inverteracsplash1

މާހައުލުގެ ހޫނުކަން އިތުރުވުމާ ގުޅިގެން، ފޯރުންތެރިކަން ހުރި މީހުން، ރާއްޖެތެރެއާއި މާލޭގެ ކޮޓަރިތައް އެއަރ-ކޮންޑިޝަން ކުރަންފެށިތާ ދުވަސްތަކެއް ވެއްޖެއެވެ. އެންމެ ކޮޓަރިއެއް އެއަރ-ކޮންޑިޝަން ކުރުމުންވެސް ކަރަންޓު ބިލަށް، ޔުނިޓެއްގެ ނިސްބަތުން 700 ވަރަކަށް ރުފިޔާ އިތުރުވާނެ އެވެ. އެހެންކަމުން، ކަރަންޓު ޚަރަދުކުޑަކުރެވޭނެ ހުރިހާ ގޮތްތަކެއް މީހުން ތަޖުރިބާކުރެއެވެ. މި މަޒުމޫނުގައި އަހުރެން ބަޔާން ކުރާނީ،  އިންވާޓަރު އެއަރކޮން(ޑިޝަނަރ) ކިޔާ ބާވަތުގެ އެއަރކޯނާ ބެހޭ ގޮތުން މީހުންގެ ހިތަށް އަރާފާނެ ސުވާލުތަކުގެ ޖަވާބެވެ.   މިހެނީ ބައެއް ވިޔަފާރިވެރިން މި ބާވަތުގެ އެއަރކޯނުން %30 އާއި %50 އާ ހަމައަށް ޚަރަދު ކުޑަވާނެ ކަމަށް ބުނެ އިސްތިހާރު ކުރެއެވެ. މިކަމާ ހެދި،  އެއަރކޯން ހަރުނުކުރަން ތިބި މީހުންގެ ޚިޔާލުވެސް ބަދަލުވެއްޖެ އެވެ. ޚަރަދު ކުޑަވާނެކަމަށް އެ ބުނާ މިންވަރަކީ  ހަމަ ޙަޤީޤަތް ހެއްޔެވެ؟  ނޫނީ، އިންވާޓަރ އެއަރކޯން އަކީ ހަރުފަތެޔޮ ފަދަ އެއްޗެއް ހެއްޔެވެ؟  މި ބަޔާންކުރަނީ، މި މުހިއްމު ސުވާލުތަކުގެ ޖަވާބާއި އެއަރކޯން ޚަރަދު ކުޑަކުރަން ބޭނުންނަމަ، ހައްދަވާނޭ މުޖައްރިބު ގޮތެވެ.

އެއަރ ކޮންޑިޝަން ކުރުމަކީ، ކޮޓަރިއެއްގެ ތެރޭގެ ފިނިހޫނުމިނާއި ވައިގެ ތެތްކަމާއި ވައިގެ ދައުރުވުން ވަކި މިންވަރެއްގައި ހިފެހެއްޓުމެވެ. ފިނި ޤައުމުތަކުގައި އެއަރ-ކޮންޑިޝަން ކުރަނީ ހޫނު ކުރުމަށާއި ވައިގެ ތެތްކަން އިތުރު ކުރުމަށެވެ. ހޫނު ޤައުމުތަކުގައި މީގެ އިދިބޭނުމުގައެވެ. އެއަރ ކޮންޑިޝަން މަސައްކަތް ކުރާ ގޮތް، މީގެ ކުރީގެ މަޒުމޫނެއްގައި ބަޔާން ކޮށްފައި ވާނެއެވެ.  ދެންހާމަކުރާ ބައިތައް ދެނެގަތުމަށް އެ މަޒުމޫނުގައިވާ މަޢުލޫމާތު ދެނެގަތުން ވަރަށް މުހިއްމެވެ. ކުރުގޮތަކަށް ބުނާނަމަ، އެއަރކޯނަކީ ބާވަތެއްގެ ޕަންޕެކެވެ. ފެން ޕަންޕުން، ފެން އެއްތަނުން އަނެއްތަނަށް ފޮނުވައެވެ. އެއަރކޯނުން، ކޮޓަރީގެ ތެރޭގައި ހުންނަ ހޫނު ބޭރަށް ޕަންޕުކުރެއެވެ. މިބާވަތުގެ ޕަންޕަށް ކިޔަނީ ހީޓް (ހޫނު) ޕަންޕެވެ.

އައު އެއަރކޯން އާއި ބައު އެއަރކޯން

”މި ދިޔަ މަހު، އަހުރެންގެ ގޭގައި ހުރި ބައު އެއަރކޯން ހަލާކުވެގެން، އިންވާޓަރު އެއަރކޯން އެއް ހަރުކުރުމުން މި މަހުގެ ބިލް 100 ވަރަކަށް ރުފިޔާ ކުޑަވިއެވެ.“ މިއީ ބައެއް މީހުންގެ ތަޖުރިބާއެވެ. ނަމަވެސް، ޚަރަދު ކުޑަވީ  އެއަރކޯންގެ ބާވަތުން ހެއްޔެވެ؟ ނުވަތަ އެއަރކޯން އައުވީމާ ހެއްޔެވެ؟ މިފަދަ އަޅާ ކިޔުމަކަށް މިއީ ވަރަށްމުހިއްމު ސުވާލެކެވެ. ބައު އާދައިގެ އެއަރކޯން އަކާއި އައު އިންވާޓަރު އެއަރކޯންއެއް އަޅާކިޔޭނެ ހެއްޔެވެ؟

އައު ފިހިގަނޑަކުން ސާފުކޮށް ކުނިކެހޭ ފަދައިން، އައު ސައިކަލެއްގެ އިންޖީނުގެ އަޑު މަޑުވާ ފަދައިން، އައު އެއަރކޯންއެއްގެ ޚަރަދު ކުޑަވާނެއެވެ. އެކަމަކީ އިންވާޓަރާ ގުޅިފައިވާ ކަމެއް ނޫނެވެ. އެއަރކޯންގެ އައުކަމާ ގުޅިފައިވާ ކަމެކެވެ. ޙަޤީޤަތުގައި، އެހެން ގިނަ މެޝިނާ އަޅާބަލާއިރު، އެއަރކޯންއަކީ ގިނަ ދުވަސްވުމުން، އަދި ބެލެހެއްޓުން ނެތްނަމަ، ޚަރަދު ބޮޑުވާނޭ އެއްޗެކެވެ. މިކަން ގުޅިފައިވަނީ ގިނަ ދުވަސްވުމުން އޭނގެ ފިލްޓަރަށް (ވައިފުރޭންޏަށް) ވާގޮތާއި އޭނގެ ހީޓް އެކްސްޗޭންޖަރަށް ވާގޮތާ އެވެ.

ac-repair-3އެއަރކޯންއަކުން ފިނިވަނީ ކޮޓަރީގެ ތެރޭގައި ހުންނަ ވައި، ކޮޓަރީ ތެރޭގައިވާ ޔުނިޓްގެ ފިނިހޮޅިތަކެއްގައި ޖެހި، ވައި ފިނިވެގެންނެވެ. ކޮޓަރީގެ ތެރޭގައިވާ ވައި، މި ހޮޅިތަކުގައި އަބަދު ޖެހޭގޮތަށް ދައުރުކުރުވަން ފަންކާއެއް އެތެރޭ ޔުނިޓްގައި ހުރެއެވެ. ފިނި ހޮޅިތައް ކިލާވެ، ހިރަފުސްބުރާ ހަޑިވެދާނެތީ، ވައިގައި ހުރި ހިރަފުހާއި ކުނިބުނި ފުރާނަން ފިލްޓަރެއް އެތެރޭ ޔުނިޓްގައި ވެއެވެ. މި ފިލްޓަރަކީ ކޮންމެ 14 ދުވަހެއްގެ ތެރޭގައި އެއްފަހަރު، ސާފުކުރަން ޖެހޭ އެއްޗެކެވެ. މި ސާފު ނުކުރާނަމަ، ހޮޅިތަކުގެ ފިނިކަން ވަޔަށް ފަސޭހައިން ނަޤުލު ނުވާތީ، ގިނަ އިރު އެއަރކޯން ޖެހިފައި ހުންނަންޖެހޭނެއެވެ. ވީމާ ކަރަންޓު ޚަރަދު ބޮޑު ވާނެއެވެ. އަދި، ފިނިހޮޅިތައް މާ ބޮޑަށް ފިނިވެގެން ފެންފައިބާ ގޮތް ވެސް މެދުވެރިވާނެ އެވެ. ސާފުނުކުރުމުގެ ސަބަބުން ފިނިހޮޅިތަކުގައި ކިލާހިފައިފި ނަމަ، ކަރަންޓު ޚަރަދު ސަފުން ބޮޑުވާނެ އެވެ. އަދި މިކަން ދެން ރަނގަޅުކުރެވޭކަށް ނޯވެއެވެ. އެއީ ޕްރެޝަރުގައި ފެންފޮނުވައިގެން މި ހޮޅިތައް ދޮވުމަކީ ފަސޭހަކަމަކަށް ނުވާތީއެވެ.

cleaning very dirty air conditioner filter

air_conditioner_part_634591365481419157_1ހީޓް އެކްސްޗޭންޖަރަކީ، ހޫނު ނުވަތަ ފިނިވައި، ޖައްވަށް ބޭރުކުރުމަށް ލޯ ހޮޅިތަކަކަށް އެލުމިނިއަމް ތުނި ފަތްތަކެއް ނުވަތަ ފޮތިތަކެއް އަމުނައިގެން ހަދާފައި ހުންނަ އެއްޗެކެވެ. ހޮޅީގެ ފިނިކަން ނުވަތަ ހޫނުކަން މި ފޮތިތަކަށް ދިއުމުން ފަސޭހައިން ޖައްވަށް ދެއެވެ. އެއީ ފޮތިތައް ވައިގައިޖެހިފައި ހުންނަ އޭރިއާ ބޮޑުކަމުން ހޮޅީގެ ފިނިކަން ނުވަތަ ހޫނުކަން ވަޔަށް ފަސޭހައިން ދަތުރުކުަރަނީ އެވެ. ހޫނު ސައިޖޯޑެއް ވަތު ތައްޓަކަށް އެޅުމުން ވާގޮތަށެވެ. މިއެއްޗަށް އެކްސްޗޭންޖަރ ކިޔާ ސަބަބަކީ، މާޙައުލުގެ ހޫނާއި ހޮޅިތަކުގައި ހުންނަ ފިނިކަމާ ”މާރު“ ނުވަތަ ބަދަލު ކުރެވޭތީއެވެ. އެއަރކޯންގެ ބޭރުގައި ހުންނަ އެތީގައި (ޔުނިޓުގައި)  ވެސް މިފަދަ ބައެއް ހުރެއެވެ. ބޭރުގައި ހުންނަ ބައިގެ ހޮޅިތައް ހޫނުވާނެއެވެ. ވައި ފޮނުވައިގެން އެ ފިނިކުރަނީއެވެ. މިހެން ހެދުމުން ހޮޅީގެ ހޫނުކަން ޖައްވަށް ދެއެވެ.

Air-Cooled-Heat-Exchanger1އެލްމިނިއަމް ފޮތިތައް ތުނިކަމާއި، އޭގެ ޠަބީއަތުގެ ސަބަބުން، އެ އަމިއްލައަށް ހަލާކުވެއެވެ. ޚާއްޞަކޮށް، ލޮނު ހުންނަ ވަޔާއި، ހިރަފުސް ނުވަތަ ކިލާ ޖެހުމުން މި ފޮތިތައް ފޫގޮސް، ގިރެއެވެ. މިހެންވުމުން، އައު އިރު ހޫނުކަން ނުވަަތަ ފިނިކަން ވަޔަށް ދިޔަހާފަސޭހަކަމާއެކު، ދެނެއްނުދެއެވެ. ގިނަ އިރު، ފަންކާ ބާރަށް ޖަހައިގެން ނޫނީ މިކަމެއް ނުވެއެވެ. ހޮޅިއަށް އަމުނާފައި ހުންނަ ފޮތިތައް ހުންނަނީ ވަރަށް ގާތްގާތްގައެވެ. އެހެންކަމުން، ފަންކާގެ ވައިން މި ފޮތިތަކުގައި އެއްޗިހި ތަތްލާ ވައިދަތުރުކުރުން ހިފެހެއްޓޭގޮތް ވުމަކީ، ކަރަންޓު ޚަރަދު ބޮޑުވާ ކަމެކެވެ. ގިނައިރު ޖައްސައިގެން ނޫނީ ހޮޅިތަކެއް ފިންޏެއް ނުކުރެވެއެވެ. ބޭރުގައި ހުންނަ ޔުނިޓްގެ އެކްސްޗޭންޖަރު ސާފުކޮށް ބަލަހައްޓަނީ ވަރަށް މަދުންނެވެ.

މި ދަންނަވާލެވުނީ މައިގަނޑު ގޮތެއްގައި، ދުވަސްވުމުން، އެއަރކޯންގެ ޚަރަދު ބޮޑުވާ ސަބަބެވެ. އައު އިރު ވައި ދަތުރުކުރާހާ ފަސޭހައިން ހިންގާތާ ގިނަ ދުވަސްވުމުން، އެތެރޭ ހޮޅިތަކުން ކޮޓަރީގެ ވަޔަށް ފިނިކަމެއް ނުފޯރުވެ އެވެ. އަދި ބޭރުގައި ހުންނަ ޔުނިޓުން ހޮޅިތަކެއް ފިންޏެއް ނުވެއެވެ. ދެން އަޅުގަނޑު ދަންނަވާލާނީ އިންވާޓަރު އެއަރކޯން ގެ ޚުލާޞާއެކެވެ.

އިންވާޓަރ އެއަރކޯން އާއި އާދައިގެ އެއަރކޯންގެ ޙަޤީޤީ ތަފާތު

ކުރިން ދެންނެވިހެން، އެއަރކޯން އަކީ ފެނުގެ ބަދަލުގައި ހޫނު، އެއްތަނުން އަނެއް ތަނަށް ޕަންޕުކުރާ މެޝިނެކެވެ. ”ހޫނު“ ޕަންޕެއްގެ ގޮތުގައި މެޝިނު މަސައްކަތް ކުރަނީ ކޮޓަރީ ތެރޭގައި ހުންނަ ހޫނު، ގޭހަކަށް ދަމައިގަނެގެން ގެންގޮސް، ބޭރު ޖައްވަށް ދޫކޮށްގެންނެވެ. ހޫނު ދަމައިގަންނަނީ އެއަރކޯން ގެ ތެރޭގައި ދައުރުވާ ގޭހަކަށެވެ. މި ދައުރުވުން ދެމެހެއްޓެމަށް ބޭރު ޔުނިޓްގައި ކޮމްޕްރެސަރެއް ނުވަތަ ގޭސް ފިއްތާ ޕަންޕެއް ވެއެވެ. މި ޕަންޕު ހިންގަނީ މޯޓަރަކުންނެވެ. އިންވާޓަރ އެއަރކޯން އާއި އާދައިގެ އެއަރކޯން އާ ހުންނަ ތަފާތު ވަނީ ކޮމްޕްރެސަރު ހިންގާ މޯޓަރުގަ އެވެ. ބައެއް އެއަރކޯން ތަކުގެ ބޭރު ޔުނިޓްގައިވާ ފަންކާ ހިންގަނީ ވެސް ކޮމްޕްރެސަރު ހިންގާ ފަދަ މޯޓަރަކުންނެވެ. މިފަދަ މޯޓަރުގެ އާދަޔާ ޚިލާފު ކަމަކީ، މޯޓަރު ބޭނުން ސްޕީޑަކަށް އެނބުރޭގޮތް ހެދޭ ކަމެވެ. އާދައިގެ އެއަރކޯންގެ މޯޓަރު އެނބުރޭނީ އެއް ސްޕީޑެއްގައެވެ. ސްޕީޑް ބަދަލެއް ނުކުރެވޭނެއެވެ. މިކަމުގެ އާދަޔާ ޚިލާފު މަންފާއަކީ ކޮބައިތޯއެވެ؟

މޯޓަރު ބޭނުން ސްޕީޑެއްގައި އެނބުރޭ ގޮތް ހެދުން

އެއަރކޯންގެ އެންމެ ކަރަންޓު ބޭނުންކުރާ އެއްޗަކީ އޭގެ ކޮމްޕްރެސަރު މޯޓަރެވެ. އާދައިގެ ކޮޓަރިއެއް ފިނިކުރަން ހަރުކުރާ އެއަރކޯނެއްގެ މޯޓަރުގައި 800 ވޮޓް ހުންނާނެއެވެ. މިއީ އިސްތިރިއަކަށް ނަގާހާ ކަރަންޓެވެ. މިހާ ބާރުގަދަ މޯޓަރެއްގެ ސްޕީޑް، ބޭނުންވަރަކަށް ބަދަލުކުރުމަކީ ދަތިކަމެކެވެ.

ދެބާވަތެއްގެ ކަރަންޓު މޯޓަރު ހުރެއެވެ. އެއްބާވަތަކީ، ބުރުމާ ގައި ހުންނަ ބާވަތެވެ. އަނެއް ބާވަތަކީ ފެން މޯޓަރުގައި ހުންނަ ބާވަތެވެ. ބުރުމާގައި ހުންނަބާވަތުގެ މޯޓަރުގެ ސްޕީޑް ފަސޭހައިން ބަދަލުކުރެވެއެވެ. ނަމަވެސް، މިބާވަތުގެ މޯޓަރެއް އެއަރކޯންއަކަށް ކަމަކު ނުދެއެވެ. އެއީ މި ބާވަތުގެ މޯޓަރު ގިނައިރު ހިންގުމުން ހަލާކުވުން އަވަސްކަމުންނާއި، އެއަރކޯންގައި ހުންނަގޭހާ ނުގުޅޭތީއެވެ.

މޯޓަރުގެ ސްޕީޑް ބަދަލުކުރުން

ފެންޕަންޕެއްގައި ހުންނަ ބާވަތުގެ މޯޓަރު، އެ އެނބުރޭ ބާރުމިން، ނުވަތަ ސްޕީޑް އެކި ވަރުވަރަކަށް ފަސޭހައިން ބަދަލެއް ނުކުރެވެއެވެ. އެއީ އޭގެ ސްޕީޑް ގުޅިފައިވަނީ ކަރަންޓު ސަޕްލައިން ގެއަށް އަންނަ އޭސީ ކަރަންޓާއެވެ. އޭސީ ކަރަންޓަކީ، ބެޓެރިބުރިއަކުން ނަގާ ޑީސީ ކަރަންޓާ ތަފާތު އެއްޗެކެވެ. ޑީސީ ކަރަންޓަކީ އެއްވަރެއްގައި، އެއް ކޮޅަށް ދަތުރުކުރާ އެއްޗެކެވެ. ނަމަވެސް އޭސީ ކަރަންޓަކީ ދެކޮޅަށް ދުވާ ކަރަންޓެކެވެ. ރާއްޖޭގައި ހުންނަ އޭސީ ކަރަންޓު، ސިކުންތަކު 50 ފަހަރު އެ ދަތުރުކުރާ މިސްރާބު ނުވަތަ ކޮޅު ބަދަލު ކުރެއެވެ. މިގޮތަށް ކޮޅު ބަދަލުވާ އަވަސްމިނަށް ކިޔަނީ ފްރީކްއެންސީ އެވެ. ޕަންޕެއްގެ މޯޓަރުގެ ސްޕީޑް ބަދަލުކުރަންޏާ ޖެހޭނީ އެއަށް ދީފައި ހުންނަ ކަރަންޓްގެ ފްރީކްއެންސީ ބަދަލުކުރާށެވެ.

ކޮންވާޓް ކުރުމާއި އިންވާޓް  ކުރުން

އޭސީ ކަރަންޓު، ޑީސީ އަށް ބަދަލު ކުރެވެއެވެ. އަދި ޑީސީ ކަރަންޓު އޭސީ އަށް ބަދަލުކުރެވެއެވެ. ނަމަވެސް މިކަން ކުރުމުން އެކަން ކުރާ އެއްޗަށް ކޮންމެވެސް މިންވަރެއްގެ ކަރަންޓެއް ނަގައެވެ. ބޮޑު ކަރަންޓެއް ބަދަލުކުރާނަމަ، ބަދަލުކުރާ އެއްޗަށް (ސާކިޓަށް) ބޮޑު ކަރަންޓެއް ”ޚަރަދު“ ވެއެވެ.

މޮބައިލް ފޯނު ޗާޖަރަކީ އޭސީ ކަރަންޓު ޑީސީ ކަރަންޓަށް ބަދަލުކުރާ އެއްޗެކެވެ. މިގޮތަށް އޭސީ، ޑީސީ އަށް ބަދަލުކުރާ އެއްޗިއްސަށް ކިޔަނީ ކޮންވާރޓަރެވެ. ”ކޮންވާރޓް“ ގެ މާނައަކީ އެއްޗެއްގެ ސިފަ ނުވަތަ ބާވަތް ބަދަލުކުރުމެވެ.  ކުރީ ޒަމާނުގައި އޭސީ، ޑީސީ އަށް ބަދަލުކުރާ އެއްޗިއްސަށް ކީ ނަމަކީ ވެސް ”ކޮންވާޓަރެވެ.“ މިބާވަތުގެ އެއްޗިއްސަށް އެޑެޕްޓަރުކީ ތަންކޮޅެއް ފަހުންނެވެ. ހުރިހާ ބާވަތެއްގެ ޗާޖަރަކީ ކޮންވާޓަރެވެ.

ޑީސީ، އޭސީ އަށް ބަދަލުކުރުމަށް ކިޔަނީ އިންވާޓް ކުރުމެވެ. އިންވާޓްގެ މާނައަކީ ކޮޅު ބަދަލުކުރުމެވެ. މިކަން ކުރާ އެއްޗިއްސަށް ކިޔާ ނަމަކީ އިންވާޓަރެވެ. ބައެއް ދިވެހީންނަށް އިންވާޓަރު ފެނިފައި ހުންނާނެއެވެ. ދޯނި ފަހަރުގައި ބެޓެރީއަކުން ހޮޅިބުރި ދިއްލަން ބޭނުންކުރަނީ އިންވާޓަރެވެ. ކަރަންޓު ކެނޑުމުން، ކޮމްޕިއުޓަރުތަކަށް ކަރަންޓު އަންނަގޮތް ހަދަން އެ ހުންނަ ”ޔޫޕީއެސް“ އަކީ އިންވާޓަރަކާއި ބެޓެރީއެކެވެ. ސޯލާ ޕެނަލްތަކުން އުފައްދާ ޑީސީ، ގޭގައި ބޭނުންކުރެވޭ ގޮތް ހަދަނީ އިންވާޓަރަކުންނެވެ.

inverter-converter

އެއަރކޯން ގެ މައި މޯޓަރުގެ ސްޕީޑް އެކި ވަރުވަރަށް ޖައްސާގޮތް

އެއަރކޯންގެ މައި މޯޓަރުގެ ސްޕީޑް އެކިމިންވަރަށް ޖައްސަން ހަދާގޮތަކީ، އެއަރކޯން އަށް ދޭ ކަރަންޓު އެންމެ ފުރަތަމަ، ޑީސީ އަށް ބަދަލުކުރަނީއެވެ. ދެން އެއަށް ފަހު، އަނެއްކާ އޭސީ އަށް ބަދަލުކުރަނީއެވެ. ނަމަވެސް، މިފަހަރު މި ބަދަލުކުރަނީ ފްރީކުއެންސީ ބަދަލުކުރެވޭ ގޮތަށެވެ. ގެއަށް އަންނަ ކަރަންޓްގެ ފްރީކުއެންސީއަކީ ބަދަލުނުވާ އެއްޗެކެވެ. ކުރިން ދެންނެވިފަދައިން ސިކުންތަކު 50 ފަހަރު ސަޕްލައި ކަރަންޓުގެ ކޮޅު ބަދަލުވެއެވެ. މި ބަދަލު ނުކުރެވެނީ ކަރަންޓު އުފައްދާ އިންޖީނު އެނބުރެނީ އެއްވަރެއްގައި ކަމުންނެވެ. ނަމަވެސް، މިފަހަރު، ޑީސީ އިން އޭސީ އުފައްދާއިރު، މިކަން ކުރަނީ އެކި ފްރީކުއެންސީއަށް އޭސީ ބަދަލުވާ ގޮތަށެވެ. ފްރީކުއެންސީ ބަދަލު ކުރެވޭތީ، މައި މޯޓަރު ގެ ސްޕީޑް މިގޮތުން ބަދަލުކުރެވެއެވެ. ތިރީގައި އެވަނީ މިކަން ކުރާގޮތުގެ ގޮޅި ކުރެހުމެވެ. މި ކުރެހުން ”ކިޔަން“ އެނގޭނީ ކޮންމެވެސް މިންވަރަކަށް މި ދާއިރާއަށް ފާގަތިވީ މައެވެ.

air2222

ސްޕީޑް ބަދަލުކުރެވޭ ކޮމްޕްރެސަރ މޯޓަރެއްގެ ފައިދާ

ކޮންޕްރެސަރ މޯޓަރުގެ ސްޕީޑް ބަދަލުކުރެވޭ ގޮތް ހެދުމަކީ އިތުރު ޚަރަދެކެވެ. އެކަން ކުރުމަށް އެތައް ސާމާނެއް އިތުރަށް ބޭނުން ކުރެއެވެ. އެއްޗެއްގައި ބައިތައް ގިނަވުމުން އެ އެއްޗެއް ހަލާކުވުމުގެ ފުރުޞަތު ބޮޑުވެއެވެ. އޭސީ، ޑީސީއަށް ބަދަލުކުރުމަށް ކަރަންޓް އިތުރަށް ބޭނުންވެއެވެ. ޑީސީ އަނެއްކާ އޭސީއަށް ބަދަލުކުރުމަށް އިތުރު ކަރަންޓު ދެއެވެ.  އެހެންކަމުން، މިކަން ކުރަނީ ކީއްވެގެންތޯއެވެ؟ މިކަމުގައި އެއްވެސް މަންފާއެއްވޭތޯ އެވެ؟

އިންވާޓަރ އެއަރކޯން އުފައްދާމީހުން މި ސުވާލަށްދެނީ ތިން ޒުވާބެކެވެ.

ފުރަތަމަ މަންފާއެއްކަމަށް އެމީހުން ބުނަނީ، އާދައިގެ އެއަރކޯން މޯޓަރެއް ޖެހޭ ވަގުތު، އެއަށް ނަގާ ކަރަންޓު މަތިކަމުން، މުޅިގޭގެ ދިއްލުންތައް ފިޔަޖަހާނެއެވެ. އިންވާޓަރ އެއަރކޯންއެއް ޖެހޭނީ ވަރަށް މަޑުންނެވެ. ދެން 10 ވަރަކަށް ސިކުންތު ތެރޭގައި ސްޕީޑް މަތިކުރަމުން ގޮސް ފުރިހަމަ ބާރުމިނުގައި ހިނގައިގަންނާނެއެވެ. އެހެންކަމުން ކުއްލިއަކަށް މޯޓަރު ޖެހުމުންދާ ބޮޑު ކަރަންޓެއް ނުދާނެކަމަށެވެ.

ދެވަނަ މަންފާއެއް ކަމަށް އުފައްދާ މީހުން ބުނަނީ އަވަހަށް ކޮޓަރިތެރެ ފިނިވާނެ ކަމަށެވެ. އެކަމަކު، މިހެންވާނީ ކޮޓަރިއަށް ބޭނުންވާ ވަރަށް  ވުރެ ބޮޑު އެއަރކޯން އެއް ހަރުކޮށްފައި ހުންނަނަމައެވެ. ކޮޓަރި ފިނިވާން އާދައިގެ އެއަރކޯން އަކުން 15 މިނެއްޓު ނަގާނަމަ، އިންވާޓަރު އެއަރކޯން އަކުން ނަގާނީ 10 މިނެއްޓެވެ. މިއީ ހަމައެކަނި ފުރަތަމަ ޖައްސާއިރު އެވެ.

ތިންވަނަ މަންފާއެއް ކަމަށް އެއަރކޯން އުފައްދާމީހުން ބުނަނީ، އިންވާރޓަރު އެއަރކޯން އަކުން، ވަކި މިނެއްގައި ފިނިކަން މާ ބަރާބަރަށް ހިފަހައްޓާނެއެވެ. އެހެން، އެމީހުން ބުނާ ސަބަބަކީ، އާދައިގެ އެއަރކޯން އެއް ވިއްޔާ، ކޮޓަރީގެ ހޫނުކަން މަތިވުމުން، އެއަރކޯންގެ މޯޓަރު ޖެހޭނީ އެ ޖެހޭ އެންމެ ބާރު މިނުގައެވެ. ދެން ފިނިކަން ހުންނަންވީ ވަރަށް ތިރިވުމުން ކެނޑޭނެއެވެ. މިގޮތަށް މޯޓަރު، ޖެހިފައި، ހުއްޓިފައި އަނެއްކާ ހޫނުވުމުން ޖެހިފައި މިގޮތަށް ފިނިކަން ހިފަހައްޓައެވެ. މިގޮތަށް ކޮޓަރީގެ ފިނިހޫނުމިން ބަދަލުވާތީ، އުނދަގޫވާނެ ކަމަށް އެމީހުން ބުނެއެވެ.

އިންވާޓަރު އެއަރކޯން އެއް ނަމަ، އެ ހުންނާނީ މަޑުމަޑުން ލަސް ސްޕީޑެއްގައި ހިނގާލަ ހިނގާލައެވެ. އެއީ ކޮޓަރި ފިނިހޫނުމިން އެއްވަރެއްގައި ބެހެއްޓުމަށެވެ. މިގޮތުން ކަރަންޓު މަދުންދާކަމަށް އެމީހުން ބުނެއެވެ. އެއީ ވަކިވަރަކަށް ފިނިހޫނުމިން މަތިވުމުން، ޖެހޭއިރު މާ ކަރަންޓު ގިނައިން ބޭނުންވާތީއެވެ.

inverter_vs_non-inverter-1382765438597އިންވާޓަރ އެއަރކޯން އެއްގެ ހަތަރުވަނަ މަންފާއަކީ އޭގެ އަޑުމަޑު ކަމެވެ. އެ ހުންނާނީ މަޑު ސްޕީޑެއްގައި އަބަދު ހިނގަހިނގައެވެ. ސްޕީޑް މަޑުކަމުން، އަޑުމަޑުވާނެ އެވެ.

ރަނގަޅީ އިންވާރޓަރ އެއަރކޯން ހެއްޔެވެ؟

އެއަރކޯން އުފައްދާ މީހުންނާއި އެ މަރާމާތުކޮށް ބަލަހައްޓާ މީހުންގެ ޚިޔާލު، އިންވާޓަރު އެއަރކޯންއާ މެދު ތަފާތެވެ. އެންމެ ފުރަތަމަ، އަވަހަށް ފިނިވުމާ ބެހޭގޮތުން ބުނަން ޖެހޭނީ އެކަން އެގޮތަށް ވާނީ ބަހައްޓާ އެއަރކޯންގެ ބޮޑުމިނުގެ ސަބަބުންނެވެ. ކޮޓަރިއެއްގައި 12000 ބީޓީޔޫ ގެ ދެ ބާވަތުގެ އެއަރކޯން އެއް ބަހައްޓައިފިނަމަ، ދޭތިވެސް އެންމެ ބާރުގަދަކޮށް ހިނގާއިރު ހިނގާނީ އެއްވަރަކަށް ނޫންބާވައެވެ. މީގެ އިތުރަށް މަދުވެގެން 8 ގަޑިއިރު ފިނިކޮށްފައި ހުންނަ ކޮޓަރިއެއް، 10 މިނެއްޓު ތެރޭ ފިނިވުމާއި 15 މިނެއްޓު ތެރޭ ފިނިވުމާ ދެމެދު، މާ ބޮޑު ތަފާތެއް އެބަވޭ ހެއްޔެވެ؟

އެއަރކޯން ހިނގައިގަންނައިރު، މަޑުމަޑުން ގޮސް 10 ވަރަކަށް ސިކުންތު ތެރޭ ބާރުވުމުން ކިހާ ކަރަންޓެއް ސަލާމަތް ކުރެވޭނެ ހެއްޔެވެ؟ މިއޮތީ މި ހިސާބު މީހަކު ކޮށްފައެވެ. މަޑުމަޑުން ގޮސް ބާރުވުމުން (ސޮފްޓު-ސްޓާޓު ކުރުމުން) މަސްދުވަހުގެ ތެރޭގައި އެންމެ ޔުނިޓެއްވެސް ޚަޒާނާއެއް ނުކުރެވެއެވެ.

އިންވާޓަރު އެއަރކޯން އަކުން ކަރަންޓު ޚަރަދު ކުޑަވާނެކަމަށް އެމީހުން ބުނަނީ މަދުވެގެން 8 ގަޑިއިރު ނުކެނޑި ޖައްސާފައި ހުންނަ ނަމައެވެ. ނަމަވެސް، ނިވާނުލާ އެއަރކޯން 8 ގަޑިއިރު ޖައްސާފައި ހުންނަނީ ކިތައް ތަނުގައިތޯއެވެ؟ ގައިމުވެސް ސަރުކާރުގެ އޮފީސްތައް 8 ޖަހާއިރު ހުޅުވާފައި 2 ޖަހާއިރު ލައްޕާނަމަ، 8 ގަޑިއެއް ނުވެއެވެ. ނަމަވެސް، ސަރުކާރުގެ އޮފީސްތަކަށް ގަންނަން ޖެހޭނީ އިންވާޓަރ އެއަރކޯން ކަމަށް ކަމާބެހޭ ފަރާތްތަކުން އަންގާފައި ވެއެވެ.

އިންވާޓަރ އެއަރކޯންގެ އަޑު މަޑުވާނެއެވެ. ޚާއްޞަކޮށް ބޭރުގައި ހުންނަ ޔުނިޓްގައެވެ. ފުރަތަމަ ޖެއްސުމަށް ފަހު، ކޮޓަރި ފިނިވުމުން ދެން އެ ބާރުމިނަކު އެއެއް ނުހިނގާނެއެވެ. ނަމަވެސް އަބަދުވެސް އެ ހުންނާނީ ހިނގަހިނގައެވެ.

އިންވާޓަރ އެއަރކޯން އެއް ބެހެއްޓުމުން ކަރަންޓު ޚަރަދު ކުޑަވާނީ އެ ޖައްސާފައި ނުނިންވާ ގިނަ އިރު ބަހައްޓަން ޖެހޭ ހާލަތްތަކުގައެވެ. މިސާލަކަށް ފިހާރަތަކުގައެވެ. އޭސީ، ޑީސީއަށް ހެދުމުން، އަދި ފަހުން ޑީސީ އޭސީއަށް ހެދުމުން، ކަރަންޓު ކޮންމެވެސް މިންވަރަކަށް އިސްރާފު ވެއެވެ. ބައެއް ލިޔުންތަކުގައި ބުނާގޮތުން، މި ބަދަލުތަކަށް %10 ކަރަންޓު ގެއްލެއެވެ. މިކަން ކިރިޔާ ވެސް، ކުޑަވަނީ މިހާރަކަށް އައިސް ހުންނަ މޯޓަރުގައި، ދާއިމީ ދަގަތްފާނުތަކެއް ލާފައި ހުންނާތީ، އެބާވަތުގެ މޯޓަރު، ކުރީގެ މޯޓަރުތަކަށް ވުރެ ރަނގަޅުވުމުންނާއި މިޒަމާނުގައި ބޭނުންކުރާ ކޮމްޕްރެސަރު ރަނގަޅުކަމުންނެވެ. ބައެއް މީހުން ބުނަނީ އިންވާރޓަރ އެއަރކޯންގެ ޙަޤީޤީ މަންފާއަކީ އޭގެ މޯޓަރުގެ މޮޅުކަމެވެ. މިބާވަތުގެ މޯޓަރު ހިންގޭނީ އިންވާރޓަރުންނެވެ.

އިންވާޓަރ އެއަރކޯން ގެ މައްސަލަތައް

އިންވާޓަރ އެއަރކޯންގެ ފުރަތަމަ މައްސަލައަކީ، އޭގެ އަގު ބޮޑުކަމެވެ. ނަމަވެސް، މިހާރު އަގުތަށް ގާތްގަޑަކަށް އެއްވަރުވަނީއެވެ. 12000 ބީޓީޔޫ ގެ އިންވާޓަރ އެއަރކޯން އެއްގެ އަގު، އާދައިގެ އެއަރކޯން އަކާ އަޅާ ބޮޑީ އެންމެ %6 އެވެ. ބައެއް ފިހާރަތަކުން ވޭތިވެދިޔަ ދެތިން އަހަރު އެއަރކޯން ވިކޭ ނިސްބަތް %30 ބޮޑުވިއިރު، އިންވާޓަރ އެއަރކޯން ވިކޭ މިންވަރު %50 އަށް ބޮޑުވެއްޖެ އެވެ.

އިންވާޓަރ އެއަރކޯންއެއް އަވަހަށް ހަލާކުވާނެއެވެ. އެއީ އޭގެ ސާމާނުތައް ގިނަކަމުންނެވެ. މިއާއެކު، އޭގައިވާ އިލެކްޓްރޮނިކް ކޮންޓްރޯލް ބޯޑަކީ، ލޮނުވަޔާ ގުޅޭ އެއްޗެއް ނޫނެވެ. މިބައި ހަރުކޮށްފައި ހުންނާނީ ބޭރު ޔުނިޓް ގައެވެ. ހަލާކުވުމުން،  މަރާމާތު ކުރުމުގެ އަގުބޮޑުވާނެ އެވެ. މި ވީޑިއޯގައި، މި މަސައްކަތުގައި އުޅޭ ޓެކްނީޝިއަނެއް ބުނެއެވެ. ކުޑަދޮރުގައި ހަރުކުރާ ބައެއް ވިންޑޯ އެއަރކޯން 30 އަހަރުވަންދެން ހިނގައެވެ (މި ބާވަތުގެ އަޑުގަދަކަމުން، މީހުން އެވައްތަރަށް ކުޑަދޮރު ބޮލިރަވަ އޭ ކިޔައެވެ). އެތެރޭ ޔުނިޓާއި ބޭރު ޔުނިޓް ހުންނަ ވައްތަރު، 10 ވަރަކަށް އަހަރު ހިނގައެވެ. އިންވާޓަރ ވައްތަރު ހިނގާނީ އެއަށް ވުރެ މަދު އަހަރުއެވެ. އޭނާ ވީޑިއޯގެ ނިންމަމުންދޭ އިރުޝާދަށް ސަމާލުކަން ދެއްޗެވެ.

އެއަރކޯންގެ ޚަރަދު ކުޑަވާނޭ މުޖައްރިބުގޮތް ތައް

ބަހައްޓާ އެއަރކޯން ސައިޒުކުރަން ޖެހޭނީ، އާދައިގެ އެއަރކޯން އެއް ނަމަ، ގަޑިއަކު ގިނަވެގެން 30 މިނެއްޓު ހިނގާގޮތަށެވެ. އެންމެ ޚަރަދުކުޑަވާނީ 20 މިނެއްޓު ހިނގާނަމައެވެ. ޖެހޭ ކޮންމެ ފަހަރަކު މަދުވެގެން 5 މިނެއްޓު ހުއްޓުމެއް ނެތި ހިނގަންޖެހޭނެ އެވެ. އެހެންކަމުން، ކޮޓަރީގައި ބަހައްޓާނޭ އެއަރކޯންގެ ސައިޒަކީ ވަރަށް މުހިއްމު އެއްޗެކެވެ. މިކަން ހިސާބުކުރުމަކީ ފަސޭހަކަމެއް ނޫނެވެ. ގިނަ މީހުން ހިތުލަފަޔަށް 12 ފޫޓު 12 ފޫޓު ކޮޓަރިއެއް ނަމަ، 12000 ބީޓީޔޫ ގެ އެއްޗެއް ބަހައްޓާށޭ ބުނަނީއެވެ. އަނެއް ބައި މީހުން، އިންޓަރނެޓުން ލިބެން ހުންނަ ކެލްކިޔުލޭޓަރު ބޭނުންކޮށްގެން ހިސާބުކުރަނީއެވެ. މިދެގޮތަކީ ވެސް ރަނގަޅު މިންވަރު ހިސާބުކުރެވޭނޭ ގޮތެއް ނޫނެވެ. މިކަމަށް އެތައް ކަމެއް ވިސްނަން ޖެހެއެވެ. އެތައް ތަޖުރިބާއެއް ބޭނުން ވެއެވެ. ރަނގަޅު މިންވަރަށް ވުރެ އެއަރކޯން ބޮޑަސް، ކުޑަޔަސް ކަރަންޓު ޚަރަދު ބޮޑުވާނެއެވެ.

ޚަރަދުކުޑަކޮށް އެއަރކޯން ކުރަން ވިސްނަން ޖެހޭނީ ކޮޓަރި ހެދުމުގެ ކުރިންނެވެ. ކުޑަދޮރުން ހޫނު އެތެރެއަށް ވަންނާތީ ކުޑަދޮރު، ތަޅުމުގެ އޭރިޔާގެ %25 އަށް ވުރެ ބޮޑުވެގެން ނުވާނެއެވެ. އެންމެ ރަނގަޅުވާނީ ފާރުތައް ރާނާ، ފާރުތަކާއި ސީލިންގ ގައި ފުޅިމަދު ނުވަތަ ރޮކްވޫލް ޖަހައި،  ހޫނު ވަނުން ކުޑަކުރެވޭ ގޮތް ހަދާ ނަމައެވެ. ކުޑަދޮރުތަކުގައި ދެފަށް ބިއްލޫރި ޖެހުމަކީ، އެއް އަހަރު ދުވަހުގެ ތެރޭގައި، އެކަމަށްދާ ޚަރަދު، އެއަރކޯންގެ ކަރަންޓު ޚަރަދު ކުޑަކަމުން ފައިދާވާނޭ ކަމެކެވެ. ކޮޓަރީގައި ވައި ބޭރުވާނޭ ހުރިހާ ތަނެއް ބަންދުކުރަން ޖެހޭނެއެވެ. ނަމަވެސް، ސާފު ތާޒާ ވައި ދިރިއުޅުމަށް ބޭނުންވާތީ، ބޭނުން ވެއްޖެނަމަ، ކޮޓަރިއަށް ސާފުވައި ވެއްދޭނޭ ގޮތެއް ހަމަ ޖައްސަން ޖެހޭނެއެވެ. މި  ވާހަކަ ދައްކަނީ ތަޖުރިބާއާ އެކުއެވެ. މިކަންކަމަށް ރިއާޔަތްކޮށް ބިނާކޮށްފައިވާ  ޢިމާރާތެއް އައްޑޫ ކެމްޕަހުގައި ހުންނާނެއެވެ. ޢިމާރާތްކުރާއިރު ވިސްނަންވީ އެއްފަހަރު ކުރާ ކެޕިޓަލް ޚަރަދު ބޮޑުވިއަސް، ދާއިމަށް ކުރަންޖެހޭ ރިކަރަންޓު ޚަރަދު ކުޑަކުރެވޭތޯއެވެ.

އައުޓްޑޯ ނުވަތަ ބޭރު ޔުނިޓް ހަރުކުރަންވާނީ ހިޔަލުގައެވެ. މިކަން ކުރުމަށް ހޮޅިތައްދިގުވިޔަސް އެންމެ ރަނގަޅެވެ.

އެއަރކޯން ކުރަން ހަދާ ކޮޓަރިއެއް ނަމަވެސް، ފަންކާ ހަރުކުރަން ޖެހޭނެއެވެ. އެއީ އެއަރކޯން 27 އަށް ޖައްސާފައި، ފަންކާ އެންމެ މަޑުން ހިންގިއަސް، މީހާއަށް އިޙްސާސްވާނީ، 24 ޑިގްރީ ވަރަށް ފިނިވާ ކަމަށެވެ. މިހެންހެދުމުން، ފަންކާ ހިންގަންދާ ޚަރަދު ހިމެނިކަމުގައި ވިޔަސް،  އެއަރކޯން ހިންގަންދާ ޚަރަދު ވަރަށް ބޮޑުތަން ކުޑަވާނެއެވެ.

ނިންމާލުން

އިންވާޓަރ އެއަރކޯން އެއް، ކުރިން ހުރި ބާ އެއަރކޯން އެއް ނަގާ ބެހެއްޓުމުން ޚަރަދު ކުޑަވަނީ މުޅިން އެހެން ކަމަކާ ހެދިއެވެ. އެއީ އާ ފިހިގަނޑަކުން ސާފުކޮށް ކުނިކެހޭތީ، އާ ވަޅިއެއް ތޫނުވާތީ،  ވާކަމެކެވެ. ފިލްޓަރުތަކާއި ހީޓް އެކްސްޗޭންޖަރުގެ ފޮތިތައް ސާފުނުކުރާނަމަ، ދާދި އަވަހަށް އެއަރކޯން ހިންގުމުގެ ޚަރަދު ބޮޑުވާނެއެވެ. ކޮންމެ ބާވަތެއްގެ އެއަރކޯން އެއް ވިއަސް މެއެވެ.

inverterfridgeއިންވާޓަރ އެއަރކޯން، އާދައިގެ އެއަރކޯންއަށް ވުރެ ޚަރަދު ކުޑަވާނީ ގިނަ އިރު ޖައްސާފައި ހުންނަ ނަމައެވެ. އެއީ ހުއްޓުމެއް ނެތި މަދުވެގެން އަށެއްކަ ގަޑިއިރު އެ ހިންގާނަމަ އެވެ. މަރާމާތާއި ޢުމުރަށް ބަލައި، މި ނޫން ޙާލަތްތަކުގައި ރަނގަޅުވާނީ އާދައިގެ އެއަރކޯން އެވެ. އެއަރކޯންގެ ބާވަތަށް ވުރެ، އެ ރަނގަޅަށް ބެލެހެއްޓުމާއި ކޮޓަރިއަށް ހޫނު ވަނުން މަދުކުރުމުން، މާބޮޑުތަން ޚަރަދު ކުޑަކުރެވޭނެއެވެ. ރަނގަޅަށް ނުބެެލެހެއްޓޭނަމަ، ނުވަތަ ހީޓް އެކްސްޗޭންޖަރުތައް ގިރެމުންދާނަމަ، ފަސް އަހަރުވުމުން، ހަލާކުނުވިއަސް، އެއަރކޯން އާ ކުރުމުން، ތިބާއަށް ޚަރަދުގެ ގޮތުން ފައިދާ ވާނެއެވެ. އިންވާޓަރ އެއަރކޯންއެއްވީމާ، އައު އާދައިގެ އެއަރކޯން އަކާ އަޅާބަލާ، އެ ހިންގުމުގެ ޚަރަދު ތިގޭގައި، %30 ވެސް ކުޑައެއް ނުވާނެއެވެ. ފުރިޖަކީ އެއަރކޯން މަސައްކަތް ކުރާ ގޮތަށް މަސައްކަތް ކުރާ އެއްޗަކަށްވާތީ، އިންވާޓަރ ފުރިޖު ހުންނާނެކަން ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެއެވެ. އަދި އެއަރކޯން އަށް ވުރެ ގިނައިރު ފުރިޖު ޖައްސާފައި ހުންނާތީ – 24 ގަޑިއިރު ޖައްސާފައި ހުންނާތީ – އެ ބާވަތުގެ ފުރިޖުގެ ޚަރަދު ކުޑަވާނެކަންވެސް އެނގިވަޑައިގަންނަވާނެއެވެ. އިންވާރޓަރ ފުރިޖާއި އިންވާޓަރ އެއަރކޯންގެ ޚަރަދު ކުޑަވާ މައިގަނޑު ސަބަބަކީ، އެ ތަކެތީގެ މޯޓަރު ރަނގަޅުކަމުންނެވެ. އޭއީ ދާއިމީ ދަގަތްފާނު ހުންނަ ބާވަތެކެވެ. މިބާވަތުގެ މޯޓަރު ހިންގޭނީ އިންވާޓަރުންނެވެ.

މި މަޒުމޫނުގެ މަޤްޞަދަކީ، ސުވާލެއްގެ ތެރެއިން އިންވާޓަރ އެއަރކޯން އަކީ ކޮންއެއްޗެއްކަން ބަޔާން ކުރުމެވެ.