3 ބާބު

އަމީން ދައުރު (1934–1954)

 

ނޯޓު: އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ގެނެސްދެމުން އަންނަ ދިވެހިރާއްޖޭގެ ތަޢުލީމުގެ ތާރީޚް 1900 – 2016  މިސިލްސިލާގެތެެރެއިން މިފަހަރު މިގެނެސްދެނީ، މުޙައްމަދު އަމީންގެ ދައުރުކަމަށް އަޅުގަނޑުމެން ފާހަގަ ކުރާ ދައުރު (1934 – 1954) އާ ބެހޭ ބަޔާނެކެވެ. މި ދައުރުގެ ކަންތައްތައް ގިނަކަމުން، މިފަހަރު، މި ޖެހެނީ ތަޢުލީމުގެ ވާހަކަތައް ފަހަށް ބާއްވައި، އެ ކަންތައްތައް ދެނެގަތުމަށް މުހިއްމު  ސިޔާސީ ތާރީޚާއި މުޙައްމަދު އަމީންގެ އަމިއްލަފުޅު ތައުލީމާއި ތަޖުރިބާތަކުގެ ބަޔާން އެއް ގެނެސްދޭށެވެ.  މި ދައުރު ދިރާސާކޮށްފައިވަނީ އެ ދުވަސްވަރުގެ ރަސްމީ ލިޔުންތަކާއި އެހެނިހެން ލިޔުންތައް ބަލައިގެންނެވެ. މިގޮތުން މުޙައްމަދު އަމީން ލިޔުއްވާފައިވާ ނުވަތަ މުޙައްމަދު އަމީން އާ ބެހޭގޮތުން އެހެން ބޭފުޅުން ލިޔުއްވާފައިވާ  5000 އަށް ވުރެ ގިނަ ޞަފުޙާ އަޅުގަނޑުމެނަށް ކިއިފައި ވާނެއެވެ. ފަތްފުއްތަކުގައި ނެތް މަޢުލޫމާތު ދެނެގަތުމަށް، މުޙައްމަދު އަމީން ފެނިދެނިވެ، ވާހަކަފުޅު ދައްކާފައިވާ 7 ބޭފުޅަކާ އިންޓަރވިޔޫ ކޮށްފައި ވާނެއެވެ. މިހުރިހާ ބޭފުޅުންގެ ޢުމުރުފުޅު ވަނީ 80 އަށް ވުރެ ދޮށިވެފައެވެ.

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙް 1934 އިން 1954 އަށް

ދިވެހި ތަޢުލީމުގެ ޒަމާންތަކުގެ ތެރެއިން ޞަލާޙުއްދީނު ދައުރު (1900 އިން 1934 އަށް) ނިމުނު އިރު، ޝަމްސުއްދީނު ރަދުންގެ ޒަމާންވީ ރަސްކަންވަނީ ނިމުމަކަށް އައިސް، އޭނާ ޢުމުރުދުވަހަށް އަރުވާލުމަށް ޙުކުމް ކޮށްފައެވެ. މުހިއްމު ތިން ވަޒީރުންގެ ގޮތުގައި ތިއްބެވީ ޢަބްދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނުގެ ދެ ބޭފުޅުންނެވެ. އެއީ ވަޒީރުލްއައުޡަމް ކަމާއި އަސްކަރިއްޔާގެ ވަޒީރަކަށް މުޙައްމަދު ފަރީދެވެ. ދާޚިލިއްޔާ އާއި ޚާރިޖިއްޔާ އާއި މާލިއްޔާގެ ވެރިއަކަށް ޙަސަން ފަރީދެވެ. ޢަބްދުލްމަޖީދަށް ބޮޑުބޭބެ ވިދާޅުވާ މުޙައްމަދު އަމީން ހޮވިވަޑައިގެންފައިވަނީ މަޢާރިފާއި ވިޔާފާރިއާއި ޞިއްޙަތާ ބެހޭ ވަޒީރަށެވެ. މުޙައްމަދު އަމީންގެ ބައްޕާ، އަޙްމަދު ދޮށިމޭނާ ކިލެގެފާނަކީ ޢަބްދުލްމަޖީދާ އެއްބަފާ ބޭބޭފުޅެވެ. ވަޒީރުން މި މަޤާމުތަކަށް ޢައްޔަނު ކުރެވުނީ 24 ޑިސެމްބަރު 1933 ގައި 68 މީހުންގެ ”ރައްޔިތުންގެ މަޖިލިހަކުން” ނެވެ. ޝަމްސުއްދީނު ރަދުން، ޢަޒުލުކުރުމަށް ނިންމީ 2 އޮކްޓޯބަރ 1934 ގައި ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއަކުންނެވެ (މުޙައްމަދު އަމީން، 1951). ރަދުން ޢަޒުލް ކުރުމާ ގުޅިގެން، ސަރުކާރު ހިންގުމަށް ދެން ހުވާ ކުރެއްވީ ވަޒީރުންގެ މަޖިލިހުގެ މެންބަރުންނެވެ.

ހަތަރު ފަސް މަހެއް ވަންދެން ވަޒީރުންގެ މަޖިލިހުގެ ބެލުމުގެ ދަށުން ދިވެހިރާއްޖޭގެ ކަންތައްތައް ހިނގަމުން ދިޔައެވެ. ދެން އަލުން ރަސްކަލަކު އިންތިޚާބު ކުރެވުނީ ޤާނޫނު އަސާސީގައި އޮންނަ މަޖިލިހެއް އެއްކޮށްގެންނެވެ. އެ މަޖިލިސްގެ ރައީސަކީ ވަޒީރުލްއަޢުޡަމް މުޙައްމަދު ފަރީދެވެ. ރަސްކަލަކަށް އިންތިޚާބު ކުރުމަށް މި މަޖިލިހުގެ އިއްތިފާޤުން ނިންމީ މުޙައްމަދު މުޢީނުއްދީނު II ގެ މަނިއްޕުޅު (ދަރިކަލުން) އެވެ. [ދިވެހިރާއްޖޭގެ އެންމެ ގިނަ ދުވަސް ވަންދެން ރަސްކަން ކުރެއްވި އެއް ބޭފުޅަކީ މުޙައްމަދު ޢިމާދުއްދީނު IV  އެވެ. 48 އަހަރު ވަންދެން ރަސްކަން ކުރެއްވުމަށްފަހު، މި ރަދުން ނިޔާވީ 1882 ވަނަ އަހަރު ޖަނަވަރީ މަހު 10 ގައެވެ.  އޭނާގެ ފިރިހެން ދެ ބޭފުޅުން ތިއްބެވިއެވެ. އެއް ބޭފުޅަކީ ލޯފަން ޙަސަން ޢިއްޒުންދީނެވެ. ރާއްޖޭގެ އާދަކާދަ ޤާނޫނު އޮންނަ ގޮތުން ފަސް ޙިއްސު ހަމައަށް ނެތް ފަރާތަކަށް ރަސްކަން ނުކުރެވޭތީ، ޙަސަން ޢިއްޒުއްދީނަށް ރަސްކަމަކަށް ކުފޫހަމަވެގެން ނުވެއެވެ.  ރަދުންގެ އަނެއް ބޭފުޅަކީ އިބްރާހީމް ނޫރައްދީނެވެ. ދުވަސްވީ ޢިމާދުއްދީނު IV ފުރައުއްތަވާން ގާތްވިއިރު، ރަދުންގެ މުސްކުޅިފުޅުކަމުން، ދަރިކަލުން، އަދި ވަލީއަހުދެއްކަމަށް ޢައްޔަނު ކުރައްވާފައިވާ އިބްރާހީމް ނޫރައްދީނު ރަސްކަން ހިންގަވާތާ ވެސް ދުވަސްކޮޅެއް ވެއްޖެއެވެ. ދެން ފަހެ، މި ނޫރައްދީނު ރަސްކަމަށް އިސްކުރެވިއްޖެއެވެ. އިބްރާހީމް ނޫރައްދީނުގެ ރަސްކަމަށް ހަތަރު އަހަރުވީ ތަނާ، 1886 ވަނަ އަހަރު، ރަސްކަމުން ”އަމިއްލަފުޅަށް އިސްތިޢުފާ” ދެއްވައި، ލޯފަން ޙަސަން ޢިއްޒުންދީނުގެ ދޮށީ ދަރިކަލުން (މުޢީނުއްދީނު II ގެ ނަމުގައި) ރަސްކަމަށް އިސްވިއެވެ. މިހެން މިކަން މެދުވެރިވީ މި އިބްރާހީމް ނޫރައްދީނު މާލޭގައި ތިބި ބޯރާ ވިޔަފާރިވެރިންނަށް ދަރާ ވިކުމުން ދިމާވި މައްސަލަތަކަކާ ގުޅިގެންނެވެ. އިތުރު ތަފްޞީލު ޢަބްދުﷲ މުފީދު (2005، ޞ. 44) ގައި ވެއެވެ. މުޢީނުއްދީނު II އަށް ރަސްކަން ކުރެއްވުނީ ދެ އަހަރު ވަންދެންނެވެ. 1935 ގައި، ރަސްކަމަށް މި އިންތިޚާބު ކުރެވުނީ މި މުޢީނުއްދީނު ރަދުންގެ އެންމެ ދޮށީ ދަރިކަލުން ޙަސަން ނޫރައްދީނެވެ. މި ރަސްކަލުންނާއި ރަސްކަމުގެ މުއްދަތު ބެލް (1940) ގައި 43 ވަނަ ޞަފުޙާއިން ފެށިގެން ވެއެވެ.

ކުރިން ދެންނެވި ފަދައިން، މުއީނުއްދީނު II ގެ ދަރިކަލުން ރަސްކަމަށް އިންތިޚާބުކުރުމަށް ދައުލަތް ހިންގާ މަޖިލިހުން ނިންމެވީ 10 ޛުލްޤަޢިދާ 1353ހ (14 ފެބްރުއަރީ 1935) ގައެވެ. 1936 ވަނަ އަހަރު ފަހުކޮޅު ޢަބްދުލްމަޖީދު މިޞްރުގައި ހުންނަވާފައި ދެތިން މަހަށް މާލެ ވަޑައިގެން ޤާނޫނު އަސާސީ އާއި އަޙްކާމް ޢާއްމާ އިޞްލާޙު ކުރައްވައި، އަދި ދައުލަތް ހިންގަވާން ތިއްބެވި ބޭފުޅުންނަށް ނަޞޭޙަތް ދެއްވައި މި މަޢުލޫމާތު ޗާޕުކުރައްވައި ބެއްސެވިއެވެ. އަދި މި ދަތުރުގައި ޞަލާޙުއްދީނަށް ފަޑިޔާރުކަމަށް ކޮލިލައްވައި، ބޮޑުފެންވަޅުގޭ ސީދީ އަށް މަޢާރިފުގެ ވަޒީރުކަމަށް ކޮލިލެއްވިއެވެ (މުޙައްމަދު އަމީން، 1951، ޞ. 181). އެހާ ހިސާބުން މުޙައްމަދު އަމީންއަށް ކުރިން އޮތް މަޢާރިފުކަން (އެޑިޔުކޭޝަން މިނިސްޓަރުކަން) ނެތުނީއެވެ.

ޙަސަން ނޫރައްދީނަށް ކޮލިލެއްވުން ބޭއްވުނީ 21 ޖުލައި 1937 ގައި ޢަބްދުލްމަޖީދުގެ އެންގެވުމަކަށެވެ (މުޙައްމަދު އަމީން، 1951).  މިކަން އޮތީ ކޮލިލުމަށްޓަކައި ބިނާ ކުރެވުނު ޚާއްޞަ ދަރުބާރުގެއެއް ގައެވެ (150’×70’×23.9’). އަބޫނާ އަކީ ޙަސަން ފަރީދެވެ. މި އިޙްތިފާލުގައި ބައިވެރިވެ ވަޑައިގަތުމަށް ސިލޯނުގެ ގަވަރުނަރުގެ ވަފުދެއް މާލެއައެވެ. ރަދުންގެ ކޮލީ ނަންފުޅަކީ އައްސުލްޠާނު ޙަސަން ނޫރައްދީނު (އައްޘާނީ) ބިން އައްސުލްޠާނު މުޙައްމަދު މުޢީނުއްދީނު (އައްޘާނީ) އިސްކަންދަރު ކުލަސުންދުރަ ކައްތިރި ބަވަނަ މަހާރަދުންނެވެ. ކޮލިލެއްވުމާ ގުޅިގެން ރަދުން ނެރުއްވި ނަޞީޙަތްތަކެއް ޗާޕުކޮށް ރާއްޖެތެރެއަށް ބަހާ ހެދުނެވެ.

Nordin2

ޝަމްސުއްދީނު ގެ ދުވަސްވީ ރަސްކަން ނިމުމަށްފަހު، އާދެ! 2 އޮކްޓޯބަރ 1934 ގެ ފަހުން، ރާއްޖޭގެ ވެރިކަން ކުރި ފަރާތެއް ކަމަށް ކިޔާ އުޅެނީ ޙަސަން ފަރީދެވެ. ޙަސަން ފަރީދަކީ ވަޒީރުއްދާޚިލިއްޔާ އެވެ. މިހާރުގެ ގޮތުންނަމަ، މިނިސްޓަރ އޮފް ހޯމް އެފެއާރޒް އެވެ. ޙަސަން ފަރީދު ވެރިކަން ކުރެއްވިކަމަށް ތާރީޚީ ފޮތްތަކުގައި ލިޔެފައިވަނީ އޭނާގެ ޝަޚްޞިއްޔަތުގެ ވަރުގަދަ ކަމުންނެވެ. އޭނާއަކީ މުސްތަޝާރުލްއަޢުޡަމް (ޗީފް އެޑްވައިޒަރ) ޢަބްދުލްމަޖީދުގެ ތިން ދަރިކަލުން ކަމުގައިވާ  މުޙައްމަދު ފަރީދާއި ޙަސަން ފަރީދާއި ވަރަށް ތުއްޕުޅު އިބްރާހީމް ފަރީދުގެ ތެރެއިން މެދު ދަރިކަލެވެ. މުޙައްމަދު ފަރީދު ހުންނެވީ ވަޒީރުލްއަޢުޡަމްގެ މަޤާމުގައެވެ. އެއީ އިނގިރޭސި ބަހުންނަމަ، ޕްރައިމް މިނިސްޓަރެވެ. ޕްރައިމް މިނިސްޓަރަށް ވުރެ ހަނގު  ކޮއްކޯފުޅު، ހޯމް މިނިސްޓަރު ގެ ބާރާއި ނުފޫޒު ގަދަވާނީ ޕްރައިމް މިނިސްޓަރުގެ ހަރުދަނާ ޝަޚްޞިއްޔަތެއް ނެތުމާއެކު ހޯމް މިނިސްޓަރުގެ ޝަޚްޞިއްޔަތުގެ ގަދަ ކަމުންނެވެ. މިކަމަށް އިޝާރާތްކޮށް މުޙައްމަދު އިސްމާޢީލް ދީދީ (1966، ޞ. 92) ބަޔާންކުރައްވަނީ

އަލްއަމީރު ޙަސަން ފަރީދު އަކީ، ދިވެހީންގެ ކްރައުޑް ސައިކޮލޮޖީ ދެނެވަޑައިގަންނަވާ ބޭފުޅަކަށް ވުމާއެކު ވަރުގަދަ ޝަޙްޞިއްޔަތެކެވެ. ހަމަ އެފަދައިން އެއް ނަންބަރުގެ ޑިކްޓޭޓަރ އެކެވެ. ޔޫރަޕުން އެބުރި މާލެވަޑައިގެންތާ މާ ގިނަ ދުވަހެއްނުވަނީސް ޤާނޫނު އަސާސީ ވީދާލާ މާލޭގެ އަމަންއަމާންކަން ގެއްލުނު ދުވަހު، ޝަމްސުއްދީނު ރަދުންގެ ދެބަފައިކަލުން ބަލިކޮށްދެއްވުމަށް ފަހު، ދިވެހި ސިޔާސީ ނައުގެ ހުންގާނު އަތުލެއްވީ އެމަނިކުފާނެވެ. މިއީ، އަޅުގަޑު މިދެންނެވި ބަހުގެ އަލިވެގެންވާ ދަލީލެކެވެ. އެއަށްފަހު، ދިހަވަރަކަށް އަހަރުވާންދެން، އެ ނައު ދުވަމުން ދިޔައީ ހުންގާނަށް ކިޔަމަންވެގެންވާ ސަލާމަތުގެ ކަނޑެއްގައެވެ. މިދެންނެވި ހުރިހާ ވަރުގަދަ ސިފަތަކާއެކު ވެސް، ދިވެހިރާއްޖޭގެ ވެރިކަން އެހާ ގިނަދުވަސް ވާންދެން ހިންގެވުމުގެ އެންމެ ބޮޑު ސިއްރަކީ، އެ މަނިއްޕުޅަކީ، އަލްއަމީރު ޢަބްދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނުގެ ދަރިކަލަކަށް ވީކަމެވެ.

މުޙައްމަދު ފަރީދުގެ ޝަޙްޞިއްޔަތާ ބެހޭގޮތުން، ބޭރުގެ ފަރާތްތަކަށް ރާއްޖެ ތަޢާރުފު ކުރުމުގެ ގޮތުން 1949 މުޙައްމަދު އަމީން ޝާއިޢު ކޮށްފައިވާ ފޮތެއްގައި ހޮކްލީ ކިޔާ ޢަބްދުލްމަޖީދުގެ ޢާއިލާ އެނގޭ އިނގިރޭސިއަކު މުޙައްމަދު ފަރީދު ގެ ޝަޚްޞިއްޔަތު ބަޔާން ކުރަނީ އަންނިވި ޢިބާރާތުންނެވެ.

Amir Muhammad Farid Didi, the ex-Prime Minister’s eldest son, remained in office, as Prime Minister. Unfortunately he was a very weak man and easily swayed. On the other hand, Amir Hassan Farid Didi, the second son of Amir Abdul Majid Didi was a strong man… He was a man of very charming personality (Hockly, 1949, p. 52).

އަމީން (1951) ގައި ވާ ގޮތުން، ރަދުން ޢައްޔަނު ކުރެވުނުތާ މާ ގިނަ ދުވަހެއް ނުވަނީސް ޤާނޫނު އަސާސީ އާ ”ކުޅެވޭން“ ފަށައިފިއެވެ. މިގޮތުން ޙަސަން ފަރީދު ހުށަހަޅުއްވައިގެން ގެނައި އެއް ބަދަލަކީ 1355ހ ވަނަ އަހަރު ރަބީޢުލްއައްވަލު މަހު 26 [އާމިނަތު ފާއިޒާ (1997) ބަޔާންކުރާގޮތުން 16 ޖުލައި 1936] ވަނަ ދުވަހު،  މަދްރަސަތުއްސަނިއްޔާގައި ބޭއްވި ޖަލްސާއެއްގައި ގެނައި ބަދަލެކެވެ. މިބަދަލުން، ޤާނޫނު އަސާސީ އިޞްލާޙް ކުރުމަށްޓަކައި، ކުރިން އޮތް އުޞޫލު (ރާއްޖެތެރެއިން މެންބަރުން އިންތިޚާބު ކޮށްގެން ގެނައުމުގެ އުޞޫލު) ކެނޑިގެން ދިޔައެވެ. އޭގެ ބަދަލުގައި ރައްޔިތުންގެ މަޖިލިހުގެ މެންބަރުންނާއި މާލޭގެ ޢިލްވެރިންނާއި ޢިއްޒަތްތެރިންގެ ވަކި މަޖިލިހެއް އެއްކޮށްގެން ޤާނޫނު އަސާސީ ބަދަލުކުރެވޭ ގޮތަށް ނިމިގެން ދިޔައެވެ.

ޤާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ދެން ގެނެވުނީ 1358ހ ވަނަ އަހަރުގެ ޖުމާދަލްއޫލާ މަހުގެ 17 ވަނަ ދުވަހު މަދްރަސަތުއްސަނިއްޔާގައި ބޭއްވުނު ޚާއްޞަ މަޖިލިހަކުންނެވެ. މިދުވަސް މީލާދީ ގޮތުން ދިމާވަނީ 5 ޖުލައި 1938 އާ އެވެ. މި ޖަލްސާގައި ޤާނޫނު އަސާސީގެ ގިނަ މާއްދާތަކަކަށް ބަދަލު ގެނެވުނެވެ. ބަދަލުތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކޮށްލެވޭ އެއް މާއްދާއަކީ ރައްޔިތުންގެ މަޖިލިހުގެ މެންބަރުންގެ ޢަދަދު 33 އަށް މަދުކުރުމާއި ހުރިހާ މެންބަރުންވެސް ޢައްޔަނު ކުރާ ގޮތަށް ހަމަޖެހިގެން ދިއުމެވެ. ރަދުންނަށް ޢައްޔަނު ކުރެއްވެނީ 6 މެންބަރެވެ. ދެން ރައްޔިތުންގެ ފަރާތުން ރައްޔިތުންގެ ވެރިއަކު 28 މެންބަރެވެ. މި ރައްޔިތުންގެ ވެރިމީހާ ހޮވާ ގޮތް، ޤާނޫނު އަސާސީގައި ކަޑައެޅިފައި ވެއެވެ. މިއީ ރަސްކަލަކާ އެއް ފެންވަރުގެ މަޤާމެކެވެ.

މިހާ ހިސާބަށް ސިޔާސީ ކަންތައްތައް ދިޔައިރު، ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމަ ފެށިއްޖެއެވެ. އެއީ 1939 ވަނަ އަހަރުގެ ސެޕްޓެމްބަރު 3 ވީ އާދިއްތަ ދުވަހު ހެނދުނު 9 ޖެހިއިރެވެ. މި ޚަބަރު މާލެއަށް އައީ ބޯރާ ވިޔަފާރިވެރިއެއްގެ ބަގަލާއެއް މެދުވެރިކޮށެވެ. މިޚަބަރު އައުމާއެކު، ވަޒީރުންގެ މަޖިލިސްގެ ބައްދަލުވުމެއް ބާއްވައި މުޙައްމަދު އަމީންގެ ހުށަހެޅުއްވުމަކަށް، ހަނގުރާމައިގެ ސަބަބުން އަންނާނޭ ނުރައްކާތަކަށް ފެނިވަޑައިގަންނަވާ ކޮންމެ ކަމެއް ކުރެއްވުމުގެ އިޚްތިޔާރު އެކަކަށް، ޙަސަން ފަރީދަށް، އެރުވުމަށް ފާސް ކުރިއެވެ. އަދި، މިކަން ރައްޔިތުންގެ މަޖިލިހުން ވެސް ފާސްކުރިއެވެ.

ދެން ރާއްޖޭގެ ދުސްތޫރީ ޚަޔާތަށް އައި ބޮޑު ބަދަލު މުޙައްމަދު އަމީންގެ އަމިއްލަފުޅު ޢިބާރާތުން ވިދާޅުވާށެވެ (އަމީން، 1951، ޞ. 198)

ދުވަހަކީ 1358 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ ތާރީޚީ 20 ވަނަ ދުވަހެވެ [1 ޖަނަވަރީ 1940]. މަންޡަރު އަކީ މަދަރަތުއްސަނިއްޔާ އެވެ. ޤާނޫނު އަސާސީގެ 80 ވަނަ މާއްދާ ގައި ނަންގަނެވިގެންވާ ޚާއްޞަ މަޖިލިސްގެ ޖަލްސާއެކެވެ. މަޖިލިސް ނިމުނީ ”މިރާއްޖޭގެ ޙާލު އާއި އެކަށީގެން ނުވާތީވެ،“ ޤާނޫނު އަސާސީ އާއި އަޙްކާމްޢާއްމާ އޮތުމަށް ނުފެނިގެން، އެ ދެފޮތް، ނައްތާލައިފައެވެ. ”އަލްއަމީރު ޙަސަން ފަރީދު ދީދީއަށް، ދިވެހިރާއްޖޭގެ އެންމެ މަތީ ދަރަޖައިގެ ވަލީ އޮތުމަށް ފެނިގެން“ އެކަން އެގޮތުގައި، ނިންމުމަށް ފަހު ގައެވެ.

ޤާނޫނު އަސާސީ އުވާލި ޤާނޫނުގެ ނަކަލެއް އަޅުގަނޑުމެންނާ ހަމައަށް އައިސްފައި ވެއެވެ. އޭގައިވާ ޢިބާރާތް ތިރީގައި އެވަނީއެވެ. އެދުވަސްވަރުގެ ޤާނޫނުތައް ”ކުރީގެ ޤާނޫނުތައް“ މިފޮތުގެ 117 ވަނަ ޞަފުޙާގައި ވެއެވެ (ކުރީގެ ޤާނޫނުތައް، 2008).

”1358ހ މިވަނަ އަހަރު ޛުލްޙިއްޖާ މަހުގެ 20 ވަނަ ދުވަހު މި ޤާނޫނު އަސާސީގެ 80 ވަނަ މާއްދާގައި ނަންގެނެވިގެންވާ މަޖިލިސްގައި ފާސްވީ ކަންތައް

މިރާއްޖޭގެ ޙާލާއި އެކަށީގެން ނުވާތީވެ، ޤާނޫނު އަސާސީ އާއި އަޙްކާމްޢާއްމާ ނެތުން.

އަލްއަމީރު ޙަސަން ފަރީދު ދީދީ އަށް ދިވެހިރާއްޖޭގެ އެންމެ މަތީ ދަރަޖައިގެ ވަލީ އޮތުން.

20 ޛުލްޙިއްޖާ 1358

ކުރީގައި ނަންގެނެވިފައިވާ ގޮތް، އަހަރެން ބަލައި، ރުހި ޤަބޫލުވެ ތަޞްދީޤު ކޮށްފީމެވެ.

ސޮއި: ޙަސަން ނޫރައްދީނު

ދިވެހިރާއްޖޭގެ ރަދުން“

އާދެ! މިހާ ހިސާބުން ނުރަސްމީ ގޮތެއްގައި ވެރިކަން ކުރައްވަމުން އައި ޙަސަން ފަރީދުގެ ވެރިކަން ރަސްމީ ވީއެވެ. ޤާނޫނު އަސާސީ އުވާނުލާން އެ މަޖިލިހުގައި ވާހަކަފުޅުދެއްކެވި ހަމައެކަނި މެންބަރަކީ އިބްރާހީމް ޢަލީ ދީދީ (ފަހުން އިބްރާހީމް ފާމުލަދޭރިކިލެގެފާނު) އެވެ (މުޙައްމަދު އަމީން، 1949). އޭނާގެ ވާހަކަފުޅުގައި ވިދާޅުވީ ޤާނޫނު އަސާސީ އަކީ ޢަބްދުލްމަޖީދުގެ ލަފާފުޅާއެކު ހެދިފައިވާ ޤާނޫނު އަސާސީ އެއްކަމަށް ވާތީ ޢަބްދުލްމަޖީދުގެ ލަފާފުޅެއް ނުހޯއްދަވައި އެ އުވާ ނުލުމަށެވެ. މިގޮތަށް ނިންމިއިރު، ރަދުނަކާއި ވަޒީރުލްއަޢުޡަމް އެއް ވެސް ހުންނެވި ކަން ހަނދުމަފުޅު ބެހެއްޓެވުން ހުއްޓެވެ. ޤާނޫނު އަސާސީ އުވާލުމާ ގުޅިގެން ދިވެހިރާއްޖޭގެ ކުރު ދުސްތޫރީ ޙަޔާތަށް ނިމުމެއް އަނެއްކާ ވެސް އައީއެވެ. ދުވަސްވަރަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރެވެ. މިކަންކަމުގެ އަސަރުތައް ހިންގުމުގެ ދާއިރާއަށް ކުރާނެކަން ޔަޤީން އެވެ.

ހިޖުރީގޮތުން 1360 ވަނަ އަހަރުގެ ޛުލްޤައިދާ މަހުގެ 29 ވަނަ ދުވަހު، އާދެ! 18 ޑިސެމްބަރ 1941 ވަނަ ދުވަހު، ރަދުން އެންގެވި ކަމެއްގެ ވާހަކަ އެއްގެވުމަށް އެއްކުރެވުނު މަޖިލިހެއް ބޭއްވުނެވެ. މި މަޖިލިހުގައި، ވަޒީރުލް އަޢުޡަމްގެ قائم مقام (ޑެޕިއުޓީ) އަށް [ރާއްޖެ ބެލެހެއްޓުމުގެ އެންމެ މަތީ ދަރަޖައިގެ ވެރިކަމާއި ދައުލަތުގެ މަތީދަރަޖައިގެ ވެރިކަމާއި، ދައުލަތުގެ މަތީ ދަރަޖައިގެ ކަންކަމަށް އިސްކުރާ މީހުންނަށް ފަތް ދިނުމަށާއި، އެމީހުންނަށް ނަޞީޙަތްތެރިވެ ލަފާދިނުމަށް، ވަޒީރުލްއަޢުޡަމްކަން، އަލްއަމީރު މުޙައްމަދު ފަރީދު ދީދީ  އާ މަތިކުރެއްވި ކަމުގެ ފަތްކޮޅު] އެއްވެފައިވާ މީހުންނަށް އިއްވިއެވެ. އޭގެ ކުރިން 1 ޖަނަވަރީ 1940 ގައި، ޙަސަން ފަރީދަށް ދިވެހިރާއްޖޭގެ އެންމެ މަތީ ވަލީ އޮތުމަށް ފެނިގެން އެގޮތަށް ވަނީ ނިންމާފައެވެ. ވަޒީރުލްއަޢުޡަމްކަމުގައި ހުންނެނީ މުޙައްމަދު ފަރީދެވެ. އެންމެ މަތީ ވަލީ އޮތީ ޙަސަން ފަރީދަށް ކަމަށް ވަނީ ކުރީގެ ޖަލްސާއަކުން ނިންމާފަ އެވެ. މިވަނީ ކިހިނެއްތޯއެވެ؟ އާދެ، ދެން ރަދުން އަނެއްކާވެސް ކުރިން ގެންގުޅުނު (އުވާލާފައިވާ) ޤާނޫނު އަސާސީގެ 80 ވަނަ މާއްދާގައި ކަޑައެޅިގެންވާ ޚާއްޞަ މަޖިލިސް އެއްކުރައްވައި، ޙަސަން ފަރީދު ފޮނުއްވި ސިޓީފުޅެއް އިއްވެވިއެވެ. އަދި މިޞްރުގައި ހުންނެވި ޢަބްދުލްމަޖީދަށް ފޮނުއްވި ސިޓީފުޅެއްވެސް އިއްވެވިއެވެ. އެއް ސިޓީގައި ވަނީ، އެންމެ މަތީ ވަލީ ޙަސަން ފަރީދު ޤަބޫލުފުޅު ނުކުރެއްވި ވާހަކަ އާއި އެ ވަލީ އޮތީ ރަދުންއަށް ކަމަށް ދައުލަތް ހިންގާ މަޖިލިހަށް ފެނުނު ހިނދު، ރަދުންނަށް ފެނިވަޑައިގަންނަވައިގެން ރާއްޖޭގެ އެންމެ މަތީ ދަރަޖައިގެ ވަލީ، ވަޒީރުލްއަޢުޡަމް އާ މަތި ކުރެއްވި ވާހަކައެވެ. ކަން މިހެން ވެފައިވަނިކޮށް، ޙަސަން ފަރީދުގެ އެންގެވުމެއްގެ އެހެން އަޑެއް އިވުނު ކަމަށް އަމީން (1951) ބަޔާން ކުރެއެވެ. އެއީ ވަޒީރުލްއަޢުޡަމްކަން ހިންގަވާނީ ވަޒީރުއްދާޚިލިއްޔާ (ޙަސަން ފަރީދު) މެދުވެރިކުރައްވައިގެން ކަން ބަޔާން ކުރެއްވުމަށް އެންގެވި އެންގެވުމެއްގެ އަޑެވެ. ކަންކަން މިހާ ހިސާބަށް ދިޔައިރު، ރާއްޖެގައިވަނީ ކާބޯތަކެތި ހުސްވާން ކައިރިވެފައެވެ. ބައެއް ރަށްރަށުން މީހުން ބަނޑަށް ޖެހި މަރުވާން ފަށާފައި ވެއެވެ.  މިކަމާ ގުޅިގެން މީހުންގެ ޢަދަދުން ހަނޑޫ ކޮންޓްރޯލް ކުރަން ފެށިއެވެ. ދެން 12 ޖަނަވަރީ 1942 ގައި، ޙަސަން ފަރީދު، ވަޒީރުންގެ ޖަލްސާއެއްގައި، ”ޗުއްޓީއަކަށް“ އެދިވަޑައިގަތެވެ. ހަނގުރާމަ އެންމެ ބޮޑުވެފައި ވަނިކޮށެވެ.  ވަޒީރުންގެ ޖަލްސާއިން ޙަސަން ފަރީދު ކުރައްވަމުން ގެންދެވި މަސްއޫލިއްޔަތުތައް ޙަވާލުކުރެއްވީ މުޙައްމަދު އަމީނުއާއެވެ. އާދެ! މިއީ ޙަސަން ފަރީދުގެ ނުރަސްމީ ވެރިކަމުގެ ނިމުމެވެ. އޭނާއަށް ނުރަސްމީ ސިފައެއްގައި ވެރިކަން ކުރެވުނީ އެންމެ ފުރަތަމަ ދާޚިލިއްޔާ މަހަކުމާ ޙަވާލުކުރެވުނު ދުވަހުން ކަމުގައިވާ ނަމަ، އެއީ 2 އޮކްޓޯބަރ 1934 އިން ފެށިގެން 12 ޖަނަވަރީ 1942 އަށެވެ. ރަދުން އާއި ވަޒީރުލްއަޢުޡަމްގެ ޝަޙްޞިއްޔަތުގެ ނިކަމެތިކަމުން، މި ދެ މަޤާމަކީ މަތީ ދެ މަޤާމް ކަމުގައި ވިޔަސް، އެ މަޤާމުގައި ތިއްބެވި ބޭފުޅުންނަކީ މި ދުވަސްވަރު، ރާއްޖޭގެ އިދާރީ އިސް ވެރިޔާ ނުވަތަ ވެރިން ކަމަކަށް ނުބަލައެވެ.

hsnfaridrule

ކޮންމެއަކަސް ޚުދު މުޙައްމަދު އަމީނު (1949) ގައިވާ ފަދައިން، ”ދިވެހި ދައުލަތް ހިންގުމުގެ ވެރިކަން“ އޭނާ ޤަބުލުކުރެއްވީ މިދުވަހުއެވެ. އާދެ! 12 ޖަނަވަރީ 1942 ގައެވެ. މިކަމާ ގުޅިގެން ދައުލަތުގެ އެންމެ އިސް މަޖިލީހުގެ ރައީސަކަށްވީ މުޙައްމަދު އަމީން އެވެ. މަޙަކްމަތުލް މަޢާރިފުގެ (ތަޢުލީމާ ބެހޭ ޑިޕާޓްމަންޓްގެ) ވެރިޔަކީ ޢަބްދުﷲ ފަހުމީ ދީދީއެވެ. އަދި މާ ގިނަ ދުވަސްތަކެއް ނުވެ، ދެވަނަ ފަހަރަށް އަލްފާޟިލް އަޙްމަދު ކާމިލް ދީދީ އަށް މަޙަކްމަތުލް މަޢާރިފުގެ ވެރިކަން ދެވުނެވެ.

kaaboaofees

ދެން، 1361ހ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 6 ވީ ބުރާސްފަތި ދުވަހު، 23 އޭޕްރިލް 1942 ގައި، ރަދުން އަންގަވައިގެން ޚާއްޞަ މަޖިލިހެއް ބޭއްވުނެވެ. އެ މަޖިލިހުގައި ދިވެހިރާއްޖޭއާ އެކަށީގެންވާ ޤާނޫނު އަސާސީއެއް އޮތުމަށް ރަދުންނަށާއި ވަޒީރުލްއަޢުޡަމްއަށް ފެނިވަޑައިގެން ޤާނޫނު އަސާސީ އެކުލަވާލުމަށް މަޖިލިހަށް ފޮނުއްވީ ކަމަށް އެންގުނެވެ. މި މަޖިލިހުން ފާސްކުރި ޤާނޫނު އަސާސީ ކުރެވެ. މުޅިއެކުވަނީ 12 ޞަފުޙާއެވެ. އޭގައިވަނީ ”ހިންގެވުމުގެ ވަލީ އާއި، ދިވެހިރާއްޖޭގެ ޤާނޫނާއި ޤަޥާޢިދުތަކުގެ މަތީން، ވަޒީރުއްދާޚިލިއްޔާ މެދުވެރިކޮށް، ރާއްޖެ ބެލެހެއްޓުމުގެ އެންމެ މަތީ ދަރަޖައިގެ ވެރިކަން ވަނީ، ރަދުންނަށާއި ވަޒީރުލްއަޢުޡަމް އަށެވެ.“  (މުޙައްމަދު އަމީން، 1951، ޞ. 201). ވަޒީރުލްއަޢުޒަމް އަކު އިސްކުރެވޭނީ ރަދުންނަށާއި އެއް ފަދައިންކަމަށް މި ޤާނޫނު އަސާސީގައި ބަޔާން ކުރެވިފައި ވެއެވެ. މިގޮތަށް އަލަށް ޤާނޫނު އަސާސީއެއް ހަދަން ޖެހުނީ ޤާނޫނު އަސާސީއެއް އޮންނަންޖެހޭކަން ޤަބޫލުކުރެވިގެންނާއި އުވާލި ޤާނޫނު އަސާސީ އަނބުރާ އިޢާދަ ކުރަން މުޙައްމަދު އަމީން އަށާއި އެހެން ވެރިންނަށް ފެނިވަޑައި ނުގަތުމުންނެވެ. އައު ޤާނޫނު އަސާސީން އެކުލަވާލެވުނު ރައްޔިތުންގެ މަޖިލިހުން، ހަނގުރާމަ ނިމެންދެން ދައުލަތުގެ އެންމެހައި ކަންކަން ހިންގުން، މުޙައްމަދު އަމީން އާ ޙަވާލުކުރެވުނެވެ (މުޙައްމަދު އަމީން، 1951).

ހަނގުރާމައާ ގުޅިގެން އިރުމަތީ އޭޝިޔާގައިވާ އިނގިރޭސި ކޮލޮނީތައް (އިންގިރޭސީން އިސްތިޢުމާރުކޮށްފައިވާ ރަށްތައް) ޖަޕާނުގެ މީހުން ހިފަމުންދާތީ އައްޑޫ އަތޮޅު ދިފާޢު ކުރުމަށްޓަކައި، އިނގިރޭސީން ރާއްޖެއަށް އެންމެ ފުރަތަމަ ފޭބީ އައްޑޫ އަތޮޅު ވިލިގިއްޔަށް 29 ސެޕްޓެމްބަރ 1941 ގައެވެ. އަދި، މާލެ އަތޮޅު ދޫނިދޫ އަކީ ދަތުރުތަކުގައި އެއަރފޯރސް މީހުން އެކިކަންކަމު ޒިޔާރަތް ކުރާ މަންޒިލެއްގެ ގޮތުގައި ހަމަ ޖެއްސުނެވެ. ދެން ހަނގުރާމައިގެ މެދުތެރޭގައި، ދިފާޢީ ސަބަބުތަކަށްޓަކައި، ރިޔާނެގި އުޅަނދު ފަހަރު ސިލޯނުގެ ބަދަރަށް ވަނުން މަނާ ކުރިއެވެ. ނަތީޖާ އެއްގެ ގޮތުން، މަސްފޮނުވޭން ނެތްކަމާހެދި،  ރާއްޖޭގެ ޙާލު ވަރަށް ދަތިވިއެވެ. މި މައްސަލާގައި މާލެއިން ކޮޅުބަށް މީހަކު ފޮނުވާން ނިންމުނެވެ. މިކަމަށް އެއްބަސްވެވަޑައިގަތީ ޙަސަން ފަރީދެވެ. ތަމްރީނު ހޯދަން ދިޔަ 14 ސިފައިންނާއެކު ޙަސަން ފަރީދު ސިލޯނަށް ފުރާވަޑައިގަތީ 14 މެއި 1942 ގައެވެ. އޭގެ ދެ މަސް ދުވަސް ފަހުން އެތަކެއް ހާސް ބަސްތާ ހަނޑުލާއެކު، ޙަސަން ފަރީދާއި ސިލޯނުގައި ހުންނެވި ސަފީރު، ޙުސައިން ޙިލްމީ މާލެ ވަޑައިގެންނެވިއެވެ. ޙަސަން ފަރީދު ފުރާވަޑައިގަތީ ރާއްޖެއިން ކާބޯތަކެތި ގަތުމަށް އެތައް ހާސް ރުފިޔާއެއް ހިއްޕަވައިގެން ކަމާއި މި ފައިސާގައި އޭނާ ޖެހިވަޑައިގެން ކަމަށް އިޝާރާތް ކުރާ ވާހަކަތަކެއް، އަތިރީގެ ޢާއިލާގެ ބޭފުޅުންނާ ޢާއްމުކޮށް އިދިކޮޅަށް ތަކެތި ލިޔުއްވާ  ތާރީޚާ ބެހޭ ލިޔުންތެރިއެއް ކަމަށްވާ ޢަބްދުލްޙަކީމް ޙުސައިން މަނިކުގެ ލިޔުއްވުމެއް 15 އޭޕްރިލް 2015 ގައި ނެރުނު ”ދިވެހި ޑައިޖެސްޓް“ ގެ 29 ވަނަ ޢަދަދުގެ 25 ވަނަ ޞަފުޙާގައި ވެއެވެ. {މި ޢަބްދުލްޙަކީމް ޙުސައިން މަނިކުގެ ތަޢައްޞުބުގެ ސިއްރު ފަހުން ބަޔާން ކުރެވޭނެއެވެ.} ރާއްޖެއަށް ހަނޑޫ ނުލިބެނީ އިންޑިޔާއިން ސިލޯނަށް ހަނޑޫ ނުލިބޭތީ ކަމަށް ވެއެވެ (މުޙައްމަދު އަމީން، 1949). މިހެންވެ، ކާބޯތަކެތީގެ ރައްކާތެރިކަމަށްޓަކައި، މުޅި ރާއްޖޭގައި ގަސްއިންދުމަށް ސަރުކާރުން ގޮވާލިއެވެ. އޭރު ރާއްޖޭގެ ކާނާގެ ޙާލަތުވަނީ ވަރަށް ވެސް ގޯސްވެފައެވެ. ހަނޑޫ ވަނީ ވަރަށް ގަދަޔަށް ކޮންޓްރޯލް ކޮށްފައެވެ. ދައުލަތުގެ އެހީގައި، ސިލޯނުގައި ކިޔަވާން ތިބި ޢަލީ ނޫރައްދީނާއި، ޢައްބާސް އާއި ޙުސެއިން ޢަލީ ދީދީ އާއި އަޙްމަދު ޢަލީ ދީދީ އާއި މުޙައްމަދު ޒަކީ އާއި މުޙައްމަދު ޒާހިރު (ނަޞީރު) އާއި އާދަމް ޙަލީމް ބިރުން މާލެ ވަޑައިގެންނެވިއެވެ. އެއީ 5 އޭޕްރިލް 1942 ދުވަހު ކޮޅުބަށާއި، އޭގެ ހަތަރު ދުވަސްފަހުން ޓްރިންކޮމަލީއަށް ޖަޕާނުމީހުން ބޮން އެޅުމާ ގުޅިގެން އުފެދުނު ނުތަނަވަސް ކަމުގައެވެ.

bohra46

މިހާ ހިސާބަށް ކަންތައްތައް ދިޔައިރު، ބައެއް ރަށްރަށުން ކާބޯތަކެތި ހުސްވެގެން މީހުން މަރުވުން ވަނީ ޢާއްމުވެފައެވެ. ފޭރާން ދަތިވެގެން ބައެއް މީހުންނަށް ގެއިން ބޭރަށް ނުނިކުންނެވޭވަރު ވަނީ ވެފައެވެ (އަމީން، 1949، ޞ.135). މި ދަތި ދުވަސް ވަރު ޢަބްދުލްމަޖީދު ހުންނެވީ މިޞްރުގައެވެ. ތަދުކަން މިހާ ބޮޑުވި އެއް ސަބަބަކީ މަހުގެ އަގު ވަރަށް ބޮޑުތަން ކުޑަވުމެވެ. ހަންދަރަކަށް ލިބެނީ ހަރުފިޔާ ހަތްރުފިޔާއެވެ. ވިއްކަން ޖެހެނީ ބޯރާ ވިޔަފާރިވެރިންނަށެވެ. އެމީހުން ގަންނަ އަގަކަށެވެ. ބޭރަށް މަސް ވިއްކަން ގެންދެވެން އޮތީ އެމީހުންގެ ބޯޓުފަހަރުގަ އެވެ. މި މައްސަލައިގައި ސަރުކާރުން މަސްގަންނަން ބޮޑު އިސްޓޯރެއް ހުޅުވުމަށް ކަޑައެޅި މިކަން ދައުލަތް ހިންގާ މަޖިލިހުންނާއި ރައްޔިތުންގެ މަޖިލިހުން ފާސް ކުރެވުނެވެ. މި އިސްޓޯރު ހުޅުވުމަށް އެންމެ ބޮޑަށް އިދިކޮޅަށް ވާހަކަ ދެއްކެވީ އިބްރާހީމް ޙިލްމީ އެވެ. އިބްރާހީމް ޙިލްމީ އަކީ އޭރު ދައުލަތް ހިންގަވާ ކޮމީޓީގެ މެންބަރެކެވެ. އަދި، ވަޒީރުއްދާޚިލިއްޔާގެ ވަކީލުކަމާއި ދެ ވުޒާރާއެއްގެ ވަކީލުކަން ކުރައްވާފައިވާ ފަރާތެކެވެ.  މީނާއަކީ ޙުސައިން ޞަލާޙުއްދީނުގެ ކިލާހުން ކިޔަވާވިދާޅުވެ، ފަހުން އަލިގަޅު ޔުނިވަރސިޓީއިން ކިޔަވާ ވިދާޅުވި ބޭފުޅެކެވެ. ސަފީރު ޙުސައިން ޙިލްމީ އަކީ މީނާގެ އެއްބަޑުއެއްބަފާ ބޭބެއެވެ. މިބޭފުޅުންގެ މަންމައަކީ މަލިކު ރާގޯތި އާމިނާ ދީދީއެވެ. މުޙައްމަދު އަމީން އަލިގަޅު ޔުނިވަރސިޓީގައި އުޅުއްވި ދުވަސްވަރު، ހުންނެވީ އިބްރާހީމް ޙިލްމީ އާ އެއްކޮޓަރިކޮޅުގައެވެ. (އަޙްމަދު ނަޖީބު، 2006، މުޙައްމަދު އަމީން، 1952). މި މައްސަލާގައި، ސަރުކާރުން ވަޒީފާގައި ހުންނެވުމަށް ވަރަށް ބޮޑަށް އަމީން ދެންނެވުމާއެކު ވެސް، އިބްރާހީމް ޙިލްމީ ބައެއް ވަޒީފާތަކުން ވަކިވެވަޑައިގަތުމާ ގުޅިގެން އެހެން ވަޒީފާތަކުން ވަކިކުރެވުނެވެ.  (މުޙައްމަދު އަމީނު، 1949). މި އިބްރާހީމް ޙިލްމީގެ ކާފަ އަކީ (ކަކާގޭ ޢަލީ ރަންނަބަޑޭރި ކިލެގެފާނަކީ) ބޯރާ ވިޔަފާރިވެރިން މާލެއަށް ”ގަދަކުރުވި“ ފަރާތްކަމަށް ލިޔުންތެރިއަކު ވިދާޅުވެއެވެ (ޢަބްދުލް ޙަކީމްޙުސައިން މަނިކު، 1997). {ބޯރާ ވިޔަފާރިވެރިން މާލޭގައި ތިބީ ސަރުކާރު ހިންގަން އެއިރަކު ތިބި ވެރިންނަށް ފައިސާ ދީގެންކަމަށް ލަފާކުރެވެ އެވެ. މިފޮތުގެ އެއް މުޞައްނިފެއް ކައިރީގައި ބޯރާ ވިޔަފާރިވެރިއެއްގެ ފިހާރައިގައި މަސައްކަތް ކުރި ކަނބިލި ޒަކަރިއްޔާ ކިޔައިދިން ގޮތުގައި ބޯރާ ސޭޓު ދެއްވާ ބޮޚްސާއެއް ހިފައިގެން އޭނާ ހުކުރު ދުވަހު ހުކުރުފަހުން ފަރީދީ މަގާ އިންވެގެން އޮންނަ ގޯޅިއަކަށް ދިޔައެވެ.  ދެން މާފަންނުގެއިން ނުކުންނަ މީހަކު އެ ބޮޚްސާ ބަލާއައުމުން އެދީފައި ފިހާރައަށް އަންނަނީ ކަމަށް ބަޔާން ކުރިއެވެ. މީނާ ގިނަ ދުވަސްތަކެއް ވަންދެން ސަރުކާރުގެ ނަވާއި ބޯޓުފަހަރުގައި އުޅުނެވެ. ބޯރާ ވިޔަފާރިވެރިން މާލެއަށް ފޭބީ، 1857 ގައި މުސްކުޅި ބަންޑާރައިންގެ ވެރިކަމުގައި ކަމަށާއި، އެމީހުން އެދުވަހުން ސުރެ ރާއްޖޭގެ ސިޔާސީ ކަންތައްތަކާ ބެހޭ ކަމަށް ޢަބްދުﷲ މުފީދު (2004) ބަޔާން ކުރެއެވެ.} ބޮޑު އިސްޓޯރު ހުޅުވުމާ ގުޅިގެން މަހުގެ އަގު ތިން ގުނައަށް ބޮޑުކޮށް، ސަރުކާރުން މަސް ގަންނަން ފެށިއެވެ. ބޯރާ ވިޔަފާރި ވެރީންނަށް މަސް ވިއްކަނީ ފަސްވަރަކަށް ދިހަވަރަކަށް ރުފިޔާ ގެ ފައިދާ އަކާ އެކުއެވެ. ރައްޔިތުންނަށް މަސް ވިއްކެނީ ހަމައެކަނި ބޮޑު އިސްޓޯރަށެވެ.

މި ދަތި ދުވަސްވަރު، މިކަމުގެ ސިޔާސީ ފައިދާއަށްޓަކައި މަސައްކަތް ކުރާނޭ އިދިކޮޅު ފަރާތްތައް ވާނެކަން ޔަޤީންއެވެ. ރަސްކަމުން ވަކިކުރެވުނު ޝަމްސުއްދީނަށް ތާއީދުކުރާ ފަރާތްތަކާއި އަދި އެ ފަރާތްތަކާ ތިމާގެ ފަރާތްތަކެވެ. ވެރިކަން ބޭނުންވާ މިހާރުގެ ސަރުކާރާ އިދިކޮޅު ފަރާތްތަކެވެ. މިގޮތުން ސަރުކާރުން ވަކިވި އިބްރާހީމް ޙިލްމީ އުތުރުގެ ބައެއް ރަށްރަށުގެ ވެރިންނަށް ވިސްނާ ދިނީ ސަފީރު ޙުސެއިން ޙިލްމީ ކާބޯތަކެތި ސިލޯނުން ފޮނުއްވާކަމާއި، އެތަކެތި ދޫނިދޫގައި ފޮރުވަނީކަމަށާއި ޙާލަތު ބަދަލުކުރެވޭނީ ޝަމްސުއްދީނު ރަސްކަމަށް އަލުން އިސްކޮށް، އިބްރާހީމް ޙިލްމީ އަށް ވެރިކަން (ވަޒީރުލްއަޢުޒަމްކަން) ދިނުމުން ކަމަށެވެ. މިގޮތަށް ވިސްނައިދީގެން އުތުރުގެ 552 އޮޑިދޯނި ފަހަރުގައި، 9452 މީހުން މާލެ ތަޅާލާ ވެރިކަން ބަދަލުކުރާން 4 މާރޗް 1943 ވަނަ ދުވަހު ހެނދުނު މާލޭގެ ފަޅުތެރެއަށް ވަނެވެ. ބައެއް މީހުން މާލެ އެރުމުން މާލޭގެ ރައްޔިތުން އެމީހުން ހިފެހެއްޓިއެވެ. މި މައްސަލަ، ”އުތުރުގެ ގަޑުބަޑު“، ނިންމުމަށް ރައްޔިތުންގެ މަޖިލިހުން ޖަލްސާއަކުން މުޙައްމަދު އަމީނަށް ހުރިހާ އިޚްތިޔާރެއް ދިނެވެ. މައްސަލަ ނިމުނީ މިކަމުގައި ބައިވެރިވި އިސް ފަރާތްތަކަށް އަދަބު ލިބިއެވެ. މީހަކު މަރުވުމެއް ނެތި މިކަން ޙައްލު ކުރެވުނު ސަބަބުތައް މުޙައްމަދު އަމީން (1949) ގައި ވެއެވެ. އަދި މިކަމާ ގުޅިގެން ކުރެވުނު ތަޙްޤީޤާއި ޝަރީޢަތް ”ދިވެހި ޑައިޖެސްޓް“ ގެ 25 ވަނަ ޢަދަދު (15 ފެބްރުއަރީ 2015) އިން ފެށިގެން ހައެއްކަ ޢަދަދުގައި ޝާއިޢުކޮށްފައި ވެއެވެ. އުތުރުގަނޑުބަނޑުގެ އެންމެ އިތުބާރު ހުރި ލިޔުމަކީ މި ޝަރީޢަތުގެ ރިޕޯޓެވެ. މިކަންކަމާ ގުޅިގެން، އިބްރާހީމް ޙިލްމީ އަރުވާލެވި، ސިލޯނުގައި ހުންނަ ސަފީރުކަމުން ޙުސެއިން ޙިލްމީ ވަކިކޮށް ޙަސަން ފަރީދަށް އެކަން ދެވުނެވެ.

6majeed އޭޕްރިލް 1943 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި، ޙަސަން ފަރީދު ވަޒީރުއްދާޚިލިއްޔާ ކަމުން އިސްތިޢުފާ ދެއްވައިފިކަން އަންގަވާ ރަދުންނާއި ވަޒީރުލްއަޢުޡަމް ފޮނުއްވި ސިޓީއެއް އިއްވުނެވެ. ސަބަބެއް ކަމަށް ހުށަހަޅުއްވާފައިވަނީ އެ ދުވަސްވަރު އޭނާ ކޮޅުބުގައި ހުންނަން ޖެހިވަޑައިގެންފައިވާ ކަމެވެ. ދެން އެ މަޤާމަށް ހުށަހެޅުނީ މުޙައްމަދު އަމީނެވެ. 7 އޭޕްރިލް ގައި (ޖެހިގެން އައި ދުވަހު) ރައްޔިތުންގެ ޚާއްޞަ މަޖިލިހުގެ ޖަލްސާއެއް ބޭއްވުނެވެ. އެ ފަހަރު ޤާނޫނު އަސާސީގައި ހިމެނުމަށް ނިންމީ އެއްވެސް ޙާލަތެއް ދިމާވެގެން ރަދުން ނެތްނަމަ، ސަރުކާރު ހިންގާނީ ރައްޔިތުންގެ ޚާއްޞަ މަޖިލިހުން އިންތިޚާބު ކުރާ ކޮމިޓީއަކުން ކަމެވެ. ހަމަ އެދުވަހު ހަވީރު ބޭއްވުނު ޚާއްޞަ މަޖިލިހުގެ ޖަލްސާއެއްގައި ދެ ސިޓީއެއް އިއްވުނެވެ. އެއީ ރަދުން، އައްސުލްޠާނު ޙަސަން ނޫރައްދީނު II އާއި ވަޒީރުލްއަޢުޡަމް މުޙައްމަދު ފަރީދު އެބޭފުޅުންގެ މަޤާމުން އިސްތިޢުފާ ދެއްވައި ފޮނުއްވި ސިޓީއެވެ. މި ސިޓީގެ ނަކަލު މުޙައްމަދު އަމީން (1949) ގައި ވެއެވެ. މި ޖަލްސާގައި ދައުލަތް ހިންގާ ކޮމިޓީއެއް އުފައްދައި އެ ކޮމިޓީގެ ރައީސަކަށް އިސްތިޢުފާ ދެއްވި ޙަސަން ނޫރައްދީނު ޢައްޔަނު ކުރެވުނެވެ. ދެން އޭގެ ދެ ދުވަސް ފަހުން ދިވެހިރާއްޖޭގެ ރަސްކަލަކުގެ ކިބައިގައި ހުންނަން ޖެހޭ ޝަރުޠުތައް ބަޔާންކޮށް ޤާނޫނު އަސާސީ އިޞްލާޙު ކުރެވުނެވެ. އަދި، 6 ރަބީއުލްއާޚިރުގައި 1362ހ ގައި، (12 އޭޕްރިލް 1943 ގައި) ޢަބްދުލްމަޖީދު ދިވެހިރާއްޖޭގެ ތަޚުތަށް އިންތިޚާބު ކުރެވުނެވެ. ނަމަވެސް ޢަބްދުލްމަޖީދު އަވަހާރަވަންދެން ރަސްމީގޮތުން، ރަސްކަމާ ޙަވާލުވެވަޑައެއް ނުގަންނަވައެވެ. މިވާހަކަތައް މިއަށް ވުރެ ތަފްޞީލުކޮށް މުޙައްމަދު އަމީން (1951، 1949) ގައި ބަޔާން ވެގެން ވެއެވެ.

ޢަބްދުލްމަޖީދު ރަސްކަމަށް އިންތިޚާބު ކުރުމަށް މަޖިލިހުން ނިންމުމަށްފަހު، ދުވަސްކޮޅެއްގެ ތެރޭގައި، 1363ހ ޛުލްޤަޢިދާ މަހުގެ 11 ވަނަ ދުވަހު، އާމިނަތު ފާއިޒާ (1997) ބަޔާން ކުރާގޮތުން ނަމަ 28 އޮކްޓޯބަރ 1944 ދުވަހު، ކުރީގެ ޤާނޫނު އަސާސީގެ މައްޗަށް ދިވެހި ދައުލަތް ހިންގުމަށް ކަޑައެޅުނެވެ. އެއީ ޢަބްދުލްމަޖީދު ބައިވެރިވެވަޑައިގެން 25 ފެބްރުއަރީ 1937 ގައި ފާސްކޮށްފައިވާ ޤާނޫނު އަސާސީއެވެ (އާމިނަތު ފާއިޒާ، 1997، ޞ. 194).  އެއާ ޖެހިގެން އައި ދުވަހު ދައުލަތް ހިންގާ ވަލީ ކޮމިޓީއިން ޢައްޔަނު ކުރި ރައްޔިތުންގެމަޖިލިހުގެ ޖަލްސާއެއްގައި އައު ވަޒީރުންގެ މަޖިލިހެއް އެކުލަވާލެވުނެވެ. މަޙަކްމަތުއްދާޚިލިއްޔާ އާއި މަޙަކްމަތުއަމަންޢާއްމު އާއި މަޙަކްމަތުލްމަޢާރިފުގެ ވަޒީރުކަމަށް މުޙައްމަދު އަމީން ޢައްޔަނު ކުރެވުނެވެ.

ސިލޯނުގައި ސަފީރަކަށް ހުންނެވި ޙަސަން ފަރީދު، 1944 ވަނަ އަހަރުގެ މާރޗް މަހު މާލެވަޑައިގެންނެވި އެވެ. އެއީ އައްޑޫއަށް ފޭބި އިނގިރޭސީންނާއި އައްޑޫ ރައްޔިތުންނާ ދެމެދު ދިމާވެފައިވާ މައްސަލައެއް ޙައްލުކުރުމަށާއި ރާއްޖޭގެ ދެކުނުގެ ޙާލަތު ދެނެގަތުމަށެވެ. އިނގިރޭސި ކުޑަ ބޯޓެއްގައި އައްޑޫއިން ސިލޯނަށް ވަޑައިގެން މަގުމަތީގައި ޖަރުމަނުގެ ސަބްމެރިނަކުން (ޔޫބޯޓު 510 އިން)  ފޮނުވި ޓޯޕިޑޯއަކުން ބޯޓު ފެތި، 27 މާރޗް 1944 ގައި، ޙަސަން ފަރީދު އަވަހާރަވިއެވެ. ކާބޯތަކެތީގެ މައްސަލައަށް ލުޔެއް ލިބުނީ ކާބޯތަކެތި ހަމަޖެއްސުމާ ބެހޭ އޮފީހެއް ހަދައިގެންނާއި ރާއްޖެއިން ބޭރުން ތަކެތި ގެނައުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްގެންނެވެ.  ޙަސަން ފަރީދު ނިޔާވުމާގުޅިގެން ސިލޯނުގައި ހުންނަ ސަފީރު ކަމާ ޙަވާލުވެ ވަޑައިގަތީ މުޙައްމަދު އަމީނެވެ. އެކަށީގެންވާ ތަޢުލީމެއް ލިބިފައިވާ، މާލޭގެ ސަރުކާރުން ބާކީ ކުރެވޭނޭ އެހެން ބޭފުޅެއް އޭރު ނެތީއެވެ.

ޢަބްދުލްމަޖީދު މާލެވަޑައިގެންނެވީ ހަނގުރާމަ ނިމެން ކައިރިވެފައިވަނިކޮށް، ސިލޯނުގައި ދުވަސްކޮޅަކު ހުންނަވާފައި، 11 ފެބްރުއަރީ 1945 ގައެވެ (މުޙައްމަދު އަމީން، 1949). ދެން 11 މާރޗް 1945 ގައި އެނބުރި ސިލޯނަށާއި މިޞްރަށް ވަޑައިގަންނަވަން ފުރުއްވިއެވެ. ފުރުއްވުމުގެ ކުރީގައި ރަސްކަން ޤަބޫލުފުޅު ކުރެއްވިއެވެ. ނަމަވެސް، ރަސްމީގޮތުން، ރަސްކަމާ ޙަވާލުވެވަޑައެއް ނުގަންނަވައެވެ. ދެވަނަ ބޮޑު ހަނގުރާމަ ޔޫރަޕުގައި ނިމުނީ 7 މެއި 1945 ގައެވެ.  އޭޝިޔާގެ ހަނގުރާމަ ނިމުނީ 14 އޯގަސްޓު ގައެވެ. މި ދެދުވަސް ރާއްޖޭގައި ވެސް ފާހަގަ ކުރިއެވެ (މުޙައްމަދު އަމީން، 1949).

ހަނގުރާމައަށް ފަހު ރާއްޖޭގެ ކަންތައްތައް ހިނގަމުން ދިޔަ ގޮތް، ދެން އޮޅުން ފިލަނީ މުޙައްމަދު އަމީން ލިޔުއްވާފައިވާ،  އޭނާ އަވަހާރަވެވަޑައިގެންނެވި އިރު ޗާޕުނުވެ އޮތް ފޮތެއް، 1950 ގެ އަހަރުތަކުގައި ވަޒީރުލްއަޢުޡަމްގެ އޮފީހުން ފެނުމުންނެވެ. މިފޮތް ”ދިވެހިރާއްޖެ ހަނގުރާމައަށް ފަހު…1“ ގެ ނަމުގައި 2001 ވަނަ އަހަރު ނޮވެލްޓީ ޕްރިންޓަރޒް އެންޑް ޕަބްލިޝާރޒް އިން ޝާއިޢުކޮށްފައި ވެއެވެ. މިފޮތުގެ ދެވަނަ ބައި އެކުލަވާލާފައިވަނީ މުހައްމަދު އަމީން އާ ވަޒީރުއްދާޚިލިއްޔާ ހިންގަން ޙަވާލުވުމާ ގުޅިގެން ލިޔަން ފަށާފައިވާ ދައުލަތުގެ ރަސްމީ ޔައުމިއްޔާއިންނެވެ. މިފޮތް ފުރަތަމަ ޗާޕުކޮށްފައިވަނީ 1960 ގައި ވަޒީރުލްއަޢުޡަމުގެ އޮފީހުންނެވެ. މި ޔައުމިއްޔާ ޗާޕުކޮށްފައިވަނީ 2012 ގެ އަހަރުތަކުގައި ނޮވެލްޓީ ޕްރިންޓަރޒް އެންޑް ޕަބްލިޝާރޒް އިންނެވެ. މިފޮތުގައި އެ ޔައުމިއްޔާއަށް ޙަވާލާދެވެނީ ”ދިވެހި ސަރުކާރު (ތ.ނ)“ މިގޮތަށެވެ. ޔައުމިއްޔާ ލިޔެފައިވަނީ ތާރީޚްގެ ތަރުތީބުންނެވެ.

ދޭތެރެ ދޭތެރެއިން ސިލޯނަށް މުޙައްމަދު އަމީން ވަޑައިގަންނަވަން ޖެހޭތީ، ސިލޯނުގެ ދިވެހި ދާއިމީ ރެޕްރެޒެންޓޭޓިވް އަކު ބެހެއްޓުމަށްޓަކައި، ސަރުކާރުގެ އެހެން މަޤާމުތަކުން ވަކިކުރައްވައި ރައްޔިތުންގެ މަޖިލިހުން އެ ޤައުމަށް ސަފީރަކަށް ފޮނުއްވަން ނިންމެވީ އަލްފާޟިލް އިބްރާހީމް ޢަލީ ދީދީ އެވެ. އޭނާ ކޮޅުބަށް ވަޑައިގަތީ 1945 ގެ އޮކްޓޯބަރު މަހުއެވެ. މިއަހަރު، ކުރިން ކޮޅުބުގައި ހުންނެވި ސަފީރު، ޙުސެއިން ޙިލްމީ އަވަހާރަވިއެވެ (މުޙައްމަދު އަމީން، 2001). ރާއްޖޭގައި އެންމެ ފުރަތަމަ ޤައުމީ ދުވަސް ފާހަގަ ކުރެވުނީ 1365 ވަނަ އަހަރު ރަބީޢުލްއައްވަލު މަހުގެ 1 ވަނަ ދުވަހުއެވެ. މިފަދަ އިޖްތިމާޢީ އެތައް ކަމެއް މުޙައްމަދު އަމީން ފެއްޓެވިއެވެ. އެގޮތުން ކުޅިވަރާއި އަދަބިއްޔާތު ކުރިއެރުވުމަށް ކުރެއްވި ކަންތައްތައް ކުރިން ޙަވާލާދިން ފޮތުގައި ވެއެވެ. 1365 ވަނަ އަހަރުގެ ޖުމާދަލްއައްވަލު މަހުގެ 10 ވަނަ ދުވަހު ދައުލަތް ހިންގާ މަޖިލިސްގެ ޖަލްސާއެއްގައި މުޙައްމަދު ފަރީދަށް ފާށަނާކިލެގެކަމަށް ކޮލިލުމަށާއި އިބްރާހީމް ޢަލީ ދީދީއަށް ފާމުލަދޭރިކަމަށް ކޮލިލާން ނިންމައި މި ކޮލިލެވުނެވެ.

މުޙައްމަދު އަމީންގެ ދައުރުގައި ހިނގި މުހިންމު ކަންތައްތަކުގެ ތެރޭގައި އިނގިރޭސީންނާއެކު އައު އެއްބަސްވުމެއްގައި ސޮއިކުރުން ހިމެނެއެވެ. މިކަން ފެށުނު ގޮތާއި އެކަން ހިނގިގޮށް މުޙައްމަދު އަމީން (2001) ގައި ވެއެވެ. ޚުލާޞާކޮށްލާ ނަމަ، އެ އެއްބަސްވުމަކީ 1947 ގައި އިންޑިޔާ މިނިވަންވުމާއި 1948 ގައި ސިލޯނު، އިނގިރޭސިންގެ އަތްދަށުން މިނިވަންވުމާ ގުޅިގެން އިނގިރޭސީންނާ މުޢާމަލާތް ކުރާނޭ ގޮތާއި އަހަރުން އަހަރަށްދޭ ޖިޒީ ދިނުން ހުއްޓާލުމާ ބެހޭ އެއްބަސްވުމެވެ. މިނިވަންވުމަށް ޢަބްދުލްމަޖީދު ތާއީދެއް ނުކުރައްވާކަމަށް މުޙައްމަދު އަމީން (2001) ގައި ވެއެވެ. ނަމަވެސް މުޙައްމަދު އަމީންއަށް ފެނިވަޑައިގަންނަވާ ގޮތެއް ހަމަޖެއްސެވުމަށް ފުރުޞަތު ދެއްވިކަމަށް އެންމެ ފަހުން ޙަވާލާ ދެވުނު ފޮތުގައި ވެއެވެ. އިނގިރޭސީންގެ ދަށަށް ދިވެހިރާއްޖެ ދާން މެދުވެރިވީ މުޙައްމަދު އަމީންގެ ކާފާފުޅުގެ ސަބަބުންކަމަށް ކުރިން ބަޔާންވެ ހިނގައްޖެއެވެ. މިކަން ހިނގަން މެދުވެރިވި ގޮތްތަކުގެ އިތުރު ތަފްޞީލުތައް ޢަބްދުﷲ މުފީދު (2004) ބަޔާން ކޮށްފައި ވެއެވެ. ފަހު އެގްރީމެންޓްގައި ސޮއިކުރެވުނީ 24 އޭޕްރިލް 1948 ގައި ދިވެހިރާއްޖޭގައި ބޭއްވުނު ކުލަގަދަ ދަރުބާރެއް ގައެވެ. މި ކަމާ ގުޅިގެން މުޙައްމަދު އަމީނަށް ދޮށިމޭނާކަމަށް ކޮލިލެވުނެވެ.  10 އޭޕްރިލް 1949 ގައި ”ދިވެހިރާއްޖޭގެ ޤައުމީ އެކުވެރިކަމުގެ ކުންފުނީ“ގެ ނަމުގައި ސަރުކާރާއި ރައްޔިތުން ބައިވެރިވާ ކުންފުންޏެއް އުފެއްދުނެވެ. އަމީން ދައުރު ނިމެންދެން ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ %90 ގެންނަނީ މިކުންފުނިންނެވެ. 13 ޖޫން 1949 ގައި ޢަބްދުލްމަޖީދާއި ޙުސެއިން ޞަލާޙުއްދީނާއި އެހެންވެސް ސަރުކާރުގެ އިސްބޭފުޅުން ސިލޯނަށް ވަޑައިގަތުމަށް ފުރާވަޑައިގަތެވެ.

1948 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހުގެ ރޭ، މުޙައްމަދު އަމީންގެ ހަށިކޮޅަށް ތޫނު އެއްޗަކުން ގެއްލުންދޭން ބަޔަކު އުޅޭކަން ފަޅާއެރިއެވެ. ޝަރީޢަތުން މިކަމުގައި އިސްކޮށް އުޅުނީ ވެލާނާގޭ މުޙައްމަދު ދީދީ އާއި އުތުރުގޭ މަނިއްޕުޅުކަން ހާމަވިއެވެ. މީގެ އިތުރަށް މިކަމުގައި، ޢަބްދުލްމަޖީދު މާހިރު އާއި ލޯޖެހި އަޙްމަދު ދީދީ އާއި ވަކައޮޅި ދޮންމޫސާފުޅު ބައިވެރިވިކަން ސާބިތުވިއެވެ. ވެލާނާގޭ މުޙައްމަދު ދީދީ އާއި މަނިއްޕުޅު 39 އެތިފަހަރުން ތަޢުޒީރުކޮށް ޢުމުރަށް އަރުވާލުމަށް ނިންމުނެވެ. މި ވެލާނާގޭ މުޙައްމަދު ދީދީ އަކީ ޕިޗޯރީން ގެނައި މައްސަލައިގައި ފުވައްމުލަކަށް އަރުވާލެވުނު މީހެކެވެ. އަނެއް ތިން މީހުންވެސް ތަޢުޒީރުކޮށް އަރުވާލެވުނެވެ. މިހާ ލުއިކޮށް މިކަން ނިމުނީ މުޙައްމަދު އަމީން އޭނާގެ ޖާނުފުޅާ ގުޅިގެން ދެވޭ އަދަބު މަޢާފުކުރެއްވުމުންނެވެ. އިތުރު މަޢުލޫމާތު ވަޒީރުލްއަޢުޡަމްގެ އޮފީސް (1960) ގައި ވެއެވެ. މިކަން ހާމަކޮށްދިން ފަރާތަށް އިނާމު ދިނުމަށާއި ސިފައިން އަލުން ހުވާ ކުރުމަށް ޖަލްސާއެއް މިކަން ހިނގިތާ މާ ލަހެއް ނުވެ ބޭއްވުނެވެ (ދިވެހިސަރުކާރު، ތ.ނ).

saladinobit

20 ސެޕްޓެމްބަރ 1948 ގައި އުއްތަމަ ފަނޑިޔާރު ޙުސައިން ޞަލާޙުއްދީނު، މެންދަމު 1:30 ގައި ސިލޯނުގައި އަވަހާރަވެއްޖެކަން އިޢުލާނު ކުރެވުނެވެ. މިކަން ސަރުކާރުން ވަރަށް ހަނދާން ހުންނަ ގޮތަކަށް ފާހަގަ ކުރިއެވެ (ވަޒީރުލްއަޢުޡަމުގެ އޮފީސް، 1960، ޞ.28). އުއްތަމަ ފަޑިޔާރު ނިޔާ ވުމާ ގުޅިގެން ޢަބްދުﷲ ފަހުމީ ދީދީ އަށް 17 ޛުލްޙިއްޖާ ވީ ބުރާސްފަތި ދުވަހު ފަޑިޔާރުކަން ދިނެވެ.  އެއީ 21 އޮކްޓޮބަރ 1948 ވީ ބުރާސްފަތި ދުވަހެވެ.  ކޮލީ ނަންފުޅަކީ ޢަބްދުﷲ ޖަލާލުއްދީނު އެވެ.

14 މާރޗް 1949 ގައި ޙައްޖަށްފަހު ޢަބްދުލްމަޖީދު މާލެ ވަޑައިގެންނެވިއެވެ.  15 ޖޫންގައި ދައުލަތް ހިންގާ މަޖިލިހުން ޢަބްދުލްމަޖީދު ތަޚުތަށް އިސްވެވަޑައިގަތުމަށް ސިޓީއަކުން ދެންނެވުމަށް ފާސްވެ މިގޮތަށް ދެންނެވުނެވެ. ނަމަވެސް ތަޚުތަކަށް އިސްވެވަޑައިގަންނަވާކަށް ނޫޅުއްވަތެވެ. ޞިއްޙީ ސަބަބުތަކަށްޓަކައި، އެމަނިކުފާނު 13 އޯގަސްޓް 1949 ގައި ސިލޯނަށް އެނބުރިވަޑައިގަތެވެ.

މި ދުވަސްވަރު، ދައުލަތުގެ ކަންތައްތަކުގައި އަދި ބޭސްކުރެއްވުމަށް އަމީން ދޭތެރެ ދޭތެރެއިން ސިލޯނަށް ވަޑައިގަންނަވައެވެ. 25 ޖޫން 1949 ގައި އަމީން އާ އެކު، ސަރުކާރުގެ ޚަރަދުގައި އަންނަނިވި ފަރާތްތަކަށް ކިޔަވާދިނުމަށް ފޮނުވުނެވެ: މުއުމިނާ ޙަލީމް، ނަސީމާ މުޙައްމަދު، ކަނޑި ޙައްވާ މަނިކެ، ހުސެން މޫސާ ދީދީ، ޒުބޭދާ މޫސާ ދީދީ (ވަޒީރުލްއަޢުޡަމުގެ އޮފީސް، 1960).

އެމަނިކުފާނުގެ އާލާސްކަންފުޅު ހުރިގޮތުން، ޖަރުމަނަށް ބޭސްފަރުވާއަށް ވަޑައިގަތުމަށް ސިލޯނުގެ ޑޮކްޓަރުން އިރުޝާދު ދެއްވިކަމަށް ކުރީ ރޭގައި އޮތް ބައްދަލުވުމެއްގައި ވިދާޅުވެ 16 އޯގަސްޓް 1949 ގައި އަމީން ފުރާވަޑައިގަތެވެ. އެފަހަރު، އިންޖިނޭރުކަން ދަސްކުރުމަށް އާކަކާގޭ އަލްފާޟިލް ޢަލީ ޙުސައިން ދީދީ އަރިހުގައި ގެންދެވިއެވެ. އެނބުރި މާލެ ވަޑައިގަތީ 17 ޑިސެމްބަރ 1949 ގައެވެ. އެމަނިކުފާނު ދަތުރުކޮޅުގައި ވަޑައިގެންތަންތަން ސިފަކުރައްވާފައިވާ މަޝްހޫރު އަދަބީ ފޮތެއް ވެއެވެ. އެއީ ”ސައްޔާޙެއްގެ ޔައުމިއްޔާއެއްގެ ގަނޑެއް“ އެވެ. 25  ޑިސެމްބަރު 1949 ގައި ސަރުކާރުގެ އޮފީސްތަކަށް ގެންނެވި ބަދަލުތަކުގެ ތެރޭގައި، ސިފައިންގެ އޮފިސަރެއްގެ މަޤާމުގައި ހުންނެވި އިބްރާހީމް ނާޞިރު، މަޙަކުމަތުއްޞިއްޙަތާއި ވަޔަރލެސް އޮފީހުގެ މީހެއްކަމުގައި ހަމަޖެއްސެވިއެވެ.

31 ޑިސެމްބަރ 1949 ގައި ދައުލަތް ހިންގާ މަޖިލިހުން ބޭއްވުނު ޖަލްސާއެއްގައި 5 އަހަރު ވެގެން ރައްޔިތުންގެ މަޖިލިސް އުވުނުކަން ފާހަގަކުރެވުނެވެ. އެހެންކަމުން، މިކަން މެންބަރުންނަށް އަންގާފައި ދެން ދައުލަތް ހިންގާނީ ދައުލަތް ހިންގާ މަޖިލިހުންކަން މެންބަރުންނަށް އެންގިއެވެ. ރައްޔިތުންގެ މަޖިލިހަށް 5 އަހަރުވެގެން މަޖިލިސް އުވުނު ފުރަތަމަ ފަހަރަކީ މިއީ އެވެ. 4 ޖަނަވަރީ 1950 ގައި، އަމީން ސިލޯނަށް ފުރާވަޑައިގަންނަވަމުން، ދިޔާނާ ޢަބްދުލްވައްހާބާއި އިރުމަތީގޭ އަޙްމަދު ޖަލީލު، ސިލޯނަށް ކިޔަވާ ދެއްވުމަށް ގެންދެވިއެވެ. އަދި 18 ޖަނަވަރީ 1950 ގައި، މުޙައްމަދު ޖަމީލާއި މޫސާ ފަތުޙީ މިޞްރަށް ކިޔަވަން ފޮނުވުމަށްޓަކައި އެބޭފުޅުން އަދާކުރައްވަމުން ގެންދެވި މަޤާމުތަކަށް އެހެން ބޭފުޅުން ހަމަޖެއްސެވިއެވެ. މި ދެބޭފުޅުން މިޞްރަށް ވަޑައިގަތުމަށް ފުރާވަޑައިގަތީ 27 ޖަނަވަރީ 1950 ވީ ހުކުރު ދުވަހުއެވެ. އަދި ހަމަ މިދުވަހު އަޙްމަދު ޒަކީ ސިލޯނުން ކިޔަވާ ނިންމަވައިގެން މާލެ ވަޑައިގަތެވެ (ވަޒީރުލްއަޢުޡަމުގެ އޮފީސް، 1960).

ޞިއްޙީ ސަބަބުތަކަށްޓަކައި، 19 މެއި 1950 ގައި، މުޙައްމަދު އަމީން ސަރުކާރުން އިސްތިޢުފާ ދެއްވުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލިހަށް ސިޓީއެއް ފޮނުއްވިއެވެ. އެއީ ކުރިން އިސްތިޢުފާ ދެއްވަން ހުށަހެޅުއްވުމުން އެކަން ޤަބޫލުފުޅު ނުކުރެއްވުމާ ގުޅިގެންނެވެ. މިސިޓީގެ ފޮޓޯއެއް މުޙައްމަދު ޖަމީލު (2011) ގައި ވެއެވެ.  15 ސެޕްޓެމްބަރ 1950 ގައި ޢަބްދުލްމަޖީދު ތަޚުތަށް އިސްވެވަޑައިގަތުމަށް ދަންނަވަން ޢަބްދުލްމަޖީދު ސިލޯނުގައި ހުންނަވަނިކޮށް އޭނާއަށް ސިޓީއެއް ރައްޔިތުންގެ މަޖިލިހުން ރައްދުކުރެވުނެވެ. 13 އޮކްޓޯބަރ 1950ގައި އަމީން، ވަޒީރުލްއަޢުޡަމްކަމަށް ޢައްޔަނު ކުރެވުނެވެ. އެއީ ރައްޔިތުންގެ މަޖިލިހުން މެންބަރުންނަށް ފެނިވަޑައިގެން، ހުށަހެޅުއްވުމުން، ޢާއްމު ވޯޓަކުން ނޫނީ ޤަބޫލުފުޅު ނުކުރައްވާނޭ ކަމަށް ވިދާޅުވުމުން، ނެގުނު ވޯޓުން ބޮޑު އަޣްލަބިއްޔަތެއް ލިބިވަޑައިގަތުމުންނެވެ. 25 ޑިސެމްބަރ 1950 ގައި، މުޙައްމަދު ފަރީދު، އިންޤިލާބަކާ ބެހޭ ވާހަކަތަކެއް ދެއްކިކަން ސާބިތުވުމާ ގުޅިގެން އޭނާ ދައުލަތުގެ ވަޒީފާތަކުން ވަކިކުރެވުނެވެ. މިއީ ކުރިން ވަޒީރުލްއަޢުޡަމްކަން ކުރެއްވި ޢަބްދުލްމަޖީދުގެ ދޮށީ ދަރިކަލުންނެވެ (ދިވެހި ސަރުކާރު، ތ.ނ.، ޞ 650).

ހިޖްރީގޮތުން 1370 ވަނަ އަހަރުގެ މުޙައްރަމް މަހުގެ 7 ވަނަ ދުވަހު (19 އޮކްޓޯބަރ 1950) ގައި މުތަޤައްދިމް (ޕްރޮގްރެސިވް) ޕާރޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އަމީން އުފެއްދެވިއެވެ. މި ޕާރޓީގެ ރައީސްއަކީ މުޙައްމަދު އަމީން އެވެ. ޕާޓީގެ އިސްވެރިންނާއި ކޮމިޓީތަކުގެ މެންބަރުންނާއި މެންބަރުންގެ ޢަދަދުތައް މުޙައްމަދު އަމީން (1953ހ) ބަޔާންކޮށްފައި ވެއެވެ.

12 އޭޕްރިލް 1943 ގައި އިންތިޚާބު ކުރެވުނު ޢަބްދުލްމަޖީދު ތަޚުތަށް އިސްވެވަޑައިނުގަންނަވާތީ، ރަސްކަލެއް ނެތްކަމުން ޤައުމަށް ލިބެމުންދާ ނިކަމެތިކަން ފޫބެއްދުމަށްޓަކައި، 20 އޮކްޓޯބަރ 1951 (1371 މުޙައްރަމް 19) ގައި ނާދީގައި ބޭއްވުނު ރައްޔިތުންގެ ޚާއްޞަ މަޖިލިސްގެ ޖަލްސާއެއްގައި މުޙައްމަދު އަމީންގެ ފަރާތުން އެދިވަޑައިގަތީ ރަސްކަލެއްގެ قائم مقام ކަން ޤަބޫލުފުޅު ކުރެއްވުމަށެވެ. މިކަމަށް މުޙައްމަދު އަމީން އެއްބަސްވެވަޑައެއް ނުގެންނެވިއެވެ. އޭނާގެ އަމިއްލަ ސަބަބުތައް މުޙައްމަދު އަމީން (1953ހ) ގައި ބަޔާން ކުރައްވާފައި ވެއެވެ. އަދި އިތުރު އެހެން ސަބަބުތައް އިބްރާހީމް ޝިހާބު (1953) ގައި ވެއެވެ. ދެން ގިނަ ދުވަސްތަކެއް ނުވެ، ތަޚުތަށް އިންތިޚާބު ކުރެވުނު ޢަބްދުލްމަޖީދު އަވަހާރަވެއްޖެއެވެ. އެއީ 21 ފެބްރުއަރީ 1952 (24 ޖުމާދިލްއޫލާ 1371ހ) ވީ ބުރާސްފަތި ދުވަހުއެވެ. މިހާ ހިސާބުން އަނެއްކާވެސް ދިވެހި ތަޚުތު ހުސްވީއެވެ (މުޙައްމަދު އަމީނު، 1953ހ)

ރާއްޖޭގެ އެންމެ މަތިވެރި ވަލީ އޮންނަންވީ ފަރާތަކާ ބެހޭގޮތުން، ރައްޔިތުންގެ މަޖިލިސްގެ ޖަލްސާއެއްގައި 13 އޭޕްރިލް 1952 ގައި މަޝްވަރާކޮށް ނިންމީ ރަސްކަމެއްތޯ ނުވަތަ ޖުމްހޫރިއްޔާ އެއްތޯ ދިވެހިރާއްޖެއަށް ރަނގަޅުވާނީ ބެލުމަށް ޢާއްމު ވޯޓެއް ނެގުމަށެވެ. މުޙައްމަދު އަމީން ތާއީދު ކުރެއްވީ ރަސްކަމަކަށެވެ. ނަމަވެސް މިކަމަށް އަޣްލަބިއްޔަތެއް ނުލިބުނެވެ. މި މައްސަލައާ ބެހޭ ރައްޔިތުންގެ ޚާއްޞަ މަޖިލިސްގެ ޖަލްސާއެއް އޭގެ ތިން ދުވަސްފަހުން ބޭއްވުނެވެ. މި ޖަލްސާގައި ވޯޓުނެގުމަށް ނިންމީ ރާއްޖޭގެ ރައްޔިތުން ރުހެނީ ވިރާސީ ރަސްކަމަކަށްތޯ، ނުވަތަ އިންތިޚާބީ ރަސްކަމަކަށްތޯ ނުވަތަ ޖުމްހޫރިއްޔާ އަކަށްތޯ އަދި ޖުމްހޫރިއްޔާއެއް ނަމަ މުޙައްމަދު އަމީން ރައީސް އަކަށް، އަދި ނާއިބު ރައީސަކަށް މާޖެހިގޭ އިބްރާހީމް މުޙައްމަދު ދީދީ އާ ރުހޭތޯ ބެލުމަށެވެ. ކަން އޮޅުންފިލުވައިދިނުމަށްފަހު، ވޯޓު ލުން އޮތީ އޭޕްރިލް މަހުގެ 17  އާއި 18 ގައެވެ. 18 އޭޕްރިލް 1952 ވީ ހުކުރު ދުވަހު ހަވީރު ވޯޓު ލުމުގެ ނަތީޖާ އިޢުލާނު ކުރެވުނެވެ. ވޯޓުގެ ނަތީޖާއަކީ ޖުމްހޫރިއްޔާއަށް ބޮޑު އަޣްލަބިއްޔަތެއް ލިބުމާއެކު، މުޙައްމަދު އަމީނު ރައީސްއަކަށް މާލެއާއި ރާއްޖެތެރޭގެ ރައްޔިތުން %100 ދިނުމެވެ. އަދި ނާއިބު ރައީސްކަމަށް އިބްރާހީމް މުޙައްމަދު ދީދީ އަށް މަތިވެރި އަޣްލަބިއްޔަތެއް ލިބުމެވެ. ވޯޓުގެ ނަތީޖާ ތާވަލުތައް ހަވާލާދެވުނު ފޮތުގެ 80 ވަނަ ޞަފުހާގައި ވެއެވެ. މި އިބްރާހީމް މުޙައްމަދު ދީދީ އަކީ، 1909 ވަނަ އަހަރު ކުލީ ސިފައިންގެ ގޮތުގައި ޕިޗޯރީން ގެނެސްގެން ފުވައްމުލަކަށް އަރުވާލެވުނު މަލިންގޭ ޙަސަން ވެލާނާ މަނިކުފާނުގެ މުޙައްމަދު ދީދީގެ ދަރިކަލެކެވެ. މަންމާއަކީ މުޙައްމަދު އަމީންގެ ބޮޑު ދައިތާފުޅެވެ. އިބްރާހީމް ދޮށިމޭނޭ ކިލެގެފާނުގެ ތުއްތު ދޮން ދީދީ އެވެ (އަމީން، 1953ހ).

އަލަށް އެކުލަވާލެވުނު އަމީނުގެ ސަރުކާރު، ބައްޓަންކޮށްފައިވަނީ އެމެރިކާގެ ސަރުކާރު ފަދައިން ބައިކެމެރަލް ނުވަތަ ދެ މަޖިލިހެއް ނުވަތަ ދެ ”ގެ“ ހިމެނޭ ގޮތުގެ މައްޗަށެވެ. ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް (ރައްޔިތުންގެ މަޖިލިސް) އާއި ސެނެޓް އެއް އޮންނަ ގޮތަށެވެ. ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ޖަލްސާ ބޭއްވީ 22 ޑިސެމްބަރ 1952 ވީ ހޯމަ ދުވަހު ނާދީއްތަމައްދަން ގައެވެ. މި ބައްދަލުވުމުގައި ކެބިނެޓް ގެ މެންބަރުން ހުވާ ކުރެއްވިއެވެ. ހަމަ އެދުވަހު، ސެނެޓްގެ ފުރަތަމަ ޖަލްސާ ވެސް ބޭއްވުނެވެ. (މުޙައްމަދު އަމީން، 1953ށ).

dhivehidigest36

ދިވެހިރާއްޖެ ޖުމްހޫރިއްޔާއަކަށް ބަދަލުވީ އަދި އަމީން އާ ރައީސްކަން ޙަވާލުކުރީ 1 ޖަނަވަރީ 1953 ގައި ބޭއްވުނު ޚާއްޞަ ދަރުބާރެއްގައެވެ. މި މުނާސަބާއާ ގުޅިގެން އެކިކަންތައްތައް ހިނގާދިޔަގޮތް، މިހާރުވެސް އެކަން ތަމްސީލު ކުޅެވޭހާ ތަފްސީލުކޮށް މުޙައްމަދު އަމީނު، (1953ށ) ގައި ވެއެވެ.

އަމީން ބޭސްފަރުވާއަކަށް ސިލޯނު މަގުން އިންޑިޔާއަށް ވަޑައިގެން ދުވަސްކޮޅެއް ވީތަނާ، އާދެ! 21 އޯގަސްޓް 1953 ގައި، ރައީސްގެ ނާއިބު ވެލާނާގޭ އިބްރާހީމް މުޙައްމަދު ދީދީ އާއި އަދި މިނޫން މި ޢާއިލާއަށް ނިސްބަތްވާ ފަރާތްތަކުން އިންޤިލާބެއް ގެނެސް، ދައުލަތުގެ ހިންގުން އިބްރާހީމް މުޙައްމަދު ދީދީ އާއި ފާމުލަދޭރިކިލެގެފާނާ ޙަވާލުކޮށް، ކުރީގެ ބައެއް ވެރިން އަރުވާ ލެއްވުނެވެ. އިންޤިލާބުގެ ޚަބަރު ލިބުމާގުޅިގެން 31 އޯގަސްޓްގައި މުޙައްމަދު އަމީން މާލެވަޑައިގަތުމުން، އޭނާ ދޫނިދޫގައި ބަންދު ކުރެއްވިއެވެ  (ދިވެހި ސަރުކާރު، ތ.ނ، ޞ. 952).

dhivehidigest54

އިބްރާހީމް ޙިލްމީ އާއި ޝަމްސުއްދީނު ޙިލްމީ އާއި އިތުރު ބައެއް އެހެން ފަރާތްތައް، މުޙައްމަދު އަމީން އަށް ވަސްވާސްތަކެއް ދީގެން އޭނާ 31 ޑިސެމްބަރ 1953 ގައި މާލެއެރުއްވުމުގެ ސަބަބުން ހިގި ހަމަ ނުޖެހުމުގައި މުޙައްމަދު އަމީނަށް އަނިޔާކޮށް، އެ އަނިޔާގެ ސަބަބުން އޭނާ 19 ޖަނަވަރީ 1954 ގައި ވިހަމަނާފުށީގައި އަވަހާރަވިއެވެ. އެމަނިކުފާނުގެ ޢުމުރުފުޅުން އޭރުވީ 43 އަހަރާއި 6 މަސްދުވަހެވެ. އިންޤިލާބަށް ފަހު، ރާއްޖޭގައި އޮންނަންވީ ޖުމްހޫރިއްޔާއެއްތޯ ނުވަތަ ރަސްކަމެއްތޯ ބެލުމަށް ވޯޓު ނެގި، 10 ފެބްރުއަރީގައި އެ ވޯޓުގެ ނަތީޖާއިން ގިނަ މީހުން ބުރަވަނީ ރަސްކަމެއް ކަމަށް ފެނުމާގުޅިގެން ރަސްކަމަށް އިސްކުރެވުނީ ޢަބްދުލްމަޖީދުގެ ދޮށީ ދަރިކަލުން، މުޙައްމަދު ފަރީދެވެ. އެއީ 21 ފެބްރުއަރީ 1954 ގައެވެ. ވަޒީރުލްއަޢުޡަމްކަމަށް 10 މާރޗް 1954 ގައި ރަދުން ޢައްޔަނު ކުރެއްވީ އިބްރާހީމް ފާމުލަދޭރި ކިލެގެފާނެވެ. ބަޣާވަތުގެ އިސް ވެރިޔާ، އިބްރާހީމް މުޙައްމަދު ދީދީ އާ ޙަވާލުކުރެއްވީ ވުޒާރަތުލްމާލިއްޔާ އާއި ވުޒާރަތުލް އަމަންޢާއްމު އެވެ (ދިވެހި ސަރުކާރު، ތ.ނ، ޞ. 1037). ކުރިން ބަޔާން ކުރެވުނު ފަދައިން ދިވެހިރާއްޖޭގެ ހިންގުމުގެ ވެރިކަން، ވޭތިވެދިޔަ ޒަމާންތަކުގައި ރޯލްވަމުން ދިޔައީ ދެ ޢާއިލާއެއްގެ ތެރޭގައެވެ. އެއީ އެއްގަމުގެ/މަލިންގެ ޢާއިލާ އާއި އަތިރީގޭ ޢާއިލާއެވެ. މިވާހަކަ ބެލް (1940) އަށް ޙަވާލާދީ ކުރިން ބަޔާން ކުރެވިއްޖެއެވެ.  އިބްރާހީމް މުޙައްމަދު ދީދީ އަށް ވެރިކަން ޙަވާލުވުމުން، އަތިރީގޭ ޢާއިލާގެ އަތުން ވެރިކަން ގެއްލި، އެއްގަމުގޭ/މަލިންގޭ ޢާއިލާއަށް ވެރިކަން ދިޔައީއެވެ. އަމީންގެ ސަރުކާރު ވައްޓާލުމުގައި އިސްކޮށް އުޅުނީ އަންނަނިވި ފަރާތްތައް ކަމަށް ޢަބްދުލްޙަކީމް ޙުސައިން މަނިކު ”އިއްޔެ“ ގައި ލިޔުއްވާފައި ވެއެވެ: ވެލާނާގޭ އިބްރާހީމް ދީދީ، ޙުސައިން ޙަބީބު، އައްނަބީލް އިބްރާހީމް ދީދީ، އިބްރާހީމް ޒަކީ، މުޙައްމަދު ޒަކީ، އަޙްމަދު ޒަކީ، މާޖެހިގޭ މުޙައްމަދު ދީދީ، އިބްރާހީމް ނާޞިރު. މީގެ ތެރެއިން ގިނަ މީހުންނަކީ އަމީން ސިލޯނަށް ކިޔަވަން ފޮނުއްވި ކުދީންނެވެ. ގިނަ ކުދިން މާލެއައިސްފައިވަނީ ސްކޫލް ނުނިންމައެވެ.

fiverebels

amingraveސިޔާސީ ކަންތައްތައް ހިނގާދިޔަ ގޮތުގެ މި ކުރު ބަޔާނަށް ފަހު، ދެން އަޅުގަނޑުމެން ބަލާލާނީ މުޙައްމަދު އަމީންގެ ތަޢުލީމީ ޙަޔާތްޕުޅުގެ މައްޗަށެވެ.

mofarid1

މުޙައްމަދު އަމީންގެ ތަޢުލީމީ ޙަޔާތް

މުޙައްމަދު އަމީންގެ ތަޢުލީމީ ޙަޔާތްޕުޅުގެ މައްޗަށް ދެފޮތެއް ލިޔެފައި ވެއެވެ. އެއް ފޮތަކީ ޚުދު މުޙައްމަދު އަމީން އޭނާގެ ކުޑައިރުގެ ޙަޔާތްޕުޅުގެ މައްޗަށް ލިޔުއްވި އޮޓޯބަޔޮގްރާފީއެވެ. 1951 ގައި ލިއުއްވާފައިވާ 139 ޞަފުޙާ ހިމެނޭ ”އަޅުގަނޑުގެ ހަނދާންތައް“ އެވެ. މިފޮތަކީ ކަލްކަތާގެ ސިތާރާ ހިންދު ޕްރެސް އިން ޗާޕުކޮށްފައިވާ ފޮތެކެވެ.  ދެވަނަ ފޮތަކީ މުޙައްމަދު އަމީންގެ ބަޔޯގްރާފީއެއްގެ ގޮތުގައި އޭނާގެ ވަރަށް ގާތް ބޭފުޅަކު ކަމުގައިވާ ޑޭޒީމާގޭ އާމިނަތު ފާއިޒާ ލިއުއްވި ”އަމީނުގެ ހަނދާން“ އެވެ. މިއީ ސިލްސިލާ ފޮތް ބައެކެވެ. މި ސިލްސިލާގެ ވޮލިއުމް 1 ވަނަ ޢަދަދު ގައި އަމީނުގެ މަތިފުށާއި ކުޑައިރުގެ ދިރިއުޅުއްވުން ތަފްޞީލުކޮށް ލިއުއްވާފައި ވެއެވެ. މީގެ އިތުރަށް ދިވެހި ތާރީޚްގެ މައްޗަށް އަމީން ލިޔުއްވާފައިވާ ފޮތްތަކުގެ ތެރޭގައި އޭނާގެ އަމިއްލަފުޅު ވާހަކަތައް ހިމެނެއެވެ. މި ބައިގައި އަޅުގަނޑުމެން އަލި އަޅުވާލާނީ އަމީނުގެ ތަޢުލީމީ ޙަޔާތްޕުޅުގެ މައްޗަށެވެ.

މުޙައްމަދު އަމީނު އުފަންވެވަޑައިގަތީ 1328ހ ވަނަ އަހަރުގެ ރަޖަބު މަހުގެ 13 ވީ ބުރާސްފަތި ދުވަހުއެވެ. އެއީ މީލާދީ ގޮތުން 20 ޖުލައި 1910 އެވެ. އުފަންވެވަޑައިގަތީ އަތިރީގޭ އާގޭގައެވެ. މަންމައަކީ ރޯނުގޭ އިބްރާހީމް ދީދީ ގެ އާއިޝަތު ދީދީ އެވެ. އަޙްމަދު ދޮށިމޭނާ ކިލެގެފާނަށް އާއިޝަތު ދީދީ ގެ ބަނޑުފުޅުން ހަތަރު ބޭފުޅުން ލިބިވަޑައިގަތެވެ. އެންމެ ފުރަތަމަ ލިބިވަޑައިގެން ދެބޭފުޅުން ކުޑައިރު އަވާހަރަ ވީއެވެ. މުޙައްމަދު އަމީނު ފިޔަވައި، މިބޭފުޅުންނަށް ފިރިހެން ބޭފުޅަކު ލިބިވަޑައެއް ނުގަންނަވައެވެ. އަމީން ކުޑައިރު ބޮޑުފުޅުވީ އޭނާގެ ދައްތާ އާމިނަތު އަމީނު އާ އެކު އަތިރީގޭ އާގޭގައެވެ. އެންމެ ފުރަތަމަ ޤުރްއާން އާއި ހިސާބާއި އުރުދޫ ކިޔަވައިދެއްވީ ބުޗާ ކަޅުތުއްތު އެވެ (މުޙައްމަދު އަމީނު، 1951، ޞ. 20). އެންމެ ފުރަތަމަ އިނގިރޭސި ކިޔަވައިދެއްވީ އިސްމާޢީލްކަލޭގެފާނު ތުއްތު (ހިސާބަށް މަޝްހޫރު ތުއްތު ސާހިބު) ހަދިޔާއަކަށް މުޙައްމަދު އަމީނަށް ފޮނުއްވި ފޮތަކުން އަޙްމަދު ދޮށިމޭނާ ކިލެގެފާނެވެ.

ބުޗާ ތުއްތުގެ ”ގޭކަން” ބޮޑު ކަމުން، އޭނާގެ ބަދަލުގައި ދެން މުޙައްމަދު އަމީނުގެ މުދައްރިސަކަށްވީ ޙުސެއިން ރަހާ އެވެ. ޙުސެއިން ޞަލާޙުއްދީނުގެ ގެކޮޅުގައި ހިންގެވި މަދަރުސާގެ ދަރިވަރެކެވެ. ޙުސެއިން ރަހާ، އަޒުހަރަށް ފުރާވަޑައިގަންނަވަންދެން މުޙައްމަދު އަމީނަށް ކިޔަވާދެއްވީ އޭނާއެވެ. އެއަށްފަހު، މަލިމް މޫސާ މާފަތްކަލޭގެފާނެވެ. އަމީން ސްރީ ލަންކާ އަށް ކިޔަވަން ފުރާވަޑައިގަންނަވަންދެން މުދައްރިސަކީ މާފަތްކަލޭގެފާނެވެ.  ސިލޯނަށް ކިޔަވާވިދާޅުވާން ފުރާވަޑައިގަތީ 18 ފެބްރުއަރީ 1920 ގައެވެ. އަރިހުގައި ޙަސަން ފަރީދު ވެސް ވަޑައިގެންނެވި އެވެ. ޙަސަން ފަރީދު ވަނީ މިދަތުރުގެ ކުރިން އެއްފަހަރު، ސިލޯނަށް ވަޑައިގެން ސިލޯނުގެ ސަރުކާރުން ހިންގާ ރޯޔަލް ކޮލެޖް އާ ގުޅިވަޑައިގެންފައެވެ. މި ދެބޭފުޅުންނަށް ސިލޯނުގައި އެންމެ ފުރަތަމަ ކިޔަވައިދެއްވީ ގެޔަށް ޓިއުޝަން މާސްޓަރަކު ގެންނަވައިގެންނެވެ. އެއް އަހަރުގެ ޓިއުޝަން އަށް ފަހު، 25 މާރޗް 1921 ގައި، މުޙައްމަދު އަމީނު ވެންނެނީ ސެންޓް ޖޯސެފްސް ކޮލެޖް ކިޔާ ރޯމަން ކެތަލިކް މަޒުހަބުގެ 25 އަހަރު ވެފައިވާ، 2000 ކުދިން ކިޔަވާ ޕްރައިވެޓް ކޮލެޖަކަށެވެ (އެދުވަސްވަރު އަދި މިހާރުވެސް [ކޮލެޖް] ގްރޭޑް ކިލާސްތައް ހިމެނޭ ބައެއް މަދަރުސާ އަށް ކިޔައެވެ).  ކޮލެޖްގެ ދަށް ކިލާސްތަކުގައި ކޮންމެ އަހަރަކު ޑަބަލް ޕްރޮމޯޝަން ނަންގަވަމުން ވަޑައިގެން 3 އަހަރު ދުވަހުގެ ތެރޭގައި މަތީ ފޯމުތަކަށް ވަޑައިގަތެވެ. މުޙައްމަދު އަމީން (1951) ގައި ބަޔާން ކުރައްވާ ގޮތުގައި އޭނާ ކިލާހުން އެއްވަނަ ދެވަނަ އަދި ތިންވަނަ އަށް ވުރެ ދަށެއް ނުވެއެވެ. އެންމެ ކިޔަވާހިތްޕުޅުވާ މާއްދާތަކަކީ: އިނގިރޭސި އާއި ތާރީޚް އާއި ކުރެހުމާއި ބޮޓެނީއާއި ކެމިސްޓްރީ އެވެ. 1926 ވަނަ އަހަރު ފެށުނުތަނާހެން، އަމީންގެ ބަލަދުވެރިއަކަށް ހުންނެވި، ބޮޑުބޭބޭފުޅު، ޢަބްދުލްޙަމީދު އަފަންދީ ޕާނަދުރާ ކިޔާ ކޮޅުބާ 14 މޭލު ދުރުގައިވާ އަވަށަކަށް ބަދަލުވެވަޑައިގެންނެވިއެވެ. މިކަމާ ގުޅިގެން 15 މާރޗް 1926 ގައި އަމީން ސެންޓް ޖޯސެފްސް ކޮލެޖް އިން ވަކިކުރައްވައި ޕާނަދުރާގައި ހުންނަ ސެންޓް ޖޯންސް ކޮލެޖަށް ވެއްދެވިއެވެ. ސެންޓް ޖޯންސް ކޮލެޖަކީ ޕްރޮޓެސްޓަންޓް މަޒުހަބަށް ނިސްބަތްވާ ދެ ޖިންސް އަށް އެކުއެކީގައި ކިޔަވައިދޭ މަދަރުސާއެކެވެ. ސިލޯނުގައި ދެ ޖިންސް އެއްކޮށް ކިޔަވައިދޭން ފެށި އެންމެ ފުރަތަމަ އަދި އޭރު ހުރި ހަމައެކަނި މަދަރުސާއަކީ އެއީއެވެ. މަޖީދިއްޔާ ސްކޫލްގެ މޮޓޯއަކީ ސެންޓް ޖޯންސް ކޮލެޖްގެ މޮޓޯ އާ ދާދި އެއް ޢިބާރާތެކެވެ. ސެންޓް ޖޯންސް ކޮލެޖްގެ މޮޓޯ ބަދަލެއް ނެތި މަޖީދިއްޔާ ސްކޫލްގައި ބޭނުން ކުރި ދުވަސްތަކެއް މި ފޮތުގެ އެއް މުޞައްނިފަށް ފެނިފައި ވެއެވެ.

stjosephcollege

ސެންޓް ޖޯންސް ކޮލެޖްގައި އަމީން ވިދާލިކަމަށް އޭނާ ވިދާޅުވެއެވެ. އޭނާގެ ކާމިޔާބުތަކުގެ ތެރޭގައި ވާހަކަދައްކަން ދަސްކޮށްދޭ ޖަމްޢިއްޔާގެ ސެކްރެޓަރީ ކަމާއި، ދަރިވަރުންގެ މަޖައްލާގެ އެޑިޓަރުކަމާއި އިސް މުރުޝިދުކަން ލިބިވަޑައިގަތުން ހިމެނެއެވެ. ކްރިކެޓާއި ފުޓުބޯޅައާއި ބޮކްސިންގ ކުޅުއްވިއެވެ. އަދި ކެޑޭޓާއި އެތުލެޓިކްސް (ދިގު ފުއްމުން) ގައި ބައިވެރިވަޑައިގެންނެވިއެވެ. މީގެ އިތުރަށް، ސްކޫލް އިން އިންތިޒާމް ކުރި ކޮންމެ ތަމްސީލެއްގައި ބައިވެރިވެވަޑައިގެންނެވިއެވެ. މިދުވަސްވަރު، މުޙައްމަދު އަމީނަށް ޢަރަބި އާއި ދީނިއްޔާތު ކިޔަވާ ދެއްވުމަށް އޭނާގެ ބައްޕަ ރާއްޖޭގެ ޝޭޚަކު ހަމަޖެއްސެވިއެވެ. ސެންޓް ޖޯންސް ކޮލެޖްގައި އުޅުއްވަމުން އަމީން ”ކޭމްބްރިޖް ސީނިއަރ“ އިމްތިޙާނު ހައްދަވާ ”ވަރަށް ވެސް ފުރިހަމަ ކާމިޔާބީއެއް“ ހޯއްދެވިއެވެ. އޭނާ ސެންޓް ޖޯންސް ކޮލެޖުން ވަކިވެވަޑައިގަތީ 31 އޯގަސްޓް 1928 ގައެވެ. އެއީ އެކުގައި އުޅުނު ކުދިން ވަކިވުމާ ގުޅިގެންނާއި އެހެން މާހައުލަކަށް ބަދަލުވެވަޑައިގަތުމަށެވެ.

aligar

2 އޮކްޓޯބަރު 1928 ގައި މުޙައްމަދު އަމީން ސިލޯނުން ފުރާވަޑައިގެން ބަންގާޅުމަގުން، ލަކަނޫވް އިން ވަޑައިގަތީ އަޅިގަޅު ޔުނިވަރސިޓީއަށް ވެންނެވުމަށް އެތަނަށެވެ. އޭރު އުރުދޫ ބަސް ނުދަންނަ މީހުންނަށް އަލިގަޅަކަށް ނުވަދެވެއެވެ. ނަމަވެސް އަޙްމަދު ދޮށިމޭނާ ކިލެގެފާނުގެ އެދިވަޑައިގަތުމުގެ މަތިން، އަޙްމަދު ކާމިލު އާ ޔުނިވަރސިޓީގެ ރަޖިސްޓްރަރ އާ ރައްޓެހިފުޅުކަމުން، ޔުނިވަރސިޓީއަށް ވަދެވޭނޭ ފުރުޞަތެއް ހޯއްދަވައި ދެއްވިއެވެ. އެތަނުގައި ”އަހަރަކާއި އެތައް މަސް ވަންދެން“ އުޅުއްވުމަށް ފަހު، ލަންޑަން މެޓްރިކިޔުލޭޝަން އިން ފާސްވެގެން އިންޓަރ ސައިންސް (އެހެން ޕެރެގްރާފެއްގައި [އިންޓަރ ސައިންސް އާރޓްސް] އޭ ވެސް ލިޔުއްވާފައި ވެއެވެ) ކްލާހަށް ވެންނެވީ އެ އިމްތިޙާނުގެ ހުރިހާ މާއްދާއަކުން  ”އެއްވަނަ ދަރަޖައިގައި“ ފާސްވެވަޑައިގެންނެވެ. މުޙައްމަދު އަމީން (1951) ވިދާޅުވާގޮތުން އޭނާގެ ކިބައިގައި ޤައުމީ ލޯބި އުފެދުނީ އަލިގަޅު ޔުނިވަރސިޓީއިންނެވެ. އެ ދުވަސްވަރަކީ އިންޑިޔާގެ މިނިވަންކަމުގެ ގަޑުބަޑު ހިނގަމުން ދިޔަ ދުވަސްވަރެވެ. ޔުނިވަރސިޓީއަށް ތަޤްރީރުކުރައްވަން އުތުރުކަރައިގެ ސިޔާސީ ހުރިހާ ފަރާތްތައް ވަޑައިގަންނަވައެވެ. މަހަތުމާ ގާނދީ އާއި މުޙައްމަދު ޢަލީ ޖިނާޙް ފަދަ ބޭބޭފުޅުންނެވެ. އަލިގަޅު ޔުނިވަރސިޓީ ބައިވެރިވިވެ ވަޑައިގެން ތަމްސީލު މުބާރާތްތަކުންނާއި ވާހަކަދެއްކުމުގެ މުބާރާތްތަކުން މުޙައްމަދު އަމީނަށް މެޑެލް ލިބިލެއްވިއެވެ. އަލިގަޅުގައި ހުންނެވި ދުވަސްވަރު، ޔުނިވަރސިޓީގެ ޕްރޮފެސަރެއްގެ ކައިރިން އިނގިރޭސި ބަސް ކިޔަވާ ވިދާޅުވިއެވެ.  ދިހަ މަސްދުވަހު އަލިގަޅުގައި އުޅުއްވުމަށްފަހު، ހޫނު މޫސުމުގެ ދިގު ޗުއްޓީ ލިބިވަޑައިގަތުމުން، ސިލޯނު މަގުން މާލެ ވަޑައިގަތެވެ. މާލެ ވަޑައިގެންނެވީ 1929 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުއެވެ. އެފަހަރު މާލެ ވަޑައިގަތުމުން، މުޙައްމަދު އަމީން ގެ ބައްޕާ އޭނާއަށް ވިދާޅުވީ ”ފުދޭވަރަށް“ ކިޔެވިފައިވާތީ، ބައްޕައާއި ޢަބްދުލްމަޖީދަށް ސަރުކާރު ހިންގެވުމުގައި އެހީތެރިވެދެއްވުމަށް މާލޭގައި މަޑުކުރެއްވުމަށެވެ. ދެން މާލޭގައި 19 ދުވަހު ހުންނެވުމަށްފަހު، ޕޯސްޓް އޮފީސް ހިންގެވުމުގެ ތަޖުރިބާ ހޯއްދެވުމަށް ސިލޯނަށް ވަޑައިގެން ސިލޯނުގެ ޖެނެރަލް ޕޯސްޓް އޮފީހާ ގުޅިވަޑައިގަތެވެ. މެންދުރު ފަހު، ޓިއުޝަން މާސްޓަރެއް ގެންނަވައިގެން ބުކް ކީޕީންގ އާއި ޓައިޕިން އާއި ޝޯޓްހޭންޑް ދަސްފުޅު ކުރެއްވިއެވެ. ސިލޯނުގައި 2 މަސް ދުވަސް ހޭދަކުރެއްވުމަށްފަހު، މާލެ ވަޑައިގެންނެވީ 13 ޑިސެމްބަރ 1929 ގައެވެ. ރަސްމީ ސިފައެއްގައި ސަރުކާރުގެ ވަޒީފާއެއް ލިބިވަޑައިގަތީ 2 މެއި 1930 ގައެވެ.  ރާއްޖެއިން ބޭރުގައި ކިޔަވާ ވިދާޅުވާ އުޅުއްވީ 9 އަހަރާއި 7 މަހާއި 27 ދުވަހުއެވެ.

aminasstudent

މި ބަޔާން ކުރެވުނީ މުޙައްމަދު އަމީންގެ ތަޢުލީމީ ޙަޔާތުގެ ކުރު ޚުލާޞާއެކެވެ. މިއަށް ވުރެ ތަފްޞީލުކޮށް މިވާހަކަތައް މުޙައްމަދު އަމީން (1951) ގައި ވެއެވެ. ރަނގަޅު މަދަރުސާއެއް އެ ދުވަސްވަރު މާލޭގައި ނެތުމާއެކު، އަމީން ކިޔަވާވިދާޅުވީ ގެއަށް މުދައްރިސުން ގެންނަވައިގެންނެވެ. ޢުމުރުފުޅުން 10 އަހަރު ވާން ގާތްވެފައިވަނިކޮށް ދެން ވަޑައިގަތީ ސްރީލަންކާއަށެވެ. އެތަނުގައި އެއް އަހަރު، ގެޔަށް މުދައްރިސަކު ގެންނަވައިގެން ކިޔަވާވިދާޅުވުމަށް ފަހު، ދެން ވެންނެވީ ސެންޓް ޖޯސެފްސް ކޮލެޖަށެވެ. އެއަށްފަހު ސެންޓް ޖޯންސް ކޮލެޖަށެވެ. ދެން އިތުރަށް ކިޔަވާ ވިދާޅުވުމަށް ވަޑައިގެންނެވީ އަލިގަޅު ޔުނިވަރސިޓީ އަށެވެ. އެތަނުގައި ”10 މަސް ވަންދެން“ ކިޔަވާ ވިދާޅުވުމަށްފަހު، ބޮޑު ޗުއްޓީގައި މާލެވަޑައިގެންނެވިއެވެ. އަލިގަޅުގައި ހޭދުކުރެއްވި މުއްދަތުގައި މުޙައްމަދު އަމީނުގެ ލިޔުއްވުމުގައި ދިމާނުވާ ފަރަޤުތަކެއް ވެއެވެ. އޭނާ އިންޑިޔާގައި އުޅުއްވީ އޮކްޓޯބަރ 2، 1928 އިން ފެށިގެން އޮކްޓޯބަރ 14، 1929 އަށެވެ. އެއަށްފަހު، ރަސްމީ ތަޢުލީމުގެ ބައި ނިމުނީއެވެ. މުޙައްމަދު އަމީން އަށް އުރުދޫ، ލެޓިން އަދި އިނގިރޭސި މަތީ ފެންވަރަކަށް އެނގިވަޑައިގަންނަވާކަން، އޭނާގެ އޮޓޯބަޔޮގްރާފީ ހެކިދެއެވެ. މީގެ އިތުރަށް، ގިނަ އަހަރުތަކެއް ސިލޯނުގެ ދަރިވަރުންގެ ތެރޭގައި އުޅުއްވުމުގެ ސަބަބުން ސިންގަޅަ އާއި ތަމަޅައިން މުޢާމަލާތް ކުރައްވަން އެނގިވަޑައިގަންނަވާ ކަމަށް އޭނާ ދެނެވަޑައިގަންނަވާ ބޭފުޅަކު އިންޓަރވިޔޫ އެއްގައި ވިދާޅުވިއެވެ. ދިވެހިބަހުން ލިޔުއްވާފައިވާ ގިނަ ފޮތްތަކުގެ ފެންވަރު ބެލުމުން، އޭނާ ސްކޫލްގައި މަތިވެރި ކާމިޔާބީތަކެއް ހޯއްދެވި ކަމަށް ވިދާޅުވާ ބަސްފުޅުތަކަކީ ތެދުކަން ޔަޤީންވެއެވެ. ދުނިޔޭގެ ނިސްބަތުގައި ވެސް، ޤައުމުގެ ވެރިއެއް، ކުރު މުއްދަތެއްގެ ތެރޭގައި އަމީން ލިޔުއްވިހާ ގިނަ ފޮތް ތަފާތު މައުޟޫޢުތަކަށް ލިޔުއްވިކަން އަޅުގަނޑުމެން ނުދަންނަމަވެ. އޭނާ ލިޔުއްވި ފޮތްތަކުގެ ޢަދަދު 23 އަށް ވުރެ ގިނައެވެ. އިތުރު މަޒުމޫނުތައް ”ސަރުކާރުގެ ޚަބަރު“ ގައި ވެއެވެ. ބައެއް ޑްރާމާ ވެސް ލިޔުއްވާފައިވާ ކަމަށް ކުރިން މިދެންނެވި ނޫސް ހެކިވެއެވެ. އަދަބީގޮތުންނާއި ޝާޢިރީގޮތުން އަމީން ކޮށްދެއްވި ޚިދުމަތްތަކާ ގާތްކުރާ ފެންވަރަށްވެސް ރާއްޖޭގެ އިހުގެ އަދި ފަހުގެ އެއްވެސް ވެރިއެއްގެ ފަރާތްޕުޅުން ފެނިފައެއް އަދި އެއް ނުވެއެވެ.

އަމީންއަށް ލިބިވަޑައިގެންނެވި ތަޖުރިބާތަކުން، އޭނާއަކީ މީހުންނާ ގުޅޭ ބޭފުޅެއްކަން އެހެން މީހުންގެ ލިޔުންތަކުން ސާބިތުވެއެވެ. އަދި ޚާއްޞަކޮށް ބޭރު މީހުންނާ މުޢާމަލާތް ކުރެއްވުމުގެ އަދަބުތަކާއި ހޭޑިފޭޑި އެނގިވަޑައިގަންނަވައެވެ. ބޭސްފުޅު ކުރައްވަން އޭނާ ޔޫރަޕަށް ކުރެއްވި ދަތުރުފުޅުގައި، އިނގިރޭސި ޕްރައިމް މިނިސްޓަރާއި، ޖަރުމަނުގެ ޗާންސެލަރ އާއި ތުރުކީގެ ރައީސް އާ ބައްދަލު ކުރެއްވި ކަމީ މިކަމުގެ ދަލީލެވެ (މުޙައްމަދު ޖަމީލު، 2011). އިނގިރޭސިވިލާތުގެ ނޫހެއް ކަމުގައިވާ ”މެންޗެސްޓަރ ގާރޑިއަން“ގެ 20 ޖެނުއަރީ 1954 ވަނަ  ދުވަހުގެ ޢަދަދުގައި މުޙައްމަދު އަމީން އަވަހާރަވެވަޑައިގަތުމުގެ ޚަބަރުގެ ސުރުޚީ އަކީ Death of Maldivian Genius: Amin Didi’s Abortive Coup އެވެ. ޖީނިއަސް އަކީ އާދަޔާ ޚިލާފު އީޖާދީ ނުވަތަ އުފެއްދުންތެރި މީހާއެވެ.

އިންޓަރވިޔޫތައް

އަމީން ދައުރުގެ އެކި ކަންތައްތަކާ ބެހޭ ގޮތުން މަޢުލޫމާތު ހޯދުމަށް އިސްކަމެއް ދީފައިވަނީ ސަރުކާރުގެ ރަސްމީ ލިޔުންތަކަށެވެ. މީގެ އިތުރަށް މި ދައުރާ ބެހޭ ގޮތުން އެކި ބޭބޭފުޅުން ލިޔުއްވާފައިވާ ފޮތްތައް ދިރާސާކޮށްފައި ވާނެއެވެ. މިފަތްފުށްތައް ކިޔާއިރު، ޖަވާބު ނުލިބޭ ސުވާލުތަކެއް ހިތުގައި އުފެދިގެން ދެއެވެ. މި ސުވާލުތަކުގެ ޖަވާބުތަކާއި ބައެއް އެހެން ކަންކަން އޮޅުން ފިލުވުމަށް އެ ދުވަސްވަރު ތަޖުރިބާ ކޮށްފައިވާ، އަދި އަމީން އާ މުޢާމަލާތް ކުރައްވާފައިވާ ބައެއް ބޭފުޅުންނާ އިންޓަރވިޔޫ ކުރެވުނެވެ. މިއިން ކޮންމެ ބޭފުޅެއްގެ ޢުމުރުފުޅުން މިހާރު 80 އަށް ވުރެ މައްޗެވެ. ތިރީގައި މިދަންނަވާލަނީ މިގޮތުން އިންޓަރވިޔޫ ކުރެވުނު 7 ފަރާތުގެ ބައެއް ސިފަތަކެވެ.

  • އަމީން ދައުރުގައި ހައިދަރުއާބާދަށް ކިޔަވަން ދިޔަ އަންހެން ދަރިވަރެއް. މީނާއަކީ އެ ދުވަސްވަރުގެ ރަސްމަތިފުށު ބޭކަބަލެކެވެ.
  • އިބްރާހީމް ނާޞިރު ދައުރުގެ ވަޒީރެއް. މީނާއަކީ އިންޤިލާބަށް ފަހު ބޭއްވުނު ފުރަތަމަ ޖަލްސާގައި ބައިވެރިވި ފަރާތެކެވެ.
  • އަމީންއަށާއި ނާޞިރު އަށް ތަކެތި ލިޔުއްވައި ދެއްވި ކާތިބެއް.
  • މަދްރަސަތުއް ސަނިއްޔާއަށް ރާއްޖެތެރެއިން އެންމެ ފުރަތަމަ ގެނައި ކުދިންގެ ތެރެއިން ކުއްޖެއް. މީނާއަކީ ސިލޯނުގައި ތިބި ކުދިންނަށް ދިވެހި ކިޔަވައިދެއްވަން ސަރުކާރުން ފޮނުވި ފަރާތެކެވެ.
  • އަމީންގެ ދައުރުގައި، ސިލޯނަށް ކިޔަވަން ފޮނުއްވި އަންހެން ދަރިވަރެއް. މީނާއަކީ އިބްރާހީމް ނާޞިރު އާ ވަރަށް ގާތް ބޭކަބަލެކެވެ.
  • އަމީންއާ ވަރަށް ތިމާގެފުޅު ބޭކަނބަލެއް
  • އަމީން އަށް  ޙަމަލާއެއް ދެއްވުމަށް ރޭވުމާ ގުޅިގެން އަދަބުލިބުނު އިބްރާހީމް ނާޞިރުގެ ތިމާގެ ފަރާތެއް.

އިންޓަރވިޔޫ ސުވާލުތައް ކުރިއިރު، ސުވާލު ކުރެވޭ ކަމަކާ ގުޅިގެން އެމީހާގެ މަޞްލަޙަތެއް އޮންނަ ކަމަށް ލަފާ ކުރެވޭނަމަ، އެމީހަކާ ކޮށްފައިވާނީ އޭނާއަށް ވަކި ޖަވާބަކަށް ބުރަވާންނުޖެހޭ މަޞްލަޙަތެއް ނުވާކަމަށް ފެންނަ ސުވާލެވެ. ހުރިހާ އިންޓަރވިޔޫތަކެއް ވަނީ، އިންޓަރވިޔޫ ކުރުމުގެ ދިރާސީ ހަމަތަކާ އެއްގޮތަށް ކޮށް ރެކޯޑު ކުރެވިފައެވެ.

ހޯދުންތައް

މުޙައްމަދު އަމީން އާއި އޭނާގެ ޚާންދާން އާ ބެހޭގޮތުން ޢަބްދުލްޙަކީމް ޙުސައިން މަނިކު ލިޔުއްވުން ޢާއްމުކޮށް ހުންނަނީ އެ ފަރާތްތަކަށް އިހާނަތްތެރި ގޮތަކަށެވެ. މިކަމުގެ ސަބަބަކީ ކޮބައިތޯއެވެ؟

abdulhakeemޢަބްދުލްޙަކީމް ޙުސައިން މަނިކަކީ ތާރީޚާ ބެހޭ ގޮތުން ގިނަ ލިޔުއްވުންތަކެއް ލިޔުއްވާފައިވާ ފަރާތެކެވެ. އަމީން އާއި އަމީންގެ ޢާއިލާ އާ ބެހޭ ގޮތުން ލިޔުއްވާފައި ހުންނަ ވާހަކަތައް ހުންނަނީ ޤަބޫލުކުރެވޭ ފަދަ ގޮތަކަށް ނޫނެވެ. މިގޮތުން، އަމީންގެ ލިޔުއްވުންތަކުގެ އަދަބީ ފެންވަރު ދަށްކަމަށް އިޝާރާތްކުރައްވާ  ފާޑުކިޔުއްވާ،  އެގޮތަށް އެހެން ބޭފުޅުން ނުލިޔުއްވާ ކަމަށް ބަޔާން ކުރައްވާފައި ވެއެވެ. އަދި، އޭނާގެ ވާހަކަތަކުގައި، އަމީން އާއި އޭނާގެ ޢާއިލާގެ ފަރާތުން ނުރަނގަޅު ކަމެއް ވެފައިވާނަމަ، އެ ވާހަކަތައް ފަވާ ލިޔުއްވައި، ރަނގަޅު ކަމެއް ވެފައިވާނަމަ، އެކަމެއް ފަނޑުކޮށް އަދި އެހެން ފަރާތްތަކަށް ނިސްބަތްކޮށް ލިޔުއްވާފައި ހުރެއެވެ. މިކަން އޭނާގެ ”އިއްޔެ“ މިފޮތުން ކޮންމެ ކިޔުންތެރިއަކަށްވެސް ފާހަގަ ކުރެއްވޭނެއެވެ. މިފަދަ ކަންކަމުން ދޭހަވަނީ ދިގުދެމިގެންދާ ފިތުނަވެރިކަމެއް މި ދެމެދުގައި ހިނގާފައިވާ ކަމެވެ. މި މައްސަލައާ ބެހޭގޮތުން ތިން ކަމެއް ތުންތުންމަތިން އިވިފައި ވެއެވެ. އެއް ވާހަކައަކީ، ބަރުކުރަން ކަށިކުޑިއަށް ވެލިއަޅައި، އަދި ކަނޑުމަހަށް ސިމެންތިއަޅައި ވިއްކި ދެ މައްސަލައެއްގައި ޢަބްދުލްޙަކީމަކީ ދައުލަތުން އަދަބު ލިބިފައިވާ ފަރާތަކަށް ވުމުން، އެ އަދަބު ދިނުމުގައި ބައިވެރިވި ފަރާތްތަކަށް އޮންނަ ނަފުރަތުކަމަކުން އުފެދިގެން އުޅޭ ދެކޮޅުވެރިކަމެކެވެ.  އޭނާއަށް މިކަމުގައި މަލާމާތުގެ ޅެން ހަދާ ކިޔާ އުޅުނު ކަމަށް އަޑުއެހި ބޭފުޅަކު ވިދާޅުވިއެވެ. މި މައްސަލާގައި އޭނާގެ ދިފާޢުގައި ލިޔެފައިވާ ބަޔާނެއް ”އިއްޔެ“ ގެ 105 ވަނަ ޞަފުޙާގައި ވެއެވެ. ނަމަވެސް، އިންޓަރވިޔޫތަކުގައި ބޭފުޅުން ފާހަގަ ކުރައްވަނީ އަތިރީގެއާ އޮންނަ ފިތުނަ ވެރިކަމަކީ މި މައްސަލައަށް ވުރެ ދޮށީ ކަމެއް ކަމަށެވެ. އެހެނީ މި ކަންތައް ހިނގީ އަމީން ދައުރުގެ ފަހުންނެވެ.  ދެވަނަ ވާހަކައަކީ، މުޙައްމަދު އަމީން، ފާޠިމަތު ސަޢީދާ ކާވެނި ކުރެއްވިއިރު، ޢަބްދުލްޙަކީމް އަމިއްލައަށް އެކަމަނާ އާ ހިތާވެގެން އުޅުނު ވާހަކައެވެ. ތިންވަނަ ވާހަކައަކީ، ޢަބްދުލްޙަކީމްއަށް އަތިރީގޭ ޢާއިލާއަށް ނުރުހުންތެރިވާން ދަސްކޮށްދެއްވީ އޭނާގެ މުދައްރިސެއް ކަމަށް ދެކެވޭ ވާހަކައެވެ. ފަހުން ބަޔާން ކުރެވުނު ދެ ކަމާ ބެހޭ ގޮތުން އިންޓަރވިޔޫ ކުރެއްވި ބޭފުޅުން ވިދާޅުވީ:

އެނާ އުޅުނީ ފާޠިމަތު ސައީދާ ހެދިއޭ ކިޔާ އަޑު އަހަންތަ؟ އުޅެގެންވީ ގޮތަކީ އެކަން ނާކާމިޔާބު ކޮށްލީ އޭނަ (މުޙައްމަދު އަމީން). ދެން ކިހާ ރުޅިއެއް އަންނާނެ. އޭނަ މަސައްކަތް ކޮށްގެން އުޅެ އެކަންނުވި. ދެން އޭނަ ރުޅިއައިސްގެން އެއްޗެހި ގޮވަނީ. އެއީ ދެން ގޮތެއް ނޫނެއްނު. (73)

ހަމަ މިކަމާ ބެހޭގޮތުން، އަމީންއާ ވަރަށް ގާތް ބޭފުޅަކު ފާހަގަ ކުރެއްވިއެވެ:

އަޅުގަނޑު އަހާފައި އޮތް ގޮތުގައި ހަކީމު ބޭނުންވީ ފާޠިމަތު ސަޢީދުއާ ރައްޓެހިވާން.  އުމުރުން 15 އަހަރުގައި އަމީން އާ ކައިވެނި ބައްލަވައިގެން ފިރިހެން ބޭފުޅަކު ލިބިވަޑައިގަތީ. އެހެންވީމާ އޭގެވެސް ކުރިތާ އެއީ. އޭނާއަކީ ބަގީޗާގެއަށް ވަރަށް ގަދަ މީހެއް. ބަގީޗާ ގޭގަ ހަމަ ގެންގުޅޭ މީހެކޯ. އޭރު އޭނާހުންނަނީ ފާޠިމަތު ސަޢީދު ދެކެ ލޯބިވެފައި. އެހެންވީމާ އަމީން ކައިވެނި ބައްލަވާގަތީމާ އޭރުއްސުރެ އަބްދުލް ހަކީމް އަމީންއާ ރުޅިއޯ. އަޅުގަނޑާ ވާހަކަ ދައްކާނެ އިނގޭތޯ. އެކަމު އެއީ ހަމަ ތެދެކޭ ބުނާނީ. އެއީ އަޅުގަނޑުވެސް ހަމަ އަހާގޮތަކީ (124)

މި ކަމާ ތަފާތު ޚިޔާލެއް އިބްރާހީމް ނާޞިރުއާ، އާއިލީ ގޮތުން ވަރަށް ގާތް ބޭފުޅަކު ވިދާޅުވިއެވެ. ޢަބްދުލްޙަކީމް ޙުސައިން މަނިކުގެ ފިތުނަވަރިކަމަކީ އެއަށް ވުރެ ޒަމާންވީ ކަމެއްކަމަށް އިޝާރާތްކޮށް އޭނާ ވިދާޅުވީ:

ކާސްޓް ސިސްޓަމެއް އޮވޭ ޒާތެއްގެ ރާއްޖޭގައި. އެހެންވީމާ އެއް ފެންވަރެއްގެ މީހުންގެ ތެރޭގައި ކައިވެނިތައް ކޮށްއުޅުނީ. އެހެންވީމާ ސަލާޙުއްދީންގެ ބޭފުޅަކާ އަބްދުލް ހަކީމާ ވަރަށް އަންލައިކް ކަމެއް އެއީ. އެކަހަލަ ކަމެއް ހިގާފަވެސް ނުވެސް ނެތް. ހަކީމު ދޭތެރެދޭތެރެއިން ދުރުވެ އުޅުއްވާނެ ބަގީޗާގޭ ތެރޭގައި. ދެން އަޅުގަނޑުމެންވެސް އޭރު ބަގީޗާގޭތެރޭގައި އުޅޭނީ. އުޅޭއިރު ފެންނާނެ. ދެން އަޅުގަނޑުމެން ވަނަންވެސް ހަދައިގެން ކިޔަން އޭނައަށް.

އިބްރާހީމް ޙިލްމީ ކިޔަވާ ވިދާޅުވެގެން ރާއްޖެވަޑައިގަތުމުން، އިބްރާހީމް ޙިލްމީ ފޮލޯކުރާ ފޭނުންތަކެއް އުފެދުނު ރާއްޖޭގައި. އޭގެ ތެރޭގައި އަބްދުލްޙަކީމްއާ ކުނޑިގޭ އަބްދުލް ލަތީފާ މިކަހަލަ ގްރޫޕެއް [އޭނާ ކައިރިއަށް އުރުދޫ، ޢަރަބި، އިނގިރޭސި ކިޔަވަން] ދިޔަ. ދެން މި މީހުން ހެދުން އަޅާނީވެސް އެގޮތަށް. ހިނގާނީވެސް އެގޮތަށް. ދެން އެބޭފުޅުން ފޮލޯކުރައްވަމުން ދިޔައީ. އެހެންވީމާ އެތަނުން އިބްރާހީމް ޙިލްމީގެ ނުފޫޒު ގަ އެބޭފުޅުންނަށް އެހެންވީ. (20)

އިތުރު ތަފްޞީލު ދެއްވަމުން އޭނާ ވިދާޅުވީ، އިބްރާހީމް ޙިލްމީ ތުރުކުރައްވާނީ ބޮޑެތި ގޮޅިޖެހި ފޮތިން ފަހާފައި ހުންނަ ހަތަރު ޖީބު ލީ  ގަމީސް ކަމާއި، މި ދަރިވަރުންވެސް އޭނާގެ ގޮތަށް ހެދުން އެޅުމާއި އުޅުމާއި ފިކުރު ބަދަލު ކުރެއްވި ކަމަށެެވެ. އަދި މިގޮތަށް ގަމީސް ހުންނާތީ، ޢަބްދުލްޙަކީމް އަށް ’ބޮޑު ސީޓު‘ ވަނަމަކަށް ބައެއް މީހުން ގޮވާކަމަށެވެ. އިބްރާހީމް ޙިލްމީ ގެ ޢާއިލާ އާއި އަތިރީގޭ ޢާއިލާ އާ ދެމެދު ގުޅުންތައް އެހާ ރަނގަޅު ނޫން ވާހަކަ ކުރިން ބަޔާން  ކުރެވިއްޖެއެވެ.

މުޙައްމަދު އަމީނަކީ ވުމަނައިޒަރެއް ތޯއެވެ؟

ޢަބްދުލްޙަކީމް ގެ ބައެއް ލިޔުއްވުންތަކުގައި، އަމީން އަކީ ވުމަނައިޒަރެއް ކަމަށް ތުހުމަތު ކޮށްފައި ވެއެވެ. ވުމަނައިޒަރަކީ، އެއް އަންހެނަކާ ރައްޓެހިވެ، ގުޅުންތަކެއް ހިންގުމަށްފަހު، ގިނަ ދުވަސްތަކެއް ނުވެ އެހެން އަންހެނަކާ އަވަހަށް ގުޅޭ މީހާއެވެ. މި މައްސަލަ އާ ބެހޭގޮތުން، އިންޓަރވިޔޫ ކުރި ހުރިހާ ފަރާތުން ބުނަނީ އެއީ ތެދެއް ނޫންކަމަށެވެ. އަދި، ޖިސްމާނީގޮތުން އެއީ އޭނާއަށް އުޅެވޭނޭ ގޮތެއް ވެސް ނޫނެވެ. އެހެނީ އޭނާއަކީ، ނުހަނު ބޮޑަށް ހަކުރުބަލި ޖެހިފައިވާ މީހެކެވެ. މިކަމުގެ އެއް ނަތީޖާއަކީ ފުރަހަ ނެތުމެވެ. ބައެއް ދުވަސް ދުވަހު، އަމީން އަށް ކޮއްޅަށް ތެދުވެ ވަޑައިނުގެންނެވޭ ވަރު ވާކަމަށް ވެސް ވެއެވެ. އަދި ހަކުރު މައްޗަށް ގޮސްގެން ނުވަތަ ދަށްވެގެން ވެއްޓިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. އަމީންގެ ވެރިކަމުގެ ފަހުކޮޅުގައި، އޭނާ އުޅުއްވި އަތިރީގޭގެ ބޭރުފާރުގައި ނޯޓިސް ބޯޑެއް ހުންނަ ކަމަށް ވެއެވެ. އަދި އެބޯޑުގައި އެ ދުވަހެއްގެ އަމީންގެ ޙާލުކޮޅުގެ ވާހަކަ ލިޔުއްވާފައި ޢާއްމުންނަށް ފެންނަ ގޮތަށް ހުރެއެވެ. މި ބޯޑު ދުށްމީހުން މިހާރުވެސް ދުނިޔޭގައި އެބަ ތިއްބެވެ.  މިކަމާ ބެހޭ ގޮތުން، އިންޓަރވިޔޫގެ އެއް ބައިވެރިޔަކު ފާހަގަ ކުރެއްވިއެވެ:

ކުރިން އަންހެން ކުދިން ގެންނަން ފެށީމަ ވަރަށް ރުޅިއައި އެންމެންވެސް. ވަރަށް ރުޅިއައި. އޭނަ ގަޔަށް އަރަންށޭ އެއުޅެނީ ކިޔާފަ. އެކަމު އޭނަ އާއި އެކީގައި، އެންމެ އެކީގައި އުޅުނު ކުދިންނަށް ސިއްރުންނާއި އަނެއްގޮތަށް ބެލީމަވެސް ވާހަކަ ދެއްކީމާވެސް އެކުދިން ބުނީ ދުވަހަކުވެސް އެކަހަލަ ކަމެއް ކުރި ވާހަކައެއް ނެތް. ދުވަހަކުވެސް. ނުވެސް ކުރައްވައޭ. ތިމަންނާ މެންނާ ދައްކާނީ ހަމަ ތަޢުލީމުގެ ވާހަކައާއި ބައިތު ބާޒީ ކުރުމުގެ ވާހަކައާއި ޅެން ބައިތާއެކު ހަވީރު ކުރުމުގެ ވާހަކައާއި މިކަހަލަ ވާހަކަ ތަކެކޭ ދައްކަނި. ދެން ކިޔާނެ އެއްޗެއް ކިޔާށޭ. ކޮންމެ އެއްޗެއް ކިޔަސް އެންމެ ރަނގަޅޭ. އޭނަ ނުކުރެޔޭ އެކަހަލަކަމެއް. ދެން އަހަރުން ކީކޭ ބުނާނީ.

ދެން ފާރަލައިގެން އަހަރުމެން ބެލީމޭ. ބެލި އިރު މިހެން ހަދަޔޭ ކިޔަކިޔައިގެން ވެސް މީހުން ރޯ ދޮގު ހަދައިގެން ވާހަކަ ދައްކަނީ.(55)

ޙަސަން ފަރީދު ކުއްލި ގޮތަކަށް ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޗުއްޓީ ނެންގެވީ ކީއްވެގެންތޯއެވެ؟

މި ސުވާލުގެ ޖަވާބުގައި ވަކި ފަރާތަކަށް ބުރަވާ ޖަވާބެއް އިންޓަރވިޔޫ ކުރެވުނު ފަރާތްތަކުން ލިބިފައެއް ނުވެއެވެ. ބައެއް ބޭފުޅުން ބަޔާން ކުރީ ޗުއްޓީ ނެންގެވީ ބުރަކަމުން ކަމަށެވެ. ބައެއް ބޭފުޅުން ފާހަގަ ކުރެއްވީ ޙަސަން ފަރީދަށް ސަރުކާރު ނުހިންގެވިގެން މުޙައްމަދު އަމީން އާ ޙަވާލު ކުރެއްވުމަށް ”ޗުއްޓީ“ ނެންގެވީ ކަމަށެވެ.

 އޭނަ ޗުއްޓީ ނެންގެވީ ނަމެއްގައި.. ހުންނެވީ ސިލޯނުގެ ސަފީރު ކަމުގައި. އެއީ މުޙައްމަދު އަމީނާ ކަންތައްތައް ޙަވާލު ކުރައްވަންވެގެން ޙަސަން ފަރީދު ޗުއްޓީ ނެންގެވީ. މަޑުމަޑުން ޙަވާލު ކުރައްވަމުން ގެންދެވީ. ވަޑައިގެން ސިލޯނުގައި ހުންނެވި ދުވަސްވަރު ދަތުރެއްގައި މާލެވަޑައިގެން އައްޑޫގެ މައްސަލަ ހަމަޖައްސަވާފަ އެނބުރި ސިލޯނަށް ވަޑައިގަންނަނަވަނިކޮށް އޭނާ ދަތުރުކުރި ބޯޓު [ޖަރުމަނު ޓޮރުޕިޑޯއަކުން] ފައްތާލީ. (42)

ކުއްލި ގޮތަކަށް ރަސްކަން ކުރައްވަމުން އައި ޙަސަން ނޫރައްދީނު އިސްތިޢުފާ ދެއްވީ ކީއްވެގެންތޯއެވެ؟

މި ސުވާލަކީ ވެސް އޭގެ ޖަވާބު، ފޮތްތަކުން ލިބެން ނެތް ސުވާލެކެވެ. މި މައްސަލާގައި އިންޓަވިޔޫ ކުރެވުނު އެއް ފަރާތަކުން ބަޔާން ކުރީ އެއީ ޢަބްދުލްމަޖީދަށް ރަސްކަން ދޭންވެގެން، މުޙައްމަދު އަމީން ގެ ރޭވުމަކުން ކަމަށެވެ. މިގޮތުން އޭނާ ބަޔާން ކުރިއެވެ:

ވަކިވެ ވަޑައިގަތީ އަބްދުލްމަޖީދަށް ރަސްކަން ދެއްވަންވެގެން މުޙައްމަދު އަމީންގެ ރޭވުމެއްގެ ތެރެއިން ޙަސަން ނޫރައްދީން އިސްތިއުފާދިނީ. ޙަސަން ފަރީދު އިނގޭތޯ ޖުމްހޫރިއްޔަތަށް މަގު ފަހި ކޮށްދެއްވި. އޭނަ ހައްދަވާފައޮތް ޤާނޫނު އަސާސީގަ އޮތީ ރާއްޖޭގެ އެންމެ މަތީ ވަލީ އޮތީ ރަދުންނާއި ވަޒީރުލްއައުޒަމް އަތުގައޭ. ކުރީ އެކަން އޮންނަނީ ރަދުންނަށް އެކަނި. ދެބޭފުޅުންވީނޫންތޯ އެ.

އެދެބޭފުޅުން އިސްތިއުފާދެއްވީމަ ދެން ވަލީ ކޮމިޓީއެއް އުފައްދަވާފަ ރަންނަ ބަނޑޭރިކިލެގެފާނު އިންތިހާބު ކުރީ އެކަމަކު އަޅުގަނޑުމެން 10 ވަރަކަށް އަހަރު ތިބިން އެބޭފުޅާގެ އިންތިޒާރުގައި. އެބޭފުޅާއަށް ކިޔާލަ ކިޔާލަ. އެއިރު ހުންނެވީ މިސުރުގައި. އެހެން ހުންނަވާ ވަރަށް ފަހުން މާލެ ވަޑައިގެން ޙަސަން ފަރީދުގެ އެއްޗެހިތައް ބައްސަވާފަ ދެން ވަޑައިގެންނެވި ގޮތަކަށް އެނބުރިއެއް ވަޑައެއް ނުގަންނަވާ. (54)

ޢަބްދުލްމަޖީދު ރަސްކަމަށް އިންތިޚާބު ކުރީ 12 އޭޕްރިލް 1943 ގައެވެ. އޭނާ އަވަހާރަވީ 21 ފެބްރުއަރީ 1952 ގައެވެ. އެހެންކަމުން އިންތިޚާބު ކުރުމަށްފަހު ވީ 8 އަހަރާއި 10 މަހެވެ. އިންޓަރވިޔޫގައި ބައިވެރިވި ފަރާތުން ބަޔާން ކުރި ފަދައިން 10 އަހަރެއް ނޫނެވެ.  ޢަބްދުލްމަޖީދު އަވަހާރަވި އިރުވެސް ރަސްކަމަށް އިސްވެވަޑައެއް ނުގަންނަވައެވެ. މިކަމުގެ އަޞްލު ސަބަބު ލިޔުންތަކުން އެނގޭކަން ނެތެވެ. ނަމަވެސް، ޢަބްދުލްމަޖީދު ރަސްކަމާ ޙަވާލުވެވަޑައިނުގެންނެވީ އޭނާގެ އަޖަލު ހަމަވަނީކަން އޭނާއަށް ވަރަށް ބޮޑަށް އެނގިވަޑައިގަންނަވާތީކަމަށް ލަފާ ކުރެވެއެވެ. އެހެނީ އޭނާ އެކަމަށް އިންތިޚާބު ކުރެއްވުމުން ވެސް ރަސްކަމާ ނުއުޅުއްވާ، އަދި އަހަރަކާއި ދިހަ މަސްވީ ފަހުން ރައްޔިތުންގެ މަޖިލިހުން ރަސްކަން ޤަބޫލުފުޅުކުރެއްވުމަށް ދެންނެވުމުން، އެއްބަސްވެވަޑައިގެންނެވި ސިޓީ ރައްޔިތުން މަޖިލިހަށް ފޮނުއްވިއިރު (4 މާރޗް 1945) ގައި، ޢުމުރުފުޅުން 71 އަހަރާއި 6 މަސް ވެއްޖެއެވެ. އެއްބަސްވެވަޑައިގަތުމަށް ފަހު ވެސް، ފުރުއްވީ ސިލޯނަށް ބޭސްކޮޅަކަށެވެ. ޢަބްދުލްމަޖީދާ ބެހޭގޮތުން އިތުރު މަޢުލޫމާތެއް އިންޓަރވިޔޫ ގައި ބައިވެރިވިފަރާތަކުން ދިނެވެ. އެއީ، އޭނާ ގިނަ ދުވަސްތަކެއް ވަންދެން ދުވަސް ދުވަސްކޮޅުން މިސުރަށް ވަޑައިގަންނަވާ ސަބަބު އޮޅުންފިލާ ޚަބަރެކެވެ.

އޭގެ ހެއްވާކަމަކީ އަޅުގަނޑު އުމްރާއަށް ދިޔަ ފަހަރެއްގައި އެތަނުން ދިމާވި ޖަމާލް އަމީން ދީދީ ކިޔާ މީހަކާ. އެއްސެވިން ކަންނޭނގެ ދޯ އެވާހަކަ. އޭނަ ގެ ނަމުގައި ދީދީ އޮތީ އަރަބި ބަހުން ލިޔެފަ. ދީދީ އޮތީ ކީއްވެތޯ އުސްމާނު އަބްދުﷲ ލައްވާ (އަޅުގަނޑަކަށް އަރަބިއެއް ނޭނގޭ ވިއްޔަ) ސުވާލުކުރުމުން ދެންނެވީ މިސުރުގަ ހުންނަވާ އަބްދުލް މަޖީދުގެ ކާފަ ދަރިއެކޭ މަށަކީ. މީ ދެން އާއްމުކޮށް ފެންނަ ކަންތައްތަކެއް ނޫން. އެކަމު ފެންނަންވީމަ ފެނުނީ. ދެއްތޯ! (42)

މިކަމަށްއިތުރު އަލިކަމެއް އެހެން ފަރާތަކުން ވެސް ލިބެއެވެ. މިގޮތުން، މިސުރުގެ އެ ދުވަސްވަރު ކިޔަވަން ހުރި ދަރިވަރެއް، ޢަބްދުލްމަޖީދުގެ މިސުރުގެ ޑްރައިވަރާ ސުވާލުކުރުމުން ޑްރައިވަރު ބުނިކަމަށްވަނި، ޢަބްދުލްމަޖީދު ވަޑައިގަންނަވަނީ ’އަނބިކަބަލުން‘ގެ އަރިއަހަށް ކަމަށެވެ.

އަމީންގެ ސަރުކާރު ވައްޓާލުމުގައި އިސްކޮށް އުޅުއްވީ އަންނަނިވި ފަރާތްތައް ކަމަށް ޢަބްދުލްޙަކީމް ޙުސައިން މަނިކު ”އިއްޔެ“ ގައި ލިޔުއްވާފައި ވެއެވެ: ވެލާނާގޭ އިބްރާހީމް ދީދީ، ޙުސައިން ޙަބީބު، އައްނަބީލް އިބްރާހީމް ދީދީ، އިބްރާހީމް ޒަކީ، މުޙައްމަދު ޒަކީ، އަޙްމަދު ޒަކީ، މާޖެހިގޭ މުޙައްމަދު ދީދީ، އިބްރާހީމް ނާޞިރު. މި ލިސްޓަށް އުނިކޮށް ނުވަތަ އިތުރުކުރާނޭ ނަމެއް ވޭތޯއެވެ؟

މި ސުވާލުގެ ޖަވާބުގައި، އިންޓަރވިޔޫ ކުރި ހުރިހާ ފަރާތްތައް ގާތްގަޑަކަށް އިއްތިފާޤު ވެއެވެ. ނަމަވެސް، އެއްބޭފުޅަކު ވަކި ނަމެއް އުނިކުރުމަށް ވިދާޅުވިއެވެ. އޭނާ އެނަން އުނިކުރުމަށް ވިދާޅުވި ވާހަކައިގެ ތެރޭގައި އެއީ އޭނާގެ ތިމާގެ ބޭފުޅެއްކަމަށް ބަޔާން ކުރެއްވުމުން އޭނާގެ ވާހަކަފުޅުގައި ވަކި މަޞްލަޙަތެއް ވާކަމަށް ލަފާކުރެވެއެވެ.

އިބްރާހީމް ފާމުލަދޭރި ކިލެގެފާނަކީ ބަޣާވަތަށްފަހު، ވަޒީރުލްއަޢުޡަމްކަން ލިބުނު ފަރާތެވެ. އެހެންކަމުން، އޭނާ ބަޣާވަތް ރޭވުމުގައި ވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. އޭނާއާ ދޭތެރޭ ވިދާޅުވާނީ ކީކޭތޯއެވެ؟

މި ސުވާލުގެ ޖަވާބުގައި އިންޓަރވިޔޫ ކުރި ހުރިހާ ބޭފުޅުން އޭނާގެ ބައިވެރިވުމެއް، ބަޣާވަތް ރޭވުމުގައި ނުވާކަމަށް ވިދާޅުވިއެވެ. އަދި ފާމުލަދޭރި ކިލެގެފާނު، އިންޤިލާބީ ސަރުކާރުގައި ބައިވެރިކުރެއްވި ގޮތް އެއްބޭފުޅަކު ވިދާޅުވިއެވެ:

އިބްރާހީމް ދީދީ އަކަށް އިނގިރޭސި އެގިވަޑައެއް ނުގަންނަވާ. އެހެންވީމަ އިނގިރޭސި ދަންނަ މީހެއް ބޭނުންވާނެ ނޫންތޯ އެ މަޤާމަށް. އެގޮތުން ހެން އަޅުގަނޑަށް ހީވަނީ އެ މަގާމް ލިބުނީ. އެއީ އިނގިރޭސިން ކައިރިއަށްގޮސް ވާހަކަ ދައްކަން ޖެހޭނެ ނޫންތޯ. އަޅުގަނޑަށް އަހާފަ ގޮތުގައި ސިލޯނަށް ވަޑައިގެންވެސް ވާހަކަ ދައްކަވަންޖެހޭ. (08)

މުޙައްމަދު އަމީންގެ ވެރިކަން ވައްޓާލުމަށް ބަޣާވަތް ކުރި އަޞްލު ސަބަބަކީ ކޮބައިތޯއެވެ؟

މި ސުވާލުގެ ޖަވާބުގައި، މިކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ ބޭފުޅުން ވިދާޅުވިގޮތުން އޮޅުން ފިލަނީ، އެކަން ކުރި މައިގަނޑު ސަބަބަކީ މުޙައްމަދު އަމީނުގެ އާލާސްކަންފުޅު ހުރިގޮތުން، އޭނާ ދުނިޔޭގައި މާ ގިނަ ދުވަހު ނުހުންނާނެ ކަމާއި، އޭނާ ނެތިއްޖެނަމަ، ވެރިކަން ކަކާގެއަށްދާނެކަމަށް ވެލާނާގޭ ޢާއިލާގެ ބޭފުޅުންނަށް ޔަޤީންވާތީއެވެ. މިކަމަށް މަގުފަހިކުރި އަވަސް ސަބަބަކީ، ނާއިބު ރައީސް އިބްރާހީމް މުޙައްމަދު ދީދީ އާއި މުޙައްމަދު އަމީން އާ ދެމެދު ބައެއް ކަންކަމުގައި ވޭތިވެދިޔަ ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި ޚިލާފު އުފެދި، މުޙައްމަދު އަމީން، އިބްރާހީމް ދީދީގެ ބަދަލުގައި އައު ނާއިބު ރައީސަކު ޢައްޔަނު ކޮށްފާނޭ ކަމަށް އޭނާއަށް ހީފުޅުވުމާއި ދެން ޢައްޔަނު ކުރައްވާނޭ ބޭފުޅަކާ މެދު ޚިޔާލެއް އުފެދުމެވެ. އިންޓަރވިޔޫ ކުރެވިފައިވަނީ އިބްރާހީމް ދީދީ މިވާހަކަ ކިޔާދެއްވި ފަރާތާއެވެ. އޭނާގެ އިންޓަރވިޔޫގެ ޢިބާރާތްތައް ލިޔެފައިނަމަ، އެއީ ސީދާ ކާކުކަން އެނގިދާނެތީ އިންޓަރވިޔޫގެ ކޯޓޭޝަނެއް ނުވަތަ ސީދާ ޢިބާރާތް ނުހިމެނީއެވެ. އިންޓަރވިޔޫގައި ބައިވެރިވި އެއް ފަރާތަކީ އިބްރާހީމް ނާޞިރުގެ ސެކްރެޓަރީއެކެވެ. އޭނާ މިކަމާ ސީދާ ނާޞިރާ ސުވާލު ކުރެއްވިއެވެ.  އިންޓަރވިޔޫ ކުރެވުނު ފަރާތުން ވިދާޅުވިއެވެ:

 [މުޙައްމަދު އަމީން] އާލާސް ކަންފުޅާ އުޅުއްވަނިކޮށް އޭރުވެސް ހަމަ ޓޮންސިލް ކަންތަކާ… ކީއްވެގެންތޯއޭ ތިޔަބޭފުޅުން ދެން ތި  ބަދަލު ގެންނެވީ. މި ހަމަ ތެދު ވާހަކައެއް މިދަންނަވަނީ. ދެންނެވީމާ ވިދާޅުވެއްޖެ ތިމަންނަމެން އެ ބަދަލު ގެނައީ، ނާސިރު ވިދާޅުވީ، ތިމަންނާމެން އެހެން ނުހެދިނަމަ ކަކާގެއަށޭ ދާނީ ވެރިކަން. ކަކާގޭ ބޭފުޅުންނަށޭ. އެހެން ނޫންތޯ އަޙްމަދު ހިލްމީ އެބަ އުޅޭ، އިބްރާހީމް ހިލްމީ އެބަ އުޅޭ، އަބްދުﷲ ޙިލްމީ، ޝަމްސުއްދީން ޙިލްމީ، އަޙްމަދު އަލީދީދީ، އަލީ ހުސައިން ދީދީ، ހުސައިން އަލީ ދީދީ، އަންވަރު، މިބޭބޭފުޅުން ތިއްބެވި. (22)

ދުނިޔެ އާއި ރާއްޖެ ދުވަހަކުވެސް ތަޖުރިބާނުކުރާ އާދަޔާ ޚިލާފު ކަންތައްތަކެއް ހިނގާ ދިޔަ މި ދައުރު ޚުލާޞާ ކޮށްލަމާތޯއެވެ؟ މި ދައުރު ފެށުނީ 1934 އިންނެވެ. ވަޒީރުލްއަޢުޡަމެއް، ނަމުގައި ހުންނެވިއަސް، އޭރު ޤައުމު ހިންގުމުގެ އެންމެ އިސްވެރިޔަކަށް، ހުންނެވީ ޙަސަން ފަރީދެވެ. ވުޒާރަތުއްދާޚިލިއްޔާގެ ވެރިޔާގެ ހައިސިއްޔަތުންނެވެ. މި ވަޒީރުކަން ޢަމަލީ ގޮތެއްގައި ދެމިއޮތީ 2 އޮކްޓޯބަރ 1934 އިން ފެށިގެން އެ މަޤާމުން 12 ޖަނަވަރީ 1942 ޗުއްޓީ ނަންގަވަންދެންނެވެ. އެއީ 7 އަހަރާއި ތިން މަހާއި 10 ދުވަހެވެ. 12 ޖަނަވަރީ 1942 އިން ފެށިގެން، ޖުމްހޫރިއްޔާ އުވާލަންދެން، 21 އޯގަސްޓް 1953 އާ ހަމައަށް ދައުލަތް ހިންގީ މުޙައްމަދު އަމީނެވެ. ފުރަތަމަ، ވުޒާރަތައްދާޚިލިއްޔާގެ ވެރިޔާގެ ހައިސިއްޔަތުންނެވެ. ދެން، ވަޒީރުލްއަޢުޡަމްގެ ގޮތުންނެވެ. 1 ޖަނަވަރީ 1953 އިން ފެށިގެން 21 އޯގަސްޓް 1953 އަށް ރައީސްގެ ނަމުގައެވެ. 21 އޮކްޓޯބަރުގައި އޭނާގެ ނާއިބާއި ނާއިބާ ތިމާގެ ބައެއް މީހުންނާއި މުތަޤައްދިމް ޕާރޓީގެ އެހެން ބައެއް ފަރާތްތަކާއި ކުރީގެ ރަދުންނަށް ތާއީދުކުރެއްވި ފަރާތްތައް ގެނައި އިންޤިލާބެއްގައި، ރައީސްކަމުން ވަކިކޮށް ފަޅުރަށެއްގައި އަމީން ބަންދުކުރެވުނެވެ. މިކަން ހިނގާ ދިޔަގޮތް، އެ ދުވަހު ތަން ދުށް ފަރާތެއް ކަމުގައިވާ ޢުމަރު ޒާހިރު ލިޔެފައިވާ ލިޔުމެއް 7 އަދި 14 މާރޗް 2016 ގައި ނެރުނު “ދިވެހި ޑައިޖެސްޓް” 51 އަދި 52 ވަނަ ނަންބަރު ގައި ވެއެވެ.  މި ބަންދުގައި ހުންނަވާ 1954 އަހަރު ފެށުނުތަނާހެން  އޭނާ އަވަހާރަވިއެވެ. އިތުރު ތަފްސީލުތައް މުޙައްމަދު ޖަމީލު (2011) ގައި ވެއެވެ. ޖުމްހޫރިއްޔާ ރަސްކަމަށް، ބަދަލުކޮށް، 1954 ވަނަ އަހަރު ފެށުނުތަނާ ދޮޅު މަހެއްގެ ތެރޭގައި ރަސްކަމަށް ދެން އިސްވީ، މުހައްމަދު ފަރީދެވެ. ވަޒީރުލްއަޢުޡަމް އަކަށްވީ ފާމުލަދޭރި ކިލެގެފާނެވެ. މި ބަޣާވަތް ގެނައި އިސްފަރާތް ކަމުގައިވާ އިބްރާހީމް މުޙައްމަދު ދީދީ ޙަވާލުވެވަޑައިގަތީ ދެ މަޙަކްމާ އަކާއެވެ.

އެހެން ބައިތައް ކިޔުއްވުމަށް އޮބާލައްވާ!

 

ޙަވާލާދީފައިވާ ލިޔުންތައް

Hockly, T.W. (1949). The Maldive Islands: Progress in Trade, Industry and Education. In M.Amin  (Ed.), Ladies and Gentlemen: The Maldive Islands. Male: Government of the Maldives.

 

ބެލް،އެޗް.ސީ.ޕީ. (1940). ދަ މޯލްޑިވް އައިލެންޑްސް. ކޮލޮމްބޯ: ސިލޯން ގަވަރންމަންޓް ޕްރިންޓަރޒް.

އިބްރާހީމް ޝިހާބު. (1953) ދިވެހިރާއްޖެ، ޖުމްހޫރިއްޔާއަކަށް ވީ ކިއެއްވެގެންތަ؟ (65 – 71). ދިވެހި ޖުމްހޫރިއްޔާ… މަރްޙަބާ! މާލެ: ދިވެހި ސަރުކާރު.

އާމިނަތު ފާއިޒާ. (1997). އަމީނުގެ ހަނދާން-1. މާލެ: އާމިނަތު ފާއިޒާ.

އާމިނަތު ފާއިޒާ. (1997). އަމީނުގެ ހަނދާން-2. މާލެ: އާމިނަތު ފާއިޒާ.

ޢަބްދުﷲ މުފީދު. (2004). ކުރީގެ ވިޔަފާރި އާއި ބާޒާރުމަތި. މާލެ: ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝާރޒް.

ޢަބްދުލް ޙަކީމް ޙުސައިން މަނިކު. (1997). އިއްޔެ. މާލެ: ޢަބްދުލް ޙަކީމް ޙުސައިން މަނިކު.

ވަޒީރުލްއަޢުޡަމުގެ އޮފީސް (1960). ދިވެހިރާއްޖެ ހަނގުރާމައަށް ފަހު . . . (2) މާލެ: ދިވެހި ސަރުކާރު (ދެވަނަ ޗާޕު 2005) ނޮވެލްޓީ ޕްރިންޓަރޒް އެންޑް ޕަބްލިޝާރޒް.

މުޙައްމަދު އަމީން. (1953). ޖުމްހޫރީ ދަރުބާރުގެ މައްޗަށް، އަވަސް ކަޅިއެއް. މާލެ: ދިވެހި ސަރުކާރު.

މުޙައްމަދު އަމީން .(1953ހ) ރަސްކަމަކުން ޖުމްހޫރިއްޔާއަކަށް. . . . . . މުޙައްމަދު އަމީން (65 – 71). ދިވެހި ޖުމްހޫރިއްޔާ… މަރްޙަބާ! މާލެ: ދިވެހި ސަރުކާރު.

މުޙައްމަދު އަމީން (2001) ހަނގުރާމައަށް ފަހު. . . . . . 1. ނޮވެލްޓީ ޕްރިންޓަރޒް އެންޑް ޕަބްލިޝާރޒް.

މުޙައްމަދު އަމީން. (1949). ދިވެހިރާއްޖެ. ހަގުރާމައެއްގެ ވިލާގަޑެއްގެ ދަށުގައި . . . . . . މާލެ: ދިވެހި ސަރުކާރު.

މުޙައްމަދު އަމީން. (1949). ދިވެހިރާއްޖެ. ތިން އަހަރު ދުވަހުގެ މަޝްރޫޢު އެއް 1950  – 1951. މާލެ: މުޙައްމަދު އަމީން.

މުޙައްމަދު އަމީން. (ށ1951). ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ޙަޔާތް  (ދެވަނަ ޗާޕު). މާލެ:ނޮވެލްޓީ ޕްރިންޓަރޒް އެންޑް ޕަބްލިޝާރޒް.

މުޙައްމަދު އަމީން. (1952). އަޅުގަނޑުގެ ހަނދާންތައް (ފުރަތަމަ ޗާޕު، 1952 ސިތާރާ ހިންދު ޕްރެސް). ދެވަނަ ޗާޕު. 2003 ގައި މާލެ: ނޮވެލްޓީ ޕްރިންޓަރޒް އެންޑް ޕަބްލިޝާރޒް.

މުޙައްމަދު އަމީން. (2001). ދިވެހިރާއްޖެ ހަނގުރާމައަށް ފަހު…. މާލެ: ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝާރޒް

މުޙައްމަދު އަމީން.(ހ1951). އަޅުގަނޑުގެ ހަނދާންތައް. ކަލްކަތާ: ސިތާރާ ހިންދު ޕްރެސް ލިމިޓަޑް.

މުޙައްމަދު އިސްމާޢީލް ދީދީ. (1966) މޮޓަރުބޯޓުގެ ގަޑުބަޑު. ނޮވެލްޓީ ޕްރިންޓަރޒް އެންޑް ޕަބްލިޝާރސް.

މުޙައްމަދު ޖަމީލް. (2011) އޯކިޑް. މާލެ: މުޙައްމަދު ޖަމީލު.

ފާޠިމަތު ޢަބްދުލްވައްހާބު. (1953). ދިވެހިރާއްޖޭގެ މުސްތަޤްބަލް. މުޙައްމަދު އަމީނު (އެޑިޓަރު) ޖުމްހޫރީ ދަރުބާރުގެ މައްޗަށް، އަވަސް ކަޅިއެއް. މާލެ: ދިވެހި ސަރުކާރު

ދިވެހި ސަރުކާރު. (ތ.ނ). ދިވެހިރާއްޖޭގެ އެކިކަންކަން ހިނގިގޮތް.  މާލެ: ނޮވެލްޓީ ޕްރިންޓަރޒް އެންޑް ޕަބްލިޝާރޒް

divider12

މި މަޒުމޫނު ލިޔެފައިވަނީ މި ދުވަސްވަރުގެ ތައުލީމީ ސިޔާސަތުތަކާ ބެހޭ ދިރާސާއެއް ކުރައްވަމުން ގެންދަވާ އާއިޝަތު ޢަލީ އާއި އަޅުގަނޑެވެ. މި ލިޔުމުގެ ދެވަނަ ބައިގައިވަނީ އެ ދުވަސްވަރުގެ ތަޢުލީމާ ބެހޭ ވާހަކަތަކެވެ. އެބައި ފަހުން ގެނެސްދެވޭނެއެވެ. ތަޢުލީމީ ސިޔާސަތުތައް  ދެތުމަށް މި ސިޔާސީ ފަސްމަންޒަރަކީ މުހިއްމު ބައެކެވެ.