ކޮންމެ މީހަކަށް ވެސް އޮޅުންފިލާގޮތަށް
ސިންގްލް ފޭސް އަދި ތްރީ ފޭސް ކަރަންޓު
ގޭގައި ކަރަންޓުން ހިނގާ އެތައް އެއްޗެއް ވެއެވެ. ބޮކި ފަދަ ތަކެތި ދިއްލެނީ ކަރަންޓާ ގުޅުމުންނެވެ. ކަރަންޓުން އަންނަ ބާރަކުންނެވެ. ދިވެހީން 1950 ގެ އަހަރު ތަކުން ފެށިގެން ކަރަންޓަށް ފަރިތަވެފައި ވިއަސް، އިނގިރޭސި ބަހުން މި ބާރަށް ކިޔަނީ ކަރަންޓެއް ނޫނެވެ. ކަރަންޓް އަކީ ޚާއްޞަ މާނައެއް އިނގިރޭސި ބަހުގައި އޮންނަ ލަފުޒެކެވެ. ކަރަންޓުގެ ބަދަލުގައި ބޮކި ދިއްލޭ ބާރަށް ނުވަތަ ހަކަތައަށް ކިޔަނީ އިލެކްޓްރިސިިޓީ އެވެ. ކަރަންޓުން މަސައްކަތްކުރާ ތަކެއްޗަށް ކިޔާނަމަކީ އިލެކްޓްރިކް ތަކެއްޗެވެ. ކަރަންޓު ބުރުމާ އާއި ކަރަންޓުން ހިނގާ ދޮންނަ މެޝިނުގެ ބަދަލުގައި ކިޔުމަށް ރަނގަޅު ޢިބާރާތަކަށް ވާނީ އިލެކްޓްރިކް ބުރުމާ އާއި އިލެކްޓްރިކް ދޮންނަ މެޝިން ކިޔުމެވެ. އިލެކްޓްރިސިޓީ އަކީ ހަކަތައިގެ ބާވަތެކެވެ. އިލެކްޓްރިކް އަކީ އެ ބާރުގެ ނަންއިތުރެވެ. ތްރީ ފޭސް ކަރަންޓު އާއި ސިންގްލް ފޭސް ކަރަންޓު ދެތުމަށް ކަރަންޓާއި އިލެކްޓްރިކް މި ލަފުޒު އައިގޮތް އެނގުން ވަރަށް މުހިއްމެވެ.
ސްކޫލަށް ދިޔަ ވަރަށް ގިނަ މީހުންނަށް ފާހަގަކުރެވިފައިވާ އެއްކަމަކީ، ބޮލުގައި ނުވަތަ ޔޫނިފޯމުގައި ފަތިގަނޑެއް ކޭއްތުމަށް ފަހު ކުދި ކަރުދާސް ކޮޅުތަކަކާ ފަތިގަނޑު ގާތްކޮށްފި ނަމަ، ކަރުދާސްކޮޅުތައް ފަތިގަނޑަށް ދަމާކަމެވެ. ފަތިގަނޑުގެ އިތުރަށް ހަރު ޕްލާސްޓިކް ގަލަމެއް ވެސް ކަރުދާހާ ގާތްކޮށްފި ނަމަ، އެ ކަރުދާސްކޮޅުތައް ގަލަމަށް ދަމާނެއެވެ.
.
”އިލެކްޓްރިކް“ މި ލަފުޒު އުފެދުނު ގޮތް
ޕްލާސްޓިކްގެ އިތުރަށް، ގަސްގަހުން ނުކުންނަ ބައެއް ކިރު ހިކި ހަރުވުމުން އެކިރު ވެސް އެއްޗެއްގައި އުނގުޅައި، އެހެން ބައެއް ލުއި ތަކެއްޗާ ގާތްކުރުމުން ކިފުޅި ކުނޑި، ކިސުޑި ފަދަ ކުދި އެއްޗެތި އެއަށް ދަމާކަން ފާހަގަކުރެވިފައި ވެއެވެ. ގަސްގަހުން ކިރު ނުކުންނަނީ އޭގެ ގޮތްޕަކަށް ނުވަތަ ގަސްކަނދަށް ގެއްލުމެއް ލިބުމުން އެތަން ބެއްދުމަށެވެ. ދެން ގިނަ ދުވަސްވުމުން މި ކިރު ވަރަށް ހަރުވެއެވެ. ހަރުވުމުން ކިރަށް ދިވެހިން ”މަޅު“ ކިޔައެވެ. ހަރުކޮށް ހުންނަ ވަރަށް ގިނަ ދުވަސްވީ ކިރަށް ލެޓިން ބަހުން ކިޔަނީ އިލެކްޓްރަމް އެވެ. އިލެކްޓްރަމް ކެހެރިގަނޑެއްގައި އުނގުޅުމުން އެއަށް ކުދި ތަކެތި ދަމައެވެ. މިއީ އިލެކްޓްރަމްގައި ހުންނަ ޠަބީޢީ ސިފައެކެވެ. ގިނަ އިރު އުނގުޅައިފިނަމަ، ބައެއް ފަހަރު، އަލިފާން ކަނޑާފައި އެއްޗެއްތި އެއަށް ދަމައެވެ. މިހެންވެގެން މި ދަމާ ބާރަށް ސައިންސްވެރިން ކީ ނަމަކީ އިލެކްޓްރިކް ބާރެވެ. އިލެކްޓްރަމްއަށް އުރުދޫ ބަހުން ކިޔަނީ އަންބަރު އެވެ.
ޢަރަބި ބަހުން ކުރިން ދެންެނެވި ބާވަތުގެ ގަހުގެ ކިރަށް ކިޔަނީ ކަހްރަބާ (كَهْرَبَا) އެވެ. ދެން، ކުރިން ދެންނެވި ސަބަބަށްޓަކައި، އިލެކްޓްރިކް ބާރަށް ޢަރަބީން ކިޔަނީ ކަހްރަބާއީ (كَهْرَبائِيّ) ބާރެވެ. ދިވެހި ބަހުން ގަހުގެ ހިކި ކިރަށް ކިޔާ ދެތިން ނަމެއް ވެއެވެ. ރުގުން، ގިޔުޅިލާށި، ސަންދަރޯސް، ކުމުންޒާނި ފަދަ ތަކެއްޗަކީ ގަސްގަހުގެ ހިކި ކިރެވެ. މީގެ ތެރެއިން ކުމުންޒާނި ދިވެހީން ބޭނުންކުރަނީ ދުން އެޅުމަށާއި އަތަރު ހެދުމަށެވެ. ގިޔުޅިލާށި ބޭނުންކުރަނީ ބޭހަށާއި ތެރަސް ހެދުމަށެވެ. ސަންދަރޯސް އަކީ އިނގިރޭސި ބަހުން sandarac ކިޔާ ހިކިކިރެވެ. ދިވެހި ބަހުގެ ތެރެއަށް ވަދެފައިވަނީ ޢަރަބި ބަހުން سندروس ގެ ގޮތުގައެވެ. މި ކިރު ނުވަތަ މަޅުގެ މައިގަނޑު ބޭނުމަކީ، ހޫނު ކީއްތާނި ތެލާ އެއްކޮށްގެން މަޅު ވިރުވައި ލަކުޑީގައި ލާން ވަރުނީސް ނުވަތަ ފާލިސް ހެދުމެވެ.
އަޅުގަނޑުގެ މައިގަނޑު ތަޖުރިބާ ގުޅިފައިވަނީ ރުގުން ނުވަތަ ރުގުންމަޅާ އެވެ. ބޭހުގެ އިތުރަށް ރުގުންމަޅު ބޭނުންކުރަނީ، ލޯ ނަރު ބެއްދުމަށްޓަކައި، ލޯ ގައި ހުންނަ ދަމިލަ ފިލުވައިލުމަށެވެ. ފަހެ، ތިމަރަ ބޭނުންކޮށްގެން ލޯނަރު ބައްދަން މަސައްކަތްކުރާ ނަމަ، ނަރުގައި ދަމިލަ ހުރިނަމަ، ތިމަރައެއް ނަރަކު ނުހިފާނެއެވެ. ނަމަވެސް، ނަރު ހޫނުކޮށް ހުއްޓައި ރުގުންކޮޅެއް ޖައްސައިލައިފިނަމަ، ދަމިލަ ފިލައި، ތިމަރަ ލޯގައި ހިފާނެއެވެ. އަޅުގަނޑުގެ ޅަ ދުވަސްވަރު، ދިވެހީން ފެންދޭކުރާ ޖަސްތުން ހަދާއުޅުނު އިރު، ކުރާގެ އެކި ބައިތައް ތިމަރައިން ބައްދާއިރު ރުގުން ބޭނުންކޮށް އުޅުނެވެ.
މިވާހަކަ ތަފުސީލުކޮށް މިދަންނަވާލީ އިލެކްޓްރިކް އަށް ދިވެހި ލަފުޒެއް އޮތުން މުހިއްމު ވާތީ، މިފަދަ ލަފުޒެއް ހަދާނޭ ގޮތުގެ ޚިޔާލު ހުށަހެޅުމަށެވެ. އާދެ! އިލެކްޓްރިކް އަށް ބޭނުންކުރާނޭ ދިވެހި ލަފުޒަކީ ކޮބައިތޯއެވެ؟
އިލެކްޓްރިކް ޗާޖް
ކުރިއަށް ދިއުމަށްޓަކައި އަދި އެއް ވާހަކައެއް ދަންނަވާލަން ޖެހެއެވެ. އިލެކްޓްރަމް މަޅުގަނޑެއް ކެހެރިގަނޑެއްގައި އުނގުޅުމުން ކިސުޅި އެއަށް ދަމަނީ ކީއްވެގެން ހެއްޔެވެ؟
ކޮންމެ އެއްޗެއް އެކުލެވިފައިވަނީ ކުދިކުދި ޒައްރުތަކެއްގެ މައްޗަށެވެ. މިއިން ޒައްރެއް ބައިވުމުން އެއިން ޗާޖް ކިޔާއެއްޗެއް އުފެދެއެވެ. ޗާޖް ގެ ދެބާވަތެއް ވެއެވެ. އެއްބާވަތަށް ކިޔަނީ ޕޮޒިޓިވް (+) ޗާޖް އެވެ. އަނެއް ބާވަތަށް ކިޔަނީ ނެގަޓިވް (-) ޗާޖް އެވެ. ޤުދްރަތީ ގޮތުން ޗާޖްގައި ލައްވާފައިވާ އެއް ސިފައަކީ، ޕޮޒިޓިވް ޗާޖް ނެގަޓިވް ޗާޖް އަށް ދެމުމެވެ. ނެގަޓިވް ޗާޖް ޕޮޒިޓިވް ޗާޖް އަށް ދެމުމެވެ. އެއީ ބިމަށް ތަކެތި ދަމާ ފަދަ، އޭގެ އަޞްލު ނޭނގޭ، ބާރެކެވެ. ދެ އެއްޗެއްގެ ޗާޖް އެއްގޮތް ނަމަ، ދުރުވާ ބާރެއް ވެސް ހުރެއެވެ. މިސާލަކަށް ޕޮޒިޓިވް ޗާޖް ހުރި އެއްޗެއް ޕޮޒިޓިވް ޗާޖް ހުރި އެހެން އެއްޗަކާ ދުރަށްދާ ބާރެއް ހުރެއެވެ. ޗާޖް ނެތް އެއްޗަކަށް ޕޮޒިޓިވް އަދި ނެގަޓިވް ޗާޖް ވެސް ދަމައެވެ.
ގިނަ ތަކެތީގައި ޕޮޒިޓިވް އަދި ނެގަޓިވް ޗާޖް ހުންނަނީ އެއްވަރަކަށެވެ. އެހެން ކަމުން އޭގައި ވަކި ޗާޖެއް ގިނައެއް ނޫނެވެ. ނަމަވެސް ފަތިގަނޑެއް ޔުނިފޯމުގައި އުނގުޅުމުން، ޔުނިފޯމުގެ ބައެއް ޒައްރުތަކުން ނެގަޓިވް ޗާޖް ނެއްޓި، ފަތިގަނޑަށް ނަގުލުވެއެވެ. އަރައެވެ. ދެން ފަތިގަނޑުގައި ނެގެޓިވް ޗާޖް ގިނަ ވުމުން ކަރުދާސްތައް އެއަށް ދަމައެވެ. ދުނިޔޭގައިވާ ވަރަށް ގިނަ ތަކެއްޗަކީ ޗާޖްފަދައިން ޖޯޑުޖޯޑަށް ހުންނަ ތަކެއްޗެވެ. އިންސާނުންނާއި ހައިވާނުންގެ ތެރޭގައި އަންހެން އަދި ފިރިހެން މަޚުލޫޤުން ތިބޭ ފަދައިންނެވެ.
ދަގަތްފާނުގެ ބާރު
ޖޯޑުޖޯޑަށް ހުންނަ ތަކެތީގެ ތެރޭގައި ދަގަތްފާނު ހިމެނެއެވެ. އެންމެ ކުރިން ދަގަތްފާނު ހޯދުނީ ބިންކޮނެގެން ނަގާ މަޢުދަނެއްގެ ގޮތުގައެވެ. ދަގަނޑުހެން ހުންނަ މިއެއްޗިއްސަށް އެހެން ދަގަނޑު ދަމާތީއެވެ. ދަގަތްފާނު ފަތިކޮޅެއްގައި ޢާއްމުކޮށް އުތުރު ތަނޑިއަކާއި ދެކުނު ތަނޑިއެއް ވާކަމަށް ވެއެވެ. ތަނޑި ކިޔަނީ ދަގަތްފާނުގެ ބާރު އެންމެ ގަދަކަމަށް ދައްކާ ތަނަށެވެ. މި ދެ ތަނޑި ބައެއް ދަގަތްފާނުގައި ހުންނަނީ ދެކޮޅުގެ ބަދަލުގައި ދެ ފަރާތުގައެވެ. އުތުރު ތަނޑިއަށް އިނގިރޭސި ބަހުން ކިޔަނީ ނޯތު ޕޯލް އެވެ. ދެކުނު ތަނޑިއަށް ސައުތު ޕޯލް އެވެ. އުތުރު ތަނޑި ކިޔާ ސަބަބަކީ ދަގަތްފާނު ފަތިކޮޅު ރޮނދިފަށަކުން އެލުވައިފި ނަމަ، އުތުރު ތަނޑި ދުނިޔޭގެ އުތުރާ ދިމާއަށް އެނބުރޭތީ އެވެ. އަނެއްކޮޅު އެނބުރޭނީ ދެކުނާ ދިމާއަށެވެ. މިހެންވެ، ސަމުގާ ހަދަނީ ދަގަތްފާނުކޮޅެއް އެނބުރޭގޮތަށް ވަށް ތަށިގަނޑެއްގައި ހަރުކޮށްގެންނެވެ. މިހެން ހަދާއިރު ދަގަތްފާނުކޮޅު ކައްޓެއްހެން ހަދާފައި ހުރެއެވެ.
ދަގަތްފާނުގައި އުތުރު ޕޯލް ފާހަގަކުރަނީ ރަތްކުލަ ޖައްސައިގެން ނުވަތަ N ޖަހައިގެންނެވެ. ދެކުނު ޕޯލް ފާހަގަކުރަނީ ނޫކުލަ ނުވަތަ S އިންނެވެ.
ދަގަތްފާނުގެ އާދަޔާ ޚިލާފު ކަމަކީ، ދަގަނޑު އެއަށް ދަމާކަމެވެ. ދަގަނޑުގެ އިތުރަށް އެހެން ދެ މަޢުދަނެއް ވެސް ދަގަތްފާނަށް ބާރަށް ދަމައެވެ. އެންމެ ބާރަށް ދަމާނީ ދަގަތްފާނުގެ އުތުރު ތަނޑިއާ ދިމާއަށް އެހެން ދަގަތްފާނެއްގެ ދެކުނު ތަނޑިއެވެ. ޗާޖު އަށް ވާގޮތަށް ދެ އުތުރު ތަނޑި ގާތްކޮށްފިނަމަ، ދުރަށް ދާ ބާރެއް ހުރެއެވެ. ހަމަ އެފަދައިން ދެ ދެކުނު ތަނޑި ގާތްކޮށްފިނަމަ ފޭވާ ބާރެއް ހުރެއެވެ. މިއީ ޠަބީޢީބާރެކެވެ. ދުރުވާ ނުވަތަ ކައިރިވާ ޙަޤީޤީ ސަބަބެއް އެއްވެސް މީހަކަށް ނޭނގެއެވެ.
ދަގަނޑު ކީހުމުން އުފެދޭ ކުނޑި ނުވަތަ ދަގަނޑުގައި ފީރުލުމުން އުފެދޭ ދަގަނޑު ކުނޑި، ދަގަތްފާނު ގަނޑެއް މައްޗަށް ބުރުއްސާލުމުން އަޅުގަނޑުމެންނަށް ފެންނަނީ އެ ކުނޑިތައް އެންމެ ގިނައިން ހުންނަނީ އުތުރު އަދި ދެކުނު ޕޯލް ނުވަތަ ތަނޑި ކައިރީގައި ކަމެވެ. ދެން ފާހަގަ ކުރެވޭ ކަމަކީ، ދެ ޕޯލް ނުވަތަ ދެ ތަނޑީގެ ވަށައިގެން ކުނޑިތައް ރޮނގުތަކަކަށް އެތުރޭ ކަމެވެ.
ކުނޑިތައް ވަކި ގޮތަކަށް އެތުރޭތީ އަޅުގަނޑުމެންނަށް އެނގެނީ، ދަގަތްފާނުގެ ބާރު އެތަންތާނގައި ވާކަމެވެ. އަދި، މި ބާރު ޢަދަދުނުކުރެވޭހާ ގިނަ ރޮނގުތަކެއްގެ ގޮތަށް ހުންނަ ކަމެވެ. ސައިންސްވެރިން ފަސޭހައަކަށް ދަގަތްފާނު ރޮނގުތައް ނުކުންނަނީ އުތުރު ޕޯލް އިން ދެކުނު ޕޯލްއަށް ކަމަށް ބުނެ ވަކި މިސްރާބަކަށް ތީރު ޖަހައި ކުރަހައެވެ. ކުދިކުދި ސަމުގާ އެއް ބޭނުންކޮށްގެން މި ރޮނގުތައް ކުރެހިދާނެއެވެ. ދަގަތްފާނުގެ އުތުރު ޕޯލް ދަމާނީ ސަމުގާއެއްގެ ދެކުނު ޕޯލްއަށެވެ.
އަޅުގަނޑުމެންނަށް ނުފެނުނަސް، ދަގަތްފާނުގެ ބާރުގެ ރޮނގުތައް މުޅި ދަގަތްފާނު ފަތިކޮޅު ވަށާލެވިފައި ވެއެވެ. މިކަން ދައްކަން ހަދާގޮތަކީ، ތެޔޮ އެޅި ހަތަރެސްކަން ފުޅިއަކަށް ދަގަނޑު ކުނޑި އަޅައި އޭގެ އެތެރެއަށް އިންނަ ކެނޑުމަކަށް ދަގަތްފާނު ކޮޅު ލަނީއެވެ. ދެން، އެ ކުނޑިތައް ތެލުގެ ތެރޭގައި ދަގަތްފާނުގެ ބާރުގެ ރޮނގުތައް ފާހަގަވާ ގޮތަށް އެތުރެއެވެ. ތިރީގައިވާ ވީޑިއޯ އިން ފެންނަ ފަދައިންނެވެ. ދަގަތްފާނުގެ ހަފަރާތުގައި ވަށައިގެން މި ރޮނގުތައް ވެއެވެ.
ސީދާ ކަރަންޓު
އިންސާނުން ވަރަށް ކުރިން ސުރެ ބެޓެރީ އީޖާދުކުރިކަމަށް ވެއެވެ. ބަޣްދާދުގެ ބެޓެރީގެ ނަމުގައި މަޝްހޫރުވެފައިވާ 2000 އަހަރުވީ ބެޓެރީ ތަކެއްކަމަށް ބުނާ ފުޅިތަކެއް އެ ޤައުމުން ފެނިފައި ވެއެވެ. މިފަދަ ބެޓެރީތަކުގައި ޗާޖް ހުންނަނީ ކެމިކަލްް ބޭނުންކޮށްގެން ދެ ފަރާތަކަށް ޖައްސާފައެވެ. + (ރަސްގެ) ޖަހާފައިވާ ކޮޅުގައި ހުންނަނީ ޕޮޒިޓިވް ޗާޖް ގިނައިންނެވެ. – ޖަހާފައިވާ ކޮޅުގައި ޕޮޒިޓިވް ޗާޖް މަދުކަމުން ބުނަނީ ނެގެޓިވް ޗާޖް ހުންނަ ކަމަށެވެ. ނަރުކޮޅަކުން ދެކޮޅު ގުޅައިފިނަމަ، ޕޮޒިޓިވް ޗާޖްތައް ނަރުތެރެއިން ލާފައި – (ނެގެޓިވް) ޗާޖް އާ ދިމާއަށް ދެއެވެ. އެއީ މި ދެ ޗާޖް ކުރިން ބަޔާންކުރި ގޮތަށް ގާތްވުމަށް ހުންނަ ޠަބީޢީ ބާރެއްގެ ސަބަބުންނެވެ. މިގޮތަށް ޗާޖް ދަތުރުކުރުމަށް ކިޔާ ނަމަކީ، ކަނޑާއި ކޯރުގައި އަޅާ އޮއެއަށް ކިޔާ ނަމެވެ. އާދެ! ކަރަންޓް އެވެ.
ކަރަންޓަކީ ޗާޖްގެ ދުވެއްޔެވެ. ކަރަންޓް ގަދަ ނަމަ، އޮއި ގަދަވާ ފަދައިން، ގިނަ ޗާޖް ނަރުން ދަތުރުކުރާނެއެވެ. އަދި އިސާހިތަކު ޗާޖް ހަމަހަމަވެ ބެޓެރީގެ ބާރު ކެނޑޭނެއެވެ. މި ބާވަތުގެ ކަރަންޓް ދަތުރުކުރަނީ އަބަދުވެސް އެއް ކޮޅަށެވެ. އެހެންކަމުން، ކިޔަނީ ސީދާ އޮއި ނުވަތަ ޑިރެކްޓް ކަރަންޓް (direct current — D.C.) އެވެ. ކުރުކޮށް ޑީސީ އެވެ. ”ކަރަންޓް“ އާއި ”އިލެކްޓްރިކް“ މި ދެ ލަފުޒުގެ ތަފާތަކީ، ފުރަތަމަ ލަފުޒު ޗާޖުގެ ދުވެއްޔަށް ނިސްބަތްވާ ކަމެވެ. ފަހު ލަފުޒު ނިސްބަތްވަނީ ދުވެލީގެ ސަބަބުން އުފެދޭ ބާރަށް ނުވަތަ ހަކަތައަށެވެ. ޑިރެކްޓް ކަރަންޓް ނުވަތަ ސީދާ ކަރަންޓުން މާނަކުރަނީ ކޮންމެހެން ސީދަލަށް ރޮނގެއްހެން ކަރަންޓު ދަތުރުކުުރުމަކަށް ނޫނެވެ. އެއް ކޮޅަކަށް ދަތުރުކުރުމަށެވެ. މިއިން އަންގައިދެނީ ދެކޮޅަށް ދަތުރުކުރާ ކަރަންޓުގެ ބާވަތެއް ވާކަމެވެ.
ކަރަންޓުން ދަގަތްފާނު އުފެދޭ ހެއްޔެވެ؟
1820 ވަނަ އަހަރު ޑެންމާރކް ގެ މީހަކަށް ވަރަށް އާދަޔާ ޚިލާފު ތަޖުރިބާއެއް ކުރެވުނެވެ. އެއީ، މޭޒުމަތީގައި އޭނާ ބޭނުންކުރަމުން ދިޔަ ސަމުގާ ކައްޓަކަށް ވީގޮތެކެވެ. އެކި ތަޖުރިބާ ކުރަން މޭޒުމަތީގައި ގެންގުޅޭ ސަމުގާ ކަށި ހުންނަނީ، ފިލާކޮޅަކަށް މޮހޮރެއްޖަހައި އެ މޮހޮރުގެ މަތީގައި ބާއްވާފައެވެ. މިގޮތަށް ހެދުމުން ސަމުގާ ކަށީގެ އުތުރު ޕޯލް ހުންނާނީ އުތުރާ ދިމާއަށެވެ. ފޯލި ނުވަތަ ފަތި ދަގަތްފާނު ކޮޅެއް ރޮނދިޖަހައި އެލުވަނިކޮށް ވެސް ސަމުގާއެއްގެ ގޮތަށް މަސައްކަތް ކުރާނެއެވެ. ކޮންމެއަކަސް، މިގޮތަށް ހުންނަ ސަމުގާ އަކާ އެހެން ދަގަތްފާނުކޮޅެއް ކައިރިކޮށްފި ނަމަ، ގާތްކުރާ ޕޯލްއެއްގެ ބާވަތުން ސަމުގާ ކަށި، އިހު ބުނެވުނު ހަމައިން، އެނބުރޭނެއެވެ.
ޑެންމާކް ގެ މި މީހާ، 1820 ވަނަ އަހަރު އޭނާގެ މޭޒުމަތީގައި ބެޓެރީތަކަކާ ނަރެއް ގުޅައިގެން ”ކުޅެނިކޮށް“ އޭނާއަށް ފާހަގަ ކުރެވުނީ، ބެޓެރީއިން ކަރަންޓެއް ދާ ގޮތަށް ނަރެއް ގުޅައިފިނަމަ، ދުރުގައި ހުރި ސަމުގާ ކަށްޓަށް އަސަރެއް ކުރާކަމެވެ. އޭގެ ކަށި ގުޑާކަމެވެ. އެއީ ތިރީގައިވާ ހަރަކާތް ކުރާ ފޮޓޯއިން ފެންނަ ފަދައިންނެވެ.
ދެން ތަކުރާރުކޮށް ނަރު ގުޅުމުން ވެސް މިކަން ހަމަ ކޮންމެ ފަހަރަކު ތަޖުރިބާކުރެވުނެވެ. މިކަމުން އޭނާއަށް ވިސްނުނީ، ސަމުގާގެ ކަށި ގުޑާނީ ދަގަތްފާނުގެ އަސަރުންކަމުން، ނަރުން ކަރަންޓު ދަތުރުކުރާއިރު، އެ ނަރުން ދަގަތްފާނު އުފައްދާކަމެވެ. އެހެންނޫނީ ސަމުގާ ކަށި ގުޑަންވީ ކީއްވެގެން ހެއްޔެވެ؟ މީގެ ކުރިން އެންމެންވެސް ހީކުރަމުން އައީ ކަރަންޓާއި ދަގަތްފާނާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
އިތުރަށް މީނާ ކުރި ތަޖުރިބާއިން އަންނަނިވި ކަންކަން ފާހަގަ ކުރެވުނެވެ. ނަރާއި ސަމުގާ ކައިރިވި ވަރަކަށް ސަމުގާއަށް ކުރާ އަސަރު ބޮޑުކަމާއި، ގިނަ ބެޓެރީ ބޭނުންކޮށްެގެން ކަރަންޓު ގަދަކޮށްފި ނަަމަ، ސަމުގާ އަށް ކުރާ އަސަރު ބޮޑުކަމެވެ. އަދި ބެޓެރީއާ ނަރު ގުޅާ ކޮޅު ބަދަލުކޮށް ހެދުމުން ސަމުގާގެ ކަށި އެނބުރޭ ދިމާ ތަފާތުވާކަމެވެ. މިކަމުން، ކަރަންޓު ދަތުރުކުރާ މިސްރާބާއި ސަމުގާގެ ކަށި އެނބުރޭ މިސްރާބާ ގުޅުމެއް ހުންނަކަން މީނާއަށް ވިސްނުނެވެ. މި ތަޖުރިބާ، ތިބާ އަމިއްލައަށް ކުރެއްވިއަސް، ހަމަމިކަން މިގޮތަށް ހިނގާކަން ފާހަގަ ކުރެއްވޭނެއެވެ.
ޑެންމާކް މީހާގެ ހިތަށް އެރިއެވެ. ކަރަންޓު ނަރެއްގައި ދަގަތްފާނުގެ އަސަރު ހުންނަ ނަމަ، އެ އަސަރު ގަަދަކޮށް ދަގަތްފާނުގަނޑެއް ހެދޭނެ ހެއްޔެވެ؟
ޑެންމާރކް މީހާގެ ތަޖުރިބާ ޢާއްމުވިތާ ހަތަރުވަރަކަށް އަހަރުގެ ތެރޭގައި އެތައް ބައެއް ބެޓެރީން ކަރަންޓު ފޮނުވައިގެން ދަގަތްފާނު ހަދައިފިއެވެ. ކުރާ ކަމަކީ ދަގަތްފާނު ނޫން އާދައިގެ ދަގަނޑު ގަނޑެއްގައި ނަރު އޮޅައި އެއިން ކަރަންޓު ފޮނުވަނީއެވެ. ފާހަގަކުރެވިފައިވަނީ ކަރަންޓު ގަދަވި ވަރަކަށާއި އޮޅާފައިވާ ނަރު ފަލަވިވަރަކަށާއި އޮޅިނަރުގެ ފައްތައް ގިނަވިވަރަކަށް ދަގަތްފާނުގެ ބާރުގަދަވާ ކަމަށެވެ. އަދި ނަރު އޮޅާ ދަގަނޑުގެ ބާވަތުން (މިސާލަކަށް ނަރު އޮޅާ ދަނޑި، ހިމަ ދަގަނޑު ނަރުން ނުވަތަ ފޮތި ދަގަނޑުން ހަދާފައިވާ ނަމަ) ދަގަތްފާނުކަން ގަދަވާކަމެވެ. މިިބާވަތުގެ ދަގަތްފާނަށް އިލެކްޓްރިކް ދަގަތްފާނު ނުވަތަ ”އިލެކްޓްރޯމެގްނެޓް“ ކިޔައި މަޝްހޫރުވެފައި ވެއެވެ. އިލެކްޓްރިކް ދަގަތްފާނުގައި ދަގަތްފާނުކަން ހުންނަނީ ކަރަންޓް ހިނގާނަމައެވެ. ކަރަންޓު ކަނޑާލާއިރަށް ދަގަތްފާނުކަން ކެނޑެއެވެ. އެހެންކަމުން މިއީ ވަގުތީ ދަގަތްފާނެކެވެ. މޮހޮރެއްގައި ނަރު އޮޅައި، ބެޓެރީބުރިއަކާ ގުޅައިގެން މި ބާވަތުގެ ދަގަތްފާނު ކޮންމެ މީހަކަށް ވެސް އުފެއްދިދާނެއެވެ. އެންމެ ބޮޑެތި އެންމެ ބާރުގަދަ ދަގަތްފާނު މިހާރު އުފައްދަނީ ނަރެއްގެ ތެރެއިން ކަރަންޓު ފޮނުވައިގެންނެވެ. ބޮޑެތި އާގުބޯޓުު އުފުލައިލާހާ ވަރުހުންނަ އިލެކްޓްރިކް ދަގަތްފާނު ހުރެއެވެ. ސޭލާގައި ޖަހައިގެން އެއްތަނުން އަނެއް ތަނަށް ބައު ދަގަނޑު އުފުލަން އިލެކްޓްރިކް ދަގަތްފާނު ބޭނުން ކުރެއެވެ.
ދަގަތްފާނުން ކަރަންޓު އުފެއްދި ދާނެ ހެއްޔެވެ؟
މިހާ ހިސާބަށް ކިޔުއްވި ފަރާތްތަކަށް އޮޅުން ފިލާވަޑައިގަންނަވާނޭ އެއް ކަމަކީ ކަރަންޓު ބޭނުންކޮށްގެން ދަގަތްފާނު އުފެއްދޭނޭ ކަމެވެ. އެހެންކަމަށް ވާނަމަ، މިކަމުގެ އިދިކޮޅު ޢަމަލު ތެދުވާނެ ހެއްޔެވެ؟ ދަގަތްފާނުން ކަރަންޓު އުފެއްދިދާނެ ހެއްޔެވެ؟
މި މުހިއްމު ސުވާލުގެ ޖަވާބަކީ އާއެކެވެ. ކަރަންޓުން ދަގަތްފާނު އުފެއްދޭ ގޮތަށް މީގެ އިދިކޮޅު ޢަމަލު ވެސް އެއީ ވާކަމެކެވެ. ދަގަތްފާނުން ކަރަންޓުވެސް އުފެއްދެއެވެ. މިކަން ފާހަގަކުރެވުނީ 1831 ވަނަ އަހަރުއެވެ. ނަރުކޮޅަކާ ދަގަތްފާނު ކޮޅެއް ކައިރިކޮށްލުމުން ނަރުގެ ތެރެއިން ކަރަންޓު ދަތުރުކުރަން ފަށައެވެ. ދަގަތްފާނުގެ ބާރު ގަދަވި ވަރަކަށް ކަރަންޓުގެ މިންވަރު ގަދަވެއެވެ. އަދި ނަރާ ކައިރިވި ވަރަަކަށް ވެސް ކަރަންޓު ގަދަވެއެވެ. އެންެމެ އާދަޔާ ޚިލާފުކަމަކީ ނަރުގެ ކައިރީގައި ދަގަތްފާނު އޮތުމުން ކަރަންޓު ނުއުފައްދާކަމެވެ. ކަރަންޓު އުފައްދަން ޖެހެނީ، ދަގަތްފާނުގެ ވަށައިގެންވާ ބާރުގެ ރޮނގުތައް ކެނޑޭގޮތަށް ދަގަތްފާނު ކައިރިކޮށް ދުރުކުރާށެވެ. ދަގަތްފާނު ނުވަތަ ނަރު ގުޑުވާށެވެ. އަބަދު ޙަރަކާތް ކުރާށެވެ. ތިރީގައިވާ ޙަރަކާތްކުރާ ފޮޓޯއަށް ފަރުވާތެރިކަމާއެކު ވިސްނަވާށެވެ. އެ ފޮޓޯގައި ނަރުގެ ދެކޮޅު އެވަނީ ކަރަންޓު މިނާ މީޓަރަކާ ގުޅާފައެވެ. މިއޮތީ މިފޮޓޯއަށް ވުރެ ސާފު ވީޑިއޯ އެކެވެ.
ދަގަތްފާނު، ނަރާ ކައިރިކުރާއިރާއި ދުރުކުރާ އިރު، މީޓަރުގެ ކަށި ޖެހޭ ކޮޅުން ނުވަތަ ފަރާތުން އަޅުގަނޑުމެންނަށް އެނގެނީ ކަރަންޓު ދަތުރުކުރާ މިސްރާބު ބަދަލުވާކަމެވެ. ދަގަތްފާނު ނަރާ ކައިރިކުރާއިރު ކަރަންޓު އުފެދެނީ ވަކި ކޮޅަކަށެވެ. ދުރުކުރާއިރު އަނެއްކޮޅަށެވެ.
އަނެއްކާ ފެންނަގޮތަށް ނަޒަރު ހިންގާލަމަތޯއެވެ؟ ފޮޓޯއިންނާއި ވީޑިއޯއިން ފާހަގަވާ ކަމަކީ، އޮޅާފައިވާ ނަރު ރޯލުގެ ތެރެއަށް ދަގަތްފާނުކޮޅު ކޮއްޕާ ވަގުތު ކަރަންޓު އުފައްދާ ކަމެވެ. ނަމަވެސް، ވެއްދުމަށް ފަހު ދަގަތްފާނު ހުރިތާ ހިފަހައްޓައިގެން ހުންނަ ނަމަ، ކަރައްޓެއް ނުއުފައްދައެވެ. ނަރު ރޯލުގެ ތެރެއިން ދަގަތްފާނުކޮޅު ނެރުމުން އަނެއްކާ ކަރަންޓު އުފައްދައެވެ. މިފަހަރު ކަށި ޖެހެނީ އަނެއް ފަރާތަށެވެ. އަވަހަށް، ކުއްލިއަކަށް ދަގަތްފާނުކޮޅު ކޮއްޕާލުމުން އުފައްދާ ކަރަންޓު ގަދަވެއެވެ. ނަރު ރޯލުގެ ފައްތައް ގިނަވި ވަރަކަށް ކަށި ހަރަކާތް ކުރާ ވަރުވެސް ބޮޑުވެއެވެ. މި ތަޖުރިބާއިން، ދަގަތްފާނު ބޭނުންކޮށްގެން ކަރަންޓު އުފެއްދޭކަން ޔަޤީން ވެއެވެ.
ސިންގްލް ފޭސް ޖެނެރޭޓަރ މަސައްކަތް ކުރާ ގޮތް
ދަގަތްފާނުން ކަރަންޓު އުފެއްދޭނެކަން ޔަޤީން ވުމުން، އެންޖިނޭރުން ކަރަންޓު އުފައްދާ މެޝިން ހަދަން ފެށިއެވެ. ދެގޮތަކަށް މިކަން ކުރެވިދާނެއެވެ. އެއްގޮތަކީ، އޮޅާފައިވާ ނަރުތަކަކާ ދަގަތްފާނުގަނޑެއް ކައިރިކޮށް ދުރުކުރުމެވެ. އަނެއްގޮތަކީ ދަގަތްފާނުގަނޑަކާ ނަރުތަކެއް ކައިރިކޮށް ދުރުކުރުމެވެ. މިދެގޮތް ވެސް، ކަރަންޓު އުފެއްދުމަށް ބޭނުން ކުރެއެވެ. ނަރު ނުވަތަ ދަގަތްފާނުގަނޑު ޖެހެނީ ގުޑުވާށެވެ. މި ދެއެތިން އެކަތީގެ ދުރުމިން އަނެއް އެއްޗާ އަޅާބަލާއިރު ބަދަލުނުވާނަމަ، ކަރަންޓެއް ނުއުފެދެއެވެ. ޙަރަކާތެއް ނުކުރާނަމަ، ކަރަންޓެއް ނުއުފެދެއެވެ. އިލެކްޓްރިކް ބާރަކީ، ޙަޤީޤަތުގައި، މި ދެއެތިން އެކަތި ގުޑުވުމަށް ލާ ބާރު ކަރަންޓަށް ބަދަލުވުމުން އުފެދޭ ބާރެކެވެ. ނުވަތަ ހަކަތަައެކެވެ.
ދުނިޔެ ހިނގާ އުސޫލުތަކުގެ ތެރެއިން އެއްކަމަކީ، ދުނިޔޭގެ ކަންތައްތައް އެއްގޮތަކަށް ހިނގުމަށް، އޮތްގޮތަށް އޮތުމަށް، ހުންނަ ޤުދްރަތީ އުސޫލެވެ. މިއުސޫލުގެ ސަބަބުން ބޯޅައެއް ތަނެއްގައި ބޭއްވުމުން ނުގުޑާ އޮވެއެވެ. ބޯޅަ ބަރުވިވަރަކަށް އެ ގުޑުވާލަން އުނދަގޫ ވެއެވެ. ބޯޅައެއް ފުރޮޅެމުންދާ ނަމަ، އެ ހުއްޓުވަން އުނދަގޫ ވެއެވެ. މިސާލެއްގެ ގޮތުން ބާރަށް ދުއްވާފައިދާ ބައިސްކަލެއް، ފައިން ބާރު ނުލިޔަސް ކުއްލިއަކަށް ނުހުއްޓެއެވެ. އޭގެ ދުވެލީގައި ވަކި ހިސާބަކަށް ނުގޮސް ނުހުއްޓެއެވެ. މި އުސޫލަކީ ޙަރަކާތްކުރާ ކޮންމެ އެއްޗަކަށް ޢާއްމު އުޞޫލެކެވެ.
އޮޅާފައިވާ ނަރުރޯލެއް، ދަގަތްފާނު ކޮޅަކާ ކައިރިވުމުން، ނަރުރޯލާ ކައިރިއަށް ދަގަތްފާނު އަޔަ ނުދިނުމަށް ނަރު ރޯލު މަސައްކަތް ކުރެއެވެ. މިކަން ކުރާ ގޮތަކީ، ދަގަތްފާނުގެ އުތުރު ޕޯލް ނަރުރޯލާ ކައިރިވާނަމަ، ނަރުރޯލުން ކަރަންޓު އުފައްދައިގެން އުތުރުޕޯލެއް އުފައްދަނީއެވެ. ކުރިން ބަޔާން ކުރެވުނު ފަދައިން އުތުރު ޕޯލާއި އުތުރު ޕޯލާ ދުރުވާ ބާރެއް ހުރެއެވެ. ނަރު ރޯލުން އުތުރުޕޯލް އުފައްދަނީ ވަކި ކޮޅަކަށް ކަރަންޓު އުފައްދައިގެންނެވެ. އޭގައިވާ ޗާޖް ވަކި ދިމާއަކަށް ދައުރުކޮށްގެންނެވެ. ދަގަތްފާނުގަނޑު ނަރުރޯލާ ކައިރިވުމަށް ފަހު ހުއްޓުމުން، ކަރަންޓު އުފައްދާކަށް ނުޖެހެއެވެ. އެއީ ނަރުތައް އަދި ދަގަތްފާނު ނުގުޑާތީއެވެ.
ދަގަތްފާނުގެ އުތުރުޕޯލް ނަރުރޯލާ ދުރުކުރާނަމަ، އެކަން ހުއްޓުވަން ނަރުރޯލުން މަސައްކަތް ކުރެއެވެ. އުތުރު ޕޯލް އަށް ދަމަނީ ދެކުނު ޕޯލް ކަމުން، މިކަން ކުރާގޮތަކީ ނަރު ރޯލުން ކަރަންޓު އުފައްދާ މިސްރާބު ބަދަލުކޮށް މިފަހަރު ދެކުނު ޕޯލެއް ނަރުރޯލުން އުފައްދައިގެންެނެވެ. ފަރަގު ދެ ޕޯލް އެކަތި އަނެއް އެއްޗަށް ދަމާތީ ދެކުނު ޕޯލް އުފައްދަނީއެވެ. ތިރީގައިވާ ކުރެހުމަށް އަދި މި ވީޑިއޯއަށް ފަރުވާތެރިކަމާއެކު ބައްލަވާށެވެ.
ބަރަނިދަނޑިއެއްގައި ރޮނދި އޮޅާފައި ހުންނަ ގޮތަށް، އެއްޗެއްގެ ވަށައިގެން ނަރު އޮޅައިފިނަމަ ނުވަތަ ވަށައިފިނަމަ އެއަށް ކިޔަނީ ކޮއިލް އެވެ. މާދުރުގައިވާ ދަގަތްފާނު ގަނޑެއްގެ އުތުރު ޕޯލް ނަރު ކޮއިލް އަކާ ގާތްވަމުން އަންނަ އިރު އެއިން ޗާޖު ދައުރުކޮށްގެން އުފައްދާ ކަރަންޓު އަންނާނީ މަތިވަމުންނެވެ. އެއީ ފުއްޓަރު ފަރާތު ކަނޑުގައި އުފެދޭ ރާޅެއްގެ ހުޅި އުސްވަމުން އަންނަ ފަދައިންނެވެ. އެންމެ ކަރަންޓު ގަދަވަނީ ކޮއިލްއާ ދަގަތްފާނު ގަނޑު އެންމެ ގާތްވާ ވަގުތުއެވެ. ނުފެންނަ ގޮތަށް ޕޯލުން ބޭރަށް ފެތުރިފައިވާ ބާރުގެޚިޔާލީ ރޮނގުތައް އެންމެ ބޮޑަށް ހުރަސްވާގޮތަށް ކޮއިލްއަށް އަރާ ވަގުތު އެވެ. ދަގަތްފާނުގަނޑު، ކޮއިލްއާ އެންމެ ގާތްވުމަށް ފަހު ދުރަށްދާން ފެށުމުން ނުވަތަ ފޭވާން ފެށުމުން ކުރިން ކަރަންޓު އުފައްދާ މިންވަރު ކުޑަވާން ފަށާނެއެވެ. އުފައްދާ ކަރަންޓު އެންެމެ ބޮޑުވާނީ ބާރުގެ ރޮނގުތައް ކޮއިލްއާ އެންމެ ބޮޑަށް ހުރަސްވާ ވަގުތުއެވެ.
އުތުރުޕޯލްގެ ބަދަލުގައި ދެކުނު ޕޯލް (S) ނަރުތަކާ ކައިރިވާނަމަ، ކަރަންޓު އުފައްދާނީ އުތުރު ޕޯލް ކައިރިވަމުން އައި އިރު ކަރަންޓު އުފެއްދިގޮތާ ދިމާ އިދިކޮޅަށެވެ. މިފަހަރުވެސް އެންމެ ގިނައިން އެންމެ ބޮޑަށް ކަރަންޓު އުފައްދާނީ ދެކުނު ޕޯލުން ނުކުމެފައިވާ ޚިޔާލީ ބާރުގެ ރޮނގުތައް އެންމެ ބޮޑަށް ނަރުން ކެނޑި ހުރަސްވާ ވަގުތުއެވެ.
ތިރީގައި އެވާ ހަރަކާތްކުރާ ތަސްވީރަކީ މިކަންވާގޮތް ދައްކައިދޭ ތަސްވީރެކެވެ. އެ ތަސްވީރުގައި އެނބުރެނީ ކޮއިލްއެވެ. ނަމަވެސް ނަތީޖާ އެއްގޮތެވެ. އުތުރު ޕޯލް އާ ކޮއިލް ގާތްވީމާ ކަރަންޓު އުފައްދާ ގޮތާއި ދާދި އެއްގޮތަކަށް ދެކުނު ނުވަތަ ސައުތު ޕޯލްއާ ކޮއިލް ގާތްވުމުން ކަރަންޓު އުފައްދައެވެ. ނަމަވެސް އަނެއް ކޮޅަށެވެ. ކަނާތްފަރާތުގައި އެވަނީ ކަރަންޓުގެ ބޮޑުމިން، ވަގުތަށް ނިސްބަތްކޮށް ކުރެހޭ ޗާޓެކެވެ. ކަނޑުގެ ރާޅާ ކަރަންޓު ކުޑަވެބޮޑުވާ ގޮތާ ވައްތަރުގޮތެއް ހުރެއެވެ.
ބެޓެރީން އުފައްދާ ކަރަންޓަކީ އެއްކޮޅަށް ދަތުރުކުރާ ކަރަންޓެކެވެ. އެހެންކަމުން، އެބާވަތުގެ ކަރަންޓަށް ކިޔަނީ ޑިރެކްޓް (ސީދާ) ކަރަންޓެވެ. ނުވަތަ ޑީ.ސީ. އެވެ. ކޮއިލެއްގެ ކައިރީގައި ދަގަތްފާނުގަނޑެއް އަނބުރައިގެން އުފައްދާ ކަރަންޓު ދަތުރުކުރާ މިސްރާބު އިރުއިރުކޮޅާ ބަދަލުވާތީ، މި ބާވަތުގެ ކަރަންޓަށް ކިޔަނީ އޯލްޓަރނޭޓިން ކަރަންޓެވެ. ކުރުކޮށް އޭ.ސީ. (alternating current — a.c) އެވެ. އިނގިރޭސިބަހުން އޯލްޓަރނޭޓް ގެ މާނައަކީ ފުރަތަމަ ވަކި ގޮތަކަށް ކަމެއް ވުމަށްފަހު، ދެން އެކަން އެހެންގޮތަކަށްވެ، ދެން އަނެއްކާވެސް ފުރަތަމަ ގޮތަށް އެކަމެއް ހިނގައި މިގޮތަށް ތަކުރާރުވުމެވެ. ދެ ދުވަހުން އެއްދުވަހަކީ އޯލްޓަރނޭޓް ދުވަހެވެ. އެކަތި ނެގުމަށްފަހު، ޖެހިގެން އޮތް އޮތި ނުނަގައި ދެން އޮތް އެތި ނެގުމަކީ އޯލްޓަރނޭޓް އެތި ނެގުމެވެ. މި ބާވަތުގެ ކަރަންޓަށް އޯލްޓަނޭޓްވާ ކަރަންޓު ކަމަށް ބުނަނީ، ފުރަަތަމަ، ކަރަންޓު އެއްކޮޅަކަށް ދަތުރުކޮށްފައި، ދެންއަނެއް ކޮޅަށް ދަތުރުކުރުމަށް ފަހު އަލުން ކުރިން ދަތުރުކުރި ކޮޅަށް ދަތުރުކުރާތީ އެވެ. މިހެންވަނީ އުތުރު ޕޯލް ކޮއިލްއާ ގާތްވެފައި ދެން ދެކުނުޕޯލް ކޮއިލްއާ ގާތްވާތީއެވެ.
މިބާވަތުގެ ކަރަންޓުގެ އެއް މައްސަލައަކީ، ކޮއިލް ދަގަތްފާނުގެ ކައިރީގައި އެނބުރޭއިރު އެއްވެސް ކަރަންޓެއް ނުއުފައްދާ ވަގުތުކޮޅެއް ދާކަމެވެ.
ކަރަންޓު އުފައްދާ ޖެނެރޭޓަރުގެ ދަގަތްފާނުގަނޑު އަނބުރަނީ އިންޖީނަކުން ނުވަތަ ފެނުގެ އޮއިން ނުވަތަ ވައިންނެވެ. ޖެނެރޭޓަރުގެ ބާރު ގަދަކުރުމަށް ދަގަތްފާނުގަނޑު އޮންނަނީ ތިރީގައި އެވާ ޙަރަކާތްކުރާ ފޮޓޯއިން ފެންނަ ފަދައިން، ދިގުކޮށެވެ. ކަރަންޓު އުފައްދާ މިންވަރު ގަދަކުރުމަށް އެއް ދަގަތްފާނު ގަނޑުގެ ބަދަލުގައި އެނބުރޭ ބައިގައި އެތައް ދަގަތްފާނުފޮތި ހަރުކުރެއެވެ. އެއިރުން، ކޮންމެ ޕޯލެއް ކޮއިލް ހުރަސްކުރާއިރަށް ކަރަންޓު އުފައްދާނެއެވެ.
ތިރީގައި އެވަނީ ވައިން ކަރަންޓު އުފައްދާ ޖެނެރޭޓަރެއްގެ އެނބުރޭ ބައިގެ ނުވަތަ ރޯޓަރުގެ ދަގަތްފާނު ހުންނަ ބައެވެ. ފާހަގަ ކުރެއްވޭނޭ ފަދައިން އެތައް ދަގަތްފާނު ފަތިތަކެއް އޭގައި ހަރުކޮށްފައި ވެއެވެ. އެެހެންކަމުން މި ދަގަތްފާނުގަނޑުގައި އެތައް ޕޯލެއް ވެއެވެ. ކޮންމެ ޕޯލެއް ކޮއިލްއާ ގާތްވާއިރަށް ކަރަންޓު އުފައްދާނެއެވެ.
ވަރަށް ބާރުގަދަ ދަގަތްފާނު ނުހުންނާތީ ނުވަތަ އަގުބޮޑުކަމުން ބައެއް ޖެނެެރޭޓަރުގައި ދަގަތްފާނު އުފައްދަނީ ކަރަންޓު ބޭނުންކޮށްގެންނެވެ. އެހެން ޢިބާރާތަކުން ދަންނަވާ ނަމަ، އެނބުރޭ ދަގަތްފާނުގަނޑަކީ އިލެކްޓްރޯމެގްނެޓް އެކެވެ. ކަރަންޓު ދަގަތްފާނުގަނޑެކެވެ. އިލެކްޓްރޯމެގްނެޓަށް ބައެއް ފަހަރު ފުރަތަމަ ކަރަންޓު ފޮނުވަނީ ބެޓެރީއަކުންނެވެ. ޖެނެރޭޓަރު އެނބުރުމުން، އިލެކްޓްރޯމެގްނެޓަށް ބޭނުންވާ ކަރަންޓަށް ވުރެ ގިނަ ކަރަންޓު ޖެނެރޭޓަރުން އުފައްދައެވެ. ދަގަތްފާނުގެ ބާރުގަދަކުރުމަށް ނަރުއޮޅާފައި ހުންނަނީ ފޮތިދަގަނޑުގައެވެ. އެއިރުން އެނބުރޭބައި ހޫނުވާ މިންވަރު ކުޑަވެ ދަގަތްފާނު އުފައްދަން ބޭނުންވާ ކަރަންޓު މަދުވެއެވެ. ގިނަ ޕޯލްތައް ބޭނުންކުރުމުގެ އެއް މަންފާއަކީ ކަރަންޓު އެކި ޕޯލްތަކަށް ބެހިގެންދާއިރު، މަދު ކަރަންޓު ކޮންމެ ޕޯލަކުންދާ ކަމެވެ. މިކަމުގެ ސަބަބުން ބޭނުންކުރާ ރަތުލޯ ނަރު ހިމަކުރެވެއެެވެ. ރަތުލޯ ނަރަކީ އަގުބޮޑު އެއްޗެކެވެ. އަނެއް މަންފާއަކީ ދަގަތްފާނު ޕޯލްތައް ނަރާ ބޮޑަށް ގާތްކުރެވޭ ކަމެވެ. މިހެންވުމުން ބޭނުންކުރަންޖެހޭ ދަގަނޑު ފޮތިތައް މަދުކުރެވެއެވެ. މިކަމުން ޖެނެރޭޓަރު ލުއިވެއެވެ. މި ބަޔާންކުރި ސަބަބުތަކާ ހެދި، ޖެނެރޭޓަރުގެ އެނބުރޭ ބައިގެ ވަށައިގެން ހުންނަނީވެސް އެންމެ ކޮއިލެއް ނޫނެވެ. އެތައް ކޮއިލެއް ހުންނަނީ އެއް ކޮއިލެއްގެ ގޮތުގައި ގުޅާފައެވެ. އެހެންކަމުން، ވަށައިގެން ވެސް އެތައް ޕޯލްއެއް ވެއެވެ. ތިރީގައިވާ ފޮޓޯތަކަށް ފަރުވާތެރިކަމާއެކު ވިސްނަވާށެވެ.
މިއީ ގޭގައި ބޭނުންކުރާ ކުޑަ ޖެނެރޭޓަރެއްގެ އެނބުރޭ ބަޔާއި ނޭނބުރޭބައިގެ ނަރުތަކެވެ. އެނބުރޭބައިގައި ދަގަތްފާނު އުފައްދަން ނަރު އޮޅާފައިވަނީ ދެ ޕޯލް އުފެދޭގޮތަށެވެ. ނަމަވެސް، ނޭނބުރޭބައިގައި އެތައް ނަރުތަކެއް ބައިވަރު ޕޯލްތައް ހުންނަ ގޮތަށް ވަށާފައި ވެއެވެ.
މަތީގައިވާ ކުރެހުމުން އެ ފެންނަނީ ދަގަތްފާނުގަނޑެއް ކޮައިލެއްގެ ކައިރީގައި އެނބުރޭއިރު، ކަރަންޓު އުފައްދާ ގޮތެވެ. ވަކި ތަނަކަށް ދަގަތްފާނުގަނޑު އެރުމުން އެއްވެސް ގޮތަކަށް ކަރަންޓެއް ނުއުފައްދައެވެ. ދެން މަޑުމަޑުން ކަރަންޓު ގަދަވަމުން ގޮސް ވަކި ހިސާބަކަށް ދަގަތްފާނު އެރުމުން ކަރަންޓު ވަރަށް މަތިވެއެވެ. އެއީ ރާޅެއްގެ ހުޅި ފަދައިންނެވެ. ދެން މަޑުމަޑުން ތިރިވަމުން ގޮސް، ރާޅެއްގެ ބަނޑުހެން އަނެއް ކޮޅަށް (ތިރިއަށް) ކަރަންޓު އުފައްދަން ފަށައެވެ. މިހެންވުމުގެ ކުރިން، އެއްވެސް ގޮތަކަށް ކަރަންޓު ނުއުފައްދާ ވަގުތުކޮޅެއް ދެއެވެ. ދެން އަނެއްކޮޅަށް އެންމެގަދައަށްް ކަރަންޓު އުފެއްދުމަށް ފަހު، އަނެއްކާ ކަރަންޓު އުފެއްދުން ކުޑަވަމުން ގޮސް ސުމަކަށް އާދެއެވެ. ދެން މިގޮތަށް މިކަން ތަކުރާރު ވެއެވެ. އެންމެ ރާޅެއްގެ ތެރޭގައި 3 ފަހަރު ކަރަންޓު ސުމަކަށް އާދެއެވެ. މިވަގުތު އެއްވެސް ކަރައްޓެއް ނަރުތަކަކު ނުހުންނާނެއެވެ. ނަރުތަކާ ޚާއްޞަ ބޮކި ގުޅާފައިވާ ނަމަ، ބޮކިތައް ނިވޭނެއެވެ. މޯޓަރުތައް އެނބުރުން ކުޑަވާނެއެވެ. އަޅުގަނޑުމެންނަށް މިކަން އިޙްސާސް ނުވަނީ ހޮޅިބުރި ފަދަ ތަކެތި ނިވިދިއްލޭލެއް އަވަސްކަމުންނެވެ. ލޮލަށް ފެންނަގޮތުންނެވެ. މިގޮތަށް ނަރުން ކަރަންޓު ފޮނުވައިގެން ގިނަ ހަކަތައެއް އެއްޗަކަށް ރައްދެއް ނުކުރެވޭނެއެވެ. މާބޮޑެތި މޯޓަރެއް ނުހިންގޭނެއެވެ. އެއީ އެއަށް ބޭނުންވާ ހަކަތަ ނަރުތަކުން ގެންދަން ބޭނުން ނަމަ، ނަރުތައް ވަރަށް ފަަލަވާނެތީއެވެ. ފަލަނަރަކީ ވަރަށް އަގުބޮޑު ނަރެކެވެ.
އެންމެ ރާޅެއްހެން ކަރަންޓު އުފެއްދުމަށް ކިޔަނީ ސިންގްލް ފޭސް އެވެ. ސިންގްލް ގެ މާނައަކީ 1 އެވެ. އެއިން މާނަކުރަނީ 1 ރާޅު އުފައްދާކަމެވެ. ފޭސް phase (ދިވެހިބަހުން ފިޔަވަހި ނުވަތަ މަރުހަލާ) ކިޔާ ސަބަބު އަދި ފަހުން ދަންނަވާނަމެވެ.
މި މައްސަލައިގެ އެއް ހައްލަކީ، ދަގަތްފާނު އެނބުރޭ ހޮޅީގެ ވަށައިގެން ދެ ކޮއިލެއް ލުމެވެ. ދެ ކޮއިލް ލުމުން، ކަރަންޓުގެ ދެ ރާޅު އުފެދޭނެއެވެ. ނަމަވެސް މިތަނުން އެއް ރާޅު އުފެދޭނީ އަނެއް ރާޅަށް ވުރެ ކުރީގައެވެ. ދަގަތްފާނު އެންމެ ފުރަތަމަ ގާތްވާ ކޮއިލުން އުފައްދާރާޅު އުޅޭނީ ކުރީގައެވެ. ދަގަތްފާނު ދެވަނަ ކޮއިލާ ގާތްވުމުން އުފެދޭ ރާޅު އުޅޭނީ ފަހަތުގައެވެ.
ދެ ފޭސް ކަރަންޓުގެ ރާޅަށް ނަޒަރު ހިންގާލުމުން ފާހަގަ ކުރެއްވޭނީ ދެ ރާޅުގެ ހުޅި މުޅިން ދިމާނުވިއަސް، ކޮންމެވެސް ވަރެއްގެ ފުށުއެރުމެއް ވާކަމެވެ. އެހެންކަމުން، މެދުގައި އެވާ ހުރަސް ރޮނގު އެއް ރާޅު ހުރަސްކުރާއިރު އަނެއް ރާޅަށް އެ ހިސާބަކަށް ނާދެވެއެވެ. ދެ ފޭސް ކަރަންޓުގައި އެއްވެސް ގޮތަކަށް ޚާއްޞަބޮކި / ހޮޅިބުރި މުޅިއަކުން ނުނިވޭނެއެވެ. އެއީ ދެ ރާޅު ހުރަސް ރޮނގު އެއް ހިނދަކު ހުރަސް ނުކުރާތީ ކަރަންޓު ސުމަކަށް ނާންނާނެތީއެވެ. ދެ ފޭސް ކަރަންޓު މިޒަމާނުގައި ބޭނުންކުރަނީ ދުނިޔޭގެ ހަމައެކަނި ދެތިން ސަހަރެއްގައެވެ. ދެ ފޭސްގެ މައްސަލަ ކުރެހުމުން ސާފުވާނެއެވެ.
ދެރާޅުގެ ނަރު ވަކިން އެކި އެއްޗިއްސާ ގުޅާނަމަ، 4 ނަރު ބޭނުންވާނެއެވެ. ނޫނީ ދެ ކޮއިލްގެ އެއް ކޮޅު އެއްކޮށް ގުޅާލައި 3 ނަރު ބޭނުން ކުރެވިދާނެއެވެ. ނަމަވެސް މިގޮތަށް ގުޅާލާ ނަރު ވަރަށް ފަލަވާން ވާނެއެވެ. އެއީ ދެ ރާޅުގެ ހުޅި ގާތްކަމުން އެއިން ފޮނުވާ ކަރަންޓު އެއްވެ ބޮޑުވާނެތީއެވެ.
މިހާ ހިސާބުން ފޭސް އެ ނަން ކިޔާ ސަބަބު، ވިސްނުންތެރިކަމާ އެކު މި މަޒުމޫނު ކިޔުއްވާ ފަރާތްތަކަށް އޮޅުން ފިލާވަޑައިގަންނަވާނެއެވެ. ފޭސް ކިޔަނީ ކަރަންޓު ރާޅުގެ ހުޅި (ނުވަތަ އެެހެންވެސް ތަނެއް) މުޅި ރާޅުގެ ނިސްބަތުން ވާތަނަށެވެ. މަތީގައިވާ ދެ ފޭސް ކުރެހުމުގައި ދެ ފޭސްގެ ތަފާތަކީ 90 ދަރަޖަ ނުވަތަ ޑިގްރީއެވެ. ނަމަވެސް، ޢާއްމު ޙާލަތުގައި ސިންގްލް ފޭސް ކަރަންޓުގައި 1 ރާޅު ވާކަމަށާއި 2 ފޭސް ކަރަންޓުގައި 2 ރާޅުވާކަމަށާއި 3 ފޭސް ކަރަންޓުގައި 3 ރާޅުވާކަމަށް ވިސްނުމުން ރަނގަޅުވާނެއެވެ.
ތިން ފޭސް ކަރަންޓު
ތިން ފޭސް ކަރަންޓުން މާނަކުރަނީ ޖެނެރޭޓަރަކުން ތިން މިނިވަން ރާޅު އުފައްދާ ކަމަށެވެ. މިހެން ވާނީ، ދަގަތްފާނު އެނބުރެމުންދާއިރު، އެއާ ގާތްވާ މިނިވަން ތިން ކޮއިލް ހިމެނޭނަމައެވެ. މިއިން ކޮންމެ ކޮއިލަކުން ކަރަންޓު އުފައްދާނެއެވެ. ފުރަތަމަ ކޮއިލުން ދަގަތްފާނުގެ ބާރުގެ ރޮނގުތައް ނަރުތައް ކެނޑެމުން ކަރަންޓު އުފައްދާއިރު، ޖެހިގެންވާ ކޮއިލަށް އެ ބާރުގެ ރޮނގުތައް ފޯރާނީ ތަންކޮޅެއް ފަހުން ކަމަށް ވާތީއެވެ. އެހެންކަމުން ތިން މިނިވަން ރާޅު އުފެދޭއިރު، ތިން ރާޅުގެ ހުޅީގައި ފުށުއެރުމެއް ނުވާނެއެވެ. ރާޅުތަކުގެ ފޭސްތައް ދިމަލެއް ނުވާނެއެވެ. ތިރީގައިވާ ޙަރަކާތްކުރާ ކުރެހުމަށް ނަޒަރު ހިންގަވާލައްވާށެވެ!
ތިން ފޭސް ކަރަންޓު އުފެއްދުމަށް، ކުރިން ބަޔާންކުރިހެން ބޭނުންވާނީ 3 ކޮއިލެވެ. މިކޮއިލުން އުފައްދާ ރާޅުތައް ދަތުރުކުރާގޮތް ތިރީގައިވާ ކުރެހުމުން ފާހަގަ ކުރެއްވޭނެއެވެ. އެއްވެސް ރާޅެއްގެ ހުޅިއެއް، އަނެއް ރާޅުގެ ހުޅިއާ ދިމަލެއް ނުވާނެއެވެ. އަދި، އެއްވެސް ރާޅެއްގެ ބަނޑެއް އެހެން ރާޅެއްގެ ބަނޑަކާ ދިމަލެއް ނުވާނެއެވެ. އެހެން ޢިބާރާތަކުން ބުނާނަމަ، ތިން ރާޅުގެ ފޭސް އެއްގޮތެއް ނުވާނެއެވެ. އެންމެ ކަރަންޓު މަދުން އުފައްދާއިރު ވެސް، ކޮންމެ ދެ ފޭސް އެއްގެ ދެމެދުގައި ގަދަ ކަރަންޓެއް އުފެއްދިދާނެ ބާރުވެއެވެ.
ތިން ފޭސް ކަރަންޓު އުފައްދާ ޖެނެރޭޓަރުގެ 3 ކޮއިލްގެ އެއްކޮޅު ހުންނަނީ އެއްކޮށްލާފައެވެ. މި ފަށަށް ކިޔަނީ ނިއުޓްރަލް އެވެ. ތިން ފޭސް އިން ކަރަންޓު ހަމަަހަމައަށް ނަގާނަމަ (އެއް ބާވަތެއްގެ ތަކެތި ގުޅާފައިވާނަމަ) ނިއުޓްރަލް ނަރަކުން އެއްވެސް ކަރަންޓެއް ނުދާނެއެވެ. މިގޮތަށް ހެދުމަށް "ބެލެންސް" ކުރުމޭ ކިޔައެވެ. އެހެންކަމުން ނިއުޓްރަލް ނަރު ވަރަށް ހިމަ ކުރެވިދާނެއެވެ. މަގުމަތީގައި 3 ފޭސް ނަރުދަމާއިރު ނިއުޓްްރަލް ނަރު އޮންނާނީ ހިމަނަރަކުން ދަމާފައެވެ. އެއީ އެއިން ދާނީ ހަމަހަމައަށް ތިން ފޭސްއިން ކަރަންޓު އެއްވަރަކަށް ނުނަގާނަމަ، އިތުރުވާ ބައެވެ. ތިން ފޭސްއިން ނަގާ ކަރަންޓު އެއްވަރުކުރުމަށް ކަަރަންޓު އުފައްދާ ކުންފުނިން ވަރަށް މަސައްކަތްކުރާނެއެވެ.
ތިން ފޭސް ކަރަންޓު ނަގާ މޯޓަރެއް ފަދަ އެއްޗަކާ ގުޅަންޖެހެނީ އެންމެ ތިން ނަރެވެ. ތިން ފޭސްގެ އެންމެ ބޮޑު އެއް މަންފާއަކީ މޯޓަރަކާ ކަރަންޓު ގުޅާނަމަ، ވަރަށް އޮމާންކޮށް ތުރުތުރުއެޅުމެއް ނެތި އެ ހިނގާކަމެވެ. އެއީ ތިން ރާޅުގެ ކަރަންޓު ފޭސްތައް އެއްވަރެއްގެ ދުރުމިނުގައި ހުންނާތީއެވެ. {ދެ ފޭސް ކަރަންޓުން މޯޓަރު ހިންގާއިރު ތުރުތުރު އެޅުމެއް ހުންނާނެއެވެ.} އަނެއް ބޮޑު ފަސޭހައަކީ، އިދިކޮޅަށް މޯޓަރެއް އެނބުރުމަށް މޯޓަރާ ގުޅާފައިވާ ތިން ނަރުން ދެނަރުގެ ތަރުތީބު ބަދަލުކޮށްލަނިކޮށް އެކަން ފަސޭހައިން ކުރެވޭ ކަމެވެ.
{ތިން ފޭސް ކަރަންޓު ރާއްޖޭގައި އުފައްދައިގެން ގެތަކަށް އެ ބަހާ އިރު، އެ ފޮނުވަނީ 230 ވޯލްޓް ކޮންމެ ފޭސްއެއްގައި ހުންނަ ވަރަށެވެ. ވޯލްޓަކީ ކަރަންޓު ފޮނުވުމުގެ ޕްރެޝަރ ނުވަތަ ފިއްުތުމަށް ކިޔާ ނަމެކެވެ. މި މިންވަރުގެ ޕްރެޝަރ ހުންނަނަމަ، ކޮންމެ ދެ ފޭސްއެއްގެ ދެމެދުގައި ހުންނާނީ ގާތްގަޑަކަށް 400 ވޯލްޓެވެ. (230 x square root of 2 (1.73) = 397). ޙަޤީޤަތުގައި 230 ވޯލްޓަކީ ގޭގެއަށް ފޮނުވާ އިލެކްޓްރިކް ރާޅުގެ ”ރޫޓް މީން ސްކްވެއަރ“ ކިޔާ މިންވަރެކެވެ. މެދުން ފަށައިގެން ރާޅުގެ ހުޅިއަށް ހުންނާނީ 230، 2 ގެ ސްކްވެއަރ ރޫޓްކަމަށް ވާ 1.414 އާ ގުނަކުރުމުން ހުންނަ މިންވަރެވެ. 325 ވޯލްޓެވެ. 230 ވޯލްޓް ކިޔާ ސަބަބަކީ، ޑީސީ އަށް ނިސްބަތްކުރާއިރު (އަޅާކިޔާ އިރު) އޭސީ އިން އެއް ވަރެއްގެ ބާރެއް ފޮނުވާތީއެވެ.}
ތިރީގައިމިވާ ވީޑިއޯ އަކީ ތްރީ ފޭސް ކަރަންޓުގެ ވާހަކަ ލުއިގޮތަކަށް ޚުލާޞާކޮށްފައިވާ ވީޑިއޯ އެކެވެ.
ހަތަރު ފޭސް، ފަސް ފޭސް ހަފޭސް ކަރަންޓު
އަޖުމަބެލުމުގެ ގޮތުން ސައިންސް ވެރިން ތިން ފޭސް އަށް ވުރެ ގިނަ ފޭސްތައް ހުންނަ ޖެނަރޭޓަރުން ކަރަންޓު އުފައްދައިގެން ބަހައި ހަދައިފިއެވެ. އެމީހުންނަށް ފާހަގަކުރެވުނީ، ނަރުތައް ގިނައިން ގޭގެއަށް އަޅަންޖެހޭތީ، މިކަމުން ކުރާ މަންފާއަށް ވުރެ، ޚަރަދު ބޮޑުކަމަށެވެ. ތިން ފޭސް ނޫންނަމަ، އެންމެ ރަނގަޅީ ހަ ފޭސް އެވެ. އެއިރުން، ގިނައިން ކަރަންޓު ނަގާ މޯޓަރު ފަދަ ތަކެތި ވަރަށް އޮމާންކޮށް ހިނގާނެއެވެ. ނަމަވެސް، ހަ ފޭސް ކަރަންޓު ތަންތަނަށް ފޮނުވާއިރު، ނަރުތައް ގިނަކަމުން ޚަރަދު ވަރަށް ބޮޑު ވެއެވެ. ކުރިން ދެންނެވިހެން ރަތުލޯ ނަރަކީ ވަރަށް އަގުބޮޑު އެއްޗެކެވެ. ރަތުލޯ ޓަނެއްގެ އަގަކީ، އެއް ލައްކަ ރުފިޔާއެވެ (ކިލޯއެއް 104 ރުފިޔާއެވެ).
ނިންމާލުން
މި މަޒުމޫނުގައި މި ދަންނަވާލެވުނީ، އިލެކްޓްރިކް ހަކަތައަށް އެ ނަން ކިޔުނުގޮތާއި، ބައެއް ތަކެތީގައި ދެވައްތަރެއްގެ ޗާޖު ހުންނަ ވާހަކައާއި ދަގަތްފާނާއި ކަރަންޓާ ހުންނަ ގުޅުމުގެ ވާހަކައެވެ. ކަރަންޓު ނަރެއްގެ ވަށައިގެން ދަގަތްފާނުގެ ބާރު ހުރެއެވެ. މިބާރު ގަދަވަނީ ދަގަނޑު ފޯއްޔެއްގައި ކަރަންޓު ދަތުރުކުރާ ނަރު އޮޅުމުންނެވެ. މިފަދަ ފޯއްޔަކާ ދަގަތްފާނުކޮޅެއް ކައިރިކުރުމުން ކޮއިލުން ކަރަންޓު އުފައްދައެވެ. މިއީ ގޭގެއަށް އިލެކްޓްރިސިޓީ ފޮނުވުމަށް އިލެކްޓްރިކް ހަކަތަ އުފައްދާ ގޮތެވެ.
ގޭގެއަށް ފޮނުވާ ކަރަންޓަކީ، ކަނޑުގެ ރާޅުހެން ހުޅިއާއި ބަނޑު ހުންނަ ރާޅެކެވެ. ދެކޮޅަށް ކަރަންޓު ދަތުރުކުރާ އިލެކްޓްރިކް ރާޅެކެވެ. ގިނަ ގޭގެއަށް ކަރަންޓު ލަނީ އެއް ފޭސް އިންނެވެ. އެއް ފޭސް އިން ޢާއްމުކޮށް ހިންގޭނީ ގާތްގަޑަކަށް ހަތަރު އާދައިގެ އޭސީއަށް ނަގާ މިންވަރުގެ ކަރަންޓެވެ. 32 ވަރަކަށް އެމްޕަޔަރ އެވެ. މިއާ ޚިލާފަށް ތިން ފޭސް ކަރަންޓު ލުމުން، ކޮންމެ ފޭސް ނަރަކުން އޭގެ ޑަބަލް ގިނަ ކަރަންޓު ނެގޭނެއެވެ. ތިން ފޭސް ކަރަންޓުގެ މަންފާތަކުގެ ތެރޭގައި، ގިނަ ކަރަންޓު ނަގާ ތަކެއްޗަށް ކަރަންޓު ގުޅުމަށް ނަރު ހިމަވުމާއި ބޮޑެތި މޯޓަރުފަދަ ތަކެތި ބޭނުންކޮޅަކަށް ހިންގަން ފަސޭހަވުމާއި ގޭގެއަށް ކަރަންޓު ލުމުގެ ނަރުގެ ޚަރަދު ކުޑަވުން ހިމެނެއެވެ.
ތިން ފޭސް ވަކިވަކިން ފާހަގަކުރުމަށް ނަރުގެ ދާފަރާ ވަކި ކުލައެއްގައި ބަހައްޓައެވެ. މިގޮތުން އިހުގައި ބޭނުންކުރީ، ރަތާއި، ރީނދޫ އާއި ނޫ ކުލައެވެ. ކަޅުކުލަ ބޭނުންކުރަނީ ނިއުޓްރަލް އަށެވެ. ބިމާ ގުޅުމަށް ބޭނުންކުރަނީ ފެހި ނުވަތަ ފެއްސާއި ރީނދޫ ފަށް ދެމި ނަރެވެ. މިހާ ހިސާބުން، ރާއްޖޭގެ ސްޓެލްކޯ ކިޔާ އިލެކްޓްރިކް ކުންފުނީގެ ނިޝާނުން ދައްކައިދެނީ މި ތިންކުލައިގެ ފޭސްކަން ކިޔުންތެރިންނަށް ވިސްނިވަޑައިގަންނަވާނެއެވެ. މި ނިޝާނަކީ، ސްޓެލްކޯ އެ ނިޝާން ބޭނުންކުރުމުގެ ކުރިން، އެހެން އެތައް ޤައުމެއްގައި، އިލެކްޓްރިކް ކުންފުނިތަކުން ނިޝާނެއްގެ ގޮތުގައި ބޭނުންކުރާ ލޯގޯ އެކެވެ.
މިހާރު ބޭނުންކުރާ ކުލަތައް ތިރީގައި އެވަނީއެވެ. ދިވެހިރާއްޖޭގައި، ކުލަތައް ބަދަލުކުރީ 2004 ވަނަ އަހަރު، ޔޫރަޕުގައި ބޭނުންކުރަމުން އައި ކުލަތަކާ އެއްގޮތް ކުރުމަށް އިނގިރޭސި ވިލާތުގެ ކުލަތައް ބަދަލުކުރުމާ ގުޅިގެން އައު ބައިނަލްއަޤްވާމީ ކުލަތަކެއް ހަމަޖެހުމުންނެވެ.
Ever since you started writing about electrical science, I have developed so much of interest in this field that I have finally decided to learn more and start my career development in this area. You are such an inspiration to this generation of youth and surely a beacon to look forward. May Allah shower you with his blessings
Watt,
Volt,
Amphere
Current
mi 4 ethi thafseelee mazumooneh liyevidhanetho?
Thank you, Very infomative like always..
Electricity beynun kuraa iru eyah higaane haradhu balaane gothuge mazumooneh liyevidhaanethoa? Misaalayakah 15W ge ligteh 12 gadi irah dhihlumun araani kihaa rufiyaa ehthoa? Eyrah geygeyah high W ehchehi gathumuge kurin currunt billah kuraane baaru andhazaakohlan varah gina beyfulhun nah egigendhaane kamah lafaakurevey,
Hi, Jo. Electric kharadhu dhenegane veynee Ohms law igigen Kurukoh bunanee nama 1,000 Watt 1 gadi = 1KW/h thee dhivehiraajjeyga dhimaavaa varah aamu massalaeh. Electric bill ge massala sababakee kan higaagoiy neygun. Beynun nama gulhaalaa mihuree Male’ga.
Thi mazmoonakee varah furihama mazumooneh. Namaves suvaalu ufedhey baeh thanthan ebahuri egothun Electromagnetic ah Current dhenee kihinetthoa? Photo ga efennana Alternator egge Armature ga isaaraiy koffa huri rathuloa dhe bandhu (Slip ring) ah dhevey Current libenee ein kon ecchakah thoa? e Armature ga thi vidhaalhu vaa Electromagnetic akee kobaathoa?
ދޭހަ ފަސޭހަ ކުރުމަށްޓަކައި، އިނގިރޭސި ބައެއް ލަފުޒު ބޭނުންކޮށްފައެއް ނުވެއެވެ. އެގޮތުން، އާރމޭޗަރ މި ލަފުޒު މި މަޒުމޫނަކު ބޭނުންކޮށްފައެއް ނުވާނެއެވެ. އަދި، އެނބުރޭ ދަގަތްފާނުގަނޑަށް ކަރަންޓު ފޮނުވާ ޓެކްނޯލޮޖީއެއް ހިމަނާފައެއް ނުވެއެވެ. ނަމަވެސް ކަރަންޓު ފޮނުވާ ވާހަކަ ބަޔާންކޮށްފައި ވެއެވެ: ‘އިލެކްޓްރޯމެގްނެޓަށް ބައެއް ފަހަރު ފުރަތަމަ ކަރަންޓު ފޮނުވަނީ ބެޓެރީއަކުންނެވެ. ޖެނެރޭޓަރު އެނބުރުމުން، އިލެކްޓްރޯމެގްނެޓަށް ބޭނުންވާ ކަރަންޓަށް ވުރެ ގިނަ ކަރަންޓު ޖެނެރޭޓަރުން އުފައްދައެވެ.’ އެކި ކަންކަމުގެ ތަފުސީލުތައް ގެނެސްފިނަމަ، މަޒުމޫނު އެކަށީގެންނުވާ ވަރަށް ދިގުވާނެއެވެ. މި މަޒުމޫނުގެ ބޭނުމަކީ ވާހަކައެއްގެ ގޮތަށް ތްރީފޭސް ކަރަންޓު، އާދައިގެ ދިވެއްސަކަށް ކިޔާދިނުމެވެ. ކޮމަންޓަށް ޓަކައި ޝުކުރިއްޔާ އެވެ!
Very existing information
Thanks for this information