ސައިންސާއި ޓެކްނޯލޮޖީ — ކޮންމެ މީހަކަށް ވެސް އޮޅުން ފިލާ ގޮތަށް

ސޯބުން ހިންގާ ލިފްޓް މަސައްކަތް ކުރާ ގޮތް — 3

ލިފްޓް މަސައްކަތް ކުރާ ގޮތާ ބެހޭ ގޮތުން އަޅުގަނޑު ހުށަހަޅަމުންދާ މަޒުމޫނުތަކުގެ ތެރެއިން ފުރަތަމަ މަޒުމޫނުގައި ގެނެސްދެވިފައިވަނީ ތައާރަފެކެވެ. ލިފްޓް އީޖާދުވި ގޮތާއި އެކި ބާވަތް ބާވަތުގެ ލިފްޓްގެ ނަންތަކާއި ބޭނުންތަކެވެ. ފަހު މަޒުމޫނުތަކުގައި މި ތަފްޞީލުކުރަނީ އެކި ބާވަތުގެ ލިފްޓް މަސައްކަތްކުރާ ގޮތެވެ. އެންމެ ފަހު މަޒުމޫނުގައި ގެނެސްދެވުނީ އިސްކުރާއި ނަޓެއް ބޭނުން ކޮށްގެން މަސައްކަތް ކުރާ ލިފްޓެވެ. މި މަޒުމޫނުގައި ތަފްޞީލުކުރަނީ ކުޑަ ސޯބަކުން މަސައްކަތް ކުރާ ލިފްޓެވެ. ކުރީ މަޒުމޫނުތަކަށް ތިރީގައިވާ ފޮޓޯތަކުން ދެވޭނެއެވެ.

ތައާރަފު


މި މަޒުމޫނުގައި މި ގެނެސްދެނީ ކުޑަ ސޯބަކުން މަސައްކަތްކުރާ ލިފްޓެވެ. އިނގިރޭސި ބަހުން އެހެން ސޯބެއް އަނބުރަން ހުންނަ ކުދި ސޯބަށް ކިޔާ ޚާއްޞަ ނަމެއް ވެއެވެ. އެއީ ޕިންޔަން (pinion ލިޔަނީ ޕިނިއޮން) އެވެ. ޕިންޔަން އެއް ބޮޑު ސޯބެއްގައި ޖައްސާ އެނބުރުމުން ކުދި ސޯބު އެނބުރި ވަރަކަށް ބޮޑު ސޯބު އެނބުރޭނެއެވެ. ތަންކޮޅެއް ލަސްލަހުން ނަމަވެސް ގަދަ ބާރަކާއެކު އެވެ. ތިރީގައިވާ ކުރެހުމަށް ވިސްނާށެވެ. ކުރެހުމުގައި A  ޖަހާފައި އެވަނީ ޕިންޔަން ސޯބުގައެވެ.

ގިނަ ބަޔަކަށް އެންމެ ގިނައިން ސޯބެއް ފެނިފައިވާނީ ބައިސްކަލުންނެވެ. ބައިސްކަލެއްގެ ފައިން އަނބުރާ ފިޔަވަޅު ހަރުކޮށްފައި ހުންނަނީ ތުނޑުކަނޑާފައި ހުންނަ ބޮޑު ސޯބެއްގައެވެ. ޗޭނުގެ އެއްކޮޅު އަޅުވާފައި ހުންނަނީ މި ބުރުގައެވެ. ބޮޑުބުރުގައިވާ ތުނޑުތަކަށް ނުވަތަ ދަތްތަކަށް ފެތޭގޮތަށް ޗޭނުގައި ކުދި ހޮޅިކޮޅުތަކެއް ވެއެވެ. ފައިން ބޮޑު ސޯބު އެނބުރުމުން ޗޭނު ދެކޮޅަށް ދުއްވެއެވެ. މި ހާލަތުގައި، ކުރީ ކުރެހުމާ ޚިލާފަށް، ސޯބު އެނބުރުމުން ޗޭނު ދުވަނީ ދެކޮޅަށެވެ. ބައިސްކަލެއްގެ ބޮޑު ސޯބާއި ޗޭނަކީ ވަށައިގެން އެނބުރޭ އެނބުރުން ދަނޑިއަކަށް ނުވަތަ ދެކޮޅަށް ބަދަލުކުރާ އެއްޗެކެވެ.

ބަޔާންކުރުމުގެ ބޭނުމެއް ނެތް ފަދައިން، ޗޭނަށް ދަމަނިކޮށް ފައިން އަނބުރާ ބޮޑު ސޯބު އެނބުރޭނެއެވެ. ސޯބަކާއި ޗޭނަކުން ވަށައިގެން އެނބުރޭ އެނބުރުން އެއް ދިމާއަކަށް ނުވަތަ ދެކޮޅަށް ދުވާގޮތަށް ބަދަލުކުރެވެއެވެ. އަދި ދެކޮޅަށް ސީދަލަށް ދަތުރުކުރާ ދަތުރުކުރުން ވަށައިގެން އެނބުރޭ ގޮތް ހެދެއެވެ. ތިރީގައި އެވަނީ ޗޭނުގެ ބަދަލުގައި ދަތްތަކެއް ލާފައިވާ ދަގަނޑެކެވެ. ސޯބު އެނބުރުމުން ދަގަނޑު ދެކޮޅަށް ދުއްވޭނެއެވެ. އަދި ދަގަނޑަށް ދެމުމުން ސޯބު އެނބުރޭނެއެވެ.

ސޯބެއްހެން ތުނޑު ކަނޑާފައިވާ ތެދު ދަގަނޑާ މެދު ވިސްނަން ރަނގަޅު އެއްގޮތަކީ އެއީ ވެސް ”ސޯބެއް“ ކަމެއް ދެތުމެވެ. ހަދާފައިވާ ގޮތަކީ ވަށް ސޯބެއްގެ  މެދުބައި ނަގާފައި ތުނޑުލީ ކައިރިފަށް ތެދަށް އޮންނަ ގޮތަށް ސީދާކޮށްލާފައި ވުމެވެ. އިނގިރޭސި ބަހުން ތުނޑުލާފައި މިގޮތަށް ހުންނަ ދަގަނޑަށް ކިޔަނީ ”ރެކް“ އެވެ. ޕިންޔަން އާއި ރެކް އަކީ ވަރަށް ގިނަ މެޝިންތަކުގައި ބޭނުންކުރާ އެއްޗެކެވެ. މައިގަނޑު ބޭނުމަކީ ވަށްކޮށް އެނބުރޭ އެނބުރުމަކުން ދެކޮޅަށް ތެދަށް ޙަރަކާތްކުރާ ގޮތް ހެދުމެވެ. މިސާލެއްގެ ގޮތުން، ކާރުގެ ހުންގާނު އެނބުރުމުން ކުރީ ދެ ފުރޮޅު ކަތިވަނީ ރެކް އާއި ޕިންޔަން އެއްގެ ސަބަބުންނެވެ. ބައެއް ފޯކްލިފްޓް މަސައްކަތްކުރަނީ ވެސް މިގޮތަށެވެ. ފަރުބަދަމަތީ ރަށްތަކުގައި ރޭލު އުހަށް އަރަނީ ބިންމަތީގައިވާ ރެކް އެއްގައި ޕިންޔަންއެއް ޖައްސައި އަނބުރައިގެންނެވެ.

ރެކް އެން ޕިންޔަން ބޭނުންކޮށްގެން ލިފްޓް ހަދާގޮތް


މަޒުމޫނުގެ މިހިސާބަށް ކިޔާފިނަމަ، ދަތްތަކެއް ލާފައި ހުންނަ ދަގަނޑެއް ނުވަތަ ރެކް އެއް ބޭނުންކޮށްގެންނާއި ކުޑަ ސޯބެއް ނުވަތަ ޕިންޔަން އެއް ބޭނުންކޮށްގެން ލިފްޓެއް ހަދާނޭ ގޮތް އަމިއްލައަށް ވިސްނޭނެއެވެ. މިކަން ކުރާނޭ ގޮތަކީ، ދަތްތައްލީ ދަގަނޑު، ހަރެއްގައި ހަރުކޮށް، ލިފްޓްގެ ކާރުގައި ކުޑަ ސޯބެއްލީ މޯޓަރެއް ބޭނުންކޮށްގެން ހަރުގައި ދެކޮޅަށް ދުއްވުމެވެ. ކާރު ނުވެއްޓި ހިފަހައްޓާނީ، ހަރުގެ އަރިމަތީގައި ފުރޮޅުތަކެއް ޖައްސައިގެންނެވެ. މިއީ މިކަން ކުރާގޮތް ވެސް މެއެވެ.

ޢާއްމުގޮތެއްގައި އުސް ޢިމާރާތްތައް ބިނާކުރާ އިރު، މީހުން މަތީބުރިތަކަށް އަރަނީ މި ބާވަތުގެ ލިފްޓްގައެވެ. ވިއްސަކަށް ބުރިއަށް މަސައްކަތުމީހުން އަރަންޖެހޭ ނަމަ، ސިޑިއަކުން އަރާއިރު އެމީހުން ތިބޭނީ ވަރުބަލި ވެފައެވެ. އެހެންކަމުން ދިހަ ވަރަކަށް ބުރިއަށް ވުރެ އުހަށް ހަދާ ހުރިހާ ތަނެއްގައި، ކުދި ތަކެއްޗާއި މަސައްކަތުމީހުން އެރުމަށް ބޭނުންކުރަނީ މިބާވަތުގެ ލިފްޓެވެ. މާލޭގެ މާފަންނު ކޮޅުގައި ނުއަގުގައި އަލަށް ހެދި 25 ބުރީގެ ޢިމާރާތް ކުރީ ވެސް މިބާވަތުގެ ލިފްޓެއް ބޭނުންކޮށްގެންނެވެ.  ނަސަންދުރަ ޕެލަސް ހޮޓަލް ހުރިތަނުގައި ކުރާ ޢިމާރާތުގައި ވެސް މަސައްކަތު މީހުންނާ ތަކެތި އުފުލަނީ މި ބާވަތުގެ ލިފްޓަކުންނެވެ. ތިރީގައި އެވަނީ އެތަނުގައި ބޭނުންކުރާ ލިފްޓްގެ ފޮޓޯއެކެވެ.

ފޮޓޯއިން ފެންނަ ފަދައިން ނަސަންދުރަ ހޮޓެލް ހުރިތާ ހަދާ ޢިމާރާތުގައި އެއް ހަރެއްގައި ދެ ލިފްޓް ހަރުކޮށްފައި ވެއެވެ. ޢިމާރާތެއް ކުރާއިރު، ކޮންމެ ދިހަ ބުރިއަކަށް މިބާވަތުގެ ލިފްޓެއް ނެތް ނަމަ ދަތިވާނެއެވެ. ދެ ލިފްޓް ބޭނުންކުރަނީ އެހެންވެގެންނެވެ. ހަރު ހަދާފައިވަނީ ދޮޅު އިންޗި ފަލަމިނުގެ ހޮޅިންނެވެ. ހަރުގެ ފުޅާމިނަކީ ގާތްގަޑަކަށް ދެ ފޫޓެވެ. ހަރުގެ ދެ ފަރާތުގައި ރެކް އެއް ނުވަތަ ދަތް ކެނޑި ދަގަނޑެއް ހަރުކޮށްފައި ވެއެވެ. ހަރު ރާވަނީ ފަސްފޫޓު ހުންނަވަރުގެ ބުރިވަރުތަކެއް ގުޅުވައިގެންނެވެ. ކޮންމެ ތިރީސްފޫޓަކުން ޢިމާރާތަށް ހޮޅިން ހަދާފައި ހުންނަ ދަގަނޑު ބްރެކެޓްތަކަކުން ހަރު ޢިމާރާތާ ގުޅުވައެވެ.

ލިފްޓްގެ ކާރު ނުވަތަ ކަމަރާ ހަރުގައި ހަރުކުރާގޮތާއި ދުއްވާގޮތް


ލިފްޓްގެ މީހުން އަރާބައި، ހަރުގައި ހަރުކުރަނީ ހޮޅީގެ ދެ ފަރާތުން ޖައްސާ ފުރޮޅުތަކަކުންނެވެ. މަގަތަށް އަތުވެދާނެތީ ހަރުގައި 8 ފުރޮޅު ޖެހޭގޮތަށް ހަދާފައި ވެއެވެ.  ދެ އަރިއަށް ޖެހިދާނެތީ ދެފަރާތުގައި މުޅިއެކު ހަތަރު ފުރޮޅު ޖައްސައެވެ. މި ފުރޮޅުތަކުގެ ސަބަބުން، ކާރު އަރިއަޅާލާގޮތެއް ނުވާނެއެވެ. އެއަށް ދަތުރުކުރެވޭނީ މައްޗަށް ނުވަތަ ތިރިއަށެވެ. އިތުރު ރައްކާތެރިކަމެއްގެ ގޮތުގައި، ހަތަރު ވަކިގަނޑެއް ހަރުގެ ދަގަނޑުގައި ކިރިޔާ ނުޖެހޭ ވަރަށް ހަރުކޮށްފައި ހުރެއެވެ. މަގަތައް އަރިއަޅާލާނޭ ފުރޮޅު ހަރުކުރަނީ ދެ ފުރޮޅު ދެކޮޅުގައި ހަރުކޮށްފައިވާ ފަތިގަނޑެއްގެ މެދުންނެވެ. މިކަމުގެ ސަބަބުން ކުޑަ ގުދުކަމެއް ހަރުގައި ހުއްޓަސް އޮމާންކަމާއެކު ދަތުރުކުރެވެއެވެ. ތިރީގައިވާ ފޮޓޯތަކަށް ވިސްނާށެވެ.

ލިފްޓް މައްޗަށް އަރާ ތިރިކުރާ މޯޓަރ ހުންނަނީ ކާރުގެ މަތީބައިގައި ހަރުކޮށްފައެވެ. މިއީ ވަކި ބަޔެކެވެ. ތިރީގައި އެވަނީ މި ބައިގެ ފޮޓޯއެކެވެ. ގިނަ ލިފްޓްތަކުގައި ތިން މޯޓަރު ހުންނާނެއެވެ. މޯޓަރުން އަނބުރާ ކުޑަ ސޯބު ކުރެހުމުން ފާހަގަ ކުރެވެއެވެ. އޭގެ ވާތް ފަރާތުގައި އެވަނީ ރެކް އަށް މި ކުޑަ ޕިންޔަންސޯބު އެމުނުމުން އެ ދުރުވެ ނުދިނުމަށް ހިމަނާފައިވާ ދަގަނޑު ފުރޮޅެކެވެ.

ދެން މި ބަޔާންކުރަނީ ކިޔުންތެރިންގެ ހިތާހިތާ ކޮށްފާނޭ ބައެއް ސުވާލުގެ ޖަވާބެވެ.

ސުވާލު: އުސްކޮށް ހަރު ރާވާއިރު ހަރުގެ އެކި ބުރިވަރުތައް މައްޗަށް ނަގަނީ ކިހިނެތް؟

ޖަވާބު: މިކަން ކުރާގޮތަކީ ފުރަތަމަ ބުރިވަރުތައް އިސްކުރާއި ނަޓުން ގުޅުވުމަށް ފަހު، ކާރުގެމަތީގައި ދަގަނޑު ދަނޑިއެއް ހަރުކޮށްގެން، ކާރުގެ ބާރުގައި އެ މައްޗަށް އަރުވައެވެ.

ސުވާލު: ކަރަންޓު ކެނޑިއްޖެނަމަ، ރެކްގައި ޖެހިފައިވާ ސޯބުން މޯޓަރު ހުހަށް އެނބުރި ކާރު ތިރިއަކަށް ނުވެއްޓޭނެތަ؟

ޖަވާބު: ނުވެއްޓޭނެއެވެ. ލިފްޓްތަކުގައި ބޭނުން ކުރާ މޯޓަރަކީ، ކަރަންޓު އައުމުން ނޫނީ އެނބުރޭ އެއްޗެއް ނޫނެވެ. އެހެންނޫނީ މޯޓަރުގެ ދަނޑި ހުންނާނީ ނުއެނބުރޭގޮތަށް ހަރުވެފައެވެ. އެއީ ކަރަންޓް ނެތް ނަމަ، މޯޓަރުގެ އެތެރޭގައިވާ އިސްފިރޭނަކުން ދަނޑިއާ ގުޅާފައިވާ ފޮއްޗެއް މޯޓަރުގެ ބޭރު ތޮށިގަނޑުގައި ޖެހި ފިތިފައިވާތީއެވެ. ކަރަންޓު އައުމުން އުފައްދާ ދަގަތްފާނުގެ ބާރަކުން މި ފޮތި، ހުހަށް އެނބުރޭގޮތަށް ދުރުކޮށްލައެވެ. މި ބާވަތުގެ އެއްޗިއްސަށް ކިޔަނީ ކްލަޗް އެވެ. މިއީ ކަރަންޓުން ޙަރަކާތްކުރާ އިލެކްޓްރޯމެގްނެޓިކް ކްލަޗް އެކެވެ. ބައެއް މީހުން ޢިމާރާތުގެ މަތީބުރިތަކަށް ތަކެތި ނަގަން ގެންގުޅޭ ކަރަންޓު އުފުލީގެ މޯޓަރުގައި ވެސް މި ބާވަތުގެ ކްލަޗެއް ވެއެވެ. ބަރު އެއްޗެއް އުފުއްލާފައި ވަނިކޮށް ކަރަންޓް ކެނޑުމުން އުފުލިފައިވާ އެތި ތިރި ނުވަނީ މި ކްލަޗްގެ ސަބަބުންނެވެ.

ސުވާލު: އެއް މޯޓަރަށް ވުރެ ގިނަ މޯޓަރު ބޭނުންކުރަނީ ކީއްވެ؟

ޖަވާބު: އެއް ސަބަބަކީ، މި ބާވަތުގެ ލިފްޓަށް ބޭނުންވާ ބާރު ގަދަކަމުން އެއް މޯޓަރުން ނުފުދޭތީއެވެ. ދެވަނަ ސަބަބަކީ، އެއް މޯޓަރު ހަލާކުވިއަސް، ލިފްޓް ކޮންމެވެސް ވަރަކަށް މަސައްކަތް ކުރާނެއެވެ. އެހެންކަމުން، ސަލާމަތްތެރިކަން ބޮޑުވާނެއެވެ.

ސުވާލު: އިތުރު ސަލާމަތްތެރިކަމާ ބެހޭ ކަމެއް ވޭތަ؟

ޖަވާބު: ލިފްޓްގައި ސަލާމަތްތެރިކަމާ ބެހޭ ދެ އެއްޗެއް ވެއެވެ. އެކައްޗަކީ ކާރުގެ އެތެރެއިން ރެކްގައި ޖައްސާފައިވާ ކުޑަ ސޯބެކެވެ. މި ސޯބު ގުޅާފައިވަނީ ގޮށްޓަކާއެވެ. މިގޮށީގައި ވާދަގަނޑު ބައިތަކެއް ލިފްޓް މައްޗަށް އަދި ތިރިއަށް ދާއިރު އެނބުރެމުން ދެއެވެ. މާ އަވަހަށް އެނބުރޭނަމަ، މީގައިވާ އެނބުރޭ ދަގަނޑު ބައިތަކެއް ތާށިވެ ލިފްޓް ހުއްޓޭނެއެވެ. ތިރީގައި އެވަނީ އޭގެ ފޮޓޯއެކެވެ. މި ބާވަތުގެ އެއްޗެތި މަސައްކަތް ކުރަނީ އެއްޗެއް ބާރަށް އެނބުރޭ ނަމަ، އެ ދުރަށް ދާން ހުންނަ ޠަބީޢީ ބާރު ބޭނުންކޮށްގެންނެވެ.

ދެވަނަ ސަލާމަތްތެރިކަމަކީ، ހަރުން ތިރިއަށް ލިފްޓް ސޮއްސިގެން ވެއްޓޭނަމަ، އެންމެ ފަހު ކަމެއްގެ ގޮތުގައި އެ ޖެހޭ ބާރުމިން މަޑުކުރުމަށް ބިންމަތީގައި ކާރު ޖެހޭ ދިމާގައި އިސްފިރޭނުލާފައި ނުވަތަ ރަބަރުފަދަ ފަހެލި މުޑިބުރިއެއް ހުންނަކަމެވެ. މީގައި މަތިން ވެއްޓޭ ކާރު ޖެހުމުން ކޮންމެވެސް ވަރެއްގެ މަޑުކަމެއް އަންނާނެއެވެ. ނަމަވެސް މިގޮތަށް ހުންނަނީ ބައެއް ލިފްޓްގައެވެ. ތިރީގައި އެވަނީ އެފަދަ މުޑިބުރިއެވެ.

ސުވާލު: ހަރުގެ އެއް ފަރާތުގައި ކާރުލީ ލިފްޓް ބޭނުންކުރަނީ ކޮންކަހަލަ ޙާލަތެއްގައި؟

ޖަވާބު: ހަރުގެ އެއްފަރާތުގައި ލިފްޓްގެ ކާރު ހުންނަނީ ޢާއްމުކޮށް ތިރީ ޢިމާރާތްތައް ހަދާއިރު އެވެ. މި ބާވަތުގެ ކާރު ދުވާ ހަރު ބައެއް ފަހަރު ހުންނަނީ I (އައި) އަކުރެއްހެން ހުންނަ ދަގަނޑުން ހަދާފައެވެ. މިއީ ލުއި 300 ކިލޯގްރާމް ވަރުގެ ބަރުދަން ހިފުމަށް ހަދާފައި ހުންނަ ލިފްޓެވެ. ތިރީގައި އެވަނީ އެ ފަދަ ލިފްޓެއްގެ ކުރެހުމެކެވެ.

ސޯބުން ހިންގާ ލިފްޓްގެ އުފަކާރައާއި ހިތިކާރަ


ދެން މި ބަޔާން ކުރަނީ މިބާވަތުގެ ލިފްޓްގެ ފައިދާ (އުފަކާރަ) އާއި ދިމާވާ މައްސަލަ (ހިތިކާރަ) ތަކެވެ. އެއްވެސް ބާވަތެއްގެ ލިފްޓަކީ ހުރިހާ ޙާލަތަކަށް ރަނގަޅު އެއްޗެއް ނޫނެވެ. އެކި ކަންކަމަށް ރަނގަޅީ އެކި ބާވަތުގެ ލިފްޓެވެ.

އުފަކާރަ

  1. ކުރިން އެއްވެސް ބާވަތެއްގެ ލިފްޓް ގޮޅިއެއް ފަދަ އެއްޗެއް ނުހަދާ، ލިފްޓެއް ބޭނުންވުމުން މިއީ ބޭނުންތަނަކަށް ގެންގޮސް  އަވަހަށް ރާވާލެވޭ ލިފްޓެކެވެ.
  2. ބޭނުންވާ ވަރަކަށް، ބޭނުންވުމުން އުސްކުރެވެއެވެ. ދިހަ ބުރީގެ ޢިމާރާތެއްގައި ބަހައްޓާ ލިފްޓެއް ބޭނުންވެއްޖެ ނަމަ، ފަންސާސް ބުރިއަށް ވެސް ފަހުން އިތުރު މާ ބޮޑު ޚަރަދެއް ނެތި އުސްކުރެވޭނެއެވެ.
  3. ހަރުގެ ދެފަރާތުގައި ދެ ލިފްޓް ހަރުކުރެވެއެވެ. މި ހަރަކީ ވެސް ހަތަރު ދަގަނޑު ހޮޅި، ޓްރަސްއެއް ހެން ބަނދެގެން ހަދާފައި ހުންނަ ޚަރަދު ކުޑަ އެއްޗެކެވެ.

ހިތިކާރަ

  1. ސޯބުން ހިންގާ ލިފްޓް ޢާއްމުކޮށް އޮފީސްތަކުގައި ހަރުކުރާ ލިފްޓަށް ވުރެ ދަތުރުކުރާ ބާރުމިން ލަސްވާނެއެވެ.
  2. މި ބާވަތުގެ ލިފްޓްގެ ކަރަންޓް ޚަރަދު ބޮޑުވާނެއެވެ. ޢާއްމުކޮށް ގެންގުޅޭ ލިފްޓްތަކުގައި، އޭގެ ބަރުދަނުގެ ދެބައިކުޅަ އެއްބައިހާ ބަރުދަން ހުރި ދަގަނޑު ޕްލޭޓްތަކެއް (ފޮތިތަކެއް) ވަލެއް ޖަހާ ކައްޕިއެއް މެދުވެރިކޮށް އެލުވާފައި ހުރެއެވެ. ލިފްޓް ކާރާއި މިފޮތިތަކަކީ ތިލަފަތެއްހެން ދެކޮޅަށް ފިރުކިދާނެ އެއްޗެކެވެ. ދެކޮޅު ގާތްގަޑަކަށް ބަރުދަން އެއްވަރު ނަމަ، ވަރަށް ކުޑަ ބާރަކުން ވަކި ކޮޅެއް ތިރިއަށް ނުވަތަ މައްޗަށް ޖެއްސެއެވެ. މިއާ ޚިލާފަށް  ސޯބުން ހިންގާ ލިފްޓް މައްޗަށް އަރާއިރު، މުޅި ބަރުދަން އުފުލަނީ މޯޓަރުންނެވެ.
  3. ސޯބުން ހިންގާ ލިފްޓްގެ އަޑު ތަންކޮޅެއް ގަދަވާނެއެވެ. ޢާއްމުކޮށް ގެންގުޅޭ ލިފްޓްގެ މޯޓަރު ހުންނަނީ މާދުރުގައެވެ. އެކަމަކު ސޯބުން ހިންގާ ލިފްޓްގެ މޯޓަރުތައް ހުންނަނީ ކާރުގެ މަތީގައެވެ.

މަތީގައިވާ އުފަކާރައާއި ހިތިކާރައާ މެދު ވިސްނުމުން މި ބާވަތުގެ ލިފްޓް އެންމެ ރަނގަޅުވަނީ ޢިމާރާތްކުރުމަށް ބޭނުން ކުރުމަށްކަމަށް ކަށަވަރުވާނެއެވެ. ޢިމާރާތް ކުރުމަކީ މި ބާވަތުގެ ލިފްޓް ބޭނުންކުރާ އެންމެ ޢާއްމު ޙާލަތެވެ.

ނިންމުން


މި މަޒުމޫނުގައި މި ބަޔާން ކުރެވުނީ ޢިމާރާތްކުރާ އިރު ބޭނުން ކުރާ ސޯބުން ހިންގާ ލިފްޓް މަސައްކަތް ކުރާގޮތެވެ. ކުޑަ މަސައްކަތަކުން މި ބާވަތުގެ ލިފްޓެއް އަމިއްލައަށް ހެދިދާނެއެވެ. މީގެ އެކި ބައިތަކަކީ ވަކިވަކީން ގަންނަން ލިބޭ އެއްޗިއްސެވެ.

ލިފްޓާ ބެހޭ ގޮތުން ދެން ލިޔާ މަޒުމޫނެއްގައި ހުށަހަޅަން ޤަޞްދުކުރަނީ ހައިޑްރޯލިކް ލިފްޓް މަސައްކަތް ކުރާ ގޮތެވެ. މިއީ ފެނުން ނުވަތަ ތެލުން ހިންގާ ލިފްޓެކެވެ.

އެކި  ކަންކަމާބެހޭ ގޮތުންލިޔެފައިވާ މަޒުމޫނުތައް ހިމެނޭ ޞަފުހާއަށް ދިއުމަށް އޮބާލާ!