މި ވޭތިވެދިޔަ ދިހަ ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، ގިނަ ބަޔަކަށް އާޓިފިޝަލް އިންޓެލިޖަންސް (އޭ.އައި. AI) ކިޔާ އެއްޗެއްގެ ވާހަކަ ގިނައިން އިވިފައި ވާނެއެވެ. އަދި މިއިން އިންސާނުންނަށް ވުރެ މާ ބުއްދިގަދަ ތަފާތު ޤުދްރަތީ ނޫން މެޝިނާއި މިފަދަ ތަކެތި ހެދިދާނެކަމަށް ބުނެއެވެ. 2022 ވަނަ އަހަރު، މި ބޭނުންކޮށްގެން މީހުން ކުރާ ސުވާލުތަކަށް ޖަވާބުދޭ ކޮމްޕިއުޓަރ ޕްރޮގްރާމެއް ނުވަތަ [އެޕް]ލިކޭޝަނެއް (އެޕެއް) ޢާއްމުވެގެން ދިޔައެވެ. މި އެޕުން މަދަރުސާތަކާއި ކޮލެޖުތަކުންދޭ ފިލާވަޅުތައް ހެދުމުގެ އިތުރުން، ޖަލްސާތަކުގައި ދައްކާނޭ ވާހަކައިގެ މައުޟޫޢު ބުނުމުން ތަޤްރީރުތައް ވެސް ލިޔެއެވެ. މިކަމާ ބައެއް މީހުން ހައިރާންވެގެން އުޅެއެވެ. ކަމެއް ހިނގާގޮތް ރަނގަޅަށް ނޭނގުމުން، އާސޯޚްވާ ފަދައިންނެވެ.
މި މަޒުމޫނުގައި އަޅުގަނޑު ދަންނަވާލާނީ، އާޓިފިޝަލް އިންޓެލިޖަންސް ނުވަތަ އޭ.އައި. އަށް ކުރު ތަޢާރުފެކެވެ. ހަމަ ކޮންމެ މީހަކަށް ވެސް އޮޅުން ފިލާނެހެންނެވެ. އޭގެ އެއް ބާވަތުގެ ސިއްރުތަކާ ވެސް އެކުގައެވެ. އަޅުގަނޑުގެ މަޒުމޫނު ބިނާކުރާނީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޔުނިވަރސިޓީ ކަމުގައިވާ ހާވާޑް ޔުނިވަރސިޓީގައި ކިޔަވައިދޭ އާޓިފިޝަލް އިންޓެލިޖަންސް މާއްދާގެ ތަޤްރީރުތަކަށެވެ. އެ ތަޤްރީރުތަކުގެ ދިގުމިނަކީ 12 ގަޑިއިރު ކަމުގައި ވިއަސް ތިޔަބޭފުޅުންނަށް މި ފުން މައުޟޫޢު ތިލަކޮށް އަޅުގަނޑު ޚުލާޞާކުރާނީ ދިހަވަރަކަށް މިނެއްޓުން ވިދާޅުވެވޭނޭ ގޮތަށެވެ. މި ލިންކުން އެ ދިގު ތަޤްރީރުތަކުގެ ވީޑިއޯ ފެނިވަޑައިގަންނަވާނެއެވެ.
ބުއްދިއަކީ ކޮބައިތޯއެވެ؟
އެންމެ ފުރަތަމަ އިންޓެލިޖަންސް އަކީ ކޮބައިތޯއެވެ؟ އާދެ! ބައެއް މީހުން ތަޢުރީފުކުރާގޮތުން އެއީ ތަޖުރިބާއިން އެއްޗެތި ދަސްކުރުމާއި، އައު މާހައުލާއި ޙާލަތްތަކަށް ހޭނިގަތުމާއި ކަންކަމާ މެދު ސަބަބަށް ބުރަވެ ގޮތް ނިންމުމާއި ތިމާގެ ބޭނުމަށް ވެށި ބަދަލުކުރުމުގެ ޤާބިލްކަމެވެ. ވިސްނަން އެނގުމެވެ. އެއްޗެއް ދަސްވުމަކީ އެ އެއްޗެއް ހަނދާނުގައި ހުރުމާއެކު އެ އެއްޗަކާ އެހެން އެއްޗެތި ގުޅޭގޮތް ވެސް ދެތުމެވެ. އެތެރެވަރީގެ ހުރިހާ ބަހަކުން އަދި ދިވެހިބަހުން ވެސް، މި ޤާބިލްކަމަށް ކިޔަނީ ބުއްދިއެވެ. ޤުދްރަތީ ނޫން އެއްޗިއްސަށް ދިވެހީން ކިޔާއުޅެނީ މަޞްނޫޢީ އެވެ. އެއީ އިނގިރޭސިބަހުން އާޓިފިޝަލް އެވެ. މާނައަކީ ޤުދްރަތީ/ފިޠުރީ/ޠަބީޢީ އެއް ނޫނެވެ. މި ލަފުޒުގެ ފެށޭ އަކުރު އެއްކޮށްލައި އާޓިފިޝަލް ބުއްދިއަށް މި މަޒުމޫނުގައި އަޅުގަނޑު ކިޔާނީ މަޞްނޫޢީ ބުއްދި ނުވަތަ ”މަބު“ އެވެ.
ހުރިހާ ދިރޭ ތަކެއްޗަކަށް މާތް ﷲ ބުއްދި ދެއްވާފައި ވެއެވެ. ބުޅަލަށް ކާން ދޭ ކަމުގައި ވަނީ ނަމަ، އެ ދޭމީހާގެ ގާތަށް އޭތި އައުދެއެވެ. އެމީހާ ގެ ކައިރިއަށް އައުމުން އޭގެ ބޭނުން ފުދޭނެކަން އެނގެނީ ބުޅަލުގެ ބުއްދީގެ ސަބަބުންނެވެ. މި ޒަމާނުގެ ޢިލްމުވެރީން ދެކޭގޮތުގައި ގަސްގަހާ ގެހީގައި ވެސް ބުއްދި ހުރެއެވެ. މީހުން ހަދާފައި ހުންނަ އެއްޗެތީގައި ބުއްދި ހުރެދާނެ ހެއްޔެވެ؟ އެފަދަ އެއްޗެއްގައި ބުއްދި ހުރިކަމަށް، އެއަށް ވިސްނަން އެނގޭކަމަށް ބެލޭވޭނީ އެފަދަ އެއްޗަކުން ކޮންކޮން ކަމެއް ކުރެވޭނެ ނަމަތޯއެވެ؟ ގިނަ ބަޔަކު ދެކޭ ގޮތުގައި، އެތައް އެއްޗެއްވާ މަންޒަރަކުން އިންސާނަކު ފާހަގަކުރަން އެނގޭނަމަ އެއީ އެއަށް ބުއްދި ލިބިގެންވާ ކަމުގެ އަލާމާތެކެވެ. އެމީހަކީ ކާކުކަން ފާހަގަކުރަން އެނގުމަކީ ވެސް އޭގައި މަބުގެ ހިމެނޭ ކަމުގެ ދަލީލެކެވެ. ތިންހަމަ، ރާޒުވާ ފަދަ ކުޅިވަރެއް މެޝިނަކުން ނުވަތަ ކޮމްޕިއުޓަރަކުން ކުޅެން އެނގުމަކީ އެއަށް މަބުލިބިފައިވާ ކަމުގެ ހެއްކެކެވެ. ކޮމްޕިއުޓަރަކުން މި ފަދަ ކުޅިވަރެއް ކުޅުމުން، ކަންވާގޮތް ނުދަންނަ މީހުން އާސޯޚް ވާނެއެވެ. މިފަހަކަށް އައިސް އެންމެ މަޝްހޫރުވި މަބު އެޕަކީ (އެޕްލިކޭޝަނީ ނުވަތަ ޕްރޮގްރާމްތަކަކީ) ޗެޓްޖީޕީޓީ ކިޔާ އެއްޗެކެވެ. މީގައި ކަމަކާ ބެހޭ ގޮތުން ސުވާލުކުރުމުން، [ގިނަ ފަހަރު ރަނގަޅު] ޖަވާބު ދެއެވެ. ޗެޓްޖީޕީޓީ ގައި ކުޅުދުއްފުއްޓާ ބެހޭ މަޒުމޫނެއް ލިޔެދޭށޭ ބުނުމުން ރަށް ނުދަންނަ މީހަކަށް ކަމުހިނގައިދަނެ މަޒުމޫނެއް އެއިން ލިޔުނެވެ. މިޒަމާނުގައި، ސިޔާސީ ކިތަންމެ ބަޔަކު އެކި މުނާސަބަތުތަކުގައި ދައްކާ [އޮށްޓަރެއް ނެތް އެކަމަކު މުނާސަބު] ތަޤުރީރުތައް ލިޔަނީ މި ދެންނެވި މަބު އެޕުންނެވެ. މި މަޒުމޫނުގައި އަޅުގަނޑުގެ މަޤްޞަދަކީ މިފަދަ އެޕްތައް މަސައްކަތްކުރާ ގޮތް، ކޮންމެ މީހަކަށް ވެސް އޮޅުން ފިލާގޮތަށް ބަޔާންކުރުމެވެ.
މަބު ގެ ކުރު ތާރީޚެއް
މިޒަމާނުގައި އަޅުގަނޑުމެންނަށް މުޅިން ހެން ފެންނަނީ އިލެކްޓްރިކް ބާރު ބޭނުންކޮށްގެން ހިންގާ ކޮމްޕިއުޓަރެވެ. އިލެކްޓްރިކް ބާރު ބޭނުން ނުކުރާ ކޮމްޕިއުޓަރުތައް ދެހާހެއްހާ އަހަރުގެ ކުރީން އީޖާދުކޮށްފައި ވެއެވެ. ކޮމްޕިއުޓުގެ މާނައަކީ އިނގިރޭސިބަހުން ވިޔަކުރުމެވެ. ހިސާބުކުރުމެވެ. އެހެންކަމުން، އެކަން ކުރާ ކޮންމެ އެއްޗަކީ ކޮމްޕިއުޓަރެކެވެ. 1940 އާ ހަމައަށް އެކިއެކި ހިސާބު ކުރުމަށް ވަޒީފާގައި ގެންގުޅޭ މީހުންނަށް ކިޔަނީވެސް ކޮމްޕިއުޓަރެވެ. މީގެ 200 އަހަރު ކުރީން، ސޯބު ބޭނުންކޮށްގެން މީހަކު ހިސާބު ހަދާ މެޝިނެއް ހެދިއެވެ. މި ބާވަތުގެ މެޝިން 1960 ގެ އަހަރުތަކުގައި މާލޭގައި ވެސް ގެންގުޅުނެވެ. ގުނަކުރަން ބޭނުންނަމަ، ޢަދަދުތައް ކަނޑައެޅުމަށްފަހު، އޭގެ އަތްގަނޑު އަނބުރައިލުމުން ނުކުތް ގުނަ ސޯބުތަކެއްގައިވާ ނަންބަރުތަކަކުން ދައްކައެވެ.
ގުނަކުރަން އެނގުމަކީ، މެޝިނެއްގެ ކިބައިގައި މަޞްނޫޢީ ބުއްދި ނުވަތަ މަބު ހުރިކަމުގެ ޙުއްޖަތެއް ހެއްޔެވެ؟ ގުނަވާ ގޮތަށް ވިސްނުން ހިންގައިފިނަމަ، ބައެއް މީހުން ބުނާނީ އެއީ ބުއްދި ބޭނުންވާ ކަމެއް ނޫންކަމުގައެވެ. މިކަމަށް އިންކާރުކުރާ ނަމަ، އަޅުގަނޑުމެން ބުނަން ޖެހޭނީ ސޯބުތަކާއި އިސްކުރާއި ފާލުއެޅޭ ބުރުތަކަކުން ހަދާފައިވާ ކެލްކިޔުލޭޓަރުގައި ބުއްދި ހުރިކަމަށެވެ!
ރާޒުވާ ކުޅުން އެއީ ބުއްދިބޭނުންވާ ކަމެއް ހެއްޔެވެ؟ މިޒަމާނުގައި މި ގެންގުޅޭ އިލެކްޓްރޮނިކް ކޮމްޕިއުޓަރު އުފެއްދުމުގެ ކުރިން ރާޒުވާ ކުޅޭ މެޝިނު އުފައްދާފައި ވެއެވެ. މިގޮތުން، އެންމެ މަޝްހޫރު މެޝިނު އަންނަނިވި ފޮޓޯގައި އެވަނީއެވެ. 1912 ވަނަ އަހަރު ސޯބާއި އިލެކްޓްރިކް ސްވިޗްތަކަކުން އިސްޕޭނުގެ މީހަކު އުފެއްދި މި މެޝިނަށް ކިޔާ ނަމަކީ އަލްއާޚެރަދިސްތާ (ރާޒުވާކުޅުންތެރިޔާ) އެވެ. ރާޒުވާ ކުޅިގަނޑެއް ނިމެން ކައިރިވެ ދެ ބޮނދާއި އެއް ރިޔަލަށް ވެފައިވުމުން، މި މެޝިނުން ކުރާ ކަމަކީ ކޮންމެ ފަހަރަކު މޮޅުވާގޮތަށް، (ސައިން ނުފިލޭގޮތަށް) ކުޅުމެވެ. މެޝިނު ބައްޔެއް ނުކުރެވޭނެއެވެ. މި މެޝިނާ ބެހޭ އިތުރު މަޢުލޫމާތު މި ލިންކުން ފެނިވަޑައިގަންނަވާނެއެވެ. މި މަސައްކަތްކުރާ ގޮތް މި ކަރުދާހުގައި ވެއެވެ.
އެންމެ ފުރަތަމަ އިލެކްޓްރޮނިކް ކޮމްޕިއުޓަރު އުފެއްދީ 1946 ވަނަ އަހަރުއެވެ. އޭގެ ތިން އަހަރު ފަހުން، 1949 ވަނަ އަހަރު، ކޮމްޕިއުޓަރުން ރާޒުވާ ކުޅެވިދާނެކަމާއި ކުޅޭނޭ ގޮތް، މި އީޖާދުކުރުމުގައި އުޅުނު އެކަކު ޝާއިޢުކުރިއެވެ. ޢިލްމީ މަހާސިންތާއެއްގައި އޭނާ ހުށަހެޅި ކަރުދާސް މިއޮތީއެވެ. އެއަށް ވުރެ ޢާއްމުންނަށް ދޭހަ ފަސޭހަވާނޭ ސާދާބަހުރުވައިން ލިޔެފައިވާ މަޒުމޫނު މިއޮތީއެވެ. މީގެ ދެ އަހަރުފަހުން، ހުރިހާ ކުޅިއެއް ބޭނުންކޮށްގެން ރާޒުވާ ކުޅިގަނޑެއްގެ އެއްބައި ކުޅޭނޭ ކޮމްޕިއުޓަރ އެޕެއް 1951 ވަނަ އަހަރު އުފެއްދިއެވެ. އަދި، 1957 ވަނަ އަހަރު، ކޮމްޕިއުޓަރުތަކަށް އައިސްފައިވާ ކުރިއެރުމާ ގުޅިގެން ފުރިހަމައަށް ރާޒުވާ ކުޅޭ އެޕެއް އުފެއްދިއެވެ. ދެން އައި އެންމެ ބޮޑު އިންޤިލާބަކީ، 1996 ވަނަ އަހަރު ދުނިޔޭގެ އެންމެ މޮޅު ރާޒުވާ ކުޅުންތެރިޔާ އާ ވާދަކޮށްގެން ކޮމްޕިއުޓަރު މޮޅުވުމެވެ. ފަހެ، ރާޒުވާ ކުޅިގަނޑަކުން ދުނިޔޭގެ ޗެމްޕިއަން އާ ކުޅެ މޮޅުވުމަކީ ކޮމްޕިއުޓަރަށް ބުއްދި ހުރި ކަމުގެ ދަލީލެއް ހެއްޔެވެ؟
ކޮމްޕިއުޓަރު އުފެއްދިތާ ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި، އައު ބާވަތެއްގެ ބުއްދި ބޭނުންކުރަންޖެހޭ ކަމެއް އެއިން ކުރަން ފެށިއެވެ. ކޮމްޕިއުޓަރަކީ، އޭގެ މެމަރީ (ހަނދާން، މޭދާ) ބޮޑު އެއްޗެއްކަމުން ވަރަށް ގިނަ މަޢޫލޫމާތު އޭގައި ބެހެއްޓެއެވެ. އަދި އޭގެ މޭދާގައިވާ މަޢުލޫމާތު ވަރަށް އަވަހަށް ހޯދާ ބެލެއެވެ. މިއީ މަބު އެންމެ ފުރަތަމަ ބޭނުންކުރެވުނު ގޮތްތަކުގެ ތެރެއިން ގޮތެކެވެ. މިގޮތުގައި އިންސާނެއް، މައްސަލައެއް ހައްލުކުރުމަށް އެކި ޤަރާރުތައް ނިންމާއިރު ވިސްނާ ވިސްނުމުގެ ފިޔަވަޅުތައް ކޮޕީކޮށްގެން ކޮމްޕިއުޓަރުން އެކަން ކުރަން ފެށިއެވެ. މި ބާވަތުގެ އެޕަށް ކިޔަނީ އެކްސްޕާޓް ސިސްޓަމް (މާހިރު ނިޒާމު) އެވެ. އެއީ ވަކި ދާއިރާއްގެ މާހިރެއް، ކަމަކާމެދު ގޮތެއް ނިންމާއިރު ވިސްނާގޮތްތަކާއި ފިޔަވަޅުތަކާ އެއްގޮތަށް އެއިން ކަންކަން ނިންމާތީއެވެ. މީގެ އެއް މިސާލީ ބަލިމީހަކު ޑޮކްޓަރެއްގެ ގާތަށް ދިއުމުން އެމީހާއަށް ޖެހިފައިވާ ބަލި ދެނެގަތުމަށާއި ފަރުވާ ކަނޑައެޅުމަށް މި ޒަމާނުގެ ޑޮކްޓަރުން ބޭނުންކުރާ އެޕްއެވެ. ބަލިމީހާއާ ކުރަންވީ ސުވާލުތަކާއި ކުރަންޖެހޭ ޓެސްޓުތަކާއި އެކި ސުވާލުތަކާއި ޓެސްޓުން ނުކުންނަ ނަތީޖާއާ ގުޅިގެން ދެން ކުރާނެ ޓެސްޓާއި ކުރާނެ ސުވާލާއި މިފަދަ ކަންކަން އެއިން ބުނެދޭނެއެވެ. މިފަދަ ނިޒާމުތައް އެންމެ ފުރަތަމަ ބޭނުންކުރަން ފެށީ 1965 ގައެވެ. އޭގެ ފަހުން، ޤާނޫނީ ދާއިރާ އާއި ތަފާތު ތަކެތި ފަރުމާކުރުމަށް ވެސް އެކްސްޕާޓް ސިސްޓަމް ބޭނުންކުރެއެވެ. މިގޮތުގެ މަތީން 1982 ގައި ކޮމިޕިއުޓަރުތައް އުފެއްދުމަށް ވެސް އެކްސްޕާޓް ސިސްޓަމް ބޭނުންކުރަން ފެށިއެވެ.
ގިނަ މީހުންނަށް ފެންނަ މަބުގެ އެންމެ ހައިރާންކުރުވަނިވި އެއްކަމަކީ ފޯނުން ފޮޓޯއެއް ނެގުމުން، އެ ފޮޓޯއިން މީހެއްގެ މޫނު ވަކިން ފާހަގަކުރާ ކުރުމެވެ. މީގެ އިތުރަށް އެމީހަކީ ކާކުކަން ވެސް ބުނެއެވެ. ފަހަކަށް އައިސް ކެމެރާއަކުން ވީޑިއޯ ކުރަމުންދާއިރު، އޭގައި އުޅޭ މީހުންގެ ނަންތައް ފާހަގަކުރެއެވެ. ހުޅަނގުގެ ބައެއް ޤައުމުތަކުގައި އަދި ޗައިނާގައި މަގުމަތީގައި ހިނގާފައި ދާ މީހުންގެ ނަންތައް މިފަދަ ނިޒާމުން ދެނެގަނެއެވެ. އަންނަނިވި ވީޑިއޯގައިވާ ފަދައިންނެވެ. މިހެން ނިޒާމުން މީހުން ދެނެގަންނަނީ ކިހިނަކުންތޯއެވެ؟
އެންމެ ފުރަތަމަ ފޮޓޯއަކުން އިންސާނުންގެ މޫނު ފާހަގަކުރުމުގެ މަސައްކަތް ފެށީ 1960 ގައި ކަމުގައި ވިއަސް، މިކަން ކާމިޔާބު ގޮތެއްގައި ކުރެވުނީ 1990 ގެ އަހަރުތަކުގައެވެ. 2024 ވަނަ އަހަރުގައި، ވީޑިއޯތަކުން މީހުން ދެނެގަނެވެއެވެ. މޫނު ދެނެގަތުމުގައި އެންމެ މަޝްހޫރު އެއް ކުންފުންޏަކީ ”ކްލިއަރވިޔޫ އޭ.އައި“ ކިޔާ ކުންފުންޏެކެވެ. މި މީހުން އެކި މީހުން އިންޓަރނެޓާއި މީސްމީޑިއާ (ސޯޝަލްމީޑިއާ) އަށް ލާފައި ހުންނަ ފޮޓޯތައް އެއިން ”ކަހާލައިގެން“ 10 ބިލިއަން ފޮޓޯ އެއްކޮށްފައިވާ ކަމަށް ބުނެވެއެވެ. މިއީ ދުނިޔޭގައި މީހުން އުޅޭ ޢަދަދަށް ވުރެވެސް ގިނަ ޢަދަދެކެވެ. ވަކި މީހެއްގެ ފޮޓޯ ދެއްކުމުން، މި ފޮޓޯއިން އެމީހަކު ފާހަގަކުރެއެވެ. %99 ގެ ޔަޤީން ކަމާއެކުއެވެ. މި މަޒުމޫނު ވިދާޅުވާ ބޭފުޅާގެ ފޮޓޯ އެ އެޕަށް ފޮނުވައިފިނަމަ، ނަމާއި ޢުމުރާއި މިފަދަ އެތައް މަޢުލޫމާތެއް ދޭނެއެވެ. އެކި ޤައުމުތަކުގެ ފުލުހުންނާއި ސިފައިން މި ކުންފުނީގެ ޚިދުމަތް ހޯދައެވެ.
މަބު ދެން އެންމެ ބޮޑަށް ބޭނުންކުރާ އެއް ދާއިރާއަކީ ވާހަކަދެއްކުމާއި ލިޔުންތައް ދެނެގަތުމެވެ. މި ދާއިރާގެ މަސައްކަތް ފެށުނީ 1950 ގައެވެ. އިލެކްޓްރޮނިކް ކޮމްޕިއުޓަރު އުފެއްދިތާ މާ ގިނަ ދުވަހެއް ނުވަނީސް މީހުން ދައްކާ ވާހަކަ އެހެން ބަހަކަށް ތަރުޖަމާ ކުރުން ކާމިޔާބުކުރިއެވެ. މިހާރު ވާހަކަ ދައްކަމުން ދާއިރު އެހެން ބަހަކުން އެ ތަރުޖަމާ ކުރުމުގެ ޤާބިލްކަން ހުރި އެޕްތައް ހުރެއެވެ. އަދި، ލިޔެފައި ހުންނަ ތަކެތި ކިޔުމާއި ކިޔާ ތަކެތި ލިޔުމާއި ބަހުގެ ގަވާއިދުތައް އަމިއްލައަށް ދެނެގަތުމުގެ ހުނަރު ފަހުގެ އެޕްތަކުގައި ހުރެއެވެ. ކުރާ ސުވާލަށް މަޢުނަވީ ޖަވާބެއް ދިނުން ވެސް ހިމެނެނީ މިދާއިރާގެ ތެރޭގައެވެ.
އަޅުގަނޑަށް މި ޚުލާޞާކޮށްލެވުނީ ކުރުގޮތަކަށް މަބުން މި ޒަމާނުގައި ކޮށް އުޅޭ މައިގަނޑު ކަންތައްތަކެވެ. މި ނޫންވެސް އެތައް ދާއިރާއެއްގައި މަބު ބޭނުންކުރުން ވަނީ ޢާއްމު ވެފައެވެ. މިގޮތުން ރޮބޮޓު އާއި އަމިއްލައަށް ދުއްވާ ކާރު ހިމެނެއެވެ.
މަބު މަސައްކަތްކުރާ ގޮތް
އިސްވެ ބަޔާން ކުރެވުނު މަބުން ކުރާ ކަންކަން ދޭހަ ރަނގަޅު ގޮތަކަށް ޚުލާޞާކުރާނަމަ، މަޒުމޫނު ވަރަށް ދިގުވާނެއެވެ. އެހެންކަމުން އަޅުގަނޑު އެންމެ ފުރަތަމަ ދަންނަވާނީ ފޮޓޯއަކުން މީހުން ދެނެގަތުމާއި އެއީ ކާކުކަން ދެނެގަތުމުގެ މައްސަލަ ހައްލުކުރާގޮތެވެ. މިއީ ގިނަ ބަޔަކަށް މޮބައިލް ފޯނުން ފެނިފައިވާނޭ ކަމަކަށް ވާތީ، ކުރެވިފައިވާ ތަޖުރިބައަކުން ވާގޮތް ދެނެގަތުން ފަސޭހަވާނެތީއެވެ. ފޯޓޯއަކުން މީހަކު ދެނެގަތުމުގެ މައްސަލަ އަޅުގަނޑުމެންނަށް ހަތަރު ފިޔަވައްސަކަށް ބަހާލެވިދާނެއެވެ. އެއީ ތިރީގައިވާ ހަތަރު ފިޔަވަޅެވެ.
އެންމެ ފުރަތަމަ ފިޔަވައްސަކީ ފޮޓޯގައި އިންސާނެއްގެ މޫނުވާކަން ދެނެގަތުމެވެ. މިކަން ކުރުމަށް ކޮންމެހެން ކުލަ ފޮޓޯއެއް ބޭނުމެއް ނުވާނެއެވެ. އެހެންކަމުން އެންމެ ފުރަތަމަ ކުރާ އެއްކަމަކީ ފޮޓޯ ހުދާއި އެކި ވަންނީގެ (ޝޭޑްގެ) އަޅިކުލައަށް ބަދަލުކުރުމެވެ. ކޮމްޕިއުޓަރަކީ މައިގަނޑު ގޮތެއްގައި ހިސާބުކުރާ އެއްޗެއްކަމުން، ކަޅާއި ހުދުގެ ފޮޓޯއިން މީހެއްގެ މޫނުކަން ދެނެގަތުމަށް ކުރަންޖެހޭ ހިސާބުތައް ފަސޭހަވާނެއެވެ. އާދެ! ދެން އޮތީ މީހެއްގެ މޫނު ދެނެގަތުމެވެ.
މީހެއްގެ މޫނަށް ނަޒަރު ހިންގައިލުމުން ފާހަގަކުރެއްވޭނެ ކަމަކީ މޫނުގެ އެކި ތަންތަން އަނދިރިވެފައި އަނެއް ބައިތަންތަން އަލިކަމެވެ. މިސާލެއްގެ ގޮތުން އަންނިވި ތަޞްވީރުގެ އެންމެ ކަނާތް ފަރާތުގައިވާ ފޮޓޯއަށް ބައްލަވާށެވެ. އަޅުގަނޑުމެންނަށް ފާހަގަކުރެވޭނީ ނިތްކުރީގެ ކުލައާ އަޅާބަލާއިރު އަދި ލޮލުގެ ތިރީކައިރިއާ އަޅާ ބަލާއިރު ދެ ލޮލޮގެ ވަޅުގަނޑު އަނދިރިކަމެވެ.
ފޮޓޯއަކުން މި ވަޅުގަނޑު ހޯދުމަށް މުޅި ފޮޓޯ ކުދި ގޮޅިތަކަކަށް ބަހާލައި، މަތީ ގޮޅިއެއްގެ އެވަރެޖް ކުލަ ތިރީ ގޮޅީގެ ކުލައަށް ވުރެ އަނދިރިނަމަ އެއީ ދެ ލޮލުގެ ވަޅުގަނޑުކަމަށް ފަހަރެއްގައި ވެދާނެކަމެވެ. މިހެން ވެއްޖެނަމަ، އިތުރު ބެލުމެއް ބެލިދާނެއެވެ. އެއީ އެންމެންގެ ފޮޓޯގައިވެސް ދެ ލޮލުގެ މެދުގެ ކުލަ ދެފަރާތަށް ވުރެ އަލިވާނެއެވެ. އެހެންކަމުން ގޮޅިތަކަކަށް މިތަން ބަހާލައި ދެ ފަރާތަށް ވުރެ މެދު އަލިނަމަ، ދެ ފަރާތުގައި ވަނީ ދެ ލޯކަމަށް ވުމުގެ ޗާންސް ވަރަށް ބޮޑުވާނެއެވެ. ދެންވީ ތިރީގައިވަނީ އަނގަތޯ ބެލުމެވެ. ގިނަ މީހުންނަށް ފާހަގަކުރެއްވޭނޭ ފަދައިން، އެންމެންގެ ދެ ތުންފަތުގެ މައްޗާއި ތިރިއަށް ވުރެ ތުންފަތް ކަޅު (އަނދިރި) ވާނެއެވެ. އެހެންކަމުން ތިރި ގޮޅިތަކަކަށް ބަހާލައި ނޭފަތުގެ ތިރީގައި ވާ ގޮޅިތަކުން އަނގަ ދެނެގަނެވޭނެއެވެ. ލޮލާއި ނޭފަތާއި އަނގަ ވާކަން ދެނެގަތުމުން އެއީ މޫނެއްކަން ވަރަށް ބޮޑަށް ޔަޤީން ވާނެއެވެ. ދެން މިގޮތަށް ފާހަގަކުރެވުނު މޫނު އިތުރު ބައިބަޔަށް ގޮޅިޖަހައި ލޮލުގެ އެހެން ބައިތައް ވެސް ދެނެގަނެވޭނެއެވެ.
އަޅުގަނޑު މި ދެންނެވި ގޮތުގެ މަތިން، މީހެއްގެ މޫނުކަން ދެނެގަތުމުން މި ފިޔަވަހި ނުވަތަ ފިޔަވަޅު ނިމުނީއެވެ. ދެން އޮންނާނީ ދެވަނަ ފިޔަވައްސެވެ.
މިހާ ހިސާބަށް ދެންނެވުނުބައި ރަނގަޅަށް ދޭހަވެވަޑައިގެންފިނަމަ، ފޮޓޯގައި އެއް މޫނު ނުވަތަ ގިނަ މޫނުވާކަން ކޮމްޕިއުޓަރުން ފާހަގަކުރާ ގޮތް އޮޅުންފިލާވަޑައިގަންނަވާނެ އެވެ. ދެވަނަ ފިޔަވަހީގައި ހިމެނެނީ ފޮޓޯގައިވާ މޫނު ނުވަތަ މޫނުތައް އަރިކޮށް، ކަތިކޮށް ކުޑަކޮށް ނުވަތަ ބޮޑުކޮށް ހުރެދާނެތީ އަޅާކިޔުމަށްޓަކައި އެއް ސައިޒަކަށް ރަހައަށް ބަދަލުކުރުމެވެ. ނަމަވެސް މިވާހަކަ ބަޔާން ކުރުމުގެ ކުރީން ތިޔަ ބޭފުޅުންނަށް ލަފުޒެއްގެ މާނަ ދަންނަވާލައިފި ނަމަ، ފަހުން ދައްކާ ވާހަކައިގެ ދޭހަ ފަސޭހަފުޅު ވާނެއެވެ. އެ ލަފުޒަކީ އެލްގޮރިދަމް އެވެ. ތިރީގައި އެވަނީ މި ލަފުޒުގެ ތަޢުރީފެކެވެ.
ދިވެހިބަހުން ކަމެއް ކުރާ ގޮތަށް، ކަމެއްގައި ހިމެނޭ ފިޔަވަޅުތަކާއި ތަރުތީބަށް ކިޔާނީ ކީކޭތޯއެވެ؟ ކަމެއް ކުރާނެ ގޮތް ނުވަތަ މަގު ރަނގަޅުތޯއެވެ؟ ޢަރަބި ބަހުން މި ޚިޔާލަށް ކިޔަނީ ޠަރީޤާ، އުސްލޫބް، އިޖުރާއު ފަދަ ލަފުޒެކެވެ. ހިސާބުކުރުމުގައި އަދި ކޮމްޕިއުޓަރ ޢިލްމުގައި ވަކި މައްސަލައެއް ހައްލުކުރުމަށް ނުވަތަ ވަކި ކަމެއް ކުރުމަށް ތަރުތީބުން އަޅަން ޖެހޭ ފިޔަވަޅުތަކަށް ކިޔާ ޚާއްޞަ ނަމެއް އޮވެއެވެ. އެއީ އެލްގޮރިދަމް އެވެ. މި ލަފުޒު މިހާރު ޢާއްމު ބަހުރުވައިގައި ވެސް ބޭނުންކުރެއެވެ. ހެދުމުގައި ދަބަރު ލަކެއް ޖެހިއްޖެނަމަ، އެ ފިލުވަން އަޅާ ފިޔަވަޅާއި ފިޔަވަޅުތަކުގެ ތަރުތީބަކީވެސް އެލްގޮރިދަމް އެކެވެ.
މި ލަފުޒު ފެނިވަޑައިގަތުމުން މީގައި އަލް ހިމެނޭތީ މި ގޮތަށް ފަށާ ގިނަ އިނގިރޭސި ލަފުޒުތައް ފަދައިން މި ލަފުޒާ ވެސް ޢަރަބި ބަހާ ގުޅުމެއް އޮވެދާނެކަމަށް ބައެއް ބޭފުޅުންނަށް ހީފުޅުވާނެއެވެ. އެއީ އެލްކޮހޯލް، އެލްމެނެކް ފަދަ ލަފުޒަކީ ވެސް ޙަޤީޤަތުގައި ޢަރަބި ލަފުޒަށް ވާތީއެވެ.
ފާރިސްކަރައަށް މީލާދީން 780 ވަނަ އަހަރު އުފަންވި محمد بن موسى الخوارزمي އަކީ ހިސާބާއި އެހެނިހެން ދާއިރާ އާ ބެހޭ ފޮތްތަކެއް ލިޔުއްވި ޢިލްމުވެރިއެކެވެ. އޭނާ އުފަންވި ރަށަށް ކިޔަނީ އަލްޚަވާރިޒް އެވެ. ހިތަދޫ ޢަބްދުﷲ، ނައިފަރު ދޮހޮއްކޮ، ނަޑެއްލާ ރަޝީދު ދިވެހީން ކިޔާފަދައިން ޢަރަބީންވެސް އެމީހަކު އުފަންވި ޝަހަރުގެ ނަން، ނަމުގެ ބައެއްގެ ގޮތުގައި ހިމަނައެވެ. މިގޮތުން މުޙައްމަދު ބިން މޫސާ ބައެއް ކަހަލަ ވިޔަތައް ކުރުމަށް ބޭނުންކުރި ފިޔަވަޅުތަކަށް ނުވަތަ ގޮތްތަކަށް ޔޫރަޕުގެ މީހުން ކީ ނަމަކީ އެލްގޮރިދަމް އެވެ. އެމީހުން ހީކުރީ އެމީހުންގެ އާދަކާދައާ އެއްގޮތަށް މީހާގެ ނަމަކީ ފަހު ނަން ކަމަށެވެ. އަލްޙަވާރިޒްމީ އެމީހުންނަށް ކިޔުނީ އަދި ލިޔެވުނީ އެލްގޮރިދަމް މިގޮތަށެވެ. އަލްޖެބްރާ އަކީ ހިސާބުގެ ގޮތްޕެކެވެ. މި ލަފުޒުގެ އަސްލަކީ ވެސް މީނާ ލިޔެފައިވާ ފޮތެއްގެ ނަމުގެ ބައެކެވެ. އަލްޖަބަރު އެވެ : الكتاب المختصر في حساب الجبر والمقابلة އެވެ.
ކުރިން ދެންނެވިހެން މި ލަފުޒުގެ ޢާއްމު މާނައަކީ ވަކި ކަމެއް ކުރުމަށް، ނުވަތަ ވަކި ނަތީޖާއެއް ނެރެން ތަރުތީބަކުން އަޅާ ފިޔަވަޅުތަކެވެ. ކުރުކޮށް ބުނާނަމަ، ކަމެއް ކުރާ ގޮތެވެ. ފޮޓޯއަކުން އިންސާނެއްގެ މޫނު ދެނެގަތުމަށް ފޮޓޯ ގޮޅިތަކަކަށް ބަހާލައި އޭގެ ގޮޅިތަކުގެ ކުލަތަކުގެ ތަފާތުން މޫނު ދެނެގަންނަ ގޮތަކީ ޚާއްޞަ އެލްގޮރިދަމް އެކެވެ. މަތީގައި ބަޔާންކުރި އެލްގޮރިދަމް ފިޔަވައި، މޫނު ދެނެގަންނާނޭ އެހެން އެލްގޮރިދަމްތައް ވެސް ހުރެއެވެ. ނަމަވެސް މަތީގައި ބަޔާންކުރެވުނު ގޮތަކީ ވަރަށް އަވަހަށް މޫނު ދެނެގަނެވޭނޭ އެލްގޮރިދަމް އެކެވެ.
ދެވަނަ ފިޔަވައްސަކީ އަޅާކިޔުމަށްޓަކައި މޫނު ރަހައަށް އެއް ސައިޒަކަށް އަދި އެއްދިމާއަކަށް ބަލަންހުންނަ ގޮތަށް ބަދަލުކުރުމެވެ.
ތިރީގައިވާ ފޮޓޯއަށް ބައްލަވާށެވެ. އޭގައި އެކި މީހުންގެ މޫނު އެނބުރިފައި ހުރީ އެކި އަތަށެވެ.
ބައެއް މޫނުވަނީ އެއް އަރިއަކަށެވެ. ބައެއް މޫނު ކުޑައެވެ. ބައެއް މޫނު ހުރީ ކަތިކޮށެވެ. އަޅާކިޔުމަށްޓަކައި، މި ހުރިހާ މޫނެއް އެއްދިމާއަކަށް ބަލަން ހުންނަ ގޮތަށް ބަދަލުކުރަން ޖެހެއެވެ. މިކަން ކުރަނީ ދެ ލޮލުގެ ދުރުމިނާއި ބަލާ ދިމާ ދެނެގަނެ، ހިސާބުތަކެއް ކޮށްގެންނެވެ. މިއީ މޮބައިލު ފޯނަކުން ފޮޓޯއެއް ބޮޑުކުރެވޭ ފަދައިން ކުރެވޭ ކަންކަމެވެ. ފޮޓޯ ބޮޑުކުރެވޭއިރު އޭގައި ހުރި ހުރިހާ ސިފައަކާ އެކު ބޮޑުކުރެވެއެވެ. ހަމަ މިގޮތަށް ހިސާބުން ފޮޓޯ ގަނޑު އެއްކަނަށް ދަމައި، އަނބުރައި މިފަދަ ކަންކަން ކުރެވެއެވެ. މޫނު އެއްސައިޒަކަށް އެއް ދިމާއަކަށް ބަލަންހުންނަ ގޮތް ހެދުމުން މި ފިޔަވަޅު ނިމުނީއެވެ.
ޕާސްޕޯޓު ފޮޓޯގައި ހުންނަ ގޮތަށް ހިސާބު ބޭނުންކޮށްގެން މޫނު އަނބުރާ އެލްގޮރިދަމްގެ ބާރު ތިޔަ ބޭފުޅުންނަށް އަންނިވި ތަޞްވީރުން ފާހަގަ ކުރެއްވޭނެއެވެ. ކޮންމެ ފޮޓޯއެއްގެ ކަނާތް ފަރާތުގައި އެވަނީ މަބުން ވާތް ފަރާތުގައިވަ ފޮޓޯ ބަދަލުކޮށްފައެވެ. ހީވަނީ މުޅިން އެހެން ފޮޓޯއެއް ހެންނެވެ.
ފޮޓޯއަކުން މީހަކު ދެނެގަތުމަށް ތިންވަނައަށް ކުރާކަމަކީ، އެމީހާގެ ސިފަތައް ދެނެގަތުމެވެ.
މިކަންކުރުމުގައި ބަލަނީ މޫނުގެ އެކި ކަންކަމަށެވެ. މިސާލެއްގެ ގޮތުން ދެލޮލުގެ ދެމެދުގެ ދުރުމިން، ތުންފަތުގެ ބޯމިން، ނޭފަތުގެ ދިގުމިން، މޫނުގެ ވަށްކަން، ބުމައިގެ ސީދާކަން މިފަދަ މިފަދަ ކަންކަމަށެވެ. ބައެއް އެލްގޮރިދަމްތަކުން ކޮންމެ މޫނެއްގެ 70 ވަރަކަށް ސިފަ ބަލައެވެ. މިސާލެއްގެ ގޮތުން އެންމެ ފުރަތަމަކަމަކީ ދެލޮލުގެ ކޮއިގެ ދެމެދުކަމުގައި ބަލާށެވެ. މި ދިގުމިން އެންމެ މިލިމީޓަރެއް ތަފާތު ނުވާގޮތަށް ފޮޓޯއިން ބަލައި ހިސާބު އަދަދަކަށް ބަދަލުކުރެއެވެ. ދެން އަނގައިގެ ފުޅާމިން ފަދަ އަދަދުތައް ބަލައެވެ. މިފަދަ ޢަދަދުތައް ތަރުތީބަކުން ލިޔެއެވެ. މި ޢަދަދުތަކަށް ކިޔަނީ ފީޗަރ ވެކްޓަރ އެވެ. މާނައަކީ ސިފަތަކުގެ ތަރުތީބު އަދަދުތަކެވެ. މިއީ ކޮންމެ މީހެއްގެ މޫނަށް ޚާއްޞަ އޭނާއަށް ނާދިރު މިންތަކެކެވެ. މީހެއްގެ އިނގިލިކުރީގެ ނާރުތައް ފަދައިން މި މިންތައް ކޮންމެ މީހަކަށް ޚާއްޞަވެގެން ވެއެވެ. ފޮޓޯއަކުން މި ޢަދަދުތައް ދެނެގަތުމުން މި ފިޔަވަޅު ނިމުނީއެވެ.
ފޮޓޯއަކުން ވަކި މީހަކު ދެނެގަތުމަށް ކުރާ ހަތަރުވަނަ ކަމަކީ، އެ ފޮޓޯގެ ފީޗަރ ވެކްޓަރ (ނުވަތަ ސިފަބަޔާންކުރާ ތަރުތީބު ޢަދަދުތައް) ކޮމްޕިއުޓަރުގައި ފޮރުވާފައި ހުރި އެހެން މީހުންގެ ޢަދަދުތަކާ އަޅާ ކިޔުމެވެ.
މި ގޮތަށް ހިސާބު ޢަދަދުތަކެއް އަޅާ ކިޔުމަކީ ކޮމްޕިއުޓަރުން ވަރަށް އަވަހަށް ކުރެވޭ ކަމެކެވެ. އަޅާ ކިޔާއިރު، ބަލަނީ ހޯދަން އުޅޭ ނަންބަރުތަކާ ވީހާވެސް ގާތްކުރާ ވެކްޓަރެއް ހޯދުމަށެވެ. ކޮމްޕިއުޓަރުގައި ހުރި ވެކްޓަރުތަކަކީ އެއީ ކޮންބައެއްކަން އެނގޭ ވެކްޓަރުތަކެއް ކަމުން، އެމީހަކު ފަސޭހައިން ދެނެގަނެވެއެވެ. އެޕްލް ފޯނުގެ ފޭސްއައިޑީން ފޯނު ހުޅުވަން ބަލާނީ ހަމައެކަނި ފޯނުގައި ރައްކާކޮށްފައިވާ މޫނުގެ ސިފަތަކުގެ ވެކްޓަރާއި ފޯނުގެ ކެމެރާއިން ފެންނަ މީހާގެ ވެކްޓަރާ އެއްގޮތްތޯއެވެ. އެހެންކަމުން މި މަސައްކަތް ސަފުން މާ އަވަސްވާނެއެވެ.
މި މަޒުމޫނުގައި އަޅުގަނޑަށް މި ދަންނަވާލެވުނީ މަބުން ކުރާ ކަންތައްތަކުގެ ތެރެއިން ފޮޓޯއަކުން ފެންނަ މީހަކީ ކާކުކަން ދެނެގަތުމަށް ބޭނުންކުރާ އެއް އެލްގޮރިދަމް މަސައްކަތް ކުރާ ގޮތެވެ. މި ނޫން އެހެން އެލްގޮރިދަމްތައް ވެސް، ފޮޓޯއިން މީހުން ދެނެގަތުމަށް ބޭނުން ކުރެއެވެ. މަބު ބޭނުންކުރާ ހުރިހާ ޙާލަތްތަކެއްގައި ކުރާ ކަމަކީ، ކަމެއް ނުވަތަ އެއްޗެއް ހިސާބު ޢަދަދުތަކެއްގެ ގޮތުގައި ކޮމްޕިއުޓަރުގައި ބެހެއްޓޭނޭ ގޮތް ހަދަނީއެވެ. ދެން މި ޢަދަދުތަކުން ބޭނުންކަމެއް ކުރުމަށް އެ ޢަދަދުތަކަށް ހަދަންވީ ގޮތެއް ކަނޑައަޅަނީ އެވެ. ފަހުން މިދެންނެވި ފިޔަވަޅަށް އެލްގޮރިދަމް ވެސް ކިޔައެވެ. މަބު އެޕެއްގައި އެތައް ބާވަތެއްގެ އެލްގޮރިދަމެއް ބޭނުންކޮށްފާނެއެވެ. މި ދެކަމުގެ މުހިއްމު ކަމުން މި ޢިލްމުގެ މަޝްހޫރު އެކަކު ލިޔުނު ފޮތަށް ކީ ނަން ތިރީގައި އެވާ ފޮޓޯގައި އެވަނީއެވެ.
ފޮތުގެ ނަމުގެ ދެވަނަ ބައި، ޑޭޓާ ސްޓްރަކްޗަރ އަކީ، އެކި އެކި މަޢުލޫމާތު ކޮމްޕިއުޓަރުގައި ހިސާބު ޢަދަދުގެ ގޮތުގައި ބަހައްޓައި، ތަރުތީބުކުރާނޭ ގޮތެވެ. އެންމެ މުހިއްމީ އެލްގޮރިދަމްއެވެ. މި ދެކަން ކާމިޔާބުކޮށް ކުރެވުމަކީ ހުރިހާ ކޮމްޕިއުޓަރ ޕްރޮގްރާމެއްގެ އަޞްލެވެ. މި ޒަމާނުގައި ކޮމްޕިއުޓަރު ޕްރޮގްރާމަށް އެޕް ކިޔާ ސަބަބަކީ، ކޮންމެ ކަމެއް ކުރުމަށް އެތައް ޕްރޮގްރާމްތަކެއް ގުޅިގެން މަސައްކަތް ކުރާތީއެވެ. އެޕްގެ އެކި ބައިތައް ލިޔަނީ (ކޮމްޕިއުޓަރު ޕްރޮގްރާމްކުރަނީ) ވެސް އެކި މީހުންނެވެ. މިސާލެއްގެ ގޮތުން މޫނު ދެނެގަތުމުގެ އެކި ފިޔަވަޅުތަކާ ބެހޭ ކޮމްޕިއުޓަރު ޕްރޮގްރާމްތައް އެކި މީހުން ލިޔެފައި (ޕްރޮގްރާމްކޮށްފައި) ހިލޭ ލިބެން ހުރެއެވެ. މި ޒަމާނުގައި މޫނު ދެނެގަތުމަށް އައްވަލުން ފެށިގެން ހުރިހާ އެއްޗެއް ލިޔާކަށް ނުޖެހެއެވެ. އެއީ ސައިކަލެއް ހަދާނަމަ، އޭގެ ފުރޮޅު ނުވަތަ ސައިލެންސަރު ސައިކަލު ހަދާ މީހާ އުފައްދަން ނުޖެހޭ ފަދައިންނެވެ. މިބައިތައް އެކި ކާރުޚާނާތަކުން ހަދާފައި، ވަކިވަކިން ވިއްކަން ހުންނާތީއެވެ. ރޮބޮޓާއި އަމިއްލައަށް ދުއްވާ ކާރު ފަދަ މަޞްނޫޢީ ބުއްދި ނުވަތަ މަބު ބޭނުންކުރާ ހުރިހާ އެއްޗެއްގެ ”ބުއްދި“އަކީ ވަށައިގެން އޮތް މާހައުލު ހިސާބުގެ ޢަދަދުތަކުގެ ގޮތުގައި ކޮމްޕިއުޓަރުގައި ބަހައްޓާނޭ ގޮތާއި، އެކި ކަންކަން ކުރަންވީ އެލްގޮރިދަމްތަކެވެ.
މަޞްނޫޢީ ބުއްދި ނުވަތަ މަބާ ބެހޭ މުހިއްމު އެއް ވާހަކަ އަޅުގަނޑަށް އަދި ނުދެންނެވެއެވެ. ތިޔަ ބޭފުޅުން ތިރީގައި އެވާ ވިޔައަކުރުގެ އަރަތަށް ވިސްނަވާށެވެ. މި އަރަތުގެ މަޤްޞަދަކީ، ހުރިހާ ޢަދަދުތައް ފޮޓޯއިން ފެންނަ ފަދައިން ތަރުތީބު ކުރުމެވެ. އެއިރުން އަރަތް ހައްލުވީއެވެ. ކޮމްޕިއުޓަރުން މިކަން ކުރާނަމަ، މި އަރަތުފިލާގަނޑު ހުރިގޮތް، ހިސާބު ޢަދަދުތަކެއްގެ ގޮތުގައި ކޮމްޕިއުޓަރުގައި ބަހައްޓާނެއެވެ. އަދި ކޮންމެ މުށިކޮޅެއް ގުޑުވާލެވޭނޭ ގޮތް ވެސް ގަވާއިދެއްގެ ގޮތުގައި ބަހައްޓާނެއެވެ. އަރަތް ހައްލުކުރުމުން (ނިމުމުން) މުށިކޮޅުތައް ހުންނާނޭ ގޮތް ވެސް (ގޯލް ސްޓޭޓް – goal state) ވެސް ކޮމްޕިއުޓަރުގައި ބަހައްޓާނެއެވެ. ދެން މުށިކޮޅުތައް ގުޑުވަމުންދާއިރު، ކޮންމެ ގުޑުވުމަކަށް ފަހު، ހައްލުވީތޯ ބަލާނެއެވެ. ހައްލުވުމުން، ރަނގަޅު ނަތީޖާއާ ހަމައަށް އާދެވުނު ފިޔަވަޅުތަކަށް މާކުސް ދޭނެއެވެ. ރަނގަޅު ނޫން މަގުތަކަށް ދަށް މާކުހެއް ދޭނެއެވެ. ދެވަނަ ފަހަރަށް އަރަތް ހައްލުކުރާނަމަ، ކުރީ ފަހަރު ދެވުނު މާކުސްތަކަށް ބަލާ މާއަވަހަށް އަރަތް ހައްލުކުރާނެއެވެ. މިގޮތުގެ މަތިން މަބު ފަހަރަކަށް ވުރެ ފަހަރެއް އަވަހަށް އަރަތް ހައްލުކުރާނެއެވެ. އެއީ ކުރީގެ ތަޖުރިބާތަކަށް މާކުސް ދެވިފައިވާތީއެވެ. މިފަދަ މަބު އެޕްތަކަކީ ”ތަމްރީނު“ ކުރެވޭ އެއްޗެކެވެ.
އަޅުގަނޑު މި މަޒުމޫނު ލިޔަން ފެށިއިރު، ޤަޞްދުކުރީ ރާޒުވާ ކުޅޭ ކޮމްޕިއުޓަރ އެޕް ހަދާގޮތް ވެސް ބަޔާންކުރުމަށެވެ. ނަމަވެސް މަޒުމޫނު ދިގުވާތީ ކުރުކުރަމެވެ. މަޞްނޫޢީ ބުއްދިއަކީ އިންސާނުން ބުއްދި ބޭނުންކޮށްގެން ކުރާ ކަހަލަ ބައެއް ކަންކަން ކުރުމަށް މެޝިންތަކާއި އެހެން އާލަތްތަކުން ބޭނުންކުރާ ހަމަތަކެވެ. މެޝިނެއްގައި ނުވަތަ އާލަތެއްގައި މަބު ހުރިކަމަށް ބަލާނީ ކިހާ ބޮޑެތި ކަންކަން އެއަށް ކުރެވެންޏާ ތޯއެވެ؟ 1960 ގައި ނުވަތަ އޭގެ ކުރިން ބޭނުންކުރި ސޯބުން ހިސާބުހަދާ ކެލްކިޔުލޭޓަރުގައި ބުއްދި ހިމެނޭތޯއެވެ؟ ފޯނުން މީހާ ދެނެގަންނަ ގަތުމުގައި ބުއްދި ހިމެނޭތޯއެވެ؟ މަބު ބޭނުންކުރާ އަދި މަބު ބޭނުންނުކުރާ ކަންކަން ވަކިކުރަން ދަމާ ރޯނު ދަމާނީ ކޮން ހިސާބަކުތޯއެވެ؟ މި ސުވާލުގެ ޖަވާބު ދެއްވުމަށް އަޅުގަނޑު ދޫކޮށްލާނީ ތިޔަ ބޭފުޅުންނަށެވެ. އަޅުގަނޑަށް ހީވަނީ މި ރޯނު ދަމަން ވަދެވޭނީ ޗަސް ބިމަކަށް ހެންނެވެ. އުނަގަނޑާ ހަމައަށް ގަނބައިގަތުމުން، ޙަޤީޤީ މަބުވަނީ އެލްގޮރިދަމްތައް ފަރުމާކުރި މީހާގެ ބޮލުގައިކަމަށް ވެސް ހީވާނެއެވެ. ކީހާ ޅެމެއް މިވީ ފަރިއްސަށެވެ.
Wow.. excellent article .. very easy to understand.. Hassan has put everything so simply such that anyone can understand this.