ވަޅި ރީތީ ތޫނިއްޔާ އެވެ.

ތެދެކެވެ. ވަޅި ރީތީ ތޫނިއްޔާއެވެ. ވަޅީގެ ބޭނުމަކީ ކެފުމާއި ކެނޑުމެވެ. ބަލާލަން ކިތަންމެ ރީއްޗަސް ވަޅިއެއްގެ ބޭނުން ނުފުދޭ ކަމުގައިވާ ނަމަ، ވަޅީގައި ރީތި ކަމެއް ނެތެވެ. ނަމަވެސް ސުވާލަކީ ވަޅި ތޫނު ކުރާނީ ކިހިނެއް ހެއްޔެވެ؟

އާދެ! މިއީ ވަރަށް އާދައިގެ ސުވާލެކެވެ. ރާއްޖޭގެ އެތައް ބަޔަކު ދުވަހީ ގޮތެއްގައި ކޮށް އުޅޭ ކަމެކެވެ. ނަމަވެސް މިކަމުގައިވެސް ސައިންސެއް ވާނެކަން ކަށަވަރެވެ. މި މަޒުމޫނުގައި އަޅުގަނޑު ދަންނަވާލެވޭތޯ ބަލާނީ، ވަޅި ތޫނު ކުރާނޭ ގޮތްތަކެވެ. އަދި މިނޫނަސް އެހެން ތަކެތި ތޫނުކުރުމަށް ކަންތައް ކުރާނޭ ގޮތެވެ. އަޅުގަނޑުގެ ނަޒަރުގައި މިއީ ކޮންމެ މީހަކަށް ވެސް އެނގުން ވަރަށް ބޭނުންތެރި ހުނަރެކެވެ. ތޫނު ވަޅިއަކުން ކުރާ ކޮންމެ ކަމެއް ވަރަށް ފަސޭހައިން ލުއި ގޮތަކަށް އަދި ބޭނުން ނަތީޖާ ނެރެވޭ ގޮތަށް ކުރެވެއެވެ.

ވަޅި ތޫނު ކުރުމަށްޓަކައި ބޭނުން ކުރާ އެންމެ މުހިއްމު އެއްޗަކީ ތެޔޮ ހަނެވެ. މީގެ އިތުރަށް ދިވެހީން އަމިއްލައަށް ހަދާ ހަނުވެސް މިކަމަށް ބޭނުން ކުރެއެވެ. ނަމަވެސް އަޅުގަނޑު މި މަޒުމޫނުގައި ދަންނަވާލާނީ ތެޔޮހަނުން މިކަން ކުރާގޮތެވެ. ތެޔޮހަނެއް ނެތް ނަމަ، ހަރު ކޮންމެ އެއްޗެއްވެސް ވަޅިއެއް ތޫނު ކުރުމަށްޓަކައި ބޭނުން ކުރެވޭނެއެވެ.

ވަޅި ތޫނުކުރަން ބޭނުން ކުރާ ހަނު

oil stones

ތެޔޮހަނުގެ ދެ ބާވަތެއް ހުރެއެވެ. އެއް ބާވަތަކީ، ފަރުބަދަ ފަދަ ތަންތަނުން ނުވަތަ ބިމުގައިވާ ހިލަ ކޮށައިގެން ހަދާފައި ހުންނަ ތެޔޮހަނެވެ. އަނެއް ބާވަތަކީ ހިލަ ވަނަކުން ތަޅައި ހިމުން ކޮށްގެން ރުގުން ފަދަ އެހެން އެއްޗެތި އެއްކޮށްގެން ހަދާފައި ހުންނަ ތެޔޮހަނެވެ. މި ދެބާވަތްވެސް ރާއްޖެއިން ލިބެން ހުރެއެވެ. ތެޔޮ ހަނަށް ތެޔޮހަނު ކިޔަނީ އެއް ބާވަތެއްގެ ތެޔޮހަނުގައި ތެޔޮކަމެއް ހުންނާތީ އާއި ވަޅި ތޫނުކުރާއިރު ތެޔޮ ބޭނުން ކުރާތީއެވެ. ނަމަވެސް، ތެޔޮ ބޭނުން ނުކޮށް ފެން ބޭނުން ކޮށްގެން ވެސް ވަޅި ހަނުލެވޭނެއެވެ. ފެނާއި ތެލުގެ ބޭނުމަކީ ވަޅީގެ ތިލަ ގޭނިގެންދާއިރު އުފެދޭ ކުނޑިތައް އެހެން ދިމާއަކަށް ގެންދިއުމެވެ. އެއް އުސޫލަކުން ބަލާއިރު ހިލަ މުގުރައިގެން ހަދާފައި ހުންނަ ތެޔޮހަނު ރަނގަޅު ވާނެއެވެ. އެއީ އެ މަޑުކަމުން، ތޫނު ހިލަކޮޅު އަބަދުވެސް ތެޔޮހަނުގެ މަތީގައި ހުންނާތީއެވެ. ގޭނިގެން އެއްފަށަލަ ނެގުމުން ތޫނު ހިލަކޮޅުތައް ހަނުގެ ސަޠަހަ މައްޗަށް އަރާނެއެވެ. ނަމަވެސް މިބާވަތުގެ ތެޔޮހަނު މަޑުކަމުން މެދު އަޑިވާތީ ތެޔޮހަނުގެ މަތި އެއްވަރަށް ގޭނުމަށް ސަމާލު ކަމެއް ދޭން ޖެހޭނެއެވެ. މެދަށް އަޑިއަށް ގޮނިވެފައިވާ ހަނަކުން ރަނގަޅަކަށް ވަޅިއެއް ތޫނެއް ނުކުރެވޭނެއެވެ. ވީމާ، އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ހަނު ގާނައިގެން މަތި ހަމަކުރުން ވަރަށް މުހިއްމެވެ. މިހާރަކަށް އައިސް މަޑު ތެޔޮހަނު ފަސޭހައިން ގޮނިވާތީ، ތިލަ އެންމެ ފުރަތަމަ އޮމާންކޮށްލުމަށް ރާޅު ފަރާތެއް ތެޔޮ ހަނުގައި ވެއެވެ. ވަޅިއެއް ތޫނު ކުރާއިރު، އެންމެ ފުރަތަމަ ރާޅު ފަރާތުން ފުރަތަމަ ގޭނުން ގާނާލުމަށް ފަހު، ހިމުން ގޭނުން ގާނާލުމަށް އޮމާން ފަރާތް ބޭނުން ކުރެއެވެ.

ހަނުގެ ގޮތުގައި ހިލަ ކަރުދާސް ބޭނުންކުރުން

sandpaper blocks

ބައެއް ވަޑިން ފެން ޖެހުނަސް ހަލާކު ނުވާ ބާވަތުގެ ހިލަ ކަރުދާސް ތެޔޮހަނެއްގެ ގޮތުގައި ބޭނުން ކުރެއެވެ. ހިލަ ކަރުދާސް ބޭނުންކުރާ ނަމަ ހަމަ ތަނެއްގެ ގޮތުގައި ބިއްލޫރި ކޮޅެއް  ނުވަތަ ލަކުޑި ކޮޅެއް ބޭނުން ކުރެއެވެ. ވަޅި ތޫނުކުރަން ރާޅު ހިލަކަރުދާހުން ފެށިގެން އެންމެ ހިމުން ހިލަކަރުދާސް ބޭނުން ކުރެއެވެ. ވަޅި ތޫނުކޮށް ނިންމާލާއިރު އެންމެ ހިމުން ކަރުދާސް ބޭނުން ކުރުން މުހިއްމެވެ. އެއީ ވަޅީގައިވާ މިޔަ ހިމުންކޮށް ބެހެއްޓުމަށް ޓަކައެވެ.

ހިލަކަރުދާހުގެ ރާޅުމިން ނުވަތަ ހިމުންމިން ބަލަނީ އޭގެ ހިލަ ފުއްތަކުގެ ސައިޒުންނެވެ. ހިމުންކަން މިނަން ގެންގުޅޭ ވަޒަނަށް ހުންނަނީ ނަންބަރު ދީފައެވެ. 1 ނަންބަރު ހިލަ ކަރުދާހެއްގެ ފުއްތަކުގައި 1 އިންޗި ހުންނާނެއެވެ. 2 ނަންބަރު ހިލަކަރުދާހުގެ ދެ ފުއް ކައިރިކައިރީގައި ބޭއްވީމާ އިންޗިއެއްގެ ދިގުމިން ހުންނާނެއެވެ. 100 ނަންބަރު ހިލަކަރުދާހެއްގެ 100 ފުކުގެ ދިގުމިނަކީ އެއް އިންޗިއެވެ. އެހެންކަމުން ނަންބަރު މަތިވި ވަރަކަށް ހިމުންކަން ބޮޑުވާނެއެވެ. ރާއްޖޭގައި ހުންނަ އެންމެ ހިމުން ހިލަކަރުދާހަކީ 2000 ނަންބަރުގެ ހިލަކަރުދާހެވެ. ނަންބަރު ދަށްވި ވަރަކަށް ހިލަކަރުދާސް ރާޅުވާނެއެވެ. ވަޅި ތޫނު ކުރަން އެންމެ ރަނގަޅުވާނީ 500 ނުވަތަ 600 ސައިޒުން ފެއްޓިއްޔާއެވެ. ދެން އެންމެ ފަހުން 2000 އެވެ. ވީމާ ދެ ސައިޒެއްގެ ހިލަކަރުދާސް ވަޅި ތޫނު ކުރަން ބޭނުން ކުރަން ޖެހެއެވެ.

ކުރިން ދެންނެވި ފަދަ ބިއްލޫރި ގަނޑެއް ފަދަ އޮމާން އެއްޗެއްގައި ކޮންމެވެސް ތެރަހަކުން ހިލަ ކަރުދާސް  ތަތް ކުރެވިދާނެއެވެ .އެންމެ ފަސޭހަވާނީ ”ދެފުށްކެހެރި“ ކިޔާ ބާވަތުގެ ދެފުށުގައިވެސް ތެރަސްލީ ޓޭޕެއް ބޭނުން ކުރެއްވިއްޔާއެވެ. ބިއްލޫރި ގަނޑެއް ނުލިބިއްޖެނަމަ، އޮމާން ފިލާކޮޅެއް ނުވަތަ ތަށިމުށިގަނޑެއް ފަދަ އެއްޗެއް ވެސް ރަނގަޅުވާނެއެވެ.

ތެޔޮ ހަނަށް ތެޔޮ ނުވަތަ ފެން އެޅުމާ ދޭތެރޭ އެއްޗެއް ދަންނަވާލަން ޖެހެއެވެ. ބައެއް މީހުން ބުނާގޮތުގައި ފެން ނުވަތަ ތެޔޮ އެޅުމަކީ މުހިއްމު ކަމެކެވެ. އެއީ ހަނުގައި ދިޔައެއް ހުރުމުން ވަޅިން ގޭނޭ ކުދި ދަގަނޑު ޒައްރުތައް ހަނުގެ ތެރޭގައިވާ ކުދިކުދި ލޯވަޅު ތަކަށް ވަނުމުގެ ބަދަލުގައި އެ ދިޔައާއެކު ދުރަށް ދާނެތީއެވެ. އަނެއްބައި މީހުން ބުނާ ގޮތުގައި ތެޔޮ ނުވަތަ ފެން އެޅުމުން ހަނުގެ ލޯވަޅުތަކަށް ގޭނޭ ދަގަނޑު ޒައްރާތައް ވަދެ ހަނު ކޮށިވާނެއެވެ. މިހެން ވުމުން ހަނު ހަލާކުވީއެވެ. ދެން ހަނުލުމަށް މަސައްކަތް ކުރުމުން ވަޅިއަށް އަރާނީ އޮފެވެ. ނުއެއް ގޭނޭނެއެވެ. ނުވަތަ ތޫނެއް ނުވާނެއެވެ. އެންމެ ބުއްދިވެރި ގޮތަކީ ހަނަށް ތެޔޮ ނުވަތަ ފެން އަޅަން ހަނުގައި ލިޔެފައިވާނަމަ އެކަން ކުރުމެވެ. ސައިންސްގެ ގޮތުން ބަލާއިރު ކޮންމެ އެއްޗެއް ލިއެފައި އޮތަސް ވިސްނަން ޖެހޭ ކަމެއް އޮވެއެވެ. އެއީ ދަގަނޑަށް ފަންވަރު ގެންނަނީ ނުވަތަ ދަގަނޑު ހަރުކުރަނީ އެ ދަގަނޑެއް ރަތްވާ ވަރަށް ދޮންކޮށް ކުއްލިއަކަށް ފިނިކޮށްގެންނެވެ. ފަންވަރު ގެނައުމުގައި އެކި ބާވަތުގެ ދިޔާތަކެތި ބޭނުން ކުރެއެވެ. ދަގަނޑަށް ފަންވަރު ގެނައުމަށްފަހު، އެ ރަތްވާ ވަރަށް ދޮންކޮށް އެއަށްފަހު މަޑުމަޑުން ހިހޫ ކުރުމުން، އޭގެ ފަންވަރު ދާނެއެވެ. އެހެން ކަމުން ތެޔޮ ހަނެއްގައި ޖައްސައިގެން ތޫނުކުރާއިރު، މިޔަ މާބޮޑަށް ދޮންވެ ލަސްލަހުން ހިހޫވާ ގޮތް ހަދައިގެން ނުވާނެއެވެ. ތޫނުކުރަން ގާނާއިރު މިއަ މާބޮޑަށް ހޫނުވާނެކަމަށް ޤަބޫލު ކުރެވޭނަމަ، ފިނިކޮށް ބޭއްވުމަށްޓަކައި ހަނަށް ތެޔޮ ނުވަތަ ފެން އަޅަންވާނެއެވެ.  ފަންވަރަކީ ދަގަނޑުގެ ހަރުކަމެވެ. ދަގަނޑު ހަރުނޫންނަމަ ކިތަންމެ ތޫނު ވަޅިއެއްވެސް ވަރަށް އަވަހަށް ކޮށިވާނެއެވެ.

ޒާވިޔާ

ވަޅިއެއް, ވަޑާން ކަށްޓެއް ބުރުމާ ކަށްޓެއް ނުވަތަ އެހެންވެސް ތިލައެއް ތޫނުކުރަން ހަނެއްގައި ނުވަތަ އެހެންވެސް އެއްޗެއްގައި ޖައްސައިގެން ގާނާއިރު އެންމެ މުހިއްމު ކަމަކީ ތިލަ ހަނުގައި ޖައްސާ ކަތިމިން ނުވަތަ އޭންގަލް ނުވަތަ ޒާވިޔާއެވެ. ނަމަވެސް ގިނަ ބޭފުޅުންނަށް ޒާވިޔާ އޭ ދެންނެވުމުން އޮޅުން ފިލާވަޑައިނުގެންފާނެތީ ހަނދުމަފުޅުކޮށް އެރުވުމުގެ ގޮތުން ދަންނަވާލަމެވެ. ގުޅޭ ދެ ރޮނގެއްގެ ދުރުމިން ނުވަތަ އެއްޗެއް އަނެއް އެއްޗަކާ ހުންނަ ކަތިމިނަށް ކިޔަނީ އޭންގަލް ނުވަތަ ޒާވިޔާއެވެ. މި މިން މިނާ ގޮތެއް އޮވެއެވެ. ދިގުމިން ފޫޓުން ގުނާ ފަދައިން، އަދި ފިނި ހޫނުމިން ސެލްސިއަސް އިން ގުނާފަދައިން، ކަތިމިން ގުނަން ބޭނުން ކުރަނީ ދަރަޖައެވެ. ފަތިގަނޑެއްގެ ގޮތުގައި ބޭނުން ކުރަނީ ވަށްކޮށް ނަންބަރު ޖަހާފައި ހުންނަ ބުރެކެވެ. ބަރާބަރު ވަށް ރޮނގެއްގައި  ނުވަތަ ބުރެއްގައި ހުންނަކަމަށް ބަލަނީ 360 ދަރަޖައެވެ. ބުރެއްގެ ދެބައިކުޅަ އެއްބައިގައި ހުންނާނީ 360 ދެބައިކުރީމާ ހުންނަ ވަރެވެ. އާދެ 180 ދަރަޖައެވެ. 180 ދަރަޖަ ދެބައިކުރީމާ ހުންނާނީ ބައެއްގައި 90 ދަރަޖައެވެ. ދިވެހިބަސް ފޮތުގައި 90 ދަރަޖައަށް ކިޔަނީ ”ރުބު “ ކަމަށް ލިޔެފައި ވެއެވެ. އަދި    360 ދަރަޖައަށް ”ދާއިރާ“ އޭ ކިޔައެވެ. ދަރަޖަ ކުރުކޮށް ލިޔުމުގައި ވިޔަ އަކުރު ޖެހުމަށް ފަހު މަތީގައި ކުޑަ ސުމެއް ޖަހައެވެ. މިސާލެއްގެ ގޮތުން،  360 ދަރަޖަ ލިޔުުމަށް 360º  މިގޮތް ވެސް ބޭނުން ކުރެއެވެ.

        90  ދަރަޖަ = 1 ރުބު.

        4  ރުބު (360 ދަރަޖަ) = 1 ދާއިރާ.

ވަޑިފަތި ކަނެއްގައި ހުންނަ ޒާވިޔާގެ މިންވަރަކީ 90 ދަރަޖައެވެ. ނުވަތަ 1 ރުބެވެ. މި ފަދަ ކަނެއް ދެބައިކުރީމާ ހުންނާނީ 45 ދަރަޖައެވެ. 45 ދަރަޖައިގެ ކަނެއް ދެބައިކުރީމާ ހުންނާނީ 22.5 ދަރަޖައެވެ. 90 ދަރަޖައިގެ ކަނެއް ތިންބައިކުރީމާ ހުންނާނީ ބައެއްގައި 30 ދަރަޖައެވެ. މިކަން ތިރީގައިވާ ކުރެހުމުން ސާފުވެ ވަޑައިގަންނަވާނެއެވެ.

ވަޅި ހަނުގައި ޖައްސާ ކަތިމިން

ވަޅިއެއްގެ ތިލައިގައި ދެތިން ހަތަރު ގޮތަކަށް މިއަ ޖަހައެވެ. ރާއްޖޭގައި މިއަ ޖަހާ އެއްގޮތަކީ ދެ ފަރާތް އެއްވަރަކަށް ކައިރިވަމުން އައިސް މިއައަށް ހުސްވުމުވެ. އަނެއް ބައި ތިލައިގައި މިއަ ޖަހާފައި ހުންނަނީ އެއްފަރާތުގައެވެ. މިސާލެއްގެ ގޮތުން، މަސްވަޅި އާއި ފިޔޮހީގައި މިއަ ޖަހަނީ ދެ ފަރާތް ވެސް ކައިރިވަމުން އައިސް މިއައަށް ހުސްވާ ގޮތަށެވެ. ނަމަވެސް ފޯއްވަޅިއާއި ކަށިކެޔޮ ލިޔާ ވަޅީގައި މިއަ ހުންނަނީ ތިލައިގެ އެއް ފަރާތުގައި ޖަހާފައެވެ. އެއީ ކީއްވެގެންތޯ އެވެ؟ މަސްގަނޑެއް ދެ ބުރި ކުރާ ނަމަ، ރަނގަޅުވާނީ ދެ ފަރާތުގައި މިއަ ޖެހުމެވެ. މިފަދަ ވަޅިއަކުން މަސްގަނޑެއް ދެބުރި ކުރާނަމަ، މަސްގަނޑު ތެރެއަށް ތިލަ ވަދެގެންދާއިރު، ތިލައިގެ ދެ ފަރާތަށް މަސްގަނޑު ކޮށްޕަމުން ދާނެއެވެ. އެއް ފަރާތުގައި މިއަ ޖަހާފައިވާ ވަޅިއަކުން އެއްޗެއް ބުރިކުރާނަމަ، ތިލައިން އެ އެއްޗެއްގެ ބުރިވާ ބައި ކޮށްޕާނީ މިއަ ގާނާފައިވާ ފަރާތަށެވެ. މިސާލެއްގެ ގޮތުން ފޯއްކޮށާއިރު، މިޔަ ޖަހާފައި ހުންނާނީ ފޯއްފޮތި ވަކިވާ ފަރާތުގައެވެ.  ކަށިކެޔޮ ލިޔާއިރުވެސް ފޮތިތައް ވަކިވާނި މިދެންނެވި ބީދައިންނެވެ.  އެއްޗެއް ތުނިކޮށް ކޮށާނަމަ، ބޭނުން ކުރަން ރަނގަޅުވާނީ އެއް ފަރާތުގައި މިއަލީ ތިލަ ހުންނަ ވަޅިއެވެ. ކޮށަމުން ދާއިރު، ކޮށާ ތުނި ފަށަލަތައް ވަޅިއާ ދުރަށް ކޮށްޕަމުންދާނީ މިފަދަ ތިލައިންނެވެ. ރޭޒަރުގައި މިއަ ޖަހާފައި ހުންނަނީ ދެ ފަރާތް ހިމަކޮށްލާފައި ދެން ތަންކޮޅެއް މޮށްކޮށެވެ. މިގޮތުން ތޫނުކަން  ގަދަކުރެވެއެވެ. އެންމެ ގިނަ ދުވަހު ތޫނުކަން ހުންނާނީ ކޮންމެވެސް ވަރަކަށް މޮށްކޮށް ހުންނަ މިއައި ގައެވެ. ދެ އޭންގަލްއަކަށް މިފަދަ ތިލައިގައިމިއަ ޖަހައެވެ. ކުރަފަތުގައި މިއަ ޖަހާފައި ހުންނަނީ ތިލައަށް ގޮނިކޮށްފައި ދެން ދެފަރާތުން ތޫނުކޮށެވެ. އެންމެ ގިނަ ދުވަހު ތޫނުކަމާއި އެކު މިއަ ހުންނާނީ ދެ އޭންގަލްއަކަށް މިއަ ޖެހުމުންނެވެ.

ވަޅީގެ މިއަ ފަރާތް ނޫން އަނެއް ފަރާތަށް ކިޔާ ދިވެހި ނަމެއް އޮވެއެވެ. އެއީ ”ފުށޮޅި“ އެވެ. ފުށޮޅި ބޯވި ވަރަކަށް ވަޅި ގަދަވާނެއެވެ. ޖަޕާނުގައި ހަދާ އެންމެ މޮޅު ވަޅީގައި ފުށޮޅި ހަދަނީ ވަކި ދަގަނޑަކުންނެވެ. މިއަ ހުންނަނީ އެހެން ދަގަނޑަކުންނެވެ. މިއަ ތޫނުކޮށް ގިނަ ދުވަހު ބެހެއްޓުމަށްޓަކައި، ފަންވަރު ގަދަ ދަގަނޑުން މިއަ ލައެވެ. ނަމަވެސް ފަންވަރު ގަދަ ދަގަނޑު ފަސޭހައިން ބިންދައިގެން ގޮސްފާނެތީ، ފުށޮޅިލަނީ ފަންވަރު ނެތް މަޑު ދަގަނޑަކުންނެވެ.

ވަޅިއެއް ތޫނު ކުރުމަށް ތިން ޒާވިޔާއަކާ ނުވަތަ އެންގަލަކާ މެދު ވިސްނަން ޖެހެއެވެ. އެއީ ރާއްޖޭގައި އެންމެ ގިނައިން ގެންގުޅޭ ވަޅިއަކީ ބަންދު ފަތިކޮޅެއް ފަދަ ހަނި އެއްޗެކެވެ. މި ތެޔޮހަނުގައި ނުވަތަ ހިލަކަރުދާހުގައި ގާނާއިރު، ޖައްސަން ޖެހޭނީ ވަކި ކަތިމިނަކަށެވެ. އާދެ! ތެޔޮހަނާއި ވަޅިއާ ދެމެދު 45 ދަރަޖަ ހުންނަ ގޮތަށެވެ. މިއީ ގާނާއިރު ތެޔޮހަނާއި މިއައާ  ދެމެދު ހުންނަންޖެހޭ ކަތިމިނެއް ނޫނެވެ.

knife sharpening angle with stone

ތިލަ ތޫނުކުރާނޭ ގޮތް

ވަޅިއެއްގެ ތޫނުކަން ބިނާވަނީ އޭގެ ދެފަރާތް ކައިރިވަމުން ގޮސް މިއައަށްވާ އޭންގްލް ނުވަތަ ޒާވިޔާއަށެވެ. މި އޭންގްލް ކުޑަވި ވަރަކަށް ތޫނުވާނެއެވެ. އެއީ މިއައިގެ އޭރިއާ ކުޑަވާތީ ވަޅިން ލެވޭ ޕްރެޝަރު މަތިވާތީ އެވެ. ޕްރެޝަރު މަތިވި ވަރަކަށް، ވަޅި އެއްޗެއްގެ އެތެރެއަށް ވައްދަން ފަސޭހަ ވާނެއެވެ. މިސާލަކަށް، ދަށްފުށް ހަމަ ފައިވާނަކުން ގޮނޑުދޮށެއްގައި ހިނގީމާ ފިޔަވަޅު ހުންނަނީ ވަރަށް ކުޑަކޮށެވެ. ފުންނާބެއް ލާފައިވާ ފައިވާނެއް ނަމަ، ފުންކޮށް ފިޔަވަޅު ހުންނާނެއެވެ. އަދި ބައެއް އަންހެނުން އަރާ ކަށިލީ ފައިވާނެއްނަމަ، ގޮނޑުދޮށުގައި ހިނގާއިރު ވަރަށްބޮޑަށް އަޑިއަށް ދާނެއެވެ. މިކަން މިހެން ވާގޮތަކީ ބިމުގައި ޖެހޭ ތަނުގެ އޭރިޔާ ބޮޑުވުމުން ޕްރެޝަރު ނުވަތަ އޮއްބުން ކުޑަވަނީއެވެ. އޭރިޔާ ކުޑަވި ވަރަކަށް އޮއްބުން ބޮޑުވާނެއެވެ. މަޑު ސްނޯ މަތީގައި ހިނގަން ހަދާފައި ހުންނަ ފައިވާން ހުންނަނީ ދަށްފުށް ވަރަށް ބޮޑުކޮށެވެ. ދެތިން ފޫޓު ހުންނަ ވަރަށެވެ. އެއިރުން އަޑިއަށް ދިއުމުގެ ބާރު (ޕްރެޝަރު) ކުޑަވާނެއެވެ. ގޮނޑު ދޮށެއްގައި ފުންނާބު ތޫނު ފައިވާނަކަށް އަރައިގެން ހިނގަން ދަތިވާނެއެވެ. މޮހޮރެއް ފަދަ އެއްޗެއްގެ ކޮޅު ތޫނު ވި ވަރަކަށް ބޮޑު ޕްރެޝަރެއް ލެވޭތީ އެއްޗަކަށް ޖަހަން ފަސޭހަވާނެއެވެ. މޮހޮރެއް މޮށްވި ވަރަކަށް އެއްޗަކަށް ވައްދަން އުނދަގޫ ވާނެއެވެ. ވަޅި ތޫނުކުރަނީ އޭގެ މިޔައިގެ އޭރިޔާ ކުޑަ ކުރުމަށެވެ.

އެއްޗެއް ބުރިކުރުމަށް ނުވަތަ ކަފާލުމަށް، ތިލައަކުން ލެވޭ ޕްރެޝަރު މަތިވާނީ އޭގެ މިއައިގެ އޭރިއާ ކުޑަވި ވަރަކަށެވެ. ދެފަރާތުން މިއައަށްވާ އޭންގްލްގެ މައްޗަށެވެ. އެންމެ ރަނގަޅުވާނީ މި އޭންގްްލް 1 ދަރަޖަ ހާ ކުޑަ ނަމައެވެ. އޭރުން މިއަ ހުންނާނީ ރޭޒަރު ތިލައަކަށް ވުރެވެސް ތުނިކޮށެވެ.  ނަމަވެސް މިގޮތަށް ހުރުމުން މިއައިގައި އެއްވެސް ވަރެއް ނުހުންނާނެއެވެ. ވަރަށް ފަސޭހައިން ކޮށިވާނެއެވެ. ތޫނުކަމާއި އެކު މިއަ ގިނަ ދުވަހު ބެހެއްޓުމަށް ވިސްނާ ސައިންސްވެރިން އެންމެ ރަނގަޅު ކަމަށް ބުނަނީ މިޔައިގެ އޭންގަލް 20 ދަރަޖަ އާއި 30 ދަރަޖައާ ދެމެދު ބެހެއްޓުމަށެވެ.

compound bevel

ވަޅީގެ މިއަ ވެއްޓިފައި ވާނަމަ އެންމެ ފުރަތަމަ ކަމަކީ މިއަ ގާނައިގެން އެކަން މުޅިން ރަނގަޅު ކުރުމެވެ. ވެއްޓުނުތަން އެހެން ތަންތަނާ އެއްވަރު ކުރުމެވެ. މިގޮތް ހެދުމަށް ވަޅި ހަނުގައި ޖައްސާނީ ވަޑިފަތިކޮށެވެ. މިގޮތަށް ގާނާ މިޔަ އެއްވަރުވުމުން ވަޅި ތޫނުކުރަން ފެށިދާނެއެވެ.

ވަޅި ހިފަހައްޓާނީ ޝަހާދަތް އިނގިލި ފުށޮޅުގައި ޖެހޭ ގޮތަށެވެ .ވަޅިއާ ތެޔޮހަނާ ދެމެދު ބަހައްޓާނީ ގާތްގަޑަކަށް 20 ދަރަޖައެވެ. މިވަރަށް ވަޅި ހިފަހައްޓާފައި ގަޔާ ދިމާއަށް ކުޑަ ބާރަކާއެކު އޮއްބަމުން ދަމާލައްވާށެވެ. އޮއްބަވާ ބާރުމިން ބިނާވެގެންވަނީ ވަޅި ކޮށިވެފައިވާ މިނެއްގެ މައްޗަށެވެ. ބޮޑަށް ކޮށިވެފައިވާ ނަމަ، ތަންކޮޅެއް ބޮޑަށް އޮއްބާ ލައްވަން ވާނެއެވެ. މިގޮތަށް ހެއްދެވުމުން ވަޅީގެ އެއްފަރާތުގައި މިޔަ އެޅުއްވުނީއެވެ. އަނެއްފަރާތުން މިޔައިގައި އަތް ލައްވާއިރު ކުޑަ ރާޅުކަމެއް އިޙްސާސް ކުރެއްވޭނެއެވެ. އެ ރާޅުކަމަށް ކިޔަނީ ޅަފަށެވެ. އަނެއްފުށަށް ޖަހައިގެން ހަނުލުމުން މި ޅަފަށް ދާނެއެވެ.

ދެން ވަޅި އަނެއް ފުށަށް ޖައްސަވާ ހަމަ ކުރީގައި ބެހެއްޓެވި ކަތިމިންތަކާއެކު ގައިކޮޅާ ދުރަށް ދަމާލައްވާށެވެ. މިގޮތަށް ހައެއްކަ ފަހަރު ތަކުރާރު ކޮށްލެއްވުމުން ވަޅީގެ ފުރަތަމަ މިޔަ އެޅުނީއެވެ. މިހާރު އެއްވެސް ފަރާތެއްގައި ޅަފަތެއް ހުރެގެން ނުވާނެއެވެ. ނަމަވެސް މި މިޔަ ފަސޭހައިން ކޮށިވެގެން ދާނެއެވެ. ވީމާ، އަޅުގަނޑުމެން މިޔަ ވަރުގަދަ ކުރުމަށްޓަކައި އެހެން އޭންގްލް ނުވަތަ ޒާވިޔާއެއްގައި މިޔަ ނަގަން ޖެހެއެވެ.

ދެން، ބޭނުން ކުރައްވަމުން ދިޔަ ރާޅު ހިލަ ކަރުދާހުގެ ބަދަލުގައި ދެހާހުގެ ހިލަކަރުދާސް ތަތްކުރި ތަށިމުށިގަނޑު ނަންގަވާށެވެ. ތެޔޮހަނެއް ނަމަ، އޮމާން ފުށަށް ޖައްސަވާށެވެ.

How to sharpen knives

މިފަހަރުވެސް ވަޅި ޖައްސަވާނީ ތެޔޮހަނަށް 45 ދަރަޖަ ހުންނަ ވަރަށް ކަތިކޮށެވެ. މިވަރަށް ބެހެއްޓެވުމަށް ފަހު ކުރީ ފަހަރަށް ވުރެ ވަޅީގެ މިއަ ނެތް ފަރާތް ބޮޑަށް އުފުލާލައްވަން ވާނެއެވެ. ތިލައިގެ ކަތިމިން ތެޔޮހަނާ އަޅާ ބަލާއިރު 25 އާއި 30 ދަރަޖައާ ދެމެދު ހުންނަ ވަރަށެވެ. ދެން ފަހަރަކަށް ވުރެ ފަހަރެއް މަޑުން އޮއްބަވަމުން ކުރިން ހެއްދެވިގޮތަށް ހައެއްކަ ފަހަރު ގާނުއްވާށެވެ. މިހެން ހެއްދެވުމުން ގިނަ ދުވަހަށް ދެމިހުންނަ މިޔައެއް ވަޅީގައި ލެވޭނެއެވެ. މިއައިގެ ދެފަރާތްވެސް ގާނުއްވަން ހަނދުމަފުޅު ކުރައްވާށެވެ.

ވަޅި ތޫނު ކުރާއިރު، ހަނުގައި މިއަ ޖެހޭ އޭންގްލް ނުވަތަ ޒާވިޔާ މުހިއްމުކަމުން، މިއޭންގްލް ގެނެވާގޮތަށް ހަދާފައި ހުންނަ ހަރު ހުރެއެވެ. މިފަދަ ހަރެއްގައި ހަރުކޮށްގެން ވަޅިއެއް ތޫނުކުރާނަމަ، ތޫނުވަމުންދާނީ ރަނގަޅު އޭންގްލްތަކުގައެވެ. މިފަދަ ހަރެއް، ލަކުޑިންނާއި ހިލަކަރުދާސް ބޭނުންކޮށްގެން ހަދާގޮތް މި ވީޑިއޯގައި ވެއެވެ. ވަޅި ތޫނު ކުރާނޭ އާލަތެއް ކޮންމެ ބަނދިގެއެއްގައި ވެސް އޮންނަންވާނެއެވެ.

ވަޅީގެ ތޫނުކަން ޓެސްޓުކުރަން ބޭނުންފުޅު ނަމަ، ތެދަށް ކަރުދާސް ގަނޑެއް ހިފަހައްޓަވާފައި މަތިން ތިރިއަށް  ވަޅި ދަމާލާށެވެ. ތޫނު ވަޅިއަކުން ކަރުދާސް ގަނޑު ކަފާލެވޭނެއެވެ. ތޫނު ވަޅިއަކީ ނާޒުކު އެއްޗެކެވެ. ދަޅުގެ މަތި ނަންގަވަން ނުވަތަ ހަރު އެއްޗެއްގެ މަތީގައި ތަކެތި ކޮށްޓަވަން އެ ބޭނުން ނުކުރައްވާށެވެ.