އެންމެ ފުރަތަމަ މައްސަލަ ފެށިގެން އޮންނަ ގޮތް ހަނދާނަށް ގެންނަމާތޯއެވެ؟
މީގެ 40 ވަރަކަށް އަހަރު ކުރީން މާލެ އޮތް ގޮތް، ތިރީގައިވާ ފޮޓޯގައި އެވަނީއެވެ. އޭގެވަނީ ދެ ޗާޓެވެ. އެއް ޗާޓަކީ 1979 ވަނަ އަހަރުގެ ޗާޓެކެވެ. ދެން އެއޮތީ 2022 ވަނަ އަހަރު ސެޓެލައިޓަކުން ނަގާފައިވާ ފޮޓޯއެކެވެ. ފާހަގަ ކުރެއްވެނީ ކޮންކޮން ކަމެއްތޯއެވެ؟ ފޮޓޯގެ މެދުގައިވާ ތީރަށް ކްލިކްކޮށް ދެ ޗާޓު ވަކިން ފެންނަ ގޮތަށް އެ ދަމާލެވޭނެއެވެ.
1970 ގެ އަހަރުތައް ފެށުމާ އެކުހެން، މާލޭގެ ފަޅުތައް އެކި ދިމަދިމާއިން އައީ ހިއްކަމުންނެވެ. މިކަން އިބްރާހީމް ނާޞިރު ދައުރުގައި ފެށުނުގޮތަށް މައުމޫން ދައުރުގައި ވެސް ކުރިއަށް ގެންދެވުނެވެ. މާލޭގެ ބިން އެންމެ ބޮޑަށް ހިއްކީ މައުމޫން ދައުރުގައެވެ. މި ދައުރު ފެށުނީ 1978 ވަނަ އަހަރުއެވެ. 1979 ގެ ޗާޓުން ފެންނަނީ މާލެ އެއިރު އޮތް ގޮތެވެ. މައުމޫން ދައުރު ފެށުނު އިރު، މާލޭގެ އެންމެ އުތުރަށް (ހެންވޭރު ފިޔަވައި) އެންމެ ދެކުނުގައި އޮތް މަގަކީ އިސްކަންދަރު (ކުރިން ނަމަ މިރިހި) މަގެވެ. މި މަގުގެ ދެކުނުގައި މައްޗަންގޮޅީގައި އޮންނަނީ ބަކަރިކޮށި ތަކެކެވެ. މާފަންނު ކޮޅުގައި، ބުރުޒުމަގުގެ ދެކުނަށް ބައެއް ގޯތިތައް ހުއްޓެވެ. މިގޯތިތަކުގެ ދެކުނު ފަރާތަށް އެ ދުވަސްވަރު ރާޅު އަރާނެއެވެ. އިސްކަންދަރު މަގަކީ މާލޭގެ ޤުދްރަތީ ހިކި ފަސްގަނޑު އެންމެ ދެކުނަށް އޮތް ހިސާބެވެ. ނަމަވެސް، ހެންވޭރު ކޮޅުން މި މަގަށް ވުރެ ދެކުނަށް ހިކިފައި އޮވެއެވެ. އެކަން 1922 ގެ މި ޗާޓުން ފާހަގަކުރެއްވޭނެއެވެ.
1980 ގެ އަހަރުތަކުގައި މާލޭގެ ހުޅަނގާއި ދެކުނު ފަރާތް ވަރަށް ބޮޑަށް ހިއްކިއެވެ. އެ ހިއްކުމުގެ ސަބަބުން މާލޭގެ ބިން %33 އަށް އިތުރުވިއެވެ. ބިން ހިއްކުމުގައި، ކޮންނަ ބޯޓެއް ބޭނުން ކުރިއަސް، މުޅީންހެން މާލެ ހިއްކާފައިވަނީ ފުންކުރި މާލޭގެ ފަޅުތަކުން ނަގާފައިވާ ވެލިންނެވެ. ވެލި ލިބޭލެއް މަދުކަމުން، އަލަށް މި ހިއްކި ސަރަޙައްދުގެ ބިން ހިއްކާފައިވަނީ މާލޭގެ ފަސްގަނޑުގެ ޤުދްރަތީ އުސްމިނަށް ވުރެ ތިލަކޮށެވެ. އެ ދުވަސްވަރަކީ، ބަނޑެއް ފަދަ އެއްޗަކަށް ދުރުން ވެލި އަޅައިގެން ގެނެވޭ ފަދަ ހޮޕަރ ޑްރެޖަރ ޢާއްމު ދުވަސްވަރެއް ނޫނެވެ.
ކަން މިހެން ވެފައިވަނިކޮށް، އަލަށް ހިއްކި ބައި ހިމެނޭ ގޮތަށް ބޭރުމަގު ހަދައި އެތެރޭ ތޮށިގަނޑު ލައިފިއެވެ. މި ބޭރު މަގަށް ކުރިން ކިޔަނީ މެރީން ޑްރައިވް އެވެ. މިހާރު ކިޔަނީ، ބޮޑުތަކުރުފާނު މަގެވެ. މި ތޮށިގަނޑު ލީ، ޖަޕާނު ސަރުކާރުގެ ހިލޭ އެހީގައެވެ. އެ ތޮށިގަނޑު ފަރުމާކުރި މީހުން، އޭގެ އުސްމިނުގައި ވަކި މިންވަރެއް ބަހައްޓަން އޮންނާނީ ބުނެފައެވެ. މި މަޒުމޫނު ލިޔުނު ދުވަހު ދިޔަވަރު ބޮޑުވިއިރު، އަޅުގަނޑު ގޮސް، ފަޅުގެ ލޮނުގަނޑާއި ތޮށިގަނޑުގެ އެންމެ މައްޗާ ދެމެދު ހުރި ދުރުމިން އިސްޓޭޑިއަމް އާ ދިމާލުން ބެލިއިރު ހުރީ ދެ ފޫޓެވެ. މަގުގެ މެދާ ލޮނުގަނޑާ ދެމެދު ދިޔަވަރު ބޮޑު އިރު ހުންނާނީ ގިނަވެގެން ދޮޅު ފޫޓެވެ. އެކި ކަންކަމާ ގުޅިގެން، އަމީނީމަގުގެ ދެކުނު ފަރާތް ކޮންނައިރު، ފެން ވަރަށް ތިލައެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، ފަސްގަނޑު ވަރަށް ތިރިއެވެ. ބޮޑުތަކުރުފާނު މަގަށް ވުރެ ވެސް ތިރިއެވެ. އާދެ! މި ހިސާބުގަނޑުގެ ބިންގަނޑަކީ ވަތުތައްޓެއް ފަދަ ބައްޓަމަށް ދެ ފަރާތް އުސްކޮށް، މެދު އަޑިކޮށް އޮތް ތަނެކެވެ. ތިރީގައިވާ ކުރެހުމުން ފެންނަ ފަދައިންނެވެ.
1 އޭޕްރިލް 2023 ދުވަހު ހެނދުނު ވެހުނު ވާރޭގައި، އަމީނީމަގުގެ ބިލަބޮން ސްކޫލްދޮށުގައި ހުރެފައި ބޮޑުތަކުރުފާނު މަގަށް ބެލިއިރު، މަގު ހިކިކޮށް އޮތީ ހަމައެކަނި ވިލާކޮލެޖުގެ ކުރިމަތިން ބޮޑުތަކުރުފާނު މަގާ ހިސާބަށެވެ. އެއިރު، އަމީނީމަގާއި ރަށްދެބައިހިނގުން ހުރަސްވީ ހަތަރުއަނގޮޅީގައި 6 އިންޗިއަށް ފެން ހުއްޓެވެ.
ފެނަކީ އޭގެ ޒާތުގައި، ރަހައަށް، މަތި ހަމައަށް އެއްވަރަށް އޮންނަ އެއްޗެކެވެ. މިހާރު ހިތްޕުޅަށް ދެން އަރާ އެއް ސުވާލަކަށް ވާނީ، އަމީނީ މަގުގެ އިރުމަތީކޮޅުގައި ފެންބޮޑު ނުވަނީ ކީއްވެގެން ހެއްޔެވެ؟ މި ސުވާލުގެ ޖަވާބަކީ، އިރުމަތީ ކޮޅު އުސްވީމައެވެ. ކޮންމެ ރަށެއްގެ ވެސް ރާޅުޖަހާ ފުއްޓަރު ފަރާތް އުސްވާނެއެވެ. އެއީ ރަށް އުފެދުމުގެ ޠަބީޢީ ސިފައެކެވެ. ހެންވޭރު ކޮޅުގެ ބައެއް ހިސާބުތަކުގެ ފަސްގަނޑު އުސްކަމުން ބައެއް ގޯތީގެ ވަޅުތަކުގައި ފެން ހުންނަނީ ވަރަށް ފުނުގައެވެ. ގާތްގަޑަކަށް 8 ފޫޓު އަޑީގައި ފެން ހުރި ވަޅު ހުރެއެވެ. 1970 ގެ އަހަރުތަކުގައި، ނާޞިރުގެ ދައުރުގައި، ހެންވޭރުގެ ބައެއް މަގުތައް ކޮނެ ފަސްތައް ވަނީ އެހެން ތަންތަނަށް ގެންގޮސްފައެވެ. މިކަން ހިނގީވެސް އަޅުގަނޑުގެ ހަނދާނު ގައެވެ. އެ ދުވަސްވަރު ކޮނުނު މަގުތަކުގައި ހުރި ބައެއް ގޯތިތަކަށް ވަދެވެނީ ދެތިން ހަރުފަތުން އަރައިގެންނެވެ. އަޅުގަނޑަށް އެންމެ އުސް ގެއަކަށް ފެނިފައިވަނީ ހެންވޭރު ކްރެސެންޓް މޫން ކިޔާ ގެއެވެ. ފަސްގަނޑު އުސްވުމުން އިތުރު ކަމެއް ވެސް ވެއެވެ. އެއީ ފެން ހިނދޭލެއް އަވަސް ވުމެވެ. ތަށި ދޮންނަ އިސްޕަންޖު ގަނޑަކަށް ފެން ތައްޓެއްގެ ފެން އެއްކޮށް ނީރޭ ގޮތަކަށް ނޭޅޭނެއެވެ. ނަމަވެސް އިސްޕަންޖު ބޮޑު ނަމަ، ފެންތައްޓެއް އެއްކޮށް އެއަށް އެޅިއަސް އޭގެ މަތި އޮންނާނީ ހިކިކޮށްންނެވެ. މިފަދައިން ފަސްގަނޑު ބޮޑުވި ވަރަކަށް އޭގައި ހިފަހައްޓާ ފެން ގިނަވާނެއެވެ.
އަމީނީ މަގުގައި ފެން ބޮޑުވާ ސަބަބު
އަމީނީ މަގުގައި ފެންބޮޑު ވުމަށް ދެތިން ސަބަބެއް މެދުވެރިވެފައި ވެއެވެ.
ފުރަތަމަ ސަބަބަކީ، ކުރީން ބަޔާންކުރިހެން އެ މަގު ތިރިވުމެވެ. އަދި މަގުގެ ވަކި ހިސާބުތަކަކަށް އަޑިވުމެވެ. މިހެން މެދުވެރިވެފައިވާ އެއް ސަބަބަކީ، މަގު ހެދުމަށް ބިންގަނޑު އެއްވަރުކުރި މައްސާހު އޭނާގެ ޒިންމާއަށް އިހުމާލުވެފައިވާ ކަމެވެ. މިހެންނޫނީ، އެ މަގުގެ ވަކި ދިމާއަކަށް، މިސާލަކަށް ސްޓޭޑިއަމް ގެ މެދަކާ ދިމާއަށް ހުރި ޕޮލީސް ސްޓޭޝަން އާ ދިމާގައި ސަފުން ފުންކޮށް ފެން ހެދެންވީ ސަބަބެއް ނެތެވެ. މައްސާހުން ގެންގުޅޭ ތިންފައި ޖެހި މިޒުވާއަކީ ވަރަށް ރަހައަށް ބިން ސީދާކުރެވޭ އާލަތެކެވެ. މި ޒަމާނުގައި ގެންގުޅޭ މިފަދަ އާލަތަށް ކިޔަނީ ”ޓޯޓަލް ސްޓޭޝަން“ އެވެ. ކުޑަކަމެއް ނުބައިކޮށް ކުރުމުން އެކަމުގެ ހިތި ނަތީޖާ އެތައް އަހަރަކަށް ދެމިގެން ދެއެވެ. މަގުގެ ބައެއް ހިސާބުތައް އަޑި ނޫންނަމަ، މުޅި މަގުގައި ފެން ބޮޑުވާނީ އެއް ފުންމިނަކަށެވެ.
ދެވަނަ ސަބަބެއް ކަމުގައި އަޅުގަނޑު ދެކެނީ ފެން ތިލަކަމެވެ. އަޑީގައިވާ ފެން ފަށަލައިގެ މައްޗަށް ހުންނަ ވެލި މަދުވި ވަރަކަށް، ފެން ހިނދޭލެއް މަދުވާނެއެވެ. އެހެންކަމުން، އަޑިތަނަކަށް ފެން ޖަމާވިޔަސް، ފެން އަޑިއަށް ނުގޮސް ވަރަށް ގިނަ އިރުވާނެއެވެ.
ތިންވަނަ ސަބަބެއް ކަމަށް އަޅުގަނޑަށް ފެންނަނީ، ހިސާބުގަނޑުގެ ގެތަކުގައިވެސް ފެން ހިންދޭނޭ ގޮތެއް ނެތްކަމެވެ. މަގުގެ އެއް ފަރާތުގައި ހުރި ގިނަ ގެތަކެއް ހުރީ އެތައް ބުރިއަކަށް މައްޗަށް ޢިމާރާތްކޮށްފައެވެ. މިފަދަ އުސް ޢިމާރާތްތައް ކުރަނީ، ބިމަކީ އިސްޕަންޖުގަނޑެއް ފަދަ އެއްޗަކަށް ބަލައި، ކޮންކުރީޓުން ”ކަނދުފައްޗެއް“ ބަނދެ، އޭގެ މަތީގައެވެ. މި ކަނޑުފައްޗަކީ ”ރާފްޓް“ އަކީ ބިންގަލެވެ. މިފަދަ ބިންގާ ހަދަނީ ގޯތީގެ ބޮޑުމިނަށެވެ. ނަތީޖާއަކަށް ވަނީ، ގޭގައި ފެންހިނދޭނޭ (ވަޅުނޫން) ތަނެއް ނެތުމެވެ. އެހެންކަމުން، ހުރިގާ ގޯއްޗަކަށް ވެހޭ ހުރިހާ ވާރެއަކާއި މަގުމައްޗަށް ވެހޭ ހުރިހާ ވާރެއެއް އެއްވާނީ އަމީނީ މަގަށެވެ. މިހެން ދެންނެވިއަސް އެހެން މަގުތަކުގެ ކާނުތަކަށްވެސް ކޮންމެވެސް ވަރަކަށް ފެން ހިނދޭނެއެވެ.
އަޅުގަނޑުމެން މިދައްކަނީ ކިހާ ވާރޭ ފެނެއްގެ ވާހަކަތޯއެވެ؟
ތުނިކޮށް ވާރޭ ވެހޭ އިރު، އަމީނީ މަގުގައި ފެން ބޮޑެއް ނުވާނެއެވެ. ފެން ބޮޑުވަނީ ބޯ ކެރިގަނޑުގައެވެ. ނޫނީ ގިނައިރު ތުނިކޮށް ވެހޭ ވޭރެއިންނެވެ. މިފަދަ ހާލަތެއްގައި ކިހާ ވާރެއެއް ވެހޭ ބާވައެވެ؟
މާލޭގެ މޫސުމީ މިންގަނޑުތައް ވަޒަން ކުރަނީ ހުޅުލޭ އެއަރޕޯޓުންނެވެ. އެތަނުގެ ރެކޯޑުތަކުން ދައްކާ ގޮތުގައި، 2012 ވަނަ އެކި މުއްދަތަށް ވެހުނު ވާރޭގެ ފުންމިން ތިރީގައިވާ ތާވަލުގައި އެވަނީއެވެ. އަޅުގަނޑު މި ތާވަލު ހޯދީ މި ޖުމުލައަށް ފިތާލުމުން، ފެންނަ ރިޕޯޓުންނެވެ. އެ ރިޕޯޓަކީ ކުޅުދުއްފުށީގައި ވާރޭ ފެން ހިންދުމާ ބެހޭ ދިރާސާއެއްގެ ރިޕޯޓެކެވެ. މި ބާވަތުގެ ކަންކަމަށް ޝައުޤުހުންނަ މީހުން މި ރިޕޯޓުކިޔުމުން ވަރަށް ގިނަ މަޢުލޫމާތު ލިބޭނެއެވެ.
ތާވަލުން ފެންނަ ފަދައިން 2012 ވަނަ އަހަރު 6 ގަޑިއިރު ވެހުނު ވާރެއިން އެންމެ ފުންކޮށް ކަންވާރަކަށް ފެން އެޅެނީ 68.1 މިލިމީޓަރަށެވެ. އެއީ އާދައިގެ އިސްކޮޅެއްގެ ފިރިހެނެއްގެ ކަށިއިނގިލީގެ ދިގުމިނެވެ. ތިންގަޑިއިރު ވެހޭ ވާރެއިން ފެން ހުންނަ ވަރަކީ 55.7 މިލިމީޓަރެވެ. އަމީނީ މަގަށް ފެންޖަމާވާ ހުރިހާ ހިސާބަކުން މި ބޯމިނުގެ ވާރޭފެން، އަމީނީ މަގަށް އެއްވުމުން އަޅުގަނޑުމެން މި ދައްކަނީ ކިހާ ފެނެއްގެ ވާހަކަ ކަން ތަޞައްވުރު ކުރެވޭނެއެވެ. އާދެ! މިކަން ޚިޔާލަށް ގެންނަވަން އިސްކަންދަރު މަގުން ފެށިގެން، އަމީނީ މަގާ ދެމެދުގައި (އެ މަގު ހިމެނޭ ގޮތަށް) ހުރިހާ ހިސާބަކު އިނގިލީގެ ފުންމިނަށް ހުރި ފެން އެ މަގަށް އެއްވުމުން ދެން ފެން ހުންނާނޭ ފުންމިން ޚިޔާލަށް ގެންނަވާށެވެ. މިއީ ހާދަހާ ގިނަ ފެނެކެވެ. މި ފެން އެއްވެސް ގޮތަކަށް އަމީނީ މަގަކަށް އަވަހަކަށް ނުހިންދޭނެއެވެ. އަމީނީ މަގުގެ ހިކި ފަސްގަނޑުގައި އެ ފެން ދަމައިގަންނާނެހާ ވެއްޔެއް ނުހުންނާނެއެވެ. އެއަށް ވުރެ އެ މަގުގެ ފެން ތިލައެވެ. އެހެންކަމުން، މައްސަލައިގެ ހައްލުވަނީ ފެން ހިންދުމަށް އެހެން ތަނަކަށް އެ ފެން ގެންދިއުމުގައެވެ. ނޫނީ ފަޅަށް ދޫކުރުމުގައެވެ.
ފެން ހިންދަން ފަހުން ހެދި ގޮތް
އަމީނީ މަގުގެ ހުޅަނގު ކޮޅުގައި ފެންބޮޑުވާތީ، އެކަން ހައްލުކުރުމުގެ ގޮތުން ސަރުކާރުން ކުރި ކަމަކީ، އަމީނީ މަގާއި ބުރުޒު މަގުގެ ބައެއް ހިސާބުތަކުގައި ވަޅުބުރިތަކެއް ބަހައްޓައި، އެ ވަޅުބުރިތަކަށް ޖަމާވާފެން ފަޅަށް ފޮނުވުމަށް ހޮޅިއަކުން ބިމުގެ އަޑިން ގުޅާލީއެވެ. މަގުމައްޗަށް އެއްވާ ވާރޭފެން، ވަޅުބުރި މަތީގައިވާ ޖާލިން، ވަޅުބުރިއަށް އޮހޮރެއެވެ. ވަޅުގައިވާ ދެ ހޮޅިއަކުން މި ފެން ގޮސް އެޅެނީ، ގްރެވިޓީގެ ބާރުގައި ފަޅާ ކައިރީގައި ހަދާފައިވާ ފުން ވަޅަކަށެވެ. މި ވަޅަށް ވަކިވަރަކަށް ފެން އެޅުމުން ވަޅުގެ އެތެރޭގައިވާ ޕަންޕަކުން ފަޅުގެ ތެރެއަށް އަޅަނީ އެތެރީ ތޮށިގަނޑުގެ މަތިންނެވެ. ތިރީގައިވާ ކުރެހުމުން މި ނިޒާމު ހިނގާ ގޮތް ބޮޑަށް ސާފުވާނެއެވެ.
ފެން ހިންދަން ހެދި ނިޒާމު ކާމިޔާބުނުވީ ކީއްވެ؟
- ފެން ހިންދާ އައު ނިޒާމު 2018 ވަނަ އަހަރު ހެދިތާ މާގިނަ ދުވަހެއް ނުވެ، ބޯކޮށް ވާރޭ ވެހުމުން، އަމީނީ މަގުގައި ކުރިއެކޭ އެއްގޮތަށް ފެންބޮޑުވާން ފެށިއެވެ. މަގުމަތީގައި ހެދި ކުދި ވަޅުތަކުގެ ޖާލިތަކުގެ މައްޗަށް ފެން އަރާފައި ހުރެއެވެ. ކުރިއެކޭ އެއްގޮތަށް، މަގުން ފެން ހިއްކުމަށް ސިފައިން ނުކުންނަށް ޖެހިއްޖެއެވެ. މިވީ ކީއްބާވައެވެ؟ ތިރީގައި މި ބަޔާންކުރަނީ، އަޅުގަނޑުގެ ނަޒަރުގައި، މައްސަލަ ހައްލުނުވި މައިގަނޑު ސަބަބުތަކެވެ.
1. ވަޅުގަނޑުތަކުގެ ޖާލިތަކުގެ މައްޗަށް، ފެން އަރާނަމަ، އޭގެ މާނައަކީ ވަޅުގަނޑުގައި ހުރި ފެން އެކަށީގެންވާ ބާރުމިނެއްގައި، ޖަމާކުރާ ވަޅަށް ނުދާ ކަމެވެ. މިކަމުގެ ސަބަބެއްކަމަށް ފެންނަނީ، ވަޅުގަނޑާ ގުޅާފައިވާ ދެ ހޮޅި ހިމަކަމާއި ހޮޅީގެ ކަޗޯރުކަން ކުޑަކަމެވެ.
2. ދެވަނަ ސަބަބަކީ ފަޅުކައިރީގައި ހުރި ވަޅަށް އެޅޭ ފެން، ބޭނުންވާ އަވަސްމިނުގައި ފަޅުތެރެއަށް ޕަންޕު ނުކުރެވޭ ކަމެވެ.
މިހެން ދިމާވަނީ ޕަންޕުތައް ކުޑަކަމުންނެވެ. އަޅުގަނޑުގެ ނަޒަރުގައި ޕަންޕު ބޮޑުކުރިއަސް މި މައްސަލަ ހައްލެއް ނުވާނެއެވެ.
3. ތިންވަނަ ސަބަބެއް ކަމުގައި ފެންނަނީ، ސަމްޕް ވަޅުތައް ހެދިއިރު، އެކަން ރަނގަޅަށް ބެލެހެއްޓިފައި ނެތްކަމެވެ. މިހެން މި ދެންނެވީ، ސަމްޕް ކިޔަނީ އެންމެ އަޑީތަނުގައި ހުންނަ ދިޔަ އެޅޭ ބަޔަށް ކަމަށް ވިޔަސް، މަގުތަކުގައި އެތަންތަން ހަދާފައި ހުރީ އެންމެ އަޑީތަނަކު ނޫނެވެ. މިހެން ވެފައި އެހުރީ، އެ ތަން ކޮނެހެދުމުގައި ކުޑަކޮށް އުސްވެފައި ހުރުމުންނެވެ. މިއީ އަށެއްކަ އިންޗިއަށް ފެންބޮޑުވާނެ މައިގަނޑު ސަބަބެއް ނޫނެވެ.
އަމީނީ މަގުގައި މި ހަދާފައި ހުރި ނިޒާމަކީ، އެ މަގަށް އެއްވާ ވާރެއާ އެކަށީންވާ ވަރަށް ވުރެ ދޭސީ ކުޑަ ނިޒާމެކެވެ. މި ނިޒާމުން ފެން މަގުން ހިނދޭނެއެވެ. ނަމަވެސް ހިނދެން އެތައް އިރެއް ނަގާނެއެވެ. ދިވެހީންގެ ކެތްތެރިކަން މިހާރަކަށް އައިސް ހުންނަ ގޮތުން، ބައިގަޑިއިރުގެ ތެރޭގައި ފެން ނުހިނދިއްޖެ ނަމަ، ނިޒާމު ފޭލިވިކަމަށް ބަލާނެއެވެ.
ބޭރު ޤައުމުތަކުގައި ވެސް، މިއާ އެއްވައްތަރުގެ ނިޒާމުތައް ބޭނުން ކުރެއެވެ. ތަފާތަކީ ބޭރު ޤައުމުތަކުގެ ބިންގަނޑު އުސްކަމުން، ސަމްޕް ވަޅުތަކާ ގުޅާ ހޮޅިތައް ހުންނަނީ ވަރަށް ކަޗޯރުކޮށެވެ. އެހެންކަމުން އެއަށް އެޅޭ ފެން، ޖަމާކުރާ ވަޅަށް ވަރަށް އަވަހަށް ދަތުރުކުރާނެ އެވެ. ހޮޅިއެއް ތެދުވި ވަރަކަށް އެއިން ބާރު ދުވެއްޔެއްގެ ފެން ދަތުރުކުރާނެއެވެ. ނަމަވެސް މާލޭގެ ފެން ތިލަކަމުން މިކަން ފަސޭހައަކުން ނުކުރެވޭނެއެވެ. މިއާއެކު ހޮޅީގެ ހިމަކަމަކީ… އާހް! އެވެ. އަޅުގަނޑަށް ބޭރު ޤައުމުތަކުން ފެނިފައި ހުރީ މުޅީންހެން އެއް ފޫޓާއި ދެ ފޫޓޫ ހުރަސްދިގުގައި ހުންނަ ހޮޅިއެވެ. މިއާއެކު، ޖަމާކުރާ ވަޅުން ފެން ފަޅުތެރައަށް އަޅަން ޕަންޕު ބޭނުންކުރުމަކީ … …
ރައްކާތެރިކަމާއެކު ފޭލިވާ އެންޖިނިއަރިން
އިންސާނުންގެ ރައްކާތެރިކަމާ ގުޅުން ހުންނަ ކަންކަން ކުރާއިރު، ބޭނުންކުރާ އެންޖިނިއަރިން ގެ ވަރަށް މުހިއްމު އުސޫލެއް އޮވެއެވެ. މި އުސޫލަކީ، އެންޖިނިއަރިން ވަޑާމެއް ހަލާކުވާއިރު، ހަލާކުވާންވާނީ ރައްކާތެރިކަން ލިބޭ ގޮތަކަށެވެ. އިނގިރޭސިބަހުން މި އުސޫލަށް ކިޔަނީ ފެއިލް-ސޭފް އެންޖިނިއަރިން އެވެ. އާދެ! ރައްކާތެރިކަމާއެކު ފޭލިވާ އެންޖިނިއަރިން އެވެ. މީގެ އެތައް މިސާލެއް ވެއެވެ. މިސާލެއްގެ ގޮތުން، ލިފްޓެއް މައްޗަށް އަރަނިކޮށް ނުވަތަ ތިރިއަށް ފައިބަނިކޮށް އިލެކްޓްރިކް ބާރު (ކަރަންޓު) ކެޑިއްޖެނަމަ، އެ ލިފްޓް ބިންމައްޗަކަށް ނުވެއްޓޭނެއެވެ. އަދި މައްޗަށް އަރައިގެނެން ނުދާނެއެވެ. ވާނެގޮތަކީ ހުރި ތަނުގައި ހުއްޓޭނީއެވެ. ލިފްޓް ހުއްޓުމަށް ޖެހޭ ބުރަކި ޖެހެނީ ކަރަންޓަކުން ނޫނެވެ. ރޭލެއް ދުވެފައި ދަނިކޮށް، އެ ރޭލުގެ އިންޖީނު ހުއްޓިއްޖެނަމަ، ރޭލުގެ ބުރަކި ޖެހޭނެއެވެ. ބައެއް އެއަރޕޯޓްތަކުގައި ބޭނުންކުރާ ހަތަރުފުރޮޅުލީ ޓްރޯލީ، ކަޗޯރު ތަޅުމެއްގައި އަމިއްލައަށް ދުވަފައެއް ނުދާނެއެވެ. އެ ޓްރޯލީ ދުއްވުމަށް ޖެހޭނީ އަތްގަނޑު ތިރިއަށް އޮބާށެވެ. ނޫނީ އެ ހުންނާނީ ބުރަކި ޖެހިފައެވެ. ސައިކަލް ފަދަ އެއްޗެއް ވެސް، ދުއްވުމަށް މުއްގަނޑަށް އަނބުރަން ޖެހެއެވެ. ހާޓް އެޓެކެއް ފަދަ ކަމެއް ދިމާވެގެން މުއްގަނޑު ދޫކޮށްލައިފި ނަމަ، އިންޖީނު ހުއްޓޭނެއެވެ. މިއީ ހައްތާވެސް، ރައްކާތެރިކަމާ އެކު ފޭލިވާ އެންޖިނިއަރިން ގެ މިސާލެވެ.
މިހަމައިން ބަލާއިރު، އަމީނީ މަގުން ފެން ހިންދުމަށް ކަރަންޓުން ހިންގާ ޕަންޕެއް ބޭނުންކުރުމަކީ، އެއްވެސް ގޮތަކަށް ކުރަންވާވަރުގެ ކަމެއް ނޫނެވެ. މި ފެން މޫދަށް އެޅެންޖެހޭނީ ގްރެވިޓީގެ ބާރުގައެވެ. މިއީ އެހެން ޤައުމުތަކުގައިވެސް މިކަން ކުރާ އެންމެ ރައްކާތެރި، އެންމެ ޚަރަދުކުޑަ، އެންމެ އިތުބާރު ހުރިގޮތެވެ.
އަޅުގަނޑަށް ލަފާކުރެވޭ ގޮތުން، ޕަންޕެއް ލައިގެން ތޮށިމަތިން މޫދަށް ފެން ގެންދާގޮތް ހެދީ، ޝީޓްޕައިލްގައި ގާތްގަޑަކަށް ދެ ފޫޓު ދެ ފޫޓު ހުންނަ ވަރުގެ އާނގައެއް ނުހަދަންވެގެންނެވެ. ނަމަވެސް، މިހެން ހެދުމުން ކުރާ މަންފާ، އެކަމުން ވާނޭ ގެއްލުމަށް ވުރެ ބޮޑުވާނެއެވެ. އަދި ޝީޓްޕައިލް އަށް ގެއްލުންނުވާނޭހެން، މިކަން ކުރެވޭނެއެވެ. ތޮށިގަނޑު މަތީގައި ފަތިހު ކަސްރަތަށް ހިނގާ މުސްކުޅީން ވެއްޓި ކަށިތައް ބިނދިދާނެ ފަދަ ގޮތަކަށް، ތޮށިގަނޑު ހުރަހަށް ހޮޅިތައް ނުލައި މިކަން ކުރެވޭނެއެވެ.
އަޅުގަނޑުގެ ހުށަހެޅުން
މަތީގައި ދެންނެވުނު ކަންތައްތަކަށް ރިއާޔަތްކޮށް، އަޅުގަނޑުގެ ހުށަހެޅުމަކީ، ތޮށިގަނޑުކައިރީގައި ހަދާ ވަޅު، ބޮޑު ހޮޅިއަކުން ފަޅާ ގުޅުމެވެ. މި ހޮޅި ރަނގަޅުވާނީ ހަތަރެސްކަނަށް ހުރެފައި، މަދުވެގެން އުސްމިނާއި ފުޅާމިނުގައި ދެ ފޫޓު ހުރިއްޔާއެވެ. މި ވަޅަށް ފެން އަންނަ ހޮޅިތަކުގެ ޑައެމީޓަރުގައި ވެސް ދެ ފޫޓު ހުންނަން ވާނެއެވެ.
މަގު ހުރަސްކޮށް ހޮޅިގެންދާނީ މަގުގެ އަޑީންނެވެ. ހުރަސް ނޫން މަގުތަކުގައި ކާނުތައް ހުންނާނީ މަގުގެ އެއް ކައިރީގައެވެ. ކާނުގެ ފުޅާމިނުގައި ބިންކޮންނަ ކުޑަ އެކްސްކެވޭޓަރެއްގެ ދަތްގަނޑު ވަންނަ ހާ ފުޅާމިން ހުންނަން ވާނެއެވެ. އެއީ އެހާ ދިގު މަގެއްގެ ކާނު ސާފުކުރެވޭނީ މެޝިނަރީ ބޭނުންކޮށްގެންކަމަށް ވާތީއެވެ. ފުންމިނުގައި ދެ ފޫޓުވަރު ހުންނަން ވާނެއެވެ. ފޫ ނުހުންނަ ގޮތަށް ހަދައި، ދެ ފަރާތު ބިތް ހުރަސް ގުޅުމަކުން ގުޅުވައިފިނަމަ، ސަފުން ރަނގަޅުވާނެއެވެ. މިއޮތީ މިފަދަ ކާނެއްގެ ކުރެހުމެވެ.
ފަޅަށް ފެން ފޮނުވާ ވަޅުތައް ބޮޑުތަކުރުފާނު މަގާއި އަމީނީ މަގު ގުޅޭ ކޮންމެ ހުރަސް ދެމަގަކުން އެއް މަގުގައި ބަހައްޓަން ވާނެއެވެ. ބޮޑެތި މައްސަލަތައް ހައްލުކުރަން ބޭނުންވަނީ ބޮޑެތި ހައްލެވެ.
އަމީނީ މަގު އަލަށް މިހަދާގޮތުން މައްސަލަ ހައްލުވާނެ ހެއްޔެވެ؟
ގިނަ ބައެއްގެ ސުވާލަކަށް ވާނީ، އަލަށް އަމީނީ މަގު މިހާރު ހަދަމުންދާ ގޮތުން ފެންބޮޑުވުމުގެ މައްސަލަ ހައްލުވާނެ ތޯއެވެ؟ އަޅުގަނޑަށް ވިސްނޭގޮތުން މިކަން ބިނާވާނީ އަމީނީ މަގުގެ ހުޅަނގުކޮޅު ހަދާ ގޮތެއްގެ މައްޗަށެވެ. އިރުމަތީ ކޮޅާ އެއް ރަހައެއްގައި ހުޅަނގު ކޮޅު ހަދައިފިނަމަ މާފަންނާ ހިސާބުން މަގު ވަރަށް ބޮޑަށް އުސްވާނެ ކަމަށް ލަފާކުރެވެއެވެ. އަދި މިކަމުގެ ސަބަބުން ބުރުޒުމަގުން އަމީނީ މަގަށް ފައިބާ ފެން ހަރުލުމާއި، ބައެއް ޢިމާރާތްތަކުގެ އޮޅިތައް މަގަށް ވުރެ އަޑިވުން ހިމެނެއެވެ. ހީވާގޮތުން އެންމެ ރަނގަޅުވާނީ، އިސްކަންދަރު މަގާއި ބޮޑު ތަކުރުފާނު މަގުގެ އުސްމިނަށް ރިއާޔަތްކޮށް މި ދެމަގުގެ މެދު މިންވަރަކަށް އުސްމިން ބެހެއްޓުމެވެ.
ކަށަވަރާއެކު ބުނެވޭނީ، ހަލާކުވެފައިވާ މިޒުވާއެއް ބޭނުންކޮށްގެން ނުވަތަ ކެރަވަޅު މައްސާހަކު މަގު ރަހަ ނުކުރާނަމަ، ތާރުއެޅުމުން މަގުމަތީގެ އަޑިގުޑަންކަން ކުޑަވެ، ކުރިއަށް ވުރެ ދުއްވާ އެއްޗެތި ދުއްވަން ފަސޭހަވާނޭ ކަމަށެވެ. ފެން ބޮޑުވާނެ ހެއްޔެވެ؟ މިއީ 84 މިލިއަން ރުފިޔާގެ ސުވާލެކެވެ. އަޅުގަނޑު ދަންނަވާނީ، އިސްކަންދަރު މަގާއި އަމީނީ މަގާ ދެމެދު އަމީނީ މަގުގެ ފުޅާމިނުގެ 9 ގުނަ ހުރިނަމަ، އަޅުގަނޑުމެން މި ވާހަކަ ދައްކަނީ ހައެއްކަ ގަޑިއުރު ތެރޭގައި އެ މަގަށް އެއްވެދާނޭ ދެ ފޫޓު ފެން ހިންދާ ވާހަކައެވެ. {މމ680 = 10 ×68} ފެންތިލަ މިނުގައި ދެ ފޫޓު ނެތް ބިންގަނޑަކަށް ދެ ފޫޓަށް ހުރި ފެނެއް ނުހިންދޭނެއެވެ. އެކަން ކުރަން ޖެހޭނީ އެހެން ތަނަކަށް ނުވަތަ ފަޅަށް އެ ފެން ފޮނުވައިގެންނެވެ.
އަޅުގަނޑު އުއްމީދުކުރަނީ މިފަހަރު އަލަށް އަމީނީ މަގު ހެދުމުން، ފެން ބޮޑުވުމުގެ މައްސަލަ ދާއިމީ ގޮތަކަށް ހައްލުވާނެ ކަމަށެވެ. އަދި މާލޭގެ ރައްޔިތުންގެ ޝަކުވާތައް ހުއްޓި މަގު ބޭނުންކުރާ މީހުންގެ ދޫތަކަށް ހިމޭންކަން އަންނާނޭ ކަމަށެވެ.
Direct koh moodhah holhi gulhaifi nama ehen massala eh annaane.. manikufaan ekamah ali alhuvaalaafa neyi..vissnifa neyi…
Misaalakah raajje fadha udha raalhu halha dhiyaigain anna gaumaku falhu keki araa vaguthaku vaare vehijje nama system fail vaane…sababakee bingandu thiri vefa, udha ufulay vaguthu return vaane… ummeedhu kuran gaboolu kuraane kamah
An excellent study.
Hope the authority will consider it
Very informative. Your idea sounds very real based on facts. Always define by ur writings.
As far as i know the pump the only bottle neck in the system is the conveyance pipes to the sump well is not sufficient in some places.
The pumps are of high capacity which can pump out 200m3/hr. Each sump has 2pumps.
Above all, the issue in the system is, it is not maintained properly. When it rains after long time, the system is not in standby mode.
This is true… as the fluid resistance to flow at 600mm head over a distance of hundreds of metres, and turbulent flow at it, would reduce flow to a “dribble”. However, pumps are still not “fail-safe engineering”.
very imformative. thanks Dr. HH
A great, informative article, thank you sir, may Almighty Allah bless your work..