ރަށް ފުށުގެ ތަނަވަސް ކަމަށް

ރާއްޖެތެރޭގެ ކޮންމެ ރަށަކަށް ބޭހާއި ކުދި ތަކެތި  3 ގަޑިއިރު ތެރޭގައި ފޮނުވިދާނެ!

ދިވެހިރާއްޖެއަކީ ބޮޑު ކަނޑެއްގެ ތެރޭގައި ފެތުރިފައިވާ ކުދި ޖަޒީރާތަކެއް ހިމެނޭ ޤައުމެއް ކަމުން، އެކި އެކި ޚިދުމަތްތައް ހޯދުމުގައި އެންމެ ބޮޑު އުނދަގުލަކީ ދަތުރު ފަތުރެއެވެ. އުލިގަމު މީހަކު ބޭހެއް ބޭނުން ވެއްޖެ ނަމަ، އެކަމަށް އޭނާ ކުރަންޖެހޭ ޚަރަދު އިންތިހާއަށް ބޮޑުވާނެއެވެ. މިއާއެކު، ތަދު ބޭހެއް ނަމަ، ބޭސް ހޯދުމަށް މަދުވެގެން ބާރަ ވަރަކަށް ގަޑިއިރު ހޭދަވާނެއެވެ.

ރާއްޖެތެރޭގެ ކޮންމެ ރަށަކަށް ދޮޅު ކިލޯގްރާމް ބަރު ހުންނަ ކުދި ތަކެތި، ގިނަވެގެން ތިން ގަޑިއިރު ތެރޭގައި، ވަރަށް ކުޑަ ޚަރަދަކުން ފޮނުވޭ ގޮތެއް ކިހިނެއް ވާނެތޯ އެވެ؟ މިގޮތް ފަހިވުމުން ކުދި ކުދި ޕެކެޓާއި ކުއްލިއަކަށް ބޭނުންވާ ތަކެތި، މިސާލެއްގެ ގޮތުން މީހެއްގެ ގަޔަށް އަޅަން ބޭނުންވާ ލެޔާއި ޖަހަން ބޭނުންވާ އިންޖެކްޝަންތަކާއި، އެހެން ކުދިކުދި ތަކެތި ހޯދުމަށް ރައްޔިތުންނަށް ވަރަށް ފަސޭހަވާނެ އެވެ. ލޭ ޓެސްޓް ކުރަން ބޭނުން ވިއަސް އެކަން ފަސޭހައިން އަގުހެޔޮކޮށް ކުރެވިދާނެ އެވެ. ތިނަދޫއިން ހުވަދޫ އަތޮޅުގެ ކޮންމެ ރަަށަކަށް ދޮޅު ކިލޯ ހުންނަ ޕެކެޓެއް ފޮނުވަން ދާނީ ގިނަވެގެން ބައިގަޑިއިރެވެ.

މިއީ ޚިޔާލީ ވާހަކައެއް ނޫނެވެ. އެފްރިކާގެ ފަޤީރު ދެ ޤައުމެއްގައި،  މިކަން މިހާރުވެސް ކުރަމުން ދެއެވެ. އަތްވާއި ވާރޭގައި، ދުވާލާއި ރޭގަނޑުގައި، ދޮޅު ކިލޯގްރާމް ހުންނަ ތަކެތި ބޭނުން ތަނަކަށް ފޮނުވަމުން ގެންދެއެވެ. 75 ކިލޯމީޓަރު ދުރަށް މިގޮތަށް ތަކެތި ފޮނުވަން ދަނީ 30 މިނެއްޓެވެ.  އާދެ! ވަރަށް އަވަސް އެހެން ނޫންތޯއެވެ؟ އެންމެ އާދަޔާ ޚިލާފު ކަމަކީ މިކަމުގެ އަގުހެޔޮކަމެވެ. މާލެއިން އުލިގަމަށް ފޮނުވަން ދޮޅު ގަޑިއިރު ހޭދަވާނެއެވެ. ނަމަވެސް، ކުޑަ އެއްޗަކަށް ބޭނުން ވުމުން، މިހާރު ކުރަންޖެހޭ ދެތިން ހާސް ރުފިޔާގެ ޚަރަދު ވަރަށް ކުޑަވީއެވެ.

އެފްރިކާގެ ރުވަންޑާ އާއި ޓެންޒޭނިއާގައި މިހާރު މިކަން ކުރަމުން ދެއެވެ. އެމީހުން ތަކެތި ރައްދުކުރުމަށް ބޭނުން ކުރަނީ ކުދިކުދި މަތިންދާ ބޯޓެވެ. މިއީ ދިގުމިނުގައި ގާތްގަޑަކަށް ފަސް ފޫޓު ހުންނަ ވަރުގެ މަތިންދާ ބޯޓެކެވެ. އެންމެ ފުރަތަމަ މިކަން ކުރާގޮތް ދެނެގަތުމަށް ތިރީގައިވާ ވީޑިއޯ ބައްލަވާ ލައްވާށެވެ! މިއާ ގުޅޭ އެހެން ވީޑިއޯއެެއް މިލިންކްގައި ވެއެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން، މި ފަދަ އެއްޗިއްސަށް ކިޔާ ޢާއްމު ނަމަކީ ޑްރޯން އެވެ. ޑްރޯންގެ ޙަޤީޤީ މާނައަކީ، މާމުއި ކުޅަދުރު ހަތާގައި އުޅޭ ފިރިހެން ކުޅަދުރެވެ. މިފަދަ ކުޅަދުރު އުދުހޭ އިރު ފާޑެއްގެ ބޫން އަޑެއް ހުންނާނެއެވެ. މިއަޑަށް ވެސް ކިޔަނީ ޑްރޯން އެވެ. އަޅުގަނޑަށް ލަފާ ކުރެވޭގޮތުން މިފަދަ މަތިންދާ ބޯޓަށް ޑްރޯން ކިޔުނީ މި ސަބަބަށްޓަކައެވެ.

ރާއްޖޭގެ މީހުންނަށް ޢާއްމުކޮށް ފެނިފައި ވާނީ ހަތަރު ނުވަތަ އެއަށް ވުރެ ގިނަ ބުރަފަތި ހުންނަ ޑްރޯން އެވެ. މިފަދަ ގިނަ ބުރަފަތިލީ ޑްރޯން، ރާއްޖޭގެ އެކި ރަށްރަށަށް ތަކެތި ގެންދިއުމަށް ބޭނުން ކުރަން އަދި ދަތިވާނެއެވެ. އެއީ ފިޔަ ނެތުމުގެ ސަބަބުން ދުރަށް އުދުހެން ދަތިވާތީ އެވެ. މަތިންދާބޯޓުގައި ހުންނަ ފިޔައަކީ، މަތިންދާބޯޓު ކުރިއަށް ދާއިރު، މައްޗަށް ހިއްލޭ ބާރެއް އުފެދޭ އެއްޗެކެވެ. ފިޔަ ނެތް ނަމަ، 3 ކިލޯގްރާމް ހުންނަ ޑްރޯން ގެ ބުރަފަތިތަކުން، 3 ކިލޯ އުފުލޭ ވަރަށް ވުރެ ގިނައިން ވައި ތިރިއަށް ކޮއްޕަން ޖެހޭނެއެވެ. ނަމަވެސް، ފިޔަ ހުންނަ ނަމަ، ބުރަފަތިން 1 ކިލޯ ގެ ކޮއްޕުން އުފައްދަނިކޮށް، 3 ކިލޯގެ ޑްރޯން އެއް އުދުހޭނެއެވެ. އެހެންކަމުން، ބެޓެރީ ހުސްނުވެ ދުރަށް އުދުހެވޭނެ އެވެ. ފިޔަ ހުންނަ މަތިންދާ ބޯޓުގެ އަނެއް މަންފާ އަކީ، އެފަދަ ތަކެތީގެ ދުވެލި އަވަސް ކަމެވެ. މަތިންދާ ބޯޓު އުދުހޭ ގޮތާ ބެހޭ ގޮތުން، އަޅުގަނޑު ކުރިން ލިޔެފައިވާ މި މަޒުމޫނުގައި މިވާހަކަ ތައް ކިޔާ ދެވިފައި ވެއެވެ.

މީހުންނަށް ކުއްލިއަކަށް ބޭނުންވާ ލެޔާއި ބޭހާއި މިފަދަ ޞިއްޙީ ތަކެތި ފޮނުވަން ރުވަންޑާގައި ޑްރޯން ބޭނުން ކުރާތާ ދެ އަހަރެއް ވެއްޖެއެވެ. ޑްރޯން ބޭނުން ކޮށްގެން އެންމެ ގިނައިން ތަކެތި އެއްތަނުން އަނެއް ތަނަށް ގެންދަނީ މި ކުޑަ، އަދި ފަޤީރު ޤައުމުގައެވެ. ޚަރަދުގެ ގޮތުންނާއި ދުވެލީގެ ގޮތުން ޑްރޯން ބޭނުން ކުރުމުގެ މަންފާ ބޮޑު ކަމަށް ވެއެވެ. މިހެންކަމުން، ގާތުގައިވާ ޓެންޒޭނިއާގައި ވެސް މިކަން ކުރަން 2018 ގައި ފަށާނެއެވެ. މި މީހުން ބޭނުން ކުރާ ޑްރޯން އަކީ ތިން ކިލޯ ހުންނަ ވަރުގެ ދެ ބުރަފަތިލީ ބެޓެރީ އިން ދުއްވާ އެއްޗެކެވެ. އޭގައި ޖީޕީއެސް އާއި ސިމްކާޑެއް ލައްވާފައި ހުރެއެވެ. ބަނޑުދަށުގައި ހުޅުވޭ ދެ ދޮރުފަތް ލާފައި ވެއެވެ. މީގައި ފުރޮޅެއް ނުހުންނާތީ، މަތިންދާ ބޯޓު އުދުއްސާލަނީ، ރަބަރު ސާޅަނގައެއްގައި ލާފައެވެ. ޖައްސަނީ ގޮދަޑިއަކަށެވެ.

ދުރު ރަށެއްގައިވާ ހޮސްޕިޓަލަކުން ލެއަށް ނުވަތަ ބޭހަށް ބޭނުން ވުމުން، އެމީހުން އެކަން އަންގަނީ އެސްއެމްއެސް މެދުވެރިކޮށް ނުވަތަ ސޯޝަލް މީޑިއާ މެދުވެރިކޮށް ލޭގެ ބޭންކް އެއް ހުންނަ މަރުކަޒަކަށެވެ. ދެން، ޑްރޯން މަރުކަޒުން، ބޭނުންވި ތަކެތި، ކަރުދާސް ވައިކުޑައެއް ހިމެނޭ ފޮއްޓަކަށް ލުމަށް ފަހު، އުދުއްސާލައެވެ. ޖީޕީއެސް ހުންނާތީ ބޯޓު އަމިއްލައަށް އެ ދާންވީ މަގު އަންގަނިކޮށް ދަތުރުކޮށް ދެއެވެ. ރަށަށް ދެވުމުން ތިރިވެ، ފޮށި ޖީޕީއެސް އިން ފާހަގަކޮށްފައިވާ ތަނަށް ވައްޓާލުމަށް ފަހު، އެނބުރި އައުދެއެވެ. ފޮށި ވައްޓާލަންވީ ތަން 15 ފޫޓަށް ވުރެ ބޭރު ނުވާގޮތަށް އަމިއްލައަށް ސީދާކުރެއެވެ.

ހުޅަނގުގެ ޤައުމުތަކުގައި، ޑްރޯން މެދުވެރިކޮށް ޕާރުސަލް ފޮނުވާ ވާހަކަ ދައްކާތާ އެތައް އަހަރެއް ވެއްޖެއެވެ. ނަމަވެސް، އެންމެ ފުޅާކޮށް މިކަން ކުރަނީ ރުވަންޑާ ގައެވެ. އެފްރިކާގެ މި ފަޤީރު ޤައުމެއްގައެވެ. ރުވަންޑާގެ ޙާލަތާއި ރާއްޖޭގެ ޙާލަތާ ދެމެދު ވިސްނާލުމުން، މިއީ ރާއްޖޭގައި ކުރެވިދާނޭ މަންފާ ބޮޑު ކަމެއް ކަމަށް ފެނެއެވެ. ލޯންޗެއް ހިފައިގެން ނުވަތަ ދޯންޏެއް ހިފައިގެން ބޭސް ހޯދަން ދިއުމަށް ވުރެ އެތައް ގުނައެއް އަގުހެޔޮ ވެފައި، އަވަސް ވާނެއެވެ. ސީދާ ގެއަށް ބޭހާއި އެހެން ތަކެތި ފޮނުވޭނެއެވެ.

ރުވަންޑާގައި ބޭނުން ކުރާ ޑްރޯންތައް އުދުހެނީ 500 ފޫޓުން ތިރީގައެވެ. އެހެންކަމުން، މަތިންދާ ބޯޓުތަކަށް އެއިން އެއްވެސް އަސަރެއް ނުކުރާނެއެވެ. މަތިންދާބޯޓު ތިރިން ދުއްވުމަކީ (ޖައްސަން އަންނަ އިރު ނޫނީ) މަނާ ކަމެކެވެ. އެއީ މަތީގައި ދުއްވުމުން، ޚަރަދު ކުޑަވާތީ އާއި ރައްކާތެރި ކަމަށްޓަކައެވެ. ދުއްވަނިކޮށް އެއްވެސް ކަމެއް ވެއްޖެނަމަ، ބޯޓު ބިމަށް ތިރިވުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާނޭ ފުރުޞަތު ލިބޭނީ މަތިން ދުއްވީމައެވެ. މީގެ އިތުރަށް ރުވަންޑާގައިވާ ޑްރޯންތަކުން އެ ހުރި ތަން އެސް.އެމް.އެސް މެދުވެރިކޮށް ކަމާ ބެހޭ ފަރާތްތަކަށް އަބަދުވެސް އަންގަމުން ދެއެވެ.

ރުވަންޑާގެ ޑްރޯންތަކުން އެންމެ ދުރަށް ތަކެތި ފޮނުވެނީ 75 ކިލޯމީޓަރު ދުރަށެވެ. އެއީ އެ ހަދައިފައިވާ ގޮތުން އަދި ދަތުރު ކުރެވެނީ 150 ކިލޯމީޓަރަށް  ކަމަށްވާތީ، ދިއުމަށާއި އެނބުރި އައުމަށް ކަޑައްތު ކުރަންޖެހޭ ރާސްތާއަށް ބަލައި 75 ކިލޯމީޓަރު ވަނީ އެވެ. މި ވަރުގެ ޑްރޯން އަކުން، މުޅި ހުވަދޫ އަތޮޅުގެ ހުރިހާ ރަށަކަށް ތަކެތި ފޮނުވުމަށް ބޭނުންވާނީ ތިނަދޫގައި އެއް ޑިސްޓްރިބިއުޝަން މަރުކަޒު ޤާއިމްކުރުމަށެވެ. މުޅިރާއްޖެ ކަވަރު ކުރުމަށް މިފަދަ ހަތް މަރުކަޒު ބޭނުން ވާނެއެވެ. ޑްރޯން ބޮޑު ކުރި ވަރަކަށް އެއަށް ލެވޭ ބެޓެރީ ބޮޑުވާނެއެވެ. އެހެންކަމުން އައްޑޫ ހިމެނުމަށް ޑްރޯންގެ ސައިޒު އަށެއްކަ ފޫޓަށް ހަދަނިކޮށް ރަނގަޅުވާނެ އެވެ. ޑްރޯން މަރުކަޒުތަކުގައި، ދެ ސައިޒެއްގެ ޑްރޯން ހުންނަން ވާނެއެވެ. އެއީ ދުރުމިނާއި ޕާރުސަލްގެ ސައިޒަށް ބަލައި، ބޭނުމަށް އެކަށީގެންވާ ޑްރޯންއެއް ބޭނުން ކުރުމަށެވެ.

ރުވަންޑާގައި ގެންގުޅޭ ޑްރޯން ބޭނުން ކުރާނަމަ، ރާއްޖޭގެ ހުރިހާ ރަށެއް ކަވަރު ކުރެވޭނީ  7  ޑްރޯން މަރުކަޒު ހަދައިގެންނެވެ. މިތަންތަނަކީ އެކި ތަންތަނުން އަންނަ ޑްރޯންތަކުން ގެންނަ ތަކެތި، އެހެން ރަށްރަށަށް ބެހުމަށް ހަދާ ތަނެވެ.  ރާއްޖޭގެ ރަށްތައް އެތުރިފައިވާ ގޮތުން، މި ޢަދަދަކީ ކުދި ޑްރޯންތަކުން މުޅި ރާއްޖެއަށް ޕާރުސަލް ޑެލިވަރ ކުރުމަށް ނުވަތަ ރައްދުކުރުމަށް ހެޔޮ މިންވަރެއް ކަމަށް ފެނެއެވެ. ޑިސްޓްރިބިޔުޝަން މަރުކަޒަކީ ކުޑަތަނެކެވެ. ރަބަރުލީ ސާޅަނގައަކާއި ލުއި ގޮދަޑިއަކާއި ގާތުގައި އުސްގަސްތައް ނެތުމުން ރަނގަޅުވާނެއެވެ. ދެން ބޭނުންވާނީ ތަކެތި ބަހައްޓާ ގުދަނެކެވެ. ބައެއް މީހުން މިފަދަ ތަންތަނަށް ”ޑްރޯންޕޯޓް“ މިހެން ވެސް ކިޔައެވެ.

ދިވެހިރާއްޖޭގައި ޑްރޯން ބޭނުންކޮށްގެން ތަކެތި ފޯރުކޮށްދިނުމުގެ ވިޔަފާރި ފެށިދާނެތޯ އެވެ؟

ބާރުގަދަ ކުދި މޯޓަރާއި ފޯނުގައި ހުންނަ ފަދަ ލިތިއަމް ބެޓެރީ އުފެއްދި ފަހުން ތަކެތި ފޯރުކޮށްދިނުމުގައި ޑްރޯންގެ ވާހަކަ ދައްކާތާ އެތައް އަހަރެއް ވެއްޖެއެވެ. ކުރިއަރާފައިވާ ޤައުމުތަކުގައި، މަގުތަކާއި ތަކެތި ފޯރުކޮށްދިނުމުގެ އެހެން ގޮތްތައް ފުރިހަމައަށް ޤާއިމްކުރެވިފައި ވާތީ ޑްރޯން އަށް މާ ބޮޑު ސަމާލުކަމެއް ނުދެވެއެވެ. މިއާ އެކު، މިފަދަ ޤައުމުތަކުގެ ޖައްވު އޮންނަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައެވެ. މިކަންތައްތައް މިހެން ހުރުމާ އެކު، ދުނިޔޭގެ އެންމެ ގިނައިން ތަކެތި ފޯރުކޮށްދިނުމަށް ޑްރޯން ބޭނުންކުރާ ޤައުމަކަށް ރުވަންޑާ ވީއެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި 1400 ޕެކެޓް ލެޔާއި އެހެން ތަކެތި ފޮނުވިފައިވާ ކަމަށް ރުވަންޑާ އިން ބުނެއެވެ. މި ކަމަށް ބޭނުންވާ ތަކެތި އުފައްދަނީ އެމެރިކާގެ ކުންފުންޏަކުންނެވެ. އެ ކުންފުނީގެ ވެބްސައިޓަށް މި ލިންކުން ވަދެވޭނެއެވެ. ރުވަންޑާއިން ކުރިކަމަކީ، ތަރައްޤީ ވެފައިވާ ޤައުމުތައް ފަހަތަށް ޖައްސާލާފައި، މި ރޮނގުން ކުރިއެރީ އެވެ. ރުވަންޑާގެ ކާމިޔާބާ ގުޅިގެން އެހެން އެތައް ޤައުމަކުން އެ ކުންފުނީގައި، މިފަދަ ނިޒާމެއް ޤާއިމްކުރުމަށް އެދެމުން ދެއެވެ.

ފުރަތަމަ ފިޔަވަޅަކީ ކޮބައިތޯ އެވެ؟

ދިވެހިރާއްޖޭގައި މިފަދަ އީޖާދީ ކަންތައްތައް ކުރަނީ އެހެން ޤައުމުތަކުން އެކަންތައްތައްކޮށް ނިމޭފަހުންނެވެ. އެއީ އުފެއްދުންތެރި ކަންތައްތައް ހޯދާ ބަލައި، ރާއްޖޭގަ މާހައުލާ ގުޅޭތޯ، ރަސްމީ ސިފައެއްގައި ވަޒަން ނުކުރެވޭތީ ކަމަށް ވެދާނެ އެވެ. މިސަބަބާ ހުރެ، ގިނަ ފަހަރު އީޖާދީ ކަންތައްތައް ކުރަން ޖެހެނީ އަމިއްލަ ފަރުދުންނެވެ. ލެޔާއި ބޭސް ފަދަ ތަކެތި ފޯރުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ވެފައި އޮންނާތީ، އަގުބޮޑު އެހެން ތަކެތި ފޯރުކޮށްދިނުމަށް އެއްވެސް ބާޒާރެއް ވޭތޯ ބެލުމަކީ މުހިއްމު ކަމެކެވެ. ދެމެހެއްޓެނިވި ގޮތުގައި މިކަންކުރުމަށް، މިއީ ކުރާ މީހާއަށް ކޮންމެވެސް މިންވަރެއްގެ ފައިދާއެއް އޮންނަންޖެހޭ ކަމަކަށްވެސް ވާން ވާނެއެވެ.

އަޖުމަބެލުމުގެ ގޮތުން، މިކަން ކުރެވިދާނެ ސަރަޙައްދުތަކުގެ ތެރެއިން ދެތިން ތަނެއް ދަންނަވާލާނަމެވެ. އެއްތަނަކީ އައްޑޫ އަތޮޅު ހިތަދޫ އިން، ފުވައްމުލަށް ހިމެނޭ ގޮތަށް، އަތޮޅުގެ ހުރިހާ ރަށަކަށް ތަކެތި ރައްދު ކުރުމެވެ. އަނެއް ތަނަކީ، ހުވަދޫ އަތޮޅު ތިނަދޫ އިން، މުޅި އަތޮޅުގެ ހުރިހާ ރަށަކަށް ޕާރުސަލް ފޯރުކޮށް ދިނުމެވެ. ދެން، ކުޅުދުއްފުށީން އެ ސަރަޙައްދުގެ ހުރިހާ ރަށަކަށެވެ. ނަމަވެސް ފަށައިގަތުމުގެ ގޮތުން، އަލިފުށީން ދުވާފަރަށް ޕާރުސަލް ރައްދުކުރުން ކިހިނެތްވާނެ ތޯއެވެ؟ މި ރާސްތާ ކުރުކަމުން، ހަތަރު ބުރަފަތިލީ ޑްރޯން އަކުން ވެސް މިކަން ކުރެވޭނެއެވެ.

ދެން، މިކަމަށް ބޭނުންވާ ތަކެތި ދަންނަވާލާމެވެ. އެންމެ ފުރަތަމަ މަތިންދާ ބޯޓު އެހެން ނޫންތޯ އެވެ. މިއީ ރާއްޖޭގައި ފައިބަރު ދޯނި ބަންނަ ފަދަ ގޮތަކަށް ބަންނަ އެއްޗެކެވެ. ތަފާތަކީ ބިއްލޫރި ފައިބަރުގެ ބަދަލުގައި، ކާބަން ފައިބަރު ބޭނުން ކުރާ ކަމެވެ. ކާބަން ފައިބަރަކީ ބިއްލޫރި ފައިބަރަށް ވުރެ ލުއި އެއްޗެކެވެ. ދެން ބޭނުންވާނީ މޯލްޑެކެވެ. ތައްގަނޑެކެވެ. ތައްގަނޑުގައި ދެތިން ފަށަލައަކުން ލުއި ކާބަން ފައިބަރު ޖަހައިގެން ބޯޓު ބަދެވޭނެއެވެ. މޯލްޑް ހަދަނީ ފުޅިމަދުންނެވެ. އެކި ބައިތައް ހަދަނީ ވަކިވަކީންނެވެ. މި މޯލްޑްގެ ބައްޓަންތަކާއި ސިފަތައް މިކަމުގެ ތެރެއަށް ކުޑަކޮށް ވަދެލަނިކޮށް ދަސްވާނެއެވެ. ރާއްޖޭގައި ޑްރޯން ދުއްވަން ޝައުޤުވެރިވާ މީހުންގެ ޖަމްޢިއްޔާއެއް ވެސް އޮވެއެވެ. އެމީހުންގެ ފަރާތުން މިކަހަލަ މަސައްކަތެއް ފައްޓަން ކޮންމެވެސް ވަރެއްގެ އިރުޝާދެއް ނަސޭހަތެއް ލިބިދާނެއެވެ. މިއޮތީ އެ ޖަމްޢިއްޔާގެ ލިންކް އެކެވެ.

ޑްރޯން އެއް ފަރުމާކުރައްވާ އިރު، ރުވަންޑާގައި ބޭނުން ކުރާ ބާވަތުގެ އެއްޗެއް ފުރަތަމަ ހެއްދެވުމަށް ފަހު ދެން އެއަށް މޮޅު ބަދަލުތައް ގެންނެވުން އެދެވިގެން ވެއެވެ. އެއީ އެ ޑްރޯން ހަދައިފައިވަނީ ތަކެތި ރައްދުކުރުމަށް ދެތިން ކަމެއް ވިސްނާފައެވެ. ސާޅަނގައަކުން ޑްރޯން އުދުއްސާލުމުން، އެއަށް ދަތުރުކުރެވޭ ރާސްތާ ދިގު ވެއެވެ. އެއީ މަތިންދާބޯޓު ފަހަރު އުދުއްސައިގަތުމަށް އިންޖީނުގެ %100 ބާރު ބޭނުންވާ ނަމަ، ޖައްވުގައި އުދުހޭއިރު ބޭނުންވަނީ ގާތްގަޑަކަށް %75 އެވެ. ސާޅަނގަ އަކުން އުދުއްސާލުމުން، ބެޓެރީ ގިނަ އިރު ބޭނުން ކުރެވޭނެތީ ދަތުރު ކުރެވޭ ދުރުމިނާއި ގެންދެވޭ ޕާރުސަލްގެ ބަރުމިން ބޮޑުވާނެއެވެ. އެ ޑްރޯންގެ ނިގޫކޮޅުގައި ވަނީ V އަކުރެއްގެ ބައްޓަމަށް ހުންނަ ފިޔަ ހުންގާނެކެވެ. ގިނަ މަތިންދާބޯޓުގެ ނިގޫކޮޅުގައި ހުންނަނީ T އަކުރެއްގެ ގޮތަށް ހުންނަ ފިޔައެވެ. ޑްރޯންގައިވާ ފިޔަ ލުއިވެފައި ވައި އަޅާލެއް ކުޑަކަމުން ހިފޭ ބަރުމިނާއި ދަތުރުކުރެވޭ ރާސްތާ ދިގުވާނެއެވެ. އަދި ދުވެލި އަވަސް ވާނެއެވެ. ކުރިން ދެންނެވިހެން، މަތިންދާބޯޓު އުދުހެނީ އޭގެ ފިޔައިގެ ސަބަބުންނެވެ. އެހެން ހުރިހާ އެއްޗަކީ އަވަހަށް އުދުހުމަށް ހުރަސް އަޅާ އެއްޗިއްސެވެ. އެންމެ ބާރަށް ދުވާ، އެންމެ ބޮޑު ބަރު އުފުލޭ މަތިންދާ ބޯޓުގައި ފިޔަ ފިޔަވައި އެހެން ބައިތަކެއް ނުހުރެއެވެ.

ޑްރޯންގެ އެންމެ މުހިއްމު ބަޔަކީ، އޭގެ ބުރަފަތިތަކާއި މޯޓަރާއި ބެޓެރީ އާއި އިލެކްޓްރޯނިކްސް އެވެ. މިތަކެތި ޢާއްމުކޮށް މީހުން ގަންނަނީ އިންޓަރނެޓް މެދުވެރިކޮށް ޗައިނާއިންނެވެ. އުދުހޭ މިންވަރަށް ހަދައިފައިވާ ކުޑަ މަތިންދާ ބޯޓެއް، ހުރިހާ އިލެކްޓްރޯނިކްސް އާ އެއްކޮށް އަޅުގަނޑު ގަތީ 300 ޑޮލަރަށެވެ. ދުރަށް ދަތުރުކުރާ މަތިންދާ ބޯޓެއްގެ ސާމާނު ގަންނަން މީގެ ދެތިން ގުނަ ޚަރަދު ވާނެއެވެ. ބޯޓު ހުރިތަން އަންގައިދޭ ސާމާނާއި، ތިރީ ދޮރުފަތެއް އެންގުމުން ހުޅުވާލާ ސާމާނާއި މިފަދަ ސާމާނުތަކަކީ މާކަ އަގުބޮޑު އެއްޗިއްސެއް ނޫނެވެ. މަސްވެރިއެއްގެ އެއް ހަފުތާގައި އާމްދަނީއިން މިކަން ކުރެވޭނެއެވެ.

ތަކެތި ޖަމާކޮށް، ރާވާ ޓެސްޓް ކުރުމަށް ފަހު އެވީ ވިޔަފާރި އިސްތިހާރު ކުރާށެވެ.

އާދެ! ވަޒަންވެރިވެ އުޅުއްވާ ރަށަކީ އައްޑޫ އަތޮޅު ހިތަދޫ ކަމަށް ބައްލަވާށެވެ. ވަރަށް ކުއްލި ގޮތަކަށް ހުޅުދޫ މީހަކު ގުލުކޯޒު ފުޅިއެއް  ބޭނުން ވެގެން ފޯނުންއަންގައިފިއެވެ. ހިތަދޫން ފުޅި ގަނެ  ޕްލާސްޓިކް ކޮތަޅަކުން ހަދައިފައިވާ ވައިކުޑައާ އެކުވާ ފޮށްޓަކަށްލުމަށް ފަހު، ހުޅުދޫއަށް މަތިންދާބޯޓު ފޮނުވާލަންވީއެވެ. ދިހަ ވަރަކަށް މިނެއްޓު އިރުގެ ތެރޭގައި، އެ  ހުޅުދޫއަށް ދާނެއެވެ. އަދި އެމީހާ ހުރި ތަނުގެ ކޯޑިނޭޓްސް އެނގެނިކޮށް، އޭނާގެ ކުރިމައްޗަށް ފޮށި ވައްޓައިލައިފައި ހިތަދޫއަށް އެނބުރި ބޯޓު އަންނަނިކޮށް ފުރަތަމަ ވިޔަފާރި ނިމުނީ އެވެ. ކާމިޔާބު ކޮންމެ ފިޔަވަޅަކީ އިތުރު ކާމިޔާބުތަކަށް މަގުދައްކާ ފިޔަވަޅެކެވެ. ދެން އޮންނާނީ ވިޔަފާރި ފުޅާކުރުމެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި މިކަން ކުރަން ފެށުމެވެ.

ބޭނުންނަމަ، މަތިންދާބޯޓުގައި ކުދި ކެމެރާ ހަރުކޮށްގެން ތިރި ބަލާގޮތަށް ވެސް ހެދިދާނެއެވެ. އަދި، ބޯޓު ވައިރޯޅިއެއްގައި ކަތިވި ނަމަ، އެ ތެދުކޮށް އަލުން މިސްރާބު ހިފާ ތަކެތިވެސް ހެޔޮ އަގެއްގައި ލިބެން ހުރެއެވެ.  ދިވެހިރާއްޖެއަކީ ދުރުދުރުގައިވާ ކުދި ރަށްތަކެއްގައި މީސްކޮޅު ދިރިއުޅޭ ޤައުމެއް ކަމުން، ޑްރޯން އަކީ ތަކެތި ފޯރުކޮށްދިނުމަށް ދިވެހިރާއްޖެއަށް އެފަދަ އެހެން ގޮތެއް ނުވާހާ އަގުހެޔޮ އަދި އަވަސް ގޮތެކެވެ. މިކަމުގެ ފައިދާތައް ވިސްނާލި ކޮންމެ މީހަކަށް އޮޅުން ފިލާނެއެވެ. ރާއްޖޭގެ ކޮންމެވެސް ކުޑަ ރަށެއްގައިވާ ބަލި މީހެއްގެ ލޭ ޓެސްޓް ކުރަން ބޭނުން ވެއްޖެ ނަމަ ވެސް، ލޭ ނެގުމަށް ފަހު، ޑްރޯން އިން އަތޮޅު ލެބޯރަޓަރީ އަށް ފޮނުވާލެވޭނެ އެވެ. ހާލު ބޮޑު ވިހޭ މަޔަކަށް ކުއްލިއަކަށް ބާވަތެއްގެ ލޭ ބޭނުންނަމަ، އޭނާއަށް ލޭ ޕެކެޓެއް ފޮނުވުމަކީ ދިހަވަަރަކަށް މިނެއްޓުގެ ކަމެކެވެ. ނިކަން ހުރެ ބައްލަވަން ތިއްބަވާށެވެ.  ޑްރޯން އިން ތަކެތި ފޯރުކޮށްދިނުން، ރާއްޖޭގައި މޮބައިލް ފޯނު ފެތުރުނު ގޮތަށް އަދި ފެތުރޭނެ އެވެ.

ދެކުނު އޭޝިއާގައި، އެންމެ ގިނައިން ތަކެތި ފޯރުކޮށްދިނުމަށް ޑްރޯން ބޭނުން ކުރާ ފުރަތަމަ ޤައުމަށް ދިވެހިރާއްޖެއަށް ވަމާތޯ އެވެ؟