2
”ފަސޭހަ“ މި ތާނަ ފޮންޓަކީ، 1995 ވަނަ އަހަރު”އެކްސަންޓް އިކްސްޕްރެސް“ ނަމަކަށް ކިޔާ ތާނަލިޔެވޭ ޕްރޮގްރާމްއަކާ އެކު ރާއްޖެއަށް ތަޢާރުފުކުރި ފޮންޓެކެވެ. މި ޕްރޮގްރާމް އަޅުގަނޑަށް ފޮނުވީ މެކެނިކަލް އެންޖިނިއަރިން ކިޔަވަން ކެނެޑާގައި ހުރި މުޙައްމަދު ނަޝީދެވެ. ފޮންޓުގެ އޭރުގެ ނަމަކަށް ކިޔާފައިވާނީ A_Faseyha T އާއި A_Faseyha P އެވެ. ފޮންޓުގެ ނަން A އިން ފަށަނީ ފޮންޓު ލިސްޓްގެ ކުރީގައި ފޮންޓު ހިމެނުމަށެވެ. ހޯދަން ފަސޭހައަކަށެވެ. P އާއި T އިން އިޝާރާތް ކުރަނީ ފޮނެޓިކް (Phonetic އަޑާ އެއްގޮތަށް) ކީބޯޑުގައި އަކުރުތައް ލިޔެވޭ ފޮންޓު އާއި ތާނަ ޓައިޕްރައިޓަރ T ގެ ކީބޯޑަށް އަކުރުތައް ހިމެނޭ ފޮންޓު ވަކި ކުރުމަށެވެ. 1995 ގައި ވިންޑޯޒް ގައި މަހަލީ ގޮތުން ތާނައެއް ނުލިޔެވެއެވެ. އަދި ކީބޯޑެއް ބަދަލެއް ނުކުރެވެއެވެ. އެކްސަންޓް ގައި ތާނަލިޔެވޭ ގޮތް ހަދަނީ العبرية ބަސް ލިޔުމަށް ހަދާފައިވާ ”އިންޖީނު“ ބޭނުންކޮށްގެންނެވެ. މި ފޮންޓު ތައާރަފުކުރިތާ މާ ގިނަ ދުވަހެއް ނުވަނީސް ”ހަވީރު“ އާއި އެހެން ބައެއް ދުވަހު ނޫސްތަކުގެ މައިގަނޑު ނުވަތަ ބޮޑީޓެކްސްޓް ލިޔުމަށް ފޮންޓު ބޭނުންކުރަން ފެށިއެވެ. ސުރުޚީތައް ލިޔަން ބޭނުންކުރީ ހަމަ މިއާއެކު ތައާރަފުކުރި A_AammuFK ފޮންޓެވެ. މިކަން ކުރަނީ ފޮންޓުގައިވާ އަކުރުތައް، މިހާރުގެ ތާނަ ކީބޯޑުގެ އަކުރުތައް ހުރި ތަނަށް ލައިގެންނެވެ. އަޅުގަނޑު ދުށް ފޮންޓު ފައިލްގައި މި ކަން ކުރީ ރ. އިންނަމާދޫ އަޙްމަދު ނިޔާޒު ކަމަށް ލިޔެފައި ވެއެވެ. ނަމަވެސް، ފޮންޓު ފަރުމާކުރުމުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނުވެއެވެ. ފޮންޓެއްގެ ބައްޓަންތަކަކީ ކޮޕީރައިޓް ކުރެވޭ އެއްޗެއް ނޫނެވެ. އެހެންކަމުން، އެކި މީހުން އަޅުގަނޑުގެ އެކި ފޮންޓަށް ބަދަލުގެނެސް، އަދި އެކި ފޮންޓުން އެކި އަކުރުނަގައިގެން ފޮންޓު ހަދައި ފައުޅުކޮށް ހަދަތެވެ. މިކަންކަމާ މެދު އަޅުގަނޑު ދެކެނީ އެއީ ދިވެހި ފޮންޓުގެ ވެށި މުއްސަނދިވާ ކަމެއްގެ ގޮތުގައެވެ. ”ފަސޭހަ“ ފޮންޓުން ލިޔެފައިވާ ލިޔެކިޔުންތައް އެތައް ބަޔަކު ކިޔާތާ މިހާރު 28 ވަރަކަށް އަހަރުވެފައިވާތީ، ފެނިފެނި ފޮންޓު ރީތިވީ ކަމަށް ބައެއް މީހުން ބުނެއެވެ. މި ޖުމުލައަށް އޮބާލުމުން ފެނިވަޑައިގަންނަވާ ރާއްޖޭގައި ނެރޭ ދިވެހި ނޫސްތަކުގެ ތެރެއިން 32 ނޫހުގެ މައިގަނޑު ލިޔުން (ބޮޑީ ޓެކްސްޓް) ލިޔަމުން ގެންދަނީ މި ފޮންޓުންނެވެ. 2023 ގައި ފެށުނު ރިޔާސީ ދައުރުގައި، ރައީސް އޮފީހުގެ ވެބްސައިޓްގައި ވެސް ހަށިލިޔުންގަނޑަށް ބޭނުންކޮށްފައި ވަނީ މި ފޮންޓެވެ.
1995 ގައި ނެރުނު ފޮންޓުގެ އެތެރޭގައިވާ ނޯޓުގައި އަޅުގަނޑު ލިޔެފައިވާ ފަދައިން، މިފޮންޓަކީ، ”ވިޔަފާރި މިއަދު“ ކިޔާ ދުވަހު ނޫހެއްގެ 1968 ގެ އަހަރީ ނަންބަރުގައިވާ ލިޔުންތައް ލިޔެފައިވާ އުޞޫލަށް އަކުރުތައް ހަދާފައިވާ ފޮންޓެކެވެ. {އިސްދާރަކީ، އެއްޗެއްގެ ބައްޓަންތަކާއި ސިފަތަކާއި ގޮތްތަކާއި އުސޫލުތަކާ ކުޑަކޮށް ތަފާތު ނަމަވެސް އެފަދަ އެހެން އެއްޗަކަށް ކިޔާ ނަމަކެވެ. ވާރޜަން (version) ނުވަތަ الإصدارއެވެ. މިސާލީ، ”އެ ހާދިސާ އާ ބެހޭ ގޮތުން އަޙްމަދު އަޅުގަނޑުގެ ކައިރީގައި ބުނި ވާހަކަ، މުޙައްމަދު ކިޔައިދިން އިސްދާރާ ތަފާތެވެ.“} އެ އުޞޫލަކީ އަކުރުތަކުގެ ފާޅުކަން ބޮޑުކުރުމަށްޓަކައި، އުސްމިނުގެ ނިސްބަތުން އަކުރުތަކުގެ ބައްޓަންތައް ބޮޑަށް ފުޅާކުރުމެވެ. މިހެން ހެދުމުން ވަރަށް ކުދިކޮށް އަކުރުތައް ހުންނަ ލިޔުންތައް ފަސޭހައިން ކިޔޭނެއެވެ. އަޅުގަނޑު އިތުރަށް ކުރި ކަމަކީ އަކުރުތަކުގެ ފައިކޮޅު މައްޗަށް ތުޑަކަށް ލަނބާލުމެވެ. ތިރީގައި އެވަނީ އަޞްލު ލިޔުމުގެ ޞަފުޙާއެކެވެ.
[މި އަޞްލު ލިޔުމާ މުޅިން އެއްގޮތަށް އަޅުގަނޑު ފޮންޓެއް ހަދާފައި ވެއެވެ. އެ ފޮންޓަށް ކިޔަނީ ”ފުނަ“ އެވެ. އެ ފޮންޓު އަދި ޢާއްމުކޮށް ފައުޅެއް ނުކުރަމެވެ. އެންމެ ފުރަތަމަ އެއް ފޮތެއްގެ ގޮތުގައި ޝާއިޢުކުރި ”ދިވެހި ބަސްފޮތް“ ލިޔެފައިވާނީ މިފޮންޓުންނެވެ. އެކި ގޮތްގޮތުން މި ފޮންޓު ނީރިގެން ބައެއް މީހުން އަދި ފުރިހަމަ ނުކުރާ ފުނަ ފޮންޓު ބޭނުންކުރަމުން ދެއެވެ.]
ފަސޭހަ ފޮންޓުގެ ދެވަނަ އިސްދާރުގެ ގޮތުގައި މި ފަހަރު މި ގެނެސްދެނީ ވޭތިވެދިޔަ 28 އަހަރުގެ ތަޖުރިބާ ބޭނުންކޮށް، ގިނަ ކަންތައްތަކެއް ރަނގަޅު ކޮށްފައިވާ ހަމަ އެ ފޮންޓެވެ. ތިރީގައި މިވަނީ ކުރިއާއި މިހާރުގެ ފޮންޓު އަޅާކިޔާފައިވާ ލިޔުމެކެވެ.
މަތީގައިވާ ދެ ލިޔުމުގެ ތަފާތުން ފާހަގަ ކުރެއްވޭނޭ ފަދައިން، މި ދެވަނަ އިސްދާރުގައި، ފުށު އެރުންތަކުގެ މައްސަލަ ވަނީ ހައްލުކޮށްފައެވެ. ވިޔަ ޢަދަދުތަކުގެ ފަލަމިން ވަނީ އަކުރުތަކާ އެއް ފަދަމިނެއްގައެވެ. އަދި، ވިޔަ ޢަދަދުގެ ސައިޒުވެސް ތާނައާ މާ ގުޅެއެވެ. ލެޓިން އަކުރުތައް ވެސް މިފަދައެވެ. ކުރީ އިސްދާރުގައި އަކުރުތައް ކައިރިކަމުން ދެ ލަފުޒު ދެމެދުވާ ޖާގަ ނުވަތަ ސްޕޭސް ވަރަށް ފުޅަލެވެ. ނަމަވެސް، އިސްދާރު 2 ގައި ލެޓިން އަކުރުތައް ހިމަނާފައިވާތީ، މި ސްޕޭސް ވަނީ ހަނިކޮށްފައެވެ. އެވަރުން ވެސް އިނގިރޭސި ލިޔާއިރު، ލަފުޒުތައް ދުރުކަމަށް ދައްކައެވެ. ފަހުގެ އިސްދާރެއްގައި މިކަން، އިރާދަ ކުރެއްވިއްޔާ، ރަނގަޅު ކުރާނަމެވެ.
”ފަސޭހަ“ ގެ އައު އިސްދާރަށް ގެނެސްފައިވާ ކުރިއެރުންތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
- ފިލިތައް ކުޑަކުރުމާއެކު ރީތިކުރުން.
- ފިލިތިއް ޖެހޭތަން އަކުރުތަކުގެ މެދަށް ގެނައުން.
- އަކުރުތައް ރީތިކުރުން، މިސާލެއްގެ ގޮތުން ފައިކޮޅުތައް އެއްގޮތް ކުރުން.
- އެއްވެސް އަކުރެއް އެހެން އަކުރަކާ ފުށުނޭރުން.
- ލެޓިން (އިނގިރޭސި) އަކުރުތައް ތާނަ އަކުރުތަކާ އެކަމުތުކުރުން (ގުޅިގެންދާ ގޮތަށް ހާމަނައިޒުކުރުން).
- ތާނަ ލިޔާއިރު ބޭނުންކުރާ ނިޝާންތައް . ، ؛ : ؟ ! އެންމެ އެދެވޭ ތަނުގައި ޖެހުން.
- ފައިސާގެ ނިޝާން، ކީބޯޑުގެ 1 ގެ ވާތް ފަރާތުގައިވާ ފިތުގައި ހިމެނުން.
- ބަރުނޫނު ހިމެނުން.
- ހިމަ އަދި ފެވި އަކުރުތައް ހިމެނުން.
- ދަށު ރޮނގު ދެމޭ ހިސާބު ތިރިކުރުން.
ތިރީގައި އެވަނީ ތާނައިގެ ހުރިހާ މައިގަނޑު އަކުރުތަކެއް ހިމެނޭ ޖުމުލައެއް، ފޮންޓުގެ ހިމަ ވައްތަރުންނާއި ފެވި ވައްތަރުން ލިޔެފައެވެ.
ފޮންޓު ޑައުންލޯޑު ކުރެއްވުމަށް
ތިރީގައިވާ ގޮށަށް އޮބައިލުމުން އެމްވީ ފަސޭހަ އިގެ އިސްދާރު 2 ގެ ހިމަ އަދި ފެވި ފޮންޓު ޑައުންލޯޑް ވާނެއެވެ. މި ފޮންޓު ޑައުންލޯޑު ކުރައްވާ ފަރާތްތަކުން، އަކުރުތަކާއި ފިލިތައް ރީތިކުރުމަށް، ނުވަތަ ފާހަގަކުރެވޭ އައިބުތައް ރަނގަޅުކުރުމަށް އެއްވެސް ހުށަހެޅުމެއް ވާނަމަ، ކޮމެންޓެއްގެ ގޮތުގައި ތިރީގައި ލިޔުއްވުން އެދެވިގެން ވެއެވެ.
ފޮންޓްގައި ލިޔެވެނީ އިގިރޭސީގައި ބަސް ބަހައްޓައިގެން ލިޔަންޏާ. އޭގެ އިތުރަށް ލިޔެވެނީ ވެސް ވާތުން ކަނާތަށް. މި ބުނާ ވާހަކައަކީ އަކުރު ލިޔެ ފިލި ޖެހުމަށް ފަހު ދެވަނަ އަކުރު އަންނަނީ ކުރީން ލިޔުނު އަކުރުގެ ކުރިޔަށޭ.
ތިޔަހެން ތިވަނީ ކޮރެލްޑްރޯގައި. ކޮރެލްޑްރޯއަކީ ތާނައިން ލިޔެވޭ ޕްރޮގްރާމެއް ނޫން. މި ފަދަ ފޮންޓު ރަނގަޅަށް މަސައްކަތް ކުރާނީ ވާޑް ފަދަ އެޕްގައި.
Download kuraa link eh nufenunu
އެއީ އަދި ނުޖަހާ މަޒުމޫނެއް. މި މަޒުމޫނު ޖަހާނީ ނޮވެމްބަރު މަހު.
Font download nukurevigen