެއެވެ. ނަމަވެސް، ކުރީގެ ޕްރޮގްރާމްތައް މިހާރުގެ ވިންޑޯޒްގައި ވެސް ހިނގާގޮތް ހެދެއެވެ. އެކަމަކު، މިއީ މިމަޒުމޫނު އަމާޒުކުރެވޭ ފަރާތްޕުޅުތަކަށް ދަތިފުޅުކަމަށް ވެދާނެއެވެ. ދެން އޮތްގޮތަކީ ޕޭޖްމޭކަރ ފައިލްތައް ބަދަލުކުރާގޮތަށް ޢަމަލު ކުރެއްވުމެވެ.

އެކްސެންޓް


accentexpressjpg

އޮފީސްތަކުގައި ވަރަށް އާއްމުގޮތެއްގައި ތާނަލިޔަން ގެންގުޅުނު ޕްރޮގްރާމަކީ އެކްސެންޓް އެވެ. މި ޕްރޮގްރާމުން ލިޔެފައިވާ ފައިލްތައް ވާރޑް އަށް ބަދަލުކުރެވޭނެ ޕްރޮގްރާމެއް އިހުބުނުވުނު ވެބްޕޭޖުން ޑައުންލޯޑު ކުރެވޭނެއެވެ. ކަންދިމާވާގޮތުން، އެކަން ކުރަން ދަތިފުޅު ނަމަ، ދެން އޮތީ ދެ ގޮތެކެވެ.

ފުރަތަމަ ގޮތަކީ އެ ޕްރޮގާމް އަޅާފައިވާ ކޮމްޕިއުޓަރަކުން ފައިލްތައް ހުޅުވައި މައިކްރޯސޮފްޓް ވާރޑް ހުޅުވުމަށްފަހު، އޭގައި ޕޭސްޓް ކުރެއްވުމެވެ. ދެން އެއަށް ފަހު އަޅުގަނޑު ފަހުން ދަންނަވާ ގޮތަކަށް ކަންތައްތައް ކުރެއްވުމެވެ.

ދެވަނަ ގޮތަކީ މައިކްރޯސޮފްޓް ވާރޑް އިން ފައިލް ހުޅުވުމެވެ. މިގޮތަށް ފައިލް ހުޅުވުމުން ފެނިވަޑައިގަންނަވާނީ ތާނަކަމަށް ހީފުޅުނުވާ އަކުރުތަކެކެވެ. މިކަމާ މިވަގުތު ކަންބޮޑުވެ ވަޑައިނުގަންނަވާށެވެ. މިއަކުރުތައް ތާނައަށް ބަދަލުކުރާނޭ ގޮތް ފަހުން ދަންަނަވާނަމެވެ.

ފަސޭހަ ތާނަ


”ފަސޭހަތާނައަކީ “ ތާނަ އަކުރުން  މޭނޫތައް ލިޔެވޭ ގޮތަށް ހަދައިގެން ވިންޑޯޒް އެކްސްޕީ ނުކުންނަންދެން ބޭނުން ކުރަމުން ދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ފައިލްތައް ބަދަލުކުރަން އެކްސެންޓް ގެ ޕްރޮގްރާމްތައް ފަދައިން ޢަމަލުކުރެއްވޭނެއެވެ.

ޕޭޖްމޭކަރ އާއި އިންޑިޒައިން


1437298021

ޕޭޖްމޭކަރ ކިޔާ ޕްރޮގްރާމެއްގައި ތާނަ ލިޔެފައިވާ ފަތެއް ނަމަ، މި ޕްރޮގްރާމްގައި ލިޔެފައިވާ ފައިލްތައް ވާރޑް އަށް ބަދަލުކުރަން އެންމެ ރަނގަޅު ގޮތަކީ އިންޑިޒައިން ކިޔާ ޕްރޮގްރާމެއް އަޅާފައި ހުރި ކޮމްޕިއުޓަރަކުން އެ ފައިލްތައް ހުޅުވުމެވެ. މިގޮތަށް ވަރަށް ކުރީގެ ޕޭޖްމޭކަރ ފައިލްތައް ވެސް އިންޑިޒައިން އިން ހުޅުވޭނެއެވެ. ދެން ހުޅުވުމަށްފަހު، މައިކްރޯސޮފްޓް ވާރޑް ގައި ލިޔުންތައް ކޮޕީކޮށް ޕޭސްޓް ކުރާނީ އެއް ޑޮކިޔުމަންޓް ނުވަތަ ފަތުގެ ގޮތުގައެވެ. ދެން އަޅުގަނޑު ފަހުން ދަންނަވާ ގޮތް ހައްދަވާށެވެ.

ވާރޑް (ރެކޯޑަރ ބޭނުންކޮށްގެން)


MSOffice2003_Beta_WordSplash

ބައެއް ބޭފުޅުން، ވާރޑްގައި ރެކޯޑަރ ބޭނުންކޮށްގެން ތާނަ ލިޔުއްވާފައި ހުރެދާނެއެވެ. މިގޮތަށް ލިޔެފައިވާ ފައިލްތައް ވެސް، މިހާރުގެ ވާރޑް ގެ ޑޮކިޔުމަންޓް އެއްގައި ޕޭސްޓް ކުރައްވާށެވެ. ދެން އެއަށްފަހު އަޅުގަނޑު ފަހުން މިދަންނަވާ ގޮތް ހައްދަވާށެވެ.

ކިޔަންނޭނގޭ އަކުރުތަކެއް ހުރި ވާރޑް ފައިލް ކިޔަން އެނގޭގޮތަށް ބަދަލުކުރާނޭ ގޮތް


މިހާ ހިސާބަށް ވަޑައިގެންނެވުނު އިރު ތިޔަ ބޭފުޅުންގެ ކުރިފުޅުމަތީގައި ވާނީ މައިކްރޯސޮފްޓް ވާރޑް ގައި ހުޅުވާފައިވާ ދިގު ޑޮކިޔުމަންޓް އެކެވެ. އެއީ އެމް.އެލް.އެސް 4، ނުވަތަ އެކްސެންޓް ނުވަތަ ފަސޭހަތާނަ ނުވަތަ ޕޭޖްމޭކަރ ފަދަ ޕްރޮގްރާމަކުން ކުރިން ލިޔުއްވާފައިވާ ތާނަ ފައިލްތައް އެއްކޮށްލާފައި ދިގު އެއް ޑޮކިޔުމަންޓް އެވެ. މި ޑޮކިޔުމަންޓް އިން ތާނައިގެ އެއްވެސް އަކުރެއް ފެނިވަޑައެއް ނުގަންނަވާނެއެވެ. ތާނައިގެ ބަދަލުގައި ހުންނާނީ ފުށު އަރާފައިވާ ނުވަތަ ވަކިން ހުރި އިނގިރޭސި އަކުރުތަކެކެވެ. ނުވަތަ އެހެންވެސް ނިޝާންތަކެކެވެ. ފިކުރުފުޅު ބޮޑު ނުކުރައްވާށެވެ.

ދެން ހައްދަވަން ޖެހޭނީ ޑޮކިޔުމަންޓްގައި ފޮރުވިފައިވާ ތާނަ ފިލިތަކާއި އަކުރުތައް ފެންނަގޮތެވެ. މިކަން ކުރައްވަންދާނީ 30 މިނެއްޓެވެ. ފެންނަގޮތް ހެއްދެވުމަށް އަޅުގަނޑުމެން ޑޮކިޔުމަންޓްގައި މިހާރު އިނގިރޭސި އަކުރުތަކެއްގެ ގޮތުގައި ހުރި އަކުރުތަކާއި ފިއްޔަށް ބަދަލުކުރާނީއެވެ.

މި ބަދަލުތައް ގެނައުމަށް ކުރިމަތީގައިވާ ޑޮކިޔުމަންޓްއަށް ވަރަށް ފަރުވާތެރިކަމާއެކު ބައްލަވާށެވެ. އެންމެ ގިނައިން ފެނިވަޑައިގަންނަވަނީ (ސްޕޭސް ފިޔަވައި) ކޮން އަކުރެއް ތޯއެވެ؟ ފައިލް ބަދަލުކޮށްލުމަށް ލިޔުމުގައިވާ އެންމެ ގިނައިން ބޭނުންކޮށްފައިވާ އަކުރުތައް އެނގެން ޖެހެއެވެ. ތާނައިގައި އެންމެ ގިނައިން ބޭނުންކުރަނީ އަބަފިއްޔެވެ. އެހެންކަމުން، އެންމެ ގިނައިން ފެނިވަޑައިގަންނަވާ އަކުރުވާނީ އަބަފިއްޔަށެވެ. ބައެއް ޕްރޮގްރާމްތަކުގައި މިފިލި ފާހަގަކޮށްފައިވާނީ ސިމްޕަލް އޭ (a) ގެ ގޮތުގައެވެ. އަނެއް ޕްރޮގްރާމްތަކުގައި ސިމްޕަލް ޑަބްލިޔު (w) ގެ ގޮތުގައެވެ. އަދި އެހެން ޕްރޮގްރާމްތަކުގައި އެހެން އަކުރެއްގެ ގޮތުގައެވެ. ތާނަ ލިޔުމުގައި އެކި އަކުރުތައް ބޭނުންކުރެވޭ ނިސްބަތް ތިރީގައި އެވަނީއެވެ. މިއީ އެއްލައްކަ އަށް ވުރެ ގިނަ އަކުރާއި ފިލި ތަފާތު ބާވަތްބާވަތުގެ ލިޔުމުން ގުނީމާ އަންނަ ނަތީޖާއެވެ. އެހެންކަމުން، ލިޔުންގަނޑުގައި އެންމެ ގިނައިން ހިމެނޭ ރަމްޒަކީ އަބަފިލިކަން އަޅުގަނޑުމެންނަށް އެނގެއެވެ. ދެން އެބެފިއްޔެވެ. އެއަށް ފަހު މިގޮތަށް އަކުރުތަކާއި ފިލިތައް ފާހަގަކުރެއްވޭނެއެވެ.

glyphfrequency

އަކުރުތައް ތާނައަށް ބަދަލުކުރަން ދެން ހައްދަވާނެ ގޮތަކީ ވާރޑް ގައި ހިމެނޭ ރިޕްލޭސް ބޭނުންކުރައްވާނީއެވެ. މިސާލެއްގެ ގޮތުން މިކަން ކުރައްވަން އެއް އިނގިލިފުޅުން ކީބޯޑުގެ “ކޮންޓްރޯލް” އަށް އޮބާ ލެއްވުމަށްފަހު، އަނެއް އިނގިލިފުޅުން ”އެޗް“ އަށް އޮބާ ލައްވާށެވެ. ދެން ފެނިވަޑައިގަންނަވާނީ ތިރީގައިވާ ފޮށްޓެވެ.

replacewin

ފޮށީގެ ވާތްފަރާތުގެ އެންމެ ތިރީގައިވާ ”އައިކަން“ އަށް ފިއްތަވާލެއްވުމުން ފޮށި ބޮޑުވާނެއެވެ. ބޮޑުފޮށީގައި ”މެޗް ކޭސް“ ލިޔެފައިވާ ގޮޅިއަށް ފިއްތަވާލައްވާށެވެ.

replacewiext

ދެން މިއަށް ފަހު، މި ބޮޑު ފޮށީގެ އެންމެ މަތީގައި ލިޔުމަށް ހަމަޖެހިފައިވާ ތަނުގައި ކީބޯޑު އިނގިރޭސިއަށް ބަދަލުކުރެއްވުމަށް ފަހު، އެންމެ ގިނައިން ހިމެނޭ އަކުރަކީ w ނަމަ ޑަބްލިޔޫ ޖައްސަވާށެވެ. ދެން ކީބޯޑު ތާނައަށް ބަދަލުކޮށްލައްވާށެވެ. މިއަށް ފަހު ތިރީގޮޅީގައި ތާނައިގެ އަބަފިލި ޖެއްސެވުމަށްފަހު، “ރިޕްލޭސް އޯލް” ލިޔެފައިވާ އައިކަން އަށް ފިއްތަވާލެއްވުމުން މުޅި ޑޮކިޔުމަންޓްގައިވާ ހުރިހާ w އެއް އަބަފިއްޔަށް ބަދަލުވާނެއެވެ. މިއަށްފަހު، އަނެއްކާ ދެން އެންމެ ގިނަ އަކުރު ބައްލަވާ މިގޮތަށް ބަދަލުގެންނަވަމުން ގެންދަވާށެވެ. ދިހަ ވަރަކަށް ބަދަލު ގެންނެވުމުން، ލިޔުން ކިޔަން އެނގިވަޑައިގަންނަވާނެއެވެ. ހުރިހާ އަކުރެއް ބަދަލުކޮށްލަން ދާނީ ބައިގަޑިއިރެވެ. އޮޓޮމެޓިކުން މިކަން ކުރެވޭގޮތް ވެސް ހެދިދާނެއެވެ. ނަމަވެސް، އެންމެ ފަސޭހައިން އެންމެ ޓެކްނިކަލްނޫން ގޮތަކަށް މިކަންކުރެވޭނޭ ގޮތް މިދެންނެވުނީއެވެ. އަޅުގަނޑުމެން ވިސްނަންވީ ކޮންމެ ޕްރޮގްރާމަކުން އުފެއްދި ފައިލެއް ކަމުގައި ވިއަސް އެ ފައިލްގައި ތާނަ އަކުރުތައް ވާކަމެވެ. އެހެންކަމުން އެއީ ގެއްލިދިޔަ އެއްޗެއް ނޫންކަމެވެ. ބޭނުންވަނީ ވާރޑް އަށް ބަދަލުކުރާނޭ ގޮތެވެ.

އޮޅުންފިލުއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އިތުރު ޓެކްނިކަލް މަޢުލޫމާތު


1970 ގެ އަހަރުތަކުގައި ކޮމްޕިއުޓަރުގެ އެކި ކަންކަމަށް ބޭނުންކުރެވެނީ 128 އަކުރެވެ. މިއަކުރުތަކުގައި ހިމެނެނީ މައިގަނޑު ގޮތެއްގައި އިނގިރޭސި ކެޕިޓަލް އަކުރާއި ސިމްޕަލް އަކުރާއި ލިޔުމާއި ހިސާބުކުރުމާއި ކޮމްޕިއުޓަރގައި ބޭނުންކުރާ އެހެން ނިޝާންތަކާއި ރަމްޒެވެ. މިއަކުރުތަކުގައި ޢަރަބި، ތާނަ އުރުދޫ ފަދަ އެއްވެސް އެހެން ބަހެއްގެ އަކުރެއް ހިމަނާނޭ ޖާގައެއް ނެތެވެ. ދެން މިހެންކަންތައް ވެފައިވަނިކޮށް 1980 ގެ އަހަރުތަކުގައި 256 އަކުރަށް (ކުރިއަށް ވުރެ ދެ ގުނައަށް) މި ޖާގަ އިތުރުވާގޮތް އީޖާދުކޮށްފިއެވެ. މިހެން ކަންތައްތައްވުމުން، އިނގިރޭސި ބަސް ފިޔަވައި އެހެން ބަސްބަސް ލިޔަން ބޭނުންވާ އަކުރުތައް ހިމެނޭ ގޮތް ވެއްޖެއެވެ. އިތުރުވި ޖާގައަށް އިތުރުކުރީ މައިގަނޑު ގޮތެއްގައި ޔޫރަޕުގެ ބަސްތައް ލިޔަން ބޭނުންވާ އަކުރުތަކެވެ. މިއީ ކުރީގެ ތާނަ ޕްރޮގްރާމްތައް ބޭނުންކުރިއިރު އޮތް ޙާލަތެވެ. މި ދުވަސްވަރު ޔޫރަޕުގެ ބަހެއް ފިޔަވައި އެހެން ބަހެއް ލިޔަން ހަދާ ގޮތަކީ، ޔޫރަޕުގެ ބަސްތަކުގެ އަކުރުތައް ހުރި ޖާގަތަކަށް، އިތުރުވި 128 އަކުރުގެ ބަދަލުގައި، އެ ބަހެއް މިސާލަކަށް ޢަރަބި ހިމަނަނީއެވެ. އިޒްރޭލުގެ ބަސްކަމުގައިވާ  ހީބުރޫ ނުވަތަ ޢިބްރީ  ލިޔަން ވެއްޖެނަމަ ވެސް ހަދަނީ މިގޮތެވެ.

ތާނަ ލިޔަން ކުރިން ބޭނުންކޮށްފައިވާ ހުރިހާ ޕްރޮގްރާމަކީ، ހީބުރޫ ލިޔަން އުފައްދާފައިވާ ޕްރޮގްރާމެވެ. ހީބުރޫ އަކީ ތާނަ ފަދައިން ކަނާތުން ވާތަށް އަކުރުތަކުގެ މައްޗާއި ތިރީގައި ފިލިޖަހާފައި ހުންނަ ލިޔުމެކެވެ. އަރަބި އަކުރާ ތަފާތުކޮށް އަކުރުތައް އެއް އަކުރާ އަނެއް އަކުރާ ގުޅިފައެއް ނުހުރެއެވެ. ދެން ހަދާގޮތަކީ އިނގިރޭސި އަކުރުގެ ބަދަލުގައި އެ ހުރި ޖާގަތަކަށް ތާނަ އަކުރުތައް ފައްތަނީއެވެ. ”ޕޭޖްމޭކަރ“ގައި ތާނަ ލިޔަނީ މިގޮތް ހަދައިގެންނެވެ.

ނަމަވެސް، މިގޮތަށް ކަންތައްތައް ކުރުމުން ދުނިޔޭގެ އެހެން ބައެއް ބަސްތަކެއް ނުލިޔެވެއެވެ. މިސާލެއްގެ ގޮތުން ޗައިނާ ބަސް ލިޔަން 3000 ވަރަކަށް ޖާގަ ބޭނުންވެއެވެ. 256 ޖާގައިގައި މިހާ ގިނަ އަކުރުތައް ހިމަނާނީ ކިހިނަކުންތޯއެވެ؟ ދެން ސައިންސްވެރިން ޤަޞްދުކުރީ ދުނިޔޭގައިވާ ހުރިހާ ބަހެއްގެ ހުރިހާ އަކުރެއް ހިމެނޭ ވަރަށް އަކުރުތައް ހިމަނާ ޖާގަ އިތުރުކުރާށެވެ. އެހެންކަމުން މިހާރު އުވިގޮސްފައިވާ އަކުރުތައް ވެސް ހިމެނޭހާ ގިނަ ރަމްޒު އެކުލެވޭ ވަރަށް ޖާގައިތުރުކޮށްފައި ވެއެވެ. އެއީ 1,114,112 ޖާގައެވެ. މިއައު އަކުރު ސެޓަށް ކިޔަނީ ޔުނިކޯޑެވެ. ޔުނިކޯޑުގައި ތާނައަށް ޚާއްޞަ ނަންބަރުތަކެއް ވެއެވެ. އެހެންކަމުން ތާނައިން އެއްޗެއް ލިޔެފިނަމަ، ކުރިއާ ޚިލާފަށް ޔުނިކޯޑު ނިޒާމަކުން އެ ފެންނާނީ ތާނައިގެ ގޮތުގައެވެ. އެހެން އަކުރުތަކަކަށް ބަދަލުވެގެން ނުދާނެއެވެ. ޔުނިކޯޑުގައި ތާނަ ހިމެނީ 2000 ވަނަ އަހަރުއެވެ. ވިންޑޯސް އެކްސްޕީ ނެރުނީ 2001 ގައި ތާނަ ހިމަނައިގެންނެވެ. މިހާރު ދިވެސް އަކުރުވެސް ވެސް ޔުނިކޯޑުގެ ތެރޭގައި ހިމެނުމުގެ މަސައްކަތް ކުރިއަށް އެބަ ދެއެވެ. ތާނަ ލިޔުމާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން އަޅުގަނޑުގެ މި ޕީޑީއެފް މަޒުމޫނު ކިޔުއްވުން އެދެވިގެން ވެއެވެ.

އަޅުގަނޑުމެން ”ރިޕްލޭސް“ މިކުރަނީ ކުރިން ތާނައިގެ އަކުރުތަކުގެ ބަދަލުގައި ހުރި ލެޓިން އަކުރުން ލިޔާ ބަސްތަކުގެ ރަމްޒުތައް ޔުނިކޯޑުގެ ތާނަ އަކުރަށެވެ. މިކަން އެއްފަހަރުން ކުރެވޭގޮތްވެސް ހެދިދާނެއެވެ. އެއީ ތިރީހަކަށް ފަހަރު އަކުރުތަކެއް ބަދަލުކުރަން ޖެއްސުމުގެ ބަދަލުގައި މިކަމަށް މެކްރޯ އެއް ލިޔުމެވެ. މިއީ ކޮންމެ ބާވަތެއްގެ ފައިލަކަށް ވަކިވަކީން ކުރަންޖެހޭ ޓެކްނިކަލް މަޢުލޫމާތުތަކެއް  ބޭނުންވާނޭ ކަމެކެވެ. އެހެންކަމުން އަލުގަނޑު ކުރިިން ދެންނެވީ ހުރިހާ ޙާލަތަކަށް އެކަން ކުރެވޭނެ އެންމެ ފާގަތި ގޮތެވެ.