ތާނަ ފޮންޓު އެމްވީ ރަންދޫ

އެމްވީ ރަންދޫ އަކީ ތިލަދުންމަތީ މާރަންދޫ އަށް ނިސްބަތްކޮށް ނަންކިޔާފައިވާ ފޮންޓެކެވެ. ނަން ކުރުކޮށްލުމުގެ ގޮތުން، ފެށޭ އަކުރު އުނިކޮށްލީއެވެ. މި ފޮންޓުގެ ކުރު ތަޢާރަފެއް ތިރީގައި އެވަނީ އެވެ.

މީހުންނަށް އައު ތަކެތި ރީތިވަނީ އެމީހުންނަށް ކުރިން ފެނިފައިވާ ސިފަތަކެއް އައު ތަކެތިން ފެނުމުންނެވެ. މުޅިން އައު ތަކެތި ނަމަ، ހުތުރު ވެދެއެވެ. މިކަން ސައިންސް ވެރިން އެތައް ކަމަކުން ހޯދާފައި ވެއެވެ. ބައެއް ލަވަ ރީތިވަނީ ކުރިން އަޑުއެހި ލަވައަކާ ކޮންމެ ވެސް ވައްތަރުކަމެއް، އެ ލަވައިގެ ތާލުގައި ނުވަތަ ލަފުޒުތަކުގައި ވުމުންނެވެ. މިކަން ދެނެގަނެ، މި ޒަމާނުގައި ”ރިމިކްސް“ ކިޔާފައި ކުރީގެ ލަވަތަކަށް ”ކުރަފިއަރުވާ“ އަލުން ކިޔާ ހަދައެވެ. މީހުންނާއި ގަސްގަހާ ގެއްސާއި އެހެން ހުރިހާ އެއްޗަކަށް މި ހަމަ ޞައްޙަ ވެގެން ވެއެވެ. ކުރިން ފެނިފައިވާ ތަކެތީގެ ސިފަތަކެއް އައު އެއްޗަކުން ފެނިއްޖެނަމަ އެ ރީތިވެ ދެއެވެ.

ފޮންޓުތަކުގެ ތެރެއިން ”ޓައިމްސް ނިއު ރޯމަން“ އާއި ”އޭރިއަލް“ ބައެއް މީހުންނަށް ރީތިވަނީ އެ ގިނައިން ފެންނާތީ ކަމަށް ބައެއް މީހުން ބުނެއެވެ.

އެމްވީ ރަންދޫ އަކީ ބައެއް މީހުންނަށް ރީތި ފޮންޓަކަށް ވެދާނެއެވެ. މި ފޮންޓު ހެދިތާ މިހާރު ވިއްސަކަށް އަހަރު ވެއްޖެއެވެ. މި ޖީލުގެ ވަރަށް ގިނަ ކުދިންނަށް މި ފޮންޓު ފެނިފައި ވާނެއެވެ. އެއީ މި ފޮންޓު އެންމެ ފުޅާކޮށް ބޭނުންކޮށްފައި ވާނީ، މަދަރުސާތަކުގައި ކިޔަވައިދޭ ދިވެއްސާއި ދީނީ ތަރުބިއްޔަތުގެ ފޮތްތައް ލިޔުމަށެވެ. މިކަން ފެށުނީ، އަޅުގަނޑު ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒު ގައި އުޅުނު ދުވަސްވަރު އެވެ. ފޮތްތަކުގެ ލޭއައުޓް އެ ދުވަސްވަރު ހަދަނީ ”ޕޭޖްމޭކަރ“ ކިޔާ ޕްރޮގްރާމަކުން، އިދިފުށަށް ފޮންޓު ހަދައި، ލިޔާ ”ގަނޑު“ ޕޭޖްމޭކަރ އިން ކޮޅު ބަދަލުކޮށްލައިގެން ޕްރޮގްރާމަށް ”އޮޅުވާލައިގެންނެވެ.“ މިހެންކަމުން، ވޭތިވެދިޔަ ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި، މަދުވެގެން 100000 ކުދިން މި ފޮންޓުން ލިޔެފައިވާ ތަކެތި ކިޔާ، ބައެއް ތަކެތި ހިތުދަސްކޮށްފައި ވާނެއެވެ. މިއީ، އަހަރަކު މަދަރުސާތަކުން 6000 މީހުން ނުކުންނަ ކަމަށް ބަލައެވެ. ބޮޑު އަންދާޒާއަކީ ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ ދެބައި މީހުންނަށް މި ފޮންޓު ފެނިފައިވާނެ އެވެ.

ކުރިން ފެނިފައިވާ ބައްޓަންތައް، އައު އެއްޗަކުން ފެނުމުން ރީތިވާ މޭރުމުން، މި ފޮންޓު ބައެއް މީހުންނަށް ރީތިވާނީ މި ސަބަބަށްޓަކަ އެވެ. ފޮންޓު ފަރުމާކުރި މީހެއްގެ ހައިސިއްޔަތުން، އަޅުގަނޑަށް ކޮންމެ ފޮންޓެއް ވެސް ރީއްޗެވެ. އުފާވެރި ހަނދާންތަކަކާ ގުޅޭ މަދަރުސާ ދައުރު ހިތަށް ގެނުވާ މި ފޮންޓު ކިޔުންތެރިންނަށް މި ހުށަހަޅަނީ ކުރީ އިސްދާރުތަކުގައިވާ ބައެއް މައްސަލަތައް ރަނގަޅު ކޮށްލުމަށް ފަހުއެވެ.

ފޮންޓު ހިލޭ ޑައުންލޯޑު ކުރެއްވުމަށް ތިރީގައިވާ ނިޝާނަށް ކްލިކްކޮށްލައްވާށެވެ!