ގުލިސްތާނު އަށް ސަޢުދީ ލިޔެފައިވާ މުޤައްދިމާ
——————————————————————————————
ގުލިސްތާނުގެ މުޤައްދިމާ
ޝޭޚް މުޞްލިޙުއްދީނު ސަޢުދީ ޝީރާޒީ
.
بِسم اللهِ الرَّحمنِ الرَّحیم
ޢައްޒަވަޖައްލަ (އިއްޒަތާއި މަތިވެރިކަމުގެ ކަލާނގެ) އަށް ޙަމްދު ހުއްޓެވެ. އެކަލާނގެ އަށް ތަބާވުމަކީ، އެ ކަލާނގެއާ ކުއްތަންވުމުގެ ސަބަބެކެވެ. އަދި ޝުކުރުވެރިވުމުން މަންފާތައް ގިނަވެއެވެ. ނޭވާ އެތެރައަށްލާ ކޮންމެ ފަހަރަކު، ޢުމުރު ދިގުވެއެވެ. އަދި އެ ނޭވާ ބޭރަށްލާ ކޮންމެ ފަހަރަކު، އަހުރެމެންގެ ނަފުސު އުފާވެއެވެ. އެހެންކަމުން، ކޮންމެ ނޭވާއަކުން ދެ ނިޢުމަތެއް ލިބެއެވެ. އަދި ކޮންމެ ނިޢުމަތަކަށް އަހުރެމެން ޝުކުރުވެރިވުން ހުއްޓެވެ.
.
.
އެކަލާނގެ ޙައްދެއްނެތް ރަޙްމަތްފުޅުގެ ވާރޭ ކޮންމެ ތަނަކަށް އޮހެއެވެ. އަދި ހިފެހެއްޓުމެއްނުވާ ދީލަތިވަންތަކަމުގެ ޖާފަތްކޮޅު ހުރިހާ ތަނަކަށް ފެތުރިފައި ވެއެވެ. ކިތަންމެ ބޮޑު ފާފަތަކެއް ކޮށްފައިވިއަސް، އަޅުވެރީންގެ ލަދުވެތިކަމުގެ ފަރުދާ، އެކަލާނގެ އިރުއްވާ ނުލައްވަތެވެ. އަދި ކިތަންމެ ނުބައި ޖަރީމާތަކެއް ހިންގާފައި ވިއަސް، އަޅުތަކުންނަށް ދެއްވާ ދުވަހީ ރިޒުގު ނުހިފަހައްޓަވަތެވެ.
.
ހެނދުނުގެ ވައިރޯޅީގެ ޚާދިމަށް، ފެހި ދޫލަތައް ފެތުރުމަށް އެންގެވިއެވެ. އަދި ދުވަހީ ވިލާތަކުގެ މަޔަށް، ބިމުގެ ތަންމަތީގައިވާ ގަސްތަކުގެ ދިޔައިންނަށް (ބަނާތު = އަންހެން ދަރީންނަށް) ކޮއްތު ދިނުމަށް އެންގެވިއެވެ. ގަސްތައް އައު އަހަރުގެ ހެދުން ލައިފިއެވެ. އަދި ފެހިފަތްތަކުން އޭގެ މޭމަތިތައް ފޮރުވައިފިއެވެ. ފިނިފެންމަލުގެ މޫސުން ގެނައުމަށް އޭގެ ދިޔަ (އަންހެން ދަރީން) ކަމަށްވާ އޮފިތައް މައުތަކުން ޖަރީކޮށްފިއެވެ. އެކަލާނގެ ކުޅަދުންވަންތަކަމުން، އުއްދަނޑީގެ ދިޔަ މާމުއިއަށް ބަދަލުކުރައްވައިފިއެވެ. އަދި އެކަލާނގެ ބެއްލެވުމުން ކަދުރުއޮށް އުސް ރުކަކަށް ވެއްޖެއެވެ.
.
ވުޖޫދު ކުރެއްވި ދިރުންތަކުގެ އަމީރުކަމަށްވާ، ހުރިހާ އެއްޗެއްގެ ލާމަސީލުކަމަށްވާ، ދުނިޔޭގައި އުޅޭ މީހުންތަކަށް ލެއްވި ރަޙްމަތްކަމަށްވާ، އިންސިތަކުންގެ ތެރެއިން އެންމެ ޠާހިރު، ދައުރުވަމުންދާ ޒަމާންތަކުގެ ނިމުންކަމަށްވާ، ކައު ކުރެއްވި މުޙައްމަދުގެފާނު (މާތް ﷲ އެކަލޭގެފާނަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ) އަށް ނިސްބަތްވާ ހަދީސެއް ވެއެވެ.
.
شفیعٌ مطاعٌ نبیٌ کریم قسیمٌ جسیمٌ بسیمٌ وسیم
.
ކުރިން ހިމަނަން އުޅުނު ހަދީސަކީ، އިޖާބަކުރައްވާނެކަމުގެ އުއްމީދުގައި ފާފަކުރާ ހިތާމައިގައިވާ އަޅުވެރިޔަކު، ތައުބާގެ އަތް އުޑުތަކުގެ ދަރުބާރަށް ދިއްކޮށްފިނަމަ، އެންމެ މަތިވެރި މާތް ކަލާނގެ އޭނާއަށް ނަޒަރުފުޅު ނުދެއްވަތެވެ. މި ދުޢާ ފަށްކުރުމުން ވެސް (އެކަލާނގެ) އޭނާއަށް ރުއްސެވުމުގެ ނަޒަރުފުޅު ނުދެއްވަތެވެ. އޭނާ ރަޙްމަތަށް އެދި އާދޭސްކުރުމާއި ކަރުނައާ އެކު ދެންނެވުމުގައި ޤަރާރުވުމުން، މާތް ކަލާނގެ ވަޙީ ކުރައްވަވާ ކަމަށް ވެއެވެ. ”އޭ މަލާއިކަތުންނޭވެ. ހަމަކަށަވަރުން އެ އަޅާ އާ މެދު ލަދުފުޅުވެވަޑައިގެން ވަމެވެ. އެކަމަކު އޭނާއަށް ތިމަންސުވާމީންގެ ނޫނީ އެހެން ކަލަކު ނުވެއެވެ. އެހެންވީމާ، އެނާގެ ފާފަތައް މުޅީން ފުއްސަވައިފީމެވެ.“
.
އަޅު ފާފަކުރުމުން ލަދުވެތިފުޅުވެވަޑައިގަންނަވަނީ ކަލާނގެއެވެ.
.
.
.
މުސްލިމުންގެ ރަދުންނަށް ސަނާކިޔުން
މާތް ﷲ އޭނާގެ ރަސްކަން ދިގުކުރައްވާށިއެވެ.
އޭނާގެ މަޝްހޫރު ބަލާޣަތްތެރިކަން ދުނިޔޭގެ ސަޠަޙައަށް ފެތުރިފައިވާ، އޭނާގެ އެކުވެރި ގަލަމުގެ އުފެއްދުންތައް މެޓާފަދައިން މީހުން އިސްތިއުމާލުކުރާ، އޭނާގެ އަދަބީ ލިޔުންތައް، ފައިސާގެ ނޫޓުފަދައިން، ގެއިން ގެއަށް ތަކެތި ވިއްކާ މީހުން (ޕީލާވަރުން) ގެންދާ، މީސްތަކުންގެ މެދުގައި ނަން ހިނގާފައިވާ ސަޢުދީގެ މަޝްހޫރުކަން ބިނާވަނީ އޭނާގެ ފަޟްލުވަންތަކަމުން ނުވަތަ ފުރިހަމަކަމަކުން ނޫނެވެ. އެކަން ނިސްބަތްވަނީ، ދުނިޔޭގެ ވެރިޔާ، ދައުރުވަމުންދާ ވަގުތުގެ ނާރެސްކަމަށްވާ، ސުލައިމާންގެފާނުންގެ ޤާއިމްމަޤާމް (ޚަލީފާ)، މުއުމިނުންނަށް ނަޞްރުދެއްވާ، اتابک اعظم مظفر الدنیا والدین ابوبکر بن سعد بن زنگی އަށެވެ. އެ ރަސްގެފާނީ ބިމުގައި ލެއްވި الله تعالی ގެ ހިޔަނިފުޅެވެ. {މިއީ މީހަކަށް ޤަދަރު ދިނުމުގެ ގޮތުން ފާރިސީން ބުނާ ޢިބާރާތެކެވެ.} ޔާ ﷲ އެވެ. އިބަ ސުވާމީންގެ އޭނާއަށާއި އޭނާގެ ރަސްކަން ހިނގާ ހުރިހާ ތަނަކަށް ރުއްސުން ލައްވާދޭވެ. މި މާތް ރަދުން ސަޢުދީގެ މައްޗަށް ޢިނާޔަތުގެ ނަޒަރުފުޅަކުން ބައްލަވައި، ވަރަށް ބޮޑަށް ރުއްސަވައި އަދި ޚާއްޞުންނާއި ޢާންމުގެ ކުރިމަތީގައި އިޚްލާޞްތެރި އެކުވެރިކަން ހާމަކުރެއްވިއެވެ. ފަހެ، މީސްތަކުން ސަޢުދީއަށް ލޯބިކުރާ ސަބަބަކީ، ރަސްކަލަކު އުޅުއްވާ ދީނަށް (ގޮތަށް) ރައްޔިތުން ތަބާވާތީ އެވެ.
.
.
ޔާ ﷲ އެވެ! އެ ރަދުންގެ އުމުރުފުޅު ދިގުކުރައްވައިގެން މުސްލިމުންނަށް ރަޙްމަތް ލައްވާދޭނވެ. އަދި އެ ރަދުންގެ ކީރިތި ސިފަފުޅުތަކާއި ޢަމަލުފުޅުތަކުގެ ސަބަބުން އޭނާގެ ނިޢުމަތްތައް އިތުރުކުރައްވާ ދޭވެ! ޤުރްއާންގައިވާ އާޔަތްތަކަށްޓަކައި، އެ ރަދުންގެ ހަތުރުވެރި ފަރާތްތައް ފަނާކުރައްވާދޭވެ! ޔާ ﷲ އެވެ! އެ ރަދުންގެ މަނިއްޕުޅު ރައްކައުތެރިކުރައްވައި ސަލާމަތްތެރިކަމުގައި ލައްވާދޭވެ!.
.
.
ގުލިސްތާނު އެކުލަވައިލި ސަބަބު
އެއް ރެއަކު، ފާއިތުވީ ދުވަސްތަކާ މެދު ތަޢައްމުލްކޮށް (ފިކުރު ހިންގުމުގައި) އަހުރެން ވީމެވެ. އަހުރެންގެ ދިރިހުރުމުގެ ދުވަސްތައް އިސްރާފުކުރި ގޮތާ މެދު މޮޅިވެ، ހިތުގެ ގައު ފާރުތައް އަލިމަސްފަދަ ކަރުނައިން ވިދުއެޅުމުގައި ވީމެވެ. ފިކުރުގެ މި ޙާލަތާ މުނާސަބު މި ބައިތުތައް އަހުރެން ކީމެވެ.
.
.
މި ޝުޢޫރުތަކަށް ފުރިހަމައަށް ފިކުރު ހިންގުމަށް ފަހު، އަހުރެން ރަނގަޅުކަމަށް ދުށީ، އަޒުލަތުގެ ގޮޑީގައި، އިންސާނީ ގުޅުންތަކުގެ (ޞުޙުބަތުގެ) ފަސްބައި މަޅާލައިގެން (ރައްޓެހީންނާ ވަކިވެގެން) ހާސަރު ލިޔުންތައް ލިޔެފައިވާ ދަފުތަރުތައް ދޮވެ، ދެން އިތުރަށް ބޭކާރު ވާހަކަތައް ދެއްކުމުގައި ނުވުމަށެވެ.
{އަޒުލަތަކީ ކުރާ މަސައްކަތުން ވަކިވެގެން އެކަހެރިވެގެން ހުރުމެވެ. [މުސްކުޅިވުމުގެ ސަބަބުން] މަސައްކަތް ކުރުން ހުއްޓާލައިގެން ހުރުމެވެ. ދަފްތަރު ކިޔަނީ ފޮތް، ޑައިއަރީ، ކަރުދާސްގަނޑު ފަދަ އެއްޗެތި ނޯޓުކުރާ ކޮންމެ އެއްޗަކަށެވެ.}
މި އަޒުމުގައި އަހުރެން ވަނިކޮށް، ޖަމަލުގުއީގެ ހިތާމައިގައި އަހުރެންވި ދުވަސްވަރުގެ އަނީސް އަކު (ގާތް އެކުވެރިއަކު)، އަދި ލޯބީގެ ޙުޖުރަތުގެ (ޖަގަހައިގެ) ޔާރެއް އަހުރެންގެއަށް އައިސްފިއެވެ. އަދި ކުރިން އޭނާގެ ކިބައިގައި ހުންނަ ނަޝާޠު އާއި އުފާވެރިކަމާއެކު، މަޖިލިސްކުރުމަށް އެދުނެވެ. އެކަމަކު، އަހުރެން އަޅުކަމުގެ ކަކުލުން ބޯއުފުލާނުލައި، އެނާއަށް ޖަވާބެއް ނުދީ ވުމުން، ހިތާމައާއެކު އަހުރެންނާ ދިމާއަށް ބަލައިލާފައި އޭނާ ބުންޏެވެ:
އަހުރެންގެ ޚާދިމަކު، އަހުރެންގެ އުމުރުގެ ބާކީބައި، އަބަދު އަޅުކަމާއި ހަމަހިމޭންކަމުގައި (ޚަލްވަތުގައި) ހޭދަކުރަން ނިންމި ޢަޒުމުގެ ވާހަކަ އޭނާއަށް ކިޔައިދީ، އަހުރެންނާ އެކު ބޭނުންނަމަ ޚަލްވަތުގައި ބައިވެރިވާން ނަސޭހަތް ދީފިއެވެ. އޭނާ ޖަވާބުގައި ބުންޏެވެ: ”މާތް ﷲ ގެ މަތިވެރިކަމާއި އަހުރެމެންގެ ކުރީގެ ރަޙްމަތްތެރިކަން މައްޗަށް ހުވާކޮށް ބުނަމެވެ. ކުރިން އަހުރެންނާ އާދަކޮށް ވާހަކަ ދެއްކިގޮތަށް ވާހަކަ ދައްކަންދެން އަހުރެން ނޭވާއެއް އަދި ފިޔަވަޅެއް ނާޅާނަމެވެ. އެހެނީ، ރަޙުމަތްތެރީންނަށް އިހާނަތްތެރިކޮށް ހިތުމަކީ މޮޔަކަމެކެވެ. އަދި ހުވައެއްގެ ކައްފާރާ ދެއްކުމަކީ ފަސޭހަ ކަމެކެވެ. ފަހެ، ސަޢުދީގެ ދޫ އޭނާގެ ތަލީގައި ބޭއްވުމާއި، ޢަލީގެފާނުންގެ ކަނޑިކޮޅު (ޒުލްފިގާރު) އޭގެ އުރަކޮޅުގައި ބޭއްވުމަކީ، ދިރިއުޅުމުގެ ރީތި ހަމަތަކާއި ބުއްދިވެރީންގެ ޚިޔާލާ އިދިކޮޅުކަމެކެވެ.“
{ޕީލާވަރުންނަކީ އެއްގެއިން އަނެއް ގެއަށް ތަކެތި ވިއްކަމުން ހިނގާ މީހުންނެވެ.}
.
ކުރުކުރުމުގެ ގޮތުން ބުނަމެވެ. އޭނާއަކީ އަހުރެންނާ ގާތް އިޚްލާޞްތެރި އަދި ލޮބުވެތި ރައްޓެއްސަކަށްވާތީ، އޭނާއާ ވާހަކަ ނުދައްކާ އިނުމުގެ ހަރުދަނާކަން އަހުރެންގެ ކިބައިގައި ނުވިއެވެ. އަދި، އޭނާގެ މުހާވަރާއިން (ވާހަކައިން) އަނެއް ފަރާތަށް އަހުރެންގެ މޫނު އަނބުރައިލުމަކީ އަދަބާ ޚިލާފު ކަމެއްކަމަށް އަހުރެން ދުށީމެވެ.
އަހުރެންވީ ވާހަކަ ދެއްކުމަށް ބޭނުން ވެގެންނެވެ. އަދި ދިގު މުހާވަރާއަކުން {ދެމީހެއްގެ ދެމެދުގައި ދެކެވޭ ވާހަކަ} ބަހާރު މޫސުމުގެ ގަދަ ފިނީގެ އަސަރުތައް ޣައިބުވެ، ފިނިފެންމާ ރަސްކަންކުރުމުގެ ވަގުތު އަތުވެއްޖެއެވެ.
އަހުރެންގެ ރައްޓެހީންގެ ތެރެއިން މީހަކާ އެކު ބަގީޗާގައި ރޭގަނޑު ހޭދަކުރީމެވެ. އެތަން ފެނުނީ ހިތްގައިމު އުފާވެރި، ހިތަށް އަސަރުކުރުވާ ގަސްތައް އޮޅިފައިވާ ތަނެއްކަމުގައެވެ. އެތަނުގެ ބިންމަތިވަނީ ކުދި ބިއްލޫރި މިނާތަކުން ތަޅުން އެޅިފައެވެ. އެތަނުގެ މޭވާ ވެޔޮތަކުން، ކެތި ފަދަ މޭވާކޯނިތައް އެލުވިފައި ވިއެވެ.
.
ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތު ހާޒިރުވުމުން، ލަސްކުރުމުގެ ޚިޔާލުގެ މައްޗަށް އަލުން ފެށުމުގެ ޤަޞްދު ފަތަޙަ ހޯދުމާ ގުޅިގެން އަހުރެންނަށް ފެނުނީ އަހުރެންގެ ރަޙްމަތްތެރިޔާ، ފިނިފެންމަލާއި ފޮނި ގަދަކޯޅި (ރައެހާން ޝީރީން) އާއި، ގުލްސަންބުލް (ހަޔަސިންތު) އާއި މީރުވަސްދުވާ ފަތްކޯޅިތައް، އޭނާގެ ފަސްބަޔަށް އަޅައިގެން ޝަހަރަށް ދިއުމުގެ އެދުމުގައި ވާތީއެވެ. އެތަން ފެނި އަހުރެން ބުނީމެވެ:
”ތިބާއަށް ގުލިސްތާނަކީ (ބަގީޗާގެ ފިނިފެންމަލަކީ) ވަގުތީ އެއްޗެއްކަން އަދި މޫސުމަކީ ފާއިތުވެދާ އެއްޗެއްކަން އެނގޭ ނޫން ހެއްޔެވެ؟ ޙިކްމަތްތެރީން ބުނެފައި ވެއެވެ: ގިނަ ދުވަހަށް ނުހުންނަ އެއްޗަކަށް ހިތްކިޔާކަށް ނުވާނެއެވެ.“
”ދެން ހަދަންވީ ކޮން ގޮތެއް ހެއްޔެވެ؟“ އޭނާ ސުވާލުކުރިއެވެ.
.
އަހުރެން ޖަވާބު ދިނީމެވެ: ”ބަލާ މީހުންގެ މުނިފޫހިފިލުވުމަކަށް ވާނޭ، އަދި ފެންނަ މީހުންނަށް އިރުޝާދަކަށްވާނޭ ފިނިފެންމަލުގެ ބަގީޗާއެއް ނުވަތަ ގުލިސްތާނެއް ފޮތެއްގެ ގޮތުގައި އަހުރެން އެކުލަވައިލާފާނަމެވެ. ޚަޒާން (ހޫނު މޫސުން ނިމުމުން އަންނަ މޫސުން) ގެ ގަދަ ވައިން އޭގެ ފަތްތަކަށް މޯޅިކަމެއް ނާންނާނެއެވެ. އަދި ބަހާރު މޫސުމުގައި އެ ބަގީޗާ ގައި އޮންނަ ހިތްގައިމުކަން، ވަގުތުގެ ފާއިތުވުމަކުން، ޚަރީފު މޫސުމުގެ ބޭސާބިތުކަމަކަށް ބަދަލެއް ނުވާނެއެވެ. (ބޭސާބިތުކަމަކީ އަބަދު އެއްގޮތަކަށް ނުހުރުމެވެ).“
އަހުރެން މި ލަފުޒުތައް ބުނުމުން، އޭނާ އެއްކޮށްފައި ހުރި މައުތައް ފަސްބައިން އުކާލައި، އަހުރެންގެ ފަސްބަޔާ އެ ގާތްކޮށް ބުންޏެވެ: ”ދީލަތި މީހަކު ހުވައެއް ކޮށްފިނަމަ، އެކަން އޭނާ ފުއްދައެވެ.“
ހަމަ އެދުވަހު އަހުރެން ދެ ބާބު ލިޔުނީމެވެ. އެއީ ވާހަކަ ދެއްކުންތެރީންނަށާއި ސިޓީލިޔާ މީހުންނަށް އިރުޝާދަކަށް ވާނޭ ފޭޑިއަކަށް ބަނިޔާދަން މުޢާޝަރާތްތަކާއި އަދަބުވެރި މުޙާވަރާ އާ މެދުއެވެ. {މުޢާޝަރާތަކީ މުނިފޫހިފިލުވުމުގެ ގޮތުން ނުވަތަ އެހެންވެސް ސަބަބަކާ ގުޅިގެން މީހުން މިލި އެކު އުޅޭ އުޅުމެވެ. މުޙާވަރާ އަކީ ދެމީހެއް ނުވަތަ ގިނަބައެއްގެ ދެމެދުގައި ދެކެވޭ ވާހަކަ އެވެ.} ކުރުކޮށް ބުނާނަމަ، ގުލިސްތާނު ފޮތް ނިމުނުއިރު އަދި ބައެއް ފިނިފެންމައު ބާކީވެފައި ހުއްޓެވެ. ޙަޤީޤަތުގައި، މި މަސައްކަތް ނިމޭނީ ޝާހްގެ ދަރުބާރުން ހުއްދަ ލިބިގެންނެވެ. އެ ޝާހް ޖަހާން (ދުނިޔޭގެ ރަސްގެފާނު) އަކީ ދުނިޔޭގެ ރައްކާތެރިކަމެވެ. ކަލާނގެ ހިޔަންޏެވެ. އެކަލާނގެ ދީލަތިވަންތަކަމުގެ ދޯންޏެކެވެ. ޒަމާނުގެ ޚަޒާނާއެވެ. އުޖާލާ ދީނުގެ ބައްތިއެވެ. އުޑުން ބާރުލިބި، ހަތުރުންނާ ދެކޮޅަށް މަދަދު ލިބި ފަތަހަ ހޯދި ސަރުކާރުގެ މުލައްދަނޑިއެވެ. އުޖާލާ ދީނުގެ ބައްތިއެވެ. އާދަމްޒާދުންގެ (އިންސާނުންގެ) ފުރިހަމަކަމެވެ. އިސްލާމްދީނުގެ ފަޚުރެވެ. މަތިވެރި އަތާބަކުގެ ދަރިކަލުން ސަޢުދެވެ. އެ އަތާބަކް އަކީ މާތް ޝަހެންޝާހް އެވެ. ޤައުމުގެ ކަރުތަކުގެ ވެރި ފަރާތެވެ. ފާރިސްކަރައާއި ޢަރަބިކަރައިގެ ރަސްކަލުންގެ ވެރިޔާއެވެ. ކަނޑާއި އެއްގަމުގެ ވެރި ސުލްޠާން އެވެ. ސުލެއިމާން ޢަލައިހިއްސަލާމްގެ ރަސްކަމުގެ ވާރިސުންނެވެ. އެއީ مظفرالدین ابی بکر بن سعد بن زنگی ادام الله އެވެ. އެދެބަފައިކަލުންގެ ތަނަވަސްކަން، މަތިވެރި މާތް ﷲ އަބަދަށް ދަމަހައްޓަވައި ރަނގަޅު ކަންތައްތަކަށް އެބޭކަލުންގެ ހިތް ލަންބަވާ ދޭނވެ!
އަބީނާޞިރުގެ ދަރިކަލުން މަތިވެރި އަމީރު ފަޚުރުއްދީނުގެ ހަނދާން
{މިބައިގައިވަނީ ސަޢުދީ މިފޮތް ލިޔުނު އިރު، އިސް ވަޒީރަކަށް ހުރި ބޭކަލަކަށް އޭނާ ކިޔުއްވާފައިވާ ސަނާއެވެ. ފުރަތަމަ ދެތިން ފޮޅުވަތުގެ މާނަ ދެނެގަންނަން ދައްޗެވެ. ލަފާކުރެވޭ ގޮތުން އެއިން މާނަކުރަނީ ސަޢުދީގެ ފޮތް، ޢާއްމުކުރަން ލަދުގަންނަ ވާހަކައެވެ. ލަދު ފިލާނީ، ފޮތާމެދު ވަޒީރުގެ ރުއްސެވުން ލިބިގެން ކަމަށް ބުނާހެން ހީވެއެވެ. }
ޚިޔާލުގެ ޢަރޫސް (ކައިވެންޏަށް ތައްޔާރުވެފައިވާ އަންހެނާ) ރީތިކަމަށް އެދުންވެރިވެފައިވާތީ، ލަދުވެރިކަމުގެ ފައިން އެހެން މިސްރާބަކަށް ނަޒަރު ނުގެންދެއެވެ. އަދި އިސް އުފުލައެއް ނުލައެވެ. ރީތި މީހުންގެ ތެރެއަށް ނުކުންނަށް އޭނާ ޖެހިލުން ވެއެވެ. އޭނާއަށް އެމީހުންގެ ކުރިމައްޗަށް ނުކުންނަށް ކެރޭނީ މަތިވެރި އަމީރުގެ ރުއްސެވުމުގެ ގަހަނާތަކުން ޒީނަތްތެރިވެވޭނަމަ އެވެ. އެ އަމީރަކީ ޢިލްމު އުނގެނިގެން ހުރި، އަދުލުވެރި، އުޑުން އެހީލިބޭ، ކާމިޔާބު، ރަސްކަމަށް ވާގިވެރިވާ، އަދި ރަސްކަމުގެ ކަންކަމުގައި މަޝްވަރާ ކުރެވޭ، ފަގީރުންގެ ކަހަފު (ރައްކާތެރިކަން ލިބޭތަން، ހޮހޮޅަ)، ބީރައްޓެހީންނަށް މަލާޒެއްކަމުގައިވާ (ސަލާމަތް ތަނެއްކަމުގައިވާ)، ކިޔަވައިގެން ތިބި މީހުންނަށް އެހީތެރިވާ، ދީންވެރީންނަށް ލޯބިކުރާ، ފާރިސްކަރައިގެ ދަރިކޮޅުގެ އުޖާލާކަމަށްވާ، ރަސްކަމުގެ ކަނާއަތްކަމަށްވާ، ބޮޑުންގެ ވެރި، ދީނާއި ވެރިކަމުގެ ފަޚުރު، އިސްލާމްދީނާއި މުސްލިމުންނަށް ޣިޔާޝެއް (ރާޙަތެއް) ކަމުގައިވާ، ރަސްކަލުންނާއި ޝަހެންޝާހުންގެ ކައްތިރި އަބީނާޞިރުގެ ދަރިކަލުން އަބޫބަކުރެވެ. މާތް ﷲ އޭނާގެ ޢުމުރުފުޅު ދިގުކުރައްވައި، ޤަދަރުފުޅު މަތިކުރައްވައި، މޭފުޅު އަލިކުރައްވައި، އޭނާއަށް ދެއްވާ ހެޔޮ ޖަޒާ ދެގުނަ ކުރައްވާށިއެވެ. އެހެނީ، ހުރިހާ މަތިވެރި ބައެއްގެ ޙަމްދު އޭނާއަށް ލިބިވަޑައިގަންނަވައެވެ. އެއީ ކީރިތި ހުރިހާ ސިފައެއް އޭނާއަށް މިލްކުވެގެން ވާތީއެވެ.
ކޮންމެ ޚާދިމަކަށާއި ކޮންމެ މުވައްޒަފަކަށް ކަނޑައެޅިފައިވާ ޒިންމާތަކެއް ވެއެވެ. އެ ކަންތައްތައް އަދާކުރުމުގައި ފަރުވާކުޑަކޮށް ކަންނެތް ވެއްޖެ ނަމަ، ހަމަ ޔަޤީނުންވެސް އެކަމާ ޒިންމާވާންޖެހި، އެއްޗެތިގޮވުމަށް ހުށަހެޅެއެވެ. މިކަމުން ސަލާމަތްވަނީ ދަރުވޭސީންގެ ޖަމާޢަތެވެ. މަތިވެރި މީހުންގެ ފަރާތުން ލިބޭ ގިނަގުނަ ޢިނާޔަތްތަކަށް އެމީހުން ޝުކުރުވެރިވެއެވެ. އަދި އެމީހުން އެފަރާތްތަކަށް މަދަހަކިޔާ ރަނގަޅު ގޮތްތައް މެދުވެރިކޮށްދެއްވުމަށް އެދި ދުޢާ ކުރެއެވެ. މިފަދަ ޢަމަލުތައް ކުރުން ރަނގަޅީ އެމީހުން ނެތްތަނަކު އެވެ. އެމީހުން ތިބި ތަނެއްގައި އެކަންކަން ކުރުމަކީ ދެއްކުންތެރިކަމަށް ވާނެއެވެ. ނެތް ތަނެއްގައި ކުރުމުގައި ދެއްކުންތެރިކަމެއް ނުވެއެވެ.
ޚިދުމަތްދިނުމަށް ލަސްވި އުޛުރާއި އެކަހެރިކަން އިޚްތިޔާރުކުރި ސަބަބު
ޝާހީ ދަރުބާރަށް އަހުރެން ފަރުވާތެރިކަމާއެކު ހާޒިރުވުމުގައި ފަރުވާކުޑަވެ ފަހަތަށް ޖެހުނު އުޛުރު ބުޒުރުޖްމިހުރުގެ ވާހަކަ އާ އެއްގޮތެވެ. (ބުޒުރުޖްމިހުރު، بزرجمهر އަކީ ފާރިސްކަރައިގެ ރަސްކަލެއް ކަމުގައިވާ ނޫޝިރުވާންގެ ބޮޑުވަޒީރެވެ.) ހިންދުސްތާނުގެ ޙިކްމަތްތެރީން އޭނާގެ ކުޅަދާނަކަމުގެ ވާހަކަތަކާ މެދު ވިސްނައި ފިކުރު ހިންގުމަށް ފަހު އޭނާގެ އުނިކަމެއްކަމަށް ފެނުނީ ވާހަކަފުޅުދައްކަވާ ލަސްކަމެވެ. މި ވާހަކަ ދަންނަވަން ބޮޑުވަޒީރުގެ އަރިހަކަށް ދާކަށް ނުކެރުނެވެ. އެހެނީ އޭނާގެ އަރިހުގައި ވާހަކައެއް ދަންނަވައިފި ނަމަ، ދާބަޔަކަށް ޖެހެނީ އޭނާ ވާހަކަދައްކަވައި ނިމެންދެން މަޑުކުރާށެވެ. މި ވާހަކަ ބުޒުރުޖްމިހުރަށް އިވިވަޑައިގަތުމުން، ވިދާޅުވިކަމަށް ވަނީ: ”އަހުރެންނަށް މަންފާހުރިކަމަށް ފެންނަނީ ބުނާނެ އެއްޗަކާ މެދު ބޮޑަށް ފިކުރުހިންގުން، އެއްޗެއް ބުނެ އެކަމާ ހިތާމަކުރުމަށް ވުރެ ރަނގަޅު ކަމަށެވެ.“
އެހެންވިއްޔާ، އަހުރެންގެ ވެރި ސާހިބުގެ (މާތް ރަސްކަލާނގެ ރަދުންގެ ކާމިޔާބުތައް އުޖާލާކުރައްވާށިއެވެ!) މަތިވެރި ބޮޑުންގެ ދަރުބާރުގެ ކުރިމައްޗަށް ނުކުންނަށް ކެރޭނީ ކިހިނަކުންތޯއެވެ؟ އެ ދަރުބާރަކީ ތަޤްވާވެރީންގެ ރެސް އެކެވެ. އަދި އެއީ ކުޅަދާނަ ޢާލިމުންގެ މަރުކަޒެވެ. ބަހުސެއްގެ ހޫނުކަމުގައި އަހުރެންނަށް ނޭކަށޭނެގޮތަށް ވާހަކަ ދެކެވިއްޖެ ނަމަ، އަހުރެންނަށް ބުނެވޭނީ ރަދުންގެ މަތިވެރި ހާޒިރުގައި، ބާޒާރުމަތީ އަގެއްނެތް ވާހަކައެވެ. ޖަވާހިރު ވިއްކާ ބާޒާރެއްގައި، ބިއްލޫރި މިނާފުކެއްގައި، ހިމަގޮދަން ފުކެއްގެ އަގެއްވެސް ނުހުރެއެވެ. ބައްތިއެއްގެ އަލިކަމެއް އަތްވަކު ނުފެނެއެވެ. އަލްވަންދު ފަރުބަދައިގެ ބުޑުގައި، މުންނާރު ފެންނަނީ ތިރިކޮށެވެ.
އަހުރެންނަށް ފޮތީން މައު ހަދަން އެނގެއެވެ. އެކަމަކު އެކަމެއް މައު ބަގީޗާއެއްގައެއް ނުކުރަމެވެ. އަހުރެން ހިތްގައިމު އަޅުން ވިއްކަމެވެ. އެކަންކުރަނީ ކަންއާނަކު ނޫނެވެ. ލުޤްމާން ޢަލައިހިއްސަލާމްގެ އަރިހުގައި ޙިކްމަތް ދަސްކުރެއްވީ ކާކުގެ އަރިހުންތޯ ސުވާލު ދެންނެވުމުން ޖަވާބުގައި ވިދާޅުވިއެވެ: ”ކަނު މީހުންގެ ފަރާތުންނެވެ. އެމީހުން އެންމެ ފުރަތަމަ ވަށައިގެން އޮތް ތަން ދެނެގަނެއެވެ. ހިނގައިގަންނަނީ އެއަށް ފަހުއެވެ.“
.
{ޝާހީން އަކީ ބާޒު އާއިލާގެ ޝިކާރަކުރާ ދޫންޏެކެވެ}
އެކަމަކު ބޮޑުންގެ ދަރުމަވެރި އަޚްލާޤަށް އިޢުތިމާދުކޮށް، މިފޮތުގައި ކުރުގޮތަކަށް، ބަޔާންކޮށްފައި އެވަނީ ހިނގާފައިވާ ނަވަދިރާއި (ނާދިރު ހާދިސާތަކާއި) ޙިކާޔަތާއި ހަރުބަހާއި ޅެމާއި އިހުގެ ރަސްރަސްކަލުންގެ ކަތައެވެ. އެ ބޮޑުންނީ ނިކަމެތީންގެ އައިބުތަކަށް އެބޭކަލުންގެ ލޯ ލައްޕާލައްވައި، މިސްކީނުންގެ ކުށްތައް ހާމަކުރެއްވުމުން އެއްކިބާވެވަޑައިގަންނަވާ ބައެކެވެ. މި މަސައްކަތުގައި އަހުރެމެންގެ އަގުހުރި ޙަޔާތުން ބައެއް ހޭދަކޮށްފީމެވެ. މިއީ މިފޮތް—ގުލިސްތާނު—އެކުލަވައިލުމުގެ ސަބަބެވެ. ތައުފީޤް (އެހީތެރިކަން) ދެއްވަނީ ﷲ އެވެ.
{އިޢުތިމާދަކީ ފާރިސީ ބަހުން އިތުބާރު، ބަރޯސާކުރުން، ޔަޤީންކަން މިފަދަ މާނައިގައި ބޭނުންކުރާ ލަފުޒެކެވެ. ކަތައަކީ ވާހަކައެވެ. ފާރިސީބަހުން ކުރު ވާހަކަތަކާއި ކަމެއް ހިނގިގޮތް ހިމެނޭ ވާހަކައަށް ކިޔަނީ ޙިކާޔަތެވެ.}
އަދީރު [ފޮތް ލިޔުނު މީހާ]، ފޮތުގެ ތަރުތީބާ މެދު ފިކުރު ހިންގައި ވަކި ބާބުތަކުގެ ތަހުޒީބަށް ބަލައި، ނިންމީ ސުވަރުގޭގައިވެސް އަށް ދޮރޯށި ހުންނަ ފަދައިން މި ފޮތް ވެސް އަށް ބަޔަކަށް ކުރުކުރުމަށާއި ހިތްގައިމު ބަގީޗާއަކަށާއި ހިތްއުފާވާ ބުސްތާނަކަށް ހެދުމަށެވެ. ކުރުކުރީ މަލާލަތު ކުޑަކުރުމަށެވެ.
{ފާރިސީ ބަހުން ތަހުޒީބުކުރުމަކީ، ރީތިކުރުމަށާއި ރަނގަޅުކުރުމަށާއި، ކުށްފިލުވުމާއި، އޮފުއެރުވުން ފަދަ މާނައިގައި ބޭނުންކުރާ ލަފުޒެކެވެ. މަލާލަތަކީ، ފޫހިކަން، ވަރުބަލިކަން، ހިތްހަމަ ނުޖެހުން، ހިތާމަ ފަދަ މާނަ އެކުލެވޭ ލަފުޒެކެވެ.}
{ހިތްހަމަޖެހުން ކަމަށް ބުނެފައި އެވަނީ ފާރިސީބަހުން ޤަނާޢަތު މިލަފުޒަށެވެ. މިއީ ފުއްދާލައިގެން އުފަލުގައި ހިތްހަމަޖެހިގެން ވުމަށް، އަދި ހަމަހިމޭންވެގެން ވުމަށް ބޭނުންކުރާ ލަފުޒެކެވެ.}
{މާނައަކީ މިފޮތް ލިޔެފައިވަނީ ހިޖްރީން 656 ވަނަ އަހަރު (މީލާދީން 1258) ގައެވެ}
V v furihahama
Wow
ekugai kiyaafeemeve. baeh than than eh faharah vure gina faharu eve. baeh bahuge filli dhefah kurumun reethivaaney thanthanaa dhimaa vi eve.