މަތީ ތަޢުލީމުގެ ފެންވަރު
މަތީ ތަޢުލީމުގެ ފެންވަރަކީ އެކަމާ މެދު އެންމެ ގިނަ ބައެއްގެ ކަންބޮޑުވުން އޮންނަ، އަދި އޮންނަންވީ ކަމެވެ. ސަނަދުތަކުގެ ފެންވަރު ހިފެހެއްޓުމަށް ގިނަ ޤައުމުތަކުގައި ޚާއްޞަ އިދާރާތައް ޤާއިމްކޮށްފައި ވެއެވެ. ރާއްޖޭގައި މިގޮތުން އެންމެ ފުރަތަމަ ޤާއިމްކުރި އިދާރާއަށް ކިޔަނީ ”އިމްތިޙާނުތަކާ ބެހޭ ބައި“ އެވެ. 1960 ގެ އަހަރުތަކުން ފެށިގެން ބައެއް ވަޒީފާތަކަށް ބޭނުންވާ ޤާބިލްކަމުގެ މުޤައްރަރުތައް އެކަށައަޅައި އިމްތިޙާނު ކުރަނީ، މި ބައިންނެވެ. ކިޔަވައިދެނީ އަމިއްލަ މަރުކަޒުތަކުންނެވެ. މިސާލެއްގެ ގޮތުން ސެކްރެޓަރީ ކަމުގެ ސަނަދު ހޯދުމަށް ކިޔަވަންޖެހޭ މުޤައްރަރުތައް އެކުލަވައިލައި އިމްތިޙާނު ކުރަނީ އިމްތިޙާނު ތަކާ ބެހޭ ބައިންނެވެ. މި ގޮތަށް މިކަން އޮތް އިރު، ފެންވަރުގެ މައްސަލަތައް ކުރިމަތިވަނީ ވަރަށް މަދުންނެވެ. ސަނަދުގެ ކަންކަން މިގޮތަށް ހިނގާތާ 40 ވަރަކަށް އަހަރުވީ ފަހުން، ބޭރު ޤައުމުތަކުގައި އޮންނަ ފަދަ، ސަނަދާ ބެހޭ ޚާއްޞަ އިދާރާއެއް ޤާއިމްކުރި އެވެ. މިކަން ކުރަން މެދުވެރިވީ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން 1998 ގައި އުފެއްދުމާ ގުޅިގެން، އެ މަޝްރޫޢުގެ ތެރެއިންނެވެ. މި އިދާރާއަށް އެ ޕްރޮޖެކްޓްގައި ކިޔާފައިވާ ނަމަކީ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑް (އެމް.އޭ.ބީ.) އެވެ. މި ބޯޑުގެ އަސާސީ ލިޔުންތައް ފުރަތަމަ ލިޔުނީ އޮސްޓްރޭލިއާގެ ވިކްޓޯރިއާގެ ސަނަދުތަކުގެ ގިޔުގަނޑު ހިމެނޭ ”ފޮޅި“ އަކާއި މި މަޝްރޫޢުގެ ތެރެއިން، ނިޔު ޒީލަންޑްގެ ކޮލިފިކޭޝަން އޮތޯރިޓީއަށް އިމްތިޙާނުތަކާ ބެހޭ ބައިގެ މުވައްޒަފަކާއި ކޮލެޖްގެ މުވައްޒަފެއް ކުރި ދަތުރެއްގައި ގެނައި ލިޔުންތައް ދިރާސާކޮށްގެން އަޅުގަނޑެވެ. ކަން ހިނގިގޮތް ތާރީޚަށްޓަކައި އަޅުގަނޑު ލިޔެފައި ވެއެވެ. އެ ލިޔުން މިއޮތީއެވެ.
އެމް.އޭ.ބީ. 2000 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު ޤާއިމްކުރި ފަހުން، މިވީ 23 އަހަރު ދުވަހުގެ ތެރޭގައި، އެ އިދާރާ، ކުރިއަށް ގޮސްފައިވަނީ ބައެއް ފަހަރު ކުރިއަށް އެއް ފިޔަވަޅު އެޅިއްޔާ ބައެއް ފަހަރު ފަހަތަށް ދެ ފިޔަވަޅު އަޅަމުން، އަދި ބައެއް ފަހަރު ދުވެފައެވެ. 2023 ވަނަ އަހަރު އައި އިރު، އެތަނުގެ ނަން ވަނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔޫ.އޭ.) އަށް ބަދަލުވެފައެވެ. އަދި މަތީ ތަޢުލީމާ ބެހޭ ޤާނޫނެއްގެ ދަށުން އެ އިދާރާއަށް ޤާނޫނީ ހައިސިއްޔަތެއް ދެވިފައިވެއެވެ. މިތަނުގެ މުސްތަޤްބަލަކީ ކޮބައިތޯ އެވެ؟
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން މިތަން ހިނގިއިރު، ބޭރުގެ މާހިރުން ބައިވެރިވި ބައްދަލުވުމަކަށް އަޅުގަނޑު ދިޔައީމެވެ. އެ ބައްދަލުވުމުން އަޅުގަނޑަށް ފާހަގަކުރެވުނީ، ގިނަ ސަނަދުތަކުގެ ފެންވަރު ޤާއިމްކުރުން، މަޑުމަޑުން އެމް.ކިޔޫ.އޭ. އާ ވަކިވާނޭ ކަމެވެ. މާހިރުން ފާހަގަ ކުރި ގޮތުގައި އެއް އިދާރާއަކަށް އެކަން ކުރާނެހާ ވަސީލަތެއް ނުލިބޭނެއެވެ. މިއާ އެކު ފަންނީ އެހެން މުއައްސަސާތައް ވެސް ވާދަވެރިގޮތެއްގައި ސަނަދުތަކުގެ ފެންވަރު އެކަށައަޅަން ބޭނުން ވެއެވެ. ވާހަކަ ދެކެވުނު ފަދައިން މަޑުމަޑުން އެކަން ވަމުން ދެއެވެ. ބޭސްވެރިކަމުގެ ސަނަދުތަކުގެ ފެންވަރު މިހާރު އެކަށައަޅަނީ، މެޑިކަލް ކައުންސިލުންނެވެ. ނަރުހުންގެ ތަމްރީނުގެ ފެންވަރު އެކަށައަޅަނީ، ނަރުހުންގެ ކައުންސިލުންނެވެ. އެހެން ޞިއްޙީ ޚިދުމަތްތެރީންގެ ފެންވަރު އެކަމާ ބެހޭ ބޯޑުންނެވެ. ޤާނޫނީ ވަކީލުންގެ ސަނަދުތަކުގެ ފެންވަރު އެކަށައަޅަނީ ބާ ކައުންސިލުންނެވެ. ބޯޓުދަތުރުކުރާ ފަރާތްތައް ނަމަ، އެކަމާބެހޭ ވުޒާރާއިންނެވެ. މުދައްރިސުންގެ ނަމަ، މުދައްރިސުން ރަޖީސްޓަރީކުރާ ބޯޑުންނެވެ. ވައިރުކުރުމުގެ ކޯހުގެ ފެންވަރު އެކަމާ ބެހޭ އޮތޯރިޓީންނެވެ. ސަނަދަށް ކިޔަވާނޭ މުޤައްރަރުތަކާއި ފުރިހަމަކުރަންޖެހޭ ޢަމަލީ ތަމްރީނާއި އިމްތިޙާނު ކުރާނޭ ގޮތް މި ފަންނީ އިދާރާތަކުން އެކަށައަޅައެވެ. އެމް.ކިޔޫ.އޭ. އިން ކުރަންޖެހޭ ކަމަކީ، މިހުރިހާ ކިޔެވުމަކަށް ޢާއްމު މިޢުޔާރުތަކެއް އެކަށަ އެޅުމެވެ. މިހެން މިކަން އޮތަސް، އެކި މައްސަލަތަކާ ގުޅިގެން، ޢަމަލީ މައިދާނަށް ނުކުންނަން މި ފަންނީ ކައުންސިލްތަކުން އިތުރު އިމްތިޙާނެއް ހަދަން މަޖުބޫރުކުރެއެވެ. މިސާލަކަށް ނަރުހަކަށް ވެވެނީ، ނަރުހުންގެ ކައުންސިލުން ދޭ އިމްތިޙާނަކުން ފާސްވުމުންނެވެ. މިކަންކަން މިހެން ހުރުމާއެކު، އެކި ލައިސަންސް އޮންނަންޖެހޭ ވަޒީފާތަކަށް ވަނުމަށް ބޭނުންވާ ސަނަދުތަކުގެ ފެންވަރާ މެދު މީހުންގެ ސުވާލެއް ނޯންނާނެއެވެ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ޑޮކްޓަރަކަށް ވާންވެގެން ބޭރު ޤައުމުތަކުން ކިޔަވައިގެން އަންނަ މީހުން މެޑިކަލް ކައުންސިލުންދޭ އިމްތިޙާނުން ބައެއް މީހުން 13 ފަހަރު އިށީދެ ފޭލިވެފައި ވެއެވެ. 10 ފަަހަރު ނުވަތަ 8 ފަހަރު ފޭލިވާކުދީން ގިނައިން އުޅެއެވެ. މި އިމްތިޙާނު ނެތްނަމަ، ބަލިމީހާއަށް ވާނޭ ގޮތާ މެދު ވިސްނަވާށެވެ. އަޅުގަނޑު ހަނދާން ހުންނަ އެއްކަމަކީ، އެއް އިރަކު ހެލްތު މިނިސްޓްރީގެ ޑޮކްޓަރުންގެ ގޮތުގައި ގެނައި ބިދޭސީ މީހުންގެ ތިންބައި ކުޅަ އެއްބައި މީހުންގެ އަތުގައި ވަނީ ފޭކު ސަނަދު ކަމަށް އެ ވުޒާރާގެ މިނިސްޓަރު ވިދާޅުވި ވާހަކައެވެ.
ފަންނީ ކައުންސިލަކުން ކޯސް ނިންމާ ދަރިވަރުންގެ ފެންވަރު ދަށްކަމަށް ފާހަގަ ކުރެވިއްޖެނަމަ، އެކި ޓެސްޓްދީ، މުޤައްރަރުގެ ތެރެއަށް އެކި ބައި އިތުރުކޮށްގެން ފެންވަރު ކަށަވަރު ކުރެވޭނެއެވެ. ފެންވަރުގެ މައްސަލަ ޖެހޭނީ، ބެލެނިވެރި ކައުންސިލަކުން ފެންވަރު އެކަށަނާޅައި ޓެސްޓު ހަދަން ނުޖެހޭ ސަނަދުތަކުގައެވެ. މިސާލެއްގެ ގޮތުން ކަންކަން ހިނގާ ގޮތް ސިފަކުރުމަށް މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމް.ބީ.އޭ.) ނަގަމާތޯއެވެ؟ މި ފެންވަރުގެ ކޯހުގައި ކިޔަވައިދޭ ފިޔަވައްސެއްގައި (މީޓިން އެއްގައި) ތިންގަޑިއިރު ވެދާނެއެވެ. ކިލާސް ރޭގަނޑު 7 އިން 10 އަށް އޮންނަ ނަމަ، ބައެއް ފަހަރު ކިލާހަށް ޓީޗަރު ވަންނަނީ އެއް ގަޑިއިރު ފަހުންނެވެ. ބައެއް ކިލާސްތައް ނިމެން ދޮޅުގަޑިއިރު އޮއްވައި ނިންމާލައެވެ. ޓީޗަރުން ތިން ގަޑިއިރު ކިޔަވައިދޭން ތައްޔާރުވެގެން ނާންނާތީ، ބައެއް ކިލާސްތަކުގައި ވާހަކަ ދެކެވެނީ ސިިޔާސީ ކަންކަމާ މެދުއެވެ. ނުވަތަ ޓީޗަރުގެ ޒިންދަގީނާމާ އާ މެދުއެވެ. ބައެއް ކިލާސްތައް އެއްގޮތަކަށް ނުވެސް ބާއްވައެވެ. ނަމަވެސް މި ގަޑިތަކުގައި ކިޔަވައިދިން ކަމަށް ރެކޯޑުތައް ”މަސާޖުކޮށް“ ކިޔަވައިދިން ކަމުގެ އުޖޫރަ ލިބިގަނެއެވެ. ފެންވަރު ވަޒަންކުރުމުގެ ބޮޑު ބައެއް އޮންނަނީ ގުރޫޕްއަކުން ހަދާ އެސައިމަންޓް އަކަށެވެ. މި ފަދަ ގުރޫޕް އެސައިމަންޓް ހަދަނީ އެންމެ ކުއްޖެކެވެ. މިކުއްޖާ އެސައިމަންޓް ޗެކުކުރުވާނީ އޭ.އައި. ބޭނުންކޮށްގެން ނުވަތަ އަގު ދީގެންނެވެ. އެހެން ކުދީންނަށް އެސައިމަންޓް ގައި އޮތީ ކޮން އެއްޗެއް ކަން ވެސް ނޭނގޭނެއެވެ. ގުރޫޕް އެސައިމަންޓް ދިނުމުން ޓީޗަރުގެ މަސައްކަތް ލުއިވާނެއެވެ. ހައެއްކަ ކުދީންގެ އެސައިމަންޓް ގެ ބަދަލުގައި މާކުކުރަން ޖެހޭނީ އެންމެ އެސައިމަންޓް އެކެވެ. ފެންވަރުގެ މައްސަލަ ބޮޑަށް ދަށްވެފައިވަނީ އިންޓަރނެޓް ބޭނުންކޮށްގެން ދޭ އޮންލައިން ތަޢުލީމު ޢާއްމުވީ ފަހުންނެވެ. ކިތަންމެ ދަރިވަރުންނެއް، ގޫގުލް މީޓް އަށް ފޮޓޯލާފައި ކިލާހަށް ”ވަނުމަށްފަހު“ ނިދައެވެ. މި ކުދީންނަށް ވެސް، ހާޒިރީ ލިބެއެވެ. އެހެންކަމުން، އިމްތިޙާނުގައި ބައިވެރިވެ ވެއެވެ. އެކި ސަބަބުތަކާ ހެދި، ފީ ދައްކައިގެން އަންނަ ކުދިން ފޭލިނުކުރެވޭނެތީ، ހުރިހާ ކުދީންނަށް ”ހެޔޮވަރުވާ ގޮތަށް އިމްތިޙާނުފަހައެވެ.“ މިކުދީން ވެސް، ދަސްވެނިވާނީ އެމް.ބީ.އޭ. އާ އެކުއެވެ. ދަރިވަަރަށް ސަނަދުލިބުމުން ދަރިވަރުގެ ޝަކުވާއެއް ނޯންނާނެއެވެ. މަރުކަޒަށް ފީ ލިބުމުން މަރުކަޒުގެ ޝަކުވާއެއް ނޯންނާނެއެވެ. މިއީ ވިން-ވިން ޙާލަތަކެވެ. ދެކޮޅަށް ވެސް ކާމިޔާބެވެ. ކިޔަވައިދިން ގޮތުގެ ވާހަކަ ދަރިވަރުން ދައްކައިފިނަމަ، ދަރިވަރާ ދޭތެރޭ ދެކޭ ގޮތް ތަފާތުވެދާނެތީ އެކަމެއް ނުކުރެއެވެ. އެމީހަކު ސަނަދު ހޯދި ކޮލެޖެއް ޔުނިވަރސިޓީއެއް ދަށްކޮށް ވާހަކަ ދައްކަނީ ކާކުތޯއެވެ؟ އެ ގޮތަށް ދައްކާ ވާހަކަ އިން އަބުރުގެއްލޭނީ ދައްކާ މީހާގެއެވެ. މި ޙާލަތުގައި، ކޯސްތަކުގެ ފެންވަރު ހިފެހެއްޓުމަށް އެމް.ކިޔޫ.އޭ. އިން ކުރަންވީ ކޮން ކަމެއް ބާވައެވެ؟
މަތީ ތަޢުލީމުގެ ދާއިރާގައި ފެންވަރު ދަށްވާން ދިމާވާ މައިގަނޑު ސަބަބުތައް ތިރީގައި އެވަނީއެވެ:
- ކިލާސް އޮންނަ ވަގުތު އެނގުމެއް ނެތި ގިނަގިނައިން ބަދަލުވުން ނުވަތަ ކިލާސް ކެންސަލްވުން.
- ވަގުތީ މުދައްރިސުން ގެންގުޅުމާއި ރަސްމީގަޑިން ބޭރުގައި ކިޔަވައިދޭން ޖެހުމުން ނުކުންނަ މައްސަލަތައް. މިކަންކަމުގެ ތެރޭގައި މުުދައްރިސުން ރަނގަޅަށް ތައްޔާރުނުވެ ހާޒިރުވުމާއި ތައްޔާރުވިކަން ފާހަގަކޮށް ބެލޭނޭ ނިޒާމެއް ނެތުން ހިމެނެއެވެ.
- ކިޔަވައިދޭ ޓީޗަރުންގެ ފެންވަރާއި ތަޖުރިބާ ނެތުން. ފެންވަރުން މާނަކުރަނީ ގެންގުޅޭ މަތީ ސަނަދަކަށް ނޫނެވެ. މާސްޓަޒް އާއި ޕީއެޗްޑީ އޮތް މީހެއްގެ ކިބައިގައި ހުންނަންޖެހޭ ފެންވަރު ނެތް އެތައް މީހުންނަކާ އަޅުގަނޑާ ބައްދަލުވެފައި ވެއެވެ.
- ގިނަ ދަރިވަރުން ކިލާހަށް އައުން ފިޔަވައި، ކިޔަވަންޖެހޭ އެހެން ގަޑިތަކުގައި ނުކިޔަވާކަން. މަތީ ތަޢުލީމުގެ ނިޒާމު އެކުލަވައިލާފައިވަނީ އެންމެ ކްރެޑިޓް ޕޮއިންޓެއް ހޯދުމަށް ވެސް 10 ގަޑިއިރު ކިޔަވަން ޖެހޭ ގޮތަށެވެ. މީގެ ތެރޭގައި ކިލާހުގެ ގަޑިތަކާއި އަމިއްލަ ވަގުތުގައި ކިޔަވާ ގަޑިތައް ހިމެނެއެވެ. ނަމަވެސް ދަރިވަރުން މި މިންވަރާ ގާތަށް ވެސް ނުކިޔަވައެވެ. ޓެކްސްޓް ފޮތްތަކެއް ނުގެންގުޅެއެވެ. ފުލްޓައިމް ވަޒީފާއެއްގައި އުޅެމުން މި ގަޑިތައް ހަމަކުރުމަކީ މުސްތަޚީލް ކަމެކެވެ. ނަމަވެސް އެންމެންނަށް އެކަން އެނގޭއިރުވެސް އަޅާނުލަނީއެވެ.
- ކިޔަވައިދޭ މުއްދަތުގައި ދަރިވަރުންގެ ކިބައިގައި ހަރުދަނާ ސުލޫކެއް އަށަނުގެންނެވޭކަން.
- ވަޒީފާ ދޭ ފަރާތްތަކުގެ އިތުބާރު ދަސްވެނީންނަށް ނެތްކަން.
- ވަންނަ ޝަރުޠު ދަށްކުރުމުން ކިޔަވައިދިނުމުގެ ފެންވަރު ހިފަހައްޓަން ދަތިވާކަން. ކިތަންމެ މަތީ ފެންވަރެއްގެ މާއްދާއެއް ވެސް ކިޔަވައިދޭން މިޖެހެނީ ތިބި ކުދީންނަށް ދޭހަވާ ވަރަށް ހުރިހާ ކަމެއް ދަށްކޮށްގެންނެވެ.
- އިމްތިޙާނު ކަރުދާސް އެކުލަވައިލުމުގެ ހުނަރު މުދައްރިސުންގެ ކިބައިގައި ދަށްކަން.
- މިކަންކަމާ މެދު އަޅާލަންޖެހޭ ފަރާތްތަކުގެ ފެންވަރާއި ހިތްވަރު ނެތްކަން. މިހާރު އަމަލުކުރާ ގޮތާއިގެން ކުރިއަށް ދިއުމަށް އެތައް ބައެއްގެ މަޞްލަޙަތު އޮންނަކަން.
އަޅުގަނޑަށް ވިސްނޭގޮތުން، ކިޔަވައިދިނުމުގެ ފެންވަރު ބިނާވެފައިވަނީ ޓީޗަރާއި ދަރިވަރުންގެ މެދުގައި ހިނގާ މުޢާމަލާތްތަކުގެ މައްޗަށެވެ. ދަރިވަރުންނާއި ޓީޗަރުން ތަނަކަށް ހާޒިރުވާ ވަގުތާއި އެ ވަގުތުގައި ހިނގާ ނުހިނގާ ކަންކަމުގެ މައްޗަށެވެ. މިކަންކަން ހެޔޮގޮތުގައި، އިޚްލާޞްތެރިކަމާއެކު ނުކުރާނަމަ، ގަވާއިދުތަކާއި އުސޫލްތަކުން ފެންވަރަށް ކުރާނޭ އަސަރެއް ނޯންނާނެއެވެ.
މަތީ ތަޢުލީމަކީ މިހާރު މަތީ ފެންވަރުގެ ވިޔަފާރިއެކެވެ. މިއީ ކިޔަވާ ފަރާތަށާއި ކިޔަވައިދޭ ފަރާތަށް ނަފާ ބޮޑު ކަމެކެވެ. ޑިގްރީއަށް ކިޔެވުމަށް ދަރިވަރުން ކޮލެޖަށް ފައިސާ ދައްކަންޖެހޭތީ ކޮލެޖަށް ފައިސާ ލިބެއެވެ. ދަރިވަރަށް ސަނަދު ލިބުމުން، ދަރިވަރުގެ ޖާހް މަތިވެ، މަތީ ވަޒީފާއެއްގެ ފުރުޞަތު ލިބެއެވެ. ދެ ފަރާތަށް ވެސް މިކަމުން މަންފާ ކުރާތީ މިކަމުގެ ތެރެއަށް ވަނުމަށް ގިނަ ސަރުކާރުތަކަށް ވަނީ ނުކުޅެދިފައެވެ. ބައެއް ފަރާތްތަކުން މި ފަދަ ތަންތަނަށް ކިޔަނީ ޑިގްރީ މިލް އެވެ. މިލް ގެ މާނައަކީ [މި ތަނުގައި] ކަރުދާސް ރޯލުރޯލުން އުފައްދާ ކާރުޚާނާއެވެ. އިޝާރާތް ކުރަނީ މިތަންތަނުން ގިނައިން ދޫކުރާ ސަނަދުތަކަށެވެ. މި ކަން ބައިނަލްއަޤްވާމީ ގޮތުން ބޮޑު މައްސަލައަކަށް ވެގެން އެކަން ހުއްޓުވާނެ ގޮތާ ބެހޭ ފޮތް ލިޔެފައި ހުރެއެވެ. ރާއްޖޭގެ ސަނަދުތަކުގެ ފެންވަރު ކިތަންމެ ރަނގަޅު ކުރިއަސް، ބޭރު ޔުނިވަރސިޓީތަކުން ދެރަވަރުގެ ސަނަދުތައް ހިފައިގެން ދަރިވަރުން އަންނާނެއެވެ. ނުވަތަ ރާއްޖޭގައި ތިބެގެން އެ ސަނަދުތައް ހޯދާނެއެވެ. އެހެންކަމުން، ރާއްޖޭގެ ކޯސްތަކުގެ ފެންވަރު ހިފަހައްޓައިފިނަމަ، ކުދިން ހޯދާނީ ބޭރު ތަނަކުން ފަސޭހައިން ލިބޭ ސަނަދެކެވެ.
ފެންވަރު ހިފެހެއްޓުމުގައި ދިމާވާ މައްސަލަތައް ވަރަށް ގިނައެވެ. ބޯވައެއްގެ ފައިތައް ހެން، އެތައް ދިމާއެއްގައި މީގެ ކޮޅުތައް ވެއެވެ. މިކަންކަމާ މަޝްވަރާކުރަން މަހާސިންތާއެއް ބާއްވަން ވެއްޖެއެވެ. ސްކޮލަރޝިޕްދޭ އުސޫލުތަކާއި، ފުލް-ޓައިމް މާނަކުރާގޮތާއި، ކޯސްތަކުގެ ލިޔުންތަކުގައި ހިމަނާ ތަފްޞީލްތައް ފަދަ އެތައް ކަމެއް މުރާޖަޢާ ކުރަން ޖެހެއެވެ. ޤާނޫނުގައިވާ ގޮތުން މިކަންކަން ބެލެހެއްޓުމަކީ އެމް.ކިޔޫ.އޭ. ގެ ޒިންމާއެކެވެ.
ސަރުކާރުގެ ސްކޮލަރޝިޕްތައް
2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް އޮތް ސަރުކާރަކީ މަތީ ތަޢުލީމަށް މިހާތަނަށް އެންމެ ބޮޑު ޚަރަދު ކުރި ސަރުކާރުކަމުގައި ވާނެއެވެ. މަތީ ތަޢުލީމުގެ ދާއިރާއަށް އެންމެ ބޮޑު އެއް ޚަރަދު ހިނގާފައިވާނީ ޝަރުޠުހަމަވާ މީހުންނަށް ހިލޭ ޑިގްރީ އަށް ކިޔެވުން ފަހިކޮށްދިނުމަށާއި ސްކޮލަރޝިޕްތަކަށެވެ. 2023 ވަނަ އަހަރުގެ އިންތިޚާބާ ދިމާކޮށް، ޑިގްރީއިން ދަށުގެ ކޯސްތައް ވެސް ހިލޭކުރުމުގެ ވަޢުދެއް ހާމަކޮށްފައި ވެއެވެ. ރައްޔިތުންގެ މަތީ ތަޢުލީމާއި ތަމްރީނަށް ސަރުކާރުން ޚަރަދުކުރާއިރު ޚަރަދުތައް ދެމެހެއްޓެނިވި ގޮތަކަށް ކުރަން ޖެހެއެވެ. އަޅުގަނޑު ދެން މި ދަންނަވާލަނީ، ސްކޮލަރޝިޕްތަކާއި ލޯންތަކާމެދު އަޅުގަނޑަށް ފެންނަ ދެތިން ނުކުތާއެކެވެ.
ފުރަތަމަ ޑިގްރީއަށް ކިޔެވުން ހިލޭކުރުން: އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ، ބެޗްލަރ ޑިގްރީއަށް ކިޔެވުމަށް ސަރުކާރުން ޚަރަދުކުރާ ނަމަ، އެ ކިޔެވުން ވާންވާނީ، ފުލްޓައިމްކޮށް، އެހެންކަންކަމުން ހުސްވެގެން ހުރެ ކިޔަވާ ކިޔެވުމަކަށް ކަމަށެވެ. ރާއްޖޭގައި ފުލްޓައިމްކޮށް ކިޔެވުން މާނަކުރަނީ ވަރަށް ތަފާތު ގޮތަކަށެވެ. ފުލްޓައިމް މި ލަފުޒުގެ މާނައަކީ، ”މަސައްކަތު ދުވަހުގެ ހުރިހާ ވަގުތެއް އެކަމަށް ހޭދަވާ“ އެވެ. ދިވެހިރާއްޖޭގެ ސަނަދުތަކާ ބެހޭ އޮނިގަނޑު އެކުލަވައިލާފައިވާ އަސާސަކީ ވެސް ސަނަދަކަށް ކިޔެވުމަށް ހޭދަވާ ވަގުތެވެ.
ނަމަވެސް ރާއްޖޭގައި މިކަން ހިނގަނީ މިގޮތަކަށް ނޫނެވެ. ފުލްޓައިމް ކޯހެއް ކިޔަވާ ގިނަ ދަރިވަރުން ކިޔަވަނީ، ފުލްޓައިމްކޮށް ވަޒީފާއެއް އަދާކުރަމުންނެވެ. ވަޒީފާގެ ދުވަހީ މަސައްކަތް މެންދުރު ފަހު 2 ނުވަތަ 4 ޖަހާއިރު ނިމުމުން އެވީ ފުލްޓައިމް ކޯސް ފަށާށެވެ. ކިޔަވާ ވަގުތު އަންނައިރު، ދަރިވަރުން ތިބެނީ ދުވަހީ މަސައްކަތުން ބުއްދީގެ ތާޒާކަން ގެއްލި ވަރުބަލިވެފައެވެ. މުޤައްރަރުތަކުގައި ވާ ކިޔުންތައް ކިޔާނޭ ވަގުތެއް، ތަމްރީނުތައް ފުރިހަމަކުރުމަށް ފުރުޞަތެއް ދަރިވަރުންނަކަށް ނުވެއެވެ. ކިލާހަށް އަންނަނީ ”ހުސް އަތާއި“ ހުސް ބުއްދިއާ އެކުއެވެ. ކުރީ ދުވަހުގެ ފިލާވަޅުތައް މުޠާލިޢާ ކުރުމެއް ނޯވެއެވެ. ނަމަވެސް، ކޯސްތަކުން ފީ ނަގާތީ، މުދައްރިސަށް މަޖުބޫރުވަނީ، ދަރިވަރުންނަށް އެނގޭ މިންވަރަކުން ފާސްވާނޭ ގޮތަށް ކިޔެވުމުގެ ކަންކަން ”ފަހިކޮށްދީ“ ފާސްކޮށްދޭށެވެ. ނޫންނަމަ، ދަރިވަރުންނެއް ނުވާނެއެވެ. މުދައްރިސަށް ދޭނޭ މުސާރައެއް ނުލިބޭނެއެވެ. އާޚިރު ނަތީޖާއަކީ، ދަސްވެނިވާއިރު، ކޯހުގެ މަޤްޞަދުގެ ބޮޑު ބައެއް ދަރިވަރުންނަށް ޙާޞިލް ނުވުމެވެ. ސަނަދުގެ ޤަދަރު ނުވަތަ މަކަ ނެތުމެވެ.
މި މައްސަލައިގައި އަޅުގަނޑުގެ ހުށަހެޅުމަކީ، ހިލޭ ޑިގްރީއަށް ކިޔެވުމަށް ސަރުކާރުން ފައިސާ ދޭންވާނީ، ފުލްޓައިމް ވަޒީފާއެއް އަދާނުކޮށް ކިޔެވުން ކުރިއަށް ގެންދިއުމަށެވެ. ފުލްޓައިމް ވަޒީފާއެއްގައި އުޅޭނަމަ، ޑިގްރީއަށް ފައިސާދޭނީ، ޕާޓްޓައިމްކޮށް، ނުވަތަ ފުލްޓައިމްކޮށް ކިޔަވަންޖެހޭ މާއްދާތަކުގެ ދެބައިކުޅަ އެއްބައި ކިޔެވުމަށެވެ.
ފުރަތަމަ ޑިގްރީއަށް ވުރެ ދަށުގެ ސަނަދުތައް: ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ 2023 ވަނަ ރިޔާސީ ވަޢުދެއްގައި ބަޔާންކުރެވުނު ފަދައިން، ފުރަތަމަ ޑިގްރީއަށް ވުރެ ދަށުގެ ސަނަދުތަކަށް ކިޔެވުމަށް ވެސް، ސަރުކާރުން އެހީތެރިވާން ޖެހޭނެއެވެ. މިހެން ނުހަދާ ނަމަ، އާބާދީގެ ދެބައިކުޅަ އެއްބަޔަކީ ހުނަރުވެރިކަމުގެ ސަނަދެއް ހޯދިފައިވާ ބައެއް ކަމަށް ހެދުމަށް ހިންގާ ސިޔާސަތުގެ ނަތީޖާއެއް ނުނިކުންނާނެއެވެ. މި ސަނަދުތަކަށް ކިޔެވުމަށް ފީ ދައްކައިދޭނީ، ފުރަތަމަ ޑިގްރީއަށް ވެސް ކަންކުރާ ގޮތަށް، ފުލްޓައިމްކޮށް ކިޔެވުމަށެވެ. ފުލްޓައިމް ވަޒީފާއެއްގައި އުޅޭނަމަ، ސަރުކާރުން ދައްކައިދޭނީ ޕާޓްޓައިމްކޮށް ކޯސް ކުރިއަށް ގެންދިއުމަށެވެ. ތަޢުލީމީ ފަލްސަފާވެރިން ބުނަނީ ފުރަތަމަ ޑިގްރީ ހިލޭ ކުރުމަށް ވުރެ، ދަށު ސަނަދުތައް ހިލާކުރުން މުހިއްމު ކަމުގައެވެ. އެއީ ފުރަތަމަ ޑިގްރީ އަކީ ”ޕްރައިވެޓް ގުޑް“ އެއް ކަމަށް — އަމިއްލަ ނަފްސަށް ގިނަ މަންފާތަކެއް ކުރާ މުދަލެއް — ކަމަށް ދެކޭތީއެވެ. ދަށު ސެޓިފިކެޓުތަކަކީ ”ޕަބްލިކް ގުޑް“ އެކެވެ. ރައްޔިތުންގެ ގިނަ ބަޔަކަށް ތިއަރީތައް އެނގުމަށް ވުރެ ހުނަރުހުރުމުން މަންފާކުރާކަމެކެވެ.
ހިލޭ އެހީ (ގްރާންޓް) ދިނުން: ގްރާންޓް އަކީ އަނބުރާ ދައްކަން ނުޖެހޭ ފައިސާގެ އެހީއެވެ. ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ކޯސްތައް ހިލޭ ނަމަ، ދަރިވަރުން އެ ކޯސްތަކުގައި ބައިވެރިވެވޭނޭ ކަމަށެވެ. ނަމަވެސް، ކޯހެއްގައި ކިޔެވުމަށް ދަރިވަރު ކުރާ އެންމެ ބޮޑު ޚަރަދަކީ، އެ ކޯހުގެ ފީއެއް ނޫނެވެ. އެންމެ ބޮޑު ޚަރަދަކީ ކޯހުގެ މުއްދަތުގައި ދިރިއުޅުމުގެ ޚަރަދުތައް ކުރާނޭ ފައިސާއެވެ. އެހެން ކަމުން، ގިނަ ޤައުމުތަކުގައި ކޮންމެވެސް ޢަދަދަކަށް ދަރިވަރުންނަށް ގްރާންޓް ދެއެވެ. މިގޮތަށް އެހީ ދިނުމަކީ، ރައްޔިތުން މަތީ ތަޢުލީމާއި ތަމްރީނު އިސްތިޢުމާލުކުރުން ގިނަވާނޭ ކަމެކެވެ. މިކަން ގިނަ ޤައުމުތަކުގައި ކުރަނީ، ދަރިވަރުގެ މާލީ ޙާލަތް ދެނެގަތުމަށް ފަހު، އެކަމަށް ބޭނުންޖެހޭ، އަދި ސަރުކާރުން އިސްކަންދޭ ކޯސްތަކެއްގައި ކިޔެވުމަށެވެ. މިއީ، އަދި ރާއްޖޭގައި ނުކުރާ، ތައާރަފުކުރަން ބޭނުންތެރި އެހީތެރިކަމެކެވެ.
ލޯން ސްކީމް: ވާލްޑް ބޭންކްގެ ލޯނަކުން ފުރަތަމަ ތައާރަފުކުރި ލޯން ސްކީމަކީ، ގިނަ ޤައުމުތަކުގައި މަތީ ތަޢުލީމު ޙާޞިލްކުރަން ދަރިވަރުންނަށް އޮންނަ މައިގަނޑު ފުރުޞަތެވެ. މި ލޯން ސްކީމް ފެށުނު އިރު، މަޤްޞަދަކަށް ވެފައި އޮތީ، އިތުރު ލޯން ދޭނޭ ދިރޭ ފަންޑެއް ނުވަތަ ”ރިވޯވިން“ ފަންޑެއް ޤާއިމްކުރުމެވެ. ސްކީމް ފެށުނު އިރު، އަނބުރާ ދައްކަން ޖެހެނީ ޚަރަދުވި މިންވަރުގެ ބައިކުޅަބައެކެވެ. އެހެންކަމުން މިއީ ލޯން ސްކީމް އެއް ކަމަކަށް ނުބުނެވޭނެއެވެ. މިކަން ތަޢާރުފުވީ މައުމޫން ދައުރުގައެވެ. 2008 ވަނަ އަހަރުން ފެށިގެން ލޯނުގެ ފުރިހަމަ ޢަދަދާއި އިންޓްރަސްޓްއެއް އަނބުރާ ދައްކަން ޖެހެއެވެ.
ޔުނިސެފުގެ ރިޕޯޓްތަކުގައި، ދަރިވަރުންނަށް ދޫކުރާ ލޯނުގެ ފައިސާ އަނބުރާ ހޯދުމުގައި ވަރަށް ބޮޑު ދަތިތަކާ ކުރިމަތިވާ ކަމަށް އެކި ޤައުމުތަކުން ފާހަގަކޮށް ފައި ވެއެވެ. އެއް ރިޕޯޓްގައި ބުނާގޮތުން އަނބުރާ ފައިސާ ދައްކަނީ ލޯނު ނަގާ ކުދިންގެ %40 އެވެ. މިހާރު އެމެރިކާގައި ވެރިކަންކުރާ ބައިޑްން ސަރުކާރުން ދަރިވަރުންގެ ލޯނުތައް މަޢާފުކުރުމަށް މަސައްކަތްކޮށް، އެ ޤައުމުގެ ރައްޔިތުންގެ މަޖިލީހުން އެކަމާ އުޅެނީ އެއްބަސް ނުވެގެންނެވެ. ރާއްޖޭގައި ވެސް ދަރިވަރުންގެ ލޯނުތައް މަޢާފުކުރާ ހިސާބަށް ސިޔާސީ ވަޢުދުތައް އަދި ފައްކާވާނެއެވެ. ނަމަވެސް، ސިޔާސީގޮތުން ލޯނުދިނުން މުޅިން ހުއްޓައި ނުލެވޭނެތީ، އެންމެ ރަނގަޅު ގޮތެއް ކަމަށް ފެންނަނީ، އެ ލޯނު ދޫކުރޭ މިންވަރާއި ގޮތް ހަނިކުރުމެވެ.
ފުލް ސްކޮލަރޝިޕް: ކޮންމެ ޤައުމެއްގައި ވެސް ވަރަށް ތޫނުފިލި އެކި ބާވަތުގެ ޢިލްމުތަކަށް ފާގަތި މީހުން އުޅެއެވެ. މިއީ ޤައުމެއްގެ ރައުސް މާލެކެވެ. މި މީހުންނަށް ސަރުކާރުން ފުލް ސްކޮލަރޝިޕް ދެއެވެ. ފުލް ސްކޮލަރޝިޕް އަކީ ކޯސްފީ އާއި ކޯހުގެ މުއްދަތުގައި ދިރިއުޅޭނޭ ޚަރަދެވެ. އަޅުގަނޑުގެ ނަޒަރުގައި ޤައުމުގެ ފުދުންތެރިކަން ހުރި ނިސްބަތަކުން، މި ސްކޮލަރޝިޕްތައް ގިނަކުރުމަކީ، ޤައުމީ ތަރައްޤީ އާ ގުޅޭ ކަމެކެވެ. ނަމަވެސް މި ސްކޮލަރޝިޕްތައް ދޭންވާނީ، ރާއްޖެއަށް ބޭނުންވާ ދާއިރާތަކުންނެވެ. އަޅުގަނޑު އެއް އިރަކު ކިޔަވައިދިން ދަރިވަރަކު ރައީސުލްޖުމްހޫރިއްޔާ ގެ މި ސްކޮލަރޝިޕް ލިބިގެން ކިޔެވި ކިޔެވެލީގެ ފޯކަސް އަކީ، ސެޓެލައިޓްތަކަށް ބިމުން ލިބޭ ރޭޑިއޯ ސިގްނަލްތަކުގެ ބާރުގަދަކުރާ ޕްރިއެމްޕްލިފަޔަރ މޮޅުކުރުމެވެ. އޭނާ ރާއްޖެ އައިސް، އެކަމާ ގުޅޭ އެއްވެސް ކަމެއް ނުކުރެއެވެ. ރައީސްގެ ސްކޮލަރޝިޕްގައި، ބޭރު ޤައުމުތަކަށް ފޮނުވި އެތައް ކުދީންނެއް އެނބުރި ރާއްޖެ ނައިސް ފޮނުވި ޤައުމުގެ ވަޒަންވެރީންނަށް ވެފައި ވެއެވެ. އަޅުގަނޑުގެ ނަޒަރުގައި ފުލް ސްކޮލަރޝިޕް ދޭންވާނީ، ދައުލަތަށް ބޭނުންތެރި ދާއިރާތަކުންނެވެ. އަދި، އުސޫލުތަކެއްގެ ތެރެއިން، އެކުދީން ރާއްޖެ އަންނާނޭ ގޮތް ކަށަވަރު ކުރަން ވާނެއެވެ. އެހެން ނޫނީ، ދިވެހި ސަރުކާރުގެ ބަޖެޓުން ސްކޮލަރޝިޕް އެދެވެނީ ބިދޭސީއަކަށެވެ.
ސަރުކާރުން ކިޔެވުމަށް އެހީދޭ ގޮތްތަކަކީ އެކަމާ އަލުންބަލުން ފިކުރު ހިންގަން ވެއްޖެ ކަމެކެވެ.
މަސައްކަތްތެރިކަމުގެ ތަމްރީނު
ދިވެހިރާއްޖޭގައި ރަސްމީ ގޮތެއްގައި ސަރުކާރުން މަސައްކަތްތެރިކަމުގެ ތަމްރީނު ދެމުންގެންދާތާ، 2025 ގައި ފަންސާސް އަހަރު ފުރޭނެއެވެ. ތަރައްޤީވަމުން އައި މި ދާއިރާ ހަލާކުވާން ދިމާވީ 2010 ވަނަ އަހަރު، މި ދާއިރާއަށް ގެނައި ނޭދެވޭ ބަދަލުތަކެއްގެ ސަބަބުންނެވެ. އެބަދަލުތަކުގެ ސަބަބުން ވެއްޓުނު ވަޅުގަނޑު އަދި އަދަށް ދާންދެން ވެސް މަސައްކަތުގެ ތަމްރީނު އަރައި ނުގަނެއެވެ. މިހެން ދިމާވީ، ރާއްޖެ ފަދަ ކުޑަ ޤައުމަކަށް ނޭކަށޭނެ މިންވަރަށް ބޭރުގެ ބައެއް ޚިޔާލާތުތައް ފަތުރައިގެންނެވެ. މިގޮތުން، ޕޮލީޓެކްނިކްތަކާއި ޖޫނިއަރ ކޮލެޖްތައް އުފެއްދުމުގެ ބޭނުމުގައި، ކުރިން ހިނގަމުން އައި ރާއްޖެއާ މާ ގުޅޭ ނިޒާމު ނައްތައިލީއެވެ. މާ ގިނަ ދުވަހެއް ނުވެ، 35 އަހަރު ވަންދެން ތަމްރީނު ކުރެވިފައިވާ ދާއިރާގެ ތަޖުރިބާކާރު މުދައްރިސުންނާއި ތަޖުރިބާ އެ ތަންތަނާ ވަކިވެއްޖެވެ. މަސްދޯނި ބަނުމުގެ ތަމްރީނު، އެތައް ޒަމާނެއް ވަންދެން ހިނގަމުން ދިޔަ އަލިފުށީ ބޯޓުޔާޑު އަމިއްލަ ބަޔަކަށް ކުއްޔަށް ދެވިއްޖެއެވެ. ހިތަދޫ އާއި ތިނަދޫ އާއި ކުޅުދުއްފުށީގައި ހިންގަމުން ދިޔަ މަސައްކަތްތެރިކަމުގެ ތަމްރީނުތައް މުޅީންހެން ހުއްޓިއްޖެވެ. ރާއްޖެއިން ފަންނީ މަސައްކަތްތެރީން ހުސްވެ، ބިދޭސީންނަށް ބަރޯސާވާން ޖެހިއްޖެއެވެ. އަޅުގަނޑުގެ ނަޒަރުގައި، މި ގެއްލުންތައް ނިޒާމަށް އައީ، ކަމަށް ނާޤާބިލް، ތަޖުރިބާނެތް މީހުން، ރައީސް މައުމޫން ދައުރުގައި ކަންކުރިގޮތާ ތަފާތުކުރުން، ހަމައެކަނި ބަދަލެއް ގެނައުމުގެ އެދުމުގައި، ސާޅީހަކަށް އަހަރުގެ ތަޖުރިބާއިން ޤާއިމްކުރި ނިޒާމު ރޫޅާލުމަށް އެދުންވެރިވެ ބާރުވެރި ގޮނޑިއެއްގައި އިށީނުމުންނެވެ.
ތަޢުލީމުގެ ޤާނޫނުގައި ބުނާގޮތުން ޢުމުރުން 18 އަހަރު ވަންދެން މަދަރުސާތަކުގައި ދަރިވަރުން ގެންގުޅެން ޖެހެއެވެ. ތަޢުލީމުގެ ޤާނޫނުގައި އޮންނަނީ ”ކޮންމެ ކުއްޖަކުވެސް އެކުއްޖެއްގެ ޢުމުރުން 18 އަހަރު ފުރިހަމަ ވަންދެން ތަޢުލީމު ނުވަތަ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމެއްގައި ބައިވެރިވާކަން ކަށަވަރު ކުރަންޖެހޭނެ“ ކަމަށެވެ. ނަމަވެސް ރާއްޖޭގެ މަދަރުސާތަކެއް މިކަމަށް ތައްޔާރެއް ނޫނެވެ. މަދަރުސާތަކުގައި މި ދަރިވަރުންނަށް ކިޔަވައިދޭނޭ މުދައްރިސުންނެއް، ތިބޭނޭ ޖާގައެއް އަދި ބޭނުންކުރާނޭ އެހެން ވަސީލަތެއް ނެތެވެ. ގިނަ ރަށްރަށުގައި، މަތީ ސާނަވީއަށް ކިޔަވަން ބޭނުންނަމަ ދާންޖެހެނީ އެހެން ރަށަކަށެވެ. އެ ރަށްރަށުގައި ފަސޭހަ ގޮތަކަށް ތިބެވޭނޭ ގޮތެއް ނުހުރެއެވެ. ރާއްޖޭގެ ގިނަ ރަށްތަކުގެ ޙާލަތަކީ މިއީއެވެ. ބައެއް ފަހަރު ހިތަށް ތަފާތު ވަސްވާސްތައް އަރައެވެ. މި ޤާނޫނުތައް ލިޔެފައި މިވަނީ ތަންފީޒުކުރަން ބާވައެވެ. ނޫނީ މިއީ އިލްހާމް ލިބިގަންނަން ލިޔެފައިވާ އުއްމީދީ ތަޞައްވުރެއް ބާވައެވެ!
މަސައްކަތްތެރިންނާ ބެހޭ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ، އައި.އެލް.އޯ. އިން ބުނާގޮތުގައި، މަސައްކަތު ތަމްރީނުދޭ ވާކްޝޮޕުތަކުގައި ޢާއްމުކޮށް ހުންނަ ސައިޒަކީ، ގުދަނާއެކު، 1600 އަކަ ފޫޓެވެ. މިއިން ވާކްޝޮޕެއްގައި ގެންގުޅެވެނީ 15 ކުދީންނެވެ. މި ސައިޒު ދެގުނައަށް ކުޑަކުރިއަސް މަސައްކަތްރިކަމުގެ ތަޢުލީމު ދޭން ބޭނުންވާ ވާކްޝޮޕްތައް ހަދާނެ ޖާގައާއި ބޭނުންކުރާނޭ ވަސީލަތްތަކާއި، މުދައްރިސުންނެއް ނެތެވެ. މި މުދައްރިސުން ތަމްރީނުކުރުން ވާނީ، ކުރަން އެންމެ އުނދަގޫ މަސައްކަތަށެވެ.
ދެން އޮތީ ޖޫނިއަރ ކޮލެޖްއާއި ޕޮލީޓެކްނިކް ތަކުގެ ވާހަކައެވެ. މަދަރުސާއިން ހިންގާ ވޮކޭޝަނަލް ކޯސްތަކާއި ޖޫނިއަރ ކޮލެޖްތަކާއި ޕޮލީޓެކްނިކް ކޯސްތަކުގެ ތަފާތުތައް އެނގޭ މީހަކާ އަދި އަޅުގަނޑަށް ބައްދަލުވެފައެއް ނެތެވެ. ސިންގަޕޫރުގައި ހުންނަ އެންޑަރސަން ޖޫނިއަރ ކޮލެޖަށް އަޅުގަނޑު ޒިޔާރަތްކުރީމެވެ. ގިނަ ޖޫނިއަރ ކޮލެޖްތައް ފަދައިން އެއީ ގްރޭޑް 11 އާއި 12 އަށް ކިޔަވައިދޭ މަދަރުސާއެކެވެ. ރާއްޖޭގައި ސައިންސް އެޑިޔުކޭޝަން ސެންޓަރ ނުވަތަ މިހާރު ގެ ސީ.އެޗް.އެސް.ސީ. ކިޔާ މަރުކަޒަކީ ޖޫނިއަރ ކޮލެޖެކެވެ. މި ފެންވަރުގެ ތަޢުލީމުދޭ ތަންތަނަށް ސިކްސްތު ފޯމް ކޮލެޖު ވެސް ކިޔައެވެ. އަޅުގަނޑު އޭ ލެވެލް ހެދީ ޓެސްމޭނިއާގައެވެ. އެރަށުގައި ޖޫނިއަރ ކޮލެޖަށް ކިޔަނީ ކޮމިޔުނިޓީ ކޮލެޖެވެ. މިތަނުގެ ވަސީލަތްތައް ފުރިހަމައަށް ބޭނުންކުރުމަށް އެހެން ބައެއް ކޯސްތައް ހިންގިއަސް މަރުކަޒުގެ ފަލަހަ އަކީ ގްރޭޑް 11 އާއި 12 ގެ ތަޢުލީމެވެ. ރާއްޖެއަށް ވެގެން މިއުޅޭ ގޮތަކީ، އެކި ޤައުމުތަކުން މީހުން ކިޔަވައިގެން އައިސް، އެމީހުންނަށް ފެނިފައިވާ ކުރޯޑުން އާބާދީ ގުނޭ ރަށްތަކުގެ ނިޒާމުތައް، ރާއްޖޭގެ ވެއްޓާއި ޙާލަތަށް ނުބަލައި، ތަންފީޒުކުރަން އުޅެނީއެވެ. ތަޢުލީމުގެ ޤާނޫނުގައި، ކަޅާއި ހުދުން ޢުމުރުން 18 އަހަރު ވަންދެން، ދަރިވަރުންނަށް މަސައްކަތްތެރިކަމުގެ ތަޢުލީމު ދިނުމަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޒިންމާއެއް ކަމަށް ލިޔެފައި އޮއްވައި، މި ފެންވަރުގެ ތަޢުލީމު ދިނުން އެހެން ދާއިރާއަކަށް ނިސްބަތްކުރެވޭނެ ގޮތަކީ ކޮބައިތޯއެވެ؟
މަސައްކަތްތެރި ކަމުގެ ތަޢުލީމުގެ އީކޯސިސްޓަމާ މެދު ނުވަތަ ވެއްޓާމެދު ކަމުގެ ތަޖުރިބާކާރުން ފިކުރު ހިންގައި، ސަބަބުވެރިގޮތަކަށް— ރާއްޖޭގެ ގަޔަށް ހެޔޮވަރުގޮތަކަށް— މި ނިޒާމު ކަނޑަނާޅައިފިނަމަ، ރާއްޖޭގެ މަސައްކަތްތެރިކަން ދާނީ ދަށުން ދަށަށެވެ. ގިނަވާނީ، ބިދޭސިންނެވެ. ބޭރަށް ދާނީ ބޭރު ފައިސާއެވެ. ގެއްލިގެން ދާނީ ދިވެހި ޤައުމުގެ ވަޙްދަތަކާއި ތަނަވަސްކަމެވެ. ރާއްޖޭގެ ކޮންމެ އަތޮޅެއްގެ މަސައްކަތްތެރިކަމުގެ ތަމްރީނު ދޭނޭ މަރުކަޒެއް ޤާއިމްކޮށްގެން އެ ތަންތަނަށް ކިޔަވަން އަންނާނޭ ބަޔަކު ނުވާނެއެވެ. ކުދި ޤައުމުތަކަށް އޮތްގޮތަކީ މަދު މަރުކަޒުތަކެއް ރަނގަޅަށް ހިންގުމެވެ. އެ ތަންތަނަށް އަންނަ ކުދީންނަށް ތިބެވޭނޭ ގޮތެއް ހަމަޖައްސައި މިކަމަށް ސަރުކާރުން އެހީތެރިވުމެވެ. ރާއްޖޭގެ މޮޅެތި ޢިލްމުވެރީން ކިޔެވީ އެގޮތަށެވެ. އަމިއްލަ ރަށުގެ ގޮނޑުދޮށަށް އަލްވަދާޢު ކިޔަން ޖެހިލުންވާ މީހުންނަށް ރަސްއައިނެއް ނުފެންނާނެއެވެ.
އަޅުގަނޑަށް ހީވާ ގޮތުން، ރާއްޖޭގެ ވަޠަނީ މަސައްކަތްތެރިކަން މައުރަޒުކުރެވޭ ހަމައެކަނި އިޙްތިފާލަކީ، އަތްތެރިކަމުގެ މައުރަޒެވެ. މި މައުރަޒު ވޭތިވެދިޔަ 20 އަހަރު ތެރޭގައި ބޭއްވިފައިވަނީ ދެތިން ފަހަރުއެވެ. މަސައްކަތް ތެރިކަން ކުރިއެރުވުމަށް މި މައުރަޒު ބޭއްވުން މަތީ ތަޢުލީމުގެ ކަންކަން ވިލަރެސް ކުރާ ވުޒާރާއަށް ގެންނަން ވެއްޖެއެވެ. މިއާއެކު، ސިމެންތިޖެހުން، ރޭނުން، ފަދަ އަތްތެރިކަމުގެ މަސައްކަތްތެރިކަމުގެ މުބާރާތްތައް އިންތިޒާމުކޮށް، އިޙްތިފާލުކޮށްގެން ނޫނީ، ވެއްޓިފައިވާ ވަޅުގަނޑުން ދިވެހި މަސައްކަތްތެރިކަމަކަށް މައްްޗަކަށް ނޭރެނެއެވެ.
ދިރާސާކުރުން
ރާއްޖޭގެ ކުރިއެރުމަށާއި، އިޖްތިމާޢީ ހަމަހިމޭންކަމަށާއި މަސައްކަތްތެރިކަމުގެ ދާއިރާތަކަށް ދިމާވެފައިވާ މައްސަލަތައް ދެނެގަނެ ޙައްލުތައް ހޯދުމަށް ދިރާސާކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިގޮތަށް ދިރާސާކުރުމަށް އެކި ވުޒާރާތަކުގައި، ސެކްޝަންތައް އުފައްދާފައި ވެއެވެ. ގިނަ ޤައުމުތަކުގައި މިބާވަތުގެ ޢިލްމީ ތަޙްޤީޤްތައް ކުރަނީ އެކަންކަމަށް ޝައުޤުވެރިވާ ވަކި ފަރުދުންނާއި ކޮލެޖާއި ޔުނިވަރސިޓީތަކާއި ކުންފުނިތަކުންނެވެ. ފައިސާ ޚަރަދުކުރަނީ ސަރުކާރުގެ ޚާއްޞަ މަޙަކުމާއަކުންނެވެ. ދިރާސާކުރަން ބޭނުންވާ ދާއިރާތައް ކަނޑައަޅަނީ މި މަޙަކުމާއިންނެވެ. ދެން، އެ ދިރާސާތައް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހެޅުން ހުށަހަޅައިގެން ފައިސާ ދޫކޮށް، ވާ ނުވައިބަލައި ހަދައެވެ. މިހެން ދެންނެވިއަސް، ދިފާޢީ އަދި ބޭސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ދިރާސާކުރުން މިހާރު ބޮޑެތި ކުންފުނިތަކުން ކުރާ ކަމަކަށް ވެފައި ވެއެވެ.
ރާއްޖޭގައި ދިރާސާކުރުމަށް ފައިސާ ދޫކުރާ ފަންޑެއް ޤާއިމްކުރުމުގެ އެންމެ މުހިއްމު މަސައްކަތްތަކެއް ކުރެވުނީ، މައުމޫން ދައުރުގައި، ކޮމިޔުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރަކަށް މިދުހަތު ޙިލްމީ ހުންނެވި އިރުއެވެ. އެއީ 1998 އިން 2003 އަށް ހިނގި މައުމޫންގެ ދައުރުގައެވެ. ނޭޝަނަލް ސައިންސް ފައުންޑޭޝަން އެއް ޤާއިމްކޮށް ރިސާޗްކުރުމަށް ފައިސާ ދޫކުރާނޭ ހުރިހާ ކަމެއް އެ ދުވަސްވަރު ނިންމާފައި ވެއެވެ. މި ފައުންޑޭޝަން ހިންގާނޭ އިދާރީ އޮނިގަނޑާއި އިޖްރާޢަތްތަކާއި ދިރާސާއަށްކުރާނޭ ފައިސާއަށް އެދޭނޭ ގޮތްތައް، ބޭރުގެ މާހިރުންގެ ލަފައާއެކު އެކުލަވައިލާފައި ވެއެވެ. މި އިދާރީ ގިޔުގަނޑާއި ކަމާ ގުޅޭ ކަރުދާސްތައް އަޅުގަނޑުގެ އަތުގައި ވަރަށް ފަހާ ޖެހެންދެން ހުއްޓެވެ. ނަމަވެސް މައުމޫން ދައުރު ނިމުނުއިރު ވެސް ނޭޝަނަލް ސައިންސް ފައުންޑޭޝަން އެއް ޤާއިމެއް ނުވިއެވެ. އަދި އެ ފަހުން މިހިނގި 15 އަހަރުގައި ވެސް މިކަމެއް ހިނގާފައެއް ނުވެއެވެ. މާތުރަ، އެ ފަހުން އައި ކޮންމެ ސަރުކާރަކުން ވެސް ކޮންމެވެސް ވުޒާރާއަކުން ކުރަންޖެހޭ ކަންކަމުގެ ތެރޭގައި މި މަސައްކަތްތައް ހިމެނިފައި ވިއެވެ. އެހެންކަމުން އެ ލިޔުންތައް ހޯދުމަށް ބައެއް ފަރާތްތަކުން އުޅުމުން އަޅުގަނޑުގެ އަތުގައި ހުރި ކަރުދާސްތައް ދިނީ އެ މަސައްކަތް ހިންގުމަށް އެއް އިރަކު ހަވާލުވެހުރި ”ކެޕްޓަން“ މުޙައްމަދު ލަޠީފަށެވެ.
ކަމަކީ މުހިއްމު ކަމެކެވެ. އެއީ މައްސަލަތައް ހޯދައި ދެނެގަނެ، އެއަށް ހައްލުތައް ހުށަހަޅައި ވާގޮތް ބެލުމަކީ ތަރައްޤީއަށް މުހިއްމު ކަމެކެވެ. 2018 ވަނަ އަހަރުން 2023 ވަނަ އަހަރަށް ހިނގާ ދިޔަ ރިޔާސީ ދައުރުގައި، މިފަދަ ދެތަނެއް އުފެއްދުމަށް އެ ސަރުކާރުގެ ރޭވުމެއްގައި ލިޔެފައި ވެއެވެ. އެ ލިޔުން މިއޮތީއެވެ. މީގައިވާ ގޮތުން، މިނިސްޓްރީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ އާއި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އާ ގުޅިގެން ނޭޝަނަލް ސައިންސް ފައުންޑޭޝަން އަކާއި ނޭޝަނަލް ރިސާޗް ކައުންސިލެއް ޤާއިމްކުރާނެއެވެ. ކަމަކީ ވަރަށް ފަސޭހައިން ކުރެވޭނޭ ކަމެކެވެ. ނަމަވެސް ދައުރު ނިމުނުއިރު މިކަންކަމެއް ގާއިމެއް ނުވިއެވެ.
ޢިލްމީ ތަޙްޤީޤްތަކަކީ އެކަމަށް ޤައުމެއްގެ ޖީޑީޕީގެ %2 ޚަރަދުކުރާ ކަމެކެވެ. ކަމުގެ މުހިއްމުކަމުން، ޤައުމީ ޔުނިވަރސިޓީއިން ރިސާޗަށް ދަރިވަރުން ދައްކާ ފީގެ %4 އަށް ވުރެ ގިނަ ފައިސާ ޚަރަދުކުރަމުންދާތާ މިހާރު 10 ވަރަކަށް އަހަރު ވެދާނެއެވެ. ނަމަވެސް، ޤައުމީ މުހިއްމު ކަންކަން ކަނޑައަޅައި އެކަންކަން ދިރާސާކުރުމަށް ފައިސާ ޚަރަދުކުރަންވާނީ ދައުލަތުންނެވެ. ނޫނީ މި ވަސީލަތް ހުރިހާ ފަރާތްތަކަށް ހުޅުވިގެން ނުދާނެއެވެ.
ދައުލަތުގެ ޔުނިވަރސިޓީތަކާއި މަތީ ތަޢުލީމުދޭ މަރުކަޒުތައް
މަތީ ތަޢުލީމާ މެދު ވާހަކަ ދައްކާއިރު، ދައުލަތުގެ ކޮލެޖްތަކާއި އެފަދަ އެހެން ތަންތަނާ މެދު ވާހަކަ ނުދައްކައި ނިންމާލުމަކީ، އެދެވޭ ކަމެއް ނޫނެވެ. އެހެނީ ދައުލަތުން މަތީ ތަޢުލީމަށް ކުރާ ޚަރަދުގެ އެންމެ ބޮޑު ބައި ހޭދަވަނީ ސީދާކޮށް ނުވަތަ ނުސީދާކޮށް މި މަރުކަޒުތަކެވެ. މިތަންތަނަކީ، އަމިއްލަ އަތުގެ ނުފުށް ފަދައިން އަޅުގަނޑު ދަންނަ، އެތަނުން ބައެއް ތަންތަން ޤާއިމްކުރުމުގައި އަދި އެހެން ބައެއް ތަންތަން ތަރައްޤީކުރުމުގައި އަޅުގަނޑުގެ މާޙިއްޞާ އޮތް ތަންތަނެވެ. ނަމަވެސް މި ހިނދު މިފަދަ ތަނެއްގެ ނޯކިރީގައި އަޅުގަނޑު ހުރީތީ، އެތަންތަނުގެ މައްސަލަތަކާ މެދު ފާޑުކިޔުމުން އެއްކިބާ ވަމެވެ. ކުރުގޮތަކަށް އަޅުގަނޑު ދަންނަވާލާނީ، މިއިން އެއްވެސް ތަނެއް، އެކި ސަބަބުތަކާ ހެދި، ހިނގަންވީ ގޮތަށް ނުހިނގާ ކަމަށެވެ. ސަބަބުތަކުގެ ތެރޭގައި މި މަރުކަޒުތަކުގެ ދާޚިލީ ކަންކަމާއި ޚުޠޫރަތްތެރި މައްސަލަތައް ޙައްލާއެކު ހުށަހެޅުމުންވެސް މަތީ ފަރާތްތަކަށް ކޮންމެ ގޮތެއް ވަރިހަމަވުމާއި އަދި ޖެއްސުމަށް ކަންކަން ކުރުން ހިމެނެއެވެ. ޤައުމު ކުރިއެރުމަށް ޤައުމީ ލޯތްބެއް ނެތްނަމަ، ކަންކަން ކުރާނީ ދެއްކުމަށާއި އަމިއްލަ ލާބައަށެވެ. ތަފްޞީލްތަކޭ ތޯ އެވެ؟ ޤައުމީ ޔުނިވަރސިޓީ ޤާއިމްކުރުމުގައި ކުރި ތަޖުރިބާތަކާއި އެކި ކަންކަމުގެ ތާރީޚް ލިޔެފައިވާ ފޮތެއް އަޅުގަނޑު އެކުލަވައިލަމުންދާތާ މިހާރު ދިހަ ވަރަކަށް އަހަރު ވެދާނެއެވެ. މި ވެބްސައިޓުގައި ލިންކުނުލައި އޭގެ ބައެއް ބާބުތައް ހުރީތީ ގޫގުލްއިން އެ ފެނިގެން ބައެއް މީހުން ނުތަނަވަސްވެގެން އުޅޭ ވާހަކަ އަޅުގަނޑު އަހާފައި ވެއެވެ. މަޢާފާއެކު އިންތިޒާރު ކުރެއްވުމަށް ދަންނަވަމެވެ.
ޑރ މުޙައްމަދު ޒާހިރު ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރއަކަށް ހުންނެވިއިރު، އެއިރުގެ ރައީސް ޔާމީނަށް ޔުނިވަރސިޓީއާ ބެހޭ ގޮތުން މުހިއްމު ހުށަހެޅުމެއް ހުށަހެޅުއްވިއެވެ. އެއީ ޔުނިވަރސިޓީގެ ޕޯސްޓްގްރޭޖުއޭޓް ނޫން ހުރިހާ ކޯހެއް ހިލޭ ކުރުމެވެ. އެ ދުވަސްވަރަކު ހިލޭ ޑިގްރީއެއް ނޯވެއެވެ. މިކަމުން ނުކުންނާނީ ކޮން ނަތީޖާއެއް ތޯއެވެ؟ ސަރުކާރުން ފީ ދައްކާގޮތަށް ހިލޭ ޑިގްރީ އޮންނަ އިރު، މި ވާގޮތަކީ، ސަރުކާރުން ދަރިވަރުންގެ ފީގެ ގޮތުގައި ލިބޭ ފައިސާ، ތަނުގެ ރިކަރަންޓު ޚަރަދަށް ހޭދަކުރުމެވެ.
މަތީ ތަޢުލީމާ ބެހޭ ވަކި ވުޒާރާއެއް ބޭނުންވޭ ހެއްޔެވެ؟
ދުނިޔޭގެ މަދު ޤައުމެއްގައި ނޫނީ މަތީ ތަޢުލީމަށް ޚާއްޞަ މިނިސްޓްރީއެއް ނުވަތަ ވުޒާރާއެއް ނުހުރެއެވެ. ނަމަވެސް، މަތީ ތަޢުލީމާއި ތަމްރީނުގެ މަސްރަޙަށް ވާނުވާ ބަލައި، ތަރައްޤީކޮށް، އެންމެންގެ މަންފާއަށް އެ ކަމާކެމި މިސްރާބުކޮށް، ބަލަހައްޓަން ވަޒީރަކާ ޙަވާލުކުރެއެވެ. އިންޑިއާ އާއި ސްރީ ލަންކާ އާއި ސިންގަޕޫރާއި ބަންގްލާދޭޝްގައި ވެސް މި ދާއިރާއަށް ވަކި މިނިސްޓްރީއެއް ނުހުރެއެވެ. މި ޤައުމުތަކުގެ އާބާދީ ދިވެހިރާއްޖެއަށް ވުރެ އެތައް ހާސް ގުނައެއް ބޮޑުއިރު، މި ޤައުމުތަކުގައި ހަޔަރ އެޑިޔުކޭޝަން އަށް ޚާއްޞަ ވަކި މިނިސްޓްރީއެއް ނުހުންނަނީ ކީއްވެގެންތޯއެވެ؟
ގިނަ ޤައުމުތަކުގައި، މަތީ ތަޢުލީމާ ބެހޭ ކަންކަން ވިލަރެސްކުރަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެކަމަށް ޚާއްޞަ ޑިޕާޓްމަންޓް އަކުންނެވެ. ރާއްޖޭގައި ވެސް މިކަން މިގޮތަށް ފަނަރަ ވަރަކަށް އަހަރު ހިނގާފައި ވެއެވެ. އޭގެ ކުރިން އެއް ދައުރެއްގައި، އެމްޕްލޯއިމަންޓް އާއި ސޯޝަލް ސެކިޔުރިޓީ އާ މިދާއިރާ ގުޅުވާފައި ވިއެވެ. މަތީ ތަޢުލީމުގެ ދާއިރާއަށް ޚާއްޞަ ވުޒާރާއެއް 2018 އިން 2023 އަށް އޮތް ރިޔާސީ ދައުރުގައި ހުއްޓެވެ.
އަޅުގަނޑު ދެކޭގޮތުގައި، މަތީ ތަޢުލީމުގެ ދާއިރާއަށް ވަކި މިނިސްޓްރީއެއް ޤާއިމްކުރުމަށް ވުރެ ރަނގަޅުވާނީ، ގިނަ ޤައުމުތަކުގައި ކަންކުރާ ގޮތަށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގެ ޑިޕާޓްމަންޓް އަކަށް މި ދާއިރާ ހެދުމެވެ. ބައެއް ޤައުމުތަކުގައި، މަތީ ތަޢުލީމާއި ތަމްރީނާ ބެހޭ ކަންކަން ބަލަހައްޓާ ޑިޕާޓްމަންޓްގެ ނަމުގެ ގޮތުގައި ސްކިލްސް އަދި ޓްރޭނިން [ހުނަރާއި ތަމްރީނު] ބޭނުންކުރެ އެވެ. އެއީ، ކޮންމެ ޤައުމެއްގައި ވެސް، ”މަތީ ތަޢުލީމަ“ ށް ވުރެ އިސްކަންދެނީ، ހުނަރާއި ތަމްރީނަށެވެ. މަތީ ތަޢުލީމު އާ މެދު ދެކެނީ އެއީ ހުނަރާއި ތަމްރީނުގެ ބައެއްގެ ގޮތުގައެވެ. އަޔަރލަންޑްގެ ތަޢުލީމާބެހޭ ވުޒާރާއަށް ކިޔަނީ ”މިނިސްޓްރީ އޮފް އެޑިޔުކޭޝަން އެންޑް ސްކިލްސް“ ކަން، 2030 ވަނަ އަހަރާ ހަމައަށް އަންނަ އިރު، މަތީ ތަޢުލީމުގެ ދާއިރާއަށް ގެންނަންވީ ބަދަލުތައް ބަޔާންކޮށްފައިވާ މި ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. ތަޢުލީމާ ބެހޭ ވުޒާރައާ ގުޅުވަން ދަތިނަމަ، ދެން އޮތީ އެ ދާއިރާ ހިމެނޭ ވުޒާރާގެ އިޚްތިޞާޞް ފުޅާކުރުމެވެ. ވަޒީފާގެ ދާއިރާ އާ ނުވަތަ ސައިންސް ފަދަ ދާއިރާއަކާ ގުޅުވުމެވެ. ނިޔު ޒީލަންޑްގައި، ސައިންސާއި، ސްކިލްސް (ހުނަރާއި) ރިސާޗަށް މިނިސްޓަރެއް ހުރެއެވެ.
Very educational and impressive article.
I wish You insights n thoughtful suggestion will be used to bring changes to the Maldives education system.
An extremely comprehensive examination of issues connected to higher education. But I really wonder how many who matter would care to read this. People who matter probably have a different set of issues and views .