1998 ވަނަ އަހަރުގެ މާރޗް މަހުގެ 22 ވަނަ ދުވަހު އެމެރިކާގެ ޓެކްސަސް ކިޔާ ސަރަޙައްދެއްގައި ކުޅެން އުޅުނު ދެ ކުއްޖަކަށް އުޑުން ބޮޑު ހިލައެއް ވެއްޓުނު ތަން ފެނުނެވެ. މި ހިލަ، މިފަދަ ހިލަ ތަހުލީލުކުރާ މަރުކަޒަކަށް ގެންގޮސްގެން ބެލިއިރު ހިލައިގައި ލޮނާއި ފެން ވެއެވެ. މިހިލަ ބިމަށް ވެއްޓިފައިވަނީ ޖައްވުންނެވެ. ހިލައިގެ އުމުރު ބެލި ބެލުމުން އެނގުނީ އެ ހިލަ ދުނިޔެއާއި ދުނިޔެ ފަދަ އަނެއް އަށް ގުރަހައްޔާއި އިރަށް ވުރެވެސް ދޮށިކަމެވެ. (ގުރަހަލި ކިޔަނީ އިރު ވަށައިގެން އެނބުރޭ އިރުން އަލިއެޅޭ ޕްލެނެޓް ފަދަ އެއްޗިއްސަށެވެ). އަދި މިހާދިސާ އާއި މިބާވަތުގެ އެހެން ދަލީލުތަކުން އެނގެނީ، އިރާއި ގުރަހަލިތައް އުފެއްދެވިއިރު ވެސް ލޮނު ހިމެނޭކަމެވެ. މިހާރުވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި ބިން ކޮނެލީމާ ވެލީގެ ބަދަލުގައި ހުސް ލޮނު ހުންނަ ތަންތަނާއި ފަރުބަދަތައް ހުރެއެވެ. ބައެއް ރަށްރަށުގައި ބޮޑު ސަހަރާއެއް ހެން ހުސް ލޮނު ހުރެއެވެ. މިދަންނަވަނީ ދިޔާ ލޮނުގެ ވާހަކައެއް ނޫނެވެ. ދިވެހިން އާއްމުކޮށް ކިޔާ ފުރެއްދެ (ރާއްޖޭން ބޭރުގެ) ލޮނެވެ. ދުނިޔެ އުފެއްދެވިއިރު ދުނިޔޭގައިވާ އެންމެ ގިނަ ތަކެތީގެ ތެރޭގައި ލޮނު ހިމެނެއެވެ. ކަނޑުގެ އަޑީގައިވާ ބިމުގައި ވެސް، ލޮނު ހުރެއެވެ.
ކަނޑު ލޮނުވި ސަބަބު މިހާރު ތިޔަ ބޭފުޅުންނަށް ވިސްނިވަޑައިގަންނަވާނެއެވެ. ލޮނަކީ އޭގެ ޒާތުގައި ވަރަށް ފަސޭހައިން ފެނަށް ގިރޭ އެއްޗެކެވެ. ބިއްލޫރި ތައްޓެއްގެ ފެނަށް، ތަށީގެ ތިންބައިކުޅަ އެއްބައި ލޮނު ގިރޭނެއެވެ. އަދި މިގޮތަށް ގިރޭއިރު ތަށި ކުޑަކޮށް ފިނިވެސް ވާނެއެވެ. ލޮނަކީ ތަބީޢީގޮތުން ޖައްވުގައި ހުންނަ ފެން އެއަށް ދަމާ އެއްޗެކެވެ. އަދި އެފެނަށްވެސް ގިރޭ އެއްޗެކެވެ. ފުއްލޮނު ތައްޓެއް މަތިނުޖަހާ ދުވަސްކޮޅަކު ބަހައްޓަނިކޮށް ޖައްވުން ދަމާ ފެނުގެ ސަބަބުން ފުއްލޮނު ދިޔާ ލޮނަށް ބަދަލުވާނެއެވެ.
ވާރޭ ވެހޭ އިރު ދުނިޔޭގެ ބިމުގައިވާ ލޮނު ވަރަށް ފަސޭހައިން ވާރޭފެނަށް ގިރެއެވެ. މިފެން ކޯރު ކޯރުން ލާފައި ގޮސް އޮހެނީ ކަނޑަށެވެ. މިހެންވާތާ އެތައް ޒަމާނެއް ވެއްޖެއެވެ. އެހެންކަމުން ކަނޑުގެ ފެންގަޑު ލޮނު ވީއެވެ. ކަނޑުގެ އަޑީގައިވާ ބިމުގައި ވެސް ކަނޑަށް ގިރޭ ލޮނު ކޮންމެވެސް ވަރަކަށް ހުރެއެވެ.
މިހާރުވެސް ފުއްލޮނު ހުންނަ ހިސާބަށް ވާރޭ ވެހުމުން ވާރޭފެނާ އެކު ބިމުގައިވާ ލޮނު ގިރިގެން ކޯރުކޯރުން ކަނޑަށް ފައިބައެވެ. އެހެންކަމުން ދުނިޔޭގައިވާ ގިނަ ލޮނު މިއަދު ވަނީ ކަނޑުގައެވެ. ކަނޑުގެ ފެންގަނޑުގެ ސަތޭކަބައިކުޅަ ތިން ބަޔަކީ ލޮނެވެ. ވާރޭ ވެހުމުގެ ސަބަބުން ކަނޑުގެ ފެންގަނޑު ލޮނުވާ ނަމަ، އެއް ދުވަހުން އަނެއް ދުވަހަށް ކަނޑުގެ ލޮނުކަން ގަދަވަމުން ދާން ޖެހޭނެއެވެ. އެއީ ބިމުގައިވާ ހުރިހާ ލޮނެއް އަދި ވާރޭގެ ސަބަބުން ގިރިގެން ކަނޑަށް ފައިބާ ހުސްވެފައި ނުވާތީއެވެ. ނަމަވެސް ފާހަގަ ކުރެވޭ އެއްކަމަކީ ކަނޑުގެ ލޮނުކަން ހުންނަނީ އެއް ހަމައެއްގައި ހިފެހެއްޓިފައި ކަމެވެ. މިހެން ނުވާ ނަމަ ކަނޑުގެ ބައެއް މަސް ފަދަ ދިރޭ ތަކެތި، ކަނޑުގެ ލޮނުކަން ގަދަވެގެން މަރުވެއްޖައީހެވެ. މިގޮތަށް މިކަން ދިމާވަނީ ކީއްވެގެންބާވައެވެ؟ ކަނޑުގެ ލޮނު އެއް މިންވަރެއްގައި ހުންނަނީ ކީއްވެގެންބާވައެވެ؟
މިސުވާލުގެ ޖަވާބު ހުށަހެޅުމުގެ ކުރިން މިހާރު ކަނޑުގައިވާ ލޮނުގެ މިންވަރާ އަދި ލޮނާ ދޭތެރޭ ދެތިން އެއްޗެއް ދަންނަވާލާނަމެވެ. ފީފާއެއްގެ މޫދު ލޮނުގައި 6 ކިލޯ ފުއްލޮނު ހުންނާނެއެވެ. ކަނޑުގައިވާ ހުރިހާ ފެނަކާއި ލޮނު ވަކިކޮށްފިނަމަ މުޅި ދުނިޔޭގައި ކޮންމެ އަކަ އިންޗިއެއްގައި ދިގު ތިން ރުކަށް ވުރެ އުހަށް ފުއްލޮނު ހުންނާނެއެވެ. ލޮނަކީ މިހާ ގިނަ އެއްޗެއް ކަމުގައިވިޔަސް ދިވެހިރާއްޖެއިން މިލިބޭހާ ފަސޭހައިން ދުނިޔޭގެ އެހެން މީހުންނަށް ލޮނު ލިބިފައެއް ނުވެއެވެ. ލޮނާއިހެދި ބޮޑެތި ހަނގުރާމަ ކުރެވިފައިވެއެވެ. ޔޫރަޕުގައި މަޝްހޫރު ފަރަންސޭސި އިންގިލާބު ފެށުމުގެ އެއް ސަބަބެއްކަމުގައި ލޮނު އަގު ބޮޑުވުން ހިމެނެއެވެ. އިނގިރޭސީން އިންޑިޔާ އަޅުވެތިކޮށްފައިވަނިކޮށް އެ ޤައުމު މިނިވަންވުމުގެ ސަބަބަކަށް އިންޑިޔާ މީހުންނަށް ލޮނު އުފެއްދުން އިނގިރޭސީން މަނާކޮށް، ލޮނުން ސަރުކާރަށް ފައިސާ (ޓެކްސް ނުވަތަ ވާރު) ނަގާގޮތަށް ހަމަޖެއްސުން ހިމެނެއެވެ. ފަރަންސޭސި ލަސްކަރެއް ރަޝިޔާގެ މޮސްކޯ ހިފަންގޮސްގެން ނާކާމިޔާބުވެގެން އަންނަން ޖެހުނީ ލޮނު މަދުވުމުގެ ސަބަބުން ފަހުލަވާނުންގެ ފާރުތައް ރަނގަޅު ނުވާތީއެވެ. މިހާރުވެސް އެފްރިކާގެ ބައެއް ގައުމުތަކުގައި ލޮނަކީ ފައިސާގެ ގޮތުގައި ބޭނުންކުރެވޭ އެއްޗެކެވެ. ތަންކޮޅެއް ކުރީޒަމާނުގައި ރޫމީންގެ ފަހުލަވާނުންނަށް “ބަނޑުހަނޑޫ” ގެ ގޮތުގައި ދެވުނީ ލޮނެވެ. ލޮނަށް އެމީހުން ވާހަކަ ދައްކާ ލެޓިން ބަހުން ކިޔަނީ ސެލެރިއަމް އެވެ. މިހާރު އިނގިރޭސިބަހުން މުސާރައަށް މިކިޔާ ”ސެލެރީ“ މި ލަފުޒުގެ ޢަސްލަކީ އެއީއެވެ. އާދެ! ލޮނެވެ. ކަނޑާ ދުރުގައި އޮންނަ ޤައުމުތަކުން ލޮނަކީ (ބިމުގެ އަޑީގައި ފުއްލޮނު ނުވާނަމަ) ފަސޭހައިން ލިބޭ އެއްޗެއް ނޫނެވެ. މިހެންވެ، ހިމާލިޔާ ފަރުބަދަ ކާރީގައި އޮންނަ ޓިބަޓުގައި ލޮނަކީ ވަރަށް އަގުހުރި އެއްޗެކެވެ. އެއް އިރެއްގައި ލޮނާއި ރަން، ލާއްސަކަށް ލާއްސެއް މާރުކުރެވުނު ދުވަސް ވަރެއް ވެސް ދިޔައެވެ. ދުވަސްކޮޅެއްގެ ކުރީން އަޅުގަނޑަށް އޮސްޓްރިއާގެ ސެލްޒްބާރގް ގައި ހުންނަ މަޝްހޫރު ހޮޓެލް ސްކޫލްގެ ޑިރެކްޓަރާ ބައްދަލުވިއެވެ. އޭނާއާ ދެކެވުނު ވާހަކައެއްގައި އަޅުގަނޑު އަހާލީމެވެ. އޮސްޓްރިއާއަކީ މީގެ ދެތިން ސައްތަ އަހަރުގެ ކުރިން ހާދަ ބާރުގަދަ ޤައުމެކެވެ. މިކަމުގެ ސިއްރަކީ ކޮބައިބާވައެވެ. އޭނާ ޖަވާބުގައި ބުންޏެވެ. ”ތިއީ ތެދެކެވެ. އެއް އިރެއްގައި ޔޫރަޕުގެ ހުޅަނގުން އިރަށް، ރަޝިޔާއިން އެޓުލާންޓިކު ކަނޑާ ހަމައަށް އޮސްޓްރިއާގެ މީހުން ވެރިކަން ކުރިއެވެ. އޮސްޓްރިއާގެ ބާރު ގަދަވީ ހުދު ރަނުގެ ސަބަބުންނެވެ.“
އަޅުގަނޑަށް އެނގިފައި އޮންނަނީ ހުދު ރަނަކީ ޚާލިޞް މައް ރަނަށް ރިއްސާއި ނިކަލާއި ޕެލޭޑިއަމް އަޅައިގެން އުފައްދާ ގަހަނާ ހެދުމަށް ބޭނުންކުރާ މަޢުދަނެއް ކަމަށެވެ. އަޅުގަނޑުގެ މޫނުމަތިން އޭނާއަށް ކޮންމެވެސް ހައިރާންކަމެއް ފެނުނީތީ ކަންނޭނގެއެވެ. އޭނާ ހުދުރަނުން މާނަ ކުރަނީ ލޮނުކަމާއި އޮސްޓްރިއާއަކީ އެ މުހިއްމު މާއްދާ ބިމުން ނަގައިގެން މުޅި ޔޫރަޕުގައި ވިޔަފާރި ކުރިބައެއްކަން ކިޔާ ދިނެވެ. އަދި ލޮނުގެ މުއްސަދިކަމުން ބާރުގަދަވެ މުޅި ޔޫރަޕަށް އެ ޤައުމުގެ ބާރު ފޯރުވި ވާހަކައެ ދެއްކިއެވެ. އަދި ކީއްވެތޯއެވެ؟ ސެލްޒބާރގް ކީ ޖަރުމަނުބަހުން “ލޮނުފުށި” ކަމަށް އޭނާ ބުންޏެވެ. ލޮނު މިހާ އަގުބޮޑު އެއްޗަކަށް ވަނީ ކީއްވެގެން ހެއްޔެވެ؟ ހަށިގަނޑަށް ލޮނަކީ ކޮންމެހެން ބޭނުން އެއްޗެކެވެ. ލޮނު މަދުވެގެން ހޮޑު ލެވޭގޮތްވެ ހަށިގަނޑުގެ ބާރު ދައްވެއެވެ. ކާހިތްނުވެ އަކުނިވަޔަށްދަމާ ގޮތް ވެއެވެ. ލޮނު ނުލިބި ގިނަ ދުވަސް ވެއްޖެ ނަމަ، ހަށިގަނޑުން ފެންމަދުވެ، ލޭގެ ފިއްތުން ކުޑަވެ، ހަށިގަނޑުގެ ގުނަވަންތަކަށް ލިބެންވީވަރަށް ލޭ ނުލިބި، ހޭނެތި އެންމެ ފަހުން މީހާ މަރުވެއެވެ. (ކޮންމެ އެއްޗެއްވެސް ކާންވާނީ ވަކި ވަރަކަށެވެ. ބޭނުންވާ ވަރަށްވުރެ ލޮނު ގިނަވެއްޖެ ނަމަ ކިޑްނީއާއި އެހެން ގުނަވަންތައް ހަލާކުވެ، ލޭގެ ފިއްތުން ބޮޑުވެގެން ވާބަލި ޖެހި މީހާ މަރުވެދެއެވެ.)
ދުނިޔޭގައި މީހުން އުފައްދާ ވަރަށް ގިނަ ތަކެތި އުފެއްދުމުގައި ލޮނު ބޭނުންކުރެއެވެ. މިފަދަ ތަކެތީގެ ތެރޭގައި ޕްލާސްޓިކާއި، ފޮއްޗާއި، ބިއްލޫރިއާއި، ކަރުދާހާއި ސައިބޯންޏާއި ކުލައާއި ތެލުގެ ބާވަތްތައް ހިމެނެއެވެ. މިތަކެތި އުފެއްދުމުގައި ބޭނުންކުރަނީ ލޮނުން ވަކިކުރާ ކޯސްޓިކް (ޖެހުމުން ހަލާކުކުރާ) ސޮޑާއެވެ. ނަމަވެސް ސޮޑާގެ އަސްލަށް ބަލާއިރު މިއީ ކޯސްޓިކް ސޮޑާ އެންމެ ފުރަތަމަ އުފެއްދުމަށް ބޭނުންކުރި މޫދުކައިރީގައި ހެދޭ ގެއްސަށް ކިޔާ ނަމަކުން އައި ލަފުޒެކެވެ. (ގެއްސަކީ ބިމަށް ފެތުރޭ ގޮތަށް ހެދޭ ކުދި ގަހެވެ.) އަސްލަކީ ޢަރަބި ބަހެވެ. އާދެ! ސުއްވާދެވެ. ސައިބޯނި، ޝޭމްޕޫ ފަދަ ތަކެތި އުފެއްދުމަށް އެންމެ ފުރަތަމަ ބޭނުން ކުރެވުނީ މިދެންނެވި ގެހިން އުފައްދާ ކޯސްޓިކް ސޮޑާއެވެ. ކޯސްޓިކް ސޮޑާއަށް ސައިންސުވެރިން ކިޔަނީ ސޯޑިއަމް ހައިޑްރޮކްސައިޑެވެ. އަޅުގަނޑު ދެން ދަންނަވާލާނީ ލޮނުން ސޯޑިއަމް ހައިޑްރޮކްސައިޑް އުފައްދާނެ ގޮތާއި ސައިބޯނި އުފައްދާ ގޮތެވެ.
ލޮނުން ސޯޑިއަމް ހައިޑްރޮކްސައިޑް ނުވަތަ ކޯސްޓިކް ސޮޑާ އުފައްދަނީ ކަރަންޓު ބޭނުން ކޮށްގެންނެވެ. މިކަން ކުރާ އެއްގޮތަކީ ބެޓެރިބުރީގައި ހުންނަ ކަޅުކުލައިގެ ފޯލީގެ ދެފޯލި ހޯދާ ދެބުރި ބެޓެރީއާއި އެ ދެފޯލި ގުޅަނީއެވެ. ދެން އެ ދެފޯލި ލޮނު އަޅާފައި ހުންނަ ބިއްލޫރި ބޮޑު ތައްޓަކަށް ލަނީއެވެ. މިހެން ހެދުމުން، ބެޓެރީގެ ކުރީކޮޅާ ގުޅިފައިވާ ފޯލިން ކްރޮލިން ގޭސް ބޭރުކުރާނެއެވެ. އަނެއް ފޯލިން ނިކުންނާނީ ހައިޑްރަޖަން ގޭހެވެ. މި ދެ ގޭސް ވެސް ނިކުންނާނީ ކުދިކުދި ބޮކިތަކެއްގެ ސިފައިގައެވެ. މިގޮތަށް އިރުކޮޅަކު ބެހެއްޓުމުން ތަށީގައި ހުރި ފެން ސޯޑިއަމް ހައިޑްރޮކްސައިޑް ނުވަތަ ކޯސްޓިކް ސޮޑާއަށް ބަދަލުވާނެއެވެ. ރަނގަޅަށް ބަދަލުވިކަން އެނގޭނީ ފެނަށްލީމާ އަޑިއަށްދާ ކުކުޅު ބިހެއް ތައްޓަށްލީމާ މަތީގައި އޮންނަންޏާއެވެ. މިގޮތް ވަންދެން ބެޓެރީ ގުޅާފައި ބަހައްޓަންވާނެއެވެ. މިކަން ކުރަން ވާނީ މޫދު ލޮނު ކައްކާ އޭގެ ތާސީރު ގަދަކުރުމަށް ފަހުގައެވެ.
ސައިބޯނި އުފައްދަން ހަދާ ގޮތަކީ މިފަދަ ސޯޑިއަމް ހައިޑްރޮކްސައިޑް ޖޯޑަކަށް ދެ ޖޯޑު ތެޔޮ އަޅައިގެން ކައްކަނީއެވެ. އިރުކޮޅަކު ކެއްކުމުން، ދިޔަގަނޑު އޮލަވެ، މައްޗަށް ފޮނުތަކެއް އަރައި، ރަބަރު ފާޑަކަށް ބަދަލުވާނެއެވެ. ދިޔަގަނޑު ހިހޫވީމާ ސައިބޯނި ފެންނަން ހުންނާނެއެވެ. ބޭނުންކުރަން ރަނގަޅު ވާނީ އުފައްދާ ސައިބޯނި އެއްމަސް ދުވަސް ވަންދެން ބަހައްޓާފައެވެ. ގިނަދުވަސްވި ވަރަކަށް ސައިބޯނި ރަނގަޅުވާނެއެވެ. ސައިބޯންޏަށް އެކި ސިފަ ގެންނަނީ މިގޮތަށް އުފައްދާ ސައިބޯނި ތައްގަނޑަކަށް އަޅައި ފިއްތައިގެންނެވެ. ސައިބޯނީގައި ވަސް ދުއްވަނީ ދިޔަގަނޑަށް އެކި ތަކެތި އަޅައިގެންނެވެ. ލިބޯހުތް ދިޔަގަނޑަށް ފިއްތާލުމުން މިގޮތަށް އުފައްދާ ސައިބޯނީގައި މީރުވަހެއް ހުރެއެވެ.
ލޮނުން އުފައްދާ އެންމެ އަގުހުރި އެކައްޗަކީ ސޯޑިއަމް ހައިޑްރޮކްސައިޑެވެ. ހަމަ މިބޭނުން ކުރެވޭ އެހެން އެއްޗެއް އަޅިން އުފައްދައެވެ. މި ފުރުސަތުގައި އޭގެ ވާހަކަ ވެސް ދަންނަވާލާނަމެވެ. އެއީ ޕޮޓޭޝް އެވެ. (އިނގިރޭސި ބަހުން ޕޮޓް ކިޔަނީ ތެއްޔަށެވެ. އޭޝް ކިޔަނީ އަޅިއަށެވެ. މިއަށް ޕޮޓޭޝް ކިޔޭ ގޮތަކީ މި އުފެއްދުމަށް ތެއްޔަކަށް ދާލި އަޅައިގެން އެ ރޯ ކޮށްގެން ލިބޭ އަޅި ބޭނުން ކުރާތީއެވެ. ޕޮޓޭޝް ތަހުލީލުކުރުމުން އެ އެކުލެވެނީ ތިން މާއްދާއަކުންކަން، އާދެ! ތިން އުންސުރުންކަން އޮޅުންފިލިއެވެ. މައިގަނޑު މާއްދާއަށް ނަންދެވުނީ ޕޮޓޭސިއަމް އެވެ. ޕޮޓޭސިއަމް މިނަން ދެވުނީ ކުރިން ދެންނެވުނު ޕޮޓް-އޭޝް އެއްކޮށްލައިގެންނެވެ. ކޮންމެއަކަސް ޕޮޓޭޝް އުފެއްދުމަށް ހަދާނެ އެއް ގޮތަކީ ހިކިކިރު ހުސްކުރި ބޮޑު ދަޅެއްގެ ފުލުގައި ލޯވަޅުތަކެއްގެ އަޅައި އޭގެ އަޑިއަށް މަދު ދާލިކޮޅެއް އެޅުމަށްފަހު ދަޅުގެ ތިންބައިކުޅަ ދެބަޔަށް އަޅި އަޅާނީއެވެ. ދެން އަޅީގެ މައްޗަށް ފެން އަޅާނީއެވެ. ލޯވަޅު ތަކުން ތިރިއަށް ފައިބާ ފެން ތައްޓަކަށް ނަގައި އެ އަނެއްކާ ދަޅުގެ ތެރެއަށް އަޅާނީއެވެ. މިގޮތަށް ހަދައިގެން ލިބޭ ފެނަކީ ޕޮޓޭޝް އެވެ. ސައިންސްގެ ބަހުން ޕޮޓޭސިއަމް ހައިޑްރޮކްސައިޑެވެ. ޕޮޓޭސިއަމް ހައިޑްރޮކްސައިޑްގެ އޮލަމިން ވެސް ކުކުޅު ބިހަކުން ބެލޭނެއެވެ. ސައިބޯނި އުފެއްދުމަށްޓަކައި މި ފެންވެސް ބޭނުން ކުރާނީ ސޯޑިއަމް ހައިޑްރޮކްސައިޑާއި އެއްގޮތަށެވެ.
ވާހަކަ ދައްކަމުންދާ މަޢުޟޫޢު އާ ސީދާ ނުގުޅުނަސް އަދި އެއް ވާހަކައެއް ދަންނަވާލާނަމެވެ. ސައިންސްގައި ސޯޑިއަމް ހައިޑްރޮކްސައިޑާއި ޕޮޓޭސިއަމް ހައިޑްރޮކްސައިޑަށް އަލްކަލީ އޭ ކިޔައެވެ. މިބަސް ފެށުމުގައި އަލް ހިމެނޭތީ މިއީ އަރަބި ބަހުން އައިސްފައިވާ ބަހެއްކަން ބައެއް ބޭފުޅުންނަށް ވިސްނިވަޑައިގަންނަވާނެއެވެ. މިކަންވީ ގޮތް ދަންނަވާލާނަމެވެ. މުސްލިމުންނަނީ މީގެ ހައެއްކަ ސަތޭކަ އަހަރު ކުރީގައި ޢިލްމަށް ވަރަށް ލޯބިކުރާ ފޮތްތެރި ބަޔެކެވެ. އެންމެ ގިނަ ސައިންސްވެރިން ވެސް އޭރު ތިބީ މުސްލިމުންގެ ތެރޭގައެވެ. ސޯޑިއަމް ހައިޑްރޮކްސައިޑާއި ޕޮޓޭސިއަމް ހައިޑްރޮކްސައިޑް އުފައްދާނެ ގޮތް އެންމެ ފުރަތަމަ ދެނެގަނެ މިއަށް ނަންތައް ދިނީ މުސްލިމުންނެވެ. އަލްކަލީގެ ޢަރަބި އަސްލަކީ އަލްޤާލީއެވެ. އެއިން މާނަ ކުރަނީ ބާވަތެއްގެ ގަހެއްގެ އަޅިއަށެވެ. އަރަބި ފޮތްތައް ޔޫރަޕަށް ތަރުޖަމާ ކުރެވުނު ދުވަސްވަރު ޕޮޓޭސިއަމް އުންސުރަށް ލެޓިން ބަހުން ކިއީ ކާލިއަމްއެވެ. މި ސަބަބާ ހެދި މިހާރުވެސް ސައިންސްގައި ޕޮޓޭސިއަމްގެ ރަމްޒަކަށް ބޭނުންކުރަނީ ކޭ (K)އަކުރެވެ.
މަޢުޟޫއަށް އިއާދަވަމާ ހިނގާށެވެ. ލޮނުން އުފައްދާ އެންމެ މުހިއްމު އެކައްޗަކީ ކުރިން ދެންނެވުނުހެން ސޯޑިއަމް ހައިޑްރޮކްސައިޑްއެވެ. މި އުފައްދާ އެހެން ގޮތެއް އޮވެއެވެ. އެއީ ފުއްލޮނު ހޫނު ކޮށްގެންނެވެ. ގާތްގަޑަކަށް 800 ދަރަޖައަށް ހޫނު ކުރުމުން ފުއްލޮނު ވިރެއެވެ. ދެން ކަރަންޓް ދިނުމުން ލޮނުގައިވާ ދެ އުންސުރު (ބައި) ކަމުގައިވާ ސޯޑިއަމްއާއި ކްލޮރިން ވަކިވެއެވެ. ސޯޑިއަމް މިނަން އެއަށް ދެވުނީ އެންމެ ފުރަތަމަ އެ މާއްދާ ވަކިކުރީ ސޮޑާއިން ކަމަށްވާތީއެވެ. ސޯޑިއަމް ފެނަށް އެޅުމުން ސޯޑިއަމް ހައިޑްރޮކްސައިޑް އުފެދެއެވެ. ސޯޑިއަމްގެ އާދަޔާ ޚިލާފު އެއްކަމަކީ އެ ފެނަށް އެޅުމުން އަލިފާން ރޯވެ ބަޑި ޖަހާ ގޮތް ވާކަމެވެ. މިހެންވެ ލެބޯރަޓަރީ ތަކުގައި ސޯޑިއަމް ގެންގުޅެނީ ކަރާސީނު ތެލުގެ އަޑީގައި ބަހައްޓައިގެންނެވެ.
ދުނިޔޭގެ އެއްވެސް އެއްޗެއް އަބަދަކު އެއްވަރެއްގައި ބަދަލުނުވެ ނުހުރެއެވެ. ކަނޑުގައި ލޮނު ހުންނަނީ އެކި ދުވަސްވަރު އެކި ހިސާބުގައި އެކި ވަރަށެވެ. ބޮޑެތި ކޯރުތައް ކަނޑާއި ގުޅިފައި ހުންނަ ކަނޑުތަކުގައި ރަށުގެ މަލަމަތި ލޮލަށް ނުފެންނަ ހިސާބު ދުރުގައިވެސް ކަނޑުގައި ހުންނަ ލޮނުގައި ލަނީ ފެން ރަހައެވެ. މިއާއި ޚިލާފަށް ކޯރުނެތް ހިސާބުތަކުގެ ކަނޑުގައި ލޮނު ރަހަ ގަދައެވެ.
ދުނިޔޭގެ އުތުރާއި ދެކުނު “ތަނޑި” އަކީ ވަރަށް ފިނި ހިސާބެކެވެ. މިހިސާބުގެ ކަނޑުގައި ހުންނަ ފެނުން ބައެއް ފެން ފިނިކަމުން ހުންނަނީ ގަނޑުފެނަށް ބަދަލު ވެފައެވެ. އެހެން ކަމުން ކަނޑުގެ ލޮނުގަނޑުގައި ހުންނަ ފެން މަދުވާތީ ލޮނުކަން އިތުރުވެއެވެ. ދޯނި، ބޯޓު ފަހަރު ފަދަ އުޅަނދު ލޮނުކަން ގަދަ ކަނޑެއްގައި ހުންނާނީ އެހެން ކަނޑުތަކާ އަޅާބަލާއިރު ކުޑަތަންކޮޅެއް އުފުލިފައެވެ. އެއީ ދިޔާ އެއްޗެއް އޮލަވި ވަރަކަށް އެއަށް ލަކުޑި ފަދަ ތަކެތި ގެނބޭލެއް ކުޑަވާތީއެވެ.
ބައެއް ކަނޑު ވަށައިގެން ބިން އޮވެއެވެ. މިހެން ދިމާވެފައި، ކޯރެއް އެކަނޑާ ނުގުޅިއްޖެ ނަމަ، ކަނޑުގެ ލޮނުކަން އިތުރުވެއެވެ. ހޫނު ހިސާބެއްގައި މިފަދަ ކަނޑެއް އޮވެއްޖެ ނަމަ ފެން ވަޔަށް އަރައިގެން ގޮސް ލޮނުކަން ވަކިން އިތުރުވެއެވެ. މިހެންވުމުން ކަނޑުގެ ލޮނުގަޑު ވަރަށް އޮލަވެއެވެ. މިފަދަ ކަނޑުތައް ދުނިޔޭގެ އެތައް ހިސާބެއްގައި ވެއެވެ. މިފަދަ އެންމެ މަޝްހޫރު ކަނޑަކީ އުރުދުން އާއި އިންވެގެން އޮންނަ ކަނޑެކެވެ. ކަނޑުގެ އޮލަކަމުން، މީހުން އެކަނޑަށް ނުގެނބެއެވެ. ނޫސްކިޔަން ކަނޑުމަތީ އޮށޯވެލައިގެން އޮވެވެއެވެ. ލޮނުކަމުން މަސް ފަދަ އެއްޗަކަށް ނޫޅެވޭތީ އެ ކަނޑަށް ކިޔަނީ ޑެޑްސީ އެވެ. (މަރުވެފައިވާ ކަނޑެވެ.)
އާދެ! ކަނޑުގައި ލޮނުރަހަލާ ސަބަބު ތިޔަ ބޭފުޅުންނަށް މިހާރު އެނގިވަޑައި ގަންނަވާނެއެވެ. އަދި ލޮނަކީ ހުދުރަން ކަމަށް ލޮނު ނުލިބޭ މީހުން ނިސްބަތް ކުރާހާ ބޭނުންތެރި އެއްޗަކަށް އެވީ ކީއްވެގެންކަން ވެސް އެނގިވަޑައި ގަންނަވާނެއެވެ. ދެން ކަނޑުގެ ލޮނު ރަހަ އެއްވަރަށް ހިފެހެއްޓޭ ސަބަބު އެހެން ނޫންތޯއެވެ؟
އިނގިރޭސި ވިލާތުގައި ނުކުންނަ ފޯކަސް މަޖައްލާގައި ބުނެފައިވާ ސަބަބު ނަކަލު ކޮށްލާނަމެވެ. ކަނޑުގައި ކުޑަކުޑަ މަޚުލޫޤެއް އުޅެއެވެ. އޭގެ ތޮށިގަނޑު އުފެދުމަށް ލޮނު ބޭނުން ކުރެއެވެ. އެ މަރުވުމުން އަޑިއަށް ދާއިރު ތޮށިގަނޑު އޮންނަނީ، ލޮނަށް ނުގިރޭފަދަ މާއްދާއަކަށް ބަދަލުވެފައެވެ. އެހެންކަމުން ކޯރުތަކުން ކަނޑަށް އިތުރުވާ ލޮނު މި ދެންނެވި މަޚުލޫޤުގެ ސަބަބުން ކަނޑުގެ އަޑިއަށް އޭގެ ތޮށިގަނޑުގެ ގޮތުގައި ފައިބައެވެ. ކަނޑުގެ އަޑިއަށް ލޮނު ނުގިރޭ މާއްދާތަކުގެ ގޮތުގައި އަޑިއަށްދާ މިންވަރާ ކޯރުތަކުން ކަނޑަށް އެޅޭ ލޮނުގެ މިންވަރު އެއްވަރު ވެއްޖެނަމަ، ކަނޑުގެ ލޮނުކަން ބަދަނުވެ ހުންނާނީ އެއްވަރަށްކަން ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެއެވެ. ކަނޑުގެ އެވަރިޖް ފުންމިނަކީ 3700 މީޓަރު ނުވަތަ 12000 ފޫޓެވެ. މަތީގައި މަރުވާ މަސްމަހާއި އެކިގޮތްގޮތުން އުފެދޭ ކުނިބުނި އަބަދުހެން ހުންނަނީ ކަނޑުގެ އަޑިއަށް ފައިބައިފައެވެ. ކަނޑުގެ އަޑިއަށް ގޮސް މި މަންޒަރު ބެލުމުން ފެންނަނީ ސްނޯ ފައިބާ ހެންނެވެ. މިގޮތަށް ފައިބާ ތަކެއްޗަށް “މެރިން ސްނޯ” ނުވަތަ ކަނޑުގެ ސްނޯ (ބަރުފު) ކިޔައެވެ.
މޮޅު ކެއްކުންތަކުގައި މީހުން ބޭނުން ކުރަނީ އަދިވެސް މޫދު ލޮނެވެ. މި ލޮނުގެ ރަހަ، ޕެކެޓްކޮށްފައި ވިއްކަން ހުންނަ ލޮނަށްވުރެ މީރުވާނެއެވެ. ކިތަންމެ ރެސިޕީ ނުވަތަ ކާތަކެތި ހަދާނެގޮތް ލިޔެފައި ހުންނަ ލިޔުންތަކުގައި ސީ ސޯލްޓް ނުވަތަ މޫދު ލޮނު ބޭނުންކުރަން ލިޔެފަ އޮވެއެވެ. މިހެން ބުނާ އެއް ސަބަބަކީ އާއްމުކޮށް ވިއްކަން ހުންނަ ލޮނުގައި، އަޔަޑިން ކިޔާ މާއްދާއެއް ހުންނާތީ އެ ބޭނުންކުރުމުން އޭގެ ހިތިކަން ކާތަކެއްޗަށް އަންނަކަމެވެ. ސީ ސޯލްޓަކު މި މާއްދާއެއް ނުހުރެއެވެ. އެއްވެސް އެހެން މާއްދާއެއް ނާޅާ މޫދުން ނަގާ ލޮނު ކުޑިކުރުމުން އެއަށް ”ކޯޝަރ ސޯލްޓް“ ވެސް ކިޔައެވެ. އެއީ ޔަހޫދީން މަހަށް އަޅަންހަދާފައި ހުންނަ މޫދު ލޮނެވެ.
ކަނޑުގައި ހުންނަ ލޮނުން ދިވެހިންނަށް އެންމެ ފަސޭހައިން ފެށޭނެ އިންޑަސްޓްރީއަކީ ކޮބައިހެއްޔެވެ؟ މޫދު ލޮނު ވިއްކުން ކިހިނެއް ވާނެ ހެއްޔެވެ؟ ރާއްޖެއަކީ ރިތިކަމާއި ސާފުކަމަށް މަޝްހޫރު ތަނެކެވެ. އެހެންކަމުން، ދުނިޔޭގެ މަޝްހޫރު ރެސްޓޯރަންޓްތަކަށް ވިއްކުމަށް ރާއްޖޭގައި މޫދު ލޮނު ހިއްކައިގެން ބަންދުކުރެވިދާނެ އެވެ. މޫދު ލޮނު އަވިން ނުވަތަ އުނދުނަކުން ކެއްކުމުން، އެ ތުނި އަވެލިހެން ހުންނަ އެއްޗަކަށް ބަދަލުވާނެއެވެ. ދެން މިޕެކެޓް ކުރާނީއެވެ. ރާއްޖެ އަންނަ ފަތުރުވެރިންވެސް، އެމީހުން ރަށަށް ގެންދާނެ ހަދިޔާއަކަށް މޫދު ލޮނު ފުޅިއެއް ނުވަތަ ޕެކެޓެއް ވަރަށް ކަމުދާނެއެވެ. އެއީ، ދެވޭ މީހާއަށް ބޭނުންތެރި ވާނެތީއާއި އޭގެ އަގު މާ ބޮޑު ނުވާނެތީއެވެ. ބަންދުކުރާނެ ފުޅި ޕެކެޓް ފަދަ ތަކެތި ބޭރުން ގެންނާނީއެވެ. މިއީ އެހެން މީހުންވެސް މިކަން ކުރާ ގޮތެވެ.
މި މަޒުމޫނު ލިޔުނުތާ ވިއްސަކަށް އަހަރު ފަހުން، ދާދި އިހަކަށް ދުވަހު، އަޅުގަނޑުގެ ދަރިވަރެއް މޫދު ލޮނުން ފުއް ލޮނު ހަދައި ވިއްކުމާ ބެހޭ ގޮތުން އަޅުގަނޑާ ބައްދަލުކުރިއެވެ. މި ލިންކްގައި މޫދު ލޮނުން ފުއް ލޮނު ހަދާގޮތުގެ ވީޑިއޯ އެއް ވެއެވެ.
Thank you for this information Sir,
as i was reading waiting for just one point to be there whichis in Qran it is metion that two waters doesnt mix ,as ayaath of allah,,,
so was waiting if science found an explanation .
AllAh knows the best
very informative Sir.
is that locally made salt available in Male’?
This article have very important information .Thank you.
Such an informative article. Thank you sir!