
މި މަޒުމޫނުގައި އަޅުގަނޑުގެ މަޤްޞަދަކީ، 2025 ވަނަ އަހަރުގެ ފިޠުރު އީދުގެ ހަނދު ރާއްޖެއަށް ފެންނާނެ ދުވަސް ވަރަށް ދޭހަ ފަސޭހަގޮތަކަށް ތިޔަ ބޭފުޅުންނަށް ދަންނަވާލުމެވެ. މި ވާހަކައިގެ ތެރެއަށް އަޅުގަނޑު ގަތަމުން ދާނީ، ބޭނުންތެރި ކަމާ ގުޅޭ ފައިދާހުރި މަޢުލޫމާތެވެ. ނަމަވެސް، މި ވާހަކަ ކިޔާދިނުމުގެ ގޮތުން، އެންމެ ފުރަތަމަ މި ވޭތިވެދިޔަ ރޯދަމަސް ފެށުނު ގޮތް ދަންނަވަން ޖެހެއެވެ.
މިއަހަރުގެ ރޯދަމަސް ފެށުނު ގޮތް
މިއަހަރުގެ ރޯދަމަސް ފެށުނީ 1 މާޗް 2025 ގައެވެ. ރާއްޖޭގެ ބައެއް ފަލަކީ ކަންކަމަށް ޝައުޤު ހުންނަވާ ބޭފުޅުން އޭގެ ކުރީ ދުވަހު، އާދެ، 28 ފެބްރުއަރީ 2025 ގައި ހަނދު ފެންނާނެކަމަށް ބަޔާންތައް ލިޔުއްވިއެވެ. އަޅުގަނޑުގެ ހުށަހެޅުމަކީ ހަނދެއް ނުފެންނާނެއެވެ. ކަންދިމާވި ގޮތުން، 28 ފެބްރުއަރީ 2025 ވީ ހުކުރު ދުވަހަކީ ވަރަށް ވިއްސާރަ ދުވަހެކެވެ. މުޅި ރާއްޖެއަށެވެ. އެހެންކަމުން ހުކުރު ދުވަހު ހަނދު ފެންނަން ހުރިކަމުގައި ވިޔަސް އެ ވާނީ ވިލާތަކުން ފަރުދާ ވެފައެވެ. ރޯދަމަހުގެ އެއްވަނަ ދުވަހަށް 1 މާޗް 2025 ވީ ރާއްޖެއަށް ހަނދު ފެނިގެންނެއް ނޫނެވެ. ސަޢޫދީ އެރެބިޔާއަށް ހަނދު ފެނިގެންނެވެ.
އައު ހަނދު އުފަންވަނީ މުޅި ދުނިޔެއަށް އެއް ހިނދަކު
ހަނދަކީ ދުނިޔެ ވަށައިގެން އެނބުރޭ ސެޓެލައިޓެކެވެ. ދުނިޔެ އެނބުރެނީ އިރު ވަށައިގެންނެވެ. ހަނދު ދުނިޔެވަށައިގެން އެނބުރެނީ ކަނޑައެޅިފައިވާ މަދާރެއްގައެވެ. އޯބިޓެއްގައެވެ. މި ގޮތަށް ދަތުރުކުރާއިރު މަދުވެގެން މަހަކު އެއްފަހަރު، އިރާއި ހަނދާއި ދުނިޔެ އެއްއުއި ވެއެވެ. އިރާއި ދުނިޔެއާ ދޭތެރެއަށް ހަނދު ވަދެ އެވެ. މިހެންވުމުން ހަނދެއް އެއްވެސް ގޮތަކަށް ނުފެންނާނެއެވެ.
އެކި ޤައުމުތަކަށް އިރު އަރަނީ އެކި އިރުއެވެ. ނަމަވެސް، (އެކްލެޕްޓިކް ލޮންޖިޓިއުޑުން ހިސާބުކުރާއިރު) އައު ހަނދު އުފަންވަނީ ހުރިހާ ޤައުމަކަށް އެއް ހިނދެއްގައެވެ. ކުރިން ދެންނެވި ގޮތަށް އެއް އުއިވަނީ އެއް ހިނދަކުއެވެ. ދެން އެއަށް ފަހު ހަނދަށް އިރުގެ އަލިކަން ލިބި، ހަނދުން އެ އަލި ދުނިޔެއަށް ރިވެލި ވެއެވެ. ފޮއެ ދުވަސް ވަންދެން އަލި އެޅޭ މިންވަރު އިތުރުވަމުން، ރިވެލިވާ އަލިވެސް ގިނަވަމުން ދެއެވެ.
އައު ހަނދު ފެންނާނީ ކިހާ އަވަހަކަށް؟
ކުރިން ބަޔާންކުރި ފަދައިން ދުނިޔޭގެ ހިޔަނިން މުޅި ހަނދު ފޮރުވޭ ވަގުތެއް އާދެއެވެ. ދެން ހަނދު ދަތުރުކުރަމުން ދާއިރު، ދުނިޔޭގެ ހިޔަނިން މަޑުމަޑުން ހަނދު ނެއްޓެމުން، ހަނދަށް އިރުގެ އަލި އެޅެމުން ދެއެވެ. ހަނދު ހަމަ ލޮލަށް ފެންނަން ފަށާނީ ކިހާ ވަރަކަށް އަލި އެޅުނީމާ ހެއްޔެވެ؟
މި ސުވާލުގެ ޖަވާބު ހޯދުމަށް ޚިޔާލީ ތަޙްޤީޤެއް ކުރަމާ ހިނގާށެވެ. މީހަކު ފަޑު އައްޔެއް ނުކުންނަ 100 ބޮކި ހަރުކުރި ފިލާގަނޑެއް ހިފައިގެން 2000 ފޫޓު ދުރުގައި ހުރިކަމަށް ބަލާށެވެ. ކޮންމެ ބޮތްކަކުން އަލި ނުކުންނަނީ އެއްވަރަކަށެވެ. ނަމަވެސް ބޮކިތަކުގެ އަލި ވަރަށް ފަނޑެވެ. ދެހާސްފޫޓު ދުރުން އެއް ބޮކި ދިއްލައިލުމަކުން ދިއްލި ކަމެއް ބަލަންހުރި މީހާއަކަށް ނޭނގެއެވެ. ނަމަވެސް، 100 ބޮކި ދިއްލައިލުމުން އަލި ވަރަށް ރަނގަޅަށް ފެނެއެވެ. ސުވާލަކީ ދެހާސް ފޫޓު ދުރުގައި ހުރި މީހާއަށް އަލި ފެންނަން ފަށާނީ ކިތައް ބޮކި ދިއްލައިލުމުން ހެއްޔެވެ؟
މި ސުވާލުގެ ޖަވާބު ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެއެވެ. އެކަން ވަރަށް ބޮޑަށް ބިނާވާނީ، ބަލަން ހުރި މީހާގެ ލޮލުގެ ތޫނުކަމުގެ މައްޗަށާއި ބޮކިތަކާއި މީހާ އާ ދެމެދު ކަންތައްތައް ހުރިނެތް ގޮތެއްގެ މައްޗަށެވެ. ދެމެދުގައި ބަޔަކު ކުނި އަންދައިގެން ދުން އަރުވާނަމަ، ނުވަތަ ވިއްސާރަވެ ވާރޭ ވެހޭ ނަމަ، ނުވަތަ ފިނިކަމުން މިދުމާއިން (ދުންފިނިން) ޖައްވު ފުރިފައި ވާނަމަ، ފެނުމަށްޓަކައި ދިއްލަން ޖެހޭ ބޮކިތައް ގިނަވާނެއެވެ. ދިއްލިކަން ދެތުމަށް އެންމެ މަދުން ދިއްލަންޖެހޭ ބޮކީގެ ޢަދަދަކީ ސައިންސުން ހޯދޭނޭ ކަންކަމެއް ނޫނެވެ. އެއީ އެކަމަށް އަސަރުކުރާ އެތައް ކަމެއް ވާތީއެވެ.
ހުޅެވިހަނދު ފެނުމުގައި ދިމާވަނީ މި މައްސަލައެވެ. ހަނދު ހުންނަތަނާއި އިރުން ހަނދަށް އަލި އެޅިފައި ހުންނަ ސަރަޙައްދުގެ ބޮޑުމިން ހިސާބުން ބަރާބަރަށް، ރަނުން ރަނަށް ހޯދެއެވެ. ނަމަވެސް، ފެނުމާއި ނުފެނުމަކީ ބަލާމީހާ ހުންނަ ތަނާއި ބަލާމީހާގެ މައްޗަށް ބިނާވާ ކަންކަމެވެ.
ކުރީގެ ބަޔާންކުރެވުނު ޚިޔާލީ އިކްސްޕެރިމަންޓް ހަނދުމަފުޅަށް ގެންނަވާށެވެ. އެ ހާލަތުގައި އަލި ފެނޭތޯ ނުފެނޭތޯ ބެލޭނޭ ގޮތަކީ، ވަކިވަރަކަށް ވާރޭ ވެހޭ ދުވަހަކު އެތައް ބަޔަކު ދިއްލާތަން ބަލަން ބައިތިއްބާ މީހުންގެ ކައިރީގައި އަލި ފެންނަން ފެށީ ކިތަން ބޮކި ދިއްލީމާތޯ ސުވާލުކުރުމެވެ. މިއީ ތަޖުރިބާގެ މައްޗަށް ބަރޯސާވުމެވެ.
ތަޖުރިބާއިން މިންގަނޑެއް ކަނޑައެޅުން
އަޅުގަނޑުމެން މި ކުރި ޚިޔާލީ އިކްސްޕެރިމަންޓްގައި އެއް ބޮކި ދިއްލުމުން ނުފެނުނަސް، ބޮކިތައް ދިއްލާ މިންވަރު ގިނަކުރަނިކޮށް އަލި ފެންނަން ފަށާނެއެވެ. ހަނދު އުފަންވާ ވަގުތު މުޅި ހަނދު ހުންނަނީ ކަޅުކުލައިގައެވެ. އެހެންކަމުން އެ ނުފެންނާނެއެވެ. ނަމަވެސް ވަގުތު ފާއިތުވީ ވަަރަކަށް ހަނދު އެއްކާރިއަށް ޖެހެމުންދާނެއެވ.ެ މިކަމުގެ ސަބަބުން އިރުން ހަނދަށް އެޅޭ އަލި އިތުރުވަމުންދާނެ އެވެ. ވީމާ ހަނދު ފެންނަށް ފަށާނެއެވެ. ހަނދަށް އަލި އެޅޭ މިންވަރު ބެލުމުގެ ބަދަލުގައި، އުފަންވުމަށް ފަހު ހިނގާ ދާ މުއްދަތު ބަލަނިކޮށް ވެސް، ހަނދަށް އަލި އެޅިފައި ހުންނަވަރު އެނގޭނެއެވެ. އެއީ އަލި އެޅޭ މިންވަރު، ވަގުތު ފާއިތުވީ ވަރަކަށް ބޮޑުވަމުން ދާތީއެވެ. ގަޑި ބަލަން މާ ބޮޑަށް ފަސޭހަވާނެއެވެ.
ހަނދު ފެންނަނީ، އުފަންވުމަށް ފަހު، ކިހާ އިރެއްވީމަތޯ، ތަޖުރިބާގެ މަގުން މީހުން ބަލާފައި ވެއެވެ. މި ބެލިބެލުމުން އެކި މީހުންގެ ހޯދުންތައް ތަފާތުވެ ދެއެވެ. އެއީ ކުރިން ދެންނެވިހެން، ހަނދުފެނުމަކީ މީހާއާއި، ބަލަންހުރި ތަނަކާއި އެތަނުގެ ވެއްޓަށް ބަރޯސާވާ ކަމެކެވެ. ތަޖުރިބާތަކުގެ މައްޗަށް ބަލައި، އެކި މީހުން ހަނދު ފެންނާނެކަމަށް ހަތްވަރަކަށް ކްރައިޓީރިއާތައް ހުށަހަޅާފައި ވެއެވެ. ކްރައިޓީރިއާ އަކީ އެއްޗެއް އިންސާފުކުރާ މިންގަނޑު ނުވަތަ މިޢުޔާރު އެވެ. ބައެއް މީހުން ބުނަނީ ހަނދު އުފަންވުމަށް ފަހު، މިވެނި ގަޑިއިރެއް ވިއްޔާ ނޫނީ އެކަށީގެންވާ މިންވަރަށް ހަނދަށް އިރުގެ އަލި އެޅި، ރިވެލިވާ އަލި ފެންނަ ވަރު ނުވާނެ ކަމަށެވެ. ބައެއް ކްރިޓީރީއާ ގައި ހަނދާއި އިރާ ހުންނަން ޖެހޭ ދުރުމިން ހިމަނާފައެވެ. އެހެން ހަދާ ސަބަބަކީ، ފަނޑު ހަނދެއް އިރާ މާ ކައިރިން ފެނުމުން، އިރުގެ ދަޅައިން އެ ވަންހަނާ ވާނެ ތީއެވެ. އަނެއްބައި މިންގަނޑުގައި، އިރު އޮއްސުމަށް ފަހު، ހަނދު އޮއްސުމާ ދެމެދު ހުންނަ ވަގުތު ހިމަނާފައި ވެއެވެ. އެކަން ބަލަނީ، އިރު އޮއްސުމުގެ ކުރިން ފަނޑު ހަނދެއް ނުފެންނާނެތީ އެވެ. އެކި ކްރައިޓީރިއާގައި އިސްކަންދެނީ އެކި ކަންކަމަށެވެ.
ރާއްޖޭގައި އެންމެ އިތުބާރު ހުރިގޮތަކަށް ހަނދުގެ ހިސާބު ހައްދަވާފައިވަނީ ހިމިތީ އަސުރުމާގޭ (އަލްމަރުޙޫމް) ތުއްތު ސާހިބެވެ. އޭނާ އަކީ، ހިސާބާ ބެހޭ ދެތިން ހަތަރު ފޮތް ލިޔުއްވި، ގިނަ ބަޔަކަށް ހިސާބާއި މާލިމީކަން ކިޔަވައިދެއްވި އެދުރެކެވެ. ހިމިތީ އަކީ، މާލިމީކަމުގެ ހިސާބުތަކަށް ވަރަށް މޮޅު މީހުން ދިރިއުޅުނު ރަށެކެވެ. ރާއްޖޭގެ މާލިމީކަމަކީ ވަރަށް ބޮޑަށް ކިޔަވައިދިން ކަމެކެވެ. އެޗް.ސީ.ޕީ. ބެލް ގެ ފޮތެއްގައި 1921 ވަނަ އަހަރު، މާލިމީކަން ކިޔަވައިދޭ 18 ތަން ހުރިކަމަށް ވެއެވެ.
ތުއްތު ސާހިބަކީ ނެވިކަން ދަސްކޮށްދެއްވުމުގެ އިތުރަށް ކަލަންޑަރު ހައްދަވައި އުޅުއްވި އެދުރެކެވެ. އެހެންކަމުން، ހަނދު ބެލުމުގެ ކަންތައްތައް އޭނާ ކުރެއްވީއަކީ ވަޒީފާގެ އިތުރަށް، ޝައުޤާ އެކުއެވެ. ތުއްތު ހަނދުބެލުމަށް ގެންގުޅުއްވި ކްރައިޓީރިއާ، ޢަލީ މާހިރުގެ މަޒުމޫނެއްގައި ވެއެވެ. އެ މަޒުމޫނު މި ލިންކުން ފެނިވަޑައިގަންނަ ވާނެއެވެ. އެ މަޒުމޫނުގައިވާ ގޮތުން، ހަނދު ފެންނާނީ އިރު އޮއްސުމަށް ފަހު، ހަނދު އުދަރެހުން މަތީގައި ހުރުމާއެކު، ހަނދު އުފަންވީތާ އެންމެ މަދުވެގެން 17 ގަޑިއިރުވުމުންނެވެ. އެއީ އޭނާ، ތަޖުރިބާގެ މަގުން ހޯއްދެވި މުއްދަތެއް ކަމަށް ލަފާކުރެވެއެވެ. މިއީ ރާއްޖެއަށް ޚާއްޞަ މިންވަރަކަށް ވެދާނެއެވެ.
2025 ވަނަ އަހަރުގެ ރޯދަމަސް ފެށުނު ގޮތް
2025 ވަނަ އަހަރު ރޯދަމަހު ހަނދު ރާއްޖެއަކަށް ނުފެނުނެވެ. އެއީ ވިއްސާރަކަމުން ކަމަށް ބަލަމާ ހިނގާށެވެ. އައު ހަނދު އުފަންވީ، 28 ފެބްރުއަރީ ވި ހުކުރު ދުވަހު ހެނދުނު 5:44 ގައެވެ. ހަނދު އޮއްސުނީ 18:44 ގައެވެ. މި ދެމެދުގައި ވަނީ ގިނަވެގެން 13 ގަޑި އިރެވެ. އެހެންކަމުން، ތުއްތު ސާހިބުގެ ކްރައިޓީރިއާ އަކުން ރާއްޖެއަކަށް ހަނދެއް ނުފެންނާނެއެވެ. އެއީ ތުއްތު ސާހިބުގެ ކްރައިޓީރިއާ އަކީ މަދުވެގެން 17 ގަޑިއިރު ވުމެވެ. އެހެން ނޫނީ ދުނިޔެއަށް ފެންނަ ވަރަށް ހަނދަކަށް އިރުގެ ދޯދިތަކެއް ނޭޅޭނެއެވެ.
ތިރީގައި އެވަނީ ކުރިން ބުނި ހަތްވަރަކަށް ކްރައިޓީރިއާގެ ތެރެއިން ޝައުކަތު ކިޔާ މި ފަންނުގެ މީހެއްގެ ކްރައިޓީރިއާއަށް ކުރަހާފައިވާ ޗާޓެކެވެ.
އެ ޗާޓުގައިވާ ގޮތުން ވިލުކުލައިގައި އެހެރަ ޤައުމުތަކަށް ހަނދު ފެންނާނީ ހަމައެކަނި ދުރުމިއެއް ބޭނުންކޮށްގެންނެވެ. ކަންތައްތައް ވީ ވެސް ޗާޓުގައިވާ ގޮތާ ވަރަށް ގާތްގޮތަކަށެވެ. ތިރީގައި އެވަނީ ރޯދަމަސް ބައެއް ޤައުމުތަކަށް ފެށުނު ދުވަހެވެ.
ސްރީ ލަންކާ 2 މާޗް
އިންޑިއާ 2 މާޗް
ޕާކިސްތާނު 2 މާޗް
ބަންގްލާދޭޝް 2 މާޗް
ދިވެހިރާއްޖެ 1 މާޗް (ދިވެހިރާއްޖެއަށް ހަނދު ފެނިގެން ނޫން)
ދެން ވިދާޅުވެ ބައްލަވާށެވެ. ސްރީ ލަންކާ އާއި އިންޑިއާ އާއި ޕާކިސްތާނާއި ބަންގްލާދޭޝް އަށް ނުފެނު ހަނދެއް، ރާއްޖެއަށް ފެނިދާނެ ތޯއެވެ؟
1 މާޗް ރޯދަމަހުގެ ފުރަތަމަ ދުވަހަށް ދިވެހިރާއްޖެއަށް ވީ، ސަޢުދީ އެރެބިޔާއަށް ހަނދު ފެނިގެންނެވެ. ސަޢުދީ އެރެބިޔާ އަކީ، ރާއްޖެއަށް ވުރެ ދެ ގަޑިއިރު ހުޅަނގުގައި އޮންނަ ޤައުމެކެވެ. ހުޅަނގުގައި އޮންނަ ޤައުމުތަކަށް އިރު އޮއްސޭނީ ރާއްޖެއަށް ވުރެ ފަހުންނެވެ. ސަޢޫދީ އެރެބިޔާގެ މައްކާ އަށް އައު ހަނދު އުފަންވީ 28 ފެބްރުއަރީ ގައި 3:44 ގައެވެ. އޮއްސުނީ އިރު އޮއްސި 6:58 ގައެވެ. މިދެމެދުގައި ވީ 15 ގަޑިއިރާއި 15 މިނެއްޓެވެ. މި މިންވަރުން ހުޅެނވި ހަނދު ފެނިދާނެ ހެއްޔެވެ؟
ސަޢޫދީ އެރެބިޔާ އަކީ ސަހަރާ އޮންނަ ޤައުމެކެވެ. އުޑުމަތީގައި ވިލާ އާދަޔާ ޚިލާފަށް މަދުވެފައި އުޑުމަތި ވަރަށް ސާފުވާނެއެވެ. ޖައްވުގެ ތެތްކަން ބައެއް ފަހަރު ހުންނަނީ %15 ގައެވެ. (ރާއްޖޭގައި %75 ގައެވެ.) ކަނޑަށް ވުރެ މައްކާ އޮންނަނީ 1000 ވަރަކަށް ފޫޓު އުހުގައެވެ. މިކަންކަމުން އުޑުމަތި ވަރަށް ސާފުވާނެއެވެ. މި ޒަމާނުގެ އިލެކޮޓްރޮނިކް ދުރުމިއަކަށް ތާރީޚާއި ގަޑިއާއި ތަން ޖަހަނިކޮށް، އެ ދުރުމި އޭގެ މޯޓަރުތަކުގެ ބާރުގައި ގޮސް ހުއްޓޭނީ ސީދާ ހަނދުވީ ތަނާ ދިމާއަށެވެ. ފަލަކީ ތަކެތި ފެންނާނީ ލޮލަށް ފެންނަ ވަރަށް ވުރެ ގާތްގަޑަކަށް 1000 ގުނަ އަލިގަދަކޮށެވެ. މި ވަރުން ހަނދު ފެނުމުގެ ފުރުޞަތު ބޮޑުވާނެއެވެ. ހަމަ ލޮލަށް ފެންނާނެ ހެއްޔެވެ؟ ބަލަންވީ ދިމާ އާއި ކުރިން ފެނިފައިވުމުން ހަނދުފެނުމުގެ ފުރުޞަތު އެބައޮތެވެ. ނަމަވެސް ދަންނަވަން ތޯއެވެ؟ ހަމަ ލޮލަށް ހުޅެވި ހަނދު އެންމެ އަވަހަށް ފެނިފައިވަނީ ހަނދު އުފަންވީ ފަހުން 15 ގަޑިއިރާއި 32 މިނެއްޓު ވެފައިވަނިކޮށެވެ. އެވާހަކަތައް ލިޔެފައިވާ ލިޔުން މި ޖުމުލައަށް އޮބާލައްވަނިކޮށް ފެނިވަޑައި ގަންނަވާނެއެވެ.
ފިތުރުއީދުގެ ހަނދު
ފިތުރު އީދުގެ ހަނދު ފެންނަ ދުވަސް ބެލުމަށް އެންމެ ފުރަތަމަ ކުރަންޖެހޭނެ ކަމަކީ، އެ ހަނދު އުފަންވާ ވަގުތު ބެލުމެވެ. މިއީ ފޮތްފޮތުން ބަލައިގެން ނުވަތަ މިޒަމާނުގައި، އިންޓަރނެޓުން ފަސޭހައިން ބެލޭނޭ ކަމެކެވެ. ތިރީގައިވާ ކުރެހުމަށް އޮބާލައްވަނިކޮށް އަޅުގަނޑު އެ މައުލޫމާތު ހޯދި ވެބްސައިޓް ފެނިވަޑައިގަންނަވާނެއެވެ.
އާދެ، އައު ހަނދު އުފަންވަނީ މާލޭގަޑިން ހަވީރު 3:57 ގައެވެ. ގާތްގަޑަކަށް ހަވީރު 4 ޖަހާއިރެވެ. ހަނދު އޮއްސޭ ގަޑި ހަމަ އެ ވެބްޕޭޖުގެ އެހެން ޓެބެއްގައި ވެއެވެ. އެއީ: ހަވީރު 6:14 އެވެ. އެ ދުވަހު އިރު އޮއްސެނީ ވެސް 6:14 ގައެވެ. އާދެ! ހަނދު އޮއްސޭ ގަޑިއާއި އިރު އޮއްސޭ ގަޑި ދިމާވާ ހާލަތެކެވެ. މި ހާލަތުގައި އިރުގެ ދަޅަޔާ ހެދި ހަނދެއް ނުފެންނާނެ އެވެ. ނުފެންނާނެ އަނެއް ސަބަބަކީ ހަނދު އުފަންވުމާއި އޮއްސުމާއި ދެމެދު ވަނީ 2:17 (ދެ ގަޑި 17 މިނެއްޓު) އެވެ. ކުރިން ދެންނެވިހެން ރާއްޖޭގައި ހަނދު ފެނުމަށް، އުފަންވުމާއި އޮއްސުމާ ދެމެދު 17 ގަޑިއިރު ވާން ޖެހޭނެއެވެ. ނުފެންނާނޭ އަނެއް ދަލީލަކީ ކަނާތް ފަރާތުގައިވާ ކޮލަމްގައި އޮއްސޭއިރު ހަނދުގެ އަލިކަން ހުންނާނެ ވަރަކީ %0.0 ކަމަށް ލިޔެފައިވާ ކަމެވެ.
އަޅާކިޔުމުގެ ގޮތުން، moonsighting.com އިން ހަނދުފެނުމާ ބެހޭ މަޢުލޫމާތު ބަލަމާ ތޯއެވެ؟ ތިރީގައި އެވަނީ އެ ސައިޓުގައިވާ ޗާޓެވެ. ނޫކުލައިގެ ތީރަކުން އަޅުގަނޑު ފާހަގަކޮށްލާފައި އެވަނީ ސަމާލުކަން ދެއްވަން ޖެހޭ ތަންތަނެވެ. ޗާޓަށް އޮބައިލެއްވުމުން ބޮޑުވާނެއެވެ.
ރައްޓެއްސަކު ފޮނުވި މީ ވީޑިއޯގައި ފެންނަނީ ހަނދާއި އިރު ދާދި އެކުއެކީގައި އުނދަރެސް ރޮނގުން އޮއްސިގެން ދާ ތަނެވެ. މި ޙާލަތުގައި އިރުގެ ގަދަ ދަޅައިން ފަނޑު ހަނދު ފެންނާނެ ތޯއެވެ؟
މި ޗާޓުގެ ވާތް ފަރާތު ތިރީގައި ހަނދު އުފަންވާ ވަގުތު ލިޔެފައި ވެއެވެ. އެއީ 29 މާޗް ގައި 10:57:23 UT އެވެ. ދިވެހިރާއްޖޭގެ ގަޑި ހުންނަނީ UT (ޔުނިވަރސަލް ޓައިމް) އަށް ވުރެ 5 ގަޑިއިރު ކުރީގައެވެ. އެހެންކަމުން ހަނދު އުފަންވާނީ މާލޭ ގަޑިން 15:57 ގައެވެ. އާދެ! މެންދުރު ފަހު 3:57 ގައެވެ. ކުރިން ބެލި ގަޑިއާ ދިމާވެއެވެ! ޗާޓުގައި ފާހަގަ ކޮށްފައިވާ ފަދައިން މުޅި އޭޝިއާގެ ބައްރަށް 29 މާޗްގައި ހަނދެއް ނުފެންނާނެއެވެ. ފެނުމުގެ ފުރުސަތު އޮތީ ހަމައެކަނި އެމެރިކާގެ ހުޅަނގު ބިތަށެވެ.
މި ހިސާބުތައް ފަސޭހައިން މައްކާ އަށް ވެސް ހެދިދާނެއެވެ. ހަނދު އުފަންވުމާއި އޮއްސުމާ ދެމެދު ވާނީ ގާތްގަޑަކަށް 4 ގަޑިއިރެވެ. މިހާ ޅަ ހަނދެއް، މައްކާގެ އުޑުމަތި ކިތަންމެ ސާފު ވިއަސް ނުފެންނާނެއެވެ. ފުރޭފުކުރެވިފައިވާ އެއްވެސް ލިޔުމެއްގައި ފެނިފައިވާ ކަމަކަށް ވެސް ނުވެއެވެ. ވީމާ، ޖެހިގެން އަންނަ ދުވަސް (30 މާޗު) ޢީދަކަށް ނުވާނެއެވެ.
ފިޠުރު ޢީދު ދުވަހަކަށް ވާނީ 31 މާޗް 2025 ވާ ހޯމަ ދުވަހެވެ.
އެހެން ދިވެހީންގެ ހިސާބުތައް
މި މަޒުމޫނު ލިޔުމުގައި، އަޅުގަނޑުގެ މަޤްޞަދަކަށްވީ، އެންމެ ލުއިކޮށް މި ހިސާބުތައް އެނގިވަޑައި ނުގަންނަވާ ކިޔުންތެރީންނަށް ހިސާބުތައް ހަދާގޮތް ދަންނަވާލުމެވެ. ހަނދު ބަަލަން ގެންގުޅޭ ހަތްވަރަކަށް ކްރައިޓީރިއާ ބަހުސްކޮށްފައިވާ ފޮތެއް އަޅުގަނޑު ދުށީމެވެ. ކަމަކީ އެތައް ރޮނގަކުން ވިސްނަންޖެހޭ ކަމެކެވެ. މަތީގައި އެ ދެންނެވުނީ ވަރަށް ލުއި ގޮތެކެވެ.
ފަލަކީ ކަންކަމަށް ޝައުޤު ހުންނަވާ ރ. މައުމޫން ވެސް މިކަމާ ބެހޭ މަޒުމޫނެއް ޝާއިޢުކުރައްވާފައި ވެއެވެ. ތިރީގައިވާ ތަޞްވީރަށް އޮބައިލެއްވުމުން އެ މަޒުމޫނު ފެނިވަޑައިގަންނަވާނެއެވެ.
ލިނެޓް ޢަބްދުﷲ ރަޝީދަކީ ފަލަކީ ކަންކަމުގައި ފަހަކަށް އައިސް މަޒުމޫނު ލިޔުއްވައި، އަދި އެކަމާ ބެހޭ ޅެން ވެސް ހައްދަވައި އުޅުއްވާ ބޭފުޅެކެވެ. އޭނާ ފިޠުރު ޢީދުގެ ހަނދާ ބެހޭ ގޮތުން ބަޔާނެއް ނެރުއްވާފައި ވެއެވެ. އެ ބަޔާން ތިރީގައިވާ ތަޞްވީރަށް އޮބައިލެއްވުމުން ފެނިވަޑައިގަންނަވާނެއެވެ.
ހަނދު ލެއްވުމުގައި ސަޢޫދީ އެރެބިޔާއަށް ހަނދު ފެނުނުތޯ ބެލުމަކީ ކޮން ކަހަލަ ކަމެއް؟
ރާއްޖެއަށް ވުރެ ދެ ގަޑިއިރު ފަހަތުގައި އޮންނަ ސަޢޫދީ އެރެބިޔާއަށް ހަނދު ފެނުމުން، ރާއްޖެއަށް އެ ހަނދު ލެއްވިދާނެތޯ އެވެ؟ މިކަމާ އެކި ޢިލްވެރީންގެ ރައުޔު ތަފާތެވެ.
ހަމަ ޔަޤީނުންވެސް މުސްލިމުންގެ އާބާދީ، ރާއްޖެއަށް ވުރެ ގިނަ ސްރީ ލަންކާ، އިންޑިއާ، ޕާކިސްތާނު، ބަންގްލަދޭޝް، މެލޭޝިއާ ފަދަ ޤައުމުތަކުން ދެކޭ ގޮތުގައި ހަނދު ސާބިތުކުރަން ޖެހޭނީ، އެ ޤައުމަށް ހަނދު ފެންނަ ނަމައެވެ. މިކަމަށް ތާއީދުކުރާ މީހުންގެ ތެރޭގައި ޒާކިރު ނައިކް ހިމެނެއެވެ. ތިރީގައި އެވަނީ، މި ކަން ސާފުކޮށްދެއްވާފައިވާ ޑރ ޔާސިރުގެ ވީޑިއޯ އެކެވެ.
މިކަމާ ބެހޭ ގޮތުން، އިސްލާމީ ދުނިޔޭގެ މަޝްހޫރު ޢާލިމް ޢަބްދުލްޢަޒީޒް އިބްން ޢަބްދުﷲ އިބްން ބާޒް ވިދާޅުވަނީ، މައްކާގައި ފެންނަ ހަނދަށް އެހެން ޤައުމުތަކުގައި މީހުން ތަބާވާން ޖެހޭނެކަމަށް ބުނާ މީހުންނަށް ބުނެ އަންގާށެވެ. ކީރިތި ޤުރްއާން އާއި ހަދީސްގައި އެކަމަށް އެއްވެސް ދަލީލެއް ނުވެއެވެ.
.
Shaykh Abdul Aziz ibn Abdullah ibn Baz (RA)
فأما قول من قال إنه ينبغي أن يكون المعتبر رؤية هلال مكة خاصة ، فلا أصل له ولا دليل عليه
“As for those who say that it is necessary to follow the sighting of Makkah, then let it be known to them, that there is no proof or basis for this in the Qur’aan and Hadith”. (Sheikh Abdullah bin Baz RA AlBa’ath ul Islaaami Zil Hijjah 1399 Hijri).
ރާއްޖޭގައި މިގޮތަށް އަމަލުކުރަން ފެށުނީ މައުމޫން ދައުރުން ފެށިގެންނެވެ. އޭގެ ކުރިން އިސްލާމީ ދުނިޔޭގައި ވެސް 1300 ވަރަކަށް އަހަރު ވަންދެން ހަނދު ލައްވަނީ އެ ޤައުމަކަށް ހަނދު ފެނުމުންނެވެ. ދިވެހި ރާއްޖެ ސަޢޫދީ އެރެބިއާއަށް ވުރެ 2 ގަޑިއިރު އިރުމަތީގައި އޮންނާތީ ސަޢޫދީ އެރެބިއާ އަށް ފެންނަ ޅަހަނދު، ރާއްޖެއަށް ފެނުމުގެ ފުރުސަތު ކުޑަވާނެއެވެ.
ހަނދު ފެނުމާއި ނުފެނުމުގައި ވެށީގެ އަސަރު ފާހަގަ ކުރެއްވި އިރު ބިމުގެ އުސްތިރި މިނުގެ ސަބަބުން އެކަމަށް އަސަރު ކުރާނެ މިންވަރާ މެދު މި ލިޔުމުގައި ބަލައިފައިނުވަނީ ކިއެއްވެތައު ސުވާލު އުފެދެއި؟
ފުރިހަމަ ލިޔުއްވުމެއް. އެކަމަކު…. އަޅުގަނޑަށް ހިވެފައި އޮންނަނީ ޢީދަށް ވިޔަސް ރޯދަޔަށްވިޔަސް ހަނދުބެލުމުގައި ރާއްޖޭގައި ޢަމަލު ކުރަމުން އައިސްފައިވަނީ މައިގަނޑުގޮތެއްގައި އިތުބާރުހުރި ފަލަކީ ހިސާބުން ބަލައިގެން ކަންނިންމާ ގޮތަކަށްހެން އަދި ހަނދު އުފަންވެގެން ހަމަލޮލަށް ފެނުމަށްނަގާ ވަގުތުގެ ބަދަލުގައި ބޮޑަށްބެލެނީ ފަލަކީ ހިސާބުން އިރުއޮއްސުމަށްފަހު ހަނދު ފެންމަތީގައި ހުރުމަށްހެން. އެހެނީ ތިޔަވިދާޅުވިހެން ހަމަލޮލަށް ހަނދުފެނުމަށް އެތައް ކަމެއް ހުރަސްއަޅާ.. 31 މާރިޗަކީ އީދުކަމަށް ކަނޑައަޅައިފިއްޔާ ހަނދު ހުންނާނީ ވަރަށް މަތީގަ…. ސަބަބަކަށްވާނީ އާންމުން ބުނާނެ މީ ދެރޭގެ ހަނދޭ
ފަލަކީ ހިސާބަކީ ޑރ. ޙަސަން އެ ވިދާޅުވެދެއްވި ޑޭޓާ އިނގޭތޯ.
Varah ragalhu vahaka eh Aslam bunaa vahaka ey varahves thedu vahaka eh. Maadamaa regandu handu hunaanee 2rege hadu hunna varah bodukoh. Ehen masthakaa ehfada in. Veemaa miry rahjje kahala thiri gumakah nufeni hingaadaane. Anekaa R.maumoon ebunaagotha handufenun laazimuvegen nuve. Iru ose iru hindukolhakah handu madu jehijenama hijuree mas badaluvaane 1vanaduvaha. Saudee aa 2gadi iru thafaathu ey maabodu farageh noon. 12gadi iru faragu nuvaanama saudee eke rahjje eke vaani hamahama.
ވަރަށް ސާފުކޮށް ޢިލްމީ ގިތެއްގައި އޮޅުން ފިލުއްވައިދެއްވާފައި ާ ލިޔުމެއް. ޝުކުރަން ޑރ. ޙަސަން
ފުރިހަމަ ލިޔުއްވުމެއް. އެކަމަކު…. އަޅުގަނޑަށް ހިވެފައި އޮންނަނީ ޢީދަށް ވިޔަސް ރޯދަޔަށްވިޔަސް ހަނދުބެލުމުގައި ރާއްޖޭގައި ޢަމަލު ކުރަމުން އައިސްފައިވަނީ މައިގަނޑުގޮތެއްގައި އިތުބާރުހުރި ފަލަކީ ހިސާބުން ބަލައިގެން ކަންނިންމާ ގޮތަކަށްހެން އަދި ހަނދު އުފަންވެގެން ހަމަލޮލަށް ފެނުމަށްނަގާ ވަގުތުގެ ބަދަލުގައި ބޮޑަށްބެލެނީ ފަލަކީ ހިސާބުން އިރުއޮއްސުމަށްފަހު ހަނދު ފެންމަތީގައި ހުރުމަށްހެން. އެހެނީ ތިޔަވިދާޅުވިހެން ހަމަލޮލަށް ހަނދުފެނުމަށް އެތައް ކަމެއް ހުރަސްއަޅާ.. 31 މާރިޗަކީ އީދުކަމަށް ކަނޑައަޅައިފިއްޔާ ހަނދު ހުންނާނީ ވަރަށް މަތީގަ…. ސަބަބަކަށްވާނީ އާންމުން ބުނާނެ މީ ދެރޭގެ ހަނދޭ
Alhugandu furihama ah thaaeedhu kuran Af. Hassan Hameedh ah.
ވަރަށް ބޭނުންތެރި ޢިލްމީ ލިޔުމެއް