13 މެއި 2024 ގައި، މީހަކު އަޅުގަނޑަށް ޕީއެސްއެމް އިން ހަދައިފައިވާ ޚަބަރެއްގެ ފޮޓޯ ފޮނުވިއެވެ. މަތީގައިވާ ތަޞްވީރުގެ ކަނާތްފަރާތުގައި އެވަނީ އެ ފޮޓޯއެވެ. އެ ޚަބަރުގައި ވަނީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ހުރިހާ މަދްރަސާއެއް އޭސީކުރާނެ ވާހަކައެވެ. މި މަަޒުމޫނުގައި މި ގެނެސްދެނީ މިކަމާ ބެހޭ ބައެއް ވާހަކައެވެ.

ތަރުވާޒު

[ތަރުވާޒަކީ ބުނަން ބޭނުންވާ ވާހަކައެއް ބުނުމުގެ ކުރިން އެކަމާގުޅޭގޮތުން ދައްކާ އިތުރުވާހަކަ އެވެ]  ތިޔަ ބޭފުޅުންގެ އެއް ސުވާލަކަށް ވާނީ، އޭސީކުރުމާ މެދު ވާހަކަ ދައްކަން އަޅުގަނޑަކީ ފަހެ ކާކު ހެއްޔެވެ؟ މި މަޒުމޫނުގައި ބަޔާންކުރާ ވާހަކަތަކާ މެދު ތިޔަ ބޭފުޅުންގެ އިތުބާރާއި އިޢުތިމާދާއި ޔަޤީންކަން ހޯދުމަށް އެދި އަޅުގަނޑު ދެތިން ވާހަކައެއް، ފެށުމުގެ ގޮތުން ދަންނަވައިލާނަމެވެ. އެއީ ތަވާޟުޢުވެރިކަމުގެ ތާކިހާ އެއްފަރާތުގައި ބާއްވާފައެވެ.

ޔަޤީންވާ ގޮތުން، ރާއްޖޭގައި އެންމެ ފުރަތަމަ ކިލާސް ކޮޓަރިއެއް އޭސީކުރީ އަޅުގަނޑެވެ. އެއީ 1987 ވަނަ އަހަރު، ރާއްޖޭގެ މަދްރަސާތަކުގައި ކޮމްޕިއުޓަރ ސްޓަޑީޒް ގެ ކޯސްތައް ތައާރަފުކުރަންވެގެން މަޖީދިއްޔާގައެވެ.  އެ ދުވަސްވަރު، ރާއްޖޭގައި އައުޓްޑޯ އާއި އިންޑޯ ޔުނިޓް ވަކިން ހުންނަ އޭސީއެއް ނުހުރެއެވެ. ހުންނަނީ ވިންޑޯޒް ޓައިޕް ކިޔާ އޭސީއެވެ. މީގެ ދެ އޭސީ ހަރުކޮށް، އެތަން ހަދާނެ ގޮތް ކުރެހީވެސް އަޅުގަނޑެވެ. ތަން ހެދީ ދެ ފަށަށް ބިއްލޫރިޖަހައި، ކުޑަ ޖާގައަކަށް ވަނުމަށް ފަހު ނޫނީ ކިލާހަށް ނުވަދެވޭ ގޮތަށް ”އެއަރލޮކް“ އެއް ލާފައެވެ. އެތަން ހެދުމަށްޓަކައި ކޮންޓްރެކްޓަރަށް ދޭން ލިއުނު މަޢުލޫމާތު ކަރުދާސް އަޅުގަނޑުގެ އަތުގައި މިހާރުވެސް އެބައޮތެވެ.  މާ ގިނަ ދުވަސްތަކެއް ނުވެ އަމީނިއްޔާގައި ކޮމްޕިއުޓަރލެބެއް އޭސީކޮށް ހެދިއެވެ. އެ ފަހުން 1997 ވަނަ އަހަރު، އަޅުގަނޑު ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގެ ޗީފް ކަރިކިޔުލަމް ކޯޑިނޭޓަރަކަށް އުޅުނު ދުވަސްވަރު، މަދްރަސާތަކުގައި ވީސީއާރުން ވީޑިއޯ ދެއްކުމަށް އޯޑިއޯވިޜުއަލް ރޫމް، ޖާގައޮތް މަދްރަސާތަކުގައި ހެދުމުގެ ފޯވައްސެއް އައެވެ. ބައެއް މަދްރަސާތަކުގައި މިޚަރަދުތައް ކުރީ ބެލެނިވެރީންނެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ވުޒާރާއެއް އޭސީކުރީ ރައީސް ޔާމީންގެ މިނިސްޓަރުކަމުގައި ޓްރޭޑް މިނިސްޓްރީއެވެ. ދެން ދުނިޔޭގެ ސުންނަތާ އެއްގޮތަށް އެހެން މިނިސްޓްރީތަކާއި މަދްރަސާތަކުގެ އޮފީސްތައް އޭސީކުރިއެވެ. އެންމެ ފުރަތަމަ އޭސީ ކުރެވުނު މަދްރަސާއަކީ، ދަރުމަވަންތަ ސްކޫލެވެ. އެ މަދްރަސާ ހުރި ވެށީގެ ސަބަބުންނާއި ބިނާކޮށްފައި ހުރި ގޮތުން، ހޫނުގަދަވެގެންނެވެ. ސަރުކާރުގެ މަދްރަސާއެއްގެ ހޯލް އެންމެ ފުރަތަމަ އޭސީކުރީ އައްޑޫ މަދްރަސާއެއްގެ ހޯލެވެ.  އެއީ މުޅި ސްކޫލްގެ ގިނަ ފުރާޅުތަކުގައި  ބަޔަކު ސޯލާ ޕެނަލް ހަރުކުރުމާ ގުޅިގެންނެވެ. ދެން  ޝަރަފުއްދީން ސްކޫލްގެ ހޯލްއެވެ. އެކަން ކުރީ 2019 ވަނަ އަހަރު އެވެ. މުދައްރިސުންގެ މަހާސިންތާއެއް ބާއްވަން ވެގެން، މިކަން އިޢުލާނުކުރީ މަހާސިންތާ ހިންގުމަށް ޙަވާލުވެހުރި ސްޓޭޓް މިނިސްޓަރު، ވުޒާރާގެ ފައިސާއާ ބެހޭ ބަޔަށާއި ވަޒީރަށް އެންގުމެއް ނެތިއެވެ. ދެން ކޮންމެ ކަމެއް ހިނގަމުންދާ އުސޫލުން ރާއްޖޭގެ އެތައް މަދްރަސާއެއްގެ ހޯލްތައް އޭސީކުރެވުނެވެ. 2024 ވަނަ އަހަރު މެއި މަހު ތަޢުލީމާ ބެހޭ ވަޒީރު ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ މަދްރަސާއެއް އޭސީކުރާނެކަމަށް ވިދާޅުވިކަމަށް ނޫސްތަކުގައި ވެއެވެ.

1998 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން ޤާއިމްކުރުމާއި ތަރައްޤީކުރުމުގައި އަޅުގަނޑު އުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެއެވެ.  ބޭނުންކުރަންޖެހޭ ބައެއް ތަކެއްޗާ ގުޅިގެން، އެތަނުގެ ލެބޯރަޓަރީތަކާއި އެހެން ބައެއް ތަންތަން އޭސީކުރަން ޖެހެއެވެ. ޖުމުލަ 1000 އަށް ވުރެ ގިނަ އެކި ބާވަތުގެ އޭސީ މިހާރު އެމް.އެން.ޔޫ. ގައި ބޭނުން ކުރެއެވެ. ޖާގަތައް އޭސީކުރުމުގައި ދިމާވާ މައްސަލަތައް އެނގެއެވެ. ހުރިހާ ބާވަތެއްގެ އޭސީ މަސައްކަތްކުރާ ގޮތާއި ފިނިކުރުމާ ބެހޭ ހިސާބުތައް ކުރާ ގޮތާއި ޓެކްނޮލޮޖީއަށް އަންނަމުންދާ ބަދަލުތައް ކިޔަމުން ދަމެވެ. އެހެން މީހަކަށް ކިޔަވައިދެވޭ ފެންވަރަށެވެ. އޭސީ ކުރުމާ ގުޅުން ހުރި އެތައް މަޒުމޫނެއް ”ދަރުމަ“ މަޖައްލާގައި އަޅުގަނޑު ޝާއިޢުކުރީމެވެ. އަދި މި ވެބްސައިޓްގެ މި ލިންކުން ވަދެވޭ ފިހުރިސްތުގައި މިކަމާ ގުޅުން ހުރި ފަސް މަޒުމޫނެއް ވާނެއެވެ. ޝައުޤުވެރިވާ ދާއިރާއެއް ކަމުން، އަޅުގަނޑު މި ކިޔެވެލި ކިޔަވަން ފެށީ ވޮކޭޝަނަލް ޓްރޭނިން ސެންޓަރަށް ކިޔަވައިދޭން 1985 ގައި ދިޔަ އިރު އެތަނުގެ ލައިބްރަރީއިން ފޮތް ނަގައިގެންނެވެ. އޭގެ ފަހުން މީގެ ކޯސްތައް ހިންގުމާއި ކިޔަވައިދިނުމަށް ބޭނުންވާ ތަކެތި ހޯދުމުގައި އަޅުގަނޑު އެތައް ދަސް އަހަރަކު (ދަހަރަކު) އުޅެފީމެވެ. މި ތަރުވާޒުން ތިޔަބޭފުޅުން އަޅުގަނޑަށް އިތުބާރުކުރައްވާނެ ކަމަށް ހީކުރަމެވެ.

ކިލާހެއް އޭސީކުރަން ބޭނުންވާނީ ކިހާވަރެއްގެ އޭސީއެއް ތޯއެވެ؟


ދަރިވަރުން ތިބި ކިލާހެއް އޭސީކުރަން ޚަރަދުވާނީ ކިހާ ހަކަތައެއް ބާވައެވެ؟ މިއީ ހިސާބުކުރެވިދާނޭ ޢަދަދެކެވެ. އޭސީ އަކީ ފެން ޕަންޕަކުން ފެން އެއްތަނުން އަނެއް ތަނަށް ފޮނުވާ ފަދައިން، ހޫނު އެއް ތަނުން އަނެއްތަނަށް ފޮނުވާ ޕަންޕެކެވެ. ހޫނު ވަދެ ނުކުމެ ނުވާ ވަރަށް ބޮޑު ތަރުމޯޒެއްގައި ދަރިވަރުން ތިބި ކަމަށް ވިސްނަވާށެވެ. އެއަށް ހޫނެއް ނުވަދެއެވެ. އަދި ”ފިންޏެއް ވެސް ނުވަދެއެވެ.“ މިޙާލަތުގައި، އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭނީ އިރުކޮޅެއްގެ ތެރޭގައި ތަރުމޯޒުގެ އެތެރެ ހޫނުވަމުންދާ ކަމެވެ. ސަބަބަކީ އެއްވެސް ކަމެއް ނުކުރިއަސް ކޮންމެ މީހަކުވެސް އަބަދު ހުންނަނީ ގައިން ބޭރަށް ހޫނު ފޮނުވަ ފޮނުވައެވެ. ކިޔަވަމުންދާ ކުއްޖަކު އުފައްދާ ހޫނަކީ ނުވަތަ  ޕަވަރަކީ 210 ވޮޓްކަމަށް ބުނެއެވެ. އެއީ 210 ވޮޓްގެ ބޮތްކަކުން ހޫނުވާ މިންވަރެވެ. އެކި ކަންކަންކުރާއިރު މުޅި ހަށިގަނޑު އުފައްދާ ހޫނު މި ޖުމުލައަށް ފިތާލައްވަނިކޮށް ފެނިވަޑައިގަންނަވާނެއެވެ. ކިލާހެއްގައި 25 ކުދީން ތިބިނަމަ، އަދި ކޮންމެ ކުއްޖަކު 210 ވޮޓުގެ ހޫނު އުފައްދާނަމަ، ޖުމުލަ 5250 ވޮޓު ހޫނު ކިލާހުގެ ތެރޭގައި އުފައްދާނެއެވެ. މި މިންވަރުގެ ހޫނު ބޭރު ނުކުރާނަމަ، ކިލާސްކޮޓަރި އިތުރަށް ހޫނުވަމުންދާނެއެވެ. ވީމާ 25 ކުދިން ތިބި ކޮޓަރިއެއް ހުސް ކޮޓަރިއެއްގައި ހުރި ހޫނުމިނުގައި ހިފަހައްޓަން 5250 ވޮޓުގެ ހޫނު އަބަދުޖެހޭނީ ކިލާހުން ބޭރަށް ”ޕަންޕު“ ކުރާށެވެ. ކޮޓަރިއަށް 5250 ވޮޓުގެ އޭސީއެއް ބޭނުންވާނެއެވެ. އޭސީއަކުން ގަޑިއަކު ހޫނު ބޭރުކުރާ މިންވަރު މިނަނީ ބީޓީޔޫ ކިޔާ ޖިންސްއަކުންނެވެ. ވޮޓު، ބީޓީޔޫއަށް ބަދަލުކުރަނީ 3.412 އާ ގުނަކޮށްގެންނެވެ. 5250 ވޮޓުގެ ހޫނު ގަޑިއަކު ބޭރުކުރެވޭނީ 17913 ބީޓީޔޫގެ އޭސީއަކުންނެވެ. މިއީ ގާތްގަޑަކަށް 18000 ބީޓީޔޫގެ އޭސީ އެކެވެ. ނަމަވެސް މި ހިސާބުކުރުމުގައި އަޅުގަނޑުމެން ކުޑަދޮރުންނާއި ފާރުންނާއި ތަޅުމުން ކޮޓަރިތެރެއަށް ވަންނަ ހޫނެއް ނުހިމަނަމެވެ. ގާތްގަޑަކަށް މިއާ އެއް މިންވަރެއްގެ ހޫނު ބޭރުން ކޮޓަރިތެރެއަށް ވަންނާނެއެވެ. އެހެންކަމުން، ކޮޓަރި، އެއް ފިނިމިނެއްގައި ބަހައްޓަން ޖުމުލަ 36000 ބީޓީޔޫގެ އޭސީ ބޭނުންވާނެއެވެ. މި ހިސާބު ކުރުމުގައި އެންމެ ބޮޑަށް ވިސްނަން ޖެހޭ ކަމަކީ، ކޮޓަރިއާއި ފާރަށް އަވިދޭ މިންވަރާއި ބޭރުން ހޫނު ވަންނަން ހުރި އެހެން ގޮތްތަކެވެ.

އެއް ދުވަހަކު އަޅުގަނޑު އެސްޓީއޯ ގެ އޭސީ ވިއްކާ ފިހާރައަށް ގޮސްފައި، ކޮޓަރިއަކަށް ބޭނުންވަނީ ކިހާވަރެއްގެ އޭސީއެއްތޯ ސުވާލުކުރީމެވެ. ވިއްކަން ހުރި ކުއްޖާ އަޅުގަނޑުގެ ކައިރީގައި އެހީ ކޮޓަރީގެ ފުޅާމިނާއި ދިގުމިނާއި އުސްމިނެވެ. އަޅުގަނޑު ޖަވާބު ދިނުމުން ހިސާބެއް ހަދާފައި ވަކި މިންވަރެއްގެ އޭސީއެކޭ އޭނާ ބުނެފިއެވެ. އަޅުގަނޑު އޭނާކައިރީގައި ހިސާބުކުރީ ކިހިނެއްތޯ ސުވާލު ކުރީމާ، ޖަވާބުގައި އޭނާ ބުނީ އޭނާ މެލޭޝިއާގައި ހިޓާޗީ އޭސީ ހަދާ ކުންފުންޏަށް ޒިޔާރަތް ކުރިކަމަށާއި އެތަނުން ހޯދި ތަމްރީނުގައި އޭސީ ބޭނުންވާ މިންވަރު ބަލަން ހަދާނެގޮތް ކިޔަވައިދިން ކަމަށެވެ. ކޮޓަރީގެ ފުޅާމިނާއި ދިގުމިނާއި އުސްމިން ފޫޓުން ގުނަކޮށް (ކޮޓަރީގެ ކޮޑިމިން ފޫޓުން ހޯދައި) 7 އާ ގުނަކުރުން ކަމަށް ކިޔަވައިދިން ކަމަށެވެ. އަވި ކޮންމެވެސް ވަރަކަށް ދޭނަމަ ގުނަކުރާނީ 7.5 އާ ކަމަށެވެ. ރާއްޖޭގެ ގިނަ ކިލާސް ކޮޓަރީގެ ބޮޑުމިނަކީ ގާތްގަޑަކަށް 26 ފޫޓު ފުޅާ، 22 ފުޓޫ ދިގު 9 ފޫޓު އުސް އެވެ. [7m×8m×2.8m] ކޮޑިމިން ބަލައި 7 އާ ގުނަކުރީމާ އަންނަ ޖަވާބަކީ  (26 × 22 × 9 = 36,0360) ގާތްގަޑަކަށް 36000 ބީޓީޔޫ އެވެ.

ހިސާބު ހެދުމަކީ ވަކި ކަމެކެވެ. ތަޖުރިބާއަކީ އެއަށް ވުރެ މާ ސީދާވާ  އެއްޗެކެވެ. ޔުނިވަރސިޓީގައި ފަހުން ހަދަމުންދާ ހުރިހާ ކިލާސްކޮޓަރިއެއް ހަދަނީ 25 ފޫޓު 25 ފޫޓު 9 ފޫޓު އުސްމިނުގައެވެ. މިފަދަ ކިލާސްކޮޓަރިއަކަށް އެންމެ އެކަށީގެންވަނީ 18000 ބީޓީޔުގެ ދެ އޭސީކަން ތަޖުރިބާގެ މަގުން އަޅުގަނޑަށް ވަނީ ޔަޤީން ކުރެވިފައެވެ. 36000 ބީޓީޔޫ ގެ އެއް އޭސީ ބޭނުން ނުކުރަނީ ކޮޓަރިތެރެއަށް ފިނިކަން 2 އޭސީއިން ވައި ރަނގަޅަށް ފެތުރޭނެތީ އާއި އެކަތި ހަލާކުވެއްޖަ ނަމަ، އަނެއް އޭސީއިން ކޮންމެވެސް މިންވަރަކަށް ފިނިވާނެތީއެވެ. ނަމަވެސް ސީދާ ގަދަ އަވި ކިލާހުގެ ތެރެއަށް ދޭނާމަ، މި މިންވަރަކުން ފިނިކަމެއް ނުހިފަހައްޓާނެއެވެ.

މަތީގައިވާ ވާހަކަތަކުން ކިލާސްކޮޓަރިއަކަށް ބޭނުންވަނީ 36000 ބީޓީޔޫ ގެ އޭސީކަން ތިޔަބޭފުޅުންނަށް ޔަޤީން ކުރެއްވޭނެއެވެ.

ކިލާސްތަކުގައި ހަރުކުރަން އެންމެ ރަނގަޅީ މި ފޮޓޯއިން ފެންނަ ފަދަ ކެސެޓް އިންޑޯ ޔުނިޓެވެ. މިއިން ހަތަރު ފަރާތަށް ވައި ވިހޭތީ ކިލާހުގެ ހުރިހާ ހިސާބެއްގެ ހޫނުކަން އެއްވަރެއްގައި ހިފެހެއްޓެއެވެ. އަދި ފިނިން  އުފެދޭ ފެން، ޕަންޕަކުން ފޮނުވޭތީ  ފެންވައިރުކުރަން ފަސޭހަވާނެއެވެ. ނަމަވެސް، ފާރުގައި ހަރުކުރާ އާދައިގެ އެއްޗިއްސަށް ވުރެ އަގުބޮޑުވާނެއެވެ.

މަދްރަސާތައް އޭސީކުރުމަށް ދާނެ ރިކަރަންޓު ޚަރަދަކީ ކޮބައިތޯއެވެ؟

ދާއިމަށް ކުރަންޖެހޭ ރިކަރަންޓް ޚަރަދު

އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ރާއްޖޭގެ މަދްރަސާތައް އޭސީކުރަން ޤަޞްދުކުރެވިފައި އޮތީ އަވިން އިލެކްޓްރިކް އުފައްދައިގެންނެވެ. ނަމަވެސް ފަހުން ދަންނަވާނޭ ނުކުތާތަކެއްގެ މައްޗަށް ބުރަވެ، އަޅުގަނޑު އެންމެ ފުރަތަމަ ހިސާބުކުރާނީ ޔުނިޓެއް ފަސްރުފިޔާގެ މަގުން މަދްރަސާތައް އޭސީ ކުރުމުގެ ޚަރަދެވެ. ރާއްޖޭގެ އެވަރިޖް ސްކޫލެއްގައި ހުރި އޭސީ ކުރަންޖެހޭ ޖާގަތަކުގެ ޢަދަދަކީ 15 ކަމަށް ވިސްނަވާށެވެ. ކިލާސްތައް އޭސީކުރާނަމަ، އިދާރީ އޮފީސްތަކާއި އެހެން ޖާގަތައް ވެސް އޭސީކުރަން ޖެހޭނެކަން ވިސްނަވާށެވެ. [މި އަންދާޒާ ހޯދީ، ރާއްޖޭގައި އުޅޭ ދަރިވަރުންގެ ޢަދަދު، 94000، 20 އިން ގެއްލައިގެންނެވެ. އެހެންކަމުން މި ހިސާބުތަކުގައި ދެ ދަންފަޅިއަށް ބޭނުންކުރާ އެއް ކިލާސްކޮޓަރި ދެ ފަހަރު ގުނޭނެއެވެ. ނަމަވެސް، މަދްރަސާއެއްގެ ނާޒިރުގެ ގާތުގައި، އޭސީކުރަންޖެހެނީ ކިތައް ތަންތޯ ސުވާލުކޮށްފިނަމަ، އޭނާ ދޭ ލިސްޓުގައި ހިމެނޭނީ ހަމައެކަނި ކިލާސްކޮޓަރިތަކެއް ނޫނެވެ. އެވަރިޖް 15 ޖާގައަށް ވުރެ އިތުރުވާނެ ކަމަށް ވަރަށް ބޮޑަށް ލަފާކުރެވެއެވެ. މިއާއެކު، ކިތަންމެ މަދްރަސާއެއްގައި 30 ކިލާސްކޮޓަރި ހުންނާނެއެވެ. ކިލާސްރޫމްގެ ޢަދަދު ތަޢުލީމީ ވުޒާރާގައި ގެންގުޅޭ ޑޭޓާބޭސް އިން ބެލޭނެއެވެ.]

36000 ބީޓީޔޫ ގެ އޭސީ ގަޑިއަކު ހިންގުމުން 10.6 ޔުނިޓްގެ ހަކަތަ ދެއެވެ. ކިޔަވައިދެނީ އެންމެ ދަންފަޅިއަކު ފަސްގަޑިއިރު ނަމަ، އަދި ޔުނިޓެއްގެ އަގަކީ ފަސް ރުފިޔާ ނަމަ، ދުވާލަކަށް 265 ރުފިޔާ ދާނެއެވެ. ނަމަވެސް ގިނަ އޭސީ ފަސް ގަޑިއިރު ފިނިވާގޮތަށް ނުހިނގާނެތީ ދުވާލަކު ޚަރަދުވާނީ 200 ރުފިޔާ ކަމަށް ވިސްނަވާށެވެ. މި ބާވަތުގެ 15 ޖާގަ ފިނިކުރަން މަހަކަށް ޚަރަދުވާނީ 84000 ރުފިޔާއެވެ. [ހިސާބުތައް ރަނގަޅުތޯ ބަލާއިރު މި މިންވަރު އެކަށީގެންވާ ކަމަށް ފެނެއެވެ. އެއީ ރާއްޖެތެރޭގައި ހުންނަ ޔުނިވަރސިޓީ ކެމްޕަހެއްގައި ޢާއްމުކޮށް ހުންނާނީ ފިނިކުރި 15 ވަރަކަށް ޖާގައެވެ. މަހެއްގެ އިލެކްޓްރިކް ބިލަށް އެއް ލައްކަ ރުފިޔާ އަރައެވެ. އެއީ އޭސީ ގެ އިތުރުން އެހެން ހުރިހާ ކަމަކަށެވެ. މާލެއާއި ރާއްޖެތެރޭގައި މިހާރު އެންމެ ގިނަ އިލެކްޓްރިކް ހަކަތަ ހޭދަވަނީ ތަންތަން ފިނިކުރުމަށެވެ].

އަހަރަކު ކިޔަވައިދެނީ 200 ދުވަސް ކަމުގައި ވެފައި، 15 ކިލާސް ޖާގަ ފިނިކުރަން ގާތްގަޑަކަށް 200x15x265 =795000  ރުފިޔާ ދާނެއެވެ. ރާއްޖޭގައި 212 މަދްރަސާ ހުރި ނަމަ، އަހަރެއްގެ އިލެކްޓްރިކް ޚަރަދަކީ 168 މިލިއަން ރުފިޔާއެވެ.

މި ޚަރަދުގެ ތެރޭގައި ބެލެހެއްޓުމުގެ ޚަރަދެއް ނުހިމެނެއެވެ. ކޮންމެ ދުވަހަކު ހިންގާ އޭސީއެއް ނަމަ، އޭގެ ފިލްޓަރުތައް ކޮންމެ މަހަކު އެއް ފަހަރު ސާފުކުރަންވާނެއެވެ. އަދި ބޮޑު ސާފުކުރުމެއް ކޮންމެ އަހަރަކު ތިން ފަހަރު ކުރަން ޖެހޭނެއެވެ. އެއީ އޭގެ ކޮތަރިފަތްތަކާއި ހޮޅިތައް ފެން ބާރަށް ބުރުއްސައިގެން ދޮވުން ފަދަ ކަންކަމާއި މިފަދަ ކުދި މަރާމާތުތަކެވެ. ގިނަ ފަހަރު މިކަން ދޫކޮށްލާނީ ކޮންޓްރެކްޓަކަށެވެ. މުޅި ރާއްޖޭގައި އޭސީ ކުރަންޖެހޭ ކިލާސްކޮޓަރިތަކުގެ ޢަދަދަކީ 4700 ނަމަ، 9400 އޭސީ ބޭނުން ވާނެއެވެ. މި 9400 އޭސީގެ ތެރެއިން ބައެއް ތަކެތީގެ އެކި ބައިތައް ހަލާކުވެގެން ލައްވައި މަރާމާތުކުރަން ޖެހޭނެއެވެ. މިއީ ގާތްގަޑަކަށް %5 އޭސީއެވެ. ގޭސްއެޅުމާއި ސާކިޓްބޯޑުބަދަލުކުރުމާއި މިފަދަ މަރާމާތުތައް މިހާރު ކޮށްދޭ އަގަކީ އެއްޗަކަށް 4800 ރުފިޔާއެވެ. އެހެންކަމުން ޖުމުލަ 2.5 މިލއަން ރުފިޔާ މިކަމަށް ޚަރަދުވާނެއެވެ. މުޅި އަހަރެއްގެ ތެރޭގައި އޭސީއެއް ސާފުކޮށް ބަލަހައްޓައިދެނީ 1000 ރުފިޔާއަށް ނަމަ، ކުދި މަރާމާތާއެކު ޖުމުލަ 3.5 މިލިއަން ރުފިޔާ ބެލެހެއްޓުމުގެ ޚަރަދަށް ހިނގާނެކަމަށް ވިސްނަވާށެވެ.

އަހަރު 470 އޭސީ ނުހެދޭވަރަށް ހަލާކުވެގެން ކޮންމެ އަހަރަކު ބަދަލުކުރަން ޖެހޭނެއެވެ. 18000 ބީޓީޔޫގެ އޭސީއެއް، ރާއްޖެތެރޭގެ ރަށަށް ގެންދިއުމުގެ ނާލާއި ލޮރީ ފީ އާއި ހަރުކުރުމުގެ ޚަރަދު ހިމަނާނަމަ، އެއްޗަކަށް ގާތްގަޑަކަށް 15000 ރުފިޔާ ޖެހޭނެކަމަށް ލަފާކުރެވެއެވެ. އެއީ ޖުމުލަ ގާތްގަޑަކަށް 7 މިލިއަން ރުފިޔާއެވެ. މަރާމާތުގެ ޖުމުލައަގަކީ 10 މިލިއަން ރުފިޔާއެވެ.

ރިކަރަންޓް ނުވަތަ ކޮންމެ އަހަރަކު ކުރަންޖެހޭ ޚަރަދުގެ ޖުމުލައަކީ (ރަށު އިލެކްޓްރިކް ބޭނުންކުރާނަމަ) 168+10.5 އެވެ. އާދެ! 178.5 މިލިއަން ރުފިޔާއެވެ.

 

ކެޕިޓަލް ޚަރަދު

ކެޕިޓަލް ޚަރަދަކީ އެއް ފަހަރު ކުރުމަށް ފަހު، ދެން އަލުން ކުރަން ނުޖެހޭ ޚަރަދެވެ. ރާއްޖޭގެ ކިލާސްކޮޓަރިތައް މިހާރު ހެދިފައި ހުންނާނީ އޭސީ ކުރާ ގޮތަކަށް ނޫނެވެ. މަދު ބައެއް ކިލާސްކޮޓަރިތަކުގައި ފާރު ރާނާފައި ހުންނަނީ އުނަގަނޑާ ހަމައަށެވެ. ދޮރެއް ނުހުންނާނެއެވެ. އޭސީކުރާނަމަ، ހުރިހާ ކިލާސްތަކެއް ބަންދުކޮށް، ބޮޑު ދޮރު ހަރުކޮށް ރާނައި، ބައެއް އާނގަތައް ބަންދުކޮށް ވައި ވަދެނުކުތުން ހުއްޓޭ ގޮތަށް އެތައް ކަމެއް ކުރަން ޖެހޭނެއެވެ. މިއީ އަޅުގަނޑަށް ހީވާގޮތުން ކުރަންޖެހޭ އެންމެ ބޮޑު ޚަރަދެވެ. މީގެ އިތުރަށް ސީދާ އަވި ކޮޓަރިއަށް ވަންނަ ނަމަ، އެކަން ހުއްޓުވަންޖެހޭނެއެވެ. އެހެން ނޫނީ، 36000 ގެ ބީޓީއަކުންވެސް ފިންޏެއް ނުވާނެއެވެ. ބިއްލޫރިޖެހި ކުޑަދޮރަކުން ބައިގަނޑިއަށް ވުރެ ގިނަ އިރު އަވި ވަންނަނަމަ، ކުޑަދޮރުގެ ބޭރުން ދެފޫޓު ދޫކޮށް ކަތިފިލާ ނުވަތަ އެލްމިނިއަމް ފަތި ޖަހައި، ނުވަތަ ފުރޭމެއްގައި ސަތަރި ދަމައިގެން ނަމަވެސް އެކަން ހުއްޓުވަން ޖެހޭނެއެވެ. [މިހެން ދެންނެވީމާ ބައެއް ބޭފުޅުން ވިދާޅުވާނެއެވެ. މާލޭގައި 25 ބުރިއަށް ހުންނަ ދަރުމަވަންތަ ހޮސްޕިޓަލް ފިނިކުރަނީ ކިހިނެއް ހެއްޔެވެ؟ މީ ގެ ޖަވާބަކީ އެ ޢިމާރާތުގެ ވަށައިގެންވާ ބިތްތަކުގައި އެވަނީ ދެ ފަށަށް ބިއްލޫރި ޖެހާފައެވެ.  އެ ބިއްލޫރި ”ދޮރުތައް“ މާލެ ގެނައުމުން އެ ބަލައި ނެގި ފޮޓޯތައް އަޅުގަނޑުގެ އަތުގައި އެބަހުއްޓެވެ. އެއް ފަށުން ބިއްލޫރި ޖަހާފައިވާ މާލޭގައި ހުންނަ އެއް ޢިމާރާތަކީ ވެލާނާގެއެވެ. މިތަން ފިނިކުރުމުގެ ޚަރަދުގެ ވާހަކަ ނުދެއްކުން ރަނގަޅުވާނެއެވެ. އެއްވެސް ސަބަބަކާ ހުރެ، އުތުރު ދަނޑިން އިރު ހިނގާ ދުވަސްވަރު، ހުރިހާ އޭސީތައް ހަލާކުވެއްޖެ ނަމަ، މުވައްޒަފުންނަށް އިޙްސާސްވާނީ ފާރޮށިފިހާ ތަނޫރެއްގައި އެމީހުން ތިބި ހެންނެވެ.]

ކިލާސްކޮޓަރިތައް ބަންދުކުރެވޭ ގޮތަށް ހެދުމުގެ ޚަރަދަށް، 470 މިލިއަން ރުފިޔާ އަރާނެކަމަށް އަންދާޒާ ކުރެވެއެވެ. އަޅުގަނޑު ބެލީ ކޮންމެ ކިލާސްރޫމްއެއް އޭސީ ކުރެވޭގޮތަށް، ވައި ވަދެނުކުމެވާ ގޮތް ހުއްޓައި، ސީދާ އަވި ނުދޭގޮތް ހަދައި، އާނގަތައް ބަންދު ކޮށްދޭނީ މަދުވެގެން ގާތްގަޑަކަށް 100000 ރުފިޔާއަށް ކަމަށެވެ. މިއީ ބައެއް ކިލާސްކޮޓަރިތަކަށް ބޮޑު ޢަދަދެކެވެ. އަނެއް ބައި ކިލާސްކޮޓަރިތަކަށް ކުޑަ އަދަދެކެވެ. މިޚަރަދު ކުޑަކޮށްފިނަމަ، ދާއިމީކޮށް ކުރަންޖެހޭ ރިކަރަންޓު (ތަކުރާރުވާ) ޚަރަދު ބޮޑުވާނެއެވެ.

މަދުރަސާތަކަށް އަލުން ކޭބްލްއެޅުމާއި ތްރީފޭސްގެ ހަތަރު ނަރުން ވައިރުކުރުމާއި ޑީބޯޑުތަކާއި ސްވިޗާއި ސޮކެޓާއި ކޭސިންއާއި އޭސީތައް ގަނެ ހަރުކުރުން ފަދަ ޚަރަދުތައް ހިމަނައިގެން ހުރިހާ ކިލާސްތަކެއް އޭސީ ކުރުމުގެ ސާމާނުގެ އަގެއްކަމަށް އަޅުގަނޑު ލަފާކުރަނީ މަދުވެގެން 130 މިލިއަން ރުފިޔާއެވެ.

އެހެންކަމުން، ރާއްޖޭގެ ހުރިހާ މަދަރުސާތަކެއް އޭސީކުރުމުގެ ކެޕިޓަލް ޚަރަދަކީ ގާތްގަޑަކަށް 600 މިލިއަން ރުފިޔާކަމަށް މި ހިސާބުތަކުން ދައްކައެވެ.

މަދްރަސާ އޭސީ ކުރުމުގެ މަންފާތައް (އުފަކާރަތައް)


  1. އޭސީކުރުމުން ދަރިވަރުންނާއި މުދައްރިސުން ދާހިއްލުން މަދުވާނެއެވެ. ފިނިވުމުން، ގައިން އުފައްދާ ދައު ވަޔަށް އަރައިގެން ފަސޭހައިން ދާނެތީ ދާހިއްލާހެން ހިޔެއް ނުވާނެއެވެ.

  2. އަޑުއަހަން ދެވޭ ސަމާލުކަން އިތުރުވެދާނެއެވެ.

  3. ހުޅުވިފައިވާ ތަންތަން މަދުވާނެތީ ހިރަފުސް ކިލާސްކޮޓަރިތެރެއަށް ވަނުން މަދުވާނެއެވެ.

  4. ބަންދުކުރެވިފައިވާ ތަނަކަށް ވާތީ ބޭރުގެ ތަފާތު އަޑުތައް ކިލާހަށް ވަނުން މަދުވާނެއެވެ.

އޭސީކުރުމުގެ ހިތިކާރަތައް (ގެއްލުން ނުވަތަ ލޮޚުސާން ތައް)


  1. ގައިންގަޔަށް އަރާ ބަލިތައް ފެތުރުން އިތުރުވާނެއެވެ. މިސާލަކަށް ކުއްޖަކަށް ރޯގާއެއް ޖެހިގެން އައިނަމަ، އެ ކިލާސްކޮޓަރި ބޭނުންކުރާ އެންމެންނަށް އެ ރޯގާ ފެތުރުމުގެ ފުރުޞަތު ބޮޑުވާނެއެވެ.
  2. ދަރިވަރުންނަށް މާޔޫސްކަމާއި ބޮލުގައި ރިއްސުމާއި ހޮޑުލެވުން ފަދަ ކަންކަން ދިމާވާނެއެވެ. ”ދިވެހިރާއްޖޭގެ އަޑުގެ“ ސްޓޫޑިއޯގައި އުޅުނު މީހަކު ކިޔައިދިން ގޮތުގައި، އެތަނުގައި އެނައުންސަރުން އޭސީ ޖައްސައިގެން ސްޓޫޑިއޯގައި ތިބެން ޖެހުމުން ބައެއް މީހުންނަށް ހޮޑުލަވައި، ބޮލުގައި ރިހުމާއި ނަފްސާނީ މައްސަލަތައް ދިމާވިއެވެ. މިހެން މިވަނީ އެތަނުގެ ތެރޭގައި ކާބަންޑައި އޮކްސައިޑް ކިޔާ ވިހަ ގޭސް ގިނަވެ، އޮކްސިޖަން މަދުވުމާ ގުޅިގެންނެވެ. 25 ވަރަކަށް ކުދިން އެއް ކޮޓަރިއެއްގައި ހަތަރު ފަސްގަޑިއިރު ތިބުމަކީ، އޭސީކުރި އޮފީހެއްގައި މަސައްކަތް ކުރުމާ ތަފާތު ކަމެކެވެ. ކާބަންޑައި އޮކްސައިޑް ބޭރުވަނީ ނޭވާ ބޭރަށްލާއިރު ހަށިގަނޑުންނެވެ. މިއާއެކު ހަށިގަނޑަށް ތާޒާކަން ގެނެސްދޭ ވައިގައި ހުންނަ އޮކްސިޖަންގެ މިންވަރު މަދުވެއެވެ. ގިނަ ބަޔަކު އޭސީ ކުރި ތަނެއްގައި ތިބޭނަމަ، އެތަނުގައި ހުންނަ ވައި އަވަސް އަވަހަށް ބަދަލުކުރަން ޖެހޭނެއެވެ. ބަދަލުކުރަންޖެހޭ ފަހަރު، އެކި އިދާރާތަކުން ކަނޑައަޅާފައި ވެއެވެ. ތިރީގައި އެވަނީ އެކި ޖާގަތަކުން ގަޑިއަކު ތަނުގައި ހުރި ހުރިހާ ވައެއް ބަދަލުކުރަންޖެހޭ ޢަދަދެވެ. އާދެ! ކިލާސްކޮޓަރިއެއްގައި ހުންނަ ހުރިހާ ވައެއް، ގަޑިއަކު މަދުވެގެން ފަސް ފަހަރު ބަދަލުކުރަންޖެހޭނެއެވެ. ކިލާހުގެ ތެރޭގައި ތާޒާވައި ނެތްނަމަ، ކުދީން ތިބޭނީ ނެގިމަޑުވެ، ނިދިއައިސްފައެވެ. އެކުދީންގެ ސިކުނޑި ރަނގަޅަކަށް މަސައްކަތެއް ނުކުރާނެއެވެ. މަޑުން ތިބީމާ އެއީ ސަމާލުކަން ދީގެން ކިޔަވަނީ ކަމަށް ހީކޮށްގެން ނުވާނެއެވެ. ޤަބުރުސްތާނަށް ހަމަހިމޭންކަން ވެރިވެފައި އޮތަސް އެތާވާ އެއްވެސް މީހަކު އެއްޗެތި ދަސްކުރާ ހެނެއް ހިޔެއް ނުވެއެވެ. ބޭރު ޤައުމުތަކުގައި ގިނަ މީހުން ތިބޭ ތަންތަން އޭސީކުރަނީ ވައި ދަތުރުކުރާ ހޮޅިތަކެއް ބޭނުންކޮށްގެންނެވެ. މިި ހޮޅިތަކުން ތާޒާވައި ކޮންމެވެސް މިންވަރަކަށް ވައްދާނެއެވެ. މި ބާވަތުގެ އޭސީކުރުމަށް ކިޔަނީ ވޭރިއަބްލް އެއަރ ވޮލިޔުމް ބާވަތެވެ.
  3. ދުވާލުގެ ސާފު ވަޔާއި އަލީގައި ނުކިޔަވާނަމަ، ދަރިވަރުންގެ މޭދާ ބަލިވާނެއެވެ. މޭދާ ކިޔަނީ ހިތުދަސްކުރުމުގެ ބާރަށެވެ. މިއީ ހުރިހާ ޢިލްމުވެރިކަމެއްގެ ޙަޤީޤީ ސިއްރެވެ. މިޒަމާނުގައި މިހުންނަ ބާރުގަދަ ކޮމްޕިއުޓަރުތަކުގެ ޙަޤީޤީ ސިއްރަކީ، އަދި އާޓިފިޝަން އިންޓެލިޖަންސް ނުވަތަ މަޞްނޫޢީ ބުއްދީގެ ބާރަކީ، ކޮމްޕިއުޓަރުގެ މެމަރީ ބޮޑުކަމާއި އަވަސްކަމެވެ. ދަރިވަރުންގެ މޭދާ ބަލިވާނީ، އިރުގެ އަލި މަޑުވުމާއި އޮކްސިޖަން މަދުވުމާ ގުޅިގެންނެވެ. އަޅުގަނޑު ބެލި ބައެއް ލިޔުންތަކުގައި، ދުވާލުގެ އަލީގައި ހިސާބު ދަސްކުރާ ކުދީންގެ ނަތީޖާ، ބޮކި އަލީގައި ފިލާވަޅު ދަސްކުރާ ކުދީންނަށް ވުރެ %15 މަތިކަމަށް ލިޔެފައި ވެއެވެ. އިރުގެ އަލި ލިބުން މަދުވުމަކީ، މި ދިރާސާގައިވާ ފަދައިން މީހުން ގަނބުވާކަމެވެ. އޭސީކުރާ ތަންތަން ގިނަ ފަހަރު ބޭނުންކުރެވޭ ގޮތްވަނީ ބޭރުން އަލިވަނުން ވެސް މަދުކޮށްނެވެ. ބައެއް ފަހަރު ހޮޅިބުރިވެސް ޖައްސަންޖެހެއެވެ.
  4. ދައުލަތުގެ ރިކަރަންޓު ޚަރަދު ބޮޑުވާނެއެވެ.  އޭސީ ކުރުމަކީ ޚަރަދުބޮޑު ކަމެކެވެ. މިހާރުވެސް ރާއްޖެއަށް އެތެރެކުރާ ތަކެތީގެ %21 އަކީ ތެލުގެ ބާވަތްތަކެވެ. މި ޚަރަދުތަކުގެ މައްޗަށް އަނެއްކާ އިތުރު ޚަރަދު ތަކެއް ކުރަންޖެހެނީއެވެ. މިކަމުގެ ނަތީޖާއަކީ ތަޢުލީމަށް ކުރާ އެހެން ޚަރަދުތައް ނިސްބަތުން މަދުވުމެވެ. ނުވަތަ އެހެން ޚަރަދުތަކަށް ފައިސާ ނެތުމެވެ. ވާލްޑްބޭންކުން ބުނާގޮތުގައި 2024 އާއި 2025 އަކީ ދިވެހިރާއްޖޭގެ އިންފްލޭޝަން މިދިޔަ އަހަރަށް ވުރެ ދެގުނަ މައްޗަށް ދާނޭ ދެ އަހަރެވެ. ނަތީޖާއަކަށް ވާނީ ތަކެތީގެ އަގު ބޮޑުވުމާއި ދިރިއުޅުން ދަތިވުމެވެ. ވީމާ މިދެއަހަރު ޚަރަދުތައް ކޮންޓްރޯލްކޮށްގެން އުޅުން ވާނީ، ޔޫސުފްގެފާނު މިޞްރަށް ކުރިމަތިވާން އޮތް ތަދާބެހޭގޮތުން ތަޢުބީރު ކުރެއްވި   ހުވަފެނާ ގުޅިގެން އުޅުނު ގޮތަށް އުޅުންކަމަށެވެ.

ބައި ބިލިއަނަށް ވުރެ ގިނަ ފައިސާގެ ސުވާލު؟


އޭސީކުރުމާ މެދު ތަޢުލީމީ މުފައްކިރުންގެ މައިގަނޑު ދެ ސުވާލެއް އޮންނާނެއެވެ.

ފުރަތަމަ ސުވާލަކީ އޭސީކުރުމުން ދަރިވަރުންގެ ނަތީޖާއަށް ހެޔޮ ބަދަލެއް އަންނާނެ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ދިނުމަށް އަޅުގަނޑު ދޫކޮށްލާނީ ތިޔަ ބޭފުޅުންނަށެވެ.

ދެވަނަ މުހިއްމު ސުވާލަކީ، ބައި ބިލިއަނަށް ވުރެ ގިނަ ފައިސާއިން ދަރިވަރުންގެ ތަޢުލީމު ކުރިއެރުވުމަށް، އޭސީކުރުމަށް ވުރެ ދެމެހެއްޓެނިވި އެހެން ކަމެއް ކުރެވިދާނެ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބަކީ އާނއެކެވެ. ކިތަންމެ ކަމެކެވެ. ރާއްޖޭގައި ޚިދުމަތްކުރާ  200 އަށް ވުރެ ގިނަ ނާޒިރުންނާ މި ސުވާލު މަތިކޮށްފިނަމަ، އެތައް ޚިޔާލެއް ނުކުންނާނެއެވެ. އަޅުގަނޑުގެ ނަޒަރުގައި އެންމެ މުހިއްމު ކަމަކީ އޭލެވެލް ނިންމާ އެންމެ ރަނގަޅު ދަރިވަރުންނަށް، އެލަވަންސްއަކާއި ކޯސްފީ ދީގެން، ހެނދުނު ކޮލެޖްތަކަށް ފުލްޓައިމްކޮށް ގޮސްގެން މުދައްރިސަކަށް ވުމަށް ވާގިވެރިވުމެވެ.

މިފަދަ ދުރު މުސްތަޤްބަލެއްގެ އަމާޒަކަށް ހިތް ނުރެހޭނަމަ، ރާއްޖެތެރޭގެ މަދްރަސާތަކުގައި ސައިންސްގެ މާއްދާތައް ރަނގަޅަށް ކިޔަވައިދިނުމަށް ލެބޯރަޓަރީތައް ޤާއިމްކޮށް ކިޔަވައިދޭނޭ ސާމާނު ހޯދުން ކިހިނެއްވާނެތޯއެވެ؟ މިހާރު ރާއްޖޭގެ ގިނަ އަތޮޅުގެ ރަށްތަކުގައި ކިޔަވައިދެނީ ކޮމާސް ގޮފި ނޫންހެއްޔެވެ؟ މި ކިޔެވެލި ނިންމާ ކުއްޖަކަށް ރަށުން އެކައުންޓްތައް ބަލަހައްޓަން  ލިބެެން އޮތީ ކޮންވަޒީފާއެއް ހެއްޔެވެ؟ މިކުދީން ކުރިމަތިލާން ޖެހޭނީ މާޔޫސްކަމާއި ނާއުއްމީދާ ނޫން ހެއްޔެވެ؟

އަވި އިލެކްޓްރިކް ހަކަތައަށް ބަދަލުކޮށްގެން އޭސީކުރުން


މަޒުމޫނު ކުރު ކުރުމުގެ ގޮތުން، މިކަމާ ގުޅޭ ފިކުރުތައް އަޅުގަނޑު ދަންނަވާނީ ނުކުތާ ތަކެއްގެ ގޮތުގައެވެ.

(1)  ކިތަންމެ ރަށެއްގެ އިންޖީނުގެތަކުން އުފެއްދެނީ ކިރިޔާ އެ ރަށަށް ބޭނުންވާ އިލެކްޓްރިކް ހަކަތައެވެ. ބައެއް ރަށްރަށުގައި ދުވާލު އެކަށީގެންވާ ވަރަށް އިލެކްޓްރިކް ނުއުފެއްދޭތީ ދޭތެރެ ދޭތެރެއިން ކަރަންޓު ކަނޑަމުންވެސް އެބަ ގެންދެއެވެ. އެހެންކަމުން، މަދްރަސާއެއް އޭސީކުރުމަށް ބޭނުންވާ އިލެކްޓްރިކް ހަކަތައެއް ބައެއް ރަށްރަށަކުން ނުލިބޭނެއެވެ. ޖެހޭނީ ޖެނެރޭޓަރު ބޮޑުކުރަން ނުވަތަ އަވިން އިލެކްޓްރިކް ހަކަތަ އުފައްދާށެވެ.

(2) އަވިން އިލެކްޓްރިކް ހަކަތަ އުފައްދަނީ ބާވަތެއްގެ ހިލަވެލި ފަދަ އެއްޗަކުން ހަދާ މަޅުގަނޑެއް އަވިދޭތަނެއްގައި ބާއްވައިގެންނެވެ. މީގެ ތިން ވައްތަރެއް ހުރެއެވެ. އެކި ވައްތަރުން އިލެކްޓްރިކް އުފައްދަނީ އެކި މިންވަރަށެވެ. އިނގިރޭސިބަހުން އަވިން އިލެކްޓްރިކް ބާރު އުފައްދާ މަޅުގަނޑަށް ކިޔަނީ ސޯލާ ޕެނަލް އެވެ.

(3) ސޯލާ ޕެނަލް އިން އުފައްދަނީ ޑީސީ ކިޔާބަވަތެއްގެ ކަރަންޓެކެވެ. މިއީ ބެޓެރިބުރީގައި ހުންނަ ބާވަތެވެ. އެއަރކޮންޑިޝަންކުރަން ބޭނުންކުރަނީ އޭސީ (އޯލްޓަރނޭޓިން ކަރަންޓު – ދެފަރާތަށް ބަދަލުވާ ކަރަންޓު) އެވެ. ޑީސީ އޭސީއަށް ބަދަލުކުރަނީ އިންވާޓަރ ކިޔާ އިލެކްޓްރޮނިކް އާލަތަކުންނެވެ.

(4)  20 އަކަފޫޓު ތަނެއްގައި ސޯލާ ޕެނަލް ހަރުކުރުމުން އެއިން ޢާއްމުކޮށް ބޭނުންކުރެވޭ އިލެކްޓްރިކް ބާރުގެ ގޮތުގައި ލިބޭނީ 400 ވޮޓް އެވެ. އެއީ އެންމެ މޮޅު ވައްތަރުން މެންދުރުގަޑީގައެވެ.  36000 ބީޓީޔޫގެ އޭސީ އެއް ހިންގާލެވޭނީ ގާތްގަޑަކަށް 3500 ވޮޓުގެ އިލެކްޓްރިކް ބާރުންނެވެ.  އެހެންކަމުން މީގެ އެއްޗެއް ހިންގަން 175 އަކަފޫޓުގައި ޕެނަލް ފަތުރަން ޖެހޭނެއެވެ. އެއް ކިލާހުގެ ބޮޑުމިނުގެ ފުރާޅެއްގައި ހުންނާނީ ގާތްގަޑަކަށް 570 ވަރަކަށް އަކަފޫޓެވެ. މީގެ މާނައަކީ، ތިންބުރީގެ ކިލާސްތަކެއް ނަމަ، އެއް ކިލާހުގެ މަތީގައިވާ  ފުރާޅުން އެ ތިން ކިލާސް އޭސީ ކުރެވޭނީ ރަނުން ރަނަށެވެ.  ނަމަވެސް ޕެނަލްތައް ސާފުކުރަން ހިނގާނޭ މަގެއް ނޯންނާނެއެވެ. އަވި މަޑު ނަމަ އޭސީތައް ހުއްޓޭނެއެވެ. ހަތަރުބުރީގެ ކިލާސްތަކެއް ނަމަ، ޕެނަލް ހަރުކުރަން އެހެން ފުރާޅުތަކެއް ބޭނުންވާނެއެވެ. ނޫންނަމަ، ހަރުކުރަން ޖެހޭނީ ބިންމަތީގައެވެ. މި ހިސާބުތައް މިއަންދާޒާކުރީ އެންމެ ގިނައިން އިލެކްޓްރިކް ބާރު އުފައްދާ އަގުބޮޑު ޕެނަލްތަކަށެވެ.

(5) ރާއްޖޭގައި ޢާއްމުކޮށް ބޭނުންކުރާ ސޯލާ ނިޒާމުގައި ޕެނަލްތަކުން އެއް ޕެނަލްގެ އެއް ބަޔަށް، ވަޔާއެކު ދިޔަ އެއްޗަކުން ނުވަތަ ވިލާކޮޅަކުން ހިޔަނި އަޅައިފިނަމަ، މުޅި ސިސްޓަމްގެ ބޮޑުބަޔަކުން ކަރަންޓު އުފެއްދުން ހުއްޓޭނެއެވެ. މިއާއެކު މަދްރަސާގައި ހުރި އޭސީތައް ނިވޭނެއެވެ. ދެން ނިޒާމު ހިނގަންފަށާނީ މުޅި ޕެނަލް އަށް އަވިދޭން ފެށުމުންނެވެ. އެހެންކަމުން، މަދްރަސާތަކުން ޢަމަލުކުރެވެން އުޅޭނެ ގޮތަކީ އޭސީތައް އިތުބާރު ބޮޑު ރަށު އިލެކްޓްރިކް ނިޒާމާ ގުޅުމެވެ.

(6) މަދްރަސާތައް އޭސީކުރުމަށް ސޯލާ ނިޒާމުން ނަމަ، ކިހާ ޚަރަދެއް ހިނގާނެތޯއެވެ؟ މިއީ ވެސް ކުރަން ފަސޭހަ ހިސާބެކެވެ. ހުރިހާ އޭސީތައް ހިންގުމަށް ބޭނުންވާނީ ގާތްގަޑަކަށް  16500000 ވޮޓް އެވެ. ނުވަތަ 16.5 މެގަވޮޓް އެވެ. އިންސްޓޯލްކުރުމާއެކު ސޯލާ ނިޒާމެއްގެ އެއް ވޮޓުއަށް ޖެހޭ އަގަކީ ގާތްގަޑަކަށް 20 ރުފިޔާއެވެ. މިއީ މާލެއަށެވެ. އެހެންކަމުން، 1650000 ވޮޓުގެ ޖުމުލައަގަކަށް ވާނީ 330 މިލިއަން ރުފިޔާއެވެ. އަޅުގަނޑަށް ހީވާގޮތުން، ރާއްޖެތެރޭގެ މަދްރަސާއެއްގައި ސޯލާ ނިޒާމެއް ބަހައްޓައިނިމޭއިރު މިއަށް ވުރެ އަގުބޮޑުވާނެއެވެ. އެހެނީ ސޯލާ ޕެނަލްތަކާއި އެއާ ބެހޭ ސާމާނު އުފުލުމާއި އެލްމިނިއަމް ފަތިތަކެއްގައި ފުރާޅަށް ނަގައި ހަރުކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. މަސައްކަތްތެރީންގެ ހުރުމާއި ކޮއްތުއާއި މިފަދަ ޚަރަދުތައް ލަފާކުރެވޭ ގޮތުން މާލެއަށް ވުރެ ދެގުނައަށް ރާއްޖެތެރޭގައި ބޮޑުވާނެއެވެ.

(7) ބައެއް ބޭފުޅުން ވިދާޅުވާނެއެވެ. އަޅުގަނޑުމެންނަށް މަދްރަސާގައި ބަހައްޓާ ސޯލާ ނިޒާމުގެ ހަކަތަ ފެނަކައަށް ވިއްކިދާނެއެވެ. އާދެ! މިކަން ކުރެވިދާނެއެވެ. ނަމަވެސް ވަކި މިންވަރަކަށެވެ. މިކަމާބެހޭ ޢިލްމުވެރީން ބުނަނީ ރަށަކަށް ބޭނުންކުރާ އިލެކްޓްރިކްގެ %30 އަށް ވުރެ ބޮޑަކަށް ސޯލާ ނިޒާމަކަށް ބަރޯސާއެއް ނުކުރެވޭނެކަމަށެވެ. މިއަށް ވުރެ ބޮޑުކޮށްފިނަމަ، ވިލާގަނޑަކުން ނުވަތަ އެހެންވެސް ސަބަބަކާ ހުރެ ސޯލާއިން އުފައްދާ އިލެކްޓްރިކް މަދުވެއްޖެ ނަމަ، ހުރިހާ ބާރެއް ކުރާނީ ޖެނެރޭޓަރަށެވެ. މިހާލަތުގައި ޖެނެރޭޓަރު އޯވަރލޯޑްވެގެން ހަލާކުވެފައިވެސް އެބަހުއްޓެވެ. %100 ސޯލާއަށް ވެސް ދެވޭ ގޮތެއް އޮވެއެވެ. އެއީ ބެޓެރީ ބޭނުންކުރުމެވެ. އިލެކްޓްރިކް ވިޔުގައިގައި ބޭނުންކުރާ ބެޓެރީއަކީ ކޮންޓެއިނަރެއްހާ ބޮޑު، އެހާމެ އަގުބޮޑު އެއްޗެކެވެ.

(8) ސޯލާ ނިޒާމާ ދޭތެރޭ ޝައުޤުވެރިވާ ސައިންސް އަށް ފާގަތި ނޫން ބޭފުޅުންނަށް އަޅުގަނޑު ލިޔެފައިވާ ދޭހަ ފަސޭހަ މަޒުމޫނެއް މި ލިންކުގައި ވެއެވެ. https://www.hassanhameed.com/solar-energy/

(9) ރާއްޖޭގައި ސޯލާ ނިޒާމު ހަރުކުރެވެމުން ދިޔަ ގޮތުގެ ތާރީޚާއި އެކި ބާވަތް މަސައްކަތްކުރާ ގޮތާ ބެހޭ ދިރާސީ ރިޕޯޓެއް މި ލިންކުގައި ވެއެވެ. މިއީ އިނގިރޭސިބަހުން އަޅުގަނޑު ލިޔެފައިވާ ކަރުދާހެކެވެ. (PDF) The adoption of PV systems in the Maldives: A technological review (researchgate.net)

މައްސަލައިގެ ޙައްލަކީ ކޮބައިތޯއެވެ؟


މި މަޒުމޫނަށް މަޢުލޫމާތު ހޯދުމަށް އަޅުގަނޑު ނާޒިރަކަށް ފޯނުކުރުމުން، އޭނާ ބުނީ އޭނާގެ ދަރިފުޅު ގެޔަށް އަންނަ އިރު ހުންނަނީ ދަލުން ފޯވެފައި ކަމަށެވެ. ދެން އަޅުގަނޑު އޭނާއާ ކުރި ސުވާލަކީ، ދަރިފުޅު ކިޔަވާ ކިލާސްކޮޓަރި ހަދާފައި ހުރި ގޮތެވެ. އަޅުގަނޑުގެ ނަޒަރުގައި، އެއްވެސް ޖާގައެއް، ވެއްޓަށް ވުރެ ހޫނުގަދަވެގެން ނުވާނެއެވެ. އަދި ފަންކާ ހިންގާނަމަ، ވެއްޓަށްވުރެ ފިނިކަމަށް ހީވާނެއެވެ. ހޫނު ގަދަވެއްޖެނަމަ، އެ ގަދަވަނީ އެ ޖާގަ ބަންދުކޮށްފައިވާ ގޮތުންނެވެ. މައްސަލައިގެ ޙައްލުވަނީ އަޅުގަނޑުމެންގެ ކާބަފައިން ކަންކަންކުރި ގޮތުން އިލްހާމު ލިބިގަނެ އެގޮތަށް ކަންތައްތައް ކުރުމުގައެވެ.

މެދުއިރުމައްޗަކީ ވަރަށް ހޫނު ގަދަ ސަރަޙައްދެކެވެ. ރާއްޖެއަށް ވުރެ މާ ބޮޑަށެވެ. އެ ހިސާބުގެ ގެތަކުގެ ކުޑަދޮރުތަކުން ގޭތެރެއަށް އެއްވެސް ގޮތަކަށް ސީދާ އަތްވެއް ނުދޭނެއެވެ. އަވިދޭނަމަ، އަވިދޭނީ ކޮކާއައްވެވެ.

ތިރީގައި މިވާ ޢިމާރާތަކީ ވަޒީރުލްއަޢުޡަމްގެ އޮފީސް 1960 ގެ އަހަރުތަކުގައި ހިނގި ޢިމާރާތެވެ. މިތަން ހުރީ މިހާރު ރަސްމީ ފާލަން ހުރި ތަނުގައެވެ. އެ ޢިމާރާތުގެ މޫނުމަތި ހުންނަނީ ސީދާ ހުޅަނގަށެވެ. ދޮރުތައް އަވިންނާއި ވާރެއިން ރައްކާތެރިކޮށްފައިވާ ގޮތާ މެދު ވިސްނަވާށެވެ. އެ ދުވަސްވަރަކީ އޭސީ ހުންނަ ޒަމާނެއް ނޫނެވެ.

އަޅުގަނޑުގެ ނަޒަރުގައި، މަދްރަސާއެއްގެ އެއްވެސް ކުޑަދޮރަކުން ކިލާހަކަށް ސީދާ އަވި ގިނައިރު ދީގެން ނުވާނެއެވެ. އަވިދޭނަމަ ، ޚާއްޞަކޮށް، ބިއްލޫރި ޖަހައި ބަންދުކޮށްފައިވާ ތަނަކަށް އަވިދޭނަމަ، އެތަނުގެ ތެރެ ވަށައިގެންވާ ބޭރު ވެއްޓަށްވުރެ މާ ބޮޑަށް ހޫނުގަދަ ވާނެއެވެ. މިކަމުގެ ޙައްލަކީ އަވި ކުޑަދޮރުގައި ޖެހުމުގެ ކުރިން ހިޔާކުރުމެވެ. ތިރީގައި އެވަނީ ގަމު ފިޔަވައި އެހެން ރާއްޖެތެރޭގެ ކެމްޕަސްތަކުގައި، ކުޑަދޮރުތައް އަވިން ރައްކާތެރިކޮށްފައިވާ ގޮތެވެ. ކުޑަދޮރުގެ ތިރީ އޮޅިން ދެ ފޫޓެއްހާ އުސްމިނުން ފެށިގެން ދެ ފޫޓު ބޭރުން ހުންނާނީ ކަތިކޮށް އެލްމިނިއަމް ފަތި ޖަހާފައެވެ. އަވި ދޭނީ ގާތްގަޑަކަށް ހެނދުނު 8:30 އާ ހަމައަށެވެ. މި ފަތިތައް ކުޑަދޮރުގެ މަތީ އޮޅިއަށް ވުރެ މައްޗަށް ޖަހާފައި ހުންނާނެއެވެ.

ޢިމާރާތެއްގެ ދިގު ބިތްތައް ހުޅަނގު ފަރާތަށް ހުރިނަމަ، އެ ބިތްތައް ވަރަށް ބޮޑަށް ރައްކާތަރިކުރަން ޖެހެއެވެ. ރާއްޖޭގެ ހުރިހާ ޢިމާރާތެއްގެވެސް ހުޅަނގު ފަރާތު ބިތް މާ ބޮޑަށް ހޫނުވާނެއެވެ. ގިނަ ދުވަސް ދުވަހު ވިއްސާރަ އަންނަނީ ވެސް ހުޅަނގުންނެވެ. އަޅުގަނޑު ލިޔެފައިވާ މަޒުމޫނެއްގައި، ހުޅަނގު ފަރާތު ބިތުގެ ހޫނު ގަދަވަނީ ކީއްވެގެންކަން އޮޅުން ފިލުވައިދީފައި ވާނެއެވެ. އެ މަޒުމޫނު މިއޮތީއެވެ. ކާބަފައިން ޢިމާރާތްކުރި އިރު މަދު ޙާލަތެއްގައި ނޫނީ އިރާއި ހުޅަނގަށް ހުންނާނީ ގޭގެ ކުކުޅުވަހިކޮޅެވެ. ހުޅަނގު ފަރާތަށް ބިތެއް ހުރި ނަމަ، އެ ބިތް ރައްކާތެރިކުރަން އެންމެ ރަނގަޅު ގޮތެއްކަމަށް ފެންނަނީ ދެ ފާރު ރޭނުމެވެ. ދެ ފަރާތު ދެމެދުގައި ދެ ފޫޓެއް ވަރު ބަހައްޓާފައެވެ. އަޅުގަނޑު ބަހައްޓަނީ 30 އިންޗިއެވެ. ތިރީގައި އެވަނީ ހިތަދޫ ކެމްޕަހުގައި ޢިމާރާތެއްގެ ހުޅަނގު ފަރާތު ބިތެވެ.  ވާރެއާއި އަވިން ރައްކާތެރިކުރުމަށް ކުޑަދޮރުގެ މަތީ އޮޅިއާ އެއްވަރަށް ބޭރަށް  ދެ ފޫޓު ހައިންޗީގެ ބަރަފޯހެއް ނެރެފައި ވެއެވެ. ހަމަ އެގޮތަށް ކުޑަދޮރުގެ ތިރީ އޮޅިއާ ޖެހިގެން ވެސް ބަރަފޯހެއް ނެރެފައި ވެއެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، ކުޑަދޮރު ވަނީ މި ދެ ބަރަފޯހުގެ މެދަށް ފައްތާފައެވެ. ކުޑަދޮރަށް މި ވަރުން ވެސް އަވި ކޮންމެވެސް ވަރަކަށް ދޭނެތީ ބަރަފޯހުގެ ބޭރާހަމައިންވަނީ އެލްމިނިއަމް ކަތިފަތި ޖަހާފައެވެ. އެއީ އަވި ދިނަ ނުދިނުމަށެވެ. ދެން އަދި މިވަރުން ނިންމާލިކީ ނޫނެވެ. ހުޅަނގުފަރާތު ބިތުގެ އެތެރޭ ފަރާތުގައިވަނީ ދެ އިންޗީގެ ރޮކްވޫލް އިންސިއުލޭޝަން ފާރުގައި ޖަހައި މީގެ މަތިން ޖިޕްސަން ބޯޑު ޖަހާފައެވެ. މި ކިލާސްކޮޓަރިތައް މެންދުރުގަޑީގައި ވެސް، އޭސީ ނުޖެއްސިއަސް ބޭރަށް ވުރެ ފިންޏެވެ. އަޅުގަނޑު ބަލަނީ ކެޕިޓަލް ޚަރަދު ބޮޑުވިއަސް ދާއިމަށް ކުރަންޖެހޭ ޚަރަދު ކުޑަކުރާށެވެ.

ރާއްޖޭގެ މަދްރަސާތަކުގެ ކިލާސް ކޮޓަރިތަކަށް ސީދާ އަވިދޭނަމަ، އެކަން ހުއްޓުވުމަކީ ކިލާސް ވަރަށް ފިނިވާނޭ ކަމެކެވެ. މިވަރުން ހޫނު މަތަ ނުވާނަމަ، ކުޑަދޮރުތަކުގައި ދެފަށަށް ބިއްލޫރި ޖެހިދާނެއެވެ. އަދި ހުޅަނގު ފަރާތު ފާރުގައި އިންސިއުލޭޝަން ޖެހިދާނެއެވެ.

ގަސްތައް އިންދުމުން މަދްރަސާތައް ފިނިވާނެއެވެ. ގިނަ މީހުން ހީކުރާނީ އެއީ ގަސްގަހުން ހިޔާވާތީކަމަށެވެ. ނަމަވެސް، ގަސްތަކުން ފިނިވަނީ އޭގެ ފަތްތަކުގައިވާ ހިމަ ވިދުތަކަކުން ފެން އާތްވައް ވާތީއެވެ. އެއީ ގަޔަށް ސެންޓު ޖެހީމާ ވެސް ފިނިވާ ސަބަބަށްޓަކައެވެ. މި ވާހަކަ ތަފްޞީލްކޮށް މި ޖުމުލައަށް އޮބައިލެއްވުމުން ހުޅުވޭ މަޒުމޫނުގައި ބަޔާންކޮށްފައިވާނެއެވެ. ގަސްތަކުން ފިނިވަނީ ކިހާވަރަކަށް ހެއްޔެވެ؟ މިކަމާ ބެހޭ ހިސާބުތައް ހެދުމަށް ފަހު، ހިޔާ ރަނގަޅު ގަހަކުން ކޮންމެ އަކަމީޓަރަކުން 267 ބީޓީޔޫގެ އޭސީއެއް ހާ ފިނިކޮށްދޭނެ ކަމަށް ބުނެއެވެ. އޮފިއެލޭ ގަހެއްގެ ހިޔަލުގެ ބޮޑުމިނަކީ 36 ފޫޓު 36 ފޫޓު ނަމަ، އޭގެ ގަހަކުން ކިލާހެއްގައި ހުންނަ 36000 ބީޓީޔޫގެ އޭސީއެއްހާ ވަރަށް ފިނިކޮށްދޭނެއެވެ. ގަސް އޭސީއަށް ވުރެ ރަނގަޅުވާ ކަމަކީ އޭސީއިން ކުރާ ކަމަކީ ކިލާސްތެރޭގައިވާ  ހޫނު ޖައްވަށް ޕަންޕުކުރުމެވެ. ވީމާ ޖައްވު ހޫނުވާނެ އެވެ. އޭސީ ނުޖައްސައި ހުރުމަށް ވުރެ ބޮޑަށެވެ. އެހެން ގޮތަކަށް ބުނާނަމަ، ރަށުގެ ހޫނު ވާނީ ގަދައެވެ. ނަމަވެސް ގަހަކުން މުޅި ޖައްވު ފިނިކޮށްދޭނެއެވެ. ހޫނު އެއްވެސްތަނަކު އިތުރެއް ނުވާނެއެވެ.

އޭސީ ކޮންމެހެން ކުރަންޖެހޭ ނަމަ، ސަމާލުކަންދޭންވީ ކޮންކަންތައްތަކަކަށް ؟


  1. ކިލާސްކޮޓަރިތަކުން ވައި ވަދެނުކުތުން ކުޑަކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުން.
  2. ކިލާސްތަކަށް އަވި ނުވަންނަ ގޮތް ހެދުން. މީގެ މާނައަކީ ވަނުމަށް ފަހު ދޮރުފޮތި ފަދަ އެއްޗަކުން ނިވާކުރުމެއް ނޫނެވެ. ކުޑަދޮރަށް އަދި ފާރަށް އަވި ނުދޭގޮތް ހެދުމެވެ.
  3. ސޯލާ ނިޒާމުގެ ޕެނަލްތަކަށް 20 އަހަރު ދުވަހުގެ ގަރަންޓީ ދެއެވެ. ނަމަވެސް އޭގައި ބޭނުންކުރާ އިންވާޓަރ ފަސޭހައިން ހަލާކުވެއެވެ. އެހެންކަމުން ސްޕެއަރ އަބަދުވެސް ހުރުން. ދަރިވަރުން އޭސީއަށް ހޭނުމުން އޭސީ ނުކޮށް ކިޔަވަން ދަތިވާނެއެވެ.
  4. އޭސީކުރަން ކުރާ ވައިރިން އެހެން ވައިރިން އާ މުޅިން މިނިވަންކޮށް ވަކި ކުރުން.
  5. ކޮންމެ ކިލާހެއްގެ ވައި ބޭނުން ވެއްޖެނަމަ އަވަހަށް ތާޒާކުރެވޭ ގޮތަށް ވައިބޭރުކުރާ ފަންކާއެއް ސީލިންގައި ހަރުކުރުން.
  6. މަރާމާތާއި ސްޕެއަރހޯދުމަށް ފަސޭހައަކަށް އެއްބާވަތެއްގެ އޭސީ ހަރުކުރުން.
  7. ކިލާސްކޮޓަރިތައް ވަރަށް ބޮޑަށް ބަންދުވުމުން ނުކުންނާނޭ ސުލޫކީ މައްސަލަތައް ހައްލުކުރުމަށް ކިލާސްތަކުގައި ކެމެރާ ހަރުކުރުން.
  8. ޚަރަދު ކުޑަކުރުމުގެ ގޮތުން 27 ސެލްސިއަސްގައި އޭސީ ޖައްސައި އަދި ފަންކާ ޖަހައިގެން ކިޔަވައިދިނުން. ތަނެއް އެއް ޑިގްރީއަށް އިތުރަށް ފިނިކުރަން ދާ ޚަރަދު، ހުރިހާ ފަންކާ އެންމެ ބާރަށް އެނބުރުމަށް ފުރެ ބޮޑުވާނެއެވެ.
  9. ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރުމަށް އޭސީ އަދި ސޯލާ ޓެކްނީޝިއަނުން ތަމްރީނުކުރަން އަވަހަށް ފެށުން.
  10. ސޯލާ ޕެނަލްތައް ސާފުކުރާނޭ އަދި ފިލްޓަރުތައް ދޮންނާނޭ ދުވަސްތައް ފާހަގަކޮށް އެކަން ތާވަލުކުރުން.
  11. އަލަށް ކުރާ ޢިމާރާތްތަކުގައި އޭސީކުރާގޮތަށް ފަރުމާކުރުން. މީގެ މާނައަކީ ކުޑަދޮރުތަކުގައި ދެފަށަށް ބިއްލޫރި ޖެހުމާއި އަވި ނުދޭގޮތަށް ޢިމާރާތްކުރުމާއި އިންސިއުލޭޝަން ޖެހުން ފަދަ ކަންކަމެވެ.
  12. ހަމައެކަނި އޭސީ ހިންގުމަށް ސޯލާޕެނަލް ހަރުކުރުން ވާނީ އިސްރާފަކަށެވެ. މިކަމަށްދާ ޚަރަދުގެ ފައިދާ އެންމެ އެދެވޭ ގޮތަށް ލިބިގަތުމަށް އެންމެ ރަނގަޅުގޮތަކީ، އިންޖީނުގޭ ސައިޒުގެ ބެޓެރީއާ ސޯލާ ޕެނަލްތައް ގުޅައި ރަށަށް އިލެކްޓްރިކް ބާރު ދިނުމެވެ. މިކަން ކުރަން ކުދި ރަށްރަށުގައި ފަށައިގަތުމެވެ.

ދިގު މުއްދަތުގެ ޙައްލަކީ ކޮބައިތޯއެވެ؟

ދެނެވަޑައިގަންނަވަމުތޯއެވެ؟ މީގެ ދެތިން އަހަރު ކުރިން، އައު ވައްތަރެއްގެ ދަވާދެއް ނުވަތަ ކުލައެއް ބަޔަކު އުފައްދައިފިއެވެ. އެއީ ފާރުގައި ނުވަތަ ފުރާޅުގައިލާ ހުދުކުލައެކެވެ. މި ކުލަ ޓިނުގަނޑެއްގައި ލައި، އަވީގައި ބޭއްވުމުން، ކުލަލީތަން އެހެން ތަންތަނަށް ވުރެ ތިން ޑިގްރީ ސެލްސިއަސް ހޫނު މަޑެވެ. މިހެންވަނީ އެ ކުލަ ހުދުކަމުން އަވި ރިވެލިވާލެއް ބޮޑުކަމުންނެވެ. އެ ޚަބަރު މިއޮތީއެވެ. މި ޖުމުލައަށް އޮބައިލުމުން އެ ޚަބަރު ކިޔުއްވޭނެއެވެ.

ދެވަނައަށް އެންމެ ރަނގަޅުކަމަށް މި މީހުން ބުނާ ކުލައަކީ ކޮބައިތޯއެވެ؟ ޤަބޫލުކުރެއްވިއަސް ނުކުރެއްވިއަސް އެއީ އުވައެވެ. އިހުގައި ދިވެހީން ފާރުގައިލާ އުވައެވެ. މި ފާރުގައިލުމުން ފާރު ފިނިވެއެވެ. ކެލިފޯނިއާގައި މިހާރު ކުރަމުންދާ އެއްކަމަކީ ފުރާޅުތަކުގައި ހުދުކުލައިގެ ޓިނުޖެހުމެވެ. ނުވަތަ ފުރާޅުގައި ހުދުކުލަ ލުމެވެ. އެއިރުން ޢިމާރާތްތަކުގެ ފިނިހޫނުމިން ކުރިއަށް ވުރެ ދެ ދަރަޖައަށް ހޫނުކަން ކުޑަ ވެއެވެ. ތިރީގައި އެވަނީ ތިނަދޫ ކެމްޕަސްއެވެ. ފުރާޅުގައި ވަނީ ހުދުކުލައިގެ ޓިނެވެ. ރާއްޖޭގެ ކިތައް މަދްރަސާގެ ފުރާޅުގައި ހުދުކުލައިގެ ޓިނު އެބަހުރިތޯއެވެ؟

ރާއްޖޭގައި މަދްރަސާތައް ކުރަހަން އިޢުލާނު ކުރުމުން އެކި ކުންފުނިން އެ ޙަވާލުކުރަނީ އެކި ތަޖުރިބާތައް ލިބިފައިވާ މީހުންނާއެވެ. އެހެންކަމުން، އަލަށް ބިނާކޮށްފައިވާ މަދްރަސާތައްވެސް އެ މަދްރަސާގެ ވެށީގެ ފިނިހޫނުމިނަށް ސަމާލުކަމެއް ދެވިފައެއް ނޯވެއެވެ. މިކަމުގެ ޙައްލަކީ، އާކިޓެކްޓުންނަށް މަދްރަސާތައް ފަރުމާކުރުމުގައި ބަލަން ޖެހޭ ކަންކަން — ޑިޒައިން ގައިޑްލައިންތަކެއް — އެކަށައަޅައި، ޗާޕުކޮށް ޢާއްމުކުރުމެވެ. މިފަދަ ފަރުމާކުރުމުގެ އިރުޝާދު ފޮތެއް، 1990 ގެ އަހަރުތަކުގައި ޝާއިޢުކުރެވުނެވެ. އޭގައި މަދްރަސާގެ ފަރުނީޗަރު ހުންނަން ޖެހޭ ގޮތާއި މިފަދަ އެތައް ކަމެއް ހިމެނެއެވެ. ހަނދާންވާ ގޮތުން މިފޮތް އެކުލަވައިލައްވާފައި އޮތީ، ރަފީޢު ކިޔާ ސިވިލް އެންޖިނިއަރެއް، ބޭރުގެ ވާކްޝޮޕެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެވެ.  ރާއްޖޭގެ މިހާރުގެ މާހައުލަށް މިކަހަލަ ފޮތެއް ވަނީ ނުހަނު ބޭނުން ވެފައެވެ. ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ކަމާ ބެހޭ ވުޒާރާއިން މިފަދަ ފޮތްތައް އެކުލަވައިލާފައި ވެއެވެ. އޭގެ ފޮތެއްގެ ދެލިކޮޕީއެއް އަޅުގަނޑުވެސް ލިޔަން ފެށީމެވެ.

ނިންމައިލުން


ބައެއް ކަންކަމަކީ އެކަންކަން ފެށުމުން ހުއްޓައިލާން ވަރަށް ދަތިކަންކަމެވެ. އަދި ބައެއް ކަންކަން ކުރުމުން އެހެން ކަންކަމަށް އެކަމުގެ ނުފޫޒު ފޯރާނެއެވެ. އޭސީ ކުރުމާ ގުޅިގެން، އެހެން އެތައް ތަނެއް އޭސީކުރަން ރައްޔިތުން އެދޭނެއެވެ. މިކަމުން ނުކުންނަ ޤައުމީ ނަތީޖާތަކަށް ވިސްނަން ޖެހޭނެއެވެ.

އެކި ޙަޟާރަތްތަކުގައި މީހުން ދިރިއުޅެފައިވަނީ އެ މީހުންގެ މާހައުލުގައި އުޅެވޭ ގޮތަށް ދިރިއުޅުން ބަދަލުކޮށްގެންނެވެ. އެއްވެސް މަދްރަސާއެއްގައި ހޫނު ގަދަވެގެން ކިޔަވައި ނުދެވޭ ވަރުވާ ނަމަ، އެއްގޮތަކީ، އެއް ދަންފަޅީގެ މަދްރަސާއެއް ނަމަ، މެންދުރު ވަގުތަށް ކިޔެވުން މެދުކަނޑާލުމެވެ. އަޅުގަނޑު މަޖީދިއްޔާގައި ކިޔަވަން އުޅުނު ދުވަސްވަރު ހެނދުނާއި މެންދުރު ފަހު ކިޔަވައިދެއެވެ. މެންދުރު ވަގުތަށް މެދުކަނޑާލައެވެ. މިހާރުވެސް އިސްޕޭންގެ ބައެއް ހިސާބުތަކުގައި މެންދުރަށް އޮފީސްތައް ވެސް ބަންދުކުރެއެވެ.

ރާއްޖެއަކީ ވަރަށް ފަޤީރު ޤައުމެކެވެ. ދެވަނަ ބޮޑު ހަނގުރާމައިގައި ރާއްޖެ ބަނޑަށް ޖެހުނެވެ. އެކަމުން އަރައިގަނެވުނީ 1960 ގެ އަހަރުތަކުގައެވެ. ދެވަނަ ފަހަރު 1975 ހިސާބުގައި ރާއްޖެ އަނެއްކާ ބަނޑަށް ޖެހުނެވެ. މިހާރު ދުނިޔެދަނީ ބޮޑު ހަނގުރާމައަކަށް ތައްޔާރުވަމުންނެވެ. މި ހިނދު އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ، ތެލަށް ބަރޯސާކުރުން މަދުކޮށް، ރުކާއި ގަސްގަހާގެހި އިންދުން ގިނަކުރުމަށެވެ. ވަޅެއް ކޮނުމުން ތެޔޮ ނެގޭ ޤައުމުތަކުގެ ފޭޑި ދިވެހީން ކޮޕީކުރުމަކީ ދެމެހެއްޓެނިވި ކަމެއް ނޫނެވެ. އެފަދަ ޤައުމުތަކުގެ ދިރިއުޅުމުގެ ވައްޓަފާޅިވެސް އަދި ބަދަލުކުރަން މުސްތަޤްބަލް މަޖުބޫރު ކުރާނެއެވެ.

ގިނަ ބަައެއްގެ ހަނދާނުގައި ދެ ފަހަރަަށް ރާއްޖެ ބަނޑަށް ޖެހިއްޖެއެވެ. ޔާމީން ދައުރުގައި ރާއްޖޭގެ އާބާދީގެ 1/3 ފެނަށް ޖެހުނެވެ. ރާއްޖެއަކީ ވަރަށް ނާޒުކު ޙާލަތެއްގައި މީހުން ދިރިއުޅެމުން ގެންދާ ވަރަށް ބޯދާ ޤައުމެކެވެ. މި ޤައުމަށް އެންމެ މުހިއްމީ ވިލުންތެރިކަން އިތުރުކުރުމެވެ. މިކަމުގެ ޙައްލުވަނީ ޚަރަދުތައް ކޮންޓްރޯލްކުރުމުގައާއި ދެމެހެއްޓެނިވި މަންފާކުރާނޭ ކަންކަމަށް އިސްކަން ދިނުމުގައެވެ. ސުވަދޭސީ، ދިވެހިވަންތަ ގޮތްތައް ކުރިއެރުވުމުގައެވެ. ދެތިން ހާސް އަހަރު ރާއްޖޭގައި މީހުންނަށް މި ދިރިއުޅެވުނީ މާހައުލު، މީހާއަށް ކަމުދާގޮތަށް ހޭނުމުގެ ބަދަލުގައި، އެ މާހައުލާ ގުޅޭގޮތަށް މީހާގެ ދިރިއުޅުން ހާނައިގެންނެވެ