
ތަރުވާޒު
އެމްވީ ވާދޫ އަކީ މައި ލިޔުންގަނޑު (ބޮޑީ ޓެކްސްޓް = ހަށި މަތުނަ) ލިޔުމަށް ފަރުމާކޮށްފައިވާ ފޮންޓެކެވެ. އެހެން ޢިބާރާތަކުން ބުނާނަމަ، އެއީ ސުރުޚީތަކާއި އަރިމަތީ ސުރުޚީތަކާއި ތަޞްވީރާއި ކުރެހުންތަކުގެ ތައާރަފު ފިޔަވައި، ލިޔުމެއްގައި ހިމެނޭ ބައި ނުވަތަ މައިގަނޑު ލިޔުމަށް ހަދާފައިވާ ފޮންޓެކެވެ.
ގިނަ ބޭފުޅުންނަށް މިހާރުވެސް ފާހަގަ ކުރެއްވޭނޭ ފަދައިން، މި ފޮންޓުގެ އެންމެ އާދަޔާ ޚިލާފު އެއް ކަމަކީ އަކުރުތައް ތެދުކަމެވެ. މިކަލަކަށް އައިސް ތާނަލިޔަނީ ވަރަށް ކަތިކޮށެވެ. ގާތްގަޑަކަށް ރަހައިން 30 ދަރަޖަ ހުންނަ ވަރަށެވެ.

ތާނަ ލިޔުމާ ބެހޭ ގޮތުން މީހުން ބުނެ އުޅޭ ވާހަކައެއް އޮވެއެވެ. އަކުރުތަކުގެ ތެދުކަން ހުންނަންވާނީ ހަތަރެސްކަން ހަމަ ގޮޅިއެއް މަތިން ތިރިއަށް އެއްވަރަށް ތިންބައިކޮށް މަތީ ގޮޅި ދޫކޮށްލައި، ތިރީ ވާތްފަރާތު ކަނުން ދެވަނަ ގޮޅީގެ ކަނާތްފަރާތު މަތީ ކަނަށް ރޮނގެއް ދެމީމާ ހުންނަ ކަތިމިނަށެވެ. އެ ބުނާ ވާހަކަ ތިރީގައިވާ ކުރެހުމުގައި އެވަނީ އެވެ. މިގޮތަށް ރޮނގު ދެމީމާ ހުންނާނޭ ކަތިމިނަކީ ގާތްގަޑަކަށް 33 ދަރަޖައެވެ. ނަމަވެސް، އެންމެ އާއްމު އެއް ފޮންޓެއްގައި (ފަރުމާ ފޮންޓްގައި) ކަތިމިން ހުންނަނީ މިއަށް ވުރެ ވެސް ކައްޗަށެވެ. އާދެ ގާތްގަޑަކަށް 30 ދަރަޖައިގައެވެ. އަކުރުތައް އޮންނަނީ ”ވެއްޓި“ ފައެވެ. އޮށޯވެގެންނެވެ.
އެމްވީ ވާދޫގެ ކަތިމިނަކީ 40 ދަރަޖައެވެ. އާދެ! ފަރުމާ ފޮންޓަށް ވުރެ 10 ދަރަޖަ ތެދުކަން ބޮޑެވެ. ކަތިމިނާ ބެހޭގޮތުން އެ ބުނާ ވާހަކައަކީ އެއްވެސް ރަސްމީ ވާހަކައެއް ނޫނެވެ. އެކި ދުވަސްވަރު ކަތިމިން ހުންނަނީ އެކި ވަރަށެވެ. އިހުގައި ތާނަ ލިޔަނީ މުޅިން އޮލަނބަށެވެ. ތިރީގައި އެވަނީ އެކި ދައުރުގައި އަކުރުތަކުގެ ކަތިމިނަށް އައިސްފައިވާ ބަދަލެވެ.
ތާނަ އަކުރުތައް މިހާރު ބޭނުންކުރާ މިންވަރަށް ކަތިވީ ވޭތިވެދިޔަ 200 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައެވެ. ރަނގަޅުވާނީ ކަތިވިއްޔާތޯއެވެ؟ ނުވަތަ ތެދުކަން ބޮޑުވިއްޔާ ތޯއެވެ؟
އިންސާނާގެ ލޯ ހައްދަވާފައިވާ ގޮތުން، އަކުރުތައް ތެދުވި ވަރަކަށް ކިޔަން ފަސޭހަވާނެއެވެ. ލޮލުގައި ”އަޅައިގަންނަލެއް“ ބޮޑުވާނެއެވެ. މިއާއެކު ހަނި ޖާގައެއްގައި އަކުރުތައް ލިޔެވޭނެއެވެ. ދުނިޔޭގެ އެއްވެސް ބަޔަކު ބޭނުންކުރާ އަކުރުތައް، ތާނަ ލިޔަން މިހާރު ބޭނުންކުރާހާ ކަތިކޮށެއް ނުހުރެއެވެ.
ކިޔުންތެރީންގެ ތެރެއިން ބައެއް ބޭފުޅުންނަށް ފާހަގަކުރެއްވޭނޭ އެއްކަމަކީ ބޮޑުކޮށް ފެވި އަކުރުން ތާނަ ލިޔާނަމަ، އަކުރުތައް ތަންކޮޅެއް ތެދުކަމެވެ. މިކަން ބޮޑަށް ފާހަގަ ކުރެއްވޭނީ ބޮޑުއަކުރުން ލިޔާ ފޮންޓަކާއި ކުދި އަކުރު ލިޔާ ފޮންޓަކުން ދެ ލަފުޒެއް ގާތްގާތުގައި ލިޔެފައިވާ ނަމައެވެ. ތިރީގައިވާ ތަޞްވީރަށް ބައްލަވާށެވެ.

ސުރުޚީ ލިޔުމަށް ފަރުމާކޮށްފައިވާ އެމްވީ ޢާއްމުއެފްކޭ (ޢާއްމު ފަލަ ކަތި) އިން ލިޔެފައިވާ ލަފުޒާ އަޅާ ބަލާއިރު، މައިގަނޑު ލިޔުން ލިޔުމަށް އެކުލަވައިލާފައިވާ ތާނަ ޓައިޕްރައިޓަރ ފޮންޓުން ލިޔެފައިވާ ލަފުޒުގެ ކަތި މާ ބޮޑެވެ. ދެ ފޮންޓުގެ ކަތިމިނުގެ ފަރަގަކީ ގާތްގަޑަކަށް 10 ދަރަޖައެވެ. {ދިވެހިބަހުން ރުބު ކިޔަނީ 90 ދަރަޖައަށެވެ. ވަޑިފަތިގަނޑެއްގެ ކަނުގައި ހުންނަނީ 1 ރުބެވެ. ވަށް ބުރެއްގައި ހުންނަނީ 4 ރުބެވެ.}
ލޯ ތޫނު ފަރާތްތަކަށް ފާހަގަ ކުރެއްވޭނޭ އަނެއް ކަމަކީ، އަކުރުތަކުގެ ކަތިމިނުގެ އިތުރަށް އަކުރުތަކުގެ ބައްޓަން ތަފާތު ކަމެވެ. މިސާލެއްގެ ގޮތުން ފަލަ އަކުރުތަކުގެ ބައްޓަން ހިމަ އަކުރުތަކާ ތަފާތުވާނެ އެވެ. އެހެންކަމުން، ފޮންޓު ބޭނުންކުރަންވާނީ، އެ ސައިޒަކަށް އަމާޒުކޮށް ފޮންޓު ފަރުމާކޮށްފައިވާ ސައިޒުގެ ތަކެތި ލިޔުމަށެވެ. މިކަމަށް ފަރުމާވެރިއަކު ފަރިތަވާނީ ތަޖުރިބާއާއި ޢިލްމު ޙާޞިލްވުމުންނެވެ. ތިރީގައި ވާ ފޮޓޯގައި އެވަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި ނަން ޖަހާފައިވާ ތަނެވެ. މިތަނުގައި ނަންޖަހާފައި ތާނަ އަދި އިނގިރޭސި ފޮންޓަކީ އެ ސައިޒުގައި ބޭނުންކުރުމަށް ހަދާފައިވާ ފޮންޓެއް ނޫނެވެ.

ތާނަ އަދި އިނގިރޭސި އަކުރުތައް ވެސް ފަރުމާކުރަނީ އެކި ސައިޒަށް ވަކީންނެވެ. ކުދިކޮށް ލިޔުމަށް ފަރުމާކޮށްފައިވާ ފޮންޓެއް ބޮޑުކޮށްފިނަމަ، ރީއްޗެއް ނުވާނެއެވެ. ހަމަ އެފަދައިން ޢާއްމުއެފްކޭ ފަދަ ސުރުޚީ ލިޔުމަށް ފަރުމާކޮށްފައިވާ ފޮންޓަކުން މައިގަނޑު ލިޔާކަށް ނުވާނެއެވެ. އިނގިރޭސި ލިޔުމަށް އެންމެ ގިނައިން ބޭނުންކުރާ އެއް ފޮންޓަކީ ހެލްވެޓިކާ ކިޔާ ފޮންޓެކެވެ. އެކި ސައިޒުން ލިޔުމަށް މީގެ ތިން ވައްތަރެއް ހަދާފައި ހުރެއެވެ. އެއީ ކުދިކޮށް ލިޔުމަށާއި މައިގަނޑު ލިޔުމަށާއި ސުރުޚީތަކާއި ބޮޑުއަކުރުން ލިޔުމަށެވެ. ތަފާތުތައް ފާހަގަ ކުރެއްވޭނީ ވަރަށް ވިސްނުންތެރިކަމާއެކު ބެއްލެވީމައެވެ. އިތުރު މަޢުލޫމާތު މި ލިންކުގައި ވެއެވެ.

އެމްވީ ވާދޫ ފަރުމާކުރި ގޮތް
އެމްވީ ފަރުމާ އަކީ އެމްވީ ޢާއްމުއެފްކޭ ފޮންޓުން އުފައްދާފައިވާ ފޮންޓެކެވެ. ޢާއްމުއެފްކޭ އާ ބެހޭ މަޢުލޫމާތު މިޖުމުލައަށް އޮބައިލުމުން ފެނިވަޑައިގަންނަވާނެ އެވެ. އެ ފޮންޓަކީ ރާއްޖޭގެ ގިނަ ނޫސްތަކުގައި ސުރުޚީ ލިޔުމަށް ބޭނުންކުރާ ފޮންޓެވެ. މި ފޮންޓާ ދޭތެރޭ ބޮޑަށް ވިސްނުމުން ފާހަގަ ކުރެއްވޭނޭ ކަމަކީ، އަކުރުތަކުގެ ސައިޒުތައް ވަރަށް އެއްވަރު ކަމެވެ. ޢާއްމުކޮށް ލިޔާއިރު، ތާނައިގެ އެކި އަކުރުތަކުގެ އުސްމިން (ފައިކޮޅުތައް) ވަރަށް ތަފާތުވާނެއެވެ. ތެދު ތެދަށް ދަންނަވަނީ ނަމަ، ”ފަރުމާ“ ފޮންޓުގެ އެއްވެސް ދެ އަކުރެއް އެއްވަރެއް ނޫނެވެ. މިއާ ޚިލާފަށް ޢާއްމުއެފްކޭ ފަރުމާކުރީ ގިނަ އަކުރުތަކެއް އެއް އުސްމިނެއްގައި ހުންނަ ގޮތަށެވެ. މީހަކު ލިޔާ އަކުރުތައް ބޮޑުވި ވަރަކަށް އަކުރުތަކުގެ ސައިޒު އެއްވަރުވާން އުޅޭނެއެވެ.
އެމްވީ ވާދޫ އަޅުގަނޑު ފަރުމާކުރި މަޤްޞަދަކީ އެމްވީ ޢާއްމު އެފްކޭ އާ ގުޅޭ ކުދިކޮށް ލިޔާ ފޮންޓެއް ހެދުމެވެ. އެހެންކަމުން އަޅުގަނޑު ހެދި ގޮތަކީ، މި ފޮންޓުގެ އަކުރުތަކުގެ މެދު ފާހަގަކޮށް، ރޮނގެއް ދަމައި އެ ރޮނގު ބޭނުންވާ ސައިޒަށް ފަލަކުރީއެވެ. އެއީ ތިރީގައިވާ ފަދައިންނެވެ. މިކަންކަމަކީ ފޮންޓު ހަދަން ބޭނުންކުރާ ޕްރޮގްރާމްތަކުން ނުވަތަ އެޕްތަކުން ފަސޭހައިން ކުރެވޭ ކަންކަމެވެ.

މިގޮތަށް ބޮޑު އަކުރުން ކުދި އަކުރުތައް ހަދައިފިނަމަ، ބޮޑު އަކުރުތަކާ ވަރަށް ބައްޓަން އެއްގޮތް ކުދި އަކުރުތަކެއް ހެދޭނެއެވެ. ނަމަވެސް ކުރިން ދެންނެވި ފަދައިން، ކުދިކޮށް ލިޔާ އަކުރުތަކުގެ ބައްޓަންތައް ކުޑަކޮށް ތަފާތެވެ. މިސާލެއްގެ ގޮތުން، ބ – ވ– ތ ފަދަ ބޮޅެއް ހިމެނޭ އަކުރުތަކުގެ ބޮޅުތައް ކުދިކޮށް ލިޔާއިރު ހުންނާނީ ބޮޑުކޮށެވެ. އެހެންކަމުން، އަކުރުލިޔާ ސައިޒަށް ބަލައި، ބަދަލުތަކެއް ގެންނަން ޖެހެއެވެ.
މި ބަދަލުގެ އިތުރަށް، ކުދި އަކުރުން ލިޔާއިރު، ބައެއް އަކުރުތަކުގެ ބައްޓަންތައް ތަފާތެވެ. މިސާލެއްގެ ގޮތުން، ނ ގެ ފުރަތަމަ ދެ ތުނޑު ދޭތެރެ، ޖެހިގެންވާ ދެ ތުނޑަށް ވުރެ ފުންވެފައި ބޮޑުވާނެއެވެ.
އެމްވީ ވާދޫ އަޅުގަނޑު ފަރުމާކޮށްފައިވަނީ ވީހާ ވެސް ގިނަ އަކުރު އެއް ސައިޒަކަށް ހުންނަ ގޮތަށެވެ. އެހެންކަމުން، ޢާއްމުކޮށް ތާނަ ލިޔާ ގޮތާ ޚިލާފަށް، މިއަކުރުތަކުގެ ގިނަ އަކުރުތަކުގެ ސައިޒު އެއްވަރު ކުރީމެވެ. ނަމަވެސް، ސިފަ ވަރަށް ބޮޑަށް ނުގެއްލޭގޮތަށް މިކަން ކުރެވޭނީ ވަކި ވަރަކަށެވެ. ސ އާއި ބ އަކީ އޭގެ ފުންކަން ސަފުން ކުޑަ ދެއަކުރެވެ. ދެން ހުރި އަކުރުތަކުގެ ތެރެއިން ހ – ށ – ނ- ރ – ޅ – ކ – އ – ވ – މ – ގ – ޏ – ޑ – ޔ ގެ ތިރީކޮޅު އެއްވަރު ކުރީމެވެ. ފ – ދ – ތ – ލ – ޒ – ޕ – ޓ – ޖ – ޗ ވެސް އެއްވަރު ކުރީމެވެ. އެހެންކަމުން މި ފޮންޓުގައި ހިމެނޭ އަކުރުތަކުގެ ފުންކަން ނުވަތަ އިސްކޮޅު ތިން ބަޔަކަށް ބެހިގެން ވެއެވެ. މިއީ ފަރުމާ ފަދަ ކޮންމެ އަކުރެއްގެ އިސްކޮޅު ފަރަގު ފޮންޓަކާ އަޅައިބަލާއިރު ވަރަށް ބޮޑު ސާދާ ކުރުމެވެ. މި ދެންނެވީ ހިމަ އަކުރުތަކުގެ ވާހަކައެވެ. އެމްވީ ވާދޫ މި ފައުޅުކުރާއިރު ފެވި ނުވަތަ ފަލަ ފޮންޓެއް ވެސް އެއާ އެކު ވެއެވެ. އެ ފަލަ ފޮންޓުގެ އަކުރުތަކުގެ އިސްކޮޅު ބެހިގެންވަނީ ހަތަރު ބަޔަކަށެވެ.


ރާއްޖޭގައި ތާނަ ލިޔަން ބޭނުންކުރާ ގިނަ ފޮންޓުތަކާ ޚިލާފަށް، މިފޮންޓު ފަރުމާކޮށްފައިވަނީ އަކުރުތައް 1 ޕޮއިންޓްގެ މިންވަރަކަށް ގާތް ކުރެވޭ ވަރަށެވެ. ކުރުގަޅުވާލެވޭ ގޮތަށެވެ. މިސާލެއްގެ ގޮތުން ތިރީގައި އެވަނީ 0.25 ޕޮއިންޓާއި 0.5 ޕޮއިންޓާއި 0.75 ޕޮއިންޓާއި 1.0 ޕޮއިންޓަށް އަކުރުތައް ގާތްކޮށްފައެވެ.


ތިޔަ ބޭފުޅުންނަށް ފާހަގަ ކުރެއްވޭނީ އަކުރުތައް ގާތްކުރިއަސް އެއް އަކުރު އަނެއް އަކުރާ ނުޖެހޭ ކަމެވެ. އަކުރުތައް ޖެހެން ފަށާނީ 1 ޕޮއިންޓް އަށް ވުރެ ގާތްކުރުމުންނެވެ. [އަކުރުތައް ދުރުކޮށް ކައިރިކުރަނީ މައިކްރޮސޮފްޓް ވާޑްގެ ފޮންޓު ބައިގައި ވާ އެޑްވާންސްޑް ފިތަށް އޮބައިގެންނެވެ.] ރީތިކަމަށް ފެންނަނީ ކިހާ ގާތްކުރުމުންތޯ އެވެ؟
އަތުލިޔުމަކީ ފަންނެކެވެ. އަކުރެއްގެ ބައްޓަމަކަށް ގެންނަ ކުޑަ ބަދަލަކުން އަކުރުގެ އެހެން ކިއްސަރުތަކަށް ބަދަލުގެންނަން ޖެހެއެވެ. އ އާއި ކ އަކީ އަތުލިޔުމުގައި ފުންކަން ތަފާތު ދެ އަކުރެވެ. ހ، ށ ނ، ފަދަ އަކުރުތަކުގެ ފައިކައްޓާ އެއްވަރުކުރުމަށް އ ގެ ދެވަނަ ފައިކަށި ދިގުކުރީތީ ފުރަތަމަ ފައިކަށި ކުރުކުރަން ޖެހެއެވެ. އަދި ލޮލަށް ފަސޭހަކުރުމަށް ކ ގެ ދެވަނަ ފައިކޮޅު ވާނީ މަތީ ފައިކައްޓާ ގާތްކޮށްފައެވެ. މިފަދަ އެތައް ކަމެއް ފަރުމާކުރުމުގައި ވިސްނަން ޖެހެއެވެ. މިކަންކަން ލެޓިން އަދި ޢަރަބި ފޮންޓުތަކުގައި ވެސް ހިމެނެއެވެ.
ކުރިން ދެންނެވިހެން ތާނަ ލިޔުމުގެ ގަވާއިދެއް ރަސްމީ ސިފައެއްގައި އިޢުލާނުކޮށްފައެއް ނުވެއެވެ. އަތުލިޔުން ރީތިވަނީ އެތައް ކަމެއް ފުރިހަމަ ވުމުންނެވެ. އެއީ ގަވާއިދު ކަޑައަޅަން ވަރަށް ދަތި އެއްޗެކެވެ. ސަބަބަކީ އެކި ސައިޒަށް އަކުރުގެ ގަވާއިދުތައް ބަދަލުކުރަން ޖެހޭތީއެވެ. މި ޖުމުލައަށް ފިތާލެއްވުމުން ފެނިވަޑައިގަންނަވާނީ ފަރުމާ ފޮންޓު ހެއްދެވި މުޞްޠަފާ މުޙައްމަދު އަޅުގަނޑަށް ދެއްވި ތާނަ ލިޔުމުގެ ”ގަވާއިދެ“ކެވެ.
ކުރިން ދެންނެވިހެން އެމްވީ ވާދޫގެ ދެ ފޮންޓެއް ވެއެވެ. އެއީ މައިގަނޑު ލިޔުމަށް ބޭނުންކުރާނޭ ފޮންޓަކާއި ސުރުޚީ ފަދަ ފެވި އަކުރުން ލިޔަންޖެހޭ ތަކެތި ލިޔުމަށް ބޭނުންކުރާނޭ ”ބޯލްޑް“ ފޮންޓެކެވެ. ފޮންޓު ބޭނުންކުރެއްވުމަށް ދެ ފޮންޓުވެސް ކޮމްޕިއުޓަރަށް އަޅަންވާނެއެވެ. އެއްޗެއް ލިޔުމަށް ފަހު، އެއިން ބައެއް އަކުރުތައް ފަލަކުރަން ބޭނުންނަމަ، ”ބޯލްޑް“ އަށް ފިތާލައްވާނީއެވެ. އެއިރުން ފެވި ފޮންޓު މަސައްކަތް ކުރަން ފަށާނެއެވެ. މިއީ މި ޒަމާނުގެ ސެމްސަން ގެ ބައެއް ފޯނުތަކުގައި ތިން ކެމެރާ ބޭނުންކުރާ ގޮތަށް ވާކަމެކެވެ. ފަހެ ފޯނުގެ ތިން ކެމެރާ ވެސް ހުންނަނީ ކަނޑައެޅިފައިވާ ވަކި ދުރުމިނުގައި ހުންނަ އެއްޗެތި ސާފުކޮށް އަރާގޮތަށެވެ. ދެން، މީހާ ދުރު އެއްޗެއް ނަގާނަމަ، ފޮޓޯ ނެގޭނީ ދުރު ނަގާ ކެމެރާއިންނެވެ. ކައިރި ނަގާނަމަ، ކައިރި ނަގާ ކެމެރާއިންނެވެ. މެދެއްހާ ހިސާބުގައިވާ އެއްޗެއް ފޮޓޯނަގާ ނަމަ، އެ ދުރުމިނަށް ފޯކަސް ކުރެވޭ ކެމެރާއިންނެވެ. މިހެންވާއިރު، އެކި ކެމެރާ ބޭނުންކުރާ ކަމެއް ފޮޓޯނަގާ މީހާއަށް އިޙްސާސެއް ނުވާނެއެވެ. ފޮންޓުތައް ބަދަލުވަނީ ވެސް މިފަދަ ގޮތަކަށެވެ.
އެހެން ފޮންޓުތަކާ ޚިލާފަށް މި ފޮންޓުގައި ރުފިޔާގެ ނިޝާން ވެއެވެ. އެ ނިޝާން ޖެހޭނީ ކީބޯޑުގެ 1 ގެ ވާތްފަރާތުގައިވާ ފިތަށް (`) އޮބާލެއްވުމުންނެވެ. މިއީ މިކަން ކުރަން އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އެއީ މިހެން ހެދުމުން އެ ފިތުގެ އަސްލު އަކުރު ދެން ޖެހޭނޭ ފަސޭހަ ގޮތެއް ނޯންނާނެތީއެވެ.
މި ފޮންޓަށް އަޅުގަނޑު ވާދޫ ކީ ސަބަބަކީ ދެ އަޑު ހިމެނޭ ކުރު ނަމަކަށް އެ ނަން ވާތީއާއި ވާދޫއަކީ އެތައް ސަތޭކަ އަހަރު ކުރިން ޢިލްމު ރާއްޖެއަށް ފެތުރި ރަށަކަށް ވާތީއެވެ. އަޅުގަނޑު އުއްމީދުކުރަނީ މި ފޮންޓުގައި މިހާރު ހިމެނޭ އައިބުތައް ބޮޑަށް ފެންމަތިވުމުން، ފޮންޓުގެ އައު އިސްދާރެއް އަލުން ނެރުމަށެވެ.

މައުލޫމާތު ލިއްބައިދޭ ވަރަށް ރަނގަޅު ލިޔުން ކޮޅެއް